Noor Archives - Stories by Jana Wed, 28 Apr 2021 11:41:56 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 Noor (Last Part) https://blog.storiesbyjana.com/noor-part-last-part/?utm_source=rss&utm_medium=rss&utm_campaign=noor-part-last-part https://blog.storiesbyjana.com/noor-part-last-part/#respond Wed, 28 Apr 2021 11:40:31 +0000 https://blog.storiesbyjana.com/noor-part-64-copy/

 އެއަށްފަހު އޭނަ ދެލޯ މަރައިގެން ހުރެފައި ކުއްލިއަކަށް ދެލޯ ހުޅުވައި ހަޅޭލައްވައިގަންނަމުން ޝަރަފްގެ ބުރަކަށީގައި އަތް އަޅައި ކޮއްޕާލަން އުޅުނެވެ. އެހެނަސް އެވަގުތު ޝަރަފް ޚުޝިޔާރުކަމާއެކީ ދުރުވެލުމުގެ ނަތީޖާއެއްގެ ގޮތުން ވެއްޓެން ދިޔައީ ވިޔާމެވެ. ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ. ދިމާވާން އުޅުނު ވޭންތަކެއްގެ […]

The post Noor (Last Part) appeared first on Stories by Jana.

]]>

 އެއަށްފަހު އޭނަ ދެލޯ މަރައިގެން ހުރެފައި ކުއްލިއަކަށް ދެލޯ ހުޅުވައި ހަޅޭލައްވައިގަންނަމުން ޝަރަފްގެ ބުރަކަށީގައި އަތް އަޅައި ކޮއްޕާލަން އުޅުނެވެ. އެހެނަސް އެވަގުތު ޝަރަފް ޚުޝިޔާރުކަމާއެކީ ދުރުވެލުމުގެ ނަތީޖާއެއްގެ ގޮތުން ވެއްޓެން ދިޔައީ ވިޔާމެވެ. ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ. ދިމާވާން އުޅުނު ވޭންތަކެއްގެ ސަބަބުން ވިޔާމް ދެލޯ މަރައި ތަގުޅިކޮށްގެން ހުރެފައި ދެލޯ ހުޅުވާލިއވެ. އެ ހިނދު އޭނަގެ ތިރިން ފައުންޑޭޝަންގައި ހަރުކުރެވިފައިވި ދަގަނޑުތައް ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ މައްޗަށް ބަލާލީ އޭނައަށް ހުރެވުނީ މީހެއްގެ އަތުގައި ހިފައިގެންކަން އެނގުންވުމުންނެވެ. އެ އަތް ފެނުނުތާ މާ ގިނައިރެއްނުވެ އަތުގެ ވެރިޔާ ފެނުމުން ވިޔާމްގެ ދެލޯ ބޮޑުވިއެވެ. އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ ޝަރަފް ނޫން ދެވަނަ މީހެއް ނޫނެވެ. ޝަރަފް ދެން ހަދާނެ ގޮތަކާއިމެދު ވިސްނާލުމުން ވިޔާމްގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ އޭނަ މިހާތަނަށް އައިއިރު ޝަރަފަށް އަނިޔާދޭން ކޮށްފައިވާހާ ކަންތައްތަކެވެ. ފުރާވަރުގައި އޭނައަށް މަލާމާތްކޮށް އޭނައަށް އެތައް އަނިޔާއެއް ދިން މަންޒަރު ވިޔާމްގެ ލޯ ކުރިމަތިން ސިފަވާން ފެށިއެވެ. އޭގެ އަހަރުތަކެއްފަހުން ޝަރަފް ޒަވާޖީ ޙަޔާތެއް ފެށުމުން އެ ޙަޔާތް ވެސް ބަރުބާދުކުރަން އޭނަ ކުރި މަސައްކަތެވެ. އަދި އެއަށްފަހު ވެސް އޭނަ ޝަރަފަށް އަނިޔާތަކެއް ދޭން ރޭވި ރޭވުންތަކެވެ. ސިކުނޑިއަށް ވެރިވެގެން ދިޔަ އެ ހުރިހާ ޚިޔާލެއްގެ ސަބަބުން އެ ވަގުތުކޮޅުވެގެން ދާނީ އޭނަގެ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅަށްހެން ވިޔާމަށް ހީވިއެވެ. އޭނަ ދިން ހުރިހާ އަނިޔާއެއްގެ ބަދަލު އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ޝަރަފަށް އެވަނީ ލިބިފައެވެ. އޭނަ އެ ފުރުޞަތުގެ ބޭނުން އޭނަ ނުހިފާނީ ފަހެ ކޮން ގޮތަކުން ހެއްޔެވެ؟

 

އުއްމީދުގެ ހުޅުކޮޅު ނިވެމުން ދިޔަ ވިޔާމްގެ ހިތަށް ސިހުމެއް ލިބުނީ ކުއްލިއަކަށް އޭނަގެ އަތަށް މީހަކު ދަމާލިހެން ހީވުމުންނެވެ. ވިޔާމް މައްޗަށް ބަލާލިއިރު ޝަރަފް އޭނަގެ އަތުގައި ހުރި ބާރަކާއެކީ ވިޔާމް މައްޗަށް ގެންނަން މަސައްކަތް ކުރަނީއެވެ.

 

“ވިޔާމް މިތާނގަ އަތް އަޅުވާފަ ތިރީގަ އެހެރަ ތާނގަ ފައި އަޅާ!” ޝަރަފް އޭނަގެ ދެއަތުން ވިޔާމް ވަކި ހިސާބަކަށް ހިއްލާލަމުން ހަދަންވީ ގޮތް ވިޔާމަށް ކިޔައިދިނެވެ. އޭނަ ހުރި ޙާލަތަށްވުރެ ވެސް ބޮޑަށް ޝަރަފް ކަންތައް ކުރަމުން ދިޔަ ގޮތާއިމެދު ރޫރު އަޅަމުން ދިޔަ ހިތަކާއެކީ ވިޔާމް ތަޅުންގަނޑު މަތީގައި އަތް އަޅުވައި ތިރީގައި ކަނޑާފައި ހުރި ކުޑަދޮރެއްގެ މަތީގައި ފައި އެޅިއެވެ. އެއަށްފަހު ވެސް ޝަރަފް ވިޔާމްގެ އަތުގައި ހިފައި އޭނަ މުޅިން މައްޗަށް އެރުވުމަށް އޭނައަށް އެހީތެރިވެދިނެވެ.

 

“އޯކޭތަ؟” ދެމީހުންނަށް އެކީގައި ސީދާވެލެވުނު ވަގުތު ޝަރަފް އަހާލިއެވެ. އެ ހިނދު މާ ނޭވާ ލެވިފައިހުރި ވިޔާމަށް ބުނަންވީ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އޭނަ ޝަރަފްގެ ރަނގަޅުކަން ދެން ދޮގު ކުރާނީ ކިހިނެއްތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަ ކުރި ހެޔޮކަން ބަލަން އެތާނގައި އެއްވެސް މީހަކު ނެތެވެ. އެހެނަސް އޭނަ އެ ވަނީ ޢުމުރު ދުވަހަށް އޭނަގެ ދުޝްމިނަކަށްވެފައިވި މީހެއްގެ ޙަޔާތް ސަލާމަތްކޮށްފައެވެ. ކީއްވެ ހެއްޔެވެ؟ ވިޔާމްގެ ސިކުނޑިއަށް ވެރިވި އެ ސުވާލު ދުލުން ބޭރުވިއެވެ.

 

“ކީއްވެ؟” ވިޔާމަށް އެހެން އަހާލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވިޔާމް އެ ސުވާލުކުރުމުން ޝަރަފް ހިނިތުންވެލީތަން ފެނިފައި އޭނަ އިތުރަށް އަޖާއިބުވުން ނޫންކަމެއް ނުވިއެވެ. އޭނަ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓާ ޝަރަފް ކިޔާލީ އާޔަތެއްގެ ބައެކެވެ. ވިޔާމް ވާނުވާއެއް ނޭނގިފައި ބަލަހައްޓައިގެން ހުންނަން ފެށުމުން ޝަރަފް އޭގެ މާނަ ކިޔައިދިނެވެ.

 

” މުޙްސިނުންދެކެ ﷲ ލޯބިވެވޮޑިގެންވޭ.” ޝަރަފް ބުނެދިނެވެ. ޝަރަފް އެ ދެއްކި ވާހަކައިން ވިޔާމްގެ މޭނުބައި ކުރާ ގޮތްވިއެވެ. ޝަރަފް އޭނަ ސަލާމަތް ކުރުމުގެ ފަހަތުގައިވެސް ވީ އޭނަ މި ހުރިހާ ދުވަހު ފަސްދެމުން ދިޔަ ދީންކަން އެނގުންވުމުންނެވެ. އޭނަ ވަގުތުން ޝަރަފާއި ދުރަށް ހިނގައިގަތީ އެ އިޙްޞާޞުން ސަލާމަތްވުމަށެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް ޝަރަފް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ކިތަންމެ ދުރަށް ދާން މަސައްކަތް ކުރިޔަސް ޙައްޤު ވިޔާމަށް ފަހުމްވާން ﷲ އިރާދަކުރައްވައިފިނަމަ އެއިން ނުރެކެވޭނެ ވިޔާމް. އެނގޭ ވަރަށް ބޮޑަށް ޖެހިލުންވާނެކަން މިހާތަނަށް ވަކި ގޮތަކަށް ބައްޓަން ކޮށްފައިވި ދިރިއުޅުން ބަދަލުކުރަން. އެކަމަކު ވިޔާމަށް އެނގޭތަ؟ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބެން އޮތީ އެ ބަދަލު ގެނެސްގެން. އެއީ އަމިއްލަ ނަފްސާއި ދެކޮޅަށް ހަނގުރާމަ ކޮށްގެން ވިޔަސް. ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި އެންމެ ފިޔަވަޅެއް އެޅިޔަސް އެކަލާނގެ ދެން ހުރި ހުރިހާ ފިޔަވަޅުތައް އަޅަން ފަސޭހަ ކޮށްދެއްވާ. ވިޔާމް މިހާރު ތިހިރަ ފަދަ ޙާލަތެއްގައި އެއްދުވަސްވަރަކު ވީ މީހެއްގެ ޙައިސިއްޔަތުން އަހަރެން މި ވާހަކަ މި ބުނެލީ.” ވިޔާމްގެ ހިތަށް ފުން އަސަރެއް ކޮށްފިކަން ޔަޤީންވުމުން ޝަރަފް އެ ފުރުޞަތުގެ ބޭނުން ހިފޭތޯ ބެލިއެވެ. އޭނަގެ އެ ބަސްތައް އަޑުއަހާފައި ވިޔާމް ވަގުތުން އެތަނުން ދާން ހިނގައިގަތުމުން ޝަރަފް ހިސާބަކަށް މާޔޫސްވާ ގޮތްވިއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެވަގުތުން ފެށިގެން ވިޔާމްގެ ހިތުގެ ހަމަޖެހުން ގެއްލުނުކަމެވެ.

 

އެ ދިޔަ ގޮތަށް ވިޔާމް ދިޔައީ އޭނަ އުޅެމުން ދިޔަ ގެސްޓް ހައުސްއަށެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު އެކި މީހުން އޭނައާއި ވާހަކަ ދައްކަން އުޅުނެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނުމެއްނެތި ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ކޮޓަރިއަށް ވަދެގެން ގޮސް އޭނަ އެނދުގައި އިށީންނަން އުޅުނެއްކަމަކު އޭނައަށް އިށީނދެވުނީ ބިންމަތީގައެވެ. އެއަށްފަހު އެސްފިޔަ ޖަހާލުމެއްވެސް ނެތި އޭނައަށް އިންގޮތަށް އިނދެވުނެވެ. އެ ހިނދު ދާދި ދެންމެއަކު އޭނަ މަރުން ސަލާމަތްވި ގޮތް އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނަ ސަލާމަތްވީ ދީންވެރި، އަޚްލާޤް ރަނގަޅު މީހެއްގެ އަތުންކަން އޭނަގެ ހިތް ތަކުރާރުކޮށް ހަނދާން ކޮށްދިނެވެ. ހަމަ އެއާއެކީ އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އަފާފް އޭނަ ގާތު ބުނި ބަސްތަކެވެ. އެންމެ އެއްގޮތެއް ނުވާނެކަމަށް ބުނި ވާހަކައެވެ. އެ ވާހަކައަށްފަހު އަނެއްކާވެސް ޝަރަފްގެ ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަން ފެށުމުން އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. އެ ބަސްތައް އޭނަ ހަނދާން ނައްތާލަން އުޅުމުން ވެސް އެކަން ނުކުރެވުމުންނެވެ. އެންމެ ފަހުން ވިޔާމް ބަލި ޤަބޫލު ކުރަމުން އޭނަގެ މޫނުމަތީގައި އަތް އަޅާލިއެވެ. އަދި އޭނައަށް މިއަދު އެ ފެނިގެން ދިޔަ ރީތި އުޅުމާއި އެއްގޮތަށް އޭނަގެ އުޅުން ބަދަލުކުރާނަމަ އޭނަ ކުރަން ޖެހޭ ކަންތައްތަކާއިމެދު ވިސްނާލިއެވެ. އެންމެ ފުރަތަމަ ވެސް އޭނަ އޭނަގެ ބުއިންތަކާއި ދުރުވާންޖެހޭ ކަން އޭނައަށް އެނގުންވިއެވެ. އަދި އަފާފް ބުނާހެން ބޮޑުބޭބެމެން އެ ހޯދާ ޙަލާލް ނޫން ރިޒުޤުން އޭނަ ދުރުވާންޖެހޭނެއެވެ. އެ ‘ރިޒުޤުން’ ދުރުވެގެން އޭނަ އުޅެން ޖެހޭނީ ހާދަ ދަތި ދިރިއުޅުމެކެވެ. އޭނަގެ ބައްޕައާއި ދެކޮޅުވުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ހައްތަހާވެސް އޭނަ ތައުބާވެއްޖެނަމަ އޭނަ ވާންޖެހޭނެ ޤުރުބާނީތަކާމެދު ޝައިޠާނާ އޭނައަށް ހަނދާން ކޮށްދެމުން ދިޔަދިޔަހެން އަނެއްކާވެސް އެ ދީނަށްޓަކައި އޭނަގެ ހިތުގައި ނަފްރަތެއް އުފެދެން ފެށިއެވެ. މިއީ އުޅެވޭވަރަށްވުރެ ވެސް ދަތި ދީނެއްތާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ޝަރަފް ވެސް އެ ދީނާއި އެހާ ދުރުގައި އުޅެއުޅެފައި އެ ބަދަލުވީ ގޮތް ތަޞައްވުރު ކުރެވުމުން މި ދީނުގައި ކޮންމެވެސް ޚާޞިއްޔަތުކަމެއް ވާނެތާއޭ އޭނަގެ ހިތް ބުންޏެވެ. އެއާއެކު ވިޔާމަށް ވަގުތުން ކޮޅަށް ތެދުވެ އެ ކޮޓަރީގައި ހުރި ކިޔަވާ މޭޒުދޮށަށް ދެވުނެވެ. މޭޒުދޮށުގައި ހުރި ލެޕްޓޮޕް ހުޅުވާލަމުން އޭނަ ވަގުތުން އިސްލާމް ދީނާއި ބެހޭގޮތުން ހޯދަން ފެށިއެވެ. ގޫގުލް ސާޗެއް ޖެހުމާއެކުހެން އޭނައަށް ފެންނަން ފެށީ ބޭރު މީހުން އެދީނާއި ދެކޮޅަށް ލިޔެފައި ހުންނަ ވާހަކަތަކެވެ. އެއީ އޭނައަށް އެއްގޮތަކަށް ވެސް އާ ވާހަކަތަކެއް ނޫނެވެ. އޭނަ ދީނާއި ދުރުވުމަށް ޖެއްސި އެއްސަބަބަކީ ވެސް އެ ޚަބަރުތަކުން އޭނަގެ ސިކުނޑި ދޮވެވިފައިވުމެވެ. ދުވަހަކުވެސް އޭނަ ޤުރުއާނާއި ސުންނަތަށް އަމިއްލައަށް ބަލާފައެއްނުވެއެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅުކަން އެނގުނެއްކަމަކު އެއީ އެއްވެސް އެހެން ފަރާތެއްގެ ބަހަކަށް ނުވާނީ ކީއްވެގެންކަން ހޯދަން އޭނަ އަމިއްލައަށް މަސައްކަތް ކޮށްފައެއްނުވެއެވެ. އެހެން އޭނަގެ ހިތް ބުނުމުން އޭނަ ޤުރުއާނާއި ބެހޭގޮތުން ސާޗްކުރަން ފެށިއެވެ. ސާޗްކުރަމުން ދަނިކޮށް މިއަދު ޝަރަފްގެ ދުލުން އިވުނު ބަހެއް އޭނައަށް ލިންކެއްގެ ދަށުން ފެނުނެވެ. ‘މުޙްސިނުން’ނަކީ ކޮން ބައެއްކަން އޭނައަކަށް ނޭނގެއެވެ. އެހެންކަމުން އޭނަ އެ ލިންކަށް ކްލިކް ކޮށްލަމުން އިތުރަށް ހޯދަން ފެށިއެވެ. ހޯދި ހޯދުމުން އެނގުނު ގޮތުގައި އެމީހުންނަކީ އަބަދުވެސް ﷲ އެމީހުން ބައްލަވާވޮޑިގެންވާކަން ހަނދާން ބަހައްޓާ މީހުންނެވެ. އަދި އޭގެ ސަބަބުން އެމީހުންނަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ މީހުންނެވެ. އެ ސިފަތަކާއިމެދު ކިޔާލުމާއެކުހެން އޭނަގެ ހަނދާނަށް އައީ ޝަރަފެވެ. މިއަދު ޝަރަފް ކަންތައް ކުރި ގޮތުން ވެސް އެނގެނީ އޭނައަކީ މުޙްސިނެއްކަން ކަން ވިޔާމަށް އެނގުންވިއެވެ. ހަމަ އެއާއެކު ﷲ ލޯބިވެވޮޑިގެންވަނީ މުޙްސިނުންދެކެ ކަން ހަނދާންވުމުން ނޭނގޭ ސަބަބަކާހުރެ އޭނަ މާޔޫސްވާ ގޮތްވިއެވެ. އޭނަ ކަހަލަ މީހަކު އެފަދަ މީހަކަށް ވުމަކީ ނާދިރު ކަމެކޭ ހިތް ބުނުމުންނެވެ. އެފަދަ މީހުންނަށް ވެވޭނީ ދުވަހަކުވެސް ފާފައެއް ނުކޮށް، ތުނބުޅި ދިގުކޮށްގެން ވަކި ވައްތަރެއްގެ ހެދުމެއް ލައިގެން އަބަދު ޒިކުރު ކުރަން ތިބޭ މީހުން ނޫންހެއްޔެވެ؟ އެފަދަ މީހަކަށް އޭނައަށް ވެވިދާނެކަމަށް ވިޔާމަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ ކަހަލަ އެހާ ގިނަ ފާފަތައް ކޮށްފައި ހުރި މީހަކަށް މުޙްސިނަކަށް ވެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ ނާއުއްމީދީ ޚިޔާލުތަކާއެކީ އޭނަ އޭނަގެ ހޯދުންތައް ހުއްޓާލަން އުޅުނު ވަގުތު ޤުރުއާނުގައި މުޙްސިނުންނަކީ ކޮބައިތޯ ޖަހާފައި އޮތް ވީޑިޔޯއެއް އޭނައަށް ފެނުނެވެ. އެ ލިންކަށް އޭނައަށް ކްލިކް ކޮށްލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީޑިޔޯ ފެށުމާއެކު ފުރަތަމަ ފަހަރަށް އޭނައަށް ލެކްޗަރެއް ޝައުޤުވެރިކަމާއެކީ ބެލެން ފެށިއެވެ. ސީދާ ޤުރުއާނުގެ އާޔަތްތަކުން ދެކެވެމުން ދިޔަ ވާހަކަތައް އިވެމުން ދިޔަދިޔަހެން އޭނަ އަޖާއިބުވާ ގޮތްވިއެވެ. އޭނަ ހީކޮށްފައި އޮތް ގޮތުގައި ޤުރުއާނުގައި ގިނަވާނީ އާޚިރަތް ދުވަހާއި ނަރަކައިގެ ވާހަކައެވެ. ސުވަރުގެއަށާއި ފާފަފޮހެވިގެން ދިޔުމަށް އަވަސްވެގަތުމަށް އަމުރުކުރުކޮށް ހިތްވަރު ދީފައިވާނެ ފޮތެއް ކަމަށް އޭނަ ހިއެއްނުކުރެއެވެ. އާލު ޢިމްރާން ސޫރަތުގެ އެ އާޔަތްތަކުގެ ތެރެއިން މުޙްސިނުންގެ ސިފަތައް ސިފަކުރެވެމުން ދިޔަދިޔަހެން އޭނަގެ ހިތް ގެނބެމުން ދިޔައެވެ. ކުރީކޮޅު ސިފަވެގެން ދިޔައީ އޭނައަށް ކުރަން ނުހަނު އުނދަގޫ ކަންތައްތަކަށްވުމުންނެވެ. އޭނަ އެ ވީޑިޔޯވެސް ކްލޯޒްކޮށްލަން އުޅުނު ވަގުތު އެ އާޔަތްތަކުގައިވާ މުޙްސިނުންގެ އެންމެ ފަހު ސިފަ ބުނެދެވެން ފެށިއެވެ. އަދި އެމީހުންނަކީ ނުބައި ކަމެއް ކުރެވުމާއެކުހެން ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭ މީހުންކަމަށް ބުނެވިގެން ދިޔަ ހިނދު ވިޔާމް ހުއްޓުން އަރާ ގޮތްވިއެވެ. ހަމަ ޙަޤީޤަތުގައިވެސް ހޭ އޭނަގެ ހިތަށް އެރިއެވެ. އޭނަ ހީކޮށްފައި އޮތީ ‘ރަނގަޅު’ މީހުންނަށް ވެވޭނީ އޮޅިގެން ވެސް ދުވަހަކުވެސް އެއްވެސް ނުބައިކަމެއް ނުކުރާ މީހުންނެވެ. އޭނައަށް ކުރީގައި ފެނިފައިވި ‘ދީންވެރި’ މީހުންގެ ކިބައިން އޭނައަށް ނުސީދާ ގޮތެއްގައި ވިޔަސް ލިބިފައިވި ފިލާވަޅަކީ އެއީއެވެ. ކުޑައިރު އޭނައަށް ފާފައެއް ކުރެވުމުން އޭނަ ނަމާދުން ދުރުވީ ވެސް އޭނަ ކަހަލަ މީހަކު ނަމާދު ކުރަނީ ކީއްކުރަންތޯ ބުނެ އެމީހުން ކުރި ސުވާލުތަކުންނެވެ. އެހެނަސް މި ދީން ހާދަ ފުރިހަމައެވެ. އެއްވެސް ބަޔަކީ އަނެއްބައެއްގެ މައްޗަށް މާ ޤަދަރުވެރިވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. އެހެނީ އެންމެންނަކީ ވެސް ފާފަ ކުރެވޭނެ މީހުންނެވެ. ވިޔާމް އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ އެ ލެކްޗަރުން އާޔަތުގެ ދެން އޮތް ބައި އިވުމުން އެ ހިތަށް ލޮޅުމެއް އައެވެ. ފާފަ ފުއްސަވާނީ ﷲ ނޫން ދެން ކޮންފަރާތެއްތޯ ސުވާލުކުރެވުނު ހިނދު އޭނަގެ ލޮލުން ދިލަ ނެގުމުން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ފާފައެއް ކުރެވުމުން އެކަލާނގެ ހަނދުމައިން ކިތަންމެ ދުރުވާން މަސައްކަތް ކުރިޔަސް އެކަލާނގެއާއި ދެކޮޅަށް އަހަރުމެންނަށް އެހީވެދޭނީ ކޮން ފަރާތެއްތޯ އެ ނަޞޭޙަތް ދިން މީހާ ސުވާލު ކުރި ހިނދު ވިޔާމަށް ނޭނގި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.

 

އެދުވަސްފަހުން ވިޔާމަށް ނޭނގުމެއްގެ ތެރެއިން އޭނަގެ ޙަޔާތް ބަދަލުވާން ފެށިއެވެ. އޭނައަށް ގިނަގިނައިން އޮންލައިން ކޮށާއި އެކި އެކި ތަންތަނަށް ގޮސްވެސް ދަރުސްތައް އަޑުއެހެން ފެށިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ދަރުސްތައް އަޑުއަހަން ފެށުމުން އޭނަ އޭނަގެ ބުއިންތަކާއި ވެސް ދުރުވިއެވެ. އާ ‘ދެވިހިފުމެއް’ އޭނަގެ ކަށީގައި ހިފަން ފެށި ފަދައެވެ. ދެރަވެ ހާސްވާ ކޮންމެ ފަހަރަކުހެން އޭނައަށް ލަވައެއްގެ ބަދަލުގައި ޤުރުއާން ޚިޔާރުކުރެވެން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބެއެވެ. އެ ހިތްހަމަޖެހުން ލިބެން ފެށިތާ މާ ގިނަދުވަހެއްނުވެ އޭނަ ނަމާދުވެސް ކުރަން ބޭނުންވިއެވެ. އެކަމަށް އެންމެ ޝަޢުޤުވެރިވީ ޓީވީގެ ކޮންމެވެސް ޗެނަލަކުން ނަމާދު ކުރާ ގޮތް ނަމާދުގައި ކިޔާ އެއްޗެހީގެ މާނައާއެކީ ފެނުމުންނެވެ. ނަމާދުގައި ކިޔޭ ޒިކުރުތައް ދަސްވި ވަރަކުން ދަސްކުރަމުން ގޮސް ވިޔާމް އެންމެ ފުރަތަމަ ނަމާދުކުރަން ފެށީ ސިއްރުސިއްރުން ގޭގައެވެ. އެހެނަސް އޭނަ އެކަން ފޮރުވަންވީ ރަނގަޅު ސަބަބެއް ނުފެނުމުން އޭނަ މިސްކިތަށް ވެސް ދާންފެށިއެވެ. ފުރަތަމަ ފަހަރަށް ފަތިސް ނަމާދު ވަގުތަށް މިސްކިތަށް ދެވުނު ދުވަހަކީ ވިޔާމްގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހަށްވިއެވެ. އޭރު އޭނަ ހިތާމަކުރަންވީ އެތައް ސަބަބެއްވީ ނަމަވެސްއެވެ. ތައުބާވި ފަހުން އޭނަ އެކަން ނޭންގިއެއްކަމަކު ބައްޕައާއި އޭނަގެ ޚިޔާލު ތަފާތުކަމުން އޭނައާއި ބައްޕަގެ ގުޅުންވަނީ ހީނަރުވެފައެވެ. ކުރީގައި އޭނަ ގެންގުޅުނު އެކުވެރިން ޙިއްޞާ ކުރާ ނުބައި އެއްޗެހީގެ ސަބަބުން އޭނަ ލަސްލަހުން އެ ހުރިހާ އެކުވެރިން ވެސް ދޫކޮށްލިއެވެ. އޭނަގެ އަތުގައި ހުރި ބޮޑުބޭބެގެ ލާރި ޞަދަޤާތަށް ދީފައި ފުރަތަމަ ފަހަރަށް އާދައިގެ ވަޒީފާއެއް އޭނަވަނީ އަދާކުރަން ފަށާފައެވެ. މި ހުރިހާ ކަމަކުން އޭނަގެ ހިތަށް ބުރަކަމެއް ލިބުނެއްކަމަކު އެ ފަތިސް ނަމާދުން އެ ހުރިހާ ބުރަކަމެއް ފިލައި އޭނަގެ ހިތަށް ލުއެއްލިބުނެވެ. ނަމާދު ކުރި ހިނދު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ދުވަހަކުވެސް ނުފެންނަ ފަދަ ހިނިތުންވުމެކެވެ. ސަލާން ދިން ވަގުތު އޭނަގެ ހިތް ދެރަވާ ގޮތްވެސްވިއެވެ. ﷲ ގެ ބަސްފުޅު އަޑުއަހަމުން ދިޔަ އެ ރީތި ވަގުތުކޮޅު ނިމުމަކަށް އައުމުންނެވެ. ސަލާމް ދިނުމަށްފަހު އޭނަ ދަސްކޮށްފައިވާ މަދު ޒިކުރުތައް ކިޔާލާފައި އޭނަ ދާން އުޅުނު ވަގުތު ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އިވުނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު އެތާ ހުރީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި ޝަރަފެވެ.

 

“ހާދަ ދުވަހެއްވެއްޖެއޭ ނުފެންނަތާ. ކިހިނެއްތަ؟” ވިޔާމަށް ބޮޑު ބަދަލެއް އައިސްފިކަން ދަނެގެން ޝަރަފް އަޅާލާ ފަދައަކުން ސުވާލުކުރިއެވެ. ޝަރަފް ފެނިފައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު މިންވަރުން ވިޔާމަށް އިސްޖަހާލެވުނެވެ. އަމިއްލަ ވިސްނުމެއްގެ ތެރޭގައި އިރުކޮޅެއް ވަންދެން ހުރުމަށްފަހު ވިޔާމް އިސްއުފުލާލިއެވެ.

 

“އައިމް ސޮރީ ޝަރަފް.” ފުން މާނައެއް އެކުލެވޭ ފަދައަކުން ވިޔާމް ބުނެލިއެވެ. އެ ބަސްތައް އިވިފައި ޝަރަފްގެ ހިނިތުންވުން އުޖާލާވުން ނޫންކަމެއް ނުވިއެވެ. އޭނަ ވިޔާމްގެ ކޮނޑުގައި ޖަހާލަމުން ވިޔާމްގެ ގައިގައި ބާރަށް ބައްދާލިއެވެ. ޝަރަފްގެ ހިތްހެޔޮކަން އިޙްޞާޞްކުރެވުމުން ވިޔާމަށް ހިނިތުންވުލެވެވުނެވެ. އޭނަގެ ހުރިހާ އެކުވެރިން ގެއްލިފައިވިޔަސް މި އެއްއެކުވެރިޔާ އޭނައަށް ފުދޭނެހެން އޭނައަށް އެވަގުތު ހީވިއެވެ.

 

ޝަރަފް އެވަގުތުން ވަގުތަށް ވެސް ވިޔާމް އޭނައާއެކީ އޭނަ ކުއްޔަށް ހިފައިގެން އުޅޭ ގެއަށް ގެންދިޔައެވެ. އަދި ވިޔާމަކީ ނަބީހާއި ޝިނާޒަށް ވެސް ނޭނގޭ މީހަކު ފަދައިން އެމީހުންނަށް ވިޔާމް ތަޢާރަފު ކޮށްދިނެވެ. ޝިނާޒް ޝައްކެއްގެ މަތީގައި ހުރެ މީނައަށް އިތުބާރު ކުރެވޭނެތޯ ސިއްރުސިއްރުން ޝަރަފް ކައިރިން އެހިއެވެ. އޭގެ ޖަވާބުގައި މުނާފިޤުންނަކީ ފަތިސް ނަމާދަށް އަރާ ބައެއްނޫންކަމަށް ޝަރަފް ސަމާސާ ރާގަކަށް އެންމެންނަށް އިވޭވަރަށް އަންގާލީ އޭނައަށް ވިޔާމަށް އިތުބާރު ކުރެވުނު މިންވަރުންނެވެ. ވިޔާމް ދެން ގޯސް މަގަކުން ނުދާނެހެން އޭނައަށް ޔަޤީންވެފައިވި ފަދައެވެ.

 

ވިޔާމް ޙަޤީޤަތުގައި ވެސް ތައުބާވެއްޖެކަން ޝިނާޒާއި ނަބީހަށް ވެސް ޔަޤީންވުމުން އެމީހުން ވިޔާމް ވެސް އެ ރިސޯޓުގެ މަސައްކަތުގައި ބައިވެރި ކުރަން ބޭނުންވިއެވެ. އެހެނަސް ވިޔާމް އެގޮތަށް ޤަބޫލުނުވިއެވެ.

 

“އަދިވެސް ބޮޑުބޭބެއަށާއި ބައްޕައަށް މިކަން ފޮރުވައިގެން މިއުޅެނީ. ބޮޑުބޭބެމެން ހީކުރަނީ އަހަރެން މި ރަށުގަ މިހިރީ ޝަރަފްމެންނަށް ގެއްލުމެއް ދޭންހެން. އެހެންވެ އެމީހުންގެ ފަރާތުން ޝަރަފަށް މިހާރު އުނދަގުލެއް ނުފޯރަނީ. އަހަރެން ބޭނުންވި ޝަރަފަށް ޖާސޫސްކުރަން ފޮނުވާފައި ތިބި މީހުން އަނބުރާ ފޮނުވާލަން ވެސް. އެކަމަކު އެމީހުން ފޮނުވާލީމަ ވެސް ބައްޕަމެންނަށް އެނގޭނެ. އަހަރެން ޝަރަފްމެންނާ ދުރުދުރުން އުޅެން ވެސް މި މަސައްކަތް ކުރަނީ އެމީހުންގެ ތެރެއިން މީހަކަށް އެނގި އެމީހުން މިވާހަކަ ބައްޕައަށް އަންގަފާނެތީ. އެމީހުން އާއްމުގޮތެއްގަ އަހަރެން މެދުވެރިވެގެން ނޫނީ ބައްޕަމެންނާ ވާހަކަ ނުދައްކާނެ. އެކަމަކު މާ ބޮޑު ކަމެއް ނުވީމަ ބައްޕަ ދޭތެރެއަކުން އެމީހުންނަށް ގުޅާ. އަހަރެން މި ނިންމީ ޝަރަފް ރިސޯޓު އަޅައި ނިމެންދެން މިކޮޅުގަ ހުންނަން. އިން ޝާ ﷲ!” ވިޔާމް ބުނެލިއެވެ. އެ ވާހަކަ އަޑުއަހަން ތިބި 3 މީހުންނަށް ވެސް އެ ވާހަކައަށް ބޯޖަހާލެވުނެވެ.

 

ކަންވެގެން ދިޔައީ ވިޔާމް އެ ސިފަކުރި ފަދައިންނެވެ. ރަމީޒާއި އަހުމަދު އަރާމުގައި ތިބީ ވިޔާމް އެމީހުންގެ މަސައްކަތް ކުރާނެކަމަށް ވަކީލުކޮށްގެންނެވެ. ފުރަތަމަ 2 މަހެއްހާ ތެރޭގައި ވިޔާމަށް ގުޅާފައި ވެސް އަހުމަދު އެކަމާބެހޭ އެއްވެސް ސުވާލެއް ނުކުރީ އޭނައަށް ވިޔާމަށް އިތުބާރު ކުރެވުނު މިންވަރުންނެވެ. ރިސޯޓުގެ ބޮޑެތި ބައިތައް ނިންމަމުން ޝަރަފް ފޮޓޯ ލަމުން ދާ ވާހަކަ ރަމީޒް ބުނުމުން ވެސް އަޙްމަދު އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެބުނެ ހުރީ އެހެންވެއެވެ. ރަމީޒް ޖާސޫސް ކުރާ މީހުންނަށް ގުޅަން އުޅުނެއްކަމަކު އޭނައަށް އޭގެއިން އެއްވެސް މީހެއް ނަންބަރެއް ނޭނގުނެވެ. ނަންބަރެއް ހޯދަނ ވިޔާމަށް ގުޅައިފިނަމަ ވިޔާމް އޭނައަށް ކުރޭ އިތުބާރު ހީނަރު ވެދާނެކަން ދަނެގެން ރަމީޒް ހިމޭނުން އިނެވެ.

 

ރަމީޒަށް ރިސޯޓުގެ ފޮޓޯތަކުން މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އެއިން ކޮންމެ ފޮޓޯއަކީ އަފާފްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިން ފޮޓޯއަކަށްވިއެވެ. ރިސޯޓުގެ މަސައްކަތް ނިމެމުންދާހާ އަވަހަކަށް އޭނަ ޝަރަފާއި ބައްދަލުވާނެކަން އެނގުންވާތީވެއެވެ. މީގެ މަސްތަކެއް ކުރިން ޝަރަފް އުޅެމުންދަނީ ރިސޯޓުގެ މަސައްކަތުގައި ކަން ޒޯގެ ފަރާތުން އޭނައަށްވަނީ އެނގިފައެވެ. އެދުވަސްފަހުން އަފާފް ދޭތެރެދޭތެރެއިން ޝަރަފަށް މެސެޖުތައް ފޮނުވަމުން ދިޔައެވެ. ޝަރަފް ޖަވާބު ނުދިން ކަމުގައި ވިޔަސް އެކިއެކި އާޔަތްތައް ޙިއްޞާކޮށް އޭނައަށް ހިތްވަރުދީ ދަރިފުޅުގެ ވާހަކަތައް ވެސް ކިޔައިދެމުން ދިޔައެވެ. ޝަރަފް ޖަވާބެއް ނުދޭ ކޮންމެ ފަހަރަކު އަފާފްގެ ހިތްދަތިވިއެއްކަމަކު ޖަވާބެއް ނުދޭނީ އެންމެ ރަނގަޅަކަށްކަން އަފާފަށް ވިސްނުނެވެ. އެ ހިތްދަތިކަން ޝަރަފާއި މުޅިން ގުޅުން ކަނޑާލަން އަފާފަށް އެންގިއެއްކަމަކު އޭނަ ދެގޮތެއްނުވާ ގޮތެއްގައި ޝަރަފަށް ހިތްވަރު ލައިދެމުން ދިޔައީ ޝަރަފަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އަދި ޝަރަފްދެކެ ވާ ލޯތްބެއްގެ ސަބަބުން ވެސްމެއެވެ.

 

ކިތަންމެ ދުރުގައި ހުއްޓެއްކަމަކު ޝަރަފަށް އަފާފްގެ އެ ލޯބި އިޙްޞާޞް ކުރެވުނެވެ. ފަހަކަށް އައިސް ހުރިހާ ވަގުތަކުހެން އޭނަ ހިނިތުންވުމެއްގައި ހުންނަ މަންޒަރު ފެންނަމުން ދިޔައީ ވެސް އެހެންވެއެވެ. ދަރިފުޅަކީ އަންހެން ކުއްޖެއްކަން އެނގުނު ދުވަހުއްސުރެ އެދެމީހުންގެ ދެމެދުގައި ކުރެވުނު ސަމާސާތަކުގެ މަތިން އަފާފް ހަނދާން ކޮށްދިނުމުން ޝަރަފަށް ދޭތެރެ ދޭތެރެއިން ހެވެން ވެސް ފެށިއެވެ. އޭނައަށް އަފާފަށް ޖަވާބެއް ނުދެވި ހުރެވެނީ ކިރިޔާއެވެ. އަފާފްގެ މެސެޖެއް ފެނިފައި ޖަވާބު ނުދޭންވުމުން އޭނަގެ ހިތަށް އިންތިހާއަށް ދަތިވިއެއްކަމަކު އޭނަ އެގޮތް ދެމެހެއްޓީ ދެންވެސް ފަރުވާތެރި ވުމަށެވެ. ނުރައްކަލުގެ އެއްވެސް އިންޒާރެއް މިހާރު ނުލިބުނެއްކަމަކު އޭނަ އަފާފާއި ވާހަކަ ދައްކަން ފަށައިފިނަމަ ނޭނގި ނަމަވެސް ވިޔާމްގެ ވާހަކަ އޭނައަށް ބުނެވިދާނެހެން ޝަރަފަށް ހީވަމުން ދިޔައެވެ. ވިޔާމްގެ ވާހަކަ ފެތުރިއްޖެނަމަ އޭނަ މިހާ ހިސާބަށް ކޮށްފައިވި މަސައްކަތް ބިމާ ހަމަވެދާނެކަމުގެ ބިރު އޭނައަށް ހީވެފައިވިއެވެ. އަދި އަމުދުން އެއާއި ވިދިގެން އަފާފަށް މިއަދު ލިބިފައިވި ނިކަމެތިކަމަށްވުރެ ވެސް ބޮޑު ނިކަމެތިކަމެއް އަފާފަށާއި އެމީހުންގެ ދަރިފުޅަށްވެސް ލިބިދާނެހެން ހީވިއެވެ. އަފާފްގެ ބަނޑަށް 8 މަސް ފުރުނު ދުވަހު އޭނަ ފޮނުވި އަލްޓްރާ ސްކޭންގެ ފޮޓޯތައް ފެނިފައި ޝަރަފަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ އެސްފިޔަތައް ތެމުނެވެ. އެ ފޮޓޯތަކުގެ ޖަވާބުގައި އޭނައަށް ކެތްނުކުރެވިގެން ލޯބިން ފުރިގެންވި މެސެޖެއް ލިޔެވެން އުޅުނެވެ. އެހެނަސް އޭގެ ނަތީޖާ ނެރެފާނެ ގޮތަކާމެދު ވިސްނުމުން ޝަރަފް ހަމައެކަނި ފޮނުވާލީ ހިތެކެވެ. އޭގެ ޖަވާބުގައި އަފާފްވެސް ގިނައިރު ވަންދެން ޓައިޕް ކޮށްފައިވެސް ހަމައެކަނި އިމޯޓިކޯންއެއް ފޮނުވާލި ގޮތުން އަފާފަށްޓަކައި އިތުރު ލޯތްބެއް ޝަރަފްގެ ހިތުގައި އުފެދުނެވެ. އަފާފް ވެސް ވާހަކަ ދައްކަން ބޭނުންވެ ހުރެ ކޮންމެވެސް ސަބަބެއްވާކަން އެނގި އޭނައަށް ފަސޭހަ ކޮށްދިނީކަން އެނގުންވުމުންނެވެ.

 

އޭގެ ދެ ހަފްތާއެއްހާ ދުވަސްފަހުން ރިސޯޓުގެ ހުރިހާ މަސައްކަތެއްނިމި ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ތައްޔާރީތަކެއްވެވެން ފެށުމުން ޝަރަފަށް ހީވީ ހުރިހާ އުފަލެއް އެއްފަހަރާ އޭނަގެ ފަސްބަޔަށް އެޅުނީ ހެންނެވެ. އޭނަގެ ޙަޔާތުގައި ދެން ކަންތައް ހިނގާނެ ގޮތް ވަރަށް ސީދާ ސާދާކޮށް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ. އޭނަ އަބަދުވެސް ހުވަފެނުން ދެކެމުން އައި އެ ރިސޯޓު ޝާހީ ގޮތަކަށް ހުޅުވި އެތަނުގެ ސަބަބުން ގިނަ ބަޔަކަށް ހިދާޔަތް ލިބިގެންދާ ގޮތެވެ. އަދި އެ ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލާފައި އޭނަ ހަމަ އެރޭ އަފާފާއި ބައްދަލުކުރަން މާލެއަށް ފުރައިގެންދާނެ ގޮތެވެ. އެއަށްފަހު ދުވަސްކޮޅެއް ފަހުން އެމީހުންނަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބި އެމީހުންގެ ޙަޔާތަށް އުފާވެރި ނިމުމެއް އަންނަ ގޮތެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޝަރަފް ހަނދާން ނެތިފައިވީ އޭނަގެ އެ ކާމިޔާބީތަކާމެދު ދަތްވިކިވިކި ތިބި ދެމީހަކު އަދިވެސް ތިބިކަމެވެ. ރަމީޒްމެންނަށް ހުރިހާ ކަމެއް ފަޅާއެރީ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮތް ދުވަހުގެ މެންދުރު ވަގުތެވެ. ވިޔާމް އެ ވަގުތުގައި އެ ހުރިހާ ޖާސޫސުން އެމީހުންގެ ރަށްތަކަށް ފޮނުވާލީ ދެން އިތުރުކަމެއް ބޮޑުބޭބެއަށާއި ބައްޕައަށް ނުކުރެވޭނެއޭ ހިތާއެވެ.

 

“އެހެރީ ކަލޭގެ ދަރި ކުރާ ކަންތައް!” ރަމީޒް އޭގެ ތެރެއިން މާލެއަށް އައި މީހަކު ބޭރުތެރެއިން ފެނިފައި ގެއަށް ގެނެސް ވާހަކަ ދެއްކުމާއެކުހެން ތަށިތައް ތަޅައިގެން ދިޔަ އަޑު އިވިގެން ދިޔައެވެ.

 

“ތިއީ ޤަބޫލު ނުކުރެވޭ ވާހަކައެއްނޫން. ވިޔާމް އަހަންނަކަށް އޮޅުވައެއްނުލާނެ.” އަހުމަދު ކުރިއަށް ޖެހިލަމުން ޔަޤީންކަމާއެކީ ބުނެލިއެވެ.

 

“ނޫން. އޭނަ މިހާރުވަނީ އިޞްލާޙުވެފަ. އޭނަ ނަމާދުވެސް ކުރޭ. ނަމާދަށް ދަނީވެސް ޝަރަފްމެންނާއެކީގަ. އަޑުއެހީ އެއްދުވަހު އޭނަ ތަނަކުން ވެއްޓެން އުޅެނިކޮށް ޝަރަފް އޭނަ ސަލާމަތް ކުރިފަހުންނޭ އޭނަ ރަނގަޅުވީ.” އެ މީހާ ކިޔައިދިނެވެ.

 

“ތިއޮތީ ވެގޮހެއްނު؟ އަވަހަށް އަތްތިލަ ބަޑި ޖަހާ! މަށަކަށް ނޭނގޭ އަހުމަދު ވެސް ވިސްނާ ގޮތެއް މިހާރު. މަށަށް އެނގޭ ކަމަކީ އެ ރިސޯޓު މަޝްހޫރު ވެއްޖެއްޔާ މަ ބަނގުރޫޓު ނުވިޔަސް އަހުމަދު ބަނގުރޫޓުވާނެކަން. އެކަމަކު އަހުމަދު މަސައްކަތެއް ނުކުރިޔަސް މަ ނުހުންނާނަން ކަމެއް ނުކޮށް. އަދިވެސް ލަހެއް ނުވޭ އެ ޝަރަފް ޢައްބާސް ހަލާކުގެ ތެރެއަށް ވައްޓާލަން. އޭނަ އެ އުޅެނީ އޭނައަކީ ކާކުކަން ހަނދާން ނެތިގެން!” ރަމީޒް ބުމަގޮށްޖެހިފައިހުރެ ސާބިތުކަމާއެކީ ބުނެލިއެވެ. އޭގެ ގަޑިއިރުތަކެއްގެ ތެރޭގައި ރަމީޒް ހުރީ ޝަރަފްގެ ރިސޯޓު ހެދުނު ރަށަށް ދެވޭ ފްލައިޓް މަތީގައެވެ. ރަމީޒްގެ ބަހަށް ހެއްލިގެން އަހުމަދުވެސް އޭނަގެ ފަހަތުން ދިޔައީ ވިޔާމަށް ނުރުހުންވެފައި ހުރެއެވެ. ފްލައިޓަށް އަރައި ރަމީޒް ފްލައިޓް މައްޗަށް ނާރަނީސް މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނަ ރާވާނެ ރޭވުން ނިންމާލިއެވެ. އަދި އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ…..މިއީ ރަމީޒް.” ރަމީޒް ބުނެލިއެވެ.

**

އެދުވަހުގެ ހަވީރުވާން ގާތްވެފައި ވަނިކޮށް އަފާފް އޭނަގެ ދެވަނަ ވަޒީފާގެ މަސައްކަތެއްގައި ނުހަނު ބުރަކޮށް ހުއްޓާ ކެބިންގެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެ މޭޒާއި ދުރުގައި ހުރެ ފައިލް ކުރަމުން ދިޔަ ގަނޑުތަކާއެކީ ފޯނުގެ ކައިރިއަށް ގޮސް ގުޅަނީ ކާކުތޯ އަފާފް ބެލިއެވެ. އެހެނަސް އެއީ ނޭނގޭ ނަންބަރަކަށް ވުމުން އަފާފް އަޅާލުމެއްނެތި އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ދެންވެސް ހުއްޓުމެއްނެތި ހަމަ އެ ނަންބަރުން ތަކުރާރުކޮށް އޭނަގެ ފޯނަށް ގުޅިއެއްކަމަކު އަފާފް އެއީ ނުވާކަމަކަށް ހަދާލީ އެވަގުތު ކުރަމުން ދިޔަ މަސައްކަތް ބުރަވެފައި ފަހުން އެ ނަންބަރަށް ގުޅަން ނިންމަމުންނެވެ. ވަކި ހިސާބަކުން މަސައްކަތުގެ ތެރެއަށް ގެއްލުނުވަރުން ފޯނު ވައިބްރޭޓްވާކަން ވެސް އޭނަ ހަނދާންނެތޭ ގޮތްވިއެވެ. އެ ހުރިހާއިރު ފޯނު ދިޔައީ ވައިބްރޭޓްވަމުންކަން އޭނައަށް އެނގުންވީ ވެސް އެ ފޯނު މޭޒުމަތިން ވެއްޓި، ތަޅައިގެން ދިޔުމުންނެވެ. އަފާފަށް ވަގުތުން ގޮސް އޭނަގެ ފޯނު އޮތް ޙާލަތު ބަލާލެވުނެވެ. އެ ފޯނުގެ ސްކްރީން ތަޅައިގެން ގޮސް ބިއްލޫރި ކޮޅުތައް މުޅި އެ ތަންކޮޅަށް ފެތުރިފައިވިއެވެ. މިހާ އަތްމަތި ދުވަސްވަރެއްގައި އޭނަގެ ފޯނު ހަލާކުވެގެން ދިޔުމުން އަފާފްގެ ހިތް ދެރަވާ ގޮތްވިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް އަޅާލުމެއްނެތި އޭނަ އެދުވަހުގެ މަސައްކަތް ނިންމާލާފައި އޭނަ ޕާޓް ޓައިމަށް މިހާރު އަދާކުރާ އެ ވަޒީފާއިން ގެއަށް ދިޔައެވެ.

 

ގެއަށް ގޮސް އޭނަގެ ފޯނު ހަލާކުވީ ވާހަކަ އެހެން މީހަކު ގާތު ނުވެސް ބުނެވެނީސް ގޭގެ ބެލް ވަރަށް އަވަހަށް ޖެހެން ފެށި އަޑު އަފާފަށާއި ހުސެއިނަށާއި ޝާދިޔާއަށް ވެސް އިވުނެވެ. އަފާފް ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ ބުރުގާ އަޅައިގެން ދިގު ހެދުމެއްގައި ހުރި ފައިހާއެވެ. އެކަމާމެދު އުފާ ފާޅުކުރަން އުޅުނެއްކަމަކު ފައިހާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން އަފާފަށް އެއްޗެކޭ ނުބުނެ ހުރެވުނެވެ.

 

“އަފާފް! އެމީހުން އުޅެނީ މިރޭ ޝަރަފްގެ ރިސޯޓަށް އަންނަ އެންމެންނަށް ރާ ދޭން. އަދި ޝަރަފަށް ރާ ދީފަ ޒަހަރުވެސްދޭން!!” ފައިހާ ރޮވެން ކައިރިވެފައިހުރެ ކިޔައިދިން ވާހަކައިން އަފާފްގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އެހެނަސް ފައިހާގެ ވާހަކަތައް އަޑުއަހަން އޭނައަށް ހުރިގޮތަށް ހުރެވުނެވެ.

 

“މި…މިއަދު އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަންނަށް ގުޅީ. އަހަރެން ބޭނުމޭ ކިޔާފަ. އޭނަ ދެއްކި ވާހަކަތަކުގެ ތެރެއިން ބުނީ ތިމަންނައަކީ މިހާރު ނަލަ ފުށި ރިސޯޓުގެ ޝެފްއެކޭ. ރަމީޒްއޭ ތިމަންނަގެ ވަޒީފާ އޮޅުންގަނޑެއްގެ ތެރެއިން ހަމަޖެއްސީ. ތިމަންނަ ގޮއްސަ ކުރަންވީ ކަންތައް އޭނަވަނީ ކިޔައިދީފައޭ. އެއީއޭ އޭނަގެ މޮޅުކަމަކީ. ކިޔައިދީފަ ދެންމެ ބުނި ވާހަކަތައް ކިޔައިދިނީ. އަފާފް ޕްލީޒް ޝަރަފަށް ގުޅާފަ އަންގަބަލަ.” ފައިހާ އެދުނެވެ. އެއާއެކު އަފާފަށް އޭނަގެ ފޯނު ނެގެން އުޅުނެވެ. އެހެނަސް މިއަދު އޭނަގެ ފޯނު ހަލާކުވެއްޖެކަން އެނގި އޭނަ ވަގުތުން މަންމަގެ ފޯނު ހޯދިއެވެ. އަދި އެއަށްފަހު ޝަރަފްގެ ފޯނަށް ގުޅައި ކަންފަތުގައި ޖެއްސިއެވެ. މާ ގިނައިރެއްނުވެ ފޯނު އެންގޭޖްވެފައިވި އަޑު އިވިފައި އަފާފްގެ ނިތުން ދާތިކިތައް ހިއްލިއެވެ.

 

**

 

އެދުވަހުގެ އެ ވަގުތު ޝަރަފް އުޅެމުން ދިޔައީ އެތައް މަސައްކަތެއްގެ ތެރޭގައެވެ. ރިސޯޓަށް އަންނަން އުޅޭ ޚާއްސަ މެހުމާނުންނަށް ދަޢުވަތު އެރުވިފައިވިޔަސް އިތުރު ކުންފުނިތަކަށް ގުޅައި އެ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ވެސް އޭނަ އަމިއްލައަށް ގުޅައި ދަޢުވަތު އެރުވިއެވެ. އޭނައަށް އެންމެ ފަހުން ގުޅުނު ކުންފުންޏާއި ވާހަކަ ދައްކަން ހުއްޓާ ޝިނާޒް ކޮންމެވެސް ކަމަކު އޭނައަށް ގޮވުމުން ޝަރަފް މޭޒުމަތީގައި ފޯނު ބާއްވާފައި އޭނަ ގާތަށް ދިޔައެވެ. އެ ހިނދު އެ ފޯނަށް 3 މިސްކޯލު އައިސްފައިވިކަން ނޭނގުނީ އޭނައަށް އެ ފޯނަށް ނުވެސް ބެލުނީތީވެއެވެ. ފޯނު ދެންވެސް ރިންގުވާން ފެށިކަން އޭނައަށް ނޭނގުނީ އޭނަ މާ ދުރަށް ގޮސްފައިވުމުންނެވެ.

 

**

 

“އޭނަ ފޯނެއްނުނަގާ. މަންމަގެ ފޯނުގަ އޮންނާނެތަ ޒޯގެ ނަންބަރު؟ އަހަރެން ހަނދާނެއްނެތް.” އަފާފް އެހިއެވެ. އެހެނަސް އެއީ ޝާދިޔާ ދަންނަ ނަންބަރަކަށް ނުވިއެވެ. ކަންބޮޑުވުން އިތުރުވެގެން ދިޔުމުން އަފާފް ޝަބާއަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ޝަބާއަށް ޝިނާޒްގެ ނަންބަރު އެނގޭތޯ ވެސް ބަލައި ހޯދިއެވެ. އެހެނަސް ޝިނާޒް އައި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޝަބާއަށް އެ ނަންބަރު ލިބިފައިވާ ކަމަކަށް ނުވެއެވެ. ޝަބާ ވެސް ހާސްވި ވަރުން އޭނަ ހަމަ އެވަގުތު އެގެއަށް ދިޔައެވެ. އަދި ސޯފާގައި އިނދެ ތަކުރާރުކޮށް ޝަރަފަށް ގުޅަމުން ދިޔަ އަފާފް ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

 

“އޭނަ ވަރަށް ބިޒީވާނެއެއްނު މިއަދު؟ އެހެންވެ ނުނެގެނީ.” ޝަބާ އަފާފްގެ ކޮނޑުމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އޭރުއްސުރެ އެއްފަހަރުވެސް ޝަރަފް ފޯނު ނުނެގުމުން އަފާފް މާޔޫސްވާ ގޮތްވިއެވެ. އޭނަ މި ގުޅަނީ ބޮޑު ކަމަކުކަމަށްބުނެ އޭނަގެ ހިތް ރޮމުން ދިޔައެވެ. އެހެނަސް 10 ވަނަ ފަހަރަށް ވެސް ފޯނު ކެނޑިގެން ދިޔުމުން އަފާފް އެކަން ހުއްޓާލިއެވެ. އެއަށްފަހު ކުއްލިއަކަށް ހުސެއިނަށް ބަލާލިއެވެ.

 

“އަހަރެން ބޭނުން އެތަނަށް ފުރައިގެން ދާން. މިހާރު!” އަފާފް ސާބިތު މޫނަކާއެކީ ބުނެލި ވާހަކައިން އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އަފާފް އެ ޙާލަތުގައި ދަތުރު ކުރާނީ ކިހިނެއްތޯ ބުނެ އެންމެން ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް އަފާފް ހުރީ ގޮތް ދޫކުރާ ގޮތެއްގައެއް ނޫނެވެ. އޭނަ މެސެޖެއް ފޮނުވިޔަސް ޝަރަފަށް ނުފެނި ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގައިދާނެތީވެއެވެ. އޭނަ ބޭނުންވީ އޭނައަށް އެ ގޯސްވުން ހުއްޓޭނެކަން ޔަޤީންކުރާށެވެ. އަފާފްގެ އެ ވަރުގަދަ ޢަޒުމުގެ ސަބަބުން އެކަކަށްވެސް އޭނަގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އެންމެ ފަހުން ހުސެއިން ޖެހުނީ އެންމެ ރަނގަޅޭ ބުނެ އަފާފާއެކީ ފުރަން ދަތުރު ހަދާށެވެ.

 

**

 

އަފާފަށް ހީވެފައި އޮތީ ރަނގަޅަށެވެ. ޝަރަފް މުޅި އެދުވަސް ހޭދަކުރީ އޭނަގެ ފޯނާއި ދުރުގައެވެ. ޝަރަފަށް އޭނަގެ ފޯނަށް ކޯލްތައް އައިސްފައިވިކަން އޭނައަށް ފާހަގަވެސް ވީ ހުޅުވުމުގެ ރަސްމިއްޔާތަށް ދިޔުމަށްޓަކައި ޝަރަފް އާ ކޯޓު ފަޓުލޫނު ލައިގެން ރީތިވާ މޭޒު ކައިރީގައި ހުއްޓި ހުރި ވަގުތެވެ. އެތައް ދުވަހެއް ފަހުން އެގޮތަށް ރީތިވެލެވެމުން ވެސް އޭނަގެ ހަނދާނަށް އައީ އަފާފެވެ. އަފާފަށް މިރޭ އޭނަ ފެންނާނެނަމައޭ ހިތަށްއެރިއެވެ. ޝަރަފް އަމިއްލަ ޚިޔާލުތަކަށް ގެއްލެން އުޅުނު ވަގުތު ޝިނާޒް ލަސްވެގެން ބޭރުން އޭނައަށް ގޮވާލިއެވެ. އެއާއެކު ޝަރަފް އެ މޭޒުމަތީގައި އޮތް ފޯނު ނަގައި ހުޅުވާލީ ގަޑި ބަލާލުމަށެވެ. އެހިނދު 13 މިސް ކޯލު ފެނިފައި ޝަރަފަށް ވަގުތުން އެއީ ކާކުތޯ ބަލާލެވުނެވެ. މައިދައިތަގެ ނަން ފެނިފައި ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މިއީ އަނެއްކާވެސް މަންމަ ކޮންމެވެސް އެހެން އެއްޗަކާ ކުޅެން ކުރި މަސައްކަތުގައި އޭނައަށް ގުޅުނީކަމަށް ޝަރަފަށް ނިންމުނެވެ. އެހެންޏާ އެ މަންމަ އޭނައަށް ގުޅަންވީ ސަބަބެއްނެތެވެ. އަދި އެހާ ގިނައިންނެވެ. ޝަރަފް އޭނަގެ ހީކުރުން ހީކުރަމުން ދާން ހިނގައިގަތީ ޝިނާޒް ކޮޓަރިއަށް ބޯދިއްކޮށް އެބަ އަންނަންތޯ ސުވާލުކުރުމުންނެވެ.

 

ހުޅުވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔަ ވަގުތަކީ ރިސޯޓުގެ ކައްކާ ބައެއްގައި ތިބި މީހުންގެ މަސައްކަތް ވަރަށް ބުރަވި ވަގުތަކަށެވެ. ފައިހާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ފަސީހް އެއެންމެންގެ ބޮޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. ފަސީހް ނިމެމުން ދިޔަ ކާއެއްޗެހީ ރަހަ ބަލަމުން އޭނަ އަޅަން ބުނި އެއްޗެއްގެ އަސަރު އެހާ ގަދަ ނޫންތޯ ބަލައި ޔަޤީންކުރިއެވެ. ކާއެއްޗެހި ތައްޔާރު ކުރުމުގައި އަވަދިނެތި ތިއްބާ ބޭރުން މީހަކު އެތަނަށް ވަދެގެން އައެވެ. އެމީހަކު ފެނިފައި ފަސީހްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

“ކިހިނެއް ހުރިހާ ކަމެއް؟” ފަސީހްއާ ދިމާކޮށްލަމުން އެހެން އަހާލީ ރަމީޒް ނޫން ދެވަނަ މީހެއްނޫނެވެ.

 

“ބަރާބަރު!” ފަސީހް ބުނެލިއެވެ.

 

“އަހަންނަށާއި އަހުމަދަށް ޑްރިންކްތަކެއް އަޅާފަ ދީބަލަ. އަދި މިހާރު އެ ޝަރަފް އުޅެނީ ޕޯޑިއަމަށް އަރަން. އެ މަނިކުފާނުގެ ވާހަކަކޮޅު ނިމޭއިރަށް އޭނަ ބޯއެތިވެސް ހުންނަންވާނީ ތައްޔާރަށް. ނަގާބަލަ!” ރަމީޒް ބުނެލިއެވެ. އެއާއެކު ފަސީހް އޭނަ ގޮވައިގެން އެތާ ވަކިން ހުރި ކެބިނެޓެއްގެ ކައިރިއަށް ދިޔައެވެ. އަދި އޭނަ ފޮރުވައިގެން ގެންގުޅުނު ފުޅިއަކުން ރަމީޒަށާއި އަހުމަދަށްވީ ތަށްޓަށް އެޅިއެވެ. އަދި ޝަރަފްމެންނަށް ވީ ހަމަ އެކުލައިގެ އެހެން ބުއިމެއް ހަމަ އެއްވައްތަރެއްގެ އެހެން ތަށިތަކަށް އެޅިއެވެ.

 

“މީތި އަޅަންވީ ތި ތަށްޓަށް!” ރަމީޒް ދުރުބަލަމުން އޭނަގެ ކޯޓުގެ ތެރެއިން ކޮންމެވެސް ކުނޑިއެއް ހުރި ޕެކެޓެއް ނަގައި ފަސީހަށް ދިއްކޮށްލިއެވެ. އެއަށްފަހު ފަސީހަށް ކޮންތަށްޓެއްކަން ސާފުކޮށްނުދީ ރަމީޒް ދިޔައެވެ. ރަމީޒް އޭނައަށް ދިނީ ރަމީޒްގެ ތަށްޓަށް އަޅަން އިތުރު މަސްތުވާ އެއްޗެއްތޯ ނޫނީ ޝަރަފަށް ދޭން ޒަހަރެއްތޯ އޭނަގެ ކޮށި ވިސްނުމަކަށް ސާފެއްނުވިއެވެ. ފަސީހް އިތުރަށް ސާފުކުރުމަށްޓަކައި ރަމީޒް ފެނޭތޯވެސް ބެލިއެވެ. އެހެނަސް އޭނަ ނުފެނުމުން ފަސީހަށް ގޮތެއް ނިންމަން މަޖުބޫރުވިއެވެ. އެހެނަސް އޭނަ އަނބުރާ އައިއިރު ބަދިގޭގެ އެހެން މުވައްޒަފަކު އެ ތަށިތައް ރޭވިފައި ހުރި ތަބަށް ނެގުމަށްޓަކައި ތަށިތައް ނަގާފައި ބެހެއްޓި ގޮތުން ފަސީހް އިތުރަށް އޮޅުން އަރާ ގޮތްވިއެވެ. ހުރިހާ ތަށްޓެއްގައިވި ހުރިހާ ބުއިމެއް އޭނައަށް ފެންނަމުން ދިޔައީ އެއްގޮތަކަށެވެ. އެ ތަށިތައް ވައްޓާލާފައި އަލުން ތަށިތަކަށް ބުއިންތައް އަޅަން ހިތަށްއެރިއެއްކަމަކު އޭނައަށް އެނގެއޭ ފަސީހްގެ ހިތަށްއެރިއެވެ. އަދި އޭނަ ވަހަށް ބަރޯސާވެ ރަމީޒާއި އަހުމަދުގެ ތަށި ފިޔަވައި އެހެން ހުރިހާ ތަށިތަކަށް އެކި ވަރަށް އެ ކުނޑި އަޅައި ގިރާލިއެވެ.

 

**

 

އަފާފަށް ‘ނަލަ ފުށި’ ރިސޯޓު ހުންނަ ރަށަށް ދެވުނީ އެރޭ 8:45 ވާން ގާތްވެފައި ވަނިކޮށެވެ. ބައްޕައާއެކީ އަފާފް އެމީހުން ގެނައި އެންމެ ދަބަހަކާއެކީ ޓެކްސީއެއް ހިފައި ވަގުތުން އެމީހުން އެ ރިސޯޓު ހުންނަ ހިސާބަށް ގެންދިޔުމަށް އެދުނެވެ. އެމީހުން އެ އެދުނު ވަގުތަކީ ޓެކްސީއިން ޖައްސާލެވިފައިވި ރޭޑިޔޯއިން އެ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފް ވާހަކަ ދައްކަން ފެށި ވަގުތެވެ. ނުހަނު ގާތުން ޝަރަފްގެ އަޑު އިވިފައި ފްލައިޓްގެ ތެރެއިން އަފާފަށް އިޙްޞާޞް ކުރެވުނު ވަރުބަލިކަމާއި ބަނޑަށް އެރި ތަދުގެ މަތިން ވެސް ހަނދާން ނެތުނެވެ. އޭނަ މިވަނީ ޝަރަފާއި އެއްބިމެއްގައިވެފައި އޭނަ މިދަނީ ޝަރަފްގެ ގާތަށް ދާންކަން އެނގުންވީ ވަގުތު އޭނަގެ ހިތް އުފަލުން ނަށައިގަތެވެ. އެ އުފާވެރިކަމުގެ ތެރޭގައި އަފާފް ޝަރަފްގެ ވާހަކައަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

 

**

 

ފުރަތަމަ ފަހަރަށް ޕޯޑިއަމެއްގެ ކައިރީގައި ހުރެ ޝަރަފް ވާހަކަ ފެށީ ބިސްމި ކިޔައި ޞަލަވާތް ކިޔަވާފައެވެ. އޭނަގެ ވާހަކަ އަޑުއަހަން ތިބި ގިނަ މެހުމާނުންނަކީ އެފަދަ ބަސްތައް އެހާ ގިނައިން އިވޭ ބަޔަކަށް ނުވުމުން އެމީހުންގެ މޫނުމަތިން ޙައިރާންކަން ފާޅުވިއެވެ. ޝަރަފް ހިނިތުންވެލަމުން ޙައިރާންވޭތޯ ސުވާލުކުރިއެވެ. މި ރިސޯޓުގެ ޚާޞިއްޔަތުކަމަކީ އެއީ ކަމަށް އޭނަ ބުންޏެވެ. ރިސޯޓަށް ފިޔަވަޅު އެޅީއްސުރެ ވެސް ތަޖުރިބާ ކުރެވޭނީ އަޖާއިބުކުރުވަނިވި ފުރިހަމަ ޚިދުމަތްތަކެއްކަން އޭނަ ޔަޤީންކޮށްދިނީ އިން ޝާ ﷲ އިތުރު ކުރަމުންނެވެ. އެތާނގައި ފްރެޑްއާއި އޭނަވެސް ގެނެސްފައިތިބި މުސްލިމް ނޫން މަހުޖަނުން ތިއްބެއްކަމަކު އޭނަ ޖެހިލުމެއްނެތި މި ރިސޯޓު އަޅަން އޭނައަށް ހިތްވަރު ލިބުނީ ކިހިނެއްކަން ކިޔައިދިނެވެ. އެ ރިސޯޓު މޮޅުވާނީ ކީއްވެގެންކަން ކިޔައިދިނުމަށްފަހު އޭނައަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ﷲ ގެ ޙަޟްރަތުން އޭނައަށް ވަރަށް ގިނަ ބައެއްގެ އެހީ ލިބިގެންކަމަށް އޭނަ ބުންޏެވެ. އޭގެތެރެއިން އޭނަ އެންމެ ފުރަތަމަ އޭނަ ޝުކުރު އަދާކުރީ ފްރެޑްއަށެވެ. އެއަށްފަހު ޝިނާޒަށާއި ނަބީހަށެވެ. އެ ނަންތައް ކިޔާފައި އިތުރަށް ވާހަކަ ދެކެވުމުގެ ކުރިން އޭނަ ކުޑަކޮށް މަޑުކޮށްލަން ޖެހުނީ ހިތަށް އުނދަގޫވީ މިންވަރުންނެވެ.

 

“އަދި…..އަހަރެންގެ އަންހެނުން.” ޝަރަފް އެހެން ބުނެލީ އެ ބަސްތައް އަފާފް އަޑުއަހައިގެން ހުންނާނެކަމުގެ އުއްމީދުގައެވެ.

 

**

 

ކާރުތެރޭގައި އިން އަފާފަށް ޝަރަފްގެ އެ ބަސްތައް އިވިފައި އޭނަގެ ދެލޯ ކަރުނަތަކެއްގެ ސަބަބުން ވިދާލިއެވެ. ޝަރަފް އިތުރަށް ވާހަކަ ދައްކަން ފެށުމުން އޭނަ ނުރޯން އިތުރު މަސައްކަތެއް ކުރަން ޖެހުނެވެ.

 

“ރިސޯޓު އެޅިހާ ދުވަސްތަކުގައި އޭނަ އަހަންނާއި ދުރުގައި ހުއްޓަސް، ހުރިހާ ވަގުތެއްގައި އަހަންނަށް ހިތްވަރު ދެމުން ދިޔަ މީހަކީ އެއީ. އެތައް ދުވަހެއް ވަންދެން އެކަނި އުޅެންވުމުން ވެސް ޝަކުވާއެއް ނުކޮށް އޭނަ ކެތްކުރި. އަދި ވަރަށް އަވަހަށް އަންނަން އުޅޭ އަހަރުމެންގެ ދަރިފުޅުވެސް އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވެގެން ދިޔަ. އަހަންނަށް މިހާ އަވަހަށް މަސައްކަތްތައް ނިންމަން ހިތްވަރެއް ލިބުނީ އެދެމީހުންދެކެ ވާ ލޯތްބެއްގެ ސަބަބުން. އެދެމީހުން މިތާނގައި ނެތަސް، ބުނެލަން ބޭނުންވަނީ ވަރަށް ލޯބިވެއޭ ތި ދެމީހުން ދެކެވެސް.” ޝަރަފް ފަށުވި އިނގިރޭސި ޢިބާރާތްތަކުން ދެއްކި ވާހަކަތަކުން އަފާފަށް ރަނގަޅަށް ރޮވެން ފެށިއެވެ. އެއަށްފަހު ދެން ޝަރަފް ދެއްކި ވާހަކަތަކަށް އޭނައަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. އަފާފް ދެން ހަމަހޭވެރިކަމެއްވީ ޝަރަފްގެ ވާހަކަ ނިމުމުން އެތާތިބި މީހުން އަތްތިލަ ބަޑި ޖަހަން ފެށި އަޑަށެވެ. އެއާއެކު އަފާފް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން އަވަހަށް ހިނގާށޭ ޑްރިވަރު ގާތު ބުނެލިއެވެ.

 

**

 

ހުރިހާ މެހުމާނުންނަށް ވެސް ރިސޯޓުތެރެ ބަލާލުމަށް ދަޢުވަތު އެރުވުމަށްފަހު ޝަރަފް ޕޯޑިއަމުން ފައިބައިގެން ދިޔައެވެ. އޭނަ ފޭބުމާއެކުހެން އޭނައާއި ދިމާކޮށްލި ކޮންމެވެސް ކުންފުންޏެއްގެ ވެރިއަކު އޭނައާއި ސަލާންކޮށް ވާހަކަ ދައްކަން ފެށިއެވެ. އެމީހާގެ ވާހަކަ ދިގުވުމުން ޝަރަފް އެމީހާގާތު ތިމަންނައާއެކީ ލައުންޖަށް ދާންވީ ނޫންތޯ ބުނެ އެދިމާލަށް ހިނގައިގަތެވެ.

 

**

 

ތައްޔާރު ކުރެވުނު ބުއިންތައް ފަސީހް އެހެން މީހަކާ ޙަވާލުކޮށްލީ ނުހަނު ޔަޤީންކަމާއި އެކީގައެވެ. އެ ތަބަކުގައި ތަށިތައް ބެހެއްޓީ ޚުދު އޭނައެވެ. އެހެނަސް އޭރު އޭނަ އަނެއްކާވެސް ކުނޑި ނޭޅޭ ތަށްޓާއި އެޅުނު ތަށި އޮޅޭ ގޮތްވިއެވެ. ފަހު ފަހަރަށް ވެސް ހުރިހާ އެއްޗެއް ބަދަލުކުރަންވީއޭ ހިތަށްއެރި ވަގުތު ރަމީޒް އައިސް ނުހަނު ރުޅިވެރި ރާގަކަށް އޭނަ ލޯންޖުގައި އެބަހުއްޓޭ ބުނެލިއެވެ. އެއާއެކު ފަސީހް، ރަމީޒް އިތުރަށް ރުޅި ނޭރުވުމަށްޓަކައި އެ ތަބަކާއި އެކީ ވެއިޓަރު ފޮނުވާލީ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށްކަމަށް އުއްމީދު ކުރަމުންނެވެ.

 

**

 

އަފާފާއި ހުސެއިނަށް ރިސޯޓާއި ހަމައަށް ދެވުނީ 9 ޖަހަން ގާތްވެފައިވަނިކޮށެވެ. ދެމީހުންނަކަށް ރިސޯޓަށް ވަންނަން ފަސޭހައެއްނުވިއެވެ. އެތާނގައި ސެކިއުރިޓީ ވަރަށް ވެސް ހަރުކަށިއެވެ. އަފާފް އޭނައަކީ ޝަރަފްގެ އަންހެނުން ކަމަށް ބުނެ އަޑުއެހުމަށް އެތައް ވަރަކަށް އާދޭސްކުރިއެވެ. އޭނަ ތިން ވަނަ ފަހަރަށް އެފަދަ ވާހަކައެއް ދެއްކި އަޑު އެތާ ކައިރިން ހިނގާފައި ދިޔަ ޝިނާޒަށް އިވުނެވެ. ޝިނާޒް އެ ދިމާލަށް ބަލާލުމާއެކުހެން އޭނަ ސިހުންވާ ގޮތްވިއެވެ. ބޮޑު ބަނޑަކާއެކީ އެހެރީ އަފާފް ނޫން ދެވަނަ މީހަކަށް ނުވާނެކަން އޭނައަށް ޔަޤީންވިއެވެ. އޭނަ ވަގުތުން ގޮސް ސެކިއުރިޓީއާއި ވާހަކަ ދައްކައިގެން ހުސެއިނާއި އަފާފް ވެއްދިއެވެ.

 

“ޝަރަފް އެއްވެސް އެއްޗެއް ބޮއިފިތަ؟” އަފާފަށް އަވަސްއަވަހަށް އަހާލެވުނެވެ.

 

“ން….ނޭނގޭ. ކިހިނެއްވީ؟” ޝިނާޒަށް އަހާލެވުނެވެ.

 

“އެމީހުން އުޅެނީ ކާއެއްޗެއްސަށާއި ބުއިންތަކާއި ރަލާއި ޒަހަރުވެސް އަޅައިގެން!” އަފާފް ރޮވެން ކައިރިވެފައި ހުރެ ބުންޏެވެ. ލިބުނު ޝޮކްގައި ޝިނާޒަށް ވަޓްއޭ ނުހަނު ހަރު އަޑުން ކިޔާލެވުނެވެ. އަފާފް އިތުރު ވާހަކައެއް ދެއްކުމެއްނެތި ކުރިއަށް ހިނގައިގަންނަމުން ތިމަންނައަށް ޝަރަފް ހުރިތަނެއް ދައްކާށޭ ބުނެލިއެވެ. ޝިނާޒް އޭނަގެ ފަހަތުން ހިނގަމުން ތީ ޙަޤީޤަތެއްތޯ ސުވާލުކުރުމުން އަފާފް ތަފްޞީލުކޮށް ކިޔައިދިނެވެ.

 

**

 

ލޯންޖުގައި ޝަރަފް އެ ވެރިމީހާއާއި ވާހަކަ ދައްކަން އިންދާ ވޭޓަރަކު އައިސް އެ ދެމީހުންނަށް ދެ ތަށި ދިނެވެ. ޝަރަފަށް ދިނީ އެމީހާއާއި ތަފާތު ކުލައެއްގެ ބުއިމެކެވެ. އެވަގުތު އެއްޗެއް ބޯ ހިތެއްނުވުމުން ޝަރަފް އޭނަގެ ތަށި އެތާހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި މިނެޓްތަކެއް ވަންދެން ދެންވެސް އެމީހާއާއި ވާހަކަ ދައްކަން އިނދެފައި އެމީހާ ދާން ހިނގައިގަތުމުން އެ ތަށި ނެގިއެވެ. އެ ތަށިން ކޯވަރެއް ދަމާލުމުން އޭގައި ދިނީ އާފަލު ޖޫސް ރަހައެވެ. އެ ރަހަ މާ ބޮޑަށް ގަދަވެފައިވިހެން އޭނައަށް ހީވީ ކީއްވެކަމެއް ޝަރަފަކަށް ނޭނގުނެވެ. މިއީ ހަމަ މި ރިސޯޓުގައި ހެދޭ ޖޫހުގައި ލާ ރަހަތޯ އޭނަގެ ހިތަށްއެރިއެވެ. އެ ބައި ކޮންމެހެން ވެސް ބަދަލުކުރަން ޖެހެއޭ ހިތައި ޝަރަފް ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު ދެންވެސް އެ ތަށިން ބުއީ އެ ޖޫސް ވަކި ހިސާބަކުން ވެސް މީރުވޭތޯ ބެލުމަށެވެ. އެހެނަސް އޭނަގެ އެ ޙަރަކާތަށް ހުއްޓުމެއް ގެނައީ މުޅި ތަނަށް އިވޭވަރަށް މީހަކު އޭނައަށް ގޮވާލި އަޑަށެވެ.

 

“ޝަރަފް!!!” ޝަރަފަށް ވަގުތުން އެ އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ކާކުކަން އޭނައަށް ޔަޤީން ކުރެވުނީތީވެއެވެ. ހަމަ އެއާއެކު އޭނައާއި 10 ފިޔަވަޅުހާ ދުރުން އޭނަ މިހުރިހާ ދުވަސްވަންދެން ދެކެން ބޭނުންވެފައިވި އަންހެން ކުއްޖާ ހުރިތަން ފެނިފައި ޝަރަފްގެ ނޭވާ ހުއްޓުމަކަށްއައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ފުރިހަމައަށް ހިނިތުންވެލަން އުޅުނެއްކަމަކު އެ ހިނދު އޭނަގެ ބޮލަށް އެނބުރުން އަރައި އޭނަގެ މޭވެސް ނުބައިކުރަން ފެށިއެވެ. އޭނަގެ ދެލޯ ފުސްވެ އޭނަގެ ކަކުލު ހުޅުން ވާގި ނެތިދިޔަހެން ހީވުމުން ޝަރަފަށް އޭނަގެ ކަކޫމައްޗަށް ތިރިވެވުނެވެ. ޝަރަފް ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި އަފާފްގެ ހިތުތެރޭގައި އުފާވެރިކަމުގެ ވިންދުތައް ޖަހަން ފެށިއެއްކަމަކު ޝަރަފަށް ވަމުން ދިޔަ ގޮތް ފެނިފައި އެ ވިންދުތައް ހުއްޓި އެ ހިތުގެ ތެރޭގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. ޝަރަފް ގޮސް ބިންމަތީގައި ޖެހި އޭނަގެ އަތުގައި ހުރި ތަށި ވެއްޓި ތަޅައިގެން ދިޔަ ވަގުތު އަނެއްކާވެސް އަފާފަށް ޝަރަފްގެ ނަމުން ގޮވާލަމުން އޭނައާއި ދިމާލަށް ދެވުނެވެ. ތަޅައިގެން ގޮސްފައިވި ބިއްލޫރި ކޮޅުތަކެއްގެ މައްޗަށް އަރައި އަފާފްގެ ފައި ކެނޑުނެއްކަމަކު އޭނައަށް އެކަން އިޙްޞާޞެއް ނުވި ފަދައެވެ. އޭނައަށް އެވަގުތު އެހެން އެއްވެސް ކަމަކާމެދު ވިސްނުމެއްނެތި ބިންމައްޗަށް ތިރިވެ ޝަރަފްގެ ގައިގައި ހިފަހައްޓާލެވުނެވެ.

 

“ޝަރަފް ޕްލީޒް ލޯ މުޅިން ނުމަރާތި! އަހަންނަށް ބަލާލަބަލަ ޝަރަފް! ޕްލީޒް!” އަފާފް ޝަރަފްގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހަދަންވީ ވަކި ގޮތެއް ނޭނގިފައި ބުނެލެވުނެވެ. އެހެނަސް ދެންވެގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ. އޭނަ ބަލަބަލާ ހުއްޓާ ޝަރަފްގެ އަނގައިންނާއި ނޭފަތުން ހުދުކުލައިގެ ފޮނު ނިކުންނަން ފެށިއެވެ. އެ މަންޒަރު ފެނިފައި އަފާފް ގަބުވެފައި އިންދާ ޝިނާޒް ހާސްވެހުރެ ދެވަނަ ފަހަރަށް އެމްބިއުލާންސަށް ގުޅާލިއެވެ. އޭގެ ކުރިން އޭނަ ވަނީ ފުލުހުންނަށް ވެސް ގުޅާފައެވެ. ރަމީޒްގެ ކަންތައްތަކުގެ ވާހަކަ އަފާފްގެ ފަރާތުން އެނގުމުން އައި ރުޅީގައެވެ. އެހެނަސް ރަމީޒަށް އެރޭ ބޭނުންވީ ފުލުހުންނެއް ނޫންކަން ޝިނާޒަކަށް ނޭނގެއެވެ. ޝިނާޒާއި އަފާފާއި ދެންވެސް ތިބި އެންމެން އެކީގައި ޝަރަފް ހޮސްޕިޓަލަށް ގެންދިޔަ ވަގުތަކީ ރަމީޒްގެ ވެސް ނޭވާ ހާސްވާން ފެށި ވަގުތެވެ. ފުލުހުން އޭނަ ހައްޔަރު ކުރުމަށްޓަކައި ރިސޯޓަށް އައި ވަގުތަކީ އޭނަ މޭމަތީގައި އެއްއަތް އަޅައިގެން ހުއްޓާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނު ވަގުތެވެ.

 

އެރޭ ރަމީޒާއި ޝަރަފަށް އައި.ސީ.ޔޫ ގައި ފަރުވާ ދެވެން ފެށީ އެއްވަގުތެއްގައެވެ. އެހެނަސް ސަލާމަތް ކުރެވުނީ އޭގެ ތެރެއިން 24 އަހަރުގެ ޒުވާނާކަމަށް އޭގެ އަނެއްދުވަހުގެ ޚަބަރުތަކުން ފެންނަން ފެށިއެވެ. ކުރެވުނު ތަޙްޤީޤުތަކުން އެނގޭ ގޮތުގައި 68 އަހަރުގެ ފިރިހެން މީހާ ސަލާމަތް ނުކުރެވުނީ އޭނަގެ ހަށިގަނޑުގައި މާ ގިނައިން ވިހަ ހުރިކަމަށް ލަފާ ކުރެވޭތީވެ ކަމަށް ވެސް ބުނެވުނެވެ. އޭގެ 3 ދުވަސްފަހުން އެ ވިހަ އެޅުމުގައި މަސައްކަތް ކުރީ ވެސް އެ ފިރިހެން މީހާކަން ސާބިތު ކުރެވިގެން ދިޔައެވެ. އެ މައްސަލަ ނިމި، ޙައްލުވެގެން ދިޔަ ޚަބަރު ކިޔަމުން ދިޔަ ގިނަ ބަޔަކަށް ނޭނގުނު ކަމަކީ، އެއީ އަނދިރީގެ ތެރޭގައި އުޅުނު މީހަކު ޚުދު އަނދިރީގެ ތެރެއަށް ގެއްލުނު ގޮތުގެ ވާހަކަކަމެވެ. އަދި އެއިން ކޮންމެ ވާހަކައެއްގައި ވެސް ވިސްނައިފިނަމަ އެމީހުންނަށްޓަކައި ޢިބްރަތެއްވާކަމެވެ.

 

**10 އަހަރު ފަސް**

 

ދުވަސްވަރަކީ އަހަރީ ޗުއްޓީގެ ބަންދު ދުވަސްވަރު ކަމަށްވުމުން އަފާފާއި ޝަރަފް އެމީހުންގެ 10 އަހަރުގެ ދަރިފުޅު ކަމަށްވާ އައިލިން ގޮވައިގެން ގޮސްފައި ތިބީ ރާއްޖެ ތެރޭގެ ރަށަކަށެވެ. މިއީ އަބަދުވެސް އެމީހުންގެ އާދައެވެ. ޗުއްޓީއެއް ލިބުނިއްޔާ އެމީހުން ގޮސް ހަދާނީ ބޭރު ޤައުމެއް އެހެންނޫނީ އެމީހުންގެ އަމިއްލަ ރިސޯޓުގެ ވެސް ބަދަލުގައި ކޮންމެވެސް އެއް ކުޑަ ރަށަކަށެވެ. އެއީ އައިލިންއަށް މާ ކަމުދާ ގޮތަކަށް ވާތީވެއެވެ. އައިލިން ބޮޑުވެގެން އައީ މުއްސަނދި މާޙައުލެއްގައިވިޔަސް އޭނަގެ ކިބައިގައި އާދަޔާ ޚިލާފު ހިތްތިރިކަމެއް ވެއެވެ. މިއީ އަފާފާއި ޝަރަފް 10 އަހަރު ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާގައި ﷲ ބަރަކާތް ލެއްވި ގޮތްކަން އެދެމީހުންނަށް ވިސްނެއެވެ. ކޮންމެ ނިޢުމަތެއް ލިބުނަސް ﷲ އަށް ޝުކުރު ކުރަން ޖެހޭ ކަމާއި އެ ލިބޭ ނިޢުމަތްތަކާމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަމަށް އެމީހުން އައިލިންއަށް ހަނދާންކޮށްދެމުން ދިޔައީ އެކުއްޖާއަށް ވާހަކަ ދެކެވެން ފެށީއްސުރެއެވެ. ނަތީޖާއެއްގެ ގޮތުން އައިލިންވެގެން ދިޔައީ އޭނައަށް ލިބޭ ކޮންމެ ނިޢުމަތެއްގެ ބޭނުންވެސް އެންމެ ހެޔޮ ގޮތުގައި ހިފާ ކުއްޖަކަށެވެ. އަދި އެ ނިޢުމަތްތައް ލިބިފައިނެތް އެހެން މީހުންނަށް ރަޙުމްކުރާ ކުއްޖަކަށެވެ. މީގެ އިތުރުން ޤުރުއާނުގެ އާޔަތްތަކާމެދު ވާހަކަ ދެއްކުމަކީ އޭނަގެ މަންމައާއި ބައްޕަ ގިނަގިނައިން ކުރާ ކަމަކަށްވާތީ އެ ޢުމުރުގައިވެސް އައިލިންގެ ހިތުގައި ޤުރުއާނަށްޓަކައި ލޯތްބެއް އުފެދިފައިވެއެވެ. އަދި އޭނަގެ މަންމަ ފަދައިން އޭނަވެސް ޤުރުއާން އުނގެނި ޤުރުއާން ދަސްކޮށްދޭ މީހަކަށްވާން ބޭނުންވާ ކަމަށް އައިލިން ބުނެލީ މި އަހަރުގެ މެދުތެރޭގައެވެ. އައިލިން އަމިއްލައަށް އިސްނަގައިގެން އޭނަގެ އެކުވެރިން ގެއަށް ގެނެސް ޤުރުއާނުގެ ވާހަކަތައް ކިޔައިދޭ މަންޒަރު ފެނިފައި އަފާފާއި ޝަރަފްގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލިގެން ދެއެވެ. ދެން އިތުރުކަމެއް އެމީހުންގެ ދިރިއުޅުމުން ބޭނުންނުވާކަމަށް ދެމީހުންނަށް ވެސް އެއްބަސްވެވެއެވެ. އެމީހުން ދެބަސްވަނީ އެންމެ ކަމަކާއި މެދުގައެވެ. އައިލިން އެ އުޅެނީ ކާކު ގޮތަށް ކަމާއި މެދުގައެވެ.

 

“އަފޫއަށް ކިތަންމެ ޤަބޫލުނުކުރެވުނަސް އައިލީ އެއީ ހަމަ އަހަރެން! ހަމަ އެއްވެސް ތަފާތެއް ނުހުރޭ އަހަންނާ އައިލިން ސްޕީޗްދޭ ގޮތާއި ދެމެދު.” ޝަރަފް އެ ޗުއްޓީ ތެރޭގައި އެމީހުން ކުއްޔަށް ހިފި ގޭގެ ސިޓިންގް ރޫމުގައި ހުރި ސޯފާގައި އެއްރެއަކު އިނދެ ބުންޏެވެ.

 

“އައްޗި! ކޮންތާކު؟ ތި މީހާއަށް އެހާ ރީއްޗަށް އެއްޗެހި ބުނެދޭކަށް ނޭނގޭނެ!” އަފާފް ފޮތެއް ކިޔަން އިނދެ ބުންޏެވެ. ޝަރަފް އޭގެ ޖަވާބެއްގެ ގޮތުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ބަދަލުގައި އަފާފް އޭނައާއި ދިމާލަށް ދޫނެރެލިއެވެ. އެ ހިނދު ޝަރަފަށް ހީލެވުނެވެ.

 

“ހެހެ….މަށަކަށް ނޭނގޭ އަހަރުމެން މުސްކުޅިވަނީކަމެއް ނޫނީ ޅަ ވަނީ ކަމެއް.” ޝަރަފް ބުނެލިއެވެ. އެވާހަކައަށް ނުހޭން އުޅުނު އަފާފަށްވެސް ހީލެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ އަފާފްގެ ފޯނު ރިންގުވާން ފެށިއެވެ. ސޯފާމަތީގައި އޮތް ފޯނުގެ ސްކްރީނަށް ބަލާލިތަނާހެން ޝަރަފް ކާކުތޯ އެހިއެވެ.

 

“ދޮންތަ! މިހާރު ނެގީމަ ވަރަކަށް އެއްޗެހި ގޮވާނެ. ދެދުވަސް ވެއްޖެ ނުގުޅޭތާ.” އަފާފް ހެވިފައިހުރެ ބުންޏެވެ. ޝަރަފް ވެސް ހީލަމުން ނަގާފަ ސްޕީކަރަށް ލާށޭ ބުނެލިއެވެ. އަފާފަށް އެ ފޯނަށް ޖަވާބު ދެމުން ސްޕީކަރަށްލީ ތަނާހެން ޝަބާގެ އަޑުއިވުނެވެ.

 

“ސަލާމް! ގުޅާލާކަށް ވެސް ނުކެރެއެއްނު ދެމީހުންނަކަށް!” ޝަބާ ވާހަކަ ދެއްކީ ޝަރަފާއި އަފާފް އުއްމީދު ކުރި ގޮތަށެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާފައި އަޑު ނީވޭނެ ގޮތަށް ހެވުނެވެ.

 

“ބަލަ ހަނީމޫނަށް އައިއްސަ އުޅޭއިރު އެހާވަރަކަށް ނުވެސް ގުޅޭނެއެއްނު؟” ޝަރަފް ބުނެލި ވާހަކައިން އަފާފަށް ލަދުން އެތާ ކައިރީގައި އޮތް ކުޑަ ބާލީހެއްނަގައި މޫނުމަތީގައި އަޅާލެވުނެވެ.

 

“ހޫނ…….އަދި 90 އަހަރުވީމަ ހަނީމޫނަށް ދާންހުރޭ! ތި ހަނީމޫން ނިންމާފަ ރަށަށް އަންނަންވާނެ ޑިސެމްބަރުގެ ފަހު ހަފްތާތެރޭގަ.” ޝަބާ ބުންޏެވެ. އެއާއެކު އަފާފާއި ޝަރަފަށް އެކުއެކީގައި އެއީ ކީއްވެތޯ އަހާލެވުނެވެ.

 

“އާހިލްގެ ކައިވެނި ހަމަޖެހިއްޖެ.” ޝަބާ ބުނެލިއެވެ. އެއާއެކު އަފާފާއި ޝަރަފްގެ މޫނުމައްޗަށް ވެސް ހިނިތުންވުންތައް ވެރިވިއެވެ. ދެމީހުންގެ ޚިޔާލަށް ވެސް ވެރިވެގެން ދިޔައީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އާހިލް ކުޑަކުޑަ ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ހުރެފައި 23 އަހަރުގެ ޒުވާނަކަށް ވީ ގޮތެވެ. މީގެ އަހަރުތަކެއް ކުރިން އަފާފް އައިލިން ވިހައިގެން ހުރިހާ ކަމެއް ހަމަޖެހުމުން އޭނަ އަނެއްކާވެސް އާހިލްގެ ޤުރުއާން މުދައްރިސަކަށްވިއެވެ. އޭގެ ސަބަބުން އަނެއްކާވެސް އާހިލްއަށް ހެޔޮ ކަންތައް ކުރުމަށް ހިތްވަރު ލިބެން ފެށިއެވެ. އޭނައަށް މަލާމާތް ކުރާ ކުދިންގެ ކުރިމަތީގައި ވެސް އޭނަގެ ފައިތިލަ ސާބިތުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާހިލް ގްރޭޑް 12 ނިންމާލީ ނުހަނު ރަނގަޅު ނަތީޖާއަކާއެކީގައެވެ. އެއަށްފަހު އޭނަ ބޭނުންވީ ޕައިލެޓްކަން ކިޔަވާށެވެ. އާހިލްގެ އެ ހުވަފެން ފުރިހަމަ ކުރުމަށްޓަކައި އޭނައަށް އެހީތެރިކަން ފޯރުކޮށްދިނީ ޝަރަފެވެ. 3 އަހަރާއި ބައި ދުވަސް ވަންދެން އައްޑޫގައި ޕައިލެޓްކަން ކިޔެވުމަށްފަހު އޭނަ ފްލައިޓްތަކުގެ ކެޕްޓަނެއްގެ ގޮތުގައި އުދުހެން ފެށިއެވެ. އޭގެ މަދު މަސްތަކެއް ފަހުން އޭނަ ޝަރަފަށް އަދާކުރަން ހުރި ހުރިހާ ލާރިއެއްވެސް އަދާކުރިއެވެ.

 

“އެގޮލާ ހާދަ ގަދަކޮށްލައިފިޔޭ ދޯ؟ ކޮންތާކުން ހޯދި ކުއްޖެއްތަ؟ އަނެއްކާ އެންމެ ފަހުން ތައިލޭންޑަށް ކުރި ދަތުރުގަ ހޯދި ކުއްޖެއްތަ؟” ޝަރަފް އެހެން އަހާލުމުން އަފާފާއި ޝަބާއަށް ވެސް ހެވުނެވެ.

 

“ނޫނޭ! އެނގެއެއްނު އޭނަ އަފޫ ދައްތިގެ ނަޞޭޙަތާއި ދެކޮޅު ނުވާނެކަން. ކުރީ ދުވަހު ވަރަށް ލަދުން ހުރެ އައިއްސަ އަހަރެން ކައިރީގަ ބުނީ އެއްކަލަ މިތާ ކައިރީގަ ހުންނަ ފިނިފެންމާގެ ހުންނަ ކުއްޖަކު ވަރަށް ރަނގަޅުވާނެއޭ. ދެން އަހަންނާ އެކީގަ ވެސް ގޮއްސަ އެކުއްޖާގެ ބައްޕަ ކައިރިން އެދުނީ. ނަސީބަކުން އެކުއްޖާއަށް ވެސް އާހިލް ކަމުދޭ. ހެހެ…..ހުސެއިންބެމެން މި ވާހަކަ އިވުނީއްސުރެ ކައިވެނި ޕާޓީ ބާއްވާނެ ހޮޓެލްތަކާ ބެހޭގޮތުން ވާހަކަ އެބަދައްކާ.” ޝަބާ ބުންޏެވެ. މިއަދު ހުސެއިނާއި ޝާދިޔާވެސް ވަނީ އެ ޢާއިލާއާއި ގާތް ބަޔަކަށްވެފައެވެ. ޝަރަފްގެ ރިސޯޓު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެ، ފްރެޑްގެ ކުންފުނީގެ ގޮތްޕެއް ކަމަށްވާ ހާރޑްވެއާރ ސާމާން ވިއްކާ ފިހާރަ ވެސް މަޤްބޫލުވެގެން ދިޔުމުން ޝަރަފް ހުސެއިންގެ ކުންފުނި އަލުން އެތަން ހުރި ފެންވަރަށް ގެންދަން އެހީތެރިވިއެވެ. އެއީ ދަތިކަމަކަށްވި ނަމަވެސް މަސްތަކެއްގެ ތެރޭގައި އަނެއްކާވެސް ހުސެއިން ހުރީ އޭނަ ކުރިން ހުރި މަޤާމުގައެވެ. އެމީހުން ޝަރަފާއި ދޭތެރޭ ހެދިގޮތް ހަނދާން ނައްތާލަމުން ޝަރަފް އެމީހުންނަށްޓަކައި ކޮށްދިން އެކަންތައްތަކުގެ ސަބަބުން ހުސެއިނާއި ޝާދިޔާގެ ހިތްވެސް މަޑުވިއެވެ. ޝަރަފްގެ އެ އިޙްސާންތެރިކަމުގެ ސަބަބުން ހުސެއިނާއި ޝާދިޔާ އޭނަގެ ޢާއިލާއާއި ވެސް ގާތްވެގެން ދިޔައެވެ. ހުސެއިންވެސް ގިނަގިނައިން ޢައްބާސްމެންގެ ގެއަށް ގޮސް ބައްދަލުކުރަން ފެށިއެވެ. ޝަރަފް މާލޭގައި ނުހުންނަ ދުވަހެއްގައި ޢައްބާސް ބަލިވުމުން ވެސް އޭނަ އެކި ތަންތަނަށް ގޮސްދިނުމަށް އެހީތެރިވަނީ ހުސެއިނެވެ. ޢައްބާސް އެކި ޑޮކްޓަރުންނަށް ދައްކައިގެން އޭނަ ހިނގޭތޯ ބަލަން ވެސް ހުސެއިން އުޅުނެވެ. އެހެނަސް އެހާ މުސްކުޅި ޢުމުރަށް ގޮސްފައިވުމުން އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރުން ބުންޏެވެ. ކޮންމެއަކަސް ޢައްބާސް އުފާވިއެވެ. އޭނަގެ ދަނބިދަރީގެ ޢާއިލާ މީހުން ވެސް އޭނައަށް އަޅާލާކަން އެނގުމުންނެވެ.

 

“ބައްޕަ ކައިރީގަ ބުނޭ އާހިލްގެ ބޮލަށް އަރައިގެން އޭނަ އަހަރެންގެ ރިސޯޓަށް ގެންނާށޭ.” ޝަރަފް އެހެން ބުނެ އަފާފަށް ބަލައި އެއްލޯ މަރާލިއެވެ.

 

“ސާބަސް! ލިބޭ އެތި މަދުވެގެންތަ އަދިވެސް ތިއުޅެނީ؟ އަހަންނަކަށް ހިއެއްނުވޭ އާހިލް އަތުގަ ވެސް ހުއްޓަސް އޭނަ އެހާ ޚަރަދު ކުރާނެހެންނެއް. އަހަރެންވެސް ދޭނެ ނަޞޭޙަތަކީ އެއީ. އަހަރެންވެސް އެންމެ ކުރިން ކައިވެނި ކުރިއިރު އެއީ މަންމަ ވަރަށް ދިން ނަޞޭޙަތެއް……ހިތަށްއަރާ މަންމައަށް ވެސް މި ދުވަސް ފެންނާނެނަމައޭ.” ޝަބާ އެންމެ ފަހު ޖުމްލަ ބުނެލީ މާޔޫސީ ގޮތަކަށެވެ. ވަރުދާވަނީ މީގެ ތިން އަހަރު ކުރިން އޭނަގެ ފުއްޕާމޭގައި ޖެހި ޓިއުމަރެއްގެ ސަބަބުން ހަމަ އެ އަހަރުތެރޭގައި ނިޔާވެގެން ގޮސްފައެވެ. ވަރުދާ މަރު ބަލީގައި އޮތްއިރު ޝަރަފާއި، ޝިނާޒާއި، ޝަބާގެ އިތުރުން ރަމީޒްގެ ހުރިހާ ކުދިން ވެސް ވަރުދާ ބަލަން ތިއްބެވެ. ޢައްބާސްވެސް ވަރުދާ އައި.ސީ.ޔޫގައި އޮތް އެންމެ ފަހު ދުވަހު ހޮސްޕިޓަލަށް ދިޔައެވެ. ވަރުދާ ދުނިޔެ ދޫކޮށްދިޔުމުން އޭނަގެ ހިތް ވަރުދާއަށްޓަކައި ސާފުކުރީ ވަރުދާއަށް ހެޔޮ އެދޭ ޙާލުގައެވެ.

 

ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ޝަބާއެވެ.

 

“އޭ ދާންވެއްޖެ އިނގޭ؟ މިރޭވެސް އެ އަންހެން ކުއްޖާ އެބައާދޭ އެކުއްޖާގެ ބައްޕައާއެކީ އާހިލްއާ ބައްދަލުކުރަން. ވަރަށް ތައްޔާރީތަ ވާން އެބަޖެހޭ. އެންޖޯއި ޔުއާރ ހަނީމޫން!” ޝަބާ ބުނެލިއެވެ.

 

“އާނ…..އާހިލް ކައިރީގަ ބުނާތި ދެން ދޮންބެއޭ އާހިލްއަށް ޓިއުޝަން ދޭނީ ތިހިރަ ކަންތައްތަކާ ބެހޭގޮތުން.” ޝަރަފް ބުނެލި ވާހަކައިން އަނެއްކާވެސް ޝަބާއާއި އަފާފަށް ހެވުނެވެ. ޝަބާ ދެން ބޭއްވީއޭ ބުނެ ފޯނު ކަނޑާލުމުން އަފާފް އޭނަގެ އަތުގައި އޮތް ކުޑަ ބާލީސް ޝަރަފާއި ދިމާލަށް އެއްލާލަމުން މިއީ ހާދަވަރަކަށް އެނގޭ މީހެކޭ ބުނެލިއެވެ. ބަދަލުގައި ޝަރަފް ވެސް ކުދިކިޔަމުން އެ ބާލީސް އަފާފާއި ދިމާލަށް އެއްލާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ދެމީހުންނަށް ވެސް ތިބެވުނީ ހެމުން އެކަކު އަނެކަކާ ދިމާލަށް އެއްޗެހި އުކާށެވެ. އެމީހުން އެ އުފާވެރި ވަގުތުކޮޅުގައި ތިއްބާ ކުއްލިއަކަށް ކަރަންޓު ދިޔުމުން މުޅި އެ ގޭގެތެރެ އަނދިރިވެގެން ދިޔައެވެ.

 

“އޮއްއޯ! އައިލީ ކޮބައިބާ؟ އައިލީ!” ޝަރަފާއި އަފާފް އެކުއެކީގައިހެން އެމީހުންގެ ފޯނުގެ ފްލޭޝްލައިޓް ދިއްލާލިއެވެ. ޝަރަފް ތެދުވެގެން ގޮސް އައިލިންގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ.

 

“އައިލީ ކޮބައިތަ ފާޚާނާގަތަ؟” ޝަރަފް އެފަދަ ސުވާލެއްކޮށްލީ އައިލިން ރުޅި އަރުވާލުމުގެ ނިޔަތުގައެވެ. އައިލިން ވަގުތުން ތޫލި އަޑަކުން ނޯއޭ ކިޔާލަމުން ކޮޓަރިން ނިކުތެވެ. އެ ހިނދު ފެނިގެން ދިޔައީ އަފާފް ކުޑައިރުގެ ތަޞްވީރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިލިންގެ ވެސް އޮންނަނީ އަފާފް ފަދައިން ކޮނޑާއި ހަމައަށް އޮތް ފަށުވި އިސްތަށިގަނޑެކެވެ. މީގެ އިތުރުން އޭނަގެ މޫނުގެ ބައްޓަމާއި ގަދަ ބުމަޔާއި ދިގު އެސްފިޔަތައް އޭނަ އަފާފާއި ވައްތަރު ކުރުވިއެވެ. އައިލިން ފެންނަ ކޮންމެ ފަހަރަކުހެން ޝަރަފަށް އެގޮތަށް އަޅާ ކިޔެއެވެ. އެ ޚިޔާލުތަކުގައި އޭނަ ހުއްޓާ އަފާފް ވާހަކަ ދެއްކިއެވެ.

 

“ޑެޑީ ވެސް އަބަދު އަބަދު ހުންނާނީ އައިލީ ރުޅި އަރުވާލަ އަރުވާލާ ދޯ؟” އަފާފް ދޯދިނެވެ.

 

“ޔާ…..ބަޓް އައި ލަވް ހިމް މޯ!” އައިލިން އެހެން ބުނެ ލޯތްބާއެކީ ޝަރަފްގެ ގައިގައި ބައްދާލިއެވެ.

 

“ޑެޑީ 1 މޮމީ 0! ޔެސް! ހިނގާބަލަ ދޯ ބޭރަށްދާން ބީޗަށް؟ ވަރަށް ސަޅިވާނެ މިރޭ. މޮމީ ބަހައްޓާފަ ދާނީ!” ޝަރަފް ދެންވެސް ސަމާސާ މޫޑެއްގައި ހުރެ އައިލިންގާތު ބުނެ އެއްލޯ މަރާލިއެވެ. އައިލިން ވެސް ޔެސްއޭ ކިޔާފައި ބުރުގާ އަޅައިގެން އެބައަންނަމޭ ބުނެލިއެވެ. މިއީ އައިލިން ބުރުގާ އެޅި ފުރަތަމަ އަހަރަށް ވިޔަސް އައިލިން ބޭރަށް ދާންވެއްޖެނަމަ ދުވަހަކުވެސް ބުރުގާ އަޅަން އޭނަ ހަނދާން ނެތިފައެއްނުވެއެވެ. އެކަމާމެދު ވެސް އަފާފާއި ޝަރަފްގެ ހިތް ލޯބިން ފުރިގެންދެއެވެ.

 

އެރެއަކީ އުޑުމަތި ބަނަ، ވިއްސާރަ ރެއެއްކަން ޝަރަފަށް އެނގުނީ އައިލިންއަށްވުރެ ކުރިން ގޭގެ ދޮރުމައްޗަށް އެރުމުންނެވެ. ހަނދާއި ތަރިތަކުގެ އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ކުރިމަތިން ފެންނަމުން ދިޔައީ އޭގެ ތެރެއިން އެއްވެސް އެއްޗެއް ސާފުނުވާފަދަ އަނދިރިކަމެކެވެ. އެ އަނދިރީގެ ތެރެއިން ރާޅުތައް ޖަހާ އަޑުއިވުމުން ޝަރަފްގެ ހަނދާންތައް މީގެ 11 އަހަރު ކުރިއަށްދިޔައެވެ. އޭނަ ހަމަ މިފަދަ ރެއެއްގައި އަނދިރި ގަނޑަކަށްފަހު އަނދިރިގަނޑެއްގެ ދަށުގައި ޣަރަޤުވުމަށް މެދުވެރިވި އެކްސިޑެންޓެވެ. އެ އެކްސިޑެންޓްގެ ކުރިން ވެސް އޭނަ ވީ އަނދިރިގަނޑެއްގެ ދަށުގައި ނޫންތޯ ހިތަށްއެރި ވަގުތު އައިލިން އައިސް ޑަޑާއޭ ކިޔައި އޭނަގެ ކައިރީގައި ހުއްޓިލިއެވެ.

 

“ވަރަށް އަނދިރި. ހިނގާ ސަޤާފީ ގޮތަށް ބައްތިއެއް ހިފައިގެންދާން.” ޝަރަފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއަށްފަހު ގޭގެ ތެރޭގައި އަފާފް ރޯ ކުރި ބައްތިތަކުގެ ތެރެއިން ކުޑަ ބައްތިއެއް ހިފައިގެން އައިލިންއާއެކީ އަތިރި މައްޗަށް ނިކުތެވެ. ގޮނޑުދޮށުގެ ފެން ނުޖެހޭ ހިސާބުގައި އައިލިންއާއެކީ އިށީންނަމުން ޝަރަފް އޭނަ ގެނައި ބައްތި ދޮންވެލިގަނޑު މަތީގައި އެމީހުންގެ ކުރިމަތީގައި ބެހެއްޓިއެވެ.

 

“އައިލިންއަށް އެނގޭތަ ނޫރު ސޫރަތުގައިވާ ނޫރާއި ބެހޭ އާޔަތް؟” ޝަރަފް އެ ބައްތިއަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ.

 

“ނޯ އަދި ނޭނގޭ.” އައިލިން ބުންޏެވެ.

 

“އޮހް އިޓްސް ސޯ އޯސަމް! އައިލީއަށް އެނގެންވާނެ އާޔަތެއް އެއީ. ޑެޑީގެ ލައިފް ޗޭންޖްވީ އެ އާޔަތުން.” ޝަރަފް ކިޔައިދިނެވެ.

 

“ރިއަލީ؟ ހެހެ…..” އައިލިން އެހެން ބުނި ހިނދު އޭނަގެ ހިނިތުންވުން ފަނޑުވިކަން ޝަރަފަށް ފާހަގަވިއެވެ. އިތުރު އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ ކިހިނެއްވީތޯ އަހާލީ އެހެންވެއެވެ.

 

“އައި ޑޯންޓް ނޯ ޑޭޑް. އައިލީ ވަރަށް ބޭނުންވޭ އާޔަތްތައް ޝެއާރކުރަން އައިލީ ފްރެންޑުންނާ. ޝެއާރ ކުރީމަ އެއެއްޗެހި ކިހާ އޯސަމްކަން އެމީހުންނަށް ވެސް ފެންނަން އައިލީ ބޭނުން. އެކަމަކު އައިލީ ކުރާ މަސައްކަތުން އެއްވެސް ފައިދާއެއް ކުރާހެން ހިއެއްނުވޭ. އެމީހުން ލޯބިވަނީ އަދިވެސް އެމީހުން ލޯބިވާ އެއްޗެހި ދެކެ. ނަފްރަތު ކުރަނީ ގިނައިން ރަނގަޅު އެއްޗެއްސަށް. އަހަރެން ދައްކާ ވާހަކަތަކުގެ ސަބަބުން އަހަންނަށް އަހަރެންގެ ކްލޯޒް ފްރެންޑެއްވެސް ގެއްލުނު. ޝައިއާ. އައި މިސް ހާރ އަ ލޮޓް. ބައެއްކުދިން އައިލީ އެކަހަލަ ވާހަކަތައް ދައްކާތީ މަލާމާތްވެސް ކުރޭ. ހުއްޓާލާނަމޭ ވެސް ހިތަށްއަރާ. އިޓް ސީމްސް…….އެމީހުންގެ ތެރޭގަ ނުބައި ކަންތައްވަނީ މާ ގިނަވެފައޭ. އައިލީ އެންމެ ކުއްޖަކު ވެގެން ކިހިނެއް ޗޭންޖެއް ގެންނާނީ؟” އައިލިން ޝަރަފަށް ބަލާލަމުން ސުވާލެއްކުރިއެވެ. ޝަރަފް އޭނަގެ ދަރިފުޅަށް ބަލަން ހުރެ ބޯޖަހަމުން ތުން ފިއްތާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.

 

“އައިލީ ބަލާލަބަލަ އެހެރަ ބައްތިއަށް. އެއީ ވަރަށް ކުޑަކުޑަ އެއްމެ ބައްތިއެއް. އެކަމަކު މި ވަށައިގެން މިފެންނަ އަނދިރީގެ ތެރެއިން ހިނގާފަ އަންނަން އަހަރުމެންނަށް މަގު ދެއްކީ އެ ބައްތީގެ ނޫރު. އައިލީގެ ހިތުގެ މިސާލަކީވެސް އެ ބައްތީގެ މިސާލު. ފަހަރެއްގަ ވަށައިގެންވި ހުރިހާ ތަނެއް ތި ބައްތީގެ އަލިން އަލި ނުކުރެވިދާނެ. އެކަމަކު އެ ބައްތި އަބަދުވެސް އޭގެ ކައިރީގައި ވި ތަންތަން އަލިކޮށްދޭ. އެ އަލި ސްޓްރޯންގްވާނީ އެއަށް އޭގެ ތެޔޮ ލިބިގެން. ﷲ ބާވައިލެއްވި ނޫރު ކަމުގައިވާ އެކަލާނގެ ފޮތާއި ގާތްވެގެން. އަނދިރިގަނޑު އަލިކަމެއްގެ މައްޗަށް ބާރު ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް މޮޅުވާނީ އެ އަލިކަން. މޮމީ އެކަން ހަނދާންކޮށްގެން ހުރެ މޮމީގެ އެފްބީ ޕޭޖް އެހާ ފޭމަސްކުރީ. ޑެޑީ އެކަން ހަނދާންކޮށްގެން ހުރެ ޑެޑީގެ ރިސޯޓު އެޅީ. ނަތީޖާއަކީ ކޮބާ؟ މިހާރު އެތައް ބަޔަކު މޮމީގެ ޕޯސްޓްތައް ކިޔާފަ މުސްލިމްވެފަވޭ. އަދި ޑެޑީ އެޅި ކަހަލަ ޙަލާލް ރިސޯޓުތައް އަޅަން އެތައް ބަޔަކު ފަށައިފި. ޑެޑީއަށް މަލާމާތްކޮށް އަނިޔާކޮށް ހެދި ކުއްޖަކާ އެކުއްޖާގެ ޑެޑީ ވެސް މިހާރު އެމީހުންގެ ރިސޯޓު އެގޮތަށް ބަދަލުކޮށްފި. ސޯ ޑޯންޓް ގިވް އަޕް. އަބަދުވެސް ބާޠިލުގެ މައްޗަށް މޮޅުވާނީ ޙައްޤު އިން ޝާ ﷲ!” ޝަރަފް އައިލިން އަށް ހިތްވަރު ލިބޭނެ ފަދަ ރާގަކަށް ބުނެލިއެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ވާހަކަ ނިމުނުތަނާހެން އައިލިން ހިނިތުންވުމަކާއެކީ ޝަރަފްގެ ގައިގައި ބައްދާލިއެވެ. އެހިނދު އަފާފް ގޭގެ ދޮރުމަތީގައި ހުރެ އަވަހަށް ނިދަން އަންނާށޭ ބުނެ ތިތާނގަ ކަކުނީގެ ގެތައް އެބަހުއްޓޭ ބުނެލީ ދެމީހުންވެސް ބިރުގަންނަވާލުމުގެ ނިޔަތުގައެވެ. ދެމީހުން ވެސް ސިހިފައި ތެޅިގަތް ގޮތުން އަފާފަށް ހީލެވުނެވެ. ޝަރަފާއި އައިލިންއަށް އެކުއެކީގައި މޮމީއޭ ދަމާފައި ކިޔާލެވުނެވެ. އެއަށްފަހު ދެމީހުން އެކީގައި ތެދުވެލަމުން އަފާފަށް ކުދިކިޔަމުން ގެއަށް ވަންނަން ދިޔައެވެ. އެ ހިނދު ޝަރަފް އެތާނގައި ބެހެއްޓި ބައްތި އެ ހުރިގޮތަށް ހުއްޓެވެ. އޭގެ ނޫރުން މުޅި އެތާނގައިވި އަނދިރިކަން އަލި ނުވިޔަސް އެ އަނދިރީގެ ތެރޭގައި އެންމެ ރީތި އެއްޗަކަށް ހުރީ އެ ބައްތިއެވެ. އެއޮތް ބޮޑު އަނދިރިގަނޑުގެ ތެރޭގައިވެސް އެންމެ ސާފުކޮށް ފެންނަން ހުރީ އޭތި ކަމަށްވާތީވެއެވެ. އެ އަނދިރީގެ ތެރޭގައިވި ނުރައްކާތެރި އެއްޗެއްސާއި ރީތިކަން ވެސް ހާމަ ކޮށްދެނީ އެ ނޫރުން ކަމުގައިވާތީވެއެވެ. އެއަށް އޭގެ ތެޔޮ ލިބޭހާ ހިނދަކު އޭތި އެގޮތުގައި ދެމި ހުންނާނެވެ. (އިން ޝާ ﷲ)

 

**ނިމުނީ**

The post Noor (Last Part) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-last-part/feed/ 0 1179
Noor (Part 64) https://blog.storiesbyjana.com/noor-part-64/?utm_source=rss&utm_medium=rss&utm_campaign=noor-part-64 https://blog.storiesbyjana.com/noor-part-64/#respond Wed, 28 Apr 2021 11:36:44 +0000 https://blog.storiesbyjana.com/noor-part-63-copy/

“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. ފޮށީގެ ތެރެއިން ފެނުނީ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މަންޒަރުގެ ފޮޓޯއެއް ބޭރުގައި ޖަހާފައިވި އަލްބަމެކެވެ. އާދައިގެ މަތިން އަފާފަށް […]

The post Noor (Part 64) appeared first on Stories by Jana.

]]>

“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. ފޮށީގެ ތެރެއިން ފެނުނީ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މަންޒަރުގެ ފޮޓޯއެއް ބޭރުގައި ޖަހާފައިވި އަލްބަމެކެވެ. އާދައިގެ މަތިން އަފާފަށް ފިރިހެން މީހާއަށް ބެލުމެއްނެތި އޭގައި ހުރި އަންހެން ކުއްޖާއަށް ބެލުނެވެ. އެއާއެކު އެއީ އޭނަކަން އެނގުންވުމުން އަފާފްގެ މެއަށް ގޮތެއްވިއެވެ. އެކުއްޖާ ލައިގެން ހުރި ޝިފޯން ފޮތީގެ ހެދުން ފެނިފައި އެއީ ހަމަ އޭނަކަން ޔަޤީންވިއެވެ. އޭނަ އެ ހެދުމުގައި އެފަދަ ގޮތަކަށް ހުންނާނީ ކާކާ އެކީކަން އެނގުންވުމުން އޭނައަށް ކެތްމަދުވެގެން ދިޔަ ހިތަކާއެކީ ދެން ހުރި ސޫރައަށް ބަލާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ.

 

“ޝަރަފް…” އަފާފަށް އެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. އޭނައަށް ފުރިހަމަ ހިނިތުންވުމެއް ދީގެން ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެ ޒުވާނާއަކީ ކާކުކަން އެނގުމުން އަފާފަށް އެ ޒުވާނާގެ މޫނާއި ދިމާލުން ފޮޓޯގައި އަތް އަޅާލެވުނެވެ. އެ ހިނދު ކުއްލިއަކަށް އޭނަ ޝަރަފާއި އެކީ ހޭދަކުރި ހުރިހާ ވަގުތުތަކުގެ ހަނދާންތައް ދުވަހަކުވެސް ސާފުނުވާ ވަރަށް އަފާފަށް ސާފުވެގެން ދިޔަދިޔަހެން އަފާފްގެ މޫނުމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ. ޝަރަފަކީ އޭނަ ހީކުރި ވަރަށްވުރެ ވެސް ރީތި ސޫރައެއްގެ ވެރިއެކޭ ހިތް ބުނި ހިނދު އަފާފަށް ހީލެވުނެވެ. އޭނަގެ ސޫރައާމެދު ސުވާލުކުރާ ކޮންމެ ފަހަރަކުހެން ޝަރަފް ދިން ސަމާސާވެރި ޖަވާބުތައް ހަނދާންވެފައެވެ. އަފާފަށް ކުއްލިއަކަށް އެ އަލްބަމް ހުޅުވާލެވުނީ އުފާވެރިކަމުން ފުރިގެން ދިޔަ ހިތަކާއެކީގައެވެ. އަލްބަމްގެ ތެރެއިން ފެންނަން ފެށި ފޮޓޯތަކުން އެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވާން ފެށިއެވެ. ކައިވެނީގެ ރޭ ނެގުނު ފޮޓޯތައް ބަލަން ވެސް އަފާފަށް އިނދެވުނީ ހިނިތުންވުމެއްގައެވެ. ގިނަ ފޮޓޯތަކުން އޭނަ ނުބެލިޔަސް ޝަރަފް އޭނައަށް ލޯތްބާއެކީ ބަލަހައްޓައިގެން ހުރި މަންޒަރު ފެނިފައި އަފާފްގެ ހިތް ލޯބިން ފުރިގެންއައެވެ. އެއިން ވެސް ދޭހަކުރެވެނީ ޝަރަފް އޭނަދެކެ ވީ އިޚްލާޞްތެރި ލޯބިކަން އަފާފަށް އެނގުންވިއެވެ. ކައިވެނީގެ ފޮޓޯތަކަށްފަހު ވެސް އެކި ދުވަސް މަތިން އެމީހުން އެކީގައި ހޭދަކުރި ވަގުތުތަކުގެ ފޮޓޯތައް ހުއްޓެވެ. އެއީ ގިނަފަހަރު ޝަބާ އެގެއަށް ގޮސް ނަގާ ފޮޓޯތަކެވެ. ޝަރަފް މިހިރީ އެ ފޮޓޯތައް ވެސް ނަގައި ރައްކާކޮށްފައިތާއޭ އަފާފްގެ ހިތަށްއެރިއެވެ.

 

އަލްބަމްގެ ފޮޓޯތަކަށް ގެއްލިފައި އިނދެ ގަނޑުތައް ހިއްލަމުން ދަނިކޮށް ހުސްގަނޑުތައް ފެންނަން ފެށުމުން އަފާފްގެ ހިތުގައި ޝަކުވާއެއް އުފެދުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ދެން ޖެހިގެން އައި ގަނޑުގައި ހަރުކުރެވިފައިވި ނޫކުލައިގެ ގަނޑުކޮޅެއް އަފާފަށް ފެނުނެވެ. އޭގައި އިނގިރޭސި ބަހުން ލިޔެވިފައިވި އެއްޗެއް އަފާފަށް ކިޔާލެވުނެވެ.

 

“=ޕިކްޗާރސް އޮފް ބޭބީ އަފޫ ކަމިންގް ސޫން=

 ޑެޑީ ކާންޓް ވެއިޓް ޓު ހޯލްޑް ޔޫ. ޑެޑީ ލަވްސް ޔޫ އެންޑް މޮމީ ލޯޑްސް!” ޝަރަފް ލިޔެފައިވި ބަސްތައް ކިޔާފައި އަފާފްގެ ދެލޯ ކަރުނުން ފުސްވިއެވެ. އެ ކަރުނަތަކުގެ ތެރެއިން ކަރުނައެއް ގޮސް އެ ގަނޑުކޮޅުގައި ޖެހި ދެލި ފޭދިގެން ދިޔައެވެ. އެ ހިނދު ގިސްލެވެން ފެށި އަފާފަށް އެކަން ފާހަގައެއްވެސް ނުވިއެވެ. އެތައް ދުވަހެއް ފަހުން ޝަރަފްގެ ޚަބަރެއް ލިބުމުން އުފާވީ ހިނދު ޝަރަފް އަދިވެސް ވީ އޭނައާއި ކިހާ ދުރުގައި ކަން އެނގުންވުމުން ދެރަވީ މިންވަރުންނެވެ. އަފާފަށް ބަލަން އިން ޒޯ ކެތްނުކުރެވިގެން އަފާފްގެ ކޮނޑުމަތީގައި އެއްއަތް އަޅާލަމުން ވާހަކަ ދެއްކިއެވެ.

 

“ހުއްޓާލާ އަފޫ…..އިން ޝާ ﷲ ޝަރަފް ވަރަށް އަވަހަށް އަންނާނެ އަފޫއާ ބޭބީ ކައިރިއަށް. އެހެންވެ އަހަރެން މި ބުނަނީ އެހާ ބުރަކޮށް ނޫޅެ ކައިގެން ބޭސްކައިގެން އުޅޭށޭ. އޭރުންނެއްނު ޝަރަފް އަންނައިރު ބޭބީވެސް ރަނގަޅު ޞިއްޙަތެއްގަ އޮންނާނީ؟” ޒޯ އޭނަ މި ހުރިހާ ދުވަހު ފޮރުވަން އުޅުނު ޙަޤީޤަތްތަކުގެ ބައެއް ފާޅުކުރެވުނީ އެއީ ޝަރަފް ވެސް ބޭނުންވާ ގޮތްހެން ހީވުމުންނެވެ. އެ ވާހަކަ ނިމުނު ހިނދު އެ ދެކެވުނު ވާހަކަތަކާމެދު ހިތާމަ ކުރެވުނީ އެއްވެސް ކަމެއް އަފާފަށް ހާމަ ނުކުރަން ޝިނާޒް އޭނައަށް ހަނދާން ކޮށްދީފައިވި މިންވަރުންނެވެ. އެކަމުގެ ސީރިއަސްކަން އެނގުންވުމުން ޒޯ އޭނަގެ ވާހަކަ ބަދަލުކުރަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ކަރުނަތައް ފޮހެމުން އަފާފް ވާހަކަ ދެއްކިއެވެ.

 

“އޭނަ ކޮބައިތަ؟! ޒޯއަށް އެނގޭތަ؟” އަފާފަށް އަވަސްއަވަހަށް އެހެން އަހާލެވުނީ ރޮވިފައިވާ އަޑަކުންނެވެ. ޒޯ ހިނދުކޮޅަކަށް ވިސްނުމަށްފަހު ޖަވާބުދިނެވެ.

 

“ޒޯއަށް އެނގޭ. އެކަމަކު ޝަރަފް ހުރީ ކޮންތާކުކަން އަދި ބުނެދެވޭކަށް ނެތް. އޭނަ ހުރީ ސައްޙަ ސަލާމަތުން. މި ހުރިހާ ދުވަހު އަހަރެން ދިން ލާރިއަކީ ވެސް އޭނަ ފޮނުވި ލާރި. މި ހަދިޔާއަކީ ވެސް އޭނަ ފޮނުވި ހަދިޔާއެއް. ހެހެ…..މިހިރީއެއްނު އަފޫއަށް އެންމެ މީރު ވައްތަރުގެ ޗޮކްލެޓާއި ކޭކުވެސް އަޅާފަ؟ އޭނަ ވަރަށް ހަނދާންވޭ އަފޫ މަތިން. ވަރަށް ކަންބޮޑުވޭ އަފޫއަށް ތި ޙާލަތުގަ ކަމެއް ދިމާވެދާނެތީ……އޭނައަށްޓަކައި ދުޢާ ކުރޭ އަފޫ. އޭނަ އުޅެނީ ވަރަށް ބޮޑު ކަމެއްގެ ތެރޭގަ. އަފޫއަށް ނާންގާ ގޮއްސަ އެ ހުންނަނީ އަފޫއަށް ވެސް ރަނގަޅަކަށް. މި ހުރިހާ ކަމެއް މިވަގުތު ދޭހަ ނުކުރެވުނަސް އަދި ފަހުން ކުރެވޭނެ އިން ޝާ ﷲ. މި ވަގުތަކީ ޝަރަފަށްޓަކައި އަމިއްލަ ނަފްސަށާއި ދަރިފުޅަށް ބަލައިގެން އުޅުން. އަދި ހުރިހާ ކަމެއް ރަނގަޅުވާނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި ދުޢާކުރުން.” ޒޯ ބުނެލިއެވެ. އޭނަ ދެއްކި ވާހަކަތަކާމެދު އަފާފަށް ވިސްނުނެވެ. ޒޯ ނުބުންޏަސް ޝަރަފް ވަނީ ބޮޑު ކަމެއްގެ ތެރޭގައޭ ބުނުމުން އަފާފް ވަގުތުން ހަނދާނަށް އައީ ޝަރަފް އަޅަން ފެށި ރިސޯޓެވެ. ޝަރަފް އޭނައާއި ދުރުގައި ހުންނަންވީ ސަބަބަކާމެދު ވިސްނާލުމުން އަފާފްގެ ލޮލަށް ވަގުތުން ސިފަވެގެން ދިޔައީ ވިޔާމާއި ރަމީޒްގެ ސޫރައެވެ. ޝަރަފް އޭނައާއި ދުރުގައި ހުރީ އެމީހުން ކުރި ކަމެއްގެ ސަބަބުންތޯ އަފާފްގެ ހިތް ސުވާލުކުރިއެވެ. އެކަމާމެދު އަފާފަށް ބޭއިޚްތިޔާރުގައި ސުވާލުކުރެވުނެވެ. އެހެނަސް ޒޯ އޭނަ އާދޭސްކުރުމުން ވެސް އިތުރު ޖަވާބެއް ނުދިނެވެ. އެހެންކަމުން އަފާފް އިތުރު ސުވާލުތައް ނުކޮށް ހުއްޓާލިއެވެ. އޭނައަކީ ގޮތް ދޫނުކުރާ މީހަކަށް ނުވާތީވެއެވެ. އޭނައަށް އަދި އެނގެން ނެތް ކަމެއް ހޯދަން އުޅުމުގެ ބަދަލުގައި އަފާފް ޒޯ ބުނިގޮތަށް ކަންތައް ކުރިއެވެ. ދަރިފުޅަށްޓަކައި ރަނގަޅު ޞިއްޙަތެއް ދެމެހެއްޓުމަށް ޢަޒުމް ކަނޑައެޅިއެވެ. އަދި ޝަރަފަށްޓަކައި އިހުނަށްވުރެ ގިނަ ދުޢާތައް ކުރަން ފެށިއެވެ. ޝަރަފްގެ ދުޝްމިނުންގެ މައްޗަށް އޭނައަށް ކާމިޔާބު ދެއްވުމަށް އެދިއެވެ.

 

އެ ހިނދުން އެ ހިނދަށް ވެސް އަފާފްގެ އެ ދުޢާތައް އޭނަ ހީކުރި ވަރަށްވުރެ ވެސް ފުރިހަމައަށް އިޖާބަވާން ފެށި ފަދައެވެ. އޭނަ ދުޢާކުރީ ހަމައެކަނި ޝަރަފަށްޓަކައި ވިޔަސް އޭނައަށް ވެސް ދުޝްމިނުންނަށް ވެފައިވި އެ ބައިގަނޑު އޭނައާއި ދެކޮޅަށް ރޭވި ރޭވުންތައް ވެސް ނާކާމިޔާބުވާން ފެށިއެވެ. ރަމީޒް އޭނަ ވަޢުދުވީ ފަދައިން އަފާފްގެ ‘އަތް ދޮވެލުމަށްޓަކައި’ މަސައްކަތް ފެށީ އެ ރެއެވެ. އޭނައަކީ އެ ފަދަ ކަންތައް ކޮށްދޭނެ ވަރަށް ގިނަ ޤާނޫނީ ވަކީލުން ދަންނަ މީހެކެވެ. އެހެނަސް އޭނަ އުޅެ އުޅެ އަފާފްގެ ވިޔަފާރި ޖަހައިގަންނަން އޭނައަށް އެހީވެވިދާނެ ފަދަ މީހަކާއި ބައްދަލުވާ ގޮތެއްނުވެއެވެ. ގިނަ މީހުން ބުނި ގޮތުގައި އަފާފް އެ ވިޔަފާރި ހިންގުމުގައި ގެންގުޅެފައިވާ އުކުޅުތަކެއްގެ ސަބަބުން ކޯޓެއްގެ ތެރެއިން އެހާ ފަސޭހައިން އެ ވިޔަފާރި ޖަހައިގަތުމަކީ ނާދިރު ކަމެކެވެ. އޭނަ އެރޭ ބައްދަލުކުރި 5 ވަނަ ވަކީލު ވެސް އެފަދަ ވާހަކައެއް ބުނުމުން ރަމީޒް އައި ރުޅީގައި އޭނަ އިން ގޮނޑިން ތެދުވިއެވެ.

 

“ކަލޭމެން ކޯޗެއް ކިޔަވައިގެންތަ މާ ބޮޑުވެލައިގެން އައިސްފަ ތިތިބެނީ؟” ރަމީޒް އެ ވަކީލާއި ދިމާލަށް އެއްޗެހި ގޮވިއެވެ. ރަމީޒް ހުތުރު ބަސްތައް ބުނެ ނިކުމެގެން ދާށޭ ބުނުމުން އެ ވަކީލު މީހާ އިތުރު އެއްޗެކޭ ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ. އެ މީހާ ލޯމައްޗަށް ގެއްލުމުން ރަމީޒް ސޯފާގައި އިށީނދެ ނިތުގައި ހިފަހައްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިނދު ދުރުގައި މަންޒަރު ބަލަން ހުރި ވިޔާމް ވާހަކަ ދެއްކިއެވެ.

 

“އިޓްސް އޯކޭ ރަމީޒްބެ. އެ އަފާފަކަށް ދެން އިތުރު ކަމެއް ކުރަން ނުޖެހޭ. އެ ހުސެއިން ނަގާފަހުރި ލޯންތައް ދެއްކުމުގަ ދެން އޭނަގެ މުޅި ޢުމުރު ވޭތުވާނީ. މިހާރު ހުއްޓުވަން ޖެހިފައި ހުރި މީހަކީ ޝަރަފް.” ވިޔާމަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ރަމީޒް ވާހަކަ ދެއްކިއެވެ.

 

“އޭނަ ވެސް ނުހުއްޓުވިގެނެއްނު މި އުޅެނީ؟ އޭނަ ރިސޯޓު މިހާރު އެ އަޅަނީ ފްރެޑްގެ އެހީގަ. އެއީ މެލްބަން ގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރެއިން އެކަކު. އޭނައާއި ބެހޭ މީހަކު ސަލާމަތެއް ނުވާނެ. މަގޭ ބޯ ހަލާކު އެބަވޭ!!!” ރަމީޒް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ ވާހަކަ ދައްކަމުން އެތާ މޭޒުމަތީގައި ހުރި ތަށްޓަކުން އެތިފޮދެއް ބޯލިއެވެ. ވިޔާމް ހިނދުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“އަދި ގޮތް ހުސްވާކަށް ނުޖެހޭ ރަމީޒްބޭ. އަދި ކުރެވިދާނެ ވަރަށް ބައިވަރު ކަންތައް އެބަހުރި. އަހަރެން ބޭނުންވަނީ ޚުދު އަހަރެންގެ ދެއަތުން ޝަރަފް ބަރުބާދު ކޮށްލަން. ވަރަށް ރުޅި އައި އެ އަފާފް މަށާ އޭނަ އަޅުވައި ކިޔުނީމަ. ދައްކާލާނަން ކާކުގެ ކަން ޙައިސިއްޔަތަކާއި ހައިބަތެއް ހުރީ!……ރަމިޒްބޭގެ ވެސް އެހީއެއްނެތި އަހަރެން ބޭނުންވަނީ އޭނަގެ އެ ހުރިހާ މަސައްކަތް ފުނޑުފުނޑުކޮށްލަން. ބޭބެ އެގޮތަށް އެއްބަސްވާނަމަ.” ވިޔާމް އެހެން ބުނެލީ ދެބުމަ ކައިރިކޮށްގެން ހުރެ ސާބިތު ކަމާއި އެކީގައެވެ. ރަމީޒް ވިޔާމަށް ބަލަން އިނދެފައި ވިޔާމަށް ކުރެވުނު އިތުބާރެއްގެ ސަބަބުން އެންމެ ރަނގަޅޭ ބުނެލެވުނެވެ.

 

ޝަރަފާއި ދެކޮޅަށް ރޭވުމެއް ރާވަން ކެތްމަދުވެފައިވި މިންވަރުން އޭގެ އަނެއްދުވަހު ވިޔާމް އެ ރިސޯޓަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. ރިސޯޓަށް ދިޔަ މަގުމަތީގައި ވެސް އޭނަ ޝަރަފްގެ އެކިއެކި ސޯޝަލް މީޑިޔާ ޕްރޮފައިލްތަކަށް ވަދެ ރިސޯޓު އިޝްތިހާރު ކުރަން ފެށިތޯ ބެލިއެވެ. އެއާރޕޯޓުގެ ޑިޕާރޗާރގައި އެންމެ ފުރަތަމަ ވެސް އޭނަ ވަނީ ޝަރަފްގެ ފޭސްބުކް ޕްރޮފައިލަށެވެ. ވިޔާމް ހީކުރިހެން ރިސޯޓުގެ ރަނގަޅަށް ހެދިފައި ހުރި ތަންތަނުގެ ފޮޓޯ ލެވި އެތަނަށް ދާ ހިތްވާ ކަހަލަ ބަސްކޮޅުތަކެއް ލިޔެ ވަރަށް އަވަހަށް ހުޅުވެން އުޅޭ ވާހަކަ ހުރި ޕޯސްޓްތައް ދޭތެރެ ދޭތެރެއިން ފެންނަން ހުއްޓެވެ. އެހެނަސް ޝަރަފްގެ ޕްރޮފައިލުގައި ގިނައީ ދީނީ އެކިއެކި ވާހަކަތައް ހުރި ޕޯސްޓްތަކެވެ. ފުރަތަމަ ސިކުންތުގައި އެފަދަ ޕޯސްޓްތައް ފެނިފައި ވިޔާމަށް ހެވުނެވެ. ޝަރަފް އެ އުޅެނީ އަނބިދަށުވެގެން ތާއޭ އޭނަގެ ހިތް ބުނެ މަލާމާތްކުރިއެވެ. އެހެނަސް ވަކި ހިސާބަކުން މި ދީން ޤަބޫލުކުރަންވީ ކީއްވެކަމާ ބެހޭގޮތުން ލިޔެފަ ހުރި ޕޯސްޓްތައް ފެނިފައި ވިޔާމް އެ އެއްޗެހި ކިޔަން ފެށީ ބޮޑާވެފައިވި ހިތަކާއެކީގައެވެ. ހަމަ ޔަޤީނުން ވެސް ބުއްދި ޤަބޫލުކުރާ ފަދަ ވާހަކައެއް އެއަކުން ނުފެންނާނެކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެނަސް ޤަލަމް ސޫރަތުގެ އާޔަތެއްގެ މަތީގައި ޝަރަފް ލިޔެފައި އޮތް ވާހަކައިން ވިޔާމް ހުއްޓުން އަރާ ގޮތްވިއެވެ. އޭގައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މެދުވެރިވެގެން އަހަރުމެންނާއި ހަމައަށް އައި ބަސްފުޅަކީ ޙައްޤު ބަސްފުޅެއްކަން އެނގޭ އެންމެ ބޮޑު ހެއްކަކީ އެކަލޭގެފާނުގެ އަޚްލާޤްކަމެވެ. އެކަލޭގެފާނަކީ މުޅި ދުނިޔެވެސް ދުށް އެންމެ ތެދުވެރި، އަމާނާތްތެރި އަދި ޢަދުލުވެރި އިންސާނާކަމެވެ. އަހަރުމެންނަށް ދުވަހަކުވެސް އެކަލޭގެފާނާއި އެއްވަރު ނުވެވުނަސް އެކަލޭގެފާނު ގެނެސްދެއްވި ﷲ ގެ ބަސްފުޅަކީ އެފަދަ ސިފަތައް އަހަރުމެންގެ ކިބައިގައި އަށަގަންނަން އެހީވެދޭ ބަސްފުޅެއްކަމެވެ. އެކަން އިޙްޞާޞް ކުރެވޭނީ އެ ބަސްފުޅާއި ގާތްވެ އެ ބަސްފުޅާއިމެދު ދިރާސާކޮށް ވިސްނައި ފިކުރު ކުރުމުން ކަމެވެ. އެ ބަސްތައް ކިޔާފައި ވިޔާމްގެ ނިތަށް ރޫގިނަވީ އުނދަގުލެއްވެގެން އުޅޭ ފަދައަކުންނެވެ. މީ ކޮންކަހަލަ ވާހަކައެއްތޯ އޭނަގެ ހިތަށްއެރިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި ބެހޭގޮތުން އޭނައަށް މާ ގިނަ އެއްޗެއް ނޭނގުނަސް އެއީ މާތް އަޚްލާޤެއްގެ ބޭކަލެއްކަމަށް އޭނަވެސްވަނީ އަޑުއަހާފައެވެ. އެކަލޭގެފާނަކީ ކިހާ ތެދުވެރި ބޭކަލެއްކަމާމެދު ވެސް އޭނަ ވަނީ އަޑުއަހާފައެވެ. އަދި އެކަލޭގެފާނަށް ފުރައްސާރަކޮށް ޙަމަލާދިން މީހުންނަށް ވެސް އެކަލޭގެފާނު މަޢާފު ދެއްވައި، ހުރިހާ އެންމެންނާއި މެދު ވެސް އެންމެ ރަނގަޅަށް ކަންތައް ކުރެއްވި ވާހަކަ ވެސް ވިޔާމް އަޑުއެހިއެވެ. އެހެނަސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަކީ އެއީ އަދި ވަކި މީހެއްނޫންތޯ ހިތަށްއެރިއެވެ. މި ޒަމާނުގައި އެފަދަ އަޚްލާޤެއް ހުންނާނީ ކާކު ހެއްޔެވެ؟ އަދި އަމުދުން ޝަރަފް އެ ބުނާ ބަސްފުޅާއި އެއްގޮތަށް އުޅޭ މީހުންގެ މިޒާޖު ވިޔާމްގެ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި މާ ބޮޑަށް ވެސް ގޯހެވެ. އެ ޚިޔާލު ހިތަށް ވެރިވީ ވަގުތު އޭނަގެ މަންމަގެ ‘ޤަތުލު’ގެ ފަހަތުގައިވި މީހުންގެ ސޫރަތައް ހަނދާނަށް އައުމުން ވިޔާމްގެ ދަތްކުނޑި ވިކުނެވެ. އިސާހިތަކު ޝަރަފް އެ ދެއްކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް އޭނައަށް ނިންމުނެވެ.

 

ވިޔާމަށް ނޭނގުނު ކަމަކީ އޭނަގެ އެ ޚިޔާލު ވަރަށް އަވަހަށް ބަދަލުވާން އުޅޭ ކަމެވެ. އަދި އެދުވަހު އޭނަ އެ ފެށި ދަތުރަކީ އޭނަގެ އެ ޚިޔާލު ބަދަލުކުރުވާނެ މަންޒިލަށް އޭނަ ގެންދާނެ ދަތުރުކަން އޭނައަކަށް ނޭނގެއެވެ.

 

ފްލައިޓް ޑިލޭވުމުގެ ސަބަބުން ވިޔާމަށް ރިސޯޓާއި ހަމައަށް ދެވޭ ގޮތްވީ އެރޭގެ ވަގުތެއްގައެވެ. ރިސޯޓު ހުންނަ ހިސާބަށް ދެވުނުއިރު އޭނަ ބަނޑުހައިވެފައި ހުރި މިންވަރުން ވިޔާމް އެތާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ދިޔައެވެ. އޭނަ ގޮސް އެތާ ވަކިން ހުރި މޭޒެއްގެ ދޮށުގައި އިށީން ވަގުތަކީ ވަރަށް ހައިބަތު ހުރި ބައިގަނޑެއް އެ ރެސްޓޯރެންޓަށް ވަތް ވަގުތެވެ. ފަނޑު އަލީގެ ތެރެއިން ވިޔާމް އެމީހުންނަށް ރަނގަޅަށް ބަލާލިއިރު އެންމެ ފުރަތަމަ ވެސް މެލްބަންގެ މަޝްހޫރު ވިޔަފާރި ވެރިޔާ ކަމަށްވާ ފްރެޑް ފެނިފައި އޭނަގެ މެއަށް ފިނިވިއެވެ. ފްރެޑް ވާހަކަ ދައްކަމުން ދިޔަ މީހުންނަށް ބަލާލިއިރު އޭނަގެ އަންހެން ދަރިފުޅުހެން ހީވާ ކުއްޖަކާއި ޝިނާޒާއި ޝަރަފްގެ އިތުރުން ނަބީހްވެސް ފެނިފައި ޙަސަދައިގެ އަލިފާންގަނޑެއް އޭނަގެ ހިތުތެރޭގައި ރޯވިއެވެ. އޭނަ ބަލަބަލާ ހުއްޓާ އެ އެންމެން އެކީގައި ގޮސް ބޮޑު މޭޒެއްގެ ދޮށުގައި އިށީނެވެ.

 

“ޝަރަފް ވަރުބަލިވެފައޭ ދޯ މިހިރީ އެންޖޯއިކުރަން އައިއިރު؟” ފްރެޑް ގޮނޑީގައި އިށީންނަމުން ހެވިފައި ހުރެ ބުންޏެވެ.

 

“ޝަރަފް ހުންނާނީ އަބަދު ފޫހިވެފަ މިކަހަލަ ތަނަކަށް އައިއްޔާ.” ޝިނާޒް ބުންޏެވެ.

 

“އެހެންނެއްނޫން. އެހާ ބޮޑު ކަމެއްގެ ތެރޭގަ އުޅޭއިރު މާ ގިނައިން މި ކަހަލަ ކަންތައް ކުރަންވީމަ ކަމަކު ނުދަނީ.” ޝަރަފް ހިނިތުންވުމަކާއެކީ ސަބަބު ކިޔައިދިނެވެ. އޭނަ އަފާފަށް ދިން ހަދިޔާއަށްފަހު އަފާފް އުފާވި ވާހަކަ އެނގުނީއްސުރެ އޭނަގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިފައިވިއެވެ. އޭނަގެ މޫނުމަތިން އުޖާލާކަމެއް ފެންނަމުން ދިޔައީވެސް އެ ހަމަޖެހުމުގެ ސަބަބުންނެވެ.

 

“ކަމޯން ޝަރަފް! އަހަރެން އައިމަ ކޮންމެހެން ވެސް ޝިނާޒް ޖެހޭނެއެއްނު މިފަދަ ބައްދަލުވުމެއް ރާވަން؟ އެހެންނޫނީ އޭނަ ނުވެސް ވާނެވިއްޔާ މަގޭ ދަނބިދަރިއަކަށް. ހެހެހެ….އެހެންނޫނަސް ބޮޑުކަމެއްގެ ބޮޑުބައެއް ނިމުނީމަ އެކަން ފާހަގަވެސް ކުރަންވާނެއެއްނު ޝަރަފް؟ ރިސޯޓުގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރުވެސް ނިމިއްޖެ. މި ބާރުމިނުގައި މަސައްކަތް ގޮސްފިނަމަ ފަސް ވަރަކަށް މަސްތެރޭ ރިސޯޓު މުޅިން އެކީ ނިމޭނެ. އޭގެ ކުރިން ރިސޯޓަށް މުވައްޒަފުން ހޯދަން ވެސް ޝަރަފް ފަށަން ޖެހޭނެ. ކޮން ކަހަލަ މުވައްޒަފުންނެއް ޝަރަފް ބޭނުންވަނީ؟ ޙަލާލް ރިސޯޓެއްވީމަ އިސްލާމް ދީނަށް ލޯބިކުރާ ކުދިންދޯ ތިބެންވާނީ؟” ފްރެޑް ވާހަކަ ދައްކަމުން ގޮސް ސުވާލުކުރިއެވެ. ދުރުގައި ހުރި ވިޔާމަށް އެ ސުވާލުގެ ޖަވާބަކަށް އިންތިޒާރު ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ.

 

“އެންމެ ބޮޑަށް އެދެނީ އެހެން. އެކަމަކު އޭގެ މާނައެއްނޫން ރަނގަޅު އަޚްލާޤަށް ލޯބިކުރާ މީހުން އަހަރެން ރިސޯޓަށް ނުވައްދާނަމޭ. ބޭނުންވަނީ އެ ތަނަކީ އެ ތަނެއްގެ މުވައްޒަފުން ވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް އެކަކު އަނެކަކަށް ރަޙުމްކުރާ ބަޔަކަށްވުން. މުވައްޒަފުން އެހެންވެގެން ނޫނީ އެ ރިސޯޓަށް އަންނަ ބަޔަކަށް އިސްލާމްދީނުގެ ރީތިކަން ނުއެއް ފެންނާނެ.” ޝަރަފް އަމިއްލަ ޚިޔާލުތަކުގެ ހުރެ ވާހަކަ ދެއްކިއެވެ. އޭނަ އެ ވާހަކަތައް ދެއްކީ އެންމެ ފަހަކަށް އޭނަގެ ހިތަށް އަސަރު ފޯރުވި ޤަލަމް ސޫރަތުގެ އާޔަތާއިމެދު ވިސްނަމުންނެވެ. އިސްލާމްދީނަށްޓަކައި ޙައްޤު ބަސް ފަތުރަން އަނގަ ހުޅުވުމުގެ ކުރިންވެސް އޭނަ މުޚާތަބު ކުރަން އުޅޭ މީހުން އޭނަދެކެ ލޯބިވާ ބަޔަކަށް ހަދަންޖެހޭކަން އޭނައަށް ދަސްވީ އެ އާޔަތުންނެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަޚްލާޤަށްޓަކައި އިހުނަށްވުރެ ވެސް ފުން ލޯތްބެއް އުފެދިގެން ދިޔައީ އެ އާޔަތުގެ ސަބަބުންނެވެ.

 

އެ މޭޒުދޮށުގައި ތިބި މީހުންގެ ތެރެއިން އެކަކަށް ވެސް ނޭނގުނު ކަމަކީ ޝަރަފްގެ ބަސްތަކުން އެންމެ ބޮޑު އަސަރެއް ކުރީ ދުރުގައި އިން ވިޔާމްގެ ހިތަށްކަމެވެ. ނޭނގޭ ސަބަބަކާހުރެ އެ މޭޒުދޮށުގައި ތިބި އެންމެ އެއީ ވަރަށް “ސަޅި” ޚިޔާލެއް ކަމަށް ބުނަން ފެށުމުން އޭނައަށް އެ ޚިޔާލާއި އެއްބަސްވެވުނީ ބޭއިޚްތިޔާރުގައެވެ.

 

“ހެހެ….ޝަރަފް ތި ވާހަކަ ދައްކަނީ ހަމަ އަފޫ ވާހަކަ ދައްކާ ގޮތަށް. އަފޫވެސް އޭނަގެ އޮފީހާއި ބެހޭގޮތުން ބުނެ ހަދާނީ އެހެން.” ޝަރަފްގެ ވާހަކައިން އަފާފް މަތިން ހަނދާންވީ މިންވަރުން ޒޯއަށް ބުނެލެވުނެވެ. އޭނަ އެހެން ބުނުމާއެކުހެން މުޅި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. ވާނުވާއެއް ނޭނގިފައި އިނީ އޭނަގެ ބައްޕަ އެކަންޏެވެ.

 

“ކޮން އަފޫއެއް؟” ފްރެޑް ސުވާލުކުރިއެވެ. ޒޯއަށް ބަލާލެވުނީ ޝިނާޒަށެވެ. ޝިނާޒް ފުން ނޭވައެއް ދޫކޮށްލަމުން އެއީ ޝަރަފްގެ އަންހެނުންނޭ ބުނެލީ ފްރެޑްއަށް ހުރިހާ ޙަޤީޤަތެއް ކިޔައިދޭން ނިންމަމުންނެވެ. ފްރެޑްގެ ފަރާތުން ޝަރަފާއި އަފާފް ގުޅުވަން އެހީއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ފްރެޑް އިތުރު ސުވާލުތައް އުފައްދަން ފެށުމުން ޝިނާޒް ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އެ ހިނދު މަންޒަރު ބަލަން އިން ވިޔާމްގެ މޭތެރޭގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އޭނަ ވަގުތުން ތެދުވެގެން ގޮސް ފްރެޑް އޭނަގެ ކޮޅަށް ޖައްސަން ބޭނުންވިއެވެ. އެހެނަސް ޝަރަފް ދެންމެ ދެއްކި ވާހަކަތަކުން މޭތެރޭގައި އުފެދިފައިވި ހައިޖާނެއްގެ ސަބަބުން އޭނައަށް އެއްވެސް ޙަރަކާތެއް ނުކުރެވުނެވެ. ފަހުން ދުވަހަކުން ފްރެޑްއާއި ވާހަކަ ދައްކައި އޭނައާއި ޝަރަފް ދޭތެރެ ޖައްސަން ނިންމަމުން ވިޔާމަށް އިންގޮތަށް އިނދެވުނެވެ. ވާހަކަ ނިމުނުތަނާހެން ފްރެޑްގެ ހުރިހާ ރުޅިއެއް އޭނައަށާއި ބޮޑުބޭބެއަށް އަމާޒުވީ ގޮތުން ވިޔާމްގެ ހިތް ބިރުގަންނަ ގޮތްވިއެވެ. ފްރެޑް ވާހަކަ ފެށީ ވެސް ނުބައި ބަސްތަކަކުންނެވެ.

 

“އެއީ ކޮން ކަހަލަ ބައެއްތަ؟ ހާދަ ނުބައި މީހުންނަށް ވީމައޭ ޝަރަފްއާ ދެކޮޅު ވާނީ! އެ ރަމީޒަކީ އޮސްޓްރޭލިޔާގަ އުޅުނުއިރު އޭނަ އުޅުނު ހިސާބަށް ވެސް ކުރިމަތިވި މުޞީބާތެއް! އެ ޢުމުރުގަ ވެސް އޭނަ ބޭވަފާތެރިވެ އަނިޔާ ކުރީ ކިތައް ކުދިންނަށް ކަމެއް ނޭނގޭ. މަގޭ ކައިރި ބުނެބަލަ ތި ރަމީޒަކާއި ވިޔާމެއް ތިބި ތަނެއް! މުޅި ޢުމުރު ދުވަހަށް ކުޑަ ގޮޅިއަކަށް ލެވޭވަރު ކުރާނަން!” ފްރެޑް ރުޅިވެރިކަމާއެކީ ބުނެލިއެވެ. އިސްޖެހިފައި ފްރެޑްގެ ވާހަކަތައް އަޑުއަހަން އިނދެފައި ޝަރަފް އިސްއުފުލާލި ވަގުތަކީ އޭނައާއި، ދުރުގައި އިން ވިޔާމްގެ ހަތަރުކަޅި ހަމަވީ ވަގުތެވެ. ވިޔާމްގެ މޫނުމަތިން ފުރަތަމަ ފަހަރަށް ނުތަނަވަސްކަމެއް ޝަރަފަށް ފެނުނު ވަގުތަކީ އެއީއެވެ. އެ ނުތަނަވަސްކަމުގެ ފަހަތުގައިވަނީ ދާދި ދެންމެއަކު ވިޔާމްގެ މައްޗަށް އޭނައަށް ލިބުނު ބާރުކަން ޝަރަފަށް އެނގުންވިއެވެ. ވިޔާމް އޭނައާއިމެދު ތަކުރާރުކޮށް ކަންތައް ކޮށްފައިވި ގޮތުން ފްރެޑްގެ ބާރުގައި ވިޔާމާއި ބަދަލު ހިފަން ޝަރަފް ބޭނުންވިއެވެ. އެހެނަސް އެ ވަގުތުވެސް އޭނަގެ ހަނދާނަށް އައީ މަޢާފުކުރުމުގެ މާތްކަމާއި ބެހޭ އާޔަތެކެވެ. ހަމަ އެއާއި ވިދިގެން ޔޫސުފް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބޭބެމެންނަށް މަޢާފު ދެއްވި ގޮތެވެ. މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް އެކަލޭގެފާނުގެ ޙަޔާތުގައި ކަންތައް ކޮށްފައިވި ގޮތެވެ. މި ހުރިހާ ކަމެއް ހަނދާނަށް އައުމުން ޝަރަފަށް އޭނަ ދޭންވީ ޖަވާބު ޔަޤީންވިއެވެ.

 

“ނޫން. އަހަރެން ބޭނުމެއްނޫން ބަދަލު ހިފާކަށް. އެގޮތަށް ހަދައިފިއްޔާ އޭނައަށް ދުވަހަކުވެސް ރަނގަޅު ގޮތް ނުފެނި ހިނގައިދާނެ. އެކަމަކު މި ރިސޯޓު އެޅި މިތާނގައި ކަންތައް ހިނގާ ގޮތް ފެނިފައި ފަހަރެއްގަ ﷲ ގެ އިރާދަފުޅުން އޭނައަށް ހިދާޔަތް ލިބުމުގެ ފުރުޞަތު އެބައޮތް…….އަހަރެން ބޭނުން އެ ސަވާބާއި ދަރުމަ. ހެހެ…އެހެންނޫނަސް އަހަރެން އަފޫ ކައިރިއަށް ދެން ދާން ބޭނުންވަނީ ރިސޯޓު އަޅާ ނިންމާލާފަ.” ޝަރަފް އޭނަގެ ވާހަކަ ނިންމާލީ ހިނިތުންވުމަކާއެކީގައެވެ. އެ ހިނދު ވިޔާމް އިނީ ޝަރަފް ދެންމެ އެ ބުނި ބަސްތައް ބުނީ ކީއްވެކަމާމެދު އޮޅުން އަރާފައެވެ.

 

ކުރީކޮޅު އޮޅުން އެރިއެއްކަމަކު އޭނަގެ ޖާސޫސުން އުޅޭ ގެސްޓް ހައުސްއަށް ދިޔަ މަގުމަތީގައި އެއީ ޝަރަފް އޭނައަށް ދައްކަން ކުރިކަމެކޭ ހިތަށްއެރިއެވެ. އެހެނަސް ގެއަށް ދިޔުމުން ޚުދު އޭނަގެ ޖާސޫސުން ވެސް ޝަރަފްގެ ވާހަކަ ދައްކަން ފެށުމުން ވިޔާމަށް ޙައިރާންކަމެއް ލިބުނެވެ.

 

“އެއީ ޙަޤީޤަތުގަ ވެސް ވަރަށް ރަނގަޅު ބޮސްއެއް. ދުވަހަކުވެސް ނުދެކެން އެހާ ރަނގަޅު ވެރިއެއް. އަހަންނަކީ ތަންތަން ރާވައި ހަދާ މީހެއް. އެކަމަކު އޭނައަށް އަހަރެންގެ ނަންވެސް އެނގޭ. އަހަންނާ ވާހަކަ ދައްކާ ބައެއްފަހަރު އަހަރެންގެ މަސައްކަތުގަ ވެސް އެހީވެދޭނެ. އަހަރެންގެ ޢާއިލާ ކިހިނެއްތޯ އަހައި ޢާއިލާއާ ބައްދަލުނުކޮށް ގިނަ ދުވަސްވެ ބައްދަލުކުރަން ބޭނުންވާނަމަ ފޮނުވަން ވެސް ފޮނުވާ. މާ ޝާ ﷲ! މިއީ ވެސް އޭނަ ކިޔާތީ ކިޔޭ ބަސްތައް މިހާރު.” ވިޔާމަށްޓަކައި މަސައްކަތް ކޮށްދޭ މެދުޢުމުރުގެ ފިރިހެނަކު އޭނައަށް ކިޔައިދިނެވެ. ދެން ތިބި މީހުންނާއި ވެސް ވާހަކަ ދެއްކުމުން ހުސްވެސް ޝަރަފްގެ ރަނގަޅު ވާހަކަތައް އިވެން ފެށުމުން ވިޔާމްގެ ރުޅި ގަދަވާ ގޮތްވިއެވެ. އެ ރުޅި އަމާޒުވީ އެންމެ ފަހަކަށް އޭނަ ވާހަކަ ދެއްކި މީހާއަށެވެ.

 

“އެއީ ކަލޭގެ މެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާތީ އޭނަ އެހެން އެހަދަނީ. އެއީ ހުސް ރިސޯޓަށް ރަނގަޅަކަށްޓަކައި ކުރާ ކަންތައް. މާދަމާ ކަލޭ ގޮސް އޭނަގެ ފައިސާ ވަގަށް ނަގާފަ އެހެން މީހެއްގެ ބޮލުގަ އެ ޒިންމާ އަޅުވަބަލަ. އެނގިދާނެ އެއީ ކިހާ ރަނގަޅު މީހެއްކަން!” ވިޔާމް އެމީހާ ގާތު އެހެން ބުނެލީ އެގޮތަށް ކަންތައް ކުރުމުން ކުޑަމިނުން އޭނަގެ ޖާސޫސުންގެ ނަޒަރިއްޔާތު ބަދަލުވެދާނެއޭ ހިތާއެވެ.

 

އެހެނަސް ކަންވެގެން ދިޔައީ ވިޔާމް ހީވެސް ނުކުރާ ފަދައަކުންނެވެ. އޭނަ އެކަން ކުރުމަށް އެދުނު ޖާސޫސް އޭގެ އަނެއްދުވަހު އެމީހުންގެ އުކުޅުތައް ބޭނުންކޮށްގެން ޝަރަފަށް ނޭނގޭނެ ފަދައަކުން އޭނަގެ ވޮލެޓް ނެގިއެވެ. އެއަށްފަހު ވިޔާމް އެދުނު ގޮތަށް އެ ވޮލެޓް ބޭއްވީ ރިސޯޓުގެ މަސައްކަތު މީހުންގެ ތެރޭގައި އުޅޭ ވަރަށް ނިކަމެތި ޢާއިލާއަކަށް ނިސްބަތްވާ ފުރާވަރުގެ ކުއްޖެއްގެ ގޭގައެވެ. ޝަރަފް ވޮލެޓް ނެތިގެން ހޯދަމުން އެކި އެކި މުވައްޒަފުން ކައިރިން އަހަން ފެށިއެވެ. މުވައްޒަފުންގެ ތެރެއިން ޖާސޫސެއްގެ ކައިރިން އަހާލުމާއެކުހެން އޭނައަށް ޖަވާބު ލިބުނެވެ.

 

“އެއީ އެ އިކުރާމު އޭ ނެގީ. މަ ދުށިން!” އެ ކުއްޖާ އެތާ ކައިރީގައި ހުއްޓާ ޖާސޫސް މީހާ މަލާމާތުގެ ރާގަކަށް އެ ކުއްޖާއާއި މުޚާތަބު ކުރުމުން އެތާތިބި އެންމެންނަށް ހެވެން ފެށިއެވެ. އެ ހިނދު ޝަރަފް ނުރުހުންވީ ވަރުން މީހެއްގެ ނަމަކީ ހޭންޖެހޭ ސަބަބެއް ނޫންކަމަށް ސީރިއަސް ކަމާއެކީ އެންމެންނަށް އެންގިއެވެ. އެމީހުން ހިމޭންވުމުން އިކްރާމް އޭނަ ނުނަގާ ކަމަށް ބުންޏެވެ. ޖާސޫސުންގެ ބަސްތަކަށް ބަރޯސާވެ ޝަރަފް އިކްރާމްގެ ގެ ބަލާލަން ބޭނުންވީ އިކްރާމްގެ މައުސޫމްކަން އެންމެންނަށް ސާބިތުކޮށްދިނުމަށެވެ. އިކްރާމްއަށް ތުޚުމަތު ކުރި ބަޔަކު ވެސް އެ ދަތުރުގައި ގެންދިޔައީ އެހެންވެއެވެ. އެހެނަސް އެގޭގައިވި އިކްރާމްގެ ކުޑަ ކޮޓަރީގެ ތެރެއިން ވޮލެޓް ފެނިފައި ޝަރަފް މާޔޫސްވާ ގޮތްވިއެވެ. ފުރަތަމަ ސިކުންތުގައި ރުޅި އިސްކުރަން ބޭނުންވިއެއްކަމަކު އިކްރާމް ދެންވެސް ހިތާމަވެރިކަމާއި ޙައިރާންކަން އެކުލެވޭ މޫނަކާއެކީ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ފައިސާ ބޭނުންވަނީތޯ ޝަރަފް މަޑުމައިތިރި އަޑަކުން އިކްރާމް ކައިރިން އަހާލިއެވެ. ޝަރަފްގެ އެ ޙަރަކާތުން އެތާނގައި އެވަގުތު ތިބި މީހުންނާއި އެމީހުންގެ ތަންކޮޅެއް ފަހަތުގައި ނިވާވެގެން ހުރި ވިޔާމްގެ ހިތް ވެސް ވިރިގެން ދާން ފެށިއެވެ. އެއަށްވުރެ ވެސް ބޮޑަށް ވިޔާމްގެ އެ ހިތް ޙައިރާން ކުރުވީ އިކްރާމް ދެންވެސް ތިމަންނަ ނުނަގާ ކަމަށް ބުނުމުން ޝަރަފް ދެންވެސް ރިސޯޓަށް ގޮސް އެހެނިހެން މުވައްޒަފުންނާއި ސުވާލުކޮށްގެން ޙަޤީޤަތާއި ހަމައަށް ދިޔަ ގޮތުންނެވެ. އަދި އެންމެންގެ ހާޒިރީގައި އިކްރާމްގެ ބޮލުގައި ދޮގު އިލްޒާމްތައް އެޅުވި އެންމެން ލައްވާ އިކްރާމަށް މަޢާފަށް އެދުނު ގޮތުންނެވެ. އެރޭވެސް އޭނަގެ ހުރިހާ ޖާސޫސުން ގެއަށް އައިސް ޝަރަފަށް ތަޢުރީފު ކުރަން ފެށުމުން ވިޔާމްގެ ބޯ ފަޅައިގެންދާހާ ވަރުވިއެވެ. އެރޭ ނިމިގެން ދިޔައީ ވިޔާމް އައި ރުޅީގައި އެކި އެއްޗެހި ތަޅައި އޭނަގެ މުޅި ކޮޓަރި އެފުށްމިފުށަށްޖެހި ފަހުންނެވެ. އޭނަ ދެން ކަމެއް ކުރިއްޔާ ކުރާނީ އެއްވެސް މީހަކު މެދުވެރިނުވެ ޚުދު އޭނަގެ އަމިއްލަ އަތުންކަމަށް އޭނައަށް ނިންމުނެވެ.

 

އެ ނިންމުން ނިންމިއެއްކަމަކު އޭނަ ޝަރަފަށް ދޭން ބޭނުންވާ އަނިޔާއަކަށްވާނީ ކޮންކަމެއް ކަން ވިޔާމަކަށް ނުނިންމެއެވެ. އޭނައަށް ނިންމުނުހާ ވެސް ކަމަކީ އޭނަ ދޭނީ ބޮޑު އަނިޔާއެއްކަމެވެ. އޭނައަށް ނޭނގުނުކަމަކީ އޭނަގެ ހިތަށް ދުވަހަކުވެސް ނުކުރާވަރުގެ އަސަރެއް ކުރަން އުޅެނީ އެ ޙާދިޘާގެ ތެރެއިންކަމެވެ.

 

އެދުވަހުގެ ހަވީރު ވަގުތެއްގައި ވިޔާމް ރިސޯޓު ޞަރަޙައްދާއި ހިސާބަށް ދިޔަތާ މާ ގިނައިރެއްނުވެ ޝަރަފް ކޮންމެވެސް މުވައްޒަފަކާއި ވާހަކަ ދައްކަމުން ދިޔަ އަޑު އިވުނެވެ. ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޝަރަފް އެ ދާން އުޅެނީ ހަދަން ފަށާފައިވި ތިން ބުރީގެ ޢިމާރާތެއްގެ މައްޗަށްކަން ވިޔާމަށް އެނގުނެވެ. އެއާއެކު ލިބުނު ނުލަފާ ޚިޔާލުން ވިޔާމްގެ މޫނުމައްޗަށް އެފަދަ ހިނިތުންވުމެއް ވެސް ވެރިވިއެވެ. އެއަށްފަހު އޭނަ ޝަރަފާއި ދުރުދުރުން އޭނަގެ ފަހަތުން ދިޔައެވެ.

 

އެ ޢިމާރާތް ވެގެން ދިޔައީ ވިޔާމް ރާވާފައި އޮތްގޮތަށް ކަންކުރަން ނުހަނު ލާމަސީލު ޢިމާރާތަކަށެވެ. އެ ޢިމާރާތުގެ ވަށައިގެން ދަގަނޑުތައް ޖަހާފައި ވުމުންނެވެ. އެހެންކަމުން ވިޔާމް ޝަރަފް މެން ދިޔަތާ އިރުކޮޅެއްފަހުން ސިމިންތިން އަޅާފައިވި އެ ޢިމާރާތަށް ވަދެގެން ދިޔައީ އަމިއްލަ ނަފްސާއި ހެމުންނެވެ. މިއަދު ކޮންމެހެން ވެސް ޝަރަފަށް ނިމުމެއް ގެންނަން އޭނަ ބޭނުންވިއެވެ. އެއީ ކީއްވެކަމެއް ޙަޤީޤަތުގައި އޭނައަށް ސާފުވާ ގޮތެއްވެސް ނުވިއެވެ. މިހާރު އެކަން ވަނީ ބަދަލު ހިފުމަށްވުރެ ވެސް ބޮޑަށް އެހެން ކަމަކަށް ބަދަލުވެފައެވެ. ޝަރަފަށް އޭނައަށްވުރެ ގިނައިން ތަޢުރީފު ލިބޭތީ އެކަން ބަދަލުކުރުމަށްޓަކައި ކުރު ގޮތެއް އޭނަ ބޭނުންވާ ފަދައެވެ.

 

މާ ގިނައިރެއްނުވެ ވިޔާމްގެ އިންތިޒާރު ނިމުމަކަށްއައެވެ. ޝަރަފް އޭނައާއެކީ މުވައްޒަފުންގެ މަސައްކަތްތައް ބަލާހަދާ އެ ބޭރު މީހާއާއެކީ ޢިމާރާތުގެ އެންމެ މަތީގައި ހުރި ތަޅުންގަނޑު މައްޗަށް އެރިއެވެ. ޝަރަފާއި ވާހަކަ ދައްކަން ހުރެފައި އެމީހަކު ތިރިއަށް ފައިބަން ފެށިއެވެ. އެމީހާ ފޭބިއިރު ސިޑީގެ ކައިރީގައި ވިޔާމް ހުއްޓެއްކަމަކު އެމީހަކަށް ވިޔާމް ފާހަގައެއް ނުވިއެވެ. ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހިފައި ވިޔާމް މައްޗަށް އަރަން ފެށިއެވެ. އެންމެ މައްޗަށް އަރައި ޝަރަފް އޭނައަށް ފަސްދީގެން އެ ތަޅުންގަނޑު ނިމޭ ހިސާބާއި ނުހަނު ކައިރީގައި ހުރި މަންޒަރު ފެނިފައި ވިޔާމްގެ ހިތަށްވެރިވި ޖޯޝަށްވުރެ ބިރުވެރިކަން އިތުރުވިއެވެ. މިކަހަލަ ކަމެއް ކުރަން އުޅުމުގެ ކުރިން އޭނަގެ ހިތަށް ބިރުވެރިކަމެއް ވެރިވީ މީ ފުރަތަމަ ފަހަރެވެ. އެކަން އެގޮތަށްވީތީ އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ވެސް ކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ވިޔާމް ސާބިތުކަން ވެރިވެފައިވި މޫނަކާއެކީ ޝަރަފާއި ދިމާލަށް ދާން ފެށިއެވެ. މުޅި އެ ހިސާބު ގަނޑުންވެސް ޖެހެމުން ދިޔަ ވައި ރޯޅީގެ އަޑު ފިޔަވައި އެހެން އަޑެއް ނުއިވެއެވެ. ޝަރަފް ފަސްއެނބުރި ބަލާފާނެތީ ޖެހިލުންވެހުރެ ފަރުވާތެރިކަމާއެކީ ހިނގަމުން ގޮސް ވިޔާމް އެންމެ ފަހު ޝަރަފާއި އެއްފިޔަވަޅު ދުރުގައި ހުއްޓުނެވެ. އެއަށްފަހު އޭނަ ދެލޯ މަރައިގެން ހުރެފައި ކުއްލިއަކަށް ދެލޯ ހުޅުވައި ހަޅޭލައްވައިގަންނަމުން ޝަރަފްގެ ބުރަކަށީގައި އަތް އަޅައި ކޮއްޕާލަން އުޅުނެވެ. އެހެނަސް އެވަގުތު ޝަރަފް ޚުޝިޔާރުކަމާއެކީ ދުރުވެލުމުގެ ނަތީޖާއެއްގެ ގޮތުން ވެއްޓެން ދިޔައީ ވިޔާމެވެ. ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ.

 

ނުނިމޭ

The post Noor (Part 64) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-64/feed/ 0 1175
Noor (Part 63) https://blog.storiesbyjana.com/noor-part-63/?utm_source=rss&utm_medium=rss&utm_campaign=noor-part-63 https://blog.storiesbyjana.com/noor-part-63/#respond Wed, 28 Apr 2021 11:30:11 +0000 https://blog.storiesbyjana.com/noor-part-62-copy/

"މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ.....ޖެހޭނީ....އެއްބަސް...ވާން!" ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ.   "އަފޫ! އަވަހަށް […]

The post Noor (Part 63) appeared first on Stories by Jana.

]]>

“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ.

 

“އަފޫ! އަވަހަށް އާދެބަލަ ދަރިފުޅާ! ވިޔާމް އައިއްސި!” ކޮޓަރީގެ ބޭރުން މަންމަގެ އަޑު އައުމުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައިވި އަފާފަށް އެދިމާލަށް ބަލާލެވުނީ ސިހުމަކާއެކީގައެވެ. އެހިނދު ޝާދިޔާ އޭނަގެ ފަހު ޖުމްލަ ބުނެލަމުން އެ ކޮޓަރީގެ ދޮރު ހުޅުވާލީއެވެ. ދޮރު ހުޅުވާލުމަށްފަހު ވެސް ޝާދިޔާ ހެވިފައި ހުރެ އަވަހަށް އަންނާށޭ ބުނެ ދާން ހިނގައިގަތެވެ. މަންމަ ލޯ މައްޗަށް ގެއްލުމުން އަފާފަށް ފަހު ފަހަރަށް މޫނުބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލާލެވުނެވެ. އަމިއްލަ މޫނުމަތިން ހިތްހަމަނުޖެހިގެން އުޅޭ އަސަރެއް ފެނިފައި އަފާފް މޫނު ރަނގަޅު ކުރެވޭތޯ ބަލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަގެ ހިތްހަމަނުޖެހިފައިވީ މިއަދު އޮފީހުގައި އިވުނު ވާހަކަތަކެއްގެ އިތުރުން ކަންތައް މިވަނީ ވާންޖެހޭ ގޮތަށްނޫންކަން އެނގުންވާތީވެއެވެ. ޢިއްދައިގައި ހުއްޓާ އޭނައާއި އެހެން މީހެއްގެ ކައިވެނީގެ ވާހަކަ ދެކެވިގެން ވެސް ނުވާނެއެވެ. އެހެނަސް މަންމައާއި ބައްޕައަށް އެ ވާހަކަ ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ބައްޕަގެ ގޮތް ހިތަށް ވެރިވުމުން އެވަގުތު ވެސް އަފާފްގެ ހިތަށް ނުރުހުންތެރިކަމެއް ވެރިވިއެވެ. އޭގެ އިތުރުން ވިޔާމް އޭނަ ބޭރަށް ދިޔުމުން ވާހަކަ ދައްކާނީ ކޮން ރާގަކަށްކަން އެނގުންވުމުން އަފާފް އިތުރަށް ނުރުހުންވާ ގޮތްވިއެވެ. އިސާހިތަކު ވިޔާމަށް ދެވޭނެ ރުޅިވެރި ޖަވާބުތައް އަފާފްގެ ސިކުނޑީގައި ރޭވެން ފެށިއެވެ. އެހެނަސް މިއަދު ވިޔާމްގެ ދުލުން އިވުނު ވާހަކަތައް އަނެއްކާވެސް ހަނދާންވުމުން އަފާފްގެ އެ ޚިޔާލުތަކަށް ހުއްޓުމެއްއައެވެ. އޭނަ ކޮންމެ ވާހަކައެއް ދެއްކިޔަސް ވިޔާމް ދަށްކުރާ ފަދަ ވާހަކައެއް ދައްކައިގެން ނުވާނެކަން އަފާފަށް އެނގުންވިއެވެ. އެހެނީ ވިޔާމްގެ އެ ހިތް އެހާވަރަށް ހަރުވެފައިވަނީ ހަރުކަށި ހިތްތަކެއްގެ ވެރިން ކަންތައް ކުރި ގޮތުންނެވެ. ވީއިރު އިތުރު ހަރުކަށިކަމަކުން އެ ހިތް މަޑެއް ނުވާނެއެވެ.

 

އަފާފް އޭނަގެ ޚިޔާލުތަކުގައި ހުއްޓާ އަނެއްކާވެސް ބޭރުން މަންމަ ގޮވާލި އަޑަށް އަފާފް ލައްބައޭ ކިޔާލިއެވެ. މަންމަ މިފަހަރު އަންނާށޭ ބުނެލުމުން އަފާފް ދާން ހިނގައިގަތީ ވީހާވެސް އިޙްސާންތެރި ކަމާއެކީ ވިޔާމާއި މުޚާތަބު ކުރެވޭނެ ގޮތްތަކާއިމެދު ވިސްނަމުންނެވެ.

 

އަފާފް ހީކުރި ގޮތާއި ޚިލާފަށް އޭނަ ސިޑި ބަރިއާއި ހަމަވީއިރު ސިޓިންގް ރޫމުން އާ މޫނަކަށް އޭނައަށް ފެނުނީ ވިޔާމް އެކަންޏެއް ނޫނެވެ. ވިޔާމްގެ އިތުރުން އެތާހުރި ދިގު ސޯފާގައި ދުވަސްވީ އެހެން ދެ ފިރިހެނުންވެސް ތިއްބެވެ. އަފާފަށް ސިޑީގެ ތިންވަނަ ހަރުފަތާއި ހަމަކުރެވުނުތަނާހެން ތިރީގައި ހުރި ޝާދިޔާ އޭނަގެ ނަމުން ގޮވާލިއެވެ. އެއާއެކު ސިޓިންގް ރޫމުގައި ތިބި އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވުމުން އަފާފަށް ބޭއިޚްތިޔާރުގައި އިސްޖަހާލެވުނެވެ. އޭނަ ފަސްއެނބުރި އޭނަގެ ކޮޓަރިއަށް އަނބުރާ ދާން ބޭނުންވިއެވެ. އެހެނަސް އޭނަ ވާހަކަ ދައްކައިގެން ނޫނީ މި ޙާލަތު ޞުލްޙަވެރި ގޮތެއްގައި އޭނައަށް ޙައްލު ނުކުރެވޭނެކަން އެނގުންވުމުން އަފާފް އޭނަގެ ބަނޑުގައި އެއްއަތުން ހިފަހައްޓައިގެން ފަރުވާތެރިކަމާއެކީ ފައިބަން ފެށިއެވެ. ލައިގެން ހުރި ދޫ ހެދުމުގެ ސަބަބުން އޭނަގެ ބަނޑު ބޮޑުވަމުން އަންނަކަން ބޭރުފުށުން ފާހަގައެއް ނުވެއެވެ.

 

“ވަރަށް ބަލިކޮށް ދޯ އެ ކަނބުލޮ އުޅެމުންދަނީ؟” އެތާނގައި ތިބި ދެ ފިރިހެނުންގެ ތެރެއިން އިސްތަށިގަނޑު ނުރަވެފައިވި ފިރިހެން މީހާ އަފާފަށް ބަލަން ހުރެ އަހާލިއެވެ. ސިޑިން ފައިބަމުން ދިޔަ އަފާފަށް އެ ހިނދު އެމީހާއަށް ބަލާލެވުނެވެ.

 

“އާނ ރަމީޒް. އޭނަގެ ކުރީގެ ކައިވެނިން އޭނަ ވަރިވީއިރު އޭނަ ހުރީ ބަނޑުބޮޑުވެފަ. ވިޔާމް ކައިރީގަ އަހަރެން ބުނިން އެ ވާހަކަ. ދޯ ދަރިފުޅު؟” ހުސެއިން ނުހަނު ލޯބިން ވިޔާމާއި މުޚާތަބު ކުރި ވަގުތަކީ އަފާފަށް ދެބުމަ ކައިރި ކޮށްގެން ހުރެ ސިޑިން ފޭބުނު ވަގުތެވެ.

 

“އާނ……ރަމީޒްބެ، އަހަރެން ބޭނުން އެ ދަރިފުޅު އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލަން. އެހެންނޫނީ އަފޫ އެ ދަރިފުޅުގެ ބައްޕައަށް ނުރުހުންވާވަރަށް އެ ދަރިފުޅަށް ވެސް ނުރުހުންވާނަމަ ވިހެއިމަ އެ ކުއްޖާ ފޮނުވިދާނެ އޭނަގެ އަސްލު ބައްޕަ ކައިރިއަށް ވެސް.” ވިޔާމް އަފާފަށް ބެލުމެއްނެތި އެ ވާހަކަތައް ދެއްކީ އަފާފް ރުޅި އަރުވާލުމުގެ ނިޔަތުގައެވެ. އެކަން އަފާފަށް މާ ރަނގަޅަށް އެނގުންވިއެވެ. ފުރަތަމަ ސިކުންތުގައި އެ ވާހަކަތަކަށް އައި ރުޅީގައި އަޑު ހަރު ކުރަން ބޭނުންވިއެއްކަމަކު އަފާފް އަމިއްލަ ނަފްސު ހަމައަކަށް އެޅުވީ އެހެންވެއެވެ. އެހެނަސް އޭނަ ދެން ވިޔާމްގެ ކުރިމައްޗަށް ދާން ޚިޔާލެއް ނުކުރިއެވެ.

 

“ވަރަށް ބޮޑަށް މަޢާފަށް އެދެން. އެކަމަކު އަހަރެން ތިގޮތަކާ އެއްބަހެއް ނޫން. އަހަރެން ނުރުހުމެއްނުވޭ އަހަރެންގެ ދަރިފުޅު ދެކެވެސް އަދި އެ ދަރިފުޅުގެ ބައްޕަދެކެވެސް.” އަފާފް ހުރިތާ ހުރެ އެތާތިބި އެންމެންނަށް އިވޭ ވަރަށް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވީ ހިނދު އޭނަގެ މަންމައާއި ބައްޕަގެ މޫނުމަތިން އަފާފަށް ފެނުނީ ރުޅިވެރިކަމެވެ. އެހެނަސް އަފާފް އޭނަގެ ބަސްތައް ބަދަލުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

 

“ހެހެ…..އަފޫ ބޭނުމިއްޔާ އަހަރުމެންގެ ކައިވެންޏަށްފަހު އަހަރުމެންނާއެކީ ވެސް ތި ދަރިފުޅަށް އުޅެވޭނެއޭ. އަފޫއަކަށް ވެސް މުޅި ޢުމުރަކު ނުއުޅެވޭނެއްނު އަފޫގެ ހުންނަ ފަދަ ޙައިސިއްޔަތެއް ނެތް މީހަކާ އެކީގަ؟ އަފޫ ކަހަލަ ތަންތަނުގެ ވެރިންނާ ގުޅޭނީވެސް އެހެނިހެން ތަންތަނުގެ ވެރިންނެއްނު؟” ވިޔާމް އެހެން ބުނެލީ ނުހަނު ފަޚުރުވެރިކަމާއެކީ ޝަރަފް ދަށްކޮއްލުމުގެ ނިޔަތުގައެވެ. އެ ވާހަކައިން ވެސް އަފާފްގެ އަތް ގޮށްމުއްކެވިގެން ދިޔައެއްކަމަކު އޭނަ ދެންވެސް ވިސްނުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“ރަނގަޅު ވާހަކައެއް. އަހަންނަކީ އަހަރެންގެ ބައްޕައަށް އެހާބޮޑަށް ބަރޯސާނުވެ އަމިއްލަ މަސައްކަތުން އަމިއްލަ ކުންފުންޏެއް އުފެއްދި މީހެއް. އެހެންވީމަ އަހަރެން ކަހަލަ ޙައިސިއްޔަތެއް ހުންނާނީ ވެސް އެމީހެއްގެ ބައްޕަގެ ފަރާތުން ބޮޑު ވިޔަފާރިއެއް ވާރުތަ ކުރާ މީހެއްގެ ބަދަލުގަ އަމިއްލަ ބުރަ މަސައްކަތުން އަމިއްލަ ވިޔަފާރިއެއް ފަށާ މީހެއް، ދެއްތޮ؟” އަފާފް އޭނަގެ ވާހަކައިން ވިޔާމަށް ވުރެ މަތީ މަޤާމެއް ޝަރަފަށް ދީފިކަން އެތާ ތިބި އެންމެންނަށް ވެސް އެނގިގެން ދިޔަދިޔަހެން އެ އެންމެންގެ ވެސް ނިތަށް ރޫ ގިނަވެ ބުމަގޮށްޖެހިގެން ދިޔައެވެ. ވިޔާމް ރަތްވެގެން ދިޔަ މޫނަކާއެކީ ކުއްލިއަކަށް ކޮޅަށް ތެދުވީ އޭނަ މިހާ ދުވަސްވަންދެން ދަށްކުރަން އުޅޭ މީހަކު ފުރަތަމަ ފަހަރަށް އޭނައާއި އަޅާ ކިޔާލެވުނު އަޑު އިވުމުންނެވެ. އޭނަ ވަގުތުން އެއަށް ރައްދުދީ ވާހަކަ ދެއްކިއެވެ.

 

“ތިބުނާ މީހަކު އެ ބުރަމަސައްކަތެއް ކުރާކަން އަފާފަށް އެނގެނީ ކިހިނެއް؟ އޭނަ އަފާފާއި ވަރިވި ފަހުން އެންމެ ފަހަރަކުވެސް އަފާފަށް ގުޅިތަ؟ ބުނެބަލަ އަފާފް! އަފޫއާއިމެދު އަޅާލެވޭތީވެއޭ އަހަރެން އަފޫ ކައިރިއަށް މިއައީ. ތައުބާވުމަށްފަހު އަހަންނަށް ފެނުނު އަންހެން ކުދިންގެ ތެރެއިން އެންމެ ރަނގަޅު އަންހެން ކުއްޖަކީ ތިއީ. އަބަދުވެސް ބޭނުންވި އަފޫއާ އިންނަން. މި ހުރިހާ ދުވަހު އަފާފް އެހެން މީހެއްގެ ޙައްޤަކަށް ވެފައިވީތީ އަހަރެން ދުރުގަ ހުރީ. އެކަމަކު އަފާފް މިއަދު އެކަނިވެރިވީމަ އަހަރެން ބޭނުން އަފާފަށް އެހީވާން.” ވިޔާމް އޭނަގެ ވާހަކަ ފެށީ ހިސާބެއްގެ ހަރުއަޑުން ކަމަށްވިޔަސް އޭނައަށް ބަލަހައްޓައިގެން ތިބި ހުސެއިން މެން ފާހަގަވުމުން އެ ވާހަކައަށް ލޯބީގެ ރާގެއް އެޅުވިއެވެ. އޭނަގެ ދެއްކުންތެރިކަން ކިތަންމެ ފުރިހަމަ ވިއެއްކަމަކު އަފާފް ވެސް ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.

 

“އަހަރެން އަދި ތިބުނާހެނެއް އެކަނިވެރިއެއްނުވޭ. އަހަންނަކީ އަދިވެސް އަހަރެންގެ ފިރިމީހާގެ ބެލުމުގެ ދަށުގައި ވާންޖެހޭ މީހެއް. އެއްގޮތަކަށް ވެސް އެހެން މީހަކަށް އަދިއެއް އަހަންނާއި ނުއެއް އިނދެވޭނެ.” އަފާފް ސާބިތުކަމާއެކީ އެހެން ބުނެލުމުން އެތާތިބި ރަމީޒާއި އަހުމަދުގެ ނަޒަރުވެސް ހުސެއިނަށް އަމާޒުވިއެވެ. ހުސެއިން ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ކޮޅަށް ތެދުވެލިއެވެ.

 

“ހެހެހެ…..އަފޫ އެ ދެއްކީ ރަނގަޅު ވާހަކައެކޭ. މި ދުވަސްވަރު އަފޫއަކަށް މީހަކާ ނީނދެވޭނެ. އެކަމަކު އަފޫ ވިހައިގެން ޢިއްދަ ހަމަވީމަ ވިޔާމާއި އިންނަ ގޮތަށް އޮތީ، ދޯ އަފޫ؟” ހުސެއިން ދޯ ދެމުން އެހެން މީހުންނަށް ނޭނގޭނެ ފަދައަކުން އަފާފަށް ސީރިއަސް ނަޒަރެއް ދިނެވެ. ޝާދިޔާ ވެސް ދުރުގައި ހުރެ އަފާފަށް ކަޅި އެޅިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެމީހުންނާއި އެއްބަސްވާން އަފާފްގެ ހިތް ބުންޏެވެ. އެހެނަސް އެއްބަސްވެއްޖެނަމަ އޭނައަށް ހެދޭނީ ދޮގެއްކަން އެނގުންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ނޫން ބައްޕާ. އަހަރެން ބޭނުމެއްނޫން ވިޔާމާއި އިންނާކަށް.” އަފާފް ބުނެލި އެ ބަސްތަކުން މުޅި ތަނަށް މަރު ހިމޭންކަމެއް އައެވެ. ހުސެއިނާއި ޝާދިޔާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ރަމީޒާއި އަހުމަދު ނުރުހުންވެފައި އަފާފަށް ބަލަން ތިއްބެވެ. އަފާފާއި ކުރިމައްޗަށް ވާ ގޮތަށް ހުއްޓި ހުރި ވިޔާމްގެ ދަތްކުނޑި ވިކުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ރަމީޒާއި އަހުމަދު ކޮޅަށް ތެދުވިއެވެ.

 

“ހުސެއިން! މި މަންޒަރު އަހަރުމެންނަށް ދައްކަންތަ އަހަރުމެން މިގެއަށް ގެނައީ؟” އަހުމަދު ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.

 

“ން…..ނޫނޭ އަހުމަދު! އަފޫ ސަމާސާއެކޭ އެ ކުރަނީ! އަފޫ ބޭނުމެއްނުވާނެ ތައުބާވެފައިވި މީހެއްގެ އެފަދަ އެދުމަކަށް ފަސްދޭން.” ހުސެއިން ދެންވެސް ހިނިތުންވާން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“ނޫން ބައްޕާ! ސަމާސާއެއް ނޫން މިކުރަނީ. އަހަރެން ބޭނުމެއްނޫން ޝަރަފް ނޫން އެހެން މީހަކާ އިންނާކަށް. ކަން މިހެން އޮތްވާ އަހަރެން ވިޔާމާއި އިނދެފިއްޔާ ވިޔާމަށް ވެސް ދެވޭނީ ދެރައެއް. ވިޔާމަށް ލިބިދާނެ އަހަންނަށް ވުރެ ބޮޑަށް އޭނަދެކެ ލޯބިވާނެ ރަނގަޅު ކުއްޖަކު.” އަފާފް ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން ޝާދިޔާ ދުރުގައި ހުރެ އަފާފްއޭ ކިޔައި ގޮވާލީ ހުއްޓާލާށޭ ބުނާ ފަދައަކުންނެވެ. އެހެނަސް އޭރު ޝާދިޔާއާއި ހުސެއިނަށް ވެސް ނޭނގުނު ކަމަކީ ދެން އެ ޙާލަތު އެމީހުން ބޭނުންވާ ގޮތަށް ބަދަލުވާން މާ ލަސްވެއްޖެކަމެވެ. އަފާފް އެ ވާހަކަ ދެއްކިތާ ހިނދުކޮޅެއް ފަހުން ރަމީޒް އޭނަގެ ކަރުކަހާލި އަޑު އިވުނެވެ.

 

“ހުސެއިން، ދުވަހަކުވެސް އަހަރުމެން މިހާ ބޮޑަށް ލަދުގަންނާކަށް ނުޖެހޭ. މި ވީގޮތުން އަހަންނަކަށް ދެން އަހަރެންގެ ނަންމައްޗަށް ބަދަލުކުރެވުނު ހުސެއިންގެ ވިޔަފާރި އަނބުރާ ދެވޭ ގޮތެއްނުވާނެ.” ރަމީޒް ޖެހިލުމެއްނެތި އަންގާލި އަންގާލުމުން ހުސެއިނާއި ޝާދިޔާއާއި އަފާފްގެ ހިތުގެ ތެރެއިން ވެސް ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. ހުސެއިންގެ މޫނުމަތިން ފެނިގެން ދިޔައީ ގޮތް ހުސްވީ ފަދަ އަސަރެކެވެ. ޚުދު އޭނަގެ އަމިއްލަ އަތުން އޭނަގެ އަމިއްލަ ނަފްސު ބަރުބާދުގެ ތެރެއަށް އެއްލާލެވުނުހެން އޭނައަށް ހީވިއެވެ. ހުސެއިނަށް ދެން ވާހަކަ ދެކެވުނީ ވެސް އުނދަގުލުންނެވެ.

 

“ރަ…..ރަމީޒް އަދި މަޑުކޮށްބަލަ. އަދި އަފާފް އެއްބަސް….” ހުސެއިންގެ ވާހަކަ މެދުކެނޑުނެވެ.

 

“އޭނަ އެއްބަހެއް ނުވާނެ! ކަލެއަށް އެކަމަށްޓަކައި އޭނަ ރަނގަޅަށް ތަރުބިއްޔަތު ވެސް ކުރެވިފައި ނެތީ. އެކަމުގެ ހިތި ރަހަ ކަލޭގެ ކަރުބުޑުގަ ލާނެ. މިއަދަށްފަހު ތި ކޯޓު ފަޓުލޫނު ބާލާފަ ދެ އަންނައުނު ގަނޑު އެއްކޮށްގެން ލާން ތައްޔާރަށް ހުރޭ!” ރަމީޒް ހުސެއިން ނިކަމެތި ވާ ފަދައަކުން ދެއްކި ވާހަކައިން އަފާފް އައި ރުޅިން މުޅި މީހާ ތުރުތުރު އެޅިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ރަމީޒް އޭނައާއި ދިމާލަށް ބަލާލިއެވެ.

 

“އަދި ކަލޭގެ ވިޔަފާރި ވެސް ޖަހައިގަންނާނަން! މާ ބޮޑު މީހެއްކަމަށްނު ތި ހެދިގެން އުޅެނީ. ކަލޭގެ އަތް ނުދޮވުނިއްޔާ މަށަށް ރަމީޒޭ ނުކިޔާނެ. އެދުވަހަކު ކަލޭ ޖެހޭނީ ބިމުގަ ހަތަރެސްފައި ޖަހައިގެން ވެސް ވިޔާމާއި އަހަރެންގެ ފައިބުޑަށް ވެއްޓި ކާ އެތިކޮޅަކަށް އެދެން!” ރަމީޒް ދުވަހަކުވެސް އަފާފާއި މުޚާތަބު ނުކުރެވޭ ފަދައަކުން އޭނައާއި ވާހަކަ ދެއްކިއެވެ. އެ ހިނދު އަފާފާއި އޭނަގެ މަންމައާއި ބައްޕަގެ ހިތްތައް އެތައް ދުވަހެއްފަހުން އެކަތި ގަނޑަކަށްވިއެވެ. ރަމީޒްގެ ވާހަކަ ހުރީ އޭގެ ތެރެއިން އެކަކު ވެސް ރުހޭފަދަ ގޮތަކަށް ކަމުގައި ނުވިއެވެ. އެ ތިން މީހުންގެ ތެރެއިން ރަމީޒަށް ޖަވާބެއް ދޭން ކެރުނީ އަފާފަށް އެކަންޏެވެ.

 

“ﷲ ގެ އިރާދަފުޅުން އަހަރުމެންނަށް އެފަދަ ޙާލެއް ނުޖެހޭނެ. އަދި ޖެހުނަސް އަހަރުމެން ނުވެއްޓޭނެ ތިކަހަލަ ބައެއްގެ ފައިބުޑަށް. އަހަރުމެން މީ ނުބައި ކަންތައް ކޮށްގެން ލިބޭ ލާރިއަށްޓަކައި ދަހިވެތިވެފައިވާ ބައެއްނޫން! ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ރިޒުޤު އިތުރު ކޮށްދެއްވާ. އެކަމަށްޓަކައި އަހަރުމެން ނުޖެހޭ ތިކަހަލަ ބަޔަކަށް ސަލާންޖަހާކަށް!” އަފާފް އެހެން ބުނެލީ ސާބިތު ހިތަކާއެކީ ޔަޤީންކަމާއި އެކީގައެވެ. އޭނަ އެހެން ބުނެ ނިމުނުތަނާހެން ރަމީޒްގެ ހުތުރު ބަސްތައް އޭނައަށް އަމާޒުވިއެވެ. އެއަށްފަހު ރަމީޒް މަޑުކުރުމެއްނެތި ދާން ހިނގައިގަތެވެ. އޭނަގެ ފަހަތުން އަހުމަދާއި ވިޔާމް ވެސް ދާން ހިނގައިގަތެވެ. އެމީހުން ލޯމައްޗަށް ގެއްލުމުން ހުސެއިން އެ ހުރި ގޮތަށް ސޯފާއަށް ވެއްޓިގަތެވެ. ބައްޕައަށްވީ ގޮތް ފެނިފައި އަފާފްގެ ހިތަށް ކެތްނުވެގެން އޭނަ ބައްޕާއޭ ކިޔައި ގޮވާލަމުން ހުސެއިންގެ ކައިރީގައި ގޮސް އިށީނެވެ. ޝާދިޔާ ވެސް ހުސެއިންގެ ކައިރިއަށް އައިސް އެމީހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ބުނަން ފެށިއެވެ. އެހެނަސް އެއީ ޙަޤީޤަތާއި ކިހާ ދުރު ވާހަކައެއްކަން ޔަޤީންވެފައިވީ ހިމޭނުން ހުރި ހުސެއިނަށެވެ. އޭނަ އެއްޗެކޭ ނުބުނެ އިނީ އެހެންވެއެވެ.

 

އޭގެ އަނެއްދުވަހުގެ ހެނދުނާއި ޖެހެންދެން ވެސް ހުސެއިން އަނގައިން އެންމެ ބަހެއް ވެސް ނުބުނެއެވެ. ކުރިމަތިވާން އުޅޭ މުޞީބާތުގެ ބޮޑުކަން އޭނައަށް އިޙްޞާޞްވެފައިވި ފަދައެވެ. އެއްވެސް ކަމެއް ދެން ރަނގަޅަށް ދާނެކަމުގެ އުއްމީދެއް ނެތެއްކަމަކު ހުސެއިން އެދުވަހުވެސް އޮފީހަށް ދާން ތައްޔާރުވިއެވެ. އަދި އަފާފާއެކީ އޮފީހަށް ދިޔުމަށްޓަކައި ކާރުގައި ދަތުރު ފެށިއެވެ. އަފާފް އޭނަގެ އޮފީހަށް ލައިދީފައި ހުސެއިން ދިޔައީ އޭނަގެ އޮފީސް ހުންނަ ޢިމާރާތަށެވެ. ދިޔައިރު ކަމަކު ދާކަށް ނެތެވެ. ޢިމާރާތުގެ މައި ދޮރުގައި ތަޅު އެޅުވިފައިވީއިރު އޮފީހުގެ މުވައްޒަފުން އެތާ ބޭރުގައި ސުވާލު އުފެދިފައި ތިއްބެވެ. ހުސެއިން އައުމާއެކު އެ އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވިއެވެ. އެހެނަސް ހުސެއިންގެ ކިބައިން ހުރިހާ ވަރެއް ދޫވެފައިވި ފަދައެވެ. އެތައް އަހަރެއް ވަންދެން އޭނަ އަމިއްލަ އަތުން ކުރި މަސައްކަތުން އެޅި ވިޔަފާރި އެންމެ ދުވަހެއްގެ ތެރޭގައި އަތުން ބީވެގެން ދިޔަ އިޙްޞާޞް ކުރެވުމުންނެވެ. މީގެ އިތުރުން ނަގާފައިވި ބޮޑު ތިން ލޯނުގެ މަތިން ހަނދާންވެފައި އޭނަ ދެން ހަދާނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު ހުސެއިންގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. އެތާތިބި އެންމެން ބަލަބަލާ ތިއްބާ ހުސެއިން ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ.

 

އެ ދުވަސްވެގެން ދިޔައީ އަފާފްގެ ޢާއިލާއަށް ފުރަތަމަ ފަހަރަށް އައި ބޮޑު ޠޫފާނެއްގެ ފެށުމަށެވެ. އޮފީހުގައި އިން އަފާފަށް އޭނަގެ ބައްޕަގެ ޚަބަރު ލިބުނުތާ މާ ގިނައިރެއްނުވެ އަފާފާއި ޝާދިޔާއަށް ތިބެވުނީ ހޮސްޕިޓަލުގައެވެ. ބައްޕައަށް ފަރުވާދޭން އެމަޖެންސީ ރޫމަށް ޑޮކްޓަރަކު ވަނުމުން އަފާފާއި ޝާދިޔާއަށް ތިބެވުނީ ފެންކަޅިވެފައެވެ. އެމީހުންގެ އުފާވެރި ދުވަސްތަކަށް ނިމުމެއް އައީހެން ދެމީހުންނަށް ވެސް ހީވިއެވެ.

 

އެހެނަސް އެ ދެމައިންނަށް ވެސް ނޭނގުނު ކަމަކީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ރަނގަޅަކަށްކަމެވެ. އެދުވަހު ހޮސްޕިޓަލްގެ އެ ބެންޗުގައި ތިބެ އެތައް ދުވަހެއްފަހުން ޝާދިޔާއަށް ރޮއިގަންނަމުން އަފާފްގެ ގައިގައި ބައްދާލެވުނެވެ. އަފާފް ވެސް ހިތްވަރު ކުރަމުން ލޯތްބާއެކީ އޭނަގެ މަންމަގެ ބުރިކަށީގައި ފިރުމަމުން ހިތްވަރު ލައިދިނެވެ. ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނަމުންނެވެ. އަފާފްވެސް އެ ހިނދު އެ ބަސްތައް ބުނެލީ ހަމައެކަނި ބުނާ ބުނުމެއްގެ ގޮތުގައެވެ. އެއީ ޝައްކެއްވެސް ނެތް ގޮތުގައި ކިހާ ބޮޑު ޙަޤީޤަތަކަށް ވާނެކަން އޭރު އަފާފަށް ވެސް ދޭހައެއް ނުކުރެވެއެވެ.

 

ހުސެއިނަށް ދިމާވީ ލޭގެ މައްސަލައެކެވެ. އެހެންކަމުން ލޭގެ ބޭސް ދީފައި އެދުވަހުން އެދުވަހަށް ވެސް އޭނަ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އެހެނަސް ހާސްވެ ކަންބޮޑުވާ ކަންތައްތަކާމެދު ނުވިސްނަން ޑޮކްޓަރުން ނަޞޭޙަތްތެރިވިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ނާދިރު ކަމަކަށެވެ. ގެއަށް ދެވުމާއެކުހެން އަފާފާއި ޝާދިޔާއަށް ފެނުނީ ހުސެއިން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލި މަންޒަރެވެ. އެތަން ފެނިފައި އަފާފް ބައްޕަ ގާތު އުފާވެރި ވާހަކައެއް ދައްކަން އުޅުނުތަނާހެން ބައްޕަގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. އެ ގިސްލުމުގެ ތެރެއިން ހުސެއިން ވޭނީ އަޑަކުން ވާހަކަ ދެއްކިއެވެ.

 

“އަހަރެން…މުޅި ޢުމުރު ދުވަހު ކުރި ހުރިހާ މަސައްކަތެއް އެ ދިޔައީ ފެނަށް. ދެން އަހަރުމެން ކިހިނެއް އުޅޭނީ؟ އަދި ބާކީ އެބަހުރި އެތައް ލޯނެއް ލައްކައިން ދައްކަން. ލޯނު ނުދެއްކުނިއްޔާ އަހަރުމެންގެ ގެ ވެސް……” ހުސެއިނަށް ވާހަކަ ދެކެވުނީ ހަމައެކަނި އެހާވަރަށެވެ. އެވަގުތު ހުސެއިން އެ ފާޅުކުރި ކަންބޮޑުވުން އަފާފަށާއި ޝާދިޔާއަށް ވެސް އިޙްޞާޞް ކުރެވުނެވެ. އެތައް ގުނައެއް އިތުރު ވާ ލޯނުތައް ނެގުމަކީ ރަނގަޅުކަމެއް ނޫންކަމަށް އަފާފް އެންމެ ކުރިން ވެސް ބުންޏެވެ. އެހެނަސް ބައްޕަވަނީ އެ ބަސް އަޑުއެހުމެއްނެތި އެ ލޯނުތައް ނަގާފައެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ބައްޕައަށް އެދުވަހުގެ މަތިން ހަނދާން ކޮށްދޭންވީ ދުވަސް ނޫންކަން އެނގި އަފާފް އެ ވާހަކަ އިތުރަށް ނުދައްކަން ނިންމިއެވެ. އަދި އޭނަގެ ޢާއިލާ ބަލަން ހުރި މީހަކީ އޭނަކަން ދަނެގެން ވަރުގަދަ ޢަޒުމަކާއެކީ ކޮޅަށް ތެދުވިއެވެ.

 

އަފާފް އޭނަ އުޅެމުން ދިޔަ ބަލި ޙާލާއެކީ ވެސް އެހެން ވަޒީފާއަކަށް ދާން ނިންމީ އެދުވަހުއެވެ. އެދުވަހުން އެ ދުވަހަށް ވެސް އޭނަ އެހެން އޮފީހަކުން މަތީ މަޤާމެއްގެ ވަޒީފާއަކަށް ލީ އެއްވެސް މީހަކަށް އެންގުމެއް ނެތިއެވެ. ހަފްތާތަކެއްގެ ތެރޭގައި އަފާފް އޭނަގެ އަމިއްލަ އޮފީހަށް ދަމުން ހަވީރުން ފެށިގެން ރޭގަނޑު ވަންދެން އޭނަގެ ދެވަނަ ވަޒީފާއަށް ވެސް ދާންފެށިއެވެ. އޭރު އޭނަގެ ބަނޑަށް 4 މަސްވެފައި އިތުރު ބަލިކަށިކަމެއް އިޙްޞާޞް ކުރެވުނެއްކަމަކު އަފާފް ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނަ ދެވަނަ ވަޒީފާއަށް ދާން ފެށީއްސުރެ މަންމައާއި ބައްޕައާ ޝަބާގެ އިތުރުން ދޭތެރެދޭތެރެއިން އޭނައާއި ބައްދަލުކުރަން އަންނަމުން ދިޔަ ޒޯ ވެސް އެހާ ބުރަކޮށް މަސައްކަތް ނުކުރުމަށް އޭނައަށް އަންގަމުން ދިޔައެވެ. އެހެނަސް އަފާފް އޭގެއިން އެއްވެސް އަޑެއް ނާހައެވެ. މި ވާހަކަތައް ޝަރަފްގެ ކަންފަތާއި ހަމައަށް ފޯރީ ޒޯގެ ފަރާތުންނެވެ.

 

“ޝަރަފް! އަފޫ މަސައްކަތް އެބަކުރޭ ކޮންމެ ދުވަހަކު 10 ގަޑިއަށް ވުރެ ގިނައިރު ވަންދެން!! އެއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއްނޫން އަފޫއަށް ވެސް އަދި ބޭބީއަށް ވެސް. މިހާރު ބޭސްކެއުމުގަ ވެސް ފަރުވާކުޑަކަން ފާހަގަވޭ. އަދި މިއަދު ވަރަށް ގިނައިން ހޮޑުވެސް ލާފަ އެއްޗެއްވެސް ނުކެވޭ. އެހާވަރުންވެސް އޮފީހަށް ގޮއްސަ އޭނަ ހުރީ. ޕްލީޒް އޭނައަށް ނަޞޭޙަތެއް ދީބަލަ ޝަރަފް!” އެއްދުވަހު ހަވީރު ޒޯ އޭނައަށް ގުޅާފައި ދެއްކި ވާހަކައިން އާދައިގެ މަތިން ޝަރަފްގެ ހިތް މާޔޫސްވިއެވެ. އަފާފް އެފަދަ ބިކަ ޙާލެއްގައި ޖެހުނުކަން އެނގުނީއްސުރެ އޭނަ ޒޯ މެދުވެރިވެގެން އަފާފަށް ފައިސާ ފޮނުވަމުން ދިޔައެވެ. ޒޯ އެއެއްޗެހި ދެމުން ދިޔައީ އޭނަ ދޭ ޞަދަޤާތެއްކަމަށް ބުނަމުންނެވެ. އެހެނަސް މިފަހަރު ޒޯ ދެއްކި ވާހަކަތަކުން ޝަރަފް އަފާފަށްޓަކައި ފޮނުވަން ބޭނުންވީ ފައިސާއެއްނޫނެވެ. ހަދިޔާއެކެވެ. އޭނަ ހަމަ އެވަގުތުން ވަގުތަށް ގޮސް އެކި އެއްޗެހި ގަނެ ހަދިޔާއެއް ތައްޔާރު ކުރިއެވެ. އަދި އެއާއެކީ އަފާފަށްޓަކައި މެސެޖެއް ލިޔެ، އެރޭ މާލެއަށް ފުރާ މީހަކާއި އެ ހަދިޔާ ޙަވާލުކުރިއެވެ.

 

**

އެރޭ އަފާފް އެހާ ބޮޑަށް ބަލިވުމުގެ ސަބަބުން އޭނަގެ ދެވަނަ ވަޒީފާއަށް އެރޭ ނުނިކުމެވެ. އަފާފަށް އެރޭ ނަމާދު ކުރެވުނީ ވެސް ވަރަށް ބުރަކޮށެވެ. ދުވަސްވަމުން ދިޔަ ވަރަކަށް ފައިމައްޗަށް ތިރިވާން އޭނައަށް އުނދަގޫވަމުން ދިޔައެވެ. އޭނައަށް ދަތިވާ ކޮންމެ ފަހަރަކުހެން އޭނަ ޝަރަފްމަތިން ހަނދާންވަމުން ދިޔައެވެ. އެރޭވެސް ނަމާދަށްފަހު ޒިކުރު ކިޔައި ނިމުމުން ޝަރަފް މަތިން ހަނދާންވީ މިންވަރު އޭނައަށް އެއްފަހަރާ ޝަރަފަށްޓަކައި އެތައް ދުޢާއެއްކުރެވުނެވެ. ޝަރަފް ކޮންމެ ތަނެއްގައި ވިޔަސް އޭނަ ރައްކާތެރިކޮށްދެއްވުމަށާއި އޭނައަށް ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ހަމަ އެ ހިނދު އޭނަ އެއްކަލަ ދުވަސްފަހުން ޝަރަފާއި ގުޅަން މަސައްކަތް ނުކުރާކަން އެނގުންވުމުން އަފާފް އޭނަގެ ފޯނު ނަގަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް އަފާފް އެދިމާލަށް ބަލާލަމުން ވަންނާށޭ ބުނެލިއެވެ. އެއާއެކު ކޮޓަރީގެ ތެރެއަށް ވަދެގެން އައީ ޒޯ ނޫން ދެވަނަ މީހެއްނޫނެވެ. އޭނަ ފުރިހަމަ ހިނިތުންވުމަކާއެކީ ކޮޓަރިއަށް ވަދެގެން އައިސް އަފާފްގެ ކައިރީގައި އެނދުމަތީގައި އިށީނދެވެ. ޙާލު އަހުވާލު އެހުމަށްފަހު ޒޯ އޭނަގެ އަތުގައި އޮތް ކަރުދާސް ކޮތަޅު އަފާފަށް ދިއްކޮށްލިއެވެ.

 

“މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ.

 

“ގިފްޓް.” ޒޯ ދިނީ ކުރު ޖަވާބެކެވެ.

 

“ކާކު ދިން އެއްޗެއް؟” އަފާފް އެހިއެވެ.

 

“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ.

 

ނުނިމޭ

The post Noor (Part 63) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-63/feed/ 0 1170
Noor (Part 62) https://blog.storiesbyjana.com/noor-part-62/?utm_source=rss&utm_medium=rss&utm_campaign=noor-part-62 https://blog.storiesbyjana.com/noor-part-62/#respond Wed, 28 Apr 2021 11:27:10 +0000 https://blog.storiesbyjana.com/noor-part-61-copy/

“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް […]

The post Noor (Part 62) appeared first on Stories by Jana.

]]>

“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް ލޯބިވޭ ބައްޕަ ދެކެ.” އަފާފް ރޮވިފައިވި އަޑަކުން ބުނެލި ބަސްތަކުން ޝަރަފަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން އަޑު ނުއިވޭފަދަ ގޮތަކަށް ގިސްލެވެން ފެށިއެވެ. އޭނަ ގިސްލުމުގެ ތެރެއިން އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެ އެއްޗެކޭ ބުނަން އުޅުނު ތަނާހެން އަނެއްކާވެސް ޝިނާޒް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. މިފަހަރުވެސް ޝިނާޒާއި ދިމާލަށް ޝަރަފަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް ޝިނާޒް އޭނަގެ ބޮލުން އެއްފަރާތަކަށް ޢިޝާރާތް ކޮށްލުމުން ޝަރަފަށް އެދިމާލަށް ބަލާލެވުނެވެ. އެއާއެކު ފުރަތަމަ ސިކުންތުގައި އޭނަގެ ދެލޯ ބޮޑުވެ ދެވަނަ ސިކުންތުގައި އޭނަގެ ބުމަ ގޮށްޖެހުނެވެ. އެމީހުންނާއި ދާދި ގާތް ހިސާބަކުން އެތާހުރި ރެސްޓޯރެންޓާއި ދިމާލަށް ހިނގާފައި ދިޔައީ ރަމީޒް ނޫން ދެވަނަ މީހެއް ނޫނެވެ. ރަމީޒް ފެނިފައި ހިތުތެރޭގައި ނެގި ނުތަނަވަސްކަމުގެ ރާޅު ބާންޏެއްގެ ސަބަބުން ޝަރަފަށް އޭނަގެ ފޯނު ކަންފަތުން ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ.

 

“މިއީ ރަނގަޅު ކަމަކަށް ނުވާނެ ޝަރަފް.” ޝިނާޒް ނުހަނު ސީރިއަސްކަމާއެކީ އެހެން ބުނެލުމުން ޝަރަފްގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ. އެހެނަސް އޭނަ އެކަހަލަ ނުލަފާ މީހަކަށް ބިރުގަންނަން ނުޖެހޭ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީ ﷲ މަތިން ހަނދުމަ ކުރަމުންނެވެ. ﷲ އޭނައާއެކީ ވޮޑިގެންވާނަމަ އޭނައަށް ގެއްލުމެއް ދެވޭނީ ކާކަށްތޯ ހިތަށްއެރިއެވެ. އެ ޚިޔާލުން އޭނަ ހިތްހަމަޖައްސައިގެން ހުއްޓާ ޝިނާޒަށް ފޯނެއް އަންނަން ފެށިއެވެ. އޭނަ ފޯނު ނަގައި ބަލާލަމުން ‘ދޮންބައްޕަ’ އޭ ކިޔާލި އަޑަށް ޝަރަފަށް އޭނަގެ ހުރިހާ ސަމާލުކަމެއް ޝިނާޒަށް ދެވުނެވެ. ޝިނާޒް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ޑޭޑް!” ޝިނާޒް ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ކިޔާލިއެވެ.

 

“ހެލޯ ޝިނާޒް! ޑޭޑް ވެސް މިހިރީ މިހާރު މިރަށަށް އައިއްސައޭ. ޝިނާޒް ކޮންތާކުތަ އުޅެމުންދަނީ؟ ޝިނާޒްއާ ވީހާވެސް އަވަހަކަށް ބައްދަލުކޮށްލަން ބޭނުން.” ރަމީޒްގެ ހަމަޖެހިފައިވާ ރާގު އިވިފައި ޝިނާޒަށް ސިއްރުސިއްރުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް ވެސް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

 

“ޔެސް ޑޭޑް. އަހަރެން އުޅެމުން މިދަނީ ޑައިމަންޑް ކިޔާ ދެބުރިއަށް ނަގާފަ ހުންނަ ގެއެއް ކުއްޔަށް ހިފައިގެން. ބަޔަކު މީހުން ކައިރިން އަހައިގެން ޑޭޑް އެ ގެ ހޯދާލަބަލަ. ވަރަށް މަޝްހޫރު ގެއެއް އެއީ.” ޝިނާޒް ވެސް އޭނަ އާދައިގެ މަތިން ވާހަކަ ދައްކާ ރާގުގައި ވާހަކަ ދެއްކިއެވެ.

 

“އެހެންތަ؟ ޑޭޑް ކޮންމެހެން ބޭނުމެއްނޫން ތިގެއަށް އަންނާކަށް. ކްލައިންޓަކާއެކީ މިކޮޅަށް އައިއްސަ މިހިރީ. ޝަރަފް ވެސް ތި ރިސޯޓުގަ އުޅޭ ވާހަކަ އިވިގެން އަސްލު މި ގުޅީ. މިރޭ ގެއަށް ގޮއްސަ އެކަމާ ބެހޭގޮތުން ޝިނާޒާއި ވާހަކައެއް ދައްކަންވެފަ އެބައޮތް. ދެން ބޭއްވީ.” ރަމީޒް އެހެން ބުނުމަށްފަހު ޝިނާޒަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އެއާއެކު ޝިނާޒްގެ ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. ކުއްލިއަކަށް ދޮންބައްޕައަށް ގުޅާފައި ޝަރަފް މިކޮޅުގައި ހުރިކަން ދޮގުކުރަން ބޭނުންވިއެވެ. އެހެނަސް ދާދި ދެންމެއަކު ދޮންބައްޕަ ފެނިގެން ދިޔަ ގޮތުން އެގޮތަށް ކަންތައް ކުރުން ލަސްވެއްޖެކަން ޝިނާޒަށް އެނގުންވިއެވެ. އަދި އޭނަ އެހެން ނޫނަސް އެއްވެސް މީހަކަށް އޮޅުވާލައި ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ. ޝިނާޒް ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ޝަރަފް ދެންމެ ދެކެވުނު ވާހަކަތަކަކާމެދު ސުވާލުކުރުމުން ޝިނާޒް ހުރިހާ ވާހަކައެއް ކިޔައިދިނީ ޝަރަފް ވެސް އަދި ޚުދު އޭނަ އަމިއްލައަށް ވެސް ހާސްނުވާނެ ފަދައަކުންނެވެ. އެހެނަސް ކައިރި މުސްތަޤްބަލެއްގައި ވާންއުޅޭ ގޯހެއްގެ އިންޒާރު އޭރުއްސުރެ އޭނަގެ ސިކުނޑި ދޭން ފެށިއެވެ.

 

އެރޭ ގެއަށް ގޮސް ޝަރަފް ވަގުތުން އޭނަގެ ކޮޓަރިއަށް ވަނީ ރަމީޒް ކޮންމެ ވަގުތެއްގައި ވެސް އައިސްދާނެތީވެއެވެ. ރަމީޒް އައިސް އިތުރު ސުވާލުތަކެއް ނުކުރާނެ ކަމަށް ޝަރަފަށް އުއްމީދު ކުރެވުނެވެ. އޭނަ ފޯނުން ވާހަކަ ދެއްކިއިރު ހަމަޖެހިފައި ހުރިވަރުން އޭނަ އެރޭ އެގެއަށް އަންނާނެ ކަމާއި މެދުގައި ވެސް ޝިނާޒަށް ޝައްކުކުރެވުނެވެ. އެހެނަސް އެރޭ 12 ޖަހަން ގާތްވެފައިވަނިކޮށް އެގޭގެ ބެލް ޖަހާލި އަޑަށް ޝިނާޒް ގޮސް އެ ގޭގެ ދޮރު ހުޅުވާލަން ޖެހުނެވެ. އެއާއެކު ޝިނާޒް ސިހުންވާ ގޮތްވިއެވެ.

 

“ޑޭޑް!” ކުރިމަތިން ރަމީޒް ފެނިފައި އޭނައަށް ކިޔާލެވުނެވެ.

 

“ހެހެ….ހާދަ ޝޮކްވެފަ؟ ޑޭޑް ބުނީމެއްނު ޑޭޑް ހުރީ މިކޮޅުގައޭ؟” ރަމީޒް ގޭގެ ތެރެއަށް ވަދެ ވަށައި ނަޒަރު ހިންގަމުން ބުނެލިއެވެ.

 

“އަ….އާނދޯ؟ ހެހެ….ޑޭޑް ކޮން ވާހަކައެއްތަ ދައްކަން ބޭނުންވީ؟” ޝިނާޒް އަހާލިއެވެ. އޭނަ ދެންވެސް ވީ ނުތަނަވަސްވެފައެވެ. އޭނަ ބިރުގެންފައިވީ އޭނަ ދޮގެއް ހަދަން ޖެހިދާނެ ޙާލަތެއް ކުރިމަތިވެދާނެތީވެއެވެ. ދޮގެއް ނަހަދައި މި ޙާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދި ޝިނާޒަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އެނގިހުރެ އެއްވެސް ފާފައަކަށް ނޭރުމުގެ ޢަޒުމުގައި އޭނަ މަހެއްހާ ދުވަސް ހޭދަކޮށްފައިވުމުން އެކަން ބަދަލުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ޝިނާޒް ވިސްނުމެއްގެ ތެރޭގައި ހުއްޓާ ރަމީޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ވެސް މިގޭގަ ދޯ އުޅެމުން ދަނީ؟” ރަމީޒް ކުއްލިއަކަށް އަހާލުމުން ޝިނާޒްގެ އަތްފައި ފިނިވިއެވެ.

 

“އާނ.” ޝިނާޒަށް ބުނެލެވުނެވެ. ރަމީޒް ދެން ސުވާލެއް ނުކުރާނެނަމައޭ އޭނަގެ ހިތް އެ ހިނދު ބުނަން ފެށިއެވެ. ޝިނާޒަށް ސިއްރުން ކުރެވެމުން ދިޔަ ދުޢާތައް ވެސް އިޖާބަވީ ފަދައެވެ. އޭނަ އެހެން ބުނިތާ މާގިނައިރެއް ނުވެ ރަމީޒް ހީލިއެވެ.

 

“ހެހެހެ…..އޭނައަށް ހީވާ ކަހަލަ ދޯ ޝިނާޒް އޭނައަށް އެހީވަނީ އޭނަ ބޭނުންވާ ކަހަލަ ރިސޯޓެއް އަޅާށޭ؟ ހުނ! އޭނައަކަށް ނޭނގޭނެ ޝިނާޒް ތީ ކިހާ ގަދަ ގޮލައެއްކަން. ޑޭޑްއަށް ޔަޤީން ޝިނާޒް ޑޭޑް ދެރަވާ ކަހަލަ ގޮތަކަށް ކަމެއް ނުކުރާނެކަން.” ރަމީޒް އަމިއްލަ އަމިއްލައަށް ކަންވީ ގޮތް ނިންމަމުން ހެވިފައި ހުރެ ޝިނާޒްގެ އެއްކޮނޑުގައި އަތް އެޅިއެވެ. ޝިނާޒް އަޖާއިބުވެފައި ރަމީޒަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ރަމީޒް އެހާ ގިނަ ސުވާލެއްވެސް ކުރުމެއްނެތި ނިންމުމެއް ނިންމާލީތޯ ޝިނާޒަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އިސާހިތަކު ޝިނާޒް ވަގުތުން ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނަ ރަމީޒް ކަހަލަ މީހަކަށް ދުވަހަކުވެސް އެހީނުވާނެ ކަމަށްބުނެ އޭނަގެ އީމާންތެރިކަން ހަޅޭއްލެވިއެވެ. އެހެނަސް އެ ބަސްތައް އޭނަގެ ދުލުން ބޭރުވާން އުޅުނު ތަނާހެން ރަމީޒްގެ ފޯނު ރިންގުވާން ފެށިއެވެ. ރަމީޒް ވަގުތުން އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނަގައި އެ ފޯނަށް ޖަވާބުދާރީވަމުން އެތަނުން ދާން ހިނގައިގަތެވެ. އޭނަ ލޯ މަތިން ގެއްލުމުން ޝިނާޒަށް ދެންވެސް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. ރަމީޒް އެހާ ފަސޭހައިން “މޮޔަ” ހެއްދޭނެހެން އޭނައަށް ހީނުވީތީވެއެވެ.

 

ޝިނާޒަށް ހީވެފައި އޮތީ ރަނގަޅަށެވެ. ރަމީޒަކީ އެހާ ފަސޭހައިން ހެއްލޭ މީހެއްނޫނެވެ. އޭގެ ބަދަލުގައި އޭނައަކީ ފެންނަ ކިތަންމެ ކުޑަ ނިޝާނަކުން ވެސް ހުރިހާ ޙަޤީޤަތެއް ދެނެގަންނަ ފަދަ ޚުށިޔާރު މީހެކެވެ. އެހާ ދުރުން ޝަރަފް ފޯނެއްގައި ހުރެ ރޯން ހުރިތަން ފެނުމުން އޭނަ ވާހަކަ ދެއްކީ ކާކާއި ކަން ޔަޤީންކަމާއެކީ ދެނެގަންނަން އޭނައަށް އެނގުނީ އެހެންވެއެވެ. ޝިނާޒް ޝަރަފްގެ ކައިރީގައި ހުރުމުން ޝިނާޒް ވެސް ބަދަލުވެއްޖެކަން އޭނައަށް ނަގައިގަނެވުނީ އެހެންވެއެވެ. އެއާއެކު އެރޭ ޝިނާޒްމެން އުޅެމުން ދާ ގެއަށް ދިޔުމުން ޝިނާޒްގެ މޫނުމަތިން ފެނުނު ކުލަވަރުތައް ފެނިފައި އޭނައަށް ހީވެފައިވި ހުރިހާ ހީވުންތައް ޔަޤީނަކަށް ބަދަލުވާން ހިނދުކޮޅެއް ނެގީވެސް އެހެންވެއެވެ. މި ހުރިހާ ކަމެއް އެނގިގެން ދިޔަ ތަނާހެން ރަމީޒަށް އެވަގުތު ގުޅާލީ އޭނައަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ ވިޔާމެވެ.

 

“ހެލޯ ރަމީޒްބެ. ކޮން ދުވަހަކުތަ އަފާފާއި އިނުމުގެ ޑްރާމާ ޖައްސަންވީ؟ ދެންމެއަކު ހުސެއިން މެސެޖެއް ކުރީމަ ބޭބެ ގެއަށް އައުމުގެ ކުރިން ވެސް ގުޅަން މިޖެހުނީ. އެބަ މެސެޖު ކުރޭ ކޮން ދުވަހަކުހޭ އަންނަނީ ކިޔާފަ. ގުޅަން ވެސް އެބަގުޅާ. އޭތި ދެން މުހިއްމުތަ؟ މިހާރު ޝަރަފް އޭނަގެ މަސައްކަތް ހުއްޓައިފިއެއްނު؟” ވިޔާމް އެހިއެވެ.

 

“އޭނަ ނުހުއްޓާ. ވިޔާމް އަފާފާއި އިނުން ވަރަށް މުހިއްމު. އެ ޝަރަފް އަދިވެސް އޭނައާއި ވާހަކަ އެބަ ދައްކާ. ވިޔާމް ބުނިގޮތަށް މިހާރު ޝިނާޒް ވެސް ހުރީ ޝަރަފްގެ ކޮޅުގަ. އަހަރުމެން އެބަޖެހޭ ވީހާވެސް އަވަހަކަށް އެ އެންމެން އެކީގަ ބަނޑަށް ޖައްސަން. އެކަން ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކަށް އޮތީ ވިޔާމް އަފާފާއި އިނުން. އަފާފާއި އިނދެގެން އޭނަގެ ޙަޔާތް ނަރަކައަކަށް ހަދާލާ. އޭރުން ޝަރަފަށް ވެސް އެނގޭނެ އޭނަ ކާކާ ދެކޮޅަށްކަން މަސައްކަތް އެ ކުރަނީ.” ރަމީޒް އެވާހަކަ ބުނެލީ، ރަޙުމުން މަޙްރޫމްވެފައިވި ހިތެއްގެ ސަބަބުންނެވެ.

 

އޭގެ އަނެއްދުވަހު އަފާފަށް ހޭލެވުނު ތަނާހެން އޭނައަށް އިވުނު ޚަބަރަކީ އޭނައާއި ބައްދަލުކުރަން ކޮންމެވެސް ފިރިހެން ކުއްޖަކު އަންނަ ވާހަކައެވެ. ހެނދުނު ސައިބުއި ގަޑީގައި އޭނަގެ އެދުމާއި ދެކޮޅަށް ވެސް އެ ވާހަކަ ތަކުރާރުކޮށް ދެކެވެމުން ދިޔައީތީ އަފާފަށް ރަނގަޅަށް ސައި ބޮވޭ ގޮތެއްވެސް ނުވިއެވެ. އެ ވާހަކަތަކުގެ ކުރީ ކޮޅު އަފާފް އެކަމަށް އިންކާރުކޮށް ވާހަކަ ދެއްކިއެއްކަމަކު އޭނަގެ މަންމައާއި ބައްޕަ ތިބީ ގޮތް ދޫކުރާ ގޮތެއްގައެއް ނޫންކަން ޔަޤީންވުމުން އަފާފް ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނަ އިތުރަށް ޒުވާބު ކުރަން ބޭނުން ނުވުމުންނެވެ. އެހެނަސް އޭނަ އެމީހުންނަށް މޫނު އަނބުރާލާފައި އެތަނުން ނުދެއެވެ. އޭނަ ދެންވެސް އެތާނގައި އިނދެ ކާއެއްޗެހި ވަރަށް މީރު ވާހަކަ ދައްކައި މަޢުޟޫއު ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. ރޭ ޝަރަފް އޭނަގެ ފޯނު ނެގިކަމަށްޓަކައި ވެސް އޭނައަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވި ފަދައެވެ. ޝަރަފް އޭނަގެ ފޯނު ނަގާނީ އަދިވެސް އޭނައާއިމެދު އަޅާލާތީވެ ކަމަށް އޭނައަށް ނިންމުނެވެ. އެހެނަސް އޭނަގާތު އެއްވެސް އެއްޗެކޭ ނުބުނެ ޝަރަފް ފޯނު ކަނޑާލުމުން އޭނަ މާޔޫސްވިއެވެ. ފޯނު އޮޅިގެން ކެނޑުނީކަމަށް ނިންމައި އޭނައަށް އެތައް އިރެއް ވަންދެން ޝަރަފް ގުޅާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. ޝަރަފް ފަހުން އަވަދިނެތިވީއޭ ހިތައި އޭނައަށް އަދިވެސް ހުރެވުނީ ޝަރަފްގެ ފޯނެއްގެ އިންތިޒާރުގައެވެ. ކާމޭޒު ދޮށުގައި އިނދެ އޭނައަށް ދޭތެރެދޭތެރެއިން ފޯނަށް ބެލެމުން ދިޔައީ ޝަރަފްގެ މެސެޖެއް ލިބިދާނެއޭ ހިތާއެވެ. އެހެނަސް އަފާފް އޮފީހަށް ދާން ނިކުންނަން ޖެހުނީ ޝަރަފްގެ އެއްވެސް ޚަބަރެއް ނުލިބިއެވެ.

 

އެދުވަހު އޮފީހަށް ގޮސް ޝަބާއާއި ދިމާވުމާއެކުހެން ރޭ ކަންތައްވީ ގޮތުގެ ވާހަކަ އަފާފަށް އޭނައަށް ކިޔައިދެވުނެވެ. ފައިހާ އައިސް އޭނައަށް ކިޔައިދިން ވާހަކަތަކުން ފެށިގެން އޭނަ ޝަރަފަށް ގުޅި ހިސާބަށެވެ. ޝަބާ ޤަބޫލުކުރަން ވެސް ދަތިވެފައި އެ ވާހަކަތައް އަޑުއަހަން އިނދެވުނެވެ.

 

“ސުބްޙާނަ ﷲ! ހަމަ އަސްލުވެސް ޝަރަފްގެ އެއްވެސް ކުށެއްނެތް ދޯ؟ މާތް ﷲ އަޅަމެންގެ ފާފަތައް ފުއްސަވާށި. އަހަރެންގެ ހިތަށްއެރިއޭ ފުރަތަމަ ދުވަހުވެސް. ހާދަ ރުއޭ އޭނަ އަފާފާއި ވަރިވީ ދުވަހު. ދުވަހަކުވެސް ނުދެކެން އޭނަ އެހާ ދެރަވެފަ ހުއްޓާ. އެކަމަކު ވެސް އަހަރެން ހުރީ ހަމަ ދުރު ބަލަހައްޓައިގެން ނޫންކަމަށް ހަދައިގެން…….ޔަޤީންތަ ޝަރަފަށްކަން ރޭ އަފޫއަށް ގުޅުނީ؟” ޝަބާއަށް އަހާލެވުނެވެ.

 

“އާނ….ނުބައި ނަންބަރެއްވިއްޔާ އެމީހަކު ބުނާނެތާ ކޮން ޝަރަފެއްހޭ. އޭނަ ހުރީ އެއްވެސް އެއްޗެކޭ ނުބުނެ. އަހަންނަށް ހީވަނީ ރޭވެސް އޭނަ ހުރީ ވަރަށް ބޮޑަށް ދެރަވެފަހެން.” އަފާފް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ މާޔޫސީ ގޮތަކަށް ބުންޏެވެ.

 

“ދެން އަފޫ ގުޅިންތަ އޭނައަށް ފަހުން؟” ޝަބާ އެހިއެވެ.

 

“އަދި ނުގުޅަން. އޭނަ ގުޅާނެ އިރަކަށް މި އިންތިޒާރު ކުރަނީ.” އަފާފް ބުނެލިއެވެ.

 

“މަ ވެއްޖެ ތިދެމީހުންނަށް ގުޅަން. އަދި އޮސްޓްރޭލިޔާއަށޭ ކިޔާފަ މަށަށް އޮޅުވާލާފަ ގޮއްސިއެއްނު އެ ޝިނާޒްވެސް؟! ކުޅިއެއް ދައްކާލާނަން މިއަދު!!” ޝަބާ ނުރުހުމުގެ ރާގަކަށް އެހެން ބުނެލީ ލޯތްބެއް އެކުލެވޭ ފަދަގޮތަކަށެވެ. ޝަބާ ވާހަކަ ދެއްކި ގޮތުން އަފާފަށް ހީލެވުނެވެ. ޝަބާ ދިޔަތަން ބަލަން އޭނައަށް އިނދެވުނީ ވެސް ހެވިފައި އިނދެއެވެ. ޝަރަފް ހަނދާން ކުރެވުނު އެ ވަގުތުކޮޅުގައި އޭނަ މިރޭ ކުރިމަތިލާންޖެހޭ ކަންތައްތަކާމެދު ހިނދުކޮޅަކަށް ނަމަވެސް އަފާފް ހަނދާން ނެތުނެވެ.

 

ޝަރަފް އެ ހެނދުނުގެ ވަގުތުގައި ގޭގައި އިނދެގެން އޭނަގެ ލެޕްޓޮޕުން ހިސާބުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުން ދޮންތަގެ ނަން ފެނިފައި ޝަރަފްގެ ހިތަށް ސިހުމެއް ލިބުނެވެ. އެތައް ދުވަހެއް ފަހުން ދޮންތަ އޭނައަށް ގުޅަނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބު ޝަރަފަށް ލިބެން މާ ގިނަ ވަގުތެއް ނުނެގިއެވެ. ރޭ އޭނައަށް އަފާފްގެ ފޯނަށް ޖަވާބު ދެވުނުކަން ހަނދާންވުމުން އޭނައަށް ހުރިހާ ކަމެއް ނަގައިގަނެވުނެވެ. އަފާފް އޭނަގެ ވާހަކަ ދޮންތައަށް ކިޔައިދޭނީ އުފަލުން ހުރެކަން އެނގުންވީ ހިނދު އެތައް ޒަމާނެއް ފަހުން ޝަރަފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު އޭނަ ދޮންތަގެ ކޯލް ނަގައި ފޯނު ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.

 

“ހޫމް….ވަޢަލައިކުމުއްސަލާމް. ދޮގު ހަދާފަ ގޮއްސަ ސަލާމް ގޮވާތި!” ޝަބާ ގުނަން ފެށިއެވެ.

 

“ކިހިނެއްތަވީ ދޮންތާ؟ ކޮން ދޮގެއް؟” ދޮންތަ ވާހަކަ ދެއްކި ރާގަކީ އެންމެ ކުޑައިރުވެސް އޭނައާއި މުޚާތަބު ކުރާ ރާގަށް ވުމުން ޝަރަފް މީގެ ދުވަސްކޮޅެއް ކުރިން އޭނަގެ ބޮލުގައި ދޮންތަ އެޅުވި އިލްޒާމްތަކުގެ މަތިން ހަނދާން ނެތުނެވެ. ދޮންތަ އެ ދައްކަނީ އެ ދޮގުގެ ވާހަކަތޯ ހިތަށްއެރީ ހިނދުކޮޅެއް ފަހުންނެވެ.

 

“އޮސްޓްރޭލިޔާއަށޭ ކިޔާފަ ކޮން ރަށަކަށް ގޮއްސަ ތިހިރީ؟!” ޝަބާ އެހިއެވެ. އެ ވާހަކަ އިވިފައި ސިކުންތުކޮޅަކަށް އިނދެފައި ޝަރަފަށް ހީލެވުނެވެ.

 

“ހެހެ….އޮސްޓްރޭލިޔާއަށޭ އޭރު ދިޔައީ ދޮންތާ. މިހާރު މިހިރީ ރާއްޖެއަށް އަނބުރާ އައިއްސަ.” ޝަރަފް ކިޔައިދިނެވެ.

 

“ދެން ކީއްވެ އަހަރުމެން ލޮލުން ތި މީހުން ނުފެންނަނީ؟” ޝަބާ އަހާލިއެވެ.

 

“މިހާރު…..މިހިރީ ކޮންމެވެސް ރަށެއްގަ.” ޝަރަފް ޙަޤީޤަތުގެ ބޮޑުބައި ފޮރުވީ ޝިނާޒް މިއަދު ހެނދުނު އޭނައަށް ކިޔައިދިން ވާހަކަތައް ހަނދާންވެފައެވެ. ރަމީޒަށް އެމީހުންގެ ރޭވުން ފަޅާއަރައިފިކަމީ ވެފައި އޮތުން ކިތަންމެ ގާތްކަމަކަށް ވިޔަސް ޝަރަފް ދެންވެސް ސަލާމަތީ ފިޔަވަޅު އަޅަން ބޭނުންވިއެވެ. ރަމީޒް މަތިން ހަނދާންވެފައި ޝަރަފަށް ސީރިއަސް ވެލެވުނީ ކުއްލިއަކަށެވެ.

 

“ކޮން ރަށެއްގަ؟” ޝަބާ އަހާލިއެވެ.

 

“ދޮންތާ ދެން މިހާރު ބާއްވަންވެއްޖެ އިނގޭ.” ޝަރަފް އެހެން ބުނެ ފޯނު ކަނޑާލަން އުޅުނެވެ. އެހެނަސް ޝަބާ އޭނަ ހުއްޓުވިއެވެ.

 

“މަޑުކޮށްބަލަ ޝަރަފް. ދޮންތަ ވާހަކައެއް ބުނަންވެފަ އެބައޮތޭ……..ސޮރީ.” ޝަބާއަށް ބުނެލެވުނީ އެންމެ ބަހެކެވެ. އެހެނަސް އެ އެންމެ ބަހުން ޝަރަފްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެ އެންމެ ބަހުން އޭނަގެ ދޮންތަގެ ފަރާތުން އޭނަގެ ހިތަށް ލިބުނު ހުރިހާ ޒަޚަމެއްގައި މަލަން އެޅުނު ފަދައެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ ދޮންތަ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަފޫ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ދެން އަނބުރާ އާދޭ ޝަރަފް. ދޮންތަ ދެން ދުވަހަކުވެސް ޝަރަފް އަފާފާއި ދުރުކުރަން މަސައްކަތް ނުކުރާނަން. އަފޫ ވަރަށް ހަނދާންވޭ ޝަރަފް މަތިން. އޭނަ މި ހުރިހާ ދުވަހު އުޅުނީ ވެސް ވަރަށް ބޮޑަށް ބަލިކޮށް. އޭނަ އޮފީހަށް އަންނަން ފަށައިފި އެކަމަކު މިތަނަށް އައިއްސަ ވެސް އޭނައަށް ގިނަދުވަހު ރަނގަޅަށް ނުވެސް ކެވޭ. މިއަދު އޭނަ ކިރިޔާވެސް ހަމަޖެހިފަ އެހެރީ. އެއީ ހަމަ ޝަރަފްއާ ގުޅުނީމައޭ ދޮންތަ ބުނާނީ. އޭނަ ވަރަށް ބޭނުންވޭ ޝަރަފްއަށް މި ޙާލަތުގަ.” ދޮންތަގެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޝަރަފްގެ މޭގައި ރިހުމެއް އުފެދި އޭނަގެ ދެލޯ ރަތްވާން ފެށިއެވެ. އަފާފް އޭނައަށް ބޭނުންވާ މިންވަރު ތިމަންނައަށް އެނގެއޭ ބުނެ އޭނަ ރޮއިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅަމުން ބުނެލީ އެހެން ބަސްތަކެވެ.

 

“ދޮންތަ އަފޫ ރަނގަޅަށް ބަލައްޗޭ.” ޝަރަފަށް އެހެން ބުނެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އެއަށްފަހު އެކޮޅުން ޝަބާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ އޭނަ ފޯނު ކަނޑާލިއެވެ. އޭގެ މާގިނައިރެއްނުވެ ޝިނާޒް ޝަރަފްގެ ކައިރިއަށް އައެވެ. ޝަރަފްގެ ކޮނޑުގައި އަތް އަޅާލަމުން ގުޅީ ކާކުތޯ ޝިނާޒް އަހާލީ އޭނަ ގެނައި ޚަބަރު ދިނުމުގެ ކުރިން ޝަރަފް އޭރު ހުރި ޙާލަތު ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ޝަރަފް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އާދައިގެ މަތިން ޝިނާޒް ޝަރަފަށް ހިތްވަރު ލައިދިނެވެ. އެއަށްފަހު އޭނަ ގެނައި ވާހަކަ ޙިއްސާ ކުރުމަށްޓަކައި ދުރުދުރުން ފެށީ އެ ވާހަކައަކީ ޝަރަފް ވަރަށް ހިތްދަތިވާނެ ޚަބަރެއްހެން އޭނައަށް ހީވީތީވެއެވެ.

 

“ޝަރަފް ސުވާލެއް ކޮށްލަންތަ؟” ޝިނާޒް އެހިއެވެ. ޝަރަފް އޭނައަށް ބަލާލަމުން ބޯޖަހާލިއެވެ.

 

“އަފާފަކީ ވަރަށް އެހެން މީހުންގެ ބަހަށް ހެއްލޭ ކުއްޖެއްތަ؟” ޝިނާޒް ކޮށްލި ސުވާލުން ޝަރަފަށް ޙައިރާންކަމެއް ލިބުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.

 

“އަފާފް؟ ހެއްލޭ ކުއްޖެއް؟ އޭނަ ހައްދަން އުޅޭ މީހެއްގެ ބޯ ކާލަފާނެ އޭނަ ހެއްލުމުގެ ކުރިން. ހެހެ…” ޝަރަފްގެ ވާހަކައަށް ސަމާސާ ރާގެއް އެޅުވުނީ އަފާފްގެ އެމިޒާޖު އެނގޭ މާޒީގެ ހަނދާނެއް އިއްޔެ ވީ ކަމެއްހެން ސިކުނޑިއަށް ވެރިވުމުންނެވެ.

 

“އެހެންތަ؟ އަސްލު އެހެން އެހީ ޝަރަފްއާ ބެހޭގޮތުން ވެސް ވާހަކައެއް އިވުނީމަ އޭނަ އެ ވާހަކަ ޤަބޫލުކުރީތީ. އެނީވޭސް، އަސްލު މި ވާހަކަ މި އެހީ ވަރަށް އެހެން ކަހަލަ ޚަބަރެއް އިވިގެން. މިރޭ ވިޔާމް ދާނެ އަފާފްގެ ގެއަށް. އޭނައާއި ކައިވެނިކުރަން އެދެން. އޭނަ ދާނީ ތައުބާވެފައިވާ މީހެއްގެ ގޮތުގަ. ދޮންބައްޕަ އަދިވެސް ހީކުރަނީ އަހަރެން ހުރީ އެމީހުންގެ ކޮޅުގަ ކަމަށް. އެހެންވެ އަހަންނަށް މި ހުރިހާ ޚަބަރުތައް ދެނީ. ދެން ނޭނގެދޯ އަފާފް ހަދާނެ ގޮތެއްދޯ…..ދޮންބައްޕަ ބުނި ޝަރަފް މި ރިސޯޓާއި ދުރަށް ދިޔައިއްޔާ ތިމަންނަ ވިޔާމް ލައްވާ އެކަން ނުކުރުވާނަމޭ. ވިޔާމް އަފާފާއި އިނދެފިއްޔާ އަފާފަށް އަނިޔާތަ….” ޝިނާޒްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ރުޅިން ރަތްވެގެން ދިޔަ ޝަރަފަށް ކޮޅަށް ތެދުވެވުނެވެ.

 

“އިނގިލި ކުރިވެސް ނުޖެއްސޭނެ އޭނައަށް އަފާފްގެ ގައިގަ! އެމީހުން ހީވަނީތަ އެފަދަ ކަމެއް އެހާ ފަސޭހައިން އެމީހުންނަށް ޙަޤީޤަތަކަށް ހަދާލެވޭނެހެން؟ އެމީހުންނަށް ހީވަނީތަ ތިކަހަލަ ބިރެއް ދައްކައިގެން އަހަރެން ފަހަތަށް ޖެހޭނެހެން؟ އެމީހުންނަށް ހީވަނީތަ އެހާ ފަސޭހައިން އަފާފް އެމީހުންގެ އަތްދަށަށް އަންނާނެހެން؟ އަފާފް އެމީހުންގެ ބަހަށް ހެއްލުނީ އަފާފް އަނދިރިވެފައިވީ ދުވަސްވަރު! އެހެންނޫންނަމަ އަފާފް އޭރުވެސް އެމީހުންނަކަށް ނުހެއްލުނީސް. ﷲ ގެ ޙަޟްރަތުން ވާގިއަށް އެދޭ މީހުންގެ ހިތަށް ލިބޭ ސާބިތުކަމަކީ އެމީހުންނަށް ދޭހަކުރެވޭ އެއްޗެއްނޫން…” ޝަރަފް ވާހަކަ ފެށީ ގަދަ ރުޅިއަކާއެކީ ކަމަށްވިޔަސް ވާހަކަ ނިންމާލީ މަޑުމައިތިރި އަޑަކުންނެވެ. ޝަރަފް އެންމެ ފަހަކަށް ބުނި ބަސްތަކާއި އެއްބަސްވުމުގެ ގޮތުން ޝިނާޒް އޭނައަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ.

 

**

 

އެރޭގެ ވަގުތެއްގައި އަފާފް ހުރީ އެރޭ އޭނައާއި ބައްދަލު ކުރުމަށްޓަކައި އަންނަން އުޅޭ މެހުމާނަށްޓަކައި ގަދަކަމުން ރީތިވާށެވެ. ބުރުގާ އަޅުވާ އެތިން އާދައިގެ ކަޅުކުލައިގެ ބުރުގާއެއް ނަގައި ބޮލަށް މަހާލި ގޮތުން އޭނަ ހުރީ ރީތިވާ ހިތުންނެއް ނޫންކަން އެނގެއެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައިވި ގޮތުންނާއި އޭނަގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން އޭނަ ވަނީ ކޮންމެވެސް ވިސްނުމެއްގެ ތެރޭގައިކަން އެނގެއެވެ. އެއީ ހަމައެކަނި އެރޭ އޭނަ މި ދާންއުޅޭ ބައްދަލުވުމުގެ ސަބަބުންނެއްނޫނެވެ. އަދި މިހާތަނަށް އައިއިރު އޭނަ މިރޭ ބައްދަލު ކުރަން އުޅެނީ ކާކާކަން އެނގިފައިވުމުން އެކަންޏެއްވެސް ނޫނެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު އޭނަ އޮފީހުގައި ހުއްޓާ ކަންތައްވީ ގޮތުގެ ހަނދާންތަކެވެ.

 

**7 ގަޑިއިރު ކުރިން**

 

އަފާފް އާދައިގެ މަތިން އޭނަގެ ކެބިންގައި އިނީ އޭނަގެ މަސައްކަތަށް ގެއްލިފައެވެ. އެވަގުތު ޝަބާވެސް ބްރޭކް ގަޑިއަށް ގެއަށް ގޮސްފައިވުމުން އެގަޑީގައި އަފާފް ކެބިންގައި އިނީ އެކަންޏެވެ. އޭނަ އިންގޮތަށް އިންދާ ކެބިންގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އަފާފް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އާއްމު ގޮތެއްގައި އޭނަގެ އަންހެން މުވައްޒަފުން އޭނަގެ ދޮރުގައި ޖަހާ ޓަކީގެ އަޑަށްވުރެ ބަރު އަޑަކަށްވުމުން އޭނަ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ.

 

“ކާކު؟” އަފާފަށް ބޭރަށް އިވޭނެވަރަށް އަހާލެވުނެވެ. އެއާއެކު އެ ދޮރު ހުޅުވިގެން ދިޔައެވެ.

 

“ހާއި ބޭބް.” ހުޅުވިގެން ދިޔަ ދޮރުން ވަދެގެން އައީ ވިޔާމް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ފަހަރަށް އޭނަގެ ކެބިންއަށް ހިލޭ ފިރިހެނަކު ވަދެގެން އައި މަންޒަރު ފެނިފައި ލިބުނު ސިހުމާއެކީ އަފާފަށް ގޮނޑިން ތެދުވެވުނެވެ. އަދި އެއީ ވެސް ކޮން ކަހަލަ ފިރިހެނެއްކަން އެނގުންވީ ހިނދު ބިރުވެރިކަމާއެކީ އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ދެލޯ ބޮޑުވިއެވެ.

 

“އޯ އެމް ޖީ! އަހަރެން ހޭންޑްސަމް ކަމުން ހަމަ ނުވެސް ހުރެވޭދޯ ލޯބިއަށް؟” ވިޔާމް ކެބިންގެ ދޮރު ލައްޕާލަމުން ކެބިންއަށް ވަދެގެން އަންނަން ފެށިއެވެ. އެއާއެކު ވީ ފޫއްސާއެކީ އަފާފް ވަގުތުން އޭނަގެ ފޯނުގެ މޭޒުމަތީގައި އޮތް ކޯޑްލެސް ފޯނު ނަގައި ސެކިއުރިޓީއަށް ގުޅަން އުޅުނެވެ. އެ ހިނދު ވިޔާމް ދިގު ފިޔަވަޅުތަކެއްގައި ގޮސް ފާރުގައި ހަރުކޮށްފައި ހުރި އެ ފޯނުގެ އަނެއްބައިގެ ކަރަންޓާއި ގުޅާފައިވި ވައިރު ނައްޓާލިއެވެ. އެއާއެކު އަފާފްގެ އަތުގައި އޮތް ފޯނު ނިވުނެވެ. އަފާފް ވިޔާމަށް ބަލާލަމުން އެތާ ދުރުގައި ޗާޖަށް ގުޅާފައި އޮތް އޭނަގެ ފޯނަށް ބަލާލިއެވެ. އޭނަ އޭތި ނަގަން އުޅެފިނަމަ ވިޔާމް އެ ފުރުޞަތުގެ ބޭނުން ހިފާނެ ގޮތެއް ޚިޔާލަށް ގެނެވުމުން އޭނަ ހުރިތާ ހުންނަން ނިންމިއެވެ. އަދި ވިޔާމް ބޭނުންވާ ކަމެއް ދެނެގަންނަން ބޭނުންވިއެވެ.

 

“މި އޮފީހުގެ ޤަވާއިދު ބުނާ ގޮތުން ފިރިހެނުން ވަންނަން ޖެހޭނީ މި އޮފީހުގެ އަނެއްފަޅިން.” ނޫންކަމަށް ހަދާފައި އަފާފް ކަންއޮތް ގޮތް ކިޔައިދިނީ ވީހާވެސް ރަސްމީ ވުމަށެވެ.

 

“އޯންވް…….ނޭނގުނީއޭ. ސޮރީ! އެކަމަކު އަފޫއާ ބައްދަލު ނުވާނެއެއްނު އެފަޅިން؟ އެގޮތަށް ވިސްނާފަ އަސްލު މި ފަޅިން މި ވަނީ. އެހެންނޫނަސް މެރީކުރަން އުޅޭ ދެމީހުން މިގޮތަށް ވެސް ބައްދަލުކުރަން ވާނެއެއްނުދޯ؟” ވިޔާމް ހެވިފައިހުރެ ކޮށްލި ސުވާލުން އަފާފްގެ އަތް ފައި ގަނޑުވެގެން ދިޔައެވެ. އޭނަގެ ހަނދާނަށް އައީ މިއަދު ހެނދުނު މަންމައާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކެވެ. އޭނަގެ ކައިވެނީގެ ވާހަކަތަކެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކޭ ބުނެ ދެއްކި ވާހަކަތަކެވެ. މަންމަމެންގެ ނަޒަރުގައި ވިޔާމް އަނެއްކާވެސް ރަނގަޅުވީ ކޮން ދުވަހަކުތޯ އަފާފްގެ ހިތަށްއެރިއެވެ. އޭނަ ވިޔާމްގެ ޙަޤީޤަތް ކިޔައިދީފައި ވަނިކޮށެވެ. ވިޔާމް ކަހަލަ މީހަކާ އޭނަ ދެވަން އެމީހުން ޚިޔާލު ކުރީ ވެސް ކިހިނެއް ހެއްޔެވެ؟

 

“ސަޕްރައިޒް!!! އަސްލު އަފޫގެ މޯމްއާ ޑޭޑް މިރޭ އަފޫއަށް މި ސައިޕްރައިޒް ދޭން އުޅުނީ. އެކަމަކު އަހަރެން ކެތްނުވެގެން ހަމަ މިއައީ.” ވިޔާމް އެހެން ބުނެ ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އަފާފަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަފާފްގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ވިޔާމް އިތުރަށް ކުރިއަކަށް އަންނާކަށް ނޫޅެ ދުރުގައި ހުރީއެވެ.

 

“ކިހިނެއް މަންމައާއި ބައްޕަ މި ކައިވެންޏަށް އެއްބަސްވީ؟” ވިޔާމް ކައިރިވާން ނޫޅުމުން ލިބުނު ހިސާބެއްގެ ހަމަޖެހުމާއެކީ އަފާފް ދެނެގަންނަން މަސައްކަތް ކުރިއެވެ.

 

“އެއީ ފަސޭހަކަމެއްނު؟ ﷲ އަށް ތައުބާވުމުގެ އެކްޓެއް ޖައްސާއިރަށް ކާކު އެއްބަސްނުވާނީ؟” ވިޔާމް ތައުބާވުމަށް މަލާމާތް ކުރާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައިން އަފާފްގެ ހިތަށް ވެރިވި ރުޅިވެރިކަމާއެކީ އޭނަގެ ހިތް ހިތާމަވެސް ކުރިއެވެ. އޭނަގެ ޢުމުރުގެ ބޮޑު ބައި މިދަނީ އެފަދަ ޚިޔާލުތައް ހުރި މީހުންގެ އެ ޚިޔާލުތައް ބަދަލުކުރުމުގެ މަސައްކަތުގައެވެ. އެ އެންމެންގެ ޚިޔާލުތައް އޭނަ ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެކަން އެނގުނަސް ޚުދު އޭނަގެ ލޯ ކުރިމަތިން އެފަދަ މީހެއް ފެނިގެން ދިޔުމުން އޭނަގެ ހިތަށް އުނދަގޫވާ ގޮތްވިއެވެ. އޭނައަށް ދެން ބުނެވުނު ބަސްތައް ބުނެވުނީ ހިތަށް ދަތިވީ މިންވަރުންނެވެ.

 

“ވިޔާމް….ކުޑަކޮށް ވެސް ބިރެއް ނުގަނޭތަ ﷲ އަށް؟ ތި ބަސްތައް ތިގޮތަށް ތި ބުނެވެނީ ވެސް ﷲ ދެއްވި ދުލުންނޭ. އެކަލާނގެ އިރާދަކުރައްވައިފިނަމަ މިވަގުތު ވެސް އެކަލާނގެއަށް އެ ދޫ މަސައްކަތް ނުކުރެވޭ ގޮތްވީސް. އެކަމަކު އެކަލާނގެ ރަޙްމަތުން ވިޔާމަށް އަދިވެސް ވާހަކަ ދެއްކޭ. ކިތަންމެ ފާފައެއް ކުރެވުނަސް ވިޔާމްގެ ހިތް އަދިވެސް ތެޅެމުން އެބަދޭ. ވިޔާމަށް އަދިވެސް ނޭވާ އެބަލެވޭ. އެއިން ކޮންމެ ނޭވާއަކީ، އެއިން ކޮންމެ ހިތުގެ ތެޅުމަކީ އެކަލާނގެ އިރާދަފުޅުން އެކަލާނގެ ދެއްވާ ފުރުޞަތެއްކަން ވިޔާމަށް ނުފެންނަނީ ކީއްވެ؟” ހިތުގެ ފުން މިނުން ވިޔާމަށް ހެޔޮ ގޮތް ފެނުމަށް އެދޭ ޙާލުގައި އަފާފަށް ވާހަކަ ދެކެވުނެވެ. އެކަން ވިޔާމަށް ވެސް އިޙްޞާޞް ކުރެވުނީ ކަންނޭނގެއެވެ. އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި، ފާޑަކަށެވެ. އަފާފްގެ ބަސްތަކުން ވިޔާމަށް ކުޑަނަމަވެސް އަސަރެއް ކުރިހެން ހީވިއެވެ. އެގޮތުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމަށްފަހު އަނެއްކާވެސް ވިޔާމް އޭނަގެ މޫނުމައްޗަށް ރުޅިވެރިކަން ވެރި ކުރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ނުބައި ބަހެއް ކިޔާލިއެވެ.

 

“ކަލޭމެން ތިގޮތަށް ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ! ތިކަހަލަ މީހުންނަކީ އެހެން މީހުންނާމެދު ނުވިސްނާ ދަހިވެތި ބައެއް. އަހަރެންގެ މަންމަ މި ދުނިޔެއިން ވަކިވެދިޔައީ ތިކަހަލަ ބައެއްގެ ސަބަބުން! ތިގޮތަށް އަބަދު ޒިކުރު ތަޞްބީޙައިގައި އުޅޭ ބައެއްގެ ސަބަބުން. މަންމަ އަހަރެން ކުޑައިރު ގޮތް ނޭނގޭ ބައްޔެއް ޖެހިގެން އެނދުމަތިވީ ދުވަސް އަހަރެން ހަނދާނެއް ނުނެތޭނެ! ބައްޕަ ބޯޓު ދަތުރު ކުރަން ދިޔައީ އަހަންނާއި މަންމަ ތިކަހަލަ ޢާއިލާއަކާ ޙަވާލުކޮށްފަ. އެމީހުންގެ އަތުގަ މަންމައަށް އެހީވެވޭނެ ވަރަށް ލާރިވެސް ހުރި. އެކަމަކު އެ މީހުން އެހީއެއްނުވޭ. މަންމައަށް ބޭސް ދޭ ގަޑީގަ ބޭހެއްވެސް ނުދޭ. އަހަރެން ދޭންވީ ކޮން ބޭހެއްތޯ އެހީމަ އަދި ފަހުންނޭ ކިޔަކިޔާ ތިއްބާ މަންމަ…..” ވިޔާމް ކުރެހިފައިވާ އަޑަކުން ދައްކަމުން ދިޔަ ވާހަކަ އެހާ ހިސާބުން މެދުކެނޑުނެވެ. އެ ހިނދު އޭނަ ހުރީ ރޮވެން ކައިރިވެފައިކަން އަފާފަށް އެނގުންވިއެވެ. ވިޔާމްގެ މިސިފަ އޭނައަށް ފެނިދާނެކަމަށް އަފާފް ދުވަހަކުވެސް ހިއެއްނުކުރެއެވެ. ވިޔާމް ކިޔައިދިން ވާހަކަތަކާމެދު އޭނައަށް ވިސްނުނެވެ. ހަމައެއާއެކު ވިޔާމް އެހާ ދީނާއި ދުރީ ކީއްވެކަން އޭނައަށް އެނގުންވިއެވެ. އެންމެ މީހަކު ދައްކާ ނުބައި މިސާލަކުން ވެސް ކިހާ ގިނަ ގޯސް ނަތީޖާތައް ނިކުމެގެން އަންނަކަން އަފާފަށް އެނގުންވީ އެ ހިނދެވެ. އޭނަ ވަގުތުން ވިޔާމްގެ ޚިޔާލު ބަދަލުކުރެވޭ ފަދަ ވާހަކައެއް ބުނަން ބޭނުންވިއެވެ.

 

“އެންމެން އެއްގޮތެއް ނުވާނެ ދޯ ވިޔާމް؟” އަފާފް ދެންވެސް ސީރިއަސް ރާގަކަށް އަހާލިއެވެ. އެއާއެކު އަނެއްކާވެސް ވިޔާމް ދަތްކުނޑި ވިކާލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި އައިސް އަފާފާއި އެއްފިޔަވަޅު ދުރުގައި ހުއްޓިލިއެވެ. އެކަމާމެދު އަފާފް ޙައިރާންވިއެވެ. ވިޔާމް އައިގޮތުން އަފާފް ހީކުރީ އޭނައަށް ވިޔާމްގެ އަތްދަށުން ސަލާމަތް ނުވެވޭނެކަމަށެވެ. އެހެނަސް އޭނަ ދެންވެސް ކައިރިވާން ނުއުޅެ އޭނަ ދައްކަން ބޭނުން ވާހަކައެއް ދެއްކިއެވެ.

 

“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ.

 

ނުނިމޭ

The post Noor (Part 62) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-62/feed/ 0 1166
Noor (Part 61) https://blog.storiesbyjana.com/noor-part-61/?utm_source=rss&utm_medium=rss&utm_campaign=noor-part-61 https://blog.storiesbyjana.com/noor-part-61/#respond Wed, 28 Apr 2021 11:24:11 +0000 https://blog.storiesbyjana.com/noor-part-60-copy/

“އަފާފްގެ ޒަވާޖީ ޙަޔާތުގަ ހިނގި އެއްވެސް ކަމެއްގަ ޝަރަފްގެ އެއްވެސް ކުށެއްނެތް.” ފައިހާ ބުނެލި ވާހަކައިން އަފާފްގެ ހިތަށް ވެރިވި ޙައިރާންކަމާއެކީ އެހިތަށް އުފާވެރިކަމެއްވެސް ލިބުނެވެ. އެއާއެކު އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ.   “ކް….ކީކޭތަ ފައި؟ ކި….ކިހިނެއް ފައިއަށް އެނގެނީ؟” ހިސާބަކަށް އަވަސްވެފައިވި ހިތަކާއެކީ އަފާފަށް އަހާލެވުނެވެ. އެއާއެކު ފައިހާއަށް އަނެއްކާވެސް ގިސްލެވުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެލަމުން އޭނަ އަފާފަށް ކިޔައިދޭން ބޭނުންވެފައިވި ޙަޤީޤަތް ކިޔައިދޭން ފެށިއެވެ.   “މި ވާހަކަތައް […]

The post Noor (Part 61) appeared first on Stories by Jana.

]]>

“އަފާފްގެ ޒަވާޖީ ޙަޔާތުގަ ހިނގި އެއްވެސް ކަމެއްގަ ޝަރަފްގެ އެއްވެސް ކުށެއްނެތް.” ފައިހާ ބުނެލި ވާހަކައިން އަފާފްގެ ހިތަށް ވެރިވި ޙައިރާންކަމާއެކީ އެހިތަށް އުފާވެރިކަމެއްވެސް ލިބުނެވެ. އެއާއެކު އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ.

 

“ކް….ކީކޭތަ ފައި؟ ކި….ކިހިނެއް ފައިއަށް އެނގެނީ؟” ހިސާބަކަށް އަވަސްވެފައިވި ހިތަކާއެކީ އަފާފަށް އަހާލެވުނެވެ. އެއާއެކު ފައިހާއަށް އަނެއްކާވެސް ގިސްލެވުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެލަމުން އޭނަ އަފާފަށް ކިޔައިދޭން ބޭނުންވެފައިވި ޙަޤީޤަތް ކިޔައިދޭން ފެށިއެވެ.

 

“މި ވާހަކަތައް އަޑުއަހާފައި އަފާފް އަހަންނަށް މަޢާފު ކުރާނެ ކަމެއްވެސް ނޭނގޭ. އެކަމަކު އަހަރެން ބޭނުމެއްނޫން އަފާފް އަނދިރީގަ ބަހައްޓާކަށް. އަފާފް…..އަހަރެން އަފާފްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރީ އެ މަޤާމުގަ ހުންނަ ހިތުން. އަހަރެން އެކަން ކުރީ އެހެން މީހަކަށް އެހީތެރިވުމުގެ ހެޔޮ ނިޔަތުގަ. އެ ނިޔަތް ފާސިދުވާން ފެށީ ޝަރަފް ރަށަށް އައިފަހުން. އަހަރެން އަބަދުވެސް ބޭނުންވީ ޝަރަފް ކަހަލަ ޒުވާނަކާއެކީ ޙަޔާތް ވޭތުކުރަން. އެދުވަހު ޝަރަފް ތިއީ ކާކުތޯ އަހައި ބިންތު ޢައްމާރުގެ ޕޭޖަށް މެސެޖެއް ފޮނުވީމަ އަހަރެން އަފާފަށް ނާންގާ އެ މެސެޖަށް ރިޕްލައި ކުރިން. އެއީ ވެސް ޝަރަފާއި ގުޅުން ބަދަހި ކުރެވޭނެ ކަމުގެ އުއްމީދުގަ. އެކަމަކު ޝަރަފް އެ މެސެޖަކަށް ރިޕްލައި ނުކުރޭ. އަދި ބިންތު ޢައްމާރު އެނގިގެން އޭނަ ގޯސް ރޭވުމެއް ރާވަން އުޅޭހެނެއް ވެސް ހިއެއްނުވި. އޭގެ ދުވަސްކޮޅެއް ފަހުން އަހަންނަށް އެހެން ފިރިހެން ކުއްޖެއްގެ މެސެޖެއް އައި. އޭނަ އެހީ ބިންތު ޢައްމާރަކީ އަފާފް ހެއްޔޭ. އެހީމަ އަހަރެން ބުނިން އެނގުނީ ކިހިނެއްހެއްޔޭ. ދެން އަހަންނަށް އެނގުނީ އެމީހުން ޝަރަފްގެ ޕްރޮފައިލް ހެކްކޮށްގެން އަހަރެން ފޮނުވި މެސެޖު ފެނުނީކަން. ޝަރަފަކީ އެހާ ގިނައިން ފޭސްބުކަށް ވަންނަ މީހަކަށް ނުވާތީ އޭނައަށް އެކަން ފާހަގަވެސްނުވީ……އަފާފްގެ ދުޝްމިނުންނަށް އަފާފް ކަޝްފުކުރުވި މީހަކީ އަހަރެން…އެއަށްފަހު އަހަންނަށް ވެސް އެމީހުންގެ ތެރެއަށް ވަދެވުނީ އެމީހުން ދެއްކި ފައިސާތަކެއްގެ ސަބަބުން. އަހަރެންގެ މަންމައާއި ބައްޕަވެސް އޭރު އުޅެމުން ދިޔައީ ވަރަށް ބަލިވެ. އަހަރެން ހުރީ ފައިސާއަށް ވަރަށް ބޭނުންވެފަ. އަފާފް ދޫކޮށް އަހަރެން އެމީހުންނަށްޓަކައި މަސައްކަތް ކުރަން ފެށީ އެ ފައިސާއަށްޓަކައި. އެ ފައިސާއިން މަންމައާއި ބައްޕަ އުފާކޮށްދެވުނީމަ އެއީ އަހަރެންގެ ވާޖިބު އަދާކުރެވުނީހެން އަހަންނަށް ހީވި. އަހަރެން އެމީހުންނާ ބައިވި އަހަރެންގެ ލޯބިވެރިޔާއާއި އެކީގައި ވެސް އެމީހުން ބުނާ އެކިއެކި ކަންތައް ކުރުމަށް އެކި ތަންތަނަށް ދަތުރުކުރިން. އެމީހުން މުޅިންވެސް ހިންގަނީ ﷲ ރުހިވޮޑިގެންނުވާފަދަ ވިޔަފާރިތައް، އަފާފް. އެމީހުން އަފާފަށް އެހާ ރުޅިއަންނަނީ އެހެންވެ. ޤަބޫލުކުރަން ދަތިވިޔަސް އަފާފްގެ އެ ކުދި ކުދި އެފްބީ ޕޯސްޓްތަކުގެ ސަބަބުން އެމީހުންގެ އެ ބޮޑެތި ވިޔަފާރިތައް ވެސް ބިމާއި ހަމަވެދާނެކަމުގެ ބިރު އެމީހުންނަށް ހީވެފައިވާފަދަ. އެމީހުން އެންމެ ފަހުން ހަދާނެ ގޮތެއް ނެތިގެން ޝަރަފާއި އަފާފާއި ދެމެދުގަވެސް ޝައްކުތައް އުފައްދަން ފެށީ. ހަނާއަކީ ކުރިން ޝަރަފް ގެންގުޅުނު ލޯބިވެރިއެއް. އެކަމަކު އެނގޭތަ؟ ހަނާ ބުނި ގޮތުގަ ޝަރަފް އޮސްޓްރޭލިޔާގައި އުޅުނުއިރު ހަނާއާއި ކައިރިވީވެސް އެއްރެއަކު ޝަރަފް މަސްތުވެފައިވަނިކޮށް އޭނަ ކައިރިއަށް ގޮސް ތިމަންނަ މީ އަފާފޭ ބުނީމައޭ. ޝަރަފް ވަރަށް ގިނަ ދުވަސްވެއްޖެ އަފާފްދެކެ ލޯބިވާތާ. އެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ އަފާފް. މިހުރިހާ ދުވަހު އަފާފަށް ދައްކާލެވުނީ ހުސް ދަޅަތައް. ޝަރަފާއި ހަނާގެ ވީޑިޔޯއަކީ މާޒީގައި ޝަރަފަށް ކުރެވުނު ފާފައެއް. ފަހުން ފެނުނު ވީޑިޔޯއަކީ ޝަރަފަށް އޮޅުވާލައި އޭނަ މަސްތުކުރުވައިގެން ހެދުނު ވީޑިޔޯއެއް. ޝަރަފްގެ ގަމީހުން ދުވިހާ ސެންޓު ވަހަކީ އަފާފްގެ މަންމަ ޖެހި ސެންޓުގެ ވަސް. އެހެން އެއްވެސް ޝައްކެއް ޝަރަފާއި ބެހޭގޮތުން އަފާފްގެ ހިތުގައި އޮތިއްޔާ އެއީ ވެސް ވާނީ ދޮގަކަށް. އެހެނީ ޝަރަފަކީ އެއްގޮތަކަށް ވެސް އަފާފަށް ބޭވަފާތެރި ވާނެ މީހެއްނޫން. މިއީ ޚުދު އެމީހުންގެ ދޫތަކުން ވެސް އިވޭ ވާހަކައެއް.” ފައިހާ އެހެން ބުނެފައި އަފާފަށް ބަލާލި ވަގުތު އަފާފަށް އިނދެވުނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ފެންކަޅިވެފައެވެ. އެ މޫނުމައްޗަށް މުޅިންހެން ހިތާމަވެރިކަން ވެރިވާން ނެގީ ސިކުންތުކޮޅެކެވެ. ޝަރަފްގެ މައުސޫމްކަން ހިތަށް އިޙްޞާޞްވެގެން ދިޔަ ވަގުތު މާޒީގެ ހަނދާންތައް އޭނަގެ ލޯ ކުރިމަތިން ސިފަވާން ފެށި ފަދައެވެ. އޭނަ ޝަރަފަށް ޝައްކުކުރަން ފެށި ފުރަތަމަ ދުވަސްކޮޅު އޭނަގެ ހިނިތުންވުންތައް މަދުވުމުން ޝަރަފް އެކަމާމެދު ސުވާލުކުރާ ގޮތެވެ. އެއަށްފަހު ޝަރަފް ސަމާސާތައް ކުރުމުން ވެސް އޭނަގެ ފުރިހަމަ ހިނިތުންވުން ނުފެނުމުން ޝަރަފް ދެރަވާކަން އޭނައަށް އިޙްޞާޞްވާ ގޮތެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނަ ވާހަކަ ދެއްކުން ހުއްޓުމުން ވެސް ޝަރަފް އެދެމެދަށް ހިމޭންކަން ވެރިނުކުރުވަން ކުރި މަސައްކަތެވެ. އޭނަ އެކި ތަންތަނަށް ގެންގޮސް ހިތްހަމަޖައްސައިދޭން މަސައްކަތް ކުރި ގޮތެވެ. އެހެނަސް އޭގެ ބަދަލުގައި އޭނަ އަބަދުހެން ޝަރަފަށް ފަސްދިން ގޮތެވެ. ވާހަކަ ދައްކަން އާދޭސްކުރުމުން ވެސް އޭނަ އެ އެ އާދޭހުގެ އަޑު ނޭހި ގޮތެވެ. ކެތްތެރިކަން ކޮޅުންލުމުން ޝަރަފަށް ފުރަތަމަ ފަހަރަށް އޭނައަށް ރުޅި އާދެވުނު ރެއެވެ. ރުޅި އިސްކުރުމަށްފަހު ވެސް މާ ގިނައިރެއްނުވެ އިވިގެން ޝަރަފްގެ ވޭނީ ގިސްލުމުގެ އަޑެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ޝަރަފް ދުވަސްކޮޅެއްފަހުން އަނބުރާ އައުމުން ސުވާލެއްވެސް ކުރުމެއްނެތި ގެއިން ނިކުތުމަށް ޝަރަފާއި ދިމާލަށް އޭނައަށް ބުނެވުނު ގޮތެވެ. އޭނަ އެހެން ބުނުމާއެކުހެން ޝަރަފް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އޭނަގެ އެއްޗެހި ނަގަން ދިޔަ ގޮތެވެ. އެވަގުތު ޝަރަފްގެ ހިތުތެރޭގައި އުފެދިފައިވާނެ ވޭން އަފާފަށް އިޙްޞާޞް ކުރެވުނު ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަފާފް އަމިއްލަ ޚިޔާލުތަކުގައި އިންދާ ފައިހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އަހަރެން…ވެސް……އެމީހުންގެ ބަހަށް ހެއްލި ބުރުގާވެސް ބާލައިގެން އުޅެނިކޮށް މިއަދު ޚުދު އެމީހުންގެ އަތްދަށުން އަހަންނަށް އަ…ނި..ޔާތައް ލިބިފަ މިހިރީ. އަހަރެން ހިތުން އަހަރެން ﷲ ގެ މަގުން އެއްކިބާ ވީ އޭރުން އަހަންނަށް ޤަދަރާއި ޢިއްޒަތް ލިބޭނެ ކަމަށް ހީކޮށް. އެކަމަކު އެކަލާނގެއާ ދުރުވުމުން ނިކަމެތިކަމެއް ނޫނީ ނެ…ނެތް. އަފާފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ.” ފައިހާ އަފާފާއި ދިމާލަށް މުޅިން އެނބުރި އޭނަގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ބަދަލުގައި އަފާފް ހިތުން ރުހުމުން ފައިހާއަށް މަޢާފު ކޮށްލަދިނެވެ. އަދި އޭނައަށް ޝަރަފްގެ ޙަޤީޤަތް ހާމަކޮށްދިނީތީ ޝުކުރު އަދާކޮށް ފައިހާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނެވެ. ފައިހާ ދުވަސްކޮޅަކަށް އެގޭގައި މަޑު ކުރުމަށް އަފާފަށް އެދެވުނީ ވެސް އެވަގުތު ފައިހާއަށްޓަކައި ހިތުގައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. އެހެނަސް ފައިހާ ބުނި ގޮތުގައި އޭނަ ހަމަ އެރޭ އޭނަގެ މަންމައާއި ބައްޕަ ކައިރިއަށް ގޮސް އެމީހުންނަށް ވެސް މަޢާފަށް އެދެން ބޭނުންވިއެވެ. މުސްކުޅި ޢުމުރުގައި އެމީހުން އެކަނި ދޫކޮށްލެވުނު ކަމަށްޓަކައެވެ. އަފާފް ފައިހާއަށް ދޫދިނީ އެ ނިޔަތުގެ ސަބަބުންނެވެ. އޭގެ މާ ގިނައިރެއްނުވެ ފައިހާ ޓެކްސީއެއްގައި އެގެއިން ދިޔައެވެ.

 

ފައިހާއަށް އަލްވަދާޢު ކިޔާފައި އަފާފް ގޮސް ކޮޓަރިއަށް ވަނުމާއެކު އަނެއްކާވެސް އޭނަގެ ޚިޔާލުތައް ޝަރަފްގެ ހަނދާންތަކުން ފުރިގެން ދިޔައެވެ. ޝަރަފްގެ ކުށެއްނެތް ކަން އަނެއްކާވެސް ހިތަށް ވެރިވެގެން ދިޔަދިޔަހެން އަފާފަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ހިތަށް ވެރިވަމުން ދިޔަ އެ އިޙްޞާޞްތަކުގެ ސަބަބުން އެނދުގައި އިށީނދެގެން އިނދެ އަފާފަށް އޭނަގެ ފޯނު ނެގުނީ ކުއްލިއަކަށެވެ. ފޯނުގެ ކީޕެޑް ހުޅުވައި އޭނަ ނަންބަރުތަކަށް ފިތާލީ އަވަސްއަވަހަށެވެ. އޭނަ ފަހު ނަންބަރުތައް ޖަހަން އުޅުނު ވަގުތު އޭނަ ޖަހަން އުޅުނު ނަންބަރުގެ ވެރިޔާގެ ނަން ސްކްރީނަށް އެރިއެވެ. “ލޯބި” ގެ ނަމުން ސޭވްކުރެވިފައިވި އެ ނަންބަރު ފެނިފައި އަފާފްގެ ޙަރަކާތްތައް ލަސްވިއެވެ. ޝަރަފް ޚުދު އޭނަ ލައްވާ އެ ނަންބަރު ސޭވްކުރުވި ގޮތް ހަނދާން ވެފައި އަނެއްކާވެސް އަފާފްގެ ހިތް ދަތިވިއެވެ. އެހެނަސް އޭނަ ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ އިޙްޞާޞްތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އަދި އެ ނަންބަރަށް ފިތާލަމުން އެ ނަންބަރަށް ގުޅަން ފެށިއެވެ. ފޯނުގެ ސްކްރީނުގެ މެދަށް އެ ނަން އަރައި ގުޅެން ފެށުމުން އަފާފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެކޮޅުން ރިންގުވާން ފެށި އަޑުއިވިފައި އަފާފްގެ ނޭވާ މެދުކެނޑުނެވެ. އިސާހިތަކު އޭނައަށް ޝަރަފްގެ އަޑު އިވިދާނެއޭ އޭނަގެ ހިތް ބުނި ހިނދު އެ ހިތް ނުތަނަވަސްވީ ވަގުތު އުފާވެސްވިއެވެ. އެހެނަސް އިރުކޮޅެއް ވީއިރު ވެސް އެކޮޅުން ޖަވާބެއް ނުލިބުމުން އަފާފްގެ މޫނުމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ވެސް ގެއްލުނެވެ. އެންމެ ފަހުން ފޯނު ކެނޑިގެން ދިޔުމުން އަފާފްގެ ދެބުމަ ކައިރިވިއެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި އަފާފް އަނެއްކާވެސް އެ ނަންބަރަށް ގުޅާލިއެވެ. ދެވަނަ ފަހަރަށް ވެސް އެހެންވުމުން ދެރަވެގެން ދިޔަ ހިތަކާއެކީ ތިން ވަނަ ފަހަރަށް ވެސް އަފާފް ގުޅަން ފެށިއެވެ. ތިންވަނަ ފަހަރު ރިންގުވާން ފެށުމުން ޝަރަފް އޮސްޓްރޭލިޔާގައި ހުންނާތީ ނުނަގަނީތޯ ހިތަށްއެރިއެވެ. އެހެނަސް އެ ފޯނު ރިންގުވާނީ ރާއްޖޭގައި ހުރީތީވެ ނޫންތޯ ހިތަށްއެރިއެވެ. އެ ޚިޔާލާއެކީ ތަކުރާރުކޮށް އަފާފް ޝަރަފަށް ގުޅަމުން ދިޔައެވެ. އެހެނަސް 6 ވަނަ ފަހަރަށް ވެސް އެކޮޅުން އެއްޖަވާބެއް ލިބެން ފެށުމުން އަފާފްގެ ލޯ ފެންކަޅިވިއެވެ. އިސާހިތަކު އޭނައަށް ރޮވެން ފެށިއެވެ. އޭނަ އެއްވެސް ޙައްޤަކާ ނުލާ ޝަރަފަށް ޝައްކުކުރީތީ ޝަރަފް އޭނައަށް ރުޅި އައިތޯ ހިތަށްއެރުމުންނެވެ. އެއީ ޙަޤީޤަތާއި ކިހާ ދުރު ޚިޔާލެއްކަން އަފާފަކަށް ނޭނގެއެވެ.

 

**

 

އެރޭ 10 ޖަހަން ގާތްވެފައިވަނިކޮށް މަސައްކަތް ނިންމާފައި ޝަރަފް މެން ދިޔައީ ރެސްޓޯރެންޓަކަށެވެ. ޝަރަފާއި ޝިނާޒް ޖެހިޖެހިގެން ތިބިއިރު ނަބީހާއި، މިހާރު ރިސޯޓުގެ މަސައްކަތްތައް ބަލަން މިހާރު ހުންނަ ޓޮމް ތިބީ އެމީހުންގެ ކުރިމައްޗަށް ވާ ގޮތަށެވެ. 4 މީހުން އެކީގައި ކުރަމުން ދިޔަ ސަމާސާތަކަށް ހެވެމުން ދިޔައިރު މިލާފައިވި މޫނަކާއެކީ އިނީ ޝަރަފެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކަށް އޭނަވެސް ހެމުން ދިޔައެއްކަމަކު އެ ލޮލުން ކިޔައިދެމުން ދިޔައީ މުޅިން އެހެން ވާހަކައެކެވެ. އޭނަގެ ހިތުގެ ޙާލަތު އޭނަ ކިތަންމެ ފޮރުވަން އުޅުނެއްކަމަކު އޭނަގެ ލޯ އެ ޙާލަތު ބަޔާން ކޮށްދޭން އުޅޭފަދައެވެ.

 

ޝަރަފް ދެއްކުންތެރި ހިނިތުންވުމެއް ދައްކައިގެން އިންދާ އޭނަގެ އަތުގެ ކައިރީގައި މޭޒުމަތީގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އާދައިގެ މަތިން އޭނައަށް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. އެއާއެކު ފެނުނު ނަމަކުން އޭނަ ނޭވާ ކަރުގައި ތާށިވިއެވެ.

 

“އަފޫ!” އޭނައަށް ވައި އަޑުން ކިޔާލެވުނެވެ. އެ ހިނދު އޭނަގެ ކައިރީގައި އިން ޝިނާޒް އޭނައަށް ބަލާލުމަށްފަހު ޝިނާޒާއި ވީ ފަރާތުގައި އޮތް އެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ސްކްރީނުން ޝަރަފް އެ ކިޔާލި ނަން ފެނުނު ވަގުތަކީ ޝަރަފް އެ ފޯނު ނަގަން އުޅުނު ވަގުތެވެ. ހަމައެއާއެކު ޝިނާޒް ކުއްލިއަކަށް ޝަރަފްގެ އަތުގައި ހިފެހެއްޓިއެވެ. ޝަރަފަށް ޝިނާޒާއި ދިމާލަށް ބަލާލެވުނީ ހިސާބަކަށް ނުރުހުންވެފައި ހުރެއެވެ. އޭނަ ބަލާލުމާއެކުހެން ޝިނާޒް ސީރިއަސް މޫނަކާއެކީ ބޯހޫރުވާލުމުން ޝަރަފަށް ހަމަހޭވެރިކަމެއް ލިބުނެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނަ އަފާފަށް ގުޅަން އުޅުމުން އޭނަ ފަސްޖެހެން މަޖުބޫރުވީ ޝިނާޒް ދިން ޚަބަރަކުންނެވެ. އެދުވަހު އެމީހުންގެ ދޮންބައްޕަ ރަމީޒް މާލެ އައި ވާހަކައެވެ. އަދި ހަމަ އެދުވަހު ޝަރަފަށް ޖާސޫސް ކުރުމަށްޓަކައި ކޮންމެވެސް ބަޔަކު އެ ރިސޯޓުގެ މަސައްކަތު މީހުންގެ ތެރެއަށް ފޮނުވުނު ވާހަކައެވެ. އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް އޭނަ އަފާފާއި ގުޅުން ބާއްވާކަން އެނގިއްޖެނަމަ ދެން އެމީހުން ހަދާފާނެ ގޮތެއް އަންދާޒާ ކުރަން ވެސް އެނގެނީއެއްނޫނެވެ. އެ ވަގުތުވެސް އެ ފޯނު ނަގަން ހިތް ކިތަންމެ ވަރަކަށް އެދުނެއްކަމަކު އޭނަ ނުނަގަން ނިންމީ އެހެންވެއެވެ. އެހެނަސް އަފާފް ދެވަނަ ފަހަރަށް ވެސް ގުޅަން ފެށުމުން ޝަރަފަށް ތަންކޮޅެއް ގިނައިރު ވަންދެން އެ ސްކްރީނަށް ބަލަން އިނދެވުނެވެ. އެއަށްފަހު ތަކުރާރުކޮށް ގުޅަން ފެށުމުން ޝަރަފް ކަންބޮޑުވާން ފެށިއެވެ. މިއަދު އަފާފްވީ ނާޒުކު ޙާލަތު ވެސް ހަނދާންވެފައި ޝަރަފަށް އެންމެ ފަހުން އޭނަގެ ރިންގުވަމުން ދިޔަ ފޯނާއި އެކީ ކޮޅަށް ތެދުވެގެން އެތަނުން ދާން ހިނގައިގަތެވެ. ޝިނާޒަށް އެ މަންޒަރު ފެނިފައި އޭނަ ޝަރަފްގެ ފަހަތުން ދިޔައެވެ. އަތިރިއާއި ގާތްކޮށް ހުރި އެ ރެސްޓޯރެންޓުން ނިކުމެގެން އައި ދެމީހުންނަށް ވެސް ނިކުމެވުނީ އަތިރި މައްޗަށެވެ.

 

“ޝަރަފް!” ދެމީހުން އެކަނިވުމުން ޝިނާޒަށް ޝަރަފްގެ ފަހަތުން ދަމުން ގޮވާލެވުނެވެ. ޝަރަފް މަޑުނުކުރުމުން ޝިނާޒަށް ވާހަކަ ދެކެވުނެވެ.

 

“ޝަރަފް މަޑުކޮށްބަލަ! ތި ފޯނު ނެގުން ރަނގަޅެއްނޫނޭ ޝް……” ޝިނާޒް ވިސްނައިދޭން އުޅުނުތަނާހެން ޝަރަފް ކުއްލިއަކަށް އޭނައާއިވީ ފަރާތަށް އެނބުރި ހަޅޭއްލެވިއެވެ.

 

“އެއީ އަހަރެންގެ އަންހެނުން! އޭނަ ބަލިވެ އިނީ އަހަރެންގެ ދަރިފުޅަށް! ދެން ބުނެބަލަ އަހަރެން އޭނައާއި ވާހަކަ ދެއްކުން ރަނގަޅުނުވާނީ ކިހިނެއްކަން؟!” ހިތަށްވެރިވެފައިވި ހިތާމައެއްގެ ބޮޑުކަމުން ޝަރަފަށް ހަރުއަޑުން ވާހަކަ ދެކެވުނެވެ. އެވަގުތު ޝިނާޒް ނުތަނަވަސްކަމާއެކީ ވަށައި ބަލާލި ގޮތުން ޝަރަފަށް ވެސް ބަލާލެވުނެވެ. އޭނަ ދެންމެ ދެއްކި ވާހަކަތައް އިވެން ނުޖެހޭ މީހަކު ހުރިތޯ ބެލުމަށްޓަކައެވެ. އެހެނަސް މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނައަށް ފޯނުގެ ސްކްރީނަށް ބަލާލެވުމުން އެ ހުރިހާކަމެއްގެ މަތިން ހަނދާން ނެތުނެވެ. އޭނަ ޝިނާޒަށް ބަލާލީ ތިމަންނައަށް ދެން ކެތްނުކުރެވޭނެއޭ ބުނާ ފަދައަކުންނެވެ. ޝިނާޒަށް ޝަރަފްގެ އިޙްޞާޞް އެނގުނު ފަދައެވެ. އޭނަ ޝަރަފަށް ޙަމްދަރުދީ ވަމުން ދެލޯ މަރައި ބޯޖަހާލީ އެންމެ ރަނގަޅޭ ބުނާ ފަދައަކުންނެވެ. އެއާއެކު ޝަރަފް އިތުރު ލަސްތަކެއް ނުކޮށް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ނޭވާ ހިފަހައްޓާލިއެވެ.

 

**

 

7 ވަނަ ފަހަރަށް ޝަރަފަށް ގުޅަން ފެށި ވަގުތު އަފާފްގެ ކޯތާފަތް ތެމުނެވެ. ވޭތުވެ ދިޔަ ފަހަރުތަކޭ ވެސް އެއްފަދައިން އެ ފޯނުވެސް ކެނޑޭނީކަމަށް އަފާފަށް ނިންމުނެވެ. އަމިއްލަ ހިތަށް އިތުރު ސަޒާއެއް ނުދިނުމަށްޓަކައި އަފާފް އެ ފޯނު ކެނޑުމުގެ ކުރިން ކަނޑާލަން ބޭނުންވިއެވެ. އެހެނަސް އޭނަ ކަނޑާލަން އުޅުނުތަނާހެން ކުއްލިއަކަށް ސްކްރީނަށް ފެހި ކުލަ އަރައިގެން ދިޔަ ތަން ފެނިފައި އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ސިކުންތުތައް ހިނގަން ފެށިތަން ފެނިފައި އަފާފަށް އޭނަގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލެވުނީ ކުއްލިއަކަށެވެ.

 

“ޝަރަފް!” އޭނައަށް އެ ނަމުން ގޮވާލެވުނެވެ.

 

**

                                        

އެތައް ދުވަހެއް ފަހުން އަފާފްގެ އަޑު އިވިފައި ޝަރަފަށް ހީވީ އޭނަގެ ހިތުގައި ނުތެޅި އޮތް ބައެއް ތެޅެން ފެށި ހެންނެވެ. އިސާހިތަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވީ އެ ހިތަށް ލިބުނު އުފާވެރިކަމެއްގެ ސަބަބުންނެވެ. އޭނަ އެ އަޑު އިވޭނެ ދުވަހަކަށް ކެތްމަދުވެފައިވާތާ ކިހާ ދުވަހެއް ހެއްޔެވެ؟ އޭނަ އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އެކޮޅުން އަފާފަށް ގިސްލެވެން ފެށި އަޑު އިވިފައި އޭނަގެ މޭގައި އުފެދުނު ރިހުމާއެކު އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން އޭނައަށް ހީވިއެވެ. އަފާފްގާތު ހުއްޓާލާށޭ ބުނަން ބޭނުންވިއެއްކަމަކު އެހެން ބުނެވޭވަރަށްވުރެ އޭނަގެ ޙާލަތު ގޯސްވިއެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ އެންމެ ފަހުން އަފާފް ވާހަކަ ދެއްކިއެވެ.

 

“ޝަރަފް އައިމް ސޮރީ…..އައިމް ސޯ ސޮރީ…މިހުރިހާ ދުވަހު އަހަރެން ޝަރަފްއާ ވާހަކަ ނުދައްކާ ހުރީ ޝަރަފްގެ އެއްވެސް ކުށެއްނެތި. މިހާރު އަހަންނަށް އެނގޭ ޝަރަފް. އަހަންނަށް ހުރިހާ ކަމެއް އެނގޭ. އެނގޭ ޝަރަފްގެ އެއްވެސް ކުށެއްނެތްކަން. ޝަރަފް ޤަޞްދުގައެއް ނޫންކަން އެކަން ކުރީ. ޝަރަފް އަހަންނަށް ބޭވަފާތެރި ނުވާނެކަން އަހަންނަށް އެނގޭ. ޝަރަފް އަހަރެންދެކެ ލޯބިވާ މިންވަރުވެސް މިހާރު އިޙްޞާޞް ކުރެވޭ.” އަފާފް ކުރެހިފައިވާ އަޑަކުން ބުނެލި އެ ޖުމްލަތައް އިވިފައި ޝަރަފްގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. ދެންވެސް އޭނަ އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު އޭނަގެ އަރުތެރެ ބެދިފައިވިއެވެ. އަފާފްގެ ހުއްޓުމެއްނެތް ގިސްލުމުގެ އަޑު އިވިފައި އޭނަގެ ޙާލަތު ގޯސްވިއެވެ.

 

“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް ލޯބިވޭ ބައްޕަ ދެކެ.” އަފާފް ރޮވިފައިވި އަޑަކުން ބުނެލި ބަސްތަކުން ޝަރަފަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން އަޑު ނުއިވޭފަދަ ގޮތަކަށް ގިސްލެވެން ފެށިއެވެ. އޭނަ ގިސްލުމުގެ ތެރެއިން އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެ އެއްޗެކޭ ބުނަން އުޅުނު ތަނާހެން އަނެއްކާވެސް ޝިނާޒް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. މިފަހަރުވެސް ޝިނާޒާއި ދިމާލަށް ޝަރަފަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް ޝިނާޒް އޭނަގެ ބޮލުން އެއްފަރާތަކަށް ޢިޝާރާތް ކޮށްލުމުން ޝަރަފަށް އެދިމާލަށް ބަލާލެވުނެވެ. އެއާއެކު ފުރަތަމަ ސިކުންތުގައި އޭނަގެ ދެލޯ ބޮޑުވެ ދެވަނަ ސިކުންތުގައި އޭނަގެ ބުމަ ގޮށްޖެހުނެވެ.

 

ނުނިމޭ

The post Noor (Part 61) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-61/feed/ 0 1162
Noor (Part 60) https://blog.storiesbyjana.com/noor-part-60/?utm_source=rss&utm_medium=rss&utm_campaign=noor-part-60 https://blog.storiesbyjana.com/noor-part-60/#respond Wed, 28 Apr 2021 11:22:30 +0000 https://blog.storiesbyjana.com/noor-part-59-copy/

“ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ […]

The post Noor (Part 60) appeared first on Stories by Jana.

]]>

“ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ ފައިދާގެ 3 ބައި ކުޅަ އެއްބައި ލިބޭނީ ޝަރަފަށް. ޑީލް؟” ފްރެޑް އެހެން ބުނެލަމުން އަތް ދިއްކޮށްލިއެވެ. އެ ހިނދު ޝަރަފަށް ޤަބޫލުކުރަން ވެސް ދަތިވެ އިނދެފައި ފްރެޑްއާއެކީ ތެދުވެލަމުން އޭނައާއި ސަލާމްކޮށްލެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ.

 

އޭގެ 3 ދުވަސްފަހުން ޝަރަފާއި ޝިނާޒް ޒޯއާއިވެސް އެކީ ރާއްޖެއަށް އަނބުރާއައެވެ. ޒޯ މާލޭގައި މަޑުކުރުވާފައި ފުރަތަމަ ދުވަހުވެސް ޝަރަފާއި ޝިނާޒް ރިސޯޓު އެޅޭ ރަށަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. ޒޯ މާލޭގައި ބެހެއްޓީ އަފާފް އެކަނިވެރި ނުކުރުމަށް ޝަރަފް އެދުނު އެދުން ފުރިހަމަ ކުރުމަށެވެ. އަދި ކުރިން ޝިނާޒް ބުނިހެން ޒޯ މެދުވެރިވެގެން ޝަރަފް އަފާފަށް ފޮނުވަން ބޭނުންވާހާ އެއްޗެއް އަފާފާއި ހަމައަށް ފޯރާނެކަން ޔަޤީން ކުރުމަށާއި އަފާފްގެ ޙާލު ބެލުމަށްޓަކައިވެސްމެއެވެ. މި ސަބަބުތަކާހެދި ޝަރަފް ރިސޯޓަށް ދިޔައީ ހިސާބަކަށް ހަމަޖެހިފައިވާ ހިތަކާއެކީ ގައެވެ. އަދި މިފަހަރު ރިސޯޓު ނިންމާފައި ނޫނީ އެތަނުން ނުދިޔުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ.

 

ޝިނާޒާއި ޝަރަފް ރިސޯޓަށް ދިޔަ ދުވަހަކީ ފްރެޑް ހަމަޖެއްސި ކުންފުނީގެ މަސައްކަތު މީހުން ވެސް އެ ރިސޯޓަށް އައި ދުވަހެވެ. މަސައްކަތު މީހުންނާއެކީ އެ މަސައްކަތް ހިނގާ ގޮތް ބަލާނެ މީހަކު ވެސް ފްރެޑް ފޮނުވާފައި ހުރިގޮތުން އޭނަގެ ރަނގަޅުކަން ޝިނާޒާއި ޝަރަފާއި އޭރު ރިސޯޓުގައި ހުރި ނަބީހަށް ވެސް އިޙްޞާޞް ކުރެވުނެވެ. އެމީހުންނަށްޓަކައި ކަންތައް ފަސޭހަވެގެން ދިޔަ ގޮތުން ޙަމްދު ކުރެވުނެއްކަމަކު ދެންވެސް ޝަރަފާއި ނަބީހް އެންމެ ދަށު މަސައްކަތްތަކުގައި ވެސް އަމިއްލައަށް އިސްނަގައިގެން އުޅެމުން ދިޔައެވެ. ހެޔޮ ނިޔަތެއްގައި ކުރެވޭ ބުރަ މަސައްކަތެއްގެ ޘަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ދެން އެނދަށް އަރައި ނިދަންވީ ނޫންތޯ ކިޔަކިޔާ ހުރި ޝިނާޒްގެ ވެސް އަނގަ ބަންދުވީ އެ ދެމީހުންގެ އެ އުއްމީދުގެ ވާހަކަ އިވުމުންނެވެ.

 

ދުވަސްކޮޅެއް ވަންދެން ހުރިހާ ކަމެއްވަމުން ދިޔައީ އޮމާންކޮށެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ޠޮލާލްމެން ރިސޯޓަށް ދީފައިވާ ބައެއް ގެއްލުންތައް ވެސް ނުހަނު އަވަސް މިނެއްގައި ފޫ ބެއްދިގެން ދިޔައެވެ. ޝަރަފްމެން ރިސޯޓަށް އައިއިރު އެމީހުން ނެތުމުން ޝަރަފް ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު އަޅައެއްނުލައެވެ. އެމީހުން އޭނައަށް ގެއްލުން ދިނުން ހުއްޓާލީހެން ހީވާން ފެށިއެވެ. އެ ހީވުން ހީވާން ފެށިހެން އޭނަ އަފާފަށް ވެސް ގުޅަން ބޭނުންވިއެވެ. އެ ހުރިހާ ދުވަސްވީއިރު އަފާފް އޭނައަށް ނުގުޅިކަމަށްޓަކައި ޝަރަފްގެ ހިތުގައި ހިތާމައެއް އުފެދިފައިވިއެވެ. އަފާފް އަދިވެސް އޭނައަށް ޝައްކުކުރަނީތޯ އޭނަގެ ހިތަށްއެރިއެވެ. އެ ޚިޔާލު ހިތަށް ވެރިވާ ކޮންމެ ފަހަރަކު ޝަރަފަށް އޭނަގެ ފޯނު ނަގައި އަފާފްގެ ނަންބަރަށް ބަލާލެވެއެވެ. އޭނަ ހައްތަހާވެސް ޖެހިލުންވަމުން ދިޔައީ ޝިނާޒް އެދުވަހު ބުނި ބަސްތަކުންނެވެ. އެހެނަސް އެއްދުވަހު ކެތްތެރިކަން ކޮޅުންލުމުން އެރޭ އެންމެން ނިދުމުން އަފާފަށް ގުޅަން ޝަރަފް ނިންމިއެވެ. ޝަރަފަށް ނޭނގުނު ކަމަކީ އެދުވަހަކީ އަނެއްކާވެސް އޭނައާއި އެތައް ގޮންޖެހުންތަކެއް ކުރިމަތިވާން ފަށާނެ ދުވަހެއްކަމެވެ. އަދި އޭނަގެ ޙަޔާތަށް އުފާވެރި ނިމުމެއް އަންނަން އޮތީ އެ ގޮންޖެހުންތައް ކަނޑައްތުކުރުމަށް ފަހުގައި ކަމެވެ.

 

**

 

ސިޑްނީގެ އެއާރޕޯޓުން މާލެއަށް ދަތުރުކުރަމުން އައި އެއާރ އޭޝިޔާގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ މެންދުރު 1 ޖެހި ވަގުތެވެ. އެ ފްލައިޓުން ފަސިންޖަރުން ފައިބަން ފެށި ވަގުތަކީ ވިޔާމް އެއާރޕޯޓަށް ވަދެގެން ގޮސް ޓާރމިނަލް ކައިރީގައި މަޑުކޮށްލި ވަގުތެވެ. ޓާރމިނަލްގެ ތެރެއިން ނިކުންނަމުން ދިޔަ ފަސިންޖަރުންނާއި ދިމާލަށް ވިޔާމަށް ބަލަން ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އޭނަ ބޯދިއްކުރަމުން ދިޔަ ގޮތުން ކޮންމެވެސް މީހަކު ފެނޭތޯ ހޯދާ ކަހަލައެވެ. މާ ގިނައިރެއްނުވެ ފަސިންޖަރުންގެ ތެރެއިން ވާހަކަ ދައްކަމުން އައި ދެ ފިރިހެނުން ފެނިފައި ވިޔާމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

“ބައްޕާ!” ވިޔާމަށް ގޮވާލެވުނެވެ. އެއާއެކު މެދު ޢުމުރުގެ ފަހު އަހަރުތަކުގައި ތިބި އެ ދެފިރިހެނުންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.

 

“ދަރިފުޅު ބައްޕަ ބަލާ އައިއްސަދޯ ތިހިރީ؟” ދެ ފިރިހެނުންގެ ތެރެއިން އިސްތަށިގަނޑު ކަޅުކުރެވިފައިވުމުން ޒުވާންކޮށް ދައްކަމުން ދިޔަ ފިރިހެންމީހާ އެހެން ބުނެލީ ހިނިތުންވުމަކާއެކީ ގައެވެ.

 

“އޮފް ކޯސް….ބައްޕައާ…..ބޮސް ވެސް.” އެ ދެފިރިހެނުން އައިސް ވިޔާމާއި އެއްފިޔަވަޅު ދުރުގައި ހުއްޓިލީ ވަގުތު އޭނަ އޭނަގެ ބައްޕަގެ ކައިރީގައި ހުރި ފިރިހެން މީހާއަށް ބަލާލިއެވެ. ދުވަސްވުމުގެ ސަބަބުން އެމީހާގެ އިސްތަށިގަނޑުވަނީ އެކި ތަންތަނުން ނުރަވެފައެވެ. ތުނބުޅި ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައިރު ހިސާބަކަށް ވަޅުވަދެފައިވާ ކޯތާފަތާއި ނިތުން ފެންނަމުން ދިޔަ ރޫތަކުން އޭނަގެ ޢުމުރު ނަގައިގަނެވެއެވެ. ވިޔާމް ވާހަކަ ދެއްކުމުން އެމީހާގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

 

“އަހުމަދު ވިޔާމަށް ކިޔައިނުދެން ދޯ އަހަންނަކީ އޭނަގެ ބޮޑުބޭބެއެއްކަން؟ އަޅެ ކޮޔާ ބޭބެ ކިޔާބަ!” އެ ފިރިހެން މީހާ އެހެން ބުނެލުމުން އަހުމަދަށާއި ވިޔާމަށް އެކުއެކީގައި ހީލެވުނެވެ.

 

“އެއީ ތެދެކޭ ވިޔާމް. މިއީ ރަމީޒްބެ. ޢާއިލާ ކިޔައިދިނަސް ވިޔާމަށް އެނގޭނީއެއްނޫން. ހެހެ… އެކަމަކު މިއީ ހަމަ ބޭބެއެއް އިނގޭ. އެއްކަލަ މާލޭގަ ހުންނަ މާރވަލަސް ޝޮޕްސްގެ ވެރިޔާ.” އަހުމަދު، ރަމީޒް ތަޢާރަފް ކޮށްދިނެވެ. އެއަށްފަހު އަނެއްކާވެސް ތިން މީހުންގެ މެދުގައި ހިނިތުންވުންތަކެއް ބަދަލުކުރުމަށްފަހު ވިޔާމް ބުނުމުން އެންމެން އެކީގައި ދާން ހިނގައިގަތެވެ.

 

ވިޔާމް ރަމީޒާއި އަހުމަދު ގެންދިޔައީ ތަނަވަސް ގެއަކަށެވެ. އެގެއަކީ މީގެ 3 އަހަރު ކުރިން އަހުމަދު ވިޔާމަށް ހިބައިން ދީފައިވާ ގެއެކެވެ. ގެއަށް ގޮސް ވަދެވުމާއެކު ރަމީޒާއި އަހުމަދު ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލިއެވެ. ވިޔާމް ވެސް އެތާ ވަކިން ހުރި ސޯފާއެއްގައި އިށީނީ އެމީހުންނާއި ވާހަކަ ދައްކަން ބޭނުންވެފައިވި މިންވަރުންނެވެ. ދައްކަމުން ދިޔަ އެކިއެކި ވާހަކަތަކެއްގެ ތެރެއިން ވިޔާމް އޭނަގެ ހިތުގައި އޮތް ސުވާލެއް ކޮށްލިއެވެ.

 

“ދެން ބިންތު ޢައްމާރަށް ކިހިނެއްތޯ ހަދަންވީ ރަމީޒްބޭ؟ އޭނަ އަނެއްކާވެސް އޭނަގެ އެ ޕޭޖެއް ހިންގަން ފަށައިފި ވަރަށް ބާރަށް.” ވިޔާމް ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އެހެންތަ؟ ތިއީ އަދި ނުދެނަހުރި ކަމެއް. ހީކުރީ ޝަރަފާއި އޭނަ ވަކިވީމަ ދެން އެމީހުންގެ ކަން އެ ހުއްޓުނީކަމަށް. އެކަމަކު އެހެން ނުވިތާދޯ؟ ހާސްނުވޭ……މިއުޅެނީ އޭނަގެ ބައްޕަ ހުސެއިން ބޮޑު މަޅިއެއްގައި ޖައްސަން. އެއީ މަ ހީކުރިވަރަށްވުރެ ދަހި އަދި މޮޔަ ފިރިހެނެއް. މަށާ ދިމާވީ އެއްދުވަހު ލަންކާއިން. ބުނީ ތިމަންނަގެ ވިޔަފާރިއަށް އެހީއެއް ބޭނުންވެގެންނޭ މިއުޅެނީ. އޭރު ވިޔާމްމެން ބިންތު ޢައްމާރުގެ ޢާއިލާގެ މީހުން ވެސް ހޯދައި ފޮޓޯ ފޮނުވާފަ ހުރީމަ މަށަށް ވަގުތުން އެނގިއްޖެ އެއީ އޭނަގެ ބައްޕަކަން. މަ ބުނިން ދުވަސްކޮޅަކަށް އޭނަގެ ވިޔަފާރި އެއްކޮށް މަށަށް ދިނިއްޔާ އޭނައަށް އެހީވަމުން އެ ވިޔަފާރި އަނެއްކާވެސް ފައިދާ ޖެހޭނެ ފަދަ ގޮތަކަށް ބަދަލުކޮށްދޭނަމޭ. ބަލަ އޭނަ ވިސްނުމެއްވެސް ނެތި އެކަމަށް އެއްބަސްވެއްޖެއޭ! މަ ބުނިން މަ ދެން ރާއްޖެއަށް އައި ދުވަހަކުންނޭ އެކަން ކުރެވޭނީ……އެ ހުސެއިންގެ ވިޔަފާރި ފުނޑާލީމަ ވެސް ތި ބިންތު ޢައްމާރެއް ނެތި ހިނގައިދާނެ. އަދި އަހަރުމެން ކުރިން ރޭވީމެއްނު ވިޔާމާއި އޭނަ އިންނަން ވެސް؟ ބަލަ ކަމެއްވިއްޔާ އަހަރުމެންނަށް އަބަދުވެސް އޮންނާނެއޭ ގޮތެއް. ތިއީ އެހާވަރަށް ހާސްވާ ކަންތައްތަކެއް ނޫން.” ރަމީޒް ނުހަނު ހަމަޖެހިފައިވާ ރާގަކަށް ބުނެލިއެވެ.

 

“އެކަމަކު މިހާރު އެ ޢައްބާސްގެ ދަރި ކޮބައިތަ؟ އޭނަ ރިސޯޓު އެބަ އަޅާތަ އަދިވެސް؟” އަހުމަދު ސުވާލުކުރިއެވެ.

 

“އޭނަ ރިސޯޓު އަޅަނީ ކޯޗަކުން؟ އުޑުން އަންނަ ފައިސާއަކުންތަ؟ ހުނ! އޭނައަށްވާނެ ކަމެއް އޮންނާނެހެނެއް ހިއެއްނުވޭ. ކުރީ ދުވަހު އަހަރެން ޝިނާޒަށް ގުޅިން. ގުޅިއިރު ޝިނާޒް ބުނީ ތިމަންނަ މިހާރު މިދަނީ އެ ރަށުގަ އޮތް ބިމެއްގަ ރިސޯޓެއް އަޅަމުންނޭ. އެހެންވީމަ އޭގެ މާނައަކީ ޝަރަފްގެ ކަން ހުއްޓުނީއޭއެއްނު؟ ޝިނާޒަކީ ޝަރަފްގެ ބޭބެ. އެކަމަކު އެދެމީހުންގެ ދެމެދުގަ އުޑާއި ބިމާއި ދެމެދުގައިވާހާ ފަރަޤުތައްވޭ. ހިއެއްނުވޭ ޝިނާޒް ތިބުނާ ކަހަލަ ޙަލާލް ރިސޯޓެއް އަޅާނެހެން. އޭނަ ކޮންމެވެސް ގޮތަކަށް އެ ބިން ހޯދާފަވާނީ ފެންވަރުގެ ތަނެއް އަޅަން.” ރަމީޒް އެހެން ބުނެލީ ޔަޤީންކަމާއި އެކީގައެވެ. އޭނައަށް ޝިނާޒަށް އައި ބަދަލުތައް ފެނިފައި ނުވަނީ ޝިނާޒް ޒޯ އާއި އިންފަހުން އޮސްޓްރޭލިޔާގައި ވެސް އުޅެމުން ދިޔައީ މުޅިން އެހެން ސިޓީއެއްގައި ކަމަށްވާތީވެއެވެ.

 

ޝިނާޒްގެ ނަން އިވުމުން ވިޔާމްގެ ނިތަށް ރޫ ގިނަވިއެވެ. އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން އޭނަ ޝަރަފަށް ޙަމަލާ ދިން ރެއެވެ. އެރޭ އޭނަ ބިއްލޫރި ފުޅިއެއް އުކަން އުޅުނު ވަގުތު އޭނަގެ އަތުގައި ހިފި ޒުވާނާގެ ބާރުގަދަ އަތާއި ރުޅިވެރި މޫނު ސިފަވެގެން ދިޔުމުން އެ ހިނދު ވެސް އެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެ ނުތަނަވަސްކަމުގައި ހުރެ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ރަމީޒްބެއަށް ޔަޤީންތަ ޝިނާޒް ހުރީ ޝަރަފްގެ ކޮޅުގައެއްނޫންކަން. އެއްރެއަކު އަހަރެން ޝަރަފަށް ޙަމަލާއެއް ދޭން އުޅެނިކޮށް އަހަރެން ހުއްޓުވީ ޝިނާޒްހެން އަހަންނަށް ހީވަނީ.” ވިޔާމް ޝައްކެއްގެ މަތީގައި ހުރެ ބުނެލިއެވެ.

 

“ކީކޭ؟! ތިހެންނެއްނުވާނެ. މަ ދަންނަ ގޮތުގަ ޝިނާޒް ޝަރަފަށް ކުޑަކޮށް ރުޅިވެސް އަންނާނެ. އެހެންނޫނަސް ވިޔާމަށް ޝިނާޒް ފެނިފަ ހުރީ އެންމެ ރެއަކުއެއްނު؟ އެއީ ވެސް ކްލަބެއްގެ ތެރެއިން. ތިއީ ހިލޭ ސާބަހަށް ޝަރަފަށް އެހީވެދިން މީހަކަށްވާނީ.” ރަމީޒް ބުނެލިއެވެ.

 

“ނޫން ރަމީޒްބޭ އޭނަ ހުރީ ޝިނާޒް ހުންނަ ގޮތަށް ބިޔަކޮށް.” ވިޔާމް ބުނެލިއެވެ.

 

“އެންމެ ރަނގަޅު! އޭނަ އަތުގަ ޓެޓޫއެއް ހުރިތަ؟ ޝިނާޒްގެ ދެއަތުގަވެސް ހުންނާނެ ކަޅުކުލައިގެ ބޮޑު ޓެޓޫތައް.” ރަމީޒް ބުނެލިއެވެ. ވިޔާމް އެ ޒުވާނާގެ އަތް ހަނދާންކުރިއެވެ. އެއާއެކު އެ އަތުގައި ޓެޓޫއެއް ނެތްކަން އޭނަގެ ހަނދާނަށް އައުމުން އޭނައަށް ނޫނެކޭ ބުނެލެވުނެވެ. އެ ހިނދު އެއީ ރަމީޒްބެ ބުނާހެން އޭނައަށް ހީވާ ހީވުމެއްކަމަށް ވިޔާމަށް ޖެހިލުންވުމަކާއެކީ ނިންމުނެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ޝިނާޒް އެހާ ހިސާބަށް ދިޔައިރު އޭނަގެ ޓެޓޫވެސް ފޮހެފައިވިކަމެވެ.

 

މިހުރިހާ ވާހަކައެއް އިވެމުން ދިޔައީ ހަމައެކަނި ސިޓިންގް ރޫމުގައި ތިބި 3 މީހުންނަށް ނޫނެވެ. އެމީހުންގެ އިތުރުން ނުހަނު ކައިރީގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ތިބި ހަނާއާއި ފައިހާއަށް ވެސް އެ އަޑުތައް އިވެމުން ދިޔައެވެ. ޝިނާޒްގެ ވާހަކަ އިވުމުން ހަނާ ވާހަކަ ދެއްކިއެވެ.

 

“ވާވް މިފަހަރު އަހަރުމެން ދިމާކުރަން ޖެހޭނީ ޝަރަފްއަށް ވުރެ ވެސް ހޮޓް މީހަކާ ކަންނޭނގެ. އައިމް ސޯ އެކްސައިޓެޑް!” ހަނާ ތޫލި އަޑަކުން ބުނެލިއެވެ. އެ ހިނދު ފައިހާ ހުރީ ހިނިތުންވާން ބޭނުމެއްނުވެފައެވެ. މިއީ މީގެ ދެ ތިން ދުވަސް ކުރިން ފައިހާ އޭނަގެ ލޯބިވެރިޔާއާއި ވަކިވީ ފަހުން އޭނަގެ ޙާލެވެ. އޭނަ އެ ލޯބިވެރިޔާއާއި ރައްޓެހިވީ މުޅި ޢުމުރަށް އޭނައާއި އެކީގައި ޙަޔާތް ވޭތުކުރުމުގެ އުއްމީދުގައެވެ. އެއީ އޭނަ ފުރާވަރުއްސުރެ ރައްޓެހިވެގެން އުޅުނު ކުއްޖެކެވެ. އެކީގައި ކިޔެވި އެންމެންވެސް ހީކޮށްގެން ތިބީ އެ ދެމީހުން އެއްދުވަހު އިންނާނެ ކަމަށެވެ. އެހެނަސް ފަހު ވަގުތު އޭނަވެސް ވެގެން ދިޔައީ ބޭވަފާތެރިއަކަށެވެ. ޙަޔާތުގައި އައި އެ ފައްތަރުގެ ސަބަބުން ފައިހާ އަފާފް މަތިން ހަނދާންވަމުން ދިޔައީ މާ ބޮޑަށެވެ. އަފާފް އަބަދުވެސް އޭނައާއި އެކުއްޖާއާއި އޮތް ގުޅުން ކަނޑާލުމަށް ނަޞޭޙަތްތެރި ވެފައިވެއެވެ. އޭގެ ބަދަލެއްގެ ގޮތުން ﷲ އެއަށްވުރެ ރީތި ޙަޔާތެއް އޭނައަށް ދެއްވާނެކަމަށް ބުނަމުންނެވެ. އެހެނަސް އޭނަގެ އެދުންތައް ބޮޑުވުމުގެ ސަބަބުން އޭނައަށް އަޑެއްނޭހުނެވެ. އޭރު އަޑުއެހުނުނަމަ މި ދުވަސް ނައީހޭ ހިތަށް އަރަމުން ދިޔައެވެ.

 

ފައިހާ ހުރިގޮތަށް ހުއްޓާ ހަނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެ ދޮރު ހުޅުވީ ރަމީޒް ނޫން ދެވަނަ މީހެއްނޫނެވެ.

 

“މީ ކޮން ކުދިންނެއް؟” އޭނަ އަހާލިއެވެ.

 

“ތިއީ ހަނާއާ ފައިހާ. ބިންތު ޢައްމާރަކީ އަފާފްކަން ހޯދަން ވަރަށް ބޮޑަށް އެހީވި ދެކުދިން ތީ. މިހާރު ތި ދެކުދިންގެ ވެސް ވަޒީފާ ނިމިފަ އޮތީ. ހަނާ މާދަމާ ފުރާނެ އޭނަގެ ޢާއިލާ ކައިރިއަށް އޮސްޓްރޭލިޔާއަށް. ފައިހާ…..ނޭނގެ ދާނެތަނެއް. އޭނަ މިގެއަށް އައިފަހުން ބުރުގާ ވެސް ބޭލީމަ އޭނަގެ ޢާއިލާ މީހުން އޭނަ ގެއިން ބޭރު ކޮށްލައިފި. އައި ޑޯންޓް ނޯ ވަޓް ޓު ޑޫ ވިތް ހާރ.” ވިޔާމް އެހެން ބުނެ ހަނާ ގާތު އައިސްދިނުމަށް އެދުނެވެ. އަދި ހަނާގެ ‘ފެއާރވެލް’ ބާއްވާނެ ގޮތަކާމެދު ވާހަކަ ދައްކަން ފެށިއެވެ. ހަނާ ދެންމެ ވާހަކަ ދެކެވުނު ޒުވާނާއާއި ބައްދަލުކުރަން ފުރުޞަތެއްނުލިބޭނެތީ ޝަކުވާ ކުރަން ފެށި ވަގުތު ރަމީޒް ފައިހާ ހުރި ކޮޓަރިއަށް ވަނެވެ. އެ ކޮޓަރީގެ ދޮރު ލައްޕާލެވުނު ވަގުތު ފައިހާގެ ހިތަށް ދުވަހަކުވެސް ވެރިނުވާފަދަ ބިރުވެރިކަމެއް ވެރިވިއެވެ. އެ ދޮރު ތަޅުލެވިގެން ދިޔަ ވަގުތު ފައިހާގެ ދެލޯ ބޮޑުވެ އޭނަގެ ހަތަރެސްފައި ފިނިވިއެވެ.

 

“ހާދަ އެކަނިވެރި ކުއްޖެކޭދޯ މީ؟ އެކަނި ފިލުވަން އަހަރެން ބައިވެރިއެއްގެ ގޮތުގައި ޤަބޫލުކުރާނަންތަ؟” ރަމީޒް ފައިހާގެ ކައިރިއަށް އަންނަމުން އެހިއެވެ. ރަމީޒް އެ ސުވާލު ކުރިއެއްކަމަކު އޭނަގެ ވާހަކައިގެ ރާގާއި މިޒާޖު ހުރި ގޮތުން އޭނަ އެ ސުވާލުގެ ޖަވާބު ބޭނުމެއް ނުވާކަން ފައިހާއަށް ޔަޤީންވިއެވެ. އެދުވަހުގެ އެވަގުތު ކަންތައްވެގެން ދިޔަ ގޮތުން ރަމީޒް ބޭނުންވާ ގޮތް މާ ރަނގަޅަށް ވެސް ހާމަވެގެން ދިޔައެވެ.

 

އެވެގެން ދިޔައީ ފައިހާގެ ޙަޔާތުގައި ފެށިގެން ދިޔަ އެންމެ އަނދިރި ބާބަށެވެ. އެދުވަހަށްފަހު ފައިހާގެ ދުވަސްތަކާއި ރޭތައް ވޭތުވާންފެށީ އެކިއެކި ވޭންތަކެއްގައެވެ. ގިނަ ވަގުތުތައް ހޭދަވަމުން ދިޔައީ އެކަނިމާއެކަނި ރުއިމުގައެވެ. ފަހަކަށް އައިސް ފައިހާގެ ހިތަށް އަބަދުވެސް ވެރިވެފައިވަނީ ބިރުވެރިކަމެކެވެ. އޭނަ ހިކި އަނަރޫފަވެފަ ގައިގެ އެކި ތަންތަނުން ފެންނަމުން ދިޔަ ނޫފަންގަނެފައިވި ތަންތަން ގިނަވާން ފެށިއެވެ. އެ ޙާލުގައި މަދު  ދުވަސްތަކެއް ވޭތުވީއިރުވެސް ފައިހާއަށް ހީވީ އެއީ އެތައް އަހަރެއް ވަންދެން އޭނަ ތަޙައްމަލުކުރި ވޭންތަކެއް ހެންނެވެ.

 

އެ އިޙްޞާޞް ކުރެވުނުތާ މާ ގިނަދުވަހެއްނުވެ ފައިހާ އެ ޙާލަތުން ސަލާމަތްވާނެ ކަމުގެ ހުރިހާ އުއްމީދެއް ކަނޑާލައިފިއެވެ. އޭނަ އެއްދުވަހު އެގޭގެ ކޮޓަރީގެ ބެލްކަނީ ކައިރިއަށް ގޮސް މަޑުކޮށްލީ މި ދުނިޔެއަށް އަލްވަދާޢު ކިޔަން ހިތް އެދެމުން ދިޔަ ވަރުންނެވެ. އެހެން ހުރި ވަގުތު އޭނައަކީ ކާކުތޯ ފައިހާއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އެ ސުވާލުގެ ޖަވާބު އޭނަ އޭނަގެ އަމިއްލަ ނަފްސަށް ދިނެވެ. އޭނައަކީ އެއްވެސް ޤަދަރެއް، އެހީތެރިއެއް ނެތް ޤަޢިދީއެކެވެ. އެފަދަ މީހެއްގެ ގޮތުގައި މި ޙަޔާތް ވޭތުކުރާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ފައިހާ ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އޭނަ ކުރަން ބޭނުންވި ކަން ކުރުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު ކައިރީގައި ހުރި ގެއަކުން ޤުރުއާން ޖަހަން ފެށި އަޑު އޭނައަށް އިވުނެވެ. އެއާއެކު ފައިހާއަށް އޭނަގެ ޙަރަކާތްތައް މަޑުކޮށް، ދެލޯ ހުޅުވާލެވުނެވެ. އޭނައަށް އެ އިވެމުން ދިޔަ ބަސްތަކުގެ މާނަ އޭނައަށް ނޭނގުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެއިން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއީ ކީއްވެކަމެއް ފައިހާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ތަފާތު ގޮތަކަށް އޭނައަށް ވިސްނެންފެށީ ކުއްލިއަކަށެވެ. އޭނަ މިވަގުތު އަމިއްލަ ދިރިއުޅުން ނަގާލައިފިނަމަ އޭނައަށް ދެން އޮންނާނީ ވަކި އުފާވެރި ޙަޔާތެއްތޯ ހިތް ސުވާލުކުރި ވަގުތު އެ ހިތް ރޫރޫއެޅިއެވެ. އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ވަގުތުވެސް އޭނަ އަފާފް މަތިން ހަނދާންވީ އޭނަ އެފަދަ ގޮތަކަށް ބިރުގަންނަ ކޮންމެ ފަހަރަކު އަފާފް އޭނަގެ ހިތްހަމަ ޖައްސައިދޭތީވެއެވެ. އެވަގުތު ކޮޅުވެސް އޭނައަށް ކެތްނުވުމުން ފައިހާ އޭނަގެ ކޮޓަރިއަށް ވަދެގެން ގޮސް އޭނަގެ ފޯނު ނެގިއެވެ. އެއަށްފަހު ފޭސްބުކަށްވަދެ ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައީ ހަމައެކަނި އަފާފާއި ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. އެހެނަސް އެވަގުތު އޭނައަށް އެ ޕޭޖުން ފެނުނު އެންމެ ފަހުގެ ޕޯސްޓުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އޭގައި އަފާފްވަނީ ސޫރަތުލް ބަޤަރާގެ އާޔަތެއް ޙިއްސާކޮށްފައެވެ. އެއީ ﷲ ގެ އަޅަކު އެކަލާނގެއާމެދު ސުވާލުކޮށްފިނަމަ، ހަމަކަށަވަރުންވެސް އެކަލާނގެ ގާތްވެވޮޑިގެންވާކަމަށް ވާ އާޔަތެވެ. އަދި އެކަލާނގެ ދުޢާ ކުރާ ކޮންމެ މީހެއްގެ ދުޢާ ވެސް އިޖާބަކުރައްވާކަމަށް އޮތް އާޔަތްވެސްމެއެވެ. ހަމައެކަނި އެ އާޔަތުގައި މާނަ ކިޔާފައިވެސް ހިތަށް ކުރި އަސަރުން ފައިހާގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. އޭނަ ޙަޤީޤަތުގައި ދެންމެ އަފާފާއި ސުވާލުކުރަން އުޅުނީ ﷲ އޭނައާއިމެދު ދެކެވޮޑިގެންވާނެ ގޮތާއިމެދު ކަން އޭނައަށް އެނގުންވުމުންނެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް ލިބިގެން އެ ދިޔައީ ޚުދު އެކަލާނގެ ބަސްފުޅުންނެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެކަލާނގެ ކިތަންމެ ކުޑަ މިންވަރަކަށް ވެސް ހަނދުމަކުރާ އަޅަކު އެކަލާނގެ ހަނދުމަކުރައްވާނެކަން ފައިހާއަށް އެނގުންވިއެވެ. އެ ޚިޔާލުން ލިބުނު ހިތްވަރުން އެކަލާނގެއަށް ދުޢާ ދެންނެވުމުގެ ހިތްވަރެއް ފައިހާއަށް ލިބުނެވެ. އޭނަ ހަމަ އެވަގުތު އޭނަގެ އެނދުމަތީގައި ހުރެ ދެއަތް އުފުލައި އޭނައަށް ފަސޭހަ ބަހުން އޭނަ މި ޙާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދުނެވެ. ރުއިމުގެ ތެރެއިން އެ ދުޢާކޮށް ނިމުނުތަނާހެން އެ ދުޢާ އިޖާބަނުވިއެއްކަމަކު އޭނަގެ ހިތަށް އެއިން ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

 

އެ ދުޢާއަށްފަހު ފައިހާ ސަލާމަތްވާން މާ ގިނަ ދުވަހެއް ނުނެގިއެވެ. ދުޢާއަށްފަހު ވެސް އަނިޔާ ލިބުނެއްކަމަކު އުއްމީދު ކަނޑާލުމެއްނެތި ފައިހާ ދުޢާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެއްދުވަހު ރަމީޒް އެއްދުވަހަށް ކޮންމެވެސް އެހެން ރަށަކަށް ދާން އުޅޭ ވާހަކަ ފައިހާއަށް އިވުނެވެ. ރަމީޒް ފުރުވަން ގޭގެ އެންމެން ވެސް ދިޔަ ރެއެއްގެ ބޭނުން ހިފައި ފައިހާ އޭނަގެ ހެދުން ފޮށި ހިފައިގެން އެ ގެއިން ނިކުތެވެ. އެ ވިއްސާރަ ރޭ އޭނަ އެކަނިމާއެކަނި ހިނގާފައި ދިޔައީ ދާނެ ތަނެއް ނޭނގިގެނެއް ނޫނެވެ. އޭނަގެ އަމިއްލަ ގެއެއް ހުއްޓެއްކަމަކު އޭނަގެ މިޞްރާބު ހުރީ މުޅިން އެހެން ދިމާލަކަށެވެ.

 

**

 

އެރޭގެ ވަގުތެއްގައި އަފާފާއި އޭނަގެ ޢާއިލާ ތިބީ ސިޓިންގް ރޫމުގައި އެމީހުންގެ އަމިއްލަ ކަންތައްތަކުގައެވެ. އެ މީހުންގެ މެދަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ހަމައެކަނި ފުރާޅުގައި ޖެހެމުން ދިޔަ ވާރޭގެ އަޑެވެ. އެ ހިމޭންކަމުގެ ތެރޭގައި އަފާފް ފޮތެއް ކިޔަން އިނެއްކަމަކު އޭނައަށް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބެލެމުން ދިޔައެވެ. އޭނައަށް ފެނުނު ފަހުން ޝަރަފަށް ގުޅަން އެތައް ދުވަހެއްގެ މަތިން ހިތަށް އެރިއެއްކަމަކު އޭނަ ޖެހިލުންވެފައިވީ އޭނަގެ ޝައްކުތައް ޙަޤީޤަތަކަށް ވެދާނެތީވެއެވެ. މިހާތަނަށް އައިއިރު ޝަރަފް އޭނައަށް ނުގުޅާ ހުންނާނީވެސް އެހެންވެ ކަމަށް ބައެއްފަހަރު އަފާފަށް ނިންމެއެވެ. އޭނައަށް ޝަރަފްގެ ޙަޤީޤަތް ހާމަކޮށްދިނުމަށް އެދި އޭނައަށް ކުރެވުނު ދުޢާގެ ޢަދަދެއްވެސް އަފާފަކަށް ނޭނގެއެވެ. އެހެނަސް އޭނަ ދެންވެސް އުއްމީދު ކަނޑައެއް ނުލައެވެ.

 

އަފާފް އަމިއްލަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް މީހަކު ދޮރުގައި ތަޅަން ފެށި އަޑަށް އޭނައާއި އެކީ ހުސެއިނާއި ޝާދިޔާވެސް ދިޔައީ ސިއްސައިގެންނެވެ. ތިން މީހުންނަށް އެކީގައި ކޮޅަށް ތެދުވުނެއްކަމަކު މީ ކާކުތޯ ކިޔައި ދޮރު ހުޅުވަން ދިޔައީ ހުސެއިނެވެ. ހުސެއިން ދޮރު ހުޅުވާލުމާއެކުހެން އޭނައަށް ދޮރުމަތީގައި ތެމިފައި ހުރި ކުއްޖާގެ ނަން ކިޔާލެވުނެވެ.

 

“ފައިހާ؟” ހުސެއިން އެހެން ބުނެލި އަޑަށް ޝަދިޔާއާއި އަފާފް ވެސް ފައިހާ ފެންނާނެހެން ކުރިއަށް ޖެހިލިއެވެ. އެއީ އަފާފަށް ފައިހާ ފެނުނު ފުރަތަމަ ފަހަރަށް ވިޔަސް ފައިހާ ބަދަލުވެފައިވިކަން އޭނައަށް އެނގުންވިއެވެ. ބުރުގާ ނާޅާ ހުރިކަމަށްވުރެ ވެސް ބޮޑަށް އަފާފަށް ފާހަގަވީ ފައިހާއަށް ލިބިފައިވި ޒަޚަމްތަކެވެ. އޭނަގެ ވަޅުވަދެފައިވި ދެލޮލެވެ. ހިތާމަވެރިކަމުން ފުރިފައިވި މޫނެވެ. ފައިހާ އެކި ދިމަދިމާލަށް ބަލަމުން ގޮސް އޭނަގެ ނަޒަރު އަފާފަށް ހުއްޓުމާއެކުހެން ރޮއިގަންނަމުން އަފާފްގެ ކައިރިއަށް ދިޔައެވެ.

 

“އަފާފް ޕް…ޕްލީޒް އަ..އަހަންނަށް މަޢާފުކޮށްދީ. އަހަންނަށް އެހީވެދީ! އައި…އައިމް ސޮރީ.” ފައިހާ ރޮމުން ރޮމުން އެއްބަސްތަކެއް ކިޔަން ފެށި ގޮތުން އަފާފްގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. އޭނަ ފައިހާގެ ކަރުނަތައް ފޮހެދެމުން އޭނަގެ ކޮނޑުގައި ހިފަހައްޓައި ތިމަންނައާއެކީ އަންނާށޭ ބުނެލިއެވެ. ޝާދިޔާ އަފާފްގެ އެ ޙަރަކާތަށް ވެސް ކުދިކިޔަން ފެށިއެއްކަމަކު އަފާފް ހުއްޓުމެއްނެތި ގޮސް ފައިހާ ވެއްދީވެސް އޭނަގެ ކޮޓަރިއަށެވެ. އަދި މަސައްކަތު މީހަކު ލައްވާ ފައިހާގެ ފޮށި ކޮޓަރިއަށް ގެނެސް އެ ކޮޓަރީގައި ހުންނަ ހެދުން ބަދަލުކުރާ ތަނަށް ފައިހާ ވެއްދިއެވެ. ފައިހާ އެތާ ތެރެއަށް ވެއްދި ފަހުން ވެސް އަފާފަށް އިވެމުން ދިޔަ ރުއިމުގެ އަޑުން ފައިހާއަށް ދިމާވީ ކޮންކަމެއްތޯ އަފާފްގެ ހިތް ސުވާލުކުރިއެވެ. ފައިހާ ހެދުން ބަދަލުކޮށްގެން ނިކުތްތަނާހެން އޭނަ އެ ސުވާލުކުރިއެވެ. އެހެނަސް ފައިހާ ދައްކަން ފެށީ މުޅިން އެހެން ވާހަކައެކެވެ.

 

“އަފާފް….އަހަރެން މިގެއަށް މިއައީ މިގޭގަ ހުންނާކަށްނޫން. އަފާފްގެ ފަރާތުން ހެޔޮ ނަޞޭޙަތެއް ލިބޭތޯ މިއައީ. އަދި އަހަރެންގެ ފާފަތައް ފޮހެވޭތޯ ބަލަން އަފާފަށް ވަރަށް ބޮޑު ޙަޤީޤަތެއްވެސް ހާމަކުރަންވެގެން.” ފައިހާ އެނދުމަތީގައި އޭނަގެ ކައިރީގައި އިނދެ ބުނެލި ފަހު ޖުމްލައިން އަފާފްގެ ހިތް ތެޅިލިއެވެ.

 

“ކޮން ޙަޤީޤަތެއް؟” އޭނައަށް އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު ދެންވެސް ފައިހާ ގިސްލާފައި ވާހަކަ ދެއްކިއެވެ.

 

“އަފާފްގެ ޒަވާޖީ ޙަޔާތުގަ ހިނގި އެއްވެސް ކަމެއްގަ ޝަރަފްގެ އެއްވެސް ކުށެއްނެތް.” ފައިހާ ބުނެލި ވާހަކައިން އަފާފްގެ ހިތަށް ވެރިވި ޙައިރާންކަމާއެކީ އެހިތަށް އުފާވެރިކަމެއްވެސް ލިބުނެވެ.

 

ނުނިމޭ

The post Noor (Part 60) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-60/feed/ 0 1157
Noor (Part 59) https://blog.storiesbyjana.com/noor-part-59/?utm_source=rss&utm_medium=rss&utm_campaign=noor-part-59 https://blog.storiesbyjana.com/noor-part-59/#respond Wed, 28 Apr 2021 11:19:52 +0000 https://blog.storiesbyjana.com/noor-part-58-copy/

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި […]

The post Noor (Part 59) appeared first on Stories by Jana.

]]>

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި ހުންނަ ވަތްގަނޑުން ޕިން ނުފެނުމުން އޭނަ އެންމެ ތިރީގައި ހުރި ކުޑަ ވަތްގަނޑު ހުޅުވިއެވެ. އެ ވަތްގަނޑުން ވެސް އޭނަ ހޯދަން އުޅުނު އެއްޗެއް ނުފެނުމުން އަފާފް ވަގުތުން އޭތި ބަންދުކޮށްލަން އުޅުނެވެ. އެހެނަސް އެވަގުތު ލޮލުގައި އެޅި އެއްޗަކުން އަފާފަށް އެ ވަތްގަނޑުގެ ތެރޭގައި އޮތް އެ އެއްޗަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ އޭނަ ނުދަންނަ ވައްތަރަކަށް އޮތް ސެންޓު ފުޅިއެކެވެ. އޭތި ހުރި ބައްޓަމުންނާއި، އޭގައި ހުރި ކުލައިން އެއީ އަންހެން ސެންޓު ފުޅިއެއްކަން ޔަޤީންވުމުން އޭނަ ޙައިރާންވާގޮތްވިއެވެ. އަފާފް އޭނަގެ ޝޯލްގެ ބައިވެސް ދޫކޮށްލަމުން އެ ފުޅި ނަގައި ބަލާލިއެވެ. އެއީ އޭނަ ދުވަހަކުވެސް ބޭނުންކުރި ވައްތަރެއްގެ ސެންޓެއް ނޫންކަން އަފާފަށް ޔަޤީން ކުރެވުނެވެ. ދެންވެސް ޔަޤީން ކުރުމަށްޓަކައި އަފާފް އޭގެ މަތި ނަގާލުމަށްފަހު ވަސްބަލާލިއެވެ. އެ ވަސް އެހީ ކޮންތަނަކުންކަން ވެސް ހަނދާންނުވަނީސް އަފާފްގެ ހިތަށް ނޭދެވޭ އިޙްޞާޞްތަކެއް ވެރިވިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނައަށް އެ ވަސް ލިބުނީ ޝަރަފްގެ ގަމީހަކުންކަން ހަނދާނަށްއައެވެ. ހަމަ އެއާއެކު އޭނަ އަޖާއިބުވެ އަންތަރީސްވިއެވެ. ޝަރަފް އަންހެނަކާ ގުޅުމެއް ހިންގިނަމަ އެ މީހެއްގެ ސެންޓު ފުޅި އޭނަގެ ކޮޓަރީގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ ޝަރަފް އެގުޅުމެއް ހިންގާފައިވާ ކަމަށްވަނީ މިގޭގައެއް ނޫނެއް ނޫންހެއްޔެވެ؟ އެހެންނޫނީ މިއީ ޝަރަފް އެމީހަކަށް ގަނެދިން އެއްޗަކަށް ވާނަމަ މީތި މިތާނގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ އެތައް ސުވާލެއް އެއްފަހަރާ އަފާފްގެ ހިތަށް ވެރިވުމުން އޭނަ އިތުރަށް އޮޅުން އެރުން ނޫންކަމެއް ނުވިއެވެ.

 

“އަފޫ! ދަރިފުޅާ ހޭލަބަލަ. ބޭސް ކައިގެން އަދި ނިދާލާތި!” އަފާފް އެ ފުޅިއަށް ބަލަހައްޓައިގެން ހުއްޓާ ބޭރުން މަންމަގެ އަޑުއައެވެ. އޭގެ މާ ގިނައިރެއްނުވެ ޝާދިޔާ އައިސް އެ ކޮޓަރީގެ ދޮރު ހުޅުވިއެވެ.

 

“އަނހަ! ތެދުވެފަދޯ ތިހިރީ…..ހާދަ ތައްޔާރުވެގެން؟ ކޮން ތަނަކަށްދާން؟” ޝާދިޔާ އައިސް އަފާފާއި ހަމަކުރަމުން ބުނެލިއެވެ. އޭނައަށް އަފާފްގެ އަތުގައި ހުރި ސެންޓު ފުޅި ފާހަގަ ނުވާ ފަދައެވެ.

 

“މިއުޅެނީ އޮފީހަށް ދާންކަމަށް…..މަންމާ މީ ކޮން ސެންޓު ފުޅިއެއްތަ؟” އަފާފް މަންމަގެ ސުވާލަށް ދިން ޖަވާބާއި ވިދިގެން އޭނަގެ ސުވާލުކުރީ އޭގެ ޖަވާބު ބޭނުންވެފައިވި މިންވަރުންނެވެ. އެއާއެކު ޝާދިޔާ އަފާފްގެ އަތުގައި ހުރި ސެންޓު ފުޅިއަށް ބަލާލިއެވެ. އެ ހިނދު ޝާދިޔާގެ ދެބުމަ ކައިރިވެ އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. އެއީ ފައިހާގެ އެދުމަށް އޭނަ އަމިއްލަ އަތުން ގަނެގެން އައިސް ދާވަށިގަނޑުގައި އޮތް ޝަރަފްގެ ގަމީހަށް ޖަހަން ބޭނުންކުރި ސެންޓުފުޅިކަން އެނގުންވުމުންނެވެ. މަންމައަށް ވަމުން ދިޔަ ގޮތަށް އަފާފަށް ބަލަހައްޓައިގެން ހުރެވުނީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.

 

“މް….މަންމައަކަށް ން…ނޭނގޭ ތީ ކޮން ސެންޓު ފުޅިއެއްކަން!” ޝާދިޔާއަށް ހިސާބެއްގެ ރުޅިވެރިކަމަކާއެކީ ވަގުތުން އަމިއްލަ ދިފާޢުގައި ވާހަކަ ދެކެވުނެވެ. އޭނައަށް ނޭނގުނުކަމަކީ އޭނަގެ އެ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އަފާފަށް އިތުރަށް އޭނައަށް ޝައްކު ކުރެވުނު ކަމެވެ. މި ސެންޓު ފުޅީގެ ފަހަތުގައި އެއްވެސް ގޯހެއް ނުވާނަމަ މަންމަ އެހާ ނުތަނަވަސްވެފައި އެހާ ހަރު އަޑުން ޖަވާބު ދޭންވީ ކީއްވެތޯ އަމިއްލަ ހިތާއި އަފާފަށް ސުވާލުކޮށްލެވުނެވެ. އަފާފަށް އެއްފަހަރު އެ ސެންޓު ފުޅިއަށް އަނެއްފަހަރު މަންމައަށް ބަލާލެވުނެވެ. އޭނަގެ އެ ޙަރަކާތުން އޭނައަށް ދެންމެ އިވުނު ބަސްތައް ޤަބޫލު ނުކުރެވޭކަން ޝާދިޔާއަށް އެނގުންވި ފަދައެވެ. އެހެންކަމުން އޭނަ އޭނަގެ ވާހަކައިގެ ރާގު ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ.

 

“ދަރިފުޅާ ތީ މަންމަ ދަރިފުޅަށްޓަކައި ގަނެދިން އެއްޗެކޭ. ހެހެ…މަންމަވެސް ހަނދާން ނެތުނީ. އަޅެ ވަސްއަހާލަބަލަ މީރުވަސް ދުވާތޯ.” ޝާދިޔާ ހިނިތުންވާން މަސައްކަތް ކުރަމުން އިތުރު ދޮގެއް ހެދީ، އެއީ ވެސް އޭނައާއި އޭނަގެ ދަރިފުޅުގެ ގުޅުން ރަނގަޅު ކުރުމުގެ “ހެޔޮ” ނިޔަތުގައި ކުރިކަމެއްކަމަށް ދެކެމުންނެވެ. ޝާދިޔާ އެ ދެއްކި ވާހަކައިގެ ދޮގުކަން އެ ވާހަކަ ނުނިމެނީސް އަފާފަށް އެނގުންވިއެވެ. މަންމަ އޭނައަށް ސެންޓު ފުޅިއެއް ގަނެދިންނަމަ އޭތި އެހާ ތިރީ ވަތްގަނޑެއްގައި އޮންނަންވީ ސަބަބެއްނެތެވެ. އަދި އެ ސެންޓުގެ ވަސް ޝަރަފްގެ ގަމީހަކުން ލިބޭކަށް ނުޖެހެއެވެ. މަންމަ ދޮގު ހަދަނީ ކީއްވެބާއޭ ހިތަށްއެރި ވަގުތު އެއްފަހަރާ އެތައް ޖަޒުބާތަކާއި ސުވާލެއް އަފާފްގެ ހިތަށް ވެރިވިއެވެ. އެހެނަސް އޭނަ އިތުރު އެއްޗެކޭ ނުބުނެ އެދުވަހު އޮފީހަށް ދާން ދަތުރު ފެށިއެވެ.

 

އަފާފް ކާރު ނުދުއްވާތާ ދުވަސްވެފައިވުމުން އޭނަ އޮފީހަށް ލައިދިނީ ހުސެއިނެވެ. އަފާފް އޮފީހަށް ވަދެގެން އައި މަންޒަރުވެގެން ދިޔައީ ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ފަތުރާލި މަންޒަރަކަށެވެ. އޮފީހަށް އައުމުގެ ކުރިން އޭނަ އަންގާފައި ނުވާތީ އޭނައަށް މަރުޙަބާ ކިޔުމުގެ ގޮތުން އޮފީހުގައި އެއްވެސް ކަމެއް ކުރެވިފައިނެތެވެ. އަފާފް ވަދެގެން އައި މަގުމަތީގައި ބައެއް މުވައްޒަފުން އެކަމާމެދު ޝަކުވާވެސް ކުރިއެވެ. އެހެނަސް އެމީހުންގެ އެ ހިނިތުންވުންތަކާއި، ލޯބި އަފާފަށް ހޫނު މަރުޙަބާއެއްގެ ގޮތުން ފުދުނެވެ. އަފާފަށް އިރުކޮޅެއްގެ ތެރޭގައި އެންމެ މަތީ ފަންގިފިލާގައި ހުންނަ އޭނަގެ ކެބިންއާއި ހަމައަށް ދެވުނެވެ. އެދުވަހު ނާފިޒާ އޮފީހަށް ނާންނާތީ އިތުރު ވާހަކަތަކެއް ނެތި އެތައް ދުވަހެއް ފަހުން އަފާފަށް އޭނަގެ ގޮނޑީގައި އިށީނދެވުނެވެ. އެއާއެކު އޭނައަށް ހިނިތުންވެލެވުނެވެ. ޝަރަފް އޭނައާއެކީ ހުރިއިރު އޭނަ މިފަދަ މަޤާމެއްގައި ހުރިނަމަ އޭނަ ކުރާނެހާ ސަމާސާތައް އަފާފަށް ތަޞައްވުރު ކުރެވުނެވެ. އޭގެ މާ ގިނައިރެއްނުވެ އަނެއްކާވެސް ހިތި ހަނދާންތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔުމުން އަފާފްގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ހަމަ އެއާއެކު އޭނަ މިއަދު އޮފީހަށް މި އައީ ކީއްކުރަންކަން ވެސް އޭނަގެ ހަނދާނަށް އައެވެ. އަފާފަށް ވަގުތުން އޭނަގެ މޭޒުމަތީގައި ހުރި ފޯނު ނަގައި ނަންބަރުތަކަށް ފިތާލެވުނެވެ.

 

“ސަލާމް. އައިޝަތު ހަނާ މައްޗަށް ފޮނުވާލަދީ.” އަފާފް އެދުނެވެ. އެއަށްފަހު ފޯނު ބާއްވަން އުޅެފައި ކަމެއް ހަނދާންވުމުން އިތުރަށް ވާހަކަ ދެއްކިއެވެ.

 

“މިއަދު ޝަބާ ނާންނަނީތަ؟” ކެބިންގެ ފަޅުކަން އިޙްޞާޞް ކުރެވުމުން އަފާފަށް އަހާލެވުނެވެ.

 

“އާދެ! ޝަބާއަށް މިއަދު އާދެވޭނީ ލަހުންކަމަށް ބުނެފަ އޮތީ.” އެކޮޅުން ޖަވާބު ލިބުނެވެ. އަފާފް ވިސްނުމެއްގެ ތެރޭގައި އިނދެ އެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވިއެވެ.

 

އޭގެ މާ ގިނައިރެއްނުވެ ކެބިންގެ ދޮރު ހުޅުވި، އެތެރެއަށް ވަދެގެން އައީ ބާރު ޖިންސަކާއި މައްޗެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. އޭނަގެ ކޮނޑާއި ހަމައަށް އޮތް ފަން އިސްތަށިގަނޑު ލޭޔާރކޮށް ކޮށާލެވިފައިވީއިރު އެކި ތިރީ ބައިގައި މުށި ކުލައެއް ޖެއްސިފައިވިއެވެ. އަމިއްލަ އޮފީސް ތެރެއިން ފުރަތަމަ ފަހަރަށް އެފަދަ ސިފައެއްގައި ހުރި ކުއްޖަކު ފެނިފައި އަފާފް ހިސާބަކަށް ނުރުހުންވާގޮތްވިއެވެ. އޭނަ ކުރިމަތިން އެ ފެންނަމުންދާ ކުއްޖާއާމެދު ހެޔޮކޮށް ވިސްނަން އުޅުނު ތަނާހެން އެކުއްޖާ ހިނިތުންވުމަކާއެކީ ކެބިންގެ ތެރެއަށް ވަންނަން ފެށިއެވެ. އެ ހިނދު ބިންމަތީގައި ޖެހެން ފެށި އުސްފައިވާނުގެ އަޑުން އަފާފް ހުއްޓުން އަރާ ގޮތްވީ، އެއީ މީގެ ދުވަސްތަކެއް ކުރިން އޭނައަށް އިވިފައިވާ އަޑެއްހެން ހީވުމުންނެވެ. ވޭތުވެ ދިޔަ މަސްތަކެއްގެ ތެރޭގައި އޭނައަށް އެތައް ބައެއްގެ އެފަދަ ފިޔަވަޅުތަކެއްގެ އަޑު އިވިފައިވެއެވެ. އެހެނަސް އެވަގުތު އިވެމުން ދިޔަ އެ އަޑުން އޭނަގެ ސިކުނޑި އިންޒާރެއް ދެމުން ދިޔައީ ކީއްވެކަމެއް އަފާފަކަށް ނޭނގުނެވެ. އެކަމާމެދު ވިސްނަން ފެށިތާ މާ ގިނައިރެއް ނުވެ އޭނަގެ ހަނދާނަށް އައީ އޭނަ ސޭފް ރޫމްގައި ބަންދުވީ ދުވަހެވެ. އަލިފާން ފޮށްޓަކުން އަލިފާން ކަނޑާލެވުނު އަޑަށްފަހު ބޭރުން އިވިގެން ދިޔައީ އެ ފިޔަވަޅުތަކުގެ އަޑުކަން އަފާފަށް ޔަޤީން ކުރެވުނެވެ. އެއާއެކު އަފާފަށް އޭނަގެ ކުރިމައްޗަށް އައިސް ހުއްޓުނު ހަނާއަށް ބަލާލެވުނީ ހިސާބަކަށް ދެލޯ ބޮޑުވެފައި ހުރެއެވެ. އެހެނަސް ހަނާއަށް އެކަން ފާހަގަ ކުރެވުނުހެނެއް ހިއެއްނުވެއެވެ.

 

“ހާއި އަފޫ! ކިހިނެއްތަ؟” ހަނާ ހެވިފައި ހުރެ ނުހަނު ހަމަޖެހިލައިގެން އެތާހުރި ގޮނޑީގައި އިށީނެވެ. ހަނާ އެ ވާހަކަ ދެއްކީ ޢާއްމުގޮތެއްގައި އަފާފްގެ މުވައްޒަފުން އޭނައާއި ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. އަފާފް ވަކި ޤަދަރަކަށް އުއްމީދު ނުކުރިޔަސް އޭނަގެ މުވައްޒަފުން އަމިއްލައަށް އެދިގެން އޭނައާއި ވާހަކަ ދައްކައި ހަދަނީ ވަކި ގޮތަކަށެވެ. އެހެނަސް ހަނާ އޭނައަށްވުރެ ހަގު ކުއްޖަކަށްވެފައި އެގޮތް ޚިޔާރު ކުރި ގޮތުން އަފާފް ހިސާބަކަށް ނުރުހުންވާގޮތްވިއެވެ.

 

“ސަލާމް.” އަފާފް ބުނެލިއެވެ. އޭނަ އެހާރުން އެހާރަށްވެސް އޮފީހުގައި ހުޅުޖެހުނު ދުވަހު ހަނާ ހުރި ތަނާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ ހަނާއަށް ޝައްކު ކުރަނީކަން ނޭންގުމަށްޓަކައި އަފާފް ހިމޭންކަން ޚިޔާރު ކުރިއެވެ.

 

“ހެހެ…..ކޮބާ މިހާރު ކިހިނެއްތަ ހުރިހާ ކަމެއް؟ އަފޫއަށް މިހާރު އެބަފެނޭދޯ؟ އެންޑް އައި ހާޑް ޔޫ އާރ ޕްރެގްނެންޓް! ދެޓްސް ޖަސްޓް ވާއު! އެކަމަކު މިހާ އުފާވެރި ދުވަސްކޮޅުވެސް……ހަޒްބެންޑެއް ނެތީމަ ވަރަށް ދެރަދޯ؟” ހަނާ މާޔޫސީ ގޮތަކަށް ދޯ ދީފައި ފުން ނޭވައެއް ދޫކޮށްލީ ހިތުން އަފާފް ދެރަކޮށްލުމަށެވެ. އެހެނަސް ހަނާ ވިސްނުމެއްނެތި ދައްކަމުން ދިޔަ އެ އުޅުމުން އޭނަގެ ޙަޤީޤަތް އަފާފަށް ފާޅުވަމުން ދިޔަ ކަމެއް ހަނާއަށް ރޭކާއެއް ނުލިއެވެ. ހަނާ އެ ވާހަކަ ދެއްކި ގޮތުން އަފާފްވީ ޙައިރާނެވެ. މިއީ އޭނަ އަނދިރި އިރު އޭނަ ކައިރިއަށް އައިސް ވާހަކަ ދެއްކި ހަނާކަން ޤަބޫލުކުރަން ވެސް އޭނައަށް ދަތިވިއެވެ. އޭރު ހަނާ އޭނަގެ ގާތަށް އައިސް ރުއީ ހާދަ ރުއިމެކެވެ. ޝަރަފް ގަދަކަމުން އޭނަ ލައްވާ ކަމެއް ކުރުވިޔޭ ކިޔާފައި ދެއްކީ ހާދަ ވާހަކައެކެވެ. ޝަރަފަކީ އޭނައަށް އެހާ އަނިޔާ ދީފައިވާ މީހެއްކަމަށްވާނަމަ ޝަރަފްގެ ވާހަކަ ދެންމެ އަމިއްލައަށް ނަންގަތް އިރު ހަނާ ޖެހިލުންނުވީ ކީއްވެ ހެއްޔެވެ؟ ކުޑަމިނުން ރުޅި ނައީ ކީއްވެ ހެއްޔެވެ؟ އަދި އެއީ ނުހަނު ކައިރި މާޒީއެއްގައި ވެސް ޝަރަފް ތަކުރާރުކޮށް ހަނާއާއެކީ އެފަދަ ގުޅުމެއް ހިންގި ވާހަކަ އިވިފައިވަނިކޮށެވެ. ޝަރަފްގެ ބޮލުގައި އެ ތުޚުމަތު އެޅުވި، އޭނައަށް އިއްވާލެވުނު ވީޑިޔޯގެ އަޑުތަކުގެ މަތިން ހަނދާންވުމުން ވެސް އަފާފް އިތުރަށް އޮޅުން އަރާ ގޮތްވިއެވެ.

 

“ސުވާލެއްކޮށްލަންތަ ހަނާ؟” އަފާފަށް އަހާލެވުނެވެ.

 

“ޔެސް އޮފްކޯސް!” ހަނާ ހިސާބެއްގެ ޖޯޝަކާއެކީ ބުނެލިއެވެ. އަފާފާއި ޝަރަފް ވަކި ކުރެވުމުން އޭނައަށް ހީވީ އޭނައަށް ދެން އުފާ ފާޅުކުރެވޭނެ ކަމަށެވެ. އެހެނަސް އެއީ އޭނައަށް އެޅުނު ކަތި ފިޔަވަޅެކެވެ.

 

“އެރޭ…….ޝަރަފްއާއެކީ ކިހިނެއްތަވީ؟ ހަނާ ބުނީމެއްނު ޝް….ޝަރަފްއަކީ ހަނާއާ ގަދަކަމުން ގް….ގުޅުން ހިންގި މީހެކޭ؟ ދެން ކީއްވެ އަހަންނަށް އިހަކަށް ދުވަހު ފެނުނު ވީޑިޔޯއިން އެހެން ހީނުވީ؟” އަފާފް ސީދާ އޭނަގެ ހިތަށް ވެރިވެފައި އޮތް ސުވާލުކޮށްލިއެވެ. އެއާއެކު ހަނާގެ މޫނުމަތިން ފެނިގެން ދިޔައީ މިއަދު އަފާފަށް މަންމަގެ މޫނުމަތިން ފެނިގެން ދިޔަ އަސަރުތަކެވެ. ހިނދުކޮޅަކަށް ނަމަވެސް ހަނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލަމުން ގިސްލާފަދަ އަޑުތައް ލައްވަން ފެށިއެވެ.

 

“އޭނަ އަހަންނަށް އަނިޔާ ކުރީ މާޒީގަ. އެރޭ އަހަންނާ އެރަށުން ދިމާވެފަ އަހަރެންގާތު ބުނީ އަހަރެންދެކެ ވަރަށް ލޯބިވެއޭ. އަބަދުވެސް ލޯބިވީ އަހަރެންދެކެއޭ. އަހަންނާއެކީ އާ ޙަޔާތެއް ފަށަން ބޭނުންވެއޭ. އަހަންނަށް ވެސް އެރޭ އެ ބަސްތަކުގެ އަވައިގައި ޖެހިގެން ހައްދުތައް ފަހަނަޅައި ދެވުނީ. އައިމް ސޮރީ ޓު ސޭއި ދިސް އަފޫ. އެކަމަކު އަސްލު އަހަރެން ވެސް ލޯބިވޭ ޝަރަފްދެކެ. އޭނަ ވަރިވީ ފަހުން އޭނަ ބުނި އޭނަ ބޭނުންވާ ގޮތަކީ މިއީއޭ. އަދި ވަރަށް އަވަހަށް އޭނަ އަހަންނާ އިންނާނަމޭ.” ހަނާ ވިސްނުންތެރިކަމާއެކީ އޭނަގެ ކޮންމެ ޖުމްލައެއް ރަވާލީ އަފާފް ހިތްދަތިކުރުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ވިހަގަދަ ބަސްތައް ގޮސް އަފާފްގެ ހިތަށް އެރުނީ ދުނި ތީރުތަކެއް ފަދައިންނެވެ. ޝަރަފް އޭނަ ބަލަން ވެސް ނައިސް އޭނައަށް ޙައްޤުވާ ފައިސާވެސް އޭނައަށް ނުފޮނުވާ ސަބަބަކީ މިއީތޯ ހިތަށްއަރަން ފެށި ވަގުތު އަފާފްގެ އަރުތެރެ ބެދެން ފެށިއެވެ. ސާޖަރީއެއް ހެދިފައިވި އެލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ލޮލުގައި ވެސް ރިއްސިއެވެ. އެހެނަސް އޭނައަށް އިތުރު އެއްސުވާލު ކުރެވުނެވެ.

 

“ޝަރަފް ކޮބައިތަ؟” ރޫރޫއަޅަމުން ދިޔަ އަޑަކުން އަފާފަށް އެހެން އަހާލެވުނީ އެނގެން ބޭނުންވެފައިވި މިންވަރުންނެވެ.

 

“އޭނަ މިވަގުތު ހުރީ އޭނަގެ ގޭގަ.” ހަނާ އެހެން ބުނެލީ ހިތުލަފައަށެވެ. އޭނަ އެހެން ބުނެލިތަނާހެން އަނެއްކާވެސް ކެބިންގެ ދޮރު ހުޅުވިގެން ދިޔައެވެ. ހަނާއާއި އަފާފަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެކުއެކީގައެވެ. މިފަހަރު އެ ދޮރުން ވަދެގެން އައީ ޝަބާ ނޫން ދެވަނަ މީހެއްނޫނެވެ. ހަނާ ފެނިފައި އާދައިގެ މަތިން ޝަބާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ. ޝަބާ އައުމުން އޭނައަށް ވާ ފޫއްސެއްގެ ސަބަބުން އެތާ ނުހުންނަންވެގެން ހަނާ ތިމަންނަ ދެން ދަނީއޭ ބުނެ ތެދުވެގެން ގޮސް އެތަނުން ނިކުމެގެން ދިޔައެވެ. ހަނާ ދިޔުމުން ވެސް އޭނަ ދެއްކި ވާހަކަތަކެއްގެ ސަބަބުން އަފާފަށް އިނދެވުނީ ރޮވެން ކައިރިވެފައެވެ. ޝަރަފް އޭނަ ނޫން މީހެއްދެކެ ލޯބިވެދާނެކަމީ އޭނައަށް ޤަބޫލުކުރަން ވެސް ދަތިކަމެކެވެ. އެހެނަސް ދެންމެ އިވުނު ވާހަކަތަކަކުން އެއީ ޙަޤީޤަތެއްހެން ހާދަ ހީވެއެވެ. ޝަރަފް އޭނައާއި ވަކިވުމުން އޭނަ އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެކަނިމާއެކަނި ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވާ ދަރިއަކު ބަލާނީ ކިހިނެއް ހެއްޔެވެ؟ އެ ޚިޔާލުތައް ހިތަށް ވެރިވީ ހިނދު އަފާފްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެ ވަގުތަކީ ޝަބާ ހިނިތުންވުމަކާއެކީ އަފާފަށް މަރުޙަބާ ކިޔަން އުޅުނު ވަގުތެވެ. އެހެނަސް އަފާފް އިންގޮތް ފެނިފައި އޭނަގެ ހިނިތުންވުން ވެސް ފަނޑުވެގެން ދިޔައެވެ.

 

“ކިހިނެއްތަވީ އަފޫ؟ އަނެއްކާ އެ ހަނާ އެއްޗެކޭ ކީތަ؟” ޝަބާއަށް ފަހު ސުވާލުކޮށްލެވުނީ ބުމަގޮށްޖަހަމުންނެވެ.

 

“މީހަކު އެއްޗެކޭ ނުކިޔުނަސް ދުނިޔޭގައި އުޅެންޏާ ރޮވޭ ދުވަސް އަންނާނެދޯ ޝަބާ؟” އަފާފް އޭނަގެ ޖުމްލަ ނިންމާލީ ގަދަކަމުން ޝަބާއަށް ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރަމުންނެވެ. ޝަބާ އަފާފަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލަމުން އަފާފް ކައިރިއަށް ގޮސް އޭނަގެ ގައިގައި ބައްދާލިއެވެ.

 

“ކޮންމެ ކަމެއްވެސްވާނީ ރަނގަޅަށް އަފޫ. އަފޫއެއްނޫންތަ އެހެން ބުނެ ހަދަނީ އަހަރެން ކައިރި؟” ޝަބާ އަފާފާއި ދުރުވެލަމުން ކުޑަކުއްޖަކު ފަދައިން އަފާފް ދަތްދޮޅީގައި ހިފައި ހިއްލާލިއެވެ.

 

“ރަނގަޅަށް ތިބުނީ……އެނީވޭސް، ޝަބާ ކިހިނެއްތަ؟ ގޭގެ އެންމެން ކިހިނެއް؟” އަފާފް އޭނަގެ ކަރުނަތައް ފޮހެމުން ސުވާލުކޮށްލިއެވެ. އެންމެ ފަހު ސުވާލު އޭނައަށް ކޮށްލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަފާފް އެނގެން ބޭނުންވަނީ ކޮންކަމެއްކަން ޝަބާއަށް އެނގުންވިއެވެ.

 

“ޝަރަފް ގޭގައެއްނެތް އަފާފް. ޝަރަފް ފުރައިގެން ގޮސްފި.” ޝަބާ ބުނެލި ވާހަކައިން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. އެތައް ސުވާލެއް އެއްފަހަރާ ހިތަށްވެރިވީއިރު ދެންމެ ހަނާ އޭނަ ކައިރި ހެދީ ދޮގެއްކަން އެނގުންވިއެވެ. އެއީ ދޮގަކަށްވާނަމަ އޭގެ ކުރިންވެސް އޭނަ ހަދާފައިވާނީ ދޮގުތަކެއްކަމަށް އަފާފަށް ނިންމެން ނެގީ ހިނދުކޮޅެކެވެ. ހަމަ އެއާއެކު ހިތަށްވެރިވި ހިސާބެއްގެ އުފާވެރިކަމަކާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ކޮން ތަނަކަށް ފުރީ؟” އަފާފަށް އަހާލެވުނެވެ.

 

“އޮސްޓްރޭލިޔާއަށް……މި ދިޔަ ހަފްތާގަ ޝަރަފް އެއްރޭ ވަންދެން ގެއިން ގެއްލުނީ. އޭނަ އަނބުރާ ގެއަށް އައިއިރު އައީ ޝިނާޒްއާ އެކީގަ. އައިއިރު ޝަރަފަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފަ ހުރީ. އޭނައަށް ނުވެސް ހިނގޭ ރަނގަޅަކަށް….” ޝަބާ ކިޔައިދޭން ފެށި ވާހަކައިން އަފާފަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ޝަބާ ތަފްޞީލުކޮށް ކިޔައިދޭން ފެށުމުން އަފާފަށް އޭނަގެ ހުރިހާ ސަމާލުކަމެއް އެ ވާހަކައަށް ދީގެން އިނދެވުނެވެ.

 

**1 ހަފްތާ ކުރިން**

 

“ކެއާރފުލް ޝަރަފް، ކެއާރފުލް!” ޝިނާޒް ޝަރަފްގެ ގައިގައި ހިފަހައްޓައިގެން ސިޑިން މައްޗަށް އަރަމުން ބުންޏެވެ. ޝަރަފްގެ ޒަޚަމްތަކަށްވީ އަދި އެންމެ ދުވަހެއް ކަމަށްވުމުން އަދިވެސް އޭނަގެ މުޅި ހަށިގަނޑުގައި ވޭންއަޅަމުން ދިޔައެވެ. އެ މީހުން އަރަމުން ދިޔައީ އެމީހުންގެ ބައްޕަ މީގެ އަހަރުތަކެއް ކުރިން މާލެއިން ގަތް ފަންގިފިލާއާއި ދިމާލަށެވެ. ޝަރަފަށް އެތައް ދުވަހެއްގެ ރާސްތާއެއްހެން ހީވި އެ ސިޑި ބަރިން އެންމެ ފަހުން އެރުނު ހިނދު ދެބެއިންނަށް އެކީގައި ފުންނޭވާތަކެއް ލެވެމުން ދިޔައެވެ.

 

“ތައްޔާރުތަ؟” ޝިނާޒް އެ ދޮރަށް ބަލަހައްޓައިގެން ހުރެފައި ޝަރަފަށް ބަލާލަމުން އަހާލިއެވެ. ޝަރަފް ދެންވެސް މާ ނޭވާ ލަމުން ބޯޖަހާލިއެވެ.

 

“ހަނދާންކުރާތި ޝަރަފް. އަހަރުމެން މި އައީ އޮސްޓްރޭލިޔާއަށް ދިޔުމުގެ ކުރިން ހަމައެކަނި ބައްޕައާއި ދޮންތައާއި ބައްދަލުކޮށްލަން. ދެންމެ މަންމައާއި ބައްދަލުކުރިގޮތަށް. އެއްގޮތަކަށް ވެސް އަފާފްގެ ޚަބަރެއް ހޯދާކަށް ނޫން ދޮންތަ ކައިރިއަށް މިއައީ. އަފާފަށްޓަކައި ޝަރަފްގެ ހިތުގައި އިޙްޞާޞްތަކެއްވާކަން ދޮންތައަށް އެނގިއްޖެނަމަ ދޮންތަ އެ ވާހަކަ އަފާފާއި ޙިއްޞާކުރާނެ. އޭރުން އަފާފް ނުހުންނާނެ ޝަރަފް ހޯދަން މަސައްކަތް ނުކޮށް. އެކަމަކު އަހަރެން އެރޭ ވެސް ބުނިހެން އަދި ޝަރަފް އަފާފާއެކީގަ ހުރުން އަފާފަށް ރައްކާތެރިއެއްނޫން. އަދި އޭނަގެ ބަނޑުގަ އޮތް ދަރިފުޅަށްވެސް……އެނގޭ ވަރަށް ބޭނުންވާނެކަން އަފާފާއިބެހޭ ގޮތުން ސުވާލުކުރަން. އެކަމަކު މިއަދު ހަމަ ކެތްކޮށްލަންވީ. އަފާފަށްޓަކައި. ދަރިފުޅަށްޓަކައި.” ޝިނާޒް އެ ވާހަކަތައް ކިޔައިދެމުން ދިޔަދިޔަހެން ޝަރަފްގެ ލޯ ރަތްވަމުން ދިޔައެވެ. އެހެނަސް އޭނަ ޝިނާޒާއި އެއްބަސްވާންވެސް މަޖުބޫރުވިއެވެ. ޝިނާޒް އެންމެ ފަހުން އެ ބުނެލި ބަސްތަކެއްގެ ސަބަބުންނެވެ.

 

މާ ގިނައިރެއްނުވެ ޒޯ ވެސް އެ ސިޑިން އަރައިގެން އައުމުން ޝިނާޒް ދޮރުގައި ޓަކި ޖެހިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޝަބާ އައިސް ދޮރު ހުޅުވާލުމާއެކު އޭނަ ހުއްޓުން އެރިއެވެ. ޝަބާ ޤަބޫލުކުރަން ވެސް ދަތިވެފައި ހުރިގޮތަށް ހުއްޓާ ޝިނާޒް އަޑު ބަދަލުކޮށްގެން ސަރޕްރައިޒްއޭ ކިޔައި ދަމާލިއެވެ. އެއާއެކު ދޮރުމަތީގައި ތިބި އެންމެންނަށް އެކުއެކީގައި ހެވުނެވެ. އެ ހިނދު ޝަބާގެ ލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނަތައް ޝިނާޒް ކުރިއަށް ޖެހިލަމުން ފޮހެލަދިނެވެ. އެ ހިނދު ގޭގެ ތެރެއިން އާހިލް ފެނިފައި މީ ކޮންކުއްޖެއްތޯ އަހާލިއެވެ. އިސާހިތަކު އެ ޢާއިލާގެ އެންމެ ތިބީ ގޭގެ ތެރޭގައެވެ. ޝިނާޒާއި ޝަރަފާއި ޒޯ ކާމޭޒު ދޮށުގައި ތިބިއިރު ޢައްބާސް ވެސް ހިނިތުންވުމެއްގައި އޭނަގެ ފުރޮޅުލީ ގޮނޑީގައި އިނެވެ. ޝަބާ ބަދިގޭ ބައިގައި އެމީހުންނަށް ދޭން ސައި ތައްޔާރު ކުރަމުން ދިޔައިރު ޝިނާޒް އާހިލްއާ އެކުވެރިވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

 

“ޝަރަފް ދަރިފުޅާ ކޮންތާކުތަ ރޭގަ ހުރީ؟ ކިހިނެއްވީތަ ބޮލަށާއި ތުންފަތަށް؟ ގަމީހުގެ ތެރެއިން އެ ފެންނަނީ ބޭސްގަނޑެއްތަ؟” ޝަރަފް ފެނުނީއްސުރެ ކުރަން ބޭނުންވެގެން ހުރި ސުވާލު ޢައްބާސް ކޮށްލިއެވެ. ޝަބާއަށް ވެސް އެ ދިމާލަށް ބަލާލެވުނީ އޭނަވެސް އެ ސުވާލުގެ ޖަވާބު ބޭނުންވީތީވެއެވެ. ޝަރަފް ޖަވާބު ދިނުމުގެ ބަދަލުގައި ބަލާލީ ޝިނާޒަށެވެ. އެންމެ ރަނގަޅު ގޮތުގައި އެއަށް ޖަވާބުދޭން ޝިނާޒްގާތު އެދޭ ފަދައަކުންނެވެ.

 

“އެއީ ރޭގަ ޝަރަފަށް މާރާމާރީއެއްގެ ތެރެއަށް ވަދެވުނީ. އަހަންނަށް ފެނިގެން އަހަރެން އޭނަ ސަލާމަތް ކޮށްގެން އަހަރުމެންގެ ގެއަށް ގެންދިޔައީ. މިއަދު ނެގި އެކްސްރޭތަކުން ވެސް ދައްކާ ގޮތުގަ މާ ބޮޑު ގެއްލުމެއް ނުވޭ. ދެ ހަފްތާ ތެރޭގަ ރަނގަޅަށް ހިނގޭނެއޯ ބުނީ.” ޝިނާޒް ވަކިވަރަކަށް ޙަޤީޤަތް ފޮރުވަމުން ތެދުތެދަށް ކިޔައިދިނެވެ.

 

“ސުބްޙާނަ ﷲ! އެހެންވެގެންނޭ ގެއިން ބޭރަށް ތަނަކަށް ވެސް ދެވެން ނޯންނަނީ މި ޒަމާނުގަ. އެކަމަކު ރޭ ޝަރަފް ދިޔައީ ވެސް ދާންޖެހިގެން….އެ ހުސެއިނުމެން ގަދަކަމުން އަފާފްގެ ސާޖަރީއެއް ހެއްދީވިއްޔާ! އެކަމަކު ޝަރަފްއަށް އެނގޭތަ؟ ﷲ ގެ އިރާދަފުޅުން މިހާރު އަފާފަށް ރަނގަޅަށް ފެނޭ. ދަރިފުޅުވެސް ރަނގަޅު ވާހަކަ ޑޮކްޓަރުން ބުންޏޯ….ޝަރަފް ނުދާނަންތަ އަފާފްއާ ބައްދަލުކުރަން؟ އޭނަ ވަރަށް ބޭނުންވާނެ ޝަރަފް ދެކެން. ދާންވީއެއްނު ހަދިޔާއެއް ހަދައިގެން އޭނަ ކައިރިއަށް؟” ޝަބާ އޭނަ ދިން އުފާވެރިކަމުގެ ޚަބަރުގެ ތެރެއިން ޝަރަފާއި އަފާފް ވަކިވާން ޖެހުނު ސަބަބުގެ މަތިން ހަނދާން ނެތުނެވެ. އެ ސަބަބުގައި ޚުދު އޭނަ ވެސް ޝަރަފާއި ދެކޮޅުވުން އޮތްކަން ހަނދާން ނެތުނެވެ. އެ ހަނދާން އާވެގެން ދިޔައީ އޭނަ އެ ހުރިހާ ވާހަކައެއް ދެއްކުމުން ވެސް ކާމޭޒުދޮށުގައި އޭނައަށް ފަސްދީގެން އިން ޝަރަފް އޭނައަށް ބަލާވެސް ނުލުމުންނެވެ. ޝަބާއަށް ނޭނގުނު ކަމަކީ އެވަގުތު ޝަރަފްގެ ހިތުގައި ހައިޖާނެއް އުފެދިގެން ދިޔަކަމެވެ. އަފާފާއި ބައްދަލުކުރަންވީ ނޫންތޯ ސުވާލުކުރެވުމުން އޭނަ ފުންމައިގެން ގޮސް އާނއެކޭ ބުނަން ބޭނުންވިއެވެ. އަފާފަށް އޭނަ ފެނުމުގެ އެދުން އަފާފަށްޓަކައި ފުރިހަމަ ކޮށްދޭން ހިތް އެދުނެވެ. އަފާފަށާއި އޭނަގެ ދަރިފުޅަށް ވެސް އޭނަގެ ލޯބި އިޙްޞާޞް ކޮށްދިނުމުގެ ގޮތުން ހަދިޔާ ދޭން އިންތިހާއަށް ބޭނުންވެއެވެ. އޭނައަށް ލިބެން އުޅޭ ޢާއިލާވަނީ އޭނަގެ އަޅާލުމާއި ކިހާ ދުރުގައިކަން އެނގުންވާ ކޮންމެ ފަހަރަކު އޭނަގެ ހިތުގައި އަޅާ ވޭން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އޭނަ އަފާފަށްޓަކައި ފޮނުވާ ލާރިވެސް އަފާފާއި ހަމައަށް ނުފޯރާކަން އޭނައަށް އެނގުންވީ މިއަދެވެ. އެކަން އެނގުންވުމުން އޭނަ ހުސެއިންމެނަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ޝިނާޒް އޭނަ ނުހުއްޓުވިނަމަ އޭނައަށް އަތުން ފައިން ގޯހެއް ހެދުނީހެވެ. އެހެނަސް އޭނަ އެންމެ ފަހުން ޝިނާޒްގެ ބަސްއެހީ، ޒޯ މެދުވެރިވެގެން ވެސް ޝަރަފަށް އަފާފަށްޓަކައި ހަދިޔާ ފޮނުވިދާނެކަމަށެވެ. އެ ހަދިޔާއަކީ ޝަރަފް ދިން އެއްޗެއްކަން ނޭނގޭ ފަދަ ގޮތަކަށެވެ. އެ ގޮތުން ޝަރަފްގެ ހިތް ނުފުރުނެއްކަމަކު ކޮންމެވެސް އެއްގޮތަކުން އަފާފަށް އޭނަގެ ފަރާތުން އެއްޗެއް ލިބޭނެތީ ޙަމްދުކުރިއެވެ.

 

ޝަރަފް މާޔޫސްވެފައިވާ މޫނަކާއެކީ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“ވަކިވެފައިވާ މީހެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެއްނު؟ މިހާރު ޝަރަފް އެ އުޅެނީ އޮސްޓްރޭލިޔާއަށް ފުރަން. އޮސްޓްރޭލިޔާއިން އަދި އެއަށްވުރެ މާ ސަޅި ކުއްޖަކު ލިބިދާނެއެއްނު؟ ދޯ ޝަރަފް؟ ހެހެ…..” ޝިނާޒް ބުނެލި ވާހަކައިން ޝަރަފަށް ނުރުހުންވެފައި އޭނައަށް ބަލާލެވުނެވެ. ޝަރަފްގެ މޫނުމައްޗަށް ވެރިވި އެ ކުލަވަރު ނުފެނުނު ޝަބާއަށް ޝިނާޒްގެ އެ ވާހަކައިގެ މާނަ ނެގުނީ މުޅިން ނުބައި ކޮށެވެ.

 

**

 

“އެރޭ ޝަރަފް ހުރީ ހަމަ ގައިމުވެސް ވަރަށް ދެރަވެފަ. ދެލޯ ވެސް ދުޅަވެފަ ހުރި ގޮތުން އޭނަ އައީ ރޮއިފައިކަން އެނގޭ. ހީކުރީ އަފާފްމަތިން ހަނދާންވެގެން ކަމަށް. އެކަމަކު ޝިނާޒް ދެއްކި ވާހަކަތަކުން ހުރިހާ ކަމެއް އޮޅުން އަރައިފި. އަދި ޝަރަފްވެސް އެ ވާހަކަ ތަކަށް އެއްޗެކޭ ނުބުނީމަ ދެން…….” ޝަބާ އެހާ ހިސާބަށް ވާހަކަ ދައްކާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ފަދައަކުންނެވެ. އޭނަ ދެއްކި ވާހަކަތަކުން އެ ވާހަކަތަކާމެދު އަފާފަށް ވިސްނުނެވެ. ޝިނާޒް ބުނިކަމަށް ޝަބާ ބުންޏަސް ހަމައެކަނި ޗުއްޓީއަކަށްޓަކައި ޝަރަފް އޮސްޓްރޭލިޔާއަށް ދާން ނިންމައިފިކަމަށް ޤަބޫލުކުރަން އޭނައަށް ދަތިވިއެވެ.

 

**

 

އޮސްޓްރޭލިޔާގެ ގަޑިން ހަވީރު 4:00 ޖެހި ވަގުތު ޝަރަފް އިނީ ޒޯގެ ބައްޕަ ފްރެޑްގެ ތަނަވަސް އޮފީހުގެ ވެއިޓިންގް ރޫމުގައެވެ. އޭނަ މިތާނގައި ހުންނަން ޖެހުނީ ޝިނާޒް ސިފަކުރާ ގޮތުން ވިއްޔާ ފްރެޑްގެ “ގޮތް ބޮޑު” ކަމުންނެވެ. ޝިނާޒް ބުނި ގޮތުގައި އެހެންޏާ ފްރެޑްވަނީ ޝަރަފްގެ އެ ރިސޯޓުގެ ޕްރޮޖެކްޓާއިމެދު ޤަބޫލުވެސް ވެފައެވެ. އެހެނަސް އަމިއްލައަށް ޝަރަފަށްޓަކައި ޓިކެޓް ގަނެދީގެން ޝަރަފް ހަމަ އެ އޮފީހަށް ގެންނާނީ ގޮތް ބޮޑު ނޫން ދެން ކޮން ގޮތެއްވެގެންތޯ ޝިނާޒް ސުވާލު އުފެއްދިއެވެ.

 

އެ ސުވާލާއިމެދު ޚުދު ޝަރަފަށް ވެސް ވިސްނެމުން ދަނިކޮށް އެންމެ ފަހުން ފްރެޑްގެ ކެބިންއަށް ވަނުމަށްޓަކައި އޭނަގެ ނަމުން ގޮވާލެވުނެވެ. ޝަރަފް އާދައިގެ ހިނގުމެއްގައި ގޮސް ހުއްދައަށް އެދުނެވެ. ހުއްދަދިނީ އެ ކެބިންގެ މެދަށްވާގޮތަށް ހުރި މޭޒުދޮށުގައި އިން ބިޔަ ފިރިހެނެކެވެ. އެ ކެބިންއަކީ ވަށައިގެން ބިއްލޫރި ޖެހިފައިވި ކެބިންއެކެވެ. އެހެންކަމުން ބޭރުން ވެހެމުން ދިޔަ ވާރޭ ހުވަފެނީގޮތަކަށް ދެފަރާތުން ފެންނަމުން ދިޔައެވެ. ޝަރަފް އެ މަންޒަރށް ކަޅި ހިންގަމުން ވަދެގެން އައިސް އެމީހާގެ ކުރިމަތީގައި އިށީނެވެ. ޕްރޮޖެކްޓް ތަޢާރަފު ކޮށްދޭށޭ ބުނުމުން ޝަރަފް އޭނަ ގެނައި ފައިލާއި، ޝިނާޒް ގެނައި ލެޕްޓޮޕްގެ އެހީގައި އޭނަގެ ރިސޯޓަކީ ކޮން ކަހަލަ ރިސޯޓެއްކަމާއި، ރިސޯޓު ހުންނާނެ ގޮތާއި ރިސޯޓުން ލިބޭނެ ފައިދާތަކެއްގެ އަންދާޒާއެއް ފްރެޑްއަށް ދެއްކިއެވެ. ފްރެޑް ނުހަނު ޝައުޤުވެރިކަމާއެކީ އެ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ސުވާލެއްކުރިއެވެ.

 

“އަސްލު ތި ރިސޯޓު ހަދަނީ ކީއްކުރަންތަ؟ މުއްސަނދިވާން؟ ތެދުތެދަށް ބުނައްޗޭ! ޢާއްމުގޮތެއްގަ މީހުން ވިޔަފާރި ހަދަނީ ފައިދާއެއް ހޯދަން ވެގެން.” ފްރެޑް އެހެން ބުނުމާއެކު ޝަރަފް ވާހަކަދެއްކިއެވެ.

 

“ނޫން. އަސްލު މި ޕްރޮޖެކްޓް ފެށީ މިކަހަލަ ރިސޯޓެއް ރާއްޖޭގަ ނުހުންނާތީ. މިފަދަ ތަނަކުން ފައިދާވާނެ ވަރު ސާބިތުކޮށްދޭން ބޭނުންވާތީ. އަދި މިއިން ލިބޭ ފައިދާގެ ބަޔަކުން މުޖުތަމަޢުގައި ދަތި އުނދަގޫ ކަންތައްތަކާއެކީ އުޅޭ މީހުންނަށް ވެސް އެހީ ލިބޭގޮތަށް.” ޝަރަފް ކިޔައިދިނެވެ.

 

“އެއީ ކީއްކުރަން އެމީހުންނަށް ދެނީ؟ މުއްސަނދި މީހުން ބޭނުންކޮށްފަ ބާކީ ހުންނަބައި ފަޤީރުންނަށް ލިބޭނެއެއްނު؟” އެމީހާ ސުވާލުކުރިއެވެ.

 

“އެހެން ހެދީމަ ފައިސާ ހުންނާނީ ހަމައެކަނި މުއްސަނދިންގެ އަތުގަ. އެގޮތަށް ކަންތައް ކުރުން އެއީ ﷲ ރުހިވޮޑިގެންވާ ގޮތެއްނޫނ….” ފްރެޑްގެ ކުރިމަތީގައި ﷲ ގެ ނަންފުޅު ނަންގަނެވުމުން ޝަރަފް ހިސާބަކަށް ޖެހިލުންވާގޮތްވިއެވެ. ފްރެޑް އިރުކޮޅެއް ވަންދެން ދެބުމަ ކައިރި ކޮށްގެން ޝަރަފަށް ބަލަން އިންގޮތުން ޝަރަފްގެ ނުތަނަވަސްކަން އިތުރުވިއެވެ. އޭނައަށް ދެންމެ އެ ނަންފުޅު ބުނެވުމުގެ ސަބަބުން އޭނައަށް ލިބެން އުޅުނު ޑީލްވެސް ގެއްލުނީތޯ ހިތަށްއެރިއެވެ. އެހެނަސް ސިކުންތުކޮޅެއްފަހުން ފްރެޑް ހިނިތުންވެލީތަން ފެނިފައި ޝަރަފް ޙައިރާންވިއެވެ.

 

“ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ ފައިދާގެ 3 ބައި ކުޅަ އެއްބައި ލިބޭނީ ޝަރަފަށް. ޑީލް؟” ފްރެޑް އެހެން ބުނެލަމުން އަތް ދިއްކޮށްލިއެވެ. އެ ހިނދު ޝަރަފަށް ޤަބޫލުކުރަން ވެސް ދަތިވެ އިނދެފައި ފްރެޑްއާއެކީ ތެދުވެލަމުން އޭނައާއި ސަލާމްކޮށްލެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ.

 

ނުނިމޭ

The post Noor (Part 59) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-59/feed/ 0 1153
Noor (Part 58) https://blog.storiesbyjana.com/noor-part-58/?utm_source=rss&utm_medium=rss&utm_campaign=noor-part-58 https://blog.storiesbyjana.com/noor-part-58/#respond Mon, 26 Apr 2021 12:07:30 +0000 https://blog.storiesbyjana.com/noor-part-57-copy/

“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން […]

The post Noor (Part 58) appeared first on Stories by Jana.

]]>

“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ. އެއާއެކު ޒޯއާއި ޝިނާޒް އެކުއެކީގައިހެން ސިހުންވާގޮތްވިއެވެ. ޝަރަފް ރުޅިވެރިކަމާއެކީ ފުން ނޭވައެއް ލާން ފެށުމުން އެދެމީހުންނަށް ބަލަހައްޓައިގެން ތިބެވުނެވެ. ހިމޭންކަމުގެ އެ ވަގުތުކޮޅުގައި ޝަރަފް ދިވެހި ބަހުން ދެއްކި ވާހަކަ ތަކުގެ ތެރެއިން އިވުނު ނަމަކުން ޒޯއަށް ވިސްނުމެއްގެ ތެރޭގައި ހުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޝަރަފް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެއާއެކު ޝިނާޒަށް ވެސް އޭނަގެ ފައިމައްޗަށް ތެދުވެލެވުނެވެ.

 

“ދުވަހެއްގެ ކޮޅުން ވެސް އޭނަ އަފާފާއި ކައިރިވިޔަ ނުދޭނަން މަށެއް!” ޝަރަފް ދަތްކުނޑި ވިކަމުން ޝިނާޒާއި ދިމާލަށް އެހެން ބުނެލީ އެފަދަ ވާހަކަ ދެއްކީތީވެސް އޭނަ ޝިނާޒަށް ރުޅި އައި ފަދައަކުންނެވެ. އެއަށްފަހު އޭނަ ދެވަނަ ވިސްނުމެއްވެސް ނެތި އެޕާޓްމެންޓުން ނިކުންނަން ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ އޭނަގެ ޒަޚަމްތަކުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ޕްލީޒް! މިރޭ ޝަރަފް ބޭރަށް ދިޔުން ރަނގަޅެއްނޫން!” ޝިނާޒް ޝަރަފާއި އެއްވަރުގެ ފިޔަވަޅުތައް އޭނައާއި ދިމާލަށް އަޅަމުން ބުނެލިއެވެ. އެ ހިނދު ދޮރާއި ހަމައަށް ދެވިފައި ހުރި ޝަރަފް ފަސްއެނބުރި ބަލާލިއެވެ.

 

“އެމީހުން މަ މެރިޔަސް މަ މިރޭ ދާނަން ބޭރަށް. މަގޭ އަންހެނުން އޮތީ ހޮސްޕިޓަލުގަ. ބަޔަކު މީހުން ދޮގު ރިޕޯޓެއް ދައްކައިގެން އޭނަގެ ސާޖަރީއެއް ހައްދަނީ. އެ ހޭބަލިވެފައިވާ މީހުން ނުވިސްނާ އޭނަގެ ބަނޑުގަ އޮތް ދަރިފުޅަށް ވާނެ ގޮތަކާމެދު ވެސް. މިހާރު މާ ލަސްނުވާ ކަމެއްވެސް އަހަންނަށް އެނގެނީއެއްނޫން…” ޝަރަފަށް އޭނަގެ ފަހު ޖުމްލަ ބުނެލެވުނީ ފެންކަޅިވެފައިހުރެ ކުރެހިފައިވާ އަޑަކުންނެވެ. ޝަރަފް ދެއްކި ވާހަކައިން ޝިނާޒަށް ހިމޭނުން ހުރެވުނު ވަގުތުކޮޅުގެ ބޭނުން ހިފައި އަނެއްކާވެސް ޝަރަފް އޭނައަށް ފަސްދީފައި ދޮރު ހުޅުވަން އުޅުނެވެ. ޝިނާޒް އަނެއްކާވެސް ޝަރަފަށް ގޮވައި ހުއްޓުވަން އުޅުނު ވަގުތު ޒޯ ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

 

“ޝަރަފް! އަހަންނަށް ހީވަނީ އަހަންނަށް އެބައިނގޭހެން ޝަރަފްގެ އަންހެނުން. މީގެ ގަޑިއިރެއްހާއިރު ކުރިން އޭނަގެ ސާޖަރީއެއް ހެއްދުނީ. އެކަމަކު އަލްޙަމްދުލި ﷲ އޭނަވެސް އޭނަގެ ދަރިފުޅުވެސްވަނީ ރަނގަޅު ޙާލަތެއްގަ. ދަރިފުޅުވެސް ރަނގަޅު. އަދި މިހާރު އަފާފްގެ ލޮލަށް ފެންނަން ވެސް ފެނޭ.” ޒޯ، ޝަރަފް ދެއްކި ވާހަކަތަކުގެ ތެރެއިން ސާޖަރީއެއްގެ ވާހަކަ އައުމުން އޭނަގެ ހީ ޔަޤީނަކަށް ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ. އޭނަ އެ ޚަބަރު ދިނީ އެއީ މާ ބޮޑު ޚަބަރެއްކަމަށް ހީނުކޮށެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ ޚަބަރު އިވުނު ޝަރަފްގެ ހިތަށް އަރާ ފައިބަމުން ދިޔަ އަސަރުތަކެވެ. އެތައް ދުވަހެއްފަހުން އޭނަގެ މޭތެރޭގައި އަޅަމުން ދިޔަ ވޭންތަކަށް ފިނިކަމެއް އިޙްޞާޞް ކުރެވުނުހެން ޝަރަފަށް ހީވިއެވެ. ހިތަށްވެރިވި އުފާވެރިކަމެއްގެ ސަބަބުން ޝަރަފަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެ ހިނދު އުފާވެރިކަމުގެ ކަރުނަތަކުން އޭނަގެ ލޯ ފެންކަޅިވެފައިވިއެވެ. މިއަދު ފުރިހަމަވެގެން އެ ދިޔައީ އޭނަ ހާދަ ދުވަހެއް ވަންދެން އުއްމީދު ކޮށްގެން ހުރި ކަންތައްތަކެވެ. މިއަދު އެ ވަނީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނުއިރު ދެކުނު ހުވަފެންތައް ޙަޤީޤަތަކަށް ބަދަލުވެފައެވެ. އިސާހިތަކު ﷲ އަށް ޙަމްދުކުރެވުނު ވަގުތު އޭނަގެ އުފާވެރި ޙަޔާތް އޭނައަށް އެވަގުތުކޮޅުގައި ވެސް ސިފަކުރެވުނެވެ. އޭނައާއި އަފާފް ނުހަނު އުފަލުގައި ދެމީހުންގެ ދަރިފުޅާއެކީ އުޅޭ މަންޒަރެވެ. އެ ޚިޔާލުތަކުގެ ތެރެއިން މިއަދު އޭނަ އަފާފްގެ ކުރިމައްޗަށް ގޮސްފިނަމަ އަފާފަށް އޭނަ ފެންނާނެތާއޭ އޭނަގެ ހިތަށްއެރިއެވެ. އަފާފްވެސް އޭނަ ދެކެން ބޭނުންވާނެއޭ ހިތަށް އެރި ތަނާހެން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ޖަޒާކި ﷲ ޚައިރަން އަހަންނަށް ތި ޚަބަރު ދިން ކަމަށްޓަކައި. ޝިނާޒް އަހަރެން މިދަނީ އަފޫ ބަލަން! އަދި އެބަ އަންނަން ޝިނާޒްއާ ބައްދަލުކުރަން.” އިނގިރޭސި ބަހުން ޒޯގާތު ފުރަތަމަ ޖުމްލަ ބުނެލުމަށްފަހު ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ ޝިނާޒާއި ވާހަކަ ދެއްކީ އެރޭ އޭނައާއިމެދު އެއްވެސް ކަމެއް ހިނގިކަން ވެސް ހަނދާން ނައްތާލަމުންނެވެ. އަދި އެވަގުތު އޭނަ ހުރި ޙާލަތާއިމެދު ވެސް ވިސްނާލުމެއްނެތިއެވެ. އޭނަ ތިންވަނަ ފަހަރަށްވެސް އެ އެޕާޓްމެންޓުން ނިކުންނަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“ނޯ ބްރޯ ޔޫ ކާންޓް ގޯ! އެނގޭ މިވަގުތު ވައިފް ދެކެން ވަރަށް ބޭނުންވާނެކަން އެކަމަކު ނުދާށޭ މި ބުނަނީ ވަކި ސަބަބަކަށްޓަކައި. އެއީ ވަކި އެމީހުންގެ ފަރާތުން ޝަރަފަށް އަނިޔާއެއް ލިބޭނެތީވެއެއްނޫން. ވިޔާމް އަހަރެން ފެނިފަ މިހާރު ހުންނާނީ ޖެހިލުންވެފަ. އަހަންނަކީ ވަރަށް ގިނައިން ދޮންބައްޕައާ އެކީ އުޅޭ މީހަކަށްވީމަ ވިޔާމަށް ހީވެފަ އޮންނަނީ އަހަންނާ ދޮންބައްޕަ އުޅެނީ އެއްރޭވުމެއްގަ ހެން. ވިޔާމްގެ އެ ހީވުމުގެ ސަބަބުން އެއްދުވަހު އަހަންނާ ދެކެވުނު ވާހަކައަކުން އަހަންނަށް އެނގުނީވެސް ދޮންބައްޕަގެ ނުބައި ނިޔަތްތައް. އެއަށްފަހު އަހަރެން ހުރީ ނޫންކަމަށް ހަދައިގެން. މި ރޭވުމާ ބެހޭގޮތުން އިތުރަށް އެނގޭތޯ ބަލަންވެގެން. އެކަމަށްޓަކައި އަހަރެން ދޮންބައްޕަ ގެ ބައެއް ފޯނުތައް ނަގަން ފެށިން. ކުރީކޮޅު އަހަރެން ވެސް ދޮންބައްޕަގެ ރޭވުންތަކާއި އެއްބައިވެގެން އުޅުނިން. އެކަން ކުރަން ފަށައިގެން އުޅެނިކޮށް ޒޯ މުސްލިމްވީ. އެއަށްފަހު އެ އުޅުން ބަދަލުކޮށްލަން ވަރަށް ހިތަށްއެރި. އެކަމަކު ތައުބާ ނުވާންވެގެން ހުރީ. އެހެން ހުއްޓާ އަހަންނަށް އިވުނީ ވިޔާމްމެން ޝަރަފްގެ ދުވަސް ދުއްވާލަން ބޭނުންވާ ވާހަކަ. އެހާ ހިސާބުން ދެން…….އެ ތައުބާއެއް ނުވިޔަސް އަހަރެން މި އައީ ޝަރަފް ސަލާމަތް ކޮށްދޭން. ވަކި ތް..ތައުބާއެއްގެ ސަބަބުންނެއްނޫން އަހަރެން މިއައީ.” ޝިނާޒް ވާހަކަ ދެއްކީ އޭނަ ތައުބާވިކަން ފޮރުވަން އުޅޭ ފަދައަކުންނެވެ. އޭނަ ތައުބާގެ ބަސް ބުނިއިރު ހުރި ޖެހިލުންކަން ފާހަގަވުމުން ފުރަގަހުގައި ހުރި ޒޯއަށް ހިނިތުންވެލެވުނެވެ. ޝިނާޒް އުޅެނީ އޭނަ ނަމާދު ކުރަމުން ދާ ވާހަކަ އަދިވެސް ފޮރުވަންކަން އޭނައަށް ޔަޤީންވިއެވެ. އެއީ ޖެހިލުންވާންޖެހޭ ކަމެއް ނޫންކަމަށް ޒޯ އެވަގުތު ވެސް ބުނަން ބޭނުންވިއެއްކަމަކު އޭނަ ނުބުންޏެވެ. ޝިނާޒަށް ވަގުތު ދިނުމަށްޓަކައެވެ. އަދި އެކި ހިތްތަކުގައި ހުންނަ އީމާންތެރިކަމުގެ ވަރުގަދަކަން ވެސް ތަފާތުވާނެކަން ހަނދާން ކުރަމުންނެވެ. ބަޤަރާ ސޫރަތުގައި ގާތަކެއްގެ މިސާލުން ސިފަކުރައްވާފައިވާ ފަދައިންނެވެ.

 

“އޯ….ކޭ…..ކޮންމެ ސަބަބަކަށްޓަކައި ޝިނާޒް މިކޮޅަށް އަޔަސް މަށަށް ދެވިދާނެއެއްނު އަފޫ ބަލަން؟ އެހެންނޫނަސް ޝިނާޒް މިހާރު ވިޔާމް ބިރުގަންނަވާލައިފީމެއްނު؟” ޝަރަފް އެހިއެވެ. އެއާއެކު ޝިނާޒް އިހުނަށްވުރެ ބޮޑަށް ސީރިއަސްވެލިއެވެ.

 

“ވިޔާމް ބިރުގަންނަވާލީމަ އަދި ނުފުދޭ. ވިޔާމް އެކަންޏެއްނޫން ދޮންބައްޕައަށްޓަކައި މަސައްކަތް ކޮށްދެނީ. ޠޮލާލްމެންނާ ހަނާމެންނާ…..މީ ހުސް އެއްބައެއް. ޠޮލާލްމެންވެސް ދަނީ ރިސޯޓުގެ އެކި ބައިތައް ހަލާކު ކުރަމުން. ޝަރަފަށް ފާހަގަވެސް ނުކުރެވޭހާ ލަސްލަހުން. ފާހަގަ ކުރެވޭވަރަށް ހަލާކު ކުރެވުމުން އެމީހުން ބޭނުންވަނީ ޝަރަފާއި ނަބީހާއި ދެމެދު ވެސް މައްސަލަތައް އުފައްދަން. އެހެންނޫނީ  އެހެންނުވެއްޖެނަމަ ކުރިން ބުނިހެން ހުސެއިންގެ ނަންމައްޗަށް އެ ރިސޯޓު ބަދަލުކުރަން. ޝަރަފް ހުސެއިނަށް ބަރޯސާވުން ހުއްޓާލަންވީ މިހާރުން މިހާރަށްވެސް. ޙަޤީޤަތުގަ ޝަރަފް މި ދުވަސްކޮޅު އަފާފާއި ވަކިވެފަ ތިވަނީ ވެސް ރަނގަޅަކަށް. އަފާފާއި އެކީގަ ހުރިއްޔާ މި ހުރިހާކަމެއްގެ ސަބަބުން އަފާފަށްވެސް އުނދަގޫތައް ފޯރުން އެކަށީގެންވޭ. މިހާރު ވެސް ކަންތައް ވެފައިވަނީ ކިހާ ދެރަކޮށް؟ ނަސީބަކުން މިފަހަރު އަފާފް ސަލާމަތްވީ. އެކަމަކު ކޮންމެ ފަހަރަކު އެހާ ނަސީބު ރަނގަޅުވާނެތަ ޝަރަފް؟ ނުވާނެ! އަދި ދުވަސްކޮޅަކުން ދޮންބައްޕަ އަމިއްލައަށް މިކޮޅަށް އައިސް ރާވާނެ ރޭވުންތައް އެނގެނީއެއްނޫން. އެމީހުން އަފާފަށް ވަރަށް ބޮޑަށް ރުޅި އާދޭ އަފާފްގެ ސަބަބުން ޝަރަފަށް ހިތްވަރެއް ލިބެންޏާ. އޭގެ ސަބަބުން ބޮޑަށް އަފާފް އަންދާލަން ދޮންބައްޕަ އެދުވަހު އެންގީވެސް. އެހެންވީމަ މި ދުވަސްވަރު އަފާފާއި ދުރުގަ ހުރުން ރަނގަޅީ. އެހެންނޫނަސް ޝަރަފް އަފާފާ އެކީގަ ހުރިއްޔާ އެންމެންނަށް ވެސް އެނގޭނެ ޝަރަފަށް ހުސެއިންގެ ޢާއިލާގެ ކޮންމެވެސް އެއްކުންފުންޏަކުން އެހީ ލިބުނުކަން. ދޮންބައްޕައަށް ވެސް އެހެން ބުނުމުގެ ފުރުޞަތެއް އޮންނާނެ….އަދި އޭގެ ސަބަބުން ދޮންބައްޕަގެ މަޤްޞަދު ޙާޞިލުކުރަން ފަސޭހަވާނެ. އެހެންވިޔަ ނުދީ ޝަރަފް. ރިސޯޓު އެޅުމަށްޓަކައި ވާންވީހާ އެހީއެއް އަހަންނާއި ޒޯމެންގެ ޢާއިލާއިންވާނެ. ޒޯގެ ބައްޕައަކީ މުސްލިމަކަށް ނުވިޔަސް މި ޚިޔާލު ބައްޕައަށް ވަރަށް ކަމުދޭ. ބައްޕަ ވަނީ ބޭނުމިއްޔާ މި ޕްރޮޖެކްޓަށް ވީވަރަކުން އެހީވެދޭނެކަމަށް ބުނެފަ. އަހަރެންވެސް މިހާރު އެ ބާރތަކުގެ ވިޔަފާރި ހުއްޓާލައިފިން. އެއްގޮތަކަށް ވެސް މިކަމަށް އެހީވާނީ އެ ފައިސާއިންނެއްނޫން. ހެޔޮ ކަމަކަށް އެހީ ވެދޭނީ ހެޔޮ ގޮތުގަ ހޯދިފައިވި ފައިސާއިން.” ޝިނާޒް ބުނެލިއެވެ. އެއަށްފަހު އޭނަ ޝަރަފަށް ބަލަހައްޓައިގެން ހުރެ ކިޔާލީ ދެމީހުންގެ ވެސް ބައްޕަ  ބައްޕަގެ އަޑުދަށުން އެމީހުން ލައްވާ ކިޔުއްވާ ދުޢާގެ އެއްތަންކޮޅެވެ. އެއީ ޙަލާލް ރިޒްޤަށް އެދި ކުރެވޭ ދުޢާއެކެވެ. އެ ދުޢާގެ އަޑު އިވިފައި ޝަރަފްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އެ ދުޢާގެ ބަޔާއެކީ އަނެއްކާވެސް އޭނަގެ ހިތުގައި ރިސޯޓެއް އެޅުމަށްޓަކައި އުފެދިފައިވި ޢަޒުމް ވަރުގަދަވެގެން ދިޔައެވެ. އޭނަ އެކަން ކުރަނީ ކީއްވެގެންކަން ހަނދާނަށް އައުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އަފާފްމަތިން ހަނދާން ނެތުނެއްކަމަކު މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔައެވެ. ދެންމެ ޝިނާޒް ދެއްކި ވާހަކަތަކުން އޭނަގެ ބުމަގޮށްޖެހުނީ ނުރުހުންވީ ވަރުންނެވެ. އޭނައަށް އަނިޔާއެއްދޭން އުޅޭ މީހުން އަފާފަށް ވެސް ކޮންމެހެން އަނިޔާއެއް ދޭންއުޅޭކަން އެނގުންވުމުންނެވެ. އޭނަ އެއްގޮތަކަށް ވެސް އެގޮތް ބޭނުމެއްނުވިއެވެ. އެހެނަސް އަފާފް އެމީހުންގެ ވަކިތަކުން ސަލާމަތް ކުރުމަށްޓަކައި އޭނަ ވާންޖެހޭ ޤުރުބާނީ އެނގުންވުމުން ޝަރަފްގެ މޫނުމައްޗަށް  ހިތާމަވެރިކަން ވެރިވިއެވެ.

 

“ދެރަ ނުވާތި ޝަރަފް. ޝަރަފަށް މިއަދު އަފާފް ނުފެނުނަސް ދެން އަފާފް ފެންނަ ދުވަހަކުން އިރާދަކުރެއްވިއްޔާ ފެންނާނީ މާ އުފާވެރި ގޮތަކަށް. މިއަދަކީ ޝަރަފް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަންވީ ދުވަސް. އެއްވެސް މީހަކަށް ޝަރަފްގެ ބޯމަތިން ނުހިނގޭނެހާވަރު ކުރަންވީ ދުވަސް. އެއަށްފަހު މެދުކެނޑުމެއްނެތި އަފާފާއެކީގަ ހޭދަކުރާނެ ދުވަސްތައް ލިބިގެންދާނެ. އަފާފަށް މާ ގިނަ ދަތިތަކެއް ކުރިމަތިނުވެ ފަސޭހަކަމާއެކީ ދަރިފުޅު ލިބިގެންދާނެ. ޝަރަފް ބޭނުމެއް ނުވޭތަ އެގޮތެއް؟” ޝިނާޒް މަޑުމައިތިރި އަޑަކުން ޝަރަފާއި އަޅާލާ ފަދައަކުން ވާހަކަ ދެއްކިއެވެ. އެހެންކަމުން ޝަރަފަށް އެ ސުވާލުގެ ޖަވާބު ޔަޤީންވާން މާ ގިނައިރެއް ނުނެގިއެވެ.

 

“ބޭނުން.” ޝަރަފް އެހެން ބުނެލީ ސާބިތުކަން ވެރިވެފައިވި މޫނަކާއެކީގައެވެ.

 

އަފާފް ހޮސްޕިޓަލުން ދޫކޮށްލެވުނީ އޭގެ ހަފްތާއެއްހާ ދުވަސްފަހުންނެވެ. ހޮސްޕިޓަލުން ދޫކުރެވުނު ވަގުތު އަފާފްގެ ހިތަށް ވެރިވެފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. މިއީ އޭނަގެ ޙަޔާތުގައި ފެށިގެންދާ އާ ބާބެއްކަން އޭނައަށް އެނގުންވާ ފަދައެވެ. ހޮސްޕިޓަލުން ގެއަށް ދިޔަ މަގުމަތީގައިވެސް ދެން އޭނައަށް ވިސްނެމުން ދިޔައީ އޭނަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. އޭނަގެ ޙަޔާތުގައި އައިސްފައި މިވާ ފައްތަރު ބަދަލުކުރުމަށްޓަކައި ކުރެވިދާނެ ކަމަކާމެދު އޭނައަށް ފިކުރު ކުރެވެމުން ދިޔައެވެ. ފިކުރު ކުރި ވަރަކަށް އޭނަގެ ޚިޔާލުތައް ޚުދު އޭނަގެ މަންމައާއި ބައްޕައާއި ދެކޮޅުވަމުން ދިޔަ ގޮތުން އޭނަ ޖެހިލުންވެސްވަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ވެސް އިޙްސާންތެރިވެ، ޙަޤީޤަތާއި ހަމައަށް ގޮސް ޝަރަފަށް ބޭއިންސާފުން ކަންތައް ވެފައިވާނަމަ އޭނައަށް އިންސާފުވެރިވުން މުހިއްމު ކަމަށް އަފާފަށް ނިންމުނެވެ.

 

އަފާފް ގެއަށް ދިޔައީ އެދުވަހުން ދުވަހަށް ވެސް އޭނަގެ ހިތަށްވެރިވަމުން ދިޔަ ކަންތައް ކުރަން ކަމަށްވިޔަސް، ގެއަށް ވަދެވުމާއެކު އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. ގޭގެ ސިޑިން އަރަން އުޅުނު ވަގުތު އޭނަގެ ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ރޭ ޝަރަފް އޭނަގެ އަތްދަނޑިމައްޗަށް އޭނަ އުފުލައިގެން މައްޗަށް އެރި ގޮތެވެ. އެ ސިޑީގެ ކޮންމެ ހަރުފަތެއް ގިރާ ކުރަމުން ދިޔައިރު އޭނައަށް އެ މަންޒަރު އިއްޔެވީ ކަމެއްހެން ސިފަވަމުން ދިޔަ ފަދައެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރީގެ ދޮރު ކުރިމަތީގައި އޭނައަށް މަޑުކޮށްލެވުނީ މިއީ އެތައް ދުވަހެއް ވަންދެން އޭނައާއި ޝަރަފް އެކީގައި ޙިއްސާކުރި ކޮޓަރިކަން އެނގުންވުމުންނެވެ. ލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އަފާފް އެ ދޮރުގެ ތަޅު އަނބުރައި ހުޅުވާލިއެވެ. އެއަށްފަހު ލަސްލަހުން އެކޮޓަރިއަށް ވަދެ ވަށައި ބަލަންފެށީ މިއީ އޭނައަށް މުޅިން އާ ކޮޓަރިއެއްހެން ހީވާ ފަދައަކުންނެވެ. އެ ކޮޓަރިއާއި ގުޅިފައިވި ހަނދާންތަކުން އަފާފަށް އެއީ މުޅިން އާ ތަނަކަށް ވެފައިވި ފަދައެވެ. ކޮޓަރީގެ ކޮންމެ ކަނަކަށް ބަލާލުމުން ވެސް އޭނަގެ ޚިޔާލުތަކަށް ވެރިވަމުން ދިޔައީ އޭނައާއި ޝަރަފް އެކީގައި ހޭދަކުރި ވަގުތުތަކެވެ. ދެމީހުން އެކީގައި ކުރި ސަމާސާތަކެވެ. ހީލި ހިލުންތަކެވެ. އެ ޚިޔާލުތަކުގެ ތެރެއިން ޝަރަފްގެ ސޫރަ އޭނައަށް ސާފު ނުވުމުން ކުއްލިއަކަށް އެ ސޫރަ ދެކިލުމުގެ އެދުން އޭނަގެ ހިތުތެރޭގައި ބޮޑުވިއެވެ. ޝަރަފް އޭނައަށް ފެނިދާނެ ގޮތަކާމެދު ވިސްނާލުމުން އޭނަގެ ހަނދާނަށް އައީ ޝަރަފް އޭނަ ގާތު ބުނި ފޮޓޯ އަލްބަމްގެ ވާހަކައެވެ. ކައިވެނީގެ ރޭ ނެގުނު ފޮޓޯތައް އަލްބަމަކަށް އެއްކޮށްފައިވަނީ އަފާފްގެ ލޮލުގެ ފެނުން ލިބޭ ދުވަހަކުން އަފާފަށް އެ މަންޒަރުތައް ސިފަކުރެވޭނެހެން ކަމަށް އޭނަ ބުނެފައިވެއެވެ. އެ ހަނދާން އާ ކޮށްލަމުން އަފާފް ލަސްތަކެއް ނުކޮށް ގޮސް ހެދުން އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެ ބަޔަކީ ޝަރަފްގެ ބަޔަށްވެފައި އެ ބައި މުޅިން ހުހަށް ހުރި މަންޒަރު ފެނިފައި އަފާފްގެ މޭގައި ރިހުމެއް އުފެދުނެވެ. ޝަރަފް އެ އަލްބަމް ބޭއްވީ މަތީގައި ކަމަށް ބުނި ހަނދާންވެފައި އަފާފް މައްޗަށް އަތް އުފުލާލަމުން އެތާ މަތީގައި އަތް ޖެއްސިއެވެ. އެހެނަސް އެއްވެސް އެއްޗެއް އަތުގައި ނުޖެހުމުން އަފާފްގެ ހިތް މާޔޫސްވާން ފެށިއެވެ. އަފާފަށް ޤަބޫލު ނުކުރެވިގެން ދުރަށް ޖެހިވެސް އެ އަލަމާރީގެ މަތީ ބައިގައި އެއްޗެއް ހުރިތޯ ބެލުނެވެ. އެހެނަސް އެތާނގައި ހަމަ އެއްވެސް އެއްޗެއް ނެތްކަން ޔަޤީންވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ޝަރަފް އޭތި ގެންދިޔައީ އޭނަ އޭތި ބަލަން ބޭނުން ނުވާނެކަމަށް ނިންމައިގެންތޯ ހިތަށްއެރިއެވެ. އޭނަ ޝަރަފާއި އެހާވެސް ދުރުވާން ބޭނުންވާހެން ޝަރަފަށް ހީވަނީ ހެއްޔެވެ؟ ހިތަށް ވެރިވާން ފެށި ސުވާލުތަކުން އަފާފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެހެނަސް އަފާފް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން ދެންވެސް އެ އަލްބަމް ފެނޭތޯ ހޯދިއެވެ. އަލަމާރީގެ ދެން ހުރި ބައިތައް ވެސް ހުޅުވައިގެންނެވެ. ކޮޓަރީގައި ހުރި އެހެނިހެން ކަބަޑުތަކާއި ވަތްގަނޑުތައް ވެސް ހުޅުވައިގެންނެވެ. އެއްވެސް ތަނަކުން އެކަހަލަ އެއްޗެއް ނުފެނުމުން އަފާފް އޭނަގެ ލެޕްޓޮޕް ހުޅުވައި ފޯނުން ވެސް ޝަރަފްގެ ފޮޓޯއެއް ފެނޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލެޕްޓޮޕުން އެފަދަ ފޮޓޯއެއް ނުފެނުނު ތާނގައި އޭނަގެ ފޯނުވެސް ވަރަށް ފަހަކަށް ރީސެޓް ކޮށްފައިވުމުން އެއިން ވެސް އަފާފަށް އޭނަގެ ހިތުގެ އެދުން ފުރިހަމަ ކުރެވޭ ގޮތެއްނުވިއެވެ. މާޔޫސްވެފައިވި ހިތަކާއެކީ އަފާފް އޭނަގެ ގޮނޑިއަށް ލެނގިލި ވަގުތު ފާރުގައި ހަރުކުރެވިފައިވި ފެހި ކުލައިގެ ބޯޑު އޭނަގެ ލޮލުގައި އެޅިއެވެ. އެއީ ހަމަ ގައިމުވެސް އޭނަގެ ލޯ އަނދިރިވީފަހުން އެ ކޮޓަރިއަށް އައި އާ ބަދަލެކެވެ. އެ ބޯޑަކީ ޝަރަފާއި އަފާފާއި ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ނިންމުނު ނިންމުމެކެވެ. އެއީ ދުވަހެއްގެ ތެރޭގައި ދެމީހުންކުރެ މީހަކު ކިޔާ ފޮތަކުން އެހެން ނޫނީ އަޑުއަހާ އެއްޗަކު ލިބޭ ޢިބްރަތެއް ލިޔެ، ހަރުކޮށްފައިވާ ބޯޑެކެވެ. ބޯޑުގެ އެކި ތަންތާނގައި ޝަރަފް ކުރަން ޖެހޭ ކަންތައް ލިޔެވިފައިވި ގަނޑުކޮޅުތައް ހަރުކުރެވިފައި ވިޔަސް، އެ “ހަނދުމަކޮށްދޭ” ބޯޑުގައި ގިނައީ އާޔަތްތަކާއި ޙަދީޘްތަކެވެ. އަފާފް ގޮނޑިން ތެދުވެގެން ގޮސް އެ ބޯޑަށް ރަނގަޅަށް ބަލާލިއެވެ. އެއާއެކު އޭނަގެ ލޮލުގައި އެޅީ އެންމެ ފަހުން ޝަރަފް އޭނައާއި ޙިއްޞާކުރި އިބްރާހީމް ސޫރަތުގެ އާޔަތެވެ. އެ އާޔަތުގައިވަނީ ﷲ ގެ ވަޢުދުފުޅެކެވެ. އެއީ ޝުކުރުވެރިވާނަމަ އެކަލާނގެ އިތުރު ކޮށްދެއްވާނެކަމަށް ބަޔާންކޮށްފައިވި އާޔަތެވެ. އެ ހިނދު އަފާފަށް ހީވީ އެ އާޔަތް އަމާޒުވީ ޚުދު އޭނައަށް ހެންނެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ފުރިފައިވީ ހާދަ ގިނަ ޝަކުވާތަކަކުންނެވެ. ހާދަ ގިނަ ކަންތައް އޭނަގެ ޙަޔާތުގައި ނޭދެވޭ ގޮތަކަށް ގޮސްފައި އެބަވެއެވެ. އެހެނަސް ދާދި އިހަކަށް ދުވަހު އޭނައަށް މި ލިބިގެންދިޔައީ ހާދަ އުފާވެސްވާންވީ ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލުމުން ހިތާމަކުރަން ހުރިއްޔާ އޭނައަށް އެ ހެދެނީ ހާދަ ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި އޭނަ އެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ޙަމްދުކޮށް އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެކަލާނގެ އޭނައަށް އިތުރުކޮށްދެއްވާނެއެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އަފާފްގެ ހިތުގައި މީގެ ދުވަސްތަކެއް ކުރިން އުފެދުނު ޢަޒުމް ވަރުގަދަވެގެން ދިޔައެވެ.

 

އެ ޢަޒުމް ފުރިހަމަ ކުރުމަށްޓަކައި އަފާފް އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ ޝަރަފާއި މެދު މަންމައާއި ބައްޕަގެ ނަޒަރިއްޔާތު ހުރިގޮތް ރަނގަޅަށް ދެނެގަންނާށެވެ. އެއަށްފަހު އެމީހުންގެ ފަރާތުން ވެސް ކަން ހިނގި ގޮތުގެ ތަފްޞީލެއް ހޯދާށެވެ. އެހެންކަމުން އެރޭ ކެއި ގަޑީގައި މަންމައާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކަށް އަފާފް ފުރިހަމަ ސަމާލުކަން ދީގެން އަޑުއެހިއެވެ.

 

“ކިހިނެއްތަ މިހާރު އޮފީހުގެ ކަންތައް ދާގޮތް ހުސެއިން؟ ރަނގަޅު އެބަވޭތަ؟” ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޝާދިޔާ ސުވާލު ކުރި ސުވާލުކުރިއެވެ. އަފާފަށް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނީ ބައްޕަގެ ކުންފުނިތަކަށް ލިބެމުން ދިޔަ ގެއްލުންތަކުގެ ވާހަކަ އޭނައަށް ވެސް އިވިފައިވާތީވެއެވެ.

 

“އަދިއަކު ރަނގަޅެއްނުވޭ. މާދަމާ އަހުމަދާއި އޮސްޓްރޭލިޔާގައި އުޅޭ އޭނަގެ ބައިވެރިޔާ އައިމަ އަދި ގޮތެއްވާން އޮތީ. މޫސުން ގޯސްވުމުގެ ސަބަބުން މިކޮޅަށް އެމީހުންގެ ފުރުން ލަސްވީ. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮލަށް ފަސޭހަވެއްޖެ އެ ޝަރަފްއޭ ކިޔާ މީހާ އަހަރުމެންގެ ކުންފުންޏާއެކީ އެކުލަވާލި އެއްބަސްވުން އުވާލީމަ. ހެހެ…..އެ ފެށުނުކަމުގެ މޮޔަކަން އޭނަގެ ތެތްކަމެއްނެތް ސިކުނޑިއަށް އަދި ކިރިޔާ އެ ރެކާލީ.” ހުސެއިން އެ ދެއްކި ވާހަކައިންނާއި އެ ވާހަކަ މަލާމަތުގެ ރާގަކަށް ނިންމާލެވުނު އަފާފްގެ ނިތަށް ރޫއެރިއެވެ. އަފާފް ނުރުހުންވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޝަރަފް އެ އެއްބަސްވުން އުވާލިކަން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ޝަރަފް އޭނައާއި ވަކިވުމުން އޭނަގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުން ވެސް ދުރުވީ ހެއްޔެވެ؟ އެހެނަސް އެއީ ހާދަ ނާދިރު ކަމެކެވެ. އެހެން ހިތަށް އެރިވަރުން އަފާފަށް ވާހަކަ ދެކެވުނެވެ.

 

“ޝަރަފް އެ ރިސޯޓް އެޅުން ހުއްޓާލީތަ؟” އަފާފަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.

 

“ހުއްޓާނުލާ އޭނަ ކީއްކުރާނީ؟ އޭނަ ދެން ފައިސާ ހޯދަނީ އުޑުންތަ؟ އޭނަ ހުއްޓާލީކަމާމެދު ޝައްކެއްވެސް ނެތް. ހިތުން އަފާފް ރުއްސަންވެގެން އޭނަ އެހެންނޭ ކިޔައިގެންވެސް އުޅުނީ. ވަކި މާ ޞާލިޙުވެގެންނެއްނޫން.” ހުސެއިން ބުނެލިއެވެ.

 

“އެއީ ހަމަ ތެދެއް! އެހެންނޫނަސް ދެން އަފާފްވީ އޭނައާއި މެދުގައެއްނޫނޭ ވިސްނަން. އެއަށްވުރެ މާ ހަރުދަނާ މީހެއް އެބައާދޭ އަފާފްގެ ޙަޔާތަށް. އޭނައާއެކީ ދިރިއުޅުމެއް ފަށަން އަފާފް ތައްޔާރު ވާންވީ!” ޝާދިޔާ ބުނެލިއެވެ. އޭނަގެ އެ ވާހަކަ ނިމުނުތަނާހެން ހުސެއިން އެއީ ތެދެކޭ ބުނެލުމުން އަފާފަށް ވާހަކަ ދެކެވުނެވެ.

 

“މަންމާ….އަހަރެން މިއިނީ ބަލިވެއޭ! މި ޙާލަތުގަ އަހަންނަށް ކިހިނެއް މީހަކާ އިނދެވޭނީ؟” އަފާފް އޭނަގެ ނުރުހުންތެރިކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“ނުއިނަސް އޭނައާއި ވާހަކަ ދެކެވިދާނެއެއްނު ކައިވެނީގެ ކުރިން؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބުނީ އަފާފްގެ ދަރިއަކު އޮތަސް މައްސަލައެއްނެތޭ. އެ ދަރިފުޅު އަމިއްލަ ދަރިއަކުހެން ބަލައިދޭނަމޭ.” ހުސެއިން ބުނެލިއެވެ.

 

“ބައްޕާ އަހަރެން ބޭނުމެއްނުވެއޭ އަހަރެންގެ ދަރިފުޅަށް އެހެން ބައްޕައަކު ހޯދާކަށް. ބޭނުންވަނީ އެ ދަރިފުޅަށް އެ ދަރިފުޅުގެ އަސްލު ބައްޕަގެ ލޯބި ލިބެން.” އަފާފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

 

“އަފާފް ހާދަ ހަނދާން ބައްޔޭ ދޯ؟ އޭނައާއި އަމިއްލައަށް ވަރިވީ ސަބަބުވެސް ހަނދާން ނެތިފަ ތިހިރީ. ބަލަ އޭނައަކީ އެހެން އަންހެނުންނާއެކީ ރޭތައް ހޭދަކުރަމުންދާ ފިރިހެނެއް. އެކަން ޤަބޫލުކޮށްބަލަ އަފާފް. އަފާފްގެ އެއޮތް ބޮޑު ސާޖަރީއެއް ހެދުނުއިރުވެސް އޭނަ ނާދޭ ބަލާކަށް ވެސް. ދަރިފުޅުގެ ޙާލެއްވެސް ނުބަލާ. ކުޑަމިނުން އޭނަ އަފާފަށް ގުޅާވެސް ނުލާ. ކުޑަމިނުން އަފާފަށްޓަކައި ޚަރަދެއްވެސް ކުރަނީއެއްނޫނޭ! އެކަހަލަ މީހުންމަތިން ކީއްކުރަން ހަނދާންކުރަނީ؟” ޝާދިޔާ ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން އަނެއްކާވެސް އަފާފަށް އޮޅުވިއެވެ. ޙަޤީޤަތަކީ ޝަރަފް އަފާފާއި ވަކިވީ ދުވަހުއްސުރެވެސް އަފާފަށްޓަކައި ފައިސާއާއި ހަދިޔާތައް ފޮނުވަމުން ދާ ކަމެވެ. އެހެނަސް އެ ހުރިހާ އެއްޗަކުން އަފާފް މަޙްރޫމް ކުރަމުން ދިޔައީ ޚުދު އެ ވާހަކަތައް ދައްކަމުންދާ މީހުންނެވެ. އެ ވާހަކަތައް އިވިފައި އަފާފްގެ ހިތް ދެރަވިއެއްކަމަކު އޭނައަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. ޝަރަފް ހަމަ އޭނައަށް އެއްވެސް އެއްޗެއް ނުފޮނުވައި ހުރެދާނެކަމެވެ. އޭނައަށް އިވޭ މިވާހަކަތަކުގައި ގޯހެއް ވާކަން އޭނައަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް އޭނަ އެވަގުތު އެއްޗެކޭ ނުބުނީ ނުރުހުންތެރިކަމާއެކީ އޭނައަށް އޭނަގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކަން ޖެހިދާނެތީވެއެވެ.

 

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި ހުންނަ ވަތްގަނޑުން ޕިން ނުފެނުމުން އޭނަ އެންމެ ތިރީގައި ހުރި ކުޑަ ވަތްގަނޑު ހުޅުވިއެވެ. އެ ވަތްގަނޑުން ވެސް އޭނަ ހޯދަން އުޅުނު އެއްޗެއް ނުފެނުމުން އަފާފް ވަގުތުން އޭތި ބަންދުކޮށްލަން އުޅުނެވެ. އެހެނަސް އެވަގުތު ލޮލުގައި އެޅި އެއްޗަކުން އަފާފަށް އެ ވަތްގަނޑުގެ ތެރޭގައި އޮތް އެ އެއްޗަށް ބަލަހައްޓައިގެން ހުރެވުނެވެ.

 

ނުނިމޭ

The post Noor (Part 58) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-58/feed/ 0 1148
Noor (Part 57) https://blog.storiesbyjana.com/noor-part-57/?utm_source=rss&utm_medium=rss&utm_campaign=noor-part-57 https://blog.storiesbyjana.com/noor-part-57/#respond Mon, 26 Apr 2021 12:05:46 +0000 https://blog.storiesbyjana.com/noor-part-56-copy/

ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ލޯ ކުރިމަތިން ނުހަނު ސާފުކޮށް އެ ކޮޓަރީގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ދުލުން ނިކުތީ ޙަމްދުގެ ބަސްތަކެވެ. އެ ހިނދު ހިތަށް ލިބުނު އިންތިހާ […]

The post Noor (Part 57) appeared first on Stories by Jana.

]]>

ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ލޯ ކުރިމަތިން ނުހަނު ސާފުކޮށް އެ ކޮޓަރީގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ދުލުން ނިކުތީ ޙަމްދުގެ ބަސްތަކެވެ. އެ ހިނދު ހިތަށް ލިބުނު އިންތިހާ ދަރަޖައިގެ އުފަލާއެކީ އަފާފަށް އެއްފަހަރު އޭނަގެ ވާތްފަރާތުގައި ހުރި ޑޮކްޓަރާއި ނަރުހަށް ބެލުމަށްފަހު އަނެއްފަރާތުގައި ތިބި އޭނަގެ މަންމައާއި ބައްޕައަށް ބަލާލެވުނެވެ. އަފާފަށް ވަމުން ދިޔަ ގޮތް ފެނިފައި ޝާދިޔާއާއި ހުސެއިނަށް އެކަކު އަނެކަކަށް ބަލާލަމުން އެމީހުންގެ ދަރިފުޅަށް ބަލާލެވުނެވެ.

 

“އަފޫ އެބަ ފެނޭތަ؟” ހުސެއިނަށް އެހެން އަހާލެވުނީ ޑޮކްޓަރުވެސް އިނގިރޭސި ބަހުން އެހެން އަހާލި ވަގުތެވެ. އެ ހިނދު އަފާފަށް އަނެއްކާވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހީލި ވަގުތު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ވެސް ފައިބައިގެން އައެވެ.

 

“އާނ ބައްޕާ. އެބަ ފެނޭ!” އަފާފް އޭނަގެ ކަރުނަތައް ފޮހެލަމުން އެތައް ދުވަހެއްފަހުން އޭނަގެ ފުރިހަމަ ހިނިތުންވުމާއެކީ ބުނެލިއެވެ. އަފާފް އެހެން ބުނި އަޑަށް ޝާދިޔާ ފިޔަވައި އެތާނގައި ތިބި އެންމެންގެ މޫނުމައްޗަށް ވެސް ވެރިވީ ހިނިތުންވުންތަކެވެ. ހުސެއިން ހަމަ އަސްލުވެސްތޯ އަހައި ސަމާސާއަކަށް އެކި ތަންތަނަށް ޢިޝާރާތްކޮށް އެހެރީ ކޯޗެއްތޯ އަހަން ފެށި ވަގުތު ޝާދިޔާގެ ޠަބީޢަތް ގޯސްވެގެން ދިޔައެވެ. އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު އެހާ ބޮޑު ނަސީބެއްގެ ސަބަބުން އޭނަ އުފަލެއް ނުވުމުން ޚުދު ޝާދިޔާ ވެސް ޙައިރާންވާ ގޮތްވިއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ކިބުރުވެރިކަމުގެ ސަބަބުން ޚުދު އޭނަގެ އަމިއްލަ އިޙްޞާޞްތައް ވެސް އޭނައަށް އޮޅިފައިވިކަމެވެ. މި ހުރިހާ ދުވަހުވެސް އޭނަގެ އަތުން ހެދުނުހާ ގޯހެއް ހެދުނީ އޭނަގެ ނަޒަރިއްޔާތު ކިހާ މޮޅުކަން އެހެން މީހުންނަށް ސާބިތުކޮށްދިނުމަށްޓަކައި ކަމެވެ. މިހާތަނަށް އައިއިރު އޭނައަށް ހެދުނު މަކަރުތައް ގިނަވެފައިވި ވަރުން ދެންވެސް ނުބައި ގޮތްތަކަށް އޭނައަށް ވިސްނެންފެށީ އޭނަގެ އަމިއްލަ ނަފްސު ސަލާމަތްކުރަން އެ ނަފްސު އޭނައަށް އެދުނީތީވެއެވެ. އޭނައަށް ގޯހެއް ހެދުނުކަން ޤަބޫލުކުރުމަކީ އޭނަގެ ކިބުރުވެރިކަމާއި އިދިކޮޅު ކަމެކެވެ. އެހެންކަމުން އޭނަ ކުރި ކަންތައް އަފާފަށް އެނގިދާނެތީ އޭނަ އިންތިހާއަށް ނުތަނަވަސްވިއެވެ. އަފާފަށް އޭނަ ފަޅާއަރާ ދުވަހަކުން އަފާފް އިންސާފުގެ ކުރިމައްޗަށް އޭނަ ގެންނާނެކަން ޝާދިޔާއަށް ޔަޤީންވިއެވެ. އޭނަ ބޭނުންވީ އޭގެ ކުރިން އޭނަ އެއްވެސް ކަމެއް ކުރިކަމުގެ ހުރިހާ ނިޝާނެއް ފިލުވާލާށެވެ. އޭނަ އެވަގުތުން ވަގުތަށް ވެސް ބޭރަށް ގޮސް އޭނަ މިހުރިހާ ދުވަހު ޝަރަފާއި ދެކޮޅަށް ރޭވުންތައް ރޭވުމުގައި އެކީގައި އުޅުނު ފައިހާއަށް ގުޅީ ފައިހާގެ ފަރާތުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެ އުއްމީދު ފުރިހަމައެއްނުވިއެވެ. ފައިހާ ގާތު އަފާފް ކައިރި އެއްވެސް އެއްޗެކޭ ނުބުނުމަށް ބުނުމުން ފައިހާ އެކަމާ އެއްބަސްވިއެއްކަމަކު ދެންވެސް ޝާދިޔާގެ ހިތުގައި ނުފިލާ ބިރުވެރިކަމެއްވިއެވެ. އެ ބިރުވެރިކަމާއި މާޔޫސްކަމުގެ ފަހަތުގައިވީ އޭނަ ﷲ ގެ ހަނދުމައިން ދުރުވެ އެކަލާނގެއަށް އުރެދުންކަން ޝާދިޔާއަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އެހެންކަމުން އޭނަ ދެންވެސް އަޅުކަންތަކާއި ދުރުގައި ދުވަސްތައް ހޭދަކުރަން ފެށީ އެ ނޭދެވޭ އިޙްޞާޞްތައް ހިތުތެރޭގައި ބައިތިއްބައިގެންނެވެ.

 

މަންމައަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައިކަން އަފާފަށް އެރޭ ވެސް ނަގައިގަނެވުނެވެ. ޙަޤީޤަތުގައި މިއަދު އަފާފަށް މަންމަ ފެންނަމުން ދިޔައީ ވެސް ތަފާތު ނަޒަރިއްޔާތަކުންނެވެ. އޭނަގެ ލޯ އަނދިރިވުމުގެ ކުރިން އޭނައަށް ލޯބިދީ އަޅާލައި ހެދި މަންމަގެ ގޮތުގައި އެ މަންމައާއިމެދު ދެކެން އޭނަ ނުކުޅެދުނެވެ. އެއީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނު ފަހުން އެ މަންމަ ކަންތައް ކުރި ގޮތުންކަން އަފާފަށް އެނގުންވިއެވެ. ބައްޕައަށްވުރެ ވެސް ބޮޑަށް މަންމަ އެއްވެސް ކަމެއް ނުވަނީސްވެސް ޝަރަފާއިބެހޭ ގޮތުން ދެއްކި ވާހަކަތައް ހަނދާންވެފައި އަފާފަށް މަންމައާއި ހިނިތުންވާން ދަތިވިއެވެ. އެހެނަސް އަފާފް ގަދަކަމުން ވެސް އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރީ އެއީ އޭނަގެ މަންމައަށްވީތީވެއެވެ. ބައްޕަ ކައިރިންނާއި ޚުދު މަންމަ ކައިރިން ވެސް މަންމައަށް ކިހިނެއްވީތޯ އަހައި ވާހަކަ ދެއްކޭތޯ އަފާފް މަސައްކަތް ކުރިއެވެ. އެހެނަސް މަންމަގެ ފަރާތުން ޖަވާބެއް ލިބުން ވެގެން ދިޔައީ ނާދިރު ކަމަކަށެވެ.

 

އެރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް މަންމަ ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އަފާފް މާޔޫސްވާގޮތްވިއެވެ. އެހެނީ އޭނަ ކުޑައިރުއްސުރެ މިހާތަނަށް އައިއިރު ވެސް އޭނަ ބަލިވެ އޮންނައިރު އޭނައާއި އެންމެ ގާތުގައި ހުންނަނީ އޭނަގެ މަންމަ ކަމަށްވާތީވެއެވެ. ޒަވާޖީ ޙަޔާތެއް ފެށުމުން އެހެނިހެން ގުޅުންތަކަށް ކިހާ ބޮޑެތި ބަދަލުތައް އަންނަކަން އޭނައަށް އެނގުންވީ އެވަގުތެވެ. ކައިވެނީގެ ކުރިން އޭނަގެ ޒަވާޖީ ޙަޔާތަކީ އެއްވެސް މައްސަލައެއްނެތި އޮމާންކަމާއެކީ ކުރިއަށް ދާނެ ޙަޔާތަކަށްވާނެ ކަމަށް އޭނަ ހާދަ އުއްމީދެއް ކުރިއެވެ. އެހެނަސް މި ދުނިޔޭގައި ހުރިހާ ކަމެއް ރަނގަޅަކަށް ނުދާނެ ނޫންހެއްޔެވެ؟ ﷲ އޭނައަށް ދެއްވާފައިވާ ހުރިހާ އެއްޗަކީ ވެސް އޭނައަށް އިމްތިޙާނަކަށްޓަކައި ދެއްވާފައިވި ތަކެއްޗެވެ. އަދި އޭނަގެ އަތުން ބީވެފައިވާ ހުރިހާ ކަމަކީ ވެސް އޭނަގެ އިމްތިޙާނަށްޓަކައި ބީވެފައިވާ ކަންތައްތަކެވެ. ކޮންމެ ގޮތެއްވިޔަސް އެ ހުރިހާ އިމްތިޙާނެއް ކުރިމަތިކުރައްވާ ރަސްކަލާނގެއަކީ އޭނަދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތްކަން ހަނދާންވާ ކޮންމެ ފަހަރަކު އަފާފްގެ ހިތުން ހުރިހާ ޝަކުވާއެއް ފިލައިގެންދެއެވެ.

 

އެރޭ ބައްޕަ، މަންމަ ގޮވައިގެން ގެއަށް ދިޔުމުން އަފާފް އެ ރޫމުގެ ތެރޭގައި އެކަނިވިއެވެ. އެ އެކަނިވެރިކަމުގެ ތެރެއިން އޭނަގެ ޚިޔާލުތައް ޝަރަފްގެ ހަނދާންތަކުން ފުރިގެންދިޔައެވެ. އޭނަގެ ލޮލަށް ފެނުނީއްސުރެ ވެސް ދޭތެރެދޭތެރެއިން އެ ހަނދާންތައް އާވަމުން ދިޔައެއްކަމަކު، އެ ހަނދާންތަކުގެ ފޮނި މީރުކަން އިޙްޞާޞް ކުރުމުގެ ފުރުޞަތެއް އޭނައަށް ލިބުނީ އެވަގުތެވެ. ސީލިންގްއަށް ނަޒަރު ހުއްޓައިގެން އޮތް ހިނދު އޭނަގެ ހިތް އަނެއްކާވެސް އިންތިހާއަށް އުފާވާންފެށީ އޭނައަށް ޝަރަފްގެ ސޫރަ ދެން ފެންނާނެކަން އެނގުންވުމުންނެވެ. މިހާ ދުވަސްވަންދެން ދުވަހަކުވެސް މީހަކު އޭނައާއި އަޅާނުލާ ވަރަށް އަޅާލި އެ ފަރާތުގެ ސޫރަ ދެކެން އޭނަ ކެތްމަދުވިއެވެ. ޝަރަފާއެކީ ހޭދަކުރި ވަގުތުތައް ހަނދާންވެފައި އަފާފްގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ވެރިވަމުން ދިޔައެވެ. ހަމަ އެ ހިނދު އޭނައާއި ޝަރަފް މިއަދު ދުރުވެފައިވި މިންވަރު ހަނދާންވުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އޭނަ ޝަރަފް ގާތު ގެއިން ނިކުމެގެން ދާށޭ ބުނެލި ގޮތާއި ޝަރަފް އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އޭނަ ބުނި ގޮތަށް ކަންތައް ކުރި ދުވަސް ހަނދާނަށް އައުމުން، އޭނައަށް އެދުވަހު ޝަރަފްގެ މޫނުމަތި ފެނުނުނަމައޭ އަފާފްގެ ހިތަށްއެރިއެވެ. ހަމަ ގައިމުވެސް އެމޫނުމަތިން އެދުވަހު ފެނުނީހީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަން ކަން އަފާފަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެ ހިތާމަވެރިކަން އޭނައަށް ފެނުނުނަމަ އޭނަ ޝަރަފް ދިޔަނުދިނީހޭ ހިތަށްއެރިއެވެ. މިފަދަ ޚިޔާލުތަކާމެދު ވިސްނަމުން ދަނިކޮށް ޝަރަފް ދިޔަފަހުން އޭނައަށް ލިބެން އުޅުނު އުފާވެރި ޚަބަރުގެ މަތިން ވެސް އަފާފް ހަނދާން އާވިއެވެ. އޭނަ އެ ޚިޔާލުގައި އޮވެ އޭނަގެ ބަނޑުގައި އަތް ޖައްސާލިތަނާހެން އެ ރޫމުގެ ދޮރު ހުޅުވުނެވެ. އެ ދޮރުން ވަދެގެން އައީ ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަށް ރަނގަޅަށް ބަލާލިއިރު އެ ކުއްޖާގެ އާދަޔާ ޚިލާފަށް ދޮން ހަމުގެ ކުލައާއި ނޫކުލައިގެ ލޯ އަފާފަށް ފާހަގަ ކުރެވުނެވެ. އެ ކުއްޖާ ހިނިތުންވުމަކާއެކީ އަފާފްގެ ކައިރިއަށް އައިހެން އަފާފް އެކުއްޖާގެ ނަން ހަނދާނަށް ގެނައެވެ.

 

“ޒޯ…” ދެލޯ ހަނިކޮށްގެން އެނދުމަތީގައި އޮވެ އަފާފަށް ކިޔާލެވުނެވެ. އަފާފަށް އެ ނަން ކިޔާލެވުމާއެކު ޒޯއަށް ހެވެން ފެށިއެވެ. ރިހި ކުލައިގެ ތަށްޓަކާއެކު ޒޯ އެތަނަށް އައީ އަފާފަށް ބޭސްދޭންވެގެންކަން އެނގުންވުމުން އަފާފް އަމިއްލައަށް ތެދުވެ ސީދާވެލިއެވެ.

 

“ހާދަ މޮޅޭ މާ ޝާ ﷲ! މިހާރު ހަމަ ރަނގަޅަށް އެބަ ފެނޭތަ އަސްލުވެސް؟ އަނދިރިއެއްނުވޭ އެއްވެސް ވަރަކަށް؟” ޒޯ ބޭސްތައް ބޭސް ކާޑުން ނައްޓަމުން އަހާލިއެވެ.

 

“އާނ އެބަފެނޭ އަލްޙަމްދުލި ﷲ!” އަފާފް ބުންޏެވެ.

 

“މާ ޝާ ﷲ! އަސްލު އެނގޭތަ؟ ވަރަށް ޔުނީކް ކޭސްއެއްމީ. އަސްލު ޕްރެގްވެގެން ހުރެ ހަދާ ލޮލުގެ ސާޖަރީތައް އެހާ ކާމިޔާބެއްނުވާނެ. އެކަމަކު ﷲ ގެ އިރާދަފުޅުން އަފޫ ތިހިރީ ރަނގަޅުވެފަ. ސުބްޙާނަ ﷲ!” ޒޯ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. ޒޯގެ ވާހަކައިގެ ކުރީކޮޅުން އިވުނު ބަހަކުން އަފާފަށް ހިނިތުންވާން ނޭނގިފައި އިނދެވުނީ އޭނަ ކަމެއް އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. އޭނައަށް އިންގޮތަށް އިނދެފައި ޒޯއަށް ގޮވާލެވުނީ ޖެހިލުންވުމަކާއެކީގައެވެ. ޒޯ ބަލާލުމުން އަފާފް ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ވާހަކަ ދެއްކިއެވެ.

 

“ބް…ބޭބީ ކް..ކިހިނެއް؟” އަފާފަށް ކެނޑިކެނޑިގެން އަހާލެވުނެވެ. އެ ސުވާލުކުރެވުނު ހިނދު އޭނަގެ ހިތް ހުއްޓުމަކަށް އައިހެން ވެސް އަފާފަށް ހީވިއެވެ. އެހެނަސް ޒޯ އޭނައާއިވީ ފަރާތަށް މުޅިން އެނބުރި ހިނިތުންވެލުމުން އެ ހިތް އަނެއްކާވެސް ތެޅެން ފެށިއެވެ.

 

“ހާސްނުވޭ. އިރާދަކުރެއްވީތީ ބޭބީވެސް ރަނގަޅު. އެހެންވެއެއްނު އަފާފަށްދޭން މިހާ ގިނަ ބޭސްތައް ހިފައިގެން މިއައީ؟ ހެހެ….ސާޖަރީއަށްފަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ބަލާފަ ޑޮކްޓާރ ވެސް ހުރީ ޙައިރާންވެފަ. ހަމަ އަސްލުވެސް މީ އަޖާއިބު ކުރުވަނިވި ކޭސްއެއް. އެކަމަކު ﷲ އިރާދަކުރައްވާ ކަމެއް އެކަލާނގެ ކުރައްވާ، ދޯ؟” ޒޯ ބުނެލިއެވެ. އަފާފަށް ހެވިފައި އިނދެ ހީލަމުން ހޫންލައްވާލެވުނެވެ. އޭނަގެ ހަނދާނަށް އެވަގުތު އައި ޔާސީން ސޫރަތުގެ އާޔަތް އޭނައަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ޒޯއަށް ޙައިރާންކަމާއެކީ އަފާފަށް ބަލަން ހުރެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން ހުރެފައި ވާހަކަ ދެއްކިއެވެ.

 

“އަފާފްވެސް ބިންތު ޢައްމާރު ފޮލޯކުރަންދޯ؟ ތިއީ ބިންތު ޢައްމާރު އެންމެ ފަހަކަށް ކުރި ޕޯސްޓުގައި އޮތް އާޔަތް.” ޒޯ އެހެން ބުނެލަމުން ބޭހާއި ފެންތަށި އަފާފަށް ދިއްކޮށްލިއެވެ. އަފާފް ޒޯގެ ވާހަކައަށް ލުއިގޮތަކަށް ހީލަމުން ބޭސްތައް ކައި ހުސްކުރިއެވެ. ފުރަތަމަ ސިކުންތުގައި ބިންތު ޢައްމާރަކީ ކާކުކަން ބުނެދޭން އަފާފް ބޭނުމެއްނުވިއެވެ. އޭނައަށް ވީ ވަރަކުން އޭނަ އަމިއްލަ ނަން ފޮރުވާފައި އޮންނަނީ އޭނަގެ އިޚްލާޞްތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށްވާތީވެއެވެ. އެހެނަސް ޒޯ އެތަނުން ދާން އުޅުނު ވަގުތު އަފާފަށް ޒޯއަށް ގޮވާލެވުނީ، ޒޯ ބިންތު ޢައްމާރާއި ބައްދަލުކުރަން ބޭނުންވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ.

 

“ބިންތު ޢައްމާރާ ބައްދަލުކުރަން ބޭނުންވޭތަ ޒޯ؟” އަފާފް އަހާލިއެވެ. ޒޯ ވަގުތުން އެއްކޮށް އަފާފާއި ދިމާލަށް އެނބުރި އުޖާލާވެގެން ދިޔަ މޫނަކާއެކީ އާނއެކޭ ބުނެލިއެވެ.

 

“ބިންތު ޢައްމާރު މިހިރީ ޒޯގެ ކުރިމަތީގަ.” އަފާފް ބުނެލިއެވެ. ޒޯ ދެންވެސް އޮޅުމެއްގެ ތެރޭގައި ހުންނަން ފެށުމުން އަފާފް އޭނަގެ މޭމަތީގައި އެއްއަތް އަޅާފައި މިހިރީއޭ ބުނެލިއެވެ. އެއާއެކު ޒޯގެ މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއެކީ އޭނަ އަނެއްކާވެސް އަފާފްގެ ގާތަށް ގޮސް އޭނަގެ ގައިގައި ބައްދާލީ ތިމަންނަ ޤަބޫލުވެސް ނުކުރެވެއޭ ބުނަމުންނެވެ. އޭނަ އަފާފާއި ދުރުވެލަމުން ދެންވެސް ތަކުރާރުކޮށް ތިއީ އަސްލުވެސް ބިންތު ޢައްމާރުތޯ އަހައި އަފާފްގެ މަގަތުގައި އިށީނީ އަފާފާއި އެއްފަހަރާ އެތައް ވާހަކައެއް ދައްކަން ބޭނުންވާ ފަދައަކުންނެވެ. އޭނަ އަފާފަށް ޝުކުރު އަދާކުރަންވީ ގޮތެއް ނޭނގޭ ކަމަށްބުނީ ކަރުނުން ފުރެން ފެށި ދެލޮލާއެކީގައެވެ. އެއަށްފަހު އަނެއްކާވެސް އޭނަ އިސްލާމްވީ ކިހިނެއްކަން އަފާފަށް ތަފްޞީލުކޮށް ކިޔައިދިނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް އެނގެން ފެށުމުން އޭނަގެ ހިތަށް ލިބުނު އާދަޔާ ޚިލާފު ހިތްހަމަޖެހުމުގެ ވާހަކަ ކިޔައިދިނެވެ. ޤުރުއާން އުނގެނެން ފެށި ފަހުން އޭނަ އޭނަގެ ހުރިހާ ނޭދެވޭ ޢަމަލުތަކުން ދުރުވި ގޮތުގެ ވާހަކަ ކިޔައިދިނެވެ.

 

“އެހާ ހިސާބުން ވެސް ބޭނުންވި އިސްލާމްވާން. އެކަމަކު ދެންވެސް އަހަރެންގެ ޢާއިލާ މީހުން ބުނާނެ ވާހަކައަކަށް ޖެހިލުންވީ. އެހެން ހުއްޓާ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ އަފާފް ޙިއްޞާކުރި އާލު ޢިމްރާން ސޫރަތުގެ އާޔަތަކުން. އޭގައި މީހަކު އަމިއްލައަށް އެމީހާ އީމާންވި ގޮތުގެ ވާހަކަ ﷲ އަށް ދަންނަވާފައިވި ގޮތުން ހިތަށް ވަރަށް އަސަރު ކުރި. އަހަރެންގެ ހިތަށް ލޮޅުމެއް އައީ އެމީހާ ﷲ ގެ ޙަޟްރަތުގައި ތިމާ އަމިއްލައަށް އީމާންވީކަމަށްބުނެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކޮށް އަދި ހެޔޮ މީހުންގެ ތެރެއިން މަރުގެންނެވުމަށް ދުޢާކުރި ގޮތުން. ދުވަހަކުވެސް ނުދެކެން މަރާއިމެދު އެފަދަ ގޮތަކަށް ދެކޭ ދީނެއް. އަހަރެން ކުޑައިރުއްސުރެ ވެސް ހިތަށްއަރަމުން އައީ އެއީ އަހަރެން އެކަމަކުން ފިލަން މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށް. އެކަމަކު އިސްލާމް ދީނުން އަހަންނަށް އެނގުނީ އެއީ އަހަރެން ހަމަޖެހިފައިވާ ހިތަކާއެކީ ކުރިމަތިލާން މަސައްކަތް ކުރަން ޖެހޭ އެއްޗެއްކަން. އެފަދަ ހިތެއް ކޮންމެ މީހަކަށް ވެސް ލިބޭނީ މި ދުނިޔޭގައި އެހެން މީހަކަށް އަނިޔާނުކޮށް ރަނގަޅަށް އުޅުމުންކަން. އެހާ ހިސާބުން ޔަޤީންވި މިއީކަން އެންމެ ތެދުވެރި ދީނަކީ. އެހާ ހިސާބުން އެއްވެސް މީހެއްގެ ފަރާތުން ކުރިމަތިވާނެ ފާޑުކިޔުމަކަށް ބެލުމެއްނެތި އިސްލާމްވިން. އެއީ ހަމައެކަނި އަހަރެންގެ ވެރި ރަސްކަލާނގެއާއި ބައްދަލުވާ ހިނދު އަހަރެން ރަނގަޅު މީހުންގެ ތެރެއިން ވާނެކަމުގެ އުއްމީދުގަ.” ޒޯ ހިނިތުންވުމަކާއެކީ ކިޔައިދިން ވާހަކަ ނިމުނުއިރު އަފާފަށް އިނދެވުނީ ފެންކަޅިވެފައެވެ. އެތައް ދުވަހެއްފަހުން އަނެއްކާވެސް ﷲ ހިދާޔަތް ދައްކަވާ ގޮތުގެ ވާހަކައެއް އިވިގެން ދިޔުމުން އޭނަގެ އީމާންތެރިކަން ވަރުގަދަވެގެން ދިޔައެވެ. އަދި އޭނަގެ ކުރިމަތިން ފެންނަމުން މިދަނީ ﷲ އޭނަގެ މަސައްކަތުގައި ލެއްވި ބަރަކާތުގެ ނަތީޖާއެއްކަން އެނގުންވީ ވަގުތު އަފާފަށް ހިނިތުންވެލެވުނު ހިނދު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. ޒޯ އެ މަންޒަރު ފެނިފައި ހީލަމުން މޫޑު ބަދަލުކޮށްލުމުގެ ގޮތުން ސަމާސާއެއްކޮށްލިއެވެ. ތިމަންނަގެ ވާހަކައިގެ އަގެއްގެ ގޮތުން ދެން އަފާފްގެ ވާހަކަ ކިޔައިދިނުމަށް އެދުނެވެ. އަފާފްވާނީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭ ކުއްޖަކަށްދޯއޭ ޒޯއަށް ބުނެލެވުނީ ވިސްނުމެއްނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަފާފްގެ ހިނިތުންވުން ފިލައި ދިޔުމުން ޒޯއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޒޯ ވަގުތުން މަޢާފަށް އެދުނެވެ. އަފާފް ދެންވެސް ދެރަވެގެން އިންނަން ފެށުމުން ޒޯއަށް ނުހުރެވިގެން އަސްލު ކިހިނެއްވީތޯ އަހާލެވުނެވެ. އަފާފް ޒޯއަށް ބަލާލަމުން ޒޯއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީ ޒޯ ދެންމެ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނައަށް އިތުބާރު ކުރެވުނު ވަރުންނެވެ. އަދި އެހެންނޫނަސް އަފާފްގެ ހިތަށް އުނދަގޫކުރަމުން ދިޔަ އިޙްޞާޞްތައް އެހެން މީހަކާއި ޙިއްޞާކުރަން ބޭނުންވެފައިވި މިންވަރުންނެވެ. އަފާފް ޝަރަފްގެ ނަން ހާމަނުކޮށް އޭނަގެ ޒަވާޖީ ޙަޔާތުގައި ދިމާވި މައްސަލަތައް ޒޯއަށް ކިޔައިދިނެވެ. ޒޯ އެ ވާހަކަތައް ކަނުލައި އަޑުއަހަން އިނދެފައި އަފާފްގެ ބޮލުގައި ފިރުމާލަމުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެ ހިތްވަރު ލައިދިނެވެ. އަދި ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނެވެސް ހަނދުމަކޮށްދިނެވެ. އެއަށްފަހު ޒޯ އެތަނުން ދާންޖެހުނީ އެހެން ނަރުސް ކުއްޖަކު ގޮވާލުމުންނެވެ. ޒޯ އެ ރޫމުން ނިކުމެގެން ދިޔައީ އަފާފްގާތު ނިދާލުމަށް ބުނެފައި ފަނޑު ބޮތްކެއް ދިއްލާލަމުންނެވެ. ފަނޑު އަލީގެ ތެރޭގައި އަފާފަކީ އަބަދުވެސް ފަސޭހައިން ނިދޭ މީހަކަށް ވިޔަސް ދެންމެ ޒޯއާއި ޙިއްޞާ ކުރެވުނު ވާހަކަތަކުން އަނެއްކާވެސް އޭނަގެ ހިތުގެ ހަމަޖެހުން ފިލާފައިވިއެވެ. އަނެއްކާވެސް ޝަރަފް ކޮބައިތޯ ބުނެ އޭނަގެ ހިތް ތަކުރާރުކޮށް ސުވާލުކުރަން ފެށިއެވެ.

 

**

 

ދެލޯ މެރިފައި އޮތް ޝަރަފަށް ހަމަހޭވެރިކަމެއް ލިބުނީ ކުޑަ ދަޅެއް ކަހަލަ އެއްޗެއް ބިންމަތީގައި ޖެހުނު އަޑަށެވެ. ވަގުތުން ދެލޯ ހުޅުވަން ބޭނުންވިއެއްކަމަކު އޭނައަށް ދެލޯ ހުޅުވަން ދަތިވިއެވެ. އޭނައަށް އޮވެވުނީ ސޯފާއެއްގައިކަމާއި އޭނަގެ ގަމީހުގެ ގޮށްތައް ނެއްޓި މެދުހަށްޓާއި ދިމާލުން ބޭސްއެޅިފައިވިކަން ކުރެވުނު އިޙްޞާޞްތަކަކުން އޭނައަށް އެނގުންވިއެވެ. ހަމަ އެހިނދު ބުރަކަށްޓާއި ދިމާލުން އިޙްޞާޞް ކުރެވުނު ތޫނު ތަދާއެކީ ގައިގެ އެކި ތަންތާނގައި ރިއްސަންފެށިއެވެ. އެ ވޭނުގައި ޝަރަފަށް އޭނަގެ ދެލޯ ތަގުޅިކޮށްލެވުނެވެ. އެ ހިނދު މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އޭނައަށް އިވުނެވެ.

 

“ޝަރަފް! އާރ ޔޫ އަވޭކް؟ ޝަރަފް؟” އެމީހަކު އޭނަގެ ކޮނޑުގައި ހިފައި ތަޅުވަން ފެށުމުން ޝަރަފަށް އުނދަގޫވީ ހިނދު އެއީ ކާކުގެ އަޑެއްކަން އޭނައަށް އެނގޭހެން ވެސް ޝަރަފަށް ހީވިއެވެ. ތަކުރާރުކޮށް އެ އަޑު އިވެން ފެށުމުން ޝަރަފަށް ލޯ ހުޅުވާލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އެއާއެކު ޝަރަފް ހިސާބަކަށް ހުއްޓުން އެރިއެވެ. ހަތަރެސްކަން ބައްޓަމަށް ހުރި މޫނާއި، ކަނދުރައާއި ހަމައަށް ދިގުކުރެވިފައިވި ފަން އިސްތަށިގަނޑެއް ލިބިފައިވި ބިޔަ ހަށިގަނޑެއްގެ އެ ވެރިޔާއަކީ ކާކުކަން ޔަޤީންވީ ހިނދު ޝަރަފަށް އޭނަގެ ނަން ކިޔާލެވުނެވެ.

 

“ޝިނާޒް؟” ޝަރަފަށް ސުވާލުގެ ރާގަކަށް އެހެން ބުނެލެވުނީ ޤަބޫލުކުރަން ދަތިވި މިންވަރުންނެވެ. އޭނަ ޝިނާޒްގެ ކުރިމަތީގައި މިގޮތަށް އޮންނަން ޖެހުނު ސަބަބާމެދު ވިސްނަން ފެށިތަނާހެން ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“މިހާރު ރަނގަޅުތަ؟” ޝިނާޒް ހިސާބެއްގެ ހާސްކަމަކާއެކީ އަހާލިއެވެ.

 

“އައި….ތިންކް ސޯ. އަހް!” ޝަރަފް ވާހަކަ ދައްކަމުން ތެދުވަން އުޅުނު ވަގުތު ގަތް ވޭނެއްގެ ސަބަބުން އޭނައަށް އަނބުރާ އޮށޯވެވުނެވެ. އެވަގުތު އެމީހުންތިބި އެޕާޓްމެންޓްގައި މީހަކު ބެލް އަޅުވާލި އަޑު އިވުނެވެ. ޝިނާޒް ތެދުވެގެން ގޮސް ދޮރުހުޅުވިތަން ބަލަހައްޓައިގެން ޝަރަފް އޮތެވެ. ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ މީގެ ދެ އަހަރެއްހާ ކުރިން އޮސްޓްރޭލިޔާގެ ކޯޓަކުން އޭނަގެ ބޭބެ މީހަކާ އިންނަން ދިޔަ ދުވަހު ޝަރަފަށް ފެނުނު އަންހެން ކުއްޖާއެވެ. ޝިނާޒް އެކުއްޖާއާއި އިން ފުރަތަމަ ދުވަސްކޮޅު ޝިނާޒް އުޅެމުން ދިޔައީ ދޮންބައްޕަގެ ގޭގައި ކަމަށްވުމުން އެއީ ޝަރަފް ދެކެ ފަރިތަވެފައިވާ ކުއްޖެކެވެ. އެކުއްޖާގެ ނަން ހަނދާންކުރަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“ޒޯ ޑޯންޓް ފްރީކް އައުޓް! މިއުޅެނީ ބަޔަކު މީހުން އަހަރެންގެ ކޮއްކޮ ތަޅައިގެން އޭނަ ގެއަށް ގެނެސްގެން. ޒޯ ގެނައީ އޭނައަށް އިތުރު ފަރުވާއެއްދޭންޖެހޭތޯ އަހައި ޔަޤީންކުރަންވެގެން.” ޒޯއަށް ގޭތެރޭގެ ސޯފާގައި އޮތް ޝަރަފް ފެނުމާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔުމުން އޭނައަށް އެއްޗެކޭ ބުނުމުގެ ކުރިން ޝިނާޒް ވާހަކަ ދެއްކިއެވެ.

 

“އެކަމަކު…..އެއީ ޝަރަފްދޯ؟ ކޮން ބަޔަކު ކީއްވެ ޝަރަފް ތެޅީ؟” ޒޯ ގޭގެ ތެރެއަށް ވަންނަމުން އަހާލިއެވެ. ޒޯ އެހެން އަހާލި ވަގުތު ޝަރަފަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އެރޭ ހިނގި ކަންތައްތަކެއްގެ މަތިން ހަނދާންކޮށްލެވުނެވެ. މީހަކު އޭނަގެ ބޮލަށް ބިއްލޫރި ފުޅިއެއް ތަޅާލި ހަނދާން އާވުމާއެކު އޭނަގެ ބޮލުގައި ރިހުމެއް އުފެދުނެވެ.

 

“އެއީ ވިޔާމްމެން. އެމީހުން އުޅެނީ ޙަސަދަވެރިވެ ދަހިވެތިވެގެން ކުރާނެކަމެއް ނޭނގިގެން. އެމީހުންނާ ދެންވެސް އޭނަގެ ފައިސާއިން ކުރާނެކަމެއް ނޭނގިގެން އުޅޭ މީހަކާ….މުޞީބާތެއްކަހަލަ ބައެއް! ޒޯ…..ޝަރަފްގެ ބުރަކަށީގަ ފުންކޮށް ގޮއްސަ ހުރި ބައި ފަހާފަ މިހާރު ބޭސްއަޅާފަ އެހެރީ. ވަރަށް ބޮޑަށް ތެޅި އެމީހުން. އެކަމަކު އެހާ ބާރަށް ގޮއްސައެއްނޫން ޝަރަފް ވެއްޓުނީ. އެކްސްރޭއެއްކަހަލަ އެއްޗެއް ބޭނުންވާނެތަ؟” ޝިނާޒް ވާހަކަ ދައްކަމުން އެތާ ބިންމަތީގައި ވެއްޓިފައި އޮތް ބެންޑޭޖް ދަޅު ނަގައި އެކި އެކި ފަރުވާދޭ ސަމާންތަކުން ފުރިފައިވި އެތާ މޭޒުމަތީގައި ހުރި ބޮޑު ފޮށްޓަށް އަޅާލިއެވެ. ޒޯ ޝަރަފަށް ބަލާލި ވަގުތު ޝަރަފަށް އާދައިގެ މަތިން ދުރުބެލެން ފެށިއެވެ. ޒޯވެސް ދުރުގައި ހުންނަން ޚިޔާރުކުރީ އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނައަށް ވިސްނުނީތީވެއެވެ.

 

“ތަދުވާ ތަންތަނަށް ބަލާފަ އެކްސްރޭއެއް ނަގާލުން ރަނގަޅު. އެހާވަރަށް ތެޅީމަ ފަހަރެއްގަ ގޮތެއްވެފަ ހުރެދާނެ.” ޒޯ ބުނެލިއެވެ.

 

“އެކަމަކު….ޝަރަފް މިވަގުތަކު ގެއިން ބޭރަށް ގެންދެވޭކަށް ނެތޭ.” ޝިނާޒް ބުނެލިއެވެ.

 

“އެއީ ކީއްވެ؟” ޝަރަފަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. އެއާއެކު ޝިނާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އަނެއްކާވެސް ޝަރަފްގެ ކައިރިއަށް ގޮސް ކަކޫ މައްޗަށް ތިރިވިއެވެ.

 

“ޝަރަފް ވަރަށް ރަނގަޅަށް އަޑުއަހާތި! މި ހުރިހާ ދުވަހު ޝަރަފަށާއި އަފާފަށް ކުރިމަތިވަމުން އައި ދަތިތައް ކުރިމަތިވަމުން ދިޔައީ އެންމެ މީހެއްގެ ސަބަބުން. ކުރިން އެމީހެއްގެ ހަމައެކަނި ދުޝްމިނަކަށް ވެފައިވީ އަފާފް. އެކަމަކު ޝަރަފް ތި ރިސޯޓެއް އަޅަން ފެށިފަހުން އޭނަ އަފާފްގެ މަތިން ހަނދާން ނައްތާލާފަ މިހާރު ޝަރަފްގެ ފަހަތު އަޅައިގެން އެ އުޅެނީ.” ޝިނާޒް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ކިޔައިދޭން ފެށި ވާހަކައިން ޝަރަފް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވެއެވެ.

 

“މީހަކު އަފާފް އަންދާލަން މަސައްކަތް ކުރުމާ، އަފާފާއި ޝަރަފްގެ ދެމެދުގަ ޝައްކުތައް އުފެއްދުމާ، އަފާފާއި ޝަރަފް ވަކިކުރުވުމާ…މިއީ ހައްތަހާވެސް އޭނަގެ އަމުރުގެ ދަށުން އޭނައަށްޓަކައި މަސައްކަތްކޮށްދޭ މީހުން ކުރި ކަންތައް.” ޝިނާޒް ރުޅިވެރިކަމާއެކީ ކިޔައިދިނެވެ.

 

“ކާކު؟” ޝަރަފަށް އަހާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ޝިނާޒަށް މަޑުކޮށްލެވުނެވެ. އެއަށްފަހު އޭނަ އެއީ ކާކުކަން ހާމަކުރިއެވެ.

 

“ދޮންބައްޕަ.” ޝިނާޒް ބުނެލި ނަމަކުން ޝަރަފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮންބައްޕަގެ ސޫރަ ލޮލަށް ސިފަވެގެން ދިޔަދިޔަހެން ޝިނާޒް އިތުރަށް ކިޔައިދޭން ފެށިއެވެ.

 

“އޭނައަށް މަސައްކަތް ކޮށްދޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް އެނގޭނީ އެ މަސައްކަތް ކޮށްދެނީ އޭނައަށްކަން. އޭނަގެ ނަން ފޮރުވައިގެން އެހެން މީހުން ބޮޑު މީހުންނަށް ހަދައިގެން އޭނަ އުޅޭނީ. އަހަރުމެންނަށް ހެދިހެން އޭނަ ދުވަހަކުވެސް މަސްތުވާތަކެއްޗާއި ކައިރިވެސް ނުވާނެ މީހުންނަށް އެ ތަކެތި ދީގެން އޭނަ ހިންގާ ބާރތަކުގެ ވެރިންނަށް ހަދާފަ އެބަތިބި. އޭނަގެ އަމާޒަކީ ރާއްޖޭގައި ވެސް އެކަންތައްތަކަކީ ޢާއްމު މުޖުތަމަޢުގައިވެސް ޤަބޫލުކުރެވޭ ކަމަކަށް ހަދަން. އެއީ ވެސް އޭނައަށް ފައިދާ ލިބޭނެހެން. އޭނައަށްޓަކައި އެންމެ ހީވާގިކޮށް އަދި ކާމިޔާބުކޮށް މަސައްކަތް ކުރަމުން ދިޔަ ނަބީހް އަފާފްގެ ބަސްތައް ކިޔާފަ ތައުބާވީ ފަހުން އޭނަ އަފާފަށް ނަފްރަތު ކުރަން ފެށީ. އެހާ ހިސާބުން އޭނަ ވިޔާމް ލައްވައި އަފާފާއި ދެކޮޅަށް ރޭވުންތައް ރާވަން ފެށީ. އޭނައަށް ވިޔާމް އެހާ ގާތްކޮށް އެނގެނީ ވިޔާމްގެ ބައްޕައާއި އޭނަ ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާތީ. އޭނަގެ ނަން ފޮރުވާފަ ނަބީހްމެންގެ ކުރިމަތީގަވެސް ވިޔާމް ބޮޑު މީހަކަށް ހަދާފަ ހުރީ އެހެންވެ. މިހާތަނަށް އައިއިރު އެ ފިނޑި ވިޔާމް ވެރިއަކަށް ހުރެގެން ކުރި ކަންތަކުން މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަފާފާއި ޝަރަފް ވަކިވުން ވެގެން ދިޔައީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް. އެއީ އެ ފަހުން އަފާފްގެ އެފްބީ ޕޯސްޓްތަކަށް ވެސް މެދުކެނޑުމެއް އައިސް ޝަރަފް ވެސް ޝަރަފްގެ ރިސޯޓުގެ މަސައްކަތްތައް މެދުކަނޑާލީތީ.” ޝިނާޒް ދިގުކޮށް ކިޔައިދިން ވާހަކަތައް އަޑުއަހަން އޮތް ޝަރަފަށް އޮވެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަދިވެސް އޭނައަށް އެނގެން އިތުރު ވާހަކަތަކެއް ހުރިކަން އެނގުންވުމުން އޭނަ ޝިނާޒް ވާހަކަ ދައްކަން ފަށާނެ އިރަކަށް އިންތިޒާރު ކުރިއެވެ.

 

“ދެރަކަމަކީ އަފާފްގެ މަންމައާއި ބައްޕަ ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ބައިވެރިންނާ އަތުގުޅާލީމަ. އަފާފްގެ ބައްޕަ ވެސް މިހާރު އޭނަގެ ކުންފުންޏަކާއެކީ އެއްބަސްވުމެއް އެކުލަވާލަން އުޅެނީ. އެ ކުންފުންޏަކީ ރަލުގެ ބާވަތްތައް ވިއްކާ ކުންފުންޏެއްކަން އެނގޭނެހެން ހީވަނީ އަފާފްގެ ބައްޕައަށްވެސް. ހީވަނީ އަފާފްގެ ބައްޕައަށް ވިޔަފާރި ދަތިވީމަ ދޮންބައްޕަ އޭގެ ފައިދާ ނެގީހެން. އެ އެއްބަސްވުން އެކުލަވާލެވުނީ ޝަރުޠެއްގެ މަތިން. އެއީ އެމީހުން ކުރިމަތިކުރުވާ ދަތިތަކާއެކީ ވެސް ޝަރަފަށް ރިސޯޓު އެޅިއްޖެނަމަ އަފާފްގެ ބައްޕަ ޝަރަފްގެ ރިސޯޓް އެޅުމަށް ވެދޭ އެހީގެ ސަބަބުން ރިސޯޓް ނިމުމާއެކު ޝަރަފްގެ ނަމުން އަފާފްގެ ބައްޕަގެ ނަމަށް އެ ރިސޯޓް ބަދަލުކުރުން. އަދި އެއަށްފަހު އެ ރިސޯޓް ދޮންބައްޕައަށް ހިބައިން ދިނުން. އެގޮތަށް ކަންތައް ވުމުން އެ ރިސޯޓަށް ވާނެގޮތް ޝަރަފަށް ވެސް އެނގޭނެ.” ޝިނާޒް ކިޔައިދިނެވެ. މިފަހަރު އިވުނު ވާހަކަތަކުން ޝަރަފަށް ގަދަކަމުން ވެސް ސޯފާއިން ތެދުވެ އިށީނދެވުނެވެ. ޝިނާޒް އެކަމަށްޓަކައި ޝަރަފަށް އެހީތެރިވިއެވެ. ދެން އެމީހުންގެ ރޭވުމަކީ ކޮބައިތޯ ޝަރަފް ސުވާލުކުރަން އުޅުނު ވަގުތު ޝިނާޒް ކިޔައިދޭން ފެށީ އެ ވާހަކައެވެ.

 

“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ.

 

ނުނިމޭ

The post Noor (Part 57) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-57/feed/ 0 1143
Noor (Part 56) https://blog.storiesbyjana.com/noor-part-56/?utm_source=rss&utm_medium=rss&utm_campaign=noor-part-56 https://blog.storiesbyjana.com/noor-part-56/#respond Mon, 26 Apr 2021 12:04:43 +0000 https://blog.storiesbyjana.com/noor-part-55-copy/

ޒޯ އަފާފަށް ޖަވާބެއްނުދީ ހުރިގޮތަށް ހުއްޓާ ކުއްލިއަކަށް އެ ރޫމުގެ ދޮރު ހުޅުވިގެން ދިޔައީ ސާޖަރީއަށްޓަކައި އަފާފް ގެންދިޔުމަށް އައި ނަރުހުންގެ ސަބަބުންނެވެ. ހަމަ އެއާއެކު ޒޯގެ ހިތް އަވަސްވިއެވެ. އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ.   “ނޫން! މަޑުކޮށްލާ!!!” ޒޯ ނުހަނު ހަރު އަޑުން އިއްވާލުމުން އެ ނަރުހުންގެ ޙަރަކާތްތައް މަޑުވި ވަގުތު އަފާފަށް ވެސް އޭނަގެ ހުރިހާ ސަމާލުކަމެއް އެ އަޑަށް ދެވުނެވެ.   “އޭނަ ސާޖަރީއެއް ނެހެދޭނެ. އޭނަ ބަނޑުބޮޑު!” ޒޯ ނުހަނު […]

The post Noor (Part 56) appeared first on Stories by Jana.

]]>

ޒޯ އަފާފަށް ޖަވާބެއްނުދީ ހުރިގޮތަށް ހުއްޓާ ކުއްލިއަކަށް އެ ރޫމުގެ ދޮރު ހުޅުވިގެން ދިޔައީ ސާޖަރީއަށްޓަކައި އަފާފް ގެންދިޔުމަށް އައި ނަރުހުންގެ ސަބަބުންނެވެ. ހަމަ އެއާއެކު ޒޯގެ ހިތް އަވަސްވިއެވެ. އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ.

 

“ނޫން! މަޑުކޮށްލާ!!!” ޒޯ ނުހަނު ހަރު އަޑުން އިއްވާލުމުން އެ ނަރުހުންގެ ޙަރަކާތްތައް މަޑުވި ވަގުތު އަފާފަށް ވެސް އޭނަގެ ހުރިހާ ސަމާލުކަމެއް އެ އަޑަށް ދެވުނެވެ.

 

“އޭނަ ސާޖަރީއެއް ނެހެދޭނެ. އޭނަ ބަނޑުބޮޑު!” ޒޯ ނުހަނު ސީރިއަސްކަމާއެކަމާއެކީ އިއްވާލި ވާހަކައިން އަފާފް ގަނޑުވެގެން ދިޔައެވެ. ފުރަތަމަ ފަޅި ސިކުންތުގައި އޭނަގެ ހިތަށް އުފާވެރިކަމެއް ވެރިވާން އުޅުނެއްކަމަކު މާ ގިނައިރެއްނުވެ އޭނަ މިއަދުވީ ޙާލަތު އޭނަގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އޭނައަށް އެކަމާމެދު ވެސް ރަނގަޅަށް ނުވިސްނެނީސް އެތާތިބި ނަރުހުން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ ޒޯ؟ ޒޯއަށް އެނގޭނެއެއްނު ޓެސްޓްތައް ހަދާފަކަން ބަލި މީހަކު މިހާ ހިސާބަށް ގެނެވޭނީ؟” އޭގެ ތެރެއިން ނަރުހަކު ސުވާލުކުރިއެވެ. އެވަގުތު އެތަނުން އަޑުގަދަވެގެން ދިޔަ އަޑު އިވުނު ހުސެއިން ވެސް ބުމަގޮށްޖެހިފައި ހުރެ ހުޅުވިފައިވި ދޮރުން އެތެރެއަށްވަނެވެ.

 

“އެނގޭ. އެކަމަކު ދެންމެ އަހަރެން އަމިއްލައަށް މި ކިޓްއިން ޓެސްޓް ހެދީމަ ދެއްކީ އެހެން ނަތީޖާއެއް. އޭނަ އެ އިނީ ބަލިވެ!” ޒޯ އޭނަގެ އަޑަށް ބާރު ލާފައި އެންގި ވާހަކައިން އަފާފްގެ ހިތުތެރޭގައި މަސްހުނި ވެފައިވި ޖަޒުބާތުތަކެއްގެ ރާޅުބާންޏެއް ނެގިއެވެ. އެވަގުތު އޭނައަށް ނޭނގުނު ކަމަކީ އޭނަގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކުލަވަރުތައް ފެނިފައި އޭނަގެ ބައްޕަގެ މޫނު ރުޅިން ރަތްވެގެން ދިޔަކަމެވެ. އެ ރުޅީގައި އޭނަ ވާހަކަ ދައްކަން ފެށީ ކުއްލިއަކަށެވެ.

 

“ކަލޭމެން ތި ދައްކަނީ ކޮން ވާހަކައެއްތަ؟! ތި ބުނާ ކިޓްއަކުން ނުބައި ނަތީޖާއެއް ވެސް ލިބިދާނެކަން ނޭނގޭ މީހުން ނަރުހުންނަށްވަނީ ކީއްވެބާއޭ ހިތަށްއަރަނީ! މަގޭ ދަރިފުޅަކީ ވަރިވެފަ ހުރި އަންހެން ކުއްޖެއް! އޭނަ ކިހިނެއް ބަލިވެ އިންނާނީ؟” ހުސެއިން އިނގިރޭސި ބަހުން ވާހަކަ ދައްކަމުން، ޙަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އޭނަގެ ދަރިފުޅަށް އޮޅުވާލިއެވެ. އެ ބަސްތައް ބުނި ހިނދު އަފާފްގެ މާޔޫސްވަމުން ދިޔަ މޫނުމަތި ފެނިފައި ހުސެއިނަށް އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އެހެނަސް އޭނަ މި ކުރާ ކޮންމެ ކަމެއް ކުރަނީ ހަމައެކަނި އަފާފަށް ރަނގަޅަށްކަމަށް ބުނެ ހުސެއިން އެ ނަފްސަށް ބަހަނާ ދެއްކިއެވެ. އަފާފްގެ ފެންކަޅިވެގެން ދިޔަ ލޯ ފެނިފައި ޖަޒުބާތުގައި ނުޖެހުމަށްޓަކައި ހުސެއިން އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ދެންވެސް މަގޭ ދަރިފުޅު ގޮވައިގެން ސާޖަރީ ހަދަން ގެންދޭ. އޭނަގެ އިޙްޞާޞްތަކާ ކުޅެން އިތުރަށް ނަހަދާތި!” ހުސެއިން އޭނަގެ ރުޅިވެރިކަން ގަދަކުރަމުން އަޑު ހަރުކޮށް ބުނެލިއެވެ. އެ ހިނދު ޒޯއަށް ހުރި ގޮތަށް ހުސެއިނަށް ބަލަހައްޓައިގެން ހުރެވުނީ އޭނައަށް ދެންމެ ފެނުނު ކަންތައްތަކަށް ޚުދު އޭނައަށް ވެސް ޝައްކު ކުރެވެން ފެށުމުންނެވެ. އޭނައަކީ ދުވަހަކުވެސް އޭނަގެ ވަޒީފާގައި އޭނައަށް ހީވާ ހީވުމެއްގެ މައްޗަށް ބަލި މީހަކަށް ވެސް އަދި ބަލި މީހެއްގެ ޢާއިލާއަށް ވެސް ނުބައި ޚަބަރެއް ދީފައިވި މީހެއްނޫނެވެ. އޭނަ މި ދާއިރާގައި އުޅޭތާ އަހަރުތަކެއް ވޭތުވެފައިވާތީ ޓެސްޓްތަކެއް ހެދުމުގެ ކުރިން ވެސް ބަލި މީހަކަށް ކުރިމަތިވާ ޢަލާމާތްތަކާއި ޙާލަތުގެ ގޮތުން އެމީހަކަށް ދިމާވެގެން އުޅެނީ ކޮންކަމެއްކަން، ވެގެން އުޅޭ ގޮތާއި އެއްގޮތަށް އޭނައަށް ގިނަފަހަރު އަންދާޒާ ކުރެވެއެވެ. ވީއިރު މިއަދު މިވީ ކިހިނެއްތޯ އޭނަގެ ހިތަށްއެރިއެވެ. ޒޯ އެންމެ އަޅައިގަތީ އޭނައަށް އެ ފެންނަމުންދާ އަންހެން ކުއްޖާ ވަރިވެފައިވި ވާހަކަ އިވުމުންނެވެ.

 

އޭނައަށް ހީވީ ނުބައި ހީވުމެއް ކަމަށް ނިންމަން އުޅުނު ވަގުތު ހުރިހާ ނަރުހުންނާއި ސާޖަރީގައި ބައިވެރިވާ އެހެން ޑޮކްޓަރަކުވެސް ވަދެގެން އައިސް، އަފާފް ދުވާ އެނދަކަށް ބަދަލު ކުރިއެވެ. ނަރުހުން ބުނުމުން އަފާފް ދިރުމެއްނެތް ބުދެއްހެން އޮށޯވެ ދެލޯ މަރާލީ މުޅި ދުނިޔެއަށް ވެސް ދެލޯ މަރާލަން އެވަގުތު ބޭނުންވި ފަދައަކުންނެވެ. އޭނަ އެވަގުތު އުފާވާންވީ ކަމެއް ދެރަވާންވީ ކަމެއް އޭނައަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އޭނަގެ ހިތަށް ވެރިވަމުން ދިޔަ ނޭދެވޭ އިޙްޞާޞްތަކެއްގެ މައްޗަށާއި، އޭނަގެ ޙަޔާތުގައި ހިނގަމުން މިދާ ކަންތައްތަކުގެ މައްޗަށް އޭނައަށް އެއްވެސް ބާރެއް ނުހިންގޭނެހެން ހީވިއެވެ. އެހިނދު ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ފަރާތުގެ މަތިން އޭނަގެ ހިތް އޭނައަށް ހަނދާންކޮށްދިނެވެ. ހަމަ އެއާއެކު އޭނަގެ އެނދު ދުއްވާލެވުނު ވަގުތު އޭނަގެ ދުލުން ބޭރުވީ އޭނަ ﷲ އަށް ވަކީލުކޮށްފިކަމަށް ވައި އަޑުން ބުނެލި ބަސްތަކެވެ. އެ ބަސްތަކުން ނޭނގޭ ސަބަބަކާހުރެ އަފާފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ﷲ އޭނައަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން އޭނައަށް ޔަޤީން ކުރެވުނެވެ. ރޫމުން އަފާފްގެ އެނދު ނެރެވުނު ވަގުތު އޭނަގެ ހިތުގައި ސާބިތުކަމެއްވީ އެހެންވެއެވެ.

 

އަފާފް އޭނަގެ ޙާލަތާމެދު ހިތްހަމަޖެހުނެއްކަމަކު މަންޒަރު ބަލަން ހުރި ޒޯއަށް ދެންވެސް ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ. އެންމެން ލޯމަތިން ގެއްލުމުން ވެސް އޭނައަށް ދެންމެ ދެކެވުނު ވާހަކަތަކުގެ މަތިން ވިސްނެމުން ދިޔައެވެ. އެ އަންހެން ކުއްޖާ ބަނޑުބޮޑުނުވާނެހެން ޒޯއަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. އެ އަންހެން ކުއްޖާއަކީ ވަރަށް ފަހަކަށް ވަރިވެފައިވި ކުއްޖަކަށް ވެސް ވެދާނެ ނޫންތޯ ޒޯގެ ހިތަށްއެރިއެވެ. އަދި އަމުދުން އެ އަންހެން ކުއްޖާވެސް އެ ޓެސްޓުގެ ނަތީޖާއަށް އެދިއެދި ހުންނާނީ އެ ޚަބަރުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާތީވެ ނޫންތޯ ޒޯގެ ހިތް ބުންޏެވެ. އެއީ ތެދަކަށް ވެއްޖެނަމަ އެ އަންހެން ކުއްޖާއަށް ލިބޭނީ ހާދަ ބޮޑު ގެއްލުމެކެވެ. ހާދަ ބޮޑު ހިތާމައެކެވެ. އެ ހިތާމަ ތަޞައްވުރު ކުރެވުނު ތަނާހެން ޒޯއަށް އެތަނުން ނިކުންނަން ހިނގައިގަނެވުނެވެ.

 

ޒޯ އެ ދިޔަ ގޮތަށް ދިޔައީ ރިސެޕްޝަނާއި ދިމާލަށެވެ. ރިސެޕްޝަނަށް ގޮސް އޭނަ ވަގުތުން އެ ޕްރައިވޭޓް ރޫމުގައި އޮތް ބަލި މީހަކީ ކާކުތޯ އޭނައަށް ބަލައި ދިނުމަށް އެދުނެވެ. ރިސެޕްޝަންގައި ހުރި ކުއްޖާއަށް އެއީ އަފާފް ހުސެއިން ކަން އެނގުނުތަނާހެން އެތާހުރި ކޮމްޕިއުޓަރުން ނުލިބޭނެ މަޢުލޫމާތުތައް ވެސް އެކުއްޖާ ދޭންފެށިއެވެ.

 

“އެކުއްޖާގެ މީހަކާ ނޫނަސް އެކުއްޖާގެ މީހުންނާ ކޮންޓެކްޓް ކުރެވޭނެ މީހުންގެ ނަންބަރުތައް ހޯދިދާނެ. އަފާފަކީ ގެތައް ޢިމާރާތް ކުރާ ކުންފުންޏެއްގެ ވެރިއެއް. އެ އޮފީހަށް ގުޅާލީމަ ކޮންޓެކްޓް ކުރެވިދާނެ. އޭނަ ބަލާނެ މީހަކު ނެތީތަ؟” ރިސެޕްޝަންގައި ހުރި ކުއްޖާ ވާހަކަތައް ކިޔައިދެމުން އަހާލިއެވެ. ޒޯ އެއީ އިވުނު ސުވާލަކަށް ނެހެދިއެވެ.

 

“އެހެންވީމަ އެ އޮފީހަށް ގުޅާލަބަލަ.” ޒޯ އެދުނެވެ.

 

“އޮފީސް މި ގަޑީގަ ހުޅުވާފަ ހުންނާނެކަމެއް ނޭނގޭ. ބަލަމާ!” ރިސެޕްޝަންގައި ހުރި ކުއްޖާ އެހެން ބުނެ އެތާހުރި ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

**

 

އޭގެ އަނެއްދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ގިނަވުމުން އެލެގެންޓް ހޯމްސްގެ ބައެއް މުވައްޒަފުން ހަވީރު އޮފީހަށް ގޮސް ރޭގަނޑު ވަންދެން ވެސް އޯވާރޓައިމަށް މަސައްކަތް ކުރަން ތިއްބެވެ. ރޭގަނޑުވަމުން ދިޔަ ވަރަކަށް އެކި މުވައްޒަފުން ސައިން އައުޓް ވަމުން ގޮސް އެންމެ ފަހުން ބާކީ ހުރީ ޝަބާއެވެ. ރޭގަނޑު 9:30 ވާން ގާތްވެފައި ވަނިކޮށް ޝަބާ ވެސް ސައިން އައުޓްވުމަށްޓަކައި އެންމެ ތިރީ ފްލޯއަށް ދިޔައެވެ. އަންހެނުންގެ ބައިގައި ހުންނަ ރިސެޕްޝަނާއި އޭނަ އަރައި ހަމަވީ ވަގުތަކީ އެތާނގައި ހުރި ފޯނު ރިންގުވާން ފެށި ވަގުތެވެ. ފޯނާއި ދިމާލަށް ޝަބާއަށް ބަލާލެވުނީ ޙައިރާންވެފައި ހުރެއެވެ. އެންމެ ފަހަކަށް މިފަދަ ވަގުތެއްގައި އެ ފޯނު ރިންގުވީ ހަނދާނެއް އޭނަ ނުވުމުންނެވެ. އެންމެ ފުރަތަމަ ނުނަގަން ހިތަށްއެރިއެވެ. އެހެނަސް މިއީ ބޮޑު ކަމަކަށް ވެދާނެކަމަށް އޭނަ ހިތް ބުނީތީ އޭނަ ގޮސް ފޯނު ނެގީއެވެ.

 

“އައްސަލާމްޢަލައިކުމް، އެލެގެންޓް ހޯމްސް.” ޝަބާ ޖަވާބުދާރީވިއެވެ. އެއާއެކު އެކޮޅުން އިވެން ފެށީ ބޭރު މީހަކު އިނގިރޭސިން ވާހަކަ ދައްކާ އަޑެވެ.

 

“ހެލޯ! އަފާފްގެ ޢާއިލާ މީހަކާ ވާހަކަ ދެއްކިދާނެތޯ؟” އެކޮޅުން ރިސެޕްޝަނުގައި ހުރެ ވާހަކަ ދެއްކީ ޒޯ ނޫން ދެވަނަ މީހެއްނޫނެވެ. އެވަގުތު އޭނައަށް ނޭނގުނުކަމަކީ މިފަހަރުވެސް އެންމެ މުހިއްމު ވަގުތުގައި އޭނަގެ ފުރަގަހުގައި ހުރި ހުސެއިނަށް އޭނަގެ ވާހަކަ އިވުނު ކަމެވެ.

 

“އަމް…..އަޅުގަނޑު މީ އަފާފްގެ ޢާއިލާ މީހެއް. ކިހިނެއްތަވީ އަފާފްއަށް؟” ޝަބާ ނުހަނު ވިސްނުންތެރިކަމާއެކީ ބުނެލިއެވެ. މިއަދު އަފާފް އޭނައާއި ދުރުވެފައިވިޔަސް އޭނަ އަފާފް އޭނަގެ ޢާއިލާއެއްގެ ގޮތުގައި ނޫނީ ނުދެކެއެވެ. އެހެންނޫނަސް އޭނަ އެކޮޅުން އިވޭނެ ވާހަކައެއް އަޑުއަހަން ކެތްމަދުވިއެވެ. އަފާފަށް ދެރަގޮތެއް ދިމާވީއޭ ހިތަށްއެރި ވަގުތު އެ ހިތް ބިރުވެސް ގަތެވެ.

 

“މި ވާހަކަ ދައްކަނީ ހޮސްޕިޓަލުން އަފާފް ބަލަމުން ދިޔަ ނަރުހެއް. އަފާފް ބަނޑުބޮޑުވުމުގެ ބޮޑު ފުރުޞަތެއް އޮތްއިރު ވެސް އޭނަ ވަނީ ލޮލުގެ ސާޖަރީއަކަށް ވައްދާލެވިފަ. ސާޖަރީ ހެދީމަ ދަރިފުޅަށް ވަރަށް ބޮޑަށް ގެއްލުންވާނެ. އަދި ލޮލަށް ވެސް މާ ބޮޑު ފައިދާއެއް ނުކުރުން އެކަށީގެންވޭ. އައިއްސަ އޭނަ ސަލާމަތް ކޮށްދީ. މިތާނގަ ހުރީ އަފާފަށް ހެޔޮއެދޭ މީހެއް ނޫންހެން އަހަންނަށް ހީވަނީ.” ޒޯ ބުނެލި ވާހަކަތަކުން ފޯނުގެ އަނެއްކޮޅުގައި ހުރި ޝަބާގެ ސިކުނޑި ހާސްވިއެވެ. އޭނައަށް އިވުނު ވާހަކަތައް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެ ވާހަކަތައް ދޭހަކުރެވުނުތަނާހެން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ކީއްވެ ހޮސްޕިޓަލުން އޭނަގެ ސާޖަރީއެއް ހަދަންވީ؟ ޑޮކްޓަރަށް ނުފެންނަނީތަ އޭނަގެ ރިޕޯޓް؟!” ޝަބާއަށް ހަރުއަޑުން ސުވާލު ކުރެވުނެވެ. ޝަބާ ކުރި ސުވާލުން ޒޯގެ ހީ ޔަޤީނަކަށް ބަދަލުވިއެވެ. ހަމަ އެ ހިނދު ޙައިރާންވެސްވިއެވެ.

 

“ހޮސްޕިޓަލްގެ ރިޕޯޓުން ނުދައްކާ އެކަމެއް. އޭނަ…..” ޒޯއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އޭނަގެ ފުރަގަހުން އައި މީހަކު އައި އޭނަގެ އަތުން ކޯޑްލެސް ފޯނުގެ އަތްގަނޑު ޖަހައިގަނެ ބިންމައްޗަށް ވައްޓާލިއެވެ. ލިބުނު ސިހުމާއެކީ ޒޯއަށް ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު އެތާނގައި ހުރީ ރުޅީގައި ގޮތް ހުސްވެފައިހުރި ހުސެއިން ނޫން ދެވަނަ މީހެއްނޫނެވެ.

 

“ކަލޭ ތިއުޅެނީ މޮޔަވެގެންތަ؟ އެމެރިކާއިން އަޔަސް މާ މޮޅުކަމަށް ހެދެން އުޅޭނެ ކަމެއްނެތް. ޢާއިލާ މީހުން އެ ޢާއިލާގެ މަޞްލަޙަތަށްޓަކައި ދޮގު ރިޕޯޓެއް ހަދާފަ ޑޮކްޓަރުންނަށް ދެއްކިޔަސް އެއީ އަދި މައްސަލައެއްނޫން. އެއީ އެހެން ނޫނަސް ކަލެއާ ބެހޭ ކަންތައްތަކެއްނޫން!” ހުސެއިން ރުޅި އައިސްފައިވި މިންވަރުން ހިނދުކޮޅަކަށް ވިޔަސް އޭނަގެ ހޭ ބަލިވިފަދައެވެ. އޭނައަށް އަމިއްލަ ދުލުން އަމިއްލަ ނަފްސު ބޭޒާރުކޮށްލެވުނެވެ. އެހެނަސް ދެންވެސް އެވަގުތު ހުސެއިނަށް މޭފުއްޕާލާފައި ހުރެވުނީ އޭނަ އެ ދެއްކީ މޮޅު ވާހަކައެއްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވުނީތީވެއެވެ.

 

ހުސެއިން ވާހަކަ ދެއްކުން ހުއްޓުމުން މުޅި ތަނަށް ހިމޭންކަމެއް ވެރިވި ފަދައެވެ. އެ ހިމޭންކަމުގެ ތެރެއިން އޭނަ ޒޯއަށް އަމާޒުކޮށް ބުނެލި ބަސްތައް، އެ ވެއްޓުނު ފޯނުގެ އަނެއްކޮޅުގައި ހުރި ޝަބާއަށް ވެސް އިވުނެވެ. އޭނަ ބުނީ ކޮންމެ ގޮތެއްވިޔަސް އެ ސާޖަރީ ހެދޭނެ ކަމަށެވެ.

 

**

 

ހުސެއިންގެ ބަސްތައް އިވިފައި ޝަބާގެ ސިކުނޑި ސުމަކަށްދާ ހިސާބަށް ދިޔައެވެ. އޭނައަށް ހުއްޓުން އަރާފައި ސިކުންތުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޝަބާ ހަމަ އެ ރިސެޕްޝަނުގައި ހުރި ފޯނުން ނަންބަރުތަކަށް ފިތާލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އޭނަ ގުޅީ ޝަރަފް ނޫން ދެވަނަ މީހަކަށް ނޫނެވެ. އެހެންމީހަކަށް ނުވިޔަސް ޝަރަފް ވަރުގަދަ ޢަޒުމަކާއެކީ އަފާފް ސަލާމަތް ކުރާނެކަން ޔަޤީންވީތީވެއެވެ.

 

ރޭގަނޑުގެ އެވަގުތު ޝަރަފް އިނީ އާދައިގެ މަތިން އޭނަގެ ކޮޓަރީގައި އެރޭ ކެއުމަށްފަހު އޭނަގެ ފޯނުން ލެކްޗަރެއް އަޑުއަހާށެވެ. ފަހަކަށް އައިސް އޭނައަށް ގިނައިން އަޑުއެހެނީ ރަނގަޅު ބައްޕައިންނާއި މަންމައިންނަށް ވެވޭނެ ގޮތްތައް ކިޔައިދީފައި ހުންނަ ލެކްޗަރުތަކެވެ. ބައްޕައަކު ދަރިއަކަށްޓަކައި ކުރާ ދުޢާ އިޖާބަވާނެ ވާހަކައާއި، ދުނިޔެ ދޫކޮށްދާއިރު ޞާލިޙު ދަރިއަކު ހުރިނަމަ ސުވަރުގޭގައި ދަރަޖަ މަތިވެގެން ދާނެ ވާހަކަ ފަދަ ހަނދުމަކޮށްދިނުންތައް އިވެމުން ދިޔަދިޔަހެން އޭނަ އެފަދަ ޒިންމާއެއް ނަގަން ކެތްމަދުވަމުން ދިޔައެވެ. އޭނަ އިތުރަށް ކެތްމަދުވަމުން ދިޔައީ ޚުދު އޭނަ ކުޑައިރު އޭނަ ވަކި ހިސާބަކުން މަޙްރޫމްވެގެން ދިޔަ ލޯބި އޭނަގެ ދަރިފުޅަށް ފުރިހަމައަށް ދިނުމަށެވެ. އޭނަގެ ދަރިފުޅު ލޯބިން މަޙްރޫމްވުމުގެ ސަބަބުން ގޯސްމަގެއް ޚިޔާރުކުރާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އޭނަ މިއަދުވެސް ރިސޯޓަށް އަނބުރާ ނުގޮސް ހުރީ އެކަމުގެ ބިރަށްޓަކައެވެ. އޭނަ އަދިވެސް އަފާފާއި އެއްފަސްގަނޑެއްގައި ހުރީ މިއަދު ނޫނަސް އަވަސް މުސްތަޤްބަލެއްގައި އޭނައާއި އަފާފް ގުޅިގެން ދާނެ ކަމުގެ އުއްމީދުގައެވެ. އަދި އިހަކަށް ދުވަހު އާހިލް ގެއަށް އައިސް ހުސެއިން ދެއްކި ވާހަކައެކޭ ކިޔާފައި ބުނެލި ވާހަކައެއްގެ ސަބަބުންވެސްމެއެވެ. އާހިލް ބުނި ގޮތުގައި ހުސެއިން އެ ދަރިފުޅަށް ގެއްލުންވާނެއޭ ކިޔާފައި ފޯނުން ދައްކަމުން ދިޔަ ވާހަކަ އޭނައަށް ސާފެއްނުވިއެވެ. އޭނަ ދުވަހެއްގެ ކޮޅުން ވެސް އެއްވެސް މީހެއްގެ އަތުން އެ ދަރިފުޅަށް ގެއްލުމެއް ލިބިދިޔަ ނުދޭނެއެވެ.

 

ލެކްޗަރުގެ ތެރެއިން އެ ޝުޢޫރު ޝަރަފްގެ ހިތަށް ވެރިވީތަނާހެން އޭނަގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ދޮންތަގެ ނަން ފެނިފައި ޝަރަފްގެ ދެބުމަ ކައިރިވިއެވެ. އޭނަ ލަސްތަކެއްނުކޮށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު އޭނައަށް ސަލާންވެސް ނުގޮވެނީސް އެކޮޅުން ދޮންތަ ވާހަކަ ދެއްކިއެވެ. ހާސްވެފައިވި އަޑަކުން ދޮންތަ ދައްކަން ފެށި ވާހަކަތަކުން ޝަރަފްގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ދެފައި މައްޗަށް ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު ދޮންތަ ރޮވެން ކައިރިވެފައިހުރެ އެކޮޅުން ދެއްކި ވާހަކަ ފުރިހަމަ ވެސް ނުވަނީސް ޝަރަފް ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ފޯނު ކަނޑާލިއެވެ.

 

ޢިމާރާތުން ނިކުމެ ޝަރަފް ކާރެއް ހޯދާ ކަހަލަ ޚިޔާލެއްވެސް ނުކުރިއެވެ. އެ ހިސާބުގައި އޮތް ޕާޓީއެއްގެ ސަބަބުން ކާރޫބާރޫ ބޮޑުވުމުން ވަގުތު ފާއިތުވާއިރުވެސް ކާރެއްގައި އޭނައަށް އޭނަގެ މަންޒިލާއި ހަމައަށް ދެވޭނެހެން ހީނުވުމުންނެވެ. ޢިމާރާތުން ނިކުތްއިރު ވެސް ޝަރަފް ދިޔައީ ހުސެއިނަށް ގުޅަމުންނެވެ. އޭނަ ފޯނު ނަގައިފިނަމަ އޭނައާއި ދިމާލަށް ކިޔާނެ އެތަކެއްޗެއް އޭނަގެ ހިތުތެރޭގައި އުތުރި އަރަމުން ދިޔައެވެ. އެހެނަސް ކޮޓަރިން ނިކުތީއްސުރެ އެހާ ހިސާބަށް އައިއިރު އޭނައަށް ހުސެއިނަށް 10 ފަހަރު ގުޅުނުއިރު ވެސް އޭނަ ފޯނެއް ނުނަގައެވެ. 10 ވަނަ ފަހަރަށް ވެސް ފޯނު ކެނޑިގެން ދިޔުމުން ޝަރަފްގެ ދަތްކުނޑި ވިކުނެވެ. ރުޅި އައި ވަގުތު އޭނަގެ ހިތް ބިރުވެރިކަމުން ވެސް ވަށާލެވިގެން ދިޔައެވެ. މިއަދު އޭނަގެ ހިތާމައިން ފުރިފައިވި ޙަޔާތަށް އަންނަން އުޅޭ އެންމެ އުފަލެއްވެސް އޭނައަށް ގެއްލެން އުޅޭހެން ހީވުމުންނެވެ. އެހެން ހީވި ތަނާހެން ޝަރަފަށް ފައިގައި ހުރި ބާރުމިނަށް ދުއްވައިގަނެވުނެވެ.

 

**

 

**

 

ހުސެއިނަށް ޝަރަފްގެ ކޯލްތައް ލިބެމުން ދިޔައީ އަފާފް ސާޖަރީއަށްޓަކައި ވައްދާލެވެން އުޅުނު ވަގުތު އޭނަގެ ނަފްރަތު އަމާޒުވެފައިވި ނަރުސްކުއްޖާ ދެންވެސް އަފާފްގެ ޑޮކްޓަރާއި ވެސް އޭނަ ބަލިވެ އިނދެދާނެކަމަށްބުނެ ވާހަކަ ދައްކަމުން ދިޔަ ވަގުތެވެ. އެ ނަރުސްކުއްޖާ ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް ހުސެއިން އޭނަގެ އަމިއްލަ ރައްދެއް ދެމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް މޮޅުވާނީ އޭނަގެ ކޮޅުކަން ހުސެއިނަށް ޔަޤީންވެފައިވި ފަދައެވެ. ޝަރަފްގެ ކޯލްތައް ގިނަވުމުން އެ ޒުވާބުގެ ތެރެއިން ވެސް އެ ކޯލްތަކުގެ ފަހަތުގައިވި ސަބަބާއިމެދު އޭނައަށް ވިސްނާލެވުނީ އެހެންވެއެވެ. ޝަރަފް އެ ގުޅަނީ މި ޚަބަރު އޭނައަށް ލިބުމުންކަން ޔަޤީންވި ވަގުތު ހުސެއިންގެ ހިތް ނުތަނަވަސްވިއެވެ. އޭނަ ވަގުތުން ދުރަށް ޖެހިލަމުން އެވަގުތު ގޭގައި ހުރި ޝާދިޔާއަށް ގުޅާލީ އޭނަގެ ޚިޔާލު ހޯދުމަށެވެ.

 

“ތިވާނީ އޭނައަށް އެނގުނީކަމަށް. އޭނަ ތިތަނަށް އަންނާނެ މިހާރު ރަނގަޅަށްވިއްޔާ. އޭނަ ހޮސްޕިޓަލަށް ވަނަނުދީ ހުއްޓުވާނެ ބަޔަކު ހޯދާ.” ޝާދިޔާ ޖެހިލުންކުޑަ ކަމާއެކީ އެފަދަ ނަޞޭޙަތެއްދިނެވެ. އޭނަގެ ހިތުން ރަޙުމާއި ކުލުނުގެ ހުރިހާ އަސަރެއް ފިލާފައިވި ފަދައެވެ. އެކަމާމެދު ހުސެއިން ޙައިރާންވި މިންވަރުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ޝާދިޔާއަށް ހިއެއްނުވޭތަ އެއީ މާ ބޮޑުވަރުހެން؟” ހުސެއިނަށް އަހާލެވުނެވެ.

 

“ބޮޑުވަރޭ؟ ކީކޭ ތި ކިޔަނީ؟ ބޮޑުވަރުވާނީ އަހަރުމެންގެ ދަރިފުޅަށް ދަރިއަކު ލިބިގެން އިންނާނެ މީހަކު ނުލިބިގެން އުޅޭ ދުވަހަކުން!” ޝާދިޔާ ވިސްނުންތެރިކަމާއެކީ އެހެން ބުނެލީ ހުސެއިންގެ ބަލި ފަޔަށް ވިސްނާފައެވެ. އޭނަ އެހެން ބުނުމާއެކު ހުސެއިނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަ އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއް ވަންދެން ފޯނަށް ބަލަހައްޓައިގެން ހުރެފައި އޭނަ ޝާދިޔާ އެ ބުނި ގޮތަށް ކަންތައް ކުރިއެވެ.

 

މަގުގެ ޕޭވްމެންޓުން ދުވެފައި ދިޔަ ޝަރަފްގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް ރަނގަޅު ވަގުތަށް އަފާފްގެ ކައިރިއަށް ނުދެވިދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވަމުން ދިޔަދިޔަހެން އޭނަގެ ހަށިގަނޑަށް ވަރުބަލިކަމެއް އިޙްޞާޞްވެ އޭނަގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނަގެ ދަރިފުޅު އޭނައަށް ސަލާމަތް ނުކުރެވޭނެކަމަށް ހިތް ބުނަން ފެށި ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ. އެ ދަރިފުޅާ އޭނަ އެއްފަހަރުވެސް ބައްދަލުނުވެ އޭނައާއި ވަކިވެދާނެކަމަށް ހިތް ބުނި ވަގުތު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އެ ކަރުނަތަކެއްގެ ސަބަބުން އޭރު އޭނަ 2 ގޯޅިއެއްހާ ދުރުން ފެންނަމުން ދިޔަ ހޮސްޕިޓަލް ވެސް އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. މާގިނައިރެއްނުވެ އޭނަގެ ފައިން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު ޝަރަފަށް ސިހުމެއް ލިބިގެން ދިޔައީ ދުރުން އެއްލާލެވުނު ބިއްލޫރި ފުޅިއެއް އޭނަގެ ބޮލުގެ ފުއްކިބައިގައި ޖެހި، ތަޅައިގެން ދިޔުމުންނެވެ.

 

**

 

ހުސެއިންގެ އެތައް ޒުވާބުތަކާއި، ޝާދިޔާ ފަހުން އައިސްގެން ސިއްރުސިއްރުން ޑޮކްޓަރަށް ދިއްކޮލި ލާރިކޮޅެއްގެ ސަބަބުން ތިއޭޓަރަށް ވެއްދި، ސާޖަރީއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް އަފާފަށް އެ އެނދުމަތީގައި އޮވެ ދެލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ކޮންމެވެސް ބޮޑު ނުބައެއް ވެއްޖެހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހިތަށް އެވަގުތު ވެރިވެފައިވީ ޝަރަފްގެ ނަމެވެ. އޭނަ ޝަރަފްވީ ތަނެއް އެވަގުތު އިންތިހާއަށް އެނގެން ބޭނުންވިއެވެ. އެހެނަސް ތިއޭޓަރުގެ ތެރެއިން އިވެމުން ދިޔަ އެކި އާލާތްތަކެއްގެ އަޑުތަކާއި ފިޔަވަޅުތަކެއްގެ އަޑު އިވިފައި މިތަނުން ދެން އޭނައަށް ބޭރުވެވޭނެ އެއްވެސް ގޮތެއްނެތްކަން އޭނައަށް ޔަޤީންވިއެވެ. އެހެންކަމުން ހިތާހިތުން އޭނައަށް ޝަރަފަށްޓަކައި ދުޢާކުރެވުނެވެ. އަދި ހަމަ އެހިނދު އޭނަ ބަލިވެ އިންނަމަ އޭނަގެ ދަރިފުޅުވެސް ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެ ދުޢާކުރެވުނު އިރު އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ހަނދާންވުމުން އަފާފްގެ ހިތަށް އަނެއްކާވެސް ހަމަޖެހުމެއް ވެރިވާން ފެށިއެވެ. އޭގެ މާގިނައިރެއް ނުވެ އޭނަގެ އަނގަމަތީގައި މާސްކެއް އެޅުނުތަނާހެން ލަސްލަހުން އޭނަގެ ދެލޯ މެރި، އޭނަގެ ހޭ ނެތުނެވެ.

 

**

 

ފުޅި ގޮސް ޖެހުމާއެކު ޝަރަފްގެ ހެއަށް ގޮތެއްވިއެވެ. އެހެނަސް އޭނަ ގަދަކަމުން ދެލޯ މަރައި ތަގުޅި ކޮށް ބޮލުގައި ހިފަހައްޓާލަމުން ބޯހޫރުވާލިއެވެ. އެއަށްފަހު އޭނަ ފަހަތް ބަލަން އުޅުނުތަނާހެން އަނެއްކާވެސް އެތާހުރި އޭނަ ނުދަންނަ މީހެއްގެ އެތިފަހަރެއް އޭނަގެ ގަޔަށް އެރިއެވެ. އޭނައާއި އެއްވަރަކަށް ހަށިގަނޑު ހުރި އެ ފިރިހެން މީހާއާއެކީ 6 ވަރަކަށް މީހުން އެތާނގައި ތިބިތަން ފެނިފައި ޖެހިލުންވިއެއްކަމަކު ޝަރަފް ފަހަތަކަށް ނުޖެހުނެވެ. އޭނަގެ ގައިގައި ދެން ޖަހަން އައި މީހާގެ އަތް ޝަރަފް ފަރިތަކަމާއެކީ ހުއްޓުވިއެވެ. އެހެނަސް މާގިނައިރެއްނުވެ އެހެން މީހަކު އައިސް އޭނަގެ ބުރަކަށީގައި ވަޅި އެޅިއެވެ. އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތް ޝަރަފަށް ވީ ތަދާއެކީ ހުރި ގޮތަށް ހުރެވުނެވެ. އެހެނަސް އޭނަ ދެންވެސް އޭނަގެ ދިފާޢުގައި އަތް އުފުލޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެމީހުން ޚުށިޔާރުކަމާއެކީ ޝަރަފް އުއްމީދު ނުކުރާ އެކި ގޮތްގޮތަށް އޭނައަށް އަނިޔާ ކުރަން ފެށުމުން ޝަރަފް ވަރުބަލިވާން ފެށިއެވެ. އެންމެފަހުން އެމީހުންގެ ތެރެއިން އެކަކަށްފަހު އަނެކަކު ޝަރަފްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލަން ފެށުމުން ވެސް ޝަރަފަށް އެއްކަމެއްވެސް ނުކުރެވޭވަރުވިއެވެ. މާ ގިނައިރެއްނުވެ ޝަރަފްގެ ކަޅި މައްޗަށް އަރައިގެން ގޮސް ދެލޯ މެރި އޭނަ ބަންޑުން ގޮސް ބިންމަތީގައި ޖެހުނެވެ. އެވަގުތު އޭނަގެ ދެލޯ މެރިފައިވިޔަސް އޭނަގެ ހޭ ހުއްޓެވެ. އެހެންކަމުން އޭނައަށް ވަށައިގެންވި އަޑުތައް އިވެމުން ދިޔައެވެ. އޭނަ ވެއްޓުނުތަނާހެން އޭނައަށް ކުރިން އިވިފައިވި ހުނުމެއްގެ އަޑު އިވެން ފެށުމުން ޝަރަފަށް އޭނަގެ ދެލޯ ހަނިގޮތަކަށް ހުޅުވާލެވުނެވެ. އެއީ ކާކުގެ ހުނުމެއްކަން އެނގުނު ވަގުތު ޝަރަފަށް ހީވީ އޭނައަށް އޮވެވުނީ އޭނަގެ މާޒީގައި ހިނގި މަންޒަރެއްގެ ތެރޭގައި ހެންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އެ ހުނުމަކީ ވިޔާމް ނޫން ދެވަނަ މީހެއްގެ ހުނުމެއް ނޫނެވެ.

 

“ހެހެ…..ހަނދާންތައް އާ ކޮށްލުމަކީ ހާދަ ސަޅިކަމެކޭ ދޯ ޝަރަފް؟ ޓު ބީ އޮނެސްޓް އަހަރެން ހިއެއްނުކުރަން އަހަންނަށް މިފަހަރު ޝަރަފްގެ މައްޗަށް ބާރު ހޯދޭނެ ކަމަށް. އެކަމަކު ބަލިކަށިމީހުން ވާނީ ބަލިކަށި މީހުންނަށްތާ ދޯ؟ ކިތަންމެ ވަރުގަދަ ހަށިގަނޑެއް ހުއްޓަސް؟ އަދި ކީކޭ ބުނީ؟ މަށަށްވުރެ ކަލެއަށް މުއްސަނދި ވެވޭނެއޭތަ؟ ކަލެއަށް ފައިސާ ނުލިބޭތީ ކަލެއާ ކަލޭގެ އަންހެނުންވެސް ޙަޤީޤަތުގަ އެ ވަކިވީ. ކާކު އެމީހެއްގެ އަންހެން ދަރި ފަޤީރު މީހަކާ ދެވައިގެން އުޅެން ބޭނުންވާނީ؟” ވިޔާމް ގޮސް އޭނަ އެންމެ ކުރީގައިވެސް ހެދިފަދައިން ގޮސް ޝަރަފްގެ ބުރިކަށި މަތީގައި އޭނަ އެއްފައި އެޅިއެވެ. ޒަޚަމްގެ މަތީގައި އެ ބަރު ފިޔަވަޅު އެޅުމުން ވީ ތަދާއެކީ ޝަރަފަށް ބޯ ވަތަށް ޖަހާލެވުނެވެ. އެހެނަސް އޭނަގެ ހިތަށް ވެރިވެފައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

 

“ތިބުނާ ރިސޯޓެއްވެސް ނޭޅޭނެ. ބަލާތި! އެޅޭނީ މީހަކު ދުނިޔޭގަ ހުރެގެނެއްނު؟” ވިޔާމް އެހެން ބުނެ ޝަރަފާއި ދުރުވެލަމުން އެތާ ބިންމަތީގައި ތެޅިފައި އޮތް ފުޅީގެ ބައެއް ނެގިއެވެ. އެއަށްފަހު އަތުގައި ހުރި ބާރަކާއެކީ އޭތި ޝަރަފްގެ ބޮލާއި ދިމާލަށް އަމާޒުކުރިއެވެ. އެހެނަސް އެ އަމާޒު ފުރިހަމަ ނުވަނީސް ބާރުގަދަ އަތަކުން އޭނަގެ އެ އަތުގެ ކުޑަ ހުޅުގައި ހިފަހައްޓާލެވުނެވެ. ވީ ނުރުހުމުގައި ވިޔާމް ނުބައި އެއްޗެކޭ ކިޔާލަމުން ފަސްއެނބުރި ބަލާލުމާއެކު މުޅި އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުމަތިން މުޅިންހެން ފެންނަން ފެށީ ނުތަނަވަސްކަމެވެ. އިސާހިތަކު އޭނަގެ އަތުގައި އޮތް ފުޅީގެ ބައި އޭނަގެ އަތުން ދޫވެ ބިންމަތީގައި ޖެހި، ތަޅައިގެން ދިޔައެވެ. އެ އަޑަށް ޝަރަފަށް އޭނަގެ މޫނު އެއްފަރާތަކަށް އަނބުރާލެވުނީ މަންޒަރު ފެނޭތޯއެވެ. އެހެނަސް ވިޔާމްގެ އަތުގައި ހިފަހައްޓައިގެން ހުރި ބިޔަ ހަށިގަނޑެއްގެ ވެރިޔާ އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭނަ ބަލަބަލާ ހުއްޓާ އެ މީހަކު ވިޔާމްގެ އަތް ގަދަކަމުން ވައްޓާލަމުން ދޫކޮށްލިއެވެ. ވިޔާމް ދެންވެސް އެ ހުރިގޮތަށް ހުރީއެވެ. ޝަރަފް އިތުރަށް ސާފުކޮށް ބަލަން ލޮލަށް ބާރުލީހެން އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. އެ ރިހުމުގައި އޭނަ ހޭނެތެން އުޅުނު ވަގުތު އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ޝަރަފްގެ އެއްއަތް އޭނަގެ ކޮނޑަށް އެރުވިކަން ޝަރަފަށް އެނގުންވިއެވެ. އެއަށްފަހު ދެންވީނުވީއެއް ނޭނގުނެވެ.

 

**

 

ދުޅަ ގަޑިއިރުގެ ސާޖަރީއަކަށްފަހު އަފާފް ތިއޭޓަރުން ނެރުނުއިރު ޝާދިޔާއާއި ހުސެއިން ތިއޭޓަރުގެ ކައިރީގައި ހުރި ބެންޗުގައި ތިއްބެވެ. ޑޮކްޓަރު ނިކުތުމާއެކު އެމީހުން އަފާފާއި ބެހޭގޮތުން ސުވާލުކުރިއެވެ.

 

“ހީވަނީ ރަނގަޅުވާނެހެން. އެކަމަކު އަޅުގަނޑަށް ދެއްކި ރިޕޯޓަކީ ގޯސް އެއްޗަކަށް ވާނަމަ ފަހަރެއްގަ އަނެއްކާވެސް ދޭތެރެ ދޭތެރެއިން އަނދިރިވާގޮތް ވެދާނެ.” ޑޮކްޓަރު ޚަބަރު ދިނެވެ. އެ ޚަބަރާއިމެދު ހިސާބަކަށް ހިތް ހަމަ ނުޖެހިފައިތިބެ އާދައިގެ މަތިން ހުސެއިނާއި ޝާދިޔާ އަފާފަށްޓަކައި އެންމެ އަގުބޮޑު ޕްރައިވޭޓް ރޫމެއް ހޯދައި އެ ރޫމަށް ވެއްދިއެވެ. އަފާފް ހޭއެރުމުގެ އިންތިޒާރުގައި އެ ދެމަފިރިން ތިބީ އެ ރޫމުގައި ހުރި ސޯފާއެއްގައެވެ. ހިމޭންކަމާއެކީ ތިބޭތާ އިރުކޮޅެއް ވީފަހުން ޝާދިޔާ ވާހަކަ ދެއްކިއެވެ.

 

“އަސްލު އޭނަގެ ލޮލުގެ ފެނުން ވެސް އަނބުރާ ނައިއްޔާ ރަނގަޅީ މި ވަގުތަށް. އެހެންނޫނީ އަފާފަށް މިހުރިހާ ޙަޤީޤަތެއް އެނގުން ވަރަށް ގާތް.” ޝާދިޔާއަށް ބުނެލެވުނެވެ. އެ ވާހަކައާމެދު އަންތަރީސްވީވަރުން ހުސެއިނަށް ރުޅިވެރިކަމާއެކީ ޝާދިޔާއޭ ކިޔައި ގޮވާލެވުނެވެ. ބަދަލުގައި ޝާދިޔާ ވެސް ރުޅި އިސްކުރިއެވެ.

 

“މަށަށް ރުޅި އަންނާނެ ކަމެއް. މިއަދު ހުސެއިން ވެސް ތިހިރީ މަ ދައްކާ ގިނަ ވާހަކަތަކާ ޤަބޫލުވެގެން. މަ ކޮންމެ ވާހަކައެއްވެސް ދައްކަނީ އަފާފަށް ވިސްނާފައޭ! އޭނައަށް ދެވަނަ ދިރިއުޅުމެއް ފެށިގެން އޭނަގެ ފެނުން އަނބުރާ އައިއްޔާ އޭނަ ކުރީގެ ދިރިއުޅުމުގެ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެއެއްނޫންތަ؟” ޝާދިޔާ ބުންޏެވެ. ހުސެއިނަށް އެ ވާހަކައަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންކަމުން އޭނަ ފުން ނޭވައެއް ދޫކޮށްލަމުން މޫނު އަނބުރާލިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ހުރި އެނދުގައި އޮތް އަފާފް ލޯމަތީގައި އެޅިފައިވި ބެންޑޭޖާއެކީ ދެފަރާތަށް ދެފަރާތަށް މޫނު އަނބުރަން ފެށިއެވެ. އެއާއެކު ހުސެއިން ވަގުތުން ޑޮކްޓަރަކަށް ގޮވަން ދިޔައިރު ޝާދިޔާ އަފާފްގެ ކައިރިއަށް އައެވެ. މިނެޓްތަކެއްގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު އައިސް އަފާފްގެ ކައިރީގައި މަޑުކޮށްލަމުން އަފާފް ތެދުކުރުވިއެވެ. އެ ހިނދު އަފާފްގެ ހަނދާނަށް އަންނަމުން ދިޔައީ އޭގެ އަހަރެއްހާ ކުރީގެ ހަނދާނެވެ. ހަމަ މިފަދަ ގޮތަކަށް އޭނަގެ ލޮލުގައި ބެންޑޭޖް އެޅިފައިވި ގޮތެވެ. އެދުވަހު އެ ހިތަށް ވެރިވެފައިވި ނުތަނަވަސްކަމެވެ. އެދުވަހު ޑޮކްޓަރު ކުރި ސުވާލު އެވަގުތު އެތާނގައި ހުރި ޑޮކްޓަރު ވެސް ކުރިއެވެ. މީގެ އަހަރެއްހާ ކުރިއާއި ޚިލާފަށް އަފާފް ތަދުނުވާ ވާހަކަ ބުނެލީ ސާބިތުކަމާއެކީގައެވެ. އެވަގުތު ޝާދިޔާ ރޯ ކަމަށް ހެދެމުން ދިޔައެވެ.

 

“ލޮލުގެ ފެނުން އަނބުރާ އައިސްގެން އަފާފަށް ފެންނަން ހުރީ އެހާ އުފާވެރި ޙަޔާތެއްނޫން. މިއަދު ނުފެނުނަސް އިން ޝާ ﷲ އަފާފަށް އުފާވެރި ޙަޔާތެއް ލިބޭ ދުވަހަކުން ލޮލުގެ ފެނުން އަނބުރާ ލިބޭނެ. ދަރިފުޅު ދެރަނުވައްޗޭ!” ޝާދިޔާ ރޮވިފައިވި އަޑަކުން ބުންޏެވެ. އެވަގުތު ހުސެއިން ވެސް އެތާނގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އެ ދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އަފާފް އެއްގޮތަކަށް ވެސް ދެރަނުވާކަމެވެ. އޭނަގެ ހިތުގައި ދުވަހަކުވެސް ނުވާފަދަ އުއްމީދެއް ވާކަމެވެ. އެ އުއްމީދު ފުރިހަމަވުމުން އޭނަ ޙަޤީޤަތް ހޯދައި ބަލަން ކެތްމަދުވެފައިވި މިންވަރެވެ. އަފާފްގެ އެ ކެތްތެރިކަން ކޮޅުންލާން އުޅުނު ވަގުތު ޑޮކްޓަރު އޭނަގެ ލޯމަތީގައި ހުރި ބެންޑޭޖް ނަގަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ.

 

ނުނިމޭ

The post Noor (Part 56) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/noor-part-56/feed/ 0 1138