Vaudhu Archives - Stories by Jana Mon, 03 May 2021 06:16:30 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 Vaudhu (Last Part) https://blog.storiesbyjana.com/vaudhu-last-part/?utm_source=rss&utm_medium=rss&utm_campaign=vaudhu-last-part https://blog.storiesbyjana.com/vaudhu-last-part/#respond Mon, 03 May 2021 06:13:44 +0000 https://blog.storiesbyjana.com/vaudhu-part-45-copy/

The post Vaudhu (Last Part) appeared first on Stories by Jana.

]]>

“އަޙުމަދު ފާއިޤް ސަލީމް!” ފިރިހެނަކު ގޮވާލި އަޑަށް ފާއިޤަށް އެދިމާލަށް ބަލާލެވުނެވެ. އެހިނދު ގޭޓު ކުރިމަތީގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ދެ ބޮޑީގާޑުންހެން ހީވާމީހުން  ތިބިއިރު އެމީހުންގެ ފަހަތަށް ވާ ގޮތަށް މަޑުކޮށްގެން އޮތީ ކަޅުކުލައިގެ އޮފުއަރާ ކާރެކެވެ. އޭނައަށް ގޮވި މީހާ ހަނާއަޅާލުމުން ފާއިޤް އެދިމާލަށް ދާން ފެށީ މޭ ނުބައި ކުރާ ގޮތްވެފައި ހުރެއެވެ. އޭނަ ގޮސް އެމީހާ ކުރިމަތީގައި މަޑުކޮށްލުމާއެކު އެމީހާ ވާހަކަ ދެއްކިއެވެ.

 

“ރައީސް ސަލީމް އެދިލެއްވީ ފާއިޤްއާ ބައްދަލުކުރައްވަން. އަޅުގަނޑުމެން މިއައީ ތި ބޭފުޅާ ބަލާ…” އެމީހާ އަދަބުވެރިކަމާއެކީ ބުނެލިއެވެ. އެހިނދު ފާއިޤްގެ ގޮށްމުއްކެވުނެވެ. އޭނަ ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް ކުއްލިއަކަށް އޭނައަށް މިފަދަ އެންގުމެއް އަންނާނީ ކީއްވެތޯ ދެނެގަންނަން ވެސް ބޭނުންވުމުން އެމީހުން ދޮރު ހުޅުވާލުމުން ފާއިޤް އެ ކާރަށް އެރިއެވެ. އަނުމްއަށް ސްކޫލްގެ ގޯތިތެރެއަށް ނިކުމެވުނު ވަގުތަކީ ފާއިޤް އެ އެރި ކާރު ނައްޓާލި ވަގުތެވެ. އަނުމްއަށް ޙައިރާންކަމެއްގައި އެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

 

ފާއިޤް މުޅި ދަތުރުމަތީގައި ޚިޔާރު ކުރީ ހިމޭންކަމެވެ. އޭނަ އެތައް ސުވާލެއް ކުރަން ބޭނުންވިއެއްކަމަކު އޭނަ ސީދާ އެމީހަކާއި ސުވާލުކުރަން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. އޭނަގެ މަންޒިލާއި ހަމައަށް ދެވެންދެން ފާއިޤް ބޭރުތެރެއިން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން ހުރީ އެހެންވެއެވެ. އޭނަ ކުޑަދޮރުން ބޭރުބަލައިގެން ހުއްޓާ ކާރު ލަސްވާން ފެށިތާ މާ ގިނައިރެއްނުވެ އޭނައަށް ފެނިގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ގޭޓެވެ. އެ މަންޒަރު ފެނުމުން ވެސް ފާއިޤްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނަ މި އައީ ކާކާއި ކުރިމަތިލާންކަން އެނގުންވުމުން އެތައް ހަނދާނެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވެގެން ދިޔަ ހިނދު މެއަށް ފިނިވެގެން ދިޔައެވެ.

 

ފާއިޤް އޭނަގެ ޚިޔާލުތަކުގެ އިންދާ އޭނަ އެތަނަށް ގޮވައިގެން އައި މީހުންގެ ތެރެއިން ކުރީ ސީޓުގައި ހުރި މީހާ ކާރުން ފައިބައިގެން އައިސް އޭނައަށްޓަކައި ދޮރު ހުޅުވާލަދިނެވެ. ސިކުންތުކޮޅެއްގެ ޖެހިލުންވުމަށްފަހު ފާއިޤް ކާރުން ފޭބިއެވެ. އޭނަ ފޭބުމާއެކު އެ ބޮޑީގާޑު މީހާ ކާރުގެ ދޮރު ލައްޕާލަމުން އޭނައާއި ތަންކޮޅެއް ކުރީގައި ހުރެ އަންނަން ފެށި ވަގުތު އެހެން  ބޮޑީގާޑެއް އެމީހާއާއި އެއްހަމައެއްގައި ހިނގަން ފެށިއެވެ. ފާއިޤް އޭނަގެ ކުރިމަތިން ހިނގަމުން ދިޔަ ދެމީހުންނަށާއި އޭނަގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަމުން ކުރިއަށް ދިޔައެވެ. އެ އޮފީހުގެ ގޯތި ތެރެއިން ހިނގާފައި ގޮސް ޢިމާރާތުގެ ތެރެއަށް ވަންނަން ވުމުން ވެސް ބޮޑީގާޑުން ދޮރު ހުޅުވާލަދިން ގޮތުން ފާއިޤްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ މިއަދު މާ ޢިއްޒަތުގައި މި ގެނެވެނީ ކީއްވެތޯ ހިތަށްއެރިއެވެ. އަނގައިގައި ޓޭޕު އަޅައި އަތްފައި ބަނދެވި ކާރަކަށް ލައިގެން ނުގެނެވުނީ ކީއްވެތޯ ހިތަށްއެރިއެވެ. ފާއިޤް އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ އެ ބޮޑީގާޑުން އޭނަ އެތެރެއަށް ވަނުމަށް ޢިޝާރާތްކުރިއެވެ. އެއާއެކު ފާއިޤް އަނެއްކާވެސް އެދެމީހުންނާއެކީ އޮފީހުގެ ތެރެއަށްދާން ހިނގައިގަތެވެ. އޮފީހުގެ އެކިއެކި މާލަމްތަކުގެ ތެރެއިން ހިނގަމުން ގޮސް އެންމެ ފަހުން ވަދެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިކޮޅުގެ ތެރެއަށެވެ. މުޅި އެކޮޓަރީގައި އެއްކޮށްހެން ރަތް ދޫލައެއް އެޅިފައިވީއިރު ކުރިމަތިން ރައީސުލްޖުމްހޫރިއްޔާގެ ހައިބަތު ހުރި މޭޒުކޮޅާއި ގޮނޑިކޮޅު ފެންނަމުން ދިޔައެވެ. އަދި އެ މޭޒުގެ ދެފަރާތަށް ވާގޮތަށް ދިވެހިރާއްޖޭގެ ދެ ދިދަ ޖެހިފައިވިއެވެ. ހުސްކޮށް ހުރި އެ މޭޒަށް ބަލަހައްޓައިގެން ފާއިޤް ހުއްޓާ ބޮޑީގާޑުން އެތަނުގެ ދޮރުން އެތެރެއަށް ވަދެ ދޮރުގެ ދެފަރާތުގައި މަޑުކޮށްލިއެވެ. އެހިނދު ފާއިޤް ވަކި ވިސްނުމެއްނެތި ހިނގައިގަތީ އާދައިގެ މަތިން އެމީހުންގެ ފަހަތުން ދިޔުމަށެވެ. އެހެނަސް އެތާނގެ ތެރެއަށް ވަދެވުމާއެކު މާ ދުރަށް ނުދެވެނީސް ހުއްޓުން އެރީ އެތާހުރި ކުޑަ ދޮރުން ބޭރަށް ނަޒަރު ދީގެން ކޯޓު ފަޓުލޫނުގައި ހުރި މީހަކު ފެނުމުންނެވެ.

 

“މަނިކުފާނު….” ދެ ބޮޑީގާޑުން ކުރެ އެކަކު ގޮވާލުމުން އެ ހައިބަތުހުރި ޝަޚްޞިއްޔަތު ފަސްއެނބުރި ބަލާލިއެވެ. އެހިނދު ފާއިޤް ފެނިގެން ދިޔުމާއެކު ހުއްޓުންއެރި ކަހަލަ އަސަރެއް އެ މޫނުމައްޗަށް ވެރިވިއެވެ. އެ ލޮލާއި ލޯ ބައްދަލުވުމުން ފާއިޤްއަށް ވެސްވީ އެފަދަ ގޮތެކެވެ. ސިކުންތުކޮޅެއްފަހުން އެ ‘މަނިކުފާނު’ ވާހަކަ ދެއްކެވިއެވެ.

 

“ޝުކުރިއްޔާ….މި ކުއްޖާ ބަހައްޓާފަ ދިޔަޔަސް ހެޔޮ. މި ކުއްޖާއާ ވަކިން ވާހަކަ ދައްކާލަން ބޭނުން.” މަނިކުފާނު ދެންނެވިއެވެ. އެއާއެކު ބޮޑީގާޑުންގެ ދެމީހުން އެ ވާހަކައަށް ބޯލެނބުމުގެ ގޮތުން އެ ކޮޓަރިކޮޅުގެ ތެރެއިން ނިކުމެ ދޮރު ލައްޕާލިއެވެ. އެހިނދު އޭނަ އެތަނުގެ ތެރޭގައި ޖެހިފިތި ބާރުވާން އުޅުނުހެން ހީވި ފާއިޤްއަށް ގޮށްމުއްކަވާލެވުނެވެ. އޭނަގެ ކުރިމަތީގައި ހުރި އިންސާނާއަކީ އޭނައާއި އޭނަގެ ތުއްތަގެ ދިރިއުޅުން ބަރުބާދު ކުރި މީހާކަން އޭނަގެ ސިކުނޑި ހަނދާން ކޮށްދިންދިންހެން އޭނަގެ ހިތުތެރޭގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނަގެ މުޅި ޙަޔާތް އެފުށްމިފުށަށް ޖަހާލި އޭނަގެ އެ ބައްޕަ ވާހަކަ ދެއްކިއެވެ.

 

“ޔުނިފޯމް ބަދަލުކުރާނެ ވަގުތެއްވެސް ނުލިބުނުދޯ؟ ބުނިން ސްކޫލުން ނިމުނީމައޭ ގޮވައިގެން އަންނާނީ. އެމީހުންނަށް ނުބައިކޮށް ނެގުނީ ކަންނޭނގެ…” ސަލީމް ފާއިޤްއަށް ފަސްދީގެން ކުޑަދޮރުން ބޭރަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. އެ ހިނދު އައި ރުޅީގައި ކެތްނުކުރެވިގެން ފާއިޤަށް ވާހަކަ ދެކެވުނެވެ.

 

“ކީއްވެ އަހަރެން މިތަނަށް ތިގެނައީ އެހާ ރަސްމީ ޢިއްޒަތުގަ؟ އަނެއްކާ ވޯޓުދޭ މީހުންގެ ތެރެއިން ބަޔަކަށް އިވުނީތަ ރައީސް ސަލީމް އެ މަނިކުފާނުގެ އަލަތު ކައިވެނިން ލިބުނު ދަރިންނާއިމެދު ކަންތައް ކުރި ގޮތާއި ބެހޭގޮތުން؟ އަހަރެން މިތަނަށް ތި ގެނައީ އެ ވާހަކަތައް ދޮގު ކުރުވަންދޯ ހިތުން؟ އެކަމަކު އަހަރެން އެހެންވިޔައެއް ނުދޭނަން! މީހަކު އަހަންނާ ސުވާލުކުރިއްޔާ އަހަރެން އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ސީދާސީދާ ކިޔައިދޭނަން އަހަންނަށާއި ތުއްތައަށް ކަލ…..ރައީސް ހެއްދެވި ގޮތް! ތުއްތަ ހާދަ ވޭނެއްގައޭ އުޅުނީ. ތުއްތަ ހާދަ ބޮޑު ހިތާމައެއްގަ އުޅެމުންނޭ އެ ނިމިދިޔައީ. އަހަރުމެން އެ ޙާލަށް ދޫކޮށްލާފަ އަހަރުމެން އެއްފަހަރުވެސް ބައްލަވަން ވަޑައިނުގަންނަވަމެއްނޫންތޯ؟ ކުޑަމިނުން އަހަރުމެންނާމެދު ވިސްނާލިންތޯ؟!” ފާއިޤް ވާހަކަ ދައްކަމުން ގޮސް ތުއްތަގެ ވާހަކައާއި ހަމަވުމާއެކު އޭނަގެ އަޑު ތުރުތުރު އަޅައި ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފާއިޤް އެ ވާހަކަތައް ދައްކާ ނިމުމާއެކު މުޅި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން ސިކުންތުކޮޅެއް ވަންދެން ފާއިޤްގެ ސިކުނޑިއަށް ޙައިރާންކަމެއް ވެރިވިއެވެ. އޭނަގެ ޝަކުވާތަކަށް ރައްދެއް ނުލިބުނީތީވެއެވެ. އެހެނަސް އެ ހިމޭންކަމުގެ ތެރެއިން އެ އިންސާނާ ރާވަމުން ދާނީ އޭނައަށް އިތުރު ވޭނެއް ލިބޭނެފަދަ ރޭވުމެއްހެން ހީވި ވަގުތު ދެންވެސް އައި ރުޅީގައި ވާހަކަ ދެކެވުނެވެ.

 

“ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން މި އޮފީސް ތެރޭގަ ހުރީމަ ދެއްތޯ އަނގައިން ނުބުނެ ތިހިރީ؟ އެކަމަކު ތިއީ ކާކުކަން މަށަށް ދުވަހަކުވެސް ނޯޅޭނެ! ކެރެންޏާ އަހަންނަށް ދައްކަން އޮތްހާ ބިރެއް މިތާ ތެރޭގަ ދައްކާ!” ފާއިޤް ހަރުއަޑުން އެހެން ބުނެލި ވަގުތު އޭނަގެ ދެލޯވެސް ރަތްވިއެވެ. އޭނަ އެ ބައްޕައަށް ކިތަންމެ ނަފްރަތެއް ކުރިއެއްކަމަކު އެހެން ކުދިން ފަދައިން އޭނައަށް ލޯބިދީ އޯގާތެރިވާނެ ފަދަ ބައްޕައެއް ނުލިބުނުކަމުގެ ހިތާމަވެސް ހިތުތެރޭގައިވިއެވެ. އޭނައަށް ދެންވެސް ޖަވާބެއްގެ އިންތިޒާރުގައި އޭނައަށް ފަސްދީގެން ހުރި މީހާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް އަނެއްކާވެސް އެދެމެދަށް ހިމޭންކަމެއް ވެރިވިއިރު ސަލީމް ފަސްއެނބުރި ބަލަން ވެސް ޚިޔާލެއް ނުކުރިއެވެ. ހިމޭންކަމުގެ ވަގުތުކޮޅު ދިގު ދެމިގެންދާން ފެށުމުން އަނެއްކާވެސް ޖަވާބެއް ނުލިބޭނެހެން ހީވުމުން ފާއިޤް އެއްޗެކޭ ބުނަން އުޅުނު ވަގުތު ސަލީމްގެ އަޑު އިވުނެވެ.

 

“ފާއިޤްގެ މަންމަ ނިޔާވިކަން ދެނަހުރިންތަ؟” ސަލީމް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން ފާއިޤްގެ މެއަށް ލޮޅުމެއްއައެވެ. އިސާހިތަކު ލޮލަށް ސިފަވެގެން ދިޔައީ އޭނަގެ މަންމަ އޭނައަށް އެންމެ ފަހުން ފެނުނު ދުވަހެވެ. އަބަދުވެސް ކޮންމެވެސް ސިނގިރޭޓެއް ނޫނީ ގުޑުގުޑާއެއް ބޯން ހުންނައިރު އޭނައަށް ފެނުނު މަންމަ އެންމެ ފަހުން ފެނިގެން ދިޔައީ އޭނައަށް 12 އަހަރުގައި ފުލުހުންގެ ޖިޕަކަށް އަރުވައިގެން ގެންދެވުނު މަންޒަރެވެ. އެއީ ފާއިޤްއާއި އޭނަގެ ތުއްތައަށް ނުހަނު އާދައިގެ ކަމަކަށްވުމުން ދެމީހުންވެސް އެ މަންޒަރު ބަލަން ތިބީ އެއްވެސް އަސަރެއްނެތް މޫނުތަކާއި އެކީގައެވެ. އެހިނދު އެދެމީހުންގެ ހިތްތަކުގައި ހިސާބެއްގެ ހަމަޖެހުމެއްވެސްވިއެވެ. ގޭގެ ތެރޭގެ ހިމޭންކަން ނަގާލާ އެމީހުންގެ މަންމަ އަނެއްކާވެސް ދުވަސްކޮޅެއް ވަންދެން ނުހުންނާނެކަން ދަނެގެންނެވެ. ފާއިޤް އެންމެ ކުޑައިރުއްސުރެ ވެސް އޭނަގެ މަންމަ އެ އުޅޭ ވައްތަރުން މަންމަ ދެކެ ރުޅިއާދެއެވެ. އޭނަ އެންމެ ލޯބިވީ އޭނައަށް ކުޅޭ އެއްޗެހި ގަނެދޭ އޭނަގެ ބައްޕައާއި އޭނައަށް މީރު ކާއެއްޗެހި ކައްކައިދޭ ތުއްތަ ދެކެއެވެ. އެހެނަސް ތުއްތަ އަބަދުވެސް ކިޔައިދިން ގޮތުގައި މަންމައަކީ އަބަދު އެގޮތަށް އުޅުނު އަންހެނެއްނޫނެވެ. ފާއިޤް ދުނިޔެއަށް އައުމުގެ ކުރިންނާއި ފާއިޤް މަންމައަކީ އެހެން މަންމަމެންހެން މަންމަގެ ކުދިން ވަރަށް ލޯބިން ގެންގުޅުނު މައެކެވެ. އަދި މަންމައަށް އެހެންވެފައިވަނީ ބައްޕަގެ ސަބަބުންނެވެ. ފާއިޤްއަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް މަންމަ މަސްތުވެފައި ހުންނައިރު ވެސް ދޭތެރެދޭތެރެއިން އޭނަ ދެކެ ލޯބިވާ ވާހަކައާއި ތުއްތައަށް ނިސްބަތްކޮށް ފަރުހާދެކެ ވެސް ލޯބިވާ ވާހަކަ ބުނާ ގޮތުން ތުއްތަގެ ބަހުގައި ބުރަދަނެއްވާހެން ފާއިޤްއަށް ހީވާންފެށިއެވެ.

 

އެދުވަހު މަންމަ ގެންދެވުނު ވަގުތު މަންމައަށް ކަންތައްވީ ގޮތުގެ ޙަޤީޤަތް ހޯދަން ފާއިޤް ޢަޒުމް ކަނޑައެޅިއެވެ. އެހެނަސް އެ ޢަޒުމް ފުރިހަމަ ކުރުމަށް އޭނައަށް އިތުރު ފިޔަވަޅެއް ނޭޅެނީސް އޭނައާއި އޭނަގެ ތުއްތަ ބީރައްޓެހި ގެއަކަށް ގެންދެވި ބަންދުކުރެވިގެން ދިޔައެވެ. އެއީ އޭނަގެ ބައްޕަ ކުރިކަމެއްކަން ޔަޤީންވުމާއެކު ބައްޕައަށްޓަކައި ނަފްރަތެއް އުފެދުނެވެ. އަދި ތުއްތަ ބުނިހެން މަންމައަށް އެހެންވެފައިވާނީ ބައްޕަގެ ސަބަބުންކަން ޤަބޫލުކުރެވެން ފެށިއެވެ. ފާއިޤް ނިންމައިގެން ހުރީ އޭނަ ހައްޔަރުކޮށްފައިވި މީހުންގެ އަތްދަށުން މިނިވަންވުމުން މަންމަ ހޯދަން ދިޔުމަށެވެ. ލަމްޔާ ކައިރީގައި އުޅެން ފެށިފަހުން ވެސް އޭނަ މަންމަ ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް މާލޭގެ އެއްވެސް ޕޮލިސް ސްޓޭޝަނަކުން އޭނައަށް އެ މަޢުލޫމާތެއް ނުލިބުނެވެ. މާލެއިން ބޭރަށް ދިޔުމަށް ލަމްޔާ އޭނައަށް ލާރި ނުދިނީތީ އޭނައަށް މާލެއިން ބޭރަށް ނުދެވުނީއެވެ. އެހެނަސް އޭނަ އުއްމީދުކޮށްގެން ހުރީ ކޮންމެވެސް އެއްދުވަހަކުން މަންމަ ޖަލުން ނެރެ މަންމަ ރަނގަޅުވުމަށް އެހީވުމެވެ.

 

މިއަދު ކުއްލިއަކަށް އެ މަންމަގެ މަރުގެ ޚަބަރު ލިބުމުން އޭނަގެ މޭގައި ރިހުމެއް އުފެދި ލޮލުން ކަރުނަ ނިރާލިއެވެ. އޭނައާއި ގާތް މީހަކު އަނެއްކާވެސް އޭނައާއި މުޅި ޢުމުރަށް ވަކިވެގެން ދިޔަ އިޙްސާސާއެކީ އޭނަގެ ލޯ އެ ކަރުނަތަކުން ފުސްވިއެވެ. އެއްޗެކޭ ބުނަން ނުކުޅެދިފައި އިރުކޮޅެއް ވަންދެން ހުރުމަށްފަހު ފާއިޤަށް ވާހަކަ ދެކެވުނެވެ.

 

“ކް…ކޮންއިރަކު؟ ކޮންތާކު؟” ފާއިޤްއަށް ރޮވިފައިވާ އަޑަކުން ސުވާލުކުރެވުނެވެ.

 

“މިއަދު ހެނދުނު…..ރާއްޖެތެރެ ރަށެއްގެ ޖަލުގެ ގޮޅިއެއް ތެރޭގަ ހޭނެތިފަ އޮތްވާ ފެނުނީ. ޑޮކްޓަރުން ލަފާކުރި ގޮތުގަ ފަހަކަށް އައިސް ކިޑްނީގަ ވަރަށް ބޮޑަށް މައްސަލަ ޖެހިގެން ފުރާނަ އެ ދިޔައީ. މިއަދު ޢަޞްރު ނަމާދަށް ވަޅުލާ ގޮތަށް އޮތީ….” ސަލީމް ދެންވެސް ހުރިގޮތަށް ހުރެ ކިޔައިދިނެވެ. އެހިނދު ފާއިޤްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.

 

“ކަލޭދޯ މަންމަވެސް މަރާލީ؟ މަށަށް ތުއްތަ ކިޔައިދިނޭ ހުރިހާ ވާހަކައެއް. މަންމައަށް އެއެއްޗެހި ފުރަތަމަ ދިނީ ވެސް ކަލޭ…..މަންމައަށް އެހާ ނަފްރަތުކުރަންޏާ އަހަރުމެން ދޫކޮށްލިނަމަ ރަނގަޅުވީހެއްނު؟ އަހަރުމެން އަހަރުމެންގެ މަންމައާއި ވަކިކޮށް ތުއްތައާއި މަންމަ މަރާލުމަށްފަހު ކީއްކުރަންތަ ކަލޭ ތިއުޅެނީ؟! އެނ؟!” ފާއިޤް ވާހަކަ ދައްކަމުން ގޮސް އައި ރުޅީގައި ސަލީމްއާއި ދިމާލަށް ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ ވަރުގަދަ ޙަމަލާއެއް ދޭން ހިތުއަޅަމުންނެވެ. އެހެނަސް އެއީ އޭނަގެ ކާކުކަން އެނގުންވުމުން ފައިން ވާގި ދޫވާން އުޅުނުހެން ހީވި ހީވުމާއެކު ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

 

“ފާއިޤް ހީކުރަން ބޭނުންވާ ގޮތަކަށް ހީކުރަންވީ….ފާއިޤްގެ މަންމަ މަރާލީ އަހަ….ބައްޕައެއްނޫން….ފާއިޤްއާ އެކީގަ މަންމަގެ ޖަނާޒާއަށް ދާންވެގެން އަސްލު ފާއިޤް މިކޮޅަށް މި ގެނައީ.” ސަލީމް ބުނެލިއެވެ. އެއަށްފަހު ފަސްއެނބުރި ފާއިޤްއަށް ބަލާލިއެވެ. އެހިނދު އެމޫނުމައްޗަށް ސީރިއަސްކަމެއް ވެރިވެފައިވީއިރު އެ ލޯ މަތިން ހިތާމައިގެ އަސަރެއް ފާޅުވަމުން ދިޔައެވެ. އެކަން ފާހަގަވުމުންނާއި ދެންމެ އިވުނު ބަސްތަކެއްގެ ސަބަބުން ފާއިޤްއަށް ގިސްލެވުނެވެ. ފާއިޤްއަށް ހުރިތާހުރެ ގަދައަށް ރޮވެން ފެށުމުން ވެސް ސަލީމް އެ ހުރިތާ ފާއިޤްއަށް ބަލަން ހުރީ ހިސާބެއްގެ ހިތާމަވެރި މޫނަކާއި އެކީގައެވެ.

 

ފާއިޤްއަށް އޭރު ރޮވުނެއްކަމަކު މަންމަގެ ފުރާނަނެތް ހަށިގަނޑު ކަފުންކޮށްފައި އޮތް މަންޒަރު ފެނިފައި އަނެއްކާވެސް އޭނަގެ ހުއްޓުމެއްނެތް ކަރުނަތަކެއްގެ ސިލްސިލާއެއް ފެށިގެންދިޔައެވެ. ޢަޞްރު ނަމާދާއި ގާތްވަމުން ދިޔަ ވަގުތު ސަލީމް ފާއިޤް ގޮވައިގެން އޭނަގެ މަންމަގެ ކަފުން ކުރެވެމުން ދިޔަ ގެއަށް ގެންދިޔައެވެ. މަންމަ ފެނުމާއެކު އޭނައަށް މަންމަގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން މަންމާއޭ ކިޔައި ރޮވުނެވެ. މަންމަ އެހެން އޮތްގޮތް ފެނިފައި ތުއްތަ އޭނައާއި ވަކިވެ ދިޔަ ދުވަސްމަތިން ހަނދާންވެގެން ދިޔަދިޔަހެން އިހުނަށްވުރެ ގަދައަށް ރޮވުނެވެ. މަންމަގެ ގައިން ދޫކުރަން އޭނައަށް އިންކާރު ކުރެވުނީ ތުއްތަ ނިޔާވި ދުވަހު ތުއްތަގެ މޫނުވެސް އޭނައަށް ނުދެއްކޭކަން ހަނދާންކުރަމުންނެވެ. އެންމެ ފަހުން އެ މަންމަ ވަޅުލުމަށްޓަކައި ގެންދަން ޖެހުނީ ވެސް ސަލީމް ފާއިޤްގެ ގައިގައި ހިފަހައްޓައިގެންނެވެ.

 

މެންދުރު ފަހުން އެދުވަހު ވެހެން ފެށި ވާރޭގެ ތެރެއިން ޤަބުރުސްތާނާއި ހަމައަށް ހަށިގަނޑު ހިފައިގެން ދިޔައިރު ވެސް ސަލީމް ފާއިޤްގެ ކައިރީގައި ހުއްޓެވެ. ސަލީމްގެ ނަޒަރު އެހެން އެއްވެސް ދިމާލަކަށް ނުގޮސް އަމާޒުވެފައިވީ ފާއިޤްއަށެވެ. އޭނަގެ އަލަތު އަންހެނުން ސަމީރާ ވަޅުލެވެމުން ދިޔަ ވަގުތު އޭނަގެ އެ ހަގު ދަރިފުޅުގެ ރުއިން ދެގުނަވެ ކަކޫމައްޗަށް ތިރިވެގެން ދިޔަ މަންޒަރު ފެނިފައި އެތައް ހަނދާނެއް އެއްފަހަރާ ސަލީމްގެ ސިކުނޑިއަށް ވެރިވިއެވެ.

 

ސަލީމަކީ ވެސް އެއްދުވަސްވަރެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އޭނަ ސަމީރާއާއި ކައިވެނީގެ ގޮތުން ގުޅުނީވެސް ލޯބިންނެވެ. ޒަވާޖީ ޙަޔާތުގެ ކުރީކޮޅު ދެމީހުން އުޅެމުން ދިޔައީވެސް ވަރަށް އުފަލުންނެވެ. ދެމީހުން އުޅެމުން ދިޔައީ ނުހަނު ސާދާ ދިރިއުޅުމެކެވެ. އެ ދިރިއުޅުމުގައި ކިރިޔާވެސް ޖެހެމުން ދިޔަ މައްސަލައަކީ ސަލީމްގެ ރުންކުރު ޒާތުގެ ސަބަބުން އޭނައަށް އެއްވަޒީފާއެއްގައި މާ ގިނަ ދުވަސްވަންދެން ނުއުޅެވުމެވެ. އަތްމަތި ތަނަވަސްވިއެއްކަމަކު ސަމީރާގެ ހުރި ރަނގަޅު އަޚްލާޤުގެ ސަބަބުން ސަމީރާ އެކަމާމެދު ޝަކުވާއެއް ނުކޮށް ގޭގެތެރޭގައި ހިމޭންކަން ދަމަހައްޓަން މަސައްކަތް ކުރިއެވެ. އެހެނަސް ކަންތައް އެފުށްމިފުށަށް ޖެހެންފެށީ ސަލީމް އެންމެ ފަހުން ގުޅުނު އޮފީހުން އޭނައާއި ދިމާވާންފެށި ރައްޓެހިންގެ ސަބަބުންނެވެ. އެ ރައްޓެހިންގެ ވާހަކަ އިވުމުން ވެސް ސަމީރާ އެމީހުންނާއި ދުރުވުމަށް އެންގިއެވެ. އެހެނަސް ސަލީމް އެ ބަސްތައް އަޑުއެހުމެއްނެތި އެމީހުންނާއެކީ ގިނަ ވަގުތުތައް ހޭދަކުރަން ފެށިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާ ގިނަ ދުވަހެއްނުވެ ސަލީމަށް ސިނގިރޭޓިވެސް ބޮވެން ފެށިއެވެ. އަތްމަތި އެހާ ތަނަވަސް ނޫން ޙާލަތެއްގައި ސިނގިރޭޓިވެސް ގަންނަންވުމުން ލަސްލަހުން ސަލީމްއާއި ސަމީރާއާއި ދެމެދު ދެބަސްވުންތައް އުފެދެން ފެށިއެވެ. އެހާ ހިސާބުން ސަލީމް ގޭގައި ހޭދަކުރަން ފެށި ވަގުތުވެސް މަދުވާން ފެށިއެވެ. މަދުވެގެން ދިޔަދިޔަހެން އޭނަ އިތުރު ގޯސް މީހުންނާއި ދިމާވިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނައަށް މަސްތުވާތަކެތި ވިއްކާ ބައެއްގެ ތެރެއަށް ވަދެވުނެވެ. ސަމީރާ މިކަމާމެދު ނުރުހުންވާނެކަން ދަނެގެން ސަލީމް ޤަޞްދުގައި އެ ވާހަކަ ސިއްރުކުރިއެވެ. އަދި އޭނަގެ އެ ވިޔަފާރިއާއިގެން ކުރިއަށް ދިޔައެވެ. އެ ވިޔަފާރީގެ ތެރެއިން އެކި ޒާތްޒާތުގެ މުޖުރިމުންނާއި އޭނަ އެއްވިއެވެ. ކަމެއް ސިއްރުން ކުރުމުގައި ސަލީމްގެ ހުންނަ ތޫނުފިލިކަމާއި ތަޅާލުމެއް ހިންގާލުމަށް އޭނަގެ ކިބައިގައި ހުންނަ ޤާބިލިއްޔަތުގެ ސަބަބުން އެ މީހުންގެ ތެރޭގައި އޭނަ މަޝްހޫރުވެގެން ދިޔައެވެ. މިހެން އުޅެމުން ދަނިކޮށް ސިޔާސީ މީހުންނާއިވެސް އޭނަ ބައްދަލުވާން ފެށިއެވެ. ލަސްލަހުން އެމީހުންގެ އެދުންތަކާއި އެއްގޮތަށް ވެސް މަސްތުވާތަކެތި ވިއްކައި މީހަކު މެރުމަށް އެކި ޒާތްޒާތުގެ ޙާދިސާތައް ހިންގައި އޭނަގެ އަތުގައި ފައިސާ ގިނަވާން ފެށިއެވެ. އެ ފައިސާގެ ބޭނުން ހިފައި އޭނަ އެކިއެކި ރަށްތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންނަށް ކުދިކުދި އެހީތައް ފޯރުކޮށްދޭން ފެށީ އޭނަ ދެކެފައި ހުރި ސިޔާސީ މީހުން ނަކަލު ކުރަމުންނެވެ. ސިޔާސީ ދާއިރާއަށް ވަންނަން އޭނަ ބޭނުންވީ އޭނަގެ އަތުގައި ހުރި ފައިސާއާއެކީ ހުރިހާ ބާރެއްގެ ދަހިވެތިކަން ވެސް އޭނަގެ ހިތުގައި ބޮޑުވެގެން ދިޔުމުންނެވެ. މި ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އެ ޕާޓީގައި އޭނައާއެކީ އެކިއެކި ޤާނޫނާއި ޚިލާފު ކަންތައް ކުރި މީހުންނާއެކީ އޭނަ އެހީވި ރައްޔިތުން ވެސް ހިމެނިގެން ދިޔައެވެ. ސަލީމްގެ މަޝްހޫރުކަން އިތުރުވާން ފެށީ އެހާ ހިސާބުންނެވެ. އޭނައަށް ޙާޞިލުވަމުން ދިޔަ ކަންތައްތަކެއްގެ ސަބަބުން ދިރިއުޅުމުގެ އެހެން ހުރިހާ ކަންތައްތަކެއްގެ މަތިން އޭނަ ހަނދާން ނައްތާލާފައިވި ފަދައެވެ. އޭނަ ނުބައި ކަންތައް ކުރަން ފެށިކަން އެނގުނީއްސުރެ ސަމީރާ އެކަމާއި ދެކޮޅަށް އަޑުއުފުލިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެމެދުގައި ހޫނު ބަހުސްތައް ހިނގަން ފެށިއެވެ. ސަމީރާ ރޮއިރޮއި އާދޭސްކޮށް ލޯބިން ވެސް ސަލީމްއަށް ނަޞޭޙަތްތެރިވާން މަސައްކަތް ކުރިއެވެ. އެހެނަސް ސަލީމް އެހުރިހާ ނަޞޭޙަތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭނަގެ ކުރިމަތީގައި ތިބި ހުރިހާ ކެމެރާތަކުން ކަނޑަމުން ދިޔަ އަލިތަކެއްގެ ސަބަބުން އޭނަގެ ލޯ ޙަޔާތުގެ ޙަޤީޤަތަށް އަނދިރިވެފައިވި ފަދައެވެ. ދީނާއިމެދު ހަނދާން ނައްތައި ދީނާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ އަތުގައި ހިފަންފެށީ އެއީ އެންމެ ‘މޮޅު’ ގޮތްކަމަށް ބުނެ ޝައިޠާނާ އޭނަގެ ހިތުގައި އެ ޚިޔާލު ޒީނަތްތެރިކުރުމުންނެވެ. އަދި އެ ޚިޔާލުގެ ބޭނުން ހިފައި އޭނައަށް އިތުރު މަދަދުގާރުންނާއި ފައިސާވެސް ލިބޭނެތީވެއެވެ.

 

ސަމީރާ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ ސަލީމް މިފަދަ ގޮތަކަށް އުޅެމުން ދަނިކޮށެވެ. ސަމީރާގެ އެ ދަރިފުޅަށް ބަލިވެ އިނީއްސުރެ ދަރިފުޅު ވިހައި 8 އަހަރު ވަންދެން ވެސް ސަލީމް އެމީހުންނާމެދު މާ ބޮޑު އަޅައެއްނުލައެވެ. ސަލީމް އެމީހުންނަށް ފެންނަނީ ވެސް މަދު ފަހަރަކުއެވެ. ކައިބޮއި ހަދަން ލާރިއެއް ލިބެނީ ވެސް ސަމީރާ އެ ލާރިއަށްޓަކައި ސަލާން ޖެހުމުންނެވެ. ސަލީމް ގެއަށް އަންނަ ކޮންމެ ފަހަރަކު ގޭގެ ތެރޭގައި އަޑުގަދަވެއެވެ. ސަލީމް އެމީހުން ފެންނައިރަށް ވެސް ރުޅި އަންނަ ފަދައެވެ. ސަމީރާގެ ގަޔަށް މަސްތުވާތަކެތީގެ އިންޖެކްޝަނެއް ޖަހާލެވިގެން ދިޔައީ ސަލީމްގެ އެ ރުޅިވެރިކަން އިންތިހާއަށް ދިޔަ ދުވަހެއްގައެވެ. އެއީ ސަލީމް ސަމީރާއަށް ގޮންޖެހުމަށްޓަކައި ޤަޞްދުގައި އެގޭގެ ތެރެއަށް ބަނގުރާ ފުޅިތައް ހިފައިގެން އައި ރެއެވެ. އެރޭ ސަމީރާ އޭގެއިން ފުޅިއެއް ތަޅާލުމުން ސަލީމް އެކަންކުރީ ކުޑަކުޑަ ފަރުހާވެސް މަންޒަރު ބަލަން ހުއްޓައެވެ. އެރެއަށްފަހު ސަމީރާ އެކަމަށް ދެވިހިފަންދެން ސަލީމް އެކަން ގަދަކަމުން ވެސް ކުރުވީ މިއީ ދުރުވާން ކިހާ އުދަގޫކަމެއްކަން ސަމީރާއަށް ސާބިތުކޮށްދިނުމަށެވެ. ސަމީރާ މަސްތުވާތަކެތި ބޭނުންކުރަން އާދަވުމުން ސަލީމް ގިނަ ވަގުތު ސަމީރާއާއެކީ ހޭދަކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަމީރާ އެމީހުންގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނެވެ.

 

ދެވަނަ ދަރިފުޅަކަށް ފިރިހެން ކުއްޖަކު ލިބުމުން ސަލީމް ވަރަށް ވެސް އުފާވިއެވެ. އޭނަގެ ހުވަފެނަކަށް ވެފައިވީ އޭނަ ކަހަލަ ބާރުގަދަ ފިރިހެން ކުއްޖަކު އޭނައާއެކީ އުޅުމެވެ. ފާއިޤް އުފަންވުމުން އޭނަ ފާއިޤް ނުހަނު ލޯތްބާއެކީ ގެންގުޅުނީ އެހެންވެއެވެ. 13 އަހަރު ވަންދެން ވަކި މީހަކު ބުނުމެއްނެތި އޭނަ ގެއަށް ކާބޯތަކެތި ގެނެސްދީ އަންނައުނު ހޯދައިދިނީ ހަމައެކަނި ފާއިޤްއަށްޓަކައެވެ. ފަރުހާއަށްޓަކައި ކަންތައް ކޮށްދެމުން ދިޔައީ ފާއިޤް އޭނަގެ ތުއްތައަށް ދޭންވެސް އެއްޗެހި ގެނެސްދިނުމަށް އެދެމުން ދިޔައީތީވެއެވެ.

 

13 އަހަރު ވަންދެން ކަންތައް މިގޮތުގައި އޮތުމަށްފަހު މިކަންތައް ބަދަލުވެގެން ދިޔައީ އެތައް އަހަރެއްގެ މަސައްކަތަށްފަހު ސަލީމް އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވުމުންނެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ މަޖިލީހުގެ ތެރެއިން އޭނައާއި ދިމާވި އަންހެނަކު އޭނައާއި ކައިރިވާން ފެށިއެވެ. ސަލީމް ވެސް އެ އަންހެން މީހާއާއި ވާހަކަ ދައްކަން ފެށީ އޭރު ސަމީރާގެ ރީތި ސޫރައާއި ރޫފަ ގެއްލިފައިވުމުން ‘ފޫހި ފިލުވަން’ ބޭނުންވުމުންނެވެ. ދުވަސްކޮޅަކުން އެ އަންހެން މީހާ އޭނައާއި އިންނަން އެދެން ފެށިއެވެ. އިނުމަށްފަހު އޭނަގެ ކުދިން ވެސް ދޫކޮށްލަން އެންގިއެވެ. ފާއިޤްދެކެ ވާ ލޯތްބެއްގެ ސަބަބުން ސަލީމް އެގޮތަށް ކަންތައް ކުރަން ދެކޮޅު ހެދިއެވެ. އެހެނަސް އެ އަންހެން މީހާ އޭނައާއި އިނުމުން ވެސް ފިރިހެން ކުއްޖަކު ލިބިދާނެނޫންތޯ ބުނެ ހަދަން ފެށުމުން ސަލީމް އޭނަގެ ބަހަށް ހެއްލުނެވެ. އަދި އެ އަންހެން މީހާ އެދުނު ފަދައިން އަންހެން މީހާދެކެ ލޯބިވާކަން ސާބިތުކޮށްދިނުމަށްޓަކައި އެ ދެކުދިންނަށް އޭނައަށް ނުވެސް ގުޅޭނެ ތަނަކަށް ފޮނުވުމަށް އެދުނެވެ. އެ އަންހެން މީހާ މިސާލެއްގެ ގޮތުން ބުނެލީ ސަލީމް އޭނަގެ އެ ގޭންގެއްގެ މީހުން މަސްތުވާތަކެތި ބޭނުންކޮށް ހަދާ ގެއެކެވެ. ދެކުދިން އެގެއަށްލުމުން ވާނެ ގޮތް ސަލީމަށް މާ ރަނގަޅަށް އެނގެއެވެ. ދެކުދިން އެގެއަށް ފޮނުވާލި ދުވަހު އެގޭގައި އުޅޭ ގޭންގުގެ ވެރިމީހާއަށް ގުޅައި ފާއިޤްގެ ގައިގައި އިނގިލި ކުރިވެސް ޖައްސައިފިނަމަ އެ އެންމެންގެ ދުވަސް ދިޔައީ ކަމަށް އެންގިއެވެ. ފަރުހާއަށް ކޮންމެ ކަމެއްވިޔަސް އޭނައަށް މައްސަލައަކަށް ނުވާތީވެއެވެ. އޭނައަށް މުހިއްމުވީ ފާއިޤް ކަމަށްވީތީވެއެވެ. ފަރުހާ ދުނިޔެ ދޫކޮށް ދިޔުމާއެކު ފާއިޤް ލަމްޔާމެންގެއަށް ބަދަލުކުރަން އޭނަ އެންގީވެސް އެހެންވެއެވެ. ލަމްޔާގެ ގޭގައި ފާއިޤްއަށް އަރާމު ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އަދި ފާއިޤް ބޭނުންވާހާ އެއްޗެއް ހޯދައިދިނުމަށް މީހަކު ލައްވާ ލަމްޔާ ކައިރި އެންގީވެސް އެހެންވެއެވެ.

 

މިއަދު އެތައް ދުވަހެއްފަހުން އަނެއްކާވެސް އޭނަ އެހާ ބޮޑަށް ލޯބިވީ ދަރިފުޅު ލޯކުރިމަތިން ފެނުމުން އޭނަގެ ހިތުގައި އުފާވެރިކަމެއްވިއެވެ. އެހެނަސް އެހާ ދުވަސްފަހުން ފާއިޤްއާއި ބައްދަލުކުރިއިރު ހިތާމަވެރި ޚަބަރެއް ދޭންޖެހުމުން ވެސް އޭނަ ހުރީ ޖެހިލުންވެފައެވެ. އޭނައާއި އޭނަގެ ތިންވަނަ އަނބިމީހާ ވަރިވީ މީގެ މަސްތަކެއްކުރިންނެވެ. މިއާއި ގުޅިގެން އޭނައާއި ބެހޭގޮތުން އެތައް ވާހަކައެއް ދެކެވިގެން ދިޔައެއްކަމަކު އޭނަގެ ސަޕޯޓަރުން އެގޮތުގައި ތިއްބެވެ. ޙަޤީޤަތަކީ އޭނަ ކުރި އެއްވެސް ކައިވެންޏަކުން ސަމީރާ އޭނައަށް ހޯދައިދިން ފަދަ އުފާވެރިކަމެއް އޭނައަށް ނުލިބޭކަމެވެ. އޭނަގެ ރުންކުރު މިޒާޖާއި އެކީވެސް ސަމީރާ އޭނައާއި ވާހަކަ ދައްކައި އުޅުނީ ލޯތްބާއި އޯގާތެރިކަމާއި އެކީގައެވެ. އޭނަ އިން އެހެން އެއްވެސް އަންހެނެއްގެ ފަރާތުން އެ ސިފައެއް އޭނައަށް ފެނިފައެއްނުވެއެވެ. އެންމެ ފަހުން އިން އަނބިމީހާއާއި ވަރިވި ފަހުން ސަމީރާމަތިން ހަނދާންވާން ފެށީ އެހެންވެއެވެ. އޭނަ ދޭތެރެދޭތެރެއިން ސަމީރާގެ ޚަބަރު ބަލައި ސަމީރާއަށް ފަރުވާ ފޯރުކޮށްދޭން ވެސް މަސައްކަތްކުރިއެވެ. އެހެނަސް ކަންދިމާކުރި ގޮތުން އޭނައަށް ސަމީރާއާއި އަނެއްކާ ގުޅުމުގެ ފުރުޞަތެއް ނުލިބުނެވެ. ފާއިޤް އޭނަ ކައިރިއަށް ގެންނަން ސަލީމް ބޭނުންވީ އޭގެ ސަބަބުން އޭނަގެ ހިތަށް ލިބުނު މާޔޫސްކަމުންނެވެ. ފާއިޤްއަކީ ސަމީރާގެ ނިޝާނެއް ކަމަށްވާތީވެއެވެ. އަދި އޭނަގެ އެކަނިވެރިކަން ފިލުވާނެ އޭނަގެ ލޯބިވާ ދަރިފުޅަށްވީތީވެއެވެ.

 

މަންމަ ވަޅުލައި ނިމުމުން ވެސް ފާއިޤްއަށް އެ މަހާނަ ކައިރީގައި ރޯން އިނދެވުނެވެ. އެދުވަހަކީ އޭނަ އެހެން ނޫނަސް ހުން އައިސްގެން އުޅުނު ދުވަހަކަށްވުމުން އެ ވާރޭ ތެރެއިން އޭނަގެ ހުންގަދަވަމުން ދިޔަކަމުގެ އިޙްސާސް އޭނައަށް ކުރެވުނެވެ. އޭނަ އެންމެ ފަހުން ވާނުވާ ނޭނގި މަހާނައިގެ މައްޗަށްވާ ގޮތަށް ހޭނެތިގެން ދިޔައީ ސަލީމް ބަލަހައްޓައިގެން ހުއްޓައެވެ. ސަލީމް ވަގުތުން ފާއިޤްގެ ނަމުން ގޮވައި ގުދުވެލަމުން ފާއިޤްގެ ގައިގައި ހިފެހެއްޓިއެވެ.

 

ސަލީމް އޭނަގެ ބޮޑީގާޑުންގެ އެހީއާއެކީ ފާއިޤް ގެންދިޔައީ މުލީއާގެއަށެވެ. އަދި ފާއިޤްގެ ތެތް އެއްޗެހި ބަދަލުކުރުވައި އެގޭގެ ތަނަވަސް ކޮޓަރިއެއްގައި ބޭއްވުމަށްފަހު ޑޮކްޓަރަކު ގެނެސް ފާއިޤް ބެލުވިއެވެ. ފާއިޤްގެ ކަންތައް ބަލަހައްޓަން ތިބި އެންމެން ދިޔުމުން ވެސް ސަލީމަށް އެ އެނދުގެ ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން ފާއިޤްއަށް ބަލަން އިނދެވުނެވެ. ފާއިޤްއަށް ބަލަން އިނދެ އޭނައަށް ހިނިތުންވެލެވުނީ ފާއިޤް ވައްތަރީ އޭނައާއިކަން އެނގުންވުމުންނެވެ. އޭނައަށް އެންމެ ފަހު ފާއިޤް ފެނިފައިވި ގޮތާއި ޚިލާފަށް ހަށިގަނޑުން ވަރުގަދަ ކަމަށް ދައްކަމުން ދިޔަ ގޮތުން ވެސް އޭނަގެ ލޮލަށް ފިނިކަމެއް ލިބުނެވެ. އޭނަ ދެން ދުވަހަކުވެސް މި ދަރިފުޅާއި ވަކި ނުވާނެކަމަށް އަމިއްލަ ނަފްސުގާތު ބުނެލި ވަގުތަކީ ފާއިޤްގެ ދެލޯ ތަގުޅިވެގެން ދިޔަ ވަގުތެވެ. ސަލީމް ވަގުތު ސީދާވެލަމުން ފާއިޤްގެ ނަމުން ގޮވައި ފާއިޤްގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު ފާއިޤް ރަނގަޅަށް ލޯ ހުޅުވާލުމުން ސަލީމް ފެނުމާއެކު އޭނައަށް ލުއްކެއްޖަހައި ތެދުވެވުނެވެ.

 

“ކޮންތާކު އަހަރެން މިއޮތީ؟” ފާއިޤްއަށް އަހާލެވުނެވެ.

 

“ތިއޮވެވުނީ މުލީއާގޭގެ ކޮޓަރިއެއްގަ. މިގެއަށް ވަރަށް ބޮޑަށް މަރުޙަބާ އިނގޭ. މިއީ އަނެއްހެން ބުނަންޏާ މި ދައުރު ނިމެންދެން ފާއިޤްގެ ވެސް ގެ. ރީތިދޯ މިތަން؟” ސަލީމް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެ ހިނދު ފާއިޤް އޭނައަށް ބަލާލީ ސީރިއަސް ނަޒަރަކާއި އެކީގައެވެ. ފާއިޤް ދެލޯ ހަނިކޮށްލި ގޮތުން އޭނަ ސަލީމްގެ ޙަޤީޤީ ނިޔަތް ދެނެގަންނަން އުޅުނު ފަދައެވެ.

 

“ކީއްކުރަންތަ އަހަރެން މިތަނަށް ތިގެނައީ؟” ފާއިޤް ސުވާލުކުރިއެވެ.

 

“ހެހެ…..މިއީ ފާއިޤްގެ ވެސް ގެ ކަމަށްވީމަ. ފާއިޤް ހުންނަންވާނީ ފާއިޤްގެ ބައްޕަގެ ގޭގައެއްނުދޯ؟” ސަލީމް އާދައިގެ ގޮތަކަށް ބުނެލިއެވެ. އެއާއެކު ފާއިޤްއަށް ސަލީމާއި ދިމާލަށް ބަލަން އިނދެވުނީ ޤަބޫލުކުރަންވެސް ބޭނުންނުވާ ފަދައަކުންނެވެ. ސިކުންތުކޮޅެއްފަހުން އޭނައަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ.

 

“ބައްޕަ…..އެއީ އަހަންނަށް ވަރަށް ބީރައްޓެހި ނަމެއް. ޙަޔާތުގެ ކުރީކޮޅު އަހަރެން ހީކުރީ ބައްޕައެއްގެ ފަރާތުން ކަމަށް އަހަންނަށް އެންމެ ލޯބިލިބޭނީ. އެކަމަކު….” ފާއިޤް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ހަމައެކަނި އެހާ ހިސާބަށް ބުނެލީ އޭނަ ބައްޕަދެކެ ލޯބިވީ ދުވަސްތަކުގެ މަތިން ހަނދާން އާވުމުން ހިތުގައި ރިހުމެއް އުފެދުމުންނެވެ. އެކަން އެނގުންވި ސަލީމްގެ ހިނިތުންވުން ވެސް ފިލައި މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ފާއިޤް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަހަރެންގެ ނުހުންނާނެ ބައްޕައެއްވެސް. އަހަރެންގެ ނުހުންނާނެ ގެއެއްވެސް. ކޮށްދެއްވި ކަންތައްތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން ދަނީ.” ފާއިޤް އެހެން ބުނެ އޭނަގެ ގައިމަތީގައި އެޅިފައި އޮތް ރަޖާ ދުރުކޮށްލަމުން އެނދުން ފައިބަން ފެށިއެވެ. އެއާއެކު ސަލީމްގެ ހިތް އަވަސްވިއެވެ.

 

“ފާއިޤް! ދަރިފުޅު ކޮންތަނަކަށް ދާނީވެސް މިގަޑީގަ؟ ވަރަށް ވިއްސާރައޭ އަދިވެސް. ބަލިވެ އުޅޭއިރު އަރާމުކޮށްލުން ރަނގަޅުވާނީ.” ފާއިޤް އެނދުން ތެދުވެގެން ދާން ފެށުމުން ސަލީމް ބުނެލިއެވެ.

 

“ހާސްނުވޭ….އަހަރެން އެ ލަމްޔާމެންނަކަށް ނުފިލާނަން. ބޭނުންވަނީ ކޮންމެވެސް އެއްކަމަކާހެދި އަހަރެން އެމީހުންގެ ބެލުމުގެ ދަށުގަ ބަހައްޓަންދޯ؟ މައްސަލައެއްނެތް…..އެތާނގަވެސް އުޅެފާނަން. އެކަމަކު ކަލެއާއި އެއްފުރާޅެއްގެ ދަށުގަ ހުންނާކަށް ބޭނުމެއްނޫން!” އާދައިގެ މަތިން ފާއިޤްގެ ކުއްލިއަކަށް ގަދަވެގެން ދިޔަ ރުޅިއާއެކީ އޭނަގެ ބަސްތައް ހުތުރުވިއެވެ. އޭނައަށް އެގޮތަށް މުޚާތަބުކުރެވުނީ އޭނަގެ ބައްޕައާއި މެދުކަން އެނގުންވުމުން ހިތާމަވެސް ކުރެވުނެވެ. އެހެނަސް އެވަގުތު އައިސްފައިވި ރުޅީގައި އޭނަ އެކަމަށް މަޢާފަށް އެދޭކަށްވެސް ނޫޅެ ދާން އުޅުނެވެ.

 

“ބައެއްގެ ބެލުމުގެ ދަށުގަ ބަހައްޓަން ބޭނުމިއްޔާ ކަޅު ކޮޓަރިއެއްގަ ބަނދެވިފަވެސް ބެހެއްޓިދާނެދޯ؟ ވިސްނާލިންތަ މި ހުރިހާ ދުވަހު ފާއިޤް އަމިއްލަ ކަންތަކަށް ހޭދަކުރަން ފައިސާ ލިބި ކާރުވެސް ދުއްވަން ފުރުޞަތުދީފަ ތިހިރީ ކީއްވެގެން ކަމާމެދު؟ އަޖާއިބެއް ނުވޭތަ ފާއިޤް ހައްޔަރުކޮށްގެން އުޅޭ މީހުން ފާއިޤް އެގޮތަށް ގެންގުޅުނީމަ؟” ސަލީމް ސުވާލުކުރިއެވެ. އެ ސުވާލުތަކާއެކީ ފާއިޤް ހުއްޓުން އެރިއެވެ. ސަލީމް އެކޮށްލީ ލަމްޔާމެން ގޭގައި އުޅޭއިރު ދޭތެރެދޭތެރެއިން އޭނަގެ ހިތަށް ވެސް ވެރިވާ ސުވާލުތަކެވެ. އެއީ ޙަޤީޤަތުގައި ވެސް ކީއްވެތޯ ފާއިޤްގެ ހިތް ސުވާލުކުރިއެވެ.

 

“ފާއިޤްދެކެ ބައްޕަ ލޯބިވާތީ އެހެން އެވަނީ ދަރިފުޅު. އެންމެ ކުޑައިރުއްސުރެ ވެސް ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ފާއިޤް ބޭނުންވާހާ އެއްޗެއް ފާއިޤް ކުޑައިރު ގަނެދިނީ ވަކި އެއްވެސް މީހަކަށް ދައްކާކަށް ނޫން. ފާއިޤް އެ ނުލަފާ މީހުން ތިބި ގެއަށް ގެންދިޔުމުން ވެސް ފާއިޤްގެ ތުއްތައަށް ލިބުނު ކަހަލަ އަނިޔާތައް ފާއިޤްއަށް ނުލިބި ހުރީ ހަމަ މި ބައްޕަގެ އެދުމުގެ މަތިންނޭ! ދަރިފުޅު ބައްޕައަށް އިތުބާރެއް ނުކުރާނަންތަ؟” ސަލީމް ސުވާލުކުރިއެވެ. ސަލީމްގެ ދުލުން އިވުނު ވާހަކަތަކުން މިފަހަރު ފާއިޤް ވީ ނުރުހުމުގައި އޭނަގެ މޭވެސް ނުބައިކުރިއެވެ. އޭނައަށް ސަލީމާއި ދިމާލަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ.

 

“އަހަރެން ހީކުރި ވަރަށްވުރެ ވެސް ނުބައި ނުލަފާ މީހެއް ކަލޭ ތިއީ…..ތިއީ ތެދަކަށްވަންޏާ މާނައަކީ ތުއްތަ އެ ޙާލަށް ކަލޭ ދޫކޮށްލީ ހަމަ ޤަޞްދުގައޭދޯ؟ އަދި މަންމައަށްވެސް…….މަށަށް ނޭނގެ ބުނާނެ އެއްޗެއްވެސް މިވަގުތު! ހިތަށް އެބައަރާ ތި މޫނަށް ނޫކުލަ އަރާވަރަށް އަތުންޖަހައި ތަޅާލާނަމޭ! އެމީހުން ތުއްތައަށް ހެދިގޮތަށް!” ފާއިޤް އިންތިހާއަށް ރުޅި އައިސްފައިހުރެ ދަތްކުނޑި ވިކަމުން ބުނެލިއެވެ. ފާއިޤްގެ އެ ބަސްތަކުން ވެސް ސަލީމަށް ފާއިޤްގެ ސޫރައިން ފެނިގެން ދިޔައީ އޭނައެވެ. ފާއިޤްގެ އެހެރީ ހަމަ އޭނަގެ ޝަޚްޞިއްޔަތެވެ. ފާއިޤް އޭނައަށް ބަލަން ހުރެހުރެފައި އަނެއްކާވެސް ދާން ދިމާކުރުމުން ސަލީމް ވާހަކަ ދެއްކިއެވެ.

 

“މާދަމާ ފާއިޤްގެ ބައްޕަ މަރުވި ޚަބަރު ލިބިއްޖެއްޔާ ފާއިޤް ދެރަނުވާނެތަ؟” ސަލީމް ފާއިޤްގެ އެ ޝަޚްޞިއްޔަތާއިމެދު ވިސްނަމުން އެ ސުވާލުކޮށްލީ އެއިން ފާއިޤްއަށް އަސަރު ނުކޮށް ނުދާނެކަން ޔަޤީންކުރަމުންނެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ސުވާލު އިވިގެން ދިޔުމުން ވެސް ފާއިޤްގެ ހިތް ރޫރޫއެޅިއެވެ. މިވަގުތު އޭނަގެ ޢާއިލާއަކަށް ހުރި ހަމައެކަނި މީހަކީ އޭނަގެ ބައްޕައަށްވީތީވެއެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ސަލީމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އެނގޭތަ ފާއިޤް؟ އަތާއި ފައިގަ ބާރު ހުރެފަ މީހަކު ކަކޫމައްޗަށް ތިރިކުރަން އެނގެންޏާ ރުޅި އިސްކުރަން ވަރަށް ފަސޭހަވާނެ. ރުޅި އިސްވެއްޖެއްޔާ އެހެން ހުރިހާ އިޙްސާސެއްގެ މަތިން ހަނދާންނެތޭނެ. ތިމާ ލޯބިވާ މީހުންނާއި ލޯބިނުވާ މީހުން ސާފުނުވާ ހިސާބަށްދާނެ. ބައްޕަ މިހިރީ އެކަން ތަޖުރިބާކޮށްފަ. އެކަމަކު އެއީ އުޅެން އެހާ ރަނގަޅު ގޮތެއް ނޫން ފާއިޤް. އެއީ ޙަޤީޤަތުގަ ލޯބިވަނީ ކާކުކަން އެނގުންވާނީ އެމީހަކު ތިމާއާއި ވަކިވީމަ. އެހެންވީމަ ލޯބިވާ މީހުން ތިމާއަށް އަލްވަދާޢު ކިޔުމުގެ ކުރިން އެމީހުންނަށް ލޯބިދޭން ޖެހެނީ…” ސަލީމް ބުނެލިއެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ފާއިޤްއަށް ދެލޯ މަރާލެވުނެވެ. އެހެނަސް އޭނަގެ ރުޅި ދެންވެސް ފިނި ނުވުމުން ފާއިޤްއަށް އޭނަގެ ބައްޕައަށް ބަލާލަމުން ވާހަކަ ދެކެވުނެވެ.

 

“ތިހެން ތިބުނަނީ ހިތުން އަހަރެން އަނބުރާ އަންނާނެ ކަމަށްތަ؟ ތިހެން ހީވަންޏާ އެއީ ކުށްހީއެއް! ކަލް….ކުރި ހުރިހާ ކަންތަކަށްފަހު އަހަރެން ދުވަހަކުވެސް އަނބުރާ ނާންނާނަން. އަހަރެން ކައިރީގަ ބަހައްޓަން ޚިޔާލުވެސް ކުރުމުގެ ކުރިން ތިމާއަށް ލިބެންޖެހޭ އަދަބުތައް ހޯދައި ތި ހުރި މަޤާމުގައި ހުރެގެން ޒިންމާ ރަނގަޅަށް އަދާކުރަން އުޅޭ! ޤައުމަށްވެފަ އޮތްގޮތް ނުފެންނަނީތަ؟ އެއްފަރާތުން ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ފެނުނިއްޔާ އަނެއްފަރާތުން ކޮންމެވެސް އެއްލަދުކުޑަ ކަމެއް ފަތުރާ މީހުން ފެންނަނީ. މި މީހުންނާމެދު ހަމަ ކަމެއް ނުކުރާނީތަ؟ މީގެ ސަބަބުން ވެސް ބައެއްކުދިންގެ ހަށި ފުރާނައަށް ނުރައްކާވެދާނެކަން ނޭނގެނީތަ؟” ފާއިޤް އެ ފަހު ސުވާލުކޮށްލީ އަނުމް މަތިން ވެސް ހަނދާންކުރަމުންނެވެ. އޭނަ ބޭނުންވީ އެ ލިބުނު ފުރުޞަތުގައި އަނުމް އެ ދާން އުޅޭ ޙަފްލާ ކޮންމެހެން ވެސް މަޑުކުރުވާށެވެ. އޭނަ ބުނި ވާހަކަތަކަށްފަހު އޭނަގެ ބައްޕަ ބަލަހައްޓައިގެން ހުރި ގޮތުން އެކަން ވެދާނެހެން އޭނައަށް ހީވިއެވެ. އޭނައަށް އިތުރަށް ވާހަކަ ދެކެވުނީ އެހެންވެއެވެ.

 

“ޤައުމުގަ ގޯސްކޮށް ހިނގާ ކަންތައް ރަނގަޅު ކުރަންވީ. މުޖުރިމުންނަށް ޙައްޤުވާ އަދަބުދޭންވީ. މިކަންތައް ވާތަން ފެނިއްޖެއްޔާ އަހަރެން ފަހަރެއްގަ އައިސްދާނަން ކައިރިއަށް. އެކަމަކު ވަރަށް ހިއެއްނުވޭ އަމިއްލަ އަންހެން ދަރިފުޅު އެ ޙާލަށް ދޫކޮށްލި މީހެއްގެ ހިތުގަ ރަޙުމެއް ވާނެހެން. އަހަރެން ނަސީބުގަ ލެއްވީ މިކަހަލަ ޙަޔާތެއް ކަންނޭނގެދޯ؟ ލޯބިވާ މީހުން އަހަންނާ ވަކިވެ އަހަރެންދެކެ ލޯބިނުވާ މީހުން ލޯބިވާކަމަށް ހެދޭ ކަހަލަ ޙަޔާތެއް…..” ފާއިޤް އަމިއްލަ ނަފްސަށް ޙަމްދަރުދީވަމުން ބުނެލިއެވެ.

 

“ފާއިޤް….ފާއިޤް އިތުބާރު ނުކުރާނީތަ ބައްޕައަށް؟” ސަލީމް ދެރަވެފައިހުރެ ސުވާލުކުރިއެވެ. ބައްޕަގެ ދެރަ މޫނު ފެނިފައި ފާއިޤްގެ ހިތަށް އަސަރުކުރަން ފެށިއެވެ. އެހެނަސް އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން އޭނަ ވަގުތުން ސަލީމަށް ފަސްދެމުން ދިގު ފިޔަވަޅުތަކުގައި އެ ކޮޓަރިން ނިކުންނަން ދިޔައެވެ. ސަލީމް ތަކުރާރުކޮށް ގޮވުމުން ފާއިޤްގެ މޭގައިވި ރިހުން ތޫނުވުން ނޫންކަމެއް ނުވިއެވެ. އެހެނަސް ހަމަ އެ ހިތުގައިވި ރުޅިވެރިކަމުގެ ސަބަބުން އޭނައަށް ހުއްޓުމެއްނެތި ކުރިއަށް ދެވުނެވެ. ވަކި ހިސާބަކުން ފާއިޤް މަޑު ނުކުރާނެކަން ޔަޤީންވުމުން ސަލީމް މަޑުކޮށްލިއެވެ. އަދި އޭނަގެ ބޮޑީގާޑުން ފާއިޤްގެ ފަހަތުން ދާން އުޅުމުން ވެސް މަޑުކުރުވިއެވެ.

 

ފާއިޤް ރޭގަނޑުގެ ވަގުތު ބޯ ވިއްސާރައިގެ ތެރެއިން ހިނގާފައި ދިޔައީ ހައިޖާނެއް އުފެދިފައިވި ހިތާއި ސިކުނޑިއަކާއި އެކީގައެވެ. ދޭތެރެދޭތެރެއިން އޭނަގެ ބައްޕަ އޭނަގާތު ބުނެލި ބަސްތައް ގުގުމަމުން ދިޔައިރު އޭނަގެ މަންމައާއި ތުއްތަގެ ފުރާނަނެތް ހަށިގަނޑުތައް ވެސް ލޮލަށް ސިފަވަމުން ދިޔައެވެ. އޭނަ އޭނަގެ އެ ނުބައި ބައްޕަ ކިތަންމެ ވަރަކަށް ބުންޏަސް އެ ބައްޕަ ކައިރިއަށް ދާނީ ކިހިނެއްހެއްޔެވެ؟ އޭނަ އޭނަގެ މަންމައަށާއި ތުއްތައަށް އިންސާފު ހޯދައިދޭން ބޭނުންވެއެވެ. އެހެނަސް އެ އިންސާފު ހޯދަން ވެސް އޭނަ ދެކޮޅުވާންޖެހެނީ އަމިއްލަ ލެއާއިކަން އެނގުންވުމުން ފާއިޤްގެ ލޯ ކަރުނުން ފުސްވާން ފެށިއެވެ. މުޅި ދުނިޔޭގެ ބުރަދަން އޭނަގެ ބޯމައްޗަށް އައިހެން އޭނައަށް ހީވާން ފެށިއެވެ. ކިތަންމެ ރޯން ބޭނުމެއް ނުވިއެއްކަމަކު އޭނަގެ ލޯބިވާ މީހުން ނުހަނު ގާތްގާތުން އޭނައާއި ވަކިވެއްޖެކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ސިކުނޑިއެއްގެ ސަބަބުން ހިނގާފައި ދަމުން ވެސް އޭނައަށް ރޮވެން ފެށިއެވެ. އޭގެ ސަބަބުން އޭނަގެ ދުޅަވެފައިވި ދެލޮލަށް ވެސް ވަރަށް ބޮޑަށް ތަދުވެ ބޮލުގައިވެސް ރިހުމެއް އުފެދުނެވެ. އޭނަ މިފަދަ ގޮތަކަށް ހިނގަމުން ގޮސް ހިނގުން ލަސްވެގެން ދިޔަ ވަގުތު އޭނައަށް ނުހަނު އެނގޭ ސަރަޙައްދެއްގައި މަޑުކޮށްލެވުމުން އޭނައަށް މަގުގެ އަނެއްފަރާތުގައި ހުރި ޢިމާރާތަށް ބަލާލެވުނެވެ. އެއީ ‘ސަންސެޓް’ ގެ ޢިމާރާތް ނޫން ދެވަނަ ޢިމާރާތެއްނޫނެވެ. އެ ޢިމާރާތް ފެނިގެން ދިޔުމާއެކު ފާއިޤްގެ ލޮލަށް ސިފަވެގެން ދިޔަ ސޫރައަކާއެކީ އޭނަގެ ހިތަށް ކުޑަވަރެއްގެ ލުއެއް ލިބުނުހެން އޭނައަށް ހީވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު އޭނަ ބޭނުންވީ އަނުމް ދެކިލައި އަނުމްއާއި ވާހަކަ ދައްކާށެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައި އެ ފުޅާ ޢިމާރާތުގެ އެންމެ މަތިން ފެންނަމުން ދިޔަ ވަށައިޖެހޭ ބެލްކަނީއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ. ފާއިޤް ބަލަބަލާ ހުއްޓާ ބެލްކަނީގެ އެ ފަރާތުން ފެންނަމުން ދިޔަ ދެ ދޮރުން ކުރެ ކަނާތް ފަރާތުގައި ހުރި ދޮރު ހުޅުވި އަންހެން ކުއްޖަކު ނިކުމެގެން އައިތަން ފެނުނެވެ. އާދައިގެ ބުރުގާއަކާއެކީ ކުރުތާއަކާއި ހަރުވާޅެއް ލައިގެން ހުރި އަނުމް ރެއިލިންގް ކައިރިއަށް އަންނަން ފެށި ވަގުތު ފާއިޤްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭރު ފުދޭވަރަކަށް ތުނިކޮށްފައި އޮތް ވާރޭގެ ތެރެއިން އަނުމް ހިނގާފައި އައިސް ރެއިލިންގްގައި އަތް އަޅުވާލި މަންޒަރު ބަލަން ފާއިޤްއަށް އެސްފިޔަ ޖަހާލުމެއްނެތި ހުރެވުނެވެ. އޭނަ އެހެން ހުއްޓާ އަނުމްއަށް އެއްލި ކަޅިއަކުން އޭނަ ފެނި އަނުމްގެ ސަމާލުކަން އޭނައަށް އަމާޒުވިކަން އެނގުންވިއެވެ. އަނުމްގެ މޫނުމައްޗަށް ޙައިރާންކަމެއް ވެރިވެފައިވި މަންޒަރު ފެނުމާއެކު ފާއިޤް ވަގުތުން ދުރަށް ބަލަމުން ދިގު ފިޔަވަޅުތަކެއްގައި ހިނގަން ފެށިއެވެ. ބެލްކަނީގައި ހުރި އަނުމްއަށް ފާއިޤް އޭނަގެ ލޯމައްޗަށް ގެއްލެންދެން ފާއިޤްއާއި ދިމާލަށް ބަލަން ހުރެވުނެވެ. އަނުމްގެ ހިތުގައި ކަންބޮޑުވުމެއް އުފެދުނީ ފާއިޤް އޭނައަށް ދީގެން ހުރި ނަޒަރުންނެވެ. އެމޫނުމަތިން އޭނަ އެހީއަކަށް އެދެމުން ދިޔަ ފަދަ އަސަރެއް އަނުމްއަށް ފެނުނެވެ. އަދި އެ ލޯމަތިން އޭނަ ހުރީ ރޮވިފައިހެން ހީވި ހީވުމުން އަނުމްގެ ހިތަށް ވަގުތުން ހާސްކަމެއް ވެރިވިއެވެ. އޭނައަށް ވަގުތުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެ އޭނަގެ ފޯނު ނެގުނެވެ. އެއަށްފަހު އިރުކޮޅެއްގެ ވިސްނުމަށްފަހު ލީޝާއަށް ގުޅާލީ ފާއިޤް އުޅޭ ގޭގެ ކައިރީގަ އުޅޭ އަންހެން ކުއްޖާގެ އެކުވެރިއަކު ލީޝާއަށް އެނގޭކަން ހަނދާންކުރަމުންނެވެ. ލީޝާއަށް ގުޅާލަމުން އޭނަ ލީޝާގެ އެ އެކުވެރިޔާއަށް ގުޅިއެވެ. އަދި އެ އެކުވެރިޔާގެ ފަރާތުން ފާއިޤްއާއި އަވަށްޓެރި ގެއެއްގައި އުޅޭ އަންހެން ކުއްޖާގެ ނަންބަރު ހޯދިއެވެ. ކަންދިމާކުރި ގޮތުން އަނުމް އެ ނަންބަރަށް ގުޅިއިރު އެ އަންހެން ކުއްޖާގެ ފޯނު އޮތީ ނިވާލާފައެވެ. ބައިގަޑިއެއްހާއިރު ވަންދެން ވެސް އަނުމްއަށް ދޭތެރެދޭތެރެއިން އެ ނަންބަރަށް ގުޅެމުން ދިޔައެވެ. އެންމެ ފަހުން އެކޮޅުން ފޯނު ރިންގުވާން ފެށުމުން އަނުމްގެ ހިތަށް ވެރިވި ޖޯޝާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ސަލާމް މަރީ….މިއީ އަނުމްއޭ…11 އީ ގަ އުޅޭ…މީ…ކޮންމެވެސް ޚަބަރެއް އިވިގެން މި ގުޅާލީ އަސްލު. މަރީމެން ގޭގެ ކައިރީގަ ހުންނަ ގެއެއްގަ ދޯ ފާއިޤް އުޅެނީ؟ މިއަދު އޭނަގެ ކާރު ސްކޫލްގަ ބާއްވާފަ އެހެން ކާރެއްގަ އޭނަ ގެއަށް ދިޔައީ. ދެން ދެންމެއަކު އަހަންނަށް މަގުމަތިން އޭނަ ފެނިފަ ވަރަށް ބޮޑުކަމެއް ދިމާވެގެން އުޅޭހެން ހީވީ….އޭނައަށް ވީ ގޮތް މަރީއަށް އެނގޭތަ؟” އަނުމް އޭނަގެ ހިތުގައި ފާއިޤްއަށްޓަކައިވި ކަންބޮޑުވުން ފޮރުވަން އުޅުނެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ.

 

“އާނ އަނުމް. ފާއިޤްގެ ފްރެންޑަކަށްވީމަ ކަންނޭނގެދޯ ތި ސުވާލުކުރަނީ؟….އޭނަ ދާދި ދެންމެއަކު ގެއާއި ހަމައަށް ފޯރީ. އޭނަގެ މަންމަ މަރުވިއްޔޯ މިއަދު. އެހެން ކިޔާ އަޑު އަހަންނަށް އިވުނީ އެގޭގަ އުޅޭ އަންހެން މީހާ. އަދި ވަރަށް ޝޮކިންގް ކަމެއް އެނގޭތަ؟ ދެއްކި ވާހަކަތަކުގެ ތެރެއިން އަހަންނަށް ހީވި ފާއިޤް އައީ މުލީއާގެއިންހެން. އަހަންނަށް ހީވި ހީވުމެއްކަންނޭނގެ މިއީ އެކަމަކު އެ ލަމްޔާ އެކަހަލަ އެއްޗެއް ކިޔުނުހެން އަހަރެން ޔަޤީނާއި ގާތް. ފާއިޤް ބުނެފަ އޮތްތަ އޭނައާއި ރައީސްއާ ގުޅުމެއް އޮތް ވާހަކައެއް؟” މަރީ އެކޮޅުން ސުވާލުކުރިއެވެ.

 

“ން…ނުބުނޭ.” އަނުމްއަށް ޖެހިލުންވުމަކާއެކީ ބުނެލެވުނެވެ. އޭނަގެ ހަނދާނަށް އައީ އެއްކަލަ ކަޅުކުލައިގެ ކާރުގެ ކައިރީގައި މަޑުކޮށްގެން ހުރި ބޮޑީގާޑު ފާއިޤްގެ ނަން ކިޔާލި ގޮތެވެ. ނަމުގެ ފަހަތުގައި ‘ސަލީމް’ އޭ އޮތް ގޮތުންނާއި އެއީ ކޮން ކާރެއްކަން އަނުމްއަށް ޔަޤީނާއި ގާތްވި ގޮތުން އަނުމްގެ ގައިން ވެސް ހީބިހި ނެގިއެވެ. އޭނަ ހުރީ އެކަން ޤަބޫލުކުރަން ވެސް ނޭނގިފައެވެ. އެހެނަސް މަރީ އެހެން ބުނުމުން އޭނައަށް އެކަން ޤަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ.

 

“އެހެންތަ؟ އަޅެ އަހާލައްޗޭ އޭނަ ކައިރިން. އައި ތިންކް ހީ އިޒް އަ ބިގް ޑީލް. އެކަމަކު ހަމަ ވަރަށް ދެރަވެފަ ހުރީ މިއަދު ގެއަށް އައިއިރު. އޭނަ އުޅުނީ އޭނަގެ މަންމައާއި ވަކިންނޯ މުޅި ޢުމުރު ދުވަހު އަހަރެން އަޑުއެހީ. ކުއްލިއަކަށް މަންމަ މަރުވި ވާހަކަ އިވުނީމަ ވަރަށް ދެރަވާނެދޯ؟” މަރީ އެހެން ބުނެ ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ސުވާލު އިވުމުން ފާއިޤްގެ ދެރަ މޫނު ސިފަވެފައި އަނުމްގެ ހިތަށް އުދަގޫވިއެވެ. އޭނަ އަވަސްއަވަހަށް މަރީއަށް ޝުކުރު އަދާކޮށް ފޯނު ކަނޑާލީ އޭނަގެ އެ އިޙްސާސްތަކަށް ކެތްނުކުރެވުމުންނެވެ. ފޯނު ކަނޑާލުމަށްފަހު އަނުމްއަށް އިނދެވުނީ ހިތާމަވެރި މޫނަކާއި އެކީގައެވެ. ފާއިޤް އޭނައާއި ކިތަންމެ ދުރުގައިވިޔަސް ފާއިޤްއަށް ކުރެވުނު އިޙްސާސެއް އޭނައަށް ކުރެވުނު ފަދައެވެ. އޭނަ ބޭނުންވީ އެހާރުން އެހާރަށް ވެސް ފާއިޤްގެ ގާތަށް ދާށެވެ. ފާއިޤްގެ ކައިރިއަށް ގޮސް ލޯބިން ވާހަކަ ދައްކައި ހިތްވަރުދޭ މަންޒަރު ލޮލަށް ސިފަވެގެން ދިޔައެވެ. އެހެނަސް އެވަގުތު އޭނައަށް އެހެން ހެދެން ނެތްކަން އެނގުންވުމުން އަނުމް އެވަގުތުން ވަގުތަށް ވެސް ފާއިޤްއަށްޓަކައި ދުޢާކުރިއެވެ. ފާއިޤްގެ ހުރިހާ ހިތާމަތަކަށް ނިމުމެއް ގެނެސް ފާއިޤްގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށް އެދިއެވެ. އޭނަ އެހާ ގިނައިން ދިމާވެފައިވެސް ނުވާ ފިރިހެން ކުއްޖަކަށްޓަކައި މިހާ ފުންކޮށް އިޙްސާސްތަކެއް އުފެދުމުން އަނުމްއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެނަސް އޭނައަށް ފާއިޤް ކަމުދާކަމާމެދު އިންކާރު ކުރަން އަނުމްގެ ހިތް އެވަގުތު އެއްބަހެއްނުވިއެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހަވީރު ވަގުތެވެ. އަޔާޒް ހުރީ މަލާކްގެ ކޮޓަރީގެ ބެލްކަނީ ހުރި ފާރާއި ކައިރި ވާގޮތަށް ހުއްޓިލައިގެންނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ކަހާ ދޮރުގެ ދޮރު ފޮތިތައް އެޅުވިފައި ހުރި ތަނުގެ ކައިރީގައި ހަރުކޮށްފައި ހުރި ކުޑަކުޑަ ހުދުކުލައިގެ ކެމެރާއަށެވެ. ދެއަތް އުރައިގެން އޭނަ އެއަށް ނަޒަރު ހުއްޓައިގެން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ.

 

އެތެރޭގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން މަލާކް އެ ކޮޓަރިއަށް ވަނީވެސް އަޔާޒް އެ ހުރިގޮތަށް ހުއްޓައެވެ. މަލާކް ޝޯލް އަޅައިގެން ކަޅުކުލައިގެ ދިގު ހެދުމެއް ލައިގެން ހުރިގޮތުން ތަނަކަށް ދާންއުޅޭކަން އެނގެއެވެ. އަޔާޒް އެ ކެމެރާއަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނިފައި މަލާކް ގޮނޑި ދުއްވަމުން ގޮސް އޭނައާއި ހަމަކުރިއެވެ.

 

“ކީއްކުރަން ތިއަށްދެން ބަލަހައްޓައިގެން ތި ހުންނަނީ؟ ތީތި ދެން ނަގާލަންވީއެއްނު؟” މަލާކް ބުނެލިއެވެ. އެ ކެމެރާއަކީ މައުވާއާއި ލަމްޔާ ދެމީހުން ގުޅިގެން ހަރުކުރި ކެމެރާއެއްކަން ބައްޕަގެ ފަރާތުން އެމީހުންނަށް ވަނީ އެނގިފައެވެ. މައުވާމެންގެ އެހެނިހެން ރޭވުންތަކާއި އެކީގައިވެސްމެއެވެ.

 

“ނޫން މަލާކް….އަހަރެން އަސްލު ބޭނުން އެމީހުން މީތި ހަރުކުރި ޙަޤީޤީ ސަބަބު ދެނެގަންނަން. ވަކި މީގެއިން ފެނޭ މަންޒަރެއް ހޯދުމަށް ބަޔަކު އެކްސެސްކުރަން މަސައްކަތް ކުރިކަމަށް އެންމެ ފަހަރަކުވެސް އަހަންނަށް އެލާޓެއް ނާދޭ. ކޮންމެވެސް އެހެން ޝައްކެއް އުފަންކުރުވަން އެ މައުވާ މަލާކްގެ ކޮޓަރީގަ މީތި ހަރުކޮށްފަ އައިޕެޑް އެތެރޭގެ ކޮޓަރީގަ ބާއްވާނީ….” އަޔާޒް ވިސްނުމެއްގައި ހުރެ ބުނެލިއެވެ.

 

“އެހެންވީއިރު މިއަދު މައުވާ ކައިރިއަށް ގޮއްސަ އަހާލީމަ އެނގޭނެއެއްނު؟” މަލާކް ބުނެލިއެވެ. އެއާއެކު އަޔާޒަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ލަސް ހިނގުމެއްގައި ގޮސް މަލާކްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ.

 

“އަދިވެސް ޚިޔާލު ބަދަލު ނުކުރާނަންތަ؟” އަޔާޒް ގޮނޑީގެ އަތްގަނޑު މަތީގައި އޮތް މަލާކްގެ އަތްމަތީގައި އަތް އަޅާލަމުން ސުވާލުކުރިއެވެ.

 

“ނުކުރާނަން އިން ޝާ ﷲ! އަޔާޒް މާ ބޮޑަށް ކަންބޮޑުނުވޭ. އަޔާޒް ތި އަންނަނީއެއްނު މަލާކްއާއެކީ؟” މަލާކް ބުނެލިއެވެ. މައުވާގެ އުޅުން ރަނގަޅުކުރުމަށް މަލާކަށް ވިސްނުނު ޚިޔާލަކީ މައުވާގެ ކައިރިއަށް ގޮސް ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ ވާހަކަ ދެއްކުމެވެ. އަދި އެ ހަމަނުޖެހުންތަކަށް ނިމުމެއް ގެންނަން މަސައްކަތް ކުރުމެވެ. އަޔާޒަށް އެ ޚިޔާލުވެގެން ދިޔައީ ވަރަށް ވެސް ގޯސް ޚިޔާލަކަށެވެ. މައުވާ ކުރި ކަންތަކަށްފަހު މައުވާގެ ހިޔަނި އެޅޭ ހިސާބަށްވެސް އޭނަ މަލާކް ގެންދާކަށް ބޭނުމެއްނުވިއެވެ. އެހެނަސް މައުވާއަކީ އޭނަގެ ދައްތަކަމަށް ބުނެ މައުވާއާއި ބައްދަލުކުރަން މަލާކް އެދެން ފެށުމުން އަޔާޒް މަލާކްގެ އުފަލަށްޓަކައި އެ ޚިޔާލާއި އެއްބަސްވީއެވެ. އެވަގުތުވެސް މަލާކް އެންމެ ފަހު ވާހަކަ ބުނުމުން އެންމެ ރަނގަޅޭ ބުނެ އަޔާޒް މަލާކްގެ މޫނުގައި ހިފަހައްޓާލަމުން ނިތަށް ބޮސްދިނެވެ.

 

އޭގެ މިނެޓްތަކެއްފަހުން އަޔާޒްގެ ކާރު ގޮސް މަޑުކޮށްލީ މަހީރާ ފާރޫޤު އަތުން ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމެންޓް ހުންނަ ޢިމާރާތަށެވެ. ބައްޕަ ފަރާތުން އެނގުނު ގޮތުގައި ފާރޫޤު މަހީރާގެ މައްސަލައާއިގެން ނިޝާން ކައިރިއަށް ދިޔައީ ވެސް ނިޝާން ބެއްދުމަށެވެ. މަހީރާ އެ މައްސަލަވެސް ނިޝާންއަށް ކާމިޔާބުވިޔަ ނުދޭނެތީވެއެވެ. ހުރިހާ ވެސް ނިޔަތަކީ ނިޝާން ލައްވާ އޭނަގެ ގެދޮރުގެ މައްސަލައާއިމެދު ނުވިސްނުވައި އެހެން ފައިދާއެއް ނެތް މައްސަލަތަކުގައި ވަގުތު ބޭކާރުކުރުމެވެ. އަދި އަމުދުން ފާރޫޤު ނިންމައިގެން ހުރީ މި ވަކީލު އޭނައަށް އެއްވެސް އެހީއެއް ނުވާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައި ނިޝާންގެ ޤާނޫނީ ވަޒީފާއަށް ނިމުމެއް ގެންނާށެވެ. އޭނަ ވަރަށް ނިޝާންއަށް އިތުބާރުކުރާ ކަމަށްބުނެ އެއްބަސްވުމެއްގައި ސޮއި ކުރުން ލަސްކުރުވާފައިވަނީ ވެސް އެހެންވެއެވެ.

 

މި ހުރިހާ ކަމެއް އަޔާޒްމެން ނިޝާނަށް އެންގުމުން ނިޝާން އެ ލިޔެ ކިޔުމުގެ ކަންތައް ފާރޫޤާއެކީ ހަމަޖައްސަން އުޅުނެވެ. އެ ވާހަކަ ދެކެވުމާއެކު ފާރޫޤު އޭނަގެ ފޯނު ކޯލުތައް ނެގުން ހުއްޓާލިއެވެ. ހަމަ އެއާއެކު އެ މުޅި މައްސަލައަށް ވެސް ނިމުމެއް އައިސް ނިޝާންގެ ބޮލަށް ފަސޭހަވިއެވެ. އެހެންޏާ ފާރޫޤު ހުންނާނީ އޭނަ އެހެން މައްސަލައަކާއިގެން އުޅޭ ވަގުތުވެސް ގުޅާލަ ގުޅާލައެވެ.

 

މަލާކްއާއި އަޔާޒް ކާރުން ފޭބީ އެ ވާހަކަތައް ދައްކަމުންނެވެ. ކާރުން ފޭބުމަށްފަހު އާދައިގެ މަތިން ދެމީހުން އެކީގައި ގޮސް ޢިމާރާތަށް ވަނެވެ. މައުވާ އުޅޭ އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް ދިޔުމަށް ލިފްޓުގައި ތިބިއިރު ވެސް މަލާކްގެ އަތް ފައި ފިނިވަމުން ދިޔައިރު އަޔާޒްގެ ހިތުގައި ވެސް ނުތަވަސްކަމެއްވިއެވެ. އެހެނަސް އެ ނުތަނަވަސްކަމަށްވުރެ އޭނަގެ ހިތުގައި މައުވާއަށްޓަކައިވި ނުރުހުންތެރިކަން ބޮޑުވެފައިވިއެވެ. މަލާކާއި ދިމާލަށް ކިރިޔާވެސް އެއްޗެކޭ ބުނެފިނަމަ ދޭނެ ރައްދުތައް ސިކުނޑީގައި ތަކުރާރުކުރަމުން އޭނައަށް ގެންދެވުނެވެ. މަލާކް އެހެން ނަހަދަން އޭނައަށް އެދިފައިވި ނަމަވެސްއެވެ.

 

އެޕާޓްމެންޓުގެ ބެލް އަޅުވާލެވުނު އަޑު މައުވާއަށް އިވުނީ ސިޓިންގް ރޫމުގެ ދިގު ސޯފާގައި ނިދާފައި އޮއްވައެވެ. އެ އަޑު އިވިފައި މައުވާ ޙައިރާންކަމެއްގައި ހުރެ ލޯ އުނގުޅަމުން ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އެ ދޮރުމަތިން ފެނުނު ސޫރަތަކުން އޭނަގެ ނިދިފިލައި ދިޔައެވެ. އެއްފަހަރު އަޔާޒަށް އަނެއްފަހަރު މަލާކަށް ބަލާލި މައުވާގެ ބުމަގޮށްޖެހުނެވެ.

 

“ކީއްކުރަން މިގެއަށް ތިއައީ؟” މައުވާ ރުޅިވެރިކަމާއެކީ އެ ސުވާލުކޮށްލީ ހަމައެކަނި މަލާކާއި މުޚާތަބު ކުރަމުންނެވެ. އެކަމާހެދި އަޔާޒްގެ ގޮށްމުއްކެވުނެވެ.

 

“މައުވާއާއި ވާހަކަ ދައްކާލަން މިއައީ.” މަލާކް ބުނެލިއެވެ.

 

“މަ ބޭނުމެއްނޫން އެއްވެސް ވާހަކައެއް ދައްކާކަށް!” މައުވާ އެހެން ބުނެ ދޮރު ލައްޕާލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އަޔާޒް އެ ދޮރުގައި އެއްއަތް އެޅިއެވެ.

 

“ނޭނގެ ކާކުކަމެއް ތީނައާ ވާހަކަ ދައްކަން ބޭނުންވާނީ ވެސް. މަލާކްގެ ހިތްހެޔޮކަމުން ދެންވެސް ތީނައާ ގުޅުން ދަމަހައްޓަން މަސައްކަތް އެ ކުރަނީ!” އަޔާޒް ރުޅިވެރި ގޮތަކަށް ބުނެލިއެވެ.

 

“ޙަޤީޤަތުގަ މަލާކް މިއައީ މަލާކްގެ ދައްތަ ކައިރިން އަހަރުމެންގެ ބައްޕައާއި ބެހޭގޮތުން ސުވާލެއްކޮށްލަން.” މަލާކް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. މައުވާ އިރުކޮޅެއް ވަންދެން މަލާކަށް ބަލަން ހުރެހުރެފައި އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“އެހެންވީމަ އޭނަ ބުނީދޯ މިހާރު އެ ވާހަކަ ވެސް އޭނަގެ ކަނބުލޮ ކައިރި. މިގެއަށް އައިމަ ނުވެއްދިއްޔާ ކަނބުލޮ ގޮސް ޝަކުވާ ކުރީމަ ހުރިހާ ގޯހެއް އަހަރެން ވާނެތާ ދޯ؟” މައުވާ އެހެން ބުނެ ދެވަނަ ފަހަރަށް އަސަރެއް ނެތް ގޮތަކަށް ހީލަމުން ދޮރު ދޫކޮށްލިއެވެ. އަޔާޒާއި މަލާކް މައުވާގެ ފަހަތުން އެ އެޕާޓްމެންޓަށްވަނެވެ. މައުވާ ގޮސް ސޯފާގައި އިށީނުމުން މަލާކް ގޮނޑި ދުއްވަމުން ގޮސް އެ ސޯފާގެ ކައިރީގައި މަޑުކޮށްލީ ވަގުތު އަޔާޒް އެގޭގައި އިށީންނަން ވެސް ބޭނުމެއް ނުވެފައި ކޮޅަށް ހުއްޓިލިއެވެ.

 

“އަބަދުވެސް….އަބަދުވެސް އަހަރެންވިއްޔާ ކުށްވެރިވާނީ. އަހަރެން ޖެހޭނީ ކަނބުލޮއަށް ރަނގަޅަށް ހިތަންތާ…..” މައުވާ ރާގަކަށް އެހެން ބުނެލީ މަލާކަށް ބަލާލުމެއްވެސް ނެތިއެވެ. މައުވާ ބުނި އެއްޗަކާއިމެދު  ވިސްނާލެވުނު މަލާކަށް ވާހަކަ ދެކެވުނެވެ.

 

“އަސްލު…..އެނގޭ މައުވާވެސް ވަރަށް ދެރަވާނެކަން. ބައްޕަ މާ ބޮޑަށް އެހެން ކުއްޖަކު ދެކެ ލޯބިވަންޏާ ރުޅިވެސް އަންނާނެކަން. ދޭހަކުރެވޭ އަސްލު އެ ރުޅީގެ ސަބަބުންކަން އެދުވަހު މައުވާ މަލާކްގެ އޮފީހަށް އައިސް އެގޮތަށް ކަންތައް ކުރީވެސް. އެހެންވީމަ އަސްލު މަލާކް މައުވާ ކައިރިއަށް މިއައީ ބުރަ ހިތަކާއި އެކީގައެއްނޫން. އޭގެ ބަދަލުގަ މަލާކްއާ މަލާކްގެ ދައްތަގެ ދެމެދުގަ އޮތް ގުޅުން ދެމެހެއްޓޭތޯ ބަލަން މަލާކް މިއައީ. މަލާކް އަބަދުވެސް ބޭނުންވި ދައްތައެއް. މިހާރު މަލާކްގެ ދައްތައެއް ހުރިކަން އެނގުނީމަ އުފާވ…” މަލާކްގެ ޖުމްލަ ފުރިހަމަ ނުވަނީސް މައުވާ ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“މަށަކީ އެއްގޮތަކަށްވެސް ކަލޭގެ ދައްތައެއް ނޫން! ކަލޭ ތިއީ އެއްގޮތަކުން ވެސް މަށާ ތިމާގެ މީހެއްނޫން. ލެޓްސް ބީ ވެރީ ކްލިއާރ އެބައުޓް ދެޓް! ކަލެއަށް ކަލޭގެ މަންމަ ބަނޑުބޮޑުވީކަން އެނގުނު ދުވަހު މަގޭ މަންމަ ދެރަވީ ގޮތް އަދިވެސް ހަނދާން އެބަހުރި. މަންމަ ހެދީ ހަމަ ރަނގަޅަށް. ކަލޭގެ މަންމަ ރާއްޖެތެރޭގެ ކުޑަ ރަށަށް ފައްސާލީ ހަމަ ރަނގަޅަށް! އަހަރުމެން އުޅުނީ ނުލާހިކު އުފަލުގަ އޭގެ ފަހުން. މަންމައާއި ބައްޕައާ މައުވާއާ. އަނެއްކާވެސް ބައްޕަ ކަލޭ މަތިން ހަނދާންވާން ފެށީމަ ހުރިހާ ކަމެއް އެފުށްމިފުށަށް ޖެހެން ފެށީ. ބައްޕަ މަންމަ ވަރިކޮށް ދިޔައީ ވެސް އޭގެ ފަހުން. މަ ދުވަހަކުވެސް މަޢާފެއް ނުކުރާނަން ކަލެއަށާއި ކަލޭގެ މަންމައަށް!” މައުވާ ރުޅިވެރިކަމާއެކީ މަލާކާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން ބުނެލިއެވެ. އެހިނދު އަޔާޒް ވީ ނުރުހުމުގައި އެއްޗެކޭ ބުނަން އުޅުނު ވަގުތު މަލާކް ވާހަކަ ދެއްކިއެވެ.

 

“އެ ވީ ކަންތަކުގަ މަލާކްއަށް ކަމެއް ކުރެވެން އޮތް ނަމަ މަލާކް ކުރީސް. އެކަމަކު އޭރު އެ ޙާލަތްތައް ބަދަލުކުރަން މަލާކަށް ކުރެވެން އޮތް ކަމެއް ނެތް ކަންނޭނގެދޯ؟ އެހެންވިޔަސް މަލާކް މައުވާގެ ފަރާތުން މަޢާފަށް އެދެން…..އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލާފަ ދެމީހުން…” މަލާކް އެހާ ހިސާބަށް ބުނެލި ތަނާހެން ކޮޅަށް ތެދުވެލީ މައުވާގެ އަޑު ހަރުވިއެވެ.

 

“މަ ހަނދާން ނުނެތޭނެ! ހަނދާން ނުނައްތާނަން ދުވަހެއްގެ ކޮޅުން ވެސް. ކަލޭ ބަރުބާދުކޮށް މިދުނިޔެއިންވެސް ކަލޭގެ ނަން ފޮހެ ނުލެވެނީސް މަށަށް ހަމަ ނޭވައެއް ނުލިބޭނެ އަޑުއިވިއްޖެ؟!!” މައުވާ އެހެން ބުނެ ހަރުއަޑުން ނުބައި ބަހަކުން ގޮވާލަމުން މަލާކްގެ ގޮނޑީގައި ފައިން ޖަހައި ކޮއްޕާލިއެވެ. އެހެނަސް އޭނަ ބޭނުންވި ގޮތަށް ނުވަނީސް އޭނަގެ ނަމުން ބާރަށް ގޮވާލަމުން އަޔާޒް މަލާކްގެ ގޮނޑީގެ ފަހަތުން އަތް އެޅިއެވެ. ދުވަހަކުވެސް އޭނައާއި ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބު ކުރެވިފައި ނުވާ މަލާކަށް އެވަގުތު ހުރެވުނީ ގަބުވެފައެވެ. މައުވާ ހެދި ގޮތުންނާއި މަލާކަށް ވެފައި ހުރިގޮތުން އަޔާޒް ރުޅިވެރިކަމާއެކީ މައުވާއާއި ދިމާލަށް ބުނެލި ބަސްތައް ވެސް މަލާކަށް ދޭހަ ކުރެވޭ ގޮތެއް ނުވިއެވެ. ޢިމާރާތުން ނިކުންނަން ދެން ވެސް މަލާކަށް އެގޮތަށް އިނދެވުނެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބައި ގިސްލެވެން ފެށީ އަޔާޒާއި އެކީ ކާރަށް އަރައި އެކަނިވުމުންނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ގުޅުމެއް ރަނގަޅުކުރަން މަސައްކަތް ކޮށްފިނަމަ ރަނގަޅުނުވެ ހިނގައިދާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. މީހަކު އެ ދަރަޖައަށް އޭނަދެކެ ނަފްރަތު ކޮށްފާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. މައުވާ އޭނައާއިމެދު ހެދިގޮތާއިމެދު ވިސްނުމުން ރޮއިގަނެވުނީ އެހެންވެއެވެ. އަޔާޒް ކާރު ސްޓާޓް ކުރުމެއްވެސް ނެތި މަލާކް ކައިރިއަށް ގެނެސް ބައްދާލަމުން މަލާކްގެ ހިތްހަމަޖެއްސިއެވެ. ބައެއްމީހުންނަކީ ކައިރިއަށް ދިޔުމަށްވުރެ ދުރުމިނެއް ބެހެއްޓުން ރަނގަޅު ބައެއްކަމުގައި ވިސްނައިދިނެވެ. އަދި އެމީހުން އެ ނަފްރަތުކުރަނީ ވަކި ތިމާއަށް ކުރެވުނު ކުށަކުން ކަމަށް ނުވާނަމަ އެ ނަފްރަތަށްޓަކައި ހިތާމަކުރުމުގެ ބޭނުމެއްނެތެވެ. މަލާކްގެ ޒަމީރު އެ ބަސްތަކާއި އެއްބަސްވާން ދުވަސްކޮޅެއް ނެގިއެވެ. އެންމެ ފަހުން އަޔާޒްގެ ހިތްވަރުން މަލާކް މުޅިންހެން ހަމައަކަށް އެޅުނެވެ.

 

އޭގެ ހަފްތާއެއްހާ ދުވަސްފަހުން އަޔާޒްމެންގެ ގެދޮރުގެ މައްސަލަ ކޯޓުގައި ބެލެން ފެށިއެވެ. އެ މައްސަލައަށްޓަކައި ޙަލީމްގެ ވަޞިއްޔަތުގެ ދެ ހެކިވެރިން ކަމަށްވާ މަޒީދާއި މަސްޢޫދު ވެސް ކޯޓަށް ހާޒިރުވިއެވެ. މަސްޢޫދުވެސް މާލޭގައި ހުރިކަމާއި މަސްޢޫދު އައީ ކީއްކުރަންކަން މިހާރު މަލާކަށާއި އަޔާޒަށް ވެސް އެނގެއެވެ. މަލާކް މަޒީދު އޭނަގެ އަސްލު ބައްޕަގެ ގޮތުގައި ޤަބޫލުކުރިޔަސް އޭނަ ބަލައި ބޮޑުކުރި ބައްޕައާއިވެސް ބައްދަލުކުރަން ދޭތެރެދޭތެރެއިން ދެއެވެ. ކަންވެ ނިމިދިޔަ ގޮތް އެނގުމުން އެ ބައްޕައަށްޓަކައިވެސް ހިތުގައި ޤަދަރެއް ވީތީވެއެވެ.

 

އެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައީ އަޔާޒްގެ ޢާއިލާއާއި، އަޔާޒްގެ ދޮންމަންމަ ޢަޒީޒާގެ ޢާއިލާގެ އިތުރުން މައުވާއާއި މަހީރާގެ ވެސް ހާޒިރީގައެވެ. އެހާ ހިސާބަށް ދިޔައިރު މަހީރާމެން މި މައްސަލައަށް ހާޒިރުވަނީ ކީއްވެކަން ވެސް އަޔާޒްމެންނަށް ސާފުވެފައިވިއެވެ. ކޮންމެ ގޮތެއްވިޔަސް ނިޝާން އޭނައަށް ވީ އެންމެ ފުރިހަމައަށް ހެއްކާއި ޤަރީނާ ދައްކައި އެމީހުންގެ ކޮޅު ދިފާޢުކުރިއެވެ. މައްސަލަ އަޑުއަހާ މީހަކަށް ވެސް ދެ ވަކީލުންކުރެ ޙަޤީޤަތަށް ބުރަވަނީ ކާކުކަން ދެނެގަނެވޭނެއެވެ. އެހެނަސް މަހީރާއާއި މައުވާ ނުހަނު ހަމަޖެހިގެން ތިބީ އެމީހުންގެ ކުރިމަތިން ފެންނަމުން ދިޔައީ އެމީހުންނަށް އާ ގާޒީއަކަށް ވިޔަސް އެ ގެދޮރު މިލްކުކުރަން ބޭނުންވާ ސަލީމް އެ ގާޒީއަށް ފައިސާ ދީފަ ހުންނާނެކަމަށް ހީކުރަމުންނެވެ. އެހެނަސް ގާޒީ އެންމެ ފަހުގެ ނިންމުން ޢަބްދުލްޙަލީމްގެ މުދާ އޭގެ ޙައްޤުވެރި ފަރާތްތަކަށް ދިނުމަށް ނިންމި ގޮތުން މަހީރާއާއި މައުވާގެ މޫނުމަތިން ވެސް ނުރުހުންތެރިކަން ފާޅުވީ އެއްވަރަކަށެވެ. އަޔާޒްމެން އުފާފާޅުކުރަން ފެށި ވަގުތު ޢަޒީޒާމެން މަހީރާގާތު ނުރުހުންތެރިކަމާއެކީ މިއީ ކިހިނެއްވީ ކަމެއްތޯ ސުވާލުކުރަން ފެށިއެވެ. މަހީރާ އައިސްފައިވި ރުޅީގެ ތެރެއިން މަޒީދާއި އޭނަގެ ލޯ ބައްދަލުވުމުން ވީ ނުރުހުމާއެކީ އޭނަ އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. މައުވާއާއި ޢަޒީޒާމެންވެސް އޭނަގެ ފަސްފަހަތުން ދިޔައެއްކަމަކު މަހީރާ އެންމެ އަވަހަށް ގޮސް ކޯޓާއި ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކޮށްލަމުން އޭނަގެ ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު އޭނަ ގުޅާލީ ސަލީމް ނޫން ދެވަނަ މީހަކަށް ނޫނެވެ.

 

“ސަލީމް! މިއީ ކިހިނެއްތަ މިއަދު ޙަލީމްގެ ގެދޮރުގެ މައްސަލަ ކޯޓުގަ ނިމިގެން އެދިޔައީ؟ އަހަރެން އެ ގާޒީއާއި ވާހަކަ ނުދައްކާ ހުރީ ސަލީމް އަހަރެން ނުބުންޏަސް މި ވާހަކަތައް ހަނދާން ހުންނާތީ. މިއަދު މަޒީދުގެ އެ ފިހާރައިގެ ވެސް ވަކި ވަރެއް މައުވާއަށް ލިބޭގޮތަށް މިނިމުނީ! ކިހިނެއްވެގެންތަ ސަލީމް ތިއުޅެނީ؟!” މަހީރާ ސަލީމްއާއި ވާހަކަ ދެއްކީ އެއީ އޭނައަށްވުރެ މަތީ މަޤާމެއްގައި ހުރި މީހެއްހެން ވެސް ހީނުވާ ފަދައަކުންނެވެ.

 

“އާނ…އަހަރެން ތިކަމާމެދު ހަނދާނެއްވެސް ނެތީ މިއަދު ޙަޤީޤަތުގަ. ކޮންމެވެސް ރަށެއްގެ ބޭސް ފިހާރައެއް ހުޅުވަން އައިސްފަ ހުރީމަ ހަނދާނުން ކައްސާލީ.” ސަލީމް ތެދުތެދަށް ބުނެލިއެވެ.

 

“ބޭސް….ކީއްކުރާ ބޭސް ފިހާރައެއް ތި ހުޅުވަނީ؟ ތިހާވަރަށް ޕަބްލިސިޓީ ހޯދަން އަދި އިންތިޚާބެއް ކައިރިވެގެން އުޅެނީއެއްވެސް ނޫން. މަ ވަރަށް ހިތްހަމަ ނުޖެހިފަ މިހިރީ މިވަގުތު. ހަމަ މިހާރު މި މައްސަލަ އަލުން ބެލޭނެ ގޮތް ހަމަޖައްސައިދީ ސަލީމް.” މަހީރާ ބުނެލިއެވެ.

 

“މުދާތައް އޭގެ ޙައްޤުވެރި ފަރާތަށް ދިޔައިމަ އެ ވީ ގޯހެއް ނޫން ކަންނޭނގެދޯ؟ އަހަރެންގެ ޚިޔާލެއްނެތް ދެން ތި މައްސަލަ އަލުން ޖައްސާކަށް…..ދެން ބާއްވަނީ. ތަންކޮޅެއް ބިޒީކޮށް މިއުޅެނީ.” ސަލީމް އެހެން ބުނެ މަހީރާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ވެސް ނުދީ ފޯނު ކަނޑާލިއެވެ. އެއާއެކު މަހީރާ އައި ރުޅީގައި އޭނަގެ ދަތްކުނޑި ވިކި މޫނުވެސް ރަތްވިއެވެ.

 

އެދުވަހު ކޯޓުން އަޔާޒްމެންނަށް ގެއަށް އާދެވުނު ވަގުތަކީ ޢަޒީޒާމެން އެމީހުންގެ އެއްޗެހި ހިފައިގެން އެގެއިން ނިކުންނަމުން ދިޔަ ވަގުތެވެ. އެމީހުން ރުޅި މޫނުތަކާއެކީ ނިކުމެގެން ދިޔައިރު އަޔާޒްމެން ގެއަށް ވަދެގެން ދިޔައީ އުފާވެރި މޫނުތަކާއި އެކީގައެވެ. ގެއަށް ވަނުމަށްފަހު ވެސް އުފާފާޅުކުރުމުގެ ގޮތުން ގޭގައި ކުޑަކުޑަ ޕާޓީއެއް ބޭއްވިގެން ދިޔައެވެ. އެ އުފާތައް ފާޅުކުރުމުގެ ތެރެއިން އަޔާޒަށް އޭނަގެ ކޮއްކޮއަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. އަނުމްއަށް މާޒީގައި ދިމާވެފައި ހުރި ކަންތައް އެނގުނު ފަހުން މަލާކް ވަނީ އެ ވާހަކަތައް އަނުމްއާއި ވަކިން ދައްކާފައެވެ. މަލާކް ބުނި ގޮތުގައި އަނުމްވަނީ އޭނަގެ މާޒީ އޭނަގެ ތަޤްދީރުގެ ގޮތުގައި ޤަބޫލުކޮށްފައެވެ. އެހެނަސް އަނުމް އެކަމާމެދު ދެރަވާ ވާހަކަ މަލާކް ބުންޏެވެ. ވަކިން ޚާއްޞަކޮށް މުސްތަޤްބަލާއިމެދު ވިސްނުމުން އަނުމް ޖެހިލުންވާ ވާހަކަ މަލާކް ބުންޏެވެ. އެ ވާހަކައަކީ އަނުމްގެ ބޭބެއެއްގެ ގޮތުން އަނުމްއާއި ދައްކަން އެހާ ރަނގަޅު ވާހަކައަކަށް ނުވިޔަސް އަޔާޒް އޭނަގެ ކޮއްކޮގެ ހިތްހަމަޖައްސައިދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އެދުވަހު ހަވީރު އަނުމް އޭނަގެ ކޮޓަރީގެ ބެލްކަނީގައި ހުއްޓާ އަނުމްގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅުތޯ ބުނެ ވާހަކަ ދައްކަން ފެށިއެވެ.

 

“ދެން ވަރަށް ކޫލްދޯ އަނުމްވެސް ބައްޕަގެ ބައެއް އެޕާޓްމެންޓްގެ ތެރެއިން އެޕާޓްމެންޓްތައް އޮއުން ކުރަންޏާ؟ އަވަހަށް މެރީކޮށްގެން ފެމިލީއެއް ފަށަންވީއެއްނު؟” އަޔާޒް ސަމާސާ ރާގަކަށް ބުނެލި ވާހަކައިން އަނުމްއަށް ހީލެވުނެވެ.

 

“ހެހެ…..މެރީ…ދެން ކުރާނީދޯ ކޮންމެވެސް ދުވަހަކުން؟ އެކަމަކު ހިއެއްނުވޭ އަނުމްއާއި މެރީކުރަން ބޭނުންވާނެ ކުއްޖަކު ހުންނާނެހެން…..” އަނުމް އެ ފުރަތަމަ ސުވާލުކޮށްލިއިރު އެންމެ ފުރަތަމަ ހަނދާނަށް އައީ ފާއިޤްއެވެ. އެހެނަސް ފާއިޤްއަށް ވެސް އޭނަގެ މާޒީ އެނގުމުން އޭނައާއެކީ ޙަޔާތެއް ފަށަން ބޭނުން ނުވާނެކަން އެނގުންވުމުން އެ ފަހު ޖުމްލަ ބުނެލީ ދެރަވެފައި ހުރެއެވެ. އަޔާޒްއަށް އެކަން މާ ރަނގަޅަށް ވެސް އެނގުނެވެ. އެހެންކަމުން އޭނަ އިތުރު ސުވާލެއް ނުކޮށް އަނުމް ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

 

“އަނުމް…..ތިއްތި މި ބުނާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހައްޗޭ. އަނުމްދެކެ ޙަޤީޤީ ލޯތްބެއްވާ ރަނގަޅު ފިރިހެން ކުއްޖެއްވިއްޔާ މާޒީގަ ކޮންމެ ކަމެއްވެފައިވިޔަސް އެ ކުއްޖަކު އަނުމްއަށް އިންކާރެއް ނުކުރާނެ. އިންކާރު ކުރާކަމަށްވަންޏާ އޭގެ މާނައަކީ އެމީހަކަށް އަނުމް ރަނގަޅަށް ނުބެލޭނެއޭ. އަނުމްއަށް ޙައްޤުވަނީ އަނުމްގެ ގޮތުގަ އަނުމް ބަލައިގަންނަ އަދި އަނުމްދެކެ ލޯބިވާ ކުއްޖަކު. އެކަހަލަ ރަނގަޅު ކުއްޖަކު ފެނުނިއްޔާ ތިއްތި ކައިރި ބުނައްޗޭ. ތިއްތި ސެޓްކޮށްދޭނަން!” އަޔާޒް އެ ފަހު ޖުމްލަ ބުނެލީ ބޮޑުވާ އިނގިލި ދައްކައި އެއްލޯ މަރާލެވުނެވެ. އެއާއެކު އަނުމްއަށް ހީލެވުނީ ހިސާބަކަށް ލަދުވެސް ގަނެފައި ހުރެއެވެ. އޭނަ ތިއްތިގެ ވާހަކައަށް ބޯޖަހާލިއިރު މޫނު ރަތްވެގެން ދިޔައީ ވެސް ފާއިޤް މަތިން ހަނދާންވެގެން ދިޔުމުންނެވެ.

 

އޭގެފަހުން ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭގައި އަނުމް މުޅިންހެން މަޝްޣޫލުވެގެން ދިޔައީ ދެ ހަފްތާ ފަހުން މައުވާ އޭނައަށް ދަޢުވަތު އެރުވި ޙަފްލާއަށް ގޮސް ދައްކާނެ ވާހަކަ ތައްޔާރު ކުރުމުގައެވެ. އަނުމް ކުރީކޮޅު ނިންމައިގެން ހުރީ މުޅި ޢާއިލާއަށް ސިއްރުން އެ ރެއަކު އެ ޙަފްލާ ބާއްވަން ނިންމިފައި އޮތް ހޮޓެލަށް ދިޔުމަށެވެ. އޭނަގެ ތިއްތިއަށާއި މަލާކް ދައްތިއަށް މައުވާގެ ރޭވުން އެނގޭކަން އަނުމްއަށް އެނގިގެން ދިޔައީ އޭނަ އެކަމާމެދު ނުތަނަވަސްވެފައި ވަނިކޮށެވެ. ތިއްތިމެން ވެސް އޭނަ ރާވައިގެން ހުރި ގޮތާއި އެއްބަސްވީ އޭނަގާތު ހާސްނުވުމަށް ބުނަމުންނެވެ. އަނުމް އެތަނަށް ގޮސް މާ ގިނައިރެއްނުވަނީސް ތިއްތިމެންވެސް އެތަނަށް ދާނެ ވާހަކަ އިވުމުން އަނުމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ކުރަން އުޅުނު ހެޔޮ ކަމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުމުން އަނުމް އޭނަ ޙަފްލާގައި ދައްކަން އުޅޭ ވާހަކަ ތައްޔާރުކުރަން ފެށީ އިތުރު ޖޯޝަކާއި އެކީގައެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އެ ޙަފްލާ އޮންނަ ދުވަސް ޖެހުނެވެ. ކުރިން ވެސް ރޭވިފައި އޮތްހެން އަނުމް އެ ހޮޓެލަށް ދިޔުމަށްޓަކައި ދަތުރުފެށީ ވެސް ތިއްތިމެން އޭނައަށް ހޯދައިދިން ކާރެއްގައެވެ. އަނުމްއަށް ހޮޓެލާއި ހަމައަށް ދެވުމާއެކު މައުވާގެ ފަރާތުން ހޫނު މަރުޙަބާއެއް އޭނައަށް ލިބުނެވެ. އެ ބިޔަ ހޮޓެލްގެ އެންމެ ތިރީ ފަންގިފިލާ ފަރުމާ ކުރެވިފައިވީ އެފަދަ ޖަލްސާތައް ބޭއްވޭނެ ގޮތަށް ހެދިފައިވި އެކިއެކި މާލަމްތަކުންނެވެ. އަނުމް އެ ފަންގިފިލާއަށް ގެންގޮސް ޙަފްލާ ބާއްވަން ނިންމިފައި އޮތް މާލަމަށް ގެންދިޔައީ މައުވާއެވެ. އެ މާލަމުގައި ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރެވި މޭޒުތަކެއް ޖެހިފައިވީއިރު އެކި ޒާތްޒާތުގެ މީހުން އެތަނުން ފެންނަމުން ދިޔަ ގޮތުން އަނުމްގެ ލޮލަށް ވެސް އުދަގޫވާ ގޮތްވިއެވެ. މާލަމުގެ ތެރެއިން ހިނގާފައި ގޮސް މައުވާ އަނުމް ބޭންދީ އެތަނުން ފެންނަމުން ދިޔަ ސްޓޭޖާއި ކައިރީގައި ހުރި މޭޒެއްގައެވެ. ހަމަ އެއާއެކު ކުރީ މޭޒުތަކުން ގިނައިން ފެންނަމުން ދިޔައީ ބޭރުގެ ދޮންމީހުންކަން ވެސް އޭނައަށް ފާހަގަވިއެވެ. އެ ދޮން މީހުންގެ ތެރެއިން މި ޒަމާނުގައި އެހާ ދީނާއި ދެކޮޅުކަމަށް މަޝްހޫރު މަހީރާވެސް ފެނުމުން އަނުމްގެ މެއަށްވެސް ގޮތެއްވިއެވެ. އަނުމް ބަލަބަލާ ހުއްޓާ މައުވާ ގޮސް މަހީރާއާއި އެހެން ބޭރު މީހަކު ހުރި މޭޒެއްގެ ދޮށުގައި އިށީނދެ އެ ބޭރު މީހާއަށް ވެސް އޭނަ ދައްކާލިއެވެ. އެ ބޭރު އަންހެން މީހާ އޭނައަށް ބަލައި ހިނިތުންވެލީ ގޮތުން މައުވާ އޭނައަށް ތަޢުރީފުކުރީކަން އަނުމްއަށް އެނގުންވިއެވެ. އެއާއެކު އޭނަ ކުރަން މިއުޅޭ ކަމުގެ ބޮޑުކަން އަނުމްއަށް އިޙްސާސް ކުރެވުނެވެ.

 

ކޮންމެއަކަސް އެ ޙަފްލާ ފެށި އެކި މީހުން ޕޯޑިއަމަށް އަރައި އެކިއެކި ވާހަކަތައް ދައްކަމުން ގޮސް އެންމެ ފަހުން އަނުމް ޕޯޑިއަމަށް އަރަން ޖެހުނެވެ. އަނުމްއަކީ އެމީހުން ފަތުރަން އުޅޭ ޚިޔާލަށް ނުހަނު ތާޢީދުކުރާ އަންހެން ކުއްޖެއްކަމަށް ބުނެ މައުވާ ތަޢުރީފު ކުރުމުން އެންމެންގެ އަތްތިލަ ބަޑީގެ އަޑު އެތަނުގައި ގުގުމާލިއެވެ. އަނުމްގެ ނަން ކިޔައި ޕޯޑިއަމަށް އަންނަން އެންގުމުން ވެސް އެ އަތްތިލަ ބަޑީގެ އަޑުތައް ކުރިއަށް ދިޔައެވެ.

 

އަނުމް ޕޯޑިއަމަށް އަރަން ދިޔައިރު ކާރު ތެރޭގައި ތިބި މަލާކްއާއި އަޔާޒް ފޯނުން އެ މަންޒަރު ބަލަމުން ދިޔައިރު ފާއިޤް ވެސް ލަމްޔާއާއެކީ އެގޭގެ ޓީވީއިން އެޅުވިފައިވި ފޭސްބުކް ލައިވް ވީޑިޔޯ ބަލަން އިނެވެ. އަނުމް އެތަނަށް އެރިޔަސް އަނުމް ގޯސް ވާހަކައެއް ނުދައްކާނެކަން ފާއިޤްއަށް ޔަޤީންވިއެވެ. އޭނަ ކަންބޮޑުވީ އަނުމް ދައްކަފާނެ ވާހަކައިގެ ނަތީޖާއެއްގެ ގޮތުން އަނުމްއަށް ދިމާވެދާނެ ކަމަކާއި މެދުގައެވެ.

 

އޭނައާއިމެދު އަޅާލާ އެންމެން ހިސާބެއްގެ ނުތަނަވަސްކަމެއްގައި ވަނިކޮށް އަނުމް ޕޯޑިއަމަށް އަރައި ބިސްމީގެ ބަރަކާތުން އެ ވާހަކަ ފެށުމުން އެންމެން ހުއްޓުން އަރާ ގޮތްވިއެވެ. މައުވާއާއި މަހީރާގެ އިތުރުން އެތާތިބި އެހެނިހެން މީހުންގެ މޫނުތައް ވެސް މިލައިގެން ދިޔަދިޔަހެން އަނުމްއަށް އެމީހުންގެ މޫނުތަކަށް ވަކިވަކިން ބަލާލެވުނެވެ. އެއާއެކު އޭނަގެ މެއަށް ވެސް ފިނިވިއެއްކަމަކު ﷲ ގެ ޙަޟްރަތުން ސާބިތުކަމަށް އެދި އޭނަ އޭނަގެ ވާހަކަ އިނގިރޭސި ބަހުން ފެށިއެވެ.

 

“އަޅުގަނޑު މި ޙަފްލާއަށް ޙަޤީޤަތުގަ އައީ މިއީ މިނިވަން ޚިޔާލުތަކަށް ވަރަށް ތާޢީދުކުރާ ޙަފްލާއަކަށްވީމަ. މިފަދަ ޙަފްލާއެއްގަ އަޅުގަނޑު ދެކޭ ގޮތް ހާމަކުރަން ފެށީމަ އަޅުގަނޑު ނުހުއްޓުވާނެކަމުގެ ވަރަށް ބޮޑު އުއްމީދަކާއެކީ މިތަނަށް މިއައީ. ހުއްޓުވިއްޔާ ހަމަ ގައިމުވެސް އޭގެ މާނައަކީ މިތާ މި ފާޅުކުރެވޭ ޚިޔާލުތަކަކީ ވަކިކޮޅަކަށް ބުރަވެފައި ހުރި އެހާ ބުރަދަނެއް ނެތް ވާހަކަތަކަށްދޯ؟ މީގެ ނުބައި މާނައެއް ނުނެގުން އެދެން. އެއްޖިންސުން ގުޅުން ހިންގަން އެދޭ ފަރާތްތަކުގެ ޙައްޤުތައް ވާކަން އަޅުގަނޑުވެސް ޤަބޫލުކުރަން. އެކަމަކު އެ ޙައްޤުތަކާއި ގުޅޭ ގޮތުން އަޅުގަނޑުގެ ނަޒަރިއްޔާތު ތިބޭފުޅުންނާ ކުޑަކޮށް ތަފާތު….” އަނުމް ބުނެލިއެވެ. އެއާއެކު މަހީރާއާއި މައުވާގެ އިތުރުން ގޭގައި ހުރި ލަމްޔާގެ މޫނުމަތިން ވެސް އެތައް ކުލަވަރެއް އެއްފަހަރާ ފާޅުވެގެންދިޔައެވެ. މަހީރާއި މައުވާގެ ދެމެދަށް ވާގޮތަށް ހުރި ޚާއްޞަ މެހުމާނުވެސް އަނުމް ވާހަކަ ދައްކަން ފެށިގޮތުން ނުހަނު ގަޔާވެގެން އަޑުއަހަން އިންގޮތުން މަހީރާ މައުވާގާތު ޝަކުވާކުރަން ޖެހުނީ މެސެޖަކުންނެވެ. މައުވާއަށް ލިބުނު މެސެޖުގައި އޮތީ މި ވަނީ ކިހިނެއްތޯއެވެ. މައުވާވެސް ނޭނގޭ ކަމަށްބުނެ މެސެޖުކޮށްލީ ނުރުހުންވެ އިނދެއެވެ.

 

“އެއްޖިންސުން ގުޅުން ހިންގުން…..މިއީ އިއްޔެ ނޫނީ މިއަދު އުފެދެން ފެށި ޚިޔާލުތަކެއް ނޫން. މިއީ ލޫޠު ޢަލައިހިއްސަލާމްގެ ޒަމާނުއްސުރެ ވެސް އިންސާނުންގެ ތެރޭގައި ދައުރުވަމުން ދިޔަ ޚިޔާލުތައް. ލޫޠު ޢަލައިހިއްސަލާމްގެ ޒަމާނުގަ ވަރަށް ހާމަކަން ބޮޑު ގޮތެއްގަ ހިންގެމުން ދިޔަ ޢަމަލުތަކެއް އެއީ. އަހަރުމެންނަށް އެއީ މިނިވަންކަމުގެ ގޮތުގައި ސިފަކުރެވިދާނެ. އެކަމަކު އެ ޒަމާނުއްސުރެ ވެސް ބޮޑަށް މިޒަމާނުގެ ކަންނޭނގެ އަޅުގަނޑުމެންނަށް ދޭހަ ކުރެވޭނީ ގިނަ ބަޔަކަށް ފެންނަ ގޮތަށް ފާޙިޝް ޢަމަލުތައް ހުރީމަ މީހުންގެ ސިކުނޑިތަކަށް ކުރާ އަސަރު. މިޒަމާނުގަ ވޭތުވާ ކޮންމެ 5 މިނެޓެއްގެ ތެރޭގަ ކިތައް އަންހެނުންނަށާއި ކުޑަކުދިންނަށްތޯ ޖިންސީ ގޮތުން އަނިޔާ ދެވެނީ؟ އަންހެނުން މަގުމަތިން ހިނގާފައި ދާއިރު ރައްކާތެރިކަމެއް އިޙްސާސް ނުކުރެވެނީ ކީއްވެތޯ؟ ކަންތައް މިހެންވާންވީ ކީއްވެތޯ؟ އެއީ އެފަދަ މަންޒަރުތަކުން ސިކުނޑި ތަޣައްޔަރުވެފަ ތިބި މީހުން ގިނަވީމަ. ލޫޠު ޢަލައިހިއްސަލާމް ހާމަކަން ބޮޑުގޮތެއްގައި އެ ހިންގަމުން ދިޔަ ޢަމަލުތަކާއި ދެކޮޅަށް ދަޢުވަތު ދެއްވީ މި ސަބަބުތަކާހުރެ. އަޅުގަނޑު ވަރަށް ސާފުކޮށް ބުނެލާނަން. މުސްލިމެއްގެ ގޮތުގައި އަޅުގަނޑު ދެކޮޅު ހަދަނީ ހަމައެކަނި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމަކަށް ނޫން. މުސްލިމެއްގެ ގޮތުގައި ﷲ އަންގަވާފައިވި ގޮތަށް އަޅުގަނޑު ލޯބިކުރަން. ފާޅުގައި ވެސް އަދި ސިއްރިއްޔާތުގައި ވެސް އެއްވެސް ގޮތަކުން އެއްޖިންސުން ގުޅުން ހިންގުމާއި އަޅުގަނޑު ދެކޮޅު…..” އަނުމް އެހެން ބުނުމާއެކު އެ ހޯލުގައި ތިބި އެންމެންނަށް އެކުއެކީގައި ޝޮކެއް ލިބިގެން ދިޔައެވެ. މަންޒަރު ބަލަން ތިބި އަޔާޒަށާއި މަލާކަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނުއިރު ލަމްޔާގެ ސިޓިންގް ރޫމުގައި އިން ފާއިޤްގެ މެއަށް ވެސް ފިނިވެގެން ދިޔައެވެ. ހަމަ އެވަގުތު ރުޅިން ރަތްވެފައި ހުރި ލަމްޔާ މައުވާއަށް ގުޅާލަމުން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“މައުވާ! އެއީ ކޮންކަހަލަ ވާހަކަތަކެއްތަ އެ އަންހެނާ އެ ދައްކަނީ؟ އޭނަ ހުއްޓުވާ ނިކަން އަވަހަށް. އެބައިނގެއެއްނު އަހަރުމެންނަށް ގެއްލުންވާނެ ވަރު މި އިވެންޓް ފޭލްވެއްޖެއްޔާ؟” ލަމްޔާ އެހެން ބުނެލި އަޑަށް ފާއިޤްއަށް ބަލާލެވުނެވެ.

 

“މަށަކަށް ނޭނގޭ. މޭގަން ވެސް އެ އަންހެނާ އަހަރެން ގެނައީ ކީއްވެތޯ ސުވާލު އެބަ އުފައްދާ. އަހަރެން އުޅުނިން ޕޯޑިއަމަށް އަރައި އޭނަ ހުއްޓުވަން. އެކަމަކު މޭގަން އެހެން ހަދަން އިންކާރު ކުރީ އެ އަނުމްއަކު ވާހަކަ ދައްކަން ފެށި ގޮތުން. ހުއްޓުވައިފިއްޔާ ވެސް އަހަރުމެންގެ އަގު ވެއްޓޭނީ.” މައުވާ ފޯނުން ވާހަކަ ދެއްކީ އޭނަ އިން ގޮނޑިން ތެދުވެގެން ގޮސް ހޯލުގެ އެއްފަރާތެއްގައި މަޑުކޮށްލަމުން ނުރުހުންތެރި ވައި އަޑަކުންނެވެ.

 

“ދެން! ކޮންމެވެސް ގޮތަކަށް އޭނަ ހުއްޓުވަން އެބަޖެހޭދޯ؟ ފޭސްބުކް ލައިވް މެދުކަނޑާލާ! ކަނޑާލާފަ ތިތާނގެ ކަރަންޓު ކަނޑާލާ. އެދުވަހު މަލާކަށް ހެދިގޮތަށް. ކަނޑާލާފަ ތީނަ ރަނގަޅު ތަނެއްގަ ބަންދުކޮށްފަ ބަހައްޓާފަ ފިލާވަޅެއް ނަގައިދީ! އަވަސް!” ލަމްޔާ އައި ރުޅީގައި އެ ހުރިހާ ވާހަކަތައް ދައްކާލީ އެތާ އެހެން މީހަކު ހުރިކަން ވެސް ހަނދާން ނައްތާލުމުންނެވެ. އޭނައަށް ރުޅިވެރި ނަޒަރެއް ދީގެން އިން ފާއިޤް ފެނުނީ ފޯނު ކަނޑާލި ފަހުންނެވެ. ފާއިޤް އިތުރު އެއްޗެކޭ ވެސް ބުނުމެއްނެތި ސޯފާއިން ތެދުވެ ގެއިން ނިކުމެގެން ދިޔައީ ސައިކަލުގެ ތަޅުދަނޑި ނަގަމުންނެވެ. ލަމްޔާ އޭނަގެ އާދައިގެ މަތިން އޭއިއޭ ކިޔައި ފާއިޤް ހުއްޓުވަން އުޅުނެއްކަމަކު ފާއިޤް މަޑެއްނުކުރިއެވެ. ބަދަލުގައި ލަމްޔާ ގޭންގުގެ ބަޔަކަށް ގުޅަން އުޅުނެއްކަމަކު ޖެހިލުންވީ ސަލީމް މަތިން ހަނދާންވުމުންނެވެ. ފާއިޤްއާއި ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް އަޅައިފިނަމަ އޭނައަށް ލިބިފައި ހުރި ފައިސާއާއި ގެދޮރުވެސް ގެއްލުނީކަން ޔަޤީންވުމުން ލަމްޔާއަށް ވެސް ދަތްކުނޑި ވިކަވިކައި ހުރުން ނޫންކަމެއް ނުވިއެވެ.

 

**

 

“އެކަމަކު އަޅުގަނޑު ނުބުނަން އެއްޖިންސުން ގުޅުން ހިންގުމުގެ އެދުން ހުންނަ މީހުންނަށް މަލާމާތްކޮށް އަނިޔާ ކުރަންވާނެއޭ. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދަންނަވަނީ ހުރިހާ އެންމެންނާއި މެދު ވެސް އިޙްތިރާމާއި ޤަދަރާއެކީ ކަންތައް ކުރަން. އަޅުގަނޑުމެން ނަފްރަތު ކުރަނީ އެ ފާޙިޝް ޢަމަލުތަކަށް. އަޅުގަނޑުމެން ޤަބޫލުކުރަނީ އެ އިޙްސާސްތައް ހުންނަ މީހުންނަށް އެހީ ބޭނުންވާކަން. އެއީ އުފަންވާއިރު ހުންނަ އިޙްސާސްތަކަށް ވިޔަސް އަދި ޙަޔާތުގެ ވަކި ހިސާބަކުން އުފެދުނު އިޙްސާސްތަކަށް ވިޔަސް އެ ޢަމަލުތަކުގައި އުޅުމަކީ އެމީހުންނަށް ގެއްލުން ހުރި ކަންތައް. އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ޤަބޫލުކުރަނީ އެ ގެއްލުންހުރި ފާޙިޝް ޢަމަލުތަކުން އެމީހުން ދުރުކޮށްދިނުމަށް. ޓްރާންސްޖެންޑާރގެ ސަބަބުން ހިތާމަކުރަނީ ކިތައް މީހުންކަން އަޅުގަނޑުމެންނަށް މިހާރު ދިރާސާތަކުން އެނގޭނެ. އަނބުރާ އޭނަ ހުރި ގޮތަށް ދިޔުމަށް ބޭނުންވަނީ ކިތައް މީހުންކަން އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަނީ މި ކަހަލަ ޙާލަތްތަކުން އަޅުގަނޑުމެން ސަލާމަތް…..” އަނުމްއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ކުއްލިއަކަށް މުޅި ތަނަށް އަނދިރިކަމެއް ވެރިވެގެންދިޔައެވެ. ކަރަންޓު ދިޔައީކަން އެނގި ގިނަ ބަޔަކުން އެމީހުންގެ ފްލޭޝްލައިޓްތައް ޖައްސަން ފެށުމުން އަނުމްވެސް ޕޯޑިއަމްގެ މަތީގައި ބޭއްވިފައި އޮތް އޭނަގެ ފޯނު ނަގަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ކޮންމެވެސް ފިރިހެނަކު ފަހަތުން އައިސް އޭނަގެ އަނގައިގައި އަތް އަޅައި އޭނައަށް ތަދުވާވަރަށް ގައިގައި ހިފަހައްޓާލަމުން އުފުއްލާލިއެވެ. އަދި އޭނަ އަޑު ލައްވަން މަސައްކަތް ކުރަމުން ދަނިކޮށް އޭނަ ސްޓޭޖަށްވުރެ ތިރި ތަނަކަށް ގެންގޮސް އެތާނގެ ބިންމައްޗަށް އޭނަ ވައްޓާލިއެވެ. ވީތަދާއެކީ އަނުމްއަށް ރޮވެން ފެށި ވަގުތު އެމީހަކު ވައިރެއް ކަހަލަ އެއްޗަކުން އަނުމްގެ ދެއަތް ބަނދެލިއެވެ. އެއަށްފަހު އޮޅާލެވިފައިވި ފޮތިކޮޅެއް އަނުމްގެ އަނގައިގެ ތެރެއަށް ކޮއްޕައި ބޮލުގެ ފަހަތުން އެ ފޮތިކޮޅު އައްސާލިއެވެ. އެހާވަރުން ވެސް އަނުމްގެ ރުއިމުގެ އަޑު ނުހުއްޓުމުން ކޮންމެވެސް ސްޕްރޭއެއް ޖަހާލެވުނު އަޑާއެކީ ޕެޕާރ ސްޕްރޭގެ ވަސް އަނުމްގެ ނޭފަތުގައި ޖެހި އިސާހިތަކު ކެއްސަން ފެށިއެވެ. އިރުކޮޅެއް ނުވަނީސް އޭނަގެ ލޮލުންވެސް ދިލަ ނަގައި ނޭވާ ކުރުވާން ފެށި ވަގުތު އެމީހަކު އޭނަ އެ ލީ ތަނަކުން ނިކުމެ ދޮރު ލައްޕާލިކަން އަނުމްއަށް އެނގުނެވެ. އޭނަގެ ކުރިމަތިން ކަހަލަ ގޮތަކަށް މައުވާ ޕޯޑިއަމަށް އަރައި އެއްޗެކޭ ބުނަން ފެށި އަޑު އިވުނު ގޮތުން އޭނައަށް އޮވެވުނީ ބެކްސްޓޭޖުގައިކަން އަނުމްއަށް އެނގުންވިއެވެ.

 

ފާއިޤްއަށް ސައިކަލުގައި ހޮޓެލްއާއި ހަމައަށް ދެވުނީ އެ ވަގުތެވެ. ސައިކަލު ޕާކްކުރަން ވެސް ޚިޔާލުނުކޮށް އެތާ މެދުގައި އޭތި ބަހައްޓާފައި ފާއިޤް ސައިކަލުން ފޭބީ ހޮޓެލުން ނިކުންނަމުން ދިޔަ ބައެއް މީހުން ކަރަންޓު ދިޔައީ ކީއްވެތޯ އަހަމުން ދިޔަ ގޮތުންނެވެ. ފާއިޤް ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ހޮޓެލަށް ވަންނަން ދިމާކުރި ވަގުތު މައުވާއާއި ދިމާވިއެވެ.

 

“އަނހަ އަނހަ! މިއޮތް އައީ ކޮންކުއްޖެއް؟ މިކުއްޖާ އަންނާނެ ޚަބަރު އަހަރުމެންނަށް ލިބިފައޭ އޮތީ…” މައުވާ ފާއިޤްގެ ކޮނޑުގައި ހިފައި ދަމާލަމުން އޭނަގެ ކުރިމައްޗަށް ގެނެސް ބުނެލިއެވެ.

 

“މަ ނުއުޅެން ވާހަކަ ދައްކާ ހިތުންނެއް. އެނގޭ އަނުމްއަށް ކަމެއްކޮށްގެންކަން ކަލޭމެން ތިއުޅެނީ. އަނުމްއަށް ގޮތެއްވިޔައެއް ނުދޭނަން އަހަންނެއް!” ފާއިޤް ސާބިތުކަމާއެކީ އެހެން ބުނެ ދާން އުޅުމުން މައުވާ އަނެއްކާވެސް އޭނަގެ ކޮނޑުގައި އަތް އަޅައި ދަމާލިއެވެ. އެއާއެކު ފާއިޤް އައި ރުޅީގައި އޭނަގެ ކޮނޑުގައި އޮތް މައުވާގެ އަތް ނަގައި ބާރަށް ފޮޅުވާލަމުން ދާން ހިނގައިގަތެވެ. ފާއިޤްގެ އެ ޙަރަކާތުން އަތަށްވި ތަދާއެކީ މައުވާގެ ރުޅިވެސް ހޫނުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފޯނު ނަގައި ފުލުހުންނަށް ގުޅާލީ ފުލުހުން ހަމަ ޔަޤީނުންވެސް އޭނައަށް އެއްބާރުލުން ދޭނެކަމަށް ހީކުރަމުންނެވެ. އެމީހުންނަށް މިހާތަނަށް އެހީވަމުން ދިޔަ މަތީ މަޤާމުގައި ހުރި ފަރާތް އެމީހުންނާއި ދުރުވީ ވާހަކައެއް އޭނަގެ މަންމަ އޭނައާއި ޙިއްސާ ކޮށްފައި ނެތުމުންނެވެ.

 

ހޮޓެލަށް ވަދެވުމާއެކު ފާއިޤް އަޑުގެ ކޮޅަށް އަނުމްގެ ނަމުން ގޮވަމުން ފްލޭޝްލައިޓްގެ އެހީގައި ހިނގަމުން ދިޔައެވެ. އަދި ފެންނަމުން ދިޔަހާ ދޮރެއްގައި ތަޅައި ހުޅުވޭ ދޮރުތައް ހުޅުވައި ބަލަމުން ދިޔައެވެ. އެ ހުރިހާ މާލަމްތަކުގެ ތެރެއިން މީހުން ތިބި މާލަމުގެ ތެރެއިން ވެސް އޭނަ އަނުމްގެ ނަމުން ބާރަށް ގޮވިއެވެ. އެހެނަސް އެ ހުރިހާ އެންމެންގެ ތެރެއިން ވެސް އަނުމްގެ އަޑެއް ނުއިވުމުން އަނުމް ހުރީ އެތާނގައި ނޫންހެން ހީވި ފާއިޤް އެތަނުން ނިކުމެ އެހެން ތަންތަން ބަލަން ފެށިއެވެ.

 

އޭގެ މާ ގިނައިރެއްނުވެ ހޮޓެލްގެ ކަރަންޓު އައި ވަގުތަކީ ފުލުހުންގެ ކާރުތަކުގެ އަޑުވެސް އެ ހިސާބުގައި ގުގުމާލި ވަގުތެވެ. އެ ކާރުތައް އަންނަމުން ދިޔަ މަންޒަރު މައުވާއަށް ފެނުނެއްކަމަކު އޭނަ ކިބުރުވެރިކަމާއެކީ އެތެރެއަށް ހިނގައިގަތީ އެތެރޭގައި ހުރި ފާއިޤް ފުލުހުންނަށް ދައްކައި އެންމެން ކުރިމަތީގައި ޝަކުވާ ހުށަހެޅުމަށެވެ. އޭނައަށް ނޭނގުނުކަމަކީ ފުލުހުން އެ އައީ އޭނައަށްވުރެ ކުރިން އެތާ ތެރޭގައި ހިނގާކަމެއް ޝަކުވާ ހުށަހެޅި ބައެއް އެދުމަށްކަމެވެ.

 

މައުވާ އޭނަގެ ކިބުރުވެރި ޚިޔާލުތަކާއެކީ ގޮސް ހޯލަށްވަދެ އޭނަގެ މަންމައާއި މޭގަން ތިބި މޭޒުގެ ކައިރިއަށް މަޑުކޮށްލި ވަގުތަކީ ފުލުހުންގެ ބަޔަކު އެ މާލަމުގެ ދޮރުމައްޗަށް އެރި ވަގުތެވެ.

 

“އައިޝަތު މައުވާ މަޒީދު އަދި މަހީރާ އާދަމް. އަޅުގަނޑުމެން މިއައީ ތި ދެބޭކަނބަލުންނާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ތި ދެބޭކަނބަލުން ހައްޔަރުކުރަން.” ފުލުހުންގެ ތެރެއިން އެންމެ އިސްކޮށް ހުރި މީހާ އަންގާލިއެވެ. އެއާއެކު މަހީރާއަށް ކޮޅަށް ތެދުވެލެވުނެވެ.

 

“ކީކޭ؟! ކޮން ޙައްޤަކާ ލައިގެން އަހަރުމެން ހައްޔަރު ކުރަން ތިއުޅެނީ؟!” މަހީރާ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.

 

“މިފަދަ ޖަލްސާތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް. އަދި މި ނޫނަސް މަހީރާ އާދަމް މިނިސްޓްރީ އޮފް އެފެއާޒްގެ ތެރެއިން ހިންގާފައި ހުރި ކޮރަޕްޝަންގެ ޢަމަލުތައް އެތަނުގެ މުވައްޒަފަކު ވަނީ ރިޕޯޓުކޮށްފަ. އައިޝަތު މައުވާ މަޒީދު މި ހައްޔަރު ކުރެވެނީ އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލުތައް ފަތުރަން މަސައްކަތް ކުރި ކަމަށްޓަކައި. އަދި މަރިޔަމް މަލާކް ނަމަކަށް ކިޔާ އަންހެން ކުއްޖަކަށް އަނިޔާކުރަން އުޅުނު މައްސަލައަކާއި ގުޅިގެން.” ފުލުސް މީހާ ތަފްޞީލުކޮށް ކިޔައިދިނެވެ. އެހިނދު މަހީރާއާއި މައުވާ ދެލޯ ބޮޑުވެ ކުރާނެ ކަމެއް ނޭނގި ބުނާނެ އެއްޗެއް ނޭނގި ތިއްބާ ފުލުހުންގެ ފަހަތުން އައި އަޔާޒްއާއި މަލާކްވެސް އެތަނުގެ ތެރެއަށް ވަނެވެ. ފުލުސް މީހާގެ ވާހަކަ ނިމުމާއެކުހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މަހީރާ އާދަމްގެ ކުށްތަކަކީ ހަމައެކަނި އެއެއްނޫން. މީގެ އަހަރުތަކެއް ކުރިން އަންހެނެއްގެ ބޮލުގަ ކައިވެނިން ބޭރުން ގުޅުމެއް ހިންގިކަމުގެ އިލްޒާމު އެޅުވުން ވެސް އެބައޮތް. ޢާއިލާއެއްގެ މަންމައަކަށް ބިރުދައްކައި އެ މަންމަ އެ ޢާއިލާއާއި ދުރުކުރުވި މައްސަލަވެސް އެބައޮތް. މީހަކު ލައްވާ މަރިޔަމް މަލާކްގެ އެމްއާރްއައި ރިޕޯޓް ބަދަލުކުރި މައްސަލަވެސް އެބައޮތް. އައިޝަތު މައުވާ މަޒީދު މީހަކު ލައްވާ އަހަންނަށް މަސްތުވާ އެއްޗެއް ދިން މައްސަލަވެސް އެބައޮތް. މި މައްސަލަތައް ތަޙުޤީޤު ކުރުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.” އަޔާޒް މަހީރާމެންނަށް ބަލަން ހުރެ ބުނެލިއެވެ. އެހިނދު މަހީރާއާއި މައުވާއަށް ވެސް ތިބެވުނީ ދަތްކުނޑި ވިކަވިކައެވެ.

 

އޭރުވެސް އަނުމްއަށް ގޮވަމުން ހޮޓެލްގެ ތެރެއިން ހިނގަމުން ދިޔަ ފާއިޤްއަށް އެންމެ ފަހު ހުޅުވާލެވުނު ދޮރާއެކީ އޭނައަށް ކުކުރުމެއްގެ އަޑުއިވުނެވެ. ތަނުގެ ގޮތުން އެއީ ކޮންމެވެސް މާލަމެއްގެ ބެކްސްޓޭޖްކަން އޭނައަށް އެނގުނެވެ. ކުކުރުމުގެ އަޑު އަހަމުން އަނުމްގެ ނަމުން ގޮވަމުން ހިނގާފައި ދަނިކޮށް އެތާ ކަނަކަށް ކުރުގެޅިފައި އޮތް އަނުމް ފެނިފައި ފާއިޤްގެ ހިތަށް ތަދުވިއެވެ. އޭނަ އޭގެ ފަހުން އަނުމްގެ ނަމުން ގޮވާލި ވަގުތު ލޮލަށް ކަރުނަތައް ޖަމާވީ އޭނަގެ ހިތާއި ގާތް މީހަކު އަނެއްކާވެސް އޭނައާއި ވަކިވެދާނެކަމުގެ ބިރުވެރިކަމާއި ހިތާމައާއި އެކިގައެވެ. ވީ ދެރައާއެކީ ފާއިޤް ވަގުތުން ގޮސް އަނުމްގެ އަތް މޮހެލަދީ އަނގައިގައި ބަނދެވިފައި ހުރި ފޮތިކޮޅު ނަގައި އަނުމްގެ ގައިގައި ބައްދާލީ ހުރިހާ ގެއްލުމަކުން އަނުމް ފޮރުވަން ބޭނުންވި ފަދައަކުންނެވެ. އެވަގުތު އަނުމްއަށް ވެސް ކުރު ނޭވާތަކެއްލަމުން ފާއިޤްގެ ގައިގައި ހިފަހައްޓާލެވުނެވެ.

 

“ކަލެއަށް ކެރުނީ ކިހިނެއް ތިކަހަލަ ވާހަކައެއް ހިފައިގެން އަހަރުމެން ހައްޔަރުކުރަން އަންނަން؟ ޕޮލިސް ކޮމިޝަނަރަށް ގުޅަންވީތަ؟!” މަހީރާ ރުޅިވެރިކަމާއެކީ އެހެން ބުނެލީ ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި އެމީހުންނަށް ބިރު ދައްކާލުމުގެ ނިޔަތުގައެވެ. ހަމަ އެވަގުތު ބޭރުން އަންނަމުން ދިޔަ މީހަކު އެ މާލަމާއި ކައިރިވާން ފެށިފެށިހެން ފުލުހުންގެ ނަޒަރު އެ ދިމާލަށް އަމާޒުވެ އެމީހުން އެ އަންނަމުން ދިޔަ މީހަކާއި ކުރިމަތިލައި ކުރުނީސް ސަލާމްކުރިއެވެ. އެ ހިނދު އެންމެންނަށް އެކުއެކީގައި ބޭރަށް ބަލާލެވުނު ވަގުތު މާލަމަށް ވަދެގެން އައީ ބޮޑީގާޑުންނާއެކީ އައި ރައީސް ސަލީމް ނޫން ދެވަނަ މީހެއްނޫނެވެ. ސަލީމް ފެނުމާއެކު އެތާތިބި އެންމެން އެކުއެކީގައި ކޮޅަށް ތެދުވިއެވެ.

 

“މި ހޮޓެލްގަ މިފަދަ ކަމެއް ހިނގާކަން އެނގިގެން އަޅުގަނޑު އަމިއްލައަށް މިތަނުގެ ޙާލަތު ދެނެގަންނަން ބޭނުންވީމަ މިއައީ…” ސަލީމް ބުނެލިއެވެ. އޭނަގެ އަޑު ބެކްސްޓޭޖުގައި ހުރި ފާއިޤްއަށް އިވުނު ވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ބޭރުން އިވެމުން ދިޔަ އަޑުތަކަށް ދެވުނެވެ.

 

“ރައީސް ނިކަން ބައްލަވާ! އަޅުގަނޑުމެން އަޅުގަނޑުމެންގެ ޚިޔާލުތައް ފާޅުކުރަން ޙަފްލާއެއް ބޭއްވީމަ އަޅުގަނޑުމެން ހައްޔަރުކުރެވެން މިއުޅެނީ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މުޅިން ޚިލާފުކަމެއް ނޫންތޯ؟” މަހީރާ ދެރަވާކަމަށް ހެދެމުން ވާހަކަ ދެއްކީ ސަލީމް ފަހަކަށް އައިސް އޭނަގެ ކަންތަކަށް ފަރުވާ ކުޑަ ކުރިޔަސް އޭނައަށް މި ޙާލަތުގައި އެހީވާނެ ކަމަށް އުއްމީދު ކުރަމުންނެވެ. އެހެނަސް….

 

“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭ ޤާނޫނު އޮންނާނީ ވަކި ހައްދުތަކާއި އެކީ. އިސްލާމް ދީނާއި ދެކޮޅުވާ ޚިޔާލުތައް ކުރިއެރުވުމަކީ ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް.” ސަލީމް އަންގާލިއެވެ. އެ އަޑު ބެކްސްޓޭޖުގައި ހުރި ފާއިޤްއަށް އިވުނު ވަގުތު އޭނަގެ ދެބުމަ ކައިރިވީ ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. ހަމަ އެވަގުތު މައުވާ ‘އެކަމަކު’ އޭ ކިޔައި އެއްޗެކޭ ބުނަން އުޅުނު ތަނާހެން މަހީރާ ހަޑި ހުތުރު ބަހުން ސަލީމާއި މުޚާތަބުކޮށް ކަލެއަށް ތިވެގެން އުޅެނީ ކިހިނެއްތޯ ސުވާލުކުރިއެވެ. މަހީރާ އެގޮތަށް ވާހަކަ ދައްކައިގެން ވެސް އެކުރެވުނީ ކުށެއްކަން ސަލީމް ފާހަގަކޮށް އެމީހުން ހިފައި ހައްޔަރުކުރުމަށް ސަލީމް ވެސް ފުލުހުންނަށް އެންގިއެވެ. ފުލުހުން އެމީހުން ގާތަށް އަންނަން ފެށުމުން ގޮތް ހުސްވި މައުވާ ރޮވިފައިހުރެ ކަހަލަ ގޮތަކަށް މަލާކް ކައިރިއަށް ގޮސް މަލާކްގެ ކުރިމައްޗަށް ތިރިވިއެވެ.

 

“މަލާކް! މަލާކް ނިކަން ބަލާބަލަ މަލާކްގެ ދައްތައަށް މިދިމާވާ ގޮތް. މި ދައްތަގެ ދިފާޢުގަ އެއްޗެކޭ ނުބުނާނަންތަ؟ ބަލާބަލަ މި އަޔާޒް ދައްތައާ ދޭތެރޭ ހަދާގޮތް. އެނގޭތަ؟ މަލާކްގެ ކޮޓަރީގަ ހުއްޓެއްނު ކެމެރާއެއް؟ އޭގެ އެހީގަ އަޔާޒް އުޅުނީ މަލާކްގެ ބޭނުން ހިފައިގެން ދިރާސާއެއް ހަދަން. އެހެންވެއޭ އޭނަ މަލާކްއަށް ފަރުވާ ކުރަން ފެށީވެސް. އޭނަ މަލާކްއާ އިނީވެސް ހަމައެކަނި އެކަމަށްޓަކައި. މިއީ އެއްގޮތަކަށް ވެސް ރަނގަޅު މީހެއްނޫން މަލާކް….ބަލާބަލަ ދައްތައަށް ވެސް މީނަ ހަދަން އުޅޭ ގޮތް…” މައުވާ އޭނަގެ ސިކުނޑި ސަކަރާތްވެގެން އުޅޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. މައުވާ ކެމެރާއާއި ގުޅިގެން ހަދާލި ވާހަކަ އިވިފައި މަލާކަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ.

 

“އޮހް! މަލާކްއާ މަލާކްގެ ފިރިމީހާއާއި ދެމެދު ތިކަހަލަ ޝައްކެއް އުފައްދަން ބެހެއްޓި ކެމެރާއެއްދޯ އެއީ؟ އެކަމަކު ވަރަށް ދެރަ. މަލާކް އެއަށްވުރެ ބޮޑަށް އަޔާޒްއަށް އިތުބާރުކުރަން. އަދި އަޔާޒް މިވަގުތު އެ އަޅާ ފިޔަވަޅަކީ ވެސް ރަނގަޅު ފިޔަވަޅެއް ކަމަށް ދެކެން. އުއްމީދަކީ މަލާކްގެ ތި ދައްތައަށް އަދަބެއް ލިބިގެންވިޔަސް ހެޔޮ ވިސްނުން ލިބުން އިން ޝާ ﷲ!” މަލާކް ބުނެލިއެވެ. އޭނަ އެހެން ބުނިތާ މާ ގިނައިރެއްނުވެ ފުލުހުން އައިސް މައުވާވެސް ތެދުކުރުވައިގެން ގަދަކަމުން ގެންދަން ފެށިއެވެ. އެ ވެގެން ދިޔައީ މައުވާއާއި މަހީރާގެ ރޭވުންތަކުގެ ނިމުމަށެވެ.

 

**3 އަހަރު ފަސް**

 

ހަވީރު 4 ޖެހި ވަގުތު ފާއިޤް ނިކުމެގެން އައީ ރާއްޖޭގެ މަޝްހޫރު ޗެނަލެއްގެ ސްޓޭޝަނުންނެވެ. ސްޓޭޝަނުން ނިކުންނަމުން އޭނައަށް އެ ޢިމާރާތާއި ދިމާލަށް ބަލާލެވުނީ ހިނިތުންވުމަކާއި އެކީގައެވެ. އެ ސްޓޭޝަންގައި އޭނަ މަސައްކަތް ކުރަމުން ދަނީ އެސިސްޓެންޓް އައިޓީ ޓެކްނީޝަނެއްގެ ގޮތުގައެވެ. އޭނައަށް އެ ވަޒީފާ ލިބުނީ ސްކޫލް ނިމުމުގެ ވެސް ކުރިން އޭނަ ވަޒީފާއެއް ނުލިބިގެން ޝަކުވާ ކުރުމުން އެ ސްޓޭޝަންގައި މަސައްކަތްކުރާ ބައްޕަގެ ރައްޓެއްސަކާއި ބައްޕަ ވާހަކަ ދެއްކުމުންނެވެ. ކޮންމެހެން ވެސް ފާއިޤް ވަޒީފާއެއް ހޯދަން ބޭނުންވީ އެރޭ އަނުމް ހޮސްޕިޓަލަށް ގެންދެވުމުން ވެސް އޭނަ އަނުމްގެ ޙާލު ބަލަން ދިޔުމުން، އަޔާޒް ސަމާސާއަކަށް އޭނަގާތު ތިއީ އަނުމްއާ އިންނަން ބޭނުންވާ ކުއްޖެއްތޯ އެހުމުންނެވެ. އަދި އެ ވާހަކަތަކުގެ ތެރެއިން އަނުމްއާ އިންނަން ބޭނުންވާނަމަ ރަނގަޅު ވަޒީފާއެއްގަ ހުންނަންވާނެ ވާހަކަ ބުނުމުންނެވެ.

 

ބައްޕަގެ އެހީގައި ވަޒީފާ ލިބުނަސް އެ މަސައްކަތް ދަސްވަންދެން ފާއިޤް މުސާރަ ހޯދަން އިންކާރު ކުރިއެވެ. އެހެނަސް އައިޓީގެ މަސައްކަތް ދަސްކުރަން އޭނައަށް މާ ގިނަ މަސްތަކެއް ނުނެގިއެވެ. އައިޓީއަކީ އޭނަ ޝައުޤުވެރިވާ ފަދަ ދާއިރާއަކަށްވެފައި އެތަނުގެ އައިޓީ އެންމެ މަތީ މީހަކަށް ހުންނަ އައްޒާމަކީ އޭނައަށް ބޭބެއެއް ފަދަ މީހަކަށްވާތީވެއެވެ. އައްޒާމްގެ އެހީގައި ނުހަނު އަވަހަށް ފާއިޤް އެ ދާއިރާއިން ކުރި އަރައި އައްޒާމް ނުހުންނަ ވަގުތުތަކުގައި ޖެހޭ މައްސަލަތައް ވެސް އޭނައަށް ޙައްލުކުރެވެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ސްކޫލް ނިމުމާއެކުހެން އެ ކުންފުނިން ވަޒީފާ ލިބުނެވެ. އެ ވަޒީފާގައި އޭނަ ގިނަ ވަގުތު ހޭދަ ކުރަނީ އައްޒާމާއި އައްޒާމްގެ ޅިޔަނެއް ކަމަށްވާ އެ ޗެނަލްގެ ސީނިއާރ ޖާރނަލިސްޓް މިރްޒާންބެއާއި އެކީގައެވެ. އެދެމީހުންނާއެކީ އުޅުމުން ފާއިޤްގެ އުޅުމަށް ވެސް ރަނގަޅު ބަދަލުތަކެއް އައިކަން އޭނައަށް ފާހަގަވިއެވެ.

 

އެދުވަހުވެސް ފާއިޤް ނިކުމެގެން ގޮސް ކާރަށް އަރަން އުޅުނު ވަގުތު އައްޒާމް ސްޓޭޝަން ތެރެއިން ނިކުންނަމުން ‘އޭ ފާއިޤް’ އޭ ކިޔައި ގޮވާލިއެވެ. ފާއިޤް އޭނަގެ ކާރު ކައިރީގައި ހުރެ އެދިމާލަށް ބަލާލިއެވެ.

 

“ދިގު ޗުއްޓީއެއް ނަގައިގެން ގޮސް ހަނީމޫން ހަދަންދޯ ތިދަނީ؟ ހެޕީ ހޮލިޑޭސް!” އައްޒާމްވެސް އެދުވަހުގެ ޑިއުޓީ ނިންމުމަށްފަހު ނިކުންނަމުން ބުނެލިއެވެ. އައްޒާމް ބުނެލި ވާހަކައަށް ‘ތޭންކްސް’ އޭ ބުނެ ހީލަމުން ފާއިޤް ކާރަށް އެރިއެވެ.

 

އަނުމްއާއި އޭނަގެ ކައިވެނި ކުރެވިގެން ދިޔައީ މީގެ މަސްތަކެއް ކުރިންނެވެ. ވަޒީފާ ލިބުމަށްފަހު ވެސް ދުވަސްކޮޅެއް ވަންދެން އަނުމް ކައިރިން ކައިވެންޏަށް ނުއެދި ފާއިޤް ހުރެވުނީ ލަދުންނެވެ. އެހެނަސް އެންމެ ފަހުން އޭނަ ހިތްވަރުކުރަމުން އެއްދުވަހު އަނުމްގެ ތިއްތިއާއި ބައްދަލުކުރިއެވެ. އަދި ތިއްތިއާއި އެކީގައި އަނުމްއާއި ވެސް ބައްދަލުކުރިއެވެ. އަނުމް އެންމެ ފުރަތަމަ އާނއެކޭ ނުބުނެ އޭނަގެ މާޒީގައި ކަމެއް ހިނގާފައިވާ ކަމަށް ބުނެ ޖެހިލުންވުމަކާއެކީ އިނެވެ. އަނުމް ބުނަން އުޅުނީ ކޮން ވާހަކައެއްކަން ދަނެގެން ފާއިޤް ވަގުތުން ތިމަންނައަށް އެނގެއޭ ބުނެލިއެވެ. އަދި އެކަމަކީ އޭނަ އަނުމްއާއި ދުރުވާނެ ސަބަބެއް ނޫންކަމަށް ބުނެލިއެވެ. އެއީ އެ މާޒީއަކީ އަނުމްގެ ކުށެއްނޫންކަމަށް ބުނަމުންނެވެ. އޭނަގެ އެ ބަސްތަކާއެކީ އަނުމްއަށް ރޮވުނު ގޮތް އޭނަ އަދަށްދާންދެން ވެސް ހަނދާން އެބަ ހުއްޓެވެ. އެދުވަސްފަހުން އޭނަ އަނުމްއާއި ގުޅި އުޅެމުން ދަނީ އަނުމްއަށް މިލްކުކުރެވިފައިވި އެޕާޓްމެންޓެއްގައެވެ. އަނުމްވެސް އިތުރަށް ކިޔަވަން ފެށީ މާލެއިން ކަމަށްވުމުން ދެމީހުން އުޅެނީ އެކުއެކީގައެވެ. ފާއިޤްގެ ބައްޕަވެސް އޭނަގެ ކައިވެނީގެ ޚަބަރުވެފައި އުފާވިއެވެ. މަހީރާމެން ހައްޔަރު ކުރި ފަހުން ލަމްޔާގެ ކަންތައްވެސް ބަޔަކު ލައްވައި ފަޅާއެރުވީ ބައްޕައެވެ. އަދި އެ ބައްޕަވެސް ވަނީ ބައްޕަގެ ކުށްތަކަށް އިޢުތިރާފުވެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ދުރުވެފައެވެ. ކުށްތަކަށް އިޢުތިރާފުވުމުގެ ސަބަބުން ބައްޕައަށް ލިބުނު ޙުކުމް ތަންކޮޅެއް ލުއިވިއެވެ. 6 އަހަރަށް ޖަލަށްލުމަށް ބައްޕަ ޙުކުމް ކުރެވުނު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ފާއިޤް އެ ބައްޕައާއި ބައްދަލުކުރަން ދެއެވެ. ބައްޕަ އިޞްލާޙުވުމަށް މަސައްކަތް ކުރާކަން އެނގިގެންނެވެ. އަދި ބައްޕަ އިޞްލާޙުވާން ފިޔަވަޅެއް އެޅީ އޭނަގެ ލޯބި ލިބޭތޯކަން ދަނެގެންނެވެ. ފާއިޤް އޭނައަށް ވީ ވަރަކުން އޭނަ ބައްޕަދެކެ ލޯބިވާކަން އަންގައިދެވޭތޯ ބަލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައްޕަގެ އުޅުމަށްވެސް ބޮޑެތި ބަދަލުތައް އަންނަން ފެށިކަން އޭނައަށް ފާހަގަވިއެވެ. ބައްޕަ ނަމާދުކުރާ ގޮތުންނާއި ޤުރުއާން ކިޔަވާ ގޮތުން ކަނޑައެޅިފައި އޮތްވަރަށްވުރެ އަވަހަށް ބައްޕަ ޖަލުން ނެރެވިދާނެކަމަށް ވެސް ފުލުހުންގެ ބައެއް މީހުން ފަރާތުން އޭނައަށް އިވެމުން ދިޔައެވެ. އެކަމާމެދު ފާއިޤްގެ ހިތަށް އިތުރު އުފަލެއް ލިބުނެވެ.

 

ފާއިޤްގެ ކާރު ގޮސް އެމީހުން އުޅޭ ޢިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ދިގު ހެދުމަކާއި ޝޯލްއެއް އަޅައިގެން ހުރި އަނުމް އެންމެ މަތީގައި ހުރި ބެލްކަނިން ތިރި ބަލަހައްޓައިގެން ހުއްޓެވެ. ފާއިޤް ކާރުގެ ކުޑަދޮރު ތިރިކޮށްލަމުން ބޯދިއްކޮށް މައްޗަށް ބަލައި ތިރިއަށް އައުމަށް ހަނާއަޅާލިއެވެ. އެއާއެކު އަނުމް އުޖާލާވި ހިނިތުންވުމަކާއެކީ ބެލްކަނީއިން ކޮޓަރިއަށް ދިޔައެވެ. އިރުކޮޅެއްގެ ތެރޭގައި އަނުމް އެ ޢިމާރާތުން ނިކުމެގެން އައިސް ކާރަށް އަރައި ދޮރު ލައްޕާލިއެވެ.

 

“ކީއްކުރަން ކޮންމެ ދުވަހަކު ބެލްކަނީގަ ހުންނަނީ އަހަރެން އަންނައިރު؟ ބުރުޖަހަންދާ ދުވަސްދުވަހު ތިރީގަ ހުންނަނަމަ އަވަސްވާނެއެއްނޫންތަ ޖޫލިއެޓް؟!” ފާއިޤް ޒާތެއްގެ ނަޒަރެއް ދެމުން ބުނެލިއެވެ.

 

“ހޫނ…..ކޮންމެހެން ޖޫލިއެޓް ކުޅޭކަށް ނޫނޭ އެހެން ހުންނަނީ. ބެލްކަނީގަ އެގޮތަށް ހުރީމަ ހަނދާނަށް އަންނަނީ އަހަންނަށް ވަރަށް ދެރަވެފަ ހުރި ފިރިހެން ކުއްޖަކު މަގުމަތިން ފެނުނު ދުވަސް. އެދުވަހު އޭނައާމެދު ކަންބޮޑުވީ ވަރުން އެކި މީހުންނަށް ގުޅައިގެން އޭނަގެ ގެ ކައިރީގަ އުޅޭ އަންހެން ކުއްޖަކަށް ގުޅީ އޭނަގެ ޙާލު ބަލާލަންވެގެން. ވަރަށް ދެރަވި އެދުވަހު އޭނަގެ ކައިރީގަ ނުހުރެވުނީތީ. އަދި ފަހުން ދުވަހަކު ހަމަ އެކުއްޖާ ގުޅާފަ އަހަންނަށް ކިޔައިދިނީ އެ ކުއްޖާ އަހަންނަށް ކިހާވަރަކަށް ބަލާކަން. އަހަންނާއިމެދު ނޭދެވޭ ގޮތަށް ވާހަކަ ދައްކައި ފޮޓޯ ނަގަން އުޅޭ ފިރިހެން ކުއްޖަކު ވެސް ތަޅާ ވައްޓާލާކަން. އެދުވަހު އަސްލު އެނގުނީ އަހަރެން އޭނަދެކެ ލޯބިވާކަން….” އަނުމް ކިޔައިދިނެވެ.

 

“އެހެންތަ؟ އެހެންވީމަ މިއިން އެނގެނީ އަނުމްއަށްޓަކައި މީހަކު ތަޅައި ވައްޓާލާ މީހެއްދެކެ އަނުމްއަށް ލޯބިވެވިދާނެއޭދޯ؟” ފާއިޤް އަނުމްއަށް ނަޒަރުތަކެއްދެމުން ރާގަކަށް ބުނެލިއެވެ.

 

“ނޫނޭ….އަހަރެން މި ބުނާ ފިރިހެން ކުއްޖާއަކީ ވަރަށް ސްޕެޝަލް ކުއްޖެއް. އޭނަ އަހަރެން އަހަރެންގެ ގޮތުގަ ޤަބޫލުކުރި. އެހެން އެއްވެސް މީހަކު އަހަރެން ޤަބޫލުނުކުރާނެ ފަދަ ޙާލަތެއްގަވެސް. އަދި އޭނަ ވަރަށް ރަނގަޅުވެސް ވާނެ. އަހަންނަށް ނަމާދުކުރަންށާއި ޤުރުއާން ކިޔަވަން ހަނދާންކޮށްދޭނެ…….” އަނުމް އެހެން ބުނުމުން ފާއިޤް އެހެންހޭ ބުނުމުން އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އަނުމް ކުއްލި ގޮތަކަށް ‘އައި ލަވް ޔޫ’ އޭ ބުނެލުމުން ފާއިޤްއަށް އޮޅުމަކުން ބުރަކިވެސް ޖައްސާލެވުނެވެ. އެއާއެކު އަނުމްއަށް ހީލެވުނެއްކަމަކު ފާއިޤްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްވެގެން އުޅޭ ފަދަ އަސަރެކެވެ. ދެމީހުން ކައިވެނިކޮށްގެން ދުވަސްކޮޅެއްވިޔަސް އެފަދަ ބަސްތަކެއް އަނުމް އެ ބުނެލީ ފުރަތަމަ ފަހަރަށެވެ. ހަމަ މިއާއެކު އޭނައަށް ވެސް އަނުމް ކަމުދާކަން އަނުމްއަށް އެނގުނެއްކަމަކު އޭނައަށް ވެސް އެ ބަސްތައް ބުނެވިފައި ނުވާކަން ފާއިޤްއަށް އެނގުންވިއެވެ. އަނުމް އެހެން ބުނުމުން އަނުމް އޭގެ ޖަވާބެއް ބޭނުންވާނެއޭ ހިތައި ފާއިޤް ވެސް ހިމޭނުން އިނދެފައި ކުއްލި ގޮތަކަށް ‘އައި ލަވް ޔޫ ޓޫ’ އޭ ބުނެލިއެވެ. އެއަށްފަހު އޭގެ ދެވަނަ ސިކުންތުގައި އަވަސްއަވަހަށް އަނުމްގެ ކޯތާފަތަށް ބޮސްދިނެވެ. އެއާއެކު ދެމީހުން ހިނދުކޮޅެއް ވަންދެން ހުއްޓުން އަރާފައި ތިބެފައި ދެމީހުންނަށް އެކުއެކީގައި ހެވެން ފެށިއެވެ. އެވަގުތު އެމީހުން ދުއްވަމުން ދިޔަ ކާރު ސިނަމާލެ ބްރިޖަށް އަރައި ހުޅުމާލެއަށްދާން މިޞްރާބުޖެހީއެވެ.

 

**

 

ރަޝިޔާއަށް ބަހާރު މޫސުމުގެ ހަވީރެއްގައި ދެފަރާތުން މާ ގަސްތައް ފަޅާފައިވި މަގެއް ފުރިފައިވީ ޖެހެމުން ދިޔަ ވައިރޯޅިތަކާއެކީ އުދުހެމުން ދިޔަ ހުދާއި ފިޔާތޮށި ކުލައިގެ މަލުގެ ފިޔަތަކުންނެވެ. އެ ހިތްގައިމު މާޙައުލުގެ އެކި ތަންތަނުން ލޯބިވެރިން ފެންނަމުން ދިޔައެވެ. އެ ލޯބިވެރިންގެ ތެރެއިން އެންމެ ތަފާތު ގޮތަކަށް ފެންނަމުން ދިޔައީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ފިރިހެނަކާއި އޭނައާއި އަތުގުޅުވައިގެން ކޮރުޖަހަމުން ކަހަލަ ގޮތަކަށް ހިނގަމުން ދިޔަ ބުރުގާ އަޅައި ދިގު ހެދުން ލައިގެން ހުރި އަންހެނެކެވެ. އެއީ އަޔާޒާއި މަލާކް ނޫން ދެވަނަ ބައެއްނޫނެވެ. ދެމީހުން އެކީގައި ވާހަކަ ދައްކަމުން ހިނގާފައި ދިޔައިރު ދެމީހުން މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިނިތުންވުންތަކެވެ. މާޙައުލުގެ ރީތިކަމުން މަލާކްގެ ހިތް އުފާވެފައިވީއިރު އަޔާޒްގެ ހިތް އުފަލުން ފުރިފައިވީ އެންމެ ފަހުން މަލާކާއެކީ މި މަގުން ހިނގުމުގެ ހުވަފެން ފުރިހަމަވުމުންނެވެ. މި ވޭތުވެ ދިޔަ އަހަރުތަކުގައި ކަސްރަތުތަކާއެކީ މަލާކަށް އައި ކުރިއެރުމާއެކީ މަލާކަށް ކޮޅަށް ހުރެވޭނެ ގޮތަށް ވަނީ ފައިގެ ކުޑަ ސާރޖަރީއެއްވެސް ހެދިފައެވެ. މަލާކަށް ކޮޅަށް ހުރެވެން ފެށީ އެ ސާރޖަރީއަށްފަހުވެސް މަސްތަކެއް ވަންދެން ކަސްރަތުތަކެއް ހެދުމަށްފަހުއެވެ. އަދި ކުރީކޮޅު އަމިއްލަ ފައިމައްޗަށް ތެދުވީ ފައިގައި ލެއްވޭ ދަގަނޑު ޕްލާސްޓަރެއްހެން ހުންނަ މޯބިލިޓީ ސަޕޯޓްގެ އެހީގައެވެ. އެ ސަޕޯޓްއާއި އެކީވެސް އަމިއްލައަށް ހިނގައިގަންނަން މަލާކަށް ދުވަސްކޮޅެއް ނެގިއެވެ. އެހެނަސް މިއަދު މަލާކަށް މުޅިންހެން ފަޔަށް އެ ސަޕޯޓް ލައްވައިގެން އަމިއްލައަށް ހިނގެއެވެ. ކުރީކޮޅު ރޭގަނޑު ވާއިރަށް އޭނަ ފައި ވަރުބަލި ވެގެން އިށީންނަން ޖެހުނެއްކަމަކު ފަހަކަށް އައިސް އެހެންވެސް ނުވެއެވެ. އަޔާޒްގެ އުއްމީދަކީ މަލާކަށް އެ ސަޕޯޓާއި ނުލާވެސް ހިނގޭނެ ދުވަހެއް އައުމެވެ. އެހެނަސް މަލާކަށް މިހާތަނަށް އައިއިރުވެސް އައިސްފައިވި ކުރި އެރުމާމެދު އޭނަ ޙަމްދުކުރެއެވެ.

 

އަޔާޒް މަލާކާއެކީ ހިނގަމުން ގޮސް އެންމެ ފަހުން އެތާނގައި ހުރި ވަކަރު ބެންޗެއްގައި މަލާކާއި އެކީ އިށީނެވެ. އިށީނުމަށްފަހު ވެސް އިރުކޮޅެއްވަންދެން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ބަލަން އިނދެއިނދެފައި އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ހާދަ ދުވަހެއް ގޮއްސިއޭދޯ އަހަރުމެންނަށް ނޭނގި ތިއްބާ. މިއީ އަހަރުމެންގެ މެރިއޭޖަށް 3 އަހަރު ފުރޭ އަހަރު.” އަޔާޒް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

 

“އާނދޯ؟ މަލާކްވެސް ހަނދާން އެބަވޭ މަލާކް އެންމެ ފުރަތަމަ އަޔާޒްއާ ބައްދަލުކުރަން އައި ދުވަސް. ތިމަންނަ މިއީ ޓޮޕް އެޗީވާރއެކޭ ކިޔާފަ ފޮނިވީ ގޮތް……” މަލާކް ހެވިފައިހުރެ އަޔާޒަށް ބަލާލަމުން ބުނެލިއެވެ. މަލާކް އެހެން ބުނެލުމުން އަޔާޒްވެސް އެދުވަސް ހަނދާންކުރަމުން ހީލިއެވެ.

 

“ހެހެ…..ކީއްކުރަން ދެއްކި ފޮންޏެއް އެއީ؟ މިއަދު ތިއީ ވެސް ގްރެޖުއޭޓްވެގެން ހުރި ޓޮޕް އެޗީވާރއެއްނު؟ އަދި އަމުދުން އަހަރެން ބުނިހެން މާރކެޓިންގް މެނޭޖާރގެ އެވޯޑެއް ވެސް ލިބިފަ ތިހިރީ……އަދި ކީއްކުރަން؟ ދުވަސްކޮޅަކުން ރައީސުލްޖުމްހޫރިއްޔާގެ ހިތްވަރުދިނުމުގެ އިނާމުވެސް ލިބޭނެ ރާއްޖެތެރޭގެ ރަށްތަކުގެ ޙާލަތު އެކި ޕްރޮޑަކްޓްތަކުގެ މާރކެޓިންގްގަ ތި ދައްކުވައިދޭގޮތުން. މަލާކް ތިއީ ހަމަ ގެއްލިފަ ހުރި ތަރިއެއް…..މަލާކް ކަމަކަށް ޢަޒުމް ކަނޑައަޅައިފިއްޔާ އެކަމެއް ކުރާނެ. ވަން ތިންގް އައި ލަވް އެބައުޓް ޔޫ.” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކް ހިނިތުންވުމެއް ދައްކާލިއެވެ.

 

“ހުމް ދެން ތިހާވަރަށް ވައި ނުޖެހިޔަސް ހެޔޮ. ދެން އެހެންނޫނަސް އެހާ ގިނަ މަސައްކަތެއް ކުރަން މަލާކް ޚިޔާލެއް ނުކުރަން. ކޮންމެވެސް އެހެންކަމެއްގެ އިންތިޒާރު ދެން އޮތީ.” މަލާކް އެހެން ބުނެލީ ހިނިތުންވުމަކާއެކީ އޭނަގެ ބަނޑުގައި އަތް އަޅާލަމުން އަޔާޒަށް ބަލާލަމުންނެވެ. އެއާއެކު އަޔާޒްގެ ހިނިތުންވުންވެސް ފުންވެގެން ދިޔައެވެ. އެހެނަސް އިރުކޮޅަކުން މަލާކް އޭނައާއި ނަޒަރު ވަކިކޮށްލަމުން އިސްޖަހާލިއެވެ.

 

“އަޔާޒް…..މަލާކް ބިރު އެބަގަނޭ ކުޑަކޮށް. ހިތަށްއަރަނީ މަލާކަށް މި ޙާލުގަ މިކަން ކުރެވޭނެބާއޭ….” މަލާކް އެއްދިމާލަށް ބަލަން އިނދެ ބުނެލިއެވެ.

 

“ކުރެވޭނެ މަލާކް، އިން ޝާ ﷲ! މަލާކަށް ނުކުރެވޭނެހެން ހީވި ކިތައް ކަމެއް މަލާކް މިހާތަނަށް ޙާޞިލުކޮށްފިންތަ؟ އެހެންވީމަ ވާނެ އިން ޝާ ﷲ. އެހެންނޫނަސް އަހަރެން ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަބަދުވެސް ހުންނާނަން މަލާކްގެ ކައިރީގަ. މަލާކްއަށް އެހީވެ މަލާކްއަށް ލޯބިދޭން. މިއީ އަހަރެން މުޅި ޢުމުރު ދުވަހަށްޓަކައިވާ ވަޢުދެއް.” އަޔާޒް އެހެން ބުނެ ބެންޗުމަތީގައި ބޭއްވިފައި އޮތް މަލާކްގެ އަތްމަތީގައި އަތް ބާއްވައި މަލާކްގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލިއެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެމީހުންގެ ދެމެދުގައިވި ލޯބި އިޙްސާސްކުރެވުނެވެ.

 

**ނިމުނީ**

The post Vaudhu (Last Part) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-last-part/feed/ 0 1658
Vaudhu (Part 45) https://blog.storiesbyjana.com/vaudhu-part-45/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-45 https://blog.storiesbyjana.com/vaudhu-part-45/#respond Mon, 03 May 2021 06:12:35 +0000 https://blog.storiesbyjana.com/vaudhu-part-44-copy/

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ މަސްޢޫދު ކޮންމެ ވާހަކައެއް ބުންޏަސް. ވަރަށް ބޮޑަށް މަޢާފަށް އެދެން މަސްޢޫދަށް އިންކާރު ކުރަން ޖެހުނީތީ…” ސާރިޔާ އެހެން ބުނެ އެ މޭޒުދޮށުން ތެދުވެ ދާން އުޅުނު ވަގުތު މަސްޢޫދުވެސް ތެދުވެލަމުން އޭނަގެ ނަމުން ގޮވާލިއެވެ. އެހިނދު އެ ދެމީހުންވެސް ހުއްޓުން އެރީ ސައި ކޮޓަރީގެ ދޮރުމަތީގައި ހުރި މަޒީދު ފެނުމުންނެވެ. މަޒީދު އެހެން ހުރެހުރެފައި ސާރިޔާއާއި ހިނިތުންވެލުމުން ސާރިޔާއަށްވެސް ޖެހިލުންވުމަކާއެކީ ހިނިތުންވުމެއް ދައްކާލެވުނެވެ. އެއާއެކު އޭނަގެ ޙަޔާތުގައި އެ ފެށިގެން […]

The post Vaudhu (Part 45) appeared first on Stories by Jana.

]]>

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ މަސްޢޫދު ކޮންމެ ވާހަކައެއް ބުންޏަސް. ވަރަށް ބޮޑަށް މަޢާފަށް އެދެން މަސްޢޫދަށް އިންކާރު ކުރަން ޖެހުނީތީ…” ސާރިޔާ އެހެން ބުނެ އެ މޭޒުދޮށުން ތެދުވެ ދާން އުޅުނު ވަގުތު މަސްޢޫދުވެސް ތެދުވެލަމުން އޭނަގެ ނަމުން ގޮވާލިއެވެ. އެހިނދު އެ ދެމީހުންވެސް ހުއްޓުން އެރީ ސައި ކޮޓަރީގެ ދޮރުމަތީގައި ހުރި މަޒީދު ފެނުމުންނެވެ. މަޒީދު އެހެން ހުރެހުރެފައި ސާރިޔާއާއި ހިނިތުންވެލުމުން ސާރިޔާއަށްވެސް ޖެހިލުންވުމަކާއެކީ ހިނިތުންވުމެއް ދައްކާލެވުނެވެ. އެއާއެކު އޭނަގެ ޙަޔާތުގައި އެ ފެށިގެން ދިޔައީ އޭނަގެ ޙަޔާތުގެ އެންމެ އަނދިރި ބާބުކަން ސާރިޔާއަށް ރޭކާވެސްނުލައެވެ.

 

ސާރިޔާއަށް މަޒީދު ކަމުދާ ކަމުގެ ޔަޤީންކަމާއެކީ އޭނަ މަޒީދާއި އިންނަން ނިންމީ އިސްތިޚާރާވެސް ކުރުމެއްނެތިއެވެ. އިސްތިޚާރާ ކުރިޔަސް އޭނަ އިންނަން ބޭނުންވާނީ މަޒީދާއި ކަމަށް ޤަބޫލުކުރެވުނީތީވެއެވެ. ބޭނުންވާ ކޮންމެ ކަމަކުން އުފަލެއް ނުލިބިދާނެކަން ސާރިޔާއަށް އޭރު ދޭހައެއް ނުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ދެދުވަހެއްހާ ދުވަސްފަހުން ސާރިޔާއާއި މަޒީދުގެ ކައިވެނި ކޯޓުގައި ކުރެވިގެން ދިޔައެވެ. މަޒީދު ބުނި ގޮތުގައި މަހީރާ މި ކައިވެންޏާއި ޤަބޫލު ވިޔަސް ކައިވެނި ކުރެވުނު ވާހަކަ ގިނަ މީހުންނަށް އަންގަން އުޅުމުން މަހީރާ ދެރަވާނެއެވެ. ދެމީހުންގެ ކައިވެނި ކުރެވުނު ވާހަކަ އޮފީސް ތެރޭގައިވެސް ނުދައްކަން މަޒީދު ސާރިޔާގާތު ބުނެލީ އެ ވާހަކަތައް ބުނެފައެވެ. އޭރު އަމިއްލަ އެދުންތަކުން ފޯވެފައިވި މަޒީދުގެ މަކަރުވެރިކަން ދެނެގަތުމުގައި ސާރިޔާ ނާކާމިޔާބުވިއެވެ. މަޒީދުގެ ބަސްތަކަށް ހެއްލި އެމީހުންގެ ކައިވެނީގެ ވާހަކަ ސިއްރުކޮށްގެން އުޅުނެވެ. އެ ވާހަކަ ސިއްރު ނުކުރެވުނީ އެންމެ މީހަކަށެވެ. އޭނައާއިމެދު ފިކުރު ބޮޑުވަމުން ދިޔަ މަސްޢޫދަށެވެ.

 

“މަޒީދު އަހަންނާމެދު ބަހައްޓާ ގާތްކަމާމެދު ސުވާލު އުފެއްދުމުގެ ޙައްޤެއް މިހާރު މަސްޢޫދަކަށް ނޯންނާނެ! އެއީ އަހަރެންގެ ފިރިމީހާ!” އެއްދުވަހު އޭނައާއެކީ އޮފީހުގެ ޢިމާރާތުން ނިކުންނަމުން މަސްޢޫދު ތަކުރާރުކޮށް މަޒީދު ސާރިޔާއާއި ގާތްވާ ގޮތާއިމެދު ސުވާލުތައް އުފައްދަން ފެށުމުން ސާރިޔާއަށް ބުނެލެވުނެވެ. ސާރިޔާ އެ ފަހު ބަސްތައް ބުނެލީ ސާބިތުކަމާއެކީ ކަމަށްވިޔަސް ފަހު ބަސް ބުނެލިއިރު އޭނަގެ އަޑު މަޑުވިއެވެ.

 

“ފިރިމީހާއޭ؟!” މަސްޢޫދު ފިޔަވަޅުތައް މަޑުޖައްސައި ތަންކޮޅެއް ހަރުއަޑުން އެހެން ބުނެލުމުން ސާރިޔާއަށް ފިޔަވަޅުތައް މަޑުޖައްސައި ނުރުހުންތެރިކަމާއެކީ މަސްޢޫދާއި ކުރިމަތިލެވުނެވެ.

 

“އާނ…..ފިރިމީހާ! ތިހާ ބާރަށް ތިހެން ނުބުންޏަސް ވާނެދޯ؟” ސާރިޔާއަށް ވަށައި ހޯދަމުން ބުނެލެވުނެވެ.

 

“ކިހިނެއްވީ ބާރަށް ބުނީމަ؟ މިއީ ސިއްރުކުރަންވީ ވާހަކައަކީތަ؟” މަސްޢޫދު ސުވާލުކުރިއެވެ.

 

“އާނ…..މަޒީދު ބުނީ އަދި މިވަގުތުގެ މަސްލަޙަތަށް ސިއްރުކުރުމޭ ރަނގަޅުވާނީ…” ސާރިޔާ މަސްޢޫދާއި ހަތަރުކަޅި ހަމަކުރުމެއްނެތި ބުނެލިއެވެ. އެއާއެކު މަސްޢޫދަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ.

 

“މަސްލަޙަތޭ؟ ކައިވެންޏެއްގެ ވާހަކަ ސިއްރުކޮށްގެން އޭނަ ހޯދަން އުޅެނީ ކޮންކަހަލަ މަސްލަޙަތެއްބާއޭ އަހަރެންގެ ހިތަށްއަރަނީ….ޙައިރާން އެބަވޭ ސާރިޔާ އެ ބަސްތަކަށް ހެއްލިގެން އުޅޭތީވެސް. އަހަރެން އަދިވެސް މި ބުނަނީ ސާރިޔާ! އެ ދަޅަތަކަށް ނުހެއްލި ހޭއަރާ. މާ ލަސްނުވަނީ ތި މަޅިން ސަލާމަތްވާންވީ ސާރިޔާ. ސާރިޔާއަށް ރަނގަޅަކަށް އަހަ….” މަސްޢޫދުގެ ވާހަކަ ފުރިހަމަ ނުވަނީސް ސާރިޔާ ވާހަކަ ދެއްކިއެވެ.

 

“މިހާރު ތިއުޅެނީ އަހަރެން މަސްޢޫދު ޚިޔާރު ނުކުރި ކަމުގެ ރުޅި ބާލަންދޯ؟ ފަހު ފަހަރަށް އަހަރެން ބުނެލާނަން މަސްޢޫދު. މަސްޢޫދު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެންގެ ޚިޔާލެއް ބަދަލެއް ނުވާނެ!” ސާރިޔާ ހަރުކަށި ގޮތަކަށް އޭނަގެ ފަހުގެ އެންގުން އަންގާލިއެވެ. އެއަށްފަހު މަސްޢޫދަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެ ހިނދު މަސްޢޫދު ފުން ނޭވައެއް ދޫކޮށްލަމުން ސާރިޔާއަށްޓަކައި ހުއްޓުމެއްނެތި ކަންބޮޑުވަމުން ދިޔަ ހިތަކާއެކީ ސާރިޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. މަސްޢޫދުގެ އިޙްސާސްތައް ސާރިޔާއަށް ދޭހަ ނުކުރެވުނެއްކަމަކު އެވަގުތު އޮފީސް ޢިމާރާތުގެ ކައިރީގައި މަޑުކޮށްގެން ހުރި މަޒީދަށް ވެސް އެ އިޙްސާސްތަކުގެ ފުންކަން ދޭހަ ކުރެވުނެވެ. އެހެނަސް އޭނަ އެކަމާމެދު އަޅާނުލީ ސާރިޔާ އޭނަ ޚިޔާރުކުރީތީ ލިބުނު ކާމިޔާބީގެ އިޙްސާސާއި އެކީގައެވެ. އަދި ސާރިޔާ ކަހަލަ ރަނގަޅު އަންހެނަކު އޭނައަށް ލިބުނުކަމުގެ އުފަލާއި އެކީގައިވެސްމެއެވެ.

 

މަޒީދާއި ސާރިޔާގެ ޒަވާޖީ ޙަޔާތުގެ ކުރީކޮޅު އެ އުފާވެރިކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނެވެ. ކައިވެންޏަށްފަހު ސާރިޔާ އުޅެން ފެށީވެސް މަޒީދުގެ ނަންމަތީގައިވާ ޢިމާރާތްތަކުގެ ތެރެއިން ޢިމާރާތެއްގެ އެޕާޓްމެންޓެއްގައެވެ. މަޒީދު ކޮންމެ ދުވަހަކުހެން ސާރިޔާއާއި ބައްދަލުކުރަން އާދެއެވެ. މަޒީދު ސާރިޔާއާއެކީ ވަގުތު ހޭދަކުރަމުން ދިޔައީ އޭނަގެ އެހެން ޢާއިލާއެއް އޮތްކަން ހަނދާން ނައްތާލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަހީރާ ގޭގައި ހުންނަ ވަގުތު ސާރިޔާގެ ކައިރިއަށް ދިޔުމަށްޓަކައި މަހީރާ ގާތު ދޮގު ހެދޭ ދުވަސްތައް ވެސް ގިނަވާން ފެށިއެވެ. އަދި އަމުދުން މަހީރާ އޭނަ ކުރަމުން ދިޔަ އާ މަސައްކަތާއި ގުޅިގެން ބޭރު ޤައުމަކަށް ދުވަސްކޮޅަކަށް ދާން ޖެހުމުން މަޒީދު ސާރިޔާ ހުންނަ ގޭގައި ހުންނަ ވަގުތު މަހީރާ ގުޅުމުން ވެސް މަހީރާއަށް ދޮގު ހަދަމުން ދިޔައެވެ. ފަހުންފަހުން އައިސް މަޒީދު އެ ހެދެނީ ގޯހެއްކަމުގައި ވެސް ނުދެކެއެވެ. އޭނަގެ ދަރިފުޅު މައުވާއަށް ވެސް އޭނަ ނުފެނި ދާ ދުވަސްތައް ގިނަވުމުން މައުވާއަށް ވެސް އޭނަ ޙަޤީޤަތް އޮޅުވާލީ ޖެހިލުންވުމެއްނެތިއެވެ. ފަހަކަށް އައިސް މައުވާ ބެލުމަށްޓަކައި ވަޒީފާ ދީފައި ހުންނަ އަންހެން ކުއްޖާ ގެއަށް ނުގޮސް ހުންނަން ޖެހޭ ދުވަސްތައް ގިނަވިއެވެ.

 

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދަނިކޮށް ސާރިޔާ ބަލިވެއިނެވެ. ބަލިވެއިން ޚަބަރު ލިބުމުން ސާރިޔާއާއެކީ މަޒީދުވެސް އުފާކުރީ އަލަތު ކުއްޖަކު ލިބެން އުޅޭ ފަދައަކުންނެވެ. ދެމީހުންގެ ދެމެދުގައި ލިބޭނެ ދަރިފުޅެއްގެ އުއްމީދާއި އެ ދަރިފުޅަށް ދެވޭނެ ނަމާއި އެ ދަރިފުޅަށްޓަކައި ކުރާނެ ކަންތައްތަކާއިމެދު ވެސް ވާހަކަ ދެކެވެން ފެށިއެވެ. އެހެނަސް މި ވާހަކަތައް ވެސް ދެކެވުނީ ހަމައެކަނި އެ ދެމީހުންގެ ދެމެދުގައެވެ. މަޒީދުގެ އެދުމަށް ސާރިޔާ އޭނަ ބަލިވެއިން ވާހަކަ ވެސް އޮފީހުގައި އުޅޭ އޭނަގެ އެކުވެރިންނަށް ވެސް ފޮރުވިއެވެ. އޮފީހުގައި އުޅޭ ވަގުތު ހޮޑުލެވުމާއި މޫނަށް އަނދިރިވުން ފަދަ ކަންތައް ދިމާވުމުން އޭނައަށް ކޮންމެވެސް ނުބައި އެއްޗެއް ކެވުމުގެ ބަހަނާ ދައްކަމުން ދިޔައީ މަޒީދު އެ ބުނާ ‘މަޞްލަޙަތަށް’ޓަކައެވެ. އެހެނަސް ޙަޤީޤަތުގެ ކުޑަވަރެއްގެ ހިލަމެއް ލިބިފައިވި މީހަކަށް މަސްޢޫދުވިއެވެ. މަސްޢޫދު މިފަހަރު ވެސް ސާރިޔާއާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު އޭނަ އެހެން ނެހެދީ ސާރިޔާ އޭނަގެ ވާހަކަ އަޑު ނާހާނެކަން ދަނެގެންނެވެ. އަދި ސާރިޔާ ބުނިހެން އޭނައާއި މަޒީދުގެ ގުޅުމަށް ފާޑުކިޔުމުގެ ޙައްޤެއް އޭނައަށް ލިބިގެން ނުވާކަމަށް ޤަބޫލުކުރަމުން ވެސްމެއެވެ.

 

ހުރިހާކަމެއް މަޒީދު ބޭނުންވިހެން އޮމާންކޮށް ކުރިއަށް ދަނިކޮށް ކަންތައް އެފުށްމިފުށަށް ޖެހިގެން ދިޔައީ މައްސަރެއްހާ ދުވަސްފަހުން މަހީރާ އަނބުރާ މާލެ އައުމުންނެވެ. މަހީރާ އަނބުރާ އައިސްގެން އުޅުނު ފުރަތަމަ ދުވަސްކޮޅުވެސް މަޒީދު އާދައިގެ މަތިން އޭނައާއި ސާރިޔާގެ ގުޅުން ސިއްރުކޮށްގެން އުޅުނެވެ. އޮފީސް ތެރެއިން ސާރިޔާ ފެނިފައި ސާރިޔާއަށް ބަދަލެއް އައިކަން ފާހަގަވެ މަހީރާއަށް ވެސް ނިންމުމެއް ނިންމުނެއްކަމަކު ސާރިޔާއަކީ ނުބައި އަންހެނެއްކަމަށް އޭނައަށް ހީކުރެވިފައި ނުވުމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމުނެވެ. އެހެނަސް އެ ސިއްރު މަހީރާއަށް ފަޅާއެރީ މަޒީދު ސާރިޔާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ދުވަހެއްގައެވެ. އެދުވަހު ބަލިވެ އުޅުނު މައުވާ ގޮވައިގެން މަހީރާ ހޮސްޕިޓަލަށްދާން ނިންމާފައިވި ކަމެއް މަޒީދު ނުދެނެހުއްޓެވެ. 5 އަހަރުގެ މައުވާއާއި އެކީ ރިސެޕްޝަން ދޮށުގައި ހުރި މަހީރާއަށް މަޒީދާއި ސާރިޔާ އެކީގައި ހެމުން ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނިފައި އޭނަ ހުއްޓުންއަރާ ގޮތްވިއެވެ. މަޒީދު އަތުން ފެނުނު ފޯމުން ހުރި ކަމެއް ދޭހަކުރެވުމާއެކު ހިތަށްވެރިވި ޖަޒުބާތުތަކަށް ކެތް ނުކުރެވުމުން މަހީރާއަށް އަޑުގެ ކޮޅަށް ހަޅޭއްލެވުނެވެ.

 

“މަޒީދު!!!” މަހީރާގެ އެ އަޑަށް މަޒީދާއި ސާރިޔާގެ އިތުރުން ހޮސްޕިޓަލުގެ އެ ފްލޯގައި ތިބި އެހެނިހެން މީހުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވެގެން ދިޔައެވެ. މަހީރާ ހިތާމަވެރިކަމާއި ރުޅިވެރިކަން އެކުލެވޭފަދަ މޫނަކާއެކީ އެދެމީހުންނަށް ބަލަން ހުރިއިރު އޭނަ ތުރުތުރު ވެސް އެޅިއެވެ. މަޒީދާއި ސާރިޔާ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި ތިއްބާ އޭނަ މައުވާގެ އަތުގައި ހިފައިގެން ގޮސް އެމީހުންނާއި ކުރިމަތިލިއެވެ.

 

“މިއީ ކޮންކަމެއް؟!” މަހީރާ އެދެމީހުންނަށް ވަކިވަކިން ބަލަން ކުށްވެރިންނާއި ސުވާލުކުރާ ފަދައަކުން ސުވާލުކުރިއެވެ.

 

“މިއީ….މަހީރާ…ސާރިޔާ ކުޑަކޮށް ބަލިވެ އުޅޭތީ ޑޮކްޓަރަށް ގެންދާނެ މީހަކު ނެތީމަ އަހަރެން…” މަޒީދުގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ކުޑަކޮށް؟ ކުޑަކޮށް ބަލިވީމަތަ މި ފޯމު ހިފައިގެން ތިއުޅެނީ؟ މިކަހަލަ ފޯމެއް ހިފައިގެން މަޒީދު ސާރިޔާއާއެކީ ހިނގާފައި ދާންވީ ސަބަބަކާމެދު ސުވާލުކޮށްލަންތަ؟!” މަހީރާ ހަރުއަޑުން ވާހަކަ ދެއްކިއެވެ. މަޒީދު އެއަށްވެސް ރައްދެއްދޭން އުޅުނު ވަގުތު ސާރިޔާ އޭނައަށްވުރެ ކުރިން ވާހަކަ ދެއްކިއެވެ.

 

“މަހީރާއަށް ވެސް މިހާރު އެނގޭނެ އަހަންނަކީ ވެސް މަޒީދުގެ އަންބެއްކަން. މިކަން މިގޮތަށް ނުވާނެކަމަށް ހީކޮށްގެންތަ މަހީރާ މަޒީދާއި އަހަރެން އިނުމަށް ޤަބޫލުވީ؟” ސާރިޔާ ހިތުން އެ ވާހަކަ ބުނެލީ ހުރިހާ ކަމެއް ޙައްލުކުރުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ އެހެން ބުނުމާއެކު މަހީރާއަށް ލިބިގެން ދިޔަ ދެވަނަ ޝޮކާއެކީ އޭނައަށް ދެލޯ ބޮޑުވެފައިހުރެ މަޒީދަށް ބަލާލެވުނީ ޤަބޫލުކުރަންވެސް ދަތިވެފައި ހުރެއެވެ. ކަރުނުން ފުރެން ފެށި ދެލޮލާއެކީ ވެސް އެމީހުންގެ ކުރިމަތީގައި ނުރޯން މަހީރާ ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ކަރުނަތައް އޭނަގެ ލޮލުން ފޭބުމުގެ ކުރިން އޭނަ އައިސްފައިވި ރުޅިއާއެކީ އޭނަގެ ދަރިފުޅުގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތީ އެހެންވެއެވެ.

 

އެރޭ މަޒީދު ގެއަށް އައުމާއެކު މަހީރާއާއި އޭނައާއި ދެމެދު ހޫނު ޒުވާބެއް ހިނގިއެވެ. މަހީރާ އޭނަގެ ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބަންޑުންކުރިއެވެ. އޭނައަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލުމުގެ ޝަކުވާއެވެ. އޭނައަށާއި މައުވާއަށް ވެސް ދޮގު ހެދިކަމުގެ ޝަކުވާއެވެ. އޭނަ ހުއްޓާ އެހެން އަންހެނަކާމެދު ޚިޔާލުކުރިކަމުގެ ވެސް ޝަކުވާއެވެ.

 

“ހިތަށްއަރަނީ އަހަރެން ކިބައިގަ ނެތް ކޮންކަމެއްހޭ އެ ސާރިޔާ ކިބައިގަ ހުރީ؟! އޭނައަށްވުރެ ރީތިވެފަ ބޮޑު މުސާރައެއްވެސް ލިބެނީ ހަމަ އަހަންނަށޭ. އޭނައަށްވުރެ ރަނގަޅު ސިކުނޑިއެއްވެސް ހުރީ އަހަރެންގެ…..ހިތަށް އެބައަރާ އޭނަގެ ވެސް ވަރޭ. ބޭރުފުށުން މާ ޞޯލިހުވެގެން އެހެން މީހުންގެ ފިރިންގެ ފަހަތުން ދުވަން.” މަހީރާ ހަރުއަޑުން ވާހަކަ ދެއްކިއެވެ. އެހިނދު މައުވާވެސް ކޮޓަރީގެ ދޮރު ކަނީގައި ހިފަހައްޓައިގެން ސިޓިންގް ރޫމުގައި ތިބި އޭނަ މަންމައާއި ބައްޕައަށް ފެންކަޅިވެފައިވާ ދެލޮލާއެކީ ބަލަން ހުއްޓެވެ. އޭނައަށް ހިތާހިތުން މަންމަގެ ކޮޅު ނެގެމުން ދިޔައީ ވޭތުވެދިޔަ ދުވަސްތަކުގައި ބައްޕަ އޭނައާއި ދުރުވެފައިވި މިންވަރުންނެވެ. އަދި މިއަދު މަންމައަށް ރޮވުނީ ބައްޕަ ގޯހެއް ހެދުމުންކަން ޔަޤީނާއި ގާތްވުމުންނެވެ. އެވަގުތުވެސް ބައްޕަ މަންމަ ކައިރި ހުއްޓާލަން ބުނުމެއްނެތި މިއަދު ފެނުނު އަންހެން މީހާއަށްޓަކައި އަޑު އިސްކުރަމުން ދިޔަގޮތުން މައުވާގެ ހިތުގައި ބައްޕައަށްޓަކައި ނަފްރަތެއް އުފެދެން ފެށިއެވެ.

 

“މަހީރާ! ސާރިޔާއަކީ ލަދުކުޑަ އަންހެނެއްނޫން! އަހަރެން ސާރިޔާއާއި އިނީ މަހީރާއާއި ޚިލާފަށް ސާރިޔާ ތިގޮތަށް އަހަރެންގެ ކުރިމަތީގަ އަޑު ނުއުފުލާނެތީ. މަހީރާހެން ހުރިހާ އަންހެނުންނަކީ ޤަދަރު ނުކުރަން ދަންނަ ބައެއްނޫނޭ. ސާރިޔާއާއެކީ އުޅުނީމަ އަހަންނަށް އިޙްސާސްވީ ފިރިމީހާދެކެ ލޯބިވާ އަންބެއްގެ ފަރާތުން ލިބޭނެ އޯގާތެރިކަން!” މަޒީދު ހަރުއަޑުން ހިތުން އެހެން ބުނެލީ މަހީރާ އިޞްލާޙުވާނެކަމަށެވެ. އެހެނަސް އޭރު އޭނައަށް ނޭނގުނު ކަމަކީ އެއިން މަހީރާގެ ހިތަށް ލިބިފައިވި ޒަޚަމްތައް ގޯސްވުން ނޫންކަމެއް ނުވާނެކަމެވެ. މަޒީދު އޭނައާއި ސާރިޔާ އަޅާ ކިޔާލި ގޮތުންވީ ދެރައިގައި މަހީރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހެނަސް ރުޅީގެ އަލިފާނެއްގެ ރޯވަމުން ދިޔަ އޭނަގެ ކިބުރުވެރި ހިތް ގޮވަން ފެށީ އޭނައަކީ މީހެއްގެ ކުރިމަތީގައި ބަލިކަށިވާނެ މީހެއް ނޫންކަމަށެވެ. އޭނައަކީ ކޮންމެހެން ވެސް އޭނަ ބޭނުންވާ ގޮތް ލިބިގަންނަ މީހެއްކަމަށެވެ. ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ އޭނަގެ އެ ސިކުނޑި ރާވަން ފެށީ އޭނަ ދުވަހަކުވެސް ނުރާވާ ޒާތުގެ ރޭވުންތަކެވެ. ސާރިޔާއަށް ބަދަލު ހިފައި މަޒީދަށް އޭނަގެ ގޮތް އޭނައަށް ދެއްކިދާނެކަމަށް ހިތް ބުނެލި ވަގުތު މަހީރާއަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އެހިނދު ޙައިރާންކަމެއް ލިބިގެން ދިޔަ މަޒީދަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅެއްފަހުން މަހީރާ މަޒީދަށް ސީރިއަސްކަން އެކުލެވިގެންވި ސާބިތު ނަޒަރެއް ދެމުން ވާހަކަ ދެއްކިއެވެ.

 

“ހީނުކުރާތި މަ މަޒީދުގެ ކުރިމަތީގަ ރޯނެކަމަށް…..މަށަކީ މަހީރާ! މަހީރާ އެއްވެސް މީހެއްގެ ކުރިމަތީގަ ކުޑަކަކުލެއް ނުޖަހާނެ! މަޒީދު ހަދާނީ އަހަރެން ބުނާގޮތަށް! މިއަދުން މިއަދަށް މަޒީދު ސާރިޔާ ވަރިނުކުރިއްޔާ މަށަށްވުރެ ނުބައި މީހެއް ނުހުންނާނެ!” މަހީރާ ރުޅިވެރިކަމުން ފުރިފައިވި ހިތަކާއެކީ ހަރުއަޑުން އަންގާލިއެވެ. އޭނަ އެ ބުނި ބުނުމާއެކީ އޭނަގެ ކޮޅު ނަގަމުން ދިޔަ މައުވާގެ ހިތުގައި ވެސް އެފަދަ އިޙްސާސްތަކެއް އުފެދެން ފެށިއެވެ. މަންމަ އެ ހަދަނީ ރަނގަޅަށްކަމަށް ޤަބޫލުކުރެވެން ފެށިއެވެ. މިފަހަރު މަހީރާ ބުނެލި ބަސްތަކަށް މަޒީދު އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ވަކި ބޭރުގެ ޖަމުޢިއްޔާއަކާ ގުޅުނީމަ އަހަންނާ ކުޅެވޭނެ ކަމަށްތަ މަހީރާ ތި ހީކުރަނީ؟ ތިހެން ހީވާ ކަމަށްވަންޏާ ތިއީ ވަރަށް ބޮޑު ކުށްހީއެއް. ތި ބޭކާރު ވާހަކަ ނުދައްކާ އަހަރެން މަހީރާ ވަރި ނުކުރާ ކަމަށްޓަކައި ޝުކުރު ކޮށްގެން ހުރިއްޔާ ރަނގަޅުވާނީ!” މަޒީދު އެހެން ބުނެ މަހީރާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް މަހީރާ ބުނެލި ވާހަކައިން މަޒީދުގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

“އަހަރެން ސަލީމްގެ ޕާޓީއަށް ސޮއިކޮށްފިން.” މަހީރާ އަންގާލިއެވެ. އެއާއެކު މަޒީދަށް ހީވީ އޭނަގެ މުޅި ދުނިޔެ ހުއްޓުމަކަށް އައީހެންނެވެ. ސަލީމަކީ އޭރު މުޅި ރާއްޖޭގައިވެސް ހުރި އެންމެ ބާރުގަދަ ސިޔާސީ ލީޑަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނަ ހޮވޭނެކަމުގެ ވަރަށް ބޮޑު ފުރުޞަތެއް އޮތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ސަލީމް އަދި ރައީސްކަމަށް ހޮވިފައި ނުވާއިރު ވެސް އޭނަ ސުވާލު އުފެދޭ އެކި ގޮތްގޮތުން ހޯދާފައިވާ މުއްސަނދިކަމުގެ ސަބަބުން އޭނައަކީ ބާރުގަދަ ޝަޚްޞިއްޔަތެކެވެ. އަދި އެ މުއްސަނދިކަމުގެ ބޭނުން ހިފައި އޭނައަށް ފުލުހުންނަށާއި ޝަރުޢީ ދާއިރާއަށް ވެސް ބާރު ފޯރުވެއެވެ. އަދި އަމުދުން އޭނަ ފަންޑުކޮށްގެން ގެންގުޅޭ ގޭންގުތަކުގެ ސަބަބުން އޭނައާއި ދެކޮޅުވާން ޚިޔާލުކުރާ މީހަކުވެސް ޖެހިލުންވާނެއެވެ. ސަލީމްގެ އެންމެ ޢިޝާރާތަކުން ވެސް އެމީހެއްގެ ނިމުން އައިސްދާނެތީވެއެވެ.

 

މަހީރާ އެފަދަ ނުރައްކާތެރި މީހަކާއި ގުޅުމުން މަޒީދުވެސް ޖެހިލުންވާ ގޮތްވީ އެހެންވެއެވެ. ސަލީމް ފަދައިން މަހީރާއަކީ ވެސް އޭނަ ރުޅި އަންނަ މީހަކަށް އެ ރުޅި ބާލަން ކޮންމެ ފަދަ ދަރަޖައަކަށް ވެސް ގޮސްދާނެ މީހެއްކަން މަޒީދަށް އެނގޭތީވެއެވެ. ސާރިޔާއަށްޓަކައި ކަންބޮޑުވި ހިތަކާއެކީ މަޒީދު ފަސްއެނބުރި މަހީރާއަށް ބަލައި އެއްޗެކޭ ބުނަން އުޅުނު ވަގުތު މަހީރާ ވާހަކަ ދެއްކިއެވެ.

 

“ސާރިޔާ ވަރިކުރަން އަހަރެން މަޒީދަށް ދޭނީ އެންމެ ދުވަހެއްގެ މުއްދަތެއް. އޭނަ ވަރިކޮށްފަ އެންމެންނަށް އަންގާ އޭނަގެ ބަނޑުގަ އެއޮތީ ތިމަންނަގެ ދަރިއެއްނޫނޭ! މިހެން ހެދީމަ ނޫނީ މަގޭ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ!” މަހީރާ އަންގާލިއެވެ.

 

“އެހެން ނެހެދިއްޔާ ކީއްކުރާނީ ކަލޭ؟ އަހަރެން މަރާލާނީ؟” މަޒީދު މަހީރާގެ ކައިރިއަށް ޖެހިލަމުން ސުވާލުކުރިއެވެ.

 

“އުނހު! އަހަރެން ކަލެއަށް ކިތަންމެ ރުޅިއަޔަސް މައުވާގެ ބައްޕަ އަހަރެން މަރާނުލާނަން. މެރިއްޔާ މަރާނީ އެ ސާރިޔާއާއި އޭނަގެ ބަނޑުގަ އޮތް ދަރިފުޅު!” މަހީރާ ރުޅިން ރަތްވެފައިވި ދެލޮލާއެކީ ބުނެލި ވާހަކައިން މަޒީދުގެ ހިތް ރޫރޫ އަޅައިގެން ދިޔައެވެ. އޭނަ ހުރިގޮތަށް ބަލަހައްޓައިގެން ހުއްޓާ މަހީރާ އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

އެދުވަހުގެ އެވަގުތުން ފެށިގެން ވެސް ސާރިޔާގެ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތް ފެށިއެވެ. އޭނައާއި ސާރިޔާގެ ކައިވެނީގެ ވާހަކަ މަހީރާއަށް ފޮރުވިކަން އެނގުނު ދުވަހަށްފަހު ސާރިޔާވެސް ހުންނަނީ މަޒީދަށް ނުރުހުންވެފައެވެ. އެތައް ފަހަރެއްގެ މަތިން އޭނަ ވަރިކުރުމަށްވެސް މަޒީދުގާތު އެދެވުނެވެ. އެހެނަސް މަޒީދު އިންކާރު ކުރަމުން ދިޔަ ގޮތުން ސާރިޔާއަށް މަޒީދުގެ ގައިގައި އޮޅުލައިގަނެވެނީ އޭނަގެ ދަރިފުޅާއިމެދު ވެސް ވިސްނަމުންނެވެ. އޭނަގެ ދަރިފުޅު ބައްޕައަކާއި ނުލައި ބޮޑުކުރަން އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވާތީވެއެވެ. މަޒީދު މަހީރާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީ މަޒީދަށް ނުރުހުންވިޔަސް މަޒީދާއެކީ ހުންނަން ނިންމުނީ ހަމައެކަނި ދަރިފުޅަށްޓަކައެވެ.

 

މަޒީދު ވަކިގޮތެއް ނިންމުމަށް މަހީރާ ދިން އެއްދުވަސް ފާއިތުވެގެން ދިޔައީ މަޒީދުގެ ހިތް ބިރުވެރިކަމުން ވަށާލަމުންނެވެ. އޭނަ ސާރިޔާ އުޅޭ ޢިމާރާތުގެ ސެކިއުރިޓީ ވަރުގަދަކޮށް ސާރިޔާގާތު އެކަނި ބޭރަށް ނުދިޔުމަށް ބުނަމުން ދިޔައީ މަހީރާގެ ރޭވުން ސާރިޔާއަށް ފޮރުވަމުންނެވެ. އޭނަ ހިތުން އެކަންތައް ކުރަމުން ދިޔައީ އޭނައަށް މަހީރާ ބުނާ ގޮތަށް ހެދުމެއްނެތި ރެކޭނެ ކަމަށް ނިންމައިގެންނެވެ. އެހެނަސް މަހީރާގެ ޙަމަލާއެއް ސާރިޔާއަށް އަމާޒުވެގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ. އެއްދުވަހު އޭނަ އޮފީހުން ލަހުން ނިމޭތީ އޭނަ ސާރިޔާ ގެއަށް ފޮނުވުމަށްޓަކައި އޭނަ ދަންނަ ޓެކްސީއަކަށްލިއެވެ. އެހެނަސް މަޒީދަށް ނޭނގުނުކަމަކީ އެ ޓެކްސީގައި ހުރީ ސަލީމް ގެންގުޅޭ ގޭންގެއްގެ މީހެއްކަމެވެ. އެ މީހާ ސާރިޔާއާއެކީ ބާރަށް ދުއްވާފައި ގޮސް ފަހަތުގައި އިން ސާރިޔާއަށް އަނިޔާވާނެ ފަދައަކުން ކާރުގެ ފަހަތު ބައި ހޮޅި ދަނޑިއެއްގައި ޖެއްސިއެވެ. އެކްސިޑެންޓުގެ ވާހަކަ އިވުމާއެކު މަޒީދު ބިރުގެންފައިވި ހިތަކާއެކީ ސާރިޔާ ބަލަން ހޮސްޕިޓަލަށް ދިޔައެވެ. އެދުވަހު ނަސީބު ރަނގަޅުކަމުން ސާރިޔާއަށް މާ ބޮޑު އަނިޔާތަކެއްނުވެ ސާރިޔާއާއި ދަރިފުޅުގެ ޙާލަތުވެސްވީ ރަނގަޅަށެވެ.

 

އެ ޙާދިސާއަށްފަހު ވެސް މަޒީދު ބަލި ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެ ޙާދިސާއަށްފަހު ވެސް އޭނަ އައި ރުޅި މަހީރާއަށް ބޭލުމަށްފަހު އޭނަ ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. އެހެނަސް ދެން ފެށިގެން ދިޔައީ ސާރިޔާއަށް އެކިއެކި އަނިޔާތައް ލިބުމުގެ ސިލްސިލާއެކެވެ. މަހީރާ މަޒީދުގާތު އޭނައާއެކީ ގިނަ ވަގުތު ހޭދަކޮށްފިނަމަ މި މައްސަލަތައް ޙައްލުވާނެ ކަމަށް ބުންޏެއްކަމަކު އެ ވެގެން ދިޔައީ ދައްކާލެވުނު ދަޅައަކަށެވެ. ސާރިޔާ އެކަނިމާއެކަނި ފައިމަގުގައި ގެއަށްދާ ދުވަސްތައް ގިނަވެގެން ދިޔަދިޔަހެން އެ މަގުމަތީގައި އޭނައާއި ބެހި އޭނަގެ ގަޔަށް އަތްލާ ފިރިހެނުންގެ ޢަދަދުވެސް ގިނަވެގެން ދިޔައެވެ. އެއްރެއަކު އޭނައަށް މަރުގެ އިންޒާރުތައް އަންނަ ފޯނު ކޯލުތައް އައިއްޔާ އަނެއްރެއަކު އޭނަ ނިދަން އޮންނަ ވަގުތު މީހަކު އައިސް އޭނަގެ ކަރުގައި ހިފާލާނެއެވެ. ސާރިޔާ މި ވާހަކަތައް މަޒީދަށް ނާންގާ ހުރީ މަޒީދަށް އަންގައިފިނަމަ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެސް އެމީހުން އޭނަގެ ހިތަށް ވައްދާފައިވީތީވެއެވެ. މަހީރާއަށް ގިނަ ވަގުތު ދޭންފެށި މަޒީދަށް މިކަންތަކާމެދު ރޭކާވެސް ލީ އެއްދުވަހެއްގެ ހެނދުނު ސާރިޔާ ވަކި ސަބަބެއް އެންގުމެއްނެތި އޮފީހަށް ނާންނަ ވާހަކަ އިވުމުންނެވެ. މަޒީދު ވަގުތުން ސާރިޔާގެ ޙާލު ބެލުމަށްޓަކައި ސާރިޔާ އުޅޭ އެޕާޓްމެންޓަށް ދިޔައެވެ. ގޮސް ބެލިއިރު ސާރިޔާ އޭނަގެ އެނދުމަތީގައި ހޭނެތިފައި އޮތްއިރު އޭނަގެ ކަރާއި ދިމާލުން ރަތްކުލައިގެ ނިޝާންތައް ފެންނަމުން ދިޔަގޮތުން މަޒީދުގެ މޭގަނޑު އަތަށްއައެވެ. މަޒީދު ވަގުތުން ސާރިޔާ ހޮސްޕިޓަލަށް ގެންދިޔައީ ސާރިޔާގެ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. ނަސީބު ރަނގަޅުކަމުން އެރޭ ސާރިޔާއަށް ޙަމަލާ ދިން މީހަކު އައީ ސާރިޔާގެ ދުވަސް ދުއްވާލާކަށް ނޫނެވެ. ހެދުނު ޓެސްޓްތަކުން ސާރިޔާއަށް ހޭނެތޭ ފަދަ މާއްދާއެއްގައި ވަސްބެލިފައިވަނީކަމަށް ޑޮކްޓަރުން ބުނުމުން އެ ވީގޮތް މަޒީދަށް ނަގައިގަނެވުނެވެ. ސާރިޔާ ހޭއެރިތަނާހެން މަޒީދު ފެނުމާއެކު ސާރިޔާ މަޒީދު ގައިގައި އޮޅުލައިގަތެވެ. އަދި އެ ހުރިހާ ދުވަހު އޭނައަށް ދިމާވިހާ ކަންތައް އެއްފަހަރާ މަޒީދަށް ކިޔައިދިނީ ކެތް ނުކުރެވުނު ހިތެއްގެ ސަބަބުންނެވެ. މަހީރާ އޭނައަށް އޮޅުވާލީކަން އެނގުންވީ ހިނދު މަޒީދު ރުޅިއައެއްކަމަކު އޭނަ ދެންވީ މަހީރާ އެދޭ ގޮތަށް ކަންތައް ކުރަންކަން އޭނައަށް އެނގުންވިއެވެ. އެހެންކަމުން މަހީރާގެ އެހެން އެދުމަކަށް ބޯ ނުލެނބިޔަސް ސާރިޔާ ވަރިކުރަން އޭނަ ނިންމީ އެހެންވެއެވެ.

 

“ސާރިޔާ….ހިނގާ ދެމީހުން ވަރިވާން.” ހަމަ އެދުވަހު ސާރިޔާ ބޭއްވިފައި އޮތް ޕްރައިވޭޓް ވޯޑުގައި އިނދެ މަޒީދަށް ބުނެލެވުނެވެ. އެއާއެކު ސާރިޔާ ހުއްޓުން އަރާފައި އޭނައަށް ބަލަހައްޓައިގެން އިނެވެ.

 

“އެ….އެއީ ކީއްވެ މަޒީދު؟ އަ…އަހަރުމެންގެ ދަރިފުޅު…އެހެން ނަހަދާ މަޒީދު!” ސާރިޔާ ކުރީކޮޅު ޙައިރާންކަމާއެކީ ވާހަކަ ދައްކަމުން ގޮސް ދަރިފުޅު މަތިން ހަނދާންވުމުން ރޮއިގަންނަމުން އެދެވުނެވެ.

 

“އެއީ ދެން ހެދެން އޮތް އެންމެ ރަނގަޅު ގޮތަކީ ސާރިޔާ….ސާރިޔާއަށް ތި ލިބެމުންދާހާ އަނިޔާއަކީ އަހަންނާއެކީ އުޅޭތީ ލިބޭ އަނިޔާތައް. މިވަގުތަށް ދެމީހުން ވަކިވުން އެންމެ ރަނގަޅުވާނީ ސާރިޔާ. އަހަރެން އަނބުރާ ސާރިޔާ ގާތަށް އަންނާނަން އަހަރުމެންގެ ދަރިފުޅު އުފަންވީމަ….” މަޒީދު ބުންޏެވެ. ސާރިޔާ އެއަށްފަހު ވެސް ރޮއިރޮއިފައި މަޒީދުގާތު އެތައް އާދޭހެއްކުރިއެވެ. އެހެނަސް މަޒީދު އެވަގުތުން ވަގުތަށްވެސް ސާރިޔާ ވަރިކޮށްފައި ދިޔުމުން ސާރިޔާއަށް ގަބުވެފައި އިނދެވުނެވެ. މަޒީދު ހިތުން އެދުވަހު އެތަނުން ނިކުމެގެން ދިޔައީ ހަމަ ޙަޤީޤަތުގައި ވެސް ސާރިޔާގާތަށް އަނބުރާ ދިޔުމުގެ ނިޔަތުގައެވެ. އެހެނަސް ދެންވެސް ކަންތައްވެގެން ދިޔައީ މަޒީދު ހީވެސް ނުކުރާ ފަދައަކުންނެވެ.

 

އޭގެ އަނެއްދުވަހު މަޒީދު އޮފީހުގައި އިންދާ އޭނައާއި ބައްދަލުކުރަން މީހަކު އައެވެ. އޭނަގެ ކެބިންއަށް އެ މެހުމާނަކު ފޮނުވުމަށް ބުނިތާ މާ ގިނައިރެއްނުވެ ކެބިންގެ ތެރެއަށް ވަދެގެން އައި މީހަކު ފެނިފައި މަޒީދުގެ ދެލޯ ބޮޑުވިއެވެ. އެއީ ކޯޓު ފަޓުލޫނުގައި ޓައި އަޅައިގެން ހުރި ސަލީމް ނޫން ދެވަނަ މީހެއްނޫނެވެ. ތުނިކޮށް ކޮށާލެވިފައިވި އިސްތަށިގަނޑާއި ހަތަރެސްކަން ބައްޓަމަށްވި މޫނާއި ބިޔަ ކަސްރަތީ ހަށިގަނޑުގެ އިތުރުން ހިނގާފައި އައި ގޮތުން ހައިބަތު ހުރިކަމަށް ދައްކައެވެ. މަޒީދު ބަލަބަލާ ހުއްޓާ ސަލީމް ވަކި އިޒުނައެއްވެސް ހޯދުމެއްނެތި އައިސް އޭނަގެ ކުރިމަތީގައި ހުރި ދެ ގޮނޑިން ކުރެ ގޮނޑިއެއްގައި އިށީނދެ ގޮނޑިއަށް ލެނގިލަމުން މަޒީދަށް ބަލާލީ އެތަނުގެ ވެރިޔަކީ އޭނަހެން ހީވާ ފަދައަކުންނެވެ.

 

“ކީއްތޯ ކޮށްދޭންވީ؟” މަޒީދު ސަލީމް އޭނަ ކައިރިއަށް އަންނަންވީ ސަބަބަކާއިމެދު ވިސްނަމުން ސުވާލުކުރިއެވެ. އޭނަ ސުވާލުކުރުމާއެކު ސަލީމް ހީލިއެވެ.

 

“ރަނގަޅު…..އަހަންނާ ވާހަކަ ދައްކާއިރު ހުންނަންވާނީ މާތް ބަހެއް. މަޒީދު އެކަން ހަނދާން ނުނެތުނީތީ މަޒީދު އަހަރެންގެ ރަނގަޅު ކޮޅުގަ ބަހައްޓާނަން…..މަޒީދަށް އެނގޭނެ ކަންނޭނގެ އަހަރެން މިއައީ ކީއްވެކަން….މަހީރާގެ ކޮންމެވެސް އެދުމެއް މަޒީދު ފުރިހަމަ ކޮށްނުދޭ ވާހަކަ އިވިފަ މިއައީ…” ސަލީމް ސީރިއަސްކަމާއެކީ ރާގަކަށް ބުނެލިއެވެ. އެއާއެކު މަޒީދުގެ ބުމަގޮށްޖެހުނެވެ.

 

“މަހީރާ އަހަރެން ކައިރި ބުނީ ސާރިޔާ ވަރިކޮށްދޭށޭ. ސާރިޔާ މިހާރު އެހެރީ ވަރިކޮށްފަ.” މަޒީދު ބުނެލިއެވެ.

 

“އެހެންތަ؟ ޕިސް ޕިސް…އެކަމަކު ހަމައެކަނި އެހާވަރަކަށް ނޫންކަންނޭނގެދޯ މަހީރާ އެދުނީ؟ ސާރިޔާގެ ބަނޑުވެސް މިހާރު ބޭރުފުށުން އެނގޭވަރަށް ބޮޑު. އޮފީހުގެ ގިނަ ބަޔަކު އެބަ ބުނޭ ސާރިޔާ ނަޙަލާލުން ގުޅުމެއް ހިންގައިގެންނޭ މިހެންވީ. އެ ވާހަކަ ތެދުކޮށްލަންވީއެއްނު؟ ތެދުނުކޮށް ވެސް މަޒީދަށް ކުރެވޭނެ ކަމެއްނެތް. މިކަހަލަ ނޭދެވޭ ވާހަކައެއް މަޒީދާއި ބެހޭގޮތުން ފެތުރުނިއްޔާ މަޒީދުގެ އެއޮތް ބޮޑު ވިޔަފާރިއަށް ވެސް އަސަރުކުރާނެ. މިހާ ކުޑަކަމެއްގެ ސަބަބުން ވިޔަފާރިއަށް އަސަރުކުރީމަ ދެން ވަރަށް ދެރަދޯ؟ އަދި އެހެންނޫނަސް އަހަރެންގެ ސަރުކާރެއްގަ މަޒީދުގެ ވަޒީފާ ގެއްލުން ވެސް އެކަށީގެންވޭ. އެކަހަލަ ވާހަކައެއް މިނިސްޓްރީގަ އުޅޭ މުވައްޒަފަކާ ބެހޭގޮތުން އިވުނިއްޔާ. ހެހެ….” ސަލީމް ސީރިއަސްކަމާއެކީ ވާހަކަ ދައްކަމުން ގޮސް މަލާމާތުގެ ޒާތަށް ހީލުމުން މަޒީދުގެ ގޮށްމުއްކެވުނެވެ.

 

“މަހީރާ ކިހާވަރަކަށް ލާރި ދީގެން އޭނަ ބުނާހާ ގޮތަކަށް ތި ހަދަނީ؟” މަޒީދު ސުވާލުކުރިއެވެ.

 

“އައްދެ! މީހަކު ލާރިއެއް ދީގެން ހެއްލޭވަރަށްވުރެ އަހަރެން އަތުގަ ލާރި ގިނަ ކަންނޭނގެދޯ؟ ހެހެ….ވާ ގޮތަކީ މަހީރާއަކީ އަހަރެން ދެކޭ ގޮތުގަ އަހަރުމެންގެ ޤައުމަށް ވަރަށް މުހިއްމު މީހެއް. މަހީރާ ދީނާއި ބެހޭގޮތުން އެ ލިޔާ ލިޔުންތައް މެދުވެރިވެގެން އަހަރުމެންގެ ޤައުމަށް ބޭރުގެ ވަރަށް ގިނަ އެހީތައް ލިބޭނެ. އެހެންވީމަ އަހަރެންގެ ސަރުކާރެއްގަ މަހީރާ އެ ބޭނުންވާ ކަހަލަ ޖަމުޢިއްޔާއެއް ހަދަން އަހަރެން މަހީރާއަށް ފުރިހަމައަށް އެއްބާރުލުން ދޭން އެއްބަސްވެގެން މިހިރީ. އެކަމަކު މަހީރާއަށް ރަނގަޅަށް މަސައްކަތް ކުރެވޭނީ ވެސް އޭނަގެ ޒާތީ ޙަޔާތް ހަމައަކަށް އެޅިގެންތާދޯ؟ އެހެންވީމަ މަޒީދު ކައިރިއަށް މިއައީ. ހީކުރަން މަޒީދު މަހީރާ ބޭނުން ގޮތަކަށް ހަދާނެކަމަށް. އެހެންނޫނީ…..އަނެއްކާވެސް ސާރިޔާ ބިރުވެރި ދުވަސްތަކާއި ކުރިމަތިލާން ޖެހިދާނެ….” ސަލީމް އެހެން ބުނެލަމުން ހިނިތުންވުމެއް ދައްކާލިއެވެ. އެއަށްފަހު ގޮނޑިން ތެދުވެ އެ ގޮނޑި ހިތަށްއެރި ދިމާލަށް ފޮނުވާލުމަށްފަހު ކެބިން އިން ނިކުމެގެން ދިޔައެވެ. ސަލީމް ދިޔުމުން މަޒީދަށް ފުން ނޭވައެއް ދޫކޮށް ދެއަތް ޖޯޑުކޮށްލަމުން ނިތުގައި ޖައްސާލެވުނީ ހުރިހާކަމެއް ބޮއްސުންލައިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. އޭނަގެ ސިކުނޑިއަށް އެތައް ޚިޔާލެއް އެއްފަހަރާ އެވަގުތު ވެރިވިއެއްކަމަކު އޭނައަށް ޔަޤީންވި އެއްކަމެއްވިއެވެ. އޭނަގެ ސަބަބުން ސާރިޔާއަށް އިތުރު އަނިޔާއެއް ލިބެން އޭނަ ބޭނުންނުވި ކަމެވެ.

 

އެދުވަހުގެ ހަވީރު ވަގުތެވެ. ސާރިޔާގެ ބަނޑު އާދައަށްވުރެ ބޮޑުކޮށް ހުންނަ މަންޒަރު ފެނިފައި ދެކެވެމުން ދިޔަ ސިއްރު ވާހަކަތައް ފާޅުގައި ދެކެވެން ފެށީ އެދުވަހުގެ ހަވީރު ވަގުތެވެ. އެދުވަހު އޮފީސް ނިންމާ ގޮތަށް އެންމެން އެކީގައި ކެއުމަކަށްދާން އޮތީތީ ރިސެޕްޝަނާއި ހަމައަށް އެންމެންނަށް އާދެވުނީ އެކުއެކީގައެވެ. އެންމެ ފަހަކަށް ލިފްޓުން ފޭބި މީހުންގެ ތެރެއިން ސާރިޔާއާއި އޭނަގެ ދެ އަންހެން އެކުވެރިންވިއެވެ.

 

“ދެން ސާރިޔާ ބުނެބަލަ ނިކަން! މިހާރު ދެން ސިއްރުކުރެވޭކަށް ނެތެއްނު؟ ކާކުގެ ދަރިއެއްތީ؟ އަހަރުންނަށް ނާންގާ މީހަކާ އިނީތަ އަނެއްކާ؟” އެ އަންހެން ކުއްޖާ ނުހަނު ހަރު އަޑުން ކުރި ސުވާލު އެވަގުތު އެ ޞަރަޙައްދަށް ނިކުމެފައި ތިބި ގިނަ މުވައްޒަފުންނަށް އިވުނެވެ. އެ ސުވާލު އިވުމުންނާއި އޭނައަށް އަމާޒުވެފައިވި ނަޒަރުތަކުގެ ޒާތުން ސާރިޔާއަށް އާނއެކޭ ބުނެލެވުނެވެ. އަމިއްލަ ޤަދަރާއި ޢިއްޒަތް ރައްކާތެރިކުރަން ބޭނުންވެފައިވި މިންވަރުންނެވެ. އަމިއްލަ ދަރިފުޅު ހުތުރު ނަންތަކުން ރައްކާތެރިކުރަން ބޭނުންވި މިންވަރުންނެވެ. ސާރިޔާ އާނއެކޭ ބުނެލުމާއެކު އޭނަގެ އެކުވެރިޔާ އަޑުހަރު ކުރިއެވެ.

 

“އޭ އޭ އެންމެން އަޑުއަހާބަލަ! ސާރިޔާ އަހަރުމެންނަށް ނާންގާ މީހަކާ އިނިއްޔޯ! ބަލާބަލަ މީނަގެ ވަރުދޯ؟ އަދި އަހަރުމެންނަށް ސައި އޮންނަންވާނެ. ބުނެބަލަ! ކާކުގެ ދަރިއެއްތީ؟” އެ އަންހެން ކުއްޖާ ވާހަކަ ދެއްކި ދެއްކިހެން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ރިސެޕްޝަންގެ ކައިރީގައި ހުރި މަސްޢޫދުގެ އިތުރުން އެއަށްވުރެ ދުރުގައި ތިބި މަހީރާއާއި މަޒީދުގެ ނަޒަރުވެސް މެއެވެ. އެންމެ ފަހު ސުވާލު އިވިފައި ސާރިޔާ މަޒީދަށް ބަލާލީ ފެންކަޅިވެފައިވި ދެލޮލާއި އެކީގައެވެ. މަޒީދުގެ ފަރާތުން ޙަޤީޤަތް ފާޅުކޮށްލުމަށް އޭނަ ގާތު ބުނެލާ ކުޑަ ޢިޝާރާތެއްވެސް ފެނޭތޯ ސާރިޔާ މަޑުކުރިއެވެ. އެހެނަސް އެފަދަ ޢިޝާރާތެއް އޭނަގެ ފަރާތުން ނުލިބުމުން ސާރިޔާ އެންމެ ފަހުން އޭނަގެ ދަރިފުޅަށްޓަކައި ނިންމުމެއް ނިންމިއެވެ.

 

“މިއީ….މަޒީދުގެ ދަރިއެއް.” ސާރިޔާ އެންމެންނަށް ކަހަލަ ގޮތަކަށް އަންގާލިއެވެ. އެއާއެކު އެ ޙަޤީޤަތް އެނގޭ މީހުން ފިޔަވައި އެހެން މީހުންގެ މޫނުތަކުން ޙައިރާންކަން ފާޅުވެ ސިއްރުވެރި ވާހަކަތަކުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. މަހީރާ އެއްފަހަރު ސާރިޔާއަށް އަނެއްފަހަރު މަޒީދަށް ބަލާފައި އައި ރުޅީގައި އެއްޗެކޭ ބުނަން އުޅުނު ވަގުތު މަޒީދު ވާހަކަ ދެއްކިއެވެ.

 

“ދޮގު!” އެންމެންނަށް އިވޭވަރަށް މަޒީދު ބުނެލި އެ ވާހަކައިން އެންމެންގެ އަޑުތަކަށް ހުއްޓުމެއްއައެވެ. އެހިނދު ސާރިޔާއާއި އެއްވަރަށް ޙައިރާންވި މަސްޢޫދުވެސް ހުއްޓުން އަރާ ގޮތްވިއެވެ.

 

“ކް….ކީކޭތަ މަޒީދު؟” ސާރިޔާ އެ ސުވާލުކޮށްލިއިރު އޭނަގެ ތުރުތުރުއަޅާ އަޑު ވައި އަޑަކަށް ބަދަލުވިއެވެ.

 

“ތިއީ ހުސް ދޮގޭ އަހަރެން ބުނީ. އަހަރެންގެ އަންހެނުންގެ ފަރާތުން ފިޔަވައި އަހަންނަށް ދަރިއަކު ލިބިފައެއް ނުހުންނާނެ!” މަޒީދު ރުޅިވެރިކަން ދައްކަމުން ބުނެލިއެވެ. އެހިނދު ޙައިރާންކަން ބޭރުފުށުން ދައްކަމުން ދިޔަ މަހީރާއަށް އެތެރެއިން ހިނިތުންވެވެމުން ދިޔައިރު ސާރިޔާއާއިމެދު ވަމުން ދިޔަ ގޮތުން ކެތްތެރިކަން ކޮޅުންލަމުން ދިޔަ މަސްޢޫދަށް ބުނަންވީ އެއްޗެއް ނޭނގިފައި ހުރެވުނެވެ.

 

“މަޒީދު! ކީކޭ ތިކިޔަނީ؟ މަޒީދެއްނޫންތަ އަހަންނާ ސިއްރުން އިނީ؟ އިނދެގެން އަހަރެން އުޅޭނެ ތަނެއްދީގެން އަހަންނާއެކީ އުޅުނީ މަޒީދު ނޫންތަ؟” ސާރިޔާ އެ ސުވާލުތައް ކުރިއިރު އޭނަ ފެންކަޅިވެ ރޮވެން ކައިރިވިއެވެ.

 

“ހުނ! ތިއީ ކޮންތަނަކުން ހޯދައިގެން އުޅޭ ވާހަކައެއް؟ ހުވަފެނަކުން ވެސް މަ ސާރިޔާއާއި ކައިރިވެފައެއް ނުހުންނާނެ!” މަޒީދު ބުނެލިއެވެ. އެއާއެކު ސާރިޔާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ސާރިޔާ އެއްޗެކޭ ބުނަން ނުކުޅެދިފައިވި މަންޒަރު ފެނިފައި މަސްޢޫދަށް ކުރިއަށް ޖެހިލެވުނެވެ.

 

“ﷲ ގަންދީ އަހަރެން ބުނެފާނަން މިވާހަކަ. ސާރިޔާ ދޮގެއް ނަހަދާނެ! ޚުދު ސާރިޔާ އަމިއްލައަށް މީގެ މަސްތަކެއް ކުރިން އަހަރެން ކައިރީގަ ބުނީ މަޒީދު ސިއްރުން އޭނައާއި އިން ވާހަކަ.” މަސްޢޫދު އަޑުއުފުލިއެވެ. އޭނަ އެހެން ބުނެލި ތަނާހެން މަހީރާ ޗޮއްކަނޑަން ފެށިއެވެ.

 

“ހައު ޓަޗިންގްދޯ؟ މަސްޢޫދު ސާރިޔާދެކެ ލޯބިވާކަން އަހަރުމެންނަށް އެނގެއޭ. ލޯބިވާވަރުން އެހާ ޕްލޭންކޮށްގެން ގޮއްސަ ޕްރޮޕޯޒްކުރިމަ ސާރިޔާ ނޫނެކޭ ބުނިކަން ވެސް އަހަރުމެންނަށް އެނގެއޭ…” މަހީރާ މަލާމާތުގެ ރާގަކަށް ބުނެލި ވާހަކައިން ވީ ދެރައާއެކީ މަސްޢޫދުގެ އަނގަ ބަންދުވިއެވެ. އޭނަ ސާރިޔާގާތު އިންނަން ރާވަމުން ދިޔަކަން އެކަމުގެ ތެރޭގައި އޭނައާއި ގާތްކޮށް އުޅެމުން ދިޔަ އެކުވެރިންނަށް އެނގުނެވެ. އެ ވާހަކަ ފެތުރިފައި ވަނިކޮށް އޭނަގެ އެކުވެރިން އެކަން ނިމިގެން ދިޔަ ގޮތާއިމެދު ވެސް ޖަވާބުދިނެވެ. ނަތީޖާއެއްގެ ގޮތުން އެއީ މުޅި އޮފީހަށް އެނގޭ ވާހަކައެކެވެ. އެ ވާހަކަ އިވޭ ކޮންމެ ފަހަރަކުހެން އެފަހަރުވެސް އޭނަގެ މޭގައި ރިހުމެއް އުފެދުނެއްކަމަކު އޭނަ އެ ޙާލަތުގައި ސާރިޔާއަށްޓަކައި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް އޭގެ ކުރިން މަހީރާ ވާހަކަ ދެއްކިއެވެ.

 

“މަށަށް އެނގެނީ މަގޭ ފިރިމީހާ ދެވަނަ އަންހެނަކު ގެންގުޅޭ ވަރަކަށް ގެއިން ބޭރަށް ގޮސްފަ ނުވާކަން. ހިތަށްއަރަނީ ސާރިޔާއާއި އިނިއްޔާ އޭނަ ސާރިޔާއާއި އެކީގަ އުޅުނީ ހަމައެކަނި އޮފީސްތެރެއިންހޭ. އެކަމަކު އޮފީހުގަ އުޅޭއިރުވެސް ސާރިޔާ ވަކި މަޒީދާއި ދިމާވާކަށް ނުޖެހޭދޯ؟ ލޯބި މިއީ ކޮންކަހަލަ ވާހަކައެއްތަ ސާރިޔާ މި ދައްކަނީ؟” މަހީރާ މަޒީދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

 

“އަހަންނަކަށް ނޭނގޭ. އަހަރެން ނުއިންނަން ސާރިޔާއާ.” މަޒީދު އަމިއްލަ ޖަޒުބާތުތައް ހަމައަކަށް އަޅުވަމުން ސާރިޔާއާއި ހަތަރުކަޅި ހަމަކުރަން ނުކެރޭ ޙާލު ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އެންމެންގެ ސިއްރު ވާހަކަތައް މުޅި ތަނުގައި ގުގުމާލިއެވެ. އެހެނަސް އެވާހަކަތައް ކުރިއަށް ދިޔަނުދީ މަހީރާ އެންމެން ގާތު ދެން ކާން ހިނގާދޯއޭ ބުނެލިއެވެ. އޭނަ ސާރިޔާއަށް ފަސްދީފައި މަޒީދުގެ އަތުގައި އަތް އަޅުވައިގެން ދާން ހިނގައިގަތީ ސާރިޔާވެސް ބޭނުމިއްޔާ އަންނާށޭ ބުނަމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ތަނުން އެންމެން ހުސްވީއިރުވެސް ސާރިޔާ އެހުރިތާ ހުރިއިރު އޭނައަށް ބަލަހައްޓައިގެން ހުރި މަސްޢޫދުވެސް ހުރިގޮތަށް ހިރިވެސް ނުލާ ހުއްޓެވެ. މަޒީދު ލޯމައްޗަށް ގެއްލުމާއެކު ސާރިޔާގެ ލޮލަށް އެތައް ހާސް ކަރުނަތަކެއް ޖަމާވެ އޭނައަށް ގިސްލެވެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ކަކުލުން ވާގި ދޫވެގެން ގޮސް އޭނަ ބިންމައްޗަށް ތިރިވީ ވަގުތު މަސްޢޫދަށް ސާރިޔާގެ ނަމުން ގޮވަމުން ގޮސް ސާރިޔާގެ ގައިގައި ހިފަހައްޓާލެވުނެވެ.

 

އޭގެ ފަހުން 3 ދުވަސް ވަންދެން ސާރިޔާ އޮފީހުން ނުފެނެއެވެ. އެއީ ކީއްވެކަން އެންމެންނަށް ވެސް އެނގުނެވެ. އެހެނަސް ޙަޤީޤަތް ނޭނގޭ އެންމެން ސާރިޔާއާއިމެދު ނިންމަމުން ދިޔައީ ގޯސް ނިންމުންތަކެވެ. ސާރިޔާގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދެކެވޭ އަޑު އިވިއްޖެނަމަ މަޒީދާއި އެއްވަރަށް މަސްޢޫދަށް ވެސް އުދަގޫވަމުން ދިޔައެވެ. އެހެނަސް މަޒީދާއި ޚިލާފަށް މަސްޢޫދު އޭގެއިން ކޮންމެ ވާހަކައަކަށް ހުއްޓުމެއްނެތި ރައްދު ދެމުން ދިޔައެވެ. އެހެނަސް ސާރިޔާ އަނބުރާ އޮފީހަށް އައުމުން ވެސް އެ ވާހަކަތަކަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ. މުޅި ދުވަހު އެފަދަ ވާހަކަތައް އިވި މީހުން އޭނައާއިމެދު ވިސްނާ ގޮތާއިމެދު ފިކުރުކުރަމުން ގޮސް ސާރިޔާގެ ރޫޙު މަރުވެފައިވިއެވެ. ސާރިޔާގެ އެކަނިވެރިކަމާއި ސާރިޔާ ހުންނަ ގޮތް ފެނިފައި އެންމެ ބޮޑަށް އަސަރުކުރަމުން ދިޔައީ މަސްޢޫދަށެވެ. އެހެންކަމުން އެ މަންޒަރު ދެކެން ކެތް ނުކުރެވުމުން އެއްދުވަހު މަސްޢޫދު ސާރިޔާގެ ނުރުހުންވުމަށް ވިސްނުމެއްނެތި އެއްކަލަ ސައި ކޮޓަރީގެ މޭޒުދޮށުގައި ސާރިޔާ އިންދާ އޭނަގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. ސާރިޔާ އޭނައަށް އިންކާރު ކުރި ދުވަހަށްފަހު ސާރިޔާއާއި ކުރިމަތިލައި ވާހަކަ ދައްކަން ވެސް އޭނައަށް ހިތްދަތިކަމަކަށް ވިއެއްކަމަކު އޭނަ ހިތްވަރުކުރަމުން ވާހަކަ ދެއްކިއެވެ.

 

“ސާރިޔާ…..ފަހަރެއްގަ ސާރިޔާއަށް ކަމުނުގޮސްދާނެ އަހަރެން މި ދޭ ޚިޔާލު އެކަމަކު…..ހިނގާ ދެމީހުން ރަށަށްދާން.” މަސްޢޫދު އޭނަގެ އަޑު ސާބިތުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ އެހެން ބުނުމާއެކު ސާރިޔާ އިސްއުފުލާލަމުން އޭނައަށް ބަލާލިއެވެ.

 

“ކުރީ ދުވަހު….ސާރިޔާ ވަޒީފާއަށް ލީ ފޯމު ފެނިފަ އެނގުނީ ސާރިޔާވެސް ނިސްބަތްވަނީ އަހަރެންގެ އުފަން ރަށަށްކަން. އަހަރެން މާލޭގަ އުޅޭތާ މިއީ 5 ވަނަ އަހަރު. އެކަމަކު އަހަރެން ދެން ބޭނުމެއްނޫން މިތާނގަ އުޅޭކަށް. ސާރިޔާއާއިމެދު މިފަދަ ވާހަކަތަކެއް ދެކެވޭ ތަނެއްގަ ހުންނާކަށް ބޭނުމެއްނޫން. މިހާރު އަވަށުތެރެއަށް ވެސް އެ ވާހަކަ ފެތުރެމުން ދަނީ. ސާރިޔާ މަޒީދު ފެންނަ ހިސާބުގަ ހުރިއްޔާ ނޭނގޭ މަހީރާ ކުރިއަށް އޮތްތަނުގަ މި ވާހަކަތަކާމެދު ހަދާފާނެ ގޮތެއް. ސާރިޔާއަށް ވެސް އެންމެ ފަސޭހަވާނީ މި އަޑުތަކާއި ދުރަށް ދިޔައިމަ ކަންނޭނގެ. އެހެންވީމަ….އެގޮތަށް ވިސްނާފަ އަހަރެން ހިތަށްއެރީ ރަށަށް ދިޔުމާމެދު ސާރިޔާގެ ޚިޔާލުވެސް ހޯދަނީއޭ……ސާރިޔާ….ބޭނުމިއްޔާ އަހަރެން ސާރިޔާގެ ދަރިފުޅުގެ ބައްޕައަށް ވެދީފާނަން….އެކަމަކު ސާރިޔާ ބޭނުމެއްނޫނިއްޔާ އަހަރެން ސާރިޔާއާއި ދުރުގަ ހުރެދީފާނަން ރަށަށް ގޮއްސަވެސް…އަހަރެން ދޭ ޚިޔާލެއް ނޫންކަންނޭނގެދޯ ސާރިޔާ މި ވަގުތު ބޭނުންވާނީ އެކަމަކު….މި ކަމާމެދު ވިސްނާލައްޗޭ.” މަސްޢޫދު އޭނަގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެހިނދު އިސްޖެހިފައި އިން ސާރިޔާއަށް ވެސް މަސްޢޫދު އޭނަދެކެ ވާ ލޯބީގެ ފުންކަން އިޙްސާސް ކުރެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން ގޮސް މޭޒުމަތީގައި ޖެހެން ފެށިއެވެ. ސާރިޔާއަށް ރަނގަޅަށް ބަލަން ވެސް ނުކުޅެދުނު މަސްޢޫދު އެތަނުން ތެދުވެގެން ދާން ހިނގައިގަތީ ސާރިޔާގެ ފަރާތުން ޖަވާބެއް ނުލިބޭނެއޭ ހިތާއެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް އޭނަގެ ފައިގައި ތަޅުއެޅުވުނީ ސާރިޔާ އޭނަގެ ނަމުން ގޮވާލި އަޑަށެވެ.

 

“ހިނގާ ރަށަށް ދެމީހުން….މި ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލާފަ…” ސާރިޔާ ބުނި ވާހަކަ އިވިފައި މަސްޢޫދުގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ސާރިޔާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަހަރެން ބޭނުންވަނީ ދުރަށްދާން. މި ވާހަކަތަކާ ވެސް އަދި އޭނައާ ވެސް. އަހަރެންގެ ސޫރަވެސް އަދި އަހަރެންގެ ދަރިފުޅުގެ ސޫރަވެސް އޭނައަށް ދައްކާކަށް އަހަރެން ބޭނުމެއްނޫން…” ސާރިޔާ އެހެން ބުނެލި އަޑު މަސްޢޫދާއެކީ ސައި ކޮޓަރީގެ ބޭރުން އެ ކޮޓަރީގެ ދޮރު ކައިރީގައި ހުރި މަޒީދަށް ވެސް އިވުނެވެ. އެ ހިނދު އޭނަގެ ލޮލަށް ވެސް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

 

**

 

ވާހަކަ އެހާ ހިސާބަށް ދިޔައިރު މަލާކްގެ އެނދު ކައިރީގައި ބެހެއްޓިފައިވި ގޮނޑީގައި އިން މަޒީދުގެ ލޮލުން ކަރުނަތައް ފައިބައިގެން ދިޔަދިޔަހެން އޭނަ އޭނަގެ ނަންބަރު އައިނު ނަގައި އެ ކަރުނަތައް ފޮހެލަންޖެހުނެވެ. އެ ވާހަކަތައް އަޑުއަހައި ނިމުނުއިރު މަލާކްގެ އެސްފިޔަތައް ވެސް ތެމިފައިވީއިރު ސޯފާގައި އިން އަޔާޒްވީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނަ ސުވާލެއްކުރަން އުޅުނު ވަގުތު މަޒީދު އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ވަރަށް ގޯސް ބައްޕައެއްދޯ މަލޫއަށް ލިބުނީ؟ ހެހެ….ބައްޕަ ބޭނުމިއްޔާ އެދުވަހު އެ ދެއްކި ބިރުތަކުގެ ވާހަކައިން ބަހަނާއެއް ދެއްކުނީސް. އެކަމަކު އެހެން ހަދާކަށް ބައްޕަ ބޭނުމެއްނޫން. ބައްޕަގެ ކުށް ބައްޕަ ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރަން. ބައްޕައަށް މަޢާފު ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ބައްޕަ ދަރިފުޅަށް ދެން….” މަޒީދު ބުނެލިއެވެ. އެހިނދު އަނެއްކާވެސް މަންމަ ތަޙައްމަލުކުރި ވޭންތައް ތަޞައްވުރު ކުރެވުމުން ކޯތާފަތް ތެމިގެން ދިޔަ މަލާކް އޭނަގެ ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު އޭނަގެ ހިތަށްވެރިވެފައި އޮތް ސުވާލެއް ކުރިއެވެ.

 

“މައުވާ….އެއީ އަޔާޒްއާއި ރައްޓެހިވި މައުވާތަ؟” މަލާކް އަހާލިއެވެ.

 

“އާނ….އެއީ އަޔާޒްއާއި ރައްޓެހިވި މައުވާ…މައުވާގެ ނަން އިވޭއިރަށް އަޔާޒާއި ރައްޓެހިވި އަންހެން ކުއްޖާދޯ މަލޫ ހަނދާންވަނީ؟” ހިނިތުންވާން މަސައްކަތް ކުރަމުން މަޒީދު ބުނެލިއެވެ.

 

“ނޫން ބައްޕާ…..ބައްޕަ މައުވާގެ ވާހަކަ ކިޔައިދިންއިރު މަލާކްގެ ހަނދާނަށް އައީ މިއަދު މަލާކްގެ ކަރުގައި ހިފި ކުއްޖާގެ ސޫރަ. އެއީ ހަމަ އަޔާޒްއާއި ރައްޓެހިވި މައުވާ. ތި ވާހަކަތައް އިވުނީމަ މި ދޭހަކުރެވުނީ މައުވާ މަލާކްއަށް އެހާ ރުޅި އަންނަންވީ ކީއްވެކަން….” މަލާކް ވިސްނުމެއްގައި އިނދެ ބުނެލިއެވެ. މަލާކް ބުނެލި ވާހަކައިން މަޒީދުގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.

 

“އޭނަ….އޭނަ ކަނބުލޮގެ ކަރުގަ ހިފީތަ؟” މަޒީދު އެ ސުވާލު ކުރި ވަގުތު އެ ވާހަކަ އަލަށް އިވުނު އަޔާޒަށް ވެސް އެކަމަށް ސަމާލުކަން ދެވުނެވެ.

 

“އާނ…..އެކަމަކު މިހާރު ދޭހަކުރެވޭ ކީއްވެކަން އެހާ ބޮޑަށް ރުޅި އަންނަންވީ….މަލާކް ބުނާނީ މައުވާ އެހެންވުމުގަ މައުވާގެ ކުށެއްނެތޭ. މައުވާއަށް ދިމާވި ކަންތަކުގެ ސަބަބުން މައުވާއަށް އެހެން ދިމާވީ….” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު އަޔާޒް ވާހަކަ ދެއްކިއެވެ.

 

“އެކަމަކު ތިމާ ކުރާ ނުބައި ކަމެއްގެ ޒިންމާ ތިމާއަށް ކުރެވިފައި ހުރި ތަޖުރިބާތަކަށް ނުދެވޭނެ ދޯ މަލާކް؟ މަހީރާގެ ޙަޤީޤީ ނުބައިކަން މިހާރު މި އިޙްސާސް ކުރެވެނީ. އޭނަ މަންމައާއި ބައްޕައާއި ދެމެދު މައްސަލަ ޖެއްސީވެސް އެ ސަލީމް މެދުވެރިވެގެންތަ؟! އަހަންނަށް ހީވި ގޮތަށް އެމީހުން ހަމަ މަންމައަށް ބިރުދެއްކީދޯ؟! ބައްޕަ ގެއަށް އައިއްސަ މިހާރު މަސްޢޫދުބެމެން ގޮއްސިއޭ ބުނި ދުވަހު އަހަންނަށް އެންމެ ފުރަތަމަ މަންމައާއި ބައްޕަ ޒުވާބުކުރާތަން ފެނުނީ….އެއްބައެއްގެ ދިރިއުޅުން ބަރުބާދުކޮށް ނިމުނީމަދޯ އޭނަ އަހަރުމެންގެ ޢާއިލާ އަމާޒުފަތްގަނޑަކަށް ހެދީ؟” އަޔާޒް ރުޅިވެރިކަމާއެކީ އަވަސްއަވަހަށް ސުވާލުކުރިއެވެ.

 

“ވަކި ނިމުނީމައޭ ބޭބެ ނުބުނާނަން. މަހީރާގެ ރުޅިވެރިކަން ޙަލީމަށާއި މަލީހާއަށް އަމާޒުވާން ފެށީ ކުރިން ވެސް ބުނިހެން އޭނަ ހަދަން އުޅުނު ޖަމުޢިއްޔާއާއި ދެކޮޅުވެރިވީމަ. އެކަމަކު ތިބުނިހެން އެމީހުންނާއި ދެކޮޅަށް ކަމެއްކުރަން މަހީރާ ފަށައިގަތީ މަސްޢޫދުމެން ދިޔަފަހުން. އޭނަ ވަކިން ޚާއްޞަކޮށް ރުޅިއަންނާނެ މަލީހާއަށް. އޭނަ ދީނާއި ބެހޭގޮތުން ލިޔާ ކޮންމެ އާރޓިކަލްއަކަށް ރައްދުދޭ އާރޓިކަލްއެއް މަލީހާ ލިޔެލާތީ. އެހެންނޫނީ މަލީހާގެ މަޤާމުގެ ގޮތުން ވާހަކަ ދައްކަން ލިބޭ ފުރުޞަތުތަކުގަވެސް މަހީރާ ލިޔާ ލިޔުންތަކަށް ފާޑުކިޔައި ވާހަކަ ދައްކާތީ. މަލީހާ ދެރަކުރުމަށްޓަކައި މަހީރާ ބޭނުންވީ އޭނައާއި ޙަލީމްއާ ދެމެދު ފާރެއްލާން. މިގޮތުން އޭނަ ދައްކުވައިދޭން ބޭނުންވީ ޙަލީމް އޭނައާއި ވަރަށް ކައިރިވާކަން. ޙަލީމްގެ ކެބިންއަށް މަހީރާ ވަރަށް ގިނަގިނައިން ވަންނާނެ މަލީހާގެ ކުރިމަތިން. އެކަމަކު މަލީހާ ޙަލީމްއަށް ޝައްކެއް ނުކުރޭ އެހާވަރުންވެސް. ވަރަށް ލޯބިން އުޅުނު ވަރަށް ވަރުގަދަ ގުޅުމެއް އޮތް ދެމީހުން އެއީ. މަހީރާގެ މައްޗަށް އަހަންނަށް ބާރު ނުހިންގޭތީ އަހަރެން ޙަލީމް ކައިރިން އަހަން މަލީހާ ޝައްކު ނުކުރޭހޭ. ބުނިހާއިރަށް ބުނާނެ ދެމީހުން ކައިވެނި ކުރިއިރު އެހާ ބޮޑު ވަޢުދެއް ވެފައިވާއިރު ދެމީހުން ކިހިނެއްހޭ އެކަކު އަނެކަކަށް ޝައްކުކުރާނީ. އެންމެ ފަހުން މަހީރާ އެދެމީހުން ދުރުކުރުވީ އަހަންނަށް ވެސް ނޭނގި މަލީހާއަށް ބިރުދައްކައިގެން. އަޔާޒްއަށް ވެސް އެނގޭނެ ކަންނޭނގެ އަޔާޒްގެ ދޮންބެއަށް ނުބައި ބޭހެއް ކެވިގެން ނޭވާ ހާސްވި ދުވަސް. ސަލީމްގެ މީހަކު ލައްވާ އެދުވަހު ބޭސް ފިހާރައިގެ ތެރެއިން ނިޝާންއަށް ނުބައި ބޭހެއްދިނީ. އެދުވަސްފަހު މަލީހާގެ އުޅުމަށް ބަދަލު އައިސްގެން އުޅޭ ވާހަކަ ޙަލީމްގެ ފަރާތުން އިވުނީ. މަލީހާގެ ދެކުދިންނަށް ވެސް ގޮތެއް ހަދާފާނެކަމަށް ބުނެ މަހީރާ ބިރުދެއްކި އަޑު ބައްޕަވެސް އަޑުއެހިން. މި ވާހަކަތައް ފުލުހުންނަށް އެންގީމަވެސް ވަކި ވީގޮތެއް ނެތް….ހަމަ އެމީހުންނަށް ކާމިޔާބީ ލިބުނީ. އެންމެ ފަހުން މަލީހާ ދިޔައީ…..” މަޒީދުގެ ވާހަކަ މެދުކެނޑުނެވެ.

 

“މިހިރަ ކުޑަ ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ދެކެން ބޭނުންނުވަންޏާ ހަމަ މިއަދު ދާށޭ ބުނީމަ….އޭނަ ބުނީ އެހެން މަންމަ ކައިރި. އަހަންނާ މަންމަ އެދުވަހު ގޭގަ އެކަނި ތިއްބާ…..މަންމަ ދާން އުޅުނީމަ އަހަރެން ބުނަން އުޅުނިން މި ވާހަކަ ބައްޕައާއި ދޮންބެ ކައިރި. އެކަމަކު އަހަންނަށް ސާފުކޮށް އެ ވާހަކަ ބުނާކަށް ނޭނގުނު އޭރު. މަންމަ ފަހުން ފަހުން އައިސް ދެއްކި އުޅުމުގެ ސަބަބުން ބައްޕައާއި ދޮންބެ މަންމައަށް ނުރުހުންވެފައިވީ ވަރުން އަހަރެންގެ އެކަހަލަ ވާހަކައެއް އެމީހުން ޤަބޫލެއްވެސް ނުކުރޭ. އަހަރެން މި ވާހަކަ ތަކުރާރުކޮށް ދައްކާކަން އެނގިގެން ކަންނޭނގެ. އެއްދުވަހު އަހަރެން ސްކޫލްގަ ހުއްޓާ އޭނަގެ ކާރުގަ އޭނަގެ އޮފީހަށް ގެންގޮއްސަ އަހަރެން ކައިރި އޭނަ ބުނީ އެކަކުވެސް އަހަރެންގެ ވާހަކަ ޤަބޫލު ނުކުރާނެއޭ. އަހަރެންވެސް ޤަބޫލުކުރަންޖެހޭނީ އެހެން މީހުން ބުނާ ވާހަކައޭ. ފަހުންފަހުން އައިސް ވީ ވެސް އެހެން. މަންމަ ކީއްވެ އެ ކުޑަ ރަށަށް ދިޔައީ؟ ދޮންބެ ބުނީ އެއީއެއްނޫނޭ މަންމަގެ ރަށަކީ. މަންމަ އެރަށަށް ގޮއްސަ އަހަރުމެންގެ ނޭދެވޭ ވާހަކަތައް ދެއްކީވެސް އޭނަ ބިރުދެއްކީމަތަ؟” އަޔާޒް މަންމަގެ ހަނދާންތަކާއެކީ ކަރުނަ ހިލެމުން ދިޔަ ދެލޮލާއެކީ ސުވާލުކުރިއެވެ.

 

“ހުމް….ހަމަ ރަނގަޅަށް ތިހީވީ އަޔާޒް. ޙަލީމްއާއި މަލީހާ ވަކިވީމަ އެހާވަރުން ވެސް މަހީރާއަށާއި ސަލީމްއަށް ވެސް ނުފުދުނު. ޙަލީމްގެ ބޮޑު ގެދޮރާއި ތަންތަން ފެނިފަ ސަލީމް ބޭނުންވީ އެތަންތަން ހިފަން. އެކަމަށްޓަކައި އޭނަ ބަޔަކު ފޮނުވައި ޙަލީމްއާއި އަޔާޒްގެ ދޮންމަންމަ ޢަޒީޒާއާ ގުޅުވީވެސް. މަލީހާއަށް ބިރުދެއްކުން ކުރިއަށް ގެންދިޔައީ މަލީހާ އޭނަ އޭރު ބަނޑުބޮޑުވި ދަރިފުޅާއެކީ އަނބުރާ މާލެއަށް އެ މުދާ ހޯދަން ނާންނާނެ ގޮތަށް. އަދި އެ ދަރިފުޅު ކައިރިވެސް އޭނަގެ ބޭބެމެންނާ ބެހޭގޮތުން ގޯސް ވާހަކަތައް މަލީހާ ލައްވާ އިއްވިފަ ހުރީ އެކުއްޖާ ވެސް އަނބުރާ މާލެ ނާންނާނެ ގޮތަށް. މަލީހާ އެރަށަށް ދިޔައީ މަލީހާ މާލޭގަ އުޅޭތަ ދުވަސްވެފަ ހުރީމަ އަމިއްލަ ރަށުގަ ގެދޮރެއް ނެތީތީ. އެ ރަށު މީހުން އޭނައަށް ބީރައްޓެހިވީމަ އޭނަ ސާރިޔާއަށް ގުޅައިގެން އެމީހުން އުޅޭ ރަށަށް ގޮސް އުޅުނީ. ބައްޕައަށް މި ހުރިހާ ކަމެއް އެނގެނީ އެމީހުންގެ ނަޒަރު އަބަދުވެސް މަލީހާއަށް ހުއްޓިފަ ހުންނާތީ. އަދި މަހީރާ މި ޚަބަރުތައް ލިބިގެން ވާހަކަތައް ދައްކާ އަޑު ބައްޕައަށް އިވޭތީ. މަލީހާ އެ ކުޑަ ރަށަށް ގޮއްސަ ވެސް މަހީރާ ލިޔާ ލިޔުންތަކާއި ދެކޮޅަށް ވާހަކަ ދައްކާތީ އެއީ ނުރައްކަލެއްކަމަށް އެމީހުން އަބަދުވެސް ދެކުނީ. އެއީ މަލީހާ އަބަދުވެސް ބޭނުންވީ ލާރި އެއްކުރެވުނު ވަރަކުން އަނބުރާ އަނެއްކާވެސް މާލެއަށްދާން. ކުދިން ބޮޑުވީމަ ކައިރީގަ ހުރި ކުއްޖާއާއެކީ މާލޭގަ ތިބި ދެކުދިން ވެސް ބަލަންދާން. އެކަމަކު އެ މީހުން ދުވަހަކުވެސް އެގޮތަށް ވިޔައެއްނުދޭ. މަލީހާ އެރަށުގަ އުޅުނު ގޭގެ ވެރިމީހާ ކަމަށްވާ ރަޙީމާއަކީ އެމީހުން ލާރި ދީފަ ހުރި އަންހެނެއް. މަލީހާއަށް ލާރި އެއްނުކުރެވޭނެ ގޮތް ޔަޤީން ކުރުމަށް. ފަހުންފަހުން އައިސް މަލީހާގެ އަންހެން ދަރިފުޅު ބޮޑުވީމަ އެ އަންހެން ދަރިފުޅަށް ވެސް އެކިއެކި ގޯނާތައް ލިބުނުހެން އަހަންނަށް ހީވަނީ ސަލީމް ގެންގުޅޭ ފިރިހެނެއްގެ ފަރާތުން. އެއީ އެމީހުން އެމީހުންގެ މަސައްކަތް ކުރީމަ ސަލީމް އެމީހުންނަށް ހަދިޔާއެއްގެ ގޮތުން ހޯދައިދޭ ކަންތައްތައް….އެކަމަކު މިއީ ބޭބެއަށް ހީވާ ހީވުމެއް އިނގޭ؟ އެކުއްޖާ މާލެ ގެނައިއިރު ޙާލަތު ރަނގަޅުތަ؟” މަޒީދު ސުވާލުކުރިއެވެ. އެއާއެކު އަޔާޒާއެކީ މަލާކަށް ވެސް ވިސްނެން ފެށީ އަނުމްއާއި މެދުގައެވެ. އަނުމް މާލެ އައިއިރު ކަންތައް ވީ ގޮތުން އޭނައަށް ހީވި ހީވުމާއިމެދު އަޔާޒަށް ވިސްނެން ފެށިއިރު މަލާކަށް ވިސްނެމުން ދިޔައީ އޭނަ އިންޑިޔާއަށް ދިޔުމުގެ އެއްދުވަސްކުރިން އަނުމް މާޔޫސްވެފައި ހުރިގޮތެވެ. ކަންވީ ގޮތް ނަގައިގަނެވުމުން ދެމީހުން ވެސް ނުރުހުންވީ އެއްވަރަކަށެވެ. އަޔާޒްގެ ގޮށްމުއްކެވި ދެދަތްޕިލަ ޖެހުނު ވަގުތު މަޒީދު ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

 

“ވަރަށް ބޮޑަށް މަޢާފަށް އެދެން މި ހުރިހާ ކަމަކަށްޓަކައި ވެސް. ހިތަށްއަރަނީ ބައްޕައަށް ރަނގަޅު ފިރިއަކަށް ވެވުނުނަމަ މަހީރާއަށް އެހެން ނުވީހޭ…ކޮންމެ ގޮތެއްވިޔަސް މީގެ އަހަރުތަކެއް ކުރިން އެކަހަލަ އަންހެނަކާއެކީ އުޅެން ނުވާނެކަން އެނގުނީމަ ބައްޕަ އޭނަ ވަރިކޮށްފިން. އެއަށްފަހު އޭނަ ހެދި ގޯސްތައް ރަނގަޅުކުރަން މަސައްކަތް ކުރަމުން މިދަނީ. ފާރޫޤު ލައްވާ މަލާކްގެ ނުބައި އެމްއާރްއައި ރިޕޯޓެއްވެސް ރަށަށް ގެންދިޔައީ މަހީރާ ބުނެގެން. އެ ރިޕޯޓުގެ ވާހަކަ ފަތުރައިގެން މަލާކް މުސްކުޅި މީހަކާއި ދެވަން އުޅުނު ވާހަކަ މައުވާ އެއްދުވަހު ދެއްކި ވާހަކައިގެ ތެރެއިން އިވުނީމަ ބައްޕަ އެމީހުންނާއި ދެކޮޅަށް ފިޔަވަޅެއް އަޅަން ބޭނުންވީ. މިގޮތުން އެންމެ ފުރަތަމަ ކަމަކަށް އަޔާޒްގެ ބައްޕަގެ ވަޞިއްޔަތް ލިޔެވިފަ ހުރި ފޮތެއް އަޔާޒާއި މަލާކްގެ ކައިވެނީގެ ޝަރުޠާއެކީ މަޒުހަރު ލައްވާ އެގެއަށް ލީ ބައްޕަ. އެއަށްފަހު މަސްޢޫދުގެ ގެއަށް ވެސް ހަމަ އެ ޝަރުޠާއެކީ އެ ވަޞިއްޔަތް ލިން. އެނގޭ ރަނގަޅަށް ނޫންކަން އެކަން ކުރެވުނީ މިހާރު އެކަމަކު ވަރަށް އުފާވޭ ދެކުދިންނަށް މި ޒަވާޖީ ޙަޔާތުން އުފަލެއް ލިބޭކަން އެނގުނީމަ. މަލާކްއާއި އިނުމަށްފަހު ވެސް މައުވާ އަޔާޒްގެ ފަހަތުން އުޅުނީ ސަބަބަކާއި ލައިގެން. މައުވާ ބޮޑުދައިތަ ކިޔާ ލަމްޔާ ނިޝާންގެ ޙަޔާތަށް ދިޔައީވެސް ސަބަބަކާއި ލައިގެން. މަހީރާ ބޭނުންވަނީ މި ޢާއިލާ އެއްކޮށް ފުނޑުފުނޑުކޮށްލަން. އެކަމަށްޓަކައި ރާވާފަ ހުރި ރޭވުންތައް ބައްޕައަށް އެނގޭ. ބައްޕައަށް ތިކުދިން މަޢާފު ނުކުރިޔަސް ބައްޕަ ބޭނުންވަނީ މި ރޭވުންތައް ތިކުދިންނަށް ކިޔައިދީ ތިކުދިންނަށް އެހީވާން…އެންމެ ރަނގަޅުތަ؟” މަޒީދު ސުވާލުކުރިއެވެ. އެއާއެކު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މަލާކް އެނދުމަތީގައި އޮތް މަޒީދުގެ އަތްމަތީގައި އަތް އަޅާލަމުން ވާހަކަ ދެއްކިއެވެ.

 

“މަލާކް މަޢާފުކޮށްފިން ބައްޕައަށް. ޙަޔާތުގަ ގޯސްކޮށް ފިޔަވަޅުތައް އެޅިދާނެ ކޮންމެ މީހަކަށް ވެސް. އެކަމަކު އޭގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ އިޞްލާޙުވެ އެ ފިޔަވަޅުތައް ރަނގަޅުކުރަން މަސައްކަތްކުރާ މީހުން…” މަލާކް ހިނިތުންވުމަކާއެކީ ބުނެލި ވާހަކައިން މަޒީދުގެ މޫނުމައްޗަށް ވެސް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ.

 

“އަހަރެންވެސް މަޢާފުކޮށްފިން ބައްޕައަށް. ބައްޕަ ތިއީ ރަނގަޅު މީހަކަށްވީތީ މިހާރު އަހަރުމެންނަށް އެހީވާން ތިއައީ…” އަޔާޒް ވެސް ބުނެލިއެވެ. އެއާއެކު މަޒީދު ވީ އުފަލާއެކީ ލުއި ގޮތަކަށް ހީލެވުނެވެ.

 

**

 

އޭގެ އަނެއްދުވަހު އަނުމް އެ ހަފްތާގެ އާދައިގެ މަތިން ބަސްމާމެންނާއެކީ ގަޑިއިރެއްހާއިރު ވަންދެން ފިލާވަޅުތައް ދަސްކުރަން ސްކޫލަށް ދިޔައެވެ. އެދުވަހުވެސް އާދައިގެ މަތިން އޭނައަށް ފާއިޤްގެ ކާރު ސްކޫލަށް ދިޔަ މަގުމަތިން ފެނުނެވެ. ފާއިޤް ކާރު އޭނައާއި ކައިރި ކޮށްފައި ޒޫމްލައްވަމުން ދިޔަ ގޮތުން އަނުމްއަށް އެ ކާރާއި ދިމާލަށް ބެލެމުން ދިޔައީ އަޖާއިބުވެފައި ހުރެއެވެ. މިއީ ފާއިޤް އޭނައާއި ރުޅިވެގެން އުޅޭކަން ދައްކާގޮތްތޯ ހިތާހިތުން ބުނެވެމުން ދިޔައިރު އަމިއްލަ އަމިއްލައަށް ހެވެމުން ވެސް ދިޔައެވެ.

 

އެހެނަސް ފާއިޤް އޭނައަށް ވެފައިވި ނުރުހުންތެރިކަމުގެ ސީރިއަސްކަން އަނުމްއަށް އެނގުނީ އެދުވަހު އެކްސްޓްރާ ކްލާސް ނިންމުމަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ. އޭނަގެ އެކުވެރިން އޭނައަށް ވުރެ ކުރިން ލެބުން ނިކުމެގެން ދިޔުމުން އެންމެ ފަހަކަށް ލެބުން ނިކުތް މީހަކަށް އަނުމްވިއެވެ. ލެބުން ނިކުތް ވަގުތު ހަމަ އެ ފްލޯގައި ހުރި ލައިބްރަރީއިން ނިކުތް ފާއިޤް ވެސް އަނުމްއަށް ފެނުނެވެ. ފާއިޤްގެ ސީރިއަސްކަން އެކުލެވިފައިވި މޫނު ފެނިފައި ވަކި އެއްޗެކޭ ނުބުނެ އަނުމް ދާން ހިނގައިގަތެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ފާއިޤް އޭނައަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ.

 

“ކީއްވެގެންތަ އެ ފޯނު ނެގީ؟” ފާއިޤް އެ ސުވާލުކޮށްލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އޭނައަށް ފަސްދީގެން ހުރި އަނުމްއަށް އެންމެ ފުރަތަމަ ފާއިޤް އެ ބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ފާއިޤް އެންމެ ފަހުން އޭނަ ގާތު ބުނެލި ވާހަކައާއެކީ މައުވާގެ ފަރާތުން އޭނައަށް ލިބުނު ކޯލު މަތިން ހަނދާންވިއެވެ.

 

“އޯ އެ ކޯލް ވާހަކަ ދޯ…..” އަނުމް ފަސްއެނބުރި ފާއިޤްއަށް ބަލަމުން ކިޔައިދޭން އުޅުނު ވަގުތު ފާއިޤް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ކީއްކުރަން އެކަހަލަ މީހަކާ ވާހަކަ ދައްކައި އެކަހަލަ ކަމެއްކުރަން އެއްބަސްވީ؟ ނޭނގޭތަ އެމީހުން އެއުޅެނީ އަނުމްގެ އަގު ވައްޓާލަންކަން؟” ފާއިޤް އެ ސުވާލުކުރިއިރު އެމޫނުމަތިން ކަންބޮޑުވުމެއް އަނުމްއަށް ފެނުނެވެ. އެއީ އޭނައަށްޓަކައިވި ކަންބޮޑުވުމެއްކަން އެނގުންވި ވަގުތު އަނުމްގެ ހިތް އުފަލުން ނަށައިގަތެވެ. ފާއިޤް އެހެން ހުންނައިރުވެސް ހާދަ ރީއްޗޭ ހިތަށްއެރިއެވެ. ހަމަ އެހިނދު ފާއިޤްއަށް އޭނަގެ ޙަޔާތުގެ ހުރިހާ ކަންތައް އެނގޭތީވެސް ހިސާބަކަށް ޙައިރާންވިއެވެ. އެހެނަސް އެކަމާމެދު ސުވާލުކުރުމުގެ ކުރިން އޭނަގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި ފާއިޤްއަށް ޖަވާބުދޭން އޭނަ ބޭނުންވިއެވެ.

 

“އަހަންނަކަށް ނޭނގޭ ތިކަމެއް. އެގުޅި މީހަކު ބުނީ އަހަރެން މަޝްހޫރުވާނެޔޯ އެ ޝޯއަށް އެރީމަ…” އަނުމް އުޖާލާވި ހިނިތުންވުމަކާއެކީ އެހެން ބުނެލީ ފާއިޤްއަށްވާ ގޮތެއް ބެލުމަށެވެ. އޭނަ އެހެން ބުނެލުމާއެކު ފާއިޤްގެ ދަތްކުނޑި ވިކި އެމޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ.

 

“މަޝްހޫރުވާނެއޭ ބުނީމަ އަނުމް ޤަބޫލުކުރީތަ؟! އޭނަ ނުބުނަނީތަ އަނުމް ކުރަންޖެހޭ ކަންތަކުގެ ވާހަކަ. އަނުމް އެމީހުންނަށްޓަކައި ވާހަކަ ދައްކަން އެއްބަސްވީ ތި ރީތި އަޚްލާޤުގެ މަތިން ހަނދާން ނައްތާލާފަތަ؟ އެހެންނޫނަސް އެތާނގަ ތިބޭނެ އެކި ޒާތްޒާތުގެ މީހުން. އެއީ އަނުމް ދާން ރައްކާތެރި ތަނެއްނޫނޭ އަނުމް!” ފާއިޤް ވާހަކަ ދައްކަމުން ދިޔަދިޔަހެން އަނެއްކާވެސް ލަސްލަހުން އެމޫނުމަތިން އެއްކަލަ ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އެ މަންޒަރު ފެނިގެން ދިޔަދިޔަހެން އަނުމްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

 

“އަހާލެވިދާނެތަ ކީއްވެގެންކަން ފާއިޤް މާ ބޮޑަށް އަހަންނާމެދު ތި ކަންބޮޑުވަނީ ކީއްވެކަން؟” އަނުމް މަޑުމައިތިރި އަޑަކުން އަހާލިއެވެ. އެއާއެކު ފާއިޤް ފުން ނޭވައެއް ދޫކޮށް ދުރަށް ނަޒަރު ހިންގާލިއެވެ. އެ ސުވާލުގެ ޖަވާބަކަށް އޭނަގެ ތުއްތަގެ ކުރިން އަނުމްގެ ރައްކާތެރިކަން އޭނަގެ ހިތަށްވެރިވި ގޮތުން ޚުދު އޭނަވެސް ޙައިރާންވާ ގޮތްވިއެވެ. އެހެނަސް އޭނަ އަވަސްއަވަހަށް ޖަވާބުދިނެވެ.

 

“އަހަންނަށް….ވަރަށް ގިނައިން އަނުމްއާމެދު ވިސްނޭތީވެއޭ ބުނީމަ ފުދޭނެތަ؟” ފާއިޤް އޭނަގެ ޢާއްމު ސީރިއަސްކަމާއެކީ ބުނެލިއެވެ. އޭނަގެ އެ ބަސްތައް އިވިފައި އަނުމްގެ ހިނިތުންވުން ފުންވިތަން ފެނިފައި އޭނައަށް ބުނެވުނު އެއްޗެއް ދޭހަ ކުރެވުމުން ފާއިޤްގެ އަނގަ ސަކަރާތްވެ އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނެ ދިގު ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތީ ދުލުން އެކަން ރަނގަޅުކުރަން އުޅުމުން އިތުރު ގޯހެއް ހެދިދާނެތީވެއެވެ. ދެމީހުން އެކަކު އަނެކަކަށް ފަސްދެވުނުއިރު ދެމީހުންގެ މޫނުމަތިން ވެސް ހިސާބެއްގެ ރަތްކަމެއް ފެންނަމުން ދިޔައެވެ.

 

ފާއިޤް އެ ދިޔަގޮތަށް ގޮސް ސްކޫލުގެ ގޯތިތެރެއިން ހިނގާފައި ގޮސް ގެއަށް ދިޔުމަށްޓަކައި އޭނަގެ ކާރަށް އަރަން އުޅުނެވެ. އެހެނަސް އޭގެކުރިން ސްކޫލްގެ ގޭޓު ކައިރީގައި ހުރި މީހަކު އޭނައަށް ގޮވާލިއެވެ.

 

“އަޙުމަދު ފާއިޤް ސަލީމް!” ފިރިހެނަކު ގޮވާލި އަޑަށް ފާއިޤަށް އެދިމާލަށް ބަލާލެވުނެވެ. އެހިނދު ގޭޓު ކުރިމަތީގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ދެ ބޮޑީގާޑުންހެން ހީވާމީހުން  ތިބިއިރު އެމީހުންގެ ފަހަތަށް ވާ ގޮތަށް މަޑުކޮށްގެން އޮތީ ކަޅުކުލައިގެ އޮފުއަރާ ކާރެކެވެ. އޭނައަށް ގޮވި މީހާ ހަނާއަޅާލުމުން ފާއިޤް އެދިމާލަށް ދާން ފެށީ މޭ ނުބައި ކުރާ ގޮތްވެފައި ހުރެއެވެ. އޭނަ ގޮސް އެމީހާ ކުރިމަތީގައި މަޑުކޮށްލުމާއެކު އެމީހާ ވާހަކަ ދެއްކިއެވެ.

 

“ރައީސް ސަލީމް އެދިލެއްވީ ފާއިޤްއާ ބައްދަލުކުރައްވަން. އަޅުގަނޑުމެން މިއައީ ތި ބޭފުޅާ ބަލާ…” އެމީހާ އަދަބުވެރިކަމާއެކީ ބުނެލިއެވެ. އެހިނދު ފާއިޤްގެ ގޮށްމުއްކެވުނެވެ. އޭނަ ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް ކުއްލިއަކަށް އޭނައަށް މިފަދަ އެންގުމެއް އަންނާނީ ކީއްވެތޯ ދެނެގަންނަން ވެސް ބޭނުންވުމުން އެމީހުން ދޮރު ހުޅުވާލުމުން ފާއިޤް އެ ކާރަށް އެރިއެވެ. އަނުމްއަށް ސްކޫލްގެ ގޯތިތެރެއަށް ނިކުމެވުނު ވަގުތަކީ ފާއިޤް އެ އެރި ކާރު ނައްޓާލި ވަގުތެވެ. އަނުމްއަށް ޙައިރާންކަމެއްގައި އެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

 

ފާއިޤް މުޅި ދަތުރުމަތީގައި ޚިޔާރު ކުރީ ހިމޭންކަމެވެ. އޭނަ އެތައް ސުވާލެއް ކުރަން ބޭނުންވިއެއްކަމަކު އޭނަ ސީދާ އެމީހަކާއި ސުވާލުކުރަން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. އޭނަގެ މަންޒިލާއި ހަމައަށް ދެވެންދެން ފާއިޤް ބޭރުތެރެއިން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން ހުރީ އެހެންވެއެވެ. އޭނަ ކުޑަދޮރުން ބޭރުބަލައިގެން ހުއްޓާ ކާރު ލަސްވާން ފެށިތާ މާ ގިނައިރެއްނުވެ އޭނައަށް ފެނިގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ގޭޓެވެ.

 

ނުނިމޭ

The post Vaudhu (Part 45) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-45/feed/ 0 1652
Vaudhu (Part 44) https://blog.storiesbyjana.com/vaudhu-part-44/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-44 https://blog.storiesbyjana.com/vaudhu-part-44/#respond Mon, 03 May 2021 06:11:26 +0000 https://blog.storiesbyjana.com/vaudhu-part-43-copy/

“ސްމައިލް ކުޑަކުރާނެ ކަމެއްނެތް….އަބަދުވެސް ތިގޮތުގަ ހުންނަންވީ…” އަޔާޒް މަލާކްގެ ކޯތާފަތުން ދެއަތް ނަގާލަމުން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް މަލާކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެވަގުތު ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވިފައި މަލާކް ސިއްސައިގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. މަލާކް ވަގުތުން އޭނަގެ ބުރުގާ ދޭން އެދުމުން އަޔާޒް މަލާކަށް ބުރުގާ އަޅަން އެހީވެދިނެވެ. އަޔާޒް އާދައިގެ ހިނގުމެއްގައި ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން […]

The post Vaudhu (Part 44) appeared first on Stories by Jana.

]]>

“ސްމައިލް ކުޑަކުރާނެ ކަމެއްނެތް….އަބަދުވެސް ތިގޮތުގަ ހުންނަންވީ…” އަޔާޒް މަލާކްގެ ކޯތާފަތުން ދެއަތް ނަގާލަމުން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް މަލާކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެވަގުތު ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވިފައި މަލާކް ސިއްސައިގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. މަލާކް ވަގުތުން އޭނަގެ ބުރުގާ ދޭން އެދުމުން އަޔާޒް މަލާކަށް ބުރުގާ އަޅަން އެހީވެދިނެވެ. އަޔާޒް އާދައިގެ ހިނގުމެއްގައި ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން އެނގޭ ޙާލުގައެވެ. އެހިނދު އޭނަ ހިސާބަކަށް ނުތަނަވަސްވިއެވެ. ބައްޕަ އަންނައިރު މަލާކްގެ ހޭ ހުންނާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. މިފަދަ ޙާލެއްގައި މަލާކަށް އެހާ އާކަމެއް އެނގުން ރަނގަޅުވާނެތޯ ހިތަށްއެރިއެވެ. އެހެނަސް އެ ވަގުތު ވެސް މަލާކްގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން އަޔާޒް ދޮރު ހުޅުވާލީ ޖެހިލުންވުމެއްނެތިއެވެ. އެވަގުތު އޭނަ އުއްމީދު ކުރި ފަދައިން ދޮރުމަތީގައި ހުރީ މަޒީދު ނޫން ދެވަނަ މީހެއްނޫނެވެ. މަޒީދު އަޔާޒަށް ހިނިތުންވުމެއްދީ އަޔާޒްގެ ނަމުން ގޮވުމަށްފަހު ވޯޑުގެ ތެރެއަށްވަނެވެ. އެހިނދު މަލާކަށް ސީރިއަސްކަމާއެކީ އެ ބީރައްޓެހި މޫނާއި ދިމާލަށް ބަލަން ހުރެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެއީ އޭނަ ދުށް ސޫރައެއްހެން އޭނައަށް ހީވިއެވެ. މަލާކް ވިސްނުމެއްގައި އިންދާ އެމީހަކު ވާހަކަ ދެއްކިއެވެ.

 

“ކިހިނެއްތަ؟ މަލޫ؟” އެމީހަކު އޭނައަށް ގޮވާލި ނަމަކުން މަލާކް ހުއްޓުން އަރާ ގޮތްވިއެވެ. އެ ނަމަކީ އޭނަ ގާތުން ދަންނަ އެއްވެސް މީހަކު އޭނައާއި މުޚާތަބުކުރަން ބޭނުންކުރާ ނަމެއްނޫނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އެހެން ގޮވި މީހެއްގެ ފަނޑު ހަނދާނެއް އާވާން ފެށި ވަގުތު އެ ބީރައްޓެހި މީހާ ހިނިތުންވުމަކާއެކީ އޭނަ ކައިރިއަށް އަންނަން ފެށިއެވެ. އެއީ ބީރައްޓެހިއަކަށްވުމުން ފުރަތަމަ ސިކުންތުގައި ހިތުގައި ނުތަނަވަސްކަމެއް އުފެދުނެއްކަމަކު އެއީ އޭނައަށް ހެޔޮ އެދޭ މީހެއްކަމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ.

 

މަލާކް ވިސްނުމެއްގެ ތެރޭގައި އިންދާ މަޒީދު ގޮސް މަލާކްގެ އެނދު ކައިރީގައި ބެހެއްޓިފައިވި ގޮނޑީގައި އިށީންއިރު އަޔާޒް ވެސް އެވަގުތަށް ވަކި އެއްޗެކޭ ނުބުނެ އެނދުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައި އިށީނެވެ. ބައްޕަ މަލާކަށް ގޮވި ނަމުން މަލާކަށް ވަމުން ދިޔަ ގޮތުން ޚުދު އޭނަވެސް ހުރީ މި ވާގޮތެއް ދެނެގަންނަން ބޭނުންވެފައެވެ.

 

“ހަނދާން އެބަހުރިތަ މިއީ ކާކުކަން މަލޫ؟” މަޒީދަށް އެ ސުވާލުކޮށްލެވުނީ ހިތާމަވެރި ދެލޮލާއެކީ ހިނިތުންވެލަމުންނެވެ. އޭނަގެ ހިތަށް ކިރިޔާވެސް އުފަލެއް ލިބުނީ މަލާކް ކުޑައިރު މަލާކާއިއެކީ ހޭދަކުރަން އޭނައަށް ލިބުނު އެންމެ ދުވަހެއްގެ މަތިން ހަނދާންވެގެން ދިޔުމުންނެވެ. އަދި އޭނަ ހީކުރި ގޮތާއި ޚިލާފަށް މަލާކްވެސް އެދުވަސް ހަނދާން ހުރިހެން ހީވުމުންނެވެ. އެހެނަސް މަލާކް ދެބުމަ ކައިރިކޮށްގެން ދެންވެސް ވިސްނުމެއްގައި އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން އޭނަގެ ހިނިތުންވުން ފަނޑުވިއެވެ. ދުރުގައި ހުރި އަޔާޒް އެވަގުތު މަލާކްގެ ސިކުނޑިއަށް ބާރުކުރާނެކަން އެނގި އެއްޗެކޭ ބުނަން އުޅުނު ވަގުތު މަޒީދު ވާހަކަ ދެއްކިއެވެ.

 

“މަލޫ އެދުވަސްފަހުން ދިޔައިންތަ ކޯމަސް ބަލަން؟” މަޒީދު ކަރުނަ ހިލެން ފެށި ލޮލާއެކީ އެ ސުވާލުކޮށްލީ އެއިން މަލާކް އޭނަ މަތިން ހަނދާންވާނެކަމުގެ އުއްމީދުގައެވެ. އޭނަގެ އެ އުއްމީދު ސިކުންތުކޮޅެއްގެ ތެރޭގައި ފުރިހަމަ ވީ އެ ސުވާލު އިވުނުތާ ސިކުންތުކޮޅެއްގެ ތެރޭގައި ކަމެއް ހަނދާންވި ފަދައަކުން މަލާކްގެ މޫނުމަތި އުޖާލާވެގެން ދިޔުމުންނެވެ.

 

“ކޯމަސް ބޭބެ!” މަލާކް އެހެން ބުނެލި ހިނދު އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފެތުރުނެވެ. އޭނަގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއް ހަނދާންވެގެން ދިޔުމުން އޭނައަށް ބޭއިޚްތިޔާރުގައި ލުއި ގޮތަކަށް ހީލަމުން އަނގަމަތީގައި އެއްއަތް އަޅާލެވުނެވެ. އެހިނދު މަޒީދުގެ ވެސް ހިނިތުންވުން ފުންވެގެން ދިޔަ ހިނދު ދުރުގައި އިން އަޔާޒަށް ވާނުވާއެއް ނޭނގި އިނދެވުނެވެ. އެހެނަސް އެވަގުތު މަޒީދާއި މަލާކްގެ ހަނދާނަށް އަންނަން ފެށީ މަލާކަށް 7 އަހަރުގައި އެދެމީހުން ފުރަތަމަ ބައްދަލުވީ ދުވަހެވެ.

 

އެދުވަހަކީ މަސްޢޫދު ބަލިވުމުގެ ސަބަބުން ސާރިޔާ މަސްޢޫދު ގޮވައިގެން އަނެއް ރަށުގައި ހުންނަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ދުވަހެކެވެ. ސާރިޔާ އެދުވަހު ހެނދުނު ރަށުން ދިޔައީ މަލާކް އެގޭގެ ކައިރީގައި އުޅޭ ފަލާޙާގެ ގެއަށް ލާފައެވެ. ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށްވުމުން އެގޭގެ ތެރޭގައި އުޅޭ ކުދިން ކުޅެމުން ދިޔަ އެކި ކުޅިވަރުތައް މަލާކަށް ފެންނަމުން ދިޔައެވެ. އެކުދިން ގޭގެ ތެރޭގައާއި ގެއިން ބޭރުގައި ދުވެ ހެމުން ކުޅެމުން ދިޔަ ކުޅިވަރުތައް ބަލަން ގޭގެ ތެރޭގައި ހުރި ފަތްޖެހި ގޮނޑިއެއްގައި މަލާކަށް އިނދެވުނީ ދެރަވެފައިވާ ހިތަކާއި އެކީގައެވެ. އިތުރަށް ދެރަވަމުން ދިޔައީ ޗުއްޓީ ތެރޭގައި އެކުދިން މިހާތަނަށް ކުރި ކަންތަކުގެ ވާހަކަތައް ވެސް އިވެމުން ދިޔަ ވަރަކަށެވެ. އެ ވާހަކަތަކުގެ ތެރެއިން އޭނަ އެންމެ އަޖާއިބު ކުރުވަނިވި ވާހަކައަކަށްވީ އެ ރަށުގައި ތިބެފައި އަނެއް ރަށަށް ދާއިރު ބައެއްފަހަރު ކޯމަސްތައް ފެންނަ ވާހަކަ އިވުމުންނެވެ. އެ ވާހަކަ އިވުމުގެ ކުރިން އޭނަ ހީކުރީ ކޯމަހަކީ ހަމައެކަނި ބޭރު ޤައުމުތަކުން ފެންނަ މަހެއް ކަމަށެވެ. އެ ވާހަކަތައް އިވިފައި އޭނަ ވެސް ހަމަ ލޮލުން އެ މަންޒަރު ދެކިލަން ބޭނުންވިއެވެ.

 

“ވަރަށް ރީތިދޯ އާމިނާ؟ އެސޮރުމެން އެކީގަ މައްޗަށް ފުންމާފަ ފެނު އަޑިއަށް ދިޔަތަން ފެނުނުއިރު؟ މަށަށް ވެސް ރީއްޗަށް އެ މަންޒަރު ފެނުނީ ފެނުނީ ދޯނީގެ އިށީންނަ ފިލައިގެ މައްޗަށް ކޮޅަށް އެރީމަ…..ހެހެ….ދެން ހިނގާ އަވަހަށް އަތިރިމައްޗަށް. މިހާރު އަނެއް ގޭގެ ކުދިން ގޮއްސަ ތިބޭނެ. މަލާކް…އަށް ނާދެވޭނެދޯ؟” އެގޭގަ އުޅޭ މަލާކާއި އެއްޢުމުރެއްގެ ކުއްޖަކަށްވާ ނަހުލާ އޭނަގެ އެކުވެރިޔާއާއި ވާހަކަ ދައްކަމުން ގޮސް ގޮނޑީގައި އިން މަލާކަށް ބަލާލަމުން ބުނެލިއެވެ. މަލާކް އޭނަ ވަރަށް ދާން ބޭނުން ވާހަކަ ބުނަން އުޅުނު ވަގުތު ފަލާޙާ އެތަނަށްއައެވެ.

 

“އުނހު މަލާކް ނުގެންދާނެ. އަތިރިމައްޗަށް ގޮއްސަ ސަކަރާތްޖަހަމުން ދަނިކޮށް މަލާކަށް ގޮތެއްވެއްޖެއްޔާޔޯ؟ މަލާކް ހުންނާނީ ގޭގަ ޓީވީ ބަލަންދޯ ދަރިފުޅު؟ ދައްތަ ވެސް މިދަނީ ކައިރީގަ މިހިރަ އައިސައްތަމެން ގެއަށް ރޯނު ވަށަން. ދައްތަ ދިޔުމުގެ ކުރިން މަލާކަށް ހަވީރު ސައި ހަދައިދީފަ ދާނީ. އެންމެ ރަނގަޅެއްނު؟” ފަލާޙާ އައިސް މަލާކްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. މަލާކް އެފަދަ ބަސްތައް އަޑުއަހަން އާދަވެފައިވުމުން ދެރަވެފައިވާ ހިތަކާއި އެކީވެސް ހިނިތުންވެލަމުން ބޯޖަހާލީއެވެ. އޭނަ ކުޑަވުމާއެކު ދޭތެރެދޭތެރެއިން ހޭނެތޭ ގޮތުން އޭނައަކީ ‘ބަލި’ ކުއްޖެއްކަމަށް އޭނައަށް ވެސް ޤަބޫލުކުރެވިފައިވެއެވެ. އަދި އޭގެ ސަބަބުން އެދުވަސްވަރު އޭނަގެ މަންމަވެސް އޭނަ ތަންތަނަށް ގެންގޮސް ނަހަދައެވެ. ފަލާޙާ ދައްތަގެ މަޤާމުގައި އެދުވަހު އޭނަގެ މަންމަ ހުރި ނަމަވެސް އޭނަ ނުގެންދިޔައީސްކަން މަލާކަށް ޔަޤީންކުރެވުނެވެ. އެކަމާމެދު އޭނަ ޝަކުވާ ނުކުރީ އެހެންވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ އެކުވެރިން ނުހަނު އުފަލާއެކީ ގެއިން ނިކުތުމުގެ ކުރިން އެކިއެކި ވާހަކައިގައި ތިބެގެން ފައިވާންތަކަށް އަރަމުން ދިޔަ މަންޒަރު ވެސް ބަލަން މަލާކަށް އިނދެވުނީ ގެނބެމުން ދިޔަ ހިތަކާއިއެކީގައެވެ. އެމީހުންގެ އާ އަދި ރީތި ފައިވާންތަކުގެ ވާހަކަ ދައްކަމުން ދިޔަދިޔަހެން މަލާކަށް ދެރަ ގޮތަކަށް އޭނަގެ ހުސް ފަޔާއި ދިމާލަށް ބަލާލެވުނެވެ. ޙަޔާތުގެ އެހާ ހިސާބަށް ދިޔައިރު އޭނަ ދުވަހަކުވެސް ފައިވާނަކަށް އަރާފައެއް ނުވެއެވެ. އޭނައަށް ނުހިނގޭތީ އެއީ ވަކި ބޭނުންހުރި އެއްޗަކަށް ނުވާތީވެއެވެ. އަދި އަމުދުން އޭނަ ފައިވާނަކަށް އަރަން އުޅުނަސް ފައިގެ އިނގިލިތަކަށް ބާރުވެ ދިމާވާ ތަކުލީފުތަކުގެ ސަބަބުންނެވެ. އެހެނަސް އޭނައާއި އެއްޢުމުރެއްގެ ކުދިން ރީތި ފައިވާންތަކަށް އަރާ މަންޒަރު ފެނިފައި އޭނަވެސް ފައިވާނަކަށް އަރަން ބޭނުންވެއެވެ. ކޮންމެއަކަސް އެފަދަ ކޮންމެ ޙާލަތެކޭ އެއްފަދައިން މަލާކް އެކުދިންނަށް ބަލަން އިނދެފައި އެކުދިން ދިޔުމުން އަމިއްލަ ޙާލަތް ޤަބޫލުކޮށް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

 

މަލާކަށް ނޭނގުނު ކަމަކީ އެ ހުރިހާ ވަގުތު ގޭގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ވާގޮތަށް ގެއާއި ތަންކޮޅެއް ދުރު ހިސާބެއްގައި އޭނައަށް ބަލަން ފިރިހެނަކު ހުރިކަމެވެ. ގަމީހަކާއި ފަޓުލޫނެއްގައި ހުރި މަޒީދަށް މަލާކާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ދެރަވެފައިވާ ހިތަކާއި އެކީގައެވެ. އެއީ އޭނައަށް އޭނަގެ އެ ދަރިފުޅު ފެނުނު ފުރަތަމަ ދުވަހެވެ. ކަކުލުން ތަންކޮޅެއް ތިރިއަށް އޮތް ހުދުކުލައިގެ ހެދުމަކާއި ކަނދުރައާއި ހަމައަށް އޮތް ކުޑަ އިސްތަށިކޮޅާއެކީ އެ ވަށްމޫނު ފެނިފައި އޭނަގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އޭނަ އެދުވަހު އެރަށަށް އައީ މީގެ ދުވަސްތަކެއްކުރިން ސާރިޔާ އޭނަގެ ހުރި ހަމައެކަނި ދަރިފުޅާއެކީ މި ރަށުގައި އުޅެމުން ދާ ވާހަކަ އޭނަގެ މުވައްޒަފެއްގެ ފަރާތުން އިވުމުންނެވެ. އެކުއްޖާއަކީ ބަލި އަދި ނުހިނގޭ ކުއްޖެއްކަމަށް އިވުނު ދުވަހުއްސުރެ މަޒީދު ހުރީ އެކުއްޖާ ދެކިލަން ބޭނުންވެފައެވެ. އެންމެ ފަހުން އޭނައަށް މިރަށަށް އާދެވިފައި މިވަނީ ކެތްނުކުރެވުނު ހިތެއްގެ ސަބަބުންނެވެ. ގޭގެ ތެރެއިން ހުރިހާ ކުދިން ދިޔުމަށްފަހު ވެސް މަލާކް ޓީވީ ބަލަން އިނދެއިނދެފައި ދޭތެރެދޭތެރެއިން އޭނަގެ ފަޔަށް ބަލަމުން ދިޔަގޮތުން މަޒީދުގެ ލޮލުން ކަރުނަ ހިލުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ޚިޔާލެއް ލިބުމާއެކު އެތަނުން ދާން ހިނގައިގަތެވެ.

 

މަޒީދު އަނބުރާ އެތަނަށް އައިއިރު އޭނަގެ އަތުގައި އޮތް ބޭރު ފެންނަ ކޮތަޅު ތެރޭގައި ފިޔާތޮށި ކުލައިގެ ކުޑަ ފައިވާނެއް އޮތެވެ. މަޒީދު އޭނަ ކުރިން ހުރި ތަނަށް އައިސް މަޑުކޮށްލި ވަގުތު ފަލާޙާ މަލާކްގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ސައިބޯނެ އެއްޗެހި އަތުރަމުން ދިޔައީއެވެ. އެއަށްފަހު ދައްތަ ދޭތެރެދޭތެރެއިން އަންނާނެ ވާހަކަ ބުނަމުން ގެއިން ނިކުތް ވަގުތު މަޒީދު ނޫންކަމަށް ހަދަމުން ދުރުބަލަން ފެށިއެވެ. ރަށަކީ ކުޑަ ރަށަކަށްވެފައި އެދުވަސްވަރު ވަކި ބިރުވެރިކަމެއް ނެތުމުން ފަލާޙާ ގެއިން ނިކުމެގެން ދިޔައީ ދޮރު ހުޅުވާފައި ބަހައްޓާފައެވެ. ފަލާޙާ އެގޭގެ ކައިރީގައި ހުރި ގެއަކަށްވަދެ ލޯމައްޗަށް ގެއްލުމުން މަޒީދު އަނެއްކާވެސް މަލާކަށް ބަލާލަމުން މަލާކާއި ދިމާލަށް ދާންފެށިއެވެ. ގޭގެ ތެރޭގައި އިން މަލާކް ޓީވީ ބަލަން އިންދާ ދޮރުމައްޗަށް މީހަކު އެރިހެން ހީވެފައި އެދިމާލަށް ބަލާލިއެވެ. އެއާއެކު ނޭނގޭ މީހަކު ހުރިތަން ފެނިފައި މަލާކް ސިއްސައިގެން ދިޔައެވެ.

 

“އޮހޮ! ކަނބުލޮ ބިރުގަތީތަ ނޭނގޭ މީހަކު ފެނުނީމަ؟” މަޒީދު ހިތާމަވެރި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ.

 

“ފް…ފަލާޙާ ދައްތަ ގޭގަ ނެތް.” ހިސާބަކަށް ބިރުގެންފައިވި ހިތަކާއެކީ މަލާކަށް ބުނެލެވުނެވެ. އެއާއެކު މަލާކްގެ ލޯބި އަޑު އިވުމުން މަޒީދަށް ހީލެވުނެވެ.

 

“ފަލާޙާ ދައްތައާ ބައްދަލުކުރަން ނޫނޭ މިއައީ. މަލާކްއަށް ހަދިޔާއެއް ދޭންވެގެން މިއައީ…” މަޒީދު އެހެން ބުނެލަމުން އޭނަގެ އަތުގައި އޮތް ކޮތަޅު މަލާކަށް ދައްކާލިއެވެ. އެ ކޮތަޅު ތެރެއިން އޭނައަށް ރީތި ކުލައެއްގެ ފައިވާނެއް ފެނުމުން ކުއްލިއަކަށް އޭނަގެ ހިތުގައި އޮތް ބިރުވެރިކަން ފިލައި އުފާވެރިކަން ވެރިވިއެވެ. އެ ބޭބެ އައިސް އޭނަގެ ކުރިމައްޗަށް ކުރުފައި މައްޗަށް ތިރިވިއިރު މަލާކަށް އިނދެވުނީ ހިނިތުންވުމެއްގައެވެ.

 

“ހިނގާ އަވަހަށް ފައިވާނަށް އަރަންދޯ؟ ބައްޕައަށް މަލާކްގެ ސައިޒް ނޭނގޭތީ ނޭނގޭ މީތި ހެޔޮވަރު ވާނެކަމެއް. ބައްޕަ މަލާކްއަށް ދޭން ހަމަ ދެންމެ ގަތް އެއްޗެއް މިއީ.” މަޒީދު ނުހަނު އުފަލާއެކީ ކޮތަޅު ފައިވާން ނަގަމުން ވާހަކަ ދެއްކިއެވެ.

 

“މިއީ ބައްޕަ އެރަށުގަ ހުރެގެން މަލާކަށްދޭން ގަނެފަ ފޮނުވި އެއްޗެއްތަ ބޭބޭ؟ ބައްޕަ ރަނގަޅުތަ މިހާރު؟” މަޒީދު ފައިވާނުގެ އެއްކިބަ ނަގައި މަލާކްގެ އެއްފައިގައި ހިފާލި ވަގުތު މަލާކް ކޮށްލި ސުވާލުތަކުން އޭނަގެ ޙަރަކާތްތަކަށް ހުއްޓުމެއްއައީ ޙަޤީޤީ ދުނިޔެއަށް އަނބުރާ އާދެވުމުންނެވެ. މަލާކްގެ ނަޒަރުން މަލާކްގެ ބައްޕައަކީ އޭނައެއް ނޫންކަން އެނގުންވުމާއެކު މޭގައި ރިހުމެއް ހިނގާލިއެވެ. އެހެނަސް އޭނަ ގަދަކަމުން ހިނިތުންވުމެއް ފަތުރާލަމުން މަލާކަށް ބަލާލިއެވެ.

 

“އާނ މަލާކް….މިއީ މަލާކްގެ ބައްޕަ މަލާކްއަށް ގަނެދިން އެއްޗެއް…ހިނގާދޯ އަވަހަށް މީތި ލާން؟ އިނގިލިތަކަށް ދޫދީބަލަ ދަރިފުޅު.” މަޒީދު އިތުރަށް މަލާކްގެ ބައްޕަގެ ވާހަކަ ދެއްކުމެއްނެތި ފައިވާން ލައްވަން އަވަސްވިއެވެ.

 

“އެހެންވީމަ ބައްޕަ ވަރަށް އަވަހަށް ރަށަށް އަންނާނެދޯ ބޭބެ؟” މަލާކް އެ ސުވާލުކޮށްލީ އޭނަގެ އިނގިލިތަކަށް ދޫދޭން އޭނައަށްވީ ވަރަކުން މަސައްކަތް ކުރުމުން ފައިވާނުގެ އެއްކިބަ އޭނަގެ އެއްފަޔަށް ލައްވާލެވުނު ވަގުތެވެ.

 

“ހުމް….ބައްޕަ އަންނާނެ ވަރަށް އަވަހަށް.” މަޒީދު އެހެންވެސް ބުނެލީ މަލާކަށް ބަލާނެ ހިތްވަރެއް ނެތި މަލާކްގެ އަނެއް ފައިގައި ފައިވާން ލައްވައި ދެމުންނެވެ.

 

“ރީތިދޯ މީތި، މަލޫ؟ ބަޕް….ބޭބެ މަލާކްއަށް މަލޫ ކިޔުނަސް އެންމެ ރަނގަޅުތަ؟” މަޒީދު އެހިއެވެ. އޭނަ ސާރިޔާއާއިމެދު ކުރި ހުރިހާ ކަންތަކަށްފަހު ވެސް މި ދަރިފުޅަށް ދެވިފައިވަނީ އޭނަ ޚިޔާރުކޮށްފައިވި ނަންކަން އެނގުންވި ދުވަހު ވެސް އޭނަގެ ހިތަށް އަސަރު ކުރިއެވެ. އެހެނަސް ސާރިޔާ ދެންވެސް އޭނައަށް ނުރުހުންވާކަން އެނގުންވީ މަލާކް ދެން ބުނެލި ބަސްތަކުންނެވެ.

 

“މަލޫ….ހެހެ….ވަރަށް ރީތި ނަމެއް. މަލާކްއަށް އެއްވެސް މީހަކު އެ ނަމުން ނުގޮވާ.” ކުޑަކުޑަ މަލާކް ހިނިތުންވުމަކާއެކީ ބުންޏެވެ.

 

“އެހެންތަ؟ އެކަމަކު ލޯބިން ގޮވަންވެސް ނަމެއް އޮންނަންވާނެތާ މަލޫއަށް ވެސްދޯ؟ ހެހެ….ހިނގާދޯ އަތިރިމައްޗަށް ދާން؟ މަލޫ ބޭނުންތަ މި ބޭބެއާއެކީ އަތިރިމައްޗަށްދާން؟” މަޒީދު އެހިއެވެ. އެއާއެކު މަލާކް އުޖާލާވެގެން ދިޔަ މޫނަކާއެކީ ބޯޖަހާލިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މަލާކްގެ ހިނިތުންވުން ފަނޑުވިއެވެ.

 

“އެކަމަކު ބޭބޭ….މަލާކްއަށް ނުހިނގޭ…” އިސްޖަހާލަމުން ދެރަވެފައިވާ މޫނަކާއެކީ މަލާކް ބުނެލިއެވެ.

 

“އެއީ މައްސަލައެއްނޫނޭ މަލޫ! ބޭބެގެ މިހިރީއެއްނު ނުލާހިކު ސްޓްރޯންގް ދެއަތް؟ ބޭބެއަށް ގެންދެވޭނެއޭ އުރާލައިގެން. އާދޭ!” މަޒީދު އޭނަގެ ދެއަތް ދިއްކޮށްލަމުން ޖޯޝުން ފުރިފައިވި އަޑަކުން ބުނެލިއެވެ. އެއާއެކު މަލާކް ވީ އުފަލާއެކީ ވަގުތުން އޭނަގެ ދެއަތް ދިއްކޮށްލިއެވެ. އެ ހިނދު މަޒީދު މަލާކް އުރާލައިގެން ތެދުވެލިއެވެ. އަދި އޭނަ ވަޢުދުވީ ފަދައިން މަލާކް ގޮވައިގެން ދިޔައީ އަތިރިމައްޗަށެވެ. މަޒީދު މަލާކް ގޮވައިގެން އަތިރިމައްޗަށް ފޭބީ ކުދިންނާއި މީހުން ވެސް މަދު ހިސާބަކަށެވެ. މަލާކް ދަންނަ ކުއްޖަކަށް މަލާކް ފެނި ފަލާޙާއާއި ހަމައަށް ޚަބަރު ގޮސް މާ އަވަހަށް މަލާކާއި ވަކިވާން ބޭނުންނުވުމުންނެވެ. އަތިރިމައްޗަށް މަލާކާއި އެކީ ފޭބުމާއެކު ބައްޕައާއި ދަރިފުޅުގެ ހުނުމުގެ އަޑު އެ ހިސާބުގައި ހަރުލިއެވެ. މަޒީދު އެއްކަމަކަށް ރާޅު އަންނަ ހިސާބުގައި މަލާކް ބަހައްޓާފައި ރާޅު އަންނަންވާއިރަށް މަލާކް ހިއްލަމުން ދިޔަ ހިނދު ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެހެން ހަދަން ފެށިތާ މާ ގިނައިރެއްނުވެ މަލާކް ބަލިވާ ވާހަކަ ބުނުމުން މަޒީދު އެތާހުރި ރުއްބުރިއެއްގެ މަތީގައި މަލާކް ބައިންދައިގެން ދޮންވެލިގަނޑު މަތީގައި އެއްޗެހި ކުރަހައި ދޮންވެލިން އެއްޗެހި ހެދުމުން ވެސް މަލާކް ޖޯޝާއެކީ އަތްތިލަ ބަޑި ޖަހަމުން ދިޔައެވެ. އެ އެއެއްޗެހި ހެދުމުގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން މޫދާއި ދިމާލަށް ބަލަން އިނދެފައި ކޯމަސް ފެންނާނީ ކިހާ ހިސާބަކުންތޯ މަލާކް ސުވާލުކުރިއެވެ. އެ ސުވާލާއެކު ކުރިއަށް ދިޔަ ވާހަކަތަކުގެ ތެރެއިން ކޯމަސް ފެނުމަކީ މަލާކްގެ ކިހާ ބޮޑު އެދުމެއްކަން މަޒީދަށް އެނގުންވިއެވެ. އެއާއެކު އޭނަ މަލާކް ގޮވައިގެން ހަމަ އެވަގުތު ފުރަން އޮތް ދޯނީގެ ދަތުރު ހިފަން ފާލަމަށް ދިޔައީ ދެވަނަ ވިސްނުމެއްނެތިއެވެ. މީހަކަށް ފެނިދާނެކަމުގެ ބިރަށްވުރެ އަދި ސާރިޔާއަށް އޭނަ އައިކަން އެނގިދާނެކަމުގެ ނުތަނަވަސްކަމަށްވުރެ އޭނައަށް އެވަގުތު އޭނަގެ ދަރިފުޅުގެ އުފާވެރިކަން މުހިއްމުވިއެވެ. އެހެންކަމުން އޭގެ މިނެޓްތަކެއްގެ ތެރޭގައި މަޒީދު އިނީ މަލާކާއި އެކީ ދޯންޏެއްގެ ތެރޭގައި އިށީނދެގެންނެވެ. ދަތުރު ފެށުމާއެކުހެން ކުޑަދޮރުން ބޭރު ބަލަން އިން މަޒީދު ކައިރިން މަލާކް، އެބަފެނޭތޯ ސުވާލުކުރަމުން ދިޔައެވެ. މަޒީދު ނުހަނު އުފަލާއެކީ އަދި ލޯތްބާއެކީ އޭގެއިން ކޮންމެ ފަހަރަކު ނޫނެކޭ ބުނަމުން ދިޔައެވެ. އެންމެ ފަހުން ކޯމަސްތައް ފެންނަން ފެށުމުން މަޒީދު އެހެރީއޭ ބުނެ މަލާކް ކުޑަކޮށް އުރާލަމުން އިށީންނަ ފިލައިގެ މަތީގައި މަލާކް ކޮޅަށް ބޭންދީ ކުޑަދޮރުން ބޭރު މަލާކަށް ފެންނާނެ ގޮތަށެވެ. މޫނުގައި ބީހެން ފެށި ވައިރޯޅިތަކަށް ކެތްނުކުރެވި މަލާކަށް ކުރީކޮޅު ލޯ ނުހުޅުވުނެއްކަމަކު ލޯ ހުޅުވާލުމުން ފެނިގެން ދިޔަ މަންޒަރުން މަލާކްގެ އަނގަ ހުޅުވުނެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އުޑުމައްޗަށް ވެރިވެފައިވި އޮރެންޖު ކުލައިގެ ތެރެއިން އެތައް ކޯމަހެއް މައްޗަށް ފުންމައި ތިރިވަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ފައިގައި ރިއްސަން ފެށިކަން ވެސް އޭނަ ހަނދާންނެތޭ ގޮތްވިއެވެ. މަލާކް އަޖާއިބުވެފައި އެ މަންޒަރަށް ބަލަން ހުރިއިރު އޭނަ ގައިގައި ހިފަހައްޓައިގެން ހުރި މަޒީދަށް ހިނިތުންވުމަކާއެކީ އެސްފިޔަ ޖަހާލުމެއްނެތި އޭނަގެ މައުސޫމް ދަރިފުޅުގެ މޫނަށް ބަލަން އިނދެވުނެވެ. މަލާކް ވަރަށް ރީތިދޯއޭ ބުނެ އޭނައަށް ބަލަމުން ދިޔައިރު ވަރަށް ރީއްޗޭ މަޒީދު ބުނަމުން ދިޔައީ އޭނައަށް ދެން މިފަދަ ވަގުތުކޮޅެއް މި ދަރިފުޅާއެކީ ހޭދަކުރުމުގެ ފުރުޞަތެއް ލިބޭނެތޯ ހިތާހިތުން ސުވާލުކުރަމުންނެވެ.

 

ދޯނި ގޮސް އަނެއްރަށުގެ ފާލަމުގެ ކައިރިއަށް މަޑުކުރިއެއްކަމަކު މަޒީދު މަލާކާއެކީ އެ ރަށަށް ނުފައިބައި މަލާކް ހުރި ރަށަށް އަނބުރާ ދިޔަ މަގުމަތީގައި ވެސް ކޯމަސް ބަލަން މަލާކަށް އެހީވެދިނެވެ. ދެމީހުންނަށް ރަށަށް އާދެވުނު ވަގުތު ކަންބޮޑުވެފައި ހުރި ފަލާޙާ ދެމީހުންނަށް ވެސް ފެނުނެވެ. މަޒީދު ފަލާޙާއަށް މަޢާފަށް އެދިފައި މަލާކް ފަލާޙާއާއި ޙަވާލުކުރިއެވެ. ފަލާޙާ ތިއީ ކާކުތޯ ސުވާލުކުރިއެއްކަމަކު މަޒީދު ޖަވާބު ދިނުމެއްނެތި ފުރަން ދިޔުމަށްޓަކައި އަނބުރާ ދޯންޏަށް އެރިއެވެ. ދޯންޏަށް އެރި ވަގުތު ފަލާޙާގެ އުރުގައި ހުރި މަލާކް ބޭބެ އަދި އަންނައްޗޭ ބުނެލި އަޑަށް މަޒީދަށް ފަސްއެނބުރި ބަލާލެވުނީ ކަރުނަ ހިލެން ފެށި ދެލޮލާއި އެކީގައެވެ. އެހެނަސް އޭނަ އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުއްޓާ އެ ދޯނި ފާލަމާއި ދުރަށްދާން ފެށީއެވެ.

 

“ހަނދާން އެބަހުރިދޯ މަލާކް؟” ހަނދާންތަކުގެ ފުންކަނޑުން ނެރެވުނު ވަގުތު މަލާކްގެ އެނދުގެ ކައިރީގައި އިން މަޒީދު ސުވާލުކުރިއެވެ.

 

“އާނ ބޭބޭ….ހަނދާން އެބަހުރި. އަޔާޒް! އެނގޭތަ؟ މި ބޭބެގެ ސަބަބުން މަލާކަށް ފުރަތަމަ ފަހަރަށް ޑޯލްފިންސް ފެނުނީ. ބޭބެ އެއްދުވަހު މަލާކް ދަތުރަކު ގެންގޮސް ދެއްކީ މަލާކްއަށް، ދޯ ބޭބޭ؟ ވަރަށް ހަނދާންވި ބޭބެ މަތިން ބޭބެ ދިޔައިމަ ވެސް. އެކަމަކު އެނގޭތަ ބޭބޭ؟ އެދުވަހު ބޭބެ ދިޔަ ފަހުން މަންމަ ރަށަށް އައިމަ ފަލާޙާ ދައްތަ ބުނީ މަލާކް ގޮވައިގެން ބޭބެ އެގޮތަށް ދިޔަ ވާހަކަ. ފަލާޙާ ދައްތަ ބުނަން ވެސް ބުނި ތިމަންނައަށް ހީވަނީ މިއީ މިވެނި މީހެއް ހެންނޯ. ހަނދާނެއްނެތް ފަލާޙާ ދައްތަ ކިޔުނު ނަމެއް. އެކަމަކު އެ ނަން ކިޔުނީމަ މަންމަ ވަރަށް ރުޅިއައީ. މަންމައަށް ހީވީ ކަންނޭނގެ ބޭބެއަކީ ވަރަށް ގޯސް މީހެއްހެން. މަލާކްގެ ފައިވާން ވެސް ގެނެސްދިނީ ބޭބެއޭ ބުނީމަ މަންމަ އެ ފައިވާން ވެސް ވަގުތުން އުކާލީ.” މަލާކް ކިޔައިދިނެވެ.

 

“އެހެންތަ؟” ދެރަވެފައިވާ ހިތަކާއެކީ މަޒީދަށް އަހާލެވުނެވެ. އެދުވަހު ސާރިޔާގެ ހިތަށް ކުރާނެ އަސަރާއި މަލާކް ރޯނެ ރުއިން ހިތަށް ގެނެވުމުން މޭގައި ރިހުމެއް އުފެދުނެވެ.

 

“ހުމް….ފަހުން އެނގުނު އަސްލު ނޭނގޭ މީހުންނާއެކީ އެގޮތަށް ދިޔުމަކީ ކިހާ ނުރައްކާތެރިކަމެއްކަން. އެކަމަކު އެދުވަހު ބޭބެ މަލާކް އަތިރިމައްޗަށް ގެންގޮސް ކޯމަސް ބަލަން ދިޔައީ ގޯސް ނިޔަތަކުއޭ މަލާކް ނުބުނާނަން. ހިތްހެޔޮ މީހުންނާއި ހިތްހެޔޮ ނޫން މީހުން ދެނެގަންނަން މަލާކްއަށް ވެސް އެނގޭ. އެހެންވީމަ އެތައް އަހަރެއް ފަހުން ވެސް ބޭބެ ފެނުނީމަ މިހާ އުފާ މިވަނީ. ބޭބެއަށް ކިހިނެއް އެނގުނީ މަލާކް ހޮސްޕިޓަލުގަ އޮތްކަން؟ އަޔާޒް ދަންނަ މީހަކީތަ ބޭބެއަކީ؟” މަލާކް މަޒީދާއި ވާހަކަ ދައްކަމުން ގޮސް އަޔާޒާއި ވެސް ސުވާލުކުރިއެވެ. އަޔާޒް އެއްޗެކޭ ބުނަން އުޅެފައި ވެސް ބައްޕައަށް ބަލާލީ ބައްޕަ އެއްޗެކޭ ބުނޭތޯ ބެލުމަށެވެ. އެހެނަސް ބައްޕަ އެއްޗެކޭ ނުބުނެ އިސްޖަހާލުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“އާނ މަލާކް…..މިއީ ކާކުކަން އަހަންނަށް އެނގޭ. މަލާކަށް މިވަގުތު ޙަޤީޤަތް ކިޔައިދިނުން ރަނގަޅުވާނެހެން އަޅުގަނޑަށް ހީވަނީ…ދޯ ބައްޕާ؟” އަޔާޒް އެންމެ ފަހުން ބުނެލި ބަހާއިއެކީ މަލާކްގެ ދެބުމަ ކައިރިވީ ހިނދު މަޒީދުގެ ނަޒަރު ވެސް އޭނައަށް އަމާޒުވިއެވެ. މަޒީދު ޙަޤީޤަތުގައި ހުރީ މަލާކް ބަލިވުމުން ޙަޤީޤަތް އެވަގުތަށް ފާޅު ނުކުރާށެވެ. އެހެނަސް އަޔާޒް އެވަގުތު ޙަޤީޤަތް ފާޅުކުރުވަން ބޭނުންވީ އެވަގުތުވެސް މަލާކްގެ ހިތުގައި އެ ބައްޕައާއިމެދު ޤަދަރެއް ވާތީވެއެވެ. ކަން މިހެން އޮތްއިރު މަލާކްގެ އަސްލު ބައްޕަގެ ގޮތުގައި ބައްޕަ ޤަބޫލުކުރުން މަލާކަށް ދަތިކަމަކަށް ވާނެ ކަމަށް އޭނައަށް ޤަބޫލު ނުކުރެވުނީތީވެއެވެ. އަދި އަމުދުން މަސްޢޫދުބެއަކީ އޭނަގެ އަސްލު ބައްޕަ ނޫންކަން މިހާރުވެސް މަލާކަށް އެނގިފައިވާކަން އެއްދުވަހު މަލާކާއި ދެކެވުނު ވާހަކަތަކުގެ ތެރެއިން އޭނައަށް އެނގިފައިވާތީވެއެވެ.

 

“ބައްޕައޭ؟ އެކަމަކު އަޔާޒްގެ…..” މަލާކްގެ އެ ވާހަކަ މެދުކެނޑުނެވެ.

 

“އަހަރެންގެ ބައްޕައެއްނޫން މަލާކް….” އަޔާޒް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއަށްފަހު ތުންފިއްތާލަމުން މަލާކަށް ނަޒަރެއް ދީގެން އިނީ މަލާކަށް ދޭހަކުރެވޭނެ ފަދައަކުންނެވެ. އަޔާޒް އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިންނަން ފެށުމުން އެނގުންވި އެނގުންވުމާއެކީ މަލާކްގެ މެއަށް ފިނިވެގެން ދިޔަ ހިނދު އޭނައަށް އޭނަގެ އެނދު ކައިރީގައި އިށީނދެގެން އިން ފިރިހެން މީހާއާއި ދިމާލަށް ބަލާލެވުނެވެ. އެ ދެވުނު ނަޒަރާއެކީ މިއީ އޭނަ ދޫކޮށް ގޮސްފައިވާ ބައްޕަކަން އޭނަގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އެ ސޫރައަށް ބަލަހައްޓައިގެން އިނދެވުނުހެން އޭނަ މިހާ ދުވަހު ބެލި ބައްޕަގެ ދުލުން މި ބައްޕައާއި ބެހޭގޮތުން އިވުނު ވާހަކަތައް ހަނދާނަށްއައެވެ. އޭނައަކީ ޙަރާމް ދަރިއެއްކަމަކަށް ބުނެ ވާހަކަ ފެތުރި ވާހަކަ ހަނދާންވެގެން ދިޔުމުން މަލާކްގެ ހިތް ރޫރޫއެޅިއެވެ. އޭނަގެ ކުރިމަތީގައި ހުރި މީހަކީ ނުރައްކާތެރި މީހެއްކަމަށް ނިންމަން އުޅުނެއްކަމަކު މިއީ އޭނަގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއް ގެނެސްދިން އިންސާނާކަން ވެސް ހަނދާނަށްއައެވެ. އެހިނދު އެތައް ސުވާލެއް އެއްފަހަރާ މަލާކްގެ ސިކުނޑިއަށް ވެރިވުމުން އެއްޗެކޭ ބުނަން ނުކުޅެދިފައި އޭނައަށް އިނދެވުނެވެ.

 

މަލާކް ހުއްޓުން އަރާފައި އިންނަން ފެށި ހިނދު މަޒީދުގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެވެ. އޭނަ މަލާކްގާތު ބުނަން އެތައް ވާހަކައެއްވިއެވެ. މަސްޢޫދަކީ މަލާކްގެ އަސްލު ބައްޕަ ނޫންކަން މަލާކަށް އެނގޭކަން މަސްޢޫދުގެ ފަރާތުން އޭނައަށްވަނީ އެނގިފައެވެ. އޭނަ ކުރި ކަންތައް ވެސް މަލާކަށް އެނގުމުގެ ފުރުޞަތު އެބައޮތްކަމަށް މަސްޢޫދު ބުނި ދުވަހުއްސުރެ އޭނަ ހުރީ މުޅި ޢުމުރު ދުވަހު އޭނައާއި މަލާކާއި ދެމެދު އޮތް ގުޅުން ފޮރުވަން ނިންމައިގެންނެވެ. މަލާކް އޭނައަށް ނަފްރަތު ކުރުމަށްވުރެ މަލާކާއި ދުރުގައި ހުރުން ވެސް އޭނަގެ ހިތަށް މާ ފަސޭހަވާނެކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. ކޮންމެ ގޮތެއްވިޔަސް މަލާކަށް މިވަގުތު ޙަޤީޤަތް އެނގި އެ ދަރިފުޅުގެ ކުރިމަތީގައި ހުރެވުމުން މަޒީދަށް ކުށްވެރިއެއްގެ އިޙްސާސް ކުރެވެމުން ދިޔައެވެ. އޭނަ އެތާ އިނީ މަލާކް އޭނަގެ މައްޗަށް ނިންމާ ކޮންމެ ނިންމުމެއް ކުށްވެރިއަކަށް ޙައްޤުވާ އަދަބެއް ފަދައިން ޤަބޫލުކުރަން ނިންމައިގެންނެވެ.

 

ޖަޒުބާތުތަކުން ފުރިގެން ދިޔަ ހިތްތަކެއްގެ ސަބަބުން އިރުކޮޅެއް ވަންދެން މުޅި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމަށް ނިމުމެއް އައީ އެންމެ ފަހުން މަލާކް ވާހަކަ ދެއްކުމުންނެވެ.

 

“ކޯމަސް ބަލަން ދިޔަ ދުވަހު……އެނގޭތަ މަލާކަކީ ކާކުކަން؟” މަލާކް ޖެހިލުންވުމަކާއެކީ ސުވާލުކުރިއެވެ. މަލާކް ކޮށްލި ސުވާލުން ޙައިރާންކަން ލިބިގެން ދިޔަ ހިތަކާއެކީ މަޒީދަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއެކު އޭނައަށް އަދިވެސް ނަފްރަތާއި ނުލާ އެ ދަރިފުޅާއި ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތްހެން ހީވުމުން ހިތަށް އުފަލެއްވެސް ލިބުނެވެ.

 

“ލައްބަ ދަރިފުޅު. އޭރުވެސް އެނގޭ މަލޫއަކީ ބައްޕަ ދަރިފުޅުކަން. އަސްލު ދަރިފުޅު އެރަށަށް އުފަންވި ދުވަހުވެސް އެ ޚަބަރު ލިބުނު ބައްޕައަށް. ދަރިފުޅުގެ މަންމަ ދަރިފުޅު ވައްޓާނުލާ އުފަންކުރި ވާހަކަ އެނގުނީމަ ވީ އުފަލުން ބައްޕަ މީހަކު ލައްވާ ދަރިފުޅުގެ ފޮޓޯއެއްވެސް ނަގުވައި ފޮޓޯވެސް ހޯދިން ހަމަ އެދުވަހު. އެކަމަކު އޭރު މާ ބޮޑު އަޅައެއްނުލަން. ހިތަށްއެރީ މިކުއްޖާ ބޮޑުވާނެތާއޭ އެރަށުގެ މާޙައުލުގަ ނުހަނު އުފަލުގަ. އޭގެ 7 އަހަރު ފަހުން ބައްޕަގެ މުވައްޒަފަކު ޗުއްޓީއަށް ތި ރަށަށް ގޮއްސަ އައިސް ބައްޕަ ކައިރި ބުނީ އެކުއްޖާއަކީ ނުހިނގޭ ކުއްޖެކޭ. އެހާ ހިސާބުން އަނެއްކާވެސް މަލޫ ދެކިލަން ބޭނުންވެގެން އެދުވަހު އެރަށަށް ދިޔައީ. އެ ހުރިހާ ދުވަހު މަލޫއަށްޓަކައި ކަމެއްކޮށްނުދެވޭތީ މަލޫއަށް ފައިވާނެއް ގަނެދީ މަލޫ ބޭނުންހާ ކަންތައް ކޮށްދިނީ….” މަޒީދު އެ ވާހަކަތައް ކިޔައިދިންއިރު އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެހިނދު މަލާކަށް ނޭނގި މަލާކްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ.

 

“އެހެން…ވެ ދޯ މަންމަ އެހާ ރުޅިއައީ މަލާކް އެ ދަތުރު ދިޔައިމައާ މަލާކް އެ ފައިވާނަށް އެރީމަ؟” މަލާކް އެ ސުވާލު ކޮށްލިއިއިރު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.

 

“ހުމް….މަންމަ ރުޅި އަންނަންވީ ބައިވަރު ސަބަބުތައް ދީފަ ދޯ ބައްޕަ ހުރީ؟ މަންމަ ރުޅި އައީތީ ބައްޕަ މަންމަ ކުށްވެރިއެއް ނުކުރާނަން. ބައްޕައަކީ ވަރަށް ގޯސް ބައްޕައަކަށްވީމަ މަންމަ މަލޫ ބައްޕައާއި ދުރުކުރަން ބޭނުންވީ.” މަޒީދު ރޫރޫއަޅާ އަޑަކުން ކިޔައިދިނެވެ.

 

“ސުވާލުކުރެވިދާނެތަ ކީއްވެގެންކަން މަލާކް ބައްޕަ ގޯސް ބައްޕައަކަށްވީ؟ މަލާކް ދުނިޔެއަށް އައުމުގެ ކުރިން ވެސް މަލާކްއާއި ބެހޭގޮތުން ދޮގު ޚަބަރު ފެތުރީ ކީއްވެކަމާމެދު ސުވާލުކުރެވިދާނެތަ؟” މަލާކް އެ ސުވާލުތައް ކޮށްލިއިރު އޭނަގެ އަޑުގައި ހިތާމަވެރިކަމަކާއި ޝަކުވާއެއްވިއެވެ. އެހިނދު މަލާކްގެ ބާރުކުރެވިފައިވި ދެއަތުގައި ތުރުތުރެއް ހިނގާލި ގޮތުން މަޒީދު ނުތަނަވަސްވާ ގޮތްވިއެވެ.

 

“މަލޫ….ހިނގާދޯ އެހެން ދުވަހަކުން މި ވާހަކަ ދައްކަން؟ މިވަގުތު މިފަދަ ވާހަކައެއް ދައްކާ ކަހަލަ ޙާލަތެއްގައެއް ނޫނެއްނު ދަރިފުޅު ތިހިރީ؟ އަޔާޒް…..” މަލާކަށްޓަކައި ކަންބޮޑުވެފައިވި ހިތަކާއެކީ މަޒީދަށް މަލާކްގެ އެއްއަތުގައި އަތް އަޅާލަމުން އަޔާޒަށް ބަލާލެވުނީ އަޔާޒް ބުނާ އެއްޗެއް ދެނެގަތުމަށެވެ.

 

“އަޅުގަނޑަށް ހީވަނީ ޙަޤީޤަތް ކިޔައިދިނުންހެން ރަނގަޅުވާނީ ބައްޕާ…..އެއީ ކިތަންމެ ހިތި ޙަޤީޤަތަކަށް ވިޔަސް….އެއީ މަލާކަށް މިހާރުވެސް އެނގޭ އެއީ ކިހާވަރެއްގެ ވާހަކައެއްކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ބައްޕައަކީ މަލާކަށް ދެރައެއް ދޭވަރަށްވުރެ މަލާކްދެކެ ލޯބިވާ ބައްޕައެއް. ޙަޤީޤަތް ކިޔައިދީފަ މަލާކަށް އެ ލޯބި ހާމަ ކޮށްދިނީމަ މަލާކްގެ ހިތަށްވެސް މާ ފަސޭހަވާނެހެން އަޅުގަނޑަށް ހީވަނީ.” އަޔާޒް މަލާކްގެ ޙާލަތަށާއި މަލާކްގެ މިޒާޖަށް ވެސް ވިސްނާފައި ބުނެލިއެވެ. މަލާކް މި ހުރިހާ ދުވަހުވެސް އޭނަގެ އަސްލު ބައްޕަގެ ވާހަކަ ކިޔައިދިންއިރު ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. އެ ބައްޕަވެސް ބައްޕަގެ ކުށް ޤަބޫލުކޮށް މަޢާފަށް އެދިއްޖެނަމަ މަލާކް އެ ބައްޕައަށް މަޢާފުކޮށް ބައްޕަދެކެ ލޯބިވާނެ ވާހަކައެވެ. މަލާކް އެހެން ބުނާއިރު މަލާކް އޭނަގެ އަސްލު ބައްޕަ ކިހާ ބޭނުންވާކަން ވެސް އަޔާޒަށް ތަޞައްވުރު ކުރެވިފައިވެއެވެ. އަޔާޒް ބޭނުންވީ މި ވަގުތުން ވަގުތަށް ވެސް މަލާކްގެ އެ ހުވަފެން ފުރިހަމަވެ މަލާކްގެ ހިތަށް ހަމަޖެހުމެއް ލިބޭށެވެ.

 

އަޔާޒް އޭނަގެ ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ މަޒީދު އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލީ ބަލި ޤަބޫލުކުރާ ފަދައަކުންނެވެ. އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

 

“އެންމެ ރަނގަޅު….ބައްޕަ ކިޔައިދޭނަން ހުރިހާ ވާހަކައެއް. މަލޫއަށް ވެސް އަދި އަޔާޒަށް ވެސް. މި ވާހަކަތަކުގެ ތެރޭގަ އަޔާޒްގެ މަންމައާއި ބައްޕައަށްވީ ގޮތްވެސް ހިމެނޭތީ އަޔާޒް ވެސް މި ވާހަކަތައް އަޑުއެހުން މުހިއްމު….” މަޒީދު އެއްފަހަރު މަލާކަށް އަނެއްފަހަރު އަޔާޒަށް ބަލާލަމުން ބުނެލި ވާހަކައިން ދެމީހުން ވެސް އެ ވާހަކަތައް އަޑުއަހަން ޝައުޤުވެރިވީ އެއްވަރަކަށެވެ.

 

“މީގެ 23 އަހަރު ކުރިން…..ބައްޕައާއި ބައްޕަގެ އަލަތު އަންހެނުން މަހީރާ މަސައްކަތް ކުރަމުން ދިޔައީ މިނިސްޓްރީ އޮފް ހޯމް އެފެއާސްގަ. އަޔާޒްގެ މަންމައާއި ބައްޕަވެސް އެތާނގަ ވަޒީފާ އަދާކުރަން ފެށީ އަހަރުމެން އެތާ ތިބިތާ 3 އަހަރުފަހުން. އޭގެ މަސްތަކެއް ފަހުން މަސްޢޫދު އެ އޮފީހާއި ގުޅުނީ. އެއަށްފަހު…..ސާރިޔާ. ކުރީކޮޅު އަހަރުމެން އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ ވަރަށް ހިމޭންކަމާއެކީ އަދި ގާތްކޮށް. މި ކަންތައް ބަދަލުވާން ފެށީ މަހީރާ….ދީނާއި ދެކޮޅުވާންވެގެން އަމިއްލަ ޖަމުޢިއްޔާއެއް ފެށުމުގެ ވާހަކަ ދައްކައި އަހަރުމެން ވެސް އޭގެ ތެރެއަށް ވައްދަން ފެށި ހިސާބުން. އެ ވާހަކައާއި ދެކޮޅަށް އެންމެ ފުރަތަމަ ކެރިގެން އަޑުއުފުލި މީހަކީ އަޔާޒްގެ ބައްޕަ…..ޙަލީމްއާއެކީ މަލީހާވެސް އެކަމާއި ދެކޮޅަށް އަޑުއުފުލި. މަސްޢޫދުބެއާއި މަލާކްގެ މަންމަ ވެސް އެކަމާއި ދެކޮޅަށް އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކި. ބައްޕަވެސް ބައްޕަގެ އެ އަންހެނުންނަށް ނަޞޭޙަތްތެރިވިން. އެކަމަކު މަހީރާ އަޑެއްނޭހި. އަޑު ނޭހީމަ ބައްޕަ މާ ބޮޑު އަޅައެއްނުލަން. އަޔާޒްގެ ބައްޕަމެންނާއި ޚިލާފަށް ބައްޕައަށް ދީނާއިމެދު އޭރު އެހާ ބޮޑަށް ނޭނގޭ. އެހެންވީމަ އެއީ މާ ބޮޑު ކަމަކަށް ވެދާނެއެކޭ ހިތަށްނާރާ. ބައްޕައަށް އެދުވަސްވަރު އެންމެ ބޮޑު ކަމަކަށްވީ މަހީރާ ގިނަވަގުތު މަސައްކަތުގަ އުޅެމުން ގެއަށް ނާންނާތީ. އޭގެ ސަބަބުން ބައްޕަގެ އަލަތު ދަރިފުޅު މައުވާ ވެސް ގޭގަ އެކަނިވެގެން އުޅޭތީ. މިކަމާމެދު ބައްޕައާއި މަހީރާއާއި ދެމެދު ޒުވާބުތައް ގިނަވާން ފެށި. ބައްޕަގެ ސަމާލުކަން މަލާކްގެ މަންމައަށް ހުއްޓުނީ މި ޒުވާބުތަކުގެ ތެރޭގަ އުޅެމުން ދަނިކޮށް. ސާރިޔާގެ ރަނގަޅުކަން ފާހަގަވެ ބައްޕަގެ ޙަޔާތަށް ގެންނަން ބޭނުންވަނީ އެކަހަލަ އަންހެނެއްކަން އެނގުނު. އެކަމަކު އަމިއްލަ ޢާއިލާއެއް އޮތްވާ އެފަދަ ގޮތަކަށް އެހެން އަންހެނަކާއިމެދު ދެކިގެން ނުވާނެއޭ ވެސް ހިތަށްނާރާ. ވެދާނެ ކަމަކާއިމެދު ވިސްނުމެއްނެތި އެކި ގޮތްގޮތުން ސާރިޔާއާއި ގުޅުން ބަދަހިކުރަން މަސައްކަތް ކުރީ. އަޔާޒްގެ މަންމަގެ ގާތް އެކުވެރިއަކަށްވީމަ މަލާކްގެ މަންމަ ބުނަން ވެސް ބުނި މިއީ ގޯހެކޭ…..” މަޒީދު ކިޔައިދިނެވެ.

 

**

 

“މިއީ ގޯހެއް މަޒީދު! ކީއްކުރަން އަހަރެން އެތާ އިންދާ ކޮންމެ ދުވަހަކު މެންދުރު ކާން އެއްޗެއް ގަނެދެނީ؟ ކީއްކުރަން އަހަރެން ގެއަށް ލައިދޭން ކޮންމެ ދުވަހަކު އަހަރެން ނިކުންނައިރު ކާރުގަ އޮފީސް ކުރިމަތީގަ އޮންނަނީ؟ ކީއްކުރަން އަހަރެންގެ މަސައްކަތް ޙިއްސާކޮށް އަހަންނަށް ފަސޭހަކޮށްދޭން ތިއުޅެނީ؟ މިހާރު އޮފީސް ތެރޭގަ މީހުންވެސް އެ ވާހަކަތައް ދައްކަން ފަށައިފި. މަހީރާއަށް އެނގިއްޖެއްޔާ މަހީރާ ބުނާނީ ކީކޭ؟” ސާރިޔާ އެއްދުވަހު ގެއަށް ދިޔަ މަގުމަތީގައި އޮފީހުގެ ރިސެޕްޝަނުން އޭނަ ދަނިކޮށް މަޒީދު ގޮވާލަމުން ނުރުހުންތެރިކަމާއެކީ ބުންޏެވެ.

 

“ސާރިޔާ އެއީ އެހެން ކޮށްދޭ ކަންތަކެއް ނޫނޭ! އަހަރެން ސާރިޔާއަށް ހެޔޮ އެދޭތީ ކޮށްދޭ ކަންތަކުން މީހުން ނުބައި މާނައެއް ނެގިއްޔާ އަހަރެން ވަކި ކީއްކުރާނީ؟” މަޒީދު އެހެން ބުނެލީ ސަމާސާއެއް ކުރެވޭތޯއެވެ. އެހެނަސް….

 

“މަޒީދު! މަޒީދަށް ރަނގަޅަށް އެބައިނގޭ މިއީ ކިހާ ބޮޑު މައްސަލައަކަށް ވާނެކަން! އަހަރެން ވަކި ބޭނުމެއްނޫން ދެމަފިރިއެއްގެ ދެމެދަށް ވަންނަ ނުބައި އަންހެނަކަށް ވާކަށް. އެހެންވީމަ އާދޭސްކޮށްފަ މި ބުނަނީ މަޒީދު. އަހަންނަށް އެއްވެސް ކަމެއް ކޮށްނުދިނިއްޔާ ރަނގަޅުވާނީ.” ސާރިޔާ އެހެން ބުނެ މަޒީދަށް ފަސްދީފައި ދާން ހިނގައިގަތީ ހިސާބަކަށް ދެރަވެފައިވި ހިތަކާއި އެކީގައެވެ. މަޒީދު މި ހުރިހާ ދުވަހު ކޮށްފައިވި ކަންތައްތަކެއްގެ ސަބަބުން އޭނަގެ ހިތަށްވެސް އަސަރުކޮށްފައިވާތީވެއެވެ. މަޒީދަކީ އެހެން މީހެއްގެ ޙައްޤަކަށް ނުވިނަމަ ރަނގަޅުވީސްކަމަށް އޭނަގެ ހިތް ބުނި ދުވަސްތައް ވެސް ގޮސްފައިވެއެވެ. އެހެނަސް އެވަގުތު އޭނަ ދުރަށް ހިނގައިގަތީ މުޅިން އެއްކޮށް މަޒީދު މަތިން ހަނދާން ނައްތާލުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. އަދި އަމުދުން މަޒީދު އޭނައާއި ގާތްވާން މަސައްކަތް ކުރަމުން ދިޔައީ ވެސް ރަނގަޅު ގޮތަކަށް ނޫންކަން އެނގުންވުމުން މަޒީދާއި ދުރުވުމުގެ ޚިޔާލު އޭނައަށް ފަސޭހަވިއެވެ. އެހެނަސް އެދުވަހު އޭނައަށް އޮފީހުން ނިކުމެވުމުގެ ކުރިން މަޒީދު ބުނެލި ވާހަކައިން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

“އަހަންނާ އިންނަންވީއެއްނު ސާރިޔާ؟” ސާރިޔާ ހުއްޓުން އެރީ މަޒީދު ބުނެލި އެ ބަސްތަކުންނެވެ. އެތައް ޖަޒުބާތެއް އެއްފަހަރާ އޭނަގެ ހިތަށް އަރާ ފައިބައިގެން ދިޔަތަނާހެން އޭނައަށް ފަސްއެނބުރި މަޒީދަށް ބަލާލެވުނެވެ.

 

“އެއީ ކީއްކުރަން؟ އެއްކައިވެންޏެއްގަ ރަނގަޅަށް ނުއުޅެވުނީމަ ދެވަނަ ކައިވެންޏެއް ކޮށްގެން ރީތި ދިރިއުޅުމެއް އުޅެވޭނެހެން ހީވާތީތަ؟ މަހީރާއާއި މަޒީދުގެ ދަރިފުޅާއިމެދު ވެސް ވިސްނާލަބަލަ. މަހީރާ ވަރިކުރީމަ އެ ދަރިފުޅަށް ކުރާނެ އަސަރާއިމެދު ވިސްނާލަ…..” ސާރިޔާގެ ވާހަކަ މެދުކަނޑާލެވުނެވެ.

 

“މަހީރާ ދޫކުރާކަށް އަހަރެން ނެތިން…” މަޒީދު ބުނެލީ ހަމައެކަނި އެހާވަރަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ބުނި އެއްޗެއް ދޭހަކުރެވުމާއެކު ސާރިޔާއަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.

 

“ދެން ކީއްކުރަންތަ ތިއުޅެނީ؟ ދެ އަންބަށް ކައިވެނި ކުރުމަކީ އެއްކައިވެންޏެއްގަ ހުރި މައްސަލަތައް ޙައްލު ނުކުރެވުނީމަ ކުރާ ކަމެއް ނޫނޭ! މިކަން މިގޮތަށް ކުރީމަ ހުރިހާ ކަމެއް ރަނގަޅުވާނެހެންތަ މަޒީދަށް ހީވަނީ؟ މަހީރާ އަދިވެސް ލޯބިވެއޭ މަޒީދުދެކެ. މަހީރާ ބުނަން ވެސް ބުނޭ މިހާރު މަޒީދަށް ވަރަށް ވަގުތު ނުދެވޭ ވާހަކަ….މަހީރާ ކިހާ ދެރަވާނެ މަހީރާއަށް ރަނގަޅުވުމުގެ ފުރުޞަތެއް ނުދީ އަދި ތިހެން ހަދަނީ ކީއްވެކަން ވެސް ބުނެނުދީ މަޒީދު ތިހެން ހެދީމަ؟” މިފަހަރުވެސް ސާރިޔާގެ ވާހަކަ ނިމުނުތަނާހެން މަޒީދު ވާހަކަ ދެއްކިއެވެ.

 

“މަހީރާއަށް އެނގޭ…..މަހީރާއަށް އެނގޭ އަހަރެން ސާރިޔާއާއި އިންނަން އުޅޭ ވާހަކަ. އޭނަ މި ވާހަކައާއި ޤަބޫލުވެސްމެ.” އެއީ މަޒީދުގެ މުޅި ޙަޔާތުގައި ވެސް އޭނަ ހެދި އެންމެ ބޮޑު ދޮގޭ ބުނުން ގޯހަކަށް ނުވާނެއެވެ. އޭނަ އެހެން ބުނުމާއެކު ސާރިޔާގެ މޫނުމަތީގެ ކުލަވަރާއެކީ އޭނަގެ ޖަޒުބާތުތަކަށް ވެސް ލޮޅުމެއްއައެވެ. މީހަކާއި ދެ އަންބަށް އިންނަން އޭނަ ޤަބޫލުވާނެ ކަމަށް އޭނަ ދުވަހެއްގެ ކޮޅުން ވެސް ހިއެއްނުކުރެއެވެ. އެހެނަސް ދެންމެ އިވުނު ބަސްތަކުންނާއި މަޒީދު މިހުރިހާ ދުވަސްވަންދެން އޭނައާއި މެދު ބަހައްޓާފައިވި ގާތްކަމުން އެ ޚިޔާލު ހިތުތެރޭގައި ޒީނަތްތެރިވާން ފެށިއެވެ. މަޒީދު އޭނަ ކައިރިން ބުނަނީ ކީކޭތޯ ސުވާލުކުރުމުން ޖެހިލުންވުމަކާއެކީ އެކަމާމެދު ވިސްނާނެ ވާހަކަ ބުނެލެވުނީ އެހެންވެއެވެ.

 

އެދުވަސްފަހުން 3 ވަރަކަށް ހަފްތާ ވަންދެން ސާރިޔާއަށް މަޒީދު ބުނި ވާހަކައާއިމެދު ވިސްނެމުން ދިޔައެވެ. މަޒީދާއެކީ ކައިވެންޏަކުން ގުޅުމުގެ ޚިޔާލުން އޭނައަށް އުފަލެއް ލިބެމުން ދިޔައެއްކަމަކު މަހީރާ އެކަމާމެދު އުފާވާނެކަމާމެދު ޝައްކުވަމުން ދިޔައީތީ ނިންމުމެއް ނިންމަން އޭނައަށް ދަތިވަމުން ދިޔައެވެ. އެންމެ ފަހުން އޭނަ ހަމަ ބޭނުންވަނީ މަޒީދާއެކީ ދިރިއުޅުމެއް ފަށަންކަން އޭނައަށް ޔަޤީންވީ އެއްދުވަހު މަސްޢޫދު އޭނަ ކައިރިން އިނުމަށް އެދުމުން އޭނައަށް ދެވުނު ޖަވާބުންނެވެ.

 

“އަހަންނަށް އެހެން މީހަކު ކަމުދޭ މަސްޢޫދު….” އެއްދުވަހު ހަވީރު އޮފީހުގެ ސައިކޮޓަރީގެ މޭޒުދޮށުގައި އިން ސާރިޔާއަށް މަސްޢޫދުގާތު ބުނެލެވުނެވެ.

 

“ކާކު؟ އަހަރެން ކައިރި ނުބުނާތި ސާރިޔާ އަހަރެން ތި ދޫކުރަނީ އެ މަޒީދަށްޓަކައޭ…..ކިތަންމެ ގިނަ ހަދިޔާއެއް ފޮނުވިޔަސް އެއީ އެއްގޮތަކަށް ވެސް ރަނގަޅު މީހެއްނޫން ސާރިޔާ!” މަސްޢޫދަށް ބުނެލެވުނެވެ.

 

“އޭނަ އަހަރެން ކައިރި ނުބައިކަމެއް ކުރާށޭ ނުބުނެއޭ. ހަމަ މަސްޢޫދު ގޮތަށް އަހަންނާ އިންނަން އޭނަ އެދުނީ. އަހަންނަށް މިހާރު ޔަޤީންވޭ އަހަންނަށް ކަމުދަނީ ހަމަ އޭނަކަން. އަހަރެން އިންނަން ބޭނުންވަނީ އޭނައާ، މަސްޢޫދު.” ސާރިޔާ ބުނެލިއެވެ.

 

“ސާރިޔާ! އާދޭސްކޮށްފަ މި ބުނަނީ…..އަހަރެން ދޫކޮށްފަ ދިޔަޔަސް އެ މަޒީދާއި ނުއިންނާތި. އޭނަ ސާރިޔާ ސަލާމަތް ކުރިޔަސް އޭނަގެ އަންހެނުން ސާރިޔާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.” ސާރިޔާއަށްޓަކައި ކަންބޮޑުވެ ހިތްދަތިވެފައިވާ ޙާލު މަސްޢޫދު ބުންޏެވެ.

 

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ މަސްޢޫދު ކޮންމެ ވާހަކައެއް ބުންޏަސް. ވަރަށް ބޮޑަށް މަޢާފަށް އެދެން މަސްޢޫދަށް އިންކާރު ކުރަން ޖެހުނީތީ…” ސާރިޔާ އެހެން ބުނެ އެ މޭޒުދޮށުން ތެދުވެ ދާން އުޅުނު ވަގުތު މަސްޢޫދުވެސް ތެދުވެލަމުން އޭނަގެ ނަމުން ގޮވާލިއެވެ. އެހިނދު އެ ދެމީހުންވެސް ހުއްޓުން އެރީ ސައި ކޮޓަރީގެ ދޮރުމަތީގައި ހުރި މަޒީދު ފެނުމުންނެވެ. މަޒީދު އެހެން ހުރެހުރެފައި ސާރިޔާއާއި ހިނިތުންވެލުމުން ސާރިޔާއަށްވެސް ޖެހިލުންވުމަކާއެކީ ހިނިތުންވުމެއް ދައްކާލެވުނެވެ. އެއާއެކު އޭނަގެ ޙަޔާތުގައި އެ ފެށިގެން ދިޔައީ އޭނަގެ ޙަޔާތުގެ އެންމެ އަނދިރި ބާބުކަން ސާރިޔާއަށް ރޭކާވެސްނުލައެވެ.

 

ނުނިމޭ

The post Vaudhu (Part 44) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-44/feed/ 0 1646
Vaudhu (Part 43) https://blog.storiesbyjana.com/vaudhu-part-43/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-43 https://blog.storiesbyjana.com/vaudhu-part-43/#respond Mon, 03 May 2021 06:10:04 +0000 https://blog.storiesbyjana.com/vaudhu-part-42-copy/

“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ […]

The post Vaudhu (Part 43) appeared first on Stories by Jana.

]]>

“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެގެން ދިޔައެވެ.

 

ހޮސްޕިޓަލުން ނިކުމެގެން ގޮސް ކާރަށް އެރި ވަގުތުވެސް އަޔާޒްގެ ސިކުނޑީގައި އެކިއެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. މަލާކަށް އެންމެ ގޯސް ގޮތްތައް މެދުވެރިވާ މަންޒަރު ލޮލަށް ސިފަވަމުން ދިޔަދިޔަހެން ޙަރަކާތްތައް އަވަސް ކުރެވެމުން ދިޔައެވެ. މަލާކްގެ ބައްޕަ ވެގެން އުޅޭ ގޮތެއް އެވަގުތު ކިޔައިދެވެން ނެތްކަމަށް ބުންޏެއްކަމަކު އަޔާޒަށް ކާރު ތެރެއިން އަނެއްކާވެސް ބައްޕައަށް ގުޅާލެވުނީ މަލާކަށް ވީގޮތް ޔަޤީންނުވެ އޭނައަށް މާ ގިނައިރު ބަރުދާސްތު ނުކުރެވޭނެހެން ހީވުމުންނެވެ.

 

“ބައްޕާ ކިހިނެއްތަވީ މަލާކަށް؟ އަހަރެން މިހާރު މިހިރީ މަލާކްގެ އޮފީހަށްދާ މަގުމަތީގަ.” އަޔާޒް އޭނަ ޢާއްމުގޮތެއްގައި ކާރު ދުއްވާ ސްޕީޑަށްވުރެ މަތީގައި ކާރު ދުއްވަމުން ދިޔައީ ކިރިޔާވެސް ކުރިމައްޗަށް އަރައިފިނަމަ ނުރުހުންތެރިކަމާއެކީ ބަރުގޮނު އަޅަމުންނެވެ.

 

“މައުވާ އެބަހުއްޓޭ ތިކޮޅުގަ އަޔާޒް….މައުވާ އުޅެނީ މަލާކްއަށް ދެރަގޮތެއް ހަދަން. ދެންމެ ބައްޕަ މައުވާއަށް ގުޅީމަ އެކަހަލަ އިންޒާރެއް ދިނީ.” މަޒީދު ދެންވެސް ނުތަނަވަސްކަން ނުފިލާ އަޑަކާއެކީ ކިޔައިދިނެވެ.

 

“މައުވާއޭ؟ ކޮން މައުވާއެއް؟ އައިޝަތު މައުވާ މަޒީދު…..ތަ؟” މައުވާގެ ނަން އިވިފައި އަޔާޒްގެ ލޮލަށް ސިފަވި ސޫރައިން އޭނައަށް ސުވާލުކުރެވުނެވެ. އެ މައުވާއަކު މަލާކަށް ޙަސަދަވެރިވާންވީ ސަބަބެއް އެބައޮތްކަން އެނގުންވުމާއި ވެސް އެކީގައެވެ. މައުވާގެ ފުރިހަމަ ނަން އޭނައަށް ކިޔާލެވުނީ މަލާކްގެ ބައްޕައަށް މައުވާ އެނގޭނީ ކިހިނެއްތޯ ހިތް ސުވާލުކުރުމުންނެވެ. އެހެނަސް އެ ނަން ފުރިހަމަ ކުރެވުނު ހިނދު އެނގުންވި އެނގުންވުމާއެކު އޭނައަށް ކުޑަ ސިހުމެއް ލިބޭ ގޮތްވިއެވެ.

 

“އާނ އަޔާޒް….އައިޝަތު މައުވާ މަޒީދު. އަޔާޒް ރައްޓެހިވެގެން އުޅުނު މައުވާ. އަޔާޒަށް ވެސް އެނގޭނެ މައުވާގެ ގޮތް. މިވަގުތު އޭނަ ހުރީ މަލާކަށް ވަރަށް ރުޅި އައިއްސަ. މަލާކަށް ކޮންމެ ފަދަ ކަމެއް ކޮށްލަން ވެސް އޭނަ ޖެހިލުމެއްނުވާނެ. މަލާކްގެ ފުރާނަ….” މަޒީދުގެ ވާހަކަ އެހާ ހިސާބުން މެދުކެނޑިގެން ދިޔައެވެ.

 

“އަހަރެން ދުނިޔޭގަ ހުއްޓާ އޭނަ އަތުން މަލާކަށް ގެއްލުމެއްވިޔަ ނުދޭނަން އިން ޝާ ﷲ!” މައުވާއާއިމެދު ހިތުގައި އުފެދުނު ރުޅިވެރިކަމާއެކީ ބުމަގޮށްޖެހުނު ވަގުތު އަޔާޒަށް ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ވަގުތުން ފޯނު ކަނޑާލީ މަލާކާއި ހަމައަށް ދިޔުމަށް އޭނަ ކުރަމުން ދިޔަ ދަތުރަށް ހުރިހާ ސަމާލުކަމެއް ދިނުމަށެވެ.

 

މިނެޓްތަކެއްގެ ދަތުރަކަށްފަހު އަޔާޒްގެ ކާރު ގޮސް މަލާކްގެ އޮފީސް ހުންނަ ފިހާރަ ކުރިމައްޗަށް މަޑުކުރިއެވެ. ކާރު ޕާކްކުރެވުމާއެކު އަޔާޒް ކާރުން ފައިބައިގެން ދިގު ފިޔަވަޅުތަކެއްގައި ގޮސް ޢިމާރާތުގެ ތެރެއަށްވަނެވެ. އަޔާޒް އެތާ ކައުންޓަރު ކައިރީގައި ތިބި ކުދިން ކައިރިން ވެސް ނުދަންނަ މީހަކު މަތީ ބަޔަށް ދިޔަތޯ ސުވާލުކުރަން އުޅުނެއްކަމަކު ފިހާރައަށް ވިޔަފާރިކުރަން އައިސްފައި ތިބި މީހުން ތިބީތީ އެތާނގައި އެވާހަކަ ނުދައްކަން ޚިޔާރުކުރިއެވެ. އޭގެ ބަދަލުގައި އެ ދިޔަ ގޮތަށް ގޮސް މަތީ ބަޔަށް ދިޔުމަށްޓަކައި ލިފްޓާއި ދިމާލަށް ދާންފެށިއެވެ. އެހެނަސް ހަމަ އެވަގުތު އެއްފަރާތަކުން އިވުނު ވާހަކައިން އޭނަގެ ސަމާލުކަން އެދިމާލަށް ދިޔައެވެ.

 

“ދެން މިހާރު މަތީ ބައިގަ އެއްވެސް ވަރަކަށް ކަރަންޓެއް ނެތީތަ؟ ލިފްޓުތައް ވެސް ވޯކެއްނުކުރޭ؟” އަޔާޒް ބަލާލިއިރު މާރކެޓިންގް ބައިގައި މަސައްކަތް ކުރާ އަންހެން ކުއްޖަކު އެ ސުވާލުތައް ކޮށްލީ މަލާކާއި އެންމެ ގާތުން މަސައްކަތްކުރާ މާނާ ކައިރިންނެވެ.

 

“އާނއެކޭ! އަނެއްހެން ކުޑަކަމެއްދޯ އަހަރެން ކޮށްލަން މިޖެހުނީ؟ މިތަނުން މަތީ ބައިގެ ކަރަންޓު ކަނޑާފަ މަތީ ބައިގެ ތަނުން ލިފްޓުތައް ހުއްޓުވުން. އެކަމަކު 25 ކޭ ލިބުނޭ މިކަމަށް! ކޭން ޔޫ ބިލީވް އިޓް؟!” މާނާ ވައި އަޑުން އެ ވާހަކަ ބުނެލީ ނުހަނު އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. އެހިނދު އަޔާޒްގެ ގޮށްމުއްކެވި އޭނަގެ ދަތްކުނޑި ވިކުނެވެ.

 

“ތި ލިބުނު 25 ކޭ އަށް ވަރަށް ބޮޑަށް މަރުޙަބާ!! ދެން ކަލޭ މި ފުރާޅު ދަށުގަ ހުރެގެން ކުރާ އެންމެ ފަހު ކަމަކަށް ތި ސްޓޯރ ރޫމަށް ވަދެގެން ގޮއްސަ މަތީ ބަޔަށް ކަރަންޓު ފޮނުވާ! އަހަރެން މިވަގުތު މައްޗަށްދާއިރު އެތާނގަ ކަރަންޓު ނެތިއްޔާ މިވަގުތުން މިވަގުތަށް ވެސް ކަލޭ ޖެހިދާނެ ކުޑަ ގޮޅިއަކަށްދާން!” އަޔާޒް އައި ރުޅީގައި އޭނައަށް ހަރު އަޑަކުން ވާހަކަ ދެކެވުނެވެ. އޭގެ ސަބަބުން ފިހާރައިގައި ތިބި މީހުންގެ ނަޒަރުތައް އޭނައާއި މާނާއަށް ވެސް އަމާޒުވާ ގޮތްވިއެވެ. މާނާ ހުއްޓުން އަރައި ނުތަނަވަސްވެފައި ހުންނަން ފެށުމުން އަޔާޒް ވީ އިތުރު ނުރުހުމުގައި ހަރުއަޑުން ދާށޭ ބުނެލުމުން މާނާ ދެވަނަ ވިސްނުމެއްނެތި އޭނަގެ ފުރަގަހަށްވާ ގޮތަށް ހުރި ސްޓޯރ ރޫމާއި ދިމާލަށް ދާން ފެށިއެވެ. މާނާ ސްޓޯރ ރޫމަށް ވަން މަންޒަރު ފެނިފައި އަޔާޒަށް އަނެއްކާވެސް ލިފްޓާއި ދިމާލަށް ދެވެން އުޅުނެވެ. އެހެނަސް ލިފްޓު މަސައްކަތް ނުކުރާ ކަމާއި ތިރީގެ ބަޔަކުން ލިފްޓު ރަނގަޅު ނުވެސް ކުރެވޭނެކަން އެނގުންވުމުން އަޔާޒް ދިގު ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާލަށް ދިޔައީ އޭނައަށް އަމާޒުވެފައިވި ނަޒަރުތަކަށް ސަމާލުކަން ދިނުމެއްނެތިއެވެ.

 

“މަލާކަށް ހީވަނީ މަލާކް މިހާރު މިހިރީ ސިޑީގެ ކައިރީގަހެން. ތިކުއްޖާވެސް އެކި ތަންތާނގަ އަތްޖައްސަމުން މިތަން ހޯދާލަބަލަ ވަރަށް އަވަހަށް.” މަލާކް ވެއްޓިދާނެތީ ދެއަތުން ރެއިލިންގްގައި ބާރަށް ހިފަހައްޓައިގެން ހުރެ އެދުނެވެ. އެއާއެކު މަލާކް މި ޙާލަތުގައި ވެސް އޭނަ ހީކުރި ވަރަށްވުރެ ކުރި އަރައިގެން ދިޔުމުން އޭނަ އައީ އަމަށަކު ރުޅިއެއްނޫނެވެ. ހަމަ އެހިނދު އޭނަގެ ފޯނަށް މެސެޖެއް އައުމުން އެ އަނދިރީގެ ތެރެއިން އޭނަގެ ފޯނު ދިއްލިގެން ދިޔައެވެ. މާނާގެ ފަރާތުން އައި މެސެޖުގައި އަޔާޒް ސާރ ޢިމާރާތަށް އައިސްފައި ކަރަންޓު ފޮނުވަން އެންގި ވާހަކަ ކިޔާލެވުނު ވަގުތަކީ މުޅި އެތަން އަލިވެގެން ދިޔަ ވަގުތެވެ. އެއާއެކު ފަސްއެނބުރި އޭނައަށް ބަލާލި މަލާކްގެ ސޫރަ ފެނުމާއެކު އޭނައަށް ކުރެވުނު ނާކާމިޔާބީގެ އިޙްސާސާއެކީ އައި ރުޅީގައި އޭނައަށް ކުރިއަށް ޖެހިލަމުން ގޮސް މަލާކްގެ ކަރުގައި ހިފާލިއެވެ.

 

“މިއަދު ހަމަ މަރާލާނަން ކަލޭ!” މައުވާ އެހެން ބުނެލަމުން މަލާކްގެ ކަރުގައި ހިފާފައިވި އަތަށް އިހުނަށްވުރެ ބާރުކޮށްލީ ދުވަހަކުވެސް ރުޅިނާންނަ ވަރަށްވުރެ ބޮޑަށް ރުޅި އައިސްފައިވާ ޙާލުގައެވެ. މަލާކަކީ ކުޑައިރުއްސުރެ އޭނައަށް ދިމާވިހާ ހިތާމަތަކެއްގެ އަސްލުކަމަށް ހިތާހިތުން ނިންމަމުން ދިޔައީ އޭނައާއި އޭނަގެ މަންމަ ރުއި ރުއިންތަކާއެކީ އަޔާޒް ވެސް އޭނައާއި ވަކިވެގެން ދިޔަގޮތް ހަނދާން ކުރަމުން މަލާކަކީ އޭނަގެ ކޮއްކޮއެއްކަމުގެ ޙަޤީޤަތަށް ހިތާހިތުން ފަސްއަޅަން މަސައްކަތް ކުރަމުންނެވެ. އެހެނަސް މަލާކް ކެއްސަން ފެށުމާއެކު އޭނަގެ އަނގައިން ހުދުކުލައިގެ ފޮނުތައް އަންނަން ފެށި ވަގުތު ހިނދުކޮޅަކަށް ނަމަވެސް މިއީ އޭނައާއި ގާތްކުއްޖެއް ކަމުގެ އިޙްސާސް ކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ކަރުގައި ހިފިފައިވި އަތަށް ދުލެއް ދެވުނީ ލިބުނު ޝޮކާއެކީ ހިތުގައި އުފެދުނު ކުލުނެއްގެ ސަބަބުން ވެސްމެއެވެ. އެހެނަސް އިސާހިތަކު ޖާމިޒް ބުނި ބަސްތައް ހަނދާންވެފައި އޭނަ އެ ޝޮކާއި ކުލުނުގެ މަތިން ހަނދާން ނައްތާލުމަށްފަހު މަލާކް ގެނެސް ސިޑީގެ ކައިރީގައި ބެހެއްޓީ އަނެއްކާވެސް އޭނަ މަލާކަށް ނަފްރަތު ކުރަންވީ ސަބަބުތަކުގެ މަތިން ހަނދާން ކުރަމުންނެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް އެއްފަރާތަކަށް ވެއްޓެން އުޅުނު ވަގުތު ހިފަން ހިތަށްއެރިއެއްކަމަކު އޭނަގެ ދެއަތް މުއްކަވައިގެން ހުރީ އެ ނުބައި މިއަދު ހަދަން ގަދަ އަޅައި ޢަޒުމެއް ކަނޑައަޅަމުންނެވެ. އެހެނަސް އިސާހިތަކު އަޔާޒް ހަރު އަޑުން މަލާކްގެ ނަމުން ގޮވާލި އަޑަށް މައުވާއަށް އެދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. އޭނަ ހުރި ގޮތަށް ހުއްޓާ އަޔާޒް އޭނަގެ ފައިގައި ހުރި ބާރު މިނެއްގައި އައިސް ވެއްޓެން އުޅުނު މަލާކްގެ ގައިގައި ހިފަހައްޓާލިއެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ކަންބޮޑުވުމާއެކީ މަލާކްގެ ނަމުން ގޮވަމުން އެ ހުރި ދިމާލަށް މަލާކް ޓައިލްސް މަތީގައި ސީދަލަށް ބޭއްވިއެވެ. އެހިނދު މަލާކްގެ ހަތަރެސްފަޔަށް އިންތިހާއަށް ބާރުލެވިފައިވީއިރު ރުއިމުގެ ސަބަބުން ދުޅަވެފައިވި ދެލޯ ބޮޑުވެ ދެދަތްޕިލަ ޖައްސައިގެން އޮތް ޙާލު މަލާކަށް ހަޅޭކެއްވެސް ލެވެމުން ދިޔައެވެ.

 

“މަލާކް ޕްލީޒް….އަވަހަށް ރަނގަޅުވެލައްޗޭ ޕްލީޒް…..” އަޔާޒް މަލާކްގެ ކައިރީގައި ޓައިލްސް މަތީގައި އިށީނދެ މަލާކްގެ ބޮލުގައި ފިރުމަމުން އެހެން ބުނެލި ވަގުތު އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އޭނަ ބޮޑަށް ދެރަވީ މަލާކްގެ އެ ޙާލަތް ރަނގަޅު ކުރުމަށްޓަކައި އޭނައަށް އެވަގުތު ކުރެވޭނެ އޮތްކަމެއް ނެތްކަން އެނގުންވުމުންނެވެ. ނަގައިގެން އެހެން ތަނަކަށް ގެންދަން އުޅެފިނަމަ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެއެވެ. އެހެންކަމުން މިވަގުތު އޭނައަށް ކުރެވެން އޮތްހާވެސް ކަމަކީ މަލާކްގެ އެ ޙާލަތު ހިތަށް ބަދަލުވަންދެން އިންތިޒާރު ކުރުމެވެ. އަދި މި ޙާލަތު ނިމިގެން ދާއިރު މަލާކް ޞައްޙަ ސަލާމަތުން ހުންނާނެ ކަމަށް އުއްމީދު ކުރުމެވެ. މިފަދަ ޙާލަތަކަށްފަހު މަލާކަށް އަމިއްލައަށް ވިސްނެން ފަށާ ވަގުތު ކުރިމަތިވެދާނެ ނޭދެވޭ ކަންތައް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށި ހިނދު އޭނައަށް ބޯހޫރުވެން ފެށިއެވެ. ހަމަ އެހިނދު އެތާ ހުއްޓި ހުރި މައުވާ ޗޮއްކަނޑަން ފެށުމުން އަޔާޒަށް އެދިމާލަށް ބަލާލެވުނެވެ.

 

“އަޔާޒް އަހަރެން ދޫކުރީ ހަމަ ތި ނުކުޅެދުންތެރި އަދި ބިރުވެރި ކުއްޖާއާއެކީ އުޅެންތަ؟” މައުވާ ސުވާލުކުރިއެވެ. އެއަށްފަހު އޭނަ މަލާކަށް އަމާޒުވާ ފަދައަކުން އިނގިރޭސި ނުބައި ބަހެއް ކިޔާލި ގޮތުން އަޔާޒަށް އޭނަގެ ހިތާމައިގެ ތެރެއިން ވެސް ދަތްކުނޑި ވިކުނެވެ.

 

“މަ ދުވަހަކުވެސް ކަލެއަށް މަޢާފެއް ނުކުރާނަން މިކަމަށްޓަކައި…..ހިތުން މިހެން ހެދީ އަހަރެން މަލާކް މަތިން ފޫހިވާނެ ކަމަށްތަ؟ ނޫން! އަހަރެންގެ ހިތުގައި މަލާކަށްޓަކައިވާ ލޯބި އަދިވެސް އެގޮތުގަ އެބަހުރި. ޙަޤީޤީ ލޯތްބެއް ވެވުމަކީ ކޮބައިކަމާއި އެފަދަ ލޯތްބެއް ލިބިގަތުމަކީ ކޮބައިކަން އަހަންނަށް ދަސްވީ މަލާކްގެ ފަރާތުން. އެހެންވީމަ ރަނގަޅުވާނީ މައުވާ ނުވާން އޮތްކަމެއް ކުރަން ނޫޅުނިއްޔާ. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދުވަހެއްގެ ކޮޅުން ވެސް މަލާކް ދުލެއް ނުކުރާނަން!” އަޔާޒް ސާބިތުކަމާއެކީ އަންގާލިއެވެ. އަޔާޒްގެ އެ ބަސްތަކަށްފަހު ނުރުހުންތެރިކަމާއެކީ އަޔާޒަށް ބަލަން ހުރުން ނޫންކަމެއް މައުވާއަށް ނުކުރެވުނެވެ. އެމީހުން ތިބި ގޮތަށް ތިއްބާ ކުއްލިއަކަށް މަލާކްގެ އަޑު ކެނޑި މަލާކް ހިމޭންވެގެން ދިޔުމުން ދެމީހުންނަށް ވެސް މަލާކާއި ދިމާލަށް ބަލާލެވުނެވެ. އެހިނދު ހަނި ކުރެވިފައިވި މަލާކްގެ އެސްފިޔަތަކުގެ ދޭތެރެއިން މަލާކް ލަސްލަހުން ކަޅި ހިންގާލި މަންޒަރު ފެނުނެވެ.

 

“މަލާކް! މަލާކް ހޭލާ…..ލޯ ނުމަރައްޗޭ! އަހަންނަށް ބަލާ މަލާކް. އެބަ އިނގޭތަ މިއީ ކާކުކަން؟” އަޔާޒް މަލާކް ކައިރިއަށް ގެނެސް އޭނަގެ އަތުތެރެއަށް ލައި ތަޅުވަމުން ސުވާލުކުރިއެވެ. އެހެނަސް އޭނަ ގެ ސުވާލުތަކަށް ނިމުމެއް އައި ތަނާހެން މަލާކްގެ ލޯ މެރި އަޔާޒްގެ އަތުތެރެއަށް އޭނަގެ ހޭނެތުނެވެ. އެއާއެކު އަޔާޒަށް ގެނބިގެން ދިޔަ ހިތަކާއެކީ ހަރުވަމުން ދިޔަ އަޑަކުން ތަކުރާރުކޮށް މަލާކްގެ ނަމުން ގޮވައި މަލާކް ތަޅުވަމުން ދިޔައެވެ. އެހެނަސް މަލާކް ހޭނޭރުމުން އަޔާޒް ފެންކަޅިވެފައިވި ދެލޮލާއެކީ މަލާކްގެ އެއްއަތް ނަގައި ވިންދު ބަލާލިއެވެ. އިންތިހާއަށް ދަށްވެފައިވި ވިންދެއް އިޙްސާސް ކުރެވުމުން އަޔާޒަށް އަވަސްއަވަހަށް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

 

“ކުއީންސް ޝޮޕްއަށް ހުރިހާ އިކުއިޕްމެންޓްތަކާއެކީ ހުރި އެމްބިއުލާންސެއް ފޮނުވާ ވަރަށް އަވަސް!!!” އަޔާޒަށް އެއްނޭވައިން އެ ހުރިހާ ވާހަކައެއް ބުނަމުން ފަހު ދެ ބަސް ބުނެލެވުނީ އަޑުގެ ކޮޅަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފޯނު ޖީބަށްލަމުން މަލާކް އޭނަގެ އަތްދަނޑިމައްޗަށް އުފުލަމުން ތެދުވެލިއެވެ. އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ތިރިއަށް ދާން އަވަސްވީއިރު ވެސް މައުވާ އޭނަގެ ރުޅިވެރި މޫނާއެކީ ހުރިގޮތަށް ހުއްޓެވެ.

 

ޙާލަތުގެ ގޮތުން ލިފްޓު ރަނގަޅުކުރަން ހަނދާނެއްވެސް ނެތި އަޔާޒަށް ސިޑިން މަލާކާއެކީ ފިހާރައިގެ އެންމެ ތިރީ ފްލޯއަށް އާދެވުނުއިރު އެމްބިއުލާންސްގެ އަޑު އިވެއެވެ. އަޔާޒް އެންމެ ސިކުންތަކަށް ވެސް މަޑުނުކޮށް އޭނަގެ ފައިގެ ވަރުބަލިކަމުގެ މަތިން ވެސް ހަނދާން ނައްތާލަމުން މަލާކް އަމިއްލަ ދެއަތުން އެމްބިއުލާންސަށް އަރުވައި އަމިއްލައަށް ވެސް އެއަށްއެރިއެވެ. އެއަށްފަހު އޭގެ ތެރޭގައި ތިބި ނަރުހުންނާއެކީ އޭނަވެސް މަލާކަށް ފަރުވާކުރަން ފެށިއެވެ. އެމްބިއުލާންސްގެ ތެރެއިން ވެސް މަލާކްގެ ވިންދާއި ނޭވާ ރަނގަޅުވާން ފެށުމުން އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު އޭނަ ދެންވެސް ވީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މިފަދަ ޙާލަތަކަށްފަހު ބަލި މީހެއްގެ ސިކުނޑިއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް އޭނައަށް އެނގޭތީވެއެވެ. ހަނދާން ބަލިވުމުން ފެށިގެން ސިކުނޑި އެއްކޮށް ގޯސްވުމާއި ހަމައަށް ކޮންމެ ފަދަ ކަމެއްވެސް ދިމާވުމުގެ ފުރުޞަތު އެބައޮތެވެ. މަލާކަށް އެފަދަ ގޮތެއް މެދުވެރި ނުކުރެއްވުމަށް އެދި އޭނައަށް ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ.

 

އެމްބިއުލާންސްގައި މަލާކް ހޮސްޕިޓަލަށް ގެނެވުނުއިރު އޭނަގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން މަލާކް ވޯޑަކަށް ފޮނުވާލަން އެހެނިހެން ޑޮކްޓަރުން ވެސް އެއްބަސްވިއެވެ. އެހެންކަމުން އަޔާޒް ހޮސްޕިޓަލުގެ ޕްރައިވޭޓް ވޯޑެއްގައި މަލާކް އެޑްމިޓްކުރިއެވެ. އެޑްމިޓް ކުރުމުގެ ހުރިހާކަމެއް ނިމުނުއިރު މަޣްރިބް ނަމާދު ވަގުތުވެފައިވުމުން އޭނަ ނަރުހެއްގާތު މަލާކަށް ނަޒަރު ދޭން އެންގުމަށްފަހު ހޮސްޕިޓަލުގެ ކައިރީގައި ހުރި މިސްކިތަށް ނަމާދަށް ދިޔައެވެ. ނަމާދަށްފަހު ވެސް މަލާކަށްޓަކައި އެތައް ދުޢާއެއް ކުރެވުނެއްކަމަކު ނަމާދުން ފައިބައިގެން ވޯޑަށް ދިޔަ މަގުމަތީގައި ވެސް އޭނައަށް ހިތާހިތުން ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ. ނަމާދުކޮށްގެން އަޔާޒް އަނބުރާ އައިއިރު ދޮންބެއާއި ބޮޑުމަންމަ އެ ޚަބަރުވެގެން މަލާކް ބަލަން އައިސްފައިވިއެވެ. އަޔާޒް ވީ ކަންބޮޑުވުމުގެ ތެރޭގައި އޭނަ އެމީހުންނަށް ގުޅަން ހަނދާނެއްވެސް ނެތީއެވެ. އަޔާޒް ވޯޑުގެ ތެރެއަށް ވަނުމާއެކު އެމީހުންގެ ސުވާލުތަކާއި އޭނަ ކުރިމަތިވިއެވެ. އެހެނަސް އެވަގުތު އެ ހުރިހާ ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއްވެސް ނެތުމުން އޭނަ ބުނެލީ އެއީ ބަޔަކު މީހުން ރޭވިކަމެއްކަމަށެވެ. އިތުރަށް ވެސް ދޮންބެ ސުވާލުކުރަން ފެށުމުން އޭނަ ފަހުން ކިޔައިދޭނެ ވާހަކަ ބުނެލި ގޮތުން އަޔާޒްވީ ކިހާ ބޮޑު މާޔޫސްކަމެއްގެ ތެރޭގައިކަން ދެމީހުންނަށް ވެސް ނަގައިގަނެވުނެވެ. އެހެންކަމުން އެމީހުން ވަކި އިތުރު ސުވާލެއް ނުކުރިއެވެ. އަޔާޒްގާތު އިރުކޮޅަކަށް ގެއަށް ގޮސްފައި އައުމަށް ވެސް ބޮޑުމަންމަ އެދުނެއްކަމަކު އޭނަ އެގޮތާއިމެދު ހިތްހަމަނުޖެހުނެވެ. މަލާކާއި ދުރަށް ގޮސްފިނަމަ މަލާކަށް ވެދާނެ ގޮތާއިމެދު ވިސްނައި އޭނަގެ ހިތަށް އުދަގޫވުން ނޫންކަމެއް ނުވާނެކަން ދަނެގެން އަޔާޒް އިންކާރު ކުރީ ސަބަބުވެސް ކިޔައިދީފައެވެ. އެހެންކަމުން އެންމެ ފަހުން ދޮންބެއާއި ބޮޑުމަންމަ ހަތިޔާރު ބަހައްޓާފައި ގެއަށް ދިޔައީ ގޭގައި ތިބި ދެކުދިން ބަލަން އިމްތިޙާންތަކަށް ތައްޔާރުވަމުން ދިޔަ ހައިފާއާއި އަނުމްއަށް ދަތިވާނެތީވެއާއި އެކީގައެވެ. އަދި މަލާކަށް ބޭނުންވާނެ އެއްޗެހި ތައްޔާރުކޮށް ފޮނުވުމަށްޓަކައި ވެސްމެއެވެ.

 

އެރޭގެ ޢިޝާ ނަމާދު ވަގުތު ފާއިތުވެގެން ދިޔައިރު ވެސް މަލާކް ހޭނޭރުމުން އަޔާޒް ކަންބޮޑުވުން ނޫންކަމެއް ނުވިއެވެ. އޭނައަށް ދޭތެރެދޭތެރެއިން ޑޮކްޓަރ ނަޒީހަށް ގުޅައި އެކިއެކި ސުވާލުތައް ކުރެވެމުން ދިޔައީ އެހެންވެއެވެ. އެހެނަސް އޭގެއިން ކޮންމެ ފަހަރަކު ޑޮކްޓަރ ނަޒީހް މަލާކް ހޭއަރާނެކަމަށް ލަފާކުރެވޭ ވާހަކަ ބުނަމުން ދިޔަގޮތުން އޭނަގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއްވިއެވެ. މަލާކް ހޮސްޕިޓަލަށް ގެނެވުނީއްސުރެ ނަމާދަށް ދިޔުން ފިޔަވާ މަލާކަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް އަޔާޒަށް ނުކުރެވެއެވެ. ރޭގަނޑު 9 ޖަހައި ބޮޑުވީވެސް އޭނަ މަލާކް އޮތް އެނދު މައްޗަށް އަރައި އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން މަލާކްގެ ބޮލުގައި ފިރުމަން އިންދައެވެ. ހަމަ އެވަގުތު އޭނަގެ ފޯނު ރިންގުވާން ފެށުމުން އަޔާޒަށް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. ސްކްރީނުން ނުދަންނަ ނަންބަރެއް ފެނިފައި އަޔާޒް ޙައިރާންކަމެއްގެ ތެރޭގައި ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“އަޔާޒް! މިއީ ބައްޕައޭ…..ބައްޕަ މިހާރު މިހިރީ މާލޭގަ. މަލާކް ރަނގަޅުތަ؟” އެކޮޅުން ބައްޕަގެ އަޑުއައިއިރު ފްލައިޓްތަކުގެ އަޑުވެސް އިވެމުން ދިޔަ ގޮތުން ބައްޕައަށް އާދެވުނީ ދެންމެކަން އެނގުންވިއެވެ. ހަމަ އެއާއެކު އޭރު އޭނައަށް އެ ޚަބަރު ދިނުމާއެކު ބައްޕަ ފުރަން ގޮސްގެން ނޫނީ މިހާއިރުވާއިރު ބައްޕައަށް ނާދެވޭނެކަން ވެސް އޭނައަށް އެނގުނެވެ.

 

“މަލާކް…..ރަނގަޅު ބައްޕާ! އެ މައުވާއަކު ހަމަ އަސްލުވެސް ބޭނުންވީ މަލާކަށްވީ އެންމެ ނުބައިކޮށް ކަންތައް ކުރަން. އެކަމަކު އަހަންނަށް ރަނގަޅު ވަގުތަށް ދެވުނު އެތަނަށް އަލްޙަމްދުލި ﷲ! ދިމާވި ގޮތުން މިވަގުތު މަލާކް އޮތީ ހޮސްޕިޓަލުގަ ބާއްވާފަ. ހެއެއްނެތް އަދިއެއް. އެކަމަކު އެއީ ކަންބޮޑުވާންވީ ކަމެއް ނޫން. ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ! ބައްޕަ އަންނަންވީއެއްނު ސީދާ މިތަނަށް؟” އަޔާޒް ބުނެލިއެވެ. އެއާއެކު އެކޮޅުން މަޒީދު އިތުރު ސުވާލުތަކެއްނުކޮށް އާނއެކޭ ބުނެލަމުން ހޮސްޕިޓަލުގެ ނަން ހޯދިއެވެ. އެއަށްފަހު މަލާކް ރަނގަޅަށް ބެލުމަށް އެދުމަށްފަހު ފޯނު ކަނޑާލިއެވެ. އަޔާޒް ފޯނު ކަނޑާލަމުން ކަންފަތުން ނަގާލި ވަގުތު މަލާކްގެ މެރިފައިވި ދެލޯ ތަގުޅި ވި މަންޒަރު އަޔާޒަށް ފެނުނެވެ. އެއާއެކު އޭނައަށް ވައި އަޑުން މަލާކްގެ ނަމުން ގޮވާލަމުން މަލާކްގެ މޫނުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭރުވެސް މަލާކްގެ ދުޅަވެފައިވި ލޯ ލަސްލަހުން ހުޅުވިގެން ދިޔައެވެ. ލޯ ހުޅުވިގެން ދިޔުމާއެކު އެ ލޯ އަޔާޒަށް އަމާޒުވުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް ރަނގަޅުތަ؟” އަޔާޒް ކުރަން ކިތަންމެ ގިނަ ސުވާލެއްވިއެއްކަމަކު އެވަގުތު ވައި އަޑުން އަހާލެވުނީ ހަމައެކަނި އެހެންނެވެ. މަލާކް ދެންވެސް އުދަގޫވެގެން އުޅޭ ފަދައަކުން ލޯ މަރާލުމަށްފަހު ހުޅުވާލަމުން ހޫންލައްވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކް އަޔާޒަށް ބަލާލުމާއެކު އޭނަވެސް ކަންބޮޑުވުމަކާއެކީ ތެދުވަން އުޅުމުން އަޔާޒަށް ޙައިރާންކަމާއެކީ މަލާކްގެ ނަމުން ގޮވަމުން މަލާކްގެ ދެކޮނޑުގައި ހިފަހައްޓައި ތެދުވެ އިންނަން އެހީވިއެވެ.

 

“އަޔާޒް ރަނގަޅުވީތަ؟ ބޮލަށް އެއްވެސް ގޮތެއްނުވޭދޯ އަސްލު؟ ނޭވާ އެބަ ލެވޭދޯ؟ ހުރިހާކަމެއް ރަނގަޅުދޯ؟” މަލާކް އިސާހިތަކު ކަރުނުން ފުރިގެން ދިޔަ ދެލޮލާއެކީ އަޔާޒްގެ ބޮލުގައައާއި މޫނުގައި އަތްލަމުން އަވަސްއަވަހަށް ސުވާލުކުރިއެވެ.

 

“މަލާކް ކީކޭތަ ތި ކިޔަނީ؟ އަހަންނަށް އެއްވެސް ކަމެއް ނުވެއޭ.” އަޔާޒް ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“މާނާ….މާނާ ބުނީ ފިހާރައިގެ ކުރިމަތިން އަޔާޒްގެ އެކްސިޑެންޓެއް ވިއްޔޭ….ވަރަށް ބޮޑުވަރުވެފަ ނޭވާވެސް ނުލެވެޔޯ ބުނީ. މަލާކް އެ ޚަބަރު ލިބުމާއެކު އޮފީހުން ނިކުންނަން ދިޔައީ. ދިޔައިރު އެންމެ ފުރަތަމަ ކެބިންގެ ދޮރު ހުރީ ތަޅުލެވިފަ. ދެން ކޮންމެވެސް ގޮތަކަށް ތަޅު ހުޅުވުނީމަ މަލާކް ބޭރަށް ދިޔަތަނާހެން ކަރަންޓު ކެނޑުނީ. ދެން އެތާހުރި ކޮންމެވެސް އަންހެން ކުއްޖަކު ބުނީ މިވަގުތު ލިފްޓު މަސައްކަތް ނުކުރެއޭ. ތިމަންނަ އެހީވާނަމޭ ސިޑިން ތިރިއަށް ގޮއްސަ އަޔާޒް ބަލަން. އެކަމަކު މަލާކް ބިމުގަ ފިޔަވަޅު އެޅި ތަނާހެން ބޯޅަތަކެއް ކަހަލަ އެއްޗެހީގަ އަޅާފަ ކައްސާލައިގެން ބަންޑުން ވެއްޓުނީ. އެ އަންހެން ކުއްޖާ ބުނީ ތިމަންނަގެ ދެފައި ހޯދައިގެން ދެފައިގަ ހިފިއްޔާޔޯ ދެން އަޔާޒް ކައިރިއަށް ދެވެން އޮތީ. މަލާކް އެހެން ވެސް ހަދަން އުޅުނީ ހަމައެކަނި އަޔާޒް ދެކިލަންވެގެން. ދެން ނަސީބަކުން މަލާކް ރެއިލިންގްގަ އަތް ޖައްސައިގެން ތެދުވެފަ ހުރެވެސް އެކުއްޖާގެ ހެލްޕަށް އެދުނިން. ހަމަ އެވަގުތު ކަރަންޓު އައިމަ އެކުއްޖާގެ މޫނު ވެސް ފެނުނު. އެކަމަކު މިވަގުތު ހަނދާނެއްނެތް އެއީ ކިހިނެއް ހުރި ކުއްޖެއްކަމެއް. ދެންވީ ގޮތެއް ހަނދާނެއްނެތް. ކިހިނެއްވީތަ މަލާކަށް އަޔާޒް؟ އަޔާޒަށް ކިހިނެއްތަވީ؟ މަލާކް ވަރަށް ކަންބޮޑުވި އަޔާޒްއާމެދު. ހިތަށްއެރީ މަލާކަށް ދެން އަޔާޒް ނުފެނިދާނެއޭ….” މަލާކް އެންމެ ފަހު ޖުމްލަ ބުނެލިއިރު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން ދިޔަދިޔަހެން އޭނަގެ އަޑު ރޮވިފައިވި އަޑަކަށް ބަދަލުވިއެވެ. އިވުނު ވާހަކަތަކުންނާއި މަލާކަށްވަމުން ދިޔަގޮތް ފެނި ހިތަށް ކެތްނުކުރެވުމުން އަޔާޒަށް މަލާކް ގެނެސް އޭނަގެ މޭތެރޭގައި ފޮރުވާލެވުނެވެ. އެއާއެކު އޭނަގެ މޭގައި ބޯއަޅައިގެން އޮވެ މަލާކް ގިސްލަގިސްލާފައި ރޯން ފެށުމުން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“އެހެންނެއްނުވާނެ މަލާކް، އިން ޝާ ﷲ! ކިހިނެއް އަހަރުމެން ނުފެނި ދާނީ؟ ދެން ކޮންމެވެސް އެއްދުވަހަކުން ދެމީހުންވެސް އެހެން ދުނިޔެއަކަށް ދިޔުން އެއީ އަހަރުމެންނަށް ބާރުފޯރުވޭނެކަމެއް ނޫންދޯ؟ އެއަށްފަހު ވެސް އަހަރުމެން ބައްދަލުވާނެއެއްނު މިއަށްވުރެ ރީތި ތަނަކުން؟ އެހެންވީމަ ރޯންވީ ސަބަބެއްނެތް އެ ޙާލަތުގަވެސް. އެހެންނޫނަސް އަހަރެން މިއަދު މިހިރީއެއްނު ކައިރީގަ. އެހެންވީމަ އަވަހަށް ހުއްޓާލާ…” އަޔާޒް ނުހަނު ލޯތްބާއެކީ މަލާކްގެ އިސްތަށިގަނޑުގައި ފިރުމަމުން ލޯތްބާއެކީ ބުނެލިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ހިތުތެރޭގައި ރުޅިވެރިކަމުގެ އަލިފާނެއްވެސް ރޯވިއެވެ. މަލާކާއިމެދު މައުވާ ކަންތައް ކޮށްފައިވާ ގޮތް ނިކަމެތިކަން އެނގުންވުމުންނެވެ. އެ ނިކަމެތިކަމާއި އެއްފަދަ ނިކަމެތިކަމެއް މައުވާ ތަޙައްމަލުކުރާތަން ދެކެން އޭނަ ކެތްމަދުވިއެވެ. މަލާކާއިމެދު އޭނަ ކަންތައް ކުރި ގޮތަށް އޭނަ ދުލެއްނުދޭނެއެވެ.

 

އަޔާޒް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި އިންދާ ދެންވެސް މަލާކްގެ ރުއިމަކަށް ބަދަލެއް ނާންނަކަން އެންގުމުން އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އެއަށްފަހު ސަމާސާ މޫޑަކަށް އަޅުވަމުން މަލާކް އޭނައާއި ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ.

 

“ޕިސް ޕިސް…..ހިއެއްނުކުރަން އަންހެން ކުއްޖަކު އަހަންނަށްޓަކައި މިހާވަރަށް ރޮއިހަދާ ވަރަށް އަހަރެން ޗާރމިންގްކަމެއް.” އަޔާޒް ދެންވެސް މަލާކްގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ބުނެލި ވާހަކައިން އިސާހިތަކު މަލާކްގެ ގިސްލުމަށް ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކަށް ހީލެވުނުތަން ފެނިފައި އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހަމަޖެހުމާއެކީ އޭނަ މަލާކްގެ ކަރުނަތައް ފޮހެލަދެމުން އެއްޗެއް ކާންވީދޯއޭ ބުނެލިއެވެ. އެނދުން ތެދުވެ އެނދުގެ އަނެއްފަރާތުގައި ހުރި އަރިމަތީ މޭޒުގެ ވަތްގަނޑު ދަމާލަމުން އޭނަ ނަމާދުން އަނބުރާ އައި މަގުމަތީގައި ގަތް މޭވާތަކުގެ ތެރެއިން އާފަލެއް ނަގައި ކުޑަ ވަޅިއެއްވެސް ނެގިއެވެ. އާފަލު ކެނޑުމުން މަލާކް ނުކާން އުޅުމުން އޭނަ އެ ވާހަކައިން ވެސް ސަމާސާއެއް ހަދައި ދޫކުރީ ހަމަ މަލާކް ކާން އެއްބަސްވުމުންނެވެ. މަލާކް ކާ ހިތްވާނެ ފަދައަކުން އޭނަ ވެސް ކަމުން ދިޔައެއްކަމަކު އޭނަ ވާހަކައިގައި އަޅުވައިގެން މަލާކަށް އޮޅުވަމުން ކެއީ މަދު އެތިކޮޅެކެވެ. ކައިގެން ނިމުނު ވަގުތުވެސް މަލާކްގެ ލޯ އުދަގޫވާވަރަށް ދުޅަވެފައިވި މަންޒަރު ފެނިފައި އޭނަ އެތާހުރި ކުޑަ އައިސްއަލަމާރިން ފިނި ފެން ފުޅިއަކުން ރުމާލެއް ތެންމައި މަލާކްގެ ލޮލުގައި އަޅާލަދިނެވެ. އެގޮތަށް ލޮލަށް ފިނި ކުރުމުން މަލާކްގެ ލޮލުގެ ދުޅަކަން ކުޑަވިއެއްކަމަކު އަޔާޒްގެ ފޯނުގެ ސެލްފީ ކެމެރާއިން މޫނު ފެނިފައި ދެންވެސް މަލާކްގެ ޝަކުވާއެއްވިއެވެ.

 

“އަޔާޒް ކީއްވެގެންތަ މަލާކް ރޮއި ނިމިގެން ޤަރުނެއްވާއިރު ވެސް ބުމައިން ހީވަނީ ދެންމެހެން ރޮއި ނިމުނީ؟ ހަމަ ވަރަށް އުދަގޫވާކަމެއް އެއީ. ރަށުގަ އުޅުނުއިރުވެސް މަލާކް ރުއިތާ އެތައް ގަޑިއިރެއްފަހުން އެކަން ހަނދާންވެސް ނެތޭ ފަހުން އެކުވެރިން އަހާނީ ޙަޔާތް ބަރުބާދުވެގެންހޭ ތިއުޅެނީ. ހެހެ…..އެއީ ކީއްވެ؟” މަލާކް ސަމާސާވެރި ގޮތަކަށް ސުވާލުކުރިއެވެ. އަޔާޒް އޭނަ ބެލެހެއްޓި ގޮތުން އޭނައަށް ދިމާވި ބޮޑު ކަމުން ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނައަށް އަރައިގަނެވިފައި ވާތީވެއެވެ.

 

“އެއީ މޫނުގަ ވެސް ހުންނަނީ ފޭޝަލް މަސްލްސް ކަމަށްވާތީ. މަލާކްގެ ބްރައިންއަށް އުދަގޫވަނީ މަސްލްސްތައް ކޮންޓްރޯލްކުރަން އެއީ ކޮންމެ ވައްތަރެއްގެ މަސްލްއެއްވިޔަސް. މިގޮތަށް މަސާޖުކުރީމަ ރަނގަޅުވާނެ. ދައްކަ….ސްމައިލްކޮށްގެން ހުރޭ. ހުމް….އެހެރީއެއްނު މިސް ވޯލްޑް؟” އަޔާޒް މަޑުމަޑުން މަލާކް ލައްވާ ހިނިތުންކުރުވައިގެން ހުރެ ނިތްކުރީގައި އިނގިލިތައް ހިންގިއެވެ. މަލާކަށް އެންމެ ފަހުން އުފާވެރި މޫނެއް ދައްކާލަމުން އަޔާޒް ބުނެލި ބަސްތަކުން އޭނަގެ ހިނިތުންވުން އިތުރަށް ފުންވި ހިނދު އޭނައަށް ހީލެވުނެވެ.

 

“ހެހެހެ…..އަސްލު އެހެންވެދޯ ސްމައިލް ކުރީމަ ވެސް ދެން އެ ސްމައިލް ކުޑަކުރަން މަލާކަށް އުދަގޫވަނީ؟ ކިހިނެއް ސްމައިލް ކުޑަކުރަން މަސާޖުކުރާނީ؟ މިހެން؟” މަލާކް އޭނަގެ ކޯތާފަތަށް ދެއަތުން ފިތާލަމުން ބުނެލިއެވެ.

 

“ސްމައިލް ކުޑަކުރާނެ ކަމެއްނެތް….އަބަދުވެސް ތިގޮތުގަ ހުންނަންވީ…” އަޔާޒް މަލާކްގެ ކޯތާފަތުން ދެއަތް ނަގާލަމުން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް މަލާކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެވަގުތު ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވިފައި މަލާކް ސިއްސައިގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. މަލާކް ވަގުތުން އޭނަގެ ބުރުގާ ދޭން އެދުމުން އަޔާޒް މަލާކަށް ބުރުގާ އަޅަން އެހީވެދިނެވެ. އަޔާޒް އާދައިގެ ހިނގުމެއްގައި ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން އެނގޭ ޙާލުގައެވެ. އެހިނދު އޭނަ ހިސާބަކަށް ނުތަނަވަސްވިއެވެ. ބައްޕަ އަންނައިރު މަލާކްގެ ހޭ ހުންނާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. މިފަދަ ޙާލެއްގައި މަލާކަށް އެހާ އާކަމެއް އެނގުން ރަނގަޅުވާނެތޯ ހިތަށްއެރިއެވެ. އެހެނަސް އެ ވަގުތު ވެސް މަލާކްގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން އަޔާޒް ދޮރު ހުޅުވާލީ ޖެހިލުންވުމެއްނެތިއެވެ. އެވަގުތު އޭނަ އުއްމީދު ކުރި ފަދައިން ދޮރުމަތީގައި ހުރީ މަޒީދު ނޫން ދެވަނަ މީހެއްނޫނެވެ. މަޒީދު އަޔާޒަށް ހިނިތުންވުމެއްދީ އަޔާޒްގެ ނަމުން ގޮވުމަށްފަހު ވޯޑުގެ ތެރެއަށްވަނެވެ. އެހިނދު މަލާކަށް ސީރިއަސްކަމާއެކީ އެ ބީރައްޓެހި މޫނާއި ދިމާލަށް ބަލަން ހުރެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެއީ އޭނަ ދުށް ސޫރައެއްހެން އޭނައަށް ހީވިއެވެ. މަލާކް ވިސްނުމެއްގައި އިންދާ އެމީހަކު ވާހަކަ ދެއްކިއެވެ.

 

“ކިހިނެއްތަ؟ މަލޫ؟” އެމީހަކު އޭނައަށް ގޮވާލި ނަމަކުން މަލާކް ހުއްޓުން އަރާ ގޮތްވިއެވެ.

 

ނުނިމޭ

The post Vaudhu (Part 43) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-43/feed/ 0 1641
Vaudhu (Part 42) https://blog.storiesbyjana.com/vaudhu-part-42/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-42 https://blog.storiesbyjana.com/vaudhu-part-42/#respond Mon, 03 May 2021 06:08:53 +0000 https://blog.storiesbyjana.com/vaudhu-part-41-copy/

“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. […]

The post Vaudhu (Part 42) appeared first on Stories by Jana.

]]>

“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. އަދި މަލާކަކީ ޙާލަތު ރަނގަޅުވުމުގެ ކިރިޔާވެސް ޢިޝާރާތެއް ލިބިއްޖެނަމަ އެ ޢިޝާރާތުގައި ހިފައިގެން އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވާ ކުއްޖެކެވެ. ވީއިރު މިހާތަނަށް އައިއިރު ވެސް މަލާކްގެ ފަރާތުން މި ޢަލާމާތްތައް ފެންނަމުން ދަނީ ކީއްވެތޯ އަޔާޒަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. މަލާކަށް ނޭދެވޭ އެއްޗެއް ދެވިފައިވަނީތޯ ހިތް ބުންޏެއްކަމަކު މަލާކްގެ އޮފީހުގައި އެހެން ހަދާފާނެ މީހަކަށް ހުރެދާނެ މީހަކު ނުވިސްނުމުން އަޔާޒަށް އެ ޝައްކާއި ދުރުވެވުނެވެ. އެހެނަސް ދެންވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް މަލާކަށް ނިދުނުއިރު ވެސް އޭނައަށް ނިދޭ ގޮތެއްނުވިއެވެ. ފިކުރުތަކެއްގައި އޮތުމަށްފަހު އޭނައަށް ނިދުނީ މަލާކް ނިދިތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން މަލާކްގެ ޙާލަތު ރަނގަޅުތޯ ޔަޤީންކޮށްފައެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ސްކޫލަށް ނުދާ ދުވަސްދުވަހުގެ އާދައިގެ މަތިން އަނުމް އެދުވަހުވެސް އޮތީ ފަތިސް ނަމާދަށްފަހު ނިދާފައެވެ. ނިދިފައި އޮވެފައި އޭނައަށް ހޭލެވުނީ ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށެވެ. ހޭލެވުމާއެކު އަނުމް ކަންނެތް ކަމާއެކީ ތެދުވެ އެނދުގައި އިށީންނަމުން ބާލީހުގެ ކައިރީގައި އޮތް އޭނަގެ ފޯނު ނަގައި ބަލާލިއެވެ. ފޯނަށް އެއްވެސް ކޯލެއް އައިސްފައިވިތޯ ބެލުމަށްފަހު ވައިފައި އޮން ކޮށްލަމުން ވައިބާރއަށް ވެސް ދިޔައީ ވައިބާރއިން ކޯލެއް އައިސްފައި ހުރިތޯ ބެލުމަށެވެ. އެހެނަސް އެއްވެސް އެޕަކުން ވެސް ކޯލެއް އައިސްފައި ނެތުމުން އަނުމްއަށް ވިސްނުމެއްގައި އިނދެވުނެވެ. މީގެ ދެދުވަސްކުރިން ފާއިޤް އޭނަ ގާތު ނޭނގޭ ނަންބަރަކުން ގުޅާނެ ވާހަކަ އިވުނު ފަހުން އޭނައަށް ޙަޤީޤަތުގައި އިނދެވުނީ އެ ކޯލުގެ އިންތިޒާރުގައެވެ. ފާއިޤް ނުނަގާށޭ ބުނިގޮތުން އޭނަ ހުރީ ވަރަށްވެސް އެ ކޯލު ނަގާ ހިތުންނެވެ. އޭނައަށް ގުޅަނީ ކާކުތޯ ބެލުމަށެވެ. އަދި އެއަށްވުރެ ބޮޑަށް އޭނައަކީ ވަކި މީހެއްގެ ބާރުގެ ދަށަށް ވެއްޓޭނެ މީހެއްނޫންކަން އެމީހަކަށާއި ފާއިޤްއަށް ވެސް އެންގުމަށެވެ.

 

އަނުމް އަމިއްލަ ޚިޔާލުތަކުގައި އަމިއްލަ ނަފްސު މޮޅު ކުރުވަމުން ދަނިކޮށް ކުއްލިއަކަށް ވައިބާރ ރިންގްޓޯން އިވެން ފެށުމުން އޭނަ ސިހިގެން ދިޔައެވެ. ހަމައަކަށް އެޅެމުން ފޯނުގެ ސްކްރީނަށް ބަލާލިއިރު ވައިބާރގެ ފޮޓޯއަކަށް އިސްތަށިގަނޑު ކުރު އަދި ފެޝަން ހެދުމެއް ލައިގެން ހުރި އަންހެނަކު ހުރިއިރު ނަމަކަށް އޮތީ ‘މައު’ އެވެ. މިއީ ހަމަ ގައިމުވެސް އޭނައަށް ނޭނގޭ މީހެއްކަން އެނގުންވި ވަގުތު ފާއިޤް ބުނި ވާހަކަތައް ހަނދާންވެގެން ދިޔަދިޔަހެން އޭނަގެ މެއަށް ވެސް ފިނިވިއެވެ. އެހެނަސް އެކޮޅުން ބުނާނެ ވާހަކައެއް އެނގެން ބޭނުންވިވަރު ވެސް ބޮޑުވިއެވެ. އެންމެފަހުން އެ ކޯލު ނެގުމުގެ ނަތީޖާ އަންނާނެގޮތް ދެނެގަންނަން ބޭނުންވި ވަރުން އަނުމްއަށް އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

 

“އައްސަލާމްޢަލައިކުމް.” އަނުމް އޭނަގެ މިހާރުގެ އާދައިގެ މަތިން ސަލާމް ގޮވިއެވެ.

 

“އޮހް! ނިކަން ޓްރޭޑިޝަނަލް ކުއްޖެއްދޯ މާލެއަށް ބަދަލުވިޔަސް؟ ނިކަން ވީޑިޔޯ ކޯލަށް ލާބަލަ އަނުމް. މި ދައްތައަށް ތި މޫނު ދައްކާލަބަލަ.” ފޯނުގެ އަނެއްކޮޅުގައި ސޯފާއެއްގައި އިށީނދެގެން އިން މައުވާ ބުނެލިއެވެ. މައުވާ އެ އެދުން އެދުމާއެކު އަނުމްއަށް ފޯނަށް ބަލާލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ފިރިހެން ކުއްޖަކަށްވިނަމަ އެ އެދުނު އެދުމުން އޭނައަށް ފާއިޤް ބުނި ވާހަކައެއް ދޭހަ ކުރެވުނީހެވެ. ކޮންމެއަކަސް އެ ވާހަކަ ހަނދާންވެފައި އޭނައަށް ކުޑަވަރަކަށް ސަމާލުވެލެވުނެވެ. އަދި އެނދުން ތެދުވެގެން ގޮސް ހަރުގަނޑުގައި އެޅުވިފައިވި ބުރުގާ އަޅުވާ އެތިން ބުރުގާއެއް ނަގައި ބޮލަށް މަހާލެވުނެވެ. އަނބުރާ ގޮސް އެނދުގައި އިށީންނަމުން އޭނަ ވީޑިޔޯ ކޯލަށްލީ ދެނެވެ. އެއާއެކު އެއްފަރާތުން އޭނަ ހުރި ކުޑަ ގޮޑި އަކާއެކީ ކުރިމަތިން ދެންމެ ފެނުނު ތަޞްވީރުގައި ހުރި އަންހެން ކުއްޖާ ފެނުނެވެ.

 

“އާނ…..ތިހާ ރީތި ކުއްޖަކަށް ވީއިރު ކީއްކުރަން އޯޑިއޯގަ ވާހަކަ ދައްކަންވީ. ބިއުޓިފުލްވެފަ ސްމާޓް ވައްތަރުވެސް ޖަހާ. ފިރިހެން ކުދިން ކީއްކުރަން؟ އަންހެން ކުދިންވެސް ފިދާވާނެ ތި ސޫރައަށް. ހެހެހެ…..” މައުވާ އެކޮޅުން ދައްކަން ފެށި ވާހަކައިން އަނުމްއަށް ހިނިތުންވެލެވުނެއްކަމަކު އެންމެ ފަހުން ބުނެލި ވާހަކައިން އޮޅުންއެރި ވަގުތު މެއަށް ނުބައި ގޮތެއްވެސްވިއެވެ. އެއްޖިންސުގެ ކުދިން އެކަކު އަނެކެއްދެކެ ލޯބިވެ ‘ފިދާ’ވެދާނެ ވާހަކައަކީ އަނުމްއަށް އޭނަ މާލެއަށް އައިފަހުން ދިމާވި ގޯސް އެކުވެރިންގެ ފަރާތުން އިވިފައިވާ ވާހަކައެވެ. އަދި އަމުދުން ސޯޝަލް މީޑިޔާގައި އެ ވާހަކަތައް ދައްކާ ދިވެހިންވެސް ގިނަވެގެން ދިޔަ ދުވަސްވަރު ކުދިންގެ މެދުގައި ދެކެވެމުން ދިޔަ އެ ޒާތުގެ ވާހަކަތައް ގިނަވިއެވެ. އެއީ އޭނައަށް އެ ވާހަކަ އިވުނު ދުވަހުއްސުރެ ވެސް އޭނަ އެހާ ގަޔާވާ ޒާތުގެ ވާހަކައެއް ނޫނެވެ. ދެންމެ އޭނަ ކުރިމަތިން ފެންނަމުން ދިޔަ ‘ދައްތަ’ އެކަހަލަ ޚިޔާލެއް ގެންގުޅުނުކަން އެނގުންވުމުން ވެސް މޭ ނުބައި ކުރިއެވެ.

 

“ކީއްވެ ތިހެން ތި ބަލަހައްޓައިގެން ހުންނަނީ؟ ހަމަ ތެދަށޭ މިބުނީ….ހެހެ….އޭ އަނުމްއަށް މި ގުޅާލީ ކުޑަ ހެލްޕެއް ބޭނުންވެގެން އިނގޭ. މައު ދައްތައަކީ ރާއްޖޭގަ އެކިއެކި ކެމްޕެއިންތައް ހިންގާ ދައްތައެއް. މި ބުނީ ސިޔާސީ ކެމްޕެއިނެއްނޫން އިނގޭ؟ އައި ފައިޓް ފޯ ޖަސްޓިސް އެންޑް ފްރީޑަމް. މިހާރު މައު ދައްތަ ޖައްސަން މިއުޅޭ ކެމްޕެއިންގެ ނަމަކީ ރެއިންބޯ ކެމްޕެއިން. ހީވަނީ އަނުމްއަށް އެނގޭނެހެން މިއީ ކޯޗަކާ ގުޅޭ ކެމްޕެއިނެއްކަން.” މައުވާ ސުވާލުކުރިއެވެ.

 

“ރެއިން..ބޯ…” އަނުމްއަށް ދެބުމަ ކައިރި ކޮށްލަމުން އަމިއްލަ އަމިއްލައަށް ކިޔާލެވުނީ ‘ރެއިންބޯ’ އާއި އެ ދައްތަ އެބުނާ ޢަދުލުވެރިކަމާއި މިނިވަންކަމާއި އޮތް ގުޅުމެއް އެއްގޮތަކަށް ވެސް ނުވިސްނުމުންނެވެ.

 

“ހެހެ….މައި އިނޮސެންޓް ގާލް! ރެއިންބޯއަކީ….ބޭސިކަލީ ހަމަ ކޮންމެ މީހަކަށް ވެސް އެމީހަކު ލޯބިވާ މީހަކާއެކީ އުޅުމުގެ މިނިވަންކަން އޮންނަންޖެހޭކަން ދައްކުވައިދޭ ލޯގޯ. ޔޫ ނޯ؟ ކޮންމެ ފިރިހެން ކުއްޖަކު އަންހެން ކުދިން ލައިކް ނުވެދާނެދޯ؟ އަދި ކޮންމެ އަންހެން ކުއްޖަކު ފިރިހެން ކުދިން ލައިކް ނުވެދާނެދޯ؟ ބައެއް ފިރިހެން ކުދިން ލައިކްވާނީ ފިރިހެން ކުދިން. އަދި ބައެއް އަންހެން ކުދިން ލައިކްވާނީ އަންހެން ކުދިން. އެކުދިންގެ ރައިޓްސް ހޯދައިދެވޭތޯ މިއުޅެނީ. އެކުދިންނަށް ވެސް ޗާންސް ލިބެންވާނެދޯ ރިލޭޝަންޝިޕްތަކުގަ އުޅެން؟ މި ސޮސައިޓީ އެކަން ޤަބޫލެއް ނުކުރޭ. އެކަން ބަދަލުކުރަން މިއުޅެނީ.” މައުވާ ކިޔައިދިނެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން އޭނަގެ ބޮލަށް އެނބުރުން އަރަން ފެށިހެން އަނުމްއަށް ހީވިއެވެ. އޭނަގާތު މި ވާހަކަތައް މި ދައްކަނީ އޭނައަށް ވުރެ ޢުމުރުން ދުވަސް މީހެއްކަން ޤަބޫލުކުރަން ވެސް ދަތިވިއެވެ. އަދި އަމުދުން ސީދާ އޭނައާއި މިފަދަ ވާހަކައެއް ދެކެވި އޭނަގެ ޚިޔާލު ހޯދެމުން ދާކަން ޤަބޫލުކުރަން ވެސް އަނުމްއަށް ދަތިވިއެވެ. އޭނައާއި މި ވާހަކަ ދެކެވެނީ ކީއްވެތޯ ވެސް ހިތަށްއެރިއެވެ. ވިސްނުމެއްގައި އޭނަ އިންދާ މައުވާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އަނުމް އަޅެ ސަޕޯޓް ނުކުރަންތަ މި ޚިޔާލަށް؟ ޢާއްމު ގޮތެއްގަ މި ޒަމާނުގެ ކުދިން ސަޕޯޓް ކުރާނެ. އަނުމް ކިޔުނީމެއްނު ސްޓޯރީތަކެއްވެސް އެކަހަލަ ކޮންސެޕްޓްތައް ހުރި؟ ކިހާ އިމޯޝަނަލް އަދި ކިހާ ހޮޓް ދޯ ދެ އަންހެން ކުދިން ދެމެދުގަ ވެސް ހިނގާ އެކަހަލަ ގުޅުންތައް؟” މައުވާ ނުހަނު އަސަރާއެކީ އަހާލިއެވެ. އެ އިވުނު ސުވާލާއެކީ އަނުމްގެ ދެ ބުމަ ކައިރިވެގެން ދިޔަދިޔަހެން އޭނައަށް ކަމަކާމެދު ވިސްނެން ފެށިއެވެ. އޭނަ އެކަހަލަ ވާހަކަތައް ކިޔާފައި ހުރިކަން މި ބީރައްޓެހި ދައްތައަށް އެނގޭނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަ އެއާއެކު ފާއިޤް ބުނެލި ބަސްތަކުގެ މަތިން ހަނދާންވިއެވެ. މި ހުރިހާ ދުވަހު އެމީހުން މަސައްކަތް ކުރީ މި މަޅީގައި އޭނަ ބައްދަންކަމަށް ބުނެލި ބުނެލުމެވެ. ހަމަ އެއާއެކު އަލީނާމެން އޭނައަށް ދޭންފެށި ވާހަކަ ފޮތްތަކުގެ މަތިން ހަނދާންވިއެވެ. އޭނަ އެގޮތަށް ކިޔުނު ފުރަތަމަ ވާހަކަ ތަކުގައި މުޅިންވެސް ވީ ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައި ހިނގާ ކަންތަކުގެ ވާހަކައެވެ. އެހެނަސް ފަހުން ފަހުން އައިސް އޭނައަށް ލެޕްޓޮޕުން ވެސް އެ ޒާތުގެ މަންޒަރުތައް ފެންނަން ފެށި ފަހުން އެ ބުނާ ޒާތުގެ ވާހަކަތައް އޭނަގެ އަތަށް ލިބެން ފެށިއެވެ. އެހާ ހިސާބުން އޭނަ ވާހަކަތައް ކިޔަމުން ދިޔައީ ހަމައެކަނި ފާޙިޝް މަންޒަރުތަކަށްޓަކައި ކަމަށްވުމުން އެއްޖިންސުން ގުޅުން ހިންގުމަކީ އޭނަ ތާޢީދުކުރާ ކަމަކަށް ނުވިޔަސް އޭނައަށް އެ މަންޒަރުތައް ކިޔެމުން ދިޔައީ ކިޔާ ހިތުންނެވެ. އަދި އަމުދުން ލެޕްޓޮޕުން ބަލާ އެ ޒާތުގެ ވީޑިޔޯތައް ޚިޔާރު ކުރާއިރު ފަހުން ފަހުން އައިސް އޭނައަށް ޚިޔާރު ކުރެވެން ފެށި ވީޑިޔޯތައް ވެސް އެ ޒާތަށް ބަދަލުވަމުން ދިޔަކަން އޭނައަށް ފާހަގަކުރެވުނެވެ. އެއްވައްތަރެއްގެ އެއްޗެއް ބަލާބަލާ އޭނަގެ ސިކުނޑި ‘ފޫހިވުމުން’ އެހެން ޒާތެއްގެ އެއްޗަކަށް ބަދަލުކުރަން އަންގަމުން ދިޔަ ފަދައަކުންނެވެ. އަނުމް މި ފިކުރުތަކުގައި ފުން ވިސްނުމަކަށް ގެއްލުނު ވަގުތު މައުވާ އަނެއްކާވެސް އޭނަގެ ނަމުން ގޮވާލިއެވެ. އެއަށްފަހު މި ކަމާމެދު ބުނަނީ ކީކޭތޯ އަހާލުމުން އަނުމްއަށް ވާހަކަ ދެކެވުނެވެ.

 

“މި ކެމްޕެއިންގަ ކިހިނެއްވާނީ؟ އަނުމް ޖެހޭނީ އަނުމް މިކަމާމެދު ދެކޭ ގޮތާއިމެދު ޚިޔާލު ފާޅުކުރަންތަ ކެމްޕެއިންގަ؟” އަނުމް އޭނަގެ ސިކުނޑީގައި ރޭވުމެއް ރާވަމުން ސުވާލުކުރިއެވެ.

 

“ޔެސް އޮފްކޯސް! އަނުމް އަހަރުމެން މި ސެލެކްޓްކުރަނީ އެ ކެމްޕެއިންގެ ޔަންގް ސްޓާރގެ ގޮތުގަ. ކުރީގަ ވެސް ބުނިހެން އަނުމް ބިއުޓިފުލްވެފަ ސްމާޓް ވައްތަރުވެސް ޖަހާތީ މި ސެލެކްޓް ކުރީ. އަދި ބޮޑުކޮށް ބުރުގާ އަޅައިގެން ދީންވެރި ވިޔަސް މި ޚިޔާލު ގެންގުޅެވިދާނެކަން ދައްކުވައިދޭން ބޭނުންވަނީ….ހެހެ…” މައުވާ އޭނަގެ ޙަޤީޤީ މުރާދު ފޮރުވަމުން ބުނެލިއެވެ. ހުރިހާ ފުރާވަރުގެ ކުދިންގެ ތެރެއިން އޭނަ އަނުމް ޚިޔާރުކުރީ އެކަންތަކުގެ އިތުރުން އަނުމްއަކީ އަޔާޒްގެ ކޮއްކޮއަށްވާތީވެއެވެ. އަޔާޒާއި ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން އަޔާޒްގެ ކޮއްކޮ އޭނަގެ މުށު ތެރެއަށް ލުން ފުދޭނެކަމަށް އޭނައަށް ނިންމިފައިވީތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ އޭނަ އެންމެ ފަހަކަށް ބުނެލި ވާހަކައިގެ ޒާތުން އަނުމްގެ ހިތުގައި ރޯވި އަލިފާނުގެ ހޫނު ކަމާއެކީ އަނުމްއަށް ދެދަތްޕިލަ ޖައްސާލަމުން އޭނަގެ ހުސްކޮށް އޮތް އަތް މުއްކަވާލެވުނެވެ. އެހެނަސް އޭނަ ދެންމެ ކުރަން ނިންމި ކަންތައް އެނގުންވުމުން އޭނަ އެ ރުޅިވެރިކަން ހިންދަން މަސައްކަތް ކުރަމުން ހިނިތުންވުމެއް ދައްކާލިއެވެ.

 

“ހެހެ….އެހެންވެއްޖެއްޔާ ކޮންދުވަހަކުތޯ ތި ކެމްޕެއިން އޮތީ؟ ކޮންތާކުތޯ ތީތި ބާއްވަނީ؟” އަނުމްއަށް އޭނަގެ ވާހަކައިގެ ރާގު ބަދަލުކޮށްލެވުނީ ވާހަކައިން ވެސް މައުވާ އޭނައާއި ދުރުކުރުވަން ބޭނުންވި މިންވަރުންނެވެ.

 

“އާޗާ! އެކްސައިޓެޑްދޯ؟ އަދި ވަކި ހޮޓެލްއެއް ފައިނަލައިޒްއެއް ނުކުރަން. މިއަދު ފައިނަލްކޮށްފަ އަންގަދޭނަން. އިވެންޓް އޮންނާނީ ޑިސެމްބާރ ތާޑް ވީކްގަ ނޫނީ ލާސްޓް ވީކްގަ. ވަރަށް އަސަރުގަދަ ސްޕީޗެއް ތައްޔާރުކޮށްލައްޗޭ. އިވެންޓް ލައިވް ވެސް ވާނެ އަހަރުމެންގެ އެފްބީ ޕޭޖްގަ. ވަރަށް ގިނަ މީހުންނަށް ރީޗްވެސްވާނެ އޭތި ވަރަށް އެޑްވަޓައިޒްކޮށްފަ ހުރީމަ. ވަކިން ޚާއްޞަކޮށް ޓީނޭޖް ކުދިން ރިޕްރެޒެންޓް ކުރާ ކުއްޖާގެ ޚިޔާލުތައް ފާޅުކުރުން އެޖެންޑާގެ އެންމެ ހޮޓް އައިޓަމަކަށް އޮންނާނީ. މިއީ އަނުމް މަޝްހޫރުވާން ލިބޭ ވަރަށް ބޮޑު ފުރުޞަތެއް!” މައުވާ ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އަނުމް އެ ވާހަކައަށް ވެސް ހިނިތުންވެލިއެއްކަމަކު އޭނަ މަޝްހޫރުވަންޏާ މަޝްހޫރުވާން ބޭނުންވަނީ ﷲ ގެ ޙަޟްރަތުގައި ކަމަށް ހިތާހިތުން ކިޔާލެވުނެވެ. މީހުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަށް ފަރުވާލެއްނެތެވެ. އޭނައަށް ފުރުޞަތެއް ލިބުމުން ކޮންމެހެން ވެސް އޭނައާއި ވާހަކަ ދައްކަމުން މިދާ ދައްތައަށާއި މުޅި މުޖުތަމަޢަށް ވެސް ރަނގަޅު ފިލާވަޅެއް ލިބިދޭނެ ފަދަ ޚިޔާލުތައް ފާޅުކުރަން ބޭނުންވިއެވެ.

 

އަނުމް އިންގޮތަށް އިންދާ މައުވާ އެހެންވީމަ އޯކޭދޯއޭ ބުނެލިއެވެ. ބަދަލުގައި އަނުމްވެސް އޯކޭއޭ ބުނެލުމުން އެ ކޯލު ނިމިގެން ދިޔައެވެ. ކޯލު ނިމިގެން ދިޔުމުން އަނުމް ވިސްނުމެއްގައި އިނދެފައި އޭނަގެ ފޯނުން ގުޅާލީ ބަސްމާއަށެވެ.

 

“ސަލާމް ބަސްމާ! ކުރީ ދުވަހު ބުނީމެއްނު ލޫޠު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންނާ ގުޅޭ ވަރަށް ރީތި ލެކްޗާރއެއް ފެނުނު ވާހަކަ؟ އޭގެ ލިންކް އަހަންނަށް ވައިބާރ ކޮށްލަދެވިދާނެތަ؟” އަނުމް އެދުނެވެ. އެކޮޅުން ބަސްމާ ވަގުތުން މައްސަލައެއްނެތޭ ބުނެލުމުން އަނުމްއަށް ފޯނު ކަނޑައި އެނދުން ތެދުވެލެވުނީ އިތުރު ލަސްތަކެއް ވެސް ކުރުމެއްނެތި އޭނަ އެ ޙަފްލާގައި ދައްކާނެ ވާހަކަ ތައްޔާރުކުރުމަށެވެ.

 

**

 

އެދުވަހު އަޔާޒްގެ ޑިއުޓީ ފެށެން އޮތީ މެންދުރު 1 ޖަހާއިރު ކަމަށްވުމުން އެދުވަހުގެ ހެނދުނު އަޔާޒާއި މަލާކް އެކީގައި ހޭދަކުރިއެވެ. ހެނދުނުގެ ކަސްރަތުތަކަށްފަހު ބޭރަށް ކުޑަ ހިނގާލުމަކަށް އަޔާޒް މަލާކް ގެންދިޔައީ ވެސް މަލާކް ހަމައަކަށް އެޅުވޭތޯ ބެލުމަށެވެ. ބޭރަށް ދިޔުމަށްފަހު ގެއަށް އައިއިރުވެސް އިއްޔެގެ ބޮލުގެ ރިހުން ހުރި ވާހަކަ މަލާކް ބުނުމުން މަލާކާއި އެއްވަރަށް އަޔާޒްވެސް ކަންބޮޑުވިއެވެ. ކުރިން އަބަދުވެސް ނިދާލުމަކުން ރަނގަޅުވާ ބޮލުގެ ރިހުން ރަނގަޅު ނުވުމުންނެވެ. އެހެނަސް އަޔާޒް އާދައިގެ މަތިން އެ ކަންބޮޑުވުން ފާޅުކުރުމެއްނެތި ސަމާސާތައް ކުރަމުން އެ ބޮލަށް އެކިއެކި ފަރުވާ ދެމުން ދިޔައެވެ. މިއީ ތިމަންނަ ލައްވާ މަސާޖު ކުރުވަން ރިހޭ ރިހުމެއްދޯއޭ ބުނެ މަލާކްގެ ބޯ މަސާޖުކޮށްދޭން ފެށިއެވެ. އަޔާޒްގެ ކުރިމައްޗަށް އޭނަގެ ބޯ ހުންނަ ގޮތަށް ދެމީހުން އެނދުގައި ތިބިއިރު އަޔާޒްގެ އިނގިލިތަކުގެ އިޙްސާސް އިސްތަށިތަކުގެ ދޭތެރެއިން ކުރެވުމުން މަލާކަށް ދެލޯ މަރައިގެން އިނދެވުނެވެ.

 

“މިއަދު އޮފީހަށް ނުދާނެ އިނގޭ މިހާވަރުން؟ އަހް….ހިތަށް އެބައަރާ މީހަކު އަހަރެން ކައިރިވެސް ބުނެފިނަމައޭ މިއަދު ނުދާށޭ. އަހަރެންގެ ލޯބިވާ ވައިފް ބަލަން ގޭގަ މަޑުކޮށްލާށޭ.” އަޔާޒް ރާގަކަށް އެހެން ބުނެލުމާއެކުހެން މަލާކް ހީލުމުން އޭނައަށް ވެސް ހީލެވުނެވެ.

 

“ހެހެހެ….ލޯބިވާ ވައިފް ބަލަން މަޑުކޮށްލީމަ ދެން ތިބި ބަލިމީހުން ބަލަނީ ކާކު؟ އެހެންނޫނަސް މިއަދު މަލާކް އަސްލު ބޭނުން އޮފީހަށްދާން….ނުނިމޭ މަސައްކަތްތައް ހުރީމަ ހިތްހަމައެއްނުޖެހޭ…” މަލާކް ބުނެލިއެވެ.

 

“އެއްކަލަ ކުއްޖާ! މިކޮޅަށް އެނބުރިލަބަލަ ނިކަން.” އަޔާޒް އޭނަގެ އަތް މަލާކްގެ ބޮލުން ނަގާލަމުން އަންގާލިއެވެ. އެއާއެކު މަލާކް އޭނަގެ ފައި ހިއްލަން ބުރައަކަށް ހަމައެކަނި މޫނު އަނބުރާލިއެވެ.

 

“ތިއީ މަސްތަކުގެ ރީތި ރާނީތަ މޫނުގެ އެއްފަޅި ދައްކަން؟ ފައި ލަންބާފަ ރަނގަޅަށް އެނބުރޭ!” އަޔާޒް ހަރުކަށިވާ ކަމަށް ހެދެމުން ބުނެލިއެވެ. އޭނަ މަލާކަށް ފަރުވާކުރަން ފެށިކަން އެންގިފަހުން މަލާކްގެ ފައި ޙަރަކާތް ކުރެވޭ ވަރަކުން އޭނަ ކުރުވައެވެ. އޭގެއިން ކޮންމެ ފަހަރަކު މަލާކަށް ހިތާހިތުން ޝަކުވާ ކުރެވުނެއްކަމަކު އަޔާޒަށްޓަކައި ބުރަކަމެއް ނޯންނަނީ އެއީ އޭނައަށްޓަކައި ކުރާ ކަމެއްކަން އެނގޭތީވެއެވެ. އަދި އަމުދުން އެހެން ހަދާ ކޮންމެ ފަހަރަކު އަޔާޒް ކުރާ ސަމާސާތަކުން އޭނައަށް ހެވެއެވެ. އެވަގުތު ވެސް އުދަގުލާއެކީ ފައި ލަންބަމުން އެނބުރިލީ ވަގުތު އުނަގަނޑުގައި ރިހުމެއް އުފެއްދުނެއްކަމަކު އޭނަ އަޔާޒަށް ބަލާލި ވަގުތު އިނދެވުނީ ހިނިތުންވުމެއްގައެވެ.

 

“އަހަރެން އިއްޔެ ދެއްކި ވާހަކަތައް ހަނދާނެއްނެތްދޯ؟ ފިހާރަ ބަންދުވީމަ ބަނގުރޫޓުވާނީ ކޮންބައެއްކަމާ އެންޑް އޯލް ދެޓް؟” އަޔާޒް އަހާލިއެވެ.

 

“ނޫނޭ އަޔާޒް ހަނދާން އެބަހުރި. އެކަމަކު މަލާކް އަސްލު ވަރަށް ވަރަށް ވަރަށް ވަރަށް ބޭނުން އޮފީހުގެ މަސައްކަތްތައް ނިންމަން.” މަލާކް ބުނެލިއެވެ.

 

“އެހެންތަ؟ އެހެންވީއިރު އަހަރެން ވެސް ވަރަށް ވަރަށް ވަރަށް ވަރަށް ބޭނުން މަލާކް ގޭގަ މަޑުކުރަން.” އަޔާޒް މަލާކް ބުނެލި ރާގަށް ބުނެލިއެވެ.

 

“ދެން އަޔާޒް……އެނގޭ ފިރިމީހާއާއި ދެކޮޅު ހަދައިގެން ނުވާނެކަން. އެހެންވީމަ އަންޑަސްޓޭންޑް ކޮށްދޭން ބޭނުންވަނީ. މަލާކް މަސައްކަތް ފަށާފަ ނުނިމި ހުރީމަ ވަރަށް އުދަގޫވޭ. މިގޮތަށް ގޭގަ ހުރިއްޔާ އިތުރަށް އެކަމާމެދު ވިސްނޭނީ. ވިސްނަމުން ވިސްނަމުން ގޮސް ބޮލުގެ ރިހުންވެސް ގަދަވާނެ. ޕްލީޒް އަޔާޒް!” މަލާކް އޭނަގެ ފަހު ދެބަސް ބުނަމުން ދެރަ މޫނެއް ދައްކާލިއެވެ. އެ މޫނު ފެންނަހާއިރަށް ހިތަށް އަސަރު ކުރާ އަޔާޒަށް ލުއި ގޮތަކަށް ހީލެވުނެވެ.

 

“މި ކުއްޖާދޯ؟ އެނގޭވިއްޔާ މީހަކު ކަމަކަށް އެއްބަސްކުރުވަން ވެސް! އެންމެ ރަނގަޅު އެހެންވީމަ ދިޔަޔަސް އެކަމަކު! އެކަމަކު މަލާކް ދާނީ އަހަރެން ހޮސްޕިޓަލަށްދާއިރު އަހަންނާއެކީ. ބްރޭކް ގަޑީގަ ހަވީރު 5 ހިކަށްހާއިރު ގެއަށްދާ މަގުމަތީގަ މަލާކް ގޮވައިގެން ދާނީ. އެންމެ ރަނގަޅު؟” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކް ވީ އުފަލާއެކީ އުޖާލާވި ހިނިތުންވުމަކާއެކީ ބޯޖަހަމުން އަޔާޒްގެ ގައިގައި ބައްދާލިއެވެ. އެއާއެކު ދެމީހުންނަށް ވެސް ހީލެވުނެވެ.

 

އަޔާޒް ވަޢުދުވީ ފަދައިން އޭނަ އެދުވަހުގެ މެންދުރު ޑިއުޓީއަށްދާން ކާރުގައި ދަތުރު ފެށީ މަލާކާއި އެކީގައެވެ. ހޮސްޕިޓަލަށް ދެވުމުގެ ކުރިން މަލާކްގެ އޮފީސް ހުންނަ ފިހާރައާއި ހަމަވުމުން ފަހުގެ އާދައިގެ މަތިން ކާރުގެ ދޮރު ކައިރިއަށް ގޮނޑި ގެނެސްދިނުމަށްފަހު މަލާކް އަމިއްލައަށް ގޮނޑިއަށް ބަދަލުވަންދެން މަޑުކުރިއެވެ. އެއަށްފަހު އަޔާޒް ދިޔައީ މަލާކް އެ ޢިމާރާތުގެ ތެރެއަށްވަދެ އޮފީހަށް ދިޔުމަށްޓަކައި ލިފްޓަށް އެރުމުން އަލްވަދާޢުވެސް ކިޔާފައެވެ. މަލާކް އެތަނަށް ދޫކޮށްފައި އަނބުރާ ގޮސް ކާރަށް އެރި އަޔާޒަށް ނޭނގުނު ކަމަކީ މަލާކް އެ ދޫކޮށްލެވުނީ ކިހާ ބޮޑު ނުރައްކަލެއްގެ ތެރެއަށްކަމެވެ.

 

އެދުވަހު މަލާކް އޮފީހަށް ވަންއިރު އިނީ ނުހަނު ހަމަޖެހިގެން ކަމަށްވިޔަސް މާނާ ކައިރިން މަސައްކަތުގެ ތަފްޞީލު އަހާލުމާއެކު އޭނައަށް އެތައް ޝަކުވާއެއް އެއްފަހަރާ ލިބިގެން ދިޔައެވެ.

 

“އިއްޔެގަ މޭމް ދިޔައިރު މަސައްކަތް ކުރެވުނު ވަރަކަށް ކުރެވިފަ ހުރީ. އިއްޔެގަ ނިމުނު ބައެއް ޕޯސްޓާރތައް އަހަރުމެން ޢާއްމުކޮށް ޕްރިންޓް ކުރުވާ ތަނުން ނަގަން އުޅުނުއިރު އެތަނުގެ ބޮޑު ޕްރިންޓަރު ހަލާކުވެފަ ހުރީ. ދެން އެހެން ތަނަކުން ޕްރިންޓް ކުރުވަންވެގެން މޭމްއަށް ގުޅަން އުޅެފަވެސް ފަހުން ހަނދާންވީ މޭމް އަންނަ 4 ގަޑި ފިޔަވައި އެހެން ގަޑިއެއްގަ ގުޅަން ނުވާކަން….ދެން މިއަދު ވެސް ބެލިއިރު އެމީހުން އެ ޕްރިންޓަރު ހެދުމުގެ މަސައްކަތް ކުރަނީ. އެހެން ތަނަކުން ކުރުވަންޏާ އަގުބޮޑުވާނެ. އިތުރު ލޮސްތަކެއް ވާނީ. ކިހިނެއްތޯ ހަދަންވީ؟” މާނާ ކިޔައިދެމުން ދިޔަދިޔަހެން މަލާކްގެ ބޮލުގެ ރިހުން ގަދަވެގެން ދިޔައެވެ. އެކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އެހެނަސް އޭނަ ފަހަތަށް ޖެހުމެއްނެތި ވާހަކަ ދެއްކިއެވެ.

 

“މިރެއާ ހަމައަށް އެތަނުގެ ޕްރިންޓަރު ނެހެދުނިއްޔާ އެހެން ތަނަކުން ޕްރިންޓް ކުރުވާފަ ޑިސްޕްލޭ ވާންވާނެ. ޑިސްޕްލޭތައް ހަދާއިރު އިތުރު ލައިޓިންގް ކޮޅެއްވެސް ލާށޭ ބުނާތި….މިވަގުތަށް ވާންހުރި ލޮސްއެއްވިއްޔާ ވާނީ. އިތުރު ލޮސްތަކެއްވުމުގެ ކުރިން ހިނގާ އިއްޔެ ރޭވި ގޮތަށް މަސައްކަތް ފަށަމާ!” މަލާކް ހެޔޮކޮށް ވިސްނަން މަސައްކަތް ކުރަމުން އެ ޖަލްސާ ނިންމާލިއެވެ.

 

އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަގެ އެ ހެޔޮ ވިސްނުން ބަދަލުކުރުމަށްޓަކައި ދޭތެރެދޭތެރެއިން މާނާ އަންނަމުން ދިޔައެވެ. އެއްފަހަރު ޝައްކެއް ފިލުވަން އައިއްޔާ އަނެއްފަހަރު އޭނަ ތައްޔާރުކުރި އިޝްތިހާރެއް ދައްކަން އަންނަމުން ދިޔަ ގޮތުން މަލާކަށް އެދުވަހުވެސް އޭނަގެ މަސައްކަތަށް ސަމާލުކަންދޭން ދަތިވިއެވެ. މީގެ އިތުރުން މާނާ ޤަޞްދުގައި އޭނަ ކަންބޮޑުކުރުވައި ރުޅިއަރުވަން އުޅުނުހެން މަލާކަށް ހީވިއެވެ. އެތައް ވަރަކަށް ޝައްކުތައް އޮޅުން ފިލުވުމަށްފަހު ވެސް އޭނަ ބުނާ ގޮތާއި ޚިލާފަށް އެއްޗެހި ހަދައިގެން އަންނަ އައުމުންނެވެ. ނޭދެވޭ ކޮންމެ އިޙްސާސަކާއެކީ މަލާކްގެ ބޮލުގެ ރިހުން ތޫނުވަމުން ދިޔަދިޔަހެން އިއްޔެ ފަދައިން ބުރަކަށީގައި ވެސް ރިއްސަން ފެށިއެވެ. ރިއްސަން ފެށިތާ މާ ގިނައިރެއްނުވެ މާނާ އޭނައަށް ދޭން ކޮފީ ތަށްޓެއް ގެނައެވެ. މަލާކް އިއްޔެގަ ކަންތައް ވީ ގޮތް ހަނދާންވެފައި ވަގުތުން އޭނަ ކޮފީ ނުބޯ ވާހަކަ އެންގިއެވެ. އޭގެ މާ ގިނައިރެއްނުވެ މާނާ މާ ރަނގަޅުވާ ކަމަށް ހެދިގެން މަލާކަށް ދޭން ޖޫސް ތަށްޓެއް ގެނައެވެ. މަލާކް އެދުވަހު އައީ މެންދުރު ކައިގެން ކަމަށްވުމުން އޭނަ ވަކި އެ ޖޫސްތަށި ބޯހިތެއްވެސް ނުވިއެވެ. އެހެނަސް މިއީ ފިހާރައަކަށް އަލަށް ގެނައި ޖޫހެކޭ ބުނެ ރަހަ ބަލާލަންވީތޯ ބުނެލުމުން މަލާކަށް އެ ތަށިން ކޯވަރެއް ދަމާލެވުނެވެ. ކޮންމެ ވައްތަރެއްގެ ވެސް އޮރެންޖު ޖޫހަކީ އޭނައަށް މީރު ޖޫހަކަށްވުމުން އޭނައަށް އޭގެ ފަހުން ވެސް މަސައްކަތުގެ ތެރެއިން އެ ތަށިން ބޮވެމުން ދިޔައެވެ.

 

**

 

މެލޭޝިޔާއަށް އެދުވަހުގެ ރޭގަނޑު ވަގުތު ހެދުން ބްރޭންޑަކާއި ގުޅިގެން މަޒީދު ހުޅުވާފައިވާ ބޮޑު ފިހާރައިގެ ކުރިމައްޗަށް އޭނަގެ ކާރު މަޑުކުރިއެވެ. ކާރު ޕާކްކުރުމަށްފަހު މަޒީދު ކާރުން ފައިބަމުން އެ ބޮޑު ފިހާރައަށް ނަޒަރެއް ދިނެވެ. ބަލާބެލުމަށް މި ވޭތުވެ ދިޔަ 5 ވަރަކަށް މަސް ތެރޭގައި ފިހާރަ ކުރިއެރުވުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ބޭރު ތެރެއިން ވެސް ބަލާ މީހަކަށް ފާހަގަވާނެއެވެ. އޭނަ ހިތުން އޭނަގެ އަލަތު ދަރިފުޅު ކަމަށްވާ މައުވާއާއި އެ ފިހާރަ މުޅިން ޙަވާލުކުރީ މައުވާގެ މަންމަ މައުވާގެ ހިތުގައި އިންދި ދަހިވެތިކަމުގެ އޮށަށް ކުޑަވެސް ބަދަލެއް އާދޭތޯއެވެ. އެ ފިހާރައާއި ދެންވެސް އިންޑިޔާގައި ހުރި ދެ ހެދުން ފިހާރައެއް މުޅިންހެން މައުވާއަށް ދިނީ މައުވާ އޭނަގެ ބައްޕައަށް ހިތްހެޔޮވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ހިތްހެޔޮކަން ފެނިގެން ދިޔައީ މިލްކުވެރިކަން ޙަވާލުކުރެވުނު ދުވަސްވަރު އެކަންޏެވެ. މިލްކުވެރިކަން ލިބުމާއެކު މައުވާ އަނެއްކާވެސް އޭނައާއި ދުރުވިއެވެ. އޭނަ ގުޅުމާއެކު ބުނާހާވެސް އެއްޗަކީ އެންމެ ތިން ފިހާރައިން މަންމައަށް ބައްޕަ ހެދި ގޮތުގެ ބަދަލު ނުދެވޭނެ ކަމަށެވެ. އަދި އެ ބުނާ ބުނުމަށްފަހު ޤަޞްދުގައި އަދި ޤަޞްދެއްނެތި ވެސް ފިހާރަތަކަށް ގެއްލުން ލިބޭފަދަ އެތައް ފިޔަވަޅެއް އަޅާފައިވެއެވެ. އެ ފިޔަވަޅުތައް ރަނގަޅު ކޮށްދޭން މަޒީދު އުޅެފިނަމަ މައުވާ އޭނަގެ ދެން ހުރި އަންހެން ދަރިފުޅު ކައިރިއަށް ދާންވީ ނޫންތޯ ބުނެފާނެއެވެ. ޙަޤީޤަތުގައި އޭނަ އެ ދަރިފުޅު ކައިރިއަށް ވަރަށް ވެސް ދާން ބޭނުންވެއެވެ. މައުވާގެ ފަރާތުން އޭނައަށް ނުލިބޭ ޤަދަރާއި ލޯބި އެކުއްޖާގެ ފަރާތުން ލިބޭނެކަން ޔަޤީނާއި ގާތްކުރެވޭތީވެއެވެ. އެހެނަސް އޭނައަށް އެކުއްޖާއާއިމެދު ކަންތައް ކުރެވިފައިވި ގޮތުން އެކުއްޖާއާއި ބައްދަލުކުރަން ވެސް އޭނައަށް ޙައްޤު ނުވާހެން ހީވާ ހީވުމުން މަޒީދަށް ހުރިތާ މަޑުކޮށްލެވެއެވެ.

 

އެދުވަހުވެސް މަޒީދު އެ ފިހާރައަށް ވަދެގެން ދިޔައީ ފިހާރައިގެ ޙާލަތު ބަލާލުމަށެވެ. މެލޭޝިޔާގައި ހުއްޓަސް މައުވާ ޢާއްމު ގޮތެއްގައި ފިހާރައަށް ނާންނަކަން އޭނައަށް އެނގެއެވެ. ފިހާރައިގެ ދެން ތިބި މުވައްޒަފުން އޭނައަށް މަރުޙަބާ ކިޔަން އައިއިރު ވެސް މައުވާ ނުފެނުމުން އޭނަ ޙައިރާންނުވީ އެހެންވެއެވެ. އެހެނަސް ފިހާރަ ތެރޭގައި އުޅެމުން ދަނިކޮށް ފިހާރައިގެ އޮފީސް ބައިން ފައިލެއް ހިފައިގެން އަންނަމުން ދިޔަ އަންހެން މުވައްޒަފަކު ފެނިފައި މަޒީދުގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“ސޯފިޔާ!” މަޒީދު އެ ނަން ކިޔާލިއިރު ސޯފިޔާ ހުރީ އޭނައާއި މާ ދުރު ނޫން ހިސާބެއްގައި ކަމަށްވުމުން އެއަޑަށް އޭނަވެސް ބަލާލިއެވެ. މަޒީދުގެ ޙައިރާންކަން އެކުލެވިފައިވި މޫނު ފެނިފައި ސޯފިޔާވެސް ހުއްޓުން އަރައި ދެލޯ ބޮޑުވެގެން ދިޔައެވެ.

 

**

 

އެވަގުތު ރާއްޖޭގެ ގަޑިން 5 ޖަހަން ގާތްވަމުން ދަނީއެވެ. އެ ގަޑީގައި މަލާކްމެން އޮފީސް ހުންނަ ޢިމާރާތާއި ދިމާ ކުރިމަތީގައި ހުންނަ ކެފޭއެއްގެ މޭޒު ދޮށުގައި މައުވާ އިނެވެ. އެކަނި އެ މޭޒުދޮށުގައި ކޮފީ ބޯން އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ފެންނަމުން ދިޔަ ޢިމާރާތާއި ދިމާލަށެވެ. މޫނުމަތިން ފާޅުވަމުން ދިޔަ ރުޅިވެރި އަސަރުތަކުން އޭނަގެ ހިތަށް އެތައް ހާސް ޖަޒުބާތެއް އަރާ ފައިބަމުން ދާކަން ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

 

މައުވާ އޭނަގެ ޚިޔާލުތަކުގައި އިންގޮތަށް އިންދާ އޭނަގެ ކޮފީތަށި ކައިރީގައި ބޭއްވިފައިވި އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު އަރާފައި އޮތް ނަމަކީ ‘ހޯމް ޑިސްޓްރޯޔާ’ އެވެ. އެ ނަން ފެނުމާއެކުވެސް މައުވާއަށް އޭނަގެ ކުޑައިރުގެ ހަނދާންތައް އެއްފަހަރާ އާވެގެންދެއެވެ. އޭނަގެ މަންމަ ރުއި ރުއިންތަކެވެ. މަންމަ ކުރި އާދޭސްތަކެވެ. އެ މަންމަގެ އާދޭސްތައް އަޑުއެހުމެއްނެތި އޭނައަށް ގުޅަމުން މިދާ އޭނަގެ ބައްޕަ ބޮޑު ފިޔަވަޅެއް އެޅި ދިޔަ ގޮތެވެ. ފޯނަށް ބަލަން އިނދެފައި އެންމެ ފުރަތަމަ މައުވާ އުޅުނީ ސައިލެންޓަށްލައި ފޯނު ލޮކްކޮށްލާށެވެ. އެހެނަސް ބުނާނެ އެއްޗެއް އަޑުއަހަން ބޭނުންވުމުން މައުވާ އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ.” މައުވާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

“މައުވާ ކިހިނެއްވެގެންތަ ތިއުޅެނީ؟ ބައްޕަ މާލެއަށް ފޮނުވަން އުޅުނު ކުއްޖާގެ ބަދަލުގަ މާލެއަށް ގޮސްގެން ތިއުޅެނީ ކީއްކުރަން؟ އަދި އޭގެ މައްޗަށް ސޯފިޔާ މިކޮޅުގަ ބައިންދައިގެން އެހެން ތަންތަނުގެ ފިހާރަތަކުގެ ހިސާބުތައް އޭނަ ލައްވާ ތި ފޮނުވަނީ! މިހާ ބޮޑު ރޭވުމެއް ރާވައިގެން ތިއުޅެނީ ކީއްވެކަމާމެދު ސުވާލު ކުރެވިދާނެތަ؟” އެކޮޅުން ވާހަކަ ދެއްކީ އޭރުވެސް ފިހާރައިގައި ސޯފިޔާއާއި އެހެނިހެން މުވައްޒަފުންނާއެކީ ހުއްޓިހުރި މަޒީދެވެ. އޭނަގެ އަޑުގައި ނުރުހުންތެރިކަމެއްވީ މައުވާގެ މަކަރުވެރިކަން އެނގުންވުމުންނެވެ. އެހެނަސް މައުވާއަށް ނެގުނީ އެ ވާހަކައިގެ ނުބައި މާނައެކެވެ. މަޒީދުގެ ވާހަކަ އަޑުއެހުމަށްފަހު މައުވާ އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ކިހިނެއްވީ؟ ބިރުގަތީތަ އަހަރެން މިކޮޅަށް އައިސް ތީނަގެ ދޮން ކަނބުލޮއަށް ކަމެއް ކޮށްފާނެތީ؟” މައުވާ ނުލަފާ ހިނިތުންވުމަކާއެކީ ރާގަކަށް ސުވާލުކުރިއެވެ. މައުވާގެ ބަސްތައް އިވިގެން ދިޔަ މަޒީދަށް ލިބުނު ސިހުމާއެކީ ދެލޯ ބޮޑުވެގެން ދިޔައެވެ. މިއީ އެންމެ ފުރަތަމަ އޭނަ މައުވާއަށް ގުޅިއިރު ހިތަށްއެރި ޚިޔާލެއްވެސް ނޫނެވެ. އެހެނަސް މައުވާ އެހެން ބުނެލި ގޮތުން އޭނަގެ ހިތް މަލާކަށްޓަކައި ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. އެ ބިރުވެރިކަމުގައި އޭނައަށް މައުވާގެ ނަމުން ގޮވާލެވުނީ އޭނައަށް ހުރެވުނީ މައުވާ ހުއްޓުވޭވަރަށްވުރެ ކިހާ ދުރުގައިކަން އެނގުންވުމުންނެވެ.

 

“މިއަދު ވެގެން ދާނީ އޭނަގެ ޙަޔާތުގެ އެންމެ ފަހު ދުވަހަށް. އެކަން ހުއްޓުވުމަށްޓަކައި އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ އަހަރެން….މިހާރުން މިހާރަށް މި ހިނގައިގަންނަނީ އޭނަ ހުރި ތަނަށް.” މައުވާ އެ ފަހު ބަސްތައް ބުނެލީ އޭނަ އިން ގޮނޑިން ތެދުވަމުންނެވެ. އެ ބަސްތައް އިވިގެން ދިޔަ މަޒީދުގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގި ހިނދު ހުރެވުނު ތަނެއްވެސް އޭނައަށް ނޭނގުނެވެ. ދެފަރާތަށް ދެފަރާތަށް ކަޅި ހިންގުމަށްފަހު މައުވާއޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން ފޯނު ކެނޑިގެން ދިޔައެވެ. އެއާއެކު ފޯނު ކަންފަތުން ނަގާލަމުން ސްކްރީނަށް ބަލާލި މަޒީދުގެ މޫނުމަތިން ރުޅިވެރިކަމާއި ނާއުއްމީދުގެ އަސަރެއް ފާޅުވިއެވެ.

 

**

 

އޭނަގެ ބްރޭކް ގަޑި ޖެހެން ގާތްވަމުން ދިޔަދިޔަހެން އަޔާޒްގެ ހިތަށް އުފާވެރިކަމެއް ވެރިވަމުން ދިޔައީ މަލާކް ދެކިލުމުގެ އުއްމީދުގައެވެ. އެދުވަހުގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ބްރޭކް ގަޑި ޖެހުމުގެ މިނެޓްތަކެއްކުރިން އޭނަ އެވަގުތަށް ބަލަންޖެހޭ ހުރިހާ ބަލިމީހުން ބަލައި ނިމުމުން އޭނަ ފަހުގެ ކަމަކަށް ކޮމްޕިއުޓަރުން ހުޅުވާފައި ހުރި ވިންޑޯސްތައް ކްލޯޒް ކުރަން ފެށީވެސް ހިނިތުންވުމަކާއި އެކީގައެވެ. އޭނަ އެހެން އިންދާ އޭނަ ހިފަހައްޓައިގެން ހުރި މައުސްގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުން އަޔާޒަށް އެއަށް ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް ‘ބައްޕަ’ އޭ އަރާފައި އޮތް މަންޒަރު ފެނިފައި އަޔާޒް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލީވެސް އުފަލާއި އެކީގައެވެ. އެހެނަސް އޭނައަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން މަލާކްގެ ބައްޕަގެ ހާސްކަން އެކުލެވިފައިވި އަޑު އިވުނެވެ.

 

“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެގެން ދިޔައެވެ.

 

**

 

ހަވީރުގެ އެވަގުތުވީއިރު ވެސް އިއްޔެ ފަދައިން ކޮމްޕިއުޓަރު ދޮށުގައި އިން މަލާކަށް އިޙްސާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު ވަރުބަލިކަމެކެވެ. ބޮލާއި ބުރަކަށީގައި އެއްވަރަކަށް ރިއްސަމުން ދިޔައިރު އޭނަގެ ލޮލަށް ވެސް ބަރުވެފައިވިކަން ބަލާބެލުމަށް ވެސް އެނގޭނެއެވެ. ކޮމްޕިއުޓަރުން މަސައްކަތް ކުރަމުން ދިޔައިރު ދޭތެރެ ދޭތެރެއިން އޭނަގެ ލޯ މެރެމުން ދިޔައިރު ބައެއްފަހަރު ކުރިމަތީގައި ހުރި މަންޒަރު ފުސްކޮށްވެސް ފެންނަމުން ދިޔައެވެ. އަނެއްބައި ފަހަރު ބޮލަށް އެނބުރުން އަރާ ފަދައަކުން ވަށައިގެންވި މަންޒަރުތައް ފެންނަމުން ދިޔައެވެ. މަސައްކަތް ހުއްޓާލަން ކިތަންމެ ފަހަރަކު ހިތް ބުންޏެއްކަމަކު އެކަމަށް ނުކުޅެދުނީ މާނާ އެތައް ފަހަރެއްގެ މަތިން އޭނަގެ ނާޤާބިލުކަން އިޙްސާސް ކޮށްދީފައިވާތީވެއެވެ. އެހެންކަމުން ކުރިމަތިވަމުން ދިޔަ ދަތިތަކާއި އެކީވެސް ލޯ ހުޅުވައިގެން މަސައްކަތް ނިންމޭތޯ އޭނަ އޭނަގެ ސިކުނޑިއަށް ބާރުލިއެވެ. އެގޮތަށް ބާރުލާ ކޮންމެ ފަހަރަކު މޭނުބައި ކުރާހެން ވެސް އޭނައަށް ހީވަމުން ދިޔައެވެ. މިފަދަ ޙާލެއްގައި އޭނަ ވަނިކޮށް މާނާ އަނެއްކާވެސް ކެބިންއަށް ވަދެގެން އައެވެ. އަދި މަލާކްގެ މޭޒުގެ ކުރިމަތީގައި އައިސް މަޑުކޮށްލަމުން މޭމް ކިހިނެއްތޯ ސުވާލުކުރިއެވެ. އެ ސުވާލު ރަނގަޅަށް ދޭހަވެސް ނުކުރެވުނު މަލާކް މާނާއަށް ބަލާލުމެއްވެސް ނެތި އާނއެކޭ ބުނެލިއެވެ. މާނާ އެކަމަށްޓަކައި މަލާކާއި ދިމާލަށް މަލާމާތުގެ ހިނިތުންވުމެއް ދެމުން މަލާކްގެ މޭޒުމަތީގައި އޮތް މަލާކްގެ ފޯނު ނެގިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި ގޮސް މަލާކްގެ އޮފީސް ގޮނޑިއާއި ދާދި ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ދަމަމުން ގޮސް މަލާކްގެ ވާތް ފަރާތުން ދުރުގައި ހުރި ފާރު ކައިރީގައި ބެހެއްޓިއެވެ. ގޮނޑީގެ އަޑު މަލާކަށް އިވުނެއްކަމަކު އެވަގުތު އެކަމާއިމެދު ވިސްނާނެހާ ހިތްވަރެއް އޭނަގެ ސިކުނޑީގައެއްނެތެވެ. އޭނަ އެ އިން ގޮތަށް އިންދާ މާނާ އެ ކެބިންގެ ތެރެއިން އެތެރެއަށް ދެވޭ ކެބިންގައި ތިބި މުވައްޒަފުން ވެސް ގޮވައިގެން މަލާކް އެކަނި ބަހައްޓާފައި ކެބިންއިން ނިކުތެވެ. އޭގެ ތެރެއިން އެންމެ ފަހަކަށް ނިކުތް މާނާ ކެބިންގެ ދޮރު ލައްޕާލަމުން ދޮރު ތަޅުވެސް ލިއެވެ. އެއަޑަށް މަލާކް ދޮރަށް ބަލާލި ހިނދު ދޮރު ތަޅުލެވުނީހެން އޭނައަށް ހީވިއެވެ. އެހެނަސް އެއީ ހަމައެކަނި ހީވި ހީވުމެއްކަމަށް ނިންމަމުން މަސައްކަތަށް ސަމާލުކަން ދިނީ ވަރުބަލިވެފައިވި ސިކުނޑިއެއްގެ ސަބަބުންނެވެ.

 

މަސައްކަތް ކުރަމުން ދިޔަދިޔަހެން އިންތިހާއަށް ދަތިވެގެން ދިޔަ ވަގުތު އޭނަ އަޔާޒް މަތިން ހަނދާންވެގެން ދިޔައެވެ. ހަމަ އެހިނދު ގަޑި ބެލި ވަގުތު 5 ޖަހާފައިވި މަންޒަރު ފެނިފައި ހިނިތުންވެލެވުނީ މިހާރު އަޔާޒް އަންނާނެކަމުގެ ޚިޔާލުންނެވެ. މަސައްކަތުން ދުރުވާން އަޔާޒް އޭނައަށް އެހީވެދޭނެތާއޭ ހިތަށްއެރީ، މަސައްކަތުން ދުރުވުމަކީ އޭނަގެ އިޚްތިޔާރުގައި ނެތްކަމެއްހެން ހީވާ ވަރަށް އޭނަ އެވަގުތު ހުރިހާ ގޮތަކުން ވެސް ނުކުޅެދިފައިވުމުންނެވެ. އަޔާޒް އައިސް އޭނަ ލޯތްބާއެކީ ގެންދާ މަންޒަރު ލޮލަށް ސިފަވުމުން ވެސް މަލާކަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެ ހަމަޖެހުން ނެތިދިޔައީ ކުއްލިއަކަށް ރިންގުވާން ފެށި ލޭންޑްލައިން ފޯނުގެ ސަބަބުން އޭނަ ސިއްސައިގެން ދިޔުމުންނެވެ. ސިއްސައިގެން ދިޔަދިޔަހެން އޭނަގެ ޙިއްސުތައް ހިސާބަކަށް ހޭލިއެވެ. އެއާއެކު އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. މަލާކަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން އިވިގެން ދިޔައީ މާނާގެ ކަންބޮޑުވުން އެކުލެވިގެންވި އަޑެވެ.

 

“މަލާކް މޭމް….ބިލްޑިންގްގެ ކުރިމަތިން ވަރަށް ބޮޑު ކަމެއްވެގެން މިއުޅެނީ.” އެ ވާހަކަ ބުނެލީ ފިހާރައިގެ ސްޓޯރ ރޫމެއްގެ ތެރޭގައި ހުރި މާނާއެވެ.

 

“ކޮން ކަމެއް؟” މަލާކަށް އަހާލެވުނެވެ.

 

“މަލާކް މޭމްގެ ހަސްބެންޑް! ޑޮކްޓަރ އަޔާޒްގެ ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައިގެން އުޅެނީ. މީހުންނަށް ފެނުނީ ކާރު ތެރެއިން ވެއްޓި ބިންމަތީގަ އޮތްވާ. ވަރަށް ގިނަ ލޭ ފައިބާފަ ހުރި ބޮލުންވެސް. މިތަނުން އެމްބިއުލާންސަށް އަރުވަނީ މިހާރު. މީހުން އެބަ ބުނޭ ނޭވާވެސް ނުލެވެއޭ.” އެކޮޅުން އިވިގެން ދިޔަ ވާހަކަތަކުން އަޔާޒް އެ ޙާލުގައި އޮތް މަންޒަރު ލޮލަށް ސިފަވުމުން އިސާހިތަކު މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް މާނާ އޭނަ ގާތު ވަރަށް އަވަހަށް ތިރިއަށް އައިސްދިނުމަށް އެންގިއެވެ. އެއާއެކު މަލާކް ފޯނުގެ އަތްގަނޑު ވައްޓާލަމުން ކޮޅަށް ތެދުވީ ވަކި ވިސްނާލުމެއްނެތިއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އޭނައަށް ރޮވެން ފެށީ އޭނައަށް ވީ ތަދަށްވުރެ ބޮޑަށް އަޔާޒްގެ ޙާލާއިމެދު ވިސްނުމުންނެވެ. އަޔާޒް އެފަދަ ޙާލެއްގައި ވަނިކޮށް އެއްގޮތަކަށް ވެސް އަޔާޒާއި ދުރުގައި ހުންނަން ބޭނުން ނުވުމުން މަލާކް އޭނަގެ ގޮނޑި ހުރި ދިމާލެއް ހޯދިއެވެ. ގޮނޑި މާ ދުރުގައި ހުރިތަން ފެނިފައި ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު ވިސްނުމެއްނެތި އެކި ފަހަރުމަތިން ކޮޅަށް ތެދުވެ، ވެއްޓެމުން އަދި އެންމެ ފަހުން ދެމެމުން ގޮއްސަ ގޮނޑީގައި ހިފައި ގޮނޑިއަށް އަރައި އިށީނެވެ. އޭރުވެސް އޭނަގެ ގިސްލުމަށް ބަދަލެއް ނައި ހިނދު އަޔާޒް އޭނައާއި ވަކިވެދާނެ ކަމުގެ ޚިޔާލުން އޭނަގެ މޭގައި އުފެދެން ފެށި ރިހުން އެހެން ކަމަކާއި މެދު ވިސްނަން އޭނައަށް ދަތިކުރުވިއެވެ. އެހެނަސް އޭނަ ގޮނޑި ދުއްވާފައި ގޮސް ކެބިންގެ ދޮރު ހުޅުވަން އުޅުނު ވަގުތު ދޮރު ނުހުޅުވުމުން އޭނައަށް އެ ދޮރުގައި ޓަކި ދެވެން ފެށިއެވެ. އިރުކޮޅެއްވީއިރު ވެސް ފަހަތުން ވެސް އެއްވެސް މުވައްޒަފަކު އަންނަތަން ނުފެނުމުން މަލާކަށް ރޮމުން ޓަކި ދެމުން އަޔާޒްގެ ނަމުން ގޮވެން ފެށިއެވެ. އޭނަ އެހެން ރޯން ފެށިތާ އިރުކޮޅެއްފަހުން ބޭރުން އެ ދޮރު ހުޅުވުނު އަޑަށް އޭނަގެ ރުއިން ހުއްޓުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަވަސްއަވަހަށް ދޮރު ހުޅުވާލަމުން ވަކި މީހަކު ނުފެނުނެއްކަމަކު ތިރިއަށްދާން ލިފްޓާއި ދިމާލަށްދާން ފެށިއެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ކުއްލިއަކަށް މުޅި އެ ފްލޯއަށް އަނދިރިކަން ވެރިވިއެވެ. އެއީ ހަވީރުގެ ވަގުތަށް ވިޔަސް އެ ފްލޯއަކީ އެފަދަ ގޮތަކަށް ބަންދުކުރެވިފައިވާ ތަނަކަށް ވުމުން ކަރަންޓު ދިޔުމުން އެގޮތަށް އަނދިރިވެގެންދެއެވެ. އެ އަނދިރީގެ ތެރެއިން މަލާކަށް އޭނަގެ ނޭވާގެ އަޑުގެ އިތުރުން އޭނަގެ ފަހަތުން އަންނަން ފެށި އުސް ފައިވާނެއްގެ އަޑުވެސް އިވުނެވެ.

 

“މަލާކް…..އަޔާޒް ބަލަންތަ ދާން ބޭނުންވަނީ؟” އެ ފައިވާނުގެ އަޑު ކައިރިވަމުން ދިޔަދިޔަހެން އަންހެން ކުއްޖަކު ނުހަނު އާދައިގެ ގޮތަކަށް އަހާލި އަޑު އިވުނެވެ. އެއީ އޭނައަށް ކުރިން އިވިފައިވި އަޑަކަށް ވިޔަސް އެއީ ކާކުކަން ނަގައިގަންނަން މަލާކަށް އެވަގުތު ދަތިވިއެވެ.

 

“އާނ ބޭނުން އަޔާޒް ބަލަންދާން….އަޔާޒްގެ ޙާލަތު ވަރަށް ދަށް. އަޔާޒް ކައިރިއަށް މަލާކް ގެންގޮސްދީ.” މަލާކް ރޮވިފައިވާ އަޑަކުން އެހެން ބުނެލީ އޭނަގެ މޭގައި އުފެދެމުން ދިޔަ ރިހުމަށާއި ހަށިގަނޑުގެ އެކި ދިމަދިމާލުން ވަމުން ދިޔަ އުދަގޫތަކަށް ކެތްކުރަން ދަތިވެފައިވާ ޙާލުގައެވެ.

 

“އޯންވް….ކީއްކުރާނީ؟ މި ގަޑީގަ ލިފްޓެއް މަސައްކަތެއް ނުކުރާނެ. ހިނގާދޯ މިތާހުރި ސިޑިން ދާން؟ ގޮނޑިން ފައިބާ. އޭރުން އަހަރެން ގެންގޮސްދޭނަން މަލާކް ސިޑިން.” އެ އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. އެއާއެކު ކޮންމެހެން ވެސް އަޔާޒް ބަލަން ބޭނުންވެފައިވި މަލާކް އެކުއްޖާގެ އަޑު އަންނަމުން ދިޔަ ދިމާލަށް ގޮނޑި އަނބުރާލަމުން ގޮނޑިން ފޭބިތަނާހެން ބިއްލޫރި ބޯޅަތަކެއް ޓައިލްސް މައްޗަށް ވެއްޓި ޓައިލްސް މަތީގައި ދުވަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކްގެ އެއްފައި އެ ބޯޅަތަކެއްގައި އެޅުމާއެކު އޭނަ ކައްސާލައިގެން ގޮސް އެ ބޯޅަތަކާއި ޓައިލްސްތަކުގެ މަތީގައި ޖެހުނެވެ. އެއިން މުޅި ގައިގައި އެޅި ވޭނާއެކީ މަލާކަށް ވޭނީ އާހެއްގެ އަޑު ލައްވާލެވުނެވެ.

 

“އޫޕްސް…..ތަދުވީތަ؟ އިޓްސް އޯކޭ. އަނދިރީގަވީމަ އެހެންވެސް ވާނެ. އަހަންނަށް ވެސް ނުފެނޭ މަލާކް. އެހެންވީމަ ދެން ހަދަންވީ ގޮތަކީ މަލާކަށް މިހާރު ތި އޮވެވުނީ ބިންމަތީގަ ކަމަށްވީމަ އެކި ތަންތާ އަތްޖައްސަމުން އައިސް އަހަރެންގެ ފައި ހޯދައި ދެފައިގަ ހިފަންވީ. އަހަރެން ފިޔަވަޅު އެޅީމަ އެނގޭނެ ދޯ އަންނަންވީ ދިމާލެއް؟ ސްޓާޓް!” އެ އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. އެ އަންހެން ކުއްޖާގެ އަޑުގައި ޝައްކު އުފެދޭފަދަ ގޮތެއްވިޔަސް އަޔާޒަށްޓަކައި ރޮމުން ރޮމުން އޭނައަށް ބިންމަތީގައި ދެމެން ފެށިއެވެ. އުސް ފައިވާނުގެ އަޑު އެކި ފަހަރު އެކި ދިމަދިމާލުން އިވެމުން ދިޔަ ގޮތުން އޭނައަށް ދާންވީ ދިމާލެއް ސާފުނުވަމުން ދިޔަގޮތުން އިހުނަށްވުރެ ގަދައަށް ރޮވެމުން ދިޔައެވެ. އެހެނަސް އެންމެ ފަހުން މަލާކް އެހެން އުޅެމުން އުޅެމުން ގޮސް އެންމެ ފަހުން އޭނަގެ އަތް ސިޑީގެ ރެއިލިންގް ގައި ޖެހުނެވެ. ރެއިލިންގް ގައި އެއްއަތް ޖެހުމުން މަލާކް ދެއަތުން ވެސް ރެއިލިންގްގައި ހިފައި ކޮޅަށް ތެދުވެލިއެވެ.

 

“މަލާކަށް ހީވަނީ މަލާކް މިހާރު މިހިރީ ސިޑީގެ ކައިރީގަހެން. ތިކުއްޖާވެސް އެކި ތަންތާނގަ އަތްޖައްސަމުން މިތަން ހޯދާލަބަލަ ވަރަށް އަވަހަށް.” މަލާކް ވެއްޓިދާނެތީ ދެއަތުން ރެއިލިންގްގައި ބާރަށް ހިފަހައްޓައިގެން ހުރެ އެދުނެވެ. އެއާއެކު މަލާކް މި ޙާލަތުގައި ވެސް އޭނަ ހީކުރި ވަރަށްވުރެ ކުރި އަރައިގެން ދިޔުމުން އޭނަ އައީ އަމަށަކު ރުޅިއެއްނޫނެވެ. އަމުދުން ހަމަ އެވަގުތު އޭނަގެ ފޯނަށް އައި މެސެޖަކާއެކީ ކުއްލިއަކަށް ހުރިހާ ބޮކިތައް ދިއްލި މާޙައުލު ސާފުވެގެން ދިޔައެވެ. އެވަގުތު މަލާކް ހީކުރި ފަދައިން އޭނައަށް ހުރެވުނީ ސިޑިއާއި ދާދި ކައިރި ހިސާބެއްގައެވެ. އޭނަ ފަސް ބަލާލިއިރު އޭނައާއި ދިމާ ހުރަހަށް ހުރި ކުޑަދޮރުގެ ކައިރީގައި ހުރީ ރުޅިން ރަތްވެފައި ހުރި މައުވާއެވެ. މައުވާ އައިސްފައިވި ރުޅީގައި މަލާކަށް އެއްޗެކޭ ވެސް ނުބުނެވެނީސް އޭނަގެ އަތުގައި އޮތް ފޯނު ބިމަށް ޖަހާލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތައް އަޅާލަމުން ޖެހިލުމެއްނެތި ގޮސް މަލާކް އޭނައާއި ވީ ފަރާތަށް އަނބުރާލަމުން މަލާކްގެ ކަރުގައި ހިފާލިއެވެ.

 

“މިއަދު ހަމަ މަރާލާނަން ކަލޭ!” މައުވާ އެހެން ބުނެ ކަރުގައި ހިފާފައިވި އޭނަގެ އަތަށް ބާރުކުރިއެވެ. އެހިނދު މަލާކަށް ވާން ފެށި ގޮތުން އޭނައަށް ކުޑައިރު ވީގޮތެއްގެ ހަނދާނެއްއާވިއެވެ. ހަމަ މިފަދައިން އޭނައަށް ވާނުވާ ނޭނގެން އުޅޭހެން ހީވި ބައެއް ދުވަސްތަކެވެ. އެ ދުވަސްތަކުގައި ވާ ކަންތައް ހަނދާންކުރަން ފެށިތަނާހެން ކުއްލިއަކަށް މަލާކް ކެއްސާލިއެވެ. އެއާއެކު އޭނަގެ އަނގައިން ހުދުކުލައިގެ ފޮނުތައް އައި މަންޒަރު ފެނިފައި މައުވާ ވެސް ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކް އާދަޔާ ޚިލާފު ގޮތަކަށް ތުރުތުރު އަޅަން ފެށިހެން ހީވުމުން މައުވާއަށް މަލާކްގެ ކަރުން ދޫކޮށްލެވުނެވެ. އެއީ އެއްގޮތަކަށް ވެސް ޙަމްދަރުދީއެއްގެ ސަބަބުންނެއްނޫނެވެ. ޖާމިޒް އޭނަގާތު ބުނި ކަންތައް ވާން އުޅޭހެން ހީވުމުންނެވެ. އެއާއެކު އޭނަ އިތުރަށް އެވާހަކަތައް ހަނދާން ކުރުމަށްފަހު އޭނަ ދެން އިތުރުކަމެއްކުރަން ނުޖެހޭނެކަން ދަނެގެން ސީދާ މަލާކްގެ ވާތްފަރާތަށް ސިޑި ހުންނާނެ ފަދައަކުން މަލާކް ބެހެއްޓިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މަލާކްގެ ބޯ ވާތްފަރާތަށް ލެނގި ސިޑިއާއި ދިމާލަށް ވެއްޓެން ގާތްވި ވަގުތު ސިޑީގެ ތިރިން އަޔާޒްގެ އަޑު އައެވެ.

 

“މަލާކް!!!” ފެނުނު މަންޒަރުން އަޑުގެ ކޮޅަށް އަޔާޒަށް ގޮވާލެވުނެވެ. އެއަޑަށް އަޔާޒަށް ބަލާލީ ހަމައެކަނި މައުވާއެވެ. އެހެނަސް އަޔާޒް އެދިމާލަށް ބަލާލުމެއްވެސް ނެތި ފައިގައި ހުރި ބާރު މިނެއްގައި ސިޑީގެ އެންމެ މައްޗަށް ގޮސް ވެއްޓެން އުޅުނު މަލާކްގެ ގައިގައި ހިފާލިއެވެ.

 

ނުނިމޭ

The post Vaudhu (Part 42) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-42/feed/ 0 1635
Vaudhu (Part 41) https://blog.storiesbyjana.com/vaudhu-part-41/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-41 https://blog.storiesbyjana.com/vaudhu-part-41/#respond Mon, 03 May 2021 06:07:39 +0000 https://blog.storiesbyjana.com/vaudhu-part-40-copy/

“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ.   “ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ.   “ގުޑް ނިއުސް….ތިހެން ވެއްޖެއްޔާ ވަރަށް އަވަހަށް ކުއީންސް ޝޮޕް ފިހާރައިގެ މާރކެޓިންގް ޓީމް މެމްބަރެއްގެ ޖަނާޒާ އޮންނާނެ.” މައުވާ އެ ވާހަކަ ފެށީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ވާހަކަ […]

The post Vaudhu (Part 41) appeared first on Stories by Jana.

]]>

“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ.

 

“ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ.

 

“ގުޑް ނިއުސް….ތިހެން ވެއްޖެއްޔާ ވަރަށް އަވަހަށް ކުއީންސް ޝޮޕް ފިހާރައިގެ މާރކެޓިންގް ޓީމް މެމްބަރެއްގެ ޖަނާޒާ އޮންނާނެ.” މައުވާ އެ ވާހަކަ ފެށީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ވާހަކަ ނިމެމުން ދިޔަދިޔަހެން އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އެ ވާހަކައަށްފަހު އެކޮޅުން ބުނާނެ އެއްޗެއް އަޑުއެހުމެއްނެތި މައުވާ ފޯނު ކަނޑާލަމުން ފޯނު ކަންފަތުން ނަގާލިއެވެ. އޭރު އޭނަ އިން ކާރު އިންޑިޔާގެ ބޮޑު މަގަކުން ދަތުރުކުރަމުން ދިޔައީ އެއާރޕޯޓަށް ދިޔުމަށެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހެނދުނު މަލާކަށާއި އަޔާޒަށް ފެށިގެން ދިޔައީ ނުހަނު ހިމޭންކަމާއެކީ އާދައިގެ ގޮތަކަށެވެ. އާދައިގެ މަތިން ދެމީހުން އެކީގައި ތެދުވެ ފަތިސް ނަމާދު ކަސްރަތު ކުރުމަށްފަހު ނާސްތާކޮށްގެން އަޔާޒް މަލާކާއި ވަކިވެގެން ދިޔައީ މަލާކްގާތު ލޯބިވާ ވާހަކަ ބުނުމަށްފަހުގައެވެ. މަލާކް އެދުވަސް ހޭދަކުރަން ފެށީ މީގެ 2 ހަފްތާއެއްހާ ދުވަސްފަހުން ފެށޭ އޭނަގެ އިމްތިޙާނަށްޓަކައި ތައްޔާރުވުމުގެ މަސައްކަތުގައެވެ. ނުހަނު ބުރަކޮށް އެކިއެކި ޕްރެޒެންޓޭޝަންތައް ބަލަމުން ފޮތަކަށް މުހިއްމު ނުކުތާތައް ނަގަމުން ދަނިކޮށް މަލާކްގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު އެއަށް އަރާފައި އޮތީ އޭނައާއެކީ މާރކެޓިންގް ޓީމްގައި މަސައްކަތްކުރާ ފައުޒާގެ ނަމެވެ. އިމްތިޙާންތަކަށްޓަކައި އޭނަ އޮފީހުގެ މަސައްކަތުން ކުޑަ ޗުއްޓީއެއް ނަގާފައި ވަނިކޮށް ފައުޒާ ގުޅާނީ ބޮޑުކަމެއް ވުމުންކަން މަލާކަށް ޔަޤީންވިއެވެ. އެހެންކަމުން އޭނަ ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނައަށް އެއްޗެކޭ ނުވެސް ބުނެވެނީސް އެކޮޅުން މާނާގެ ހާސްކަން އެކުލެވިގެން ދިޔަ އަޑު އިވުނެވެ.

 

“މަލާކް މޭމް! ނިކަން އަވަހަށް އޮފީހަށް އައިސްދެވިދާނެތަ؟ ވަރަށް ބޮޑުކަމެއް ދިމާވެގެން މިއުޅެނީ. އަސްލު އެނގޭތަ؟ އަހަރުމެން ޔިއާރ އެންޑް ސޭލްއަށް ހެދި ހުރިހާ ޕޯސްޓާރތައް ޕްރިންޓަށްދޭން މިއަދު ބެލިއިރު ހުރިހާ އެއްޗެއް ޑިލީޓްވެފަ ހުރީ. މިއަދު ޗެނަލްތަކަށް ފޮނުވަން ހަދާފަ އޮތް އިޝްތިހާރު ވެސް ގެއްލިއްޖެ އޭތި ހުރި ކޮމްޕިއުޓަރުގަ މައްސަލައެއް ޖެހިގެން. ފިހާރަތަކުގަ ޕްރޮމޯޝަނެއް އޮންނާނެ ވާހަކަ ކަސްޓަމަރުންނަށް އަންގާފަ އޮތްވާ އަޅުގަނޑަށް މިއަދު އެނގުނީ ފަސާ އަދި ކޫޕަންތައް ނުފޮނުވާކަން. ކަސްޓަމަރުން ވަރަށް މައްސަލަ ޖައްސަމުންދާ ވާހަކަ ފިހާރައިގަ ހުރި ކުއްޖަކު ބުނި އަޑު އެހިން….އަދި އަދި…އެނގޭތަ؟ ކުރީ ހަފްތާއާއި ބަލާއިރު މި ހަފްތާގަ ހުރިހާ ފިހާރަތަކުގަ ވެސް ލޮސްވީ. ވަކިން ޚާއްޞަކޮށް ޕާރފިއުމް ފިހާރައަށް ވަރަށް ބޮޑު ލޮސްތަކެއްވި….” އެކޮޅުން އެތައް ވާހަކައެއް އެއްފަހަރާ އިވިގެން ދިޔަދިޔަހެން މަލާކްގެ ސިކުނޑިއަށް ހާސްކަމެއް ވެރިވިއެވެ. އޭނަ ކުރަމުން އައި މަސައްކަތެއް ފުރިހަމަ ނުވާ ކަމުގެ އިޙްސާސުންނެވެ. ހަމަ އެހިނދު އެކޮޅުން ދެއްކި ބައެއް ވާހަކަތައް ދޭހަކުރަން ވެސް ދަތިވިއެވެ.

 

“އެކަމަކު ކިހިނެއް މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާ ބޮޑު ލޮސްއެއްވާނީ؟ ސްޓޮކްއަކަށް ގެއްލުމެއް ލިބުނީމަ ނޫނީ އެންމެ ހަފްތާއެއްގެ ތެރޭގަ ބޮޑު ލޮސްއެއްނުވާނެދޯ؟ ކޫޕަންތައް ވީހާވެސް އަވަހަކަށް ފިހާރަތަކަށް ފޮނުވާ….ޗެނަލްތަކަށް ފޮނުވަން ހެދި އިޝްތިހާރުތަކާ ޕޯސްޓަރުތަކުގެ ބެކަޕެއް ނެތީތަ؟” މަލާކް އެ ސުވާލުތައް ކުރަން ފެށިހެން އޭނަގެ ބޮލުގެ ފުއްކިބައިގައި މަޑު ތަދެއް ހިނގާލިއެވެ. އެހެނަސް އެވަގުތު އޭނަވީ އެކަމާމެދު ވިސްނާވަރަށްވުރެ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

 

“ން….ނެތޭ މަލާކް މޭމް….ވަރަށް ބޮޑަށް މަޢާފަށް އެދެން. މިއީ ހަމަ އަޅުގަނޑުގެ ކުށް. މަލާކް މޭމް ބުނީމަވެސް އަޅުގަނޑު ހުރީ ބެކަޕް ނަހަދާ. މިއަދު މަލާކް މޭމް އޮފީހަށް އައުން ހަމަ ރަނގަޅުވާނީ އޭރުން ޕޯސްޓަރުތަކާ އެއްޗެހި އަލުން ހެދޭނީ. އެއެއްޗެހި ހެދިތާ ދުވަސްވީމަ އަޅުގަނޑުމެންވެސް އެއެއްޗެހި ހުރިގޮތް ހަނދާނެއްނެތް. އަދި އެ އެހާވެސް ގިނަވީމަ. ޗެނަލަށް ފޮނުވާ އިޝްތިހާރު ވެސް ހެދޭނީ ދެން އެއްކަލަ ޑިރެކްޓަރާ ވާހަކަ ދައްކައިގެންދޯ؟ މޭމް ގުޅީމަ ރަނގަޅުވާނީ. މޭމް އެހެންވީމަ އަންނައްޗޭ. އަޅުގަނޑު މި ފޮނުވަނީ ކޫޕަންތައް މިހާރު.” މާނާ އެކޮޅުން ބުނެލި އަޑު އިވުނެވެ. އެ ވާހަކަތައް އަޑުއިވުމުން މާނާގެ ފަރުވާ ކުޑަކަން ފާހަގަވެފައި މަލާކް ނުރުހުންވެސްވިއެވެ. އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެލަމުން އޭނަ ފޯނު ކަނޑާލީ އެހެންވެއެވެ. އެއަށްފަހު އޭނަ ދެވަނަ ވިސްނުމެއްވެސް ނެތި އޭނަ ގޮނޑި ފަހަތަށް ޖައްސާލަމުން އަލަމާރިއާއި ދިމާލަށް ދިޔައީ އޮފީހަށް ދިޔުމަށްޓަކައި ހެދުން ބަދަލުކުރުމަށެވެ.

 

މަލާކް ތައްޔާރުވެގެން ކޮޓަރިން ނިކުތުމާއެކު ބޮޑުމަންމަގެ ސުވާލުތަކާއި ކުރިމަތިވިއެވެ. މަލާކް ބުނިހާވެސް އެއްޗަކީ އޭނަ އޮފީހަށް އެވަގުތު ދާންޖެހޭ ވާހަކައެވެ. ވަގުތަކީ އަޔާޒާއެކީ ނިޝާން ވެސް ސައިކަލުގައި ތަނަކަށް ގޮސްފައިވާ ވަގުތަކަށްވުމުން ވަސީމާ ދެން ނުދިޔަޔަސް ރަނގަޅުވާނެ ނޫންތޯ ވެސް ބުންޏެވެ. އެހެނަސް މަލާކް ހާސްވެފައިވި ވަރުން އޭނައަށް ދުލެއް ނުދެވުނެވެ. އެހެންކަމުން ވަސީމާ އެމީހުންނަށް ޢާއްމުގޮތެއްގައި ކާރު ދުއްވައިދޭ މޫސަބެއަށް ގުޅައި ނިޝާންގެ ކާރުގައި މަލާކް ފޮނުވިއެވެ. މަލާކް އޭނަގެ ގޮނޑިން އަމިއްލައަށް ތެދުވެ ކާރަށް އެރި މަންޒަރު ބަލަން ހުރެފައި އަވަހަށް އައުމަށް ވަސީމާއަށް ބުނެލެވުނީ މަލާކަށްޓަކައި ކަންބޮޑުވެފައިވި ހިތަކާއި އެކީގައެވެ. މަލާކް ކާރަށް އަރައި ދޮރު ލައްޕާލީ އެއަށް ވަކި އެއްޗެކޭ ބުނުމެއްނެތިއެވެ.

 

މިނެޓްތަކެއްގެ ދަތުރަކަށްފަހު މަލާކަށް އޭނަ މަސައްކަތް ކުރާ އޮފީސް ހުންނަ ފިހާރައިގެ ޢިމާރާތާއި ހަމައަށް ދެވުނެވެ. ފިހާރަށް ދެވުމާއެކު އެ ބޭބެ ގޮނޑި ގެނެސްދިނުމުން މަލާކް ގޮނޑިއަށް ބަދަލުވީވެސް އަމިއްލައަށެވެ. ދަތުރުމަތީގައި އޭނަގެ ބޮލުގައި އުފެދި ގެއްލެމުން ދިޔަ ރިހުން އޭނަގެ ބޮލަށް ފެތުރެން ފެށިކަން އޭނައަށް ފާހަގަވިއެވެ. އޭނަގެ އިމްތިޙާންތަކަށްޓަކައި ބައެއް މާއްދާތަކަށް ނުވެސް ބެލޭކަން އެނގުންވި އެނގުންވުމާއި ވެސް އެކީގައެވެ. އަވީގެ ތެރެއަށް ނިކުތުމުން ބޮލުގެ ރިހުން ތޫނުވުން ނޫންކަމެއް ނުވިއެވެ. އަވަސްއަވަހަށް ގޮނޑި ދުއްވަމުން ގޮސް ފިހާރަ ތެރެއަށް ވަނެއްކަމަކު އެ ރިހުން އެގޮތުގައިވިއެވެ. އެހެނަސް މަލާކް ހުއްޓުމެއްނެތި އެ ދިޔަ ގޮތަށް ގޮސް ކުރިމަތިން ފެންނަމުން ދިޔަ ލިފްޓަށް އެރީ ޢިމާރާތުގެ އެންމެ މަތީ ބައިގައި ހުންނަ މާރކެޓިންގް ޓީމަށް ޚާއްޞަކޮށްފައިވާ އޮފީހަށް ދިޔުމަށެވެ.

 

މިނެޓްތަކެއްގެ ތެރޭގައި މަލާކް އިނީ އޭނައަށް ޚާއްޞަ ކުރެވިފައިވާ ކެބިންގައެވެ. އޭނަ އައުމާއެކުހެން މާނާ އައިސް އެއްކަލަ ޝަކުވާތައް އޭނަގެ ކުރިމަތީގައި ބަންޑުންކޮށްލީ ނާއުއްމީދީ އަސަރެއް އުފެދޭ ގޮތަކަށެވެ. މިއަހަރު ހަމަ ޔަޤީނުންވެސް ވާނީ އެންމެ ގިނައިން ގެއްލުންވި އަހަރަށޭ ބުނުމުން މަލާކް ވީ ނުރުހުމުގައި އަޑު އިސްނުކޮށް ހުރެވުނީ ކިރިޔަ ކިރިޔާއެވެ. އެހެނަސް މާނާގެ ތަކުރާރުކޮށް ކުރަމުން ދިޔަ އެ ޝަކުވާތަކާއި އޭނަގެ ބޮލުގެ ރިހުމާއި އެކީގައި ވެސް އޭނަ އޭރު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރަން ރޭވުމެއް ރާވާލިއެވެ. އެއަށްފަހު މުޅި ޓީމް އެއްކުރުމަށްފަހު އެދުވަހުގެ ރޭވުން ކިޔައިދިނުމަށްފަހު އެކި މުވައްޒަފުންނާއި އެކި މަސައްކަތްތައް ޙަވާލުކޮށް އަމިއްލައަށް ވެސް ބައެއް ޒިންމާތައް ނެގިއެވެ. އަދި އޭނަގެ ކެބިންއަށް ގޮސް އޭނަގެ މަސައްކަތް ފެށިއެވެ. މަސައްކަތް ފެށުމަށްފަހު ވެސް މަލާކަށް އެކިއެކި ދަތިތަކާއެކީ ކުރިމަތިވަމުން ދިޔައެވެ. އޭނަ އޮފީހަށް އައުމަށް އެންގި މާނާ ދޭތެރެ ދޭތެރެއިން އޭނައަށް ކޮންމެވެސް ނޭދެވޭ ޚަބަރެއް ދެމުން ދިޔައެވެ. ކޮންމެވެސް ފިހާރައެއްގެ ގިނަ ޢަދަދެއްގެ ސްޓޮކް ހަލާކުވީ ވާހަކަ އެއްފަހަރު ބުނިއްޔާ ކޮންމެވެސް އެއް ޝިޕްމެންޓެއް ނުލިބޭ ވާހަކަ އަނެއްފަހަރު ބުނާނެއެވެ. އޭގެއިން ކޮންމެ ފަހަރަކު މަލާކަށް އިތުރު ހާސްކަމެއް ލިބިގެން ދަނީ އެ ލިބޭ ގެއްލުން ފޫ ބެއްދުމަށްޓަކައި އޭނަ އިތުރު މަސައްކަތެއް ކުރަން ޖެހޭކަން އެނގުންވުމުންނެވެ. އެހާ ގިނަ ގެއްލުންތައް ވަމުން ދިޔައީތީ ފިހާރަތައް ކުރިއެރުވުމަށް މިހާރު ހުރި ޚިޔާލުތަކެއްގެ އިތުރުން އާ ޚިޔާލުތަކެއް ވެސް ބޭނުންވާ ކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔަ ގޮތުން އޭނަ އެވަގުތު ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދޭންވެސް އޭނައަށް އުދަގޫވަމުން ދިޔައެވެ. އަދި އަމުދުން މަލާކް ކޮންމެވެސް ޕޯސްޓަރެއްގެ މަސައްކަތެއް ނިމެން ގާތްވެފައި ވަނިކޮށް ކުއްލިއަކަށް އޭނަގެ ކޮމްޕިއުޓަރު ނިވިގެން ދިޔަ ގޮތުން މަލާކްގެ ސިކުނޑި ގޯސްވާން އުޅުނުހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަ ދެންވެސް ހުއްޓުމެއްނެތި މީހަކު ގެނެސް ކޮމްޕިއުޓަރު ރަނގަޅު ކުރުވައި މެދުކެނޑުމެއްނެތި އޭނަގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މަސައްކަތް ބުރަވުމުގެ ކުރިން އޭނަ މެންދުރު ކާންވެސް ހަނދާނެއްނެތެވެ. ގިނައިރު އިންގޮތަށް އިނުމުގެ ސަބަބުން އޭނަގެ ބުރަކަށީގައި ތަދެއް އުފެދި އެ ތަދު ކަނދުރައާއި ހަމައަށް ގޮސް ބޮލަށް އެރުމުން އޭނަގެ މޭނުބައި ކުރަން އުޅުނުހެން ވެސް މަލާކަށް ހީވިއެވެ. އެހެނަސް ސިކުނޑިއަށް ވެރިވެފައިވި ހާސްކަމެއްގެ ސަބަބުން އޭނަގެ މަސައްކަތް ހުއްޓާލަން ޚުދު އޭނަގެ ދެއަތަށް ވެސް ނުކުޅެދިފައިވި ފަދައަކުން މަލާކަށް މަސައްކަތް ކުރެވެމުން ދިޔައެވެ.

 

ހެނދުނު ޑިއުޓީ އޮންނަ ދުވަސްދުވަހުގެ އާދައިގެ މަތިން އަޔާޒަށް އެދުވަހުވެސް ގެއަށް އާދެވުނީ ހަވީރު 5 ޖެހިހިކަށްހާއިރެވެ. ގެއަށް އައިސް އާދައިގެ މަތިން މަލާކް ދެކިލުމުގެ އުއްމީދުގައި ކޮޓަރީގެ ދޮރު ހުޅުވާލިއިރު މަލާކް ފެންނަން ނެތުމުން އަޔާޒް ޙައިރާންވިއެވެ. އިމްތިޙާންތައް ނުނިމެނީސް މަލާކް އޮފީހަށް ނުދާން ނިންމާފައިވިކަން އޭނައަށް އެނގޭތީވެއެވެ. އަދި އަމުދުން މަލާކް އޮފީހަށް ދިޔަޔަސް މަލާކަށް ކަނޑައަޅާފައިވާ މަދު ގަޑިއިރުތަކުގެ ސަބަބުން މަލާކް މެންދުރު ވާއިރަށް ގެއަށް އަންނާނެއެވެ. ހިތަށްވެރިވި ކަންބޮޑުވުމާއެކީ އަޔާޒަށް ވަގުތުން ގޮސް ބޮޑުމަންމަ ކައިރިން މަލާކާއިމެދު ސުވާލުކުރެވުނެވެ. މަލާކް އެކަނި އޮފީހަށް ގޮސް އަދިވެސް އަނބުރާ ނާންނަ ވާހަކަ އިވުމުން އަޔާޒަށް ޙައިރާންވި ވަގުތު ނުރުހުންވެސްވިއެވެ. ނުރުހުންވީ ބޮޑުމަންމަ ގަދަކަމުން ވިޔަސް މަލާކް ގޭގައި މަޑުނުކުރުވީތީވެއެވެ. އެހެނަސް އަޔާޒް އެއްޗެކޭ ނުބުނެ ވަގުތުން ގެއިން ނިކުންނަން ދިޔައީ މަލާކް ބަލާ ދިޔުމަށެވެ. ޢިމާރާތުގެ ތިރިއަށް ގޮސް ކާރަށް އަރައި ކާރު ސްޓާޓްކޮށްލި ވަގުތު އަޔާޒްގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. މަލާކްގެ އިމްތިޙާންތައް ނުނިމެނީސް އޮފީހަށް ނުފޮނުވުމަށްޓަކައި މަލާކްގާތު ޗުއްޓީ ނަގަން އެންގީވެސް އޭނައެވެ. އިމްތިޙާންތަކާއިމެދު އެކަނިވެސް މަލާކް ގެންގުޅޭ ހާސްކަން އޭނައަށް އެނގޭތީވެއެވެ. ކަން މިހެން އޮތްވާ އޮފީހުގެ މަސައްކަތާއިމެދު ވިސްނަންވުމުން މަލާކަށް ދެރަގޮތެއް ވެދާނެތީ އޭނަގެ ހިތް ބިރުގަތެވެ. މަލާކްގެ ސިކުނޑިއަށް ހާސްކަން ވެރިކުރުވަން ބަޔަކު މީހުން ރާވައިގެން އޭނައަށް މިހާރުވެސް އިއްވާފައިވާ ވާހަކަތަކާމެދު އަޔާޒް ރޭކާވެސް ނުލައެވެ.

 

**

 

ހަވީރުގެ އެ ވަގުތުވެސް މަލާކްވީ ކޮމްޕިއުޓަރު ދޮށުގައި އޭނަގެ މަސައްކަތްތައް ކުރިއަށް ގެންދާށެވެ. އޭނަ އެހެން އިންއިރު މިއަދު އެ އޮފީހަށް އަންނަން ހަމަޖެހިފައިވި މެހުމާނުގެ މަތިން ވެސް ހަނދާން ނެތިފައިވިއެވެ. އޭނަ ކިރިޔާވެސް އިސްއުފުލައި ބަލާލިނަމަ ކެބިންގެ ބޭރަށްވާ ގޮތަށް ހުރި ބިއްލޫރި ދޮރުގައި ދަމާލެވިފައިވި ބްލައިންޑްތަކުގެ ދޭތެރެއިން އޭނައަށް ނަޒަރެއް ދީގެން ހުރި މީހަކު އޭނައަށް ފެނުނީހެވެ. ކެބިންގެ ބޭރުގައި ހުސްކޮށްހުރި ކޮރިޑޯގެ އަނެއްފަރާތުން ފެންނަމުން ދިޔައީ ތިރިއަށް ދެވޭ ގޮތަށް ކަނާތް ފަރާތުގައި ހެދިފައިވާ ސިޑިއެކެވެ. އެ ސިޑީގެ ރެއިލިންގް ކޮރިޑޯގެ ވާތް ފަރާތުން ފެންނަމުން ދިޔަ ފާރާއި ދިމާލަށް ދިގު ދެމިގެން ގޮސްފައިވިއެވެ. މަލާކަށް ނަޒަރު ހުއްޓައިގެން ހުރި ޒުވާން އަންހެން ކުއްޖާ ހުރީ ސިޑީގެ ކައިރިން އެ ރެއިލިންގްއަށް ލެނގިލައިގެންނެވެ. އުސްފައިވާނަކާއެކީ ކަކުލާއި ހަމައަށް އޮތް ދަނބުކުލައިގެ އަތްކުރު ހެދުމެއް ލައިގެން ހުރީ މައުވާ ނޫން ދެވަނަ މީހެއްނޫނެވެ. މައުވާ މަލާކަށް ބަލަހައްޓައިގެން ހުރިއިރު އޭނަގެ ލޮލުން އަލިފާންކަނި ބުރާހެން މީހަކަށް ހީވެދާނެއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އޭނަ މިހާތަނަށް ކުރިވަރު ކުރުމުން ވެސް މަލާކް ބިމަށް ތިރިވާނެކަމަށެވެ. އެހެންނޫނީ ކުޑަމިނުން އެ މަސައްކަތް މަޑު ޖައްސާލާނެކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިހާރަތަކަށް ގެއްލުންވުމުގެ ބަދުނާމު މަލާކްގެ ބޮލުގައި އެޅުވިދާނެކަމަށެވެ. އެހެނަސް މަލާކްގެ މޫނުމަތިން ފެންނަމުން ދިޔަ އުދަގޫވަމުން ދިޔަ އަސަރުތަކާއެކީ ވެސް މަލާކް މަސައްކަތް ކުރަމުން ދިޔަ ގޮތުން މައުވާގެ ދަތްކުނޑިވިކުނެވެ. މިއީ ވެސް އޭނަގެ ބައްޕަ އޭނައާއި އެ އަގެއްނެތް ބަލިކަށި އަންހެން ކުއްޖާ އަޅުވާ ކިޔާފާނެފަދަ ކަމެއްކަން އެނގުންވުމުން ވީ ނުރުހުމުގައެވެ.

 

މައުވާ މަލާކަށް ބަލަން އެ ހުރިގޮތަށް ހުރެފައި ކުއްލިއަކަށް އޭނަގެ އެއްއަތުގައި އެޅުވިފައިވި އަތް ދަބަހުގެ ތެރެއިން އޭނަގެ ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން ފޯނު ނެގުމާއެކު މައުވާ ވާހަކަ ދެއްކިއެވެ.

 

 

“މަ ކުރަން ރާވައިގެން ހުރި ހުރިހާ ކަމެއް އަދި ނުކުރަން…..އެކަމަކު މަ ހީކުރީ މިހާވަރު ވާއިރު ކުޑަމިނުން އޭނަގެ މަސައްކަތް ހުއްޓޭނެކަމަށް. ޖާމިޒް ބުނި އެކަމަކު އޭނަ ވަރަށް ގަދައަށް ބޮލުގަ ރިއްސާނެއޭ…..އެކަމަކު މި އަންހެނާ ހީވަނީ މުޅި ކުންފުންޏެއްވެސް އުފައްދަފާނެހެން މި ވަގުތުކޮޅުގެ ތެރޭގަ…” މައުވާ މަޑު އަޑަކުން އެހެން ބުނެލީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއި އެކީގައެވެ.

 

“އުދަގޫ ވާވަރަށް ބޮލުގަ ރިއްސާނެ އޭނަ. ވަކިން ޚާއްޞަކޮށް މިއަދު މާނާ ލައްވާ އަހަރެން ބޭސް ގުޅައެއް އަޅާފަ ދިން ކޮފީ ތަށްޓަށްފަހު….” ޖާމިޒް ބުނި އަޑު އިވުނެވެ.

 

“ދެން ކީއްވެގެންހޭ އޭނަ މަސައްކަތް ކުރަމުން އެ ގެންދަނީ؟!” މައުވާ އިހުނަށްވުރެ ގަދަވެފައިވި ރުޅިއަކާއެކީ ސުވާލުކުރިއެވެ.

 

“ނޭނގެ….ކެރެކްޓާރގެ ގޮތުން ހަމަ ޢަޒުމް ވަރުގަދައީ ކަންނޭނގެދޯ؟ އެގޮތަށް ގިވް އަޕް ނުކުރަން އާދަވެފަ ހުރިއްޔާ ކިތަންމެ ގިނަ ދަތިތައް ކުރިމަތިވިޔަސް ހަމަ އެކަމަކާއިގެން ކުރިއަށްދާ ޕޭޝަންޓުން އުޅޭ. ވަރަށް ގޮތްދޫނުކުރާ ގޮތެއް ހުންނާނެ ތި ޕޭޝަންޓުންގެ….ޕްލަސް އަހަންނަށް ހީވަނީ އަޔާޒް ވަރަށް ބޮޑަށް ތީނަގެ ޓްރީޓްމެންޓް ވެސް ޖައްސާފަހެން ހުރީ. އެހެންވީމަ މިހާވަރު ވީއިރު ގޮތެއްނުވެ ހުންނާނީ. އަހަރެން ރެކޮމެންޑް ކުރާނީ ގޮތެއް ދިމާވަންދެން ހަމަ މި ޖެއްސި ކަންތައް ރިޕީޓް ކުރަން. އަހަރެން ދިން ބޭސް ގުޅައިގެ އަސަރު ހުންނާނެ މާދަމާ ވަންދެން ވެސް….” ޖާމިޒް ކިޔައިދިނެވެ.

 

“މަށަކަށް ނުހުރެވޭނެ ރިޕީޓް ކޮށްކޮށެއް. މިއަދު މި ދާ ގޮތަށް ގޮސް އޭނަގެ ދުވަސް ދުއްވާލާނަން މަ!” މައުވާ އެހެން ބުނެ މިފަހަރުވެސް ޖާމިޒްއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލަމުން ފޯނު ދަބަހަށް ލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ރުޅިން ރަތްވެފައިވި މޫނަކާއެކީ ކެބިންއާއި ދިމާލަށް ދާން އުޅުނު ތަނާހެން ކެބިންގެ ދޮރާއި ދާދި ގާތުގައި ހުރި ލިފްޓުގެ ދޮރު ހުޅުވެން ފެށި އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ލިފްޓުން އަޔާޒް ނިކުތް މަންޒަރު ފެނިފައި މައުވާއަށް ކުއްލި ގޮތަކަށް އަނެއްފަރާތަށް އެނބުރިލެވުނެވެ. މަލާކާއިމެދު ކަންބޮޑުވެފައިވި އަޔާޒް ލިފްޓުން ނިކުމެ ކެބިންއަށްދާން މިޞްރާބުޖެހި ވަގުތު އެއްލި ކަޅިއަކުން އެކޮޅުގައި ހުރި ސިޑިން ފައިބަން އަމާޒުކުރި އަންހެން ކުއްޖާ އޭނަގެ ލޮލުގައި އެޅިއެވެ. އެހެނަސް އެވަގުތު މަލާކްގެ ޙާލަތު ނޫން އެހެންކަމަކާއިމެދު ވިސްނަން އޭނަ ނުކުޅެދިފައިވުމުން އަޔާޒް އެދިމާލަށް ދެވަނަ ފަހަރަށް ބެލުމެއްނެތި ގޮސް މަލާކްގެ ކެބިންގެ ދޮރާއި ހަމައަށް ދިޔައެވެ. އެ ދިޔަގޮތަށް ގޮސް އެ ދޮރު ކުއްލިއަކަށް ހުޅުވާލަން ހިތަށްއެރިއެއްކަމަކު އަޔާޒް މަލާކާއިމެދު ވިސްނަމުން ފުން ނޭވައެއް ދޫކޮށްލީ ހަމަޖެހިލުމަށެވެ. އެއަށްފަހު އޭނަ ލަސްލަހުން އެ ދޮރުގެ ތަޅުގައި ހިފައި ތިރިކުރަމުން ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުނު އަޑަށް މަލާކް އޭނަގެ ކޮމްޕިއުޓަރު ސްކްރީނުން ނަޒަރު ވަކިކޮށް އެދިމާލަށް ބަލާލީ އަނެއްކާވެސް ކޮންމެވެސް ޚަބަރަކާއިގެން މާނާ އަންނާނެކަމުގެ އުއްމީދުގައެވެ. އެހެނަސް ބަދަލުގައި އަޔާޒް ފެނުމުން އޭނަ ސިއްސައިގެން ދިޔައެވެ.

 

“އޮހް! އަންވެލްކަމްޑް ގެސްޓެއްވީމަ ދޯ؟ ހެހެ……ކިހިނެއްވީ؟ ބުރަކަށީގަ ރިއްސަނީތަ؟” އަޔާޒް ކެބިންގެ ތެރެއަށް ވަންނަމުން ސަމާސާއެއް ކުރި ހިނދު މަލާކް ތަދުވެގެން އުޅޭ ފަދައަކުން ބުރަކަށީގައި އަތް އަޅާލުމާއެކު އަހާލެވުނެވެ.

 

“ބުރަކަށީގަ ވެސް ބޮލުގަ ވެސް އެބަ ރިއްސާ. އެކަން ހަނދާން ނައްތާލާފަ ހުއްޓާ ސިއްސައިގެން ދިޔައިމަ މި ހަނދާންވީ…” މަލާކް އަނެއްކާވެސް ކޮންޓްރޯލެއްނެތި އޭނަގެ މަސައްކަތަށް އަނބުރާ ދަމުން ބުނެލިއެވެ.

 

“އަސްލުވެސްތަ؟ ހިނގާ ގެއަށް އެހެންވީމަ….” އަޔާޒް އޭނަގެ ކަންބޮޑުވުން ފޮރުވަމުން ނިކަން ހަމަޖެހިގެން މަލާކް ކައިރިއަށް ދަމުން ބުނެލިއެވެ.

 

“ނޫނޭ އަޔާޒް…..ބަލާބަލަ އަދި މަލާކް އެބަޖެހޭ މިކަހަލަ 5 ޕޯސްޓަރު ނިންމަން. މިއީ މަލާކް ކުރާ ކަމެއްވެސް ނޫން އެކަމަކު ނެޓުން ސާޗްކޮށްގެން އެކިއެކި ޕްރޮގްރާމްތައް ބޭނުންކުރާ ގޮތް ދަސްކޮށްގެން މި ހަދަނީ. މިއަދު އަސްލު މި ޕޯސްޓަރުތައް ޑިސްޕްލޭވެފަ ހުންނަންވާނީ އެކަމަކު މި ހުރިހާ ދުވަހު ހެދިހާ ޕޯސްޓަރުތައް އެ ހަލާކުވި ޕީސީއާއެކީ ގެއްލިއްޖެ.” މަލާކް ކިޔައިދިން ވަގުތު އަޔާޒް ހުރީ އޭނަގެ ކައިރީގައި ހުއްޓި ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓައިގެންނެވެ.

 

“ދެން އެހެންވީމަ ފަހުން ދުވަހަކުން ޕޯސްޓަރު ޑިސްޕްލޭ ކުރަން ލަސްކޮށްލަންވީއެއްނު؟” އަޔާޒް ލަސްލަހުން މަލާކަށް ވިސްނައިދެވޭތޯ ބެލިއެވެ.

 

“ނޫނޭ އަޔާޒް….މިހާތަނަށް އައިއިރު ހުރިހާ ބޮޑެތި ފިހާރަތަކުން ވެސް ޔިއާރ އެންޑް ސޭލްތައް ފަށައިފި ވަރަށް ކުލަގަދަކޮށް. އަދި އަހަރުމެންގެ ފިހާރައެއްގެ ކައިރީގައި ހުޅުވާފަ ހުރި އާ ފިހާރައިގެ ވެސް އެ ސޭލްގެ ޑިސްޕްލޭތައް އަޅުވައިފި މިހާރު ވެސް. އަހަރުމެން ޑިސްޕްލޭނުކޮށް ދުވަސްވަންޏާ ކަސްޓަމަރުން ގެއްލޭނެ.” މަލާކް އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“ހުމް….ދެން ކޮންކަމެއް ގޯސްކޮށްވާނީ؟ ކިޔާލަދީބަލަ އަހަންނަށް.” އަޔާޒް ޝައުޤުވެރިވާކަމަށް ހެދެމުން ބުނެލިއެވެ. އޭނަ ބޭނުންވީ މަލާކަށް ކަމެއް ވިސްނައިދޭށެވެ.

 

“ދެން ލޮސްވާނީއެއްނު އަޔާޒް؟ މިހާރުވެސް އަހަރުމެންގެ ބައެއް ސްޓޮކްތައް ހަލާކުވި ވާހަކަ މަލާކަށް އިވިފަ ހުރީ. އެއީ ވެސް އިތުރު ލޮސްތަކެއް. އެއަށް ކޮމްޕެންސޭޓް ކުރަން ވެސް އަހަރުމެން ޖެހޭނެ އާ ކަމެއް ފަށަން….” މަލާކް ކިޔައިދިނެވެ.

 

“އާ ކަމެއް މިވަގުތަށް ނުފެށިއްޔާ ކިހިނެއްވާނީ؟” އަޔާޒް ސުވާލުކުރިއެވެ.

 

“އަޔާޒް! ދެން ހަމަ އިތުރު ލޮސްތަކޭ ވާނީ….ހަމަ ކަސްޓަމަރުން ގެއްލޭނީ….ގެއްލެމުން ގެއްލެމުން ގޮއްސަ ފިހާރަތަކުގެ މަޝްހޫރުކަން ގެއްލިދާނެ. މަޝްހޫރުކަން ގެއްލުނީމަ ފޫނުބެއްދޭ ވަރަށް ގެއްލުން ވާން ފަށާނެ. ފިހާރަތައް ބަންދުކުރާ ހިސާބަށްވެސް ގޮސްދާނެ!” މަލާކް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހެން ބުނެލިތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ފިހާރަ ބަންދުވީމަ ކާކު ބަނގުރޫޓުވާނީ؟ ފިހާރައިގެ ވެރިމީހުން! ފިހާރައިގެ ވެރިމީހުންގެ ތެރެއިން އެކަކީ ކާކު؟ ޑޮކްޓާރ އަޔާޒް ޢަބްދުލްޙަލީމް! ޑޮކްޓަރ އަޔާޒް އެކަން އެނގިހުރެވެސް މި ބުނަނީ މިތަނުގެ މާރކެޓިންގް މެނޭޖަރަށް ކުޑަ ބްރޭކެއް ބޭނުން އެބަވެއޭ މިވަގުތު. އެހެންވީމަ މަސައްކަތް ހުއްޓާލާފަ ގެއަށް އަންނަންވީ މަލާކް.” އަޔާޒް މަލާކާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ ބުނެލިއެވެ. އަޔާޒް ބުނެލި ވާހަކައިން މަލާކް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް ދެންމެ އޭނަގެ މަސައްކަތަށް ސަމާލުކަން ދެވުނީ އެއަށްވުރެ ބޮޑަށް އޭނަ ވިސްނަންޖެހޭ އޭނަގެ ޞިއްޙަތަށްވުރެ ބޮޑަށްކަން އެނގުންވީ އެވަގުތެވެ. އެހެނަސް އޭނަ ދެންވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަޔާޒް މަލާކްގެ ކުރިމަތީގައި ހުރި މޮނީޓަރުގެ އެއްފަރާތުގައި ހުރި ބަޓަނަށް ފިތާލަމުން މޮނީޓަރު ނިވާލިއެވެ. އެއާއެކު މަލާކް އަނެއްކާވެސް އޭނައަށް ބަލާލުމުން އަޔާޒް އޭނަގެ މޫނުގައި ލޯތްބާއެކީ ދެއަތުން ހިފަހައްޓާލިއެވެ.

 

“އަހަރެން އަތުގަ ހުރި ހުރިހާ މުދަލެއް ގެއްލުނަސް ހެޔޮ……އެހުރިހާ ކަމަކަށްވުރެ އަހަންނަށް މަލާކް މުހިއްމުކަން ހަނދާން ބަހައްޓައްޗޭ!” އަޔާޒް މަލާކާއި ލޯ ބައްދަލުކޮށްގެން ހުރެ ބުނެލި ވާހަކައިން މަލާކްގެ ހިތަށް ލިބުނު ހަމަޖެހުމާއެކީ އޭނަގެ ބޮލުގެ ރިހުމަށްވެސް ލުއެއް ލިބުނުހެން އޭނައަށް ހީވިއެވެ. އެ ރިހުން އިތުރަށް ލުއިވެގެން ދިޔައީ އަޔާޒް ގުދުވެލަމުން ނުހަނު އޯގާތެރިކަމާއެކީ އޭނަގެ ނިތަށް ބޮސްދިނުމުންނެވެ. އެއަށްފަހު އަޔާޒް އޭނައާއި ދުރުވެލަމުން ހިނިތުންވުމަކާއެކީ ހިނގާށޭ ބުނެލިއެވެ. އެއާއެކު މަލާކަށް އިންކާރު ކުރުމެއްނެތި ބޯޖަހާލެވުނީ އަޔާޒް އޭނަދެކެ ވާ ލޯބި އިޙްސާސް ކުރެވުމުން ހިތަށް ވެރިވެފައިވި އުފާވެރިކަމެއްގެ ސަބަބުންނެވެ. މަލާކް އަޔާޒާއެކީ ކެބިންއިން ނިކުންނަން ދިޔައީ މާރކެޓިންގް ޓީމްގެ ދެން ތިބި މުވައްޒަފުން ވެސް އޯވާރޓައިމަށް ތިބުން މަޖުބޫރު ނޫންކަމަށް އަންގާފައެވެ. މަލާކް ވަރުބަލިވެފައިވީތީ އަޔާޒް ކެބިންއިން ނިކުތީ މަލާކްގެ ގޮނޑި ދުއްވައިދެމުންނެވެ.

 

“މަލާކް ހިނގާދޯ މިރޭގެ ކެއުމަށް ބޭރަށްދާން؟ ދެމީހުންގެ އޮފިޝަލް ފަސްޓް ޑޭޓް! މަލާކް މާ ވަރުބަލި ނޫނިއްޔާ އިނގޭ؟” އަޔާޒް މަލާކާއި އެކީ ކެބިންއިން ނިކުންނަމުން ވާހަކަ ދެއްކިއެވެ.

 

“ވަރުބައްޔޭ؟ މިހާރު ތިހެން ބުނީމަވެސް ވަރުބަލި ފިލައިފި. ހެހެ…..ހިނގާ ހަމަ މިރޭ! ކޮންތަނަކަށް ދާނީ؟” މަލާކްވެސް އުފާވެރި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި އެކިއެކި ރެސްޓޯރެންޓްތަކުގެ މަޝްވަރާއެއް ފެށިގެން ދިޔައެވެ.

 

އުފާވެރި ވާހަކަތަކެއްގައި ދެމީހުން ތިބެ ގޮސް ލިފްޓަށް އަރައި ލިފްޓުގެ ދޮރު ލެއްޕުނު ވަގުތު އެއްކަލަ ސިޑިން މައްޗަށް އަރަން ފެށި މައުވާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ދިގު ނިޔަފަތްތަކާއެކީ އޭނަގެ ގޮށްމުއްކެވިފައިވީއިރު އޭނަގެ އަތްތިލަ ނުކެނޑި ހުރީވެސް ކިރިޔަ ކިރިޔާއެވެ. އޭނަ އެހެން ހުއްޓާ އޭނަގެ އަތް ދަބަސްތެރޭގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. މައުވާ ދެންވެސް އަޔާޒާއި މަލާކް ވަން ލިފްޓަށް ރުޅިވެރި ނަޒަރެއް ދީގެން ހުރެ އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ މައު…..އެއްކަލަ އަނުމްއަށް ގުޅާލަންވީއެއްނު ދެން؟ މިހާރު އަހަންނަށްޓަކައި މަސައްކަތް ކޮށްދޭ ކުދިވެރިން ހޯދި ހޯދުމުން އަދި ނުގުޅާހެން ހީވީމަ މި ހަނދާން ކޮށްލަދިނީ.” އެކޮޅުން އިވުނީ ލަމްޔާގެ އަޑެވެ. ލަމްޔާ އެކަން ހަނދާން ކޮށްދިނުމުން އޭނައަށް އަދި އަނުމްގެ ކަންތަކާ ނޫޅެވޭކަން އެނގުންވުމުން އޭނަގެ ރުޅިވެރިކަން ހިސާބަކަށް ހިނދުނެވެ.

 

“އަދި ގުޅާނަން. މާދަމާ ހެނދުނު.” މައުވާ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.

 

“މައު ކިހިނެއްތަވީ ތި އަޑަށް؟ ބަލީތަ؟” ލަމްޔާ އެ ސުވާލުކުރި އަޑަށް އަނެއްކާވެސް މައުވާ ރުޅިވެރިކަމުން ރޫރޫ އަޅައިގެން ދިޔައެވެ.

 

“މަ ބައްޔެއްނޫން. މަ ބައްޔެއްނުވާނެ! ބަލިވާނީ އޭނަ! ލޯބިވެރިޔާއާއި ވަކިވާންޖެހޭނީ އޭނަ! މަ ބައްޕައޭ ކިޔާ މީހާގެ ހުރިހާ މުދަލެއް ގެއްލޭނީ އޭނައަށް! މި ހުރިހާ ކަމެއް ނުވަނީސް މަށަށް ހަމަ ނޭވައެއް ނުލެވޭނެ. މިކަންތައްކޮށްފަ ދެން ލަމްޔާ ދައްތައަށް ވެސް އަހަރެން ޚަބަރެއްވާނީ.” މައުވާ ކަރުނަތައް ވެސް ޖަމާވާން ފެށި ރަތްވެފައިވި ދެލޮލާއެކީ އަންގާލިއެވެ. އެކޮޅުން ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ލަމްޔާ ‘ޝުއާރ’ އޭ ބުނެލުމުން މައުވާ ފޯނު ކަނޑާލިއެވެ. އެއަށްފަހު ފޯނު ދަބަހަށް އަޅަމުން ސިޑިން ފައިބައިގެން ދާން ފެށީ މަލާކް ދިޔަ ދިމާލަށް ވެސް ދާން ބޭނުންނުވުމުން ފަދައެވެ.

 

**

 

އެރޭ އަޔާޒާއި މަލާކް އެއްބަސްވީ ފަދައިން އެމީހުން ކާން ދިޔައީ ރެސްޓޯރެންޓަކަށެވެ. ރެސްޓޯރެންޓުގެ އެންމެ މަތީ ބައި ހާމައަށް ހުރިއިރު އަޔާޒްގެ އެދުމަށް އެ ބައިގެ އަލި މަޑުކުރެވި އެދެމީހުން ތިބި މޭޒުގެ މެދުގައި ބައްތިއެއް ބެހެއްޓިފައިވިއެވެ. އަޔާޒް ބޭނުންވީ މަލާކަށްޓަކައި ވީހާވެސް ރީތި އަދި ހިމޭން މާޙައުލެއް ހޯދައިދޭށެވެ. އެ މާޙައުލުގެ ގޮތުން ވެސް މަލާކްގެ ޙާލަތު ރަނގަޅުވާނެކަމުގެ އުއްމީދުގައެވެ. އޮފީހުން ގެއަށް ގެނައި ގޮތަށް އޭނަ މަލާކް އަރާމުކުރަން ބޭއްވީ މަލާކަށް ކެވުނު ވަރަކަށް ކާން ދިނުމަށްފަހު ބޮލުގެ ރިހުމަށް ބޭހެއް ދީފައެވެ. އެހެނަސް އެއަށްފަހުވެސް މަލާކް ‘ކުޑަކޮށް’ ބޮލުގައި ރިއްސާ ވާހަކައާއި މޭނުބައި ކުރާހެން ހީވާ ވާހަކަ ބުނަމުން ދިޔަ ގޮތުން އަޔާޒް ކަންބޮޑުވާ ގޮތްވިއެވެ. ނަމަވެސް އޭނަ އެ ކަންބޮޑުވުން ދެއްކުމެއްނެތި ރަނގަޅުވާނެކަމަށް މަލާކް ގާތު ބުނަމުން ދިޔައީ ކަން އެގޮތަށް ވާނެ ގޮތެއް ހައްދަވައި ދެއްވުމަށްއެދި ހިތާހިތުން ދުޢާކުރަމުންނެވެ. އެހެނަސް ކީއްވެކަމެއް އޭނައަށް ނޭނގެއެވެ. ބޭރަށް ދިޔުމަށްޓަކައި ތައްޔާރުވެގެން ހުރި ވަގުތު ވެސް އަޔާޒަށް މަލާކްގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އަދި އަމުދުން 14 ވިލޭރޭގެ ހަނދެއްހުރި އެރޭ ރެސްޓޯރެންޓުގެ އެ މާޙައުލުގައި އިންއިރު ވެސް މަލާކް ހިނިތުންވެލީ ހިނދު އެ ހިނިތުންވުން އެ ރީތި ލޮލާއި ހަމައަށް ނުފޯރައެވެ. އެކަމާމެދު ހިތަށް ކެތް ނުކުރެވުމުން އެންމެ ފަހުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް ނިދި އައިސްގެންތަ؟” ކެއުމުގެ ތެރެއިން އަޔާޒަށް ސުވާލުކޮށްލެވުނެވެ.

 

“ނޫނޭ….މަލާކަށް މިރޭ ނިދަން އުޅުނަސް ނިދޭނެހެނެއް ހިއެއްނުވޭ. އޮފީހުގަ ކޮފީއެއް ބޮއިގެން މިހިރީ…” މަލާކް ބުނެލިއެވެ.

 

“ކޮފީއެކޭ؟! ސީރިއަސްލީ މަލާކް! މަލާކް ބުނީމެއްނު މަލާކް ކޮފީ ބުއީމަ ނުނިދޭ ވާހަކައާ އުދަގޫ ވާވަރަށް ވިންދު އަވަސްވާ ވާހަކަ؟ ދެން ކީއްވެ؟” އަޔާޒަށް ހިސާބަކަށް ނުރުހުންވެ އިނދެ އަހާލެވުނެވެ.

 

“އެއީ ހަމަ އެ ގަޑީގަ އެއްވެސް އެއްޗެއް ނުކައި ހުއްޓާ މާނާ ގެނެސްދިނީމަ ހަމަ ބޯލެވުނީ. އިޓްސް އޯކޭ…މަލާކް އޯކޭ….” މަލާކް ބުނެލިއެވެ. އެހެނަސް އޭނަ ‘އޯކޭ’ އެއް ނޫންކަން އޭނައާއެކީ އަޔާޒަށް ވެސް އެނގުނެވެ. އެދުވަހު ހަވީރު ގެއަށް ގޮސް ކާން އުޅުމުން ނުކެވުނު ގޮތަށް އެގަޑީގައިވެސް އޭނަގެ ކުރިމަތީގައި ހުރި މީރު ކާއެއްޗެހި އޭނައަށް ނުކެވުނެވެ. އެކަމާމެދު އަޔާޒް ޝަކުވާވެސް ކުރަން ނުއުޅުނީ މަލާކަށް ގޮތެއްވެގެން އުޅޭކަން އޭނައަށް ޔަޤީންވުމުންނެވެ. އެރޭ މަލާކް ނުނިދޭނެ ވާހަކަ ބުނުމުން އަޔާޒް އެރޭ މަލާކާއިއެކީ ނިދަން ނިންމީވެސް އަޔާޒްގެ ކޮޓަރީގެ އަރާމު އެނދުގައެވެ. އަޔާޒް އޭނަގެ ބޮލުގައާއި މޫނުގައި ފިރުމަމުން ދަނިކޮށް އެ އިޙްސާސްތަކުގެ ތެރެއަށް ގެނބިގެން ދިޔަދިޔަހެން މަލާކަށް ނިދުނެވެ. އެހެނަސް ގަޑިއިރެއްހާއިރު ފަހުން އަޔާޒްވެސް ނިދުނު ފަހުން މަލާކްގެ ނިންޖަށް އުދަގޫވެގެން ދިޔައީ އޮފީހުގެ އެކިއެކި ކަންތައް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށުމުންނެވެ. މާނާގެ ކޮންމެވެސް ނުބައި ޚަބަރަކަށްފަހު އޭނަގެ ނުނިމޭ ޕޯސްޓަރެއް ތަކުރާރުކޮށް ހަނދާންވަމުން ދިޔަދިޔަހެން އޭނަގެ ނޭވާވެސް ކުރުވާން ފެށިހެން މަލާކަށް ހީވިއެވެ. އެންމެފަހުން ލޯ ހުޅުވާލަމުން ތެދުވެލެވުނީ އޭނައަށް ނޭވާ ނުލެވިދާނެހެން ހީވުމުންނެވެ. މަލާކް ތެދުވުމާއެކު އެކަން އެނގުންވި އަޔާޒަށް ވެސް ލޯ ހުޅުވާލަމުން ތެދުވެލެވުނެވެ.

 

“ކިހިނެއްވީ މަލާކް؟” މަލާކްގެ ދެކޮނޑުގައި ހިފައި އޭނައާއި ވީ ފަރާތަށް އަނބުރާލަމުން އަޔާޒަށް އަހާލެވުނެވެ.

 

“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. އަދި މަލާކަކީ ޙާލަތު ރަނގަޅުވުމުގެ ކިރިޔާވެސް ޢިޝާރާތެއް ލިބިއްޖެނަމަ އެ ޢިޝާރާތުގައި ހިފައިގެން އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވާ ކުއްޖެކެވެ. ވީއިރު މިހާތަނަށް އައިއިރު ވެސް މަލާކްގެ ފަރާތުން މި ޢަލާމާތްތައް ފެންނަމުން ދަނީ ކީއްވެތޯ އަޔާޒަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. މަލާކަށް ނޭދެވޭ އެއްޗެއް ދެވިފައިވަނީތޯ ހިތް ބުންޏެއްކަމަކު މަލާކްގެ އޮފީހުގައި އެހެން ހަދާފާނެ މީހަކަށް ހުރެދާނެ މީހަކު ނުވިސްނުމުން އަޔާޒަށް އެ ޝައްކާއި ދުރުވެވުނެވެ. އެހެނަސް ދެންވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް މަލާކަށް ނިދުނުއިރު ވެސް އޭނައަށް ނިދޭ ގޮތެއްނުވިއެވެ. ފިކުރުތަކެއްގައި އޮތުމަށްފަހު އޭނައަށް ނިދުނީ މަލާކް ނިދިތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން މަލާކްގެ ޙާލަތު ރަނގަޅުތޯ ޔަޤީންކޮށްފައެވެ.

 

ނުނިމޭ

The post Vaudhu (Part 41) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-41/feed/ 0 1629
Vaudhu (Part 40) https://blog.storiesbyjana.com/vaudhu-part-40/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-40 https://blog.storiesbyjana.com/vaudhu-part-40/#respond Mon, 03 May 2021 06:06:15 +0000 https://blog.storiesbyjana.com/vaudhu-part-39-copy/

“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.   “ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ […]

The post Vaudhu (Part 40) appeared first on Stories by Jana.

]]>

“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.

 

“ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ ހަމަ އެ ފާރޫޤުގެ ވާހަކަ ދެއްކިހެން ހީވި ހީވުމާއި އެކީގައެވެ. އަދި އަމުދުން އެ ނަން އިވުނީ މަހީރާގެ ނަމާއި އެކީކަން އެނގުންވި ވަގުތު އޭނަގެ މޭ ނުބައި ކުރާ ގޮތްވިއެވެ. އަޔާޒް އެއްޗެކޭ ނުބުނެ އިންދާ މަލާކް ވާހަކަ ދެއްކިއެވެ.

 

“އެނގޭތަ އަޔާޒް؟ އެ އެމްއާރްއައި ރިޕޯޓް އެދުވަހު މަންމައަށްވެސް ގޭގެތެރެއިން ނުފެނުނީ މަލާކް މަންމަމެންނަށް ނާންގާ އޭތި އަންދާލީތީ…” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން އަޔާޒަށް އޭނަގެ ހުރިހާ ސަމާލުކަން އެއަށް ދެވުނެވެ.

 

“އެއީ ކީއްވެ އަންދާލީ؟” އަޔާޒް ޙައިރާންކަމާއެކީ އަހާލިއެވެ.

 

“އެއީ….އޭގަ ހުރި ވާހަކަތަކުން މަލާކް ވަރަށް ދެރަވި. ބިރުވެސް ގަތް. ދުވަސްކޮޅަކުން މަލާކްގެ ސިކުނޑި މުޅިން ގޯސްވާނެ ވާހަކަ އޮތީމަ. މަންމަވެސް އަދި ބައްޕަވެސް އެހާ ދެރަވެފަ ހާސްވެ ކަންބޮޑުވި. އަދި މަލާކަށް ނުވެސް އެނގޭ ކިހިނެއްކަމެއްވެސް އެކަމަކު މުޅި ރަށުގެ އެންމެންނަށް އެ ރިޕޯޓުގަ ހުރި ވާހަކަތައް އެނގުނު. މުޅި ރަށުގެ އެންމެންނާއި މަލާކްގެ އެކުވެރިން ވެސް ހީކުރަމުން ދިޔައީ މަލާކަކީ އެމީހުންނަށް ހުރި ނުރައްކަލެއްކަމަށް. އެންމެންވެސް މަލާކްއާ ވަރަށް ދުރުދުރުން އުޅުނީ އެދުވަސްވަރު. މި ހުރިހާ ކަމަކާ އެކީ ވެސް މަލާކަށް ކެތްނުވާވަރުވީ އެއްރެއަކު ފާރޫޤުބެ މަލާކްއާއި ދެވަން މުސްކުޅި ފިރިހެނަކު ގެއަށް ގެނައިމަ….މަލާކްއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއެކީ މި ކުއްޖާއާ އިންނާނެ މީހަކުވެސް ނުވާނެ ނޫންތޯ ކިޔާފަ އެމީހަކު ގެނައީ. އަދިވެސް މޭނުބައި ކުރޭ އެމީހާ މަލާކްއަށް ބެލިގޮތް ހަނދާންވެފަ. މަންމަ އެރޭ ރޮއިރޮއިފަ ހަޅޭއްލެވި ފާރޫޤުބެއާއި ދިމާލަށް. މަލާކްއަށްޓަކައި ހަޅޭއްލެވި ވަރުން މަންމަގެ ޙާލަތުވެސް ގޯސްވި އެރޭ. އެހެންވެ ހަމަ އެރޭ އެ ރިޕޯޓް އަންދާލީ. އެހެން ހަދައިގެން ވެސް އެއީ ޙަޤީޤަތެއް ނޫންކަމަށް ހަދަން މަލާކް ބޭނުންވީމަ.” މަލާކް އެދުވަހުގެ ހަނދާންތައް އާކުރަމުން ހިސާބެއްގެ މާޔޫސްކަމަކާއެކީ ކިޔައިދިނެވެ. މަލާކްގެ ވާހަކަތަކުން އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔައީ މަލާކަށް އެފަދަ ޙާލެއްޖެއްސި މީހުންނަށް ވީ ނުރުހުމުގައެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން މަލާކް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މިހާރު އެ ވާހަކަތައް ދެކެވެން ފެށިތާ ދުވަސްކޮޅެއްވީމަ ރަށު ތެރޭގަ ވެސް އެ ވާހަކަތައް ހިނދިގެން ގޮއްސި. އަޔާޒްއާ މެރީކުރި ފަހުން ފްރެންޑުން ވެސް ގުޅަން ފެށީ ކައިވެންޏާއި ބެހޭގޮތުން ސުވާލުކުރަންވެގެން. މީހުން އެ ވާހަކަތައް ދެއްކުން ހުއްޓާލީމަ މަލާކްވެސް ހުރީ ހަނދާން ނައްތާލައިގެން. އެކަމަކު މި ވާހަކަތައް ދެއްކީމަ އަނެއްކާވެސް މި ހަނދާންވީ މަލާކް ކިހާ ނުރައްކާތެރިކަން. މަލާކަށް ޙަޤީޤަތުގަ ބޭއިޚްތިޔާރުގަ ވެސް އަތާއި ފައި އެކި ދިމަދިމާލަށް ގެންދެވޭ. މިހާރު އެކަންތައް ފުދޭވަރަކަށް ރަނގަޅުހެން ވެސް ހީވޭ. އެކަމަކު އެ ރިޕޯޓުގަ މަލާކްގެ ޙާލަތް ގޯސްވާނެއޭ އޮތިއްޔާ ގޯސްވާނެދޯ؟ ހެހެ….” މަލާކް ދެރަވެފައި ހުރެވެސް ވާހަކަ ނިންމާލަމުން ހީލީ އެއީ މާ ބޮޑުކަމެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އޭނަގެ ހިތަށް އެވަގުތު ފުން މާޔޫސްކަމެއް ވެރިވީ އޭނައަށް ދިމާވާ ޙާލަތެއްގެ ސަބަބުން އޭނަ އަޔާޒާއި ދުރުވާން ޖެހިދާނެތީވެއެވެ. އަދި އޭނަގެ ފަރާތުން އަޔާޒަށް އަނިޔާއެއް ލިބިދާނެތީ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. މަލާކްގެ އެ ނުތަނަވަސްކަމާއި މާޔޫސްކަން އޭނަގެ މޫނުމަތިން އަޔާޒަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. އެއާއެކު އޭނަ މަލާކްގެ ނަޒަރިއްޔާތު ބަދަލުކުރަން ޖެހޭކަން ދަނެގެން އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ ކޮނޑުމަތިން މަލާކްގެ ފައި ނަގައި ތިރީގައި ބެހެއްޓިއެވެ.

 

“މަލާކަށް ހީވޭތަ މަލާކްގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާހެން؟ މީގެ އިރުކޮޅެއްކުރިން މަލާކް ބުނި ހަނދާން އެބަހުރި މިހާރު ފައިގެ މޫވްމެންޓްސްތައް ގެންނަން ފަސޭހަ ވާހަކަ. ޙާލަތު ގޯސްވަމުން ދަންޏާ އެހެން ވާކަށް ނުޖެހޭނެ ކަންނޭނގެދޯ؟” އަޔާޒް އޭނަގެ ފައި މައްޗަށް ކޮޅަށް ތެދުވަމުން ދޯދިނެވެ.

 

“އާނދޯ؟ އެކަމަކު އެއީ ހަމައެކަނި އެކްސަސައިޒްތަކުން ގެންނަ މޫވްމެންޓްސްތަކެއްނު؟ މޫވް ކުރަމުން ކުރަމުން ގޮސް ހަމަ ހެދެނީއެއްނު؟ މަލާކަށް އަދިވެސް ނުއެއް ހިނގެއެއްނު؟” މަލާކް އިސްއުފުލައި އަޔާޒަށް ބަލަމުން އެއްފަހަރާ އެތައް ސުވާލެއްކުރިއެވެ.

 

“ނުހިނގޭތަ؟ ހިނގަން މަސައްކަތް ކުރީ އެންމެ ފަހުން ކޮން ދުވަހަކު؟” އަޔާޒް ސުވާލުކުރިއެވެ. އެއާއެކު މަލާކްގެ ސިކުނޑިއަށް ވެރިވި ޙައިރާންކަމާއެކީ ހިތަށް އުފާވެރިކަމެއް ލިބުނީ އަޔާޒް ބުނެލި ބަސްތަކުން އެ ހިތަށް ލިބުނު އުއްމީދާއި އެކީގައެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނަ ކައިރި މާޒީއެއްގައި އޭނަ ހިނގަން މަސައްކަތް ކޮށްފައި ނުވާކަން އެނގުންވިއެވެ. ގޮނޑިން އެނދަށް ބަދަލުވުމަށްޓަކައި ނޫނީ އޭނަ ކޮޅަށް ހުރެވޭތޯވެސް ބަލާފައެއް ނުވެއެވެ. އެފަދަ ޚިޔާލެއް އޭނަގެ ސިކުނޑިއަށް ނުވެސް އަންނަނީއެވެ. ފަހަކަށް އައިސް އޭނަ ކުޑަ ހިނދުކޮޅަށް ތެދުވާ އެވަގުތުގައި ކަކުލުގެ ހުޅަށްވެސް ވާ ތަދު ކުޑަކަން އެނގުންވުމުން އޭނަ އެކަން ކުރަން ކެތްމަދުވިއެވެ.

 

“ކޮޅަށް ތެދުވޭ މަލާކް!” އަޔާޒް ސީރިއަސް ނަޒަރެއްގައި ހުރެ ބުނެލި ވާހަކައިން މަލާކަށް އޭނައާއި ދިމާލަށް ބަލާލެވުނީ ކުޑަ ސިހުމަކާއި އެކީގައެވެ. އަޔާޒް އެ ބުނެލި ބަސްތަކަކީ އޭނަގެ ޙަޔާތުގައި ވެސް އެއްވެސް މީހަކު އޭނަ ގާތު ބުނެފައިވާ ވާހަކައެއް ނޫނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އަޔާޒް އެހެން ބުނެލި އެވަގުތުކޮޅުގައި އޭނައަށް އެކަން ކުރެވޭނެކަމުގެ ކުޑަ ޔަޤީންކަމެއް ވެސް އޭނަގެ ހިތުގައިވިއެވެ. އެހެނަސް މުޅި ޢުމުރު ދުވަހުގައި އޭނަ ތެދުވަން އުޅުމުން ކަންތައްވި ގޮތްތައް ހަނދާންވެފައި އޭނަގެ ސިކުނޑި ނުތަނަވަސްވާން ފެށިއެވެ. ކޮޅަށް ތެދުވުމަށްޓަކައި ފަޔަށް ބާރުލުމުގެ ޚިޔާލުން ވެސް ފައިގެ ވަރުދޫވާން އުޅުނުހެން އޭނައަށް ހީވިއެވެ. އޭނަ ހައިޖާނެއްގެ ތެރޭގައި ވަނިކޮށް އަޔާޒް އޭނަގެ ނަމުން ގޮވާލިއެވެ. އޭނަ މިފަހަރު އިސްއުފުލާލި ވަގުތު އަޔާޒްގެ ދެއަތް އޭނައަށްޓަކައި ދިއްކުރެވިފައިވިއެވެ. މަލާކް ދެންވެސް އަޔާޒަށް ބަލާލުމުން އަޔާޒް ބޯޖަހާލީ މަލާކަށް ޔަޤީންކަން ދޭންއުޅޭ ފަދައަކުންނެވެ. އެއާއެކު މަލާކް އަނެއްކާވެސް އަޔާޒްގެ ދިއްކުރެވިފައިވި އަތަށް ބަލަން ހުރެފައި އޭނަގެ އެއްއަތް ގެންގޮސް އަޔާޒްގެ މުލައްދަނޑިމަތީގައި ބޭއްވިއެވެ. އެއަށްފަހު އަނެއްއަތްވެސް އަޔާޒްގެ އަތް މަތީގައި ބާއްވަމުން އޭނަގެ ފަޔަށް ހުރިހާ ސަމާލުކަމެއްދިނެވެ. މަލާކްގެ މޫނުމަތިން ދެންވެސް ނުތަނަވަސްކަމެއް ފެނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ކަމޯން މަލާކް….މަލާކަށް އެއްވެސް ގޮތެއްނުވާނެ އިން ޝާ ﷲ! އަހަރެން މިހިރީ މަލާކްގެ ކައިރީގަ.” އަޔާޒް ޔަޤީންކަން ދިނެވެ. އެ ލިބުނު ޔަޤީންކަމާއެކީ މަލާކް ފުން ނޭވައެއް އެތެރެއަށް ލިއެވެ. އެއަށްފަހު އަޔާޒްގެ އަތުގައި ނުހަނު ބާރަށް ހިފަހައްޓާލަމުން ތެދުވަން ފެށީ ބުރަކަށި ގުދު ކުރަމުންނެވެ.

 

“ބުރަކަށި ސީދަލަށް ބަހައްޓަން ސަމާލުކަންދީ މަލާކް. ކަކޫ ސީދާކޮށްފަ ފައިގެ އުޑުން ބިންމަތީގަ ޖައްސައިގެން ހުރެވޭތޯ ބަލާ. އެއަށްފަހު އަހަރެން މޫނަށް ބަލާ.” އަޔާޒް މަލާކްގެ ސިކުނޑިއަށް ނެގޭނެ ފަދައަކުން އެ ޙަރަކާތްތައް ކިޔައިދިނެވެ. އަޔާޒް ކިޔައިދެމުން ދިޔަ ވަރަކަށް އަޔާޒް އެ ނަންގަތް ކަންތަކަށް އޭނަގެ ސަމާލުކަން ދަތުރުކުރިއެވެ. އިސާހިތަކު އޭނައަށް ބުރަކަށްޓާއެކީ ކަކޫވެސް ސީދާ ކުރެވި ދެފައި ވެސް ހަމައަށް ބިންމަތީގައި ޖެއްސުނެވެ. އެއަށްފަހު އޭނަ އަޔާޒްގެ މޫނަށް ބަލާލި ވަގުތު އަޔާޒްގެ އަތުގައި ހިފަހައްޓައިގެން ހުރި އޭނަގެ ދެއަތަށް ދުލެއް ދެވުނެވެ. އެ ހިނދު އަޔާޒަށްވުރެ ކުޑަ ތަންކޮޅެއް ކުރު އިސްކޮޅެއްގައި ހުރެވުނު ގޮތުން މަލާކަށް އާދަޔާ ޚިލާފު އިޙްސާސެއް ކުރެވުނެވެ. އެ އިޙްސާސާއެކީ ހިތަށް އުފާވެރިކަން ވެސް ވެރިވެގެން ދިޔައީ އެރޭ ޕޫލުގައި ހަމަ މިފަދަ ގޮތަކަށް ހުރެވުނު ރެއާއި ޚިލާފަށް އޭނަގެ ފައިގައި މާ ބޮޑު ރިހުމެއް ނެތްކަން އެނގުންވުމުންނެވެ. އަދި އަމުދުން ވެއްޓިދާނެކަމުގެ ވެސް އެހާ ބޮޑު ބިރެއް ނެތުމުންނެވެ. އަޖާއިބުވެފައި މަލާކް އަޔާޒަށް ބަލަން ހުއްޓާ އަޔާޒް ލަސްލަހުން އޭނަގެ އަތް ތިރިކޮށް މަލާކްގެ އަތް މަލާކަށް ދޫކޮށްލަމުން ހިނިތުންވެލިއެވެ.

 

“ވާވް! ހާދަ ޓޯލް ވައިފްއެކޭ އަހަރެންގެ މި ހުންނަނީ މާ ޝާ ﷲ!” އަޔާޒް މަލާކްގެ ބޮލުން ފަށައިގެން ފަޔަށް ނަޒަރެއް ދެމުން ބުނެލި ބަސްތަކުން މަލާކަށް ހީލެވުނެވެ. އެހިނދު ވެސް އޭނައަށް އެ ހުރެވުނީ ހަމަ ކޮޅަށްކަން ޤަބޫލުކުރަން އޭނައަށް ދަތިވެފައިވިއެވެ. ދޭތެރެދޭތެރެއިން އެއްފަރާތަކަށް ވެއްޓެން އުޅޭހެން ހީވިއެއްކަމަކު އޭނަ އޭނަގެ ފިޔަވަޅުތައް ރަނގަޅަށް ބަހައްޓަން ސަމާލުކަން ދެމުން ދިޔައެވެ. އަޔާޒް ބުނި ވާހަކައަށް އޭނައަށް އެއްޗެކޭ ނުބުނެވުނީ އެހެންވެއެވެ.

 

“ދެންވެސް ބުނާނީ ތިމަންނަގެ ޙާލަތު ގޯސްވަނީއޭތަ؟” އަޔާޒް އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ސުވާލުކުރިއެވެ. އެއާއެކު ޖަވާބެއްގެ ގޮތުން މަލާކަށް ބޯހޫރުވާލެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.

 

“އެހެންވިއްޔާ މަލާކަށް ހިނގް…އާހް!” ޖޯޝުން ފުރިގެންދިޔަ ހިތެއްގެ ސަބަބުން މަލާކް ވިސްނާލުމެއްނެތި ފިޔަވަޅެއް އަޅަން އެއްފައި ހިއްލާލުމާއެކު އޭނަ ވެއްޓެން އުޅުނެވެ. އެއާއެކު އަޔާޒް ޚުޝިޔާރުކަމާއެކީ މަލާކް ވެއްޓުނަނުދީ މަލާކްގެ ދެކޮނޑުގައި އޭނަގެ ދެއަތުން ހިފެހެއްޓިއެވެ.

 

“ހިނގުމަކީ އަދި މުޅިން ތަފާތުކަމެއްދޯ؟ މުޅި ޢުމުރު ނުހިނގާ ހުރެފަ ހިނގަން ބޭނުމިއްޔާ ޖެހޭނީ ދެ ފަޔަށް ހިނގަން ދަސްކޮށްދޭން. މި ހުރިހާ ދުވަހުވެސް އެ ކަސްރަތުތަކާއެކީ މަލާކް ހިނގުމުގެ ޕްރެކްޓިސް ޖެއްސިނަމަ ކޮންމެވެސް ވަރެއްވީސް. އެކަމަކު އެކަނި ނުވެސްވާނެތާދޯ؟ ފައިމައްޗަށް އަރާ!” އަޔާޒް މަލާކްގެ ދެއަތް ގެންގޮސް އޭނަގެ ކަރުގައި އަޅުވާލަމުން އެންގިއެވެ. މަލާކް އަޔާޒް ބުނިގޮތަށް ހެދިއެވެ. އެއާއެކު އަޔާޒް މީގެ ދެ މަހެއްހާ ކުރިން ޕޫލު ތެރޭގައި ހެދިހެން ލަސްލަހުން ފަހަތަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ފުރަތަމަ ފިޔަވަޅާއެކީ ވެސް އެދުވަސްމަތިން ހަނދާންވެ ކަމެއް އެނގުންވުމުން މަލާކްގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ.

 

“އަޔާޒް! މިހާރު އެހާ ބޮޑަށް ތަދުނުވޭ! ކުރިން ވަރަށް ތަދުވިއެއްނު މަލާކަށް ހަނދާން އެބަހުރިތަ؟” މަލާކް އުފާވެރި ހިނިތުންވުމަކާއެކީ އެއްނޭވައިން ބުނެލި ވާހަކައިން އަޔާޒަށް ވެސް ހިނިތުންވެލެވުނެވެ.

 

“މްމްމް ހްމް……ދެން ނިކަން ހުރެ ބުނެބަލަ މަލާކްގެ ޙާލަތު ގޯސްވަނީއޭ އެންޑް އޯލް ދެޓް ނޮންސެންސް!” އަޔާޒް ދެންވެސް މަލާކާއެކީ ފަހަތަށް ހިނގަމުން ބުނެލިއެވެ.

 

“ހުމް….ދެން ބުނެވޭކަށް ނެތްތާ! ޑޮކްޓަރ އަޔާޒްގެ މޮޅުކަން މިއީ ހަމަ މާ ޝާ ﷲ! އެކަމަކު ކުޑަކޮށް ކިއުރިއަސް އެބަވޭ….ކިހިނެތް އަޔާޒްއަށް އެނގެނީ މަލާކަށް ހަމަ މިއަދު މިކަން ކުރަން ފަސޭހަވާނެކަން؟ ޢާއްމު ގޮތެއްގަ ޑޮކްޓަރުންނަށް ބަލިމީހާގެ ކަންތައް އެނގޭނީ ވަރަށް ޓެސްޓްތައް ހަދާފަދޯ؟ ވަކިން ޚާއްޞަކޮށް މަލާކްގެ މި ބަލީގެ އަސްލު ހޯދަން ޓެސްޓް ހަދައިގެން ވެސް އާދައިގެ ޑޮކްޓަރުންނަށް ވަރަށް ދަތިކަމަކަށްވެފަވީ. އެންމެން ބުނަމުން ދިޔައީ ނާރުގެ ޑޮކްޓަރަކަށް ދައްކާށޯ. އެންމެފަހުން ނާރުގެ ޑޮކްޓަރުވެސް ބުނީ އެމްއާރްއައި ހެދީމަޔޯ އެނގޭނީ.” މަލާކް ވިސްނުމެއްގައި ހުރެ ވާހަކަ ދައްކަމުން އެހާ ހިސާބަށް ދިޔަތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ދެން މަލާކްގެ އެ އެމްއާރްއައި ހެދުނީމަ އެމްއާރްއައި ރިޕޯޓް ލިޔުނީ އަހަރެން.” އަޔާޒް އެހާ ހިސާބަށް ބުނެލި ވަގުތު އެނދުގެ އަނެއްފަރާތުގައި ހުރި މަލާކްގެ ގޮނޑިއާއި ހަމަވުމުން މަލާކް އެ ގޮނޑީގައި ބޭންދިއެވެ.

 

“ވަޓް؟! ކިހިނެއް މަލާކްގެ އެމްއާރްއައި ރިޕޯޓް އަޔާޒް ލިޔެފަ ހުންނާނީ؟ އެމްއާރްއައި ހެދީ އިންޑިޔާއިންނޭ…” މަލާކަށް ޙައިރާންކަމެއްގައި އިނދެ ބުނެލެވުނެވެ.

 

“އެގްޒެކްޓްލީ! އިންޑިޔާގަ….މީގެ 4 މަސްކުރިން….މަލާކަށް މި ވާހަކަ ކިޔައިދޭން ނުދޭންވެގެން އަހަރެން މި ހުރިހާ ދުވަހު ހުރީ. އެކަމަކު ދެން މިއަދު ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާލަދިނީމަ ކަންނޭނގެ ރަނގަޅުވާނީ…” އަޔާޒް މަލާކްގެ ގޮނޑިއާއި ކައިރިވާ ކަހަލަ ގޮތަކަށް އެނދުގައި އިށީންނަމުން ބުނެލިއެވެ. އެއަށްފަހު މަލާކް އޭނަ ދައްކާނެ ވާހަކައަކަށް ހުރިހާ ސަމާލުކަމެއް ދިނުމުން އަޔާޒް ކިޔައިދޭން ފެށިއެވެ. އޭނަ މީގެ މަސްތަކެއްކުރިން މާލެއަށް އައި މަގުމަތީގައި އިންޑިޔާގައި މަޑުކުރަން ޖެހުނު ދުވަހެވެ. އެދުވަހު އޭނަ ކޯރމެޑް ހޮސްޕިޓަލުގެ އެމްއާރްއައި ރިޕޯޓްތައް ލިޔަން ޖެހުނު ގޮތެވެ. މަލާކްގެ އެމްއާރްއައި އޭނަގެ ސަމާލުކަން ހޯދި ގޮތެވެ. އޭގެ އަނެއްދުވަހު އޭނަ މަލާކަށް އިންތިޒާރު ކުރި ގޮތެވެ. މަލާކްގެ ބަދަލުގައި ދެ ފިރިހެނުން ފެނިފައި މާޔޫސްވި ވަގުތު އެމީހުން މަލާކަށް ހެޔޮ ނޭދޭހެން ހީވުމުން އޭނަ ނުރުހުންވި ގޮތެވެ. ފާރޫޤު އޭނަ ކައިރި އެދުނު އެދުމުން އޭނަ އިތުރަށް ނުރުހުންވީ ގޮތެވެ. ކޯރމެޑް ހޮސްޕިޓަލުގެ މުވައްޒަފުން ލައްވާވެސް އެފަދަ ކަމެއް ކުރުވުމުން އޭނަ ހުއްޓުވި ގޮތެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނަ މަލާކްގެ ރަށަށް ދިޔަ ދުވަހު އޭނަ ލިޔުނީ އެ މަލާކްގެ ރިޕޯޓުކަން އޭނައަށް ޔަޤީންވި ގޮތެވެ.

 

“އެހެންވެ އަސްލު މަލާކްއާ މެރީކޮށްގެން ފުރަތަމަ ރޭވެސް މަލާކްގެ ބައްޔާއިމެދު ސުވާލުކުރީ. އެކަމަކު މަލާކް ބަލިމީހަކަށްވާން ބޭނުންނުވާ ކަމަށް ބުނީމަ އެކަމާމެދު ނުވިސްނާ ހުރީ. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގަ މަލާކަށްޓަކައި ހިތުގައި އިޙްސާސްތަކެއް އުފެދެން ފެށި ފަހުން މަލާކަށް ނާންގާވެސް ފަރުވާ ދޭން އަހަރެން ފަށައިފިން. ޕޫލް އެންޖޯއި ކުރުމާއި، އެ ބޯޅަ ޕްރެސް ކުރުމާ، ތި ހަދާ އެކްސަސައިޒްތަކަކީ ވެސް އަހަރެން ލަޔާން ލައްވާ މަލާކަށް ދެއްކި އެކްސަސައިޒްތައް. އަސްލު ވަރަށް ކުދިކުދި ކަންތައް މި ކުރެވުނީ މިހާތަނަށް. ހިއެއްނުކުރަން މިހާ ކުރު މުއްދަތެއްގެ ތެރޭގަ މަލާކަށް މިހާ ބޮޑު ކުރިއެރުމެއް އައިސްދާނެ ކަމަށް….” އަޔާޒް ބުނެލިއެވެ. އެހިނދު އޭނަ ދެއްކިހާ ވާހަކަތަކެއްގެ ސަބަބުން މަލާކަށް އިނދެވުނީ ހުއްޓުން އަރައި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެންމެ ބޮޑު ޝޮކެއް ލިބިފައިވީ ބޮޑުބޭބެ އޭނައާއި ދޭތެރޭ ކަންތައްކޮށްފައިވި ގޮތުންނެވެ. ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ވެސް އެ ވާހަކަ ދެކެވުނީ އެހެންވެއެވެ.

 

“ބޮޑުބޭބެއަކީ މަލާކްމެންނަށް ހެޔޮއެދޭ މީހެއް ނޫންކަން ވަރަށް ކުރީއްސުރެ ވެސް އެނގޭ. އެކަމަކު ހިއެއްނުކުރަން އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް. އެކަމަކު ބޮޑުބޭބެ އެހެން ހަދަންވީ ކީއްވެ؟” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

 

“އަހަންނަށް ވެސް ނޭނގޭ. އެކަމަކު ޔަޤީންވާ ކަމަކީ ތި ފާރޫޤު ވަރަށް ބޭނުންވިކަން މަލާކްގެ އަގު ވައްޓާލަން. އަހަންނަށް ހަމަ ޔަޤީން ކޯރމެޑްއިން އަހަރެން ދެއްކި ވާހަކަތަކަށްފަހު ފޭކް ރިޕޯޓެއް ނަހަދާނެކަން. އެތަނުން ނެހެދުނީމަ އެހެން ތަނަކުން ހައްދާފަ އޮންނާތީ ތިކަހަލަ ރިޕޯޓެއް ލިބިފަ އޮންނާނީ.” އަޔާޒްވެސް ވިސްނަމުން ބުނެލިއެވެ.

 

“އާނއެކޭ…..އެ ރިޕޯޓްގަ އޮތީ ކޯރމެޑްއެއްނޫން. މެޑިކެއާރ ކްލިނިކް އޮތީ…..ޤަބޫލުކުރަން ވެސް ދަތި އެބަވޭ….” މަލާކް ދެންވެސް ހިސާބެއްގެ ހާސްކަމެއްގައި އިނދެ ބުނެލިއެވެ. މަލާކް ހާސްވާން ފެށިހެން ހީވުމުން އަޔާޒް މަލާކްގެ އަތްމަތީގައި އަތްއަޅައި އިޓްސް އޯކޭއޭ ބުނެލީ ވީހާވެސް އަވަހަކަށް މަލާކްގެ އެ ހާސްކަން ފިލުވުމަށެވެ. އެހެނަސް މަލާކް ދެންވެސް އެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

“ދެން އެހެންވީއިރު މަލާކްގެ މިހިރީ ކޮން ބައްޔެއްތަ އަޔާޒް؟ ސެރެބްރަލް ޕަލްސީ….މިއީ ކިހިނެއްވާ ބައްޔެއްތަ؟” މަލާކް ސުވާލުކުރިއެވެ. އަޔާޒް ފުން ނޭވައެއް ދޫކޮށް މަލާކްގެ އަތުގައި ފިރުމަމުން ކިޔައިދިނެވެ.

 

“އުފަންވުމުގެ ތެރޭގަ ސިކުނޑީގެ ވަކި ހިސާބަކަށް އޮކްސިޖަން ދާންޖެހޭ ވަގުތު ނުދިޔުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. އޭގެ ސަބަބުން ފައިގެ މަސްތައް ރަނގަޅަށް މަސައްކަތް ނުކުރާތީ ބެލެންސް ކުރުމުގަޔާއި ހިނގުމުގަ މައްސަލަތަކެއް ހުންނަނީ.” އަޔާޒް ކުރު ގޮތަކަށް ކިޔައިދިނެވެ.

 

“ސިކުނޑިއަށް….ގެއްލުމެއް…ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރިއްޔާ ކީއްވެ މަލާކް މޮޔައަކަށް ނުވީ؟” މަލާކް ވިސްނުމެއްގައި އިނދެ ފުރަތަމަ ދެބަސް ކިޔާލަމުން ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.

 

“ހެހެ…..މަލާކްގެ ސިކުނޑިއަށް ގެއްލުން ލިބިފަ ހުރިއިރު ވިސްނުމަށް ބޭނުންކުރާ ބަޔަށް އަސަރެއް ކޮށްފައެއްނެތޭ. ޙަޤީޤަތުގަ މަލާކް ވަރަށް ނަސީބުވެރި. މި ބަލި ހުންނަ ބައެއް މީހުންގެ ސިކުނޑިއަށް ލިބިފަ ހުންނަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެމީހުންނަށް ވާހަކަވެސް ނުދެއްކޭ. އިށީނދެގެން ވެސް ނުހުރެވޭ. އަދި ބައެއް މީހުންނަށް ތި ބުނިހެން ރަނގަޅަށް ނުވެސް ވިސްނޭ….” އަޔާޒް ކިޔައިދިނެވެ. އެއާއެކު އަނެއްކާވެސް މަލާކް ވިސްނުމެއްގެ ތެރެއަށް ގެއްލުމުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ހިމޭންކަމުގެ އެ ވަގުތުކޮޅަށްފަހު އަޔާޒް މަލާކަށް ގޮވަން އުޅުނުތަނާހެން މަލާކް ވާހަކަ ދެއްކިއެވެ.

 

“މާނައަކީ…..މަލާކަށް ރަނގަޅަށް ވާހަކަ ދެއްކި ރަނގަޅަށް ވިސްނެނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންނޭ؟” މަލާކް ސުވާލުގެ ރާގަކަށް އެބަސްތައް ބުނެލި ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. މި ހުރިހާ ދުވަހުވެސް އޭނައަށް އެ ޤާބިލިއްޔަތުކަން ދެއްވީ ހަމައެކަނި ﷲ ކަން އޭނައަށް އެނގެއެވެ. އެހެނަސް ދާދި ދެންމެއަކު އޭނަގެ ހިތަށް އެކަން އިޙްސާސް ކުރެވިގެން ގޮސްފިއެވެ. އެކަލާނގެ އިރާދަކުރެއްވިނަމަ އޭނަ އުފަންވީއިރު ސިކުނޑީގެ ކޮންމެ ހިސާބަކަށް ވެސް އޮކްސިޖަން ނުގޮސް ހުރީހެވެ. އޭނައަށް ޙަޔާތުގައި ރަނގަޅަށް ވިސްނައި ޤަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ދެއްވީ ހަމައެކަނި ﷲ ކަން އެނގުންވީ ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.

 

“ހަމައެކަނި މަލާކްއެއްނޫން. އަހަރުމެން އެންމެންނަށް ވެސް އެ ނިޢުމަތް ދެއްވީ ހަމައެކަނި ﷲ ދޯ؟ އުފަންވުމުގެ ކުރިންނާއި އުފަންވުމުގެ ތެރޭގަ ވެސް އަހަރުމެންނަށް އެތައް ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮވޭ. އެކަމަކު އަހަރުމެން ސަލާމަތް ކުރައްވަނީ ހަމައެކަނި ﷲ.” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް ގިސްލެވެން ފެށިހެން އޭނަ މަލާކަށް ބަލަން ހުރެފައި ކަކޫ މައްޗަށް ތިރިވެލަމުން މަލާކްގެ ގައިގައި ބައްދާލިއެވެ.

 

ޝުކުރުވެރި ހިތްތަކާއެކީ އަޔާޒާއި މަލާކަށް ފެށިގެން ދިޔަ ދުވަސް ދެމީހުންނަށްޓަކައި ވެސް ފާއިތުވާން ފެށީ ނުހަނު އޮމާންކޮށެވެ. އާދައިގެ މަތިން ދެމީހުން ނާސްތާކުރަން އެކީގައި ގޮސް ހިނިތުންވުންތަކާއެކީ އެހެން މީހުންނާއި ބައިވެރިވުމުން އެދެމެދުގައި މައްސަލަތައް ޙައްލުވެފައިވިކަން އެންމެންނަށް ވެސް އެނގުންވިއެވެ. އެކަން އެނގުންވުމާއެކު ނިޝާން މަލާކްގެ މަސައްކަތާއި ގުޅޭ ވާހަކައެއްވެސް ނާސްތާގެ ތެރެއިން ދެއްކިއެވެ. މަލާކަށް އެހީއަކަށްޓަކައި މެލޭޝިޔާއިން އަންނަ އަންހެން ކުއްޖާ މާދަމާ ހެނދުނު އަންނާނެ ވާހަކައެވެ. މަލާކް ވަކި އެކަމާމެދު ކަންބޮޑެއްނުވެއެވެ. އޭނަގެ މަސައްކަތް ބޭރުތެރޭގެ މީހަކަށް ދެއްކޭހާ ވަރަށް އޭނަ އެ މަސައްކަތާއިމެދު ހިތްހަމަޖެހެއެވެ. އޭނަ މާރކެޓިންގް ޓީމާއި ގުޅުނު ފަހުން ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ހުރިހާ ފިހާރަތަކެއްގެ ވެސް ސާފު ފައިދާގެ ޢަދަދު އިތުރުވެފައިވެއެވެ. އެކަމާމެދު އޭނަ ފަޚުރުވެރިވާ ހިނދު އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައް ހުރިކަން ވެސް އޭނަ ޤަބޫލުކުރެއެވެ.

 

އެހެން ދުވަސްދުވަހާއި ޚިލާފަށް އަޔާޒް އެދުވަހު ހޮސްޕިޓަލަށްދާން ގެއަށް ނިކުތީ މަލާކާއެކީ ކޮޓަރިއަށް ވަނުމަށްފަހު އޭނަގެ ގަޑި ނަގައިގެން ދިޔަ މަގުމަތީގައި މަލާކްގެ ނިތަށް ބޮސްދީފައި އިމްތިޙާންތަކަށް މޮޅަށް ދަސްކުރަން ހިތްވަރުދީ ސަމާސާއެއްކޮށް މަލާކް ހެއްވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އަޔާޒް ގެއިން ނިކުތުމަށްފަހުވެސް އަޔާޒްގެ ހަނދާންތަކެއްގައި އިރުކޮޅެއް ވަންދެން މަލާކަށް އިނދެވުނެވެ. އެއަށްފަހު އޭނަގެ ފިލާވަޅުތަކަށް އިހުނަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ އަޔާޒްގެ ބަސްތަކުން ހިތަށް ލިބިފައިވި ހަމަޖެހުމާއި އެކީގައެވެ.

 

ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކާރުގައި އިން އަޔާޒްގެ މޫނުމަތީގައިވެސް ދަތުރުގެ ކުރީކޮޅުގައި ހިނިތުންވުމެއްވިއެވެ. އޭނަ ހޮސްޕިޓަލަށްކުރާ ކޮންމެ ދަތުރެއްގެ އާދައިގެ މަތިން ވެސް އޭނަ އެ ދަތުރުވެސް ކުރަމުން ދިޔައީ މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ޢިމާރާތް ފަސްކޮށްފައި ދެވޭ ގޮތަށެވެ. އެ ޢިމާރާތް ފެންނަ ކޮންމެ ފަހަރަކު އޭނަ އޭނަގެ މަންމައާއި ބައްޕައާ އެކީ ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާނަށް އަންނާތީވެއެވެ. ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެ ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން އޭނަގެ ސިކުނޑިއަށް އެ ހަނދާންތައް ވެރިވާން ފެށިއެވެ. މަންމައާއި ބައްޕަގެ ހިނިތުންވުންތައް ލޮލަށް ސިފަވެ އެ ޢާއިލާ އެންމެންގެ އުފާވެރި ހުނުމުގެ އަޑު ކަންފަތުގައި ގުގުމަން ފެށިހެން ހީވުމުން އަޔާޒަށް ކާރުގެ ސްޕީޑްވެސް ދަށްކޮށްލެވުނެވެ. ހަމަ އެއާއެކު އޭނައަކީ މިއަދު ޑޮކްޓަރެއްކަން އެނގުންވި ވަގުތު މަންމަ އޭނަ ކުޑައިރު ބުނެލި ބަސްތަކެއްގެ މަތިން ހަނދާންވިއެވެ.

 

“އަޔާޒް ބޮޑުވީމަ މޮޅުވެގެން ޑޮކްޓަރަކަށް ވައްޗޭ. އޭރުން އެނގޭނެ މީހަކު ނުބައި ބޭހެއް ދިނަސް އޭތި ބޭނުން ނުކުރަން. މިއަދު ދޮންބެ އެހާ ބޮޑަށް ބަލިވީ ނުބައި ބޭހެއް ކެވޭތީވެއޭ.” އެއްރެއަކު މަންމަ އޭނަ ނިންދަވަން އެނދުގައި ބޭއްވުމަށްފަހު ބޮލުގައި ފިރުމަމުން ބުންޏެވެ. އެދުވަހު ހަވީރު އޭނަގެ ދޮންބެ ނޭވާ ހާސްވާންފެށީ ކުއްލިއަކަށެވެ. އެހެންޏާ އޭނަގެ ދޮންބެއަކީ އެހެންވާ މީހެއްވެސް ނޫނެވެ. އަޔާޒް ގޭގައި އެކަނި ހުއްޓާ ދޮންބެއަށް އެހެންވާން ފެށުމުން އޭނަ ގަތް ބިރާއެކީ ހަޅޭއްލަވަމުން ރޮވެންފެށިއެވެ. އޭގެ މާގިނައިރެއްނުވެ ނަސީބު ރަނގަޅުކަމުން ބައްޕަ ގެއަށް އައިސް ދޮންބެ ހޮސްޕިޓަލަށް ގެންދިޔައެވެ.

 

މަންމަ އެރޭ އޭނަގާތު އެ އެދުން އެދުނުއިރު މަންމަގެ ލޮލުން އޭނައަށް ހިތާމަވެރިކަމާއެކީ ހިސާބެއްގެ ބިރުވެރިކަމެއްވެސް ފެނުނެވެ. މަންމަ ބިރުގަންނަންވީ ކީއްވެކަމެއް އޭނައަށް އަދި އަދަށްދާންދެން ވެސް ނުވިސްނެއެވެ. ހަނދާން ހުރިހާ ކަމަކީ މަންމަ އޭނަގާތު ލޯބިން ބުނެލި ފަހު ބަސްތަކަކީ އެއީކަމެވެ. އެރެއަށްފަހު އޭނައަށް ފެންނަން ފެށީ ހަރުކަށި މަންމައެއްކަމެވެ.

 

އަޔާޒް ޚިޔާލުތަކެއްގައި ވަނިކޮށް ހަމަހޭވެރިކަމެއް ލިބުނީ އޭނަގެ ފަހަތުގައި އޮތް ކާރެއް ބަރުގޮނު އަޅާލުމުންނެވެ. އެއާއެކު އަޔާޒް ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން ކާރުގެ ސްޕީޑް މަތިކޮށްލިއެވެ. އޭރު އޭނައަށް އޮވެވުނީ ސީދާ މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ޢިމާރާތުގެ ކުރިމަތީގައެވެ. އެ ޢިމާރާތާއި ކައިރިން ޢިމާރާތް ފަސްކުރި ވަގުތު ފެނުނު ސޫރައިން އަޔާޒް ހުއްޓުން އެރިއެވެ. ހުދުކުލައިގެ ގަމީހެއްގައި ޓައި އަޅައިގެން ކަޅުކުލައިގެ ފަޓުލޫނަކާއެކީ ބެގީކޮށްގެން ހުރީ މަސްޢޫދުބެހެން އޭނައަށް ހީވިއެވެ. އޭނައަށް އެ ހީވުން ހީވި ވަގުތު އެމީހަކަށް ފަސްދެވުނީއެވެ. ކާރުގެ ލޯގަނޑުން ވެސް އެމީހާއަށް ބެލިއެއްކަމަކު ލޯގަނޑުން އަޔާޒަށް ފެނުނީ އެމީހާގެ ފަހަތެވެ. އޭނަ ބަލަބަލާ ހުއްޓާ އެމީހަކު ގޮސް އޭނަ ދެންމެ ފަސްކުރި ޢިމާރާތަށް ވަން މަންޒަރު ފެނިފައި އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. އެއީ މަސްޢޫދުބެއަށް ވެދާނެތޯ އަޔާޒްގެ ހިތް ސުވާލުކުރިއެއްކަމަކު އޭނައަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެންކަމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމަމުން އަޔާޒް އޭނަގެ ދަތުރާއިގެން ކުރިއަށް ދިޔައެވެ.

 

އެހެނަސް އެއީ އަޔާޒަށް ހީވި ހީވުމެއްނޫނެވެ. އެ ޢިމާރާތުގެ ތެރެއަށް ވަދެގެން ދިޔައީ މަސްޢޫދު ނޫން ދެވަނަ މީހެއްނޫނެވެ. 20 އަހަރަށްވުރެ ގިނަ އަހަރު ފަހުން އެ ޢިމާރާތުގެ ތެރެއަށް ވަދެވުނުއިރު އެތަނަށް އައިސްފައިވި ބަދަލުތަކުން މަސްޢޫދަށް އެތާނގެ ވަށައި ބެލެމުން ދިޔައެވެ. އެހެނަސް އޭނަގެ ސަމާލުކަން އެހެން ދިމާލަކަށް ދަތުރުކުރީ ފަޓުލޫނުގެ ޖީބުގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނެގިއިރު އެއީ ފަހުގެ އާ ފޯނެކެވެ. ފޯނުގެ ސްކްރީނުން މަޒީދުގެ ނަން ފެނިފައި މަސްޢޫދު އޭނަގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ކޮބާ މަސްޢޫދު މިހާރު އޮފީހުގަތަ؟” މަޒީދު ސުވާލުކުރި އަޑުއިވުނެވެ.

 

“އާނ….ވަޒީފާ ލިބުނު ޚަބަރު ލިބުނީ އިއްޔެ. ކުރިންވެސް މިތާނގަ މަސައްކަތްކޮށްފަ ހުރީމަ ކަންނޭނގެ އެހާ ފަސޭހައިން ލިބުނީ. އެކަމަކު މި ޒަމާނުގަ ހުންނަ ސިސްޓަމްތައް އަހަންނަށް ނޭނގި ހިނގައިދާނެ.” މަސްޢޫދު ބުންޏެވެ.

 

“ސިސްޓަމްތައް ދަސްވެދާނެ. އެކަމަކު އެ މަޤާމަކަށް ބޭނުންވާ މަސައްކަތުގެ ހުނަރަކީ ދަސްކޮށްދޭން އުދަގޫ ކަމެއް. އެހެންވީމަ މަސްޢޫދު ހޮވާފަ ތިހިރީ. މަސްޢޫދު ތިއީ އޭރުވެސް ސްޓާރ އެމްޕްލޯއީއެއްނު؟ ހެހެ……އަހަރެން ބުނިގޮތަށް މަހީރާއަށް ކައިރި ނަޒަރެއް ދެއްޗޭ. އޭނަގެ ފަސާދަ ފަޅާއަރުވައި މަލާކަށް ގެއްލުމެއް ދިނުމުން ހުއްޓުވޭނެ ހަމައެކަނި މީހަކަށް މިއަދު ހުރީ މަސްޢޫދު. މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގަ ހިފައްޗޭ.” މަޒީދު އެދުނެވެ.

 

“ހުމް….މިއީ މުޅި ދުނިޔެ މަތިން ވެސް އަހަރެން އެންމެ ނަފްރަތުކުރާ ތަނޭ ބުންޏަސް ދޮގަކަށް ނުވާނެ. މިތާ ތެރެއިން ސާރިޔާގެ އަބުރު ކަތިލެވިގެން ދިޔަގޮތް އަދިވެސް ހަނދާން އެބަހުރި. އެކަމުގަ ތީނަ ކުޅުނު ދައުރުވެސް ރަނގަޅަށް ހަނދާން އެބަހުރި. އެކަމަކު އަހަރެން މަޒީދު ބުނާ ގޮތަށް މި ހަދަނީ ހަމައެކަނި މަލާކްގެ ޙައްޤުގަ. ސާރިޔާ އަހަންނަށް ރައްކާތެރި ނުކުރެވުނިއްޔާ މަލާކް ރައްކާތެރިކުރާނަން އަހަރެން އިރާދަކުރެއްވިއްޔާ!” މަސްޢޫދު އެހެން ބުނެލީ ވަރުގަދަ ޢަޒުމަކާއި އެކީކަން އޭނަގެ މޫނުމަތިން ވެސް ނަގައިގަނެވޭނެއެވެ. މަޒީދުވެސް އެކޮޅުން ‘އިން ޝާ ﷲ’ އޭ ބުނެލި އަޑުއިވުނެވެ. އެއަށްފަހު ދެން ބާއްވަނީއޭ މަޒީދު ބުނުމުން އެ ކޯލު ނިމިގެން ދިޔައެވެ. މަސްޢޫދު އޭނަގެ ފޯނު ޖީބަށްލަމުން ކުރިމަތިން ފެންނަމުން ދިޔަ ލިފްޓާއި ދިމާލަށް ދިޔައެވެ. ލިފްޓުގެ ބަޓަނަކަށް ފިތާލުމާއެކު ލިފްޓު ހުޅުވުމުން އޭނަ އޭގެ ތެރެއަށްވަނެވެ. އޭނަ ވަނުމަށްފަހު ލިފްޓު ލެއްޕެން ފެށިތަނާހެން ކޮންމެވެސް މީހަކު ލިފްޓުގެ އެއްފަރާތުގައި އަތް އަޅައި ލިފްޓު ހުޅުވާލިއެވެ. އެކަން ފާހަގަވުމުން މަސްޢޫދު ކުރިމައްޗަށް ބަލާލުމާއެކު އޭނަ ހުއްޓުން އެރިއެވެ. ލިފްޓު ހުޅުވާލަމުން އޭގެ ތެރެއަށްވަނީ މަހީރާ ނޫން ދެވަނަ މީހެއްނޫނެވެ. މަހީރާގެ އަތުން ފެންނަމުން ދިޔަ ބަޔާއި އޭނަގެ މޫނުން ނަގަން ފަށާފައިވި ރޫތައް ފިޔަވައި އެހެން ބަދަލެއް އޭނައަށް އައިސްފައި ނުވާކަން މަސްޢޫދަށް ފާހަގަވިއެވެ. ހަމަ އެއާއެކު މަހީރާ އޭނަގެ ޒުވާންކަން ދަމަހައްޓަން ގޮސްފައިވާ ދަރަޖަ އޭނަ އަޅައިގެން ހުރި ހެދުމުން ވެސް އެނގުންވުމުން އޭނައަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. މަހީރާ މަސްޢޫދާއި ދުރުގައި ކަހަލަ ގޮތަކަށް މަޑުކޮށްލަމުން ލިފްޓު ލެއްޕެން ފެށި ވަގުތު ވާހަކައެވެ.

 

“ސޮރީ…..މިއަދު ކުޑަކޮށް ލަހުން މި އާދެވުނީ. ކޮން ފްލޯއަކަށްތޯ ދަނީ؟” މަހީރާ އޭނަގެ ކައިރީގައި ހުރި މީހާ ކައިރިން ސުވާލުކުރިއެވެ.

 

“މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ފްލޯއަށް.” މަސްޢޫދު މަހީރާއަށް ބަލާލުމެއްނެތި ބުނެލިއެވެ. އެއާއެކު މަހީރާއަށް އެއީ އޭނައަށް އިވުނު އަޑެއްހެން ހީވެ ލަދުކުޑަ ގޮތަކަށް ލޯދިއްކޮށްފައި މަސްޢޫދަ ބަލާލިއެވެ. އެއާއެކު ޒުވާން އަންހެން ކުއްޖެއް ފަދައިން އަނގަ ބޮޑު ކޮށްލަމުން ލުއި ގޮތަކަށް ހީލިއެވެ.

 

“މި….މިއީ މަސްޢޫދުތަ؟” މަހީރާ ދެމީހުން ދާންޖެހޭ ފްލޯއަށް ފިތާލަމުން އަހާލިއެވެ. އެއާއެކު މަސްޢޫދު އޭނައަށް ލުއި ނަޒަރެއް ދިނެއްކަމަކު ޖަވާބެއްނުދިނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. މަހީރާ ކުރި ކަންތަކަށްފަހު އޭނަ މަހީރާއަށް ނަފްރަތު ކުރާވަރު މަހީރާއަށް އެނގޭނެކަން ޔަޤީންވުމުންނެވެ.

 

“އާޗާ! ޤަބޫލުކުރަން ވެސް ދަތިއެބަވޭ. މަސްޢޫދު ފެނިފަ ހަމަ ޒުވާން ޢުމުރަށް އަނބުރާ ދެވުނީހެން ހީވަނީ…..އަހަރުމެންގެ ހިއުމަން ރިސޯސް އޮފިސާރ! ހަމަ އެ މަޤާމަށްތަ މިފަހަރުވެސް ލީ؟” މަހީރާ ހެވިފައިހުރެ އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ގޮސް ސުވާލުކުރިއެވެ.

 

“ތި ވާހަކަ ބުނުން މުހިއްމު ކަމަށް ނުދެކެން.” މަސްޢޫދު ބުނެލިއެވެ.

 

“އަސްލުވެސްތަ؟ އެކަމަކު މިހާރު ތި ވާހަކަ ދައްކަނީ މިތާނގެ ޑިރެކްޓަރާކަން އެބަ އިނގޭތަ؟” މަހީރާ ބުނެލިއެވެ. އެއާއެކު މަސްޢޫދު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“ބޭރު ޤައުމުތަކުގެ ޖަމުޢިއްޔާތަކުގެ ރުހުން ހޯދައިގެން ދީނަށް ހަޖޫޖެހީމަ ވެސް މިނިސްޓަރުކަމާއި ހަމައަށް ނުދެވުނުދޯ؟” މަސްޢޫދު މަލާމާތުގެ ރާގަކަށް ބުންޏެވެ. އެއާއެކު މަހީރާވެސް ހީލިއެވެ.

 

“ވެދާނެއެއްނު އަހަރެން އެ މަޤާމް ބޭނުމެއްނުވަނީ ކަމަށްވެސް؟ އެ ޖަމްޢިއްޔާތަކުގަ އުޅުނީމަ މާ ސަޅި! އަހަރަކު އެއްފަހަރު ޑޮކިއުމެންޓްރީއެއް ނެރެލާފަ ބޭނުންހާ ދުވަހަކު ބޭނުން ޤައުމެއްގަ އުޅެލާފަ މި ވަޒީފާގަ ވެސް އެބައުޅެވޭ….ރަނގަޅެއްނޫންތަ އަޅެ؟” މަހީރާ ރާގަކަށް ސުވާލުކުރިއެވެ.

 

“އެކަމަކު އެހާވަރުން ވެސް ތި ދަހިވެތިކަމަށް ބަދަލެއް ނައިސްގެންދޯ އެހެން ކުއްޖަކަށް ޙައްޤުވާ މުދާކޮޅުވެސް ޖަހައިގަންނަން ތިއުޅެނީ؟” މަސްޢޫދު ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ. އެއާއެކު އޭނަ ބުނި އެއްޗެއް ނަގައިގަނެވުނު މަހީރާގެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. ހަމަ އެވަގުތު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން މަސްޢޫދު ލިފްޓުން ނިކުތެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް މަހީރާގެ އަޑު އިވުނެވެ.

 

“އަހަރެންގެ ނަޒަރުގަ އެއީ ދުނިޔެއަށް އައި ކުއްޖެއްވެސް ނޫން. ދުނިޔެއަށް ނާންނަ ކުއްޖަކަށް ލިބެންވާ މުދަލެއް ނުހުންނާނެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީ ސާރިޔާއާއި އެކުއްޖާގެ ސަބަބުންކަން މަސްޢޫދަށް ވެސް ރަނގަޅަށް އެނގޭނެ!” މަހީރާ ގޮށްމުއްކަވައި ދަތްކުނޑި ވިކަމުން އެ ވާހަކަ ބުނެލީ ތިރިއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. ހަމަ އެވަގުތު ލިފްޓުގެ ދޮރު ލެއްޕެން އުޅުމުން މަސްޢޫދު އެ ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓީ މަހީރާއަށް ރައްދެއް ދިނުމަށެވެ.

 

“މަހީރާގެ ދިރިއުޅުން ބަރުބާދުވިކަން އަހަރެން ވެސް ޤަބޫލުކުރަން. އެކަމަކު އޭގެ އިލްޒާމު އަޅުވަންވީ ކާކުގެ ބޮލުގަކަން ސާފުނުވެގެން ތިއުޅެނީ. އޭގެ ސަބަބުން ނަފްރަތު އަމާޒުކުރަންވީ ދިމާލެއް ނޭނގި ހިތްހަރުވެގެން ތިއުޅެނީ. ﷲ ގެ ހަނދުމައިން ދުރުވީމަ ވާނެވެސް ގޮތް އެއީ. ދެންވެސް އިތުރު ފާފަތަކެއް ނުކުރެވެނީސް އުޅުން އިޞްލާޙުކޮށް ﷲ އަށް ތައުބާވާންވީ. ތައުބާވެ ﷲ ގެ ދީން އުނގެނެން މަސައްކަތް ކުރީމަ އެކަމުން ހިތަށް ހަމަޖެހުން ލިބޭތޯ އަދި ނުލިބޭތޯ ވެސް އެނގޭނީ. ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން ބުނެލި ވާހަކައެއްމީ. އެއްފަރާތަކަށް ގޮސް ހުސްވެފަ ހުރެ މިކަމާ ބެހޭގޮތުން  ޑޮކިއުމެންޓްރީއެއް ހެދުމުގެ ކުރިން ހަމަ ބުނެލީ.” މަސްޢޫދު ބުނެލިއެވެ. އެއަށްފަހު ލިފްޓުގެ އެއްފަރާތުގައި އެޅިފައިވި އަތް އެތަނުން ނަގާލުމުން އޮފީހުގެ ތެރެއަށްދާން ހިނގައިގަތެވެ. އެހިނދު ރުޅިން ރަތްވެގެން ދިޔަ މަހީރާ ހަރު ފިޔަވަޅުތަކެއްގައި ލިފްޓުން ނިކުމެ މަސްޢޫދު އެ ވަން އޮފީހަށް ވަނެވެ. އޭނަ އޮފީހަށް ވަދެގެން ދިޔައިރު އޭނައަށް އައިސްފައިވި ބަދަލާހެދި އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އެހެނަސް މަހީރާ އެކަކަށްވެސް ބަލާލުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނައަށް ޚާއްޞަކުރެވިފައިވި ބޮޑު ކެބިންއަށްވަނެވެ. އަތް ދަބަސް ގޮސް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނަ އައިސްފައިވި ރުޅީގައި އިށީންނަން ވެސް ނުކުޅެދިފައިވި ފަދައެވެ. މަސްޢޫދު ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަގެ ހިތުތެރޭގައި އަނދަމުން ދިޔައީ ބަދަލު ހިފުމުގެ ރޫޙެވެ. ދެލޯ ރަތްވެފައި ހުރެ އޭނަ ހަޅޭކެއް ލައްވާލަމުން އެއްއަތުން ޖަހައި މޭޒުގައި ހުރި ބައެއް ފޮތްތަކާއި ފައިލްތައް ވައްޓާލިއެވެ.

 

**

 

އެދުވަހުގެ އެވަގުތު އަނުމް ސްކޫލަށް ދިޔައީ ޖެނުއަރީގެ އިމްތިޙާންތަކަށް އެހީ ހޯދުމުގެ ގޮތުން އޭނަގެ އެކުވެރިންނާއެކީ ގްރޫޕް ސްޓަޑީއެއް ޖައްސާށެވެ. އަހަރުގެ އެހާ ހިސާބުގައި ބައެއް މުދައްރިސުން ނެތެއްކަމަކު ތިބި މުދައްރިސުން ބައެއް ދުވަސްދުވަހު ކްލާސްތައް ނަގަމުން ވެސް ދިޔައެވެ. އަނުމްގެ އެދުވަހުގެ ރޭވުން އޮތް ގޮތުން 8 އިން 9 އަކަށް އޭނަ އޭނަގެ އެކުވެރިންނާއެކީ ކިޔަވާނީއެވެ. 9 ޖަހަންވާއިރަށް އެމީހުންގެ މުދައްރިސް އަންނަން ވާއިރަށެވެ. މިގޮތަށް ކަންތައް ކުރަމުން ދިޔައީ އަނުމްމެން އެކަންޏެއްނޫނެވެ. ސްކޫލް ތެރޭގައި އެހެން ކުލާސްތަކުގެ ބައެއް ކުދިވެރިން އެހެންނޫނީ ވަކިވަކި ކުދިން އަމިއްލަ އަމިއްލައަށް ވެސް ކިޔަވަން ސްކޫލަށް އައިސްފައި ތިބޭ މަންޒަރު ފެނެއެވެ. މީގެ ތެރެއިން އަނުމް ސްކޫލަށްދާ ކޮންމެ ދުވަހަކުހެން ފެންނަ އެއްކުއްޖަކީ އެއްކަލަ ނޫކުލައިގެ ކާރުގައި ސްކޫލަށް އަންނަ ފިރިހެން ކުއްޖާއެވެ. އެދުވަހު ދަބަހުން އެ ފިރިހެން ކުއްޖާގެ ގައިގައި ޖެހި ދުވަސްފަހުން އަނުމްއަށް އޭނަ ފާހަގަވާން ފެށީ އޭނަގެ އެކުވެރިން އެކުއްޖާ އޭނައަށް ވަރަށް ބަލާކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުންނެވެ. އޭނަގެ ނަމަކީ ފާއިޤްކަން ވެސް އެނގުނީ އެހާ ހިސާބުންނެވެ. އޭނައަށް ސަމާލުކަންދޭ ފިރިހެން ކުއްޖަކު ހުރިކަން އެނގުންވުމުން އަނުމްގެ ހިތަށް ތަފާތު އިޙްސާސްތަކެއް ކުރެވުނެވެ. އެހެނަސް އޭނަ އެ އިޙްސާސްތަކާއެކީ ބެހިގެންދާކަށް ޚިޔާލެއް ނުކުރިއެވެ. އޭނަގެ އާ އެކުވެރިއެއް ކަމަށްވާ ބަސްމާގެ ނަޞޭޙަތުގައި ހިފައިގެންނެވެ.

 

“އޭނަ ބެލިޔަސް އަނުމް ނުބަލާތި! އޭނަ ހިތުން އެ ބަލަނީ އަނުމްގެ ހިތާ ކުޅެވޭތޯ ބަލަން. ނިކަން ފޫހިވޭ ބެލުން ތިރިކުރަން ނޭނގޭ މީހުންދެކެ.” އެދުވަހު އެމީހުންގެ އަމިއްލަ ގްރޫޕް ސްޓަޑީ ނިންމުމަށްފަހު ސްކޫލްގެ ކެންޓީންގެ މޭޒެއްގެ ދޮށުގައި އިނދެ ބަސްމާ ބުންޏެވެ. ބަސްމާ އެހެން ބުނެލި ރާގުންވެސް އަނުމްއަށް ހީލެވުނެވެ.

 

“އެކަމަކު ވެދާނެއެއްނު އޭނަ އަނުމް ލައިކްވަނީ ކަމަށްވެސް؟” ބަސްމާ ކައިރީގައި އިން ލީޝާ ވިސްނުމެއްގައި އިނދެ ބުންޏެވެ. އެ ވާހަކައިން އަނެއްކާވެސް އަނުމްގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ.

 

“ލައިކްވަންޏާ އޭނަ ގަޓު ހުރެގެން ގޮއްސަ އަނުމްގެ ބޮޑު ދެ ބޭބެއިންނާ ވާހަކަ ދައްކަންވީ! އެހާވަރަށް ލައިކް ނުވަންޏާ އެއީ ލައިކެއްނޫން އެވަނީ….އެހެންނޫނީ އެހާ ހިސާބަށް ދެވެންދެން ވެސް އޭނަގެ ލޮލާއެކީ އޭނަގެ ސެލްފް ކޮންޓްރޯލް ކޮށްގެން ހުންނަންވީ….ހަމަ ގައިމުވެސް އަހަރެން އިމްޕްރެސްވާނީ އެކަހަލަ ފިރިހެން ކުއްޖަކު ފެނުނިއްޔާ، ނޫންތަ އަނުމް؟” ބަސްމާ އަހާލިއެވެ. އެއާއެކު އަނުމްއަށް ވެސް ހިނިތުންވުމަކާއެކީ ބޯޖަހާލެވުނީ އޭނަގެ އެކުވެރިޔާއަށްޓަކައި ލޯތްބެއްވާ ޙާލުގައެވެ. އޭނަގެ ކުރީގެ އެކުވެރިންނަމަ އޭނައަށް ހިތްވަރު ދިނީހީ އެ ފިރިހެން ކުއްޖާއާއި ރައްޓެހިވާށެވެ. އެއީ ގޯސްކަމަކަށް ވި ނަމަވެސްއެވެ. އަދި އޭގެ ސަބަބުން އޭނައަށް އެތައް ގެއްލުމެއް ލިބުނަސްމެއެވެ. އެ ހިނދު ހިތާހިތުން އޭނައަށް މިހާރު ލިބިފައިވި އެކުވެރިންނަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނެވެ. ހަމަ އެއާއެކު ކަމެއް ހަނދާންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ބާއި ދަ ވޭ…..ސެލްފް ކޮންޓްރޯލްއޭ ބުނީމަ އަހަރެން ހަނދާންވީ. ކުރީ ދުވަހު އަހަރުމެން ރިވައިސްކުރީމެއްނު ޙަދީޘެއް؟ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޒުވާން ކުދިންގާތު ރޯދަ ހިފަން ނަޞޭޙަތްތެރިވެ ވަޑައިގަތް ޙަދީޘް. އިޓް އެކްޗުއަލީ ވޯކްސް! ހަމަ ވަރަށް ފައިދާކުރި އަހަންނަށް މަންޑޭ ތާޒްޑޭގަ ރޯދަ ހިފަން ފެށީމަ.” އަނުމް ދުރުދުރުން ބުނެލިއެވެ. އެ ޙަދީޘްއާމެދު ވާހަކަ ދެއްކިއިރު އެދުވަހު އޭނަގެ އެކުވެރިން ވާހަކަ ދެއްކީ ރޯދަ ހިފުމުން ‘ސެލްފް ކޮންޓްރޯލް’ އިތުރުވާ ވާހަކައެވެ. އަނުމް ރޯދަ ހިފަން ފެށިފަހުން އޭނަ ދުރުވާން އުޅޭ ނޭދެވޭ އާދައިން ދުރުވާންވެސް ފަސޭހަވެފައިވިކަން އޭނައަށް ފާހަގަވިއެވެ. އެހެނަސް ވަކި އެ އާދައިގެ ވާހަކަ ސީދަލަށް ބުނަން އަނުމް ބޭނުމެއް ނުވުމުން އަނުމް ހަމައެކަނި އޭނައަށް ފައިދާކުރި ވާހަކަ ބުނެލީއެވެ.

 

ކެންޓީންއިން ތިން އެކުވެރިން ނިކުމެގެން އައިއިރު އެމީހުންގެ މުދައްރިސާއި ދިމާވިއެވެ. މުދައްރިސް އެންގީ އެތާ ކައިރިން ފެންނަމުން ދިޔަ ޢިމާރާތުގެ އެންމެ މަތީގައި ހުރި ލެބަށް ދިޔުމަށެވެ. އަނުމްއާއި އޭނަގެ އެކުވެރިން އޭގެ ކުރިން އެމީހުންގެ ކްލާހަށް ދިޔައީ މާއްދާއާއި ގުޅޭ ފޮތް ނެގުމަށެވެ. އަނުމްގެ ދަބަހުގެ ޒިބު ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުރުމުން އަނުމް އޭނަގެ ދެ އެކުވެރިން ކުރިން ފޮނުވާލިއެވެ. އަނުމް އޭނަގެ ފޮތް ނަގައިގެން އެ ޢިމާރާތާއި ދިމާލަށް ދިޔައިރު ސްކޫލްގެ ގޯތިތެރެއިން މާ ގިނަ ކުދިންނެއް ނުފެނެއެވެ. އެހެނަސް އޭނަ އެ ޢިމާރާތަށް ގޮސް ސިޑިން އަރަން ފެށި ވަގުތު ފިރިހެން ކުއްޖަކު އޭނަގެ ނަމުން ގޮވާލުމުން އޭނަ ހުއްޓުން އެރިއެވެ. އޭނަ ބަލާލި ވަގުތު އެކުއްޖަކު އޭނައަށް ވުރެ 5 ފައްތަރު މައްޗަށް އެރުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“ފަހަތަށް ނުބަލާތި އަނުމް. ފަހަތަށް ނުބަލާ އަހަރެންގެ ފަހަތުން އާދޭ. މިގޮތަށް ހިނގަމުން އަހަރެން ދައްކާ ވާހަކަ އަޑުއަހާ. އަހަރުމެން އެކީގަ ތިބިތަން އެމީހުންނަށް ފެނިގެން ނުވާނެ.” އެ ފިރިހެން ކުއްޖާ ބުނެލިއެވެ. އޭނަގެ އަޑުންނާއި އޭނަގެ ބައްޓަމުން އެއީ ފާއިޤް ނޫން ދެވަނަ މީހެއް ނޫންކަން އަނުމްއަށް ޔަޤީންވިއެވެ. ފާއިޤް ކުރިއަށް ހިނގަން ފެށުމުން އަނުމްވެސް އޭނައާއެކީ ކުރިއަށް ދާންފެށިއެވެ.

 

“މިއަދު ނޫނީ މާދަމާ ކޮންމެވެސް ނޭނގޭ ނަންބަރަކުން އަނުމްއަށް ގުޅާނެ. އެކަމަކު ފޯނު ނުނަގާތި އަނުމް. ނުނެގިއްޔާ ރަނގަޅީ. އޮޅިގެން ނެގުނިއްޔާ ވެސް އޭނަ ބުނާ ގޮތަށް ނަހަދާތި. މި ހުރިހާ ދުވަހު މި މަޅީގަ އަނުމް ބައްދަން އެމީހުން މަސައްކަތް ކުރީ…..އެނގޭ އުދަގޫވާނެކަން އަނުމްއަށް އަހަންނަށް އިތުބާރުކުރަން. އެކަމަކު އަހަރެން ޤަބޫލުކުރަނީ އަނުމްއަށް ހެޔޮ ވިސްނިފައިވި މިންވަރު އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާނެ ކަމަށް. އެމީހުން އަދިވެސް ހީކުރަނީ އަނުމްވަނީ އެކަންތަކަށް ދެވިހިފާފަ ކަމަށް.” ފާއިޤް ހިނގަމުން ހިނގަމުން ބުނެލިއެވެ.

 

“ކާކު؟ ކޮންކަމެއް ކުރުވަން އުޅެނީ؟” އަނުމް ޙައިރާންވެފައިހުރެ ސުވާލުކުރިއެވެ.

 

“މިވަގުތު ކިޔައިދެވޭކަށް ނެތް އަނުމް. އެކަމަކު އެމީހުން ބުނާގޮތަށް ނަހަދާތި!” ފާއިޤް އެހެން ބުނެލަމުން އަނުމްއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްނުދީ މައްޗަށް އަރަން ދުއްވައިގަތެވެ. އަނުމްއަށް ދެންވެސް ވިސްނުމެއްގައި ހުރެވުނެވެ.

 

**

 

އެރޭގެ ވަގުތެއްގައި މައުވާ އިން ފެންވަރު ރަނގަޅު ޓެކްސީއެއްގެ ފަހަތު ސީޓުގައެވެ. އޭނަ އޭނަގެ އާދައިގެ ކިބުރުވެރިކަމާއެކީ އަތުގައި އޮތް ކުޑަ މޫނު ބަލާ ލޯގަނޑުން އޭނަގެ މޫނު ހުރީ ރީއްޗަށްތޯ ބަލަމުން ދިޔައެވެ. އޭނަ އެހެން އިންދާ ސީޓު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނު ނަގައި ބަލާލިއެވެ. ސްކްރީނަށް ‘ޖާމިޒް’ ގެ ނަން އަރާފައި އޮތުމުން އޭނަ ނުލަފާ ހިނިތުންވުމަކާއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ޖާމިޒް….ކޮބާ އަހަންނަށް ދީބަލަ އެ އެޕިލެޕްސީއެއްގެ ތަފްޞީލެއް އަދި އަލުން. އެއްތަންކޮޅުވެސް ހަނދާން ނައްތާލާކަށް ބޭނުމެއްނޫން.” މައުވާ އޭނަގެ ކުލަޖެއްސިފައިވި ނިޔަފަތިތަކަށް ބަލަމުން ބުނެލިއެވެ.

 

“އެއީ ހަމަ އެދުވަހު ރެކޯޑިންގްގަ އިވުނު ގޮތަށް ވާނީ. މާ ބޮޑަށް ސްޓްރެސްވިއްޔާ ހޭންޑްލް ނުކުރެވޭނެ. އެކަމަކު ޓްރީޓްކޮށްފަ ހުރިއްޔާ އޭނަ ސްޓްރެސްކޮށް ބޭޑް ނިއުސްއެއް ދިނުމުގެ އިތުރުން ބިރުވެސް ގަންނަވާލީމަ ފިޓްޖެހޭ ހިސާބަށްދާނީ.” ޖާމިޒް ކިޔައިދިން އަޑު އިވުނެވެ.

 

“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ.

 

“ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ.

 

ނުނިމޭ

The post Vaudhu (Part 40) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-40/feed/ 0 1623
Vaudhu (Part 39) https://blog.storiesbyjana.com/vaudhu-part-39/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-39 https://blog.storiesbyjana.com/vaudhu-part-39/#respond Mon, 03 May 2021 06:05:07 +0000 https://blog.storiesbyjana.com/vaudhu-part-38-copy/

“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް […]

The post Vaudhu (Part 39) appeared first on Stories by Jana.

]]>

“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް ހިތުގެ ތެޅުން އަވަސްވިއެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއެކީ މާޙައުލަށް ވެރިވެފައިވި އަނދިރިކަމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އެއްކަހަލަ ޖަޒުބާތުތަކެވެ. މަލާކްގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި ވަނިކޮށް އަޔާޒަށް އޭތި ރަނގަޅުކުރަން އަތް އުފުލާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސްތަށިކޮޅު މަލާކްގެ ކަންފަތުގައި އަޅުވާލުމަށްފަހު އަތް ތިރިކުރުމުގެ ބަދަލުގައި އަޔާޒަށް މަލާކްގެ މޫނާއި ކަނދުރައިގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެހިނދު މަލާކްގެ މެއަށް ވެރިވި ނުތަނަވަސްކަމާއެކީ ހަތަރެސްފަޔަށް ބާރުވެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޔާޒް ހުރީ އެކަމަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް މަލާކްގެ ރީތިކަމަށް ގެއްލިފައެވެ. އެ ރީތިކަމުގެ އަވައިގައި ޖެހުމުން އަޔާޒްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު މަލާކާއި ގާތްވާން ބޭނުންވިކަމެވެ. މަލާކް އަތުތެރެއަށް ގެނެސް ބާރަށް ބައްދާލާ މަންޒަރު ހާސްފަހަރު ހިތަށްއެރީ އޭނަގެ އެ ޙަރަކާތުން ވެސް މަލާކްދެކެ އޭނަ ވާ ލޯބި އިޙްސާސް ކޮށްދެވޭތޯއެވެ. މަލާކްގެ މޫނު މިހާ ގާތުން އޭނައަށް ދެވަނަ ދުވަހަކު ފެންނާނެކަމުގެ ޔަޤީންކަމެއް އޮތީއެއްނޫނެވެ. އެ މޫނުގައި މިގޮތަށް ލޯބިން ހިފަހައްޓާލުމުގެ ފުރުޞަތު ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. މަލާކްދެކެ ލޯބިވާ ވާހަކަ ބުނުމުގެ ނަސީބެއް ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނަގެ ހިތަށް ތަދުވީ ވަގުތު އަތުގައިވެސް ރިއްސާލިއެވެ. ހަމަ އެވަގުތު ރޫރޫއަޅައިގެން ދިޔަ ހިތަކާއެކީ ވެސް އޭނަގެ އެ ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައި އަޔާޒަށް ހިނިތުންވުމަކާއެކީ ވާހަކަ ދެކެވުނެވެ.

 

“ހިތަށް އެބައަރާ ދޯ އަޔާޒް ކީއްވެގެން ހެއްޔޭ މަލާކްއަށް މިހެން ބަލަން ހުރީ….ބަލާބަލަ އަހަރެންގެ ލޮލަށް މަލާކް. ފިރިހެނަކު މިގޮތަށް އަންހެން ކުއްޖަކަށް ބަލަހައްޓައިގެން ހުންނާނީ ކީއްވެކަން މަލާކަށް އެނގޭތަ؟” އަޔާޒް ހިތާމަވެރި ލޮލަކާއެކީ ވެސް އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ސުވާލުކުރިއެވެ. އަޔާޒްގެ ސުވާލުން މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން މަލާކަށް ހީވިއެވެ. އަޔާޒް އޭނައާއި ކައިރިވެގެން ހިނގައިދާނެ އެކިއެކި ގޮތްތައް ޚިޔާލުކުރެވުމުން އޭނަ އަޔާޒްގެ ސުވާލަށް ޖަވާބުދޭންވުމުން ލަދުގަންނަ ގޮތްވިއެވެ. އެހެނަސް އަޔާޒް ބުނި ފަދައިން އޭނަގެ ލޮލަށް ބަލާލުމުން މަލާކަށް ފެނިގެން ދިޔައީ އޭނައަށް ދޭހަކުރަން ދަތިވި އަސަރެކެވެ. އޭގެ ފަހަތުގައިވި އިޙްސާސް އޭނައަށް ދޭހަ ނުކުރެވުނެއްކަމަކު އެނގުނުހާ ކަމަކީ އެ އިޙްސާސްތައް ރައްދުވަމުން ދިޔައީ އޭނައަށް ކަމެވެ.

 

“ން…ނޭނ..ގެ.” އަޔާޒްގެ ލޮލަށް ގެއްލިފައި އިނދެ މަލާކަށް އެހެން ބުނެލެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ.

 

“ލޯބިވާތީ…” އަޔާޒް މަލާކްގެ ކޯތާފަތުގައި ބޮޑުވާ އިނގިލިން ފިރުމާލަމުން ބުނެލި ވާހަކައިން މަލާކްގެ ހިތް ހިނދުކޮޅަކަށް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. އަޔާޒް ބުނި ބަސް އޭނައަށް ދޭހަ ކުރެވުނު ތަނާހެން އެ ހިތް ތެޅެން ފެށީ މަލާކް ބިރުގަންނަހާ ބާރު މިނެއްގައެވެ. އެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާން ފެށި ވަގުތު އަނެއްކާވެސް އަޔާޒްގެ އަޑުއިވުނެވެ.

 

“ލޯބިވާތީ….ދުނިޔޭގައި ވީހާ އުފަލެއް ހޯދައިދޭން ބޭނުންވާތީ. އޯގާތެރިކަން އިޙްސާސްކޮށްދޭން ހިތް އެދޭތީ…” އަޔާޒް އޭނަގެ ހިތުތެރޭގައި ފޮރުވިފައިވި ހުރިހާ އިޙްސާސެއް އެއްފަހަރާ ބަންޑުންކުރިއެވެ. އެހިނދު އޭނައަށް ބަލަން އިން މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔަ ގޮތުން ޚުދު މަލާކްވެސް ޙައިރާންވިއެވެ. އޭނައަށް އެވަގުތު ރޮވެންވީ ކީއްވެތޯ ހިތަށްއެރިއެވެ. ވާ އުފަލެއްގެ ބޮޑުކަމުން ލޮލުން ކަރުނަ ހިލިދާނެކަން އޭނައަށް ޤަބޫލުކުރެވުނީ އެ ވަގުތެވެ. މަލާކް ނުރޯން މަސައްކަތް ކުރަމުން އަޔާޒަށް ހިނިތުންވުމެއް ދައްކާލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަޔާޒް ނުހަނު ލޯތްބާއެކީ އޭނަގެ ބޮޑުވާ އިނގިލިން އެ ކަރުނަ ތިކި ފޮހެލިއެވެ. ހަމަ އެވަގުތު އަޔާޒްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވެގެން ދިޔަދިޔަހެން އޭނައަށް ހީލެވުނެވެ.

 

“ހިއެއްނުކުރަން މިހާ އާދައިގެ ގޮތަކަށްކަން އަހަރެން އެންމެ ފަހުން މި ބަސްތައް ބުނެލާނީ. ޓޭކް ދަ މޯމެންޓް އެންޑް މޭކް އިޓް ޕާރފެކްޓް. ހެހެ…..އެކަމަކު މި މޯމެންޓް އިތުރަށް ކުރިއަށް ދާވަރަށްވުރެ އަހަރެންގެ ނަސީބު ދެރަދޯ މަލާކް؟” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ސުވާލުކޮށްލިއިރު އޭނަގެ ހިނިތުންވުން މުޅިންހެން ފޭދިގެން ދިޔައެވެ. އެ މަންޒަރު ފެނިފައި މަލާކްގެ ހިނިތުންވުން ވެސް ފިލައިދިޔައެވެ. އަޔާޒްގެ މޫނުމައްޗަށް މުޅިންހެން ހިތާމަވެރިކަން ވެރިވާން ފެށި ވަގުތު މަލާކް އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މަލާކް ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން މަލާކަށް ރުޅިނުވާނަން. އެންމެ ފުރަތަމަ މަލާކަށް ފަސްދިނީ އަހަރެން ދޯ؟ މަލާކްގެ އިޙްސާސްތަކާމެދު ވިސްނާލުމެއްނެތި މަލާކްގެ ކުރިމަތިން ލޯބިވެރިޔަކުވެސް ގެންގުޅުނީ ހަމަ އަހަރެން. އަހަރެން އެގޮތަށް ކަންތައް ކޮށްފަ ވަނިކޮށް މަލާކް އެހެން މީހެއްގެ ކައިރިއަށް ދާން ނިންމަން ބޭނުންވުމުގަ ވަކި މަލާކްގެ ކުށެއްނެތް…” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ދައްކަން ފެށި ވާހަކައިން މަލާކްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. އޭނަ ‘އަޔާޒް’ އޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އެހެންނޫނަސް ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންދޯ މަލާކް…..އަހަރެން ހުންނާނެ އަހަންނަށް ވީ ވަރަކުން މަލާކަށްޓަކައި އިންތިޒާމްތައްކޮށްފަ. މަލާކް މިގެއިން ގޮއްސަ ހުންނާނެ އެޕާޓްމެންޓެއް ހަމަޖައްސާފަ ހުންނާނެ. މަލާކް ބޭނުންވަނީ އަހަރެން ދޫކޮށް ރަށަށް ގޮއްސަ އެހެން މީހަކާ އިންނަން ކަމަށްވިޔަސް އަހަރެން ބުނާނީ މިކޮޅުގަ ހުރެގެން ކިޔެވުން ނިންމާށޭ. އެއީ މަލާކްއަށް އެންމެ ރަނގަޅު ގޮތް. އެޕާޓްމެންޓަށް ބަދަލުވިޔަސް އެކަނި ނޫޅެއްޗޭ. މާލޭގަ އުޅޭ އެކުވެރިޔަކާއެކީ ވެސް އެތާނގަ އުޅެވިދާނެ. އެހެންނޫނީ…” އަޔާޒަށް ބުނެލެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. އެހާ ހިސާބުން ސިކުނޑިއަށް ވެރިވި ޚިޔާލުން އޭނަގެ ނޭވާވެސް ހުއްޓުމަކަށް އައުމުންނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ މަލާކަށް ބަލާލަމުން ގަދަކަމުން ހިނިތުންވުމެއް ދައްކައި މަލާކްގެ މޫނާއި އޭނަގެ އަތް ވަކިކޮށްލަމުން ތެދުވެލިއެވެ. އަޔާޒް ދެއްކި ވާހަކަތަކުން ލިބިފައިވި ޝޮކެއްގެ ބޮޑުކަމުން މަލާކަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިނދެވުނެވެ. އޭނަ ދެވަނަ ފަހަރަށް އަޔާޒަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތީ އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ވެސް ނުދީއެވެ. އަޔާޒް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ފެނުމުން މަލާކް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އަޔާޒް ދެންމެ އެ ދެއްކި ވާހަކައެއް ދައްކަން ޖެހުނު ސަބަބާއިމެދު ވިސްނެންފެށިއެވެ. އޭނަ އަޔާޒާއި ވަރިވެގެން ރަށަށްދާށޭ ބުނި ބުނުން ސިކުނޑީގައި ގުގުމުމާއެކު އޭނަގެ ހަނދާނަށްއައީ އޭނައާއި ރައުފާއާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އިސާހިތަކު އޭނަގެ ހަނދާނަށް އައީ ރައުފާ އެފަދަ ވާހަކައެއް އޭނަ ގާތު ބުނި ހިނދު ފަހަތުން އަޔާޒްގެ ކޮޓަރީގެ ދޮރު ލައްޕާލެވުނު އަޑު އޭނައަށް އިވުނު ގޮތެވެ. އޭނަ އެ އަޑު އިވިފައި ފަހަތްވެސް ބެލިއެވެ. އެހެނަސް އަޔާޒް ފެންނަން ނެތުމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމައި އޭނަ ކޯލަށް ސަމާލުކަން ދިނީއެވެ. ހަމަ އެއާއެކު އެ ކޯލުގެ ފަހުކޮޅުން އޭނަ ރައުފާގާތު ދެއްކި ވާހަކަތައް އަޔާޒަށް ނުއިވޭކަން މަލާކަށް އެނގުންވިއެވެ. އެ ވާހަކަތައް އަޔާޒަށް އިވުނު ނަމަ އަޔާޒް މިވަގުތު އެހުރި ނަޒަރިއްޔާތެއް ނެތީހޭ ހިތަށްއެރި ވަގުތު މަލާކަށް ދެބުމަ ކައިރިކޮށްލެވުނެވެ. އިސާހިތަކު މަލާކަށް އޭނަގެ އަތަށް ތަދުވަމުން ދިޔަކަން ވެސް ހަނދާން ނައްތާލަމުން އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް އޭނަގެ ފޯނު ނެގުނެވެ. ފޯނުން ނަންބަރުތަކަށް ފިތާލުމަށްފަހު އޭނަ ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ހައިފާ! ހައިފާގެ އެއްކަލަ ފްރެންޑް ތްރޫކޮށް މަލާކް ދޮންތިއަށް ކޯލް ރެކޯޑިންގްއެއް ހޯދައިދެވިދާނެތަ؟ އެއީ މަލާކް ދޮންތިގެ އަމިއްލަ ކޯލްއެއް….” މަލާކް އެދުނެވެ. އެކޮޅުން ހައިފާ ވިސްނާލުމަށްފަހު ބަލާލާނަމޭ ބުނުމުން މަލާކް އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އަޔާޒްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހިތާހިތުން އަޔާޒްގާތު ނޫނެކޭ ބުނެވުނެވެ. އަޔާޒް ޚިޔާލުކުރި ‘ޕާރފެކްޓް މޯމެންޓް’ގެ ބާކީ އޮތްބައި އޭނަ ފުރިހަމަ ކޮށްދޭނެއެވެ. ކައިރިވާން އުޅޭ ދެމަފިރިއެއްގެ ދެމެދަށް ޝައިޠާނާ އައިސް ޝައްކުތައް އުފައްދާކަމީ އޭނައަށް އެނގޭކަމެކެވެ. އެހެނަސް އެފަދަ ޝައްކުތަކުގައި އޭނައާއި އަޔާޒްގެ ގުޅުން އޭނަ ނިމިދިޔައެއް ނުދޭނެއެވެ. ބަދަލުގައި ދެމީހުންގެ ގުޅުން ޒީނަތްތެރިކުރަން އޭނައަށް ކުރެވެން އޮތްހާކަމެއް އޭނަ ކުރާނެއެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނައަށް ހިނިތުންވެލެވުނީ އެކަންތައް ކުރަން އޭނަ ކެތްމަދުވުމުންނެވެ. ހަމަ އެހިނދު ހިތް އުފާވެރިކަމުން ފުރިގެންދިޔައީ އަޔާޒް ދެންމެ ބުނެލި ލޯބީގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމާލުމުންނެވެ.

 

މަލާކް ބޭނުންވެގެން ހުރި ކަން އޭނައަށްޓަކައި ފުރިހަމަ ކުރެވިގެން ދިޔައީ އެރޭ 9 ޖަހައި ބޮޑުވި ފަހުންނެވެ. އޭގެ ކުރިން މުޅި ދުވަސްތެރޭގައި އޭނައަށް އަޔާޒް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޔާޒް ނަމާދަށް ބޭރަށް ނިކުންނަމުން ދިޔަ ވަގުތުތަކުގައި މަލާކް އަޔާޒަށް ހިނިތުންވުންތައް ދެއްކުމުން އަޔާޒް ލުއި ހިނިތުންވުންތައް ދައްކަމުން ދިޔައެވެ. މަލާކް ކިތަންމެ ހިތް އެދުނެއްކަމަކު މުޅި ދުވަސް ތެރޭގައި އޭނަ އަޔާޒާއި ވާހަކަ ނުދެއްކީ އޭނައާއި އަޔާޒާއި ދެމެދު އޮތް ޝައްކު ނުހަނު ސާފު ގޮތެއްގައި ފިލުވައިގެން ނޫނީ ދެން އަޔާޒާއި ވާހަކަ ނުދެއްކުމަށެވެ. އެރޭ 9:25 ވީ ވަގުތު ބޭރަށް ގޮއްސަ ގެއަށް އައި ހައިފާ އޭނަ އަތަށް އައިޕޮޑެއް ލައިދިނުމުން މަލާކް ވަގުތުން އެއާއެކީ ކޮޓަރިއަށް ވަންނަން ދިޔައީ އަޔާޒަށް ވީހާވެސް އަވަހަކަށް އެ ރެކޯޑިންގް އިއްވައި އޭނަގެ އިޙްސާސްތައް ވެސް އަޔާޒަށް ފާޅުކޮށްދިނުމަށެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކުހެން ބޯކޮށް ވާރޭ އޮއްސިގަތް އަޑަށް މަލާކް ހިސާބަކަށް ހުއްޓުންއެރިއެވެ. ބަންދުކޮށްފައިވި ބިއްލޫރި ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ތެމެމުން ދިޔަ ބެލްކަނީ ފެނިފައި ލިބުނު ޚިޔާލާއެކީ މަލާކަށް ހިނިތުންވެލެވުނެވެ. މަލާކް އަވަސްއަވަހަށް ގޮނޑި ދުއްވާފައި ގޮސް ފަތެއްގެ ބައްޓަމަށް ހެދި ފާރުގައި ހަރުކޮށްފައި ފޮތް ހަރުގަނޑުގެ ހުސް ބައެއްގެ ތެރޭގައި އޭނަގެ އަތުގައި އޮތް އައިޕޮޑް ބޭއްވިއެވެ. އެ ހަރު ހުރީ މިއަދު ހެނދުނު އަޔާޒް އޭނަގެ ގޮނޑި ދުއްވަމުން ގޮސް މަޑުކޮށްލި ހިސާބާއި ދާދި ގާތުގައެވެ. އައިޕޮޑް ބޭއްވި ތަނާއިމެދު ނުހަނު ހިތްހަމަޖެހި ހެވިފައިހުރެ މަލާކް އަޔާޒްގެ ކޮޓަރިއާއި ދިމާލަށް ދާންފެށިއެވެ. ފެންލައިޓުން ކޮޓަރި ހުރީ ދިއްލާފައިކަން ޔަޤީން ކުރަމުން މަލާކް ގޮސް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލު އޭނަ އުޖާލާވި ހިނިތުންވުމެއްގައި އިންދާ ސިކުންތުކޮޅެއްފަހުން އަޔާޒް އައިސް ދޮރު ހުޅުވިއެވެ.

 

“ކިހިނެއްވީ މަލާކް؟” އަޔާޒް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.

 

“އަޔާޒް…..ބަލާބަލަ ވާރޭ ވެހެނީ….ހިނގާބަލަ އަހަންނާއެކީ ވާރެއާ ތެމެން.” މަލާކަށް އެހެން ބުނެލީ އާދޭހުގެ ރާގަކަށެވެ.

 

“ނޫން މަލާކް ރޭގަނޑު ގަޑީގަ ނުދާނެ. އަދި އެހާ ވައި ބާރުކޮށް ބޯކޮށް އެ ވެހެނީ. ނުލާހިކު ފިނިވާނެ…” އަޔާޒް އެހެން ބުނެލީ އޭނައަށްވުރެ ބޮޑަށް މަލާކާއިމެދު ވިސްނަމުންނެވެ. މާ ބޮޑަށް ފިނިވެއްޖެނަމަ މަލާކަށް ވާ ގޮތްގޮތް އޭނައަށް އެނގޭތީވެއެވެ.

 

“ނުވާނެ އެހާ ފިންޏެއް….ދެން ހިނގާބަލަ ޕްލީޒް…މަލާކަށް އެކަނި ދާން ނުކެރޭނެ.” މަލާކަށް މިފަހަރު އެހެން ބުނެލެވުނީ އަޔާޒްގެ އަތުގައިވެސް ހިފާލަމުންނެވެ. އެއާއެކު އޭނަގެ ޖެހިލުންކަން ކުޑަވެގެން ދިޔަ ގޮތާއިމެދު ވެސް އޭނަ ހިސާބަކަށް ޙައިރާންވިއެވެ. މަލާކް އޭނަގެ އަތުގައި ހިފާލުމުން އަޔާޒްގެ ހިތަށް ކުރި އަސަރާއެކީ އޭނައަށް އެއަތަށް ބަލާލެވުނެވެ. އިސާހިތަކު އޭނަ ގެންދާ ތާކަށް ގެންދާށޭ ބުނަން ހިތަށްއެރިއެވެ. އެހެނަސް މަލާކާއި އޭނައާއި ދެމެދު އޮތް ދުރުމިން ހަނދާންވެ މަލާކްގެ ޞިއްޙަތާއިމެދު ވެސް ވިސްނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“އަހަންނަށް ނުދެވޭނެ މަލާކް….” އަޔާޒަށް އެހެން ބުނެލެވުނީ ހިސާބެއްގެ ސީރިއަސްކަމާއި ހިތާމައެއް އެކުލެވޭފަދަ ގޮތަކަށެވެ. އަޔާޒްގެ އިސްޖެހިގެން ދިޔަ ގޮތް ފެނިފައި މަލާކްވެސް ވީ ދެރައާއެކީ އޭނަގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ދެންވެސް ބަލި ޤަބޫލެއް ނުކުރިއެވެ.

 

“ފައިން! ބޯރިންގް ޕީޕަލް! މަލާކް މި ދަނީ ދާން. ކިނބިހި އެޅި ހުން އަޔަސް މިރޭ ވާރެއާ ތެމިލާފަ ނިދަން ބޭނުމީ.” މަލާކް އަޔާޒްގެ އަތުން ދޫކޮށް ނުރުހުންވާ ކަމަށް ހެދެމުން ބުނެލިއެވެ. އޭނަ އެ ފަހު ބަސްތައް އިތުރުކޮށްލީ އެ ބަސްތައް އަޑު އަހާފައި އަޔާޒަށް ނުހުރެވޭނެކަން ދަނެގެންނެވެ. އޭނަ އެހެން ބުނުމުން އަޔާޒް އޭނަގެ ނަމުން ގޮވާލިއެއްކަމަކު މަލާކް ހެވިފައިހުރެ އަވަސްއަރުވާލަމުން އޭނަގެ ގޮނޑި ދުއްވާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި ބެލްކަނީގެ ދޮރު އުދަގުލާއެކީ ކަހާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. އޭނަ ނިކުންނަން ދިމާކުރި ވަގުތުވެސް ކަންބޮޑުވެފައި ހުރި އަޔާޒަށް މަލާކްގެ ނަމުން ގޮވާލެވުނެވެ. އޭނަ ގޮވާލުމުން ވެސް މަލާކް މަޑުކުރުމެއްނެތި ނިކުތުމުން އަޔާޒަށް ދެބުމަ ކައިރިކޮށްލެވުނީ މަލާކަށް ހިސާބަކަށް ނުރުހުންވުމުންނެވެ. މަލާކް އޭނަގެ ބަސް އަޑުއެހުމެއްނެތި އެ ދިޔަ ޙާލަތަކަށްދާން ދޫކޮށްލަން ހިތަށްއެރިއެއްކަމަކު އޭނަގެ ހިތަށް އެ ޚިޔާލު ބަރުދާސްތެއް ނުކުރެވުނެވެ. އެހެންކަމުން އެ ހުރިގޮތަށް ހުރެފައިވެސް އެންމެފަހުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލަމުން ލަސް ހިނގުމެއްގައި ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެހިނދު އޭނައަށް ފަސްދީގެން ދެފަރާތުން ދެއަތް ދިއްކޮށް މައްޗަށް ބޯހިއްލައިގެން ހުރި މަލާކް ފެނި އޭނައަށް ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް މަލާކްގެ ދެއަތް ގޮނޑީގައި އަތްގަނޑުމަތީގައި ބޭއްވި އޭނަ ދެކޮނޑު އަރުވާލި ތަނާހެން ތުރުތުރު އަޅައިގެން ދިޔަގޮތުން އަޔާޒަށް ބެލްކަންޏަށް ނިކުންނަން ހިނގައިގަނެވުނެވެ. އޭނަ ވާރޭ ތެރެއަށް ނިކުތީ އެ ދިޔަ މަގުމަތީ އެތާ ބޭރު ފާރަށް ލައްކުރެވިފައިހުރި ފެހި ކުލައިގެ ކުޑައެއް ނަގައި އޭތި ހުޅުވާލަމުން އޭގެ ހިޔަލުގައެވެ. މަލާކާއި ހަމައަށް ދެވުމާއެކު އޭނަ މަލާކާއި ނުހަނު ކައިރީގައި ހުއްޓިލީ އޭނައާއިއެކީ މަލާކްވެސް ހިޔާކޮށްދިނުމަށެވެ. ވާރޭގެ ތިކިތައް އޭނަ ގައިގައި ޖެހުން ހުއްޓުމާއެކު މަލާކަށް އިސްއުފުލައި ބަލާލެވުނެވެ.

 

“ބުނީމެއްނު މި ގަޑީގަ ފިނިވާނެއޭ؟” މަލާކް ހަޝަމް ބަދެގެން ކަހަލަ ގޮތަކަށް އިންގޮތުން އަޔާޒަށް ބުނެލެވުނެވެ.

 

“އޮހް! ޖަޒާކަ ﷲ ޚައިރަން މަލާކްއާމެދު ވިސްނާލީތީ. މަލާކްގެ އަތަށް ކުޑަ ދެވިދާނެތަ؟ އަޔާޒް ހިފަހައްޓައިގެން ހުރީމަ މިކޮޅުން ކުޑަކޮށް އެބަ ތެމޭ.” މަލާކް އަޔާޒާއިވީ ފަރާތް ނޫން އަނެއްފަރާތުގެ ކޮނޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. އަޔާޒް އެ ކުޑަ އޭނަގެ ބޯމަތިން ނަގައި މަލާކާއި ދިމާލަށް ދިއްކޮށްލީ ވަކި މަލާކަށް ދޭކަށް ނޫނެވެ. އެހެނަސް އޭނަ ދިއްކޮށްލުމާއެކު މަލާކް އޭތި ޖަހައިގަންނަމުން އެއްފަރާތަކަށް ދޫކޮށްލިއެވެ. އެއާއެކު މަލާކް ބޭނުންވިހެން އޭނައާއެކީ އަޔާޒް ވެސް ތެމެން ފެށުމުން މަލާކަށް ހީލެވުނެވެ.

 

“މަލާކް! ވަޓްސް ރޯންގް ވިތް ޔޫ؟” އަޔާޒަށް އެހެން އަހާލެވުނީ ހަމަ ޙަޤީޤަތުގައި ވެސް އަޖާއިބުވެފައި ހުރެއެވެ. މަލާކްގެ ފަރާތުން މިފަދަ މިޒާޖެއް އޭނައަށް މި ފެންނަނީ ފުރަތަމަ ފަހަރަށެވެ.

 

“ވަރަށް ބަސްނާހާދޯ މިރޭ؟ ކީއްކުރާނީ؟ މިރޭގެ މޫޑު ހުރިގޮތް އެއީ ހަމަ….ހެހެ….ދެން އަޔާޒްވެސް ކުޑަކޮށް އެންޖޯއި ކޮށްލަބަލަ. ލައިފްގަ އަންނާނީ މިކަހަލަ މަދު މޯމެންޓްސްދޯ؟ މިކަހަލަ މަދު ޕާރފެކްޓް މޯމެންޓްސް….” މަލާކް އެ ފަހު ޖުމްލަ ބުނެލީ ލަސްލަހުން ބަސްތައް އަމުނައި އަޔާޒަށް ބަލާލަމުންނެވެ. އެ ފަހު ބަސްތައް އިވިގެން ދިޔުމާއެކު އަޔާޒް އިރުކޮޅަކު ހުރެފައި ދުރަށް ނަޒަރު ހިންގާލީ އެއްޗެކޭ ބުނަން ވެސް ނުކުޅެދުމުންނެވެ. އަޔާޒްގެ މޫނުމަތީގެ ސީރިއަސްކަން ފިލުވުމަށް މަލާކް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ވާރޭ ވެހޭ ވަގުތު ދުޢާކުރުމުން އިޖާބަ ކުރައްވައެއްނު އަޔާޒް؟ އެހެންވީމަ މިއީ އެންމެ ބޭނުންވާ ކަންތަކަށް ވިޝްކުރަންވީ ގަޑި. ހެހެ….އަޔާޒް ދުޢާއެއް ނުކުރާނަންތަ؟” މަލާކް ހިނިތުންވުމަކާއެކީ އެ ސުވާލުކުރީ ހިތުން މަލާކަށް އަޔާޒްދެކެ ލޯބިވާނެ ގޮތް ހެއްދެވުމަށް އަޔާޒް ދުޢާކުރަން ބޭނުންވާ ވާހަކަ ސަމާސާއަކަށް ނަމަވެސް އަޔާޒް ބުނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އަޔާޒްވީ އެއަށްވުރެ ބޮޑަށް ހިތްދަތިވެފައިކަން އޭނަ ބުނެލި ބަސްތަކުން މަލާކަށް އެނގުންވިއެވެ.

 

“އަހަރުމެން އެންމެ ބޮޑަށް ދުޢާކުރަންޖެހޭނީ ފާފަ ފުއްސެވުމަށް އެދިދޯ؟ ދެން އާޚިރަތަށްޓަކައި ދުޢާކުރަން ބޭނުންވަނީ. މި ދުނިޔެއިން ކަމަކަށް އެދުމަށްވުރެ ނޭދުން ހިތަށް މާ ފަސޭހަވާނެ.” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި އެ ބަސްތަކުން މަލާކްގެ ހިތުގައި ވެސް ރިހުމެއް އުފެދެން އުޅުނެވެ. ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން ހުރުމަށްފަހު މަލާކަށް ވާހަކަ ދެކެވުނެވެ.

 

“އަޔާޒް ދެން ހިނގާ އެތެރެއަށް….މަލާކް ކުޑަކޮށް ފިނިވާން ފަށައިފި.” މަލާކް އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ފިނިކަމެއް އިޙްސާސް ކުރެވެން ފެށުމުންނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އޭނަ ވީހާވެސް އަވަހަކަށް އަޔާޒްގެ ހިތާމައަށް ނިމުމެއް ގެންނަން ބޭނުންވެފައިވިއެވެ. އަޔާޒް ހިނގާށޭ ބުނުމުން މަލާކް އޭނަ ގެންގޮސްދޭނަންދޯއޭ ބުނެލިއެވެ. އަޔާޒް އިރުކޮޅަކު ހުރުމަށްފަހު ހޫންލައްވާލަމުން ގޮނޑީގެ ފަހަތުގައި ހިފެހެއްޓި ވަގުތު މަލާކް އޭނަގެ އުނގުމަތީގައި އަތް ބޭއްވިއެވެ. އަޔާޒް މަލާކް ކޮޓަރީގެ ތެރެއަށް ވަނުމާއެކު ކަންތައް ވާން ފެށީ މިއަދު ހެނދުނު ކަންތައް ހިނގި ގޮތަށެވެ. އަޔާޒް އޭނަ ގެންގޮސް ގޮނޑި މަޑުކޮށްލީ އޭގެ ފަހަތް ފާރަށް ވާގޮތަށް އެއްކަލަ ހަރުގަނޑުގެ ކައިރީގައި ކަހަލަ ގޮތަކަށެވެ. މަލާކް އެތާ ބެހެއްޓުމަށްފަހު މަލާކަށް ދޭން ތުވާލި ނެގުމަށްޓަކައި އަޔާޒް ދިޔައީ ވަކި ވިސްނުމެއްނެތިއެވެ. އެހެނަސް ހަރުގަނޑުން ތުވާލި ނަގައިގެން މަލާކާއި ދިމާލަށް ދިޔަ މަގުމަތީގައި މަލާކް ބުރުގާ ނަގައި އުނގުމަތީގައި ބޭއްވި މަންޒަރު ފެނި އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް އޭނަގެ ތެތް އިސްތަށިގަނޑުވެސް ނިއުޅާލަމުން އޭނައަށް ބަލާލި ތަނާހެން އަޔާޒަށް ހަމަހޭވެރިކަމެއް ލިބުނެވެ. އެއާއެކު އޭނަ މިއީ ވަކި މާ ބޮޑުކަމެއްކަމަށް ނަހަދާ ފެން ހިއްކާށޭ ބުނަމުން ގޮސް މަލާކްގެ އަތަށް ތުވާލި ދިނެވެ. އެއަށްފަހު އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި އަޔާޒް އޭނަގެ ކޮޓަރިއަށްދާން ޚިޔާލުކުރިއެއްކަމަކު ކޮޓަރި ތެމިދާނެކަމުގެ ބަހަނާއާއެކީ މަލާކްގެ އަލަމާރި ކައިރިއަށް ދިޔައެވެ. އަދި މިއަދު ހެނދުނު ފަދައިން އެ އަލަމާރިން ތާޒާ ތުވާލިއެއް ނަގައި އޭނަގެ ބޯ ހިއްކަމުން މަލާކަށް ނަޒަރެއް ދިނެވެ. މަލާކް އޭރުވެސް އިނީ ބޮލާއި އެކީ މޫނުވެސް ތުވާލިން ފޮރުވައިގެންނެވެ. އަތް ހިންގަމުން ދިޔަގޮތުން މަލާކަށް އުދަގޫވެގެން އުޅޭކަން އެނގުމުން އަޔާޒް އެދިމާލަށް ދާން ބޭނުންވިއެއްކަމަކު އޭނަ ދުރަށް ނަޒަރު ހިންގާލިއެވެ. އޭނަ ބޭނުންވީ މަލާކް އޭނައާއިމެދު ބެހެއްޓި ދުރުކަން މަލާކާއި ވެސް ބަހައްޓާށެވެ. މުޅި ދުވަސް ތެރޭގައި މަލާކް އޭނަ ކައިރިއަށް އައިސް އޭނަ ނޫން މީހެއްދެކެ ލޯބިނުވާކަމަށް ބުނާ މަންޒަރު އަޔާޒަށް ސިފަކުރެވުނެވެ. އެހެނަސް މަލާކް އޭނަ ހީކުރި ގޮތަށް ކަންތައް ކުރުމުން އަޔާޒް ‘ޙަޤީޤަތާއި’ ކުރިމަތިލާން ބޭނުންވެފައިވިއެވެ. އެހެނަސް….

 

“އަޔާޒް…..އަޔާޒް ފެން ހިއްކައި ނިމުނީމަ އައިސްދެވިދާނެތަ މަލާކަށް ހެލްޕްވާން؟ އަހް ސީރިއަސްލީ!” މަލާކް އެހެން ބުނެލީ ހަމަ ޙަޤީޤަތުގައިވެސް އަތުން ވަރުބަލިކަމެއް އިޙްސާސް ކުރެވުމުންނެވެ. އެހެނަސް އޭނަ ބޭނުންވި ނަމަ އޭނައަށް އެ ވަރުބަލިކަމާއި އެކީގައި ވެސް ބޮލުގެ ފެން ހިއްކާލެވުނީހެވެ. އޭނަ އިންތިހާއަށް ވަރުބަލިވާ ކަމަށް ހެދި ތުވާލި ބޯމަތީގައި އޮތްގޮތަށް ބާއްވައި ދެއަތް ވައްޓާލި މަންޒަރު އަޔާޒަށް ދައްކާލީ ވަކި މުރާދެއް ޙާޞިލު ކުރުމަށެވެ. އެ މުރާދު ޙާޞިލުވާން ގާތްވެސްވިއެވެ. އިސާހިތަކު އަޔާޒަށް މަލާކްގެ ކައިރިއަށް ދެވެން އުޅުނެވެ. އެހެނަސް އެހެން ޚިޔާލެއް ލިބުމުން އޭނަ މަޑުކޮށްލިއެވެ.

 

“މަޑުކުރޭ ހައިފާއަށް ގުޅާފަ ބުނާނަން ހެއާރ ޑްރަޔާރއިން ހިއްކައިދޭށޭ…” އަޔާޒް އެހެން ބުނިތަނާހެން މަލާކް އޭނަގެ މޫނުމަތިން ތުވާލި ނަގައި ބޯމަތީގައި ބާއްވަމުން ވާހަކަ ދެއްކިއެވެ.

 

“އުނހު ހެއާރ ޑްރަޔާރއަށް މަލާކް ވަރަށް ބިރުގަނޭ. އޭގެ ތެރޭގަ އިސްތަށްޓެއް ހަރުލަފާނެތީ. އަދި އެހާ ބާރު އަޑެއް ކިޔާނީ…” މަލާކް ކަންބޮޑުވުން އެކުލެވިގެންވި ގޮތަކަށް ބުނެލިއެވެ.

 

“އިޓްސް އޯކޭ މަލާކް. ހައިފާ ވަރަށް މޮޅުވާނެ އޭތި ގެންގުޅެން. އިސްތަށްޓެއް ހަރުނުލާނެ.” އަޔާޒް ބުންޏެވެ.

 

“އެކަމަކު ނޫނޭ އަޔާޒް. މި ގަޑީގަ ހައިފާ ނިދަން ކަންނޭނގެ އުޅޭނީވެސް. މާދަމާ ޓެސްޓެއް އޮތް ވާހަކަވެސް ބުނި. އެކުއްޖާއަށް ވެސް އުދަގޫ ކުރާކަށް ނުވާނެދޯ؟ އަދި މަލާކްގެ ވެސް ޓެސްޓްތައް ފެށޭނެ ވަރަށް އަވަހަށް. ފެން ނުހިއްކާ ހުއްޓާ ބަލިވެއްޖެއްޔާ ސަކަރާތްވާނެ.” މަލާކް ބުނެލިއެވެ. މިފަހަރު އޭނަ އެހާވަރަށް ވާހަކަ ދެއްކުމުން މަލާކްގެ އެދުމަކީ ކޮބައިކަން އަޔާޒަށް އެނގުންވި ވަގުތު ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަލާކް ބޭނުންވަނީ އޭނަގެ އިޙްސާސްތަކާއި ކުޅެންތޯ ހިތަށްއެރި ވަގުތު އުދަގޫވެގެން އުޅޭފަދަ އަސަރެއް އޭނަގެ މޫނުމައްޗަށް ވެރިވީވީހެން އިސްޖަހާލެވުނެވެ. އެހެންކަމަށްވާނަމަ އެގޮތްވެސް ހެވެއެވެ. މަލާކާއި ވަކިވުމުގެ ކުރިން ކުޑަ ދުވަސްކޮޅަކަށް ވިޔަސް އޭނަ މަލާކާއެކީ ހުންނަ ބިލާހެއްގެ ތެރޭގައި އުޅެލަން އޭނަވެސް ބޭނުންވެއެވެ. ހިތަށްވެރިވި އެ ޚިޔާލާއެކީ އަޔާޒް ލަސް ހިނގުމެއްގައި ގޮސް މިއަދު ހެނދުނު ހެދި ގޮތަށް މަލާކްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ. އެއަށްފަހު ލަސްލަހުން މަލާކްގެ ބޯމަތީގައި އޮތް ތުވާލީގައި އަތް އަޅައި އޭނަގެ އަތް ހިންގަން ފެށިއެވެ. އަނެއްކާވެސް ނުހަނު ގާތުން އަޔާޒްގެ މޫނު ފެނިގެން ދިޔުމުން މަލާކްގެ ހިތުގެ ތެޅުން އަވަސްވާ ގޮތްވިއެވެ. މިއަދު ހެނދުނު އަޔާޒް ބުނި ބަސްތައް ހާސްވަނަ ފަހަރަށް ހަނދާންވެގެން ދިޔަ ހިނދު އަޔާޒްގެ ލޮލަށް ނަޒަރު ހުއްޓާލެވުނެވެ. އެހެނަސް ހެނދުނާއި ޚިލާފަށް އެ ލޯ އޭނައަށް އަމާޒުވެފައެއް ނުވެއެވެ. އަދި އެ ލޯމަތިން އެވަގުތު ފެންނަމުން ދިޔައީ މިއަދު އަޔާޒް ސިފަކުރި ލޯތްބަށްވުރެ ބޮޑަށް ވަރުބަލިކަމެވެ. އޭނައާއިހެދި އަޔާޒް މުޅި ދުވަސް ތެރޭގައި ތަޙައްމަލުކޮށްފައިވި ވޭންތައް ހިތަށް ގެނެވުމުން މިހާއިރު ވީއިރު ޙަޤީޤަތް ކިޔައިނުދެވުނު ކަމަށްޓަކައި އެވަގުތު އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އިސާހިތަކު އައިޕޮޑް ނަގައި އެ ރިކޯޑިންގް ޕްލޭ ކުރަން ބޭނުންވިއެއްކަމަކު އެ ވަގުތުކޮޅުގެ ޒާތުން އެހެން ޚިޔާލެއް މަލާކްގެ ސިކުނޑިއަށް ވެރިވިއެވެ. މިއަދު ހެނދުނު އަޔާޒް އޭނަގެ މޫނުގައި ހިފަހައްޓައިގެން ހުރި ގޮތުން އެ ވަގުތުކޮޅު ކުރިއަށް ދިޔަނަމަ ވާނެގޮތް ހިތަށް ގެނެވުނެވެ. އެ ޚިޔާލުތައް ލޮލަށް ސިފަވުމުން ވެސް ޖެހިލުންވިއެއްކަމަކު އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު އަޔާޒް އުފާކޮށްދޭން ބޭނުންވިކަމެވެ. އެހެންކަމުން ޖެހިލުންވުމެއްގައި ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން އިނދެފައި މަލާކް ކުއްލި ގޮތަކަށް ކުރިއަށް ޖެހިލަމުން އަޔާޒްގެ ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތް އަޔާޒް ހުއްޓުން އަރައި މަލާކަށް ބަލާލިހިނދު ކުރެވުނު ކަމާމެދު ނުތަނަވަސްވެ މޫނު ރަތްވެފައި އިން މަލާކްގެ ނަޒަރުވެސް ހުއްޓިފައިވީ އޭނައަށެވެ. ކަންވީގޮތް ނަގައިގަންނަންވެސް އަޔާޒަށް ހިނދުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއެކު މަލާކް އެގޮތަށް ހަދަންވީ ކީއްވެތޯ ހިތަށްއެރިއެވެ. ފަޅި ސިކުންތަކަށް އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެއްކަމަކު މާގިނައިރެއްނުވެ ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން އެ ހިތް ފޫއަޅުވާފައި އެ އުފާވެރިކަން ގެއްލިދާން ފެށިއެވެ. މަލާކް މިހެން މި ހަދަނީ އޭނައަށްވާ ޙަމްދަރުދީއެއްގެ ސަބަބުންތޯ ހިތަށްއެރި ހިނދު އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އޭނަ މަލާކްދެކެ ލޯބިވާތީ ވަކި މަލާކް ލޯބިނުވާ ޙާލު އޭނައާއި ކައިރިވާން މަޖުބޫރެއް ނޫންކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެފަދަ ބަސްތައް ދުލާއި ހަމައަށް ގެންނަން ނުކުޅެދުމުން އަޔާޒް އެހެން ހުރެހުރެފައި ކޮޅަށް ތެދުވެލިއެވެ. އަޔާޒަށް ވީ ގޮތުން އަޔާޒަށް ނެގުނީ އޭނަގެ އެ ޙަރަކާތުގެ ވެސް ނުބައި މާނައެއްކަން މަލާކަށް އެނގުންވީ ހިނދު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުން މަލާކް އޭނަގެ ނަމުން ގޮވާލިއެވެ. އާދައިގެ މަތިން މަލާކް ގޮވާލުމާއެކު އަޔާޒަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

 

“އަންހެންކުއްޖަކު ޖެހިލުންވާއިރުވެސް ފިރިހެނަކާއި އެގޮތަށް ކައިރިވާނީ ކީއްވެކަން އަޔާޒަށް އެނގޭތަ؟” މަލާކް ސުވާލުކުރިއެވެ. މަލާކް ސުވާލުކުރި ގޮތުން އަޔާޒްގެ ސިކުނޑި ޚުދު އޭނަ ކުރި ސުވާލެއްގެ މަތިން ހަނދާންކޮށްދިނެވެ. އެއާއެކު އޭނަގެ ހުރިހާ ސަމާލުކަމެއް އެ ބަސްތަކަށް ދެވުނު ހިނދު އޭނަގެ ހުރިހާ ޙިއްސެއް ހޭލިއެވެ.

 

“ލޯބިވާތީ….ލޯބިވެރިޔާ އުފާކޮށްދޭން ބޭނުންވާތީ. ދެރަވެފަ ހުންނަތަން ދެކެން ބޭނުންނުވާތީ. ހިތްހަމަޖައްސައިދޭން ހިތް އެދޭތީ.” މަލާކް ލަސްލަހުން އަޔާޒް އޭނަގާތު ބުނި ބަސްތައް ހަނދާންކުރަމުން އޭނަގެ އިޙްސާސްތައް ހަމަ އެފަދަ ގޮތަކަށް ފާޅުކުރިއެވެ. މަލާކް ބުނެލި ބަސްތަކާއެކީ އަޔާޒްގެ ލޮލުން ދިލަނަގަން ފެށިހެން އޭނައަށް ހީވިއެވެ. އޭނަ ދެންމެ އިވުނު ބަސްތައް ޤަބޫލުކުރަންވެސް ނޭނގިފައި ހުރިގޮތަށް ހުއްޓާ އޭނައަށް އަނެއްކާވެސް މަލާކްގެ އަޑުއިވުނެވެ. އަޑު އައި ގޮތުން އެއީ ރިކޯޑިންއެއްކަން އޭނައަށް އެނގުންވިއެވެ.

 

“އާނދޯ؟ އެހެންވިއްޔާ މަލާކްވެސް ވަރިވެގެން ރަށަށް ގޮއްސިއްޔާ އިންނާނެ މީހަކު ހުންނާނެތާ!”

 

އިވިގެންދިޔަ ބަސްތަކުން އެއީ އޭނައަށް އިއްޔެ އިވުނު މަލާކްގެ އަޑުކަން އަޔާޒަށް އެނގުންވީވީހެން އޭނަގެ ހިތް ދެރަވިއެވެ. އެހެނަސް އެ ވާހަކަ ކުރިއަށް އިވެން ފެށުމުން އަޔާޒަށް އަޑުއެހުނެވެ.

 

“އާނއެކޭ….ހިޝާމް ލޯބިވާނެ މަލާކް ދެކެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް. އެއީ މަލާކްގެ ހިޝާމްއެއްނު؟ ހެހެހެ…..”

 

“ހެހެ….އެކަމަކު ޓޫ ބޭޑް. މަލާކް ލޯތްބެއްނުވޭ ހިޝާމްދެކެ….”

 

“އެބުނީ އެއްކަލަ ވާހަކަ! ދެން ކާކުދެކެ ލޯބިވަނީ؟ ތި އިނދެގެން އުޅޭ އަޔާޒްއަކާ؟ ބަލާތި ދުވަސްކޮޅަކުން މަ ދޫކުރި މީހާހެން ތީނަ ވެސް އެހެން އަންހެނަކާއެކީ ނިކުންނަތަން ފެންނާނީ. އަހަރުންނަށް ޔަޤީނޭ މަލާކް ކިތަންމެ ފޮރުވަން އުޅުނަސް އޭނަ ލޯބިވެރިއެއް ގެންގުޅޭނެކަން. ރަޝިޔާގަ ހުއްޓާ އަހަރެން ގުޅިއިރު އެތައް ރެއަކު އޭނަ ގޭގަ ވެސް ނެތެއްނު؟ ފައިސާވެރި މަލޭ ފިރިހެނުންގެ ވައްތަރު އެއީ.”

 

“އޭނަ ލޯބިވެރިއެއް ނުގެންގުޅެއޭ ރައު. އޭނަ ވަރަށް ރަނގަޅު. ވަކިން ޚާއްޞަކޮށް އަދި މިހާރު. މަލާކަށް ވަރަށް ކަންތައް ކޮށްދޭނެ. ބަލިވީމަ ފަރުވާދޭން ކައިރީގަ ހުންނާނެ. މަލާކް ޞިއްޙަތަށް ގެއްލުންހުރި ގޮތަކަށް އުޅެންޏާ ސަމާސާއަކަށް ހަދާފަވެސް އެކަމުން ދުރުކުރާނެ. މަލާކަށް ކިޔަވަންވެސް ފުރުޞަތު ހޯދަދީ ވަޒީފާއަށް ދެވި ވަޒީފާގެ މާޙައުލަށް ހޭނެން ވެސް ދަސްކޮށްދިނީ ހަމަ އޭނަ. ބަދަލުގަ އަސްލު މަލާކްވެސް ބޭނުންވޭ އޭނައަށްޓަކައި ކަންތައްކޮށްދޭން…”

 

“މަލާކް ކޮޔާ މަ ބުނާނެ ވާހަކައެއްނެތް. ތިހެން އުޅެމުން ގޮސް އޭނަދެކެ ލޯބިނުވާތި! ކޮންމެވެސް އެއް ބޭނުމަކު އޭނަ މަލާކް ކަހަލަ ކުއްޖަކާ އިންނާނީ. ބޭނުން ފުދުނީމަ އޭނަ މޫނަށްވެސް ބަލާނުލާ މަލާކް ތި ގެއިން ނެރޭނީ.”

 

“ހެހެ……މަލާކް މިހިރީ އެހެންނޫނަސް އޭނައާއި ވަކިވާން އެދެންވެގެން. އަޔާޒް ކަހަލަ ރަނގަޅު ފިރިއަކަށް ޙައްޤުވަނީ ހަމަ އޭނަ ފަދައިން ދެފައި މައްޗަށް ކޮޅަށް ތެދުވެވޭ ޤާބިލު އަންބަކު. އެފަދަ ދިރިއުޅުމެއް އަޔާޒަށް ހޯދަދޭން މަލާކް މިހިރީ ތައްޔާރަށް. އެކަމަށްޓަކައި މަލާކްގެ އުފާވެރިކަން ޤުރުބާންކުރަން ޖެހުނަސް..”

 

“ކީކޭ މަ ބުނާނީ ދެން؟ މަށަށް ހީވަނީ ސިހުރެއް ޖެހިފަހެން ތިހުރީ މަލާކް.”

 

“ހެހެ….ވެދާނެދޯ ތިހެންވެސް؟ ދެން ބޭއްވީއޭ. ބައިވަރު މަސައްކަތްތައް އެބަހުރި.”

 

މަލާކް އެހެން ބުނެލި އަޑަށްފަހު ރައުފާ އޯކޭއޭ ބުނެލުމާއެކު އެ ރިކޯޑިންގްއަށް ނިމުމެއްއައެވެ. އެއާއެކު މަލާކް އައިޕޮޑަށް ބަލައިގެން ހުރެފައި އޭނަގެ ކުރިމަތީގައި ހުރިގޮތަށް ހުރި އަޔާޒަށް ބަލާލެވުނެވެ. ސިކުންތުކޮޅެއް ހިމޭންކަމަށްފަހު އަޔާޒް އޭނައާއިވީ ފަރާތަށް މުޅިންހެން ފަސްއެނބުރި އޭނައަށް ބަލާލިއެވެ.

 

“ކާކު ބުނީ މަލާކް ތިއީ އަހަންނަށް ޙައްޤުވާ ކަހަލަ އަންބެއްނޫނޭ؟” އަޔާޒް އެވަގުތު ބުނަން އެތައް ވާހަކައަކާއި ކުރަންހުރި އެތައް ސުވާލެއްވިއެއްކަމަކު އެހެން ބުނެލެވުނީ އޭނަގެ ހިތަށް އެންމެ އަސަރުކުރި ތަންކޮޅަކީ އެއީ ކަމަށްވާތީވެއެވެ. އަޔާޒް ބުނެލި ވާހަކައިން މަލާކަށް ހީލެވުނެވެ.

 

“ޙައްޤުވާ ކަހަލަ އަންބެއްވިއްޔާ ދެން އެ މާ ބޮނޑި ދޭންވީއެއްނު؟” މަލާކް ހިނިތުންވުމަކާއެކީ އެހެން ބުނެލި ހިނދު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހިނދު އަޔާޒްގެ ހިތަށްވެސް ވެރިވި އުފާވެރިކަމާއެކީ އޭނައަށް ހީލެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ހިލުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މަޑުކުރުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ގޮސް މަލާކްގެ ކުރިމައްޗަށް ތިރިވެ މަލާކްގެ ގައިގައި ބާރަށް ބައްދާލިއެވެ. ބަދަލުގައި މަލާކްވެސް އަޔާޒްގެ ގައިގައި ބައްދާލި ވަގުތު މަލާކަށް ބާރަށް ހިފޭ އަތާއި ދިމާލުން އަޔާޒްގެ ގަމީހުގައި ރޫތައް ނެގިގެން ދިޔައެވެ.

 

އެރޭ މަލާކާއި އަޔާޒާއި ދެމެދު ވީހާ ފަރުދާއެއް ނެގި އެމީހުންގެ ޙަޔާތުގައި އާ ބާބެއް ފެށިގެން ދިޔައެވެ. އެދުވަހު ދެމީހުން އެކަކު އަނެކެއްގެ ކައިރީގައި ބުނި ލޯބީގެ ބަސްތައް ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނީ އެރޭގެ ތެރެއިންނެވެ. އަޔާޒްގެ ކޮންމެ ޙަރަކާތަކުން މަލާކަށް އިޙްސާސް ކުރެވުނީ ލޯތްބާއި އޯގާތެރިކަމެވެ. މަލާކްގެ ކޮންމެ އިސްނެގުމަކުން އަޔާޒަށް އިޙްސާސް ކުރެވުނީ މަލާކް އޭނަ އުފާކޮށްދޭން ބޭނުންވި މިންވަރެވެ. އެ ކުރެވުނު އިޙްސާސްތަކާއެކީ ދެމީހުންނަށް ވެސް އެއްކަމެއް ޔަޤީންވިއެވެ. ދެމީހުން އެކަކު އަނެކަކާއި ވަކިވާން ބޭނުންނުވާކަމެވެ.

 

އޭގެ އަނެއްދުވަހު ދެމީހުންނަށްވެސް ހޭލެވުނީ ފަތިސް ނަމާދު ވަގުތަށް މަލާކްގެ ފޯނު އެލާމްވާން ފެށުމުންނެވެ. ނިދި ބަރުވެފައި ލޯތައް ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް ނިދިފިލައި ދިޔައީ މަލާކް އޭނަ ކައިރީގައި އަޔާޒް އޮތްތަން ފެނިފައި ސިއްސައިގެން ދިޔުމުންނެވެ. އެއާއެކު ދެމީހުންނަށް އެކުއެކީގައި ހެވެން ފެށިއެވެ.

 

އާދައިގެ މަތިން އެދުވަހުވެސް އަޔާޒް ފަތިސް ނަމާދަށް މިސްކިތަށް ދިޔައިރު މަލާކް ގޭގައި ނަމާދު ކުރިއެވެ. ނަމާދަށްފަހު ޤުރުއާން ކިޔަވައި ޒިކުރުވެސް ކިޔުމަށްފަހު އެހެން ދުވަސްދުވަހެކޭ ވެސް އެއްފަދައިން މަލާކް އެނދުގައި އިށީނީ އޭނަގެ ފައިގެ ކަސްރަތުތައް ހެދުމަށެވެ. އެ ޙަރަކާތްތައް ގެންނަމުން ދިޔައިރުވެސް މަލާކަށް ހެވިފައި އިނދެވުނީ އަޔާޒާއި އޭނަގެ ހަނދާންތައް ތަކުރާރުކޮށް ހަނދާންވަމުން ދިޔައީތީވެއެވެ. އަޔާޒަށް ވެސް މިސްކިތުން ގެއަށް އައި މަގުމަތީގައި ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައީ ހިތަށްވެރިވެފައިވި އުފާވެރިކަމެއްގެ ސަބަބުންނެވެ. އޭނަ ގެއަށް އައިސް ކޮޓަރިއަށް ވަން ވަގުތު އެނދުގައި އިން މަލާކް އޭނައަށް ފެނުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އޭނަ ކަސްރަތު ކުރާކަން މަލާކް އަޔާޒަށް އިތުރަށް ފޮރުވަން ބޭނުމެއްނުވުމުން މަލާކް އެ އިންގޮތަށް އިނދެ އޭނަގެ އެއްފައި ހިއްލައި ކަކޫ ސީދަލަށް ބެހެއްޓޭތޯ ބެލިއެވެ. މަލާކަށް އެންމެ ގިނަވެގެން ވެސް އެހެން ހުރެވެނީ 10 ވަރަކަށް ސިކުންތަށެވެ. އެއަށްފަހު މަލާކް ވަރުބަލިވެގެން ފަދަ ގޮތަކަށް ފައި ތިރިކޮށްލެވުނު މަންޒަރު ފެނިފައި އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ހާދަ ކުޑައިރުކޮޅަކަށް ތި ހުންނަނީ. ތިހާވަރުން ކުރާނެ ފައިދާއެއް ނުހުންނާނެ.” އަޔާޒް އެހެން ބުނެލަމުން ގޮސް މަލާކްގެ ކުރިމައްޗަށްވާ ގޮތަށް ބިންމަތީގައި އިށީނދެ މަލާކް ދެންމެ ހިއްލި ފައިގެ ތަނބިކަށީގައި ހިފައި އޭނަގެ ކޮނޑުމަތީގައި ފައި ބޭއްވިއެވެ. ފައި ދެންމެ ހުރިގޮތަށް ސީދާވެގެން ދިޔުމުން ކަކުލަށްވީ ކުޑަ ތަދާއެކީ މަލާކަށް ވާހަކަ ދެކެވުނެވެ.

 

“އައުޗް! ތަދުވެއޭ އަޔާޒް…” އޭނަ އެހެން ބުނިއިރު ތަދު ފިލައިދިޔައެއްކަމަކު އަޔާޒާއި ސަމާސާވެރި ޖަދަލެއްކުރަން ބޭނުންވުމުން އޭނަ ބުނެލިއެވެ.

 

“ހުމް….އެނގެއޭ. ތަދުކުރަންވެގެންނެއްނު މިއުޅެނީ؟” މަލާކަށް ތަދުވާނެ ވަރު ރަނގަޅަށް އެނގިހުރެ އެ ފައި މަސާޖުކުރަމުން އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް ލުއިގޮތަކަށް ހީލެވުނެވެ.

 

“އަސްލު އެނގޭތަ އަޔާޒް؟ މިއީ ކުރީ ދުވަހަކު މަލާކަށް ޔޫޓިއުބުން ފެނުނު އެކްސަސައިޒްތަކެއް މި ހަދަނީ. އެއީ ހަމަ ނުހިނގޭ ކުއްޖަކު ހަދާ ކަސްރަތުތައް. އޭގެއިން ބުނޭ އެ ކަސްރަތުތައް ހެދީމަ އެކުއްޖާއަށް ހިނގިވެސް ދާނެއޭ. އެހެންވެ މަލާކް މިއެއްޗެހި މި ހަދަނީ. ހީވޭ ކުޑަކޮށް ކުރިއެރުންތައް ލިބޭހެން ވެސް. މިހާރު އެނދަށް އަރަން ތެދުވާއިރުވެސް އެހާ ބޮޑަށް ބިރެއްނުގަނޭ. ގޮނޑިން ތެދުވެފަ ރަނގަޅަށް އެނދުގަ އިށީނދޭނެކަމުގެ ޔަޤީންކަމެއް އޮވޭ. ދެން މި މޫވްމެންޓްސްތައް ގެންނައިރު ވެސް މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު. މިހާރު އެކި ގޮތްގޮތަށް ފައި މޫވްކުރާއިރުވެސް ވަރަށް ކުޑަކޮށް ތަދުވަނީ. މީތި ހަދާއިރުވެސް ތަދުނުވެ ހަމައެކަނި ވަރުބަލިވަނީ…” މަލާކް ތަފްޞީލުކޮށް ކިޔައިދިނެވެ.

 

“އަސްލުވެސްތަ؟” އަޔާޒް ނޭނގޭކަމަށް ހަދަމުން ބުނެލިއެވެ.

 

“ހުމް….އެކަމަކު މަލާކްގެ ހުރި ބައްޔެއްނޫން ޔޫޓިއުބްގަ އެ ހުންނަ ކުއްޖާގެ އެ ހުންނަނީ. ސެރެބްރަލް ޕަލްސީއެއްނޫން މަލާކްގެ ބައްޔަކީ.” މަލާކް ބުންޏެވެ.

 

“އެހެންތަ؟ އެހެންވިއްޔާ ދެން ކޮން ބައްޔެއްތަ މަލާކްގެ ތިހުރީ؟” އަޔާޒް އެހެން އަހާލީ ހިސާބެއް ޙައިރާންކަމަކާއި އެކީގައެވެ. މަލާކް އެފަދަ ވާހަކައެއް ބުނަންވީ ސަބަބެއް ނުވިސްނުމުންނެވެ.

 

“ނޭނގެ މަލާކަށް އެ ބަލީގެ ނަން ކިޔާކަށް. އެ ނަން އޮތް މަލާކްގެ އެމްއާރްއައި ރިޕޯޓުގަ….ވަރަށް ނުރައްކާތެރި ބައްޔެއް އަސްލު މަލާކްގެ ހުރީ. ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. ދުވަސްވާރަކަށް އެ ގެއްލުން ބޮޑުވަމުން ދާނެއޯ ރިޕޯޓުގަ އޮތީ…” މަލާކް ބުނެލި ވާހަކައިން އޭނަގެ ފައިގައި ހިފަމުން ދިޔަ އަޔާޒްގެ އަތުގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. މަލާކް ބުނެލި ވާހަކައިން އޭނަގެ ހަނދާންތައް މީގެ 4 ވަރަކަށް މަސް ކުރިއަށް ދަތުރުކުރިއެވެ. އިންޑިޔާގެ ހޮސްޕިޓަލުގައި އިނދެގެން އޭނަ ލިޔުނު އެމްއާރްއައި ރިޕޯޓެވެ. އެ ރިޕޯޓު ހިފައިގެން ޑޮކްޓަރަށް ދައްކަން އައި މެދު ޢުމުރުގެ ފިރިހެން މީހާއެވެ. ދެންމެ މަލާކް ބުނި ފަދަ ގޮތަކަށް ރިޕޯޓު ބަދަލުކުރަން އެ ފިރިހެން މީހާ އޭނަގާތު އެދުނު ގޮތެވެ. ވިސްނުމެއްގައި އިނދެފައި އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.

 

“ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ ހަމަ އެ ފާރޫޤުގެ ވާހަކަ ދެއްކިހެން ހީވި ހީވުމާއި އެކީގައެވެ.

 

ނުނިމޭ

The post Vaudhu (Part 39) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-39/feed/ 0 1617
Vaudhu (Part 38) https://blog.storiesbyjana.com/vaudhu-part-38/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-38 https://blog.storiesbyjana.com/vaudhu-part-38/#respond Mon, 03 May 2021 06:03:49 +0000 https://blog.storiesbyjana.com/vaudhu-part-37-copy/

“ކީކޭ؟ ރައުފާ ވަރިވީއޭ؟” މަލާކަށް އެހެން ބުނެލެވުނީ އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ކިޔަވާ މޭޒުދޮށަށް ދިޔަ މަގުމަތީގައި ކަންފަތުގައި ފޯނު ޖައްސައިގެން އިނދެއެވެ.   “އާނއެކޭ މަލާކް….ވަރަށް ސަކަރާތްވެފަ ރައުފާ ހުރީ. ރަނގަޅަށް ނުވެސް ކާ. ކުރީ ދުވަހު ވަރަށް ބަލިވެގެން ހޮސްޕިޓަލުގަވެސް ބާއްވަން ޖެހުނު. އަހަރެން ވާހަކަ ދައްކަން އުޅެއުޅެ ރަނގަޅެއްނުވޭ. މިހާރު މިވަނީ އެއް ހަފްތާ. އަޅެ މަލާކް ރައުފާއަށް ގުޅާފަ ވާހަކަ ދައްކާލަބަލަ. މަލާކް ވަރަށް މޮޅެއްނު މީހުން ހައްދަން؟ ޓްރައިއެއް ކޮށްލަބަލަ!” […]

The post Vaudhu (Part 38) appeared first on Stories by Jana.

]]>

“ކީކޭ؟ ރައުފާ ވަރިވީއޭ؟” މަލާކަށް އެހެން ބުނެލެވުނީ އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ކިޔަވާ މޭޒުދޮށަށް ދިޔަ މަގުމަތީގައި ކަންފަތުގައި ފޯނު ޖައްސައިގެން އިނދެއެވެ.

 

“އާނއެކޭ މަލާކް….ވަރަށް ސަކަރާތްވެފަ ރައުފާ ހުރީ. ރަނގަޅަށް ނުވެސް ކާ. ކުރީ ދުވަހު ވަރަށް ބަލިވެގެން ހޮސްޕިޓަލުގަވެސް ބާއްވަން ޖެހުނު. އަހަރެން ވާހަކަ ދައްކަން އުޅެއުޅެ ރަނގަޅެއްނުވޭ. މިހާރު މިވަނީ އެއް ހަފްތާ. އަޅެ މަލާކް ރައުފާއަށް ގުޅާފަ ވާހަކަ ދައްކާލަބަލަ. މަލާކް ވަރަށް މޮޅެއްނު މީހުން ހައްދަން؟ ޓްރައިއެއް ކޮށްލަބަލަ!” ފޯނުގެ އަނެއްކޮޅުން އޭނަގެ އެކުވެރިއަކު އެދުނު އަޑު މަލާކަށް އިވުނެވެ.

 

“އާނ އޯކޭ….ބަލާލާނަން އިން ޝާ ﷲ!” މަލާކް އޭނަގެ އެކުވެރިޔާއާއިމެދު ހިސާބަކަށް ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. އެއާއެކު ފޯނުގެ އަނެއްކޮޅުގައި ހުރި އެކުވެރިޔާ އޯކޭއޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. މަލާކް އިތުރަށް ލަސްކުރުމެއްވެސް ނެތި އޭނަގެ ކިޔަވާ މޭޒު ކައިރީގައި މަޑުކުރަމުން އޭނަގެ އެކުވެރިޔާ ރައުފާއަށް ގުޅަން ފެށިއެވެ. އެހެނަސް އެތައް ރިންގަކަށްފަހު ވެސް ރައުފާ ފޯނު ނުނެގުމުން މަލާކް އިތުރަށް ގުޅަން އުޅުމެއް ނެތި މެސެޖެއް ފޮނުވާލިއެވެ. ވަގުތެއްވުމުން މަލާކަށް ގުޅާލުމަށް އެދިއެވެ. އެއަށްފަހު މަލާކަށް އޭނަގެ ފޯނު ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ވެސް އޭނަގެ އެ އެކުވެރިޔާއާއިމެދު ވިސްނުނެވެ. ދުވަސްކޮޅަކުން އޭނައަށް ވެސް ޖެހެން އޮތީ އެ ޙާލުތާއޭ ހިތަށްއެރިއެވެ. އޭނައާއި އަޔާޒް ވަކިވުމަށް ދެން ބާކީ އޮތީ އެންމެ 2 ހަފްތާއެވެ. އެކަމާމެދު އަޔާޒް ދެކެނީ ކިހިނެއްކަން ޔަޤީން ނުވިއެއްކަމަކު އޭނައަށް އެނގޭހާވެސް ކަމަކީ އެދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އޭނަގެ ހިތް ގެނބެމުން ދިޔަކަމެވެ. ކައިވެންޏެއް ވަކި މުއްދަތަކަށް ދެމިއޮތުމަށް ޝަރުޠުކޮށްފައިވުމަކީ ރަނގަޅުކަމެއް ނޫންކަން ދެމީހުންނަށް އެނގުނު ދުވަހު އޭނައަށް އަޔާޒްގެ މޫނުމަތިން ފެނުނީ ދޭހަކުރަން އުދަގޫ އަސަރުތަކެވެ. އެއީ ރަނގަޅުކަމެއްނޫންދޯއޭ ބުނެ ޖެހިލުންވުމަކާއެކީ ހީލަމުން އޭނަ ދުރުބެލިއެވެ. މަލާކަށް ނޭނގުނުކަމަކީ އަޔާޒް އޭރުވެސް އެމީހުންގެ ގުޅުން އެގޮތުގައި ދަމަހައްޓަން ނިންމާފައިވިކަމެވެ. އެ އެއްބަސްވުމަކީ ދެމީހުންނަށްވެސް އެއީ ރަނގަޅުކަމެއްކަން ނޭނގި ކުރެވުނު ކަމަކަށްވާތީ ކައިވެނި ޞައްޙަކުރަން ކުރެވެން އޮތްހާވެސް ކަމަކީ ކައިވެންޏާއިގެން ކުރިއަށް ދިޔުން ކަމަށްވާތީވެއެވެ. އަދި އެވަގުތު އެމޫނުމަތިން ފެނުނު އަސަރުގެ ފަހަތުގައިވީ އޭނަގެ ހިތުގެ އިޙްސާސްތައް މަލާކަށް ކިޔައިދޭން ވީ ޖެހިލުންވުންކަމެވެ. އެހެނަސް މަލާކަށް ހީކުރެވުނީ އޭނައާއި ވަކިވުން ރަނގަޅެއް ނޫންކަން އެނގުންވުމުން އަޔާޒަށް އުދަގޫވީ ކަމަށެވެ. އެކަމާމެދު ވީ ހިތްދަތިކަމުގައި ކަން ކޮންމެ ގޮތަކަށް އޮތަސް އަޔާޒް ވަކިވާން އެދިފަ އޮތް ދުވަހު އޭނަ އަމިއްލައަށް ވަކިވާން އެދެން މަލާކް ނިންމާފައިވެއެވެ. އޭނަފަދަ މީހަކާއެކީ އަމިއްލަ ނުރުހުމުގައި އަޔާޒް އުޅެން މަލާކް ބޭނުމެއް ނުވުމުންނެވެ.

 

ޚިޔާލުތަކެއްގެ ތެރޭގައި އިނދެފައި އޭނަ ހިތާމައިގެ ކަނޑަކަށް ގެނބެން އުޅުނުހެން ހީވުމާއެކު މަލާކް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން އޭނަގެ ލެޕްޓޮޕް ހުޅުވާލިއެވެ. މޭގައި ރިހުމެއް ނުއުފެދެނީސް އޭނަ ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދީ އެ ޚިޔާލުތަކުން ދުރުވުމަށެވެ. ކިޔެވުމުގެ ކޮންމެވެސް މަސައްކަތަކަށް އޭނަ ގެއްލުނުތާ ގަޑިއިރެއްހާއިރު ފަހުން ކޮޓަރީގެ ތަޅު މަޑުމަޑުން އެނބުރެން ފެށި އަޑަށް އޭނައަށް އެދިމާލަށް ބަލާލެވުނެވެ. އަޔާޒް އައިކަން އެނގުންވިތަނާހެން އެ ދޮރު ހުޅުވި އޭނައަށް އެ ދޮރުމަތިން އަޔާޒް ފެނިގެން ދިޔައެވެ. މި ފަހުގެ އާދައިގެ މަތިން އަޔާޒް ފެނުމާއެކު އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޙަޔާތުގައި ވެސް އޭނައަށް ފިރިހެނަކާއިމެދު މިފަދަ ގޮތަކަށް އިޙްސާސް ކުރެވިފައެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. މުޅި ޢުމުރު ދުވަހުވެސް އޭނައަށް ފެނުނު ހުރިހާ ހިލޭ ފިރިހެނުންގެ ތެރެއިން އަމިއްލަ ބޭނުމެއްނެތި އޭނައާއި އަޅާލާ ކަމުގެ އިޙްސާސެއް އޭނައަށް ކުރެވުނީ ހަމައެކަނި އަޔާޒްގެ ފަރާތުންނެވެ. އަޔާޒް އޭނައާއިއެކީ ހޭދަކުރާ ކޮންމެ ވަގުތެއްގައި ވެސް އޭނަގެ ހިތް އުފާވެރިކަމުން ފުރިގެންދެއެވެ. އަދި އަޔާޒް ނުހުންނަ ވަގުތުތަކުގައި ފުން އެކަނިވެރިކަމެއް އިޙްސާސް ކުރެވެއެވެ. އެވަގުތުވެސް އަޔާޒް ފެނުމާއެކު ހިނިތުންވެލެވުނީ އެ ނޭދެވޭ އިޙްސާސުން ދުރުވެވި އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔުމުންނެވެ. ބަދަލުގައި އާދައިގެ މަތިން އަޔާޒްވެސް ދޮރު ލައްޕަމުން ހިނިތުންވެލުމުން އޭނަގެ ހިތް ފުރިގެން ދިޔައެވެ. މަލާކް އެ ސޫރައަށް ބަލަހައްޓައިގެން އިންނަން ބޭނުންވިއެއްކަމަކު ދުރު ބަލާލީ ގަދަކަމުންނެވެ. އޭނަގެ ތަޤްދީރުގައި ނެތްކަމަކަށް އޭނަގެ ހިތް އާދަ ނުކުރުމުގެ ނިޔަތުގައެވެ. އެހެނަސް އަޔާޒް ކޮޓަރިއަށް ވަދެގެން އައި ވަގުތު ލޮލުގެ ކޮޅުން އޭނައަށް އެދިމާލަށް ބެލެމުން ދިޔައީ އަޔާޒް ހިފައިގެން އައި ކަޅުކުލައިގެ ބޮޑު ކަރުދާސް ކޮތަޅު ފެނުމުންނެވެ. އަޔާޒް އޭނައާއި ދާދި ކައިރިން އޭނަ ފަހަނަޅައި ދިޔަ ވަގުތު ކޮތަޅުގެ ތެރެއިން އޭނައަށް ރަތްކުލައިގެ މާތަކެއް ފެނިގެން ދިޔަހެން އޭނައަށް ހީވިއެވެ. އެއާއެކު އޭނަ ހިސާބަކަށް ހުއްޓުން އެރިއެވެ. އޭނައަށް ހީވީ ހަމަ ރަނގަޅަށްތޯ ހިތަށްއެރިއެވެ. އަޔާޒް ރަތްކުލައިގެ މާތައް ގެއަށް ގެންނަންވީ ކީއްވެ ހެއްޔެވެ؟ އެއީ އޭނައަށް ދޭން ގެނައި އެއްޗެއްތޯ ހިތަށްއެރި ވަގުތު އޭނަގެ ހިތް އުފަލުން ނަށައިގަތެވެ. އެކަން އެހެންވުން ނުހަނު ގާތްހެން ހީވީ މިހާތަނަށް އައިއިރު އަޔާޒް އޭނައާއިމެދު ބަހައްޓާފައިވި ގާތްކަން އޭނަގެ ސިކުނޑި ހަނދާން ކޮށްދިނުމުންނެވެ. އެހެނަސް އޭނައަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. އަޔާޒަށް އޭނަ ކަހަލަ ނުހިނގޭ، އަތުން ވެސް ރަނގަޅަށް މަސައްކަތް ނުކުރެވޭ އަދި އެތައް ގޮތަކުން ނާޤާބިލު ކުއްޖަކު ކަމުދާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން ނާއުއްމީދީ އިޙްސާސްތަކުން ހިތް ފުރިގެން ދިޔަ ވަގުތު އެ ހިތަށް ތަދުކުރުވަނިވި ޚިޔާލެއް ސިކުނޑިއަށް ވެރިވިއެވެ. އެއީ އަޔާޒް އެހެން އަންހެން ކުއްޖަކަށްދޭން ގެނައި އެއްޗެއްކަމެވެ. އޭނަ ތަންކޮޅެއް ކުރިން ޚިޔާލު ދިންހެން އަޔާޒް އޭނަގެ މަސައްކަތުގެ މާޙައުލުން އެހެން އަންހެން ކުއްޖަކު ހޯދީތާއޭ ހިތަށްއެރިއެވެ. އެހެނަސް ދީނާއިމެދު ވެސް އުނގެނެން ފަށާފައިވާ އަޔާޒް އޭނައަށް އެފަދަ ގޮތަކަށް ބޭވަފާތެރިވެދާނެކަމަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ.

 

މަލާކްގެ ހިތުތެރޭގައި ހައިޖާނެއް އުފެދެން ފެށިތަނާހެން އޭނަ އަނެއްކާވެސް އޭނަގެ މަސައްކަތަށް ސަމާލުކަން ދިނެވެ. އަދި ގަދަކަމުން ވިޔަސް އެހެންކަމަކާމެދު ވިސްނުމެއްނެތި މިނެޓްތަކެއް ވަންދެން އެ މަސައްކަތުގައި އިނެވެ. 10 ވަރަކަށް މިނެޓް ފަހުން އޭނަގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނުން ‘ރައުފާ’ ގެ ނަން ފެނިފައި އެ އެކުވެރިޔާގެ މަތިން ހަނދާން ކުރަމުން ކޯލު ރިސީވްކޮށް ސްޕީކަރަށްލީ ވާހަކަ ދައްކަމުން ވެސް އޭނަގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

 

“އައްސަލާމްޢަލައިކުމް ރައު….ދުވަސްކޮޅެއްވެއްޖެދޯ ނުގުޅޭތާ؟ ކިހިނެއްތަ؟” މަލާކް އޭނަގެ އާރޓިކަލް ލިޔަމުން ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ.

 

“ރަނގަޅެއްނޫން….ނިއު ބުނެގެންދޯ މަލާކް ތިގުޅީ؟ އެނގެއޭ އޭނައަށް ނުހުރެވޭނެކަން ނުބުނެ…” ރައުފާ ހިތާމަވެރި އަޑަކުން ބުނެލި އަޑުއިވުނެވެ.

 

“އާނ….ނިއު ކިޔައިދީފި ހުރިހާ ވާހަކައެއް. ތިހާ ބޮޑުކަމެއް ދިމާވީމަ އެއްވެސް މީހަކާ ޙިއްސާ ނުކޮށް އަމިއްލައަށް ދެރަވުމަށްވުރެ ވާހަކަ ދައްކާލުންދޯ ރަނގަޅީ؟ ގެޓް އޯވާރ އިޓް ރައު……ހީޒް ނޮޓް އިވެން ވޯތް އިޓް. ރައު އަމިއްލައަށްނު މަލާކް ކައިރި ކުރީ ދުވަހުވެސް ބުނީ އޭނަ ރައުއާ ވާހަކަ ދައްކާ ގޮތާއިމެދު؟ އެއީ ރަނގަޅު މީހެއްވެއްޖެއްޔާ ރޮއިރޮއިފަ އޭނަގެ ވާހަކަ ކިޔައިދޭކަށް ނުޖެހޭނެ.” މަލާކް ސާބިތު އަޑަކާއެކީ އެހެން ބުނެލީ ރައުފާ ދޫކުރި އެ ފިރިހެން މީހާއަށް ރުޅިވެފައި ހުރެއެވެ. އަންހެން ކުއްޖެއްގެ އިޙްސާސްތަކުގެ ނާޖާއިޒު ފައިދާ ހިފާ މީހުންނަށް އޭނަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

 

“އާނދޯ މަލާކް؟ އަސްލު އަހަރެން ޖެހެނީ ދެން ހަމަ ހަނދާން ނައްތާލަން. އެކަމަކު އެހާ ގިނަ ދުވަސްވަންދެން އެކީގަ އުޅުނު މީހެއްވީމަ އުދަގޫ ވަނީ އެކަންކުރަން.” ރައުފާ އެހެންވެސް ބުނެލީ ހިތާމަވެރި އަޑަކުންނެވެ.

 

“ތިހެން ނުވިސްނާ! އޭނަ ހަނދާން ނައްތާލާފަ ދިރިއުޅުމާއިގެން ކުރިއަށްދޭ. ޢިއްދަ ހަމަވާއިރަށް މަންމައާއި ބައްޕައާ ވާހަކަ ދައްކައިގެން ރަނގަޅު މީހަކު ހޯދާ. އޭނައަށްވުރެ މާ ސަޅި މީހަކު ހޯދައިގެން އިންނަން އުޅޭ.” މަލާކް ނުހަނު ޖޯޝާއެކީ ބުނެލިއެވެ.

 

“ހެހެ….ތިއީ އެހާ ފަސޭހަކަމެއްނަމައޭ ހިތަށްއަރާ.” ރައުފާ ބުނި އަޑުއިވުނެވެ.

 

“ﷲ ގެ ޙަޟްރަތުގަ އުއްމީދު ކަނޑާލުމެއްނެތި އެދުމުން އެއްވެސް ކަމަކީ ނުވާނެކަމެއް ނޫން. އެކަލާނގެ އަޅުންނަށް އެންމެ ރަނގަޅު ގޮތްތައް އެކަލާނގެ މެދުވެރި ކުރައްވާނެ ދުޢާކުރުން މަތީ ދެމިތިބީމަ. އިންނާނެ މީހަކު ނުލިބުނަސް އަމިއްލަ ނަފްސަށް ތި ލިބުނު ގެއްލުމުގެ ޝިފާ ހޯދަން އެ ލިބެނީ ވަގުތު. ގިނަގިނައިން ﷲ ހަނދުމަކޮށް އެކަލާނގެއަށް ދުޢާކުރޭ. ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ!” މަލާކް ނަޞޭޙަތްދިނެވެ.

 

“ހޫމް….ހަމަ ރަނގަޅަށް ތިބުނީ. ހެހެ….ތިހެން ބުނީމަ މި ހަނދާންވީ. އެއްކަލަ އަހަރުމެންނާއެކީ ގްރޭޑް 10 ގަ ކިޔެވިއެއްނު އެއްމާބަނޑު ދެމީހުން؟ ހަފީޒްއާ ހިޝާމް؟ އެދެމީހުންކުރެ ހިޝާމް އުޅެނީ މިހާރު ވަރަށް ދީންވެރިވެގެން. މަލާކް އިން ޝާ ﷲ އޭ ބުނީމަ މި ހަނދާންވީ. އެދެމީހުން އުޅުނީ އަހަރުމެން ދެމީހުންނާ ހެދިއެއްނު؟ އަދިވެސް ހިޝާމް ދައްކަޔޯ މަލާކްގެ ވާހަކަ. ދެން ނިއު ބުނަނީ ހަފީޒްވެސް އަދިވެސް ހަނދާން ހުންނާނެޔޯ މަ މަތިން. ރައުހެން މަލާކްވެސް ވަރިވެގެން މިކޮޅަށް އައިމަ ދެ ބެސްޓް ފްރެންޑުންނަށް އެއްގެއަކަށް ދެވޭނެ ނޫންހެއްޔޯ؟” ރައުފާ ހެވިފައިހުރެ ކުރި ސަމާސާއިން މަލާކަށް ވެސް ހެވެން ފެށީ އެމީހުން ސްކޫލް ދުވަސްވަރު ދެއްކި އެ މޮޔަ ވާހަކަތައް ހަނދާންވެފައެވެ. އެ ޚިޔާލުތަކަށް ގެއްލިފައިވުމުން ނުހަނު ލަސްލަހުން އޭނަގެ ފަހަތުން ކޮޓަރީގެ ދޮރެއްގެ ތަޅު އެނބުރުނު އަޑުވެސް އޭނައަށް ފާހަގައެއް ނުވިއެވެ.

 

“އާނދޯ؟ އެހެންވިއްޔާ މަލާކްވެސް ވަރިވެގެން ރަށަށް ގޮއްސިއްޔާ އިންނާނެ މީހަކު ހުންނާނެތާ!” މަލާކް އެ ސަމާސާގެ ތެރެއަށް ގެއްލިފައިހުރެ ބުނެލި ވާހަކަ އޭނަގެ ފަހަތުން ހުޅުވުނު ދޮރުމައްޗަށް އެރި އަޔާޒަށް އިވުމާއެކު އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ. އަތުން ހިފައިގެން ހުރި މާ ބޮނޑިއަށް ވެސް ދުލެއް ދެވުނީ ނުބައެއްގެ އިންޒާރު އޭނަގެ ސިކުނޑި ދިނުމުން ހިތަށްއައި ލޮޅުމާއި އެކީގައެވެ. މަލާކް ދެންމެ އެ ބުނެލި ވާހަކަ އޭނައަށް ދޭހަ ކުރެވެން ވެސް އިރުކޮޅެއް ނެގިއެވެ. އޭނަ އިތުރަށް އެވާހަކައާއިމެދު ވިސްނަން އުޅުނު ވަގުތު ފޯނުން އަޑުއައެވެ.

 

“އާނއެކޭ….ހިޝާމް ލޯބިވާނެ މަލާކް ދެކެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް. އެއީ މަލާކްގެ ހިޝާމްއެއްނު؟ ހެހެހެ…..” ރައުފާ ދެންވެސް އެމީހުން ސްކޫލް ދުވަސްވަރު ކުރި ސަމާސާތައް ތަކުރާރުކުރުމުން މަލާކަށް އިތުރަށް ހެވުނެވެ. އޭނަގެ އެ ހުނުމުގެ ސަބަބުން އޭނަގެ ފަހަތުގައި ހުރި މީހެއްގެ ހިތަށް ޒަޚަމްތަކެއް ލިބެމުން ދިޔަ ކަމެއް އޭނަ ނުދެނެ ހުރިއެވެ. މަލާކަށް ބަލަން ހުރި އަޔާޒް މޫނުމަތީގެ ކުލަވަރު މުޅިންހެން އޮއްސިގެން ދިޔަ ވަގުތު އޭނަގެ އަތުގައި އޮތް މާ ބޮނޑިވެސް ތިރިކޮށްލެވުނެވެ. މަލާކް އިތުރަށް ދައްކާނެ ވާހަކައެއް އަޑުއެހުމެއްވެސް ނެތި އަޔާޒް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި ވަގުތު އޭނައަށް ނޭނގުނު ކަމަކީ މަލާކްގެ ވާހަކައިގެ މުހިއްމު ބައެއް އޭނަ ދޫކޮށްލީކަމެވެ.

 

މާ ބޮނޑިއާއެކީ ކޮޓަރިއަށް ވަދެގެން ގޮސް އަޔާޒް އެނދުމަތީގައި އިށީނީ ވަރެއްނެތިގެން އުޅޭ ފަދައަކުންނެވެ. މާ ބޮނޑި އެނދުމަތީގައި ބޭއްވުމަށްފަހު ދެއަތުން މޫނު ފޮރުވާލި ހިނދު އޭނަގެ ހިތަށް ދުވަހަކުވެސް އުދަގޫ ނުވާވަރަށް އުދަގޫވެފައިވިއެވެ. އެ ހިތް މޭތެރޭގައި ޖެހި ފިތި ބާރުވަމުން ދިޔަކަހަލަ އިޙްސާސެއް ކުރެވުނީ މަލާކް ބުނި ބަސްތައް ސިކުނޑީގައި ގުގުމަން ފެށުމުންނެވެ. މަލާކް އަދިވެސް ނިންމައިގެން ހުރީ އޭނައާއި ވަރިވެގެން ރަށަށް ގޮސް އެހެން މީހަކާއި އިންނަންތޯ ހިތަށްއެރިއެވެ. މަލާކް އެ ބަސްތައް އެ ބުނެލީވެސް ހާދަ ހެވިފައި ހުރެއެވެ. އޭނަ މިހާތަނަށް އައިއިރު އޭނައާއި މަލާކް ވަކިވާން އުޅޭ ވާހަކަ މަލާކް ނޫން އެއްވެސް މީހެއްކައިރީގައި ދައްކާފައެއްނުވެއެވެ. އެހެނަސް އެ ވާހަކައަކީ މަލާކް އޭނަގެ އެކުވެރިންނާއި ޙިއްސާކޮށް އެކަމާމެދު ސަމާސާވެސް ކުރާ ވާހަކައަކީ ހެއްޔެވެ؟ މަލާކަށް އެދެމީހުން ވަކިވާން އުޅޭ ވާހަކަ ދައްކަން އެހާވެސް ފަސޭހައީ ހެއްޔެވެ؟ ފަސޭހަވިއްޔާ އޭގެ މާނައަކީ އޭނަގެ ހިތުގައި އުފެދުނު އިޙްސާސްތައް މަލާކްގެ ހިތުގައި ނުވާކަން ހެއްޔެވެ؟ މި ހުރިހާ ދުވަހު މަލާކް އޭނައަށް ކޮށްދިންހާ ކަންތައްތަކަކީ ލޯބީގެ ބަދަލުގައި ހަމައެކަނި އަންބެއްގެ ޒިންމާ އަދާކުރަން ކުރި ކަންތައް ހެއްޔެވެ؟

 

ސިކުނޑިއަށް ވެރިވާން ފެށި ޚިޔާލުތަކުން އޭނަގެ މޭގައި ލަސްލަހުން ރިހުމެއް އުފެދެން ފެށިއެވެ. އޭނަ މި ވޭތުވެ ދިޔަ ދުވަސްތަކުގައާއި ދާދި ދެންމެއަކު މަލާކްދެކެ ވާ ލޯބި މަލާކާއި ޙިއްސާ ކުރުމަށްވީހާ ތައްޔާރީތައް ހިތަށް ގެނެވުމުން އަމިއްލަ ނަފްސަށް ޙަމްދަރުދީ ވެވުނެވެ. ފުރަތަމަ ފަހަރަށް އޭނައަށް އެހާ ފުންކޮށް ވެވުނު ލޯތްބެއް ޙާޞިލުކުރުމުގައި ނާކާމިޔާބުވިހެން ހީވި ހީވުމާއެކު އަމިއްލަ ނާޤާބިލިއްޔަތުކަމުގެ އިޙްސާސް ކުރެވުނެވެ.

 

ބޮކި ނުދިއްލާ ހުރި ކޮޓަރި ތެރެއަށް އަނދިރިވެ މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށީ އަޔާޒް އޭނަގެ އެ ޚިޔާލުތަކުގައި ވަނިކޮށެވެ. ބަންގީގެ އަޑު އިވުމާއެކު އަޔާޒް އޭނަގެ ނޭދެވޭ ޚިޔާލުތަކުން ނިކުންނަން މަސައްކަތް ކުރަމުން އެނދުން ތެދުވެލިއެވެ. ފާޚާނާއަށްވަދެ ވުޟޫކޮށްގެން ނިކުތްއިރު އެނދުމަތީގައި އޮތް މާ ބޮނޑި ފެނިފައި އަޔާޒް އޭތި ނަގައިގެން ގޮސް ޑަސްބިނަށް ލާން އުޅުނެވެ. އެހެނަސް އެގޮތަށް ކަންތައް ކުރަން ނުކުޅެދުމުން އޭނަ އޭތި އަރިމަތީ މޭޒުމަތީގައި ހުރި ކަޅުކުލައިގެ ކޮތަޅުގެ ތެރެއަށްލިއެވެ. އެއަށްފަހު މިސްކިތަށް ދިޔުމަށްޓަކައި ކޮޓަރިން ނިކުންނަން ދިޔައެވެ. ހިތަށް ވެރިވެފައިވި ހައިޖާނެއްގެ ބޮޑުކަމުން އޭނައަށް ދޮރު ހުޅުވާލެވުނީވެސް ވަކި ވިސްނުމެއްނެތިއެވެ. އެއާއެކު އަނެއް ކޮޓަރީގައި ފޮށާ އަޅަން ހުރި މަލާކް ސިއްސައިގެން ދިޔަ މަންޒަރު ފެނިފައި އަޔާޒް އޭނަގެ މިލާފައިވާ މޫނާއިއެކީ ހުއްޓުންއެރިއެވެ. އާދައިގެ މަތިން ސޮރީއޭ ބުނެވެން އުޅުނެއްކަމަކު މަލާކާއި ވާހަކަ ދައްކަން އަނގަ ހުޅުވުމާއެކު ހިތަށް ވެރިވެގެން ދިޔަ މާޔޫސްކަމުން އަރުތެރެ ބެދުނެވެ. އެހެންކަމުން އޭނަ ވަކި އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތެވެ. އަޔާޒްގެ މޫނުމަތި ހުރި ގޮތް ފާހަގަވެފައި ކަމެއްވެއްޖެކަން އެނގުންވުމުން އަޔާޒް ބޭރު ކޮޓަރީގެ ދޮރާއި ހަމަވި ހިނދު މަލާކަށް އަޔާޒްގެ ނަމުން ގޮވާލެވުނެވެ. އެއަޑަށް މަޑުކުރުމެއްނެތި ދާން އޭނަގެ ސިކުނޑި އެންގިއެއްކަމަކު ފިޔަވަޅުތައް މަޑުޖައްސާލެވުނީ އެއަޑުން އޭނަގެ ހިތަށް ފޯރުވި ބާރުންނެވެ.

 

“އަޔާޒް ކިހިނެއްވީ؟ ބަލީތަ؟” އޭނައަށް ފަސްދީގެން ހުރި އަޔާޒަށް ބަލަން އިނދެ މަލާކް އެހެން އަހާލިއިރު ވެސް އަޔާޒް ބައްޔެއް ނޫންކަން މަލާކަށް ޔަޤީންވިއެވެ. އަޔާޒް އުޅެނީ ކޮންމެވެސް ކަމަކާމެދު މާޔޫސްވެގެންކަން އޭނައަށް އެނގުންވިއެވެ. އެކަމާމެދު ވީ ކަންބޮޑުވުމުގައި އަޔާޒް އެއްޗެކޭ ނުބުނުމުން މަލާކަށް ތަކުރާރުކޮށް އޭނަގެ ނަމުން ގޮވާލެވުނެވެ.

 

“ކަމެއްނުވޭ…” ހިތުގެ އުދާސްތައް ކިޔައިދޭން އޭނަ ނުކުޅެދޭނެކަން ޔަޤީންވުމުން އަޔާޒަށް ބުނެލެވުނެވެ. އެއަށްފަހު މަލާކަށް ބަލާލުމެއްނެތި އިތުރު އެއްޗެކޭ ބުނުމުގެ ފުރުޞަތެއްނުދީ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަޔާޒް ދިޔަ މަންޒަރު ބަލަން މަލާކަށް ދެންވެސް ވިސްނުމެއްގައި އިނދެވުނެވެ.

 

ގެއިން ނިކުމެ މަލާކާއި ދުރަށް އެޅެމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކީ އޭނަގެ ހިތުގައި ރިހުމެއް އުފެދެމުން ދިޔައެވެ. މަގުމަތިން އެކަނި ހިނގާފައި ދިޔައިރު އޭނަގެ ސިކުނޑި އަދި އިތުރު ނޭދެވޭ ޚިޔާލުތަކުން ފުރުން ނޫންކަމެއްނުވިއެވެ. މަލާކް އޭނަ ބޭނުންނުވާ ކަމަށް އޭނަގެ ސިކުނޑީ ބުނަމުން ދިޔައީ މަލާކްގެ އެ ހުނުމުގެ އަޑާއި އެކީގައެވެ. އޭނަ މަލާކާއި އެކީ ހޭދަކުރަން ޚިޔާލުކުރި ރީތި ޒަވާޖީ ޙަޔާތް އޭނައަށް ތަޖުރިބާ ނުކުރެވޭނެ ކަމަށް ހިތް ބުނި ބުނުމާއެކީ އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ނުހަނު ކައިރި މުސްތަޤްބަލެއްގައި މިގޮތަށް ގެއިން ބޭރަށް އައިސް އަނބުރާ ގެއަށްދާއިރު އޭނައަށް މަރުޙަބާ ކިޔާނެ ހިނިތުންވުމެއް ނުފެންނާނެ ކަމުގެ ޚިޔާލުން އޭނަގެ ހިތް ރޫރޫއެޅިއެވެ. އެހެންކަމުން އެރޭގެ މަޣްރިބް ނަމާދުގައި އޭނައަށް ހިތާހިތުން ﷲ ގެ ޙަޟްރަތުގައި ކުރެވެމުން ދިޔައީ އެ ޝަކުވާތަކެވެ. ހަޝަމް ބަނީއްސުރެ މުޅި ނަމާދު ތެރޭގައި އޭނައަށް ރޮވެމުން ދިޔައީ އޭނައަށް ކެތްނުކުރެވޭނެ ފަދަ ހިތާމަވެރިކަމަކުން އޭނަ ދުރުކޮށްދެއްވުމަށް އެދިއެވެ. އެރޭ މަޣްރިބް ނަމާދަށްފަހު އޭނަ ގެއަށް ދާ ހިތެއްވެސް ނުވިއެވެ. މަލާކް ފެނުމުން އޭނަގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން އެނގޭތީވެއެވެ. މަލާކްގެ ޚިޔާލުތަކުން އޭނަގެ މޭގައި އުފެދިފައިވި ރިހުމުގެ ސަބަބުން މަލާކްމަތިން ހަނދާން ނައްތާލަން ވެސް އޭނަގެ ސިކުނޑި އެދެމުން ދިޔައެވެ. އެހެނަސް ޢިޝާ ނަމާދަށްފަހު މިސްކިތުން ފޭބުމަށްފަހު ވެސް އޭނައަށް ފިޔަވަޅުތައް އެޅެން ފެށީ ހަމަ މަލާކަށްޓަކައި ކަމެއް ކޮށްދިނުމަށެވެ. މަލާކް އޭނައާއި ވަރިވުމަށްފަހު އުޅެން ބޭނުންވަނީ މާލޭގައި ކަމަށް ބުނި ވާހަކައިން އޭނަ އޭނަގެ ބައްޕައަށް ނިސްބަތްވާ ޢިމާރާތްތަކުގެ ތެރެއިން އެންމެ ރީތި އަދި އުސްތަންތަންކޮޅު ނުހުންނަ ކޮޓަރިއެއް ހުސްކޮށް ހުރިތޯ ބެލިއެވެ. އަދި އޭނަ ބުނަންދެން އެ ކޮޓަރި ހުސްކޮށް ބެހެއްޓުމަށް ރިސެޕްޝަންގައި އެދެވުނެވެ.

 

އަޔާޒް ގެއަށް އައިއިރު އެންމެން ރޭގަނޑުގެ ކެއުމަށް ސުފުރާ ދޮށަށް އެއްވެފައި ތިއްބެވެ. އޭނަ ފެނުމާއެކު އޭނަ ދިޔަތަނަކާއި މެދު ދޮންބެ ސުވާލު އުފެއްދިއިރު ބޮޑުމަންމަ އޭނަގާތު ކާންއައުމަށް އެދުނެވެ. އެދެމީހުންނަށް ވަކިވަކިން ބެލުމަށްފަހު ކާމޭޒުދޮށުގައި އިން މަލާކަށް ވެސް އޭނައަށް ނަޒަރު ހުއްޓާލެވުނެވެ. އިރުކޮޅެއް ވަންދެން އޭނައާއި މަލާކްގެ ހަތަރުކަޅި ބައްދަލުވިއެވެ. އެހިނދު މަލާކްވެސް ކުރަން ބޭނުންވެފައި އޮތް ސުވާލެއް އޮތެވެ. އެރޭ އަޔާޒް ދެނަމާދު ދޭތެރޭ ނައީ ކީއްވެތޯއެވެ. އެހެނަސް މަލާކް ހިމޭންކަން ޚިޔާރުކުރީ އަޔާޒް އުޅެނީ ބޮޑުކަމެއް ދިމާވެގެންކަން އެނގުންވުމުންނެވެ. ވަކިން ޚާއްޞަކޮށް އަޔާޒް ގޭގައި ނެތް ވަގުތު އަޔާޒްގެ ކޮޓަރިއަށް ވަނުމުން އަރިމަތީ މޭޒުމަތީގައި ކޮތަޅެއްގެ ތެރޭގައި ހުރި މާ ބޮނޑި ފެނުމުންނެވެ. އޭނަ އެ މާ ބޮނޑި ކޮތަޅު ތެރެއިން ނަގައި އޭގައި ހަރުކުރެވިފައިވި ގަނޑުކޮޅުގައި އޮތް ބަސްތައް ކިޔުނެވެ. ހިތެއްފަދައިން ކެފިފައިވި އެ ގަނޑުކޮޅުގައި ރީތި ލިޔުމަކުން ‘އައި ލަވް ޔޫ’ އޭ ލިޔެވިފައި އޮތް މަންޒަރު ފެނިފައި މަލާކްގެ ހިތް ފުރަތަމަ ސިކުންތުގައި އުފާވިއިރު ދެވަނަ ސިކުންތުގައި ދެރަވިއެވެ. އުފާވީ މިއީ އަޔާޒް އޭނައަށްޓަކައި ގެނެސްފައި އޮތް އެއްޗެއްހެން ހީވުމުންނެވެ. އެހެނަސް ދެރަވެގެން ދިޔައީ އޭނައަށްދޭން ގެނައި އެއްޗެއްނަމަ އަޔާޒް މިހާރު ހުންނަންވާނީ ދީފަނޫންތޯ ހިތަށްއެރުމުންނެވެ. އަޔާޒް މާޔޫސްވެފައިވަނީ އޭނަ މީތި ދޭން އުޅުނު އަންހެން ކުއްޖާގެ ސަބަބުންތޯ ހިތް ބުނި ވަގުތު އެ ހިތް ދެރަވީ ހިނދު އަޔާޒް އުފާކޮށްދިނުމުގެ ރޫޙެއްވެސް ހިތުގައި އުފެދުނެވެ. އެހެނަސް އަޔާޒް އޭނަ ނޫން އަންހެން ކުއްޖަކާއެކީ އޭނައަށް ބޭވަފާތެރިވާކަމުގެ ޚިޔާލުން ވީ ދެރައިގައި އެރޭ އަޔާޒްގާތު އެއްވެސް ވާހަކައެއް ދެއްކުމުގެ ހިތްވަރެއް ނުލިބުނެވެ. ނަތީޖާއެއްގެ ގޮތުން އެރޭ ދެމީހުން ވެސް ދެކޮޓަރީގައި ނިދަން އޮށޯތެއްކަމަކު ދެމީހުންގެ ލޮލަށް ވެސް ނިންޖެއްނައެވެ. އެކީގައިވާން ބޭނުންވާ ދެހިތް ދެ ތަނެއްގައިވުމުން އެ ދެހިތުގެ ހަމަޖެހުން ވެސް ގެއްލިފައިވީއެވެ.

 

އޭގެ އަނެއްދުވަހު މަލާކް ފަތިސް ނަމާދަށް ހޭލީ އެރޭ ގަޑިއިރެއްހާއިރު ވަންދެން ނިދުމަށްފަހުއެވެ. ހޭލުމަށްފަހު އޭނައަށް އެތައް ފަހަރެއްގެ މަތިން އަޔާޒްގެ ކޮޓަރީގެ ފެންލައިޓާއި ދިމާލަށް ބެލެމުން ދިޔައެވެ. އެ ބެލިބެލުމުން އަޔާޒް އެދުވަހުގެ ފަތިސް ނަމާދު ކޮޓަރީގައި ކުރިކަން އޭނައަށް އެނގުނެވެ. ފަތިސް ނަމާދަށްފަހު މަލާކް އޭނަގެ މިހާރުގެ އާދައިގެ މަތިން އޭނަ ޢާއްމުގޮތެއްގައި ކުރާ ފައިގެ ކަސްރަތުތައް ކުރިއެވެ. ކަސްރަތުތައް ހަދައި ނިމުނުއިރު ހެނދުނުގެ ސައިގަޑި ޖެހުމުން ވެސް މަލާކަށް އަޔާޒްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބެލުނެވެ. އަޔާޒްވެސް ޢާއްމުގޮތެއްގައި އެ ގަޑީގައި ކޮޓަރިން ނިކުންނާނެއެވެ. އަޔާޒް ނުނިކުތުމުން މަލާކް 15 ވަރަކަށް މިނެޓް ވަންދެން އެ ކޮޓަރީގެ ދޮރަށް ބަލަހައްޓައިގެން އަޔާޒަށްޓަކައި އިންތިޒާރު ވެސް ކުރިއެވެ. އެހެނަސް އޭނަ ދާން މަޖުބޫރުވީ ބޭރުން ބޮޑުމަންމަ ސައިބޯން އައުމަށް އެދި ގޮވަން ފެށުމުންނެވެ. ބޮޑުމަންމަ ގޮވުމުން ވެސް މަލާކް އަޔާޒަށް ގޮވަން އުޅުނެވެ. އެހެނަސް އަޔާޒް މިވަގުތު އެ ވީ ޙާލުގެ ޒާތުން އަޔާޒް ބޭނުންވާނީ އެކަނި ހުންނަންހެން ހީވުމުން މަލާކް އެ ޚިޔާލު ބަދަލުކުރުމުން ބޭރަށް ދިޔައެވެ.

 

ހެނދުނުގެ ސަޔަށް ޢާއިލާގެ އެންމެން ސުފުރާ ދޮށަށް އައިސް ސައިބޮއި ނިމެން ގާތްވިއިރުވެސް އަޔާޒް ނުފެނުމުން މަލާކަށް ރަނގަޅަށް ކާއެއްޗެހި ދިރުވަން ވެސް އުދަގޫވިއެވެ. އަޔާޒް ކޮބައިތޯ އަހައި އެކި މީހުން ސުވާލުކުރި ކޮންމެ ފަހަރަކު އަޔާޒް އަދި އަންނާނެކަމަށް އޭނައަށް ބުނެވެމުން ދިޔައެވެ. އޭނަގެ ޙަރަކާތްތަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުންވި ވަސީމާ ސުފުރާ ދޮށުން އެންމެން ދުރުވުމުން މަލާކްގެ ކައިރީގައި އިށީނެވެ.

 

“ކިހިނެއްވީތަ މަލާކް؟ އަޔާޒްއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟ އަޔާޒް ރޭގަވެސް ކެއީ ވަރަށް ދަންވިފަހުން. އަދި އެހާ ކުޑަކޮށް…..ކިހިނެއްވެގެންތަ އުޅެނީ؟” ވަސީމާ ނުހަނު އަޅާލުމާއެކީ މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ. ބޮޑުމަންމަގެ ފަހު ސުވާލާއެކީ މަލާކަށް ޚިޔާލު ކުރެވިގެން ދިޔައީ އަޔާޒް އެހެން އަންހެނަކާއެކީ ހުރި މަންޒަރެވެ. އެ މަންޒަރު ލޮލަށް ސިފަވުމުން އޭނަ އެ ސުވާލަށް ޖަވާބުދޭން ނުކުޅެދުނެވެ.

 

“މަލާކް…..ވާހަކަ ނުދައްކާ ތިބުމަކުން މައްސަލައެއް ޙައްލެއްނުވާނެ. އެންމެ ރަނގަޅު ބޮޑުމަންމައަށް ކިޔައިނުދިނަސް. އެކަމަކު އަޔާޒް ކައިރިއަށް ގޮއްސަ ވާހަކަ ދައްކާ. ވާހަކަ ނުދައްކާ ތިބިއްޔާ މައްސަލަ އިތުރަށް ބޮޑުވުން ނޫންކަމެއް ނުވާނެ. އޭރުން ތި ދެކުދިންވެސް އިތުރަށް ދެރަވުން ނޫންކަމެއް ނުވާނެ.” ވަސީމާ ނަޞޭޙަތްތެރިވިއެވެ. އެއަށްފަހު މަލާކްގެ ކޮނޑުގައި ހިފާލުމަށްފަހު އެތަނުން ތެދުވެގެން ދިޔައެވެ. ބޮޑުމަންމަގެ ވާހަކައާމެދު ވިސްނަން އިރުކޮޅެއް ވަންދެން އިނުމަށްފަހު މަލާކް އޭނަގެ ގޮނޑި މޭޒުން ދުރުކޮށް ކޮޓަރިއަށް ދާން މިޞްރާބުޖެހީ އޭނަގެ ނާސްތާގެ ބޮޑުބައި ހުރިގޮތަށް ބަހައްޓާފައެވެ.

 

މަލާކް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އޭނައަށް އަޔާޒް ފެނިގެން ދިޔައީ ސީދާ އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުއްޓައެވެ. އޭނައަށް ފަސްދީގެން ހުރި އަޔާޒަށް އިރުކޮޅެއް ވަންދެން ބަލަން ހުރުމަށްފަހު މަލާކް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އަޔާޒް އެ ދޮރުގެ އަޑަށް ވެސް އޭނައަށް ބަލައެއްނުލިއެވެ. އެކަމާމެދު ދެރަވިއެއްކަމަކު އޭނަ ބޮޑުމަންމަ ބުނިގޮތަށް ހަދަން ބޭނުންވިއެވެ. އެހެންކަމުން އަޔާޒްގެ ކައިރިއަށްދާން ނިންމިއެވެ. ދުވަހަކީ އުޑުމަތި ބަނަކޮށް އޮތް ދުވަހަކަށްވުމުން ކޮޓަރިއާއެކީ ބެލްކަންޏަށް ވެސް އަނދިރިކަމެއް ވެރިވެފައިވިއެވެ. މަލާކް ގޮސް ބެލްކަންޏަށް ނިކުމެވޭ ގޮތަށް ކަހާލެވިފައިހުރި ބިއްލޫރި ދޮރާއި ހަމަވީތަނާހެން ވާރޭ ވެހެން ފެށިއެވެ. މަލާކް މިފަހަރުވެސް ހީކުރި ގޮތާއި ޚިލާފަށް ވާރޭ ވެހެން ފެށުމުން ވެސް އަޔާޒް އެ ހުރިގޮތަށް ހުރީއެވެ. ފުރަތަމަ ސިކުންތުގައި އަޔާޒަށް ގޮވާލަން ހިތަށްއެރިއެއްކަމަކު ގޮވިޔަސް އަޔާޒް ނުބަލާނެހެން ހީވުމުން މަލާކް ބެލްކަންޏަށް ނިކުންނަން ނިންމިއެވެ. ލަސްލަހުން ގޮނޑި ދުއްވަމުން ގޮސް ބެލްކަންޏަށް މަލާކް ނިކުންނަން ފެށީ އަޔާޒްގާތު ދައްކާނެ ވާހަކައަކާމެދު ވިސްނަމުންނެވެ. ބެލްކަނީގައި ހިޔާކުރެވިފައިވި ކުޑަ ތަންކޮޅުން ނިކުންނަން މަލާކް އުޅުނު ވަގުތު އަޔާޒް މުޅިން ތެމި ފޯވެފައިވިއެވެ. އަޔާޒަށް ބަލަން ހުއްޓާ ފުރާޅުގައި ޖެހެމުން ދިޔަ ވާރޭ ތިކިތަކުގެ އަޑާއެކީ އޭނައާއި ނުހަނު ކައިރިން ބާލިދީއެއް ފުރެމުން ދިޔަ އަޑު އޭނައަށް އިވުނެވެ. އެއްފަރާތަކަށް ބަލާލިއިރު ފުރާޅުގެ އެއްފަރާތުން އަންނަމުން ދިޔަ ފެންތައް އެކުރަން އެތާ ބާލިދީއެއް ބެހެއްޓިފައިވިއެވެ. އެއާއެކު އަޔާޒް ހެއްވާލެވޭނެ މޮޅު ގޮތެއް ސިކުނޑިއަށް ވެރިވުމުން މަލާކް އެ ކުޑަ ބާލިދީ ނެގިއެވެ. އަދި އޭތި އުނގުމަތީގައި ބަހައްޓައިގެން އެއްއަތުން ގޮނޑި ދުއްވަމުން އަޔާޒާއި ނުހަނު ކައިރިއަށް ގޮސް އޭނަގެ ފަހަތުގައި ކަހަލަ ގޮތަކަށް މަޑުކޮށްލިއެވެ. އެއަށްފަހު ހިސާބެއްގެ އުދަގުލާއެކީ ބާލިދީ ދެއަތުން އުފުއްލައި އަޔާޒާއި ދިމާލަށް ފެންތައް އުކާލިއެވެ. ގިނަ ފެންތައް އައިސް ބުރަކަށީގައި ޖެހުމާއެކު އަޔާޒަށް ފަހަތް ބަލާލެވުނީ ސީރިއަސް ނަޒަރަކާއި އެކީގައެވެ. އެ ނަޒަރު އޭނައަށް ލިބޭނެކަން އެނގިހުރި މަލާކް ވަގުތުން އޭނަގެ ދެލޯ ބޮޑުކޮށް އޭނަގެ އަނގަމަތީގައި އެއްއަތް އެޅިއެވެ.

 

“ސޮރީ……މި ބާލިދީ ހުސްކުރަންވެގެން ފެން އުކިއިރު ހަމަ ނޭނގުނީ މިތާ މީހަކު ހުރިކަން. އެއްވެސް ވަރަކަށް ހިރިވެސް ނުލާ އެއްޗެއް ހުރިތަން ފެނުނީމަ ސްޓެޗޫއެއްކަމަށް ހީކުރީ ހަމަ އަސްލުވެސް…” މަލާކް ނޫންކަމަށް ހަދައި ސަމާސާގެ ޒާތަށް އެހެން ބުނެލީ އަޔާޒް އިތުރަށް ރުޅި ނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރަމުންނެވެ. އޭނަ އެހެން ބުނުމުން ވެސް އަޔާޒް އިރުކޮޅެއް ވަންދެން އެއް ނަޒަރެއްގައި ހުރިތަން ފެނިފައި މަލާކްގެ ހިތް ދެރަވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަޔާޒަށް ހީލެވުނު މަންޒަރު ފެނުމުން މަލާކަށް ވެސް ހިނިތުންވެލެވުނެވެ.

 

“މީ ސްޓެޗޫއެކޭ….އެކަމަކު މޫވްކުރާ ކަހަލަ ފައުންޓެއިން ސްޓެޗޫއެއް. ބަލައްޗޭ!” އަޔާޒަށް އެހެން ބުނެ ކޮޓަރިއާއި ދިމާލުން ފެންނަމުން ދިޔަ އެއްކަލަ ފުރާޅުގެ ދަށުގައި ހުރި އެކަހަލަ އެހެން ބާލިދީއަކަށް ނަޒަރެއް ދެމުންނެވެ. މަލާކް އޭނައާއި ސަމާސާއެއް ކުރުމުން ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތް އެވަގުތުކޮޅުގައި އުޅެލަން އެދުމުގެ ސަބަބުން އޭނަ ހުރިހާ ނޭދެވޭ ޚިޔާލުތަކުން ދުރުވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ އެ ދިޔަގޮތަށް ގޮސް ފެނުން ފުރެމުން ދިޔަ އެ ބާލިދީ ނަގައިގެން ދިގު ފިޔަވަޅުތަކެއްގައި އައިސް މަލާކްގެ ބޮލަށް އަޅާލިއެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި އެ ކުޅިވަރު ފެށިގެން ދިޔައެވެ. ދެމީހުންވެސް ބާލިދީތައް ފުރުވަމުން އެކަކު އަނެކަކު ގަޔަށް ފެންޖަހަން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު މުޅި ބެލްކަނީގައި ގުގުމަން ފެށިއެވެ.

 

އެވަގުތުކޮޅަށް ހުއްޓުމެއް އައީ މަލާކަށް ކިނބިހިއެއް އެޅުމުންނެވެ. އޭރު އަޔާޒް އޭނަ ފުރުވަން ހުރި ބާލިދީއިން ނަޒަރު ވަކިކޮށް މަލާކަށް ބަލާލިއެވެ. އެއާއެކު މަލާކަށް އަނެއްކާވެސް ކިނބިހިއެއް އެޅުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“އާނ ދެން ނިމުނީ. ދެން ހިނގާ އެތެރެއަށް. ނިކަން އަވަހަށް ގޮއްސަ ތި ބޯ ހިއްކާތި.” އަޔާޒް މަލާކްގެ ކައިރިއަށް ގޮސް މަލާކްގެ އަތުގައި ހުރި ބާލިދީ ބިންމަތީގައި ބަހައްޓަމުން ބުނެލިއެވެ. އެއާއެކު މަލާކް އަޔާޒް ބުނިގޮތަށް ހެދުމަށްޓަކައި ގޮނޑި ދުއްވަން އުޅުމުން އަތުގައި ރިހުމެއް އުފެދުމުން އޭނައަށް ވޭނީ އާހެއްގެ އަޑު ލައްވާލެވުނެވެ. ފުރޮޅުގައި ހިފެހެއްޓިފައިވި މަލާކްގެ އަތަށް ބަލާލުމުން ދެންމެއަކު އެހާ ގިނައިން ފެން ބާލިދީ އުފުއްލުމުން އެ އަތް ބަލިވެފައިވީކަން އަޔާޒަށް އެނގުންވިއެވެ.

 

“އަތް ނަގާލާ މަލާކް…..އަހަރެން ގެންދާނަން.” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކް އޭނަގެ ދެއަތް އުނގުމަތީގައި ބޭއްވުމުން އަޔާޒް ގޮނޑި ދުއްވަމުން ގޮސް ކޮޓަރި ތެރެއަށް ވެއްދިއެވެ. މަލާކްގެ ގޮނޑީގެ ފަހަތް ފާރާއި ދިމާވާ ގޮތަށް ބެހެއްޓުމަށްފަހު އަޔާޒް އެތާހުރި ހަރުގަނޑުން ތުވާއްޔެއް ނަގައިގެން ގޮސް މަލާކަށް ދިއްކުރީ ވީހާވެސް އަވަހަށް ފެން ހިއްކާށޭ ބުނަމުންނެވެ. އަޔާޒް ވެސް ކޮޓަރި ނުތެންމުމަށްޓަކައި އޭނަގެ ކޮޓަރިއަށް ނުގޮސް މަލާކްގެ ކޮޓަރީގެ ހެދުން އަލަމާރި ކައިރިއަށް ގޮސް އޭގެ ތެރެއިން ފަށްޖަހާފައި އޮތް ތުވާއްޔެއް ނަގައި އޭނަގެ ބޯ ހިއްކަން ފެށިއެވެ. އޭރު މަލާކްވެސް އޭނަގެ ބުރުގާ ނަގާލަމުން ތުވާލިން މޫނު ފޮހެލުމަށްފަހު ތުވާލި ބޮލާއި މޫނަށްވާ ގޮތަށް އަޅާލަމުން ބޯމަތިން ތުވާލި ހިންގޭތޯ ބެލިއެވެ. އިސްތަށިގަނޑުން ފެން ހިއްކުމަކީ އޭނައަށް އަބަދުވެސް ދަތިކަމެކެވެ. އަތް ބޭނުންވާ ގޮތަށް ބޭނުންވާ ވަރަކަށް ނުހިންގޭތީވެއެވެ. އަދި އަމުދުން އެވަގުތު ދެއަތް ވެސް ބަލިވެފައިވުމުން އޭނަ އަތް ހިންގަމުން ދިޔައިރު އިތުރު އައިބު ގޮތެއް ދައްކަމުން ދިޔަދިޔަހެން އަތުގައި ރިއްސަމުން ދިޔައީތީ ލުއި އާހުތަކެއްގެ އަޑުވެސް ލެއްވެމުން ދިޔައެވެ. ދުރުގައި ހުރި އަޔާޒަށް އެ އަޑުތައް އިވުމުން އޭނައަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. މަލާކް ނުފަރިތަ ގޮތަކަށް އަތް މަޑުމަޑުން ހިންގަމުން ދިޔަ މަންޒަރު ފެނިފައި އޭނައަށް އެދިމާލަށް ހިނގައިގަނެވުނެވެ.

 

“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް ހިތުގެ ތެޅުން އަވަސްވިއެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއެކީ މާޙައުލަށް ވެރިވެފައިވި އަނދިރިކަމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އެއްކަހަލަ ޖަޒުބާތުތަކެވެ. މަލާކްގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި ވަނިކޮށް އަޔާޒަށް އޭތި ރަނގަޅުކުރަން އަތް އުފުލާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސްތަށިކޮޅު މަލާކްގެ ކަންފަތުގައި އަޅުވާލުމަށްފަހު އަތް ތިރިކުރުމުގެ ބަދަލުގައި އަޔާޒަށް މަލާކްގެ މޫނާއި ކަނދުރައިގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެހިނދު މަލާކްގެ މެއަށް ވެރިވި ނުތަނަވަސްކަމާއެކީ ހަތަރެސްފަޔަށް ބާރުވެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޔާޒް ހުރީ އެކަމަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް މަލާކްގެ ރީތިކަމަށް ގެއްލިފައެވެ.

 

ނުނިމޭ

The post Vaudhu (Part 38) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-38/feed/ 0 1612
Vaudhu (Part 37) https://blog.storiesbyjana.com/vaudhu-part-37/?utm_source=rss&utm_medium=rss&utm_campaign=vaudhu-part-37 https://blog.storiesbyjana.com/vaudhu-part-37/#respond Mon, 03 May 2021 06:02:36 +0000 https://blog.storiesbyjana.com/vaudhu-part-36-copy/

އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި […]

The post Vaudhu (Part 37) appeared first on Stories by Jana.

]]>

އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި ދެނީ އެހާ މީރު ވަހެއް ނޫންކަމަށް ދޮންބެގާތު ބުނި ދުވަހުގެ އަނެއްދުވަހު ރީތިވާ މޭޒުމަތިން އެހެން އާ ސެންޓު ފުޅިއެއް ފެނުނެވެ. އެއީ އޭނަ ދުވަހަކުވެސް ބޭނުން ނުކުރާ ސެންޓަކަށްވިޔަސް އޭގައި އޭނައަށް ދުވީ މީރުވަހެވެ. އެއީ ޙަޤީޤަތުގައި ވެސް މީރުވަސް ދުވާތީކަމެއް ނޫނީ އެއީ ކާކު ގަނެދިން އެއްޗެއްކަން އެނގޭތީވެކަމެއް ޔަޤީންކުރަން އަޔާޒަށް ދަތިވިއެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒަށް އެވަގުތު އެއްކަމެއް ޔަޤީންކުރެވުނެވެ. އޭނައާއި މަލާކާއި ދެމެދު އޮތީ އާދައިގެ އެކުވެރިކަމުގެ ގުޅުމެއް ނޫންކަމެވެ. އޭނަގެ ހިތުގައި އުފެދުނުފަދަ އިޙްސާސެއް މަލާކްގެ ހިތުގައިވެސް އުފެދިފައިވިކަމެވެ. އަދި މަލާކްވެސް އޭނައާއި ވަކިވާން ބޭނުންނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެ ޔަޤީންކަމާއެކީ އަޔާޒް އޭނަގެ ހިތުގެ ޙާލަތު މަލާކަށް ކިޔައިދޭން ހިތާހިތުން ނިންމިއެވެ. އެ ޚިޔާލުންވެސް އޭނަގެ ހިތަށް ވެރިވި އުފާވެރިކަމާއެކީ އެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ.

 

އަޔާޒް ވިސްނުމެއްގައި ވަނިކޮށް ބޭރުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަޑު އައި ދިމާލަށް އޭނައަށް ބަލާލެވުނެވެ. އެއަށްފަހު މަލާކްގެ ގޮނޑީގެ ފުރޮޅުގެ އަޑުވެސް އިވި ދޮރު ލެއްޕިގެން ދިޔަ އަޑަށް މަލާކް ކޮޓަރިއަށް ވަނީކަން އެނގުންވިއެވެ. އެއާއެކު އަޔާޒަށް އެއްފަހަރު އޭނަގެ އަތުގައި ހުރި ސެންޓު ފުޅިއަށް އަނެއްފަހަރު ކުރިމަތީގައި ހުރި ފާރާއި ދިމާލަށް ބަލާލަމުން ހިނިތުންވެލެވުނީ ޚިޔާލެއް ލިބިގެން ދިޔުމުންނެވެ.

 

ކޮޓަރިއަށް ވަދެގެން އައި މަލާކަށް އޭނައާއި އަޔާޒްގެ ދެމެދުގައި ހުރި ފާރަށް ބަލާލެވުނީ ހިސާބަކަށް ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ނުތަނަވަސްވަމުން ދިޔައީ އޭނަ އަޔާޒަށް އެންމެ ފަހަކަށް ދިން ހަދިޔާގެ ޒާތުންނެވެ. ހައިފާއާއެކީ ގޮސް އެ ސެންޓުފުޅި ގަތްއިރު ހައިފާ ދެއްކި ވާހަކަތަކުން އަޔާޒް އޭގެ މާނަ ނަގާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އަދި އަމުދުން އެ ސެންޓުގައި އަޔާޒަށް މީރުވަސް ދުވާނެތޯ ހިތަށްއަރަމުން ދިޔައެވެ.

 

މަލާކް ގޮނޑި ދުއްވަމުން ގޮސް ކިޔަވާ މޭޒުދޮށުގައި މަޑުކޮށްލީ އެ ވިސްނުމުގައި އިނދެއެވެ. އޭނަ މަޑުކޮށްލިތާ މާ ގިނައިރެއްނުވެ ފަހަތުން އަޔާޒްގެ ކޮޓަރީގެ ތަޅު އެނބުރެން ފެށި އަޑަށް އޭނަގެ އަތް ފައި ފިނިވެ ދެލޯ ބޮޑުވިއެވެ. އަޔާޒަށް މިހާރު އެ ސެންޓުފުޅި ފެނިފައިވާނެކަން ޔަޤީންކުރެވުމުން ހިތުގެ ތެޅުން އަވަސްވިއެވެ. ސެންޓުފުޅި ހިފައިގެން ކޮޓަރީގެ ދޮރު ހުޅުވައި އަނެއްކޮޓަރީގައި ފިޔަވަޅެއް އަޅާލި އަޔާޒްގެ ވިންދުވެސް އަވަސްވެފައިވިއެވެ. އޭނަ ޚިޔާލުކޮށްގެން އައީ މިއީ މަލާކް ދިން އެއްޗެއްތޯ އަހައި މަލާކް ވެސް އޭނައަށްޓަކައި ކަންތައް ކޮށްދޭކަން މަލާކަށް ޔަޤީންކުރުވާށެވެ. އެއަށްފަހު އޭނަ މަލާކްދެކެ ލޯބިވާ ވާހަކަ ބުނާށެވެ. ދާދި ދެންމެއަކު އެކަން ކުރެވޭ މަންޒަރު ނުހަނު ފަސޭހައިން ސިފަކުރެވުނެއްކަމަކު މަލާކް ލޯ ކުރިމަތިން ފެނުމުން އޭނަގެ ޚިޔާލުތަކުގައި ވެސް އެ ބަސްތައް ބުނެވޭ ގޮތް ކުރަކިވިއެވެ. އޭނަ ލޯބިވާ ވާހަކަ ބުނުމުން މަލާކަށްވާނީ ކިހިނެއްކަން ޔަޤީން ނުކުރެވުމުން އެ ވާހަކަ ބުނުމުގެ ޚިޔާލު ބަދަލުވާން ވެސް ފެށިއެވެ. ކޮންމެއަކަސް އޭނަ ހިތްވަރުކުރަމުން އެތެރެއަށް ނޭވައެއްލީ ކުޑަމިނުން ސެންޓުފުޅިއަށްޓަކައި ޝުކުރު އަދާކުރަން ނިންމަމުންނެވެ.

 

“މަލާކް!” އޭނައަށް ގޮވާލެވުނެވެ. އެހިނދު ފަހަތުގައި އަޔާޒް ހުރިކަން އެނގިހުރެ ވެސް ނުތަނަވަސްވެފައިވި މަލާކް އޭނަ ގޮވާލި އަޑަށް ސިއްސައިގެން ދިޔައެވެ. މަލާކަށް ވީ ގޮތް ފެނިފައި އަޔާޒަށް ލުއިގޮތަކަށް ހީލެވުނު ހިނދު މަލާކް ފަސްއެނބުރި ބަލާލީއެވެ. މަލާކް ބަލާލުމާއެކު އަޔާޒަށް އޭނަގެ ހިނިތުންވުން ފިލުވާލެވުނެވެ. މަލާކް ސިއްސައިގެން ދިޔުމުން ވެސް އޭނައަށް ހެވުމުން މަލާކް ނުރުހުންވެދާނެތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ މަލާކް ހުރީ އެއަށްވުރެ ބޮޑަށް އޭނަ އެ ސެންޓުފުޅިއާއިމެދު ދެކޭ ގޮތާއިމެދު ނުތަނަވަސްވެފައިކަމެވެ.

 

“ސް….ސޮރީ.” އަޔާޒަށް ބުނެލެވުނެވެ.

 

“އިޓްސް އޯކޭ.” މަލާކް އަވަސްއަވަހަށް އެހެން ބުނެލި ހިނދު އަޔާޒް ސޮރީއޭ ބުނަންވީ ސަބަބެއްވެސް ނުވިސްނުނެވެ. އަޔާޒްގެ ސަބަބުން އޭނަ ސިއްސައިގެން ދިޔައިއްޔާ އަޔާޒް ސޮރީއޭ ބުނާކަން އެނގުންވީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ.

 

“އަމް….ސެންޓުފުޅިއަށްޓަކައި ތެންކިއު…އައި މީން…ޖަޒާކަ ﷲ ޚައިރަން ދޯ ކިޔާނީ؟ ވަރަށް މީރު ވަހެއް ދުވަނީ. ހެހެ….މަލާކްދޯ ގަތީ މީތި؟” އަޔާޒް އެ ވާހަކަ ދެއްކިއިރު އޭނަގެ އަޑުގައިވި ނުތަނަވަސްކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.

 

“އާނ މަލާކް…ގަތީ…….ތި…ތިއީ އެކަމަކު އަނެއްހެން ދިން ހަދިޔާއެއްނޫން. އެއްވެސް އެހެން ކަހަލަ މާނައެއް ނުނަގައްޗޭ…” އެ ‘ނުބައި މާނަ’އަކާ މެދު ނުތަނަވަސްވެފައިވި މިންވަރުން މަލާކަށް އަޔާޒަށް ބަލާލުމެއްވެސް ނެތި ބުނެލެވުނެވެ.

 

“ކޮން ކަހަލަ މާނައެއް؟” އަޔާޒަށް އެހެން އަހާލެވުނީ އޭނައަށް އެފަދަ ގޮތަކަށް ވިސްނިފައިވެސް ނުވުމުންނެވެ. އެހެނަސް މަލާކް އެހެން ކަހަލަ މާނައެއް ނަގައިފިކަން އެނގުންވުމުން އޭނަގެ ތުންފަތްމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ. އަޔާޒްގެ އެ ސުވާލާއެކީ ޙާލަތު އިތުރަށް ގޯސް ކުރެވުނީ އޭނައަށްކަން އެނގުންވުމުން މަލާކަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މަލާކަށް އެފަދަ ގޮތެއް ވާނެކަން އެނގުންވި އަޔާޒްގެ ހިނިތުންވުން ފުންވި ވަގުތު ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއަށްފަހު އޭނަ މަލާކާއި ދިމާލަށް ފިޔަވަޅުތައް އަޅަން ފެށީ އޭނަ ބުނަން ބޭނުންވެގެން ހުރި ވާހަކަ ބުނުމަށެވެ. އެ ވާހަކަ ބުނުމުގެ ޚިޔާލާއެކީ މަލާކާއި ގާތްވަމުން ދިޔަދިޔަހެން އޭނަ ފިނިވެސް ވަމުން ދިޔައެވެ. އެހެނަސް މަލާކާއި އެއްފިޔަވަޅެއްހާ ދުރުމިނުގައި އޭނަ ވާހަކަ ދެއްކިއެވެ.

 

“މަލާކް….” އަޔާޒަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އޭނަ ބުނަން ޚިޔާލުކުރި އެއްވެސް ބަސްތަކަކާމެދު އެހާ ބޮޑަށް ހިތްހަމަނުޖެހުމުންނެވެ. އެ ބަސްތައް ޚާއްޞަ ކުރަން ބޭނުންވި މިންވަރުންނެވެ. އޭނަ މިހެން ހުރެފައި ހަމަ ބުނެލުމުން މަލާކަށް ޖަވާބެއްދޭން ވެސް އުދަގޫވާނެ ނޫންތޯ ހިތަށްއެރިއެވެ. އަދި އަމުދުން މަލާކް އެ ބަސްތައް ހަނދާނެއް ނުހުންނާނެ ނޫންތޯ ވެސް ހިތަށްއެރިއެވެ.

 

“ކީކޭތަ އަޔާޒް؟” އޭނަ ހޫންލައްވާލުމުން ވެސް އަޔާޒް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މަލާކަށް އަހާލެވުނެވެ. އެއާއެކު އަޔާޒް ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ފަދައަކުން މަލާކަށް ބަލާލަމުން ހިނިތުންވުމަކާއެކީ ކަމެއްނުވެއޭ ބުނެލިއެވެ. އެއަށްފަހު މަލާކަށް ފަސްދިނީ މަލާކްގާތު ލޯބިވާ ވާހަކަ ބުނާނެ ޚާއްޞަ ގޮތަކާއިމެދު ވިސްނަމުންނެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެއާއެކު ދެމީހުންނަށް ވެސް އެކުއެކީގައި އެ ދޮރަށް ބަލާލެވުނެވެ.

 

“އަނުމް ކަންނޭނގެދޯ؟” ޓަކީގެ އަޑު އައި ގޮތުން މަލާކަށް އަހާލެވުނެވެ. އެއާއެކު އަޔާޒް ހޫންލައްވާލަމުން ދޮރު ހުޅުވަން ދިޔައެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން ސްކޫލްގައި ގިނަ އިމްތިޙާންތައް ނެގެމުން ދާތީ އަނުމް ވަރަށް ގިނައިން އަޔާޒް ކައިރިން އެހީ ހޯދަން އައިސްފައިވެއެވެ. އެހެންކަމުން އަނުމް އެ ކޮޓަރިއަށް އައުމަކީ އެދެމީހުންނަށް ވެސް އާކަމެއް ނޫނެވެ. އަދި އެދެމީހުން ވެސް އެއީ ބުރައެއް ކަމުގައި ނުދެކުނީ ދެމީހުން ވެސް އަނުމްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަޔާޒް ކައިރިއަށް އަންނަން ފެށިފަހުން އަނުމްއަށް އަންނަ ބަދަލުތަކާއިމެދު ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވި އުފާ ފާޅުކުރެވެއެވެ.

 

“ހާއި….ކޮބާ ކޮން ޑައުޓެއް އޮތީ މިހާރު؟” ދޮރުމަތިން އަނުމް ފެނުމާއެކު އަޔާޒް ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“ޑައުޓެއްނޫން ތިއްތި….ކޮއްކޮގެ ބަޔޮލޮޖީ ބޮޑު ފޮތް އޮތީ މި ކޮޓަރީގަހެން ހީވާތީ މިއައީ. މާދަމާ ބަޔޯއިން ކްލާސް ޓެސްޓެއް އޮތީމަ…ސޮރީ ޓު ޑިސްޓާބް އިނގޭ ތިއްތި…” އަނުމް ބުނެލިއެވެ.

 

“ކޮން ޑިސްޓާބެކޭ ކިޔާކަށް؟ ވަދެގެން އައިއްސަ ނަގާ އޭތި!” އަޔާޒް ސަމާސާވެރި ސީރިއަސްކަމަކާއެކީ ބުނެލި ގޮތުން އަނުމްއާއެކީ މަލާކަށް ވެސް ހެވުނެވެ.

 

“އަހަރުމެންނަށް އެނގޭނީއެއްނޫންވިއްޔާ ތި ބަޔޯއަކާ ފިޒިކްސްއިން ވާނުވާއެއް. އެ ނޫންނަމަ މަލާކް ދޮންތި މާ ރަނގަޅަށް ބުނެދިނީމުސް.” އަޔާޒްގެ ފަހަތުން އަނުމް ވަދެގެން އަންނަން ފެށުމުން މަލާކްވެސް ފޮނިވާކަމަށް ހެދެމުން ބުނެލިއެވެ. އޭގެ ރައްދަކަށް އަޔާޒް އިތުރު ސަމާސާއެއް ކުރުމުން އަނުމް އިތުރަށް ހެވުނެވެ. އާދައިގެ މަތިން އޭނަގެ ބޭބެއާއި އޭނައާއި ދާދި ގާތްކޮށް އުޅުނު ދައްތައުޅޭ މާޙައުލަށް ވަދެވުމުން އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެވެ. އެދެމީހުންގެ ހިތްހެޔޮކަން އިޙްސާސް ކުރެވުމުން އޭނަ އުޅެމުންދާ ދަތި ޙާލަތާއިމެދު ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތޭ ގޮތްވެސްވިއެވެ.

 

ޙަޤީޤަތުގައި އޭނައަށް އޭނަގެ ތިއްތިގެ އެހީ ލިބެން ފެށީ އޭނަ އެދިގެނެއްވެސް ނޫނެވެ. އެއީ އޭނަގެ އެ ބޭބެ އިސްނަގައިގެން ކުރަން ފެށި ކަމެކެވެ. އެއްދުވަހު އޭނަ އެއްޗެއް ނޭނގިގެން ހައިފާ ކައިރިން އަހަން ފެށުމުން އޭނައަށް އެހީވާން ފެށި ގޮތަށް އެ ބޭބެ ނުވެސް ހުއްޓިއެވެ. ގިނަގިނައިން ޓެސްޓެއް އޮތްތޯ އަހައި ޓެސްޓެއް އޮތިއްޔާ ޤަވާޢިދުން އޭނަ ސިޓިންގް ރޫމަށް ގެނެސް އެހީވެދޭނެއެވެ. އެއްދުވަހު އެ ކޮޓަރިއަށް ވަންނަން ޖެހުނީ ތިއްތި ވަރަށް ބުރަކޮށް ދިރާސާއެއް ލިޔަމުން ދިޔަ ރެއެއްގައި އޭނަ ވޯކްޝީޓެއް ހަދަން ޖެހުމުންނެވެ. ވޯކްޝީޓް ހަދަން އެ ކޮޓަރިއަށް އައުމަށް ތިއްތި އެދުނީއެވެ. ސުވާލުތައް ހަދަމުން ޝައްކެއް އޮތިއްޔާ އަހާލުމަށެވެ. އަނުމް އޭނައަށް ދިމާވި ކަންތަކަށްފަހު އެއްވެސް ފިރިހެނަކާއެކީ އެއްކޮޓަރިއެއްގައި ހުންނަން ޖެހިލުންވިޔަސް އެރޭ އެ ކޮޓަރިއަށް ދިޔައީ މަލާކް ދައްތި ވެސް ހުންނާނެތާއޭ ހިތާހިތުން ކިޔަމުންނެވެ. އެހެނަސް އެރޭ އޭނަ ދިޔުމުން އޭނަގެ ބޭބެ އޭނައަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަކިން މޭޒެއް ކޮޓަރީގައި ބަހައްޓައިދީ ގޮނޑިއެއް ގެނެސްދިން ގޮތުން އެ ބޭބެއަށްޓަކައި ލޯތްބެއް އުފެދުނެވެ. އޭނަ ކުރީކޮޅު ސުވާލުތައް ކުރަން ފެށީ ޖެހިލުންވުންތަކާއެކީ ކަމަށްވިޔަސް ފަހުންފަހުން އައިސް އެ ބޭބެއާއި އެކުވެރި ވެވުނެވެ. އޭނަ ހަދާ މަސައްކަތެއް ބަލަން އޭނަ އެ ކޮޓަރީގައި އިންނަ މޭޒު ކައިރިއަށް އަޔަސް އެ ބޭބެ އޭނަ އުއްމީދު ކުރާ ގޮތާއި ޚިލާފަށް އޭނައާއި މާ ކައިރިވާން ނުއުޅުމުން އެ ބޭބެއަށްޓަކައި ހިތުގައި ޤަދަރެއް އުފެދުނެވެ. އަދި އަމުދުން އެ ކޮޓަރީގައި ފާރުގައި އެކި ދުވަސްމަތިން އެކި އާޔަތްތަކާއި އޭގެ މާނަތައް ހުންނަ ގޮތުން އެ ބޭބެއާމެދު ތަފާތު ގޮތަކަށް ވިސްނެއެވެ. މަންމަ ކިތަންމެ ބުނެފައިވިޔަސް އޭނަގެ މި ބޭބެއަކީ ގޯސް ބޭބެއަކަށް ނުވާނެ ކަމަށް ހިތް ބުނެއެވެ.

 

“ޓާރމް ޓެސްޓްތައް އޮތީ ކޮން ދުވަހަކުތަ އަނުމް؟ ވަރަށް އަވަހަށް އޮންނާނެދޯ؟ މިއީ ނޮވެމްބާރއެއްނު؟” އަޔާޒް އަނުމްއާއެކީ އޭނަގެ ކޮޓަރިއަށް ވަންނަމުން ސުވާލުކުރިއެވެ.

 

“އާނ ނެކްސްޓް ވީކްގަ އަސްލު ފެށޭނެ. އެކަމަކު ކޮއްކޮ ޖޮއިން ކުރީ ތަންކޮޅެއް ލަހުންވީމަ ކޮއްކޮއަށް ނޯންނާނެ ޓާރމް ޓެސްޓް. ކޮއްކޮ އައިފަހުން ނެގި ޓޮޕިކްތަކުން ކްލާސް ޓެސްޓްތައް މި ހަދަނީ…” އަނުމް ވަކި ހިސާބަކުން މަޑުކޮށްލަމުން ބުނެލިއެވެ.

 

“އާހް….އެހެންވީމަ ނަސީބެއްނުދޯ ކޮއްކޮ އައިފަހުން ބްރެއިންއާ ބެހޭގޮތުން ކިޔެވިކަން. ހެހެ…..ކޮއްކޮދޯ މިހާރު އެންމެ މޮޅީ އެ ޓޮޕިކްތަކަށް؟ މިތާނގަ ނެތްދޯ ފޮތް؟ އާނ ރޭގަ ކޮންމެވެސް އެއްޗެއް ބަލަން ތިއްތިގެ މޭޒަށް އޭތި ގެނައިމޭ. މަޑުކޮށްލައްޗޭ!” އަޔާޒް އަނުމްގެ މޭޒުމަތިން އެފޮތް ނުފެނުމުން އޭނަގެ ކިޔަވާ މޭޒުދޮށަށް ގޮސް މޭޒުމަތީގައި ހުރި ފޮތްތަކުގެ ތެރެއިން އަނުމްގެ ފޮތް ހޯދަން ފެށިއެވެ. އެވަގުތު ކޮންމެ ދުވަހެކޭ އެއްފަދައިން އެދުވަހުވެސް އެ މޭޒާއި ދިމާލަށް ތަތްކުރެވިފައިވި އާޔަތާއި މާނަ އަނުމްގެ ލޮލުގައި އެޅިއެވެ. އާޔަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް އިނގިރޭސި ބަހުން ތިރީގައި ލިޔެވިފައިވި މާނަ އަނުމްއަށް ކިޔާލެވުނެވެ. އޭގައިވަނީ އެމީހުންނަކީ ފާޙިޝް ޢަމަލެއް ކުރެވުމުން އަދި އެހެންނޫނަސް ނުބައި ކަމެއް ކުރެވިއްޖެނަމަ ﷲ ހަނދުމަކުރާ މީހުންކަމެވެ. އަދި ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށްއެދި ދުޢާކުރާ މީހުންކަމެވެ. އަދި ﷲ ފިޔަވައި ފާފަ ފުއްސެވޭނީ ކޮން ފަރާތަކަށްތޯ ސުވާލުކުރެވިފައިވިއެވެ. އެއަށްފަހު އެމީހުންނަކީ އެމީހުން ދެނެތިބޭ ޙާލު ދެން އެ ފާފައަށް އަރައިނުގަންނަ މީހުންކަމަށް ލިޔެވިފައިވިއެވެ.

 

“އަނ…..މިއޮތީ އަނުމްގެ ފޮތް.” އަޔާޒް މޭޒުމަތިން ފޮތެއް ނަގައިގެން އައިސް އަނުމްއަށް ދިއްކޮށްލި ވަގުތުވެސް އަނުމްއަށް އެ އާޔަތަށް ނަޒަރު ހުއްޓައިގެން ހުރެވުނެވެ.

 

“އެއީ ކޮންބައެއްގެ ވާހަކަތަ އެ އާޔަތުގަ އެ ވަނީ ތިއްތި؟” އަނުމްއަށް ފޮތް ހޯދަމުން އަހާލެވުނެވެ. އާޔަތުގެ މާނައަށް ބަލަމުން ދިޔަ ވަރަކަށް އޭނައަށް ވިސްނެމުން ދިޔައީ އޭނައަށް ތަކުރާރުކޮށް ކުރެވޭ ފާޙިޝް ޢަމަލާއި މެދުގައެވެ. އެ އާޔަތުގައި އެވަނީ އޭނަ ފަދައިން ފާފަކުރާ މީހުންގެ ވާހަކަހެން ހީވިއެވެ. އެހެނަސް….

 

“އެއީ؟ އެއީ މުޙްސިނުންގެ ސިފަތަކުގެ ވާހަކަ. މި ދުވަސްކޮޅު މަލާކް ދޮންތިއާ ތިއްތި ސްޓަޑީ ކުރަނީ އާލު ޢިމްރާން ސޫރަތުގެ މި އާޔަތްތައް….ހެހެ…މުޙްސިނުންނަކީ ވަރަށް ހައި ލެވެލްއެއްގެ ބިލީވާރސް އިނގޭ….އެމީހުންނަކީ ﷲ ވޮޑިގެންވާކަން އަބަދުވެސް ހަނދުމައިގައި ބަހައްޓައިގެން ކޮންމެ ކަމެއްވެސް ކުރާ މީހުން. އަދި އޭގެ ސަބަބުން އެމީހުން ކުރާ ކޮންމެ ކަމެއް އެމީހުން ކުރާނީ އެންމެ ފުރިހަމައަށް. އެކަމަކު މި އާޔަތުން އެނގެނީ މުޙްސިނަކަށް ވެސް ފާފައެއް ކުރެވިދާނެކަން. އެކަމަކު ތަފާތަކީ އެ ފާފަ ކުރެވޭއިރަށް ﷲ މަތިން އެމީހުން ހަނދާންކުރޭ. ހަނދާންކޮށްފަ ފާފަ ފުއްސެވުމަށް އެދި ދުޢާކުރޭ. ޝައިޠާނާ އަހަރުމެން ލައްވާ ފާފަތައް ކުރުވާފަ ބުނާނެ އަހަރުމެންގެ އެއްވެސް އަގެއްނެތޭ. ދެން އެ ފާފައަށްފަހު ﷲ އަށް އަޅުކަންކޮށް ދުޢާކުރަން ތިއުޅެނީ ކީއްވެހޭ. އެކަމަކު މުޙްސިނުންނަށް އެނގޭނެ ﷲ ފިޔަވައި އަހަރުމެން އެނބުރިދާނެ ފަރާތެއް ނެތްކަން. އަހަރުމެންގެ ފާފަތައް ފުއްސެވޭނީ ހަމައެކަނި އެކަލާނގެއަށްކަން. އެމީހުން ދެން އެއަށްފަހު އެނގިތިބެ އެ އެއްފާފައަށް އަރައެއް ނުގަންނާނެ…” އަޔާޒް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ އަނުމްގެ ލޮލުން ކަރުނަ ހިލުނެވެ. ވަކިން ޚާއްޞަކޮށް އޭނައަށް ފާފަކުރެވުނަސް އޭނަ އެނބުރި ދާން އޮތީ ކޮން ފަރާތަކަށްތޯ ހިތަށްއެރުމުންނެވެ. ކަން މިހެން އޮތްވާ ވެސް އޭނައަށް ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ނަމާދުތައް އެޅެމުން ވެސް ދިޔަ ގޮތުންނެވެ. ހަމަ އެހިނދުން އެހިނދަށް ވެސް އޭނަގެ ޙަޔާތް ބަދަލުކުރަން ޢަޒުމެއް ކަނޑައެޅުނެއްކަމަކު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އެކަމަކު ތިއްތި…..ހަމަ ހިތަށްއެރި އެއްޗެއް….ބައެއް ފާފަތަކަކީ އެޑިކްޓިވް ކަންތައްދޯ؟ ބްރެއިންއާ ބެހޭގޮތުން ކިޔައިދިންއިރު ތިއްތި ވެސް ކިޔައިދިނީމެއްނު؟ މިސާލަކަށް ޑްރަގްސް ޔޫޒްކުރާ މީހަކަށް ހަމަ ރިޕީޓްކޮށް އެކަމަށް އަނބުރާ ދެވެއެއްނު؟” އަނުމް އޭނަގެ އަސްލު މަޢުޟޫއަށް ވާހަކަ ދެއްކުމެއްނެތި ސުވާލުކުރިއެވެ. އޭނަގެ ބޭބެއަށް އޭނައަށް އެ ފާފަ ކުރެވޭކަން ޝައްކު ކުރެވިދާނެތީ ވަރަށް ބޮޑަށް ޖެހިލުންވިއެވެ. އެހެނަސް ސުވާލުކުރީ އޭނަ މިކަމަށް އެހީ ބޭނުންވާކަން ވެސް ދަނެގެންނެވެ.

 

“ތިބުނީ ހަމަ ތެދެއް….ރިޕީޓްކޮށް އަނބުރާ ދެވޭނެ. އެކަމަކު މުޙްސިނުންނަކީ ޤަޞްދުގަ އެނގިތިބެ އެކަމަށް އަނބުރާ ނުދާ މީހުން. ވަރަށް ބޮޑަށް ބަލިކަށިވާ ވަގުތެއްގަ އެމީހުންގެ އިޚްތިޔާރަކާނުލާ ފާފައަކަށް އަރައިގަނެވޭނެ ވަގުތުތައް އަންނާނެ. އެކަމަކު ކޮއްކޮއަށް އެނގޭތަ؟ އަހަރުމެންގެ މި ބްރެއިންއަށް ފީޑްކުރާ އެއްޗަކުން އަހަރުމެންގެ ބިހޭވިއާރއަށް ބަދަލުތައް އަންނާނީ. މިސާލަކަށް އަބަދު ގޯސް ކަންތައް ކުރާތަން ފެންނަ ފިލްމު ބަލަންޏާ ބްރެއިން ވަޔާރވެފަ ހުންނާނީ އެހެން. އެއިން އަހަރުމެންގެ އުޅުމަށް ވެސް ބަދަލުތައް އަންނާނެ. އެކަމަކު ގިނަގިނައިން ﷲ ހަނދުމަކޮށް އެކަލާނގެ ދީން އުނގެނެން މަސައްކަތް ކުރިއްޔާ އަތުން ފައިން ރަނގަޅު ކަންތައް ކުރެވޭނެ އޮޓޯއިން ވެސް އިން ޝާ ﷲ!” އަޔާޒް ހިނިތުންވުމަކާއެކީ ކިޔައިދިނީ ޚުދު އޭނަގެ ތަޖުރިބާއެވެ. ދީން އުނގެނެން ފެށިފަހުން ޚުދު އޭނަގެ އުޅުމުން އޭނައަށް ފާހަގަކުރެވުނު ބަދަލުތަކެވެ. އަނުމް ވިސްނުމެއްގައި އެއްދިމާލަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަޔާޒް މަޑުކޮށްލާށޭ ބުނެ އަރިމަތީ މޭޒު ކައިރިއަށް ގޮސް ވަތްގަނޑަކުން ކުރީގެ މޮނީޓަރު ފޮތެއް ނެގިއެވެ. އަދި އެ ފޮތް ގެންގޮސް އަނުމް އަތަށް ދިއްކޮށްލިއެވެ.

 

“މީތި ކިޔާލައްޗޭ…މިއީ ތިއްތިއާއި ކޮއްކޮގެ ވެސް ބައްޕަ އެކި ދަރުސްތަކަށް ގޮސް ނަގާފަ ހުރި ނުކުތާތައް. ހީވެދާނެ މިއީ މުސްކުޅި މީހަކު ލިޔެފަ ހުރި މި ޒަމާނާ ނުގުޅޭ އަދި ތިމަންނައާ ވާހަކަތަކޭ. އެނގޭ މިހާރު އެ ފެތުރެމުންދާ ޑޮކިއުމެންޓްރީއަކާހެދި އަނުމްގެ އެކުވެރިންގެ ފަރާތުން ދީނާއި ބެހޭގޮތުން އިވިފައި ހުންނާނީ ކޮންކަހަލަ ވާހަކަތަކެއްކަން….އެކަމަކު އެކަހަލަ ޚިޔާލުތައް ސިއްރުގައި ނަމަވެސް ގެންގުޅުނު މީހެއްގެ ގޮތުގަ ތިއްތި ބުނާނީ މި ދީނާއިމެދު ނޭދެވޭ ވާހަކަ ދައްކާ މީހުންނަށް ހަމަ ނުވިސްނެނީއޭ ރަނގަޅަށް. ކޮއްކޮ މި ފޮތް ކިޔާލުން ތިއްތި އެދެން. އިންފެކްޓް، މިއަދުން ފަށައިގެން ވެސް ހުސް ވަގުތު ވާ ވަރަކުން ކިޔަންވީ.” އަޔާޒް ބުންޏެވެ. އެއާއެކު އަނުމް އެފޮތަށް ބަލަން ހުރެފައި އޭތި ހޯދިއެވެ. އެއަށްފަހު އޭނަގެ ބޭބެއަށް ބޯޖަހާލީ ޖަވާބު ދިނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ ދާން އުޅުނު ވަގުތު އަނެއްކާވެސް ފާރުގައި ތަތްކުރެވިފައިވި އާޔަތް އޭނަގެ ލޮލުގައި އެޅިއެވެ. އެއީ އާލު ޢިމްރާން ސޫރަތުގެ އާޔަތެއްކަން އެނގުންވި ވަގުތު ހިތަށް އިތުރު ޙައިރާންކަމެއް ލިބުނެވެ. އޭނަ ހިތުން ދަސްކުރުމަށްޓަކައި އެ ސޫރަތް އެހާވަރަށް އަޑު އެހިއިރު ވެސް އެ ސޫރަތުގެ އާޔަތްތަކުގައި އެހާ ފުން މާނަތަކެއް ވާނެކަމަށް އޭނަ ހިއެއްނުކުރެއެވެ.

 

އަނުމް އޭގެ އަނެއްދުވަހަށް ދަސްކުރަން އޮތް އިމްތިޙާނެއް އޮތެއްކަމަކު އޭނައަށް ކޮޓަރިއަށް ގޮސް ވަގުތުން ހުޅުވާލެވުނީ އޭނަގެ ބޭބެ ދިން އެ ފޮތެވެ. އެނދުގައި އިށީނދެ އެ ފޮތް ހުޅުވާލުމާއެކު ފެނިގެން ދިޔަ ސުވާލަކީ ‘އީމާންވާންވީ ކީއްވެތޯ’ ލިޔެވިފައި އޮތް ޞުރުޚީއެކެވެ. އެ ޞުރުޚީއިން ވެސް އަނުމްއަށް ލިބިގެން ދިޔައީ ޒާތެއްގެ ސިހުމެކެވެ. އެހެނީ ކުޑައިރުއްސުރެ ވެސް މަންމަ ދީނުގެ އެކިއެކި ވާހަކަތައް އޭނައަށް ކިޔައިދިންއިރު އެ ދީނަށް އުޅެންވީ ކީއްވެކަން މަންމަ ކިޔައިދީފައި ނުވެއެވެ. އެހެންނޫނީ އޭނައަށް އަޑުއިވިފައި ނުވަނީއެވެ. ކުޑައިރުއްސުރެ ވެސް އޭނައަށް ލިބުނު އެކުވެރިންނަކީ އެއްވެސް ކަމެއް އުނގެނުމަށްވުރެ ބޮޑަށް ކުޅިވަރަށް ގެއްލިފައި ތިބޭ ކުދިންނަށް ވާތީވެއެވެ. ނަތީޖާއެއްގެ ގޮތުން މަންމަ ރަށުގެ ކުދިން އެއްކޮށްގެން ނަޞޭޙަތެއް ދޭ ވަގުތުވެސް އޭނަ ކޮންމެވެސް ބަހަނާއެއް ދައްކައި އެތަނުން ދަނީ އެ އެކުވެރިން ކައިރިއަށެވެ. މަންމަ އެހާ ދީންވެރިވީއިރުވެސް އޭނައަށް ދީނާއިމެދު މާ ބޮޑަށް ނޭނގި ހުރީ އެހެންވެއެވެ. ކިރިޔަ ކިރިޔާވެސް އެނގިފައި ހުރީ ﷲ ލޯބިވެވޮޑިގެންވާ ބައެއް ސިފަތަކާއި ބެހޭގޮތުންނެވެ. ތައުބާވުމާއި ބެހޭގޮތުން މަންމަ ފަރާތުން އިވިފައި ވިޔަސް އޭނައަކީ އޭރު ކޮންމެ ގޮތެއްވިޔަސް ނަމާދުކުރާ މީހަކަށް ވުމުން އެއީ އޭނަ އަޑުއަހަންޖެހޭ ވާހަކައެއް ނޫންހެން ހީވިއެވެ. ތައުބާވުމުގެ މުހިއްމުކަމާއި ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމަކީ ކިހާ ބޮޑުކަމެއްކަން އޭނައަށް ނޭނގި ހުރީ އެހެންވެއެވެ. އަދި އަމުދުން އޭނަ މާލެއަށް އައުމަށްފަހު ލިބިފައިވާ އެކުވެރިންނަކީ ދެންމެ ތިއްތި ބުނިހެން ދީނާއި ދެކޮޅަށް ވާހަކަ ދައްކައި ދީނަށް މަލާމާތްކުރާ ކުދިންނެވެ. މި ދުވަސްވަރު ދީނާއިމެދު ދެކެވެމުންދާ ވާހަކަތަކުން އަދި އެކުދިންނަށް ލިބިފައިވަނީ އާ ހިތްވަރެކެވެ. އަނުމް އެމީހުންގެ ވާހަކަތަކަށް އެއްވެސް އެއްޗެކޭ ނުބުންޏެއްކަމަކު އޭނައަށް ވެސް ހިތާހިތުން އެ ވާހަކަތައް ޤަބޫލުކުރެވެއެވެ. އޭގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ މި ދީނަށް އުޅެންވީ ސަބަބެއް އެއްވެސް މީހަކު އޭނައަށް ކިޔައިދީފައި ނުވުމުންނެވެ. އެ ސަބަބު ނެތްކަމަށް އޭނަ ނިންމަން އުޅުނު ދުވަސްވަރެއްގައި އެ ފޮތުން އެ ސުވާލު ފެނުމުން އޭނަ ޙައިރާންވީއެވެ. އެ ލިބުނު ޙައިރާންކަމުގައި އޭނައަށް ވަގުތުން އެ ޞުރުޚީގެ ދަށުން ލިޔެވިފައިވި ވާހަކަތައް ކިޔެން ފެށިއެވެ. އޭނަ ހިތުން އެ ވާހަކަތައް ކިޔަން ފެށީ އެއީ ބޯދާ ވާހަކަތަކެއްކަން އޭނައަށް ޔަޤީންވާނެކަމަށް ނިންމަމުންނެވެ. އެހެނަސް ފޮތް ކިޔަމުން ދިޔަ ވަރަކަށް އަނުމްއަށް ހީވީ އޭނަގެ ލޮލުގައި އެޅިފައިވި ފަރުދާއެއް ނެގި ރަނގަޅަށް ފެންނަން ފެށީ ހެންނެވެ. އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއް ހެއްދެވި ފަރާތެއް ވާނެކަން ޔަޤީންވީ ހިނދު ހިތް ރޫރޫއެޅިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ތެދުވެރިކަން ޔަޤީންކުރެވުނު ވަގުތު ހިތަށް މަޑުމޮޅިކަމެއް ލިބުނެވެ. ޤުރުއާނަކީ ހަމައެކަނި ﷲ ގެ ބަސްފުޅުކަން އެނގުންވީ ވަގުތު އެ ހިތަށް ސާބިތުކަމެއް ލިބުނެވެ.

 

އެ އިން ގޮތަށް އިނދެ އެންމެ އަކުރެއްވެސް ދޫނުކޮށް އަނުމްއަށް އެ ފޮތް ކިޔައި ނިންމާލެވުނެވެ. އޭނައަށް ހުރެވުނީ ވަކި ހިސާބަކުން އޭނަގެ ނޭވާވެސް ހިފަހައްޓައިގެންކަން އެނގުންވީ އެ ފޮތް ލައްޕާލި ވަގުތެވެ. އެހިނދު އެތައް ހާސް ޖަޒުބާތެއް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. މިހުރިހާ ދުވަހު އޭނައަށް މި ވާހަކަތައް ނޭނގި ހުރި ކަމުގެ ޝަކުވާއެވެ. އޭނަގެ ވަށައިގެންވި ގިނަ މީހުންނަށް މި ވާހަކަތައް ނޭނގޭކަން އެނގުންވުމުން ހިތަށް ވެރިވި ދަތިކަމެވެ. އަދި ކޮންމެ ގޮތެއްވިޔަސް އެންމެ ފަހުން އޭނައަށް ޙަޤީޤަތް ފެނުނުކަމުގެ ހިތްހަމަޖެހުމެވެ. ހަމަ އެހިނދު ފޮތުގެ ފަހު ގަނޑުގައި ލިޔެވިފައިވި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމާލިއެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ހިދާޔަތް ދައްކަވާ ވާހަކައެވެ. ދުނިޔޭގައި ލެއްވި ހުރިހާ މީހުންގެ ތެރެއިން އޭނަ ފަދަ ފާފަވެރިއަކަށް ހިދާޔަތް ދައްކަވަން ﷲ އިރާދަކުރެއްވީތޯ ހިތަށްއެރި ވަގުތު ލޯ ކަރުނުން ފުސްވިއެވެ. ﷲ އޭނަ އެވަގުތު ބައްލަވާވޮޑިގެންވާކަން ޔަޤީންވި ވަގުތު އަނުމްއަށް ދެއަތް އުފުލާލެވުނެވެ. އަދި ސިކުންތުކޮޅެއް ވަންދެން އެ އިންގޮތަށް އިނދެ ކަރުނަ އެޅުނީ ﷲ އޭނައަށް މިދެއްވި ނިޢުމަތް ހިތަށް ގެނެވުމުންނެވެ. އެ ސިކުންތުކޮޅަށްފަހު އޭނަ ދުޢާކުރިއެވެ. އޭނަގެ ހުރިހާ ފާފަތައް ފުއްސަވައި ދެއްވުމަށް އެދިއެވެ. އަދި އެ ފާފަތަކުން ދުރުވާން އޭނަ ކޮންމެ ގޮތެއްވިޔަސް މަސައްކަތްކުރާނެ ކަމަށް ބުނަމުންނެވެ. އަދި އެކަމުގައި އޭނައަށް އެހީތެރިވެދެއްވުމަށް އެދެމުންނެވެ.

 

އޭނަ އެހެން އިންދާ މަޣްރިބް ނަމާދަށް ގޮވި ބަންގިއާއެކީ އޭނަ އެނދުން ތެދުވެގެން ގޮސް ވަރުގަދަ ޢަޒުމަކާއެކީ ކުރި އެ ނަމާދުވެގެން ދިޔައީ އޭނަ ޙަޔާތުގައި ވެސް ކުރި އެންމެ މާނަހުރި ނަމާދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ނަމާދުން އޭނަގެ ހިތަށް ދުވަހަކުވެސް ނުލިބޭފަދަ ސާބިތުކަމެއް ލިބިގެން ދިޔައެވެ. އެވަގުތުން ފަށައިގެން އޭނަގެ ހުރިހާ ޢަމަލެއް ﷲ ރުހިވޮޑިގެންވާ ގޮތަށް ނޫނީ ނުބެހެއްޓުމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ހިތެއްގެ ސަބަބުންނެވެ.

 

އެ ވަރުގަދަ ޢަޒުމުގެ ސަބަބުން 4 ވަރަކަށް ދުވަސް ވަންދެން އަނުމްއަށް އޭނަގެ އެ ފާފައާއި ދުރުވެވުނެވެ. އޭނަ ހީކުރީ އެހާ ހިސާބުން އޭނަ އެކަމުން ސަލާމަތްވީ ކަމަށެވެ. އެހެނަސް 5 ވަނައަށް ވީ ދުވަހު އަނެއްކާވެސް އަނބުރާ ދެވުނީ ލެޕްޓޮޕުން ފެންނަމުން ދިޔަ ފޮޓޯތަކުންނެވެ. އޭނަ ދެން ދުވަހަކުވެސް އެ ފާފައަށް އަނބުރާ ނުދާނެކަމަށް ހީވެފައި ވަނިކޮށް އަދި އެހާ ‘ބޮޑު’ ތައުބާއެއް އޭނަ ވެފައި ވަނިކޮށް އަނެއްކާވެސް އެ އެއްފާފައަށް އަރައިގަނެވުމުން އޭނައަށް ދުވަހަކުވެސް ނުރޯވަރަށް ރޮވުނެވެ. އޭނަ ދުވަހަކުވެސް ރަނގަޅުނުވާނެކަމަށް ޤަބޫލުކުރެވި އަނެއްކާވެސް އަޅުކަންތަކުން ދުރުވެވެން އުޅުނެވެ. އެހެނަސް ހަމަ އެހިނދު އޭނަ އެއާއި ބެހޭގޮތުން ދަސްކުރަމުން ދިޔަ އާޔަތެއް އޭނަގެ ހަނދާނަށްއައެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ދޭހަވާ އާޔަތެވެ. އެއާއެކު އޭނަ އެ ފާފަ ކުރެވުނުތާ މާ ގިނައިރެއްނުވެ ވުޟޫކޮށް ދެ ރަކުޢަތުގެ ނަމާދެއް ކުރިއެވެ. ފާފައެއް ކުރެވުމުން 2 ރަކުޢަތުގެ ނަމާދެއް ކުރަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާކަން އޭނައަށް ވަރަށް ފަހުން އެނގިފައިވާތީވެއެވެ. އެ ނަމާދަށްފަހު އޭނަ ވަގުތުން ދެންވެސް އޭނައަށް އެ ފާފައިން ދުރުވާން ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ. މިގޮތުން އެދުވަސްފަހުން އޭނަގެ އަމިއްލަ ލެޕްޓޮޕް ބޭނުން ނުކުރަން ނިންމިއެވެ. މަލާކް ދޮންތިގެ ލެޕްޓޮޕް ބޭނުން ކުރަން ފެށީ އޭނަގެ ލެޕްޓޮޕް ތަންކޮޅެއް އުދަގޫކަމަށް ބުނަމުންނެވެ. އަނެއްކާވެސް ސާބިތުކަމާއެކީ ހަފްތާއެއް ވޭތުވުމަށްފަހު ބަލިކަށިވެގެން ދިޔުމުން އަނުމް ދެންވެސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވިއެވެ. އަދި ދެންވެސް އެ ފާފައިން ދުރުވުމަށް އެޅިދާނެ ފިޔަވަޅަކަށް އޭނަގެ ފޯނުވެސް ކޮޓަރިން ބޭރުގައި ބާއްވަން ފެށިއެވެ. ދުވަސްކޮޅެއް ފަހުން އަނުމް އޭނަ އޭރު ގެންގުޅުނު އެކުވެރިން ދޫކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލައިބްރަރީގެ ތެރެއިން އެއްދުވަހު ދިމާވި ވަރަށް ރަނގަޅު ކުދިބަޔަކާއި އޭނަ އެކުވެރިވިއެވެ. އަދި އެ އެކުވެރިންނާއެކީ ދީނާއިމެދު އިތުރަށް އުނގެނެން ފެށިއެވެ. މިހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ދުވަސްތައް ފާއިތުވާ ވަރަކަށް އަނުމްއަށް ގިނަ ދުވަސްތައް ވަންދެން އެ ފާފައަށް އަރައިނުގަނެވި ހުރެވެން ފެށިއެވެ. އިހުނަށްވުރެ ގިނަ ދުވަސްފަހުން އެ ފާފައަށް އަނބުރާ ދެވުނަސް އަނުމް އުއްމީދު ކަނޑާލުމެއްނެތި އެކަމުން ދުރުވާން މަސައްކަތް ކުރަމުން ދިޔައީ ﷲ އޭނަ މިކަމުން ސަލާމަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ. އެކަލާނގެއަކީ އެކަލާނގެ އަޅަކު އިޚްލާޞްތެރިކަމާއެކީ ހިދާޔަތަށް އެދުމުން އިންކާރު ކުރައްވާ ފަރާތެއްނޫންކަން އަނުމްއަށް އެނގޭތީވެއެވެ. 

 

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔަދިޔަހެން އަނުމް ސްކޫލަށް ދާންޖެހޭ އެންމެ ފަހު ހަފްތާ ޖެހުނެވެ. އެ ފަހު ހަފްތާ ތެރޭގައި އަނުމް އުފާވެރިކޮށް ފެންނަމުން ދިޔަ މަންޒަރު ފެނިފައި ފާއިޤް ހިތްހަމަޖެހުނެއްކަމަކު އޭނަ ދެންވެސް އަނުމްގެ ލެޕްޓޮޕުން އެއްކަލަ ވައިރަސް ނެރެފިތޯ ބަލަން ބޭނުންވިއެވެ. ނެރެފައިނުވާނަމަ އޭނަ ނިންމައިގެން ހުރީ އެ ލެޕްޓޮޕް އޭނަ އަމިއްލައަށް ފޯމެޓް ކުރާށެވެ. އެކަން ކުރުމަށްޓަކައި އޭނަ އަނުމްގެ އެކުވެރިންގެ ތެރެއިން އެކުވެރިއެއް ކައިރި ދެތިން ދުވަހަށްވިޔަސް އަނުމްގެ ލެޕްޓޮޕް ދުވަސްކޮޅަކަށް ނަގައިދޭން އެދުނެވެ. އެކުވެރިއަކު އޭނައަށް އެހީއަށް އެދުމުން އަނުމް އެ ލެޕްޓޮޕް ދިނީ ނުހަނު އުފަލާއި އެކީގައެވެ. އެހެނަސް އެ ލެޕްޓޮޕުން އިންޓަނެޓް ބްރައުޒާއެއް ނުހުޅުވަން އަނުމް އެ އެކުވެރިޔާ ގާތު އެދުނެވެ. އެކުވެރިޔާ ގޮސް ފާއިޤްއަށް އެ ލެޕްޓޮޕް ދެމުން އެ ވާހަކަ ބުނިގޮތުން އެ ވައިރަސް އަދިވެސް ހުރިކަން ފާއިޤްއަށް އެނގުންވިއެވެ. އެހެންކަމުން އޭނަ ނިމާލަށާއި ލަމްޔާއަށް ވެސް ނޭނގޭނެ ފަދައަކުން ލެޕްޓޮޕް ގެއަށް ގެންގޮސް ފޯމެޓް ކުރުމުގެ ކުރިން އޭގައި ހުރި ހުރިހާ އެއްޗެއް ހާޑް ޑްރައިވަކަށް އަޅަން ފެށިއެވެ. ހާޑް ޑްރައިވަށް ހުރިހާ އެއްޗެހި އެޅެމުން ދިޔަ ވަގުތު އަނުމް ބެކްގްރައުންޑަށް ލާފައި ހުރި އެއްޗެއް ފެނިފައި ފާއިޤްއަށް ހިނިތުންވުމެއްގައި އިނދެވުނެވެ. ނޫކުލައިގެ ބެކްގްރައުންޑެއްގައި ހުދުކުލައިން ‘ޕްރޭ އޮން ޓައިމް!’ އޭ ބޮޑު އަކުރުން ލިޔެވިފައިވިއެވެ. އެ ބެކްގްރައުންޑް ފެނިފައި މިއީ ޒާތެއްގެ ކުއްޖެކޭ ފާއިޤްގެ ހިތަށްއެރިއެވެ. އެ ބަސްތައް އޭނަ މާ ބޮޑު ކަމަކަށް ނެހެދިއެއްކަމަކު ކީއްވެކަމެއް ނޭނގެއެވެ. އެ ބަސްތައް ފެނުނު ފަހުން އޭނަ ވަގުތުން ވަގުތަށް ނަމާދުކުރަން އޭނަގެ ހިތް އެދުނެވެ. ފާއިޤްއަކީ ތުއްތަގެ އެދުމަށް އަދި ތުއްތަގެ ހަނދާންތަކަށްޓަކައި ބައެއް ނަމާދުތައް ވައްޓަމުން ނަމާދު ކުރަމުން އައި ޒުވާނެކެވެ. އަނުމް ފަދައިން އޭނަގެ ހިތުގައި ވެސް ދީނާއިމެދު ޝައްކުތަކެއްވީއެވެ. އެހެނަސް އަނުމްފަދަ އޭނައާއި އެއް ޢުމުރުގެ ކުއްޖަކު ދީނާއިމެދު އެގޮތަށް ދެކޭކަން އެނގުންވުމުން މި ދީނުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާނެހެން އޭނައަށް ހީވާން ފެށީއެވެ. އަނުމް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނަ ނަމާދު މަތިން ވެސް ހަނދާންވާ ގޮތްވެއެވެ. އަދި ދެން އޮތީ ކޮން ނަމާދަކާއިމެދުތޯ ވިސްނައި އެ ނަމާދު ވަގުތުގެ ކުރިން ކުރެވެން އޮތްހާ މަސައްކަތެއް ނިންމަން އަވަސްވެވެއެވެ. އެކަމާމެދު ޚުދު އޭނަވެސް އަޖާއިބުވާހާވިއެވެ. އެންމެ ބޮޑަށް ޙައިރާންވީ މި ތަޖުރިބާގެ ސަބަބުން އޭނައަށް އަނުމްއާއިމެދު ކިހާ ގިނައިން ވިސްނޭކަން ވެސް އެނގުންވުމުންނެވެ. އެކަން އެނގުންވީ ދުވަހު އޭނަގެ ހިތަށް ވެރިވީ އާދަޔާ ޚިލާފު ޖަޒުބާތުތަކެވެ.

 

 

ފާއިޤްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް އުފެދެން ފެށިއިރު އަޔާޒް ދެންވެސް އޭނަގެ އިޙްސާސްތައް ފާޅުކުރާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައެވެ. މަލާކަށް އެންމެ ކަމުދާނެ ގޮތް އޭނަ އަމިއްލައަށް ނަގައި ނުގަނެވޭނެކަން އެނގުންވި ދުވަހު އޭނަ ސިޓިންގް ރޫމުގެ ސޯފާގައި ފޮތެއް ކިޔަން ބޮޑުމަންމަ އިންދާ އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ. ބޮޑުމަންމާއޭ ކިޔައި ގޮވާލުމުން އެންމެ ފުރަތަމަ ބޮޑުމަންމަ ހަމައެކަނި ހޫންލައްވާލަމުން އޭނައަށް ބަލާވެސް ނުލިއެވެ. އެހެންކަމުން ހިސާބަކަށް ޖެހިލުންވެހުރެ ވެސް އޭނަ ސީދާ މަޢުޟޫއަށް ދާން ނިންމިއެވެ.

 

“ބޮޑުމަންމާ….އަހަރެން މިހެން ބުނި ވާހަކަ މާ ގިނަ މީހުން ކައިރި ނުދައްކައްޗޭ އެކަމަކު….ކިހިނެއްތަ އަންހެން ކުއްޖަކަށް އެންމެ ކަމުދާ ގޮތަށް އެކުއްޖާ ކައިރި ލޯބިވާ ވާހަކަ ބުނެވޭނީ؟” އަޔާޒް އޭނަގެ ވަށައިގެން ވެސް އެހެން މީހަކު ހުރިތޯ ބަލަމުން ނުހަނު މަޑު އަޑަކުން ސުވާލުކުރިއެވެ. އޭނަ ބުނެލި ފަހު ބަސްތަކާއެކީ ބޮޑުމަންމަ ފޮތް ތިރިކޮށްލަމުން ކުއްލި ގޮތަކަށް އޭނައަށް ބަލާލީ ހިސާބަކަށް ލޯ ބޮޑުވެފައި ހުރެއެވެ.

 

“ކޮން ކުއްޖެއްތަ އަނެއްކާ؟” ބޮޑުމަންމަ އެހެން ބުނެލިއިރު ބޮޑުމަންމަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.

 

“އެއީ….އަސްލު އަހަންނަކަށް ނޫން އަހަރެންގެ ފްރެންޑަކު…” އޭނައަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން ބޮޑުމަންމަ ހެވިފައިހުރެ ހަރުއަޑުން ދިގުކޮށް މަލާކަށް ގޮވާލުމުން އަޔާޒަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އޭނަ ބޮޑުމަންމަ ގާތު ‘ޝްޝްޝް’ އަޑު ލައްވަމުން ހާސްވެފައި އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއިރު ހުޅުވިފައިވި އެ ދޮރު މައްޗަށް މަލާކް އެރީއެވެ. މަލާކް ކިހިނެއްވީތޯ އަހާލުމުން އަޔާޒް އެންމެ ކުރިން ތެދުވެ ހިނިތުންވާން މަސައްކަތް ކުރަމުން ކަމެއްނުވެއޭ ބުނެލިއެވެ. އެއަށްފަހު އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ބޮޑުމަންމަ ލާނެތް ހިނިތުންވުމެއްގައި އިނެއްކަމަކު މަލާކްގާތު އެއްޗެކޭ ބުނަން ނުއުޅުނެވެ.

 

އެދުވަސްފަހުން އަޔާޒް އޭނަގެ ގޭގައި ދެން ތިބި މީހުން ކައިރިންނާއި އޭނަގެ އެކުވެރިން ކައިރިން ވެސް މި ސުވާލުކުރީ މިއީ އޭނަ ދިރާސާއަކަށް ބޭނުންވާ މަޢުލޫމާތެއް ކަމަށް ބުނަމުންނެވެ. އޭނައަށް އެހެންނޫނަސް މި ކުރެވެނީ ހަމަ ދިރާސާއެއް ނޫންތޯ ހިތަށްއެރިއެވެ. މިހާރު ވެސް ނެޓުން މަޢުލޫމާތު ހޯދިފައިވާ މިންވަރުން އޭނައަށް މި މަޢުޟޫއަށް ނުހަނު ތަފްޞީލީ ދިރާސާއެއް ލިޔެވިދާނެކަން ޔަޤީނެވެ. އޭގައި ދެން ބާކީ އެއްޗަކަށް ބޭނުންވާނީ ޢާއްމު މީހުންގެ ތެރެއިން އެކިއެކި މީހުންގެ ބަސްތަކެވެ. އެ ބަސްތައް އޭނައަށް ނުހަނު ފުރިހަމައަށް ލިބުނެވެ.

 

“ފްލާވާރ ބޮކޭއެއްދީބަލަ ރެޑް ކުލައިގެ. އޭރުން ވަރަށް ލައިކްވާނެ.”

 

“ސޭއި އިޓް ވިތް ޗޮކްލެޓް!”

 

“ކޭންޑްލް ލައިޓް ޑިނާރއަކަށް ގެންދޭ.”

 

“ސަޕްރައިޒް ގިފްޓެއްދީ.”

 

“ދެމީހުން ވަރަށް ބިޒީކޮށް އެކީގަ އުޅޭ ވަގުތެއްގަ ނޫންކަމަށް ހަދާފަ ބުނެލާ.”

 

“ޕިއްޒާ ލައިކްވާ ކުއްޖެއްވިއްޔާ ޕިއްޒާ ޑޭޓަކަށް ގެންދޭ!”

 

އޭގެއިން ކޮންމެ ޖަވާބެއް އިވެމުން ދިޔަ ވަގުތު އަޔާޒަށް އަނގަ ނުބައިވެފައި ހުރެ ހިތާހިތުން ބޯހޫރުވެމުން ދިޔައެވެ. އެ ޖަވާބުތައް ރަނގަޅުނޫންހެން އޭނައަށް ހީވަނީއެއްނޫނެވެ. އޭނަ ނުތަނަވަސްވަނީއެއް ވެސް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭގެއިން އެއްވެސް ކަމެއް މަލާކްހާ ފުރިހަމަ ކުއްޖެއް ކައިރީގައި ލޯބިވާ ވާހަކަ ބުނަން ފުރިހަމަ ނޫނީހެން އޭނައަށް ހީވަނީއެވެ. އެންމެ ފަހުން އެއީ ވެސް އޭނަގެ ހިތުގައި މަލާކަށް ދެވިފައިވި ޤަދަރުގެ ބޮޑުކަމުންކަން އޭނައަށް އިޙްސާސް ކުރެވުނެވެ. ކުރިން އޭނައާއި ރައްޓެހިވީ އެއްވެސް ކުއްޖެއް ކައިރީގައި ލޯބިވާ ވާހަކަ ބުނަން އޭނަ މިފަދަ ގޮތަކަށް އުޅެފައެއް ނުވެއެވެ. މަލާކް އޭނައަށް ހަމަ ޚާއްޞައީތާއޭ ހިތަށްއެރިއެވެ. އެންމެފަހުން އޭނައަށް އިވުނު ކަންތަކުގެ ތެރެއިން މަލާކަށް އެންމެ ކަމުދާނެހެން އޭނައަށް ހީވާގޮތް ޚިޔާރުކޮށް އޭނަ އެފަދަ ގޮތަކަށް ލޯބިވާ ވާހަކަ ބުނަން ނިންމިއެވެ. އަދި ދެންވެސް އޭނައަށް އިވުނުހާ ކަންތައް މަލާކަށްޓަކައި ކޮށްދެމުން ލޯބިވާ ވާހަކަ ބުނަމުންދާން ނިންމިއެވެ.

 

އެ ނިންމުން ނިންމި ދުވަހުގެ ފަހު ދުވަހު އަޔާޒް ހޮސްޕިޓަލުގައި ހުރެފައި ގެއަށް އައީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ބޭރު ނުފެންނަ ކޮތަޅެއްގައި ހިފައިގެންނެވެ. އޭނަ ގެއަށް ވަދެގެން އައި ވަގުތު ބޮޑުމަންމައާއި ހައިފާ އެ ކޮތަޅަށް ލޯ ދިއްކުރިއެއްކަމަކު އޭނަ އޭތި އެމީހުންނަށް ނުދައްކައި ގޮސް ކޮޓަރިއަށް ވަނެވެ. އާދައިގެ މަތިން އޭނަ ގެއަށް އައިއިރު ކިޔަވާ މޭޒުދޮށުގައި އިން މަލާކާއި ހަތަރުކަޅި ހަމަވުމުން ހިނިތުންވުންތައް ބަދަލުކުރެވުނެވެ. އެހެނަސް އެހެން ދުވަސްދުވަހާއި ޚިލާފަށް އަޔާޒް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތެރޭގެ ކޮޓަރިއަށްވަނެވެ. އެއަށްފަހު ތާޒާކޮށް ފެންވަރާލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ޖިންސާއި ގަމީހަށް ހެދުން ބަދަލުކުރިއެވެ. އެއަށްފަހު އޭނަގެ އިސްތަށިގަނޑު ރީތިކޮށް އޭނަ ހުރިގޮތް ބަލަން އެތައް މިނިޓެއް ހޭދަކުރީ އޭނަ ބޭރު ތަނަކަށް ދާންއުޅޭ ފަދައަކުންނެވެ. އެންމެފަހުން އޭނަ ތައްޔާރުކަން ޔަޤީންވުމުން އަޔާޒް މޭޒުމަތީގައި އޭނަ ބާއްވާފައި އޮތް މާ ބޮނޑި ނެގިއެވެ.

 

“އައި ލަވް ޔޫ، މަލާކް.” އެދުވަހު 12 ވަނަ ފަހަރަށް އަމިއްލަ އަމިއްލައަށް އަޔާޒް އެ ބަސްތައް ބުނެލިއެވެ. އެއަށްފަހު އަމިއްލަ ނަފްސާއި ހިނިތުންވެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ އޭނަ ކަންތައް ކުރަން ނިންމާފައިވާ ގޮތް ޚިޔާލުކުރަމުންނެވެ. ފުރަތަމަ ކަމަކަށް މާ ބޮނޑި ބޭރު ކޮޓަރީގައި މަލާކަށް ނުފެންނަ ހިސާބެއްގައި ބާއްވާފައި މަލާކް ބެލްކަންޏަށް ގެންދާނީއެވެ. ގެންދިޔުމަށްފަހު މާ ބޮނޑި ގެނެސް ކަކޫ މައްޗަށް ތިރިވެ އޭނަވާ ލޯބި ބަޔާންކޮށްދޭނީއެވެ. އެ ޚިޔާލާއިމެދު ހިތްހަމަޖެހިފައިހުރެ އަޔާޒް ގޮސް ކޮޓަރީގެ ތަޅު މަޑުމަޑުން އަނބުރަމުން ދޮރު ހުޅުވާލީވެސް ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. އެހެނަސް ހަމަ އެވަގުތު މަލާކްގެ މޭޒުމަތީގައި ސްޕީކަރަށް ލެވިފައި އޮތް ފޯނަށް ބަލަން އިނދެ މަލާކް ބުނެލި ވާހަކައިން އަޔާޒް ހުއްޓުން އަރައި އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ.

 

ނުނިމޭ

The post Vaudhu (Part 37) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/vaudhu-part-37/feed/ 0 1606