Asr Archives - Stories by Jana Sat, 24 Apr 2021 12:34:04 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 Asr (Last Part) https://blog.storiesbyjana.com/asr-part-last-part/?utm_source=rss&utm_medium=rss&utm_campaign=asr-part-last-part https://blog.storiesbyjana.com/asr-part-last-part/#respond Sat, 24 Apr 2021 12:32:51 +0000 https://blog.storiesbyjana.com/asr-part-58-copy/

“ޒާން!!!” އައިމަންގެ އަޑު މުޅި ޞަރަޙައްދުގައި ގުގުމާލިއެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން […]

The post Asr (Last Part) appeared first on Stories by Jana.

]]>

“ޒާން!!!” އައިމަންގެ އަޑު މުޅި ޞަރަޙައްދުގައި ގުގުމާލިއެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެ ހިތް ދެމުން ދިޔަ އިންޒާރެއްގެ ސަބަބުންނެވެ. އައިމަނަށް އެހާ ހިސާބަށް ދެވުނުއިރު ފަސްވަރަކަށް ވެހިކަލާއި އެ އެއްޗެހި ދުއްވަން ތިބި މީހުން އެތަނަށް އެއްވެއްޖެއެވެ. އައިމަން ރޮވެން ކައިރިވެފައި ހުރެ އެމީހުންގެ ދޭތެރެއިން ގޮސް އަޒާނާއި ހަމައަށް ދިޔައެވެ. އޭނައަށް ދެވުނުއިރު އަޒާން އޮތީ ހޭނެތިފައެވެ. މީގެ ކުރިން އޭނަ ލޭ ފެންނައިރަށް ދުރަށް ދުއްވައިގަތަސް މިއަދުގެ ޙާލަތު މުޅިން ތަފާތެވެ. އަޒާންގެ ބޮލުން ފެށިގެން މުޅި މޫނުގައި ވެސް ލޭ ހުއްޓެއްކަމަކު އައިމަނަށް އަޒާންގެ ގައިގައި ބާރަށް ހިފަހައްޓައި ބައްދާލެވުނެވެ. އޭގެ މާ ގިނައިރެއްނުވެ އެމްބިއުލާންސެއް އެތަނަށްއައެވެ.

 

އަޒާނާއެކީ އެމްބިއުލާންސްގައި އައިމަން ހޮސްޕިޓަލަށް އައިތާ މާ ގިނައިރެއްނުވެ ހަފްސާއާއި ޚާލިދުވެސް އެތަނަށް ހާޒިރުވިއެވެ. އެމީހުން ކަންވީ ގޮތާއިމެދު ވަގުތުން ސުވާލު ކުރީ އައިމަނާއެވެ. އައިމަން ރޮވިފައިހުރެ އެމީހުންނަށް ކިޔައިދިނެވެ. އެއާއެކު ހަފްސާ ވެސް ކަންބޮޑުވާންފެށިއެވެ. އެހެނަސް ޚާލިދު އެމީހުންނަށް ވިސްނައިދެވޭތޯ ބެލިއެވެ. ބޮލަށް އެހާ ބޮޑު ގެއްލުމެއް ލިބޭއިރު ސިކުނޑިއަށް ގެއްލުމެއްނުލިބި ނުހުންނާނެކަން އެނގޭއިރު ވެސް، މިއީ މާ ބޮޑު ކަމެއްނޫންކަމަށް އޭނަ ބުނެލީ އަމިއްލަ މީހާގެ ކަންބޮޑުވުން ވެސް ފޮރުވަމުންނެވެ.

 

މަންސޫރާއި ޚިލާފަށް އަޒާނަށް އެމަޖެންސީކޮށް ފަރުވާ ދެވެމުން ދިޔަ ވަގުތު ހޮސްޕިޓަލްގައި ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމެކެވެ. ތިން މީހުންގެ ހަނދާނަށް ވެސް އަންނަމުން ދިޔައީ އަޒާން ކޮންމެވެސް ދުވަހަކު އެމީހަކަށް ކޮށްދީފައިވި ހެޔޮ ކަމެކެވެ. ނޫނީ އެމީހަކަށް ދީފައިވި ހެޔޮ ނަޞޭޙަތެކެވެ. ތިން މީހުންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުގެ އަސްލަކީ އެ ހަނދާންތަކެވެ.

 

އެ އުފާވެރި ކުޑަކުޑަ ޢާއިލާގެ ޙަޔާތް އެ ފުށްމިފުށަށް ޖަހާލި ޚަބަރު ޑޮކްޓަރު ގެނެސްދިނީ އެރޭގެ ޢިޝާ ނަމާދު ވަގުތުގައެވެ. އާނއެކެވެ. އެމީހުންނަށް މި ހުރިހާ ދުވަހު ވަގުތު ފާއިތުވަމުން ދާކަމަށް ވިސްނައިދޭން މަސައްކަތް ކުރަމުން އައި ޝަޚުޞިއްޔަތު އެއީ ކިހާ ބޮޑު ޙަޤީޤަތެއްކަން މިއަދު އެމީހުންނަށް ދައްކައިފިއެވެ. އަޒާން ދުނިޔެ ދޫކުރި ޚަބަރު ލިބުނު ހިނދުކޮޅުގައި ލިބުނު ޝޮކެއްގެ ބޮޑުކަމުން އެމީހުންނަށް އެ ހިނދު އެކަން ވިސްނޭ ގޮތެއްނުވިއެވެ. އައިމަން އެ ހުރިތަނަށް ގަނޑުވެގެން ގޮސް ބިންމައްޗަށް ތިރިވިއިރު ހަފްސާ އަޑުން އަޑުނަގައި ރޯންފެށިއެވެ. އެވަގުތު ޚާލިދު ޑޮކްޓަރުންގެ ބޮލުގައި އިލްޒާމް އަޅުވައި ހޮސްޕިޓަލް ތެރޭގައި އަޑު ހަރު ކުރިއެވެ. އެހެނަސް އެންމެފަހުން އޭނައަށް ވެސް ހަފްސާއާއި އައިމަނާއެކީ ރޮވެން ފެށިއެވެ. އޭގެ އިރުކޮޅެއްކުރިން ހޮސްޕިޓަލަށް އައިސްފައި ހުރި ވިސާމް އެމީހުންނަށް ވިސްނައިދޭން އުޅުނެއްކަމަކު އެމީހުންނަށް މާ ބޮޑު ބަދަލެއްނާދެއެވެ.

 

އަވަށްޓެރިންގެ އެހީއާއި އެ ރެއިން އެ ރެއަށް އައްޑޫއަށް އައި ތިމާގެ މީހުންގެ އެހީގައި އަޒާންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރެވުނެވެ. އަޒާންގެ މޫނު ފެނުނު ވަގުތު އެންމެ ބޮޑު އަސަރެއް ކުރީ އައިމަންގެ ހިތަށެވެ. އޭނައަށް އެސްފިޔަ ޖަހާލުމެއްނެތި އެ މޫނަށް ބަލަން ހުރެވުނީ އެ މޫނުމައްޗަށް ވެރިވެފައިވި ލުއި ހިނިތުންވުމެއްގެ ސަބަބުންނެވެ. އޭނަގެ ލޯބިވާ ބޭބެއަށް ހިނިތުންވެލެވުނީ ކޯޗެއް ފެނިފަތޯ އޭނަގެ ހިތަށްއެރިއެވެ. އެ ސުވާލުކޮށްލަން ހިތް ބުނެލި ހިނދު އަނެއްކާވެސް އައިމަންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. މިއަށްފަހު އެދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވޭނެކަން ޔަޤީންވުމުންނެވެ.

 

ކަށުނަމާދަށްފަހު ގެއަށް އައިސް އައިމަން ބޭނުންވީ އެކަނި ވެލާށެވެ. މަންމަމެންގެ ކަރުނަތައް ބަލަހައްޓައިގެން ހުންނާނެހާ ހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ. އޭނަ ބޭނުންވީ އޭނަ އެވަގުތުވެސް ޤަބޫލުކުރަން ދަތިވެފައި ހުރި ޙަޤީޤަތުގެ މަތިން ހަނދާން ނައްތާލުމަށްޓަކައި ލަވައެއް ޖަހައިގެން ނިދާލާށެވެ. އެހެނަސް އެނދަށް އެރުމަށްފަހު އޭނައަށް އެހެން ހަދާކަށް ނުކެރުނެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އަޒާން ބުނެލި ވާހަކައެކެވެ.

 

“މީ އައްމުގެ އެންމެ ފަހު ދުވަސްނަމަ އައްމު ތި އެއްޗެހި އަޑުއަހާނަންތަ؟” އޭނަ އެއްދުވަހު ނުބައި ބަސްތަކުން ފުރިގެންވި ލަވައެއް އަޑުއަހަމުން ދަނިކޮށް އަޒާން ބުންޏެވެ. އެދުވަހު ހިނދުކޮޅަކަށް އޭނަގެ ހިތަށް ބިރުވެރިކަމެއް ވަނެއްކަމަކު އިސާހިތަކު އޭނަ އެ ބަސްތަކުގެ މަތިން ހަނދާން ނައްތައިލިފިއެވެ. އެހެނަސް މިރޭ އެ ބަސްތައް ސިކުނޑީގައި ގުގުމަން ފެށި ގޮތުން އައިމަނަށް އޮތް ގޮތަށް އޮވެވުނީ މީ ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ އެންމެ ފަހު ދުވަހަށް ވެދާނެކަން އެނގުންވީތީވެއެވެ.

 

ވިސްނުމެއްގެ ތެރޭގައި އޮތުމަށްފަހު އައިމަން ކުއްލިއަކަށް ތެދުވެލިއެވެ. އެއަށްފަހު އެނދުމަތީގައި އިނދެ އޭނަގެ ފޯނުން ފޭސްބުކަށް ވަދެލީ ކަމެއް ހަނދާންވެގެންނެވެ. ފޭސްބުކަށް ވަދެ އޭނަ ވަގުތުން ހުޅުވާލީ އޭނައާއި އަޒާންގެ ޗެޓް ލޮގެވެ. އެއާއެކު އޭނައަށް ވަގުތުން ފެނިގެން ދިޔައީ ނަޞޭޙަތްތަކުން ފުރިގެންވި މެސެޖުތަކެވެ. އެއް މެސެޖުގައި ޔޫޓިއުބް ލިންކެއް އޮތިއްޔާ އަނެއް މެސެޖުގައި ފޭސްބުކް ޕޯސްޓެކެވެ. ގިނަ މެސެޖުތަކުގައި ހުރީ އަޒާން އަމިއްލައަށް ލިޔެފައި ހުރި ނަޞޭޙަތްތަކެވެ. މި ވޭތުވެދިޔަ ހަފްތާތަކެއްގެ ތެރޭގައި އައިމަނަށް މި މެސެޖުތައް ފެނިފައިވިއެވެ. އެހެނަސް އޭނަ އެއްގޮތަކަށް ވެސް އެ އެއެއްޗެހި ކިޔާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ކޮންމެ ގޮތެއްވިޔަސް އެވަގުތު އަޒާން މަތިން ހަނދާންވަމުން ދިޔަވަރުން އައިމަނަށް އެ މެސެޖުތައް ކިޔެން ފެށިއެވެ. އެންމެ ފުރަތަމަ މެސެޖަށް ސްކްރޯލް ކޮށްލަން އުޅުނު ވަގުތު އޭނަގެ ލޮލުގައި އެހެން މެސެޖެއް އެޅިއެވެ.

 

“ހިދާޔަތުގެ މާނައަކީ ދާންވީ މިޞްރާބު ތިބާއަށް އެނގުން. އެއީ ޙަޤީޤަތުގައި ވަރަށް ބޮޑު ހަދިޔާއެއް. އަނދިރިކަމުން ފުރިގެންވި މި ޙަޔާތުގައި ދާންވީ ކޮން މިޞްރާބަކަށްކަން އެނގުމަކީ ވަރަށް ބޮޑު ނިޢުމަތެއް އައްމު. މި ނިޢުމަތް ލިބޭނީ ކޮން ތަނަކުންކަން އެނގޭތަ؟ އަހަރުމެން އެއްދުވަސްވަރެއްގަ ނުބަލައި ދަސްކޮށް ހަނދާން ނައްތާލި އާޔަތްތަކުން. އެ އާޔަތްތަކަށް އަނބުރާ ދާންވީ އައްމު. އެ އާޔަތްތަކުން ބުނާ އެއްޗެއް އުނގެނެން މަސައްކަތް ކުރަންވީ. ރޭގަނޑު ދަތުރު ކުރަމުން ދާ ދަތުރުވެރިޔަކަށް އުޑުގައިވި ތަރިތަކުގެ އެހީގައި ދާންވީ ދިމާ އެނގޭ ފަދައިން އެ އާޔަތްތަކުން އަހަރުމެންނަށް ހިދާޔަތް ލިބޭނެ އިން ޝާ ﷲ.” އަޒާން ލިޔެފައިވިއެވެ. އެއަށްފަހު އޭނަ ޙިއްޞާ ކޮށްފައިވީ ވާޤިޢާ ސޫރަތުގެ ބައެއް އާޔަތްތަކާއި އޭގެ މާނައެވެ. އައިމަން އޭތި ކިޔާލިއިރު އެއީ އެންމެ ފަހުން އަޒާން ބުނެލި ޖުމްލައާއި ގުޅޭ އާޔަތްތަކެވެ. ނޭނގޭ ސަބަބަކާހުރެ އައިމަނަށް އެ އާޔަތްތައް ރީތިވިއެވެ. އެހެނަސް ދެންވެސް އޭނަގެ ހިތް ވީ ޝައްކެއްގެ މަތީގައެވެ. ދާންވީ “މިޞްރާބު” ނޭނގިގެން އޭނައެއް ނުއުޅެއެވެ. ވީއިރު އޭނަ ހިދާޔަތަކަށް ބޭނުމެއް ނުވެއެއްނޫން ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލާއެކީ އައިމަން އެހެނިހެން މެސެޖުތައް ކިޔަން ފެށިއެވެ. ދެން އޭނަ ކިޔުނީ ސުވަރުގެއާއި ބެހޭ ގޮތުން އޮތް މެސެޖެކެވެ. ސުވަރުގެއަށް ގޮސް އޭނައާއި އަޒާން ކުރާނެ ކަންތައް ލިޔެފައި ހުރި ގޮތުން އައިމަނަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. މިއަދު އަޒާން ޙަޤީޤަތުގައި ވެސް ގޮސްފައިވާނީ އެ ސުވަރުގެއަށްކަމަށް ހިތް ބުނި ހިނދު އޭނަގެ ހިތުގައި ވެސް އެތަނަށް ދިޔުމުގެ ޝުޢޫރެއް އުފެދުނެވެ. އެ ޝުޢޫރާއެކީ އައިމަން އެހެން މެސެޖަކަށް ދިޔައެވެ. ނަރަކައާއި ބެހޭ ގޮތުން ލިޔެވިފައިވި އެ މެސެޖު ކިޔަން ފެށި ތަނާހެން އައިމަންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ﷲ އަށް އުރެދުނު މީހުންނަށް ލިބޭނެ ޢަޒާބުގެ ވާހަކަ ކިޔަމުން ދިޔައިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އެފަދަ މީހަކީ ހަމަ އޭނަކަން އޭނައަށް ޔަޤީންވީ ވަގުތު އޭނައަށް ރޮވެން ފެށިއެވެ. އޭނަ އެތަނުން ސަލާމަތްވާނީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އައިމަނަށް ދެއަތް މައްޗަށް އުފުލާލެވުނެވެ. އަދި އޭނައަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާ ކުރެވުނެވެ. އޭނައަށް ޙަޤީޤަތުގައި ވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގުން ސާބިތުކަމާއެކީ ހިނގޭނެ މިޞްރާބު ނޭނގޭކަން އެނގުންވީ އެވަގުތެވެ. އަޒާން ބުނިހެން އޭނަ ޤުރުއާނުގެ އާޔަތްތައް އުނގެނެން ފަށައިފި ނަމަ އޭނައަށް އެ މިޞްރާބު ފެންނާނެ ހެއްޔެވެ؟

 

އެރޭ ހިތަށްވެރިވި އެ ސުވާލަކީ އައިމަންގެ ޙަޔާތް ބަދަލުކޮށްލި ސުވާލެވެ. އައިމަން އަމިއްލައަށް އިސްނަގައިގެން ޤުރުއާނުން ބުނާ އެއްޗެއް ދެނެގަންނަން މަސައްކަތް ފެށީ އެރެއެވެ. ކޮންމެ ނަމާދަކަށްފަހު ތަރުޖަމާ ނަގައިގެން އޭނަ ދެ ޞަފްޙާ ވަރަކަށް ކިޔަމުން ދިޔައެވެ. އަދި އަޒާން ފޮނުވާފައި ހުރި އެކި ލިންކްތަކަށް ވެސް ދާންފެށިއެވެ. އައިމަންގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ އަޒާން ޙިއްސާކޮށްފައިވި ވާޤިޢާ ސޫރަތުގެ އެ އާޔަތްތައް އުނގެނުމުންނެވެ. މި ހުރިހާ ދުވަހުވެސް މުޢުޖިޒާތެކޭ މީހުން ބުނަމުން އައި މި ފޮތް އޭނައަށް ބަލާނުލެވުނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ. އުނގެނެމުން ދިޔަ ވަރަކަށް އައިމަން އިތުރަށް އުނގެނެން ބޭނުންވިއެވެ. އޭނައަށް ފިލްމުތަކުގެ ބަދަލުގައި ދިގު ލެކްޗާރތައް ބެލުމުގައި ގަޑިއިރުތަކެއް ހޭދަކުރެވެން ފެށިގޮތުން ޚުދު އޭނަ ވެސް އަޖާއިބުވާހާވިއެވެ. ފަހުން އައިސް ފިލްމުތަކަށް އޭނަގެ ޝައުޤުވެރިކަން ވެސް ގެއްލުނީއެވެ. އެއަށްވުރެ މާނަ ހުރިކަމެއް އޭނަގެ ހިތަށް އިޙްޞާޞް ކުރެވުމުންނެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނަގެ ފޯނަށް ބައެއް ސޫރަތްތައް ޑައުންލޯޑްވެގެން ދިޔައެވެ. އިތުރު ސޫރަތްތައް ޑައުންލޯޑް ކުރަން ސްޕޭސް ނެތުމުން ލަވަތައް ޑިލީޓް ކުރެވެން ފެށިއެވެ. އޭގެ ދުވަސްތަކެއް ފަހުން އައިމަން އޭނަގެ ފޯނުން “މިޔުޒިކް”އަށް ވަތްއިރު ހަމައެކަނި ސޫރަތްތައް ހުރި ގޮތުން އޭނައަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންނޫނަސް އޭނަ ކުރިން ޑައުންލޯޑް ކޮށްފައި ހުރީ ކޮން ހާއްޔެއްތޯ ހިތަށްއެރިއެވެ.

 

އަޒާންގެ މަރަށްފަހު ޙަޔާތް ބަދަލުވީ ހަމައެކަނި އައިމަންގެއެއް ނޫނެވެ. އަޒާން އޭނަގެ ބަސްތަކުން މަންމައާއި ބައްޕަގެ ހިތާއިވެސް ކުޅެފައިވި ގޮތުން އެ ހިތްތަކަށް ވެސް އެދުވަސްފަހުން ލޮޅުމެއް އައެވެ. އެ ދެމީހުން ވެސް އަޒާންގެ ކަށުނަމާދުގައި ބައިވެރި ނުވިއެއްކަމަކު ނަމާދު ނިމެންދެން އެދެމީހުން މިސްކިތް ކައިރީގައި ތިއްބެވެ. އަދި އަޒާންގެ ޖަނާޒާގެ ފަހަތުން ވެސް ދިޔައެވެ. އެރޭ ގެއަށް ގޮސް ހަފްސާ ވަގުތުން ކޮޓަރިއަށް ވަދެ ހެދުން އަލަމާރި ހުޅުވާލީ އަޒާން އޭނައަށް ދިން ހަދިޔާއެއްގެ މަތިން ހަނދާންވުމުންނެވެ. ހަފްސާ އޮތީ އޭތި އަލަމާރީގެ ކަނަކަށް ގުޅައަކަށްލައި އެއްލާލާފައެވެ. އެއީ ނަމާދުކުރަން އަޅާ ކަހަލަ ބޮޑު ހުދު ކުލައިގެ ދޮޅިއެކެވެ.

 

“މަންމާ ޕްލީޒް ނަމާދު ކުރައްޗޭ. އަހަރެން ބޭނުން އަހަރުމެން އެންމެން ޖަންނަތުލް ފިރްދައުސްގަ ހުރި ޕެލެސްއަށްދާން އިން ޝާ ﷲ. ޕްލީޒް މަންމާ، އެންމެން އެކީގަ ދެވޭނީ އޭރުންނޭ.” އަޒާން އޭތި ދިން ދުވަހު ބުނެލި ބަސްތަކުގެ އަސަރު ހަފްސާގެ ހިތަށްކުރީ އެ ރެއެވެ. އޭނައަށް އެ ފޮށާ އަތުތެރެއަށް ލައިގެން އެތައް އިރެއް ވަންދެން ރޮވުނެވެ. މަންމަ ބަހައްޓާފައި އަޒާން ގޮސްފިނޫންތޯ ބުނެ އޭނަގެ ހިތް ޝަކުވާ ކުރިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަމިއްލަ ދިރިއުޅުން ބަދަލުކުރަން ނިންމީ، އޭނަގެ ޒުވާން ދަރިފުޅު އެފަދަ ގޮތަކަށް ދުނިޔެ ދޫކޮށްފިނަމަ އޭނަގެ ދުވަސް މާ ކައިރިވާނެހެން ހީވި ހީވުމުން ހިތަށްވަތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. ހަފްސާ ހަމަ އެރޭ އަޒާން އޭނައަށް ދިން ފޮށާ އަޅައިގެން ނަމާދު ކުރަން ފެށިއެވެ. އޭގެ ދުވަސްތަކެއް ފަހުން ޚާލިދު ވެސް ނަމާދު ކުރަން ފެށީ ބަންގި ގޮވާ ކޮންމެ ގަޑިއެއްގައި އޭނައަށް އަޒާންގެ މެސެޖަކަށް އިންތިޒާރު ކުރެވޭތީވެއެވެ. ބަންގި ގޮވާ ކޮންމެ އިރެއްގައި ޚާލިދަށް އޭނަގެ ފޯނުން އަޒާންގެ މެސެޖުތަކަށް ބަލާލެވެއެވެ.

 

“ބައްޕާ، ނަމާދު.”

 

“ނަމާދު ކުރައްޗޭ ބައްޕާ.”

 

“ޑޭޑް އައިމް ވެއިޓިންގް. އަންނާނަން ދޯ މިރޭ މިސްކިތަށް؟”

 

އެ މެސެޖުތައް ކިޔޭ ކޮންމެ ފަހަރަކު ޚާލިދުގެ ލޯ ކަރުނުން ފުރިގެން އާދެއެވެ. އެންމެ ފުރަތަމަ ވެސް ނަމާދަކަށް މިސްކިތަށް ދެވުނީ އެ މެސެޖުތަކުން ހިތް ޖަޒުބާތުތަކުން ފުރިގެން އައުމުންނެވެ. އަޒާންގެ އެންމެ ބޮޑު އެދުމަކަށް ވެފައިވީ އޭނަ މިސްކިތަށް ގޮސް ނަމާދު ކުރުމެވެ. އެ އެދުން ފުރިހަމަކޮށް ނުދެވެނީސް އަޒާން ދުނިޔެ ދޫކޮށް ދިޔުމުން ޚާލިދަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އެހެނަސް އޭނަ ދެން ލަސްނުކޮށް އިޞްލާޙުވާން ނިންމީ އެ ދަރިފުޅުގެ އަނެއް އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައެވެ. ނަރަކައިގެ ޢަޒާބުން އޭނަގެ އަމިއްލަ ނަފްސު ސަލާމަތް ކުރުމަށެވެ.

 

**3 ހަފްތާ ފަސް**

 

ބޭބެގެ މަރުގެ ހިތާމައިން ކުޑަވެސް ލުއެއް ލިބުމާއެކު އައިމަން އަނބުރާ ސްކޫލަށް ދިޔައެވެ. އަޒާންގެ ފަރާތުން އޭނައަށް އުނގެނުނު އެއްޗެހީގެ ސަބަބުން އޭނަ ބަދަލުވެފައިވި މިންވަރު އަންދާޒާކުރެވުނީ ސްކޫލަށް ދިޔުމުންނެވެ. ކުލާހަށް ވަނުމާއެކު އޭނަގެ އަންހެން އެކުވެރިން އޭނައަށް “ތަޢުޒިޔާ” ކިޔުމުގެ ގޮތުން ގައިގައި އަތްލާ ވާހަކަ ދައްކަން ފެށިތަނުން އައިމަނަށް ނުރުހުންވެފައި ދުރުވެލެވުނެވެ. އެދުވަހު އޭނަގެ ފިރިހެން އެކުވެރިން ނުބައި ބަސްތައް ބޭނުން ކުރަމުން ދިޔަ ގޮތުން އޭނަގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އަދި މި ނޫނަސް ސްކޫލްގެ ތެރޭގައި ރައްޓެހިވެގެން އުޅޭ ކުދިންތައް ފެންނަމުން ދިޔަ ގޮތުން އޭނަ އިތުރަށް ނުރުހުންވަމުން ދިޔައެވެ. އެކަމާމެދު އޭނަ ޙައިރާންވެސްވިއެވެ. މި ހުރިހާ ދުވަހު އެ ކަންތައްތަކަކީ ޚުދު އޭނަވެސް ކުރަމުން އައި ކަންތައްތަކެވެ. ވީއިރު މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލާއިމެދު ވިސްނާލުމުން އައިމަނަށް އޭގެ ޖަވާބު ލިބުނެވެ. އޭނައަށް ދާންވީ މިޞްރާބު އެނގުނީއެވެ. މި ހުރިހާ ދުވަހު އޭނަ އެ ކަންތައް ކުރަމުން ދިޔައީ މިއީ އެހާ ނުބައި ކަމަކަށް ނުވާނެކަމުގެ ބަހަނާ އަމިއްލަ ނަފްސަށް ދެމުންނެވެ. އެހެނަސް މިއަދު އޭނައަށް ޙަޤީޤަތް ސާފުކޮށް އެބަ ފެނެއެވެ. މި ފެންނަމުން ދާ މަންޒަރުތަކުގެ ނަތީޖާއާއިމެދު ވިސްނާލުމުން އޭނަ އޭނަގެ އެކުވެރިންނާއިމެދު ވެސް ކަންބޮޑުވިއެވެ. އެކަމަށްޓަކައި ފިޔަވަޅެއް އެޅުމުގެ ގޮތުން އައިމަން އަޒާންގެ ދައުރު ސްކޫލްގައި ކުޅެން ނިންމިއެވެ.

 

އައިމަން ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސަކަށް ވާކަށް މާ ބޮޑު މަސައްކަތެއް ނުނެގިއެވެ. އޭނައަކީ އަޒާންގެ ކޮއްކޮއަށްވެފައި އޭނަ އެކަމަށް ޤާބިލުކަން އެންމެނަށް އެނގޭތީ ނުހަނު ފަސޭހައިން އެ މަޤާމް އޭނައަށް ލިބުނެވެ. އޭނަގެ މަންމައާއި ބައްޕަ އޭނައަށް އިތުބާރު ކުރަން ފެށިފަހުން އޭނަ ވަޒީފާ ދޫކޮށްފައިވާތީ މި އާ މަޤާމުގެ ޒިންމާ އައިމަން އެންމެ ފުރިހަމަ ގޮތުގައި ނެގިއެވެ. އެންމެ ފުރަތަމަ ވެސް އޭނަ ބޭނުންވީ އަޒާންގެ އެދުންތައް ފުރިހަމަ ކޮށްދޭށެވެ. މިގޮތުން އަޒާން ބާއްވަން ބޭނުންވެގެން ހުރި ކޭމްޕް ވެސް ނުހަނު ކުރު މުއްދަތެއްގައި ރާވާލިއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ބޭއްވި އެ ކޭމްޕުގައި ވާހަކަ ގަޑިއެއް ލައި އައިމަން ކަހްފު ބާގައިގެ މީހުންގެ ވާހަކަ އޭނަގެ އެކުވެރިންނަށް ކިޔައިދިނެވެ. އެއީ އަޒާން އޭނައަށް ފޮނުވާފައިވި ލިންކެއްގެ އެހީގައެވެ. އޭނަ ކިޔައިދިނީ އަޒާން ބޭނުންވި ފަދައިން އެންމެންގެ ޝައުޤުވެރިކަން ދަމައިގަނެވޭނެ ފަދަ ގޮތަކަށެވެ. އޭނަގެ ކުރިމަތީގައި ތިބި ގިނަ މީހުންނަކީ އޭނައާއި އެއްމިޒާޖެއްގެ ބަޔަކަށްވުމުން އެކަން ވެގެން ދިޔައީ އައިމަނަށް ފަސޭހަކަމަކަށެވެ. ވާހަކައަށްފަހު ހުރިހާ ފިރިހެން ކުދިން އޭތި ވަރަށް “ކޫލް” ކަމަށް ބުނެ ވާހަކަ ދައްކަން ފެށި ގޮތުން އައިމަންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަގެ އުއްމީދަކަށްވެފައިވީ އަންހެން ކުދިންނަށް އެ ވާހަކަ ކިޔައިދިން ކުއްޖާ ވެސް އެފަދަ ގޮތަކަށް ވާހަކަ ކިޔައިދީފައިވާނެ ކަމަށެވެ. އެހެނަސް އެ ޒިންމާ ނެގި ކުއްޖާ ވާހަކަ ކިޔައިދީފައިވަނީ އަމިއްލައަށް މާ ބޮޑު ޝައުޤުވެރިކަމެއް ނެތިކަން އައިމަނަށް އެނގެން މާ ގިނަ ދުވަހެއް ނުނެގިއެވެ. އެކަމާމެދު ނުރުހުންވި ވަގުތު އަނެއްކާވެސް އައިމަންގެ ހިތުތެރޭގައި ވަޅުލެވިފައިވި ޝިޔާގެ ހަނދާންތައް އާވާންފެށިއެވެ. ޝިޔާ ހުރިނަމަ މިހެން ނުވީހޭ ހިތް ބުނަން ފެށި ހިނދު އޭނަ ޝިޔާ ކޮބައިތޯ ހޯދަން ބޭނުންވިއެވެ. ސްކޫލްގައި ހިންގޭ މިފަދަ ޙަރަކާތްތަކުގައި އަންހެން ކުދިންނަށް ހިތްވަރެއްގެ ގޮތުގައެވެ. އެހެނަސް ސްކޫލްގެ މުދައްރިސެއްގެ ފަރާތުން ޝިޔާ ސްކޫލުން ކެނޑިފައިވާ ވާހަކަ އެނގުމުން އައިމަންގެ ހިތް މާޔޫސްވިއެވެ. ކުރިއާއި ޚިލާފަށް މިފަހަރު އެ މާޔޫސްކަމުގެ ތެރެއަށް ގެނބިގެނެއް ނުދެއެވެ. އޭނަ ހިތްހަމަ ޖައްސާލީ ﷲ އޭނައަށް މެދުވެރިކުރައްވާ ކޮންމެ ކަމަކީ ވެސް ޙިކްމަތަކާއެކީ މެދުވެރިވާ ކަންތައްތަކެއްކަން ހަނދާންކުރަމުންނެވެ. އަދި ޝިޔާ އޭނަގެ ޙަޔާތުގައި ވުމަކީ އޭނައަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ ﷲ އެގޮތް މެދުވެރި ކުރައްވާނެކަން ހަނދާން ކުރަމުންނެވެ. މީގެ އިތުރުން ވެސް އައިމަން އޭނަގެ އަމިއްލަ އިޙްޞާޞްތަކުގެ އަޅަކަށް ނުވުމަށްޓަކައި ﷲ ގެ ޙަޟްރަތުން ވާގިއަށް އެދި ދެންވެސް އޭނައަށް ވީވަރަކުން ހެޔޮ ބަހެއް ފޯރުކޮށްދިނުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ގިނަ ކުރިއެވެ. އޭނަގެ ސަބަބުން ފައިދާތައް ލިބެމުން ދިޔަ ދަރިވަރުން ގިނަވެގެން ދިޔަދިޔަހެން ފާހަގަކޮށްލެވޭ ތަފާތު ޒުވާނެއްގެ ގޮތުގައި ނޫހަކަށް އިންޓަވިއު ދިނުމުގެ ފުރުޞަތު އައިމަނަށް ލިބުނެވެ. އައިމަންގެ ފޮޓޯތަކާއެކީ އެ އިންޓަވިއު އޮންލައިން ނޫހެއްގައި ޖެހިގެން ދިޔައެވެ.

 

“މިހިރީ އެއްކަލަ ސޮރު، ދޯ ޝިއު؟” އެހެން ބުނެލީ އެމީހުން މާލޭގައި އެމީހުން ކުއްޔަށް ހިފައިގެން އުޅޭ ގޭގެ ބެލްކަނީގައި އައި ޕެޑެއް ހިފައިގެން އިން ނާސިރެވެ.

 

“ކާކު؟” ބެލްކަންޏަށް ނިކުމެވޭ ދޮރު ކައިރީގައި ހުރެ ޝިޔާއަށް އަހާލެވުނެވެ. ނާސިރު ހިނިތުންވުމެއްގައި ހުރެ އައި ޕެޑް ޝިޔާއަށް ދިއްކޮށްލިއެވެ. ޝިޔާ ގޮސް އޭގައި ހިފައި ސްކްރީނަށް ބަލާލި ހިނދު އޭނަ ހުއްޓުން އަރާ ގޮތްވީ ފޮޓޯގައި ފުރިހަމަ ހިނިތުންވުމެއްގައި ހުރީ ކާކުކަން އެނގުމުންނެވެ. ޝިޔާއަށް ވަގުތުން ދެލޯ މަރާލަމުން އޭތި ތިރިއަށް ސްކްރޯލް ކޮށްލެވުނީ ބައްޕަ އޭނައަށް މީތި ދެއްކިކަމަށްޓަކައި ހިސާބަކަށް ނުރުހުންވެ ހުރެއެވެ.

 

އަޒާންގެ މަރަށްފަހު އައިމަން ބަދަލުވެގެން ދިޔަ ވާހަކަ ހުދާގެ ފަރާތުން ޝިޔާއަށްވަނީ އެނގިފައެވެ. އަޒާން ދުނިޔެ ދޫކުރި ދުވަހު ހުދާވެސް ފުދޭވަރަކަށް ނުތަނަވަސްވެފައިވީތީ އޭނަ އެހީ ހޯދަން ގުޅީ ޝިޔާއަށެވެ. ހުދާ ބިރުގަތީ އޭނަ އެހާ ގޯސްކޮށް ކަންތައް ކޮށްފައިވި މީހަކު އޭނަ މަޢާފަށް ވެސް ނޭދެނީސް މަރުވެގެން ދިޔުމުންނެވެ. އަޒާން އިޞްލާޙުވިފަހުން ހުދާ ހުރީ ކޮންމެވެސް އެއްދުވަހަކުން އޭނަ ކައިރިން މަޢާފަށް އެދޭށެވެ. އެހެނަސް އަމިއްލަ ކިބުރުވެރިކަމުގެ ސަބަބުން އެކަން ފަސްކުރަމުން ދަނިކޮށް އެންމެ ފަހުން އެ ފުރުޞަތު އޭނަގެ އަތުން ގެއްލި ދިޔައީއެވެ. ޝިޔާ އޭނައަށް ވީ ވަރަކުން އޭނަ އުނގެނިފައިވާ ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ހުދާއާއި ޙިއްޞާކޮށް އޭނައަށް ހިތްވަރު ލައިދޭން މަސައްކަތް ކުރިއެވެ. ވެނިމިފައި އޮތް ކަންތައް ބަދަލު ނުކުރެވުނަސް ކުރިއަށް ކަންތައް ކުރާނެ ގޮތް ރަނގަޅު ކުރެވިދާނެ ކަމުގެ އުއްމީދު ހުދާއަށް ހޯދައިދެވޭތޯ މަސައްކަތް ކުރިއެވެ. ހުދާއަށް އެހީއެއް ލިބެމުން ދިޔައީ ހަމައެކަނި އޭނަގެ ބަސްތަކުން ނޫންކަން އޭނައަށް އެނގުނީ ހުދާ އައިމަންގެ ވާހަކަ ބުނުމުންނެވެ. ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސްގެ މަޤާމުގައި ހުރެ އައިމަން ކުރަމުން ދިޔަ މިންނެތް މަސައްކަތުގެ ވާހަކަ ހުދާ ކިޔައިދެމުން ދިޔައިރު ޝިޔާއަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އެހެނަސް އައިމަން އެސަމްބްލީގައި ކިޔައިދިން ކަމަށްބުނެ ހުދާ އޭނައާއި އެތައް ނަޞޭޙަތެއް ޙިއްޞާކުރުމުން އެކަން ޤަބޫލުކުރަން ޝިޔާއަށް މަޖުބޫރުވިއެވެ. މިއަދު އޭނަގެ ލޯ ކުރިމަތިން މި ފެންނަނީ އެ ޙަޤީޤަތެވެ. އޭނަ އެތައް އަހަރެއް ވަންދެން ކުރި ދުޢާގެ ނަތީޖާއެވެ.

 

އައި ޕެޑްގެ ސްކްރީނަށް ނަޒަރު ހުއްޓައިގެން ހުރި ޝިޔާ ހިނިތުންވެލީ ވަގުތު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެވަގުތު ނާސިރު މަންޒަރު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“މާ އަވަސް ކަންނޭނގެ މިހެން އަހަން އެކަމަކު…….ޝިޔާ ބޭނުންވޭދޯ އައިމަންއާ އިންނަން؟” ނާސިރު ކުއްލިއަކަށް ކޮށްލި ސުވާލުން ޝިޔާ ލަދުގަތް މިންވަރު ނޫނެކޭ ކިޔައި ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނައަށް ލަދުރަކި ހިނިތުންވުމަކާއެކީ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔުން ނޫންކަމެއް ނުކުރެވުނެވެ.

 

**

 

އެރޭގެ ވަގުތެއްގައި އާދައިގެ މަތިން އައިމަނާއި ޚާލިދާއި ހަފްސާ ތިބީ އެންމެން އެކީގައި ދީނާއިމެދު ކޮންމެވެސް އާ އެއްޗެއް އުނގެނޭށެވެ. އެމީހުން އުނގެނެމުން ދިޔަ އެއްޗެހީގެ ނަތީޖާ އެމީހުންގެ ބޭރުފުށުން އެވަގުތުވެސް ފެންނަމުން ދިޔައެވެ. ހަފްސާ ދިގު ހެދުމަކާއެކީ ބުރުގާ އަޅައިގެން އިންއިރު ޚާލިދުގެ ވެސް ތުނބުޅި ފަޅަން ފަށާފައިވިއެވެ.

 

އެމީހުން އެރޭ ސީރިއަސްކަމާއެކީ އުނގެނެމުން ދިޔައީ އައިމަންމެނަށް ސްކޫލްގައި ކިޔަވައިދިން ފިލާވަޅެކެވެ. ޤިޞާޞްގެ އެ ފިލާވަޅު މަންމައާއި ބައްޕައަށް އައިމަން ކިޔައިދޭން ބޭނުންވީ ދީނުގެ ހުރިހާ ޙުކުމެއްގައި ވެސް ވި ޙިކްމަތްތެރިކަން މަންމަމެންނަށް އިޙްޞާޞް ކޮށްދިނުމަށެވެ. އެހެނަސް އެ ފިލާވަޅުގެ ވާހަކަ ދެއްކުމުން މާ ގިނައިރެއްނުވެ އައިމަނަށް ހީވެފައި އޮތް ބިރު ޙަޤީޤަތަކަށްވިއެވެ.

 

“ޒާން މަރާލި މީހަކަށް ވެސް މިއަދަބު ޙައްޤު!” ޚާލިދު ރުޅިވެރިކަމާއެކީ އެހެން ބުނެލީ ކުއްލިއަކަށެވެ.

 

“އާނ…..އެމީހަކަށް ލިބެންޖެހޭނެ ޒާން މުޅި ޢުމުރަށް އަހަރުމެންގެ ޙަޔާތުން ވަކި ކުރުމުގެ ބަދަލު. އައްމު ބުނެބަލަ ކާކުތަ ޒާންގެ ގައިގަ ކާރު ޖެއްސީ؟” ހަފްސާވެސް ވާހަކަ ދެއްކީ ނުރުހުންވެފައި ހުރެއެވެ. މި ހުރިހާ ދުވަހު ރަނގަޅު މަގަށް އެޅުމުގެ “ހިޖުރަ” އެއްގައި އެމީހުންވީތީ އެ މުޖުރިމުގެ ވާހަކަ އެމީހުންގެ ތެރޭގައި ނުދެކެވެއެވެ. ނަމަވެސް މިރޭ އެވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުމުން ތިން މީހުންގެ ހިތުގައި ވެސް އުފެދިގެން އައީ ބަދަލު ހިފުމުގެ ރޫޙެކެވެ.

 

މަންމަގެ ސުވާލުން އައިމަންގެ ހަނދާނަށް ވަގުތުން އައީ ޒައިދެވެ. ހަމަ އެއާއެކު ޒައިދަށްޓަކައި ރުޅީގެ އަލިފާނެއް އޭނަގެ ހިތުގައި ރޯވިއެވެ. ނަމަވެސް ހަމަ އެވަގުތު އެއީ ޒައިދަށް ނުވެވެސް ހިނގައިދާނެކަމަށް އޭނަގެ ހިތް ބުނެލައިފިއެވެ. އެދުވަހު އަޒާންގެ ސައިކަލުގައި ޖެހުނު ކާރު އޭނައަށް ތާރުމަގާއި ހަމައަށް ދެވުނުއިރު ބާރަކަށް ދުއްވާލައިފިއެވެ. ކަޅު ކުޑަދޮރުގެ ސަބަބުން އޭގެ ތެރޭގައި ހުރި މީހަކު ނަގައިގަންނާކަށް އައިމަނަށް ނޭނގުނެވެ.

 

އަޒާން މަރާލީ ޒައިދްކަން ޔަޤީންނުވީތީ އައިމަން އެރޭ އޭނައަށް ނޭނގޭ ކަމަށް ބުނެލައިފިއެވެ. އަދި މަޢާފުކުރުމުގެ މާތްކަން ހަނދާންކޮށްދީ އޭނަގެ މަންމަމެން ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އެހެނަސް ޚުދު އޭނަ ވެސް ހުރީ އަޒާން “މަރާލި” މީހަކަށް އޭގެ ބަދަލު ލިބޭތަން ދެކެން އިންތިހާއަށް ބޭނުންވެފައެވެ.

 

**

 

އަނދިރިކަން ވެރިވެފައިވި ތަނަވަސް ކޮޓަރިއެއްގެ ތެރެއިން އިވެމުން ދިޔައީ ކުކުރުމެއްގެ އަޑެވެ. އެ އަޑު އަންނަމުން ދިޔައީ އެ ކޮޓަރީގެ ކަނަކުންނެވެ. އެ ކަނަށް ވަދެ ދެކަކޫ ގެނެސް މޭގައި ޖައްސައިގެން އިނީ ޒައިދް ނޫން ދެވަނަ މީހެއްނޫނެވެ. މިއީ އޭނަ މިފަދަ ގޮތަކަށް އިންނަތާ 40 ހަކަށްވަނަ ރެއެވެ.

 

އަޒާންގެ އެކްސިޑެންޓް ހިންގި ދުވަސްފަހުން އޭނަގެ ޙާލަކީ މިއީއެވެ. އޭނަ ޙަޤީޤަތުގައި އެދުވަހު ބޭނުންވީ ވެސް އައިމަން މަރާލާށެވެ. ބައްޕަ ޖަލަށް ފޮނުވުމުގައި ބޮޑު ދައުރެއް އަދާ ކުރީ އައިމަނަށްވެފައި ޝިޔާ ޒައިދް ދޫކުރީ އައިމަނާއި ހެދި ކަމަށް މީހުން ބުނަން ފެށުމުން އައި ރުޅިއެއްގެ ސަބަބުންނެވެ. އޭނަ ޙަޤީޤަތުގައި ހިތުގެ އަޑިން ބޭނުންވީ ވަކި މީހަކު މަރާލާކަށް ނޫންކަން އޭނައަށް އެނގުންވީ އޭނަގެ ކާރުގައި ގޮސް ޖެހުނު އަޒާން އެއްލިގެން ގޮސް ދުރުގައި ޖެހުމުންނެވެ. ކާރު މަޑުވެގެން ދިޔަ ވަގުތު ދުރުގައި އޮތް އަޒާން ކާރުގެ ތެރޭގައި އިނދެ އޭނައަށް ފެނުނެވެ. ބޮލާއި ދިމާލުން އެތައް ލެއެއް ފައިބަން ފެށި މަންޒަރު ފެނިފައި ޒައިދްގެ ހިތަށް ދުވަހަކުވެސް ނުވަންނަ ފަދަ ބިރުވެރިކަމެއްވަނެވެ. އެ ބިރުވެރިކަން އިތުރުވީ އަޒާން ދެން ނުތެދުވާނެހެން ހީވި ވަގުތެވެ. އޭނައަށް ވަގުތުން ކާރު ދުއްވާލެވުނީ އެ ބިރުވެރިކަމުން ފިލަން ކަންނޭނގެއެވެ. އެހެނަސް އަދި އަދަށްދާންދެންވެސް އޭނަ އެކަމުން މިންޖެއް ނުވެއެވެ. ދެލޯ މަރާލުމުން ވެސް ފެންނަނީ ލެއިން ފޯވެފައި ހުރި އަޒާންގެ މޫނެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަގެ މޭގަނޑު އަތަށް އަންނަހާވަރުވެއެވެ. އޭނަގެ އަތްދަށުން މަރުވީ އަޒާނަށް ނުވިނަމަވެސް މިހާވަރު ނުވީހޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. އަޒާން އޭނައަށް ކުރީ ފަހެ ކޮންކަމެއް ހެއްޔެވެ؟ ކަމެއް ކޮށްފައިވާނަމަ ކޮށްފައިވާނީ އޭނައަށްޓަކައެވެ. އޭނައާއި އަޒާނާއި ދެމެދު މާ ބޮޑު އެކުވެރިކަމެއް އުފެދިފައި ނެތަސް އަޒާން އަބަދުވެސް އޭނައާއި ބައްދަލުކޮށްފައިވަނީ ހިތްހެޔޮ ހިނިތުންވުންތަކާއި އެކީގައެވެ. އޭނަ އަތުން މަރުވެގެން އެ ދިޔައީ އޭނައަށް ހެޔޮ އެދޭ ފަރާތެއްކަން އެނގުންވާ ކޮންމެ ފަހަރަކު ޒައިދަށް އިތުރަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ.

 

“އާނ ނިހާލް އަހަރެން ހަނދާން ނުނެތޭ ކޮންސާޓްގެ މަތިން. ކިހިނެއް ހަނދާން ނެތޭނީ މަ އަމިއްލަ ކުންފުނީގެ ފަރާތުން ސްޕޮންސާރ ކުރާއިރު؟ ހެހެހެ…..އާނއެކޭ! މަށަށް ހުރެވޭތަ ތިކަހަލަ ކަމަކަށް ސްޕޮންސާރ ނުކޮށް. އަސްލު ތި ދާއިރާއިން ކެނޑުނީ ކެނޑޭ ހިތަކުންނެއްނޫނޭ. އެ މެހެނާޒަކާހެދި މާ މައްސަލަ ބޮޑުވީމަ ބަޗަންވެގެން ކުޑަކޮށް ފިލީ. އަދިވެސް އެކަމާހެދި ނޭވާ ނުލެވިގެން މަ މި އުޅެނީ. އެ ނޫންނަމަ މަ ވެސް ހިލޭ އަންހެނުން ލިބޭ ތި ސަޅި ދާއިރާއަށް ވަނީމުސް.” ބައްޕަ ބޭރުގައި ހުރެ ދެއްކި ވާހަކަތައް ޒައިދަށް ސާފުކޮށް އިވުނެވެ. އެއާއެކު ގެންފައި ހުރި ބިރުވެރިކަމުގެ ތެރެއިން ވެސް ޒައިދްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.

 

“ކީކޭ؟! ވިސާމް ވެސް ކޮންސާޓަށް އެބައާދެއޭ؟ އޭނަ ބުނީތަ އަންނާނަމޭ؟…..ހިއެއްނުވޭ ތިއީ ރަނގަޅުވާނެ ޚިޔާލެއްހެން. އޭނަވެސް ފަހަކަށް އައިސް އުޅެނީ ވަރަށް ދީންވެރިވެގެންވިއްޔާ……..ދެން އެހާ ގޯހެއްވެސް ނުވާނެ ކަންނޭނގެ ދޯ؟ އޭނަގެ ދޮންބައްޕައަކީ މަންސޫރުވިއްޔާ. ހަހަހަ……” ޔާސިރު ގަދަޔަށް ހޭންފެށި އަޑަށް ޒައިދްގެ ބުމަގޮށްޖެހުނެވެ. ދެންވެސް ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކަ އަޑު އެހުމަށްފަހު ބައްޕަ ސީރިއަސްކަމާއެކީ ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އޭނައަކަށް ނުކެރޭނެ ކޮންސާޓް ޚަރާބުކުރާކަށް. އޭގެ މާ ކުރިން އަހަރެން އޭނަ ހުއްޓުވާނަން. ނިހާލް ހާސްނުވޭ. އޭނަ ހަދާނީ އަހަރުމެން ބޭނުންވާ ގޮތަށް.” ޔާސިރު ސާބިތުކަމާއެކީ ބުނެލި ވާހަކައިން ޒައިދްގެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭނަ ވިސްނުމެއްގެ ތެރޭގައި އިންދާ ޔާސިރު ކޮޓަރީގެ ދޮރު ހުޅުވައި ކޮޓަރިއަށްވަނެވެ.

 

“ޒައިދް ދަރިފުޅާ ހިނގާ ދޯ މާލެއަށްދާން؟ އަންނަ ހަފްތާގަ ވަރުގަދަ ކޮންސާޓެއް އެބައޮތް.” ޔާސިރު އެހެން ބުނެލީ ހެވިފައި ހުރެއެވެ. ޒައިދް ސިކުންތުކޮޅަކަށް އޭނައަށް ބަލަން އިނުމަށްފަހު ބޯޖަހާލީ ވަރުގަދަ ޢަޒުމަކާއެކީގަކަން އޭނައަށް ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

 

އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝަފަޤާއި ވިސާމް، މިޝްކާ ހަފްސާމެންގާތު ބަހައްޓާފައި މާލެދާން ދަތުރުފެށީ ވަކި އޭގެ ދުވަސްތަކެއްފަހު އޮތް ކޮންސާޓަށްޓަކައެއް ނޫނެވެ. ޝަފަޤް ފަހަކަށް އައިސް މާ ބޮޑަށް ބަލިވަމުންދާތީ ރަނގަޅު ޑޮކްޓަރަކަށް ދައްކާލުމަށެވެ. ކޮންސާޓަށް ދިޔުމަށް ނިހާލަށް އާނއެކޭ ބުންޏެއްކަމަކު ވިސާމް ދެންވެސް ހުރީ ދެ ޚިޔާލެއްގެ މަތީގައެވެ. އަދިވެސް ބޮޑަށްވަނީ ނުދާ ހިތެވެ. އެހެނަސް އޭނަ އެވާހަކަ އެއްވެސް މީހަކާއި ޙިއްޞާއެއް ނުކުރެއެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޝަފަޤާއި ވިސާމް އެމީހުންގެ ދަރިފުޅަށްޓަކައި ކުރާ އިންތިޒާރު ވެސް އިތުރުވަމުން ދިޔައެވެ. އެ ދަރިފުޅަށްޓަކައި އެމީހުންގެ ހިތުގައިވި ލޯބިވެސް ފުންވަމުން ދިޔައެވެ. ކޮންމެ ރެއަކު ދެމީހުންނަށް ނިދެނީ އެ ދަރިފުޅުގެ މުސްތަޤްބަލާއިމެދު ވާހަކަ ދެއްކުމުގައި ތިއްބައެވެ. އެ މުސްތަޤްބަލަށް ނުބައި މީހެއްގެ ހިޔަނި އެޅެން ނުހަނު ގާތްވެއްޖެކަން އެމީހުންނަށް ރޭކާނުލައެވެ.

 

ކޮންސާޓް އޮތް ދުވަހުގެ ހަވީރު ވަގުތު ވިސާމާއި ޝަފަޤް ދިޔައީ މާލޭގެ ބޮޑު ފިހާރަތަކުގެ ތެރެއިން ފިހާރައަކަށެވެ. ދެމީހުން އެކަކު އަނެކަކާ ސަމާސާ ކުރަމުން އެއްޗެހި ޓްރޯލީއަށް އަޅަމުން ދަނިކޮށް ވިސާމްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ނޭނގޭ ނަންބަރެއް ފެނިފައި ވިސާމް ޝަފަޤާއި ދުރު ހިސާބަކަށް ގޮސް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް.” ވިސާމް ސަލާމް ގޮވާލިއެވެ.

 

“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ. ހާދަ ދުވަހެއްވެއްޖެޔޭ ދޯ ވިސާމް؟ ކިހިނެއްތަ ދޮންކަލޯ؟” ފޯނުގެ އަނެއްކޮޅުން ޔާސިރުގެ އަޑު އިވިފައި ވީ ފޫއްސާއެކީ ވިސާމްގެ ބުމަގޮށްޖެހުނެވެ.

 

“ކޮންކަމެއްތަ ޔާސިރު ބޭނުންވެގެން އުޅެނީ؟” ވިސާމް އިތުރު ވާހަކަ ދައްކަން ބޭނުންނުވެގެން އަހާލިއެވެ.

 

“އާޗާ! ތިއީ ކުދިން ތިބެންވާ ގޮތް. މަ ބޭނުންވާ ކަންތައް ވަރަށް ފަސޭހަ. ވިސާމް ހަމަ އަނގަ ބަންދުކޮށްލައިގެން ހުންނަންވީ. މެހެނާޒާއި ބެހޭ ގޮތުން އެނގުނު ކަމެއް ނޭނގޭ ކަމަށް ހަދަންވީ. ޕްލަސް މިރޭގެ ކޮންސާޓް ވެސް ޚަރާބު ނުކުރިއްޔާ ވަރަށް ޝުކުރުވެރިވާނަން.” ޔާސިރު ހެވިފައިހުރެ ބުނެލި ވާހަކައިން ވިސާމް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ޔާސިރަށް ހީވަނީ ޔާސިރު ބުނީމަ މަ ތިގޮތަށް ކަންތައް ކުރާނެހެންތަ؟” ވިސާމް އަހާލިއެވެ.

 

“އުނހު……..މަ އެހާވެސް ގަމާރެއްނޫން. އެކަމަކު އެނގޭ ވިސާމް ވިސާމްގެ އަންހެނުންދެކެ ލޯބިވާވަރު. އަންހެނުން ބަނޑުވެސް ބޮޑު ދޯ؟ މަށަށް މިއަދޭ މިފެނުނީ……ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު……އެ ލޯބިވާ ޝަފަޤް ދުނިޔޭގަ ހުންނަން ބޭނުމިއްޔާ ވިސާމް ޖެހޭނީ މަ ބުނާގޮތަށް ހަދަން.” ޔާސިރު ބުނެލި ވާހަކައިން ވިސާމްގެ ދެލޯ ބޮޑުވެ އަތްފައި ފިނިވެގެން ދިޔައެވެ. އޭނައަށް ވަގުތުން ފަހަތް ބަލާލެވުނީ ޝަފަޤް ހުރިތޯ ބެލުމަށެވެ. ޝަފަޤް އޭނައަށް ނުފެނުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކީ އޭނައަށް ހިނގައިގަނެވުނެވެ.

 

“ކް……ކޮބައިތަ ޝަފަޤް؟” ވިސާމަށް އަހާލެވުނެވެ. އެއާއެކު ޔާސިރުގެ ނުލަފާ ހުނުމެއްގެ އަޑު އިވުނެވެ.

 

“ބިރުގަނެއްޖެ ދޯ؟ ބުނޭ މަ ބުނާ ގޮތަށޭ ތިމަންނަ ހަދާނީ. މަ ކުރާ އެއްވެސް ނުބައި ކަމެއްގެ ތެރެއަށް ކަލޭ އަނގަ ބާނައިގެން ނުވާނެ.” ޔާސިރު ވާހަކަ ދެއްކި ގޮތުން ވިސާމް އިތުރަށް ރުޅިއަންނަ ގޮތްވިއެވެ.

 

“ކަލޭ ދުވަހަކުވެސް ކާމިޔާބުވިޔަކަ ނުދޭނަން މަށެއް! އަޑުއިވިއްޖެ؟” ވިސާމް އެހެން ބުނެލި ތަނާހެން ޔާސިރު ޙަމްދަރުދީގެ ރާގަކަށް ފުން ނޭވައެއް ދޫކޮށް ފޯނު ކަނޑާލި އަޑުއިވުނެވެ. އޭގެ މާ ގިނައިރެއްނުވެ ކުއްލިއަކަށް މުޅި ފިހާރަތެރޭގައި ގުގުމާލީ ޝަފަޤްގެ ހަޅޭކުގެ އަޑެވެ. އެ ހިނދު ވިސާމް އެތެރެއަށް ދަމާލި ނޭވާ ކަރުގައި ތާށިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަޑުއައި ދިމާލަށް ދުއްވައިގަތީ ހުރިތަން ވެސް ހަނދާން ނައްތާލަމުންނެވެ. ވިސާމް ދުވަމުން ދަނިކޮށް ކުއްލިއަކަށް ފިޔަވަޅުތައް މަޑުޖެހުނީ ކޮންމެވެސް ދެ ހަރުގަނޑެއްގެ ދޭތެރެއިން ފެނުނު މަންޒަރުންނެވެ. އެތާހުރީ ހުއްޓުން އަރާފައި ހުރި ޝަފަޤެވެ. ޝަފަޤްގެ މޫނުން ވިސާމަށް ނަޒަރު ވަކިކޮށްލެވުނީ ޝަފަޤް ގެ ބަނޑާއި ދިމާލުން އެއްޗެއް ފެނުމުންނެވެ. ސީދާ ބަނޑުގެ ތެރެއަށް ތޫނު އެއްޗެއް ކޮށްޕާލެވިފައިވީއިރު އެތާ ކައިރީގައި ޝަފަޤް ޖައްސައިގެން ހުރި އަތުގައި ލޭ ހުއްޓެވެ. ވިސާމަށް އެކަން ފާހަގަވިތާ މާ ގިނައިރެއްނުވެ ޝަފަޤް ދެލޯ މެރިގެން ގޮސް ބިންމައްޗަށް ވެއްޓެން ދިޔައެވެ. ވިސާމަށް ރޮއިގަންނަމުން އެހާ ހިސާބަށް ގޮސް ޝަފަޤްގެ ކަކޫގޮސް ބިންމަތީގައި ޖެހުނު ވަގުތު އޭނަގެ ގައިގައި ހިފަހައްޓާލެވުނެވެ. އެއަށްފަހު އެހީއަކަށް އެދި އޭނައަށް ގޮވެން ފެށިއެވެ.

 

ހޮސްޕިޓަލަށް ގެންދެވި ޝަފަޤަށް ވަގުތުން ފަރުވާ ދެވެން ފެށިއެވެ. ފަރުވާ ދޭންފެށިއިރު ވެސް ސަލާމަތްކުރެވޭނީ ދެމައިންކުރެ އެކަކު ކަމަށް ޑޮކްޓަރުން ބުނި ގޮތުން ވިސާމްގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ނަމާދުކޮށް ﷲ އަށް ދުޢާ ދަންނަވައި ވާގި ހޯދިއެވެ. އޭނައަށް ހިތްވަރެއްގެ ގޮތުން ހަމަ އެދުވަހު އެ ހޮސްޕިޓަލުން ދޫކޮށްލެވުނު މަންސޫރާއި ރަޝީދާވެސް ތިއްބެވެ. ޚާލިދާއި ހަފްސާއަށް ވެސް މި ޚަބަރު ލިބުމުން އެމީހުން ދޭތެރެދޭތެރެއިން ވިސާމަށް ގުޅަމުން ދިޔައެވެ.

 

ފަރުވާ ދެވެން ފެށިތާ ދެގަޑިއިރު ވީއިރު ވެސް ޝަފަޤް އެމަޖެންސީ ރޫމުން ނެރެވޭ ގޮތެއްނުވެއެވެ. ލޭ މަނާނުވުމުގެ ސަބަބުން ވިސާމް ލޭވެސް ހަދިޔާކޮށްދިނެވެ. އެހެނަސް ދެންވެސް ޑޮކްޓަރުންގެ މޫނުމަތިން ފެންނަމުން ދިޔަ ނާއުއްމީދީ އަސަރުތަކުން ވިސާމްގެ ހިތް މާޔޫސްކަމުން ފުރެމުން ދިޔައެވެ. ހޮސްޕިޓަލްގެ ބެންޗެއްގައި އިންއިރު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ޝަފަޤާއެކީ ހޭދަކުރިހާ އުފާވެރި ވަގުތުކޮޅުތަކެވެ. ޝަފަޤް އޭނައަށް ދިންހާ ހިތްވަރެވެ. ޝަފަޤް މެދުވެރިވެގެން އޭނައަށް ހިދާޔަތް ލިބިގެން ދިޔަ ގޮތެވެ. އެ ހުރިހާ ހަނދާނަކަށް މުޅި ޢުމުރަށް ވަދާޢީ ސަލާމް ކުރަންޖެހޭ ޚިޔާލުން ވެސް ވިސާމްގެ މޭގައި ރިހުމެއް އުފެދެމުން ދިޔައެވެ.

 

އެރޭގެ ކޮންސާޓް ފެށިގެން ދިޔައީ ވިސާމް އެ ހިތްދަތިކަމުގެ ތެރޭގައި ވަނިކޮށެވެ. ހޮސްޕިޓަލްގެ ބެންޗުގައި ދެއަތުން މޫނު ފޮރުވައިގެން އިންދާ އެތާހުރި ޓީވީއިން ކޮންސާޓް ލައިވްކޮށް ދައްކަން ފެށި އަޑު އޭނައަށް ވެސް އިވުނެވެ. އެހެނަސް އިސްއުފުލައި ބަލާލާނެހާ ހިތްވަރެއް އެވަގުތު އޭނަގެ ގަޔަކު ނެތެވެ. އިސްއުފުލާލަން އޭނައަށް މަޖުބޫރުވީ ޚާއްޞަ މެހުމާނުންގެ ނަންތަކުގެ ތެރޭގައި “އަޙުމަދު ޔާސިރު” އޭ ކިޔާލި އަޑަށެވެ. ޓީވީއަށް ބަލާލި ވަގުތު ފުރިހަމަ ހިނިތުންވުމެއްގައި ހަމަޖެހިލައިގެން އިން ޔާސިރު ފެނިފައި ވިސާމްގެ މުޅި މީހާ ރުޅިން ތުރުތުރު އެޅިއެވެ. ޝަފަޤަށް މި ޙާލުޖެއްސީ އޭނަކަން ޔަޤީންވީ ވަގުތު ވިސާމްގެ ގޮށްމުއްކެވުނެވެ. ހަމަ އެއާއެކު ޔާސިރު ބޭނުންނުވާ ހުރިހާ ކަމެއް ޙަޤީޤަތަކަށް ހެދުމުގެ ޝުޢޫރު އޭނަގެ ހިތުގައި އުފެދުނެވެ. އެކަމަށްޓަކައި އޭނަ ހަމަ އެ ހިނދުން އެ ހިނދަށް ކޮޅަށް ތެދުވެ ދާން ހިނގައިގަތެވެ.

 

 

**

 

“އާދެ! މިއީ ވަރަށް ޚާއްޞަ ވަގުތުކޮޅެއް. އަޅުގަނޑުގެ އާ އަލްބަމް ނެރޭ ވަގުތުކޮޅު. މިފަހަރުގެ އަލްބަމް އަޅުގަނޑު ޚާއްޞަ މިކޮށްލަނީ އެއްޒަމާނެއްގައި އަހަރުމެންގެ ހިތްތަކާއި ކުޅެލި އަޑަށްޓަކައި. ހުރިހާ ފިރިހެނުން އެ ސޫރައެއްގެ އާޝިޤުންނަށްވި ސޫރައިގެ ވެރިޔާއަށްޓަކައި. އާދެ…..ދަ ވަން އެންޑް އޮންލީ……. މެހެނާޒް.” ނިހާލް ސްޓޭޖްމަތީގައި ހުރެ އެވާހަކަ އަންގާލިތަނާހެން މުޅި ތަނުގައި އަތްތިލަ ބަޑީގެ އަޑު ގުގުމަން ފެށިއެވެ. އެ ހިނދު ނިހާލްގެ އަލްބަމްގެ ކަވަރުގައި ހުރި މެހެނާޒްގެ ފޮޓޯ އޭނަގެ ފުރަގަހުން ބޮޑުކޮށް ފެނިގެން ދިޔައެވެ.

 

“ވެލް…..ނާޒްއާ ބެހޭގޮތުން އަޅުގަނޑަށްވުރެ ބޮޑަށް އެނގޭ މީހަކު މިރޭ މި ކޮންސާޓަށް އަންނާ…..ނެހެން ހީވް…..އެބަހުރި. ނާޒްއާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް އެނގޭ މީހަކު މިރޭ އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި.” ނިހާލްގެ ވާހަކައިގެ ވަކި ހިސާބަކުން ސްޓޭޖްގެ އެއްފަރާތަކުން ސްޓޭޖަށް އެރި ވިސާމް އޭނައަށް ފެނުނެވެ. އޭނަގެ އަނގަ އޮޅޭ ގޮތްވީ ވިސާމްގެ ސީރިއަސް ނަޒަރު ފެނިފައެވެ. ނިހާލްގެ ވާހަކަ އަޑުއިވިފައި އޯޑިއެންސްގެ ކުރީގައި ހުރި ޔާސިރަށް ބޯދިއްކޮށްފައި ވިސާމް ހޯދުނީ ނުތަނަވަސްކަމާއެކީގައެވެ. އޭނަ ހީކުރީ މިއަދު ހަވީރު އޭނަ މީހަކު ލައްވާ ކުރުވި ކަމަކަށްފަހު ވިސާމް ދެން ނާންނާނެ ކަމަށެވެ. އެހެނަސް……

 

“ލޭޑީސް އެންޑް ޖެންޓްލްމެން، ޕްލީޒް ވެލްކަމް! ސޭމް ޝާހިދު!!” ނިހާލް މައިކު ދިއްކޮށްގެން ހުރެ ބާރަށް އެހެން ކިޔާލުމާއެކު އަންހެން ކުދިން ފޯރިއާއެކީ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެ ހިނދު ވިސާމްގެ ބޯ މައްޗަށް ސްޕޮޓްލައިޓެއް ދިއްލާލެވިގެން ދިޔުމުން ނިހާލް ހިނިތުންވުމަކާއެކީ ގޮސް އޭނަގެ އަތަށް މައިކު ދިނެވެ. އެއާއެކު އޯޑިއެންސް އިން ރާގަކަށް އޭނަގެ ނަން ކިޔެން ފެށިއެވެ. ވިސާމް ހުރީ އެއަށް ފަރުވާލެއް ދޭންބޭނުންވާވަރަށްވުރެ މި ހުރިހާ ކަމެއްގެ މަތިން ފޫހިވެ ރުޅިއައިސްފައެވެ. ވަކިން ޚާއްޞަކޮށް މީގެ ސަބަބުން މިއަދު އޭނަގެ ޢާއިލާގެ މުހިއްމު ފަރާތެއް އޮތް ޙާލެއްގެ ސަބަބުންނެވެ. އެހެނަސް ވިސާމް ގޮސް ސްޓޭޖްގެ ކުރިމައްޗަށް ގޮސް އެތެރެއަށް ނޭވައެއް ދަމާލީ ހަމަޖެހިލެވޭތޯއެވެ. އޭނައާއި ދިމާ ކުރިމަތީގައި ޔާސިރު ނުތަނަވަސްވެފައި އޭނައަށް ބަލަން އިންތަން ފެނިފައި އިތުރަށް ރުޅި އިސްކުރެވެން އުޅުނެއްކަމަކު އޭނަ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.

 

“މިއަދު އަހަންނަށް އެނގިއްޖެ އަހަރުމެންގެ ތެރޭގައި އެހާ ހަމަނުޖެހުން ގިނައީ ކީއްވެކަން. އަހަރުމެން އެކަކު އަނެކަކަށް ރުޅިއައިސް ބަދަލު ހިފުމުގެ ޝުޢޫރުތައް ގިނަވެގެން ދަނީ ކީއްވެކަން. އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނަން ޖެހިލުންނުވަނީ ކީއްވެކަން.” ވިސާމް އެހެން ބުނެލަމުން ސީދާ އޭނަގެ ނަޒަރު ޔާސިރަށް އަމާޒުކޮށްލިއެވެ. ޔާސިރަށް ދުރު ހޯދެން ފެށި ވަގުތު އޯޑިއެންސްގެ ތެރޭގައި ވެސް ސިއްރުވެރި ވާހަކަތައް ދެކެވެން ފެށީ ވިސާމް ދެއްކީ އެމީހުން އުއްމީދު ކުރިފަދަ ވާހަކައަކަށް ނުވާތީވެއެވެ. އެ އޯޑިއެންސްގެ ތެރެއިން ގިނަ މީހުން ހަމަ ވަގުތު ސޯޝަލް މީޑިޔާގައި ވެސް މި ވާހަކަ ފަތުރަން ފެށީތީ ކޮންސާޓް ނުޖައްސައި ހުރި ގޭގެ ތަކުން ވެސް ކުއްލިއަކަށް އެ ޗެނެލަށް ބަދަލުކުރެވެން ފެށިއެވެ. އައިމަނާއި ހަފްސާއާއި ޚާލިދުގެ އިތުރުން މާލޭގައި ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ޝިޔާގެ ޢާއިލާވެސް މެއެވެ. ހޮސްޕިޓަލްގައި ތިބި މަންސޫރާއި ރަޝީދާގެ ނަޒަރު ވެސް ހުއްޓިފައިވީ ހޮސްޕިޓަލްގެ ޓީވީއާއި ދިމާލަށެވެ. މީހުންނަށް އިރުކޮޅެއް ވަންދެން ފުރުޞަތު ދިނުމަށްފަހު ވިސާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ހިތަށްއަރަނީ، އަހަރުމެން އަމިއްލައަށް އަހަރުމެންގެ އަމިއްލަ ނަފްސު ލަދުގަންނަވާލާފަދަ ދާއިރާއަކަށްޓަކައި އަހަރުމެންގެ ހިތުގައި ލޯތްބެއްވަނީ ކިހިނެއްބާއޭ. ތިމާގެ އަމިއްލަ އަންހެނުންނާއި ފިރިހެނުންނަކީ ހަމައެކަނި ތިބާގެ ޙައްޤެއްނޫންހެން ހީވާ ފަދަ ގޮތަކަށް އުޅެން އަހަރުމެން ދިޔަދެނީ ކީއްވެބާއޭ. އެއަށްފަހު ކައިވެނީގެ މައްސަލަތައް ގިނަވުމުން އަހަރުމެން ޝަކުވާކުރަނީ ކީއްވެބާއޭ.” ވިސާމް ވިސްނުންތެރިކަމާއެކީ އޭނަ ކުރިން ވެސް ދައްކަން ރާވައިގެން އައި ވާހަކަތައް ދެއްކީ އޭނަގެ ކުރިމަތީގައި ތިބި ބަޔަކަށް ވިސްނޭތޯއެވެ. އެ ހިނދު ޓީވީއިން އެމަންޒަރު ބަލަން ތިބި ގިނަ މޫނުތަކުގެ މައްޗަށް ހިނިތުންވުންތަކެއް ވެރިވިއެވެ.

 

“އަހަރުމެންގެ މުޖުތަމަޢުގެ ގިނަ މައްސަލަތައް ކުރިމަތިވަނީ އަހަރުމެންގެ ލަދު ޙަޔާތް ގެއްލުމުން. އަހަންނަށް ވެސް ކުރިން މިކަން އެނގުނުނަމައޭ ހިތަށްއަރާ. ނޭނގުމުގެ ހިތި ނަތީޖާ އެފަހަރު އަހަރެންގެ ކަރުބުޑުގައި ލި. އެކަމަކު މިފަހަރު އަހަންނަށް އެ ހިތި ޒަހަރުގެ ރަހަ ލިބެނީ މި ދާއިރާގެ ނޭދެވޭ އަސަރު ކޮށްފައި ހުރި އެހެން ފަރާތެއްގެ ސަބަބުން. ބަލިވެ އިން އަހަރެންގެ އަންހެނުންނަށް މިއަދު ހަވީރު ލިބުނު އަނިޔާއެއްގެ ސަބަބުން އަހަރެންގެ އަންހެނުންގެ ޙާލަތްވަނީ ވަރަށް ދަށަށް ގޮސްފަ. އެއީ ހަމައެކަނި އަހަރެން އެމީހެއްގެ ކުށްތަކަށް އިންސާފު ހޯދަން މަސައްކަތް ކޮށްފާނެކަމަށްޓަކައި. އަދި މި ދާއިރާގައި މި ހިނގާ ގޯސްކަންތައްތަކާއި ދެކޮޅަށް ވާހަކަ ދައްކަފާނެކަމަށްޓަކައި.” ވިސާމް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ އެހެން ބުނެލުމާއެކު ސިއްރުވެރި އަޑުތައް އެތާނގައި ގުގުމާލީ އިހުނަށްވުރެ ބާރަށެވެ. އޭރު ޔާސިރު އިނީ ދުވަހަކުވެސް ބިރުނުގަންނަވަރަށް ބިރުގެންފައެވެ.

 

“ބުނެލަން ބޭނުންވަނީ، ތިބާ ލަވައެއް އަޑުއަހާލާއިރު ތި އިވެނީ ހަމައެކަނި ހިނިތުންތަކުން ފުރިގެންވި ޕްރެކްޓިސްތަކުން ކީފައިވާ ލަވައެއްނޫނޭ. ސްޓޭޖްމަތިން ތި ފެންނަ ހިނިތުންވުންތަކުގެ ފަހަތުގައި ފޮރުވިފައިވޭ އެތައް ނުތަނަވަސްކަމެއް. އެއީ ޙައިރާންވާންވީ ކަމެއްނޫން. ﷲ ގެ ހަނދުމައިން ދުރުވާ ކޮންމެ މީހަކު ޖެހޭނީ އެފަދަ ޙާލެއްގަ. އަދި އެމީހަކު ﷲ ގެ ހަނދުމައިން ދުރުގައިވިމީހުންގެ ވަށައިގެން އުޅެންވީމަ އޭނައަށް އެކިގޮތްގޮތުން އަނިޔާތަކެއް ނޫނީ ނުލިބޭނެ. މިއީ ޚުދު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ބުނެލި ވާހަކައެއް…….އެހެންކަމަށްވާތީ އަހަރެން އެންމެންގެ ކުރިމަތީގައި ބޭނުންވަނީ މެހެނާޒްގެ މި އަލްބަމް ރިލީޒް ނުކުރުމަށްއެދެން. އެހެނީ މެހެނާޒް ވެސް ވަނީ ދުނިޔެ ދޫކުރުމުގެ ކުރިން މި ހުރިހާ ކަމެއް ދޫކޮށް ތައުބާވެފަ. މިއީ މެހެނާޒް އެއްގޮތަކަށް ވެސް ރުހޭނެ ކަމެއްނޫން.” ވިސާމް އެހެން ބުނެލުމާއެކު ޔާސިރު އައި ރުޅީގައި ކޮޅަށް ތެދުވިއެވެ.

 

“ކަލެއަކަށް ނޭނގޭނެ މެހެނާޒް ބޭނުންވާ ގޮތެއް. މެހެނާޒް ވަރިކޮށް މަރާލާފަ އެއްލާލީ ހަމަ ކަލޭ!!!” ޔާސިރު ހަރުއަޑުން އަވަސްއަވަހަށް އެހެން ބުނެލީ ވިސާމް ލަސްލަހުން ވާހަކަ ދައްކަމުން ގޮސް އޭނަގެ ސިއްރު ފަޅާ އަރުވަފާނެހެން ހީވީތީވެއެވެ. އެހެނަސް ދެން ކަންތައްވެގެން ދިޔައީ އޭނަ އަންދާޒާވެސް ނުކުރާ ފަދަ ގޮތަކަށެވެ.

 

“ދޮގު ހަދަނީ ކީއްވެގެންތަ ޑޭޑް؟” ޒައިދް އެހެން ބުނެލި އަޑަށް އެންމެންގެ ނަޒަރު އަނެއްކާވެސް ސްޓޭޖަށް އަމާޒުވިއެވެ. އޭނަވެސް ހުރީ މައިކެއް ހިފަހައްޓައިގެން ކަމަށްވުމުން އޭނަގެ އަޑުވެސް މުޅި ޞަރަޙައްދަށް އިވުނެވެ. ޓީވީ ބަލަން ތިބި މީހުންގެ ޝައުޤުވެރިކަން ވެސް އެހާ ހިސާބުން އިތުރުވެގެން ދިޔައެވެ. ޔާސިރަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ޒައިދް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މެހެނާޒް ތައުބާވި ފަހުން ވެސް މެހެނާޒް ލައްވާ ފިލްމެއް ކުޅުވަން އުޅުނީ ޑޭޑް. އެކަމަށްޓަކައި މެހެނާޒް ބުރުގާ ނުނެގީމަ ޑޭޑް މެހެނާޒަށް އަނިޔާކޮށް މެހެނާޒް މަރާލީ. އެއަށްފަހު ވެސް މެހެނާޒް ވިސާމަށްޓަކައި ލިޔުނު ސިޓީ ވިސާމާއި ހަމައަށް ނުފޯރާނެގޮތަށް ޑޭޑް އެތައް މަސައްކަތެއްކުރި. އެންމެ ފަހުން ވިސާމަށް ޙަޤީޤަތް އެނގުމުން ވިސާމްގެ މިހާރުގެ އަންހެނުން މަރާލަން ތި މަސައްކަތް ކުރީ. އިނަފް އިޒް އިނަފް، ޑޭޑް! ޑޭޑްގެ ސަބަބުން އަހަންނަށް ވެސް އަހަރެންގެ ގާތް އެކުވެރިޔަކަށްވާން އުޅުނު ފަރާތެއް މަރާލެވުނީ. އަހަރެން ކިހާ ގޯސްކަން އަހަންނަށް އެނގިއްޖެ އެހާ ހިސާބުން. ޑޭޑް އެކަކަށްފަހު އަނެކަކަށް އަނިޔާ ކުރަމުން ދާއިރު ހިތަށް ހަމަ އުނދަގުލެއްނުވޭތަ؟” ޒައިދަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޔާސިރު އަނެއްކާވެސް ހަޅޭއްލެވިއެވެ.

 

“ޒައިދް ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ؟؟؟؟!!!!” ޔާސިރު އަޑުގެ ކޮޅަށް އަހާލިއެވެ.

 

“ޑޭޑްގެ ކުޅިގަނޑު ނިމުމަކަށް އައިއްސި ޑޭޑް. އުނހު…..ހަމައެކަނި ޑޭޑްއެއްނޫން. އަހަރެން ވެސް. އަހަރެންގެ ކުށްތަކަށް ވެސް އަދަބު ލިބިގެން ނޫނީ ދެން އަހަންނަށް ހަމަ ނިންޖެއް ނުލިބޭނެ. އަހަރުމެންގެ އިންތިޒާރުގަ އެތާ ފުލުހުންގެ ޖިޕެއް އެބައޮތް. ހިނގާ ދާން ޑޭޑް. ލެޓްސް އެންޑް ދިސް.” ޒައިދް ދެއްކި ވާހަކަތަކުން އެންމެން ވެސް ތިބީ އަޖާއިބުވެ އަންތަރީސްވެފައެވެ. އޭގެ މާ ގިނައިރެއްނުވެ ފުލުހުން އެތަނަށް އައިސް ޔާސިރުގެ ގައިގައި ހިފެހެއްޓިއެވެ. އެމީހުންގެ އަތުން ދޫވުމަށްޓަކައި ޔާސިރު މަސައްކަތް ކުރިއެއްކަމަކު ޒައިދް ފަސޭހަކަމާއެކީ އޭނަގެ އަތުގައި އޮތް މައިކު ބާއްވާފައި ސްޓޭޖުން ފޭބިއެވެ. އަދި އަމިއްލަ އެދުމުގައި ގޮސް ފުލުހުންގެ ޖިޕަށް އެރިއެވެ. އެ ކަންތައްގަނޑުގެ ސަބަބުން މުޅި މާޙައުލަށް ވެރިވި ހާސްކަމެއްގެ ސަބަބުން ދެން ކޮންސާޓް ކުރިއަށް ދާ ގޮތެއްނުވިއެވެ. އަދި ނިހާލްގެ އަލްބަމަށް ވެސް މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. ނިހާލް ދެން އެކަމަކާ މާ ބޮޑަށް ނުވެސް އުޅުނެވެ. ވިސާމް ދެއްކި ވާހަކަތަކުން އޭނަގެ ހިތަށް އަސަރެއް ކުރީ ކަންނޭނގެއެވެ.

 

މީހުން އެކި ދިމަދިމާލަށް ދާން ފެށި ވަގުތު ވިސާމްގެ ފޯނު ރިންގުވިއެވެ. ފޯނަށް މަންމަގެ ނަން އެރުމުން ވިސާމް އެ ފޯނު ނެގީ ނުތަނަވަސްވެފައިވި ހިތަކާއެކީގައެވެ.

 

“ވިސާމް ދަރިފުޅު……ދަރިފުޅު ސަލާމަތް ނުކުރެވުނު. އެކަމަކު ޝަފަޤްގެ ޙާލު މިހާރު ރަނގަޅު. ޝަފަޤަށް ހޭލެވުމުގެ ކުރިން ވިސާމް އަވަހަށް އައިސްދީބަލަ. އޭނަ ވިސާމަށް ވަރަށް ބޭނުންވާނެ ވަގުތުކޮޅެއްމީ.” މަންމަ ރޮވިފައިވި އަޑަކުން އެކޮޅުން ދެއްކި ވާހަކައިން ވިސާމްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެހެނަސް އޭނައަށް ޙަމްދުކުރެވުނެވެ. ދާދި ދެންމެއަކު އޭނައަށް މި ގެއްލުން ދިން ފަރާތް ހައްޔަރު ކުރެވިގެން ދިޔުމުންނެވެ. އަދި ދެން އޭނައަށް ފަސޭހައިން ސަލާމަތްވެވޭނެ ގޮތެއްނެތް ކަން ޔަޤީންވުމުންނެވެ. ޔާސިރުގެ އަމިއްލަ ދަރިފުޅުގެ ހެކި ބަހާއި މަންސޫރުގެ ހެކި ބަސް އެއްވުމުން ޔާސިރަކަށް އަވަހަށް މިންޖުވެވޭނެ ޙުކުމެއް ނުއިއްވޭނެއެވެ. އެ ލިބުނު ހިތްހަމަޖެހުމާއެކީ ވިސާމް އަނބުރާ ހޮސްޕިޓަލަށް ދިޔައެވެ.

 

ޝަފަޤަށް ހޭލެވުމާއެކު ދަރިފުޅު ނެތްކަން އެނގުމުން ޝަފަޤް ރޯންފެށީ ވިސާމް އުއްމީދުކުރި ވަރަށްވުރެ ވެސް ހިތްދަތިކޮށެވެ. އޭނައަށް އެތައް އިރެއްވަންދެން ޝަފަޤް އޭނަގެ އަތުތެރޭގައި ބަހައްޓައިގެން އިނދެވުނެވެ. އަދި އޭގެ ފަހުން ހަފްތާއެއްހާ ދުވަސް ވަންދެން އޭނަ ޝަފަޤާއެކީ ވަގުތު ހޭދަކޮށް އޭނައަށް ހިތްވަރު ލައިދޭންޖެހުނެވެ. ވަގުތާއެކީ ޝަފަޤްގެ އެ ޒަޚަމްވެސް ރަނގަޅުވާން ފެށިއެވެ. ޝަފަޤް އަނެއްކާވެސް ހިނިތުންވެ ސަމާސާ ކުރަން ފެށުމުން ވިސާމްގެ ޙަޔާތަށް އަނެއްކާވެސް ބަހާރު މޫސުމެއް އައި ފަދައެވެ.

 

މަންސޫރުގެ ހެކި ބަހާއެކީ ޔާސިރުގެ މައްޗަށް މެހެނާޒްގެ މަރުގެ ކުށް ސާބިތުވިއެއްކަމަކު އާދައިގެ މަތިން މަރުގެ ޙުކުމެއް އޭނަގެ މައްޗަށް ތަންފީޒެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި އޭނަ ކުރި އެހެން ހުރިހާ ކުށްތަކަށް ވެސް ބަލައި އޭނަ ޢުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރެވުނެވެ. ޔާސިރު އެކަމާމެދު އެއްވެސް އެއްޗެކޭ ނުބުންޏެއްކަމަކު ޒައިދް އޭނަގެ މައްޗަށް ތަންފީޒުވި ޙުކުމާމެދު ހިތްހަމަ ނުޖެހެއެވެ. އޭނަ ބޭނުންވީ އޭނަ ގެއްލުންދިން ޢާއިލާ މީހުން އައިސް އެމީހުން ބޭނުން ގޮތެއް އޭނައަށް ނިންމާށެވެ. އެ ނޫންގޮތަކަށް އޭނައަށް ހަމަޖެހުމެއް ނުލިބޭނެކަން ޔަޤީންވީތީވެއެވެ. އޭނަ ބޭނުންވެސް ވީ އެމީހުންގެ އެދުމުގެ މަތިން އޭނަގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުވާށެވެ. އެހެނަސް……

 

“ހީވަނީ އަޒާންގެ ސަބަބުން ޒައިދްގެ ހިތްވެސް ތި ދަނީ ތައުބާގެ މަގަށް އެޅެމުންހެން. ޒައިދް މެރުމަށްވުރެ ރަނގަޅުވާނީ ޒައިދް ތައުބާވެ ހެޔޮ ކަންތައް ކުރަން ދޫކޮށްލުންހެން އަހަރުމެންނަށް ހީވަނީ. އޭގެ ސަބަބުން އަޒާނަށް ވެސް ޘަވާބެއް ލިބިދާނެކަމުގެ އުއްމީދުގަ މޯމްއާ ޑޭޑްއާ އަހަރެންވެސް ޒައިދް މި ދޫކޮށްލަނީ. އެކަމަކު އެފަދަ ކަމެއް ތަކުރާރު ނުކުރުވުމަށް އަހަރުމެން ދިޔަ ހޯދާނަން.” އައިމަންމެން މާލޭގެ ޕޮލިސް ސްޓޭޝަނުން ޒައިދްއާއި ބައްދަލުކުރަން ގޮސް ދެއްކި ވާހަކަތަކުން އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އެ ވާހަކަތަކުގެ ސަބަބުން އިތުރަށް ދިރިއުޅުމަށް މި ލިބުނު ވަގުތު ކޮޅުގައި ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރަން ޒައިދް ނިންމިއެވެ. އަދި އޭނަގެ ބޮޑުބޭބެމެންގެ އެހީގައި ވީހާވެސް އަވަހަކަށް ދިޔަ ދައްކައި ނިންމުމަށް ޢަޒުމް ކަނޑައެޅިއެވެ.

 

ދިޔަ ދައްކައި ނިންމުމަށްފަހު ޒައިދް މިނިވަންވުމުން އޭނަވެސް ވެގެން ދިޔައީ އައިމަންމެނާއި ގާތް މީހަކަށެވެ. އޭނަ ގިނަގިނައިން އައިމަންމެނާއި ބައްދަލުކުރަން އަންނަން ފެށިއެވެ. ޒައިދްވެގެން ދިޔައީ އަޒާންގެ ހުސްތަން ފުރައިދިން އައިމަންގެ ބައިވެރިޔަކަށެވެ. ޒައިދް ކުރަމުން ދިޔަ ސަމާސާތަކަށް އައިމަނަށް ހުއްޓުމެއްނެތި ހެވެމުން ދިޔައެވެ. އެއްދުވަހަކު އޭނަ ބުނެލި ވާހަކައަކުން އައިމަނަށް ޙައިރާންކަމެއް ލިބުނެވެ.

 

“އައްމު ތިއުޅެނީ ވަރަށް އަވަހަށް ޓްރެޕްވާން އެބައިނގޭތަ އެކަން؟” އެއްރެއަކު އޭނައާއެކީ ވީޑިޔޯ ގޭމެއް ކުޅެން އިނދެ ޒައިދް ބުންޏެވެ.

 

“ކިހިނެއް ޓްރެޕްވާން؟” އައިމަން އަހާލިއެވެ.

 

“ހަމަ ނޭނގުނު؟ މިއަދު ނާސިރުބެ ޚާލިދުބެއާ ވާހަކަ ދެއްކިކަން ނޭނގެނީތަ؟” ޒައިދް އެހިއެވެ. އެއާއެކު އައިމަނަށް ޒައިދް އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގުނެވެ. އެހެނަސް އޭނަ ނޭނގޭ ކަމަށް ހަދައި ނިތަށް ރޫއެރުވިއެވެ.

 

“މް….މަށަކަށް ނޭނގޭ ތި…..ތި ދައްކާ ވާހަކައެއް.” އެހެން ބުނެލިއިރު ވެސް އައިމަނަށް ހިނިތުންވެލެވުނު ގޮތުން ޒައިދް ވަގުތުން އޭނަގެ ކޮނޑުގައި ޖަހައި ދިމާކުރަން ފެށިއެވެ. އައިމަނަށް އެ ހުރިހާ ވާހަކަތަކަށް ހިނިތުންވެލައިގެން އިނުން ނޫންކަމެއް ނުކުރެވުނެވެ. ޝިޔާގެ ބައްޕައަށް އޭނަގެ މިޒާޖު ނޫސްތަކުން އެނގިގެން ދިޔަ ގޮތުން އޭނައަށް ރުހުނު ވަރުން އޭނައާއި ޝިޔާގެ ކައިވެނީގެ ވާހަކަ ބައްޕައާއި ދެއްކީގައެވެ. ބައްޕަމެން ނިންމީ އޭނައާއި ޝިޔާ ބޭނުންވާ ދުވަހަކުން ކައިވެނި ކުރުވާށެވެ. އެ ޚަބަރު ލިބުމުން އައިމަނަށް ދުވަހަކުވެސް ނުލިބޭފަދަ އުފާވެރިކަމެއް ލިބުނެވެ. އޭނައަށް ދުވަސްތައް ގުނެން ފެށީ އޭނައާއި ޝިޔާ އެކުގައި ވާނެ ދުވަހެއްގެ އިންތިޒާރު ފެށިގެން ދިޔުމުންނެވެ.

 

**2 އަހަރު ފަސް**

 

އުސް ޢިމާރާތެއްގެ ފަސްވަނަ ބުރީގައި ހުރި ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި ހުރި ޝިޔާގެ ނަޒަރު ހުއްޓިފައިވީ އެ ކޮޓަރީގައި ހުރި ކުޑަ ދޮރުން ބޭރަށެވެ. އެ ކުޑަ ދޮރުން ތިރި ބަލާލުމުން ފެންނަމުން ދިޔައީ ގެފުޅުގެ ވަށައިގެން މީހުން ޠަވާފުކުރަމުން ދިޔަ މަންޒަރެވެ. އެ މަންޒަރު ބަލަން ޝިޔާއަށް ހުރެވުނީ ހިނިތުންވުމެއްގައެވެ.

 

ޝިޔާ ހުރި ގޮތަށް ހުއްޓާ އޭނަގެ ފުރަގަހުން އައި ދެއަތް އޭނަގެ އުނަގަނޑުގައި ވަށާލަމުން އޭނަގެ ގައިގައި ބާރަށް ބައްދާލިއެވެ. އެ އަތުގެ ވެރިޔާ އޭނަގެ ކޯތާފަތަށް ބޮސްދިން ވަގުތު ދެލޯ މަރާލަމުން އޭނަގެ ނަން ޝިޔާއަށް ކިޔާލެވުނެވެ.

 

“އައްމު…” ނަން ކިޔާލި ހިނދު ޝިޔާގެ މޫނުމައްޗަށް ހިނިތުންވުމެއްވެރިވިއެވެ.

 

އައިމަނާއި ޝިޔާގެ އޭލެވެލްގެ ކިޔެވުން ނިމުނުތަނާހެން އެދެމީހުންގެ ކައިވެނިވެގެން ދިޔައެވެ. އެވެގެން ދިޔައީ ވަރަށް ގިނަ މީހުންގެ ފާޑުކިޔުންތައް އަމާޒުވި ކަމަކަށެވެ. އެކަމާމެދު އައިމަން ކުރީކޮޅު ލަދުގަތެއްކަމަކު ފަހުން އެ އިޙްޞާޞުގެ މަތިން ހަނދާންނެތުނެވެ. ލަދެއްނެތި މިހުރިހާ ދުވަހު ނުބައި ގޮތަކަށް އަންހެން ކުދިންނާއި ގުޅުން ހިންގާފައި ރަނގަޅު ގޮތް ޚިޔާރުކުރަން ޖެހިލުންވާންވީ ކީއްވެތޯ އޭނަގެ ހިތް ބުނުމުންނެވެ. ދެމީހުން ކައިވެނި ކުރިތާ މާ ގިނަ ދުވަހެއްނުވެ ދެމީހުންނަށް ލިބުނު ސްކޮލާރޝިޕްތަކުގެ އެހީގައި ދުބާއީއަށް ކިޔަވަން ދިޔައެވެ. އައިމަން އެތަނަށް ގޮސްފައިވެސް ކިޔަވަމުން ވެސް ވަޒީފާއެއް ހޯދީ އަމިއްލަ ޢާއިލާއަށްޓަކައި ޒިންމާ ނެގުމުގެ އިޙްޞާޞް އޭނައަށް އޭރުއްސުރެ ކުރެވެން ފެށީތީވެއެވެ. އެމީހުންނަށް ޗުއްޓީ ލިބޭ ކޮންމެ ފަހަރަކު ޙާލަތު ތަންދޭ ނަމަ އެމީހުން އެކީގައި ޢުމްރާއަށް އައިސް ހަދައެވެ. މިއީ އެފަދައިން އެމީހުން އައި ޢުމްރާ ދަތުރެކެވެ.

 

“ހެހެ……އަޅެ ތި ނޫންނަމެއް ކިޔާބަލަ. ތިއީ އެންމެން ވެސް ކިޔާ ނަމެއްނު. ޝިއު ކިޔަންވާނީ ޚާއްސަ ނަމެއް.” އައިމަން ޝިޔާއާއި ކުޑަކޮށް ދުރަށްޖެހި އޭނަގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

 

“އާ ނަމެއް ހޯދާފަ ދަސްކޮށްދީ. އޭރުން ކިޔާނަން އިން ޝާ ﷲ.” ޝިޔާ ހިނިތުންވުމަކާއެކީ ބުންޏެވެ.

 

“އައި ޑޯންޓް ނޯ. ޙަބީބީ ކިޔަންވީއެއްނު؟” އައިމަން ޝައްކެއްގެ މަތީގައި ހުރެ ބުނެލިއެވެ. އެއާއެކު ޝިޔާ ހީގަންނަމުން އައިމަންގެ ކޮނޑުގައި ޖަހާލިއެވެ. އައިމަނަށް ވެސް ހީލެވުނެވެ.

 

“ހެހެ……އައްމުވެސް ހާދަ ހާދަ މޮޅުވެއްޖެއޭ އަރަބިއަށް މާ ޝާ ﷲ.” ޝިޔާ ދެމާނައެއް އެކުލެވޭ ރާގަކަށް ބުނެލިއެވެ.

 

“އަސްލުވެސްތަ؟ އެއީ މަށަށް އެނގޭ ހަމައެކަނި ބަސް.” އައިމަން ހެވިފައިހުރެ ބުންޏެވެ.

 

“ތިހެން ނުބުނޭ. އެއަށްވުރެ ގިނަ ބަސްތައް އައްމުއަށް އެނގޭ. އަދި އެއަށްވުރެ ވެސް މޮޅަށް އެނގޭނެ އިން ޝާ ﷲ. އަހަރެން މީގެ ދެ އަހަރު ކުރިން ވެސް ފޮތް ދިނީމަ އެއްފަހަރު ބަލާލިނަމަ އެނގުނީހެއްނު ދޯ؟” ޝިޔާ ދޯދިނެވެ.

 

“އާނ……ދެން އެކަމަކު އޭރު ވަގުތެއްނުވިއްޔޭ. އޭ ޝިއު! ކީއްވެތަ ޝިއު އެ ފޮތުގެ އެންމެ ކުރީގަ ޢަޞްރު ސޫރަތް ލިޔެފަ އޮތީ؟” އައިމަން ކަމެއް ހަނދާންވެގެން އަހާލިއެވެ. އޭގެ ޖަވާބު ދިނުމަށްޓަކައި ޝިޔާ ހިނިތުންވުމަކާއެކީ އައިމަނާއި ދިމާލަށް ބަލާލިއެވެ.

 

**

 

ކުރިއަށް ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ވިސާމްގެ ގޭގެ ތެރޭގައި އެންމެންވެސް ހޭލަމޭލައަށް އުޅެމުން ދިޔައެވެ. އެދުވަހު އެންމެން އެކީގައި ހިންގަމުން ދިޔައީ ސާފުކުރުމުގެ “ޕްރޮގްރާމެކެވެ.” އެ ޕްރޮގްރާމްގެ ތެރޭގައި މިހާރު އެގޭގައި އުޅެމުންދާ ރަޝީދާއާއި މަންސޫރު ވެސް ހިމެނެއެވެ. މަންސޫރު ވެސް ފެންނަމުން ދިޔައީ ގޭގެ ކުދިވެރިންނާއި އެކީ މަސައްކަތް ކުރަމުން ދިޔައިރު ހިނިތުންވުންތަކާއެކީ މަސައްކަތް ކުރަމުން ދިޔަ ތަނެވެ. އޭނަގެ ކުށަށްޓަކައި އަދަބު ލިބުމަށްފަހު އޭނަ ތައުބާވިފަހުން އެންމެނަށް ވެސް ފެންނަމުން ދިޔައީ ތަފާތު މަންސޫރެކެވެ. އެދުވަސްފަހުން އޭނަ ދެމުން ދިޔަ ދަރުސްތަކާއި ޚުތުބާތަކަކީ އެންމެންގެ ހިތްތަކަށް އަސަރުފޯރުވާ ފަދަ އެއްޗެއްސަށް ވެގެން ދިޔައެވެ. އޭނަ އެ ދަރުސްތައް ދެމުން ދިޔައީ އޭނަ އެންމެ ފުރަތަމަ ދީން އުނގެނުނުއިރު ހުރި އިޚްލާޞްތެރިކަމާއިއެކީގައި ކަމަށްވާތީވެއެވެ. މިއަދު މަންސޫރު ދަންނަ ކޮންމެ މީހަކުވެސް ބުނާނީ އޭނައަކީ ހިތްތިރި، މަޑުމައިތިރި އަދި އެންމެންވެސް ހެއްވާލާ މިޒާޖެއްގެ މީހެއްކަމަށެވެ. އެކަމަށްޓަކައި އޭނަގެ ޢާއިލާގެ އެންމެނަށް ވެސް ޙަމްދުކުރެވެއެވެ.

 

މަންސޫރުމެންނާއެކީ ހުދާއާއި ޒަމީނާވެސް އެދުވަހުގެ ދުވަސްތައް ހޭދަކުރަމުން ދިޔައީ އެގޭގައެވެ. ހުދާ އުޅެނީ މިހާރު ރަށުގެ އޮފީހުން ވަޒީފާއެއް ހޯދައިގެން އޭނައަށް ކަމުދިޔަ މާލޭގެ މީހަކާއި އިނދެގެންނެވެ. ޒަމީނާގެ ކިބައިގައި އަދި ވެސް ގިނަގިނައިން ފައިސާ ހޯދުމުގެ ޝުޢޫރު ހުއްޓެއްކަމަކު ހުދާ އެކަމާއި ދެކޮޅަށް އޭނައަށް ނަޞޭޙަތްތެރިވެއެވެ. އޭނަ ޝިޔާއާއި ގުޅުން ބެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނައަކީ ވެސް ނަމާދުކުރާ ކުއްޖެކެވެ. އަދިވެސް ބަދަލުކުރަންޖެހޭ ކުދިކުދި ކަންތައް ހުއްޓެއްކަމަކު މިއަދު އެއީ ގޯސްކުއްޖެކޭ އެކަކަށް ވެސް ނުބުނެވޭނެއެވެ.

 

އެދުވަހުގެ މެންދުރު ވަގުތު ވިސާމް ގޮނޑިއެއްގެ މައްޗަށް އަރައި ހެދުން އަލަމާރީގެ މަތީ ބައި ސާފުކުރަމުން ދިޔަ ވަގުތު 9 އަހަރުގެ މިޝްކާ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ވާހަކަ ދެއްކިއެވެ.

 

“ބައްޕީ މި ފޮށިގަނޑަށް ދޯ އެއްލާލާ އެއްޗެހި އަޅާނީ؟” މިޝްކާ އޭނަގެ ދެއަތުން ދަންފުޅިއެއް ހިފައިގެން ހުރެ ދޮރު ކައިރީގައި ހުރި ފޮށިގަނޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ.

 

“ލައްބަ ދޫނީ ލައްބަ.” ވިސާމް އެ ދިމާލަށް ބަލާލުމެއްނެތި ބުނެލިއެވެ. މިޝްކާ އެ އެއްޗެއް އަޅާލަމުން ދާން އުޅުނު ވަގުތު ވިސާމަށް އަނެއްކާވެސް އޭނައަށް ގޮވާލެވުނެވެ.

 

“މިޝީ މަންމި ކޮބައިތަ؟ އަދިވެސް ރެސްޓު ކުރަނީ.” ވިސާމް ފަހަތް ބަލާލަމުން އަހާލިއެވެ. ހަމައެއާއެކު މިހިރީ މަންމިއޭ ބުނެ ޝަފަޤް އެ ކޮޓަރިއަށް ވަދެގެން އައެވެ. ޝަފަޤް ފެނިފައި ގޮނޑިން ފޭބި ވިސާމްގެ ހިނިތުންވުން ފުންވިއެވެ. 2 އަހަރު ފަހުން އަނެއްކާވެސް ޝަފަޤް އެހެރީ ބޮޑު ބަނޑަކާއި އެކީގައެވެ. ޝަފަޤް ވިސާމް ގާތަށް ދިޔަދިޔަހެން މިޝްކާ އަމިއްލައަށް ދަނެގެން ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

“މިއަދު އަހަރެން މިއުޅެނީ ބޭރަށް ދާންށޯ.” ޝަފަޤް ވިސާމް ރުޅި އަރުވާލުމުގެ ނިޔަތުގައި ބުނެލިއެވެ.

 

“ދާނެ ކަމެއްނެތް! އަދި 4 މަސް ވަންދެން ޝަފަޤް ތިހިރީ ގޭ ބަންދުގަ.” ވިސާމް އަންގާލިއެވެ. ކުރީފަހަރު ކަންވީ ގޮތުން އޭނަ ހުންނަނީ ޝަފަޤް ކުޑަކޮށް ވެސް އޭނައާއި ދުރަށް ދާން ބޭނުންނުވެފައެވެ. އެ ބިރުވެރިކަމުގެ އަސަރެއް އަދިވެސް އޭނަގެ ހިތުގައި ނުފިލާ ވާތީވެއެވެ.

 

“ގޭ ބަންދު ހާދަ ފޫއްސޭ!!” ޝަފަޤް ސަމާސާއެއްގެ ގޮތުން ޝަކުވާކޮށްލިއެވެ. އެއާއެކު ވިސާމްގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

 

“އަހަރެން ހުރީމަ ފޫއްސެއްނުވާނެކަން އެބައިނގެއެއްނު؟ އަދި މަޑުކޮށްލާ ކުޑަކޮށް.” ވިސާމް އެހެން ބުނެ ޝަފަޤް ނޭފަތުގައި އެއްއަތުން ހިފާލިއެވެ. އެއަށްފަހު އޭނަ ޝަފަޤާއި ގާތްވާން އުޅުނު ވަގުތު ބޭރުން ރަޝީދާ ޝަފަޤަށް ގޮވާލި އަޑު އިވުނެވެ. އެއާއެކު ޝަފަޤް ހީލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ވިސާމް ވެސް އޭނަގެ ފަހަތުން ދިޔައީ އެއްލާލަން ޖެހޭ އެއްޗެހި އަޅާފައި ހުރި ފޮށި ނަގައިގެން ބޭރު ކުރުމަށެވެ. އެހެނަސް އެ ފޮށި ހިއްލާލި ވަގުތު ފެނުނު އެއްޗަކުން އޭނައަށް އޭތި އަނބުރާ ބެހެއްޓުނެވެ. އެއަށްފަހު އޭގެ މެދުގައި އޮތް ދަންފުޅި ނެގުނެވެ. އޭނަ ނެގުމާއެކު އޭގައި ހުރި ހިލަކުނޑި ހިނގަން ފެށިއެވެ.

 

**

 

“ޢަޞްރުގެ މާނައަކީ އަހަރުމެންގެ އަތުން ބީވެގެންދާ ވަގުތު. އަބަދުމެ ހިނގަހިނގާހުންނަ އަހަރުމެންނަށް ގެއްލިގެންދާ ވަގުތު. އަހަރެން އެ ސޫރަތް ފޮތުގެ އެންމެ ކުރީގަ ލިޔެފަ ހުރީ އެކަން އަހަރެން އަމިއްލައަށް ހަނދާން ކުރުމަށްޓަކައި. އެއީ އަހަރެން ތައުބާވުމަށް އެންމެ ބޮޑު ބާރެއް ލިބުނީ އެކަން އެނގުންވުމުން ކަމަށްވާތީ. އައިމަން ދޫކުރުމަށްފަހު ވެސް އަހަރެން ޙަޤީޤަތުގަ އެހާ ރަނގަޅަށް ތައުބާނުވަން. އެކަމަކު ދައްތަގެ ވާހަކައިން އެކަން ރިއަލައިޒްވީމަ އަސްލު ހެޔޮ ކަންތައް ގިނަގިނައިން ކުރަންފެށީ……އައްމުވެސް ތައުބާވީ އަޅެ ހަމަ އެކަން އެނގުންވީމައެއްނޫންތަ؟ އައްމުއަށް ދެން މާ ގިނަ ވަގުތެއްނެތްކަން އެނގުނީމަ ނޫންތަ؟ އަދި އައްމުގެ ފެމިލީ ވެސް ޒާން ދުނިޔެ ދޫކޮށް ދިޔުމުން ތައުބާވީ އެހެންވެއެއްނޫންތަ؟” ޝިޔާ އެ ސުވާލުތައް ކޮށްލަމުން އައިމަނަށް ބަލާލިއެވެ. އައިމަނަށް ޝިޔާގެ އެ ވާހަކަތަކާއި އެއްބަސްވެވުނެވެ. އެހެނީ ޙަޔާތުގައި އޭނަ ތައުބާވުމުން އެއްކިބާ ކުރި އެއްހީއަކީ އޭނައަށް ތައުބާވާން ވަގުތު އެބައޮތްހެން ހީވުމެވެ. އެހެނަސް އޭނަގެ ވަގުތު ފާއިތުވަމުން ދާކަން އެނގުންވުމުން އޭނައަށް ތައުބާވުމަށް އަވަސްވެގަނެވުނީއެވެ.

 

“އަސްލު އެންމެ ފުރަތަމަ ވިސްނާލާއިރު ހީވެދާނެ ވަގުތު ފާއިތުވަނީއޭ ބުނީމަ އެއީ އިންޒާރެއްހެން. އެކަމަކު ތައުބާވުމަށް އޭނަގެ ވަގުތު ފާއިތުވެއްޖެހެން ހީވާ މީހަކަށް މިބަސް ވެގެން ދާނީ އުއްމީދަކަށް. އެއީ ވަގުތު ފާއިތެއްނުވޭ. ވަގުތު ދަނީ ފާއިތުވަމުން. މާނައަކީ އަދިވެސް ވަގުތު އެބައޮތޭ އެމީހަކަށްވެސް.” ޝިޔާ ކިޔައިދިނެވެ. އައިމަނަށް ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލެވުނެވެ.

 

**

 

ވިސާމަށް އޭނަގެ ބައްޕަގެ އަގުހުރި ހަދިޔާގެ މާނަ އެނގުންވީ އެވަގުތެވެ. އޭނަގެ ބައްޕަ އޭނައަށް އެ ހަދިޔާ ދީފައިވަނީ އޭނަ ކޮންމެ ކަމަކަށް “ފަހުން” ބުނަމުން ދިޔަ ދުވަސްވަރެއްގައެވެ. އޭނަ ކަހަލަ މީހަކަށް މި ނޫނީ ދެން ލިބޭނީ ކޮން އަގުހުރި ހަދިޔާއެއް ހެއްޔެވެ؟ އޭނަގެ ޙަޔާތާއިމެދު އޭނައަށް ވިސްނާލެވުނު ހިނދު އޭނައަށް ރަނގަޅު ފިޔަވަޅުތައް އެޅިފައިވަނީ އޭނަގެ ވަގުތު ގެއްލެމުން ދާހެން ހީވުމުންކަން އެވަގުތު ވިސާމަށް އެނގުންވިއެވެ. ޝަފަޤް ކަހަލަ ރަނގަޅު ބައިވެރިޔަކު ޚިޔާރު ކުރެވުނީ ކުރު މުއްދަތެއްގެ ތެރޭގައި މިޝްކާއަށް މަންމައެއް ހޯދައިދޭށެވެ. ފުރަތަމަ ފަހަރަށް އަމިއްލައަށް އެދިގެން ﷲ އަށްޓަކައި ނަމާދެއް ކުރެވުނީ އޭނަގެ ދަރިފުޅުގެ ޙަޔާތަށް ނިމުމެއް އަންނަން އުޅޭހެން ހީވުމުންނެވެ. އެންމެނަށް އިވޭ ފަދަ ގޮތަކަށް ހެޔޮ ބަހެއް ބުނުމުގެ ހިތްވަރެއް ލިބިގެން ދިޔައީ އޭނަގެ ދެވަނަ ދަރިފުޅުގެ ނިމުން ކައިރިވަމުން ދިޔަހެން ހީވުމުންނެވެ. ވީއިރު މިއީ ކުރިއަށް އޮތްތަނުގައި ވެސް އޭނައަށް ކިހާ ބޮޑު އެހީއަކަށް ވާނެ ހަދިޔާއެއް ހެއްޔެވެ؟

 

ވިސާމް އެ ދަންފުޅި ހިފައިގެން ގޮސް އޭތި އޭނަގެ ހެޑްބޯޑް މަތީގައި ކޮޅަށް ބެހެއްޓިއެވެ. އޭތި ހުއްޓުމެއްނެތި ހިނގަމުން ދިޔައީ ޣާފިލުކަންމަތީ ވި ހިތްތައް ބަދަލުކޮށްލަނިވި އިންޒާރެއްގެ ގޮތުގައެވެ. އަދި އުއްމީދު ކަނޑާފައިވި ހިތްތަކަށް އުއްމީދެއްގެ ގޮތުގައެވެ.

 

**ނިމުނީ**

The post Asr (Last Part) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-last-part/feed/ 0 877
Asr (Part 58) https://blog.storiesbyjana.com/asr-part-58/?utm_source=rss&utm_medium=rss&utm_campaign=asr-part-58 https://blog.storiesbyjana.com/asr-part-58/#respond Sat, 24 Apr 2021 12:29:50 +0000 https://blog.storiesbyjana.com/asr-part-57-copy/

“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނާސިރު ޝިޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.   “ދަރިފުޅާ……މަންމައާއި ބައްޕައަށް […]

The post Asr (Part 58) appeared first on Stories by Jana.

]]>

“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނާސިރު ޝިޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.

 

“ދަރިފުޅާ……މަންމައާއި ބައްޕައަށް މަޢާފުކޮށްދީ. މި ހުރިހާ ދުވަހު ދަރިފުޅުގެ ބަހަށް އިތުބާރު ނުކުރީ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި. މިއަދަށްފަހު ދަރިފުޅު އެއްޗެކޭ ބުނާއިރަށް އެއްވެސް މީހަކު އެއާމެދު ސުވާލުނުކޮށް ޤަބޫލުކުރާނެ. ދަރިފުޅު ތިއީ އެންމެ ކުޑައިރުއްސުރެ މަންމައާއި ބައްޕަގެ ބަސްއަހައިގެން ބޮޑުވީ ކުއްޖެއް. ބައްޕައަށް އެނގޭ މީގެ އަހަރުތަކެއް ކުރިން ދަރިފުޅު މަންމަ ބުނެގެން ދަރިފުޅަށް ކަމުދިޔަ ކުއްޖަކު ވެސް ދޫކޮށްލިކަން. އެކަމަށްޓަކައި ވެސް ބައްޕަ މަޢާފަށް އެދެން….” ނާސިރަށް އެހާ ހިސާބަށް ވާހަކަ ދެކެވުނު ތަނާހެން ރޮވިފައި ހުރި ޝިޔާ ނޫނެކޭ ބުނެލިއެވެ. ޝިޔާ އިތުރަށް އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު އޭނައަށް ގިސްލެވެން ފެށިއެވެ. އަދި މޫނުގައި ދެއަތް އަޅާލަމުން ހުރި ދިމާލަށް ތިރިވެ ކައިރީގައި ހުރި ސޯފާގައި އިށީނދެވުނެވެ. އޭނަ މަންމައާއި ބައްޕަގެ ފަރާތުން މިފަދަ ލޯތްބަކަށް އުއްމީދުކޮށްގެން ހުންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟ އެންމެ ފަހުން އޭނަގެ ބައްޕައަށް ވެސް އޭނަގެ އިޙްޞާޞްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބުނުކަމަށްޓަކައި ޝިޔާއަށް ޙަމްދުކުރެވުނެވެ. އޭނައަށް ގިސްލެވުން ހުއްޓާލެވުނު ވަގުތު ނާސިރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅު ބޭނުމިއްޔާ ބައްޕައަށް މައްސަލައެއް ނޫން ދަރިފުޅު އެކުއްޖާއާއި ރައްޓެހިވިޔަސް. އެއީ މިރަށު ކުއްޖެއްތަ؟” ނާސިރު އެތާ ކައިރީގައި ހުރި ސޯފާއެއްގައި އިށީނދެ އަހާލިއެވެ. އެ ހިނދު އެމީހުންނަށް ނޭނގުނު ކަމަކީ އެގޭގެ ކުޑަދޮރު ކައިރިއަށް އައިސް ހުއްޓުނު މީހަކަށް ވެސް އެ މަންޒަރުތައް ފެނި އަޑުތައް އިވެމުން ދިޔަކަމެވެ. އެއީ އައިމަން ނޫން ދެވަނަ މީހެއްނޫނެވެ.

 

“ނޫން ބައްޕާ. އަހަރެން ބޭނުމެއްނޫން ރައްޓެހިވާކަށް. އެއީ ރަނގަޅު ގޮތެއްނޫން. އަސްލު އަހަރެން ޝުކުރުވެރިވަން މީގެ އަހަރުތަކެއް ކުރިން މަންމަ އެފަދަ ގޮތަކަށް އެ ގުޅުން ކަނޑާލަދިން ކަމަށްޓަކައި. އަހަންނަށް ސާފުކޮށް ވިސްނެން ފެށީ އެފަހުން. އަދި ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ﷲ އަށްޓަކައި ލޯތްބެއް އުފެދިގެން ދިޔައީ ވެސް އެފަހުން. ﷲ މޮޅަށް ދެނެވޮޑިގެންވަނީ އެކަމަކު އަހަންނަށް ހީވަނީ އެދުވަހު އެގުޅުން ކުރިއަށް ގެންދިޔަނަމަ މިއަދު ވެސް އަހަރެން ވީހީ އަނދިރިގަނޑެއްގެ ތެރޭގަ ހެން. އެހެންވިނަމަ އަހަންނަށް ދުވަހަކުވެސް ލޯ ހުޅުވާލުމުގެ ފުރުޞަތެއް ނުލިބުނީސް. މުޅި ޒުވާން ޢުމުރު ވޭތުކޮށްލީހީ އެއްކުއްޖަކަށްފަހު އަނެއްކުއްޖަކާ ރައްޓެހިވުމުގަ. އެކަމަކު ﷲ އަހަންނަށް ހިދާޔަތް ދައްކަވައި އަހަރެންގެ ޙަޔާތް ޒީނަތްތެރި ކުރެއްވި.” ޝިޔާ ކަރުނަތަކުގެ ތެރެއިން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހިނދު ގޭގެތެރޭގައި ތިބި މީހުންނާއެކު ބޭރުގައި ހުރި އައިމަންގެ ވެސް ދެބުމަ ކައިރިވެފައިވިއެވެ.

 

“ދެން ދަރިފުޅު އެކުއްޖާ މަތިން ހަނދާނެއް ނުވޭތަ؟ ބައްޕައަށް ވަރަށް ހީވޭ ދަރިފުޅު ހަނދާންވާހެން.” ނާސިރު ދެންވެސް ކަންބޮޑުވުމަކާއެކީ އަހާލިއެވެ. އެއާއެކު އޭނައާއެކީ ބޭރުގައި ހުރި އައިމަނަށް ވެސް އެ ސުވާލުގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.

 

“ހަނދާންވޭ…….އެއީ މިހާރު އަހަންނަށް އޮތް އިމްތިޙާނަކީ. ހަނދާންވާއިރު ވެސް ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް މި ޙާލަތުގައި އުޅުން. އެއީ އެހެން ނޫނަސް އަހަންނަށް އެހާ ކަމުދާ މިޒާޖެއްގެ ކުއްޖެއްނޫން. ނަމާދު ކުރާކަމެއް ވެސް ޔަޤީނެއްނޫން. މި ގުޅުމުގެ މަތިން ހަނދާން ނައްތާލަން އަހަންނަށް އުނދަގޫވަނީ އަހަންނަށް ކޮންމެ ދުވަހަކު އައިމަން ފެންނާތީ. އަހަރެން ބޭނުންވަނީ އޭނައާއި ދުރަށްދާން. އަހަރެން މި ކޮޅަށް އައި މަޤްޞަދު ފުރިހަމަވެއްޖެ ބައްޕާ. ދެން ހިނގާ އަނބުރާ ދާން.” ޝިޔާ އެވަގުތުވެސް ހިތާއި ދެކޮޅަށް އެހެން ބުނެލީ އޭނަ ދެންމެ ބުނި ފަދައިން ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އުޅުމަށެވެ. އައިމަން އެންމެ ފުރިހަމަ ގޮތުގައި ތައުބާ ނުވަނީސް އޭނަގެ ހިތުގައި އައިމަނަށްޓަކައި އިޙްޞާޞްތަކެއްވުމުން އައިމަން ކުރާ ކޮންމެ ކަމެއް އޭނައަށްޓަކައި ޒީނަތްތެރި ވެދާނެތީ އޭނަ ބިރުގަނެއެވެ. އަދި އަމުދުން އަނެއްކާވެސް އޭނަ އިޙްޞާޞްތަކުގެ އޮޔާ ލައިގެން ގޮސްފިނަމަ އޭނައަކީ އައިމަން ﷲ ގެ ހަނދުމައިން ދުރުކުރާ މީހަކަށް ވާކަށް ބޭނުމެއްނުވިއެވެ.

 

ބޭރުގައި ޝިޔާގެ ވާހަކަތައް އަޑުއަހަން ހުރި އައިމަނަށް އިހުނަށްވުރެ ބާރަށް އޭނަގެ އަތް އެ ކުޑަދޮރުގައި ހިއްޕާލެވުނެވެ. މުޅި މީހާގެ ގައިން ތުރުތުރެއް ހިނގާލި ހިނދު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. ޝިޔާ އަނެއްކާވެސް އުޅެނީ އޭނައާއި ވަކިވާން ހެއްޔެވެ؟ ޝިޔާ މުޅި ޢުމުރަށް އޭނައާއި ވަކިވެގެން ދަނީ ހެއްޔެވެ؟ އަނެއްކާވެސް އޭނަވީ އެ ހިތްދަތި އިންތިޒާރަށް އަނބުރާ ދާންހެއްޔެވެ؟ އެ ސުވާލުތައް ހިތަށްވެރިވި ވަގުތު އައިމަނަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.

 

“އައްމު!” ގޭގެ ގޭޓު ކައިރީގައި ސައިކަލު މަތީގައި އިން އަޒާން ގޮވާލީ އައިމަން އިސްޖަހާލި މަންޒަރު ފެނުމުންނެވެ. އޭނަގެ އަޑަށް އައިމަން އޭނައަށް ފަސްދީގެން ހުރެ ލޯމަތިން އެއްއަތް ހިންގާލި މަންޒަރު އަޒާނަށް ފެނުނެވެ. އޭނަ ކަންބޮޑުވުމެއްގެ ތެރޭގައި ހުއްޓާ އައިމަން އާދައިގެ ހިނގުމެއްގައި އައިސް އޭނައާއި ހަމަ ކޮށްފިއެވެ.

 

“ހިނގާ.” އައިމަނަށް އެހެން ބުނެލެވުނީ ކުރެހިފައިވާ އަޑަކުންނެވެ.

 

“ވަޓްސް ރޯންގް؟” އަޒާން ސައިކަލުން ފައިބަމުން އެހެން އަހާލީ އައިމަންގެ މިލާފައިވާ މޫނު ފާހަގަވުމުންނެވެ. އައިމަން ޢިޝާ ނަމާދަށްފަހު އޭނައާއެކީ މިގެއަށް އައީ އޭނައަށް މިއީ ކޮން ގެއެއްކަން ވެސް ކިޔައިދިނުމެއްނެތިއެވެ. އެހެންކަމުން ވެދާނެ ގޮތެއް އޭނައަށް އަންދާޒާ ކުރާކަށް ވެސް ނޭނގެއެވެ.

 

“ކަމެއްނުވޭ! ހިނގާ ދެން.” އައިމަން އެހެން ބުނެ ސައިކަލަށް އަރަން އުޅުނެވެ. އެހެނަސް އަޒާން އޭނަގެ އަތުގައި ހިފައި މަޑުކުރުވިއެވެ.

 

“ޔޫ ހޭވް ޓު ޓެލް މީ!” އަޒާން ހިސާބެއްގެ ހަރުކަށިކަމަކާއެކީ ބުނެލިއެވެ. އައިމަން އޭނައަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ.

 

**

 

އޭގެ 15 ވަރަކަށް މިނެޓް ފަހުން އައިމަނާއި އަޒާން ތިބީ ޕާކެއްގެ އުސް ފާރެއްގެ މަތީގައެވެ. ދެމީހުންގެ ނަޒަރު ވެސް ކުރިމަތީގައި އޮތް ތާރުމަގަށް ހުއްޓިފައިވީއިރު އެދެމެދަށް ވެރިވެފައި އޮތީ މަރު ހިމޭންކަމެކެވެ. އެ ހިމޭންކަން ނަގާލީ އަޒާނެވެ.

 

“ދެން ޝިޔާ ނާންނާނެ؟” އަޒާން އަހާލިއެވެ.

 

“ހިއެއްނުވޭ އަންނާނެހެނެއް.” އައިމަން މާޔޫސީ ގޮތަކަށް ޖަވާބުދިނެވެ. އެ ހިނދު އަޒާންގެ ހިތުގައި އޭނަގެ ކޮއްކޮއަށްޓަކައި ޙަމްދަރުދީއެއް އުފެދުނެވެ. އޭނަވަނީ މީގެ ދުވަސްތަކެއް ކުރިން އެފަދަ އިޙްޞާޞްތަކުން އަރައިގަނެފައެވެ. ﷲ ގެ ހަނދުމައިގެ އެހީގައި އެއީ ކިތަންމެހާ ވެސް ފަސޭހައިން ކުރެވޭނެ ކަމެއްކަން އޭނައަށް އެނގެއެވެ. އެހެނަސް މިހާ ދުވަސްވަންދެން ﷲ ގެ ހަނދުމައިން ދުރުގައިވި އޭނަގެ ކޮއްކޮގާތު އެފަދަ ވާހަކަތައް ދެއްކުމުގެ ކުރިން އަޒާން ބޭނުންވީ އޭނަގެ ކޮއްކޮއަށް ހިތްވަރު ލައިދޭށެވެ. އެކަމަށްޓަކައި އޭނަ އެންމެ ފުރަތަމަ ވެސް މޫޑު ބަދަލުކޮށްލުމުގެ ގޮތުން ޗޮއްކަނޑާލިއެވެ.

 

“ކާކުތަ އުޅެނީ ޝިޔާއެއް ނުލިބިގެން؟ ވީ ހޭވް ބެޓާރ ތިންގްސް ޓު ޑޫ ނޫންތަ؟” އަޒާން ނުހަނު ޖޯޝާއެކީ އެހެން ބުނެލުމުން އައިމަން އޭނައަށް ބަލާލިއެވެ. އަދި ހިނދުކޮޅެއްގެ ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“ޔާ! އަދި އޭނަ ނޫނަސް އަހަރެން ޑޭޓް ނުކުރާ އެހެން އަންހެން ކުދިން ވެސް ދުނިޔޭގަ އެބަތިބި.” އައިމަން ހެވިފައިހުރެ އެހެން ބުނެލީ އަމިއްލަ ނަފްސަށް ހިތްވަރު ލައިދިނުމަށެވެ.

 

“ޑޭޓް ކުރާކަށް ނޫން ވީކީ. މަގޭ ކެމްޕެއިނަށް އެހީވާންވީ!” އަޒާން މޫނު ހަދައިގެން ހުރެ އެހެން ބުނެލުމުން އައިމަނަށް ހީލެވުނެވެ. އަޒާން އައިމަންގެ އެ ވާހަކައާ ދެކޮޅަށް ވާހަކަ ދެއްކީ އައިމަން އަނެއްކާވެސް ގޯސް މަގަކަށް އެޅޭތަން ދެކެން ބޭނުމެއްނުވީތީވެއެވެ.

 

“ހެހެ…..ޑޯންޓް ވޮރީ! ކެމްޕެއިނަށް އެހީވާނަން….އެއްވެސް ޝިޔާއެއްގެ ސަބަބުން ބްރޯއަށް ލިބެން އޮތް އެހީއެއް މެދުނުކެނޑޭނެ. އެއީ އެހެން ނޫނަސް ހާދަ ކަޓު ކުއްޖެކޭ. ޕިސް ޕިސް ޕިސް…….” އަޒާން މަޢުޟޫއު ބަދަލުކޮށްލުމުން ވެސް އައިމަން ތަކުރާރުކޮށް ގަދަކަމުން ޝިޔާއާއިމެދު ގޯސްވާހަކަ ދެއްކިއެވެ. އޭނަގެ ހިތުގައިވި އިޙްޞާޞްތައް ބަދަލުވާނެ ކަމުގެ އުއްމީދުގައެވެ.

 

“ޔޫ ނޯ…..އަސްލު އައްމު ބޭނުމިއްޔާ މިހާރު ވެސް ގޮއްސަ ޝިޔާގެ ބައްޕަ ކައިރި ކައިވެނީގެ ވާހަކަ ދެއްކިދާނެ. މިހާރު މެރީ ނުކުރިޔަސް އެ ވާހަކަ ދެކެވިފަ އޮތުން ގޯހެއް ނޫން ދޯ؟” އަޒާން އެހެން ބުނެލީ އައިމަން އޭނައަށް ކިޔައިދިން ވާހަކަތަކުން ޝިޔާއަކީ ރަނގަޅު ކުއްޖެއްކަން އޭނައަށް އެނގުނީތީވެއެވެ. އައިމަނަށް ކަމުދާ ފަދަ ރަނގަޅު ކުއްޖަކު އައިމަންގެ ޙަޔާތަށް އައުމަކީ އަޒާންގެ ވެސް އުއްމީދެވެ. އެހެނަސް……

 

“ޗި! ކާކުތަ އުޅެނީ އޭނައާއި އިންނަ ހިތުން؟ އެހެންނޫނަސް މަ އެގެއަށް ދިޔައިމަ ތީނައަށް އެ ހިދާޔަތެއް ލިބިފަ ނެތޭ ބުނެ އޭނަ މަ ފޮނުވާލިއްޔާޔޯ؟ މަ ނޫޅެން ދެން އޭނަ ފަހަތުން ދާކަށް ހުވާ! ހިނގާ ރައިޑަކަށްދާން. ފޫހިވާން ފަށައިފި.” އައިމަން އެހެން ބުނެ ފާރުމަތިން ފައިބާފައި ގޮސް އެތާހުރި ސައިކަލަށް އެރިއެވެ. އޭނަގެ ކޮއްކޮގެ މައުސޫމްކަމާމެދު ވިސްނަމުން އަޒާނަށް ހީލެވުނެވެ. އަދި ފާރުމަތިން ފައިބަމުން އޭނައަށް ވެސް އައިމަންގެ ހިދާޔަތަށްޓަކައި ދުޢާކުރެވުނެވެ.

 

**

 

އެރޭގެ 10:00 ޖެހި ވަގުތު ޝަފަޤް ނިދިފައި އޮތްވާ ހޭލެވުނީ ރީތިވާ މޭޒުމަތީގައި ވިސާމް އެއްޗެހި ބަހައްޓަމުން ދިޔަ އަޑަށެވެ. ދެލޯ ތަގުޅި ކޮށްފައި ހުޅުވާލިއިރު ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލީގެ ތެރެއިން ރީތިވާ މޭޒު ކައިރީގައި ނިދާ ހެދުމުގައި ހުރި ވިސާމް އޭނައަށް ފެނުނެވެ. އެއޮތް ގަޑީގައި ވެސް ވިސާމް ބޮލުގަ ފުނާ އެޅުމަށްފަހު މޫނުބަލާ ލޯގަނޑުން ރީތިތޯ ބަލަމުން ދިޔަގޮތުން ޝަފަޤްގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

 

“ރީއްޗޭ ރީއްޗޭ. ތިހާވަރުން މޮޑެލްއަކަށް ވެވިދާނެ ހުވަފެނުގަ. ދެން އާދޭ އަވަހަށް.” ޝަފަޤް ބުނެލިއެވެ. އެ އަޑު އިވިފައި ވިސާމަށް ވަގުތުން ހީލެވުނެވެ.

 

“ހެހެ….މޮޑެލްއަކަށް ނުވިޔަސް އަހަރެން ރީތިތޯ ބަލާ މީހަކު ހުރީމަ ރީތިވާންވާނެއެއްނު؟” ވިސާމް އެނދުގެ ކައިރިއަށް އަންނަމުން އެހެން ބުނެ ޝަފަޤަށް އެއްލޯ މަރާލިއެވެ. ޝަފަޤްގެ ހިނިތުންވުން ފުންވެގެން ދިޔަ ވަގުތު ވިސާމްވެސް ރަޖާ ހިއްލާލަމުން އެނދަށް އަރައި ޝަފަޤްގެ ކައިރީގައި އޮށޯވެ ހަމަޖެހިލިއެވެ. އެއަށްފަހު ޝަފަޤާއިވީ ފަރާތަށް އެނބުރިލަމުން އޭނަގެ ބަނޑުގައި އަތް ޖައްސާލިއެވެ.

 

“ބޭބީ ކިހިނެއްތަ؟” ވިސާމް ލޯތްބާއެކީ އަހާލިއެވެ.

 

“ބައްޕި އައިމަ މިހާރު ރަނގަޅު.” ޝަފަޤް އޭނަގެ ނުފިލާ ހިނިތުންވުމުގައި އޮވެ ބުނެލިއެވެ. ޝަފަޤްގެ އެ ސީދާސާދާ ޖަވާބުން ވެސް ވިސާމަށް ހީލެވުނެވެ. އެއަށްފަހު އޭނަ ޝަފަޤްގެ މޫނަށް ވެއްޓިފައި ހުރި އިސްތަށިތައް ރީތިކޮށްލަދިނެވެ.

 

“އަހަރެން ވަރަށް ނަސީބުވެރި….ޝަފް އަހަރެންގެ ޙަޔާތުގައިވީތީ.” ވިސާމް އެހެން ބުނެލީ ޝަފަޤާއި ދިމާލަށް ފުން ނަޒަރަކުން ބަލަން އޮވެއެވެ. ޝަފަޤް އެއަށްވަކި އެއްޗެކޭ ނުބުނެ ނަޒަރު ތިރި ކޮށްލިއެވެ. ވިސާމް އިތުރަށް ޝަފަޤާއި ކައިރިވާން އުޅުނު ވަގުތު އޭނަ ކުއްލިއަކަށް މިރޭގެ ކުރީކޮޅު ހިނގިހާ ކަންތައްތަކުގެ މަތިން ހަނދާންވިއެވެ. މެހެނާޒްގެ މަރުގެ ޙަޤީޤަތާއި އޭނައަށް އަނިޔާކުރި މުޖުރިމުންނެވެ. މެހެނާޒް ތައުބާވެފައިވިކަމުގެ ހަނދާން އާ ވުމުން ވިސާމްގެ ކަންފަތުގައި ގުގުމާލީ މިއަދު ހަވީރު ނިހާލް ދެއްކި ވާހަކަތަކެވެ.

 

“ޝަފަޤް ބުނިން ދޯ ތިމާ ކުރާ ނުބައި ކަންތައް ތިމާ ދިޔުމަށްފަހު ވެސް ފެތުރޭ ނަމަ އޭގެ ޢަޒާބު ލިބޭނެއޭ.” ވިސާމް އަހާލިއެވެ. ޝަފަޤް ހޫންލައްވާލިއެވެ. އެއާއެކު ވިސާމް ނިހާލްގެ ވާހަކަ ޝަފަޤަށް ކިޔައިދިނެވެ. އަދި މެހެނާޒް ތައުބާވެފައިވަނިކޮށް އޭނަގެ ލަވަތައް އެހެން ފެތުރިގެން ދާން އޭނަ ބޭނުމެއްނުވާ ވާހަކަ ޙިއްސާކުރިއެވެ. އެކަމަށްޓަކައި އޭނަ ވީހާވެސް ގިނަ މީހުންގެ ކުރިމަތީގައި އެކަން ހުއްޓުވަން ބޭނުންވާ ވާހަކަ ބުންޏެވެ.

 

“މާ ޝާ ﷲ ވަރަށް ރަނގަޅު ޚިޔާލެއް ވިސާމް! ވިސާމް އަދިވެސް ފުދޭވަރަކަށް މަޝްހޫރު. ވިސާމް މީހުންގެ ހިތްތަކަށް އަސަރުކުރުވާ ފަދަ ގޮތަކަށް ވާހަކަ ދައްކައިފިއްޔާ ވަރަށް ގިނަ މީހުންގެ ހިތްތައް ބަދަލުވެގެންދާނެ އިން ޝާ ﷲ!” ޝަފަޤް ނުހަނު ޖޯޝާއެކީ ވިސާމަށް ހިތްވަރު ދިނެވެ.

 

“ހެހެހެ……އަދި މިހެން ބުންޏަސް މިއީ ހަމައެކަނި ޚިޔާލެއް އިނގޭ. ފަހަރެއްގަ ދެވޭނީ. މީހުން ބުނާނީ ކީކޭ ދޯ؟” ވިސާމް ބުނެލިއެވެ.

 

“އަނހާ! މީހުން ބުނާ އެއްޗަކަށް ވިސްނާކަށް ނުޖެހެއޭ ރަނގަޅު ކަމެއްކުރާއިރު.” ޝަފަޤް ހަނދާންކޮށްލަދިނެވެ.

 

“ހޫމް……..މަންމަ ވަރަށް އުފާވާނެދޯ އަހަރެން އެފަދަ ކަމެއްކުރާތަން ފެނިއްޖެއްޔާ؟” ޝަފަޤް ވާހަކަ ދެއްކިގޮތުން ވިސާމްގެ ހަނދާނަށް އައީ ރަޝީދާއެވެ. ދެންމެ ޝަފަޤް ބުނެލީ ރަޝީދާ ވަރަށް ގިނައިން ބުނާ ވާހަކައަކަށް ވާތީވެއެވެ.

 

“މަންމަ؟ މަންމަ ހުންނާނީ އުފަލުން ގޮސް ފޮޅިފަ! އިނގޭތަ؟ މަންމަ ވަރަށް ގިނައިން އައި ވިސާމް މާލޭގަ ހުރިއިރު. ވަރަށް ގިނަގިނައިން އަހާ ވިސާމް އުޅެނީ ކިހިނެއްހޭ. އަހަރެން ބުނިން މިހާރު ސުންނަތް ނަމާދުވެސް ކުރަން އުޅޭ ވާހަކަ. މަންމަ ހުރީ ވަރަށް އުފަވެފަ އެ ވާހަކައިން ވެސް. ވިސާމް……..މަންމައާ ބައްދަލުކުރަން ނުވޭތަ އަދިވެސް؟” ޝަފަޤް އެންމެ ފަހުން އަހާލިއެވެ. އޭނަ ހުރީ މި ހުރިހާ ދުވަހު އެ ސުވާލުކުރަން ޖެހިލުންވެފައެވެ. ނަމަވެސް މިރޭ ވިސާމް އަމިއްލައަށް މަންމަގެ ވާހަކަ ދެއްކުމުން އޭނައަށް ހިތްވަރެއް ލިބުނީއެވެ.

 

“ހިނގާ ދޯ މާދަމާ؟” އިންކާރު ކުރަންވީ ސަބަބެއް ނުފެނުމުން ވިސާމަށް ބުނެލެވުނެވެ. އެ ވާހަކައިން ޝަފަޤް ވީ އުފަލަކުން ފުރިހަމަ ހިނިތުންވުމަކާއެކީ ވިސާމްގެ ގައިގައި ބައްދާލެވުނެވެ. ވިސާމް ވެސް ޝަފަޤްގެ ގައިގައި ބާރަށް ބައްދާލިއެވެ. އެހިނދު މާދަމާ ކަންތައް ވާނެ ގޮތް ވިސާމްގެ ލޯމަތިން ސިފަވާންފެށިތާ މާ ގިނައިރެއް ނުވެ އެމޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އެއީ މަންސޫރު އެގޭގައި ހުންނާނެކަން އެނގުންވުން ނޫން ސަބަބަކާ ލައިގެނެއްނޫނެވެ. އެ ޚިޔާލުން ވިސާމް އޭނަގެ ނިންމުން ބަދަލު ކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ ދެން އިތުރަށް އޭނަގެ މަންމައާއި ދުރުގައި ހުންނާކަށް ވެސް ބޭނުމެއްނޫނެވެ. ޝަފަޤް ބުނާހެން މަންމައާއި ބައްދަލުކުރުމުގެ ފުރުޞަތު ފަހުން ދުވަހަކުން ނުލިބިދާނެއެވެ. އެހެންކަމުން މަންސޫރަށްޓަކައި ހިތުގައިވި ނަފްރަތު އޭނައާއި އޭނަގެ މަންމަ ވަކިކުރުވާ ސަބަބަކަށް ހަދާކަށް ވިސާމް އިތުރަށް ބޭނުމެއްނުވިއެވެ.

 

ޝަފަޤް ވިސާމާއި ކުޑަކޮށް ދުރުވެ އޭނަގެ ކޯތާފަތަށް ބޮސްދިނުމުން ވިސާމަށް އަނެއްކާވެސް އޭނަ ހާސްކުރުވަމުންދާ ޚިޔާލުތަކާއި ދުރަށް ދެވުނެވެ. އަދި ގަދަކަމުން އެ ޚިޔާލުތަކުގެ މަތިން ހަނދާން ނައްތާލަމުން ޝަފަޤާއެކީ މި ވަގުތުކޮޅުގެ ތެރެއަށް ގެނބިގެންދާން ނިންމިއެވެ. އެދެމީހުންގެ ޙަޔާތަށް ހިޔަނި އެޅިގެންދާނެ ފަދަ އެއްވެސް ކަމެއް ދެން ނުވާނެހެން އެ ދެމީހުންނަށް ހީވި ފަދައެވެ. އެހެނަސް އެއްވެސް އިންޒާރެއްނެތި ޠޫފާނެއް އަންނަން އުޅޭކަން އެދެމީހުންނަކަށް ވެސް ނޭނގެއެވެ.

 

**

 

އެރޭ 11:15 ވީ ވަގުތު ބާރު ސްޕީޑެއްގައި އައި ކަޅުކުލައިގެ ސްޕޯޓްސް ކާރެއް ގޮސް ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭގެ ތެރެއިން އަވަސްއަރުވާލާފައި ފޭބީ ޒައިދެވެ. ޒައިދް ކާރުގެ ދޮރު ލައްޕާލުމަށްފަހު އެތާނގެ ގޭޓު ކައިރިއަށް މަޑުކޮށްލި ތަނާހެން ޔާސިރު ކޮންމެވެސް އެހެން މީހަކާއި ވާހަކަ ދައްކަމުން އެދިމާލަށް އަންނަމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ.

 

“ޑޭޑް!” ޒައިދް ވައި އަޑުން ގޮވާލަމުން ގޮސް ޔާސިރުގެ ގައިގައި ބައްދާލިއެވެ. ޔާސިރު އޭނަގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމަން ފެށިތަނާހެން ޒައިދް އަނެއްކާވެސް ދުރަށް ޖެހިލައިފިއެވެ.

 

“ތޭންކް ގޯޑް ޑޭޑް ސަލާމަތްވިކަމަށްޓަކައި. ތޭންކްސް އަ ލޮޓް ލޯޔާރ އަންކްލް!” ޒައިދް ނުހަނު އަސަރާއެކީ ޔާސިރުގެ ކައިރީގައި ހުރި މެދު ޢުމުރުގެ ފިރިހެން މީހާއަށް ވެސް ބުނެލިއެވެ. އެމީހާ ހީލި ހިނދު ޔާސިރު ކެއްސަން ފެށިއެވެ. އެއާއެކު އޭނައަށް ޑޭޑް ރަނގަޅުތޯ އަހާލެވުނެވެ.

 

“ދުވަހަކުވެސް ބަންދުނުވާ މީހަކު ބަންދުވާންވީމަ ވާނީ މިކަހަލަ ގޮތެއްދޯ؟” ޔާސިރު އޭނަގެ މިލާފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. އެވަގުތު ޒައިދް އައި ރުޅީގައި އޭނަގެ ގޮށްމުއްކެވުނެވެ.

 

“މީ އެ އައިމަނާއި އަޒާން ޚާލިދުގެ ކަންތައް. އެމީހުން ވިސާމާއި ހަމައަށް އެ ސިޓީ ގެންދިޔައީ. އަދި ވަރަށް ހެވިފަ ތިއްބޭ މިތާނގަ ޑޭޑް ހައްޔަރު ކޮށްގެން ދިޔައިރު. މަރާލާނަން މަ އެމީހުން!” ޒައިދް ދަތްކުނޑި ވިކަމުން ބުނެލިއެވެ. ޒައިދަށް ބުނެލެވުނު ވާހަކައިން  ޔާސިރަށާއި އޭނަގެ ވަކީލަށް ވެސް ވަށައި ހޯދާލެވުނެވެ. އެމީހުންގެ ނަސީބު ރަނގަޅު ކަމުން އެ ވާހަކަ އިވޭ ހިސާބުގައި އެހެން މީހަކު ނެތެވެ.

 

“އަވަސްއަރުވާލައިގެން މޮޔަ ކަމެއް ނުކުރައްޗޭ ޒައިދް. މިފަހަރުވެސް މި ސަލާމަތްވީ ކިރިޔަ ކިރިޔާ. މަންސޫރު ޑޭޑްއާ ދެކޮޅަށް ވާހަކަ ދައްކައިފި ދުވަހަކުން ޑޭޑްގެ ސަލާމަތެއް ނޯންނާނެ. މިހާރުއްސުރެ ވެސް އޭނައަށް ގޮތެއް ހަދަން ފަށައިފިން. އޭނަ އަހަރުމެންނާ ދެކޮޅަށް އެއްޗެކޭ ބުނާނެހެނެއް ހިއެއްނުވޭ. ވަރެއްގެ ދީންވެރިއެއްވިއްޔާ އެއީ. އެކަމަކު އެ ހަލާކުކުރުވަނިވި ސިޓީ މިރަށަށް އައީމަ މަންސޫރާއި ދެކޮޅަށް ވެސް ފިޔަވަޅު މި އެޅީ އެއީވެސް ވިސާމްގެ ދޮންބައްޕައަށްވީތީ. މީހެއްގެ ހިތް ބަދަލުވާނެ ގޮތެއް ނޭނގޭ….ދަރިފުޅު ކަންބޮޑުނުވޭ. އެމީހުން އަހަރުމެންނަށް މި ޖެއްސި ޙާލުގެ ބަދަލު އެމީހުންނަށް ލިބޭނެ.” ޔާސިރު ޔަޤީންކަމާއެކީ ބުނެލިއެވެ. ޒައިދް ރުޅިވެރި މޫނަކާއެކީ ބޯޖަހާލީ އެއަށް އެއްބަސްވުމުގެ ގޮތުންނެވެ.

 

**

 

“އޯ މައި ގޯޑް އޯ މައި ގޯޑް….ދެން ކިހިނެއްތަވީ ރަޝީދައްތާ؟” އޭގެ އަނެއްދުވަހު ހުކުރުން ފައިބައިގެން އައިސް އަޒާން ކާރޕެޓް މަތީގައި އިނދެ ނުހަނު ޖޯޝާއެކީ ސޯފާގައި އިން ރަޝީދާ ކުރެން އެހިއެވެ. އޭނައާއި ޖެހިގެން އައިމަން ފާޑަކަށް ފޫހިވެފައި އިންއިރު ހަފްސާ ރަޝީދާގެ ކައިރީގައި މަޖައްލާއަކަށް ގެއްލިފައި އިނެވެ.

 

“ދެން އެމީހުން އަނެއްކާވެސް ހޭލެވުނީ. އެތައް އަހަރެއްފަހުން. ހޭލެވުނުއިރު ވެސް އެމީހުން ހީކުރީ އެންމެ ދުވަހެއް ނޫނީ އެއަށްވުރެ ވެސް މަދު ވަގުތުކޮޅަކަށްހެން އެމީހުންނަށް ނިދަން ތިބެވުނީ. ދެން އެންމެންގެ ތެރެއަށް ނިކުތީމަ މި އެނގުނީ އަސްލު ވީ ގޮތް……އެއީ ﷲ ސުބުޙާނަހޫ ވަތާޢާލާ އެކަލާނގެއަށް ތަބާވާ ޒުވާނުންނަށް އެހީވެދެއްވާ ގޮތް.” ރަޝީދާ ކިޔައިދޭހިތުން ކިޔައިދިނެވެ. އަޒާން ފޯރިއާއެކީ އޭނަގެ އަތުގައި އޮތް ފޮތުގައި ނުކުތާތައް ނަގަމުން ދިޔަ ގޮތުން އޭނައަށް އިނދެވުނީ ހިނިތުންވުމެއްގައެވެ.

 

“އޭ އައްމު! އަހަރެން ޕްރެޒިޑެންޓަކަށްވީ ދުވަހަކުން ކޭމްޕެއް ބާއްވާނީ އިނގޭ. އެ ކޭމްޕް ތެރެއަށް ސްޓޯރީ ޓައިމެއް ލާފަ މި ސްޓޯރީ ކިޔައިދޭނީ. ވަރަށް ބައިވަރު މީހުން އޭރު ކަހްފު ސޫރަތުގެ ޓްރާންސްލޭޝަން ބަލާނެ. އެންޑް އިވެންޗުއަލީ އެމީހުންގެ ހިތުގައި ޤުރުއާނަށް ލޯބި އުފެދޭނެ އިން ޝާ ﷲ. ކީކޭ ބުނަނީ؟” އަޒާން ފޯރީގައި ހުރިވަރުން މަޑުން ހުންނަން ވެސް އޭނައަށް ދަތިވިއެވެ.

 

“ޕްފްފްފްޓް! ސީރިއަސްލީ؟ އެންމެން ނިދާނީއެއްނު ސްޓޯރީ ޓައިމްގަ؟” އައިމަން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އެއާއެކު އަޒާން ނުރުހުންވީ ވަރުން އޭނަގެ އުނގުމަތީގައި އޮތް ބާލީހުން އައިމަންގެ ބޮލުގައި ޖަހާލިއެވެ. އައިމަން އައުޗްއޭ ކިޔާލުމާއެކު އޭނަ ވާހަކަ ދެއްކިއެވެ.

 

“އަޑުއަހާ ހިތްވާ ގޮތަށޭ ކިޔައިދޭނީ!!!” އާދޭހުގެ ރާގަކަށް އަޒާން ބުނެލިއެވެ. އައިމަން ތިމަންނަ ދަނީއޭ ބުނެ ތެދުވެގެން ދާން ހިނގައިގަތެވެ. އަޒާން ވެސް ތެދުވެ އޭނައަށް ގޮވަމުން އޭނަގެ ފަހަތުން ގޮސް ކޮޓަރިއަކަށްވަނެވެ. އެމީހުންގެ ޙަރަކާތްތަކަށް ބަލަން އިން ރަޝީދާގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ފުރަގަހުގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަންސޫރުގެ ކެއްސުމުގެ އަޑު އިވުމުންނެވެ. އެއާއެކު ރަޝީދާއަށް ފަސްއެނބުރި އެ ކޮޓަރީގެ ދޮރާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. ލައްޕާލެވިފައިވި އެ ދޮރުގެ ފުރަގަހުން އަނެއްކާވެސް މަންސޫރުގެ ކެއްސުމުގެ އަޑު އައުމުން ރަޝީދާގެ މޫނުމައްޗަށް ކަންބޮޑުވުން ވެރިވިއެވެ.

 

ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަންސޫރުވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެއީ ކީއްވެކަމެއް އެކަކަށްވެސް ނޭނގެއެވެ. އެކަން ފެށިގެން ދިޔައީ ހިއްލުމަކުންނެވެ. އޭގެ ޙައްލަކަށް ޑޮކްޓަރުން އިންހޭލާތައް ދިނެވެ. އިންހޭލާތަކުގެ އެހީގައިވެސް އެ ހިއްލުން ރަނގަޅުވީ ވަކި ވަރަކަށެވެ. ފަހަކަށް އައިސް މަންސޫރު ކެއްސަން ވެސް ފަށައިފިއެވެ. ދުވަހަކުވެސް ބަލި ނުވާވަރަށް ބަލިވެގެން ދިޔުމުން އޭނަ އޭނަގެ ނިމުމުގެ މަތިން ހަނދާންވަނީ ކަންނޭނގެއެވެ. ފަހަކަށް އައިސް އޭނަ އަބަދުވެސް އެދެނީ އެކޮޓަރީގައި ޤުރުއާން ޖަހާފައި ބެހެއްޓުމަށެވެ. އެއްރެއަކު ޤުރުއާން އަޑުއަހަމުން ދަނިކޮށް އޭނަ ވަރަށް ގަދައަށް ރޯންފެށިއެވެ. ރަޝީދާއަށް އެ މަންޒަރު ފެނުނެއްކަމަކު އޭނައަށް ކިހިނެއްވީތޯ އަހާކަށް ނުކެރުނެވެ. ހަމަ ގައިމުވެސް އާޔަތަކުން މަންސޫރުގެ ހިތަށް އަސަރެއް ކުރީކަން ރަޝީދާއަށް އެނގުންވީ އެދުވަސްފަހުން އޭނަ ވަރަށް ގިނައިން އޭނަ ގާތުން މަޢާފަށް އެދެން ފެށުމުންނެވެ. މަންސޫރުގެ މޫނުމަތިން ފެންނަ ހިތާމަވެރިކަމަކުން އޭނަ މަންސޫރަށް މަޢާފުކުރަން ބޭނުންވެއެވެ. ޒަވާޖީ ޙަޔާތުގެ ކުރީކޮޅު މަންސޫރުގެ ފަރާތުން އަނިޔާތަކެއް ލިބިފައިވިޔަސް އެފަހުން މަންސޫރުގެ އެ ސިފައެއް ރަޝީދާއަށް ފެނިފައެއްނެތެވެ. އޭނަ އުފަލުގައި ގެންގުޅެވޭތޯ މަންސޫރު އަބަދުވެސް މަސައްކަތް ކުރިއެވެ. އެހެނަސް ރަޝީދާގެ ހިތުގައި ދެންވެސް ނުފިލާ ނުރުހުންތެރިކަމެއްވިއެވެ. ވިސާމް އޭނައާއި ވަކިވީ މަންސޫރުގެ ސަބަބުންކަން އޭނަ ހަނދާނެއް ނުނެތެއެވެ. އޭނަގެ ދަރިފުޅު އޭނަ ފެންނަ ހިސާބުގައި ނެތްކަން އެނގުންވާ ކޮންމެ ހިނދަކު އެ ނުރުހުންތެރިކަން އިތުރުވެއެވެ.

 

ވިސްނުމެއްގެ ތެރެއަށް ރަޝީދާ ގެއްލިފައިވަނިކޮށް ގޭގެ ބެލް ޖެހި އަޑު އިވުނެވެ. އެ އަޑަށް ހަފްސާ އިންގޮތަށް އިނދެ ގޭގެ ނޯކަރަކަށް ގޮވާލިއެވެ. އެ ނޯކަރު ގޮސް ދޮރު ހުޅުވާލި ވަގުތު ރަޝީދާ އިނީ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މާ ގިނައިރެއްނުވެ ދޮރުމަތިން ފެނުނު ސޫރައަކުން ރަޝީދާގެ ނޭވާ ކަރުގައި ތާށިވެ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނައަށް ހީވީ މާޒީގެ ދުވަސްތަކުން ދުވަހަކަށް އޭނައަށް ދެވުނީ ހެންނެވެ. މިއީ ޙަޤީޤަތެއްކަން ޤަބޫލުކުރަން ވެސް ދަތިވެފައިވަނިކޮށް އޭނައަށް އަޑެއް އިވުނެވެ.

 

“މަންމާ!” ދޮރު މަތީގައި ހުރި ވިސާމް ލުއި ހިނިތުންވުމަކާއެކީ އެހެން ގޮވާލި ވަގުތު ރަޝީދާގެ ދެލޯވީ ކަރުނުން ފުރިފައެވެ. އޭނައަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. އެއަށްފަހު އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިހާ ދުވަސްވަންދެން އޭނައަށް ގެއްލިފައިވި އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އޭނައަށް ގިސްލެވެން ފެށީ އެ ދަރިފުޅު ވެސް ނުހަނު އޯގާތެރިކަމާއެކީ އޭނަގެ ގައިގައި ބައްދާލުމުންނެވެ. ހިތާހިތުން ﷲ އަށް ޙަމްދުކުރަމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ދަރިފުޅާ! ދެން ނުދައްޗޭ މަންމަ ދޫކޮށްލާފަ. ކުރީ ފަހަރުވެސް މިގޮތަށް އައިއްސަ ދަރިފުޅު ދިޔައީ….ދަރިފުޅަށް އެނގެއެއްނު މަންމަ ދަރިފުޅު ދެރަވާފަދަ ކަމެއް ނުކުރާނެކަން. އާދޭސް ކުރަން ދަރިފުޅާ ދެން ނުދާތި!” ރަޝީދާ ރޮމުން ރޮމުން ވިސާމްގެ ގައިގައި ބާރަށް ހިފަހައްޓައިގެން އޮވެ ބުނެލިއެވެ. އެ ހިނދު ވިސާމްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވާން ފެށިއެވެ.

 

“ދެން ނުދާނަން މަންމާ….ދެން ނުދާނަން. އަހަންނާ މަންމަގެ ދެމެދަށް އެހެން އެއްވެސް މީހަކު ވަނަނުދޭނަން އަހަރެން. އަހަންނަށް މަޢާފުކޮށްދީ މަންމާ. މިހާރު އަހަންނަށް ވިސްނޭ މަންމައާއި ދުރުގައި އުޅެގެން ކިހާ ގޯސްކަމެއްކަން އަހަންނަށް ކުރެވުނީ. މަންމަ އަހަރެންގެ ފާފަތައް ފުއްސެވުމަށްއެދި ދުޢާ ކުރައްޗޭ.” ވިސާމް ހިނިތުންވާން މަސައްކަތް ކުރަމުން އަސަރާއެކީ ބުނެލިއެވެ. ރަޝީދާ ވަގުތުން އެވާހަކައަށް އާނއެކޭ ބުނެލިއެވެ. އެ ހިނދު އެތަނަށް ޝަފަޤާއި މިޝްކާ އައިތަން ފެނިފައި އޭނަ ވިސާމާއި ދުރުވެލައިފިއެވެ. އެއަށްފަހު ވަގުތުން އެތެރެއަށް އައުމަށް އެދި އެމީހުންނަށް މެހުމާންދާރީ އަދާކުރިއެވެ.

 

ވިސާމާއި ޝަފަޤް މިޝްކާއާއެކީ ރަޝީދާއާއި ވާހަކަ ދައްކަން ފެށިތާ މާ ގިނައިރެއްނުވެ އެތަނަށް އައިމަނާއި އަޒާނާއި ޚާލިދުވެސް އައެވެ. މިޝްކާ އެންމެނާއި ވެސް ނުހަނު ފަސޭހައިން އެކުވެރިވެލައިފިއެވެ. ޝަފަޤް ވެސް އެކުވެރިވާން ބޭނުންވިއެއްކަމަކު ހަފްސާގެ ފަރާތުން އޭނައަށް ލިބެމުން ދަނީ އޭނަގެ މިޒާޖު ކަމުނުގޮސްގެން އުޅޭ ފަދަ ނަޒަރުތަކެވެ. އެކަމާމެދު އަޅާނުލަންވެގެން ޝަފަޤް އޭނަގެ ފުރިހަމަ ހިނިތުންވުންތައް ހަފްސާއަށް ހަދިޔާ ކުރަމުން ދިޔައެވެ.

 

އެންމެން ވާހަކައިގައި ތިއްބާ އެ ވާހަކަ މެދުކެނޑިގެން ދިޔައީ ކުއްލިއަކަށް މަންސޫރު އާދަޔާ ޚިލާފަށް ގަދައަށް ކެއްސަން ފެށި އަޑަށެވެ. އޭނަ ނޭވާވެސް ކުރުވެގެން އުޅޭހެން ހީވުމުން އެންމެން އެކީގައި ކަހަލަ ގޮތަކަށް އެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ޚާލިދު އެންމެ ކުރިން ގޮސް އެ ދޮރު ހުޅުވާލިއިރު އެނދުމަތީގައި އިން މަންސޫރު އުޅެނީ ފެން ތަށްޓެއް ބޯށެވެ. ފެންފޮދެއް ބުއި ތަނާހެން ކެއްސަން ފެށި ގޮތުން އޭނަ ކޮށި އަރައި ޙާލަތު އިތުރަށް ގޯސްވިއެވެ. ގެއިން މިކަން ޙައްލު ނުކުރެވޭނެކަން އެނގުންވި ތަނާހެން އެމްބިއުލާންސަކަށް ގުޅުނެވެ. މާ ގިނައިރެއްނުވެ އެމްބިއުލާންސެއް އައިސް މަންސޫރު ހޮސްޕިޓަލަކަށް ގެންދެވުނެވެ.

 

ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީކޮށް ފަރުވާ ދެވެން ފެށިތާ މާ ގިނައިރެއްނުވެ އޭނަ އައި.ސީ.ޔޫ އަށް ބަދަލުކުރެވުނެވެ. އެކަމާމެދު އޭނަ ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މޫނުމަތިން ހިތާމަވެރިކަމެއް ނުފެނެއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހަމައެކަނި ކަންބޮޑުވުމެވެ. މަންސޫރު އެމީހުންނާއި ދޭތެރޭ ކަންތައް ކޮށްފައިވި ގޮތުން އެމީހުންގެ ހިތުން އޭނައަށް ކުޑަވެސް ޖާގައެއް ލިބިފައި ނެތް ފަދައެވެ.

 

އައި.ސީ.ޔޫ ގައި މަންސޫރަށް ފަރުވާ ދެވެން ފެށިތާ ދެ ދުވަސް ފަހުން އޭނަ މާލެ ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދިނެވެ. ޚާލިދު ލަސްތަކެއް ނުކޮށް އެކަން ހަމަޖެއްސީ ހަމައެކަނި އިންސާނިއްޔަތަށްޓަކައެވެ. މަންސޫރު ފުރުވަން އޮތް ރޭ ވިސާމް ވެސް އެއާރޕޯޓަށް ދިޔައީ ވަކި ދާ ހިތުންނެއްނޫނެވެ. މަންސޫރު އޭނައަށް ދިން އަނިޔާތަކާއި އޭނަގެ އަންހެނުންނަށް ދިން އަނިޔާތަކަކީ އޭނައަށް ހަނދާން ނައްތާލެވޭނެ ވަރުގެ ކަންތައްތަކެއްނޫނެވެ. އެހެނަސް އޭނަ ދިޔައީ ބަލި ޙާލަތުގައި އޮތް މީހެއްގެ ހިތް އޭނައަށްޓަކައި ސާފުކުރުވޭތޯ ބެލުމަށެވެ. ޝަފަޤް އޭގެ މުހިއްމުކަން އޭނައަށް ކިޔައިދީފައިވާތީވެއެވެ. ވިސާމް އެއާރޕޯޓަށް ދިޔައިރު މަންސޫރު އޮތް އެމްބިއުލާންސްގެ ތެރޭގައި ހަފްސާއާއި ޚާލިދު މަންސޫރާއި ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުންގެ ކުރިން ރަޝީދާ އެމްބިއުލާންސަށް އެރިކަން އެނގުމުން އޭނަ ދެއްކި ވާހަކައަކާމެދު ވިސާމް ސުވާލުކުރިއެވެ.

 

“ހަމަ މަޢާފުކުރަން އެދުނީ. ހިތް ސާފުކުރަން އެދެމުން ދިޔައީ. ކަރުނަތައް އެއްގޮތަކަށް ވެސް ނުހުއްޓޭ.” ރަޝީދާ ކިޔައިދިނެވެ. އޭގެ މާ ގިނައިރެއްނުވެ ހަފްސާއާއި ޚާލިދު އެމްބިއުލާންސް އިން ފޭބުމުން އެއަށްއެރީ އައިމަނާއި އަޒާނާއި ވިސާމެވެ. އެމީހުން އަރައި ދޮރު ލައްޕާލުމުން މަންސޫރު އެ ތިން މީހުންގެ މޫނަށް ވެސް ފަރުވާތެރިކަމާއެކީ ބަލާލިއެވެ.

 

“ބޭބެއަށް އެނގޭ ތި ތިންކުދިން ވެސް ތިބީ ބޭބެއަށް ނުރުހުންވެފަކަން. ނުރުހުންނުވާށޭ ބުނާކަށް ވެސް ބޭބެއަކަށް ނުކެރޭނެ. އެހާ ވެސް ބޮޑަށް ތިކުދިންނަށް ދެރަ ދެވިފަ ބޭބެއަށް ހުރީ. އަދި އަމުދުން ތިކުދިން މި ހުރިހާ ދުވަހު ދީނާއި ދުރުގަވީ ސަބަބަކީ ވެސް ބޭބެކަމަށްވުމީ ތިކުދިން ހަމަ ގަދައަށް ބޭބެއަށް ނަފްރަތު ކުރަންވީ ސަބަބެއް. އެކަމަކު އެހުރިހާ ކަމަކާމެދު ދެރަވެފައިވާ ހިތަކާއެކީ މި އެދެނީ ބޭބެއަށް މަޢާފުކޮށްދިނުމަށް…..ބޭބެގެ ތަޖުރިބާއިން ބޭބެ ތިކުދިންނަށް ދޭން ބޭނުން ނަޞޭޙަތެއް އެބައޮތް. އެއީ…….ދިރިއުޅުމުގަ ކިތަންމެ އަވަދިނެތިވެގެން ދިޔަޔަސް ﷲ ގެ ހަނދުމައިން ދުރުނުވާށޭ. ﷲ ގެ އާޔަތްތައް އުނގެނިފައި އެ އާޔަތްތަކާއި ދުރުވެގެން ދިޔައިމަ ވާނީ ބޭބެއަށް ވީ ކަހަލަ ގޮތެއް. ބޭބެ ދީން އުނގެނުނީ ވަރަށް އުނގެނޭ ހިތުން. އެކަމަކު އެހެން މީހުންނަށް ﷲ މަތިން ހަނދުމަކޮށްދިނުމުގެ ތެރޭގަ ބޭބެ އަމިއްލަ ނަފްސު މަތިން ހަނދާން ނައްތާލީ. އޭގެ ނަތީޖާއެއްގެ ގޮތުން ބޭބެގެ ހިތް ހަރުވެ ޝައިޠާނާ ގޯސް ޢަމަލުތައް ބޭބެއަށްޓަކައި ޒީނަތްތެރިކުރީ. ބޭބެއަކީ އެހެން މީހުން ވެސް ދީނާއި ދުރުވެގެން ދާ ސަބަބަކަށްވެގެން ދިޔައީ އެހެން……ﷲ އަށް ޙަމްދުކުރަން މި އިމްތިޙާނުގެ ތެރެއިން ވެސް ބޭބެއަށް އެކަން އެނގި ތައުބާވުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި.” މަންސޫރަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު އޭނަގެ ލޮލުގެ ކޮޅުން ކަރުނަތައް ފައިބައިގެން އައެވެ. އޭނަ ދެއްކި ވާހަކަތަކުން އައިމަނާއި ވިސާމަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އަޒާނަށް އިނދެވުނީ ރޮވެން ކައިރިވެފައެވެ. އޭނަ ހަމަ އެވަގުތު ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ވީވަރަކުން ﷲ މަތިން ހަނދުމަކުރަން ނިންމިއެވެ. އަދި އެކަމަށްޓަކައި ވާގި ދެއްވުމަށް އެދި އޭނައަށް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވުނެވެ.

 

މަންސޫރާއެކީ ރަޝީދާ މާލެއަށް ދިޔައިރު ޚާލިދު ވެސް ދިޔައެވެ. އެކޮޅުގައި އެމީހުންނާއި ތިމާގެ އެހެން މީހުން އުޅޭތީ ޚާލިދު ދޭތެރެ ދޭތެރެއިން ރިސޯޓަށް ގޮސް ރަށަށް ވެސް އަނބުރާ ދަމުން ދިޔައެވެ. މަންސޫރުގެ ޙާލު އިހުނަށްވުރެ ރަނގަޅުވާން ފެށި ވާހަކަ އެނގުމުން ޚާލިދު ރަށަށް ކުރާ ދަތުރުތައް ގިނަ ކުރިއެވެ. އަޒާނާއި އެއްވަރަށް އޭނައާއި ހަފްސާވެސް އަޒާންގެ ކެމްޕެއިނަށް ފޯރި ހިފާފައި ހުރި ވަރުންނެވެ.

 

އަޒާން ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސަކަށްވުމަށް ކުރަމުން ދިޔަވަރުގެ ކެމްޕެއިނެއް އެހެން އެއްވެސް ބައިވެރިއަކަށް ނުވެވެއެވެ. ޕޯސްޓަރުތަކާއި އެސަމްބްލީގައި ދެވުނު ސްޕީޗްތަކާއި ވަކިވަކި ކްލާސްތަކަށް ވެސް ގޮސް ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ އަޒާން ނުހަނު ފަސޭހަކަމާއެކީ އިންތިޚާބު ކާމިޔާބު ކުރެވުމެވެ. އެ ކާމިޔާބީ ލިބުނު ދުވަހު އޭނައަށް ޙަމްދުކުރެވުނީ ﷲ އަށެވެ. އެންމެން އޭނަގެ “ގަދަ” ކަމުގެ ވާހަކަ ދެއްކިއެއްކަމަކު އޭނައަށް މި ކާމިޔާބީ ލިބުނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން އޭނައަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ. އެހެނަސް އެރޭ އޭނަގެ ޢައިލާ މީހުން ވެސް އޭނައަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވި ޕާޓީގައި ދެއްކީ އެއްކަހަލަ ވާހަކަތަކެވެ.

 

“ގަދަ ގޮލައެކޭ މީ. ޒާންވަރެއްނެތް ހަމަ!” އައިމަން އަނގައިގައި ކޭކު ބަހައްޓައިގެން ހުރެ ސޯފާގައި އިނދެ ބުނެލިއެވެ. ހަފްސާ އާއި ޚާލިދު ވެސް އަސްލުވެސް އޭ ކިޔައި ހޭންފެށިއެވެ.

 

“މޯމް، ޑޭޑް، ޕްލީޒް! އަހަންނަށް މި މަޤާމް ލިބުނީ ހަމައެކަނި ﷲ ގެ އިރާދަފުޅުން. ވާއި ޑޯންޓް ޔޫ ސީ އިޓް؟ އަހަރެން ކުރީގަ އުޅުނީ ކިހިނެއްތަ؟ އަހަރެން މިހެން މި އުޅެނީ ހަމަ ﷲ އަހަރެންގެ ހިތަށް ދެއްވެވި ސާބިތުކަމެއްގެ ސަބަބުންނޭ.” އަޒާން އޭނަގެ ޢާއިލާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

 

“ޕްލީޒް ޒާން! ތިހާ އޯލްޑް ފެޝަންޑްކޮށް ވާހަކަ ދެއްކީމަ ތިކަހަލަ ޔަންގް ބޯއިއަކާ ނުވެސް ގުޅޭ. އަހަރުމެންނަށް އަދި ވަގުތު އެބައޮތޭ ތިކަންތައްތަކާމެދު ވިސްނަން! ނޮޓް ރައިޓް ނައު!” ޚާލިދު ބުނެލިއެވެ.

 

އަޒާން އޭނަގެ ޢާއިލާއަށް ނަޞޭޙަތްދޭން އުޅުނު ވަރަކަށް އެމީހުންގެ ފަރާތުން އަޒާނަށް ފެންނަމުން ދިޔައީ ފަރުވާ ކުޑަކަމެވެ. އޭނަގެ ހިތްވަރުން އައިމަން މިހާރު ހުރިހާ ނަމާދަކަށް ދިޔަޔަސް މަންމައާއި ބައްޕަ ނަމާދަށް ނުދާތީ އޭނަ ކަންބޮޑުވެއެވެ. އެކަމުގެ ޙައްލަކަށްޓަކައި އޭނަ ނަމާދު ވަގުތު ޖެހުމުން އެމީހުންނަށް ގުޅައި މެސެޖުތައް ވެސް ފޮނުވަމުން ދިޔައެވެ. އެކަމާމެދު ވެސް އެމީހުން އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. ދުނިޔޭގައިވި ކޮންމެ އެއްޗެއް ގަނެވޭނެ ފަދައިން ﷲ އަށް ތައުބާވުމަށް ވަގުތުވެސް ގަނެވޭނެހެން އެމީހުންނަށް ހީވާ ފަދައެވެ. އެކަމާމެދު އަޒާން އިންތިހާއަށް ކަންބޮޑުވަމުން ދިޔައެވެ. އޭނަގެ ޢާއިލާގެ އެއްވެސް މީހަކު ނަރަކައަށް ވަންނާކަށް އޭނަ ބޭނުމެއް ނުވެއެވެ. އެ ތަނަކީ ކުޑަ ހިނދުކޮޅަކަށް ވެސް މަޑުކުރަން ރަނގަޅު ތަނެއް ނޫންކަން އޭނައަށް ޔަޤީންވެފައިވާތީވެއެވެ. އެހެންކަމުން ކޮންމެވެސް އެއްގޮތަކަށް އޭނަގެ ޢާއިލާގެ އެންމެން ތައުބާވުމަށް މަގެއް ފަހިކޮށްދެއްވުމަށްއެދި އަޒާނަށް ދުޢާ ކުރެވެމުން ދިޔައެވެ. އެމީހުންނާއެކީ ސުވަރުގެއަށް ދާން އެދެވުނު މިންވަރުންނެވެ.

 

އެއްދުވަހުގެ ހަވީރު ވަގުތު އަޒާނާއި އައިމަން ފުޓުބޯޅަ ޕްރެކްޓިސްއަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމަށް ދިޔައެވެ. އެދުވަހު އައިމަންގެ އެދުމުގެ މަތިން އަޒާން އޭނަ ޢާއްމު ގޮތެއްގައި ލައި އުޅޭ ނޫކުލައިގެ ޖޯޒީ އައިމަނަށް ދިނެވެ. އަދި އޭނަ ލައިގެން ހުރީ އައިމަން ޢާއްމު ގޮތެއްގައި ލައި އުޅޭ ރަތް ކުލައިގެ ޖޯޒީއެވެ. އޭގެ ސަބަބުން ޕްރެކްޓިސްގެ ތެރޭގައި ބައެއް ކުދިން ވެސް އެދެމީހުން އޮޅޭ ގޮތްވިއެވެ. އެކަމާމެދު އެމީހުން މަޖާ ނަގަމުން ދިޔައެވެ.

 

ޕްރެކްޓިސް ނިންމާލުމަށްފަހު ހުރިހާ ކުދިން ދާން ފެށުމުން އައިމަނާއި އަޒާން އާދައިގެ މަތިން ގޮސް އިށީނީ ސިޑި ބަރި ތަކުގެ މަތީގައެވެ. ދެމީހުން ފެންބޮމުން ބަލި ފިލުވަން ތިއްބާ އައިމަންގެ ދަބަހުގައި އޮތް އޭނަގެ ފޯނަށް މެސެޖެއްއައެވެ. އައިމަން ދަބަސް ހުޅުވައި ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އޭނައަށް ހީލެވުނެވެ.

 

“ޒައިދް އަމިއްލައަށް މަޖާވެގެން އަހަންނަށް މަރުގެ އިންޒާރު އެބަ ފޮނުވާ.” އައިމަން މާ ބޮޑު ފަރުވާލެއްނެތި ބުނެލިއެވެ.

 

“ވަޓް؟ އެއީ ކީއްވެ؟!” އަޒާން ކަންބޮޑުވުމަކާއެކީ އަހާލިއެވެ.

 

“އެއީ އަހަރުމެންނާހެދި އޭނަގެ ބައްޕަ ޖަލަށް ދިޔައީތީ. ބޮޑަށް ރުޅި އަންނަނީ މަށަށް. މަށާ ހެދި ޝިޔާ ވެސް ގެއްލުނީމަހެން ހީވަނީ.” އައިމަން ބުނެލިއެވެ.

 

“އިއްނާލިއްލާހި. އައިމަން ބަލައިގެން އުޅެއްޗޭ. ހަމަ ނޭނގޭ ކޮށްފާނެ ކަމެއް. މާތް ﷲ އަޅަމެން ރައްކާތެރި ކުރައްވާށި. އާމީން!” އަޒާން ވަގުތުން ދުޢާކޮށްލިއެވެ. އެއަށްވެސް އައިމަން ހީލިއެވެ.

 

“ޑޫޑް ޗިލް އައުޓް! އަހަރުމެންނަށް ކަމެއް ނުކުރެވޭނެ އޭނައަކަށް. އަދި ކަމެއް ކުރެވުނަސް ބައްޕަ އަތުގަ ލާރި އެބަހުރި އެކަމެއް ރަނގަޅުކުރަން……ދެން މާ ވާހަކަ ދިގު ނުކޮށް އަވަހަށް ސައިކަލަށް ތެޔޮ އަޅަން ދޭބަލަ. ފައިގަ ރިއްސައިގެން މިއުޅެނީ ކުޑަކޮށް. އެކަމަކު ރައިޑަށް ދާންވާނެ. މިއަދު މަޣްރިބް ނަމާދަށް ބަންގި ގޮވާއިރަށް ޓާރގެޓް ކުރަންވާނީ ފޭދުއާ ހަމައަށްދާން.” އައިމަން ހެވިފައި ހުރެ ބުނެލިއެވެ. އަޒާން ޗޮއްކަނޑާލިއެވެ.

 

“އެހާ ބާރަށް ދުއްވާކަށް ނުވާނެ.” އަޒާން ކޮޅަށް ތެދުވެލަމުން ބުނެލިއެވެ.

 

“އޯކޭ ކާފާ އޯކޭ! ދެން ދޭ!” އައިމަން ބުނެލިއެވެ. އަޒާން މާޔޫސްކަމާއެކީ އޭނައަށް ފަސްދީފައި ސިޑިން ފައިބަން ފެށިއެވެ. އަދި އެންމެ ފަހު ހަރުފަތަށް އަރައި އަނެއްކާވެސް އައިމަނަށް ބަލާލިއެވެ.

 

“މަރުވެދާނެ މިއަދު ވެސް އައިމަން. ލަސްނުކޮށް ﷲ އަށް ތައުބާވުން އެންމެ ރަނގަޅީ. ނަރަކައަކީ ތި ހީކުރާވަރަށްވުރެ ބިރުވެރިތަނެއް އައްމު.” އަޒާން ފެންކަޅިވެފައިވި ދެލޮލާއެކީ އެހެން ބުނެލި ގޮތުން ނޭނގޭ ސަބަބަކާހުރެ އައިމަންގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. އޭނަ އަޒާނަށް ބަލަން ހުރެފައި އަޒާން ހިނގައިގަތުމުން ވެސް އޭނަގެ ފަހަތުން ދެވުނެވެ. އަޒާން ގޮސް ސައިކަލަށް އަރައި ދުއްވާލިއިރު އައިމަން ހުރީ ސްޓޭޑިއަމްގެ ގޭޓު ކައިރީގައެވެ. އަޒާން ސައިކަލުން ގޮސް ތާރު މަގަށް އެޅެން އުޅުނު ވަގުތު އައިމަން އިސްޖަހާލަމުން ސްޓޭޑިއަމްގެ އެތެރެއަށް ދާން އުޅުނެވެ. އެ ހިނދު އިވުނު ބާރު އަޑު ފައްގަނޑެއްގެ ސަބަބުން އައިމަނަށް ލިބުނު ސިހުމާއެކީ ކުރިމައްޗަށް ބަލާލެވުނެވެ.

 

“ޒާން!!!” އައިމަންގެ އަޑު މުޅި ޞަރަޙައްދުގައި ގުގުމާލިއެވެ.

 

ނުނިމޭ

The post Asr (Part 58) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-58/feed/ 0 873
Asr (Part 57) https://blog.storiesbyjana.com/asr-part-57/?utm_source=rss&utm_medium=rss&utm_campaign=asr-part-57 https://blog.storiesbyjana.com/asr-part-57/#respond Sat, 24 Apr 2021 12:26:55 +0000 https://blog.storiesbyjana.com/asr-part-56-copy/

“އައިމަން؟” ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ. ދޮރު ރަނގަޅަށް ހުޅުވާލި ވަގުތު އޭނަގެ ކައިރީގައި އަޒާން ވެސް ހުރިތަން ފެނިފައި ވިސާމަށް އެ ނަން ވެސް ކިޔާލެވުނެވެ.   “ހެހެ….ހާދަ ނުގަޑިއެއްގަ؟ އަވަހަށް ވަދޭ!” އެމީހުން ދޮރުމަތީގައި ބައިތިއްބާފައި އެތައް ސުވާލެއް ކުރަން ހިތަށް އެރިއެއްކަމަކު މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ވިސާމް އެމީހުން އެތެރެއަށް ވެއްދިއެވެ.   “މިއޮތް އައީ މިޝީގެ ޒޯންބެއާ އައިމަންބެ، ދޯ؟ ހެހެ…..ސައިބޮއިގެންތަ ދެކުދިން އައީ؟” ޝަފަޤް މިޝްކާގާތު […]

The post Asr (Part 57) appeared first on Stories by Jana.

]]>

“އައިމަން؟” ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ. ދޮރު ރަނގަޅަށް ހުޅުވާލި ވަގުތު އޭނަގެ ކައިރީގައި އަޒާން ވެސް ހުރިތަން ފެނިފައި ވިސާމަށް އެ ނަން ވެސް ކިޔާލެވުނެވެ.

 

“ހެހެ….ހާދަ ނުގަޑިއެއްގަ؟ އަވަހަށް ވަދޭ!” އެމީހުން ދޮރުމަތީގައި ބައިތިއްބާފައި އެތައް ސުވާލެއް ކުރަން ހިތަށް އެރިއެއްކަމަކު މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ވިސާމް އެމީހުން އެތެރެއަށް ވެއްދިއެވެ.

 

“މިއޮތް އައީ މިޝީގެ ޒޯންބެއާ އައިމަންބެ، ދޯ؟ ހެހެ…..ސައިބޮއިގެންތަ ދެކުދިން އައީ؟” ޝަފަޤް މިޝްކާގާތު އެއްޗެކޭ ބުނެ ވާހަކަ ދެއްކި ގޮތުން އެންމެނަށް ހީލެވުނެވެ. ޝަފަޤް އެފަދަ ގޮތަކަށް ވާހަކަ ދެއްކީވެސް ގެއަށް ވަދެގެން އައި ދެކުދިންގެ މޫނުމަތިން އޭނައަށް ނުތަނަވަސްކަމެއް ފެންނަމުން ދިޔައީތީވެއެވެ. ސަމާސާއެއް ކޮށްލީ އެމީހުން ނުތަނަވަސްވަނީ އޭނައާއި ވިސާމްގެ ފަރާތުން އެކުވެރިކަމެއް ނުފެނިދާނެހެން އެމީހުންނަށް ހީވެފައި އޮވެދާނެ ކަމަށްޓަކަށެވެ. އެހެނަސް އޭނަގެ ސަމާސާއަށް އެމީހުން ހީލިއިރު ވެސް އެ މޫނުތަކުން ނުތަނަވަސްކަން ނުފިލައެވެ.

 

“ހެހެ……ސައި ބޭނުމެއްނޫން ދައްތާ. މިއައީ ކުޑަ ކަމަކު.” އައިމަން އެހެން ބުނެލަމުން ވިސާމް އެމީހުން އިށީނުމަށް ޢިޝާރާތްކުރި ސޯފާގައި އިށީނެވެ. އައިމަން ބުނެލި ވާހަކައިން ވިސާމްގެ ޙައިރާންކަން އިތުރުވިއެވެ.

 

“ކޮންކަމެއް؟” އޭނައަށް އަހާލެވުނެވެ. އެއާއެކު އަޒާނާއި އައިމަން އެކަކު އަނެކަކަށް ބަލާލައިފިއެވެ. އެއަށްފަހު އައިމަން ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ އަތުގައި އޮތް ސިޓީ އުރައާއެކީ ކޮޅަށް ތެދުވެ ވިސާމް ކައިރިއަށް ދިޔައެވެ. އަދި ދެލޯ މަރާލަމުން އެ ސިޓީ އުރަ ވިސާމްގެ އަތަށް ދިއްކޮށްލިއެވެ. ވިސާމް އޭގައި ހިފައި އެއަށް ބަލާލި ވަގުތު ޝަފަޤް ވެސް އޭނަގެ ކައިރިއަށް ޖެހިލަމުން އޭގެ ބޭރު ބަލާލައިފިއެވެ. އެއާއެކު ފެނުނު ނަމަކުން އޭނަ ހުއްޓުން އެރިއެވެ. ވިސާމަށް ވެސް އެ ނަން ފެނުނު ފަޅި ސިކުންތުގައި ވީ އެފަދަ ގޮތެކެވެ. އެހެނަސް މާ ގިނައިރެއްނުވެ މީގެ ދުވަސްތަކެއް ކުރިން ވެސް މިފަދަ ގޮތަކަށް ކަންތައްވީ ހަނދާންވެފައި އޭނަގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ހަމަ އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެ ސިޓީ އުރަ ގުޅައަކަށްލާފައި އަތުގެ ކޮޅަށް ހޫރާލި މަންޒަރެވެ.

 

“މަ އޭނައަކަށް ބޭނުމެއްނުވެއޭ ބުނީމަ ނުވިސްނެނީތަ އޭނައަށް؟” ވިސާމް މުޅި ގެއަށް އިވޭވަރަށް އެހެން ބުނެލިއިރު އޭނަ ހުރީ ހަމަހޭގައެއް ނޫނޭ ބުންޏަސް އުނދަގޫނުވާނެއެވެ. އޭނަގެ އެ ޙަރަކާތުން ޝަފަޤް ސިހިގެން ދިޔައިރު އޭނަގެ ކައިރީގައި ހުރި މިޝްކާ އޭނަގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. މިވަގުތަކީ މިޝްކާ ހުރުން ރަނގަޅު ވަގުތަކަށް ނުވާނެކަން ދަނެގެން ޝަފަޤް އޭނަ ގޮވައިގެން ގަދަކަމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޝަފަޤް ލޯމައްޗަށް ގެއްލުނުތަނާހެން އައިމަން ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ވިސާމް އެކަމަށް ހުރަސްއެޅިއެވެ.

 

“މިއީ އަނެއްކާވެސް އޭނަ ރައްޓެހިވީ މީހުންނާއެކީ ކުރި ކަންތައް މަށަށް ކިޔައިދޭން ފޮނުވި އެއްޗެއްވިއްޔާ މަށަށް ވަގުތެއްނެތް މީތި ކިޔާކަށް! މަގޭ ޢާއިލާއެއް އެބައޮތް މިއަދު. އޭނައަށް މަށަށް ހޯދައިނުދެވުނު ފަދަ އުފާވެރި ޢާއިލާއެއް. މަ ބޭނުމެއްނޫން އޭނަގެ ނަން ވެސް އަޑުއަހާކަށް!” ވިސާމް ހަރުއަޑުން ތަކުރާރުކޮށް އޭނަ މެހެނާޒްދެކެ ވާ ނަފްރަތު ހާމަކޮށްދިނެވެ.

 

“ތިއްތިބޭ، ތިއްތިބެ ތި ދައްކަނީ މި ދުނިޔެ ދޫކޮށް ގޮސްފައިވާ މީހެއްގެ ވާހަކަކަން ހަނދާންކޮށްބަލަ. ތިއްތިބެ ދުވަހަކުވެސް ބޭނުމެއްނުވޭތަ މެހެނާޒް މަރުވީ ކިހިނެއްތޯ ބަލަން؟” އައިމަން އޭނަގެ އަވަސްވެފައިވާ ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހާލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެ ސުވާލުން ވިސާމް ހިމޭންވާ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ހިތުގައި އުފެދިފައިވި ނަފްރަތެއްގެ ސަބަބުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އޭނަ މަރުވެފަވާނީ އަމިއްލައަށް. ރަނގަޅަށްވިއްޔާ ކޮންމެވެސް ފިރިހެނަކު ނުލިބިގެން.” ވިސާމް ދެންވެސް ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ. އެ ހިނދު އެއްވެސް މީހަކާމެދު ގޯސްކޮށް ދެކޭކަށް ނުވާނެކަމަށް ބުނެ ޝަފަޤް ދިން ނަޞޭޙަތުގެ މަތިން ހަނދާންވިއެއްކަމަކު، އެ ރުޅިވެރިކަމުގެ ސަބަބުން އޭނަ އެ ބަސްތައް އަނބުރާ ގެންނަން ބޭނުމެއްނުވިއެވެ.

 

“ތީގައިވަނީ އަމިއްލައަށް މަރުވާން ބޭނުންވާނެ މީހެއްގެ ބަސްތަކެއް ނޫންހެން އަހަންނަށް ހީވަނީ. ތި ސިޓީގައިވާ ބަސްތަކުން އަހަންނަށް ހިދާޔަތް ލިބިގެން ދިޔައީ. ތިއްތިބެއަށް ޤަބޫލު ކުރެވުނަސް ނުކުރެވުނަސް މިއަދު އަހަރެން ޤަވާޢިދުން ނަމާދުވެސް ކުރަން. ޤުރުއާން ވެސް ކިޔަވަން. މަންމަމެންގެ ބަސްއަހަން. އެހުރިހާ ކަމެއްކުރުމަށް އެންމެ ފުރަތަމަ ހިތްވަރެއް ލިބިގެން ދިޔައީ ތި ސިޓީއިން.” އަޒާން ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އެ ހިނދު ޝަފަޤް ވެސް މިޝްކާ ކޮޓަރީގައި ބަހައްޓާފައި އެތަނަށް އައިއްސިއެވެ. އަޒާން ބުނި ވާހަކައަށް ވިސާމް އެއްޗެކޭ ނުބުނުމުން އައިމަން ވާހަކަ ދެއްކިއެވެ.

 

“ތި ސިޓީ އަހަންނަށް ދިނީ މެހެނާޒްގެ ކޮއްކޮ، ޝިޔާ. ޝިޔާއަށް ވެސް ތި ސިޓީއިން ފައިދާއެއް ކުރިކަމަށް ޝިޔާ ބުނި…..” އައިމަން ބުންޏެވެ. އޭގެ އިތުރަށް އޭނައަށް ވެސް އެއިން ފައިދާއެއް ކުރިކަމަށް އޭނަ ބުނަން ބޭނުންވިއެވެ. ޔާސިރުގެ ގޯސްކަން ތިއްތިބެއަށް ފަޅާއަރުވަން ބޭނުންވެފައިވި މިންވަރުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނައާއި ޝިޔާ އަނެއްކާވެސް ގުޅިގެން ދާނެ ކަމުގެ އުއްމީދުގައެވެ.

 

ޝިޔާގެ ނަން އިވިފައި ވިސާމް އަނެއްކާވެސް ހިމޭންވިއެވެ. މިއީ އޭނައަށް އެ ނަން އިވުނު ފުރަތަމަ ފަހަރު ނޫންކަން އޭނައަށް އެނގުންވިއެވެ. މެހެނާޒް ޝިޔާގެ ވާހަކަ އޭނަގާތު ދައްކާފައިވި ފަނޑު ހަނދާނެއް އޭނަ އާވިއެވެ. ދެންވެސް މިއީ ޙަޤީޤަތެއްތޯ ޔަޤީންކުރަން ވިސާމް ބޭނުންވިއެވެ.

 

“އެއީ ކިހާވަރެއްގެ ކުއްޖެއްތަ؟” ވިސާމް އަހާލިއެވެ.

 

“އަހަރުމެންނާއެކީ ކިޔަވަމުންދަނީ. އެކަމަކު އަހަރުމެންނަށްވުރެ އެއްއަހަރު ޔަންގްވާނެ.” އައިމަން ކިޔައިދޭހިތުން ކިޔައިދިނެވެ. އެ ވާހަކަ އަޑުއަހާފައި ވިސާމް ކުޑަކޮށް ވިސްނާލަމުން ބޯޖަހާލީ ޝިޔާގެ ޢުމުރުން ވާނީ އެހާވަރުކަން އޭނައަށް އަންދާޒާ ކުރެވުމުންނެވެ. އެ ހިނދު އޭނައަށް ދުރަށް އެއްލާލެވިފައިއޮތް ސިޓީ އުރައަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭގެ ތެރޭގައި ވާނެ ބަސްތަކާއިމެދު ވިސްނާލެވުމުން ވިސާމްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލައިފިއެވެ. އޭތި ކިޔަން ކެތްމަދުވީ ހިނދު އޭނަގެ އަތާއި ފައިގައި ރިއްސާލިއެވެ. އެއާއެކު އޭނަ އެއަށް ނަޒަރު ހުއްޓައިގެން ހުރެ ލަސް ހިނގުމެއްގައި ގޮސް އޭތި ނަގައިގެން އަނބުރައި ގޮސް ސޯފާގައި އިށީނެވެ. އޭނަ ސިޓީ އުރަ ހުޅުވި ވަގުތު ޝަފަޤް ވެސް ގޮސް އޭނަގެ ކައިރީގައި އިށީނީ އެއަށް ޝައުޤުވެރިވީ މިންވަރުންނެވެ.

 

ސިޓީ ކިޔަން ފެށިއިރު ވިސާމާއި ޝަފަޤްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އެހެނަސް ކުރިއަށް ދިޔަވަރަކަށް އެ މޫނުތަކުން ހިތާމައާއި ޙަމްދަރުދީގެ އަސަރުތައް ފާޅުވާން ފެށިއެވެ. ވަކިން ޚާއްޞަކޮށް ވިސާމްގެ މޫނުމަތިންނެވެ. މެހެނާޒްގެ ބަލި ޙާލަތުގެ ވާހަކަ ކިޔަމުން ދިޔަ ހިނދު އެއްޒަމާނެއްގައި އޭނަގެ ހިތުގައި މެހެނާޒަށްޓަކައިވި ލޯބީގެ މަތިން އޭނަގެ ހަނދާން އާވިއެވެ. އޭނައަށް އިޙްޞާޞް ކުރެވެމުން ދިޔަ ދަތިތަކާއިމެދު ކިޔަމުން ދިޔައިރު މޭގައި ރިހުމެއް އުފެދެމުން ދިޔައީ އެހެންވެއެވެ. އެ ޙާލުގައި އުޅެމުން ވެސް މެހެނާޒް ތައުބާވިކަން އެނގުމުން ވިސާމްގެ ހިތުގައި މެހެނާޒަށްޓަކައިވި ޤަދަރު އުފުލިގެން ދިޔައެވެ. އެއަށްފަހު މެހެނާޒަށް ލިބެން ފެށި އަނިޔާތަކެއްގެ ވާހަކަ ކިޔަން ފެށުމުން ވިސާމް ރުޅިން ގޮސް މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނައަށް އަނިޔާދިން މީހުންގެ ސޫރަތައް ލޮލަށް ސިފަވަމުން ދިޔަދިޔަހެން އޭނަގެ ދަތްކުނޑި ވިކެމުން ދިޔައެވެ. އެންމެ ފަހުން ވިސާމް ސިޓީގެ ފަހަތުން ދެވަނައަށް އޮތް ގަނޑު ކިޔައި ނިންމާލުމަށްފަހު ފަހު ގަނޑާއި ހަމަވީ ތަނާހެން އޭނަގެ ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކަށް ހުއްޓުމެއް އައެވެ. އެ ގަނޑުގައި އެއްޗެއް ލިޔެވިފައިވިއެއްކަމަކު އައިމަން ފަދައިން އޭނައަށް ސާފެއްނުވިއެވެ. އެ ލިޔުން އެހެން ހުންނަންވީ ކީއްވެގެންކަން އަންދާޒާ ކުރެވުނީތީ އެއިން އެ ބުނަނީ ކޯޗެއްކަން އިތުރަށް އެނގެންޖެހޭނެ ކަމަކަށް ވިސާމް ނުދެކުނެވެ. އެހެންކަމުން ސިޓީއިން ނަޒަރު ވަކިކޮށްލަމުން ވާހަކަ ދެއްކިއެވެ.

 

“އަ….އަދިވެސް ޤަބޫލުކުރަން….ދަތި. މި….” ވިސާމް ހުރީ ރޮވެން ވެސް ކައިރިވެފައިކަން އޭނައަށް އެނގުންވީ ވާހަކަ ދައްކަން މަސައްކަތް ކުރުމުންނެވެ. އަރުތެރެ ބެދިފައިވުމުގެ ސަބަބުން އޭނަގެ ކަރުގައި ރިހުމެއްވެސް އުފެދިފައިވިއެވެ. ވިސާމަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އައިމަން ވާހަކަ ދެއްކިއެވެ.

 

“ތިއްތިބޭ، ޔާސިރުމެން މެހެނާޒް މަރާލި މަންޒަރު ޝިޔާވަނީ އަމިއްލަ ލޮލުން ދެކެފަ.” އައިމަން ބުނެލި ވާހަކައިން ވިސާމްގެ ރަތްވެފައިވާ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ހިނދު އޭނަގެ ކައިރީގައި އިން ޝަފަޤް އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ސިޓީގެ ފަހު ޞަފްޙާ ކިޔޭތޯއެވެ. އެއިން ކޮންމެވެސް އެއްޗެއް ދޭހަވީތަނާހެން އޭނައަށް ވިސާމަށް ގޮވާލެވުނެވެ.

 

“ވިސާމް ބަލާބަލަ އެންމެ ފަހު ގަނޑުގަ އޮތް ވާހަކަ. ‘އަހަރެންގެ ދެން އޮތް އެންމެ ބޮ….ޑު އުއް….މީދަކީ އަހަރެން ރަނގަޅު މީހެއްގެ ގޮތުގައި ދުނިޔެ ދޫކޮށް ދިޔުމެވެ. ޙަ…..ޔާތުގެ އެންމެ ފަހު ވަގު….ތާއި ޖެހުނު ހިނދު އަހަންނަށް ހި….ދާ….ޔަތް ލިބިފަވީ ކަމަށްޓަކައި ﷲ އަށް ޙަމް…..ދުކުރަން. އަދި މި ދުނިޔެއިން އެންމެ ބޮޑަށް ޝުކުރުވެރިވަނީ އަ……ހަ….ރެންގެ މަންމައާއި ބައްޕައަށް. އަދި ވިސާމަށް. އަދި އަހަ…ރެން އުއް……މީދު ކަނޑާލި ވަގުތު ނަޞޭޙަތްދިން އަ……ންހެން ކު…ކުއްޖާއަށް. އެކުއްޖާ….ގެ އަ….އަމާ….ނާތެއް މި ސިޓީ އުރައިގެ ތެރޭގަވާނެ. އޭތި ވިސާމަށްވިއްޔާ އެކުއްޖާއާ ޙަ….ވާލުކޮށްދޭތި. އަ…..ހަންނަށް ދުނިޔޭގައި އިތުރަށް ހުރެވޭ……ނެނަމަ އަހަރެން ބޭނުން…..ވަނީ އެކުއްޖާ ގޮތަށްވާން. އަހަރެންގެ ފަހު އެދުމަކީ ވިސާމްވެސް ތައުބާވެ އެފަދަ މަންމަ…..އެއް މިޝްކާ…..އަށް ހޯދައިދިނުން. މާތް ﷲ އެކަމަށްޓަކައި ވިސާމަށް މަގުފަހި ކޮށްދެއްވާށި. އާމީން!'” ޝަފަޤް އެ ބައި ކިޔައި ނިމުނުތަނާހެން އޭނައަށް ކުއްލިއަކަށް ވިސާމާއި ދިމާލަށް ބަލާލެވުނީ ހިތް އަވަސްވެފައި އިނދެއެވެ. ވިސާމް ވެސް އޭނައަށް ބަލަން އިންދާ ޝަފަޤް ކުއްލިއަކަށް އޭނަގެ އަތުގައި އޮތް ސިޓީ އުރަ ހޯދީ އޭނައަށް ކަމެއް ހީވުމުންނެވެ. ސިޓީ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ބާކީ އޮތް އެއްޗެއް ޝަފަޤަށް ނަގާލެވުނީ ލަސްލަހުންނެވެ. އޭތި ނަގާލެވުނު ހިނދު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. ފުރަތަމަ ނަޒަރުން ވެސް އެއީ އޭނަގެ ގެއްލުނު ރުމާކަން އޭނައަށް ނަގައިގަނެވުނެވެ. މާ ގަނޑުގެ ތެރޭގައި ފޮރުވިފައިވި ‘އެސް’ އަކުރު އެކަމަށް އިތުރަށް ބާރު އެޅިއެވެ. އެއާއެކު އޭނައަށް ރޮވެން ފެށިއެވެ. އޭނަ ހިތުން އެރޭ ތަރާވީޙަށްފަހު އެކަނި އިން އެ އަންހެން ކުއްޖާ ކައިރިއަށް ގޮސް ކުރެވުނީ ހާދަ ކުޑަކަމެކެވެ. އެހެނަސް އެރޭ އޭނަ ބުނެލި ބަސްތަކުން އެ ކުއްޖާއަށް ލިބިގެން އެ ދިޔައީ ހާދަ ބޮޑު އުއްމީދެކެވެ. އެ އުއްމީދުގެ ސަބަބުން ހެޔޮ ބަހެއް ފޯރުކޮށްދޭން ކޮށްފައިވި މި މަސައްކަތުން އެހެން ކުދިބަޔަކަށްވެސް ހިދާޔަތަށް މަގުފަހި ވެއްޖެއެވެ. އެކަން އެނގުންވުމުން ޝަފަޤަށް ގިސްލެވެން ފެށިއެވެ. ހަމަ އެ ހިނދު ހިތާހިތުން ﷲ އަށް ޙަމްދު ކުރެވުނީ ޝައްކެއްނެތް ގޮތުގައި ހެޔޮ ކަމެއްގައި ބަރަކާތް ލައްވަނީ އެކަލާނގެކަން އެނގުންވުމުންނެވެ.

 

“ވި…ސާމް……މިއީ ހަމަ މެހެނާޒް. އަހަރެން ބޮޑުބޭބެމެންނާއެކީ މާލެއަށް ގޮއްސަ ހުރިއިރު ނަޞޭޙަތް ދިނިން އެގޮތަށް އެކަނި އިން ކުއްޖަކަށް. އެކުއްޖާއާ އެރޭ ސަލާމް ކުރީ ވެސް ވަރަށް މަދު ދައްތައެއް……އެއީ ހަމަ މެހެނާޒް.” ގިސްލަމުން ޔަޤީންކަމާއެކީ ބުނެލިއެވެ. އެ ހިނދު ވިސާމަށް ވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ މާޒީއިން ނަފްރަތު ކުރި ޝަޚުޞިއްޔަތަކާއި އޭނަގެ ލޯބި މިއަދު ލިބިފައިވާ ފަރާތް ކޮންމެވެސް އެއް ހިސާބަކުން ދިމާވެފައިވިކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް ޙަޤީޤަތް މިއޮތީ އޭނަގެ ލޯ ކުރިމަތިން ފެންނާށެވެ. ޝަފަޤްގެ އަތުގައި އެ އޮތީ އޭނަ ގެންގުޅޭ ފަދަ ރުމާތަކުގެ ތެރެއިން ރުމާލެއްކަން ޚުދު ވިސާމަށް ވެސް ނަގައިގަނެވުނެވެ.

 

އައިމަނާއި އަޒާނަށް ދުރުގައި މަންޒަރު ބަލަން ތިބުން ނޫންކަމެއް ނުކުރެވުނެވެ. އެމީހުން ދެން ވާނެ ކަމެއްގެ އިންތިޒާރުގައި ތިއްބާ ވިސާމް ކުއްލިއަކަށް ކޮޅަށް ތެދުވެލައިފިއެވެ. އެއާއެކު އެހެން އެންމެނަށް ވެސް ކޮޅަށް ތެދުވެވުނެވެ.

 

“ނާޒްއަށް އަނިޔާކުރި ބަޔަކަށް އަރާމަކުން ނުއުޅެވޭނެ. އެމީހުން ހިތުން އެމީހުން އެތިބީ ސަލާމަތްވެފަ. އެކަމަކު ނޫން! އެމީހުންނަށް ހަމައަށް ނޭވާ ލުމުގެ ފުރުޞަތެއް އަހަރެން ހުރިހާ ހިނދަކު ނުދޭނަން….އެ މަންސޫރު!” ވިސާމް އެހެން ކިޔައި ކެތްނުވެގެން ގޭގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެހެނަސް މާ ދުރަކަށް ނުދެވެނީސް ޝަފަޤް އޭނަގެ ނަމުން ގޮވައި އޭނަގެ އަތުގައި ހިފަހައްޓާލިއެވެ.

 

“ވިސާމް ޕްލީޒް! ތިހިރީ ވަރަށް ރުޅިއައިއްސަ. ތިހެން ދިޔައިމަ ފަހުން ހިތާމަ ކުރަންޖެހޭ ފަދަ ކަމެއްނޫނީ ނުކުރެވޭނެ. މަންސޫރަކީ މަންމަގެ ވެސް ފިރިމީހާ. އަދި އަމުދުން އަހަރުމެންގެ އިޙްތިރާމް ވެސް ލިބެންޖެހޭ މީހެއް! އެފަދަ ގޮތަކަށް ބައްޕަ ފަޟީޙަތް ކުރުމުގެ ކުރިން ވިސްނާލަންވާނެދޯ؟” ޝަފަޤް ވިސާމާއި ހަތަރުކަޅި ހަމަކުރަމުން އަވަސްއަވަހަށް ބުނެލިއެވެ. ވިސާމް އެއަށްވެސް އަޑު ހަރު ޖަވާބެއް ދޭން އުޅުނެއްކަމަކު އެކަމަށް ނުކުޅެދުނީ ޝަފަޤް އުޅެނީ ބަލިވެކަން ހަނދާނަށް އައުމުންނެވެ.

 

“ވިސާމް އާދޭސްކުރަން….ޔާސިރާއި ދެކޮޅަށް ކިތަންމެ ފަސޭހައިން ވާހަކަ ދެއްކިޔަސް ބައްޕައާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލާ. ބައްޕައަކީ ވަރަށް ގިނަ މީހުންނަށް ތައުބާވުމަށް މަގެއް ހުޅުވައިދިން ފަރާތެއް. ކުރީގެ ގޮތެއް އަހަންނަކަށް ނޭނގޭ. އެކަމަކު ފަހުން އައިސް އަހަރެން ކައިރިއަށް ކޭކު ގަންނަން އަންނަ ދައްތައިންގެ ފަރާތުން ވަރަށް އިވޭ ބައްޕަގެ ހެޔޮ ނަޞޭޙަތްތަކުގެ ވާހަކަ. ވެދާނެއެއްނު ބައްޕަ ތައުބާވެފައިވީ ކަމަށްވެސް؟” ޝަފަޤް އަހާލިއެވެ. އެ ހިނދު ވިސާމަށް ބަލާލެވުނީ އައިމަނާއި އަޒާނަށެވެ. އެމީހުންނަށް ވެސް ތިބެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ފަހަކަށް އައިސް ގޭގެ ތެރޭގައި މަންސޫރުބެ ގެ އަޑުހަރު ނުވާކަން އެމީހުންނަށް ފާހަގަވީ އެ ވަގުތެވެ. އެއީ “ތައުބާ”ވުމުގެ ނިޝާނެއްތޯ އެމީހުންގެ ހިތަށްއެރިއެވެ. އަޒާނާއި އައިމަން އެއްޗެކޭ ނުބުނުމުން ވިސާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މަށަކަށް ނޭނގޭ އޭނައާމެދު ބުނަންވީ އެއްޗެއް. މަމިދަނީ އެ ޔާސިރުގެ ވާހަކަ ކަމާބެހޭ ފަރާތަށް އަންގަން.” ވިސާމް ދެންވެސް ނުރުހުންވެފައިހުރެ އެހެން ބުނެލަމުން ގެއިން ނިކުމެގެންދާން ހިނގައިގަތެވެ. އޭގެ މާ ގިނައިރެއްނުވެ އައިމަނާއި އަޒާން ވެސް އެގެއިން ނިކުމެގެން ދިޔައެވެ. އެ ހިނދު ޝަފަޤްގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވިއެވެ. އަނެއްކާވެސް ވިސާމް ދީނާއިމެދު ދެކޭ ގޮތް ބަދަލުވެދާނެކަމުގެ ބިރުވެރިކަމެވެ. އެހެނަސް އޭނަ ވާނީ ވިސާމް އެހެނިހެން ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރުވާފައެވެ. އެމީހުންގެ ރަނގަޅުކަމުގެ ވާހަކަ ވެސް ވިސާމްގެ ފަރާތުން ޝަފަޤަށް އިވިފައިވެއެވެ. އެހެނަސް ދެންވެސް ވިސާމް މަންސޫރާއި ދެކޮޅަށް ވާހަކަ ދައްކައި ޢާއިލާއެއް ރޫޅިގެން ދާކަށް ޝަފަޤް ބޭނުމެއްނުވެއެވެ. މިކަން ކޮންމެވެސް އެއްގޮތަކަށް ޙައްލުކޮށްދެއްވުމަށްއެދި އޭނައަށް ދުޢާ ދެންނެވުނެވެ.

 

ހަމަ އެރެއިން އެރެއަށް ވިސާމް ޝިޔާވެސް ގެނެސްގެން ދެއްކި ހެކިތަކާއެކީ ޔާސިރު ހައްޔަރު ކުރެވިގެން ދިޔައެވެ. އެކަމާމެދު ވިސާމް ހިތްހަމަޖެހުނު ހިނދު އައިމަން ވެސް އިންތިހާއަށް އުފާވިއެވެ. އޭނަ ހީކުރީ ހަމަ އެރޭ ޝިޔާއާއި ޒައިދްގެ ކައިވެނީގެ ޚިޔާލު އޭނަގެ މައިންބަފައިން ދޫކޮށްލާނެ ކަމަށެވެ. އެހެނަސް……….

 

“ޝިޔާ ކީކޭ ހިތަށްއަރައިގެންތަ ދެފައި އަވަސްއަރުވާލައިގެން އެތަނަށް ދިޔައީ؟ އެނ؟” އެރޭ ގޭގެ ތެރޭގައި ޒުހުރާގެ އަޑު ހަރުވިއެވެ. ޒުހުރާގެ އެ ބަސްތައް އިވުނު ޝިޔާ ހުރީ ކަރުނުން ދެލޯ ފުރިފައެވެ.

 

“ކަރުނަތައް ބަލާކަށް މަ ބޭނުމެއްނޫން! ނާސިރު! ނާސިރު ވެސް ކީއްވެގެންތަ މަށަށް ނާންގާ އެހާ ބޮޑު ފިޔަވަޅެއް އެޅީ؟ އަހަރުމެންނަކަށް ނޭނގޭ އެއީ ވިސާމްގެ ރޭވުމެއް ނޫންކަމެއް ވެސް! މަށަށް ހަމަ ޔަޤީން އޭނަގެ އަމިއްލަ ދިފާޢުގަކަން އޭނަ އެހެން ހެދީ…..އޭނައެއްނު އަހަރުމެންގެ ނާޒް ވަރިކޮށްފަ އެއްލާލީ.” ޒުހުރާ ވާހަކަ ދެއްކިއެވެ. މަންމަ އަދިވެސް ވީ ކެއްސެއްގެ ތެރޭގައިކަން އެނގުންވި ޝިޔާއަށް ވާހަކަ ދެކެވުނެވެ.

 

“އެއީ ވިސާމްބެގެ ރޭވުމެއް ނޫން މަންމާ. އެމީހުން ދެއްކި ސިޓީއަކީ އެއީ ހަމަ ދައްތަ ލިޔުނު ސިޓީއެއް. ދައްތަ އޭތި ދިނީ އަހަރެންގެ އަތަށް. އަހަރެން އޭތި ދިނީ ވިސާމްބެއަށް ދޭން އުޅުނީމަވެސް އެތައް ދަތިތަކެއް ކުރިމަތިވި. އެހެންވެ އެ ސިޓީ އައިމަންގެ އަތަށް ދިނީ…” ޝިޔާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޒުހުރާ ހަޅޭއްލަވައިގަތެވެ.

 

“އައިމަނޭ؟؟ ހަމަ ހޭގަ ހުރެގެންތަ އަހަރެންގާތު ތި ވާހަކަ ތި ދައްކަނީ؟ އެ ވިސާމްގެ ކޮއްކޮއާ ދޯ ރައްޓެހިވެގެން ތިއުޅެނީ….މިހާރުތާ މި އެނގުނީ….” ޒުހުރާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ނާސިރު ހަރުއަޑުން އޭނައަށް ގޮވާލިއެވެ. އެވަގުތު ޝިޔާއަށް ރަނގަޅަށް ރޮވެން ފެށިއެވެ. އޭނައަށް ރޮވުނީ ހިތާމަވެރިކަމަށްވުރެ ބޮޑަށް ރުޅިވެރިކަމެއްގެ ސަބަބުންނެވެ. ރުޅި ބާލަން ބޭނުންވީ މަންމައާއި ދިމާލަށެވެ. އޭނައަށް އިތުބާރު ނުކުރި ކަމުގެ ރުޅިއެވެ. އެހެނަސް އެއީ އޭނަގެ މަންމަކަން ހަނދާންކޮށް ޝިޔާ އެ ރުޅިވެރކަމުގެ މަތިން ހަނދާން ނައްތާލެވޭތޯ ބެލިއެވެ.

 

ތަނަށް ވެރިވި ހިމޭންކަން އަނެއްކާވެސް ނަގާލީ ނާސިރެވެ.

 

“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ.

 

ނުނިމޭ

The post Asr (Part 57) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-57/feed/ 0 868
Asr (Part 56) https://blog.storiesbyjana.com/asr-part-56/?utm_source=rss&utm_medium=rss&utm_campaign=asr-part-56 https://blog.storiesbyjana.com/asr-part-56/#respond Fri, 23 Apr 2021 11:30:41 +0000 https://blog.storiesbyjana.com/asr-part-55-copy/

ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ. ހަމަ އެއާއެކު އެ މަޤްޞަދަކީ ކޮބައިތޯ ވެސް އޭނަގެ ހިތަށްއެރިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް އަޒާން ގެއްލެން އުޅެނިކޮށް އޭނަގެ ކޮޓަރީގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ އަޒާނަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެއީ އައިމަންކަން ޔަޤީންވުމުންނެވެ. އައިމަން ދެވަނަ ފަހަރަށް […]

The post Asr (Part 56) appeared first on Stories by Jana.

]]>

ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ. ހަމަ އެއާއެކު އެ މަޤްޞަދަކީ ކޮބައިތޯ ވެސް އޭނަގެ ހިތަށްއެރިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް އަޒާން ގެއްލެން އުޅެނިކޮށް އޭނަގެ ކޮޓަރީގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ އަޒާނަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެއީ އައިމަންކަން ޔަޤީންވުމުންނެވެ. އައިމަން ދެވަނަ ފަހަރަށް އޭނަ ހޯދަން އައުމަކީ ވަރަށް ނުވާކަމެކެވެ. ބޮޑު ކަމެއްވިއްޔޭ ހިތައި އަޒާން ގޮސް އެ ދޮރު ހުޅުވާލިއެވެ.

 

“ފޯ ޔޫ.” ދޮރުމަތީގައި ހުރި އައިމަން އަޒާނަށް ދިއްކޮށްލީ ލަންބާލެވިފައި އޮތް ބާ ގަނޑެކެވެ. އެ ގަނޑުގައި އެއްޗެއް ލިޔެވިފައިވިކަން ބޭރުފުށުން ވެސް އަޒާނަށް ނަގައިގަނެވުނެވެ. އަޒާން އަޖާއިބުވެފައިހުރެ އެ ގަނޑު ހޯދި ތަނާހެން އައިމަން ތުން ފިއްތާލަމުން ދާން ހިނގައިގަތެވެ. އަޒާން އޭނައަށް ބަލަން ހުރެ ދޮރު ލައްޕާލަމުން ގޮސް އެނދުމަތީގައި އިށީނެވެ. އެއަށްފަހު ލަސްލަހުން އެ ގަނޑު ހުޅުވާލިއެވެ. އެއާއެކު އޭނަގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މި ހުރިހާ ދުވަހު އޭނަ އެ އެއްޗެހިން “ފިލަމުން” ދިޔަ ޤުރުއާނުގެ އާޔަތްތައް ނުހަނު ގާތުން އޭނައަށް ފެނިގެން ދިޔުމުންނެވެ. އާދައިގެ މަތިން އަޒާނަށް އެ ގަނޑު ލައްޕާލެވެން އުޅުނެވެ. މިއީ އޭނައަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށް އޭނަގެ ހިތް ބުނަން ފެށީތީވެއެވެ. ނަމަވެސް މިއަދު ހުދާއާއި އޭނައާއި ދެމެދު ކަންތައް ވީގޮތް ހަނދާންވެފައި އޭނަ ކައިރިއަށް ދެން އަންނާނީ ކާކުތޯ އަޒާންގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނައަށް އެ ޞަފްޙާއާއި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. މި އާޔަތްތަކުން އޭނަގެ ޙަޔާތަށް ކޮންމެ ފަދަ ބަދަލެއް އަޔަސް އެ ހިތްވަރާއެކީ އެ ބަދަލާއި ކުރިމަތިލާން ޢަޒުމް ކަނޑައަޅަމުން އަޒާން އޭތި ކިޔަން ފެށިއެވެ. ފުރަތަމަ ފެނުނު އާޔަތުން ވެސް ހިތްތަކަށް ހަމަޖެހުން ލިބޭނީ ﷲ ގެ ހަނދުމައިންކަން އެނގުމުން އަޒާންގެ މެއަށް ގޮތެއްވިއެވެ. އެހެނަސް އެއާއިމެދު ވިސްނަން ފެށުމުން އޭނަ ހިސާބަކަށް ޙައިރާންވިއެވެ. އައިމަން ފަދައިން އޭނައަށް ވެސް “ﷲ ހަނދުމަކުރުން” ސިފަވެގެން ދިޔައީ ހަމައެކަނި ދުލުން ކިޔޭ ކިޔުންތަކެއްގެ ގޮތުގައެވެ. އެހެނަސް އެއީ ހަނދުމަކުރުންތޯ އަޒާންގެ ހިތަށްއެރިއެވެ. ދުލުން އެއްޗެއް ކިޔުނަސް ހަނދުމަ ނުކުރެވި ހިނގައިދާނެ ނޫންހެއްޔެވެ؟ ދުލުން އެ ކިޔުންތައް ކިޔޭއިރު އޭގެ މާނަތަކާމެދު ވިސްނެންޖެހޭތާއެވެ. އެ ހިނދު ނަމާދަށްފަހު ކިޔޭ ބައެއް ޒިކުރުތައް ހަނދާންކޮށް އޭގެ މާނަތަކަކީ ކޮބައިތޯ އަޒާންގެ ހިތަށްއެރިއެވެ. އެ ވަގުތުން ވަގުތަށް ވެސް މާނަތައް ދެނެގަންނަން ބޭނުންވިއެއްކަމަކު އެ ޞަފްޙާއިން އެހެނިހެން ދިގު އާޔަތްތައް ފެނިފައި އަޒާން އެ އާޔަތްތައް ކިޔަން ފެށިއެވެ. އެއީ އާލު އިމްރާން ސޫރަތުގެ އާޔަތްތަކެވެ. ހިތާހިތުން އާޔަތްތައް ކިޔާލުމަށްފަހު އަޒާން މާނަވެސް ކިޔަންފެށިއެވެ. އެއާއެކު އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އޭނައަށް ހީވީ އެ އާޔަތްތަކުން ސިފަކުރެވެމުން ދަނީ ހަމަ އޭނަ ހެންނެވެ. އެ އާޔަތްތަކުން އެ ވާހަކަ ދައްކާ ފަރާތަކީ ދެންމެ އޭނަ ކުރިހާ ޚިޔާލުތައް ދެނެވޮޑިގެންވާ ފަރާތްކަން ޔަޤީންވީ ހިނދު އޭނަގެ ލޮލަށް ޖަމާވި ކަރުނަތައް ފައިބަން ފެށިއެވެ. އެ ފަރާތަށް އޭނަގެ އެ ޚިޔާލުތައް ސިއްރު ނުވިނަމަ އެ ފަރާތަށް އޭނަގެ އެއްވެސް އެހެން ޢަމަލެއް ސިއްރު ކުރެވިފައި ނުވާނޭކަން ޔަޤީންވީ ހިނދު އޭނައަށް ގިސްލެވެން ފެށިއެވެ. އެ އާޔަތްތަކުގެ ތަރުޖަމާ ކިޔައި ނިމުނުއިރު އަޒާނަށް ރަނގަޅަށް ރޮވެން ފެށިއެވެ. އޭނަ މި ހުރިހާ ދުވަހު މި އާޔަތްތަކާއި ދުރުގައިވީ ކީއްވެތޯ ބުނެ އޭނަގެ ހިތް ޝަކުވާ ކުރަން ފެށިއެވެ. އޭނަ މި އާޔަތްތަކާއި ހަމައަށް ދިޔުމަށް ކޮންމެވެސް އަންހެން ކުއްޖެއްގެ އެހީ ބޭނުންވާނެކަމަށް އޭނަ ހީކުރީ ފަހެ ކީއްވެހެއްޔެވެ؟ މިއީ އޭނަގެ ވެރި ރަސްކަލާނގެ ގެ ބަސްފުޅެވެ. އޭނައަށް ބޭނުންވާނެ އެހީއެއް އެކަލާނގެ ޙަޟްރަތުން ލިބޭނެ ނޫންހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އަޒާނަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭނަގެ ކަރުނަތަކުން އޭނަގެ އަތުގައި އޮތް ޞަފްޙާގެ ދެލި ވެސް ފޭދެން ފެށިއެވެ.

 

ޢަޞްރު ނަމާދަށް ބަންގި ގޮވަން ފެށީ އަޒާން އެހެން އިންދައެވެ. ހަމަ އެއާއެކު އޭނައަށް ރުއިން ހުއްޓާލެވުނެވެ. އަދި އާ ޢަޒުމަކާއެކީ ކޮޅަށް ތެދުވެ ވުޟޫކުރަން ދިޔައެވެ. ގެއަށް ނަމާދު ކުރަން ހިތަށް އެރުމުން ވެސް އޭނަ ޚިޔާލު ބަދަލުކޮށްފައި އަވަސް ފިޔަވަޅުތަކެއްގައި ގޭގެ ކައިރީގައި ހުރި މިސްކިތަށް ދިޔައެވެ. ތަކުބީރު ކިޔައި ހަޝަމް ބަނީއްސުރެ ހުއްޓުމެއްނެތި އަޒާނަށް ﷲ މަތިން ހަނދުމަކުރެވެމުން ދިޔައެވެ. އޭނައަށް ހިތާހިތުން ﷲ އާއި ވާހަކަ ދެކެވެމުން ދިޔައެވެ. އެ އާޔަތްތަކުގައި ވީ ފަދައިން ހަމަކަށަވަރުން ވެސް އެކަލާނގެ ނަރަކަ ވައްދަވައިފި މީހަކީ އެކަލާނގެ ނިކަމެތި ކުރެއްވި މީހެއްކަން އަޒާނަށް ތަކުރާރުކޮށް އަމިއްލަ ނަފްސުގާތު ބުނެވެމުން ދިޔައެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި ﷲ އަށް އުރެދުމަށް އޭނައަށް ކުރެވުނުހާ ކަންތަކުން އޭނައަށް މި ދުނިޔޭގައި ވެސް ނިކަމެތިކަމެއް ނޫނީ ނުލިބޭކަން އެނގުންވީ ހިނދު އަނެއްކާވެސް އަޒާނަށް ރޮވެން ފެށިއެވެ. އޭނައަށް ކުރެވުނު ކަންތައް ހަނދާންވެފައި އޭނައަށް އަމިއްލަ ނަފްސު ކުށްވެރިކޮށް އިންތިހާއަށް ލަދުވެތިވެވުނެވެ. އޭނަގެ އެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި އޭނައަށް ދުޢާކުރެވުނީ ގިސްލަމުން ދިޔަ ޙާލުގައެވެ. އެހެނަސް ސަލާން ދިން ހިނދު އޭނަގެ ހިތަށް ވެރިވީ އާދަޔާ ޚިލާފު ހަމަޖެހުމެކެވެ. އެކަމާމެދު ޙައިރާންވީ ހިނދު އިންތިހާއަށް އުފާވެސްވިއެވެ.

 

އެދުވަހު ޖަމާޢަތުގެ ފުރަތަމަ ސަފުގައި ކުރި އެ ނަމާދުވެގެން ދިޔައީ އަޒާންގެ ޙަޔާތް ބަދަލުކޮށްލި ނަމާދަކަށެވެ. އެ ނަމާދުން ގެއަށް އައިސް އޭނަ ލަސްތަކެއް ނުކޮށް އޭނަ ގޯސްކޮށް ކޮށްފައި ހުރި ހުރިހާ ކަމެއް އިޞްލާޙުކުރަން ފެށިއެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް ފޭސްބުކަށް އޭނަ ލާފައި ހުރި ފޮޓޯ ރިމޫވްކޮށްލީ އެ ޢަމަލަށްޓަކައި އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. އެއަށްފަހު ހުދާއާއި ހުދާގެ އެކުވެރިންނާއި ދެންވެސް އޭނަގެ ފްރެންޑް ލިސްޓުގައި ތިބި ލަދުކުޑަ ކަންތައް ޙިއްޞާކުރާ ހުރިހާ އެންމެން އަންފްރެންޑް ކުރިއެވެ. އެކަން ކުރެވުމުން ލިބުނު ހިތްހަމަޖެހުމާއެކީ އޭނަ ވަގުތުން ޤުރުއާނުގެ ތަރުޖަމާއެއް ސާޗްކޮށްލަމުން ސައިޓެއް ހުޅުވާލިއެވެ. އެއަށްފަހު އެންމެ ކޮޅުން ފެށިގެން އެ ތަރުޖަމާ ކިޔަން ފެށީ ކިޔާ ހިތުންނެވެ. ފާތިޙާ ސޫރަތުގައި ހިދާޔަތް ދެއްކެވުމަށް އޮތް ދުޢާ ފެނިފައި އޭނައަށް ހިތާހިތުން އޭނައަށް މި ފޮތުން ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރެވުނެވެ. އޭނަގެ ވެރިރަސްކަލާނގެ ރުހުން ލިބޭނެ ފަދަ މަގެއް ދެއްކެވުމަށް އެދި ދުޢާ ކުރެވުނެވެ. އެ ދުޢާތަކާއެކީ އޭނަ ކުރިއަށް ކިޔަން ފެށީ އިތުރު ޖޯޝަކާއި އެކީގައެވެ.

 

ޤުރުއާން އުނގެނެން ފެށިތާ މާ ގިނަ ދުވަހެއްނުވެ އޭގެ އަސަރުތައް އަޒާންގެ ބޭރުފުށުން ފެންނަން ފެށިއެވެ. ހަމަ އެކަނި ތަރުޖަމާއިން ވެސް އޭނައަށް މި ދީނާއި މެދު އެނގެމުން ދިޔަ ވާހަކަތައް އޭނައަށް އައިމަނާއި ޙިއްޞާ ކުރެވެމުން ދިޔައެވެ. އަދި އައިމަން ގާތު ވެސް ނަމާދަށް ދާން އެދެވެން ފެށިއެވެ. އައިމަން ގަދަހަދަން އުޅުނަސް އަޒާން އޭނަ ދަމައިގެން ވެސް ނަމާދަށް ދާންފެށީ ބޭބެގެ ބަސްއަހަންވާނެކަމަށް ސަމާސާއެއްގެ ގޮތުގައި ބުނަމުންނެވެ. އައިމަން ނަމާދަށް ދަމުން ދިޔައީ އެ “ސަމާސާ”ގައި ބައިވެރިވުމަށެވެ. އެއްރެއަކު އަޒާން އޭނަ ކައިރީގައި ނަމާދަށް ހުރެ ރޯކަން އެނގުމުން އައިމަން އޭނައަށްޓަކައި ޙަމްދަރުދީވެ ވާހަކަ ދެއްކިއެވެ.

 

“ޑޫޑް އައިމް ސޮރީ.” މިސްކިތުން ނިކުންނަމުން އަޒާންގެ ކޮނޑުގައި އަތް އަޅާލަމުން އައިމަން ބުނެލިއެވެ.

 

“ކިހިނެއްވީ؟” އަޒާނަށް އަހާލެވުނެވެ. އައިމަން މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލުމުން އަޒާން އިތުރަށް ޙައިރާންވިއެވެ.

 

“އަދިވެސް މިސްވޭދޯ ހުދާމަތިން؟ އައި ނޯ…..އެހެންވެ ދޯ ދެންމެ ރޮވުނީ؟” އައިމަން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ. އެއާއެކު އަޒާންގެ ކޮންޓްރޯލް ކުރެވުނު ހުނުމެއްގެ އަޑު އިވިފައި އައިމަނަށް އެދިމާލަށް ބަލާލެވުނެވެ. އަޒާނަށް އަނެއްކާވެސް އިޚްތިޔާރެއްނެތި ހީލެވުނީ އައިމަނަށް ހީވާ ހީވުމަކީ ޙަޤީޤަތާއި ކިހާ ދުރު ހީވުމެއްކަން އެނގުންވުމުންނެވެ. އޭނައަށް ދެންމެ ރޮވުނީ ކޮންމެވެސް ފިލްމެއްގައި ވާނެ ފަދައިން އަންހެން ކުއްޖެއްގެ ސަބަބުންނެއްނޫނެވެ. އޭނަގެ ޙަޔާތް އެއަށްވުރެ ފުރިހަމަވެފައި އުފާވެރިއެވެ. އޭނައަށް ރޮވުނީ ﷲ ތައްޔާރުކުރެއްވި ސުވަރުގޭގެ ވާހަކަތައް ދެންމެ އިވުނު އާޔަތްތަކުން އިވިގެން ދިޔުމުންނެވެ. އޭނަ މަސައްކަތް ކުރަމުން މިދަނީ އެ ނިމުމެއްނެތް އުފާވެރިކަމާއި ހަމައަށް ދިޔުމަށެވެ. ވީއިރު މިއަދު އޭނަ ހިތާމަކުރަންވީ ކަމެއް އެބައޮތް ހެއްޔެވެ؟ ހިތަށް ލިބުނު ހިތްހަމަޖެހުމާއެކީ އަޒާން އައިމަންގެ ކޮނޑުން އަތް ވައްޓާލަމުން ހިނިތުންވުމަކާއެކީ ބޯހޫރުވާލީ އައިމަނަށް ޖަވާބު ދިނުމަށެވެ.

 

ޙަޔާތް ބަދަލުވި ދުވަހުން ފެށިގެން އަޒާން ދެތިން ދުވަސްވަންދެން ސްކޫލަކަށް ނުދެއެވެ. ސްކޫލަށް ނު ދިޔައީ ވެސް ސާޖިދުމެންނާއި ކުރިމަތިލާން ޖެހިދާނެތީވެއެވެ. އެހެނަސް ޤުރުއާނުގެ އަލީގައި އޭނަ ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް ބިރުގަންނަން ނުޖެހޭކަން ޔަޤީންވީ ހިނދު އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް ލިބުނެވެ. އެކަން އުނގެނުމަށްފަހު އޭނަ ސްކޫލަށް ދިޔައީ ކެރިގެންނެވެ. އިންޓަވަލް ގަޑީގައި ކޮރިޑޯ ތެރެއިން ސާޖިދުމެން ފެނިފައި އަޒާންގެ މެއަށް ފިނިވިއެވެ. އެމީހުން އޭނައަށް ކޮށްފާނެ އަނިޔާއަކަށް އޭނަ ހިސާބަކަށް ޖެހިލުންވިއެވެ. އެހެނަސް އޭނަގެ ރައްކާތެރިއަކީ ﷲ ކަން ހަނދުމަކޮށް އޭނަ ސާބިތުކަމާއެކީ ހިނގަމުން ދިޔައެވެ. އަޒާން ހީކުރި ގޮތާއި ޚިލާފަށް ސާޖިދު އޭނައާއި ހަމަކޮށްފައި އޭނައަށް އަނިޔާއެއް ނުކުރެއެވެ. ނަމަވެސް އޭނައާއި ދިމާލަށް ހުތުރު ބަސްތަކެއް ކިޔާލާފައި އޭނަ ފަހަނަޅައި ދިޔައެވެ. އެ ހިނދު ވެސް އަޒާނަށް ހިނިތުންވެލެވުނީ ނޭނގޭ ސަބަބަކާހުރެ އެ ބަސްތަކުން އޭނަގެ ހިތަށް އުނދަގޫ ނުވުމުންނެވެ. އުނދަގޫވާންވީ ފަހެ ކީއްވެ ހެއްޔެވެ؟ މީހަކު ބުނާ ބަހަކުން އޭނައަށް ﷲ ދެއްވާފައިވި ޤަދަރެއް ނުގެއްލޭނެއެވެ. ވީއިރު އެކަމާމެދު އޭނަ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން އެކަނިހުރެ ވެސް އަޒާނަށް ހީލެވުނެވެ.

 

ﷲ ގެ ހަނދުމައިން އޭނައަށް ލިބެމުން ދިޔަ ހިތްވަރުން އޭނަ މިވާހަކަތައް އެހެން މީހުންނާއި ވެސް ޙިއްސާކުރަން އިންތިހާއަށް ބޭނުންވިއެވެ. އޭނައަށް ކިޔަވައި ދެމުންދާ މުސްލިމް ނޫން މުދައްރިސުންނަށް ވެސް މުސްލިމް ޒުވާނެއްގެ ފުރިހަމަ މިސާލު ދައްކަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަގެ ފިލާވަޅުތައް ބަރާބަރަށް ނިންމައި ސްކޫލްގައި ވެސް ނަމާދު ވަގުތު ޖެހުމުން ކައިރީގައި ހުރި މިސްކިތަށް ނަމާދަށް ދާން ފެށިއެވެ. ނަމާދަށްދާ ކޮންމެ ފަހަރަކު މިސްކިތުން މަދުން ނޫނީ އޭނަގެ ޢުމުރުގެ ކުދިން ނުފެންނަ ގޮތުން އަޒާންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެކަން ބަދަލުކުރުމުގެ ރޫޙެއް އޭނަގެ ހިތުގައި އުފެދެން ފެށިއެވެ.

 

“އިޓްސް ޖަސްޓް ސޯ ފްރަސްޓްރޭޓިންގް! އަސްލު އަހަރުމެންނަށް ނޭނގެނީ މި ދީން ކިހާ ޕަވާރފުލް ކަން. އެންމެނަށް ވެސް ރިލޭޓް ވާ ކަހަލަ ގޮތަކަށް އެޑްވައިސް ދިނީމަ ރަނގަޅުވާނެހެން އަހަންނަށް ހީވަނީ. އިން ޝާ ﷲ….” އެއްދުވަހު ކިޔަވާ ކޮޓަރީގައި އިނދެ އަޒާން އައިމަނާއި ވާހަކަ ދެއްކިއެވެ.

 

“ވޮހް! އިން ޝާ ﷲ؟ ސީރިއަސްލީ ޑޫޑް؟ ދެން އަވަހަށް ތުނބުޅި ދިގުކުރޭ! މާ ލަސްވެސްވެއްޖެ މިހާރު.” އައިމަން ފޯނާއި ކުޅެމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެ ހިނދު އަޒާންގެ ހިތްދަތިވިއެވެ. އެހެނަސް ގަދަކަމުން ހިނިތުންވެލީ އޭނަ ހިތްވަރު ކޮށްގެން ނޫނީ އެހެން މީހަކަށް ރަނގަޅު ބަހެއް ފޯރުކޮށްނުދެވޭނެކަން އެނގުންވީތީވެއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން އައިމަން ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޒާން ތިއުޅެނީ މަންސޫރުބެ ގޮތަށްވާން ކަމަށްވަންޏާ ލެޓް މީ ޓެލް ޔޫ. ޔޫ ސީރިއަސްލީ ޑޯންޓް ނޯ ހިމް. އޯ މައި ގޯޑް!” އައިމަން އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އެއާއެކު އަޒާންގެ ދެބުމަ ކައިރިވިއެވެ. މަންސޫރުބެއާއިމެދު އޭނައަށް ވިސްނެން ފެށިއެވެ. މަންސޫރުބެ އޭނަ މިހާތަނަށް ދިމާވި ހުރިހާ ޢިލްމުވެރިންނާއި ހާދަ ތަފާތެވެ. ޓީވީއިންނާއި ޔޫޓިއުބްއިންނާއި ރަށުގެ މިސްކިތްތަކުން ފެންނަ އެފަދަ ހުރިހާ ޢިލްމުވެރިންނަކީ އޭނަގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ބައެކެވެ. އެއީ އެމީހުންގެ ފަރާތުން އޭނައަށް ﷲ އާއި އެކަލާނގެ ދީނާއިމެދު ގިނަ ކަންތައް އުނގެނި އޭނަގެ އީމާންތެރިކަން ވަރުގަދަ ވެފައިވާތީވެއެވެ. އަދި އެމީހުންގެ ކިބައިން ފެނުނު ހިތް މަޑުކަމާއި އެކުވެރިކަމެއްގެ ސަބަބުންނެވެ. ﷲ އަށް ބިރުވެތިވާ މީހުންނަކީ ޢިލްމުގެ އަހުލުވެރިންކަން ޤުރުއާނުގެ އާޔަތަކުން ވެސް އެނގުނުފަހުން އެ ޢިލްމު ލިބިފައިވާ މީހުންނަށްޓަކައި އަޒާންގެ ހިތުގައި އޮތް އިޙްތިރާމް ވަނީ އުފުލިގެން ގޮސްފައެވެ. ނަމަވެސް މަންސޫރުބެގެ ފަރާތުން ފެންނަމުން މިދަނީ އެފަދަ ޢިލްމުވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކެއްނޫނެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަތުގައި ސިއްރެއްވާނެކަން ޔަޤީނެވެ. ކޮންމެއަކަސް އަޒާން އައިމަނާއި އައިމަންފަދަ އެހެން ކުދިން ޢިލްމުވެރިންނާމެދު ދެކޭ ގޮތް ބަދަލުކުރަން ބޭނުންވިއެވެ. އޭނަ ސްކޫލްގައި އުޅޭ ބައެއް އެކުވެރިންނަށް ނަޞޭޙަތްތެރިވާން އުޅުމުން އެމީހުން ގިނަފަހަރު މަންސޫރުބެ ގެ މިސާލު ގެނެސް އެ ނަޞޭޙަތުގެ މަތިން ހަނދާން ނައްތާލައެވެ. އެހެންކަމުން މުޅި ސްކޫލަށް އަޑު އިވޭ ގޮތަށް އެކަމާއި ބެހޭ ގޮތުން ސްޕީޗެއް ދޭން އަޒާން ނިންމިއެވެ.

 

ޙަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އެސަމްބްލީގައި ވާހަކައެއް ދައްކަން އަޒާން މައިކު ކުރިމައްޗަށް ހުއްޓުނީ ހިސާބެއްގެ ނުތަނަވަސްކަމަކާ އެކީގައެވެ. އެހެނަސް އޭނަ އެ ނުތަނަވަސްކަން ފިލުވާލީ ﷲ ރުހިވޮޑިގެންވާ ކަމެއް ކުރުމަށްޓަކައި ޖެހިލުންވާކަށް ނުޖެހޭކަން ހަނދާންކުރަމުންނެވެ. އަދި ސާބިތުކަމާއެކީ އެންމެންގެ ކުރިމަތީގައި ބިސްމި އާއި އެކީ ޞަލަވާތް ކިޔެވިއެވެ. އެކި މޫނުތަކުގެ މަތިން ޙައިރާންކަން ފެންނަން ފެށިއެއްކަމަކު އަޒާން ދެންވެސް ޖެހިލުމެއްނެތި ޠާހާ ސޫރަތުގައި ވާ މޫސާ ޢަލައިހިއްސަލާމްގެ ދުޢާއިން ވާގި ހޯދަމުން އޭނަގެ ވާހަކަ ފެށިއެވެ. އޭނަ ވާހަކަ ފެށީ ދުރުދުރުންނެވެ. އޭނަގެ އެކުވެރިންނާއި ގުޅޭ ކަހަލަ މިސާލަކުންނެވެ. ދީނީ ޢިލްމުވެރިއަކަށް އެމީހުންގެ ހިތުގައި ނަފްރަތެއް އުފެދެން ފެށޭ ސަބަބުތަކަށް އަލި އަޅުވަމުންނެވެ. އެންމެންގެ ޝައުޤުވެރިކަން އޭނައަށް ލިބުމުން އަޒާން އޭނަ ފާޅުކުރަން އުޅޭ ޚިޔާލުތައް ފާޅުކުރިއެވެ. އެންމެ މީހެއްގެ އުޅުމުގެ ސަބަބުން އެންމެންގެ ގޮތް ނޭނގޭނެކަމަށް ބުނަމުންނެވެ. އަދި އެ އެންމެ މީހެއްގެ ވެސް އުޅުން ކޮންމެ ގޮތަކަށް ހުއްޓަސް މުސްލިމުންގެ ގޮތުގައި އަހަރުމެން އެކަކު އަނެކަކާމެދު ރަނގަޅަށް ވިސްނަންޖެހޭ ކަމަށް ބުނަމުންނެވެ. އަދި އެކަކު އަނެކަކަށް ނަޞޭޙަތްދީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް އަހަރުމެން ވާންޖެހޭ ކަމަށްވެސް އަޒާން ބުންޏެވެ. އޭނަ ވާހަކަ ނިންމާލީ އަހަރުމެންގެ ދީނަކީ ހަމައެކަނި އެންމެ މީހެއްގެ އުޅުމުގެ މައްޗަށް ބިނާވާވަރަށްވުރެ ފުރިހަމަ ދީނެއްކަމަށް ފަޚުރުވެރިކަމާއެކީ ބުނަމުންނެވެ. އޭނަ ހިތުން އޭނަގެ ކުރިމަތީގައި ތިބި މީހުންނަށް ވެސް އެ ފަޚުރުވެރިކަން އިޙްޞާޞް ކުރެވޭނެއެވެ. އެހެނަސް އޭނަ ދައްކާ ކޮންމެ ވާހަކައެއް ފަދައިން މި ވާހަކަ އިވުމުން ވެސް ގިނަ ޢަދަދެއްގެ މޫނުތަކުން ފެންނަމުން ދިޔައީ ފޫހިކަމެވެ. އެހެނަސް ކުރިއާއި ޚިލާފަށް އަޒާން ބަލި ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް ހެވާއި ނުބައި ވަކި ކޮށްދިން ދީނަށްޓަކައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބޭނުންވިއެވެ.

 

ދުވަހުން ދުވަހަކަށް އަޒާންގެ ޙަޔާތަށް އަންނަމުން ދިޔަ ބަދަލުތައްވެގެން ދިޔައީ އޭނަގެ ވަށައިގެން ތިބި މީހުންނަށް ލިބެމުން ދިޔަ ޢިބްރަތްތަކަށެވެ. ފަސް ވަގުތު ފަސް ނަމާދު ކުރަން ފެށިފަހުން އޭނަ ވެފައިވަނީ ޢާއިލާގައި ތިބި އެންމެނަށް ވެސް އެހީތެރިވާ ހީވާގި ޒުވާނަކަށެވެ. ޢާއިލާގެ އެންމެންގެ މަލާމާތްތައް އަމާޒުވިއެއްކަމަކު އަޒާން ޖެހިލުންވުމެއްނެތި ގޭގެ ތެރޭގައި ޤުރުއާން ކިޔެވުމުގައި ދެމިހުރި ގޮތުން އެމީހުން ޖެހުނީ ބަލި ޤަބޫލުކުރާށެވެ. އަޒާން ސްކޫލްގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސަކަށް ވާން އުޅޭ ޚަބަރުވެގެން ދިޔައީ ޚާލިދާއި ހަފްސާއާއި އައިމަން ވެސް އާގަމަ ކުރުވި ޚަބަރަކަށެވެ.

 

“ވަޓް؟” އެކަމަށްޓަކައި ފޯމް ލީ ވާހަކަ ބުނުމުން އެރޭ ކާ މޭޒުދޮށުގައި އެންމެން އޭނައަށް ބަލަހައްޓައިގެން ތިބެން ފެށުމުން އަޒާން އަހާލިއެވެ.

 

“ޒާންއަށް ތިކަން ކުރެވޭނެތަ؟” ޚާލިދު އަހާލިއެވެ.

 

“އިން ޝާ ﷲ.” ފުރިހަމަ ހިނިތުންވުމަކާއެކީ އަޒާން ބުނެލިއެވެ.

 

“ބްރޯ ކީއްވެ މައިންޑް ޗޭންޖްވީ؟ ކީއްވެ ޕްރެޒިޑެންޓަކަށްވާން ތިއުޅެނީ؟” އައިމަން އަހާލިއެވެ. އަޒާން ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު އޭނައަށް އަމާޒުވާނެ ނަޒަރުތައް އެނގިހުރެ ޤަޞްދުގައި އާޔަތެއް ކިޔާލަދިނެވެ. ޤުރުއާނަކީ އަހަރުމެން އެހާ ގާތްކޮށް ގެންގުޅެން ޖެހޭ އެއްޗެއްކަން އެންގުމަށްޓަކައެވެ. އަދި އެ އާޔަތުން ލިބޭ ފިލާވަޅަކުން އޭނަ ޖަވާބުދިނެވެ.

 

“އަހަރެން ދިރިއުޅުމުގައި މިހާރު ކުރާ ކޮންމެ ކަމެއް ކުރާ ފަރާތަށްޓަކައި. ﷲ އަށްޓަކައި.” އަޒާން އޭނަގެ ލުއި ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. އޭގެ ޖަވާބަކަށް އެރޭ އެކަކަށްވެސް އެއްވެސް މަލާމާތެއް ކުރާކަށް ނުކެރުނެވެ. މުޅި ކާގެއަށް ވެރިވީ މަރު ހިމޭންކަމެކެވެ. އެއީ އެތާތިބި އެންމެންގެ ވިސްނުމަށްވެސް ލޮޅުމެއް ގެނައި ވަގުތުކޮޅެކެވެ. އެކަން އެނގި އެ އެންމެންގެ ހިދާޔަތަށްޓަކައި އަޒާނަށް ދުޢާކުރެވުނެވެ.

 

އެރޭ ނިދަން އޮވެ އާދައިގެ މަތިން އަޒާން އޭނަގެ ދުވަސް ދިޔަގޮތުގެ ހަނދާން އާ ކުރިއެވެ. އަދި އޭނައަށް ގޯސްކޮށް ކުރެވިފައިވާ ކަންތައްތަކަށްޓަކައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރެވުނެވެ. އޭނަގެ ހަނދާނަށް އައި ކަންތައްތަކުގެ ތެރޭގައި މިއަދު އޭނައަށް ފެނުނު މަންޒަރެއް ވެސްވިއެވެ. އިންޓަވަލް ގަޑީގައި އޭނަގެ ކުލާހުގައި އުޅޭ ޝިޔާއާއި ސްކޫލަށް އަލަށް އައިސްގެން އުޅޭ ޒައިދް ކުލާހުގައި އެކަނި ތިބި މަންޒަރެވެ. ދުރުން ފެނުނު ފެނުމުން އެދެމީހުން ކޮންމެވެސް ކަމަކާ ޖަދަލުކުރަނީހެން އަޒާނަށް ހީވިއެވެ. ނުވީތާކަށް އައިމަން ވެސްވަނީ އެ ޒައިދްގެ ވާހަކަ އޭނަ ކައިރިން އަހާފައެވެ. އޭނައަށް އެ މަންޒަރުގެ ވާހަކަ ފިޔަވައި އެހެން ވާހަކައެއް އައިމަނަށް ކިޔައެއް ނުދެވެއެވެ. ޒައިދްއާއިމެދު އައިމަން ހުރީ ކަންބޮޑުވެފައެވެ. އެއީ ކީއްވެކަމާމެދު އަޒާނަށް އައިމަންގެ ފަރާތުން އެވަގުތު ޖަވާބެއް ނުލިބުނެވެ.

 

ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައިވަނިކޮށް އަޒާންގެ ހެޑްބޯޑްމަތިން ގަނޑެއް އުދުހިގެން އައިސް އެނދުމަތީގައި ޖެހުނެވެ. އަޒާން ވަގުތުން އޭތި ނަގައި ބަލާލިއިރު އެއީ އޭނަގެ ހިދާޔަތަށް މެދުވެރިވި އާޔަތްތަކެވެ. އޭތި ފެނުމުން މިފަހަރު އަޒާންގެ ހަނދާނަށް އައީ އައިމަނެވެ. މިއީ އައިމަން ކޮންތަނަކުން ހޯދި އެއްޗެއްކަން އޭނައަށް އަދިވެސް އެނގިފައެއްނުވެއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެކިކަންކަމާއެކީ އަވަދިނެތި ވެގެން ދިޔުމުން އެވާހަކަ އަހާލަން ހަނދާންވެސް ނެތުނީއެވެ. ހަމަ ގައިމުވެސް މިއީ އައިމަން ލިޔުނު އެއްޗަކަށް ނުވާނެއެވެ. އެ ޞަފްޙާއާއިމެދު ޙައިރާންވި މިންވަރުން އަޒާން ވަގުތުން އޭނަގެ ފޯނު ނަގައި އައިމަނަށް ގުޅާލިއެވެ.

 

“ހެލޯ އައްމު………އެއްކަލަ ދުވަހު އައްމު ދިން ގަނޑު އަހަރެން އަތުގަ އަދިވެސް އެބައޮތް. އެއްކަލަ އާޔަތްތައް ހުރި ގަނޑު. އޭތި ބޭނުމެއްނުވޭތަ؟” އައިމަން ޖަވާބު ދިނުމުން އަޒާން އަހާލިއެވެ.

 

“އޭތި…..ބޭނުން އަސްލު.” އައިމަން ބުނެލިއެވެ.

 

“އެއީ އަސްލު ކާކު ދިން އެއްޗެއް؟ ރަޝީދައްތަ ދޯ؟ ޑޯންޓް ޓެލް މީ ޔޫ ރޯޓް ދިސް!” އަޒާން ބުންޏެވެ. އެއާއެކު އައިމަން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަޒާނަށް ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ. އެއީ މެހެނާޒްގެ ސިޓީއެއްކަމަށްބުނެ މެހެނާޒްގެ ޙަޤީޤަތް ކިޔައިދިނެވެ. އަދި އޭނައަށް އަނިޔާވެރިވި މީހުންގެ ވާހަކަ ވެސް މެއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ އަޒާން ހުރީ ދެލޯ ބޮޑުވެ ގަނޑުވެފައެވެ. އައިމަންގެ ވާހަކަ ނިމުމުން ވެސް އޭނައަށް އިންގޮތަށް އެނދުމަތީގައި އިނދެވުނެވެ.

 

“ދް…..ދެން ތިއްތިބެއަށް ސިޓީ ދީފިންތަ މިހާރު؟” އަޒާން އަވަސްއަވަހަށް އަހާލިއެވެ.

 

“ތިއްތިބެ އަދިވެސް ރަށަށްނާދޭ. މާދަމާ އަންނާނެ ވާހަކަ އަޑުއެހިން. އަހަރެން ކެތްނުކުރެވިގެން ސިޓީ ފޮޓޯ ނަގާފަ ވައިބާރވެސް ކުރިން. އެކަމަކު އަދިވެސް ސީން ނާރާ.” އައިމަން ބުނެލިއެވެ.

 

“ތިކަހަލަ އެއްޗެއް ދިނުން ރަނގަޅީ ވެސް ޕާރސަނަލީ ގޮއްސަ. ހިއެއްނުވޭ ތިއްތިބެ ފަސޭހައިން ތީތި ކިޔާނެހެން ވެސް. އެނގެއެއްނު ތިއްތިބެ މެހެނާޒަށް ނަފްރަތު ކުރާވަރު؟ ހީ ޑަޒްންޓް އިވެން ސޭއި ހާރ ނޭމް!” އަޒާން ބުންޏެވެ.

 

“ހޫމް……..އަހަންނަށް ފެންނަނީ އަހަރެންގެ ބަދަލުގަ އަޒާން ދާން. އެހެންނޫނީ އަހަންނާ އެކީގަވިޔަސް އަޒާން ދާން. ފަހަރެއްގަ ވެސް އަހަންނަށް ތިއްތިބޭ ކޮންވިންސް ނުކުރެވިދާނެކަމަށްޓަކައި…….” އައިމަން ބުނެލިއެވެ. އަޒާން އައިމަންގެ އެ ވާހަކައާއި އެއްބަސްވިއެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހަވީރު ވަގުތު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޑިޕާރޗާގައި އިން ވިސާމްގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ދޭތެރެ ދޭތެރެއިން ފޯނަށް އަންނަމުން ދިޔަ ޝަފަޤްގެ މެސެޖުތަކުން އެ ހިނިތުންވުންތައް ފުންވަމުން ދިޔައެވެ. އެންމެ ފަހުން ޝަފަޤް ކަމެއް ދިމާވެގެން ދާ ވާހަކަ ބުނެލުމުން ވިސާމް ދެންވެސް އޭނަ ލޯބިވާ ވާހަކަ ބުނެލިއެވެ. ފަހަކަށް އައިސް މިފަދަ ވާހަކަތައް އެދެމެދުގައި ވަނީ ޢާއްމުވެފައެވެ. މި އާދަ އެ ދެމެދުގައި އަށަގެންފައިވަނީ ޝަފަޤް ބަލިވެއިން ފަހުންނެވެ. ބަލިވެ އިންތާ މާ ގިނަ ދުވަހެއްނުވެ ވިސާމް ފުރައިގެން ދާންޖެހުނެއްކަމަކު އޭނަ ޝަފަޤާއި ބަރާބަރަށް ގުޅުން ދެމެހެއްޓިއެވެ. ދޭތެރެދޭތެރެއިން ޝަފަޤްގެ ޙާލު ބަލައި ޝަފަޤަށްޓަކައި ހަދިޔާތައްވެސް ފޮނުވަމުން ދިޔައެވެ. ޝަފަޤަށް ދެންވެސް އެކަނިވެރިކަން އިޙްޞާޞް ކުރެވިދާނެތީ ވިސާމް އަނެއްކާވެސް އޭނަގެ މަންމައާއި ގުޅުން ބަދަހިކުރަން ބޭނުންވިއެވެ. އެހެނަސް މަންމައާއި މެދު ކަންތައް ކުރެވިފައިވި ގޮތުން މަންމައާއި ވާހަކަ ދެއްކުމުގެ ހިތްވަރެއް އަދިވެސް ލިބިފައި ނުވަނީއެވެ. އެކަމަށްޓަކައި ވެސް އޭނަ ޖެހޭނީ އިތުރަށް ޝަފަޤްގެ ނަޞޭޙަތްތައް ހޯދަންކަން ވިސާމަށް އެނގެއެވެ. އެކަން އުފަލާއެކީ ކުރަން އޭނަ އެހެރީ ތައްޔާރަށެވެ.

 

ޝަފަޤްގެ މެސެޖުތައް ހުއްޓުމުން ވިސާމް ވައިބާރ ހުޅުވާލިއެވެ. ވޭތުވެ ދިޔަ ދުވަސްތައް އަވަދިނެތިވެފައިވުމުން އޭނަ އޮންލައިން ވެފައިވަނީ މަދު ފަހަރަކުއެވެ. އޮންލައިން ވީ އެންމެ ފަހު ފަހަރުވެސް އޭނައަށް އައިމަންގެ މެސެޖެއް ފެނިފައިވިއެވެ. އެއީ ފޮޓޯ މެސެޖަކަށްވުމުން ވިސާމް އެއަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެވާނީ އައިމަން ފޮނުވި ކޮންމެވެސް އިންޓަރނެޓް ޖޯކެއް ކަމަށް ނިންމުނީތީވެއެވެ. ކޮންމެއަކަސް އެވަގުތު ވިސާމް އޭތި ބަލާލަން ބޭނުންވިއެވެ. އޭނަ އައިމަން ގެ ޗެޓް ލޮގް ހުޅުވާލިތަނާހެން ކޮންމެވެސް ފިރިހެނަކު އައިސް އޭނަގެ ކައިރީގައި އިށީނެވެ.

 

“އަނހަ! ވިސާމް ދޯ؟” އެ ފިރިހެން މީހާ ހެވިފައިހުރެ ސަލާމަށް އަތްދިއްކޮށްލިއެވެ. އެއީ ކާކުކަން ދެނެގަންނަން ވިސާމަށް ވަގުތުކޮޅެއް ނެގިއެވެ. އެއީ އޭނަގެ ފުރަތަމަ އަލްބަމް ރިލީޒްކުރަން އެހީވި ކުންފުނީގެ ވެރިމީހާކަން ނަގައިގަނެވުމުން ވިސާމް ލުއި ހިނިތުންވުމަކާއެކީ އެ އަތުގައި ހިފިއެވެ.

 

“ނިހާލް ކިހިނެއް؟” ވިސާމް އަހާލިއެވެ.

 

“ދެން އެކަހަލަ ގޮތެއް…..ދުވަސްކޮޅެއްވެއްޖެ އަލްބަމެއް ނުނެރޭތާ. އެހެންވެ ވަރަށް ޓައިޓްކޮށް މިއުޅެނީ. އެކަމަކު މިފަހަރު ކުޑަކޮށް ތަފާތުކޮށްލަންވެގެން މިއުޅެނީ. މެހެނާޒްގެ ހުރިހާ ލަވަތައް އެއްކޮށްފަ އަލްބަމެއް ހަދަން މި ވިސްނަނީ. އޭރުން އޯޑިއެންސް ވަރަށް އެކްސައިޓްވާނެ، ދޯ؟” ނިހާލް ހެވިފައިހުރެ ދޯދިނެވެ. ވިސާމް ގަދަކަމުން ހިނިތުންވުމެއް ފަތުރަމުން މެހެނާޒްގެ ނަމާއި ގުޅިފައިވި އޭނަގެ ހިތާމަތަކާއި ރުޅިވެރިކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ ނިހާލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އަލްބަމް ނެރެން ވިސާމްގެ ވެސް އެހީ ބޭނުން. ވަރަށް މަޝްހޫރު ކޮންސާރޓްއެއް އެބައާދޭ. ކޮންސާރޓްގެ ތެރެއިން އަލްބަމް ނެރުނީމަ ބޮޑަށް އެޓެންޝަން ލިބޭނީ. އަހަރެން ބޭނުމީ އެ އޮކޭޝަންގަ ވިސާމް ކޮންމެވެސް އެއްޗެކޭ ބުނެލަން މެހެނާޒްއާ ބެހޭގޮތުން. ޔޫ ނޯ…..ސަމްތިންގް އިމޯޝަނަލް، އޭރުން ވަރަށް ސަޅިވާނެ. އިޓް ޑަޒްންޓް ހޭވް ޓު ބީ ޓްރޫ. އަހަރެން…..ފައިސާ ދީފާނަން.” ނިހާލް ވިސާމަށް ބަލާލަމުން ބުނެލިއެވެ. ވިސާމް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހިތްހަމަ ނުޖެހިފައެވެ. އެއްޗެކޭ ބުނަން ވެސް ބޭނުމެއް ނުވެފައެވެ. ދެމީހުން ތިބިގޮތަށް ތިއްބާ އެމީހުންގެ ފްލައިޓްގެ ވާހަކަ އެނައުންސް ކުރެވެން ފެށިއެވެ. އެއާއެކު ނިހާލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ވިސާމްގެ ޑެސިޝަން އަހަންނަށް އަންގާލާތި. މިއޮތީ އަހަރެންގެ ކޮންޓެކްޓް.” ނިހާލް އެހެން ބުނެ ވިސާމަށް ކާޑެއް ދިއްކޮށްލިއެވެ. ވިސާމް ނިހާލްއާއެކީ ތެދުވެ އެ ކާޑު އަތުލީ ކޮންމެވެސް އެހެން ކަމެއް ހިތުއަޅަމުންނެވެ. އެއަށްފަހު ނިހާލްއާއި އިތުރަށް ވާހަކަ ދެއްކުމެއްނެތި ކުރިއަށް ދިޔައެވެ.

 

ގެއަށް ދެވުނުތަނާހެން ވިސާމް ނިހާލްގެ މަތިންނާއި އޭނަގެ ކާޑުގެ މަތިން ވެސް ހަނދާން ނެތުނެވެ. ޝަފަޤާއި މިޝްކާ ފެނުމުން އޭނައަށް އޭނަގެ ހުރިހާ ނޭދެވޭ އިޙްޞާޞްތަކުން ދުރުވެވުނެވެ. 3 މަސްފަހުން ވިސާމް އަނބުރާ އައިއިރު ޝަފަޤްގެ ބަނޑު ކުޑަކޮށް އުފުލިފައިވިތަން ފެނިފައި އޭނަގެ ހިތް ލޯބިން ފުރިގެން އައެވެ. އޭނަ ޝަފަޤްގެ ގައިގައި ބައްދައިގެން މާ ގިނައިރު ވަންދެން ހުންނަން ފެށުމުން މިޝްކާ ރުޅިވެރިކަމާއެކީ ޝަކުވާ ކުރިއެވެ. އެއާއެކު ޝަފަޤާއި ވިސާމް ވެގެން މިޝްކާގެ ގައިގައި ބައްދާލިއެވެ. ކުޑަކުޑަ ޢާއިލާގެ އެ އުފާވެރި ވަގުތަށް ހުރަހެއް އެޅިގެން ދިޔައީ ގޭގެ ބެލް ޖަހާލި އަޑަށެވެ. ވިސާމް ގޮސް އެ ދޮރު ހުޅުވާލިއެވެ.

 

“އައިމަން؟” ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ.

 

ނުނިމޭ

The post Asr (Part 56) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-56/feed/ 0 859
Asr (Part 55) https://blog.storiesbyjana.com/asr-part-55/?utm_source=rss&utm_medium=rss&utm_campaign=asr-part-55 https://blog.storiesbyjana.com/asr-part-55/#respond Fri, 23 Apr 2021 11:29:00 +0000 https://blog.storiesbyjana.com/asr-part-54-copy/

“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ […]

The post Asr (Part 55) appeared first on Stories by Jana.

]]>

“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. ޝިޔާއަށް އައި ކުއްލި ބަދަލުގެ ސަބަބުން ދުރުގައި ކޮޅަށް ހުރި އައިމަން ހުއްޓުން އަރާ ގޮތްވިއެވެ. ޝިޔާގެ މޫނުމައްޗަށް ވެރިވެފައިވި ހިތާމަވެރިކަން ފެނިފައި އޭނަގެ މެއަށް ގޮތެއްވިއެވެ. ޝިޔާ އެ ހަދަނީ ދޮގެއްނޫންކަން ޝިޔާގެ ދެލޯ އައިމަނަށް ސާބިތުކޮށްދިނެވެ. އެ ހިނދު އޭނަ ޝިޔާއަށް ޙަމްދަރުދީވިއެވެ. އަމިއްލަ އެއްބަނޑު އެއްބަފާ ދައްތައަކު ލޯ ކުރިމަތިން ދުނިޔެއާއި ވަކިވެގެން ދާ މަންޒަރަކީ ކިހާ ހިތްދަތި މަންޒަރެއްކަން އައިމަނަށް އަންދާޒާއެއް ވެސް ނުކުރެވޭނެއެވެ. ޝިޔާ ވަނީ އެ ހިތްދަތިކަން ކާމިޔާބުކަމާއެކީ ކަނޑައްތު ކޮށްފައެވެ. އެކަމަށްޓަކައި އައިމަނަށް ހިތާހިތުން ޝިޔާއަށް ތަޢުރީފު ކުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން ނޭނގިފައި ހުއްޓާ ޝިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އައިމަން މި ވާހަކަ ޤަބޫލު ނުކުރިޔަސް ވަކި މައްސަލައެއް ނެތް. މާތް ﷲ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވޭ. އަދި ދައްތައަށްޓަކައި އިންސާފު މި ދުނިޔޭގައި ނުލިބުނަސް އާޚިރަތުގައި އެކަލާނގެ ދައްތައަށް އިންސާފު ހޯދައިދޭނެކަމީ ޝައްކެއް އޮތްކަމެއްނޫން…..އެކަމަކު އައިމަން އެދުވަހު އަހަރެން ޙަވާލުކުރި އަމާނާތް އޭގެ ވެރި ފަރާތާއި ޙަވާލުކުރަން ބޭނުމެއްނުވާނަމަ އޭތި އަނބުރާ އަހަރެންގެ އަތަށް ދިނުން އެދެން. އެއީ ދައްތަ އަހަންނަށް ވަރަށް އިތުބާރުކޮށްފައި ދައްތަގެ އެންމެ ފަހު ވަގުތުކޮޅުތަކުގައި އަހަންނާ ޙަވާލު ކުރި އެއްޗެއް. އެ ސިޓީ ވިސާމްބެއާއި ހަމައަށް ނުފޯރިއްޔާ އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭން…” ޝިޔާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އޭނަގެ އަރުތެރެ ބެދި މެރިގެން ދިޔަ އޭނަގެ އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަ ފައިބަން ފެށިއެވެ. އައިމަނަށް އެ މަންޒަރު ފެނިފައި އުނދަގުލެއް ވެގެން އުޅޭ ފަދައަކުން ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް ކުރިއަށް ދާކަށް ނުކެރުނެވެ. އެހެންކަމުން އައިމަނަށް ދެބުމަ ކައިރިކޮށްގެން ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ ޝިޔާ އޭނަގެ ކަރުނަތައް ފޮހެލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ޕްލީޒް…..އަހަންނަށް އޭތި އަނބުރާ ދީ. އަސްލު އައިމަންގެ އަތަށްދިނީ އަހަންނަށް އަވަސް މުސްތަޤްބަލެއްގަ ވިސާމްބެއާއި ހަމައަށް އޭތި ފޯރުކޮށްނުދެވޭނެހެން ހީވާތީ. ޔާސިރާއި މަންސޫރަށް އެނގޭ އަހަރެންގެ އަތުގަ ކަން އެ ސިޓީ އޮތީ. އެމީހުން މިއަދު ވެސް އޭތި އޭގެ ޙަޤީޤީ މަންޒިލާއި ހަމައަށް ދިޔުމަށް ހުރަސް އެބައަޅާ….އެ ސިޓީ އޮތީ އަހަރެންގެ އަތުގަކަން އެންމެ ފުރަތަމަ އެނގުނީ ޔާސިރަށް. އެއީ ޔާސިރު ފިލްމީ ދާއިރާ ދޫކުރުމަށްފަހު އޭނަގެ އަންހެނުންނާ އެކީ ލަންކާއަށް ބަދަލުވިފަހުން. ވިޔަފާރީގެ ތެރެއިން ޔާސިރާއި ބައްޕަ އެކުވެރިވެގެން ދިޔައީ. އަހަރެން އުޅުނިން އެންމެ ފުރަތަމަ ވެސް ބައްޕަމެން ކައިރި ޔާސިރުގެ ވާހަކަ ބުނަން. އެކަމަކު ޔާސިރު އެއަށްވުރެ ކުރިން……އަހަންނަށް ބިރު ދައްކައިފި. އޭނައަށް އެ ސިޓީ ވެސް ފެނިގެން ދިޔައީ އޭނަ އަހަރުމެންގެ ގެއަށް ކުރި ޒިޔާރަތެއްގެ ތެރެއިން. އެފަހަރު އަހަރެން ޒައިދް މެދުވެރިކޮށް އެ ސިޓީ އަނބުރާ ހޯދިން. އެކަން ޔާސިރަށް އެނގުނު ދުވަހު ޔާސިރު ޒައިދަށް ވެސް ހުރިހާ ވާހަކައެއް ކިޔައިދީފި. އޭގެ ފަހުން ޒައިދް ވެސް ހުންނަނީ އޭނަގެ ބައްޕަގެ ކޮޅުގަ.” ޝިޔާ ކިޔައިދިނެވެ. އޭނަ އެންމެ ފަހަކަށް ބުނެލި ވާހަކައިން އިސްޖެހިފައި ހުރި އައިމަނަށް ދެލޯ ބޮޑުކޮށްފައި އިސްއުފުލާލެވުނެވެ.

 

“ޒައިދް……އަކީ…..” އައިމަންގެ ވާހަކަ މެދުކެނޑުނެވެ.

 

“ޔާސިރުގެ ދަރިފުޅު……ބައްޕަ އަހަންނަށްޓަކައި އިންނާނެ މީހަކު ހޯދަންފެށިތާ މާ ގިނަ ދުވަހެއްނުވެ ޔާސިރު އަހަންނާއި ޒައިދް ގުޅުވުމުގެ ޚިޔާލު ބައްޕައަށް ދިން. އެއީ ވެސް ބައްޕައަށް އޭނަ ކުރި ޤަތުލުގެ ޝައްކެއްނުވާނެ ފަދަ ގޮތަކަށް ރޭވި ރޭވުމެއްކަން އަހަންނަށް އެނގުނު. އަހަރެން ވަގުތުން ކައިވެންޏަށް އިންކާރު ކުރަން ބޭނުންވި. އެކަމަކު ޒައިދްވެސް އިންނަން ބޭނުންވާކަން އެނގުނީމަ ޞާލިޙު މީހެއްގެ އެދުމަކަށް ފުރަގަސް ދެވިދާނެހެން ހީވީތީ އެކައިވެންޏަށް އެއްބަސްވީ. އެކަމަކު ޒައިދްއަކީ އެއްވެސް ގޮތަކުން އަހަންނަށް ކަމުދާ ޒާތުގެ މީހަކަށް ނުވި….” އައިމަނާއި ދިމާލަށް ބަލަމުން ނުބަލަމުން ޝިޔާ ދެއްކި ވާހަކަ އެހާ ހިސާބަށް ދިޔަ ތަނާހެން އައިމަން އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“ފޯ ގޯޑް’ސް ސޭކް ޝިޔާ ޓެލް ޔުއާރ ޑޭޑް! މުޅި ޢުމުރު ހޭދަކުރަން ބޭނުންވަނީ އަމިއްލަ ދައްތަ ޤަތުލު ކުރި މީހެއްގެ ދަރިއަކާއި އެކީގަތަ؟” އައިމަންގެ އަޑު ހިސާބަކަށް ހަރުވިއެވެ. ހުރެވުނު ތަން ފަޅި ސިކުންތެއްގެ ތެރޭގައި ނަގައިގަނެވުމުން އޭނައަށް ވާތް ފަރާތަށް ބަލާލެވުނީ އޮފީސްތެރޭގައި މީހަކު ހުރިތޯ ބެލުމަށެވެ. އެއްވެސް މީހަކު ނެތްކަން އެނގުމުން އޭނައަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ދެންވެސް އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝިޔާ އޭނައަށް ޖަވާބުދޭން ފެށިއެވެ.

 

“ޔާސިރަކީ ބައްޕަ ދެލޯ މަރައިގެން އިތުބާރު ކުރާ މީހެއް. އޭނަ ވަނީ އަހަރުމެންގެ ޢާއިލާއަށް ގިނަގުނަ އެހީތަކެއްވެދީފަ. އަހަރެން ބުންޏަސް ބައްޕަ ފަސޭހައިން ޤަބޫލުކުރާނެހެނެއް ހިއެއްނުވޭ. ވަކިން ޚާއްޞަކޮށް އަދި ޒައިދްއަށް އަހަރެން ނުރުހުންވާހެން ބައްޕަމެންނަށް ހީވެފައި އޮތްވާ އެ ސިޓީ ދެއްކީމަ ވެސް ބައްޕަމެންނަށް ހީވެދާނެ އެއީ އަހަރެން ކައިވެނި ރޫޅުމަށްޓަކައި އަމިއްލައަށް ލިޔުނު އެއްޗެއްހެން. ދައްތައަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާ ނިކުތް ގޮތުން ބައްޕައާއި މަންމައަށް އަހަންނަށް އިތުބާރު ކުރުމަކީ ވަރަށް ދަތިކަމެއް. އަދި ވަކިން ޚާއްޞަކޮށް މަންމައަށް އަހަރެން އެހެން ކުއްޖެއްދެކެ ލޯބި…….” އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޝިޔާގެ ދުލުގައި ތަޅުއެޅުވުނު ފަދައެވެ. ހަމަ އެ ހިނދު ޝިޔާއާއި އައިމަންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ ނުފެންނަ ފަދަ ގޮތަކަށް އެދެމެދުގައި ވާހަކައެއް ދެކެވުނު ފަދައަކުންނެވެ. އެ ވަގުތުކޮޅުވެގެން ދިޔައީ އެ ދެހިތުގެ ތެޅުންވެސް އަވަސްކުރުވި ވަގުތުކޮޅަކަށެވެ. އެހެނަސް ޝިޔާ އެ ވަގުތުކޮޅު މާ ގިނައިރު ވަންދެން ދެމިދިޔަ ނުދިނެވެ. އޭނަ ވަގުތުން އަނެއްކާވެސް އައިމަނަށް ފަސްދީފައި ދާން ހިނގައިގަތީ އޭނަ އައިމަންގެ އަތުން އެއްޗެއް ހޯދަން ބޭނުންވާކަން ވެސް ހަނދާން ނައްތާލަމުންނެވެ. ނަމަވެސް އޭނައަށް މާ ދުރަކަށް ނުދެވެނީސް އައިމަން އަނެއްކާވެސް އޭނަގެ ނަމުން ގޮވާލި އަޑުއިވުނެވެ. މިފަހަރުވެސް ޝިޔާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

 

“މިއަދަށްފަހު އެ ސިޓީއަކީ ޝިޔާގެ ޒިންމާއެއްނޫން. އަހަރެންގެ ޒިންމާއެއް. އަހަރެން ހުރިހާ ކަމެއް ރަނގަޅު ކުރާނަން. އައި ވިލް ފިކްސް އެވްރީތިންގް. އައި ޕްރޯމިސް…..” އައިމަން އޭނަގެ ފަހު ޖުމްލަތައް ބުނެލީ ފުން މާނަތަކެއް އެކުލެވޭފަދަ ގޮތަކަށެވެ. އެ މާނަތައް ނަގައިގަނެވުނު ޝިޔާގެ ހިތަށް ކުރި އަސަރާއެކީ އޭނައަށް ދެލޯ މަރާލެވުނެވެ. އައިމަން ރަނގަޅުކުރަން އުޅޭ “ހުރިހާ ކަމެއް”ގެ ތެރޭގައި އޭނަގެ ހިތްވެސް ލެއްވުމަށްއެދި ޝިޔާއަށް ހިތާހިތުން ދުޢާކުރެވުނެވެ. އާދައިގެ މަތިން އޭނަގެ ދުޢާއަށްފަހު ޝިޔާ އޭނަ ﷲ އަށް އެދުނު ކަމަށްޓަކައި ފިޔަވަޅެއްވެސް އަޅަން ބޭނުންވިއެވެ.

 

“އައިމަން……އެ ސިޓީގައި ދައްތަ ލިޔެފަ ހުރި އާޔަތްތައް ރަނގަޅަށް ކިޔައްޗޭ. ދައްތަ ތި ސިޓީގަ އެ އާޔަތްތައް ހިމަނާފަ ހުރީ ސިޓީ ކިޔާ ކޮންމެ މީހަކަށް ވެސް ރަނގަޅު މަގު ފެނިދާނެކަމުގެ އުއްމީދުގަ. އޭގެ ޘަވާބާއި ދަރުމައަށް އެދިގެން. ތި ސިޓީ ދައްތަ އަހަރެންގެ އަތަށް ލައިދިން އިރު ވެސް އަހަރެން ގާތު އެދުނު އެ ޞަފްޙާތައް ދައްކާފަ ވީހާވެސް ގިނަ މީހުންނާ އެ ޞަފްޙާތައް ޙިއްސާކުރުމަށް. އެކަން އަހަންނަށް ކުރެވިފައެއްނެތް. އެހެންވީމަ އައިމަން އެކަން ކޮށްދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް. އައިމަން އެ ޞަފްޙާތައް ކިޔާފައި އައިމަންގެ ބޭބެއާއި ޢާއިލާގެ އެހެން މީހުންނާ ވެސް އެ ޞަފްޙާތައް ޙިއްސާކުރުން އެދެން، އިން ޝާ ﷲ.” ޝިޔާ އުއްމީދުން ފުރެމުން ދިޔަ ހިތަކާއެކީ ބުނެލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. މިފަހަރު އޭނަގެ ދުޢާތައް އިޖާބަނުވެ ނުދާނެހެން އޭނައަށް ހަމަ ހީވަނީއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އައިމަނާއި ފުރަތަމަ ވަކިވެގެން ދިޔުމަށްފަހު ޚުދު އޭނަގެ ވެސް ހިތްދަތިވެފައިވަނިކޮށް އޭނައަށް ހިތްވަރެއް ލިބިގެން ދިޔައީ ދައްތަ ފަށުވި ޢިބާރާތްތަކުން ލިޔެފައިވި ނަޞޭޙަތްތަކުގެ ސަބަބުންނެވެ. ހިތް ﷲ ގެ ހަނދުމައިން ފުރިގެން ދިޔައީ ﷲ އާއިމެދު އިތުރަށް އުނގެނެން ދައްތަ ދީފައިވި ހިތްވަރުންނެވެ. އެކަމަށްޓަކައި އޭނައަށް ދައްތައަށްޓަކައި އެތައް ފަހަރަކު ދުޢާ ކުރެވެއެވެ. މިފަހަރުވެސް އޭނައަށް ދައްތައަށްޓަކައި ދުޢާކުރި ތަނާހެން ކޮންމެވެސް މުދައްރިސަކު އޭނައަށް ގޮވާފައި އޭނަ ބަލާ އައިސްފި ކަމަށް ބުނެލައިފިއެވެ. އެއާއެކު ޝިޔާ އައިމަނަށް އިތުރަށް ބެލުމެއްނެތި ދާން ހިނގައިގަތެވެ.

 

އެދުވަހު އައިމަން ގެއަށް ދިޔައީ ވިސްނުމެއްގެ ތެރޭގައި ހުރެއެވެ. ޝިޔާ އެ ވަރަކުން އޭނަގާތު ސިޓީގައިވި އާޔަތްތައް ކިޔަން އެ އެދެނީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ ސިޓީ ކިޔަމުން ދިޔައިރު އާޔަތްތަކާއި އޭގެ މާނަތައް ލިޔެވިފައި ހުރި ޞަފްޙާތައް ދޫކުރަމުން ދިޔައީ އެއީ “ބޭކާރު” ބައެއްހެން ހީވީތީވެއެވެ. އަޅެފަހެ މެހެނާޒް ލިޔެފައިވި ސިޓީއަކުން މެހެނާޒްގެ ވާހަކައެއް ކިޔައިނުދޭ ޞަފްޙާއެއް ފެނުމުން މީހަކު ފޫއްސެއްނުވާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އެދުވަހު ގެއަށް ގޮސް އަނެއްކާވެސް އައިމަން އެ ސިޓީ އަނބުރާ ނެގިއެވެ. އެއަށްފަހު ޝިޔާ އެ ބުނި ޞަފްޙާތަކުގެ ތެރެއިން އެއް ޞަފްޙާ ހުޅުވާލިއެވެ. އެ ޞަފްޙާގެ އެންމެ މަތީގައި ލިޔެވިފައިވީ ރަޢްދު ސޫރަތުގެ ކުރު އާޔަތެކެވެ. އެއީ އައިމަން ދުވަހަކުވެސް ނަން އަޑުއަހާފައިވާ ސޫރަތެއްނޫނެވެ. އެ އާޔަތުގެ މާނައިގައި އޮތީ ހިތްތަކަށް ހަމަޖެހުން ލިބެނީ ހަމައެކަނި ﷲ ގެ ހަނދުމައިން ކަމެވެ. އެ މާނަ ކިޔާފައި އައިމަނަށް އަމިއްލަ ނަފްސާއި ހީލެވުނީ މިއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް ހިތް ބުނީތީވެއެވެ. “ﷲ ހަނދުމަކުރުން” އައިމަނަށް ސިފަވެގެން ދިޔައީ ހަމައެކަނި “ސުބުޙާނަ ﷲ” ނުވަތަ “އަލްޙަމްދުލި ﷲ” ފަދަ ޒިކުރުތައް ދުލުން ކިޔޭ ކިޔުމެއްގެ ގޮތުގައެވެ. ކިތަންމެ ގިނައިން އެ އެއްޗެހި ކިޔަސް އޭނަ ދެރަވެފައި ހުއްޓާ އުފާވާނީ ކިހިނެއްތޯ އައިމަންގެ ހިތް ސުވާލުކުރިއެވެ. އެ ޚިޔާލާއެކީ އައިމަން އެ ޞަފްޙާގެ ތިރީގައި ހުރި އާޔަތްތަކަށް ބަލާލިއެވެ. އެ ދިގުދިގު އާޔަތްތައް ފެނިފައި އައިމަން ތުން ފިއްތާލަމުން ދެލޯ ހަނިކޮށްލީ އެ އެއްޗެހި ކިޔަން ކަންނެތް ވުމުންނެވެ. މިއީ އޭނައަށްވުރެ ބޮޑަށް އަޒާން ޝައުޤުވެރިވެދާނެ އެއްޗެއްކަން އެވަގުތު އައިމަނަށް އެނގުންވިއެވެ. އެހެންކަމުން އޭނަ އޭތި އިތުރަށް ކިޔުމެއްނެތި އަޒާނަށް އޭތި ދޭން ނިންމިއެވެ. އެހެނަސް އަޒާން ވެސް މިދުވަސްވަރު އެ އުޅޭ އުޅުމުގެ ސަބަބުން އޭނައަށް ވެސް މިއަށް ވަގުތު ދެވޭނެ ކަމާމެދު އައިމަނަށް ޝައްކު ކުރެވުނެވެ.

 

އައިމަނަށް ހީވެފައި އޮތީ ރަނގަޅަށެވެ. ހުދާއާއެކީ ފާއިތުވަމުން ދިޔަ ދުވަސްތަކާއެކީ އަޒާންގެ އުޅުމަށް ނޭދެވޭ ބަދަލުތައް އަންނަމުން ދިޔައެވެ. ހުދާއާއެކީ ހޭދަކުރަމުން ދިޔަ ވަގުތުތައް ގިނަވުމުން އޭނަ އާ ކަންތައްތަށް އުނގެނުމަށް ހޭދަކުރާ ވަގުތު ވެސް ވަރަށް ބޮޑުތަން މަދުވެގެން ގޮސްފައިވިއެވެ. ބޭރުފުށުން އޭނަ މިހާރު މުޅިންހެން ނަކަލު ކުރަމުން ދަނީ ސްކޫލްގައި އުޅޭ އެންމެ މަޝްހޫރު ކުދިންނެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ލާ ހެދުންތަކަށް ދާންދެން މިހާރު އޭނަ އެމީހުންނާއި އެއްގޮތެވެ. އެއީ އޭނައަށް އުނދަގޫ ގޮތަކަށް ވިޔަސް ސްކޫލަށް ދާއިރު އޭނަ ބެގީކޮށްފައި ވެސް ހުންނަނީ ހުދާއާއި ހުދާގެ އެކުވެރިން ރުހޭ ފަދަ ގޮތަކަށެވެ.

 

އޭނަގެ ވަށައިގެންވި މީހުން ރުއްސުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރިއެއްކަމަކު އަޒާންގެ ކިބައިގައި އަދިވެސް ބަދަލުނުވާ ދެކަމެއްވިއެވެ. އެއީ އޭނަގެ ވިސްނުމާއި އޭނަގެ ހިތުގައި ހިނގާ ޖަޒުބާތުތަކެވެ. އޭނައަށް އަދި ވެސް އޭނަގެ ވަށައިގެން ފެންނަ ހުރިހާ ކަމަކާމެދު ފުންކޮށް ވިސްނެއެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރަކީ ވަކިން ޚާއްޞަކޮށް އޭނަގެ ވިސްނުމަށް އިންޤިލާބެއް ގެންނަ ކަންތައްތަކެވެ. ކޮންމެ ދުވަހެއްގެ އިރު އޮއްސޭ ފަދައިން އޭނަގެ ޙަޔާތަށް ވެސް ނިމުމެއް އަންނާނެކަން ހަނދާންވާ ކޮންމެ ފަހަރަކު އޭނަގެ ހިތުގައި ކަންބޮޑުވުމެއް އުފެދެއެވެ. އެހެނަސް އޭނަ އެފަދަ ވިސްނުމެއްގައި ވަނިކޮށް ހުދާ ގުޅާ ކޮންމެ ފަހަރަކު އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތެއެވެ. އެހެނަސް އެ ބިރުވެރިކަން ދާއިމީ ގޮތެއްގައި އޭނަގެ ހިތުތެރޭގައި އަށަގެންފައިވި ފަދައެވެ. އޭނަ ކުރާ ކަންތައްތަކާއިމެދު އޭނައާ ސުވާލުކުރެވޭނެކަމަށް ހިތް ބުނާ ވަރުން ހުދާ އެދުނަސް އެރެއަށްފަހު އޭނައަށް ހުދާއާއި ގާތް ނުވެވެއެވެ. ހުދާއާއެކީ ރައްޓެހިވުމުގެ ގުޅުން އަދިވެސް ކުރިއަށް ގެންދަމުން ދިޔައީ މިއީ ޢާއްމުކަމަކަށް ވުމުން މިއީ “އެހާ ނުބައި” ކަމެއް ނޫންކަމުގެ ޢުޒުރު އޭނައަށް އަމިއްލަ ނަފްސަށް ދެވޭތީވެއެވެ. އޭގެ ހިތި ރަހަ އޭނަގެ ކަރު ބުޑުގައި ލާން އުޅޭ ދުވަސް ކައިރިވަމުން ދިޔަކަން އަޒާނަކަށް ރޭކާނުލައެވެ.

 

މިޑް ޓާރމް އިމްތިޙާނަށްފަހު ސްކޫލަށް ދާން އޮތް ފުރަތަމަ ދުވަހު އަޒާނަށް ހޭލެވުނީ 9 ޖެހި ފަހުންނެވެ. ގަޑި ފެނިފައި ކަންނެތް ކަމާއެކީ ތެދުވެލަމުން ސްކޫލަށް ނުދާން އަޒާން ނިންމިއެވެ. އެހެނަސް އޭނައަށް ލުއްކެއްޖަހައި ތެދުވެވުނީ ރޭ އޭނަ ފޭސްބުކަށް ޕްރޮފައިލް ޕިކްޗާރއެއްގެ ގޮތުގައި ލި ފޮޓޯގެ މަތިން ހަނދާންވުމުންނެވެ. އޭނަ ވަނީ ސްކޫލްގެ މަޝްހޫރު ބައިގަނޑުގެ ކުރިމަތީގައި އޭނަ ގަމީހެއް ނުލައި ހުރި ފޮޓޯއެއް ފޭސްބުކަށް ލުމަށް “ޑެއާރއެއް” ކޮށްފައެވެ. އެދުވަހު ގެއަށް ގޮސް އެފަދަ ގޮތަކަށް އަމިއްލަ ފޮޓޯއެއް ނެގުން ވެސް ވީ އަޒާން ލަދުގަންނަވަރުގެ ކަމަކަށެވެ. އެހެނަސް މި ލަދަކީ ވެސް އޭނަ “ކަޓު” ކުރުވާ ކަމެއްކަން ހަނދާންކޮށް އަޒާން އެ ލަދުގެ މަތިން ގަދަކަމުން ހަނދާން ނައްތާލަމުން ފޮޓޯ ނަގައި ފޭސްބުކަށްލިއެވެ. އަޒާނަށް އޭނަގެ އަމިއްލަ ފޮޓޯ ރީއްޗެއް ނުވިއެވެ. ރީތި ވީހީ އޭނަ ޓީވީއިން ފެންނަ ބިޔަ ފިރިހެނުން ފަދައިން ފުފިފައި ހުރިނަމަ ނޫންހެއްޔެވެ؟ ޕަބްލިކްކޮށް އެ ފޮޓޯ ޙިއްޞާ ކުރެވުމުން އަޒާންގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގީ މިއަށް މީހުން ބުނާނެ އެއްޗެއް ޔަޤީން ނުކުރެވުނީތީވެއެވެ. ދިމާވެދާނެ ބަހުގެ ޙަމަލާއެއްގެ ބިރުވެރިކަމުން އަޒާނަށް ވަގުތުން ލޮގް އައުޓް ވެވުނެވެ. އެހެނަސް މިއަދު ހެނދުނު އޭނަ ބިރުގަތީ ކޮންކަމަކަށްތޯ ބަލާލަން އޭނަ ކެތްމަދުވެފައިވިއެވެ.

 

އޭނައަށް ތަޢުރީފެއް ލިބިދާނެކަމުގެ ކުޑަ އުއްމީދަކާއެކީ އަޒާން ލޮގިންވީ ތަނާހެން މާ ގިނައިރެއް ނުވެ އޭނަގެ ޕްރޮފައިލް ޕިކްޗާރއަށް ލިބިފައިވި ކޮމެންޓްތައް އޭނައަށް ފެނުނެވެ. އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ އޭނައަށް މަލާމާތް ކުރާ މީހުންގެ ސަރުދާރު ކަމަށްވާ ސާޖިދު އޭނައާއި ދިމާލަށް އަމާޒުކޮށްފައިވި ނުބައި ބަސްތަކެވެ. އެއިން އަޒާންގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު ސްކޫލްގައި އުޅޭ އެހެނިހެން އަންހެން ކުދިންނާއި ހުދާގެ އެކުވެރިން ވެސް އޭނަގެ އެ ފޮޓޯއަކީ ސަމާސާއެއްގެ ގޮތުގައި ދެކި ވާހަކަ ދައްކާފައިވި ތަން ފެނިފައި އަޒާން ލަދުންގޮސް ހަލާކުވާވަރު ވިއެވެ. އެންމެ ބޮޑު ޝޮކެއް ލިބިގެން ދިޔައީ އެންމެ ފަހަތުގައި އޮތް ހުދާގެ ކޮމެންޓް ފެނިފައެވެ.

 

“މިކުއްޖާއާ އިންނާނެ އަންހެނަކު ބޭނުންވެއްޖެ. 100 އަހަރުން މަތި ވިޔަސް ހެޔޮ. ވެރީ ޑެސްޕަރޭޓް!” ހުދާގެ އެ ކޮމެންޓު ކިޔާފައި އަޒާންގެ ބޮލަށް އެނބުރުން އެރިއެވެ. މީގެ މާނަ ނަގަންވީ ގޮތް ޔަޤީން ނުވި ގޮތުން އަޒާންގެ ހިތަށް އިތުރަށް އުނދަގޫވިއެވެ. ސާޖިދުމެން ހުދާގެ ކޮމެންޓަށް ރިޕްލައިއެއްގެ ގޮތުން ބޭރުފުށުން އެމީހުން ހުތުރުކަމަށްދެކޭ މީހުންގެ ފޮޓޯތައް ޙިއްޞާ ކުރުމުން ހުދާ ހެވިފައިހުރި އިމޯޓިކޯންތައް ޙިއްޞާކޮށްފައިވިތަން ފެނިފައި އަޒާންގެ ބުމަގޮށްޖެހުނެވެ. މިކަން ސާފު ކުރުމަށްޓަކައި އޭނައަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ.

 

ގޭގެ ކާރުގައި ސްކޫލަށް ގޮސް އަޒާން ވަގުތުން މިޞްރާބުޖެހީ ސްކޫލްގެ ކެންޓީނާއި ދިމާލަށެވެ. މިއީ އިންޓަވަލް ގަޑިއަށްވެފައި މިވަގުތު ހުދާ ހުންނާނީ ކެންޓީންގައިކަން ޔަޤީން ކުރެވުނީތީވެއެވެ. ކެންޓީނަށް ގޮސް ވަތްތަނާހެން އަޒާނަށް ހުދާ ފެނިގެން ދިޔައީ ސާޖިދުގެ ބައިގަނޑާއެކީ އެމީހުން އަބަދު އިށީންނަ މޭޒުދޮށުގައި އިންދައެވެ. އަޒާންގެ ގާތަށް އައިސްފައިވި ރުޅިއެއްގެ ސަބަބުން އޭނަ ޖެހިލުމެއްނެތި އެމީހުންގެ ކައިރިއަށް ދިޔައެވެ. އޭނަ އެމީހުންނާއި ކައިރިވީވީހެން ހުދާ އަޒާން ފެނިފައި ހުރިހާ ދަތްތައް ދައްކާލިއެވެ.

 

“އޮހް! ހިއާރ ކަމްސް ދަ ގްރޭޓް ސުޕާރމޭން.” ހުދާ ރާގަކަށް އެހެން ބުނެލި ތަނާހެން އެމޭޒުދޮށުގައި ތިބި އެންމެން ބާރަކަށް ހޭންފެށިއެވެ. އެއިން ކެންޓީންގައި ތިބި އެންމެންގެ ނަޒަރުތައް އެދިމާލަށް ދަތުރުކުރިއެވެ. އަޒާން އެމީހުންނަށް ވަކިވަކިން ބަލާލުމަށްފަހު އަނެއްކާވެސް ހުދާއަށް ބަލާލިއެވެ.

 

“ހުދާ ވާއި؟” އަޒާން އޭނަގެ އަޑަށް ބާރު ލާފައި މާޔޫސީ ގޮތަކަށް އަހާލިއެވެ. އެއާއެކު ސާޖިދުގެ އެކުވެރިޔަކު އޭނަގެ ވާހަކައާއި ގުޅުވައިގެން ލަވައެއްގެ ތަންކޮޅެއް ކިޔާލިއެވެ. އެވެސް ވެގެން ދިޔައީ ކެންޓީންގައި ތިބި ގިނަ ބަޔަކު ހެއްވާލި ކަމަކަށެވެ. އަޒާން އެއަށް ފަރުވާލެއްނެތި ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޖަސްޓް ޓެލް މީ! ހުދާ ކުއްލިއަކަށް ތިގޮތަށް ކަންތައްކުރުމުގެ ފަހަތުގައި ސަބަބެއް އޮންނާނެ. އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް؟” އަޒާން އަވަސްއަވަހަށް އަހާލިއެވެ. އެއާއެކު ހުދާ ނުރުހުންވެގެން ދިޔަ މޫނަކާއެކީ ކުއްލިއަކަށް ކޮޅަށް ތެދުވެލައިފިއެވެ.

 

“ލޯބިވާ ކަމަށް ދަޢުވާ ކުރާ މީހާއަށް ނޭނގޭ އޭނަގެ ކައިރީގަ ހުރި މީހާ އޭނަދެކެ ލޯބިނުވާއިރު ވެސް. އަޑުއަހާ! މަ ދުވަހަކުވެސް ކަލޭދެކެ ލޯތްބެއްނުވޭ. ނުވެސް ވާނެ. އަހަރެން އެރޭ ހާމަ ކުރީ ޙަޤީޤަތް. ކަލޭ އަނބުރާ އައީ ކަލޭގެ މޮޔަކަމުން. މަ ބޭނުންވީ ބަދަލު! މަށަށް އައިމަން ނުލިބުމުގެ ބަދަލު. އައިމަން މަށާ ރައްޓެހިނުވީ ހަމައެކަނި ކަލެއާހެދި. ކަލޭ މަދެކެ ލޯބިވާތީއޭ ކިޔާފަ. ޗި! މަ ބޭނުމެއްނޫން ތިކަހަލަ…….” ހުދާ ދެން ކިޔަންފެށީ މުޅިންހެން ނުބައި ބަސްތަކެވެ. ދައްކަން ފެށީ ގޯސްވާހަކަތަކެވެ. އަޒާންގެ ފިރިހެންވަންތަ ކަމާމެދު ވެސް ސުވާލު އުފެދޭ ފަދަ ވާހަކަތަކެވެ. އެ ވާހަކަތައް އަޑުއަހަން އަޒާނަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ހުދާ ދައްކަމުން ދިޔަ ވާހަކަތަކުން ވަށައިގެން ތިބި އަންހެން ކުދިން ވެސް ހިނިތުންވުންތައް ފޮރުވަމުން ސިއްރު ވާހަކަތައް ދައްކަން ފެށި ގޮތުން އަޒާނަށް ދުވަހަކުވެސް އިޙްޞާޞް ނުކުރެވޭ ފަދަ ނިކަމެތިކަމެއް އިޙްޞާޞް ކުރެވުނެވެ. ވަކި ހިސާބަކުން އޭނައަށް ހުދާ ދައްކަމުން ދިޔަ ވާހަކަތަކަށް ވެސް ސަމާލުކަމެއް ދެވޭ ގޮތެއްނުވިއެވެ. އޭނަގެ ޙަޔާތް މިފަދަ ފައްތަރަކަށް އަންނަން ޖެހުނީ ކީއްވެތޯ އޭނައަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެން ފެށިއެވެ. ހުދާ ވަކި ހިސާބަކުން ވާހަކަ ހުއްޓައި އޭނަ ގާތު ދިޔުމަށް ނުހަނު ބާރަށް އަމުރު ކުރުމުން އަޒާން އިތުރު އެއްޗެކޭ ނުބުނެ ފަހަތަށް ޖެހުނެވެ. އެވަގުތު އޭނަ އެއްޗެކޭ ބުނުމުން އެއްވެސް ފައިދާއެއް ކުރާނެކަމުގެ އުއްމީދެއް ނެތުމާއެކު އެއްޗެކޭ ބުނަން އޭނަގެ ހިތް ނޭދުނީތީވެސްމެއެވެ. ހުދާއަށް ފަސްދީފައި ދާން ހިނގައިގަތް ވަގުތު އަޒާން އޭނަގެ އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެނބިގަތެވެ. މިއީ އަބަދުވެސް އޭނަގެ އާދައެވެ. މައްސަލައެއް ދިމާވުމުން މި މައްސަލަ އޭނައަށް ކުރިމަތިވާންޖެހުނު މައިގަނޑު ސަބަބާއި ހަމައަށް ނުދެވެނީސް އޭނައަށް ހުއްޓުމެއްނެތި ވިސްނޭނެއެވެ. ސްކޫލްގައި އިތުރަށް މަޑުކުރުމެއްނެތި ގޭގެ ޑްރައިވަރަށް ގުޅާލަމުން އޭނަ ގެއަށް ދިޔައީވެސް އަމިއްލަ ޚިޔާލުތަކާއެކީ އެކަނިވުމަށެވެ.

 

 

ގެއަށް ދިޔަގޮތަށް މިހާރުގެ އާދައިގެ މަތިން އަޒާން ގޭގައި ހުރި ރަޝީދައްތަގެ އެއްވެސް ސުވާލަކަށް ޖަވާބެއް ދިނުމެއްނެތި ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު އޭނައަށް މިފަދަ ޙާލަތްތަކުގައި އިށީންނަން އެންމެ ކަމުދާ ތަން ކަމުގައިވާ އެނދުގެ ކައިރިން ބިންމަތީގައި އިށީނދެވުނެވެ. ދޮރުގައި އެތައް ފަހަރަކު އެކި މީހުން ޓަކި ދިން އަޑު އިވުނެއްކަމަކު އަޒާން ކަހާތަން ހިރިވެސް ނުލައެވެ. ރުޅިން ރަތްވެފައި ހުރި އައިމަން ގެއަށް އައީވެސް އަޒާން އެ އިންގޮތަށް އިންދައެވެ.

 

“ޒާން އަހަރެން ކައިރި ނުބުނެ އެ ޑެއާރޔާ އެއްގޮތަށް ކަންތައް ކުރީ ކީއްވެ؟ އެމީހުން ހިތުން މާ މޮޅުކަމެއް ކުރެވުނީ. މިއަދު އެ ހުދާ އެކަމަށްޓަކައި ސަސްޕެންޑު ކުރެވިއްޖެ. އަދި އެ ސާޖިދުމެންނަށް ވެސް ކުޅި ދައްކާލާނަން! ދެންވެސް މި ދޮރު ހުޅުވަބަލަ!” ބޭރުން ވާހަކަ ދެއްކި އައިމަން ގޮތް ދޫނުކުރުމުން އަޒާން އެންމެ ފަހުން ގޮސް ދޮރު ހުޅުވިއެވެ. އަދި އައިމަނަށް ވާހަކަ ދެކެވުމުގެ ކުރިން ވާހަކަ ދެއްކިއެވެ.

 

“އެމީހުންގެ ކިބައިން ބަދަލު ހިފައިގެން ލިބޭނެ ފައިދާއެއްނެތް. އައި ޑޯންޓް ނީޑް ހެލްޕް. ލީވް މީ އެލޯން!” އަޒާން ހިސާބެއްގެ ހަރުކަށިކަމަކާއެކީ އެހެން ބުނެ ބާރަށް ދޮރު ލައްޕާލީ އޭނަގެ ސީރިއަސްކަން އައިމަނަށް އިޙްޞާޞް ކޮށްދިނުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެއަށްފަހު އޭނައަށް އައިމަންގެ އުނދަގުލެއް ނުފޯރައެވެ.

 

ދުވާލުގެ ގަޑިއިރުތައް ވޭތުވަމުން ދިޔައީ އަޒާން އޭނަގެ ކޮޓަރީގެ އެނދުމަތީގައި އިންދައެވެ. އެއީ ވަކި އޭނަ ހުދާއާއި މެދު އާވާރާވެފައިވީތީވެއެއްނޫނެވެ. ހުދާއާއި ވަކިވި ކަމަށްޓަކައި އޭނަ މާ ބޮޑު ދެރައެއް ނުވެއެވެ. އެކަންވެސް ވެގެން ދިޔައީ އަޒާން ޙައިރާން ކުރުވިކަމަކަށެވެ. އޭނަ އެމާމެދު ދެރަނުވަނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. މީގެ މާނައަކީ އޭނައަށް ދުވަހަކުވެސް ހުދާދެކެ ޙަޤީޤަތުގައި ލޯބިނުވެވޭކަން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަޒާނަށް އޭނަ ވިސްނި ވިސްނުމުން ލިބުނެވެ. އާނއެކެވެ. އޭނަ ލޯބިވީ ހުދާދެކެއެއް ނޫނެވެ. އަމިއްލަ ނަފްސުދެކެއެވެ. އޭނަ ހުދާ އެންމެ ފުރަތަމަ ވެސް ބޭނުންވީ އަމިއްލަ ބޭނުމަކަށެވެ. އަމިއްލައަށް ހޯދަން ޖެހިލުންވެފައިވާ ކަމެއްގެ އެހީއެއްގެ ގޮތުންނެވެ. އޭނަ ހުދާއާއި ރައްޓެހިވާން ބޭނުންވީ އެހެން ފިރިހެން ކުދިންހެން “ގަދަ” މީހަކަށްވުމަށެވެ. ވަކި ހުދާއާއި އަޅާލައި ލޯބިދިނުމަށްޓަކައެއްނޫނެވެ. މިފަދަ ޚިޔާލުތައް އަޒާންގެ ސިކުނޑީގައި ދައުރުވާން ފެށި ވަގުތު އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ހިތަކީ މިހާ ހަރު އެއްޗެއްކަމެއް އޭނަ ކުރިން ނުދެނެ ހުއްޓެވެ. އެ ހިތް މަޑު ކުރުމަށްޓަކައި ކުރާނީ ކީއްތޯ ހިތަށް އެރި ހިނދު ނޭނގޭ ސަބަބަކާހުރެ އަޒާނަށް ކޮޓަރީގެ ކުޑަދޮރާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. އެ ކުޑަދޮރުގެ ބޭރުން ފެނިގެން ދިޔައީ އެގޭގެ ބިއްދޮށުގައި އޮންނަ ބަގީޗާގެ ފެހިކަމާއި ހަވީރުގެ އެ ވަގުތު އަޅި ވިލާތަކުން ފުރި ބާރުވެފައިވި އުޑެވެ. އެދިމާލަށް ބަލަން އިނދެފައި އަޒާން ކޮޅަށް ތެދުވެ ލަސް ހިނގުމެއްގައި ގޮސް ހުޅުވިފައިވި އެ ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު މައްޗަށް ބަލާލީ އޭނަ އެއާއިމެދު އަބަދުވެސް އަޖާއިބުވެފައިވި އުޑު ދެކިލުމަށްޓަކައެވެ.

 

އަޒާންގެ ހަނދާނަށް އަންނަން ފެށީ ކުޑައިރުއްސުރެ އޭނައަށް ކުރެވެމުންދާ ޚިޔާލުތަކެވެ. މި ބޮޑު މާ ސިންގާ އުޑު އެންމެންގެ ބޯމައްޗަށް ނުވެއްޓި ހުރި ގޮތަށް އެ ހުންނަނީ ކީއްވެބާއޭ އޭނަގެ ހިތް ސުވާލުކުރެއެވެ. އުޑު ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ލޮޅުމެއް އަންނަނީ އެ ސުވާލުގެ ސަބަބުންނެވެ. ބޮޑުވަމުން އައި ވަރަކަށް ހުރިހާ ތަކެއްޗެއް އުފައްދަވައި އެތަކެތި ބަލަހައްޓަވަނީ ﷲ ކަން އަޒާނަށް ދަސްވިއެވެ. އުޑުވެސް އެގޮތުގައި ދަމަހައްޓަނީ ﷲ ކަން އެނގުނު ދުވަހު ﷲ ގެ ކުޅަދުންވަންތަކަން އަޒާނަށް އިޙްޞާޞްވިއެވެ. ހަމަ މިއާއެކު އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް ވަށޭ ވަޙީ ކުރެއްވުމުން ވާކަން އެނގުނު ދުވަހު އަޒާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރުމެންނަށް ހުރިހާ އެއްޗެއް ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަލާނގެ ބޭނުން ހިނދަކު ނުހަނު ފަސޭހައިން އަހަރުމެން ސުންނާފަތި ކުރެވިދާނެކަން އެނގުންވުމުން އޭނަ އިންތިހާއަށް ބިރުގަތެވެ. އޭނައަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވެން ފެށީ އެދުވަސްފަހުންނެވެ. އެ ދުޢާތައް އިޖާބަވާހެން އަޒާނަށް ހީވީ އޭނަ ބިރުވެރިކަމާއެކީ އިންތިޒާރު ކުރަމުން އައި ﷲ ގެ ޢަޒާބު އޭނައަށް ނުފެނުމުންނެވެ. އެކަލާނގެ ހެއްދެވި އުޑުގެ ދަށުގައި އެކަލާނގެ ފެތުރުއްވި ބިންމަތީގައި ނުބައި ކަންތައް ކުރެވެމުން ދާއިރު ވެސް އޭގެ ބަދަލެއްގެ ގޮތުން އެކަލާނގެ އެއްވެސް ބޮޑު ކަމެއް ނުފޮނުވާކަން އެނގުންވާ ކޮންމެ ފަހަރަކު އަޒާންގެ ހިތަށް ޙައިރާންކަމެއް ވެރިވެއެވެ. ބިސްމީގައި އެވާ ﷲ ގެ ރަޙްމަތަކީ މިއީތޯ އޭނަގެ ހިތަށްއަރައެވެ. ހަމަ އެއާއެކު އެކަލާނގެ އަޅުތަކުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވާ މިންވަރު ވެސް އަޒާނަށް އިޙްޞާޞް ކުރެވުނެވެ. އެ ލޯބިފުޅުގެ ބަދަލުގައި އޭނައަށް ކުރެވޭނީ ކޮންކަމެއްތޯ އަޒާންގެ ހިތް ތަކުރާރުކޮށް ސުވާލުކުރެއެވެ.

 

އެވަގުތު ކޮޅުވެސް ހިތަށްވެރިވި އެ ސުވާލާއެކީ އުޑާއި އެކީ އޭނަގެ ކުރިމަތީގައިވި ﷲ ހައްދަވާފައިވާ ފެހި ވިނަތަކާއި ގަސްތަކަށް ވެސް އަޒާނަށް ނަޒަރު ހިންގާލެވުނެވެ. އޭގެ މާ ގިނައިރެއްނުވެ ބޯކޮށް ވާރޭ އޮއްސިގަތެވެ. ވާރޭގެ ތިކިތަށް އޭނަގެ މޫނަށާއި ގަޔަށް ވެސް ބުރަން ފެށިއެއްކަމަކު އަޒާން ދުރުވާކަށް ނުއުޅުނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ވާރޭގެ ތިކިތަކުން ފެންވެރެމުން ދިޔަ ކުދި ކުދި ގަސްތަކަށެވެ. މާ ގިނަ ދުވަހެއް ނުވެ މި ވާރޭގެ ސަބަބުން އެ ގަސްތައް ބޮޑުވާނެކަން ވިސްނުމުން ވެސް އަޒާނަށް ﷲ ގެ ކުޅަދުންވަންތަކަން އިޙްޞާޞް ކުރެވުނެވެ. އެކަލާނގެ ކޮންމެ އެއްޗެއް ވެސް ލައްވަވާފައިވަނީ ވަކި މަޤްޞަދަކަށްޓަކައިކަން އަޒާނަށް ހިތުގެ އެންމެ ފުންމިނުން ޤަބޫލު ކުރެވުނެވެ. އެކަލާނގެ އުފައްދަވާފައިވާ އުޑާއި ބިން އެކީގައި ގުޅިގެން މި މަސައްކަތްކުރަމުން ދަނީ ވެސް ހާދަ ފުރިހަމައަށެވެ. ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ.

 

ނުނިމޭ

The post Asr (Part 55) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-55/feed/ 0 854
Asr (Part 54) https://blog.storiesbyjana.com/asr-part-54/?utm_source=rss&utm_medium=rss&utm_campaign=asr-part-54 https://blog.storiesbyjana.com/asr-part-54/#respond Fri, 23 Apr 2021 11:27:14 +0000 https://blog.storiesbyjana.com/asr-part-53-copy/

"މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ." ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ […]

The post Asr (Part 54) appeared first on Stories by Jana.

]]>

“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ ބެލުމަށްޓަކައި މެހެނާޒް އޭނަގެ އެކުވެރިޔަކަށް ގުޅިއެވެ. އަދި ޔާސިރު މިނިވަންވީތޯ ސުވާލުކޮށް އެކަން ސާފުކޮށް ދިނުމަށް އެދުނެވެ. މެހެނާޒަށް އެނގުނު ގޮތުގައި އޭރުވެސް ޔާސިރު މިނިވަނެއް ނުވެއެވެ. އެއާއެކު ލިބުނު ހިތްހަމަޖެހުމާއެކީ އޭނަ ހިތުން ރުހުމުން މަންމަމެން ފުރުވަން ދިޔައީ، މަންމަމެން އަންނަން ދެން ވެސް ޔާސިރު އޮންނާނީ ކުޑަ ގޮޅިއެއްގެ ތެރޭގައި ކަމަށް ނިންމަމުންނެވެ.

 

މަންމައާއި ބައްޕަ ދިޔުމުން މެހެނާޒް އޭނަގެ ގިނަ ވަގުތުތައް ހޭދަކުރަން ފެށީ އޭނަގެ 9 އަހަރުގެ ކޮއްކޮ ކަމަށްވާ ޝިޔާއާއި އެކީގައެވެ. ޝިޔާ އުފަންވިތާ 5 އަހަރުފަހުން މެހެނާޒް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާތީ ޝިޔާއާއި އޭނައާއި މެދު މާ ބޮޑު ގުޅުމެއް ބަދަހިވެފައެއްނެތެވެ. އެހެންކަމުން ދެމީހުންގެ ދެމެދުގައި އޮތް ދުރުކަން މެހެނާޒް ފިލުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އެ މަސައްކަތްވެސް އޭނަ ކުރީ އޭނަގެ ޙަޔާތުގައި އޭނައަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތަށެވެ. އޭނަ ވީހާވެސް ވަރަކުން ޝިޔާއަށް ﷲ މަތިން ހަނދުމަކޮށްދެމުން ދިޔައެވެ. ﷲ ގެ ރަޙްމަތަށް އެދޭ ޙާލު ފާފަތައް ފުއްސަވައި ސުވަރުގެ ވައްދަވައި ދެއްވުމަށް އެދި ދުޢާ ދެންނެވުމަށް މެހެނާޒް ކޮންމެ ނަމާދަކަށްފަހު ޝިޔާއަށް ހަނދާން ކޮށްދެއެވެ. އޭގެއިން ކޮންމެ ފަހަރަކު ޝިޔާ މައުސޫމްކަމާއެކީ އޭގެއިން ކޮންމެ ނަޞޭޙަތެއްގައި ހިފާގޮތުން މެހެނާޒްގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. އޭނަގެ ކޮއްކޮއަކީ އޭނައާއި ޚިލާފަށް ޒުވާން ޢުމުރު ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް ހޭދަކުރާ ކުއްޖެއްކަމުގައި ލެއްވުމަށް އެދި މެހެނާޒް ދުޢާ ކުރިއެވެ.

 

ޝިޔާގެ ޅަ ޢުމުރުގައި ވެސް އޭނަގެ ފަރާތުން ފެންނަމުން ދިޔަ ތެދުވެރިކަމާއި އަމާނާތްތެރިކަން ވެސްވެގެން ދިޔައީ މެހެނާޒްގެ ހިތް އުފަލުން ފުރާލަދިން ކަމަކަށެވެ. އޭނަ ވިސާމަށްޓަކައި ލިޔާ ސިޓީ ޝިޔާއަށް ދައްކަން ބޭނުން ނުވާކަން އޭނަ ޝިޔާއަށް އެންގީއްސުރެ ޝިޔާ އެއަށް ނުވެސް ބަލައެވެ. އޭނަ ޝިޔާ އިމްތިޙާނު ކުރުމަށްޓަކައި ސިޓީ ކޮޓަރީގައި ބާއްވާފައި ކޮޓަރިން ދިޔުމުން ވެސް ޝިޔާ އެއާއި ކައިރިވެސް ނުވެ އަމިއްލަ މަސައްކަތެއްގައި ހުރެދާނެއެވެ. އޭގެ ބަދަލެއްގެ ގޮތުން މެހެނާޒް ޝިޔާއަށް އެ ސިޓީ ހަދިޔާ ކުރަން ނިންމިއެވެ. އެ ސިޓީއަކީ އޭނަ ވިސާމަށްޓަކައި ލިޔާ ސިޓީއަކަށް ވިޔަސް އޭގައި ހިމެނިފައިވި ނަޞޭޙަތްތަކުން ޝިޔާއަށް ވެސް ފައިދާއެއް ކުރާނެހެން އޭނައަށް ހީވީތީވެއެވެ. އަދި ޝިޔާ އަމާނާތްތެރިކަމާއެކީ އޭތި ވިސާމާއި ހަމައަށް ފޯރު ކޮށްދޭނެކަން ވެސް ޔަޤީން ކުރެވުނީތީވެއެވެ. އޭނަ ދެންވެސް ސިޓީ ލިޔަމުން ދިޔައީތީ އެ ވާހަކަ ޝިޔާ ގާތު ބުނުން އޭނަ ލަސްކުރިއެވެ.

 

އެއްވެސް މައްސަލައެއް ނުޖެހި އޮމާންކަމާއެކީ ދުވަސްތައް ފާއިތުވަމުން ދަނިކޮށް ޙަރީފު މޫސުމުގެ ބާރު ވައިރޯޅިއެއް މެހެނާޒްގެ ޙަޔާތަށް އައީ، އެއްދުވަހަކު އޭނަގެ އަންހެން އެކުވެރިޔަކު އޭނަގެ އެޕާޓްމެންޓަށް ޒިޔާރަތް ކުރުމުންނެވެ.

 

“ނާޒް ވަރަށް އަވަހަށް މީތި ބަލާލަބަލަ.” މެހެނާޒް ދޮރު ހުޅުވުމާއެކު އެ އެކުވެރިޔާ އެޕާޓްމެންޓަށްވަދެ އަތުގައި އޮތް ފޯނުގެ ސްކްރީނު މެހެނާޒަށް ދައްކާލިއެވެ. އެއާއެކު މެހެނާޒްގެ ދެލޯ ބޮޑުވިއެވެ. އެ ލޯ ކުރިމަތިން ފެންނަމުން ދިޔައީ މީގެ މަސްތަކެއް ކުރިން ލީކްވި އޭނަގެ ވީޑިޔޯއެއް ކަހަލަ އެހެން ވީޑިޔޯއެކެވެ. އެ ވީޑިޔޯގައި އޭނަ ވީ ޔާސިރާއި އެކީގައެވެ. ވީޑިޔޯގައި ހުރީ އޭނަކަން ޔަޤީންވީ ވަގުތު މެހެނާޒަށް ލަދުވެތިކަމާއެކީ ދެލޯ މަރައި ތަގުޅި ކޮށްލަމުން މޫނު އަނބުރާލެވުނެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެ އެސްފިޔަތައް ތެމި އޭނައަށް ރޮވެން އުޅުނެވެ. ޙަޔާތުގައި މަދު ދުވަސްކޮޅެއް ބާކީވެފައި އޮތްވާ މިފަދަ ގޮތަކަށް އޭނަ ބަދުނާމު މިވަނީ ކީއްވެ ހެއްޔެވެ؟ އޭނަ ފާފަވެރިވާނެ ފަދަ ގޮތަކަށް މުޅި ދުނިޔެއަށް އޭނަ ފަޟީޙަތްވަނީ ކީއްވެ ހެއްޔެވެ؟ އޭނަ ފާފަތައް ފޮހެވުމުގެ ބަދަލުގައި އެ ފާފަތައް ހަމަ އިތުރުވަމުން ދަނީ ހެއްޔެވެ؟ މިއީ އޭނަ ހަމަ އެހާ ގޯސް މީހަކަށް ވުމުގެ ސަބަބުން ﷲ ގެ ޙަޟްރަތުން އޭނައަށް ފާފަ ފުއްސެވުން ނުލިބޭނެކަމުގެ ނިޝާނެއް ހެއްޔެވެ؟ އެވަގުތުކޮޅު ހިތަށް ވެރިވި ސުވާލުތަކުން މެހެނާޒަށް އޭނަގެ އެކުވެރިޔާއާއި ވެސް ވާހަކައެއް ނުދައްކައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލެވުނެވެ.

 

ކޮޓަރީގެ ތެރޭގައި ބަންދުވެގެން އިނެއްކަމަކު އޭނަ ކުރި އެ ފާޙިޝް ޢަމަލު ބިރުވެރި ހުވަފެނެއްގެ ސިފައިގައި މެހެނާޒްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނަގެ ސަބަބުން އެ ގެއްލުން ލިބިގެން ދިޔައީ އަނތްބަކަށާއި ތިން ކުދިންނަށް ކަން އެނގުންވުމުން އޭނަގެ ހިތް އިތުރު ނާއުއްމީދީ އިޙްޞާޞްތަކުން ފުރިގެން ދިޔައެވެ. ﷲ ގެ ރަޙްމަތުން އަނެއްކާވެސް އުއްމީދު ކަނޑާލެވެން ހިތް އެދެމުން ދިޔައެއްކަމަކު އޭނަ އަނެއްކާވެސް ﷲ ގެ ހަނދުމައިން ދުރުވެގެން ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނަ ކޮންމެވެސް މީހެއްގެ އެހީ ހޯދަން ބޭނުންވިއެވެ. ދީނީ ޢިލްމުވެރިއެއްގެ ފަރާތުން ލިބޭނެ އެހީ މި ޙާލަތުގައި ވަރަށް ފުރިހަމަ ވާނެއޭ ހިތައި މެހެނާޒް އެރޭ އޭނަ އުޅޭ އެޕާޓްމެންޓްގެ ކައިރީގައި ހުންނަ މިސްކިތުގައި އޮތް ދަރުހަކަށް ދިޔައެވެ.

 

އެ ދަރުސް ދެނީ ވަރަށް ފަހަކަށް މަޝްހޫރުވެގެން ދިޔަ ޢިލްމުވެރިއެއްކަމަށްވާ މަންސޫރުކަން އެރޭ ތަރާވީޙަށް ދިޔަ ދައްތަމެންގެ ވާހަކަތަކުން މެހެނާޒަށް އެނގުންވިއެވެ. އަންހެނުންގެ ބައިގައި އިނދެ މެހެނާޒް ވެސް މަންސޫރު ދިން ދަރުސް އަޑުއެހިއެވެ. ނޭނގޭ ސަބަބަކާހުރެ އެހެން ދަރުސްތަކާއި ޚިލާފަށް އެ ދަރުހުން މެހެނާޒްގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރިއެވެ. އެ ދަރުސް ދިން މީހެއްގެ އަޑުން މުޅިން ވެސް މެހެނާޒަށް އިޙްޞާޞް ކުރެވުނީ ރުޅިވެރިކަމާއި ނުރުހުންތެރިކަމެވެ. އިވިގެން ދިޔައީ އޭނައާއި މެދު އަޅާލާ މީހަކު ދިން ނަޞޭޙަތެއްކަން ޤަބޫލުކުރަން މެހެނާޒަށް ދަތިވިއެވެ. ކޮންމެއަކަސް ދަރުހަށްފަހު މެހެނާޒް މަންސޫރާއި ބައްދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. މެހެނާޒަށް މަންސޫރާއި ވާހަކަ ދެކެވޭ ގޮތްވީ މަންސޫރު މިސްކިތުން ނިކުންނަން ދިޔަ މަގުމަތީގައި މެހެނާޒް “ޝެއިޚް”އޭ ކިޔައި ގޮވާލުމުންނެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް މަންސޫރު މަޑުކޮށްލަމުން އޭނައަށް ބަލާލިއެވެ. މަންސޫރު އޭނަގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލާލި ގޮތުން އުނދަގުލެއް ވެގެން މެހެނާޒަށް އިސްޖަހާލެވުނެވެ. އެހެނަސް ހިތުގައިވި އުދާސެއްގެ ސަބަބުން އޭނަ ﷲ މަތިން އަނެއްކާވެސް ހަނދުމަ ކުރުމަށްޓަކައި އެހީ ބޭނުންވި މިންވަރުން އޭނަ ދެންވެސް އިސްނެގިއެވެ.

 

“ޝެއިޚް، އަ….އަޅުގަނޑަށް އެހީވެދީ. އަޅުގަނޑަށް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވެނީ. އަނެއްކާވެސް ﷲ ގެ ހަނދުމައިން ދުރުވެގަންނަން ހިތް އެދެނީ. އަޅުގަނޑަށް ނަޞޭޙަތެއް ދެއްވަފާނަންތޯ؟” މެހެނާޒް އޭނަގެ ކައިރިން ފިރިހެނުން ހިނގަމުން ދިޔަ އެ މާޙައުލުގައި އުނދަގޫވެފައިވި ހިތަކާއެކީ ވާހަކަ ދެއްކިއެވެ.

 

“ތިއީ……ވިސާމްގެ އަންހެނުންތަ؟” މަންސޫރު ދެބުމަ ކައިރި ކޮށްގެން ހުރެ ކޮށްލި ސުވާލުން މެހެނާޒްގެ ހިތަށް އިތުރަށް ދަތިވުން ނޫންކަމެއް ނުވިއެވެ. މި ވަގުތުކޮޅު އަވަހަށް ނިމެން ބޭނުންވި މިންވަރުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ޝެއިޚް، އަޅުގަނޑާއި ވަކިން ބައްދަލުކުރެވިދާނެތޯ އެހެން ރެއެއްގަ؟ އަޅުގަނޑު ވަރަށް ބޭނުން ނަޞޭޙަތްކޮޅެއް.” މެހެނާޒް ރޮވެން ކައިރިވެފައި ހުރެ އަވަސްއަވަހަށް ބުނެލިއެވެ. އޭނަ “ވަކިން ބައްދަލުކުރުން” މާނަ ކުރީ އެހެން ރެއެއްގެ ދަރުހަކަށްފަހު ފިރިހެނުން ނުތިބޭ މާޙައުލެއްގައި ބައްދަލުކުރާ ވާހަކައެވެ. އެހެނަސް……..

 

“އެންމެ ރަނގަޅު…..ތި އުޚްތާގެ އެޑްރެސް ބުނެލަ ދީފިއްޔާ އަޅުގަނޑު އެ އެޑްރެހަށް ގޮސްދީފާނަން.” މަންސޫރު ބުނެލި ވާހަކައިން މެހެނާޒް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ޝެއިޚް އޭނަގެ ގެއަށް އަންނަން އުޅެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ޝެއިޚް އެހެން ބުނާނީ އޭނައަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައޭ ހިތައި މެހެނާޒް އޭނަގެ އެޑްރެސް މަންސޫރަށް ކިޔައި ދިނެވެ.

 

އޭގެ އަނެއްދުވަހުގެ ރޭ މެހެނާޒް އޭނަ އިންތިހާއަށް ބޭނުންވެފައިވި ނަޞޭޙަތްކޮޅުގެ އިންތިޒާރުގައި އިންދާ އެޕާޓްމެންޓްގެ ބެލްގެ އަޑު އިވުނެވެ. މެހެނާޒް ލިބުނު އުފާވެރިކަމާއެކީ އެ ދޮރު ހުޅުވިއެވެ. އޭނަ އުއްމީދު ކުރި ގޮތަށް މަންސޫރު ސަލާމް ގޮވާލަމުން އޭނަގެ ހުއްދައާއެކީ އެޕާޓްމެންޓްގެ ތެރެއަށްވަނެވެ. މެހެނާޒް ހީކުރީ މަންސޫރު އޭނަގެ ކުރިމައްޗަށް ވާ ގޮތަށް އިށީނދެ އޭނަގެ އޭނައަށް ކިހިނެއްވީތޯ އަހާނެ ކަމަށެވެ. ނަމަވެސް މަންސޫރު ދެންވެސް ކޮށްލީ ވިސާމާއި ގުޅޭ ސުވާލެކެވެ.

 

“ތިއީ ވިސާމްގެ އަންހެނުންކަން ޔަޤީން. ކީއްވެ އޭނައާއި ވަކިން ތިއުޅެނީ؟” މަންސޫރުގެ އެ ސުވާލުން މެހެނާޒްގެ ހިތުގައިވި ޒަޚަމްތަކުގައި ވޭން އެޅިއެވެ. މަންސޫރު އެ ސުވާލު ކުރީތީވެސް ހިތުގައި ޝަކުވާ އުފެދުނެވެ. އެހެނަސް މަންސޫރު އެ ސުވާލުވެސް ކުރީ އޭނަގެ ޙާލަތް ރަނގަޅަށް ދެނެގަންނަން ކަމަށް އަމިއްލަ ނަފްސު ގާތު ބުނެ މެހެނާޒް ރަނގަޅަށް ވިސްނޭތޯ މަސައްކަތް ކުރިއެވެ.

 

“ވިސާމް މީގެ ދުވަސްތަކެއް ކުރިން ވަނީ އަޅުގަނޑު ވަ…..ވަރިކޮށްފަ. އެއީ އަހަރެންގެ ކުށުން އެގޮތަށް ކަންތައްވީ. ވިސާމް ވަރަށް މަސައްކަތް ކުރި އަހަންނާއެކީ އުޅެވޭތޯ. އެކަމަކު އަހަންނަށް އެ ފުރުޞަތު ފަހިކޮށްނުދެވުނީ.” މެހެނާޒް މާޔޫސީ ގޮތަކަށް ކިޔައިދިނެވެ. އެ ވާހަކަ އިވިފައި މަންސޫރު ޗޮއްކަނޑަން ފެށިއެވެ. މެހެނާޒަށް ދެބުމަ ކައިރިކޮށްލަމުން އޭނައަށް ބަލާލެވުނީ ޤަބޫލުވެސް ކުރަން ދަތިވެފައި އިނދެއެވެ.

 

“ހާދަ ދެރައޭ. ތިއޮތް ޅަ ޢުމުރުގަ ތިހިރީ އެކަނިވެރިވެފަ. ދުވަހަކުވެސް ބޭނުމެއްނުވޭތަ ލޯތްބަކަށް؟” މަންސޫރު އެހެން ބުނެލި ހިނދު އޭނައަށް ބަލަން އިން ނަޒަރުން މެހެނާޒްގެ މޭނުބައި ކުރާ ގޮތްވިއެވެ. އޭނައަށް މިފެންނަނީ ކޮންފަދަ މަންޒަރެއްތޯ އަމިއްލަ ހިތާއި ސުވާލު ކުރެވެމުން ދިޔައީތީ އޭނައަށް ޖަވާބެއްވެސް ދެވޭގޮތެއް ނުވިއެވެ.

 

“ޔަޤީން ބޭނުންވާނެކަން. އަހަންނަށް އެކަމަށް ޙައްލެއް ހޯދައިދެވިދާނެ.” މަންސޫރު އެހެން ބުނެ ނުލަފާ ހިނިތުންވުމަކާއެކީ ސޯފާއިން ތެދުވެލިއެވެ. މަންސޫރު އޭނައާއި ދިމާލަށް އަންނަން ފެށި ތަނާހެން މެހެނާޒަށް ތެދުވެލެވުނީ ކުއްލިއަކަށެވެ.

 

“ކައިރި ނުވާތި އަހަންނާ! ނިކުމެގެންދޭ މިގެއިން!!” މެހެނާޒް ދޮރާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ހަރު އަޑުން އަންގާލިއެވެ. އެވަގުތު އައިސްފައިވި ރުޅިއެއްގެ ސަބަބުން މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ.

 

“އައްދެ! ހާދަ ރުޅިއެކޭ……ތި ރުޅި ފިނިކޮށްލާ. ރުޅި އައިސްގެން ލިބޭނެ މަންފާއެއް ނެތް. މަ ބޭނުންކަމެއް މަ މިރޭ ޙާޞިލުކުރާނަން. ހެހެ……ވިސާމްގެ އަންހެނުން!” މަންސޫރު އެހެން ބުނެ ކުއްލިއަކަށް މެހެނާޒްގެ އަތުގައި ހިފައި އޭނަގެ އަތުތެރެއަށް ގަދަކަމުން ގެނައެވެ. ވަމުން ދިޔަ ކަންތައް ޤަބޫލުކުރަން ވެސް ދަތިވެފައި މެހެނާޒަށް ރޯންވެސް ނޭނގިފައި ކުރީކޮޅު ހުރެވުނެވެ. އެހެނަސް މަންސޫރު ހުއްޓުމެއްނެތި އޭނައަށް ކުރަން ފެށި ގޯނާތަކުން މެހެނާޒްގެ ހަޅޭކުގެ އަޑުތައް އެޕާޓްމެންޓްގެ ތެރޭގައި ހަރުލިއެވެ. އޭނަގެ ބަލި ބޮޑުވެފައިވުމުގެ ސަބަބުން އައިސްފައިވި ގަދަ ހުމާއި ހަށިގަނޑުގައި ވަރުދެރަވެފައިވުމުގެ ސަބަބުން އޭނައަށް އެހާ ބާރަށް ހަޅޭއްލެވޭ ގޮތެއްވެސް ނުވިއެވެ. އެހެނަސް ވަކި ހިސާބަކުން އޭނައަށް ނެތްވަރަކާއެކީ ވެސް ބާރުބާރަށް ރޮވެން ފެށިއެވެ. އެ ރުއިމުގެ އަޑު އެޕާޓްމެންޓުން ބޭރަށް ނުދިޔައީ އޭނަ ރޯންފެށިއިރު މަންސޫރު އޭނަ ކޮޓަރިއަށް ގެންގޮސްފައިވީތީވެއެވެ. މަންސޫރު އޭނަ ކޮޓަރީގެ ބިންމައްޗަށް ދޫކޮށްފައި ދިޔައީ އެރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

 

އެރެއަށްފަހު ކޮންމެ ރެއަކުހެން މަންސޫރު މެހެނާޒްގެ އެޕާޓްމެންޓަށް އާދެއެވެ. މަންސޫރަށް އެ އައި ކުއްލި ބަދަލުގެ ފަހަތުގައިވީ ކޮން ސަބަބެއްކަން މެހެނާޒަށް ފުރަތަމަ ރޭ ނޭނގުނެއްކަމަކު 2 ވަނައަށް ވީ ދުވަހު މެހެނާޒަށް އެކަން ސާފުވިއެވެ.

 

“މިފަހަރު އެ ވިސާމަށް ކުޅި ދައްކާލަން. މި ހުރިހާ ދުވަހު މަށާއި މަގޭ އަންހެނުންނާ ދެމެދު އޮތް ގުޅުން ރަނގަޅުނުވީ އޭނައާހެދި! ރަޝީދާ ކައިވެނީގެ ކުރީކޮޅު ވެސް ތިމަންނަގެ ދަރިފުޅު މަގުފުރެދިގެން ދިޔައީ ކަލެއާހެދިއޭ ބުނަން ފެށީމަ މަގޭ ރުޅިގަދަވީ. ފަހުން އެ ފިރިހެނާ ދިޔައިމަ ރަޝީދާއަށް އަނިޔާ ކުރުން ހުއްޓީމަވެސް ރަޝީދާ އަހަންނާ ކައިރިވިޔަސް އޭނަގެ ރުހުން އަހަންނަށް ނުލިބޭ. އަބަދުވެސް އެ ވިސާމެއްގެ ހިތާމައިގަ. ދެން ކަލޭ އަނބުރާ ވިސާމް ކައިރިއަށް ގޮސްގެން ވިސާމަށް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް ލިބޭކަށް މަ ބޭނުމެއްނޫން. މަށަށް ނުލިބުނު އެއްޗެއް އޭނައަށް ވެސް ލިބިގެން ނުވާނެ!” މަންސޫރު އެއްރެއަކު މެހެނާޒް އޭނަގެ ބާރުގެ ދަށަށް ގެނެސްގެން މެހެނާޒް ސުވާލުކުރުމުން ޖަވާބު ދިނެވެ. މަންސޫރުގެ ޖަވާބުން މެހެނާޒް އަންތަރީސްވިއެވެ. މިހާ “ޙިކްމަތްތެރި” ކަމަށް އޭނަ ދެކުނު އިންސާނާގެ ކިބައިގައި ވެސް ބަދަލު ހިފުމުގެ ރޫޙު އުފެދިފައިވި މިންވަރު އިޙްޞާޞް ކުރެވުމުންނެވެ. ހަމަ އެއާއެކު މި ނުލަފާ އިންސާނާގެ ފަރާތުން ވިސާމަށް ލިބެން އުޅޭ ގެއްލުމުން ވެސް ވިސާމް ރައްކާތެރި ކޮށްދޭން މެހެނާޒް ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ ވިސާމާއި ބައްދަލުކުރަން ބޭނުންވިއެއްކަމަކު މަންސޫރުގެ އަނިޔާތަކުން އޭނައަށް އިނދެވެނީ ހިރިލަން ވެސް ނޭނގިފައެވެ. ނުވީތާކަށް މެހެނާޒް ސަލާމަތަށް އެދި އެއްވެސް މީހަކަށް ގުޅައިފިނަމަ ކަންތައް ވާނެ ގޮތުގެ ތަފްޞީލުވެސް މަންސޫރު ދީފައިވާތީ މެހެނާޒްވީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ދެންވެސް މިވާހަކަތައް ވިސާމާއި ހަމައަށް ފޯރުކޮށްދޭން ބޭނުންވިއެވެ. މަންސޫރަކީ ވިސާމްގެ ދޮންބައްޕަކަން މަންސޫރު ދެއްކި ވާހަކަތަކުން މެހެނާޒަށް އެނގުނެވެ. ދީނާއިމެދު ވިސާމްގެ ހިތުގައި ނަފްރަތު އުފެދިފައިވަނީ މަންސޫރުގެ ސަބަބުންހެން މެހެނާޒަށް ހީވިއެވެ. މަންސޫރު އުޅެނީ ދީނާއި އެއްގޮތަށް ނޫންކަން ވިސާމަށް ބުނެދޭން އެދެވުނު ވަރުން މެހެނާޒް ދުވަހަކުވެސް ބަލި ނުވާވަރަށް ބަލިވެފައި ހުރެވެސް ވިސާމަށްޓަކައި ލިޔަމުން ދިޔަ ސިޓީ ކުރިއަށް ގެންދިޔައެވެ. އެއީ މަންސޫރުގެ ނުބައިކަމަށް އަލި އެޅުވުމަށްވުރެ ބޮޑަށް ދީނުގެ ފުރިހަމަކަން ވިސާމަށް ކިޔައިދިނުމަށެވެ. އެންމެ މީހެއްގެ ސަބަބުން މި ދީނުގެ ފުރިހަމަކަން ނުގެއްލޭނެކަމަށް ބުނެ އޭނަ އެތައް ނަޞޭޙަތުގެ ބަސްތައް އެކުލެވީ މިއިން ކޮންމެވެސް އެއްދުވަހަކުން ވިސާމަށާއި މި ސިޓީ ކިޔާނެ ކޮންމެ މީހަކަށް ވެސް ހިދާޔަތް ލިބިގެން ދާނެ ކަމުގެ އުއްމީދުގައެވެ.

 

ސިޓީ ލިޔުނު ރޭ އުއްމީދުގެ ހުޅުކޮޅެއް ހިތުގައި ރޯވިއެއްކަމަކު މަންސޫރުގެ ޢަމަލުތަކުން މެހެނާޒްގެ ޙަޔާތަށް ވެރިވެފައިވީ އަނދިރިކަމެކެވެ. އޭނަ އެންމެ ދެރަވީ މަންސޫރު އެ ޢަމަލުތައް ހިންގަމުން ދިޔައީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށްވުމުންނެވެ. ފަހު ދިހައިގައި އެތަކެއް އަޅުކަންތަކެއް ކުރަން ރޭވިއެއްކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ މަންސޫރު ދިޔުމުން ކޮންމެ ރެއަކުހެން އޭނައަށް އެތައް އިރެއްވަންދެން ރޮމުން ﷲ އަށް ދުޢާ ކުރަން އިނދެވެއެވެ. އޭނަ އެކަލާނގެ ޙަޟްރަތަށް އަނބުރާ ގޮސްގެން ވެސް މި އަނިޔާތަކުން އޭނަ މިންޖު ކޮއްދެއްވުމަށް އެދި ދުޢާކުރެވެމުން ދިޔައެވެ.

 

މެހެނާޒް އޭނަގެ ދުޢާތައް އިޖާބަވާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ރަމަޟާންމަހުގެ ފަހު ދުވަސް އައިސްޖެހުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މަންސޫރު އެދުވަހުގެ ދުވާލު މެހެނާޒްގެ އެޕާޓްމެންޓަށް ދިޔައެވެ. މަންސޫރު ސަލާން ގޮވުމެއްވެސް ނެތި އެޕާޓްމެންޓަށް ވަދެ މެހެނާޒަށް ޢިދު މުބާރަކް ކިޔުނެވެ. މެހެނާޒް ހީކުރި ގޮތާއި ޚިލާފަށް މަންސޫރު އޭނައާއި ކައިރިވާން ނުއުޅުނެވެ. އޭނަ ބަލަހައްޓައިގެން ހުންނަން ފެށުމުން ރޯދަމަހުގެ ދުވާލު ކައިރިވާކަށް ނުވާނެ ނޫންހޭ މަންސޫރު ނުލަފާ ހީލުމަކާއެކީ ބުންޏެވެ. މެހެނާޒް ވީ ފޫއްސާއެކީ އޭނަގެ ކޮޓަރިއަށް ގޮސްވަނެވެ. މަންސޫރު ވެސް ޖެހިލުންވުމެއްނެތި އޭނަގެ ފަހަތުން ގޮސް ކޮޓަރިއަށްވަނެވެ. މެހެނާޒް އެނދުމަތީގައި ހުރި އަންނައުނުތައް ފަތްޖަހަން ފެށި ވަގުތު އެތާ ކިޔަވާ މޭޒުމަތީގައި އޮތް ސިޓީ މަންސޫރުގެ ލޮލުގައި އެޅިއެވެ. މެހެނާޒް އޭނައަށް ސަމާލުކަމެއް ނުދީ ހުއްޓާ މަންސޫރު އެ މޭޒުގެ ކައިރިއަށް ގޮސް އެ ސިޓީ ކިޔަން ފެށިއެވެ. ހަމަ އެއާއެކު އައި ގަދަ ރުޅިއާއެކީ އޭގައި ލިޔެވިފައިވި މާތް ވާހަކަތަކަށް ވެސް ވިސްނުމެއްނެތި ވަގުތު އޭތި ވީދަން ފެށިއެވެ. ސިޓީގެ ބައެއް ގަނޑުތައް ހަތަރު ބަޔަށް ވީދުނު ތަނާހެން މަންޒަރު ފެނުނު މެހެނާޒް ނޫނޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެ ހިނދު މަންސޫރު ދެލޯ ބޮޑުކޮށްލަމުން އައިސް މެހެނާޒްގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. ގައިގައި އެއްވެސް ވަރެއް ނެތުމުގެ ސަބަބުން މެހެނާޒް ވަގުތުން ގޮސް ޖެހުނީ ބިންމަތީގައެވެ. މެހެނާޒް ދެލޯ ހުޅުވަން ވެސް ނުކުޅެދިފައި އޮތްވާ މަންސޫރު މީހަކަށް ގުޅައި ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“ޔާސިރު، މީނަ ދެން މާ ގިނަ ދުވަހު ބާއްވާނެ ކަމެއްނެތް. އަހަރެން ހިތް ފުދޭ ވަރު ވެއްޖެ. އެހެންނޫނަސް މީނަ މިއުޅެނީ މާ މޮޅުވާ ހިތުން. އަހަރުމެންނާ ދެކޮޅަށް ސިޓީއެއް ލިޔަން ފަށާފަ އެބައޮތް…….މަރާލަންވީ ހަމަ. ވީހާވެސް އަވަހަކަށް!” މަންސޫރު ބުނެލި ވާހަކައިން އަދިވެސް ބިންމަތީގައި ދެލޯ މެރިފައި އޮތް މެހެނާޒްގެ ހިތަށް ބިރުވެރިކަމެއް ވެރިވީ ހިނދު އޭނަގެ ހިތް އުފާވެސްވިއެވެ. މިހެން އުޅުމަށްވުރެ އޭނަގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުން މާ ރަނގަޅުވާނެކަމަށް އޭނަގެ ހިތް ބުނުމުންނެވެ. މެހެނާޒް އޮތް ގޮތަށް އޮތްވާ ޑަސްބިން ހުޅުވުނު އަޑަށް މެހެނާޒް ކުޑަކޮށް ދެލޯ ހުޅުވައި ބަލާލިއެވެ. އެހިނދު މަންސޫރު މޭޒުމަތީގައިވި ސިޓީގެ ބައެއް ގަނޑުތައް ވީދާފައި ޑަސްބިނަށް ލީ މަންޒަރު މެހެނާޒަށް ފެނުނެވެ. ތެދުވަން އުޅުނެއްކަމަކު އެވަގުތު ދެންވެސް ދެލޯ މެރެން ފެށީތީ އޭނައަށް އޮތްގޮތަށް އޮވެވުނެވެ.

 

****

 

ސިޓީގެ ފަހު ގަނޑާއި ހަމަވީ ވަގުތު އޭތި ކިޔަން އިން އައިމަންގެ ހިތް އަވަސްވެ ދެބުމަ ކައިރިވެފައިވިއެވެ. އެ ނިތަށް ވެރިވެފައިވި ރޫތައް ގިނަވެގެން ދިޔައީ ފަހު ގަނޑުގައި ލިޔެވިފައިހުރި ވާހަކަތައް ކިޔަން އޭނައަށް އުނދަގޫވީތީވެއެވެ. ލިޔުނު މީހެއްގެ އަތުގައި ވަރެއް ނެތްހެން ހީވާފަދަ ލިޔުމަކުން ލިޔެފައިވި ވާހަކަތައް ދޭހަ ކޮށްގަންނަން އައިމަނަށް ދަތިވިއެވެ. އެހެންކަމުން އޭނަ އެންމެ ފަހުން ސިޓީ ތިރި ކޮށްލީ އޭނަގެ ސިކުނޑީގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއިމެދު ކުޑަކޮށް ވެސް ވިސްނާލުމަށެވެ. މިއީ ކޮން ސިޓީއެއްތޯ ތަކުރާރުކޮށް އައިމަންގެ ހިތް ސުވާލުކުރަމުން ދިޔައެވެ. މިއީ ހަމަ މެހެނާޒް ލިޔުނު ސިޓީއަކަށް ވެދާނެބާވައެވެ. ހާދަ ޤަބޫލުކުރަން ދައްޗެވެ. މެހެނާޒް މަރުވިތާ މިއީ ކޮން ޒަމާނެއް ހެއްޔެވެ؟ އެހާ ގިނަ ދުވަސްވަންދެން ސިޓީއެއް ރައްކާ ކުރެވިފައިވެދާނެބާވައެވެ؟ ސިޓީގެ ބައެއް ގަނޑުތައް ޓޭޕް ބޭނުންކޮށްގެން އެއްކުރެވިފައިވި ގޮތުން މިއީ ހަމަ ދެންމެ ސިފަވެގެން ދިޔަ މާޒީގައި އޮތް ސިޓީހެން އައިމަނަށް ހީވިއެވެ. މިއީ ހަމަ މެހެނާޒްގެ ބަސްތަކެއް ކަމަށްވާނަމަ މިއީ ތެދު ބަސްތަކަށް ވެދާނެ ހެއްޔެވެ؟ ތިއްތިބޭގެ ފަރާތުން އޭނައަށް މެހެނާޒް އެނގިފައިވަނީ ކެހިވެރިއެއްގެ ގޮތުގައެވެ. މިއީ މެހެނާޒް މަރުވުމަށްފަހު ވެސް އޭނައަށް ރީތި ނަމެއް ލިބޭނެ ފަދައަކުން ލިޔެފައިވާ ސިޓީއެއްހެއްޔެވެ؟ ނޫނީ މަންސޫރުބެއާއި ބެހޭ ގޮތުން މިފަދަ ވާހަކަތައް ލިޔެ ތިއްތިބޭގެ ޢާއިލާ ބަދުނާމު ކުރަން ލިޔުނު އެއްޗެއް ހެއްޔެވެ؟ އެ ޖަވާބުތަކަށް އާނއެކޭ ބުނަން އައިމަންގެ ހިތަށް މަޖުބޫރުވީ އެ ހިތުގައިވި އީމާންތެރިކަން ބަލިކަށިވެފައިވުމުގެ ސަބަބުންނެވެ. މީހަކު ދީނުގެ ސަބަބުން އެހާ ބޮޑަށް ބަދަލުވެދާނެކަމަށް އަދިވެސް އޭނަގެ ހިތް ޤަބޫލު ނުކުރަނީއެވެ. ﷲ މަތިން އެހެން މީހަކަށް ހަނދުމަކޮށްދިނުމަށްޓަކައި މީހަކު މިފަދަ ފިޔަވަޅެއް އަޅާފާނެހެން އޭނައަށް ހީނުވަނީއެވެ. އޭނަގެ ނަޒަރުން އަދި މެހެނާޒް ފަދަ ޒުވާން ޢުމުރުގެ މީހަކު މިފަދަ ކަމެއް ކުރުމަކީ ނާދިރު ކަމެކެވެ. މެހެނާޒް އަމިއްލައަށް މަރުވެގެން މިކަން ކުރާނީ ހަމަ ތިއްތިބެއަށް ދަތިކުރަން ކަމަށް އައިމަނަށް ނިންމުނެވެ. މި ސިޓީގެ ސަބަބުން ތިއްތިބޭގެ މިހާރުގެ ކައިވެންޏަށް ވެސް ބުރޫ އަރާފާނެ ނޫންހެއްޔެވެ؟

 

އަމިއްލަ ޚިޔާލުތަކުގައި އިނދެ އައިމަނަށް އަނެއްކާވެސް އޭނަގެ އަތުގައި އޮތް ސިޓީ އުރައަށް ބަލާލެވުނެވެ. އެ ސިޓީގެ ބޭރުގައި “ޓު ވިސާމް” އޭ އޮތްގޮތުން އައިމަނަށް އަނެއްކާވެސް އޭނަގެ ޚިޔާލު ބަދަލުކުރަން މަޖުބޫރުވިއެވެ. ހިތުގައި ހައިޖާނެއް އުފެދެން އުޅުނު ތަނާހެން މި ވާހަކަ ޝިޔާއާއި ދައްކަން އައިމަން ނިންމިއެވެ. މެހެނާޒަށް އިތުބާރު ނުކުރެވުނެއްކަމަކު ޝިޔާ ބުނާ ކޮންމެ ވާހަކައަކަށް އޭނައަށް އިތުބާރު ކުރެވޭނެތީވެއެވެ.

 

 

ނިދި މަދު ރެއަކަށްފަހު އައިމަން އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ހޭލައިގެން ސްކޫލަށް ދިޔައީ އެކަންޏެވެ. ދުވަސްވަރަކީ މިޑް ޓާރމް އިމްތިޙާނުގެ ދުވަސްވަރު ކަމަށްވުމުން އެދުވަހު އަޒާންގެ އިމްތިޙާނެއް ނެތީއެވެ. ހުދާއާއި ގުޅުން ބޭއްވިއެއްކަމަކު އަޒާން އޭނަ ކިޔަވާ ވަރަކަށް ކިޔަވާތީ އޭނަގެ ކޮއްކޮއާމެދު އައިމަންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބިފައިވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެދުވަހު ސްކޫލަށް ދިޔައީ ކޮން މަޤްޞަދެއްގައިކަން ހަނދާނުގައި ބަހައްޓައިގެން އޭނަ އިމްތިޙާން ހަދަމުން ދިޔައެވެ. އަޒާން ސްކޫލަށް ނާންނައިރު އޭނައާއި އެއްކުލާހެއްގައި އުޅޭ ޝިޔާ އަންނާނެތޯ ހިތް ސުވާލުކުރުމުން އޭނަ ހިސާބަކަށް މާޔޫސްވިއެވެ. އެހެނަސް އިމްތިޙާން ނިންމުމަށްފަހު ހޯލުން ނިކުތްތަނާހެން ދުރު ކުލާހަކުން ޝިޔާ ނިކުތްތައް ފެނިފައި އަޒާން ނަހަދާ މާއްދާއެއް ޝިޔާ ހަދާކަން އައިމަނަށް އެނގުންވިއެވެ. ދެންވެސް ޝިޔާއާއި ބައްދަލުކުރެވޭނެކަމުގެ ޔަޤީންކަމެއް ނެތެއްކަމަކު ކަން ދިމާކުރި ގޮތުން އައިމަނަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. ޝިޔާ ކުލާހުން ނިކުތީއްސުރެ އޭނައަށް ފާރަލީ ފާރަލުމުން އައިމަނަށް އެނގުނު ކަމަކީ އެދުވަހު ޝިޔާ ބަލާ އަންނާނީ ލަހުންކަމެވެ. ޝިޔާ އެކަނި ހިނގާ ދާން ބޭނުންވާ ވާހަކަ އޭނަގެ އެކުވެރިންނާއި ޙިއްޞާ ކުރިތަނާހެން ވާރޭ ވެސް ވެހެންފެށިއެވެ. އެކަމާމެދު އޭނަގެ އެކުވެރިން އޭނައާއި ދިމާކުރަން ފެށިތަން ފެނިފައި އައިމަނަށް ވެސް ހެވުނެވެ.

 

އިމްތިޙާން ނިމުނުތާ ބައިގަޑިއެއްހާ އިރު ފަހުން މުޅި ސްކޫލްގައި ދަރިވަރުންގެ ގޮތުގައި ތިބީ އައިމަނާއި ޝިޔާ އެކަންޏެވެ. ޝިޔާއަށް އައިމަން ފެނުނީ އޭނަ އަދިވެސް އެއްފަހަރު އޮފީހަށް ވަދެ ބައްޕައަށް ގުޅާފައި އޮފީހުން ނިކުތް ވަގުތެވެ. އެތާ ހުރި ބެންޗުގައި އިން އައިމަން އޭނައަށް ބަލާލި މަންޒަރު ފެނިފައި ޝިޔާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އޭނަ އަވަސްއަވަހަށް އައިމަނަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

“ޝިޔާ!” އައިމަން ގޮވާލުމުން ޝިޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ހިނދު ދެ ހިތުގައި ވެސް ހިނގާލީ އެއްކަހަލަ ޖަޒުބާތުތަކެވެ. ޝިޔާ އައިމަން ދައްކާނެ ވާހަކައަކާމެދު ނުތަނަވަސްވީ ވަގުތު އައިމަން ވެސް އޭނަ ޝިޔާއާއި ޙަޤީޤަތުގައި ބައްދަލުކުރަން ބޭނުންވި ސަބަބުން ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެ މަޤްޞަދުގެ މަތިން ހަނދާންވުމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“އެއީ ކޮން ސިޓީއެއްތަ ޝިއު؟” އައިމަނަށް ބޭއިޚްތިޔާރުގައި ޝިޔާއާއި ލޯބިން މުޚާތަބު ކުރެވުނެވެ. އެއިން ޝިޔާގެ ހިތަށް އަސަރެއް ކުރާނެކަން ޔަޤީންވި ހިނދު އޭނައަށް ފޮނި މީރުކަމެއް އިޙްޞާޞް ކުރެވުނެވެ.

 

“ކޮން ސިޓީއެއްކަން ނޭނގުނީތަ ކިޔާލީމަވެސް؟” ޝިޔާ އޭނަގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހާލިއެވެ. ޝިޔާގެ އަޑުގައިވި ސާބިތުކަން ފާހަގަވުމުން ބޭކާރު ވާހަކަތައް ނުދެއްކުމަށް އައިމަނަށް އިންޒާރެއް ލިބުނު ފަދައެވެ.

 

“ނޫނޭ އެނގުނު. އެކަމަކު ހަމަ ހިތަށްއަރަނީ އެއީ ޙަޤީޤަތެއްހޭ. މެހެނާޒް ކާންޓް ބީ ޓްރަސްޓެޑް. ތިއްތިބެއަށް ވަރަށް ހާޓްކޮށްފަ ހުރި މީހެއް އެއީ. ޝިޔާއަށް ކިހިނެއް އެނގެނީ މިއީ މެހެނާޒް ޖެއްސި އެކްޓެއް ނޫންކަން؟” އައިމަން މިފަހަރު ވާހަކަ ދެއްކީ ސީރިއަސްކަމާއެކީގައެވެ. ހަމަ އެއާއެކު ޝިޔާގެ ގޮށްމުއްކެވި އޭނަ ކުއްލިއަކަށް އައިމަނާއި ދިމާލަށް އެނބުރިލިއެވެ.

 

“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

 

ނުނިމޭ

The post Asr (Part 54) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-54/feed/ 0 850
Asr (Part 53) https://blog.storiesbyjana.com/asr-part-53/?utm_source=rss&utm_medium=rss&utm_campaign=asr-part-53 https://blog.storiesbyjana.com/asr-part-53/#respond Fri, 23 Apr 2021 11:25:02 +0000 https://blog.storiesbyjana.com/asr-part-52-copy/

"ކިހިނެއްތަވީ؟" އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. […]

The post Asr (Part 53) appeared first on Stories by Jana.

]]>

“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. އެހެނަސް އެކުއްޖާ އިހުނަށްވުރެ ހަމަޖެހިލައިގެން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ. އެންމެ ފުރަތަމަ ވެސް އަންހެން ކުއްޖާ ކިޔަވާލީ މެހެނާޒަށް މާނަ ނޭނގޭ އާޔަތެއްގެ ބައެކެވެ. މެހެނާޒް ލިބުނު ޙައިރާން ކަމާއެކީ އެކުއްޖާ އިތުރަށް ދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރިއެވެ.

 

“ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކެތްކުރެވޭނެ ވަރުގެ ބުރައެއް ނޫނީ ނުޖައްސަވާ. ހެހެ….އެނގޭ މިއީ ވަރަށް ގިނައިން އިވިފައިވާނެ ވާހަކައެއްކަން. އެހެންވީމަ ވެދާނެ މިއީ ހަމަ ބުނެލާ ބުނެލުމެއްކަމަށް ތި އުޚްތާއަށް ހީވެދާނެކަމަށް. އެކަމަކު ޙަޤީޤަތަކީ އެއީ. އަހަރުމެން ހެއްދެވީ ހަމައެކަނި ﷲ. އެހެންވީމަ އަހަރުމެން އެންމެ ރަނގަޅަށް އެނގޭނީ ﷲ ނޫން ދެން ކޮން ފަރާތަކަށް؟ އެކަލާނގެ ދެނެވޮޑިގެންވޭ…..އެކަލާނގެ ދެނެވޮޑިގެންވޭ އަހަރުމެންގެ ހުރިހާ ހިތާމައެއް، އެކަލާނގެ ދެނެވޮޑިގެންވޭ އަހަރުމެންނަށް ތަޖުރިބާ ކުރެވޭ ކޮންމެ ތަދެއް. އެ ހުރިހާ ކަމެއް ދެނެވޮޑިގެންހުރެ އެކަލާނގެ އެހެން ވަޙީ ކުރައްވާފައި އެވަނީ. އަހަރުމެންނަށް މުޞީބާތެއް ކުރިމަތިވިއްޔާ އެ ކުރިމަތިވަނީ އެ މުޞީބާތާއި ކުރިމަތިލުމުގެ ބާރު އަހަރުމެންނަށް ލިބިފައިވާތީ. އެހެންނޫނީ އެ މުޞީބާތް ކުރިމަތިވީހީ އެހެންމީހަކަށް….އެހެންނޫނަސް އެކަލާނގެ އިމްތިޙާނު ކުރައްވަނީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ އަޅުން. ވީއިރު އަހަރުމެންނަށް ދިމާވާ ކޮންމެ ދެރަ ކަމަކަށް އަހަރުމެން ކުރަންވީ އުފަލެއްނޫންތަ؟” އަންހެން ކުއްޖާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އޭނަ ހުރީ ހިނިތުންވުމެއްގައިކަން މެހެނާޒަށް އެނގުންވިއެވެ. އެކަމާމެދު ޙައިރާންވި ވަގުތު އެކުއްޖާ ދެއްކި ވާހަކަތަކުން މެހެނާޒްގެ ހިތަށް ފުން އަސަރެއް ކޮށްފައިވިއެވެ. އެ ވާހަކަތައް ދެކެވުނު ގޮތުން ﷲ އާއި ގާތްކަމެއް އޭނައަށް އިޙްޞާޞްކުރެވުނެވެ. ހަމަ ޔަޤީނުންވެސް އޭނަގެ އެކަނިވެރި ޙަޔާތުގައި އޭނައާއި އެންމެ ގާތުގައިވަނީ ރަޙްމާންވަންތަ ރަސްކަލާނގެތާއޭ އޭނަގެ ހިތް ބުންޏެވެ. ހިތަށް އުފާވެރިކަމެއް ވެރިވިއެއްކަމަކު މެހެނާޒް ދެންވެސް އިސްއުފުލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނަ މިފަހަރުވެސް ހީކުރީ އެ ކުއްޖާ ދެން ހިނގައިދާނެ ކަމަށެވެ. އެހެނަސް ފުން ނޭވައެއް ދޫކޮށްލި އަޑަށް މެހެނާޒް ހިސާބަކަށް ދެރަވިއެވެ. އޭނަ އިސްނުއުފުލުމުން އެކުއްޖާ ދެރަވީބާއޭ ހިތަށްއެރިއެވެ. ދެންވެސް އެކުއްޖާ ތެދުވެގެން ދާނެ އިރަކަށް އިންތިޒާރު ކުރަން ފެށި ތަނާހެން އެކުއްޖާ ވާހަކަ ދެއްކިއެވެ.

 

“އުޚްތީ ދެރަވަނީ ކީއްވެކަމެއް އަހަންނަށް ޔަޤީނެއްނޫން. އެކަމަކު އުޚްތީ ދެރަވަނީ އުޚްތީގެ ފާފަތަކާއިމެދު ކަމަށްވަންޏާ އުއްމީދު ކަނޑާނުލާ. ﷲ އެކަލާނގެ ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާނުލުމަށް. އެ ރަޙްމަތަށް އުއްމީދު ކަނޑައިގެން އަހަރުމެން ދެން ދާންވެސް އޮތީ ކޮން ދިމާލަކަށްތަ؟ ފާފަތަށް ފޮހެ ދެވޭނީ ﷲ ނޫން ދެން ކޮން ފަރާތަކަށް؟ ފަހަރެއްގަ ވެދާނެ އުޚްތީއަށް އުއްމީދު ކަނޑާލެވެނީ ތިބާގެ ވަށައިގެން ތިބި މީހުން ތިބާއަކީ ގޯސް މީހެއްކަމަށް ދެކޭތީ ކަމަށްވެސް. އެކަމަކު މީހުން ތިބާއާ މެދު ދެކޭ ގޮތަކީ ﷲ ތިބާއާމެދު ދެކެވޮޑިގެންވާ ގޮތްކަމުގައި ދެކިގެން ނުވާނެ. މީހުންނަށް ފެންނަނީ ހަމައެކަނި ބޭރުފުށް. އެމީހުންނަކަށް ނޭނގޭ ފާފައިން ދުރުވުމަށް އަހަރުމެން ކުރާ މަސައްކަތް. އެމީހުންނަކަށް ނޭނގޭ ﷲ އާއި ގާތްވުމަށްޓަކައި އަހަރުމެން ކަނޑައްތުކުރި ދަތިތައް. އެކަންތައް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ. ވީއިރު ކީއްވެ އަހަރުމެން އެކަލާނގެ ރަޙްމަތަށް އުއްމީދު ނުކުރަންވީ؟” އަންހެން ކުއްޖާ މިފަހަރު ދެއްކި ވާހަކަތަކުން މެހެނާޒްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނަގެ އަރުތެރެ ބެދެން ފެށިއެވެ. އޭނަގެ ހިތަށް ބޮޑަށް އަސަރު ކުރީ މި އަންހެން ކުއްޖަކީ އޭނަ ދާދި ދެންމެއަކު ކުރި ނަމާދުގައި ވެވުނު ދުޢާގެ ނަތީޖާއެއްގެ ގޮތުން އައި ކުއްޖެކޭ ހިތް ބުނުމުންނެވެ.

 

“އަހަރެންގެ މަންމަ އަހަންނަށް އަބަދުވެސް ހަނދާންކޮށްދެމުން ދިޔަ ވާހަކައެއް ބުނެލާނަން. ﷲ ގެ ރަޙްމަތް ވަނީ ވަރަށް ކައިރީގަ. އަހަރުމެންވީ އެ ރަޙްމަތް ޙާޞިލުކުރަން ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކޮށް ނުބައި ޢަމަލުތަކުން ދުރުވާން މަސައްކަތް ކުރުން. އަދި ހެޔޮ ޢަމަލުތައް ކުރަން އެހެން މީހުންނަށް ވެސް ނަޞޭޙަތްތެރިވުން. އޭރުން އެމީހުން އެ ނަޞޭޙަތްތަކުގަ ހިފިއްޔާ އަހަރުމެންނަށް ވެސް އޭގެ ޘަވާބު ލިބޭނެ. ފްރީކޮށް ބޯނަސް ޕޮއިންޓްސް އަހަރުމެންނަށް ލިބޭނެ. ހެހެހެ……އަހަރުމެންނަށް މި ދުނިޔޭގަ ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅުގޮތުގަ ހިފޭނެގޮތް ދޯ އެއީ؟” އަންހެން ކުއްޖާ ހެވިފައިހުރެ އަހާލި ވާހަކައިން މެހެނާޒް ވިސްނުމެއްގެ ތެރެއަށް ގެއްލެން ފެށިއެވެ. އެ ހިނދު ދުރުން އަންހެނަކު ދަރިފުޅާއޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެކުއްޖާ ލައްބައޭ ބުނުމުން އަންހެން މީހާ އަވަހަށް އަންނާށޭ ބުނެލައިފިއެވެ. އެއާއެކު އެ އަންހެން ކުއްޖާ މަޑުމަޑުން މެހެނާޒްގެ ކޮނޑުގައި އަތް އަޅައި ދަނީއޭ ބުނެލި އަޑު މެހެނާޒަށް އިވުނެވެ. އެކުއްޖާ ދިޔަކަން އެނގުމުން މެހެނާޒްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެއްކަމަކު އެކުއްޖާއާއި ދިމާވީތީ އޭނައަށް ﷲ އަށް ޙަމްދުކުރެވުނެވެ.

 

އޭގެ އަނެއްދުވަހުގެ ރޭވެސް މެހެނާޒް މިސްކިތަށް ދިޔައީ އެކުއްޖާއާއި ދިމާވާނެކަމުގެ އުއްމީދުގައެވެ. އެކުއްޖާގެ ފަރާތުން ލިބިދާނެ ނަޞޭޙަތަކުން އަނެއްކާވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. މިސްކިތުގައި ހުރި އަންހެނުންގެ ބަޔަށް ވަދެ ޒުވާން އަންހެން ކުއްޖަކު ފެނޭތޯ އޭނައަށް ވަރަކަށް ހޯދުނެވެ. އެ ކުއްޖަކު ނުފެނުނަސް އެއީ ޒުވާން ކުއްޖެއްކަން ޔަޤީންވީތީވެއެވެ. އެހެނަސް އެރޭ މިސްކިތުން މެހެނާޒަށް މުޅިން ވެސް ފެނުނީ މުސްކުޅި އަންހެނުންނެވެ. ތަރާވީޙުން ގެއަށް ދާންޖެހުނީ ވެސް އެކުއްޖާ ފެނުމެއްނެތިއެވެ.

 

އެ ރެއަށްފަހު މެހެނާޒް އެ ހިތްހެޔޮ އަންހެން ކުއްޖާއާއި ދިމާ ނުވިއެއްކަމަކު އެކުއްޖާގެ ބަސްތައް މެހެނާޒްގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ. އެކުއްޖާގެ ނަޞޭޙަތާއި އެއްގޮތަށް އޭނަ މީހުންގެ ނަޒަރިއްޔާތާއި މެދު ވިސްނުމެއްނެތި ހަމައެކަނި ﷲ ގެ ރަޙްމަތަށް އުއްމީދު ކޮށް ހެޔޮ ޢަމަލުތައް ގިނަ ކުރަން ފެށިއެވެ. އަދި އޭނަ އެންމެ ޝައުޤުވެރި ކުރުވި ވާހަކަ ކަމަށްވާ އެހެން މީހުންނަށް ހެޔޮ ނަޞޭޙަތެއް ފޯރުކޮށްދޭ ފަދަ މީހަކަށް ވުމަށްޓަކައި މެހެނާޒް މަސައްކަތް ފެށިއެވެ. ދީނާއިމެދު މާ ބޮޑު އެއްޗެއް ނޭނގި އެފަދަ މީހަކަށް ނުވެވޭނެކަން އެނގި މެހެނާޒް އޭނައަށް ވެވުނު ވަރަކުން ޢިލްމު އުނގެނެން ފެށިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ގަދަ ވޭންތަކާއި އެކީގައި ވެސް އޭނަ ދަރުސްތައް އަޑުއެހުމަށްޓަކައި މިސްކިތަށް ދާންފެށީ ދާ ހިތުންނެވެ. އެ ދަރުސްތަކުން އޭނައަށް ބައިވަރު ކަންތައް ދަސްވާން ފެށިއެވެ. އޭގެ ތެރެއިން އެއްރެއަކު އިވުނު ވާހަކައަކުން މެހެނާޒްގެ މޭގައި ކުއްލި ރިހުމެއް އުފެދުނެވެ. އެއީ ތިމާ ދުނިޔެ ދޫކޮށްފައި ދާއިރު ޞާލިޙު ދަރިއަކު ދުނިޔޭގައި ވާނަމަ އެ ދަރިއެއްގެ ދުޢާގެ ސަބަބުން އާޚިރަތުގައި އޭނަގެ މަޤާމް މަތިވެގެން ދާނެ ވާހަކައެވެ. އެ ވާހަކައިން އޭނަގެ ވެސް ދަރިފުޅެއް ވާކަން މެހެނާޒްގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. މި ހުރިހާ ދުވަހުވެސް ދޭތެރެ ދޭތެރެއިން އޭނަ މިޝްކާގެ މަތިން ހަނދާންވެފައިވެއެވެ. އެހެނަސް އެރޭގެ އެ ވަގުތު މިޝްކާ ދެކިލުމަށް ހިތް އެދުނު ވަރަށް ދުވަހަކުވެސް ހިތް އެދިފައެއް ނުވެއެވެ. އެހެންކަމުން އެރޭ އެ ދަރުހަށްފަހު ހަށިގަނޑު ކިތަންމެ ވަރުބަލިވެފައިވިއެއްކަމަކު އޭނަ ވިސާމްގެ އެޕާޓްމެންޓަށްދާން ނިންމިއެވެ. ޓެކްސީގައި އެ ޢިމާރާތަށް ދިޔަ މަގުމަތީގައި އޭނައާއި ވިސާމާއި ދެމެދު ހިނގިހާ ކަންތައް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނައަށް ވިސާމާއިމެދު ވެސް ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް ޓެކްސީ ތެރޭގައި އިނދެވެސް ރޮވުނެވެ. ވިސާމް އޭނަ ވަރިކުރީ އޭނަ ބުނިހެން ދެން ކެތްކުރެވޭ ވަރު ނުވުމުން ކަމަށް މެހެނާޒަށް ވެސް ޤަބޫލު ކުރެވުނެވެ.

 

އަމިއްލަ ވިސްނުންތަކެއްގެ ތެރޭގައި އިންދާ މެހެނާޒް އެ ޢިމާރާތާއި ހަމައަށް ފޯރިއެވެ. ޢިމާރާތުގެ ތެރެއަށްވަދެ 5 ވަނަ ފަންގިފިލާގައިވި ވިސާމްގެ އެޕާޓްމެންޓާއި ގާތްވަމުން ދިޔަ ވަގުތު މެހެނާޒްގެ ހިތުގައި ބިރުވެރިކަމެއް ވިއެވެ. ވިސާމް އޭނަ ފެނިފައި ކަންތައް ކުރާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރާއި ހަމަވީ ވަގުތު މެހެނާޒްގެ އެ ބިރު ޙަޤީޤަތަކަށްވިއެވެ.

 

“މަގޭ ކައިރީގަ ނުބުނާތި އެ މެހެނާޒެއްގެ ކައިރިއަށް ދާށޭ ނިޒާމް! މަ މިއުޅެނީ އުފަލުގަ! ވަރަށް އުފަލުގަ……..އޭނަ ކައިރިއަށް އަނެއްކާ ދިޔުމަށްވުރެ މާ ރަނގަޅުވާނެ އަހަރެން އަމިއްލައަށް ދަންޖެހިގެން މަރުވިޔަސް. މިޝްކާއަށް އޭނަގެ ފަރާތުން ލޯތްބެއް ލިބޭނީއެއްނޫން. މިޝްކާއަށް ބޭނުމެއްނުވޭ އެކަހަލަ ނުލަފާ މަންމައެއް. މަ އޭނަގެ ހިޔަނިވެސް މިޝްކާއަށް އެޅިޔަ ނުދޭނަން! އަހަރެން މިޝްކާއަށް އޭނަގެ އުނިކަމެއް އިޙްޞާޞްވިޔަ ނުދޭނަން. މިއަދު އަހަރެންގެ ހުރިހާވެސް މީހަކީ މިޝްކާއަށްވީމަ އަހަންނަށް އެފަދަ ލޯތްބެއް އެކުއްޖާއަށްދެވޭނެ!” ވިސާމް ހަރުއަޑުން އޭނަގެ އެކުވެރިޔާއާއި ދެއްކި ވާހަކަތައް އިވިފައި އެޕާޓްމެންޓްގެ ބޭރުގައި ހުރި މެހެނާޒް ހުރީ ގަބުވެފައެވެ. ވިސާމް އެ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އޭނަ އޭނަގެ ދަރިފުޅުދެކެ ލޯބިނުވާނީ ކީއްވެ ހެއްޔެވެ؟ ހަމަ އެއާއެކު މާޒީގައި ކަންތައް ވެފައިވާ ގޮތް ހަނދާންވެފައި ގެނބިގެން ދިޔަ ހިތަކާއެކީ މެހެނާޒަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ.

 

އެރޭ މެހެނާޒްގެ އެޕާޓްމެންޓްގެ ތެރޭގައި ހަރުލާފައިވީ ހިތް ހަލާކު ކުރުވަނިވި ވޭނީ ރުއިމެއްގެ އަޑެވެ. އެހެނަސް އެ އަޑު އަހާނެ އެއްވެސް މީހަކު އެތާނގައި ނެތެވެ. ދުޅަވަމުން ދިޔަ ދެލޮލުން ހުއްޓުމެއްނެތި އޮހެމުން ދިޔަ ކަރުނަތައް މެހެނާޒް އަމިއްލައަށް ފޮހެމުން ދިޔައީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރެވޭތޯ ބަލަމުންނެވެ. އޭނައަށް ދެން ދުވަހަކުވެސް އޭނަގެ ދަރިފުޅު ނުފެންނާނީތޯ ހިތް ސުވާލުކުރާ ކޮންމެ ފަހަރަކު އޭނަގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވަމުން ދިޔައެވެ. ދުނިޔެ ދޫ ކުރުމުގެ ކުރިން އެއްފަހަރު ވިޔަސް އޭނަގެ ދަރިފުޅު ފެނޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި އޭނައަށް ދުޢާކުރެވުނެވެ.

 

މެހެނާޒްގެ އެ ދުޢާ އިޖާބަވާން މާ ގިނަ ދުވަހެއްނުނެގިއެވެ. އޭގެ ދެދުވަސްފަހުން މެހެނާޒް ހަވީރުގެ ހިނގާލުމަކަށް ނިކުމެ އުޅެނިކޮށް ވިސާމް މިޝްކާ ގޮވައިގެން ޕާކަކަށް ގޮސްފައިވަނިކޮށް މެހެނާޒަށް ފެނުނެވެ. ރަތް ކުލައިގެ ކުޑަކުޑަ ހެދުމެއްގައި ކުރު ބުޅި އިސްތަށިގަނޑަކާއިއެކީ ހުރި ކުއްޖަކީ އޭނަގެ ދަރިފުޅުކަން އެކުއްޖާގެ އުރާލައިގެން ހުރި ވިސާމް ފެނުމުގެ ކުރިން ވެސް މެހެނާޒަށް އެނގުންވިއެވެ. ވިސާމް އެކުއްޖާ ގެންގޮސް ތިރި އުނދޯއްޔެއްގައި ބަހައްޓައި ހެވިފައިހުރެ އަޑުއަޑު ލެއްވުމުން އެކުއްޖާ ޖޯޝުން ފުރިގެންވި މޫނަކާއެކީ ހެމުން ދިޔަ މަންޒަރު ފެނިފައި ދުރުގައި ހުރި ގަހެއްގެ ކައިރީގައި ހުރި މެހެނާޒްގެ މޫނުމައްޗަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. އެ ހިނދު ދުވެފައި ގޮސް އެ ދަރިފުޅު އުރާލަން ސިކުންތުކޮޅެއްގެ ތެރޭގައި ހާސްފަހަރު އޭނަގެ ހިތް އެދުނެވެ. އެހެނަސް އޭނަ ދިޔުމުން ކަންތައް ރަނގަޅަކަށް ނުދާނެކަން ޔަޤީންވީތީ މެހެނާޒް ޖެހިލުންވިއެވެ. އެއީ ވިސާމްގެ ވެސް ކުށެއްނޫންތާއެވެ. އޭނަގެ ހަރު ހިތް މަޑުވެ މައިވަންތަކަމުގެ ކުލުނު ޖެހިގެން މި އައީ އެ ކުލުނު ޙައްޤުވާ ފަރާތަށް ދިނުމުގެ ފުރުޞަތު އޭނައަށް ގެއްލުނު ފަހުންނެވެ. ހަމަ އެއާއެކު ވިސާމް ކިހާ ނަސީބުގަދަހޭ އޭނަގެ ހިތަށްއެރިއެވެ. އެ ކުޑަކުޑަ މިޝްކާ ބޮޑުވެގެން އަންނަ މަންޒަރު ވިސާމަށް އަމިއްލަ ލޯކުރިމަތިން ފެނިގެންދާނެއެވެ. މިޝްކާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި ބައިވެރިވުމުގެ ފުރުޞަތު އޭނައަށް ލިބޭނެއެވެ. އެހިނދު މިޝްކާއަށް ރަނގަޅު ތަރުބިއްޔަތެއް ވިސާމް ފޯރުކޮށްދޭނެކަމަށް މެހެނާޒަށް އުއްމީދުކުރެވުނެވެ. އެހެނަސް ދީނާއިމެދު ވިސާމްގެ ވިސްނުން ހުންނަގޮތް އެނގުންވީ ހިނދު މެހެނާޒްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެން މީހަކަށް ރަނގަޅު ނަޞޭޙަތެއް ފޯރުކޮށްނުދެވުނަސް އޭނަ ވިސާމަށް ރަނގަޅު ނަޞޭޙަތެއް ފޯރުކޮށްދޭން ޖެހޭކަން އެ ހިނދު މެހެނާޒަށް އެނގުންވިއެވެ. އެއީ އޭނަ މިދުނިޔެއަށް ދޫކޮށްފައިދާ ދަރިފުޅުގެ މުސްތަޤްބަލުވަނީ ވިސާމްގެ އަތްމަތީގައި ކަމަށްވާތީވެއެވެ. އެހެންކަމުން މެހެނާޒް އެކަމަށްޓަކައި ފިޔަވަޅެއް އަޅަން ނިންމިއެވެ.

 

މެހެނާޒް ހަމަ އެރޭ ގެއަށް ގޮސް ވިސާމަށްޓަކައި ސިޓީއެއް ލިޔަން ފެށިއެވެ. ފޯނު ނުކުރީ އެކަމަށްޓަކައި އޭނައަށް ހިތްވަރެއް ނުލިބުނީތީވެއެވެ. ސޯޝަލް މީޑިއާ ބޭނުން ނުކުރީ އޭނަ މިހާރު މުޅިން ވެސް އެކަންތައްތަކައި ދުރުގައި އުޅޭތީވެއެވެ. ސިޓީ ވިސާމާއި ހަމައަށް ފޯރުކޮށްދޭނީ ކިހިނެއްކަން ޔަޤީން ނުކުރެވުނެކައްކަމަކު މެހެނާޒް އޭތި ލިޔަން ފެށީ ވަރަށް އުއްމީދާއި އެކީގައެވެ. އޭނަގެ ތަޖުރިބާތައް ވިސާމަށް ފޯރު ކޮށްދީފިނަމަ ވިސާމް ތައުބާވާން ބޭނުންވެދާނެއޭ ހިތައި މެހެނާޒް އެންމެ ކޮޅުން ފެށިގެން ހުރިހާ ވާހަކައެއް ލިޔަން ފެށިއެވެ. އޭނަ ހަމަ އެރޭ ސިޓީ ލިޔަން އިންދާ ކޮންމެވެސް އަންހެން އެކުވެރިޔަކު އޭނައަށް ގުޅިއެވެ. އެއީ އޭނައާއި އެކީ ޔާސިރުގެ ފިލްމު ކުޅެމުންދާ ޔާނާއެވެ.

 

“ނާޒް! ވަރަށް ސަކަރާތް ޚަބަރެއް އެބައޮތް. ޔާސިރުމެން ހަމަ މިރޭ އެބައާދޭ ނާޒްގެ އެޕާޓްމެންޓަށް ނާޒްއަށް ބްލެކްމެއިލްކުރަން. ޕްލީޒް އެމީހުން ބުނާ ގޮތަށް ކަންތައް ކުރޭ. އަދާވައިސް ދޭއި ވިލް ކިލް ޔޫ!” ފޯނުގެ އަނެއްފަރާތުން އިވުނު ވާހަކައިން މެހެނާޒްގެ ދެލޯ ބޮޑުވެ މުޅި މީހާ ހިނދުކޮޅަކަށް ގަނޑުވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ކަންފަތުން ފޯނު ނަގާލިއެވެ. އެއަށްފަހު ލިބުނު ޚިޔާލާއެކީ އަނެއްކާވެސް ފޯނަށް ބަލައި ވަގުތުން ފުލުހުންނަށް ގުޅައި އެ އެޕާޓްމެންޓަށް އައިސްދިނުމަށް އެންގިއެވެ. އޭނަ އެ އެންގުން އެންގުމަށްފަހު ފޯނު ބޭއްވި ތަނާހެން ނުހަނު ބާރު އަޑަކާއެކީ އެޕާޓްމެންޓްގެ ދޮރުގައި މީހަކު ބާރަށް ޓަކި ދިން އަޑަށް މެހެނާޒްގެ ހިތް މޭފަޅާލާފައި ނިކުމެދާނެހާ ބާރަށް ތެޅެން ފެށިއެވެ. އެހެނަސް އޭނަ ހިތާހިތުން ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ވަކީލުކުރަމުން ކޮޓަރީގެ އެނދުމަތީގައި އޮތް އޭނަގެ ބުރުގާ އެޅިއެވެ. އޭގެ މާ ގިނަ އިރެއް ނުވެ އެޕާޓްމެންޓްގެ ދޮރު ހަލާކުކޮށްފައި ޔާސިރު މެހެނާޒްއޭ ކިޔައި ބާރަށް ގޮވަމުން އައިސް އެ ކޮޓަރިއަށް ވަދެފިއެވެ. އޭނަގެ ކޮޓަރި ތެރެއިން މެދުޢުމުރުގެ ބޮޑު މާ ސިންގާ ފިރިހެނަކު ފެނިފައި މެހެނާޒްގެ ހިތަށް އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަނެވެ.

 

“އަދި އެބަ އުޅެއެއްނު މާ ޞާލިޙުކަމަށްހެދިގެން ކޮޓަރި ތެރޭގަ ވެސް. ބަލަ އަހަރުމެން އެންމެންނަށް އެނގޭ ތި މީހާ ހުރި ގޮތް ބޮޑު ހެދުން ގަނޑެއްގެ ތެރެއަށް އެރިގެން ހުއްޓަސް!” ޔާސިރު ބުނެލި ވާހަކައިން ހިތަށް ވީ އުނދަގުލާއި ވީ ދެރައާއެކީ މެހެނާޒަށް ދެބުމަ ކައިރިކޮށްލަމުން ދެލޯ މަރާލެވުނެވެ. އެ ހިނދު ޔާސިރު ދިގު ފިޔަވަޅުތަކެއްގައި މެހެނާޒާއި އެއްފިޔަވަޅު ދުރުގައި މަޑުކޮށްލިއެވެ. މެހެނާޒަށް އެކަން އެނގުންވިތަނާހެން އޭނަ ފަހަތަށް ޖެހިލިއެވެ.

 

“އަހަރެން މަޖުބޫރު ނުކުރަނީސް އަމިއްލައަށް ތި ބުރުގާ ނަގާލާ.” ޔާސިރު ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެ ހިނދު މެހެނާޒްގެ މޫނުމައްޗަށް ސާބިތުކަން ވެރިވީ ﷲ ގެ އިރާދަފުޅުން ނޫނީ މީހަކަށް އޭނައަށް ގެއްލުމެއް ނުދެވޭނެކަން ހަނދާންވުމުންނެވެ.

 

“ނުނަގާނަން!” މެހެނާޒް ސީދާ ޔާސިރަށް ބަލަން ހުރެ ބުނެލި ވާހަކައިން ޔާސިރުގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އޭނަ ކުއްލިއަކަށް މެހެނާޒްގެ ގާތަށް ޖެހިގަނެ އޭނަ ގެންގޮސް ފާރަށް ލައްކޮށްލަމުން މެހެނާޒްގެ ބުރުގާ ނަގާލިއެވެ. މެހެނާޒް އެކަމަށް ހުރަސް އަޅަން ޔާސިރުގެ އަތުގައި ހިފެހެއްޓިއެއްކަމަކު އޭނަގެ ބަލި އަތުގައި މާ ބޮޑު ބާރެއް ނެތުމުން ޔާސިރު ކާމިޔާބުވިއެވެ. ތައުބާވުމަށްފަހު އަނެއްކާވެސް އޭނަގެ ޢައުރަ ފެންނަން ނުޖެހޭ މީހަކަށް ފެނިގެން ދިޔުމުން ހަމަ އެ ވަގުތުން ވަގުތަށް މެހެނާޒަށް ރޮވެން ފެށިއެވެ. ޔާސިރު އެ ރުއިމުގެ އަޑު އެހުމެއްނެތި ދެންވެސް މެހެނާޒާއި ގާތްވާން މަސައްކަތް ފެށިތަނާހެން އެތަނަށް ފުލުހުން އައިސް ޔާސިރު ހުއްޓުވައި އޭނަ ހައްޔަރު ކޮށްގެން ގެންދިޔައެވެ. މާ ލަސްނުވަނީސް ޔާސިރު ގެންދެވުނު ކަމަށްޓަކައި މެހެނާޒަށް ޙަމްދުކުރެވުނު ވަގުތު އޭނައަށް ދެންވެސް ރޮވުނީ އަނެއްކާވެސް އޭނަ ގާތްވާން ނުޖެހޭ ފިރިހެނަކާއި ގާތްވެވުމުންނެވެ. އެއީ އޭނައަށް މަޖުބޫރުން ވީ ކަމެއް ކަމަށްވިޔަސް އޭނަގެ ހިތް މާޔޫސްވެފައިވިއެވެ. ފުލުހުން އަނެއްކާވެސް ޔާސިރު ދޫކޮށްލުމުން ވެދާނެ ގޮތް ޚިޔާލުކުރެވުމުން އެ ހިތް ބިރުވެސް ގަންނަމުން ދިޔައެވެ. އެ ބިރުން ސަލާމަތް ވުމަށްޓަކައި އޭނަ އެންމެ ފަހުން އޭނަގެ ޢާއިލާއަށް ގުޅިއެވެ.

 

ޒުހުރާއާއި ނާސިރު އެމީހުންގެ ހަގު ދަރިފުޅު ކަމަށްވާ ޝިޔާއާއެކީ މާލެއައީ އޭގެ 3 ދުވަސްފަހުންނެވެ. އެންމެ ފުރަތަމަ ވެސް މަންމަމެންގެ ފަރާތުން ކުރިމަތިވީ ވިސާމާއި ވަކިން އުޅެނީ ކީއްވެކަމުގެ ސުވާލެވެ. މެހެނާޒް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އެމީހުން ވަގުތުން ގޯސްކުރީ ވިސާމެވެ. އޭނައަށް ކުރެވުނު ފާފަތަކެއްގެ ތަފްޞީލު ދިނުމެއްނެތި ވަރިވީ އޭނަގެ ކުށުން ކަމަށް މެހެނާޒް ބުންޏެއްކަމަކު މަންމަމެން ޤަބޫލެއް ނުކުރިއެވެ. ވިސާމްގެ ދިފާޢުގައި އޭނަގެ ފާފަތައް މަންމަމެނަށް ކިޔައިދޭން ހިތް ބުންޏެއްކަމަކު އެކަމަށް އޭނަގެ ދޫ ނުކުޅެދުނެވެ. ކޮންމެއަކަސް އޭނަގެ އުޅުމަށް އައިސްފައިވި ބަދަލުގެ ސަބަބުން މަންމައާއި ބައްޕަވެސް އުފާކުރިއެވެ. މެހެނާޒަށް މަޖުބޫރު ނުކުރުމަށްޓަކައި ދުވަހަކުވެސް ފާޅު ނުކުރިއެއްކަމަކު އެމީހުން އަބަދުވެސް ބޭނުންވީ އެމީހުންގެ ދެކުދިންނަކީ ވެސް ދީނަށް ލޯބިކުރާ ދެކުދިންނަށް ވެގެން ދިޔުމެވެ. އެކަން ފުރިހަމަ ވެގެން ދިޔުމުން އެދެމީހުން ވެސް ﷲ އަށް ޝުކުރު ކުރިއެވެ.

 

 

ޢާއިލާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެން ފެށިއެއްކަމަކު މެހެނާޒް ދެންވެސް އޭނަގެ ބަލީގެ ވާހަކަ މަންމަމެންނަށް ކިޔައެއްނުދެއެވެ. އޭނަ ބޭނުންވީ އޭނަގެ ޙަޔާތުގެ ފަހު ދުވަސްތަކުގައި މަންމައާއި ބައްޕަ އުފަލުގައި ވާތަން ދެކޭށެވެ. ބަލީގެ ވާހަކައިން ގޭގެ މާޙައުލު ޚަރާބު ކުރާކަށް ބޭނުމެއް ނުވިއެވެ. ޔާސިރުގެ ވާހަކަ ބުނަން ހިތަށްއެރިއެއްކަމަކު އެ ވާހަކަ ވެސް ނުބުނީ އެމީހުން އިތުރަށް ކަންބޮޑު ނުކުރުވުމަށެވެ. އެހެންނޫނަސް އެމީހުން ތިއްބާ ޔާސިރަކަށް އޭނައަށް ކަމެއް ނުކުރެވޭނެ ނޫންހޭ މެހެނާޒްގެ ހިތް ބުނަމުން ދިޔައެވެ.

 

މެހެނާޒަށް ހީވެފައި އޮތީ ރަނގަޅަށެވެ. މަންމައާއި ބައްޕަ ތިބިހާ ދުވަސްތަކުގައި ޔާސިރުގެ އެއްވެސް އުނދަގުލެއް އޭނައަކަށް ނުފޯރައެވެ. އެހެނަސް މާގިނަ ދުވަހެއްނުވެ ފޯއްމުލަކުގައި އުޅެމުންދާ މެހެނާޒްގެ މަންމަ ފަރާތު މާމަ ބަލިވެގެން މަންމައާއި ބައްޕަ އެކޮޅަށްދާން ނިންމިއެވެ. އެކަމާމެދު ކަންބޮޑުވެ މެހެނާޒް ވެސް މަންމަމެންނާއެކީ ދާން އުޅުނެވެ. އެހެނަސް……

 

“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ.

 

ނުނިމޭ

The post Asr (Part 53) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-53/feed/ 0 846
Asr (Part 52) https://blog.storiesbyjana.com/asr-part-52/?utm_source=rss&utm_medium=rss&utm_campaign=asr-part-52 https://blog.storiesbyjana.com/asr-part-52/#respond Fri, 23 Apr 2021 11:23:18 +0000 https://blog.storiesbyjana.com/asr-part-51-copy/

އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ. އެ ގަނޑުތައްވީ ސާފު ދިވެހި ލިޔުމަކުން ފުރިފައެވެ. އައިމަން ޙައިރާންކަންމަތީ އިނދެ ސީދާވެލަމުން އެ ލިޔުން ކިޔަންފެށިއެވެ.   “ލޯބިވާ ވިސާމަށް…..އަހަރެން މި ސިޓީ މި ލިޔަނީ ވިސާމާއި ހަމައަށް މި ސިޓީ ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ވިސާމާއި ހަމައަށް މީތި ފޯރުން ﷲ ގެ އިރާދަފުޅުގައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެކަކުވެސް ނުވެއެވެ. މި ސިޓީ ކިޔަން ވިސާމް […]

The post Asr (Part 52) appeared first on Stories by Jana.

]]>

އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ. އެ ގަނޑުތައްވީ ސާފު ދިވެހި ލިޔުމަކުން ފުރިފައެވެ. އައިމަން ޙައިރާންކަންމަތީ އިނދެ ސީދާވެލަމުން އެ ލިޔުން ކިޔަންފެށިއެވެ.

 

“ލޯބިވާ ވިސާމަށް…..އަހަރެން މި ސިޓީ މި ލިޔަނީ ވިސާމާއި ހަމައަށް މި ސިޓީ ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ވިސާމާއި ހަމައަށް މީތި ފޯރުން ﷲ ގެ އިރާދަފުޅުގައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެކަކުވެސް ނުވެއެވެ. މި ސިޓީ ކިޔަން ވިސާމް ފަހަރެއްގައި ބޭނުން ނުވެދާނެއެވެ. އެއީ ވެސް ވިސާމްގެ ކުށެއްނޫނެވެ. އަހަރެންގެ ކުށެވެ. ކޮންމެ ގޮތެއްވިޔަސް ވިސާމް މީތި ކިޔުމަކީ އަހަރެންގެ އާދޭހެކެވެ. އަހަންނަށްޓަކައި ހިތް ނުބައި އެއްވެސް މީހަކު ހުންނަން އަހަރެން ބޭނުމެއް ނުވަނީއެވެ.

 

ވިސާމް…….ވިސާމް ދޫކޮށްލުމަށްފަހު އަހަންނަށް ވަރަށް ބާއްޖަވެރި ޙަޔާތެއް ލިބޭނެކަމަށް އަހަރެން އުއްމީދު ކުރީމެވެ. އެހެނަސް ވިސާމް ދޫކުރުމަށްފަހު އަހަރެންގެ ޙަޔާތުގައި ކަންތައް ހިނގަން ފެށީ ގޯހުންގޯހަށެވެ.

 

**7 އަހަރު ކުރިން**

 

“ހީނުކުރާތި މަށަށް ނޭނގޭ ކަމަށް ކަލޭ ކުރާ ކަންތައް. މަ ކަލެއަށް ކުރި ހުރިހާ ޤަދަރެއް ވެއްޔާ މޮޑެވިއްޖެ. ކަލެއަށް ކުރިހާ އިޙްތިރާމެއް މިހާތަނަށް ކުރީ ތިއީ އަހަރެންގެ ދަރިފުޅުގެ މަންމައަށްވީތީ. ބައިވަރު ދުވަސްވަންދެން ކެތްކުރެވިއްޖެ. އެކަމަކު ދެނެއްނޫން……މެހެނާޒް ތިހިރީ ވަރިކޮށްފަ!” ވިސާމް އޭނަގެ ފަހު ބަސްތައް ބުނެލީ އަޑުގެ ކޮޅަށެވެ. އެ ބަސްތަކުން މެހެނާޒަށް މާ ބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

 

“ވަރަށް ބޮޑަށް ޝުކުރިއްޔާ!!” މެހެނާޒް އަނެއްކާވެސް ވިސާމްގެ އަތް ފޮޅުވާލަމުން ވިސާމަށްވުރެ އަޑު ހަރުކޮށް ބުނެލިއެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ އޭނަގެ ހުރިހާ ހެދުންތައް ފޮށްޓައް އަޅައި ބަންދުކޮށްލިއެވެ. އަދި ހިސާބެއްގެ އުނދަގުލާއެކީ އެ ފޮށި ނަގައި ބިންމަތީގައި ބަހައްޓާފައި އޭތި ދަމަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ފަހަކަށް އައިސް އޭނަގެ ހަށިގަނޑުގައި އަބަދުވެސް ވަރުބަލިކަމެއް އެކުލެވިފައިވެއެވެ. އެހެނަސް އެ ވަގުތު އެކަން ނުދެއްކުމަށްޓަކައި މެހެނާޒް އަމިއްލަ މޫނުމައްޗަށް ސާބިތުކަން ވެރި ކުރުވައި އެޕާޓްމެންޓުން ނިކުމެ ބާރަކަށް ދޮރު ލައްޕާލިއެވެ.

 

ވިސާމާއި ވަކިވުމުން މެހެނާޒަށް އަނެއްކާވެސް “މިނިވަންކަމެއް” އިޙްޞާޞްކުރެވުނެވެ. އޭނަ ބޭނުންހާ ކަމެއް ބޭނުން ވަގުތެއްގައި ކުރުމުގެ މިނިވަންކަމެވެ. އެއްވެސް މީހެއްގެ ހަރުކަށި އަމުރުތައް އަޑުއެހުމެއްނެތިއެވެ. އެހެންކަމުން އޭނަ ޣާފިލުކަން މަތީ ދުވަސްތައް ގުނަން ފެށިއެވެ. ކޮންމެ ދުވަހެއް ވޭތުވެގެން ދަނީ ކިހިނެއްކަން ޚުދު އޭނައަކަށް ވެސް ރޭކާނުލައެވެ. ކޮންމެ ދުވަހަކު އޭނަ ކުޅެމުން އަންނަ ފިލްމްގެ ޝޫޓިންގްއަށްފަހު އޭނަ ދަނީ ފިރިހެނެއްގެ ގެއަކަށެވެ. މުޅި ރޭ ވޭތުވެގެން ދަނީ އެގެއެއްގައެވެ. ކުރަމުން ދިޔަ އެއްވެސް ކަމެއްގެ ނަތީޖާއާއިމެދު ވިސްނުމެއް ނެތި މެހެނާޒް އުޅެމުން ދިޔައީ ނުހަނު އުޖާލާވި ހިނިތުންވުންތަކާއި ކެހިވެރި ހިތަކާއި އެކީގައެވެ. ޔާސިރުމެން ވިސާމަށް ފައިސާގެ ގޮތުން ދަތިކުރަން ކުރި މަސައްކަތުގެ ތެރެއިން ވިސާމަށްޓަކައި ދޮގު ހެދުނީވެސް ހަރުވެފައިވާ އެ ހިތުގެ ސަބަބުންނެވެ. ވިސާމަށް މާލީގޮތުން ދަތިކުރުމުން ޚުދު އޭނަގެ އަމިއްލަ ދަރިފުޅަށް ވާނެ ގޮތަކާމެދު ވިސްނާލުމެއްނެތިއެވެ.

 

އެއްދުވަހަކު މެހެނާޒް ރީތިވާ އެއްޗެހި ގަތުމަށްޓަކައި ފިހާރައަކަށް ގޮސްފައި ހުއްޓާ އޭނަގެ ކުރީގެ ލޯބިވެރިޔެއް ކަމަށްވާ ފާރިސް އެ ފިހާރަ ތެރެއިން ފެނުނެވެ. 2 އަހަރު ފަހުން ފާރިސް ފެނުނުއިރު އޭނަ ހުރީ ބަދަލުވެފައެވެ. ދިގު ތުނބުޅިއަކާއެކީ ކުރުތާއެއް ލައިގެން ހުރި ގޮތުން މި ސޮރު ދީންވެރިވީ ކޮން ދުވަހަކުތޯ މެހެނާޒްގެ ހިތަށް އެރިއެވެ. ހަމަ އެއާއެކު ފާރިސްއާ ދިމާކޮށްލުމުގެ ޝުޢޫރެއް އޭނަގެ ހިތުގައި އުފެދުނެވެ. އަދި ލާނެތް ހިނިތުންވުމެއްގައި ހުރެ ލަސް ފިޔަވަޅުތަކެއްގައި ގޮސް ހަރުގަނޑެއްގެ ކައިރީގައި ހުރި ފާރިސްއާ ހަމަ ކޮށްލިއެވެ.

 

“ކިހިނެއްތަ ލޯބިވާ؟” މެހެނާޒް ކުއްލިއަކަށް ގޮސް ފާރިސްގެ ކަންފަތް ދޮށުގައި އެހެން ބުނެލި ތަނާހެން ފާރިސް ސިހިފައި ދުރަށް ޖެހިލައިފިއެވެ. އޭނަ މެހެނާޒަށް ބަލާލި ހިނދު އެ މޫނުމަތިން ފެނިގެން ދިޔައީ ނުރުހުންތެރިކަމެވެ. އެކަމާމެދު މެހެނާޒަށް ހިނިގަނޑެއް ޖަހާލުން ނޫންކަމެއް ނުކުރެވުނެވެ. ފާރިސް އިތުރަށް މަޑު ކުރުމެއް ނެތި މެހެނާޒަށް ފަސްދީފައި ދާން އުޅުމުން މެހެނާޒް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ.

 

“ކޮންތާކަށްތަ ތި ދަނީ ޑާރލިންގް؟ އަހަރެން މަތިން މިސްއެއްނުވޭތަ؟” މެހެނާޒް ލަދުކުޑަ ރާގަކަށް އަހާލިއެވެ. ފާރިސް އޭނަގެ އަތް ފޮޅުވާލަމުން އަނެއްކާވެސް މެހެނާޒާއި ދިމާލަށް އެނބުރިލިއެވެ.

 

“އެ މާޒީގެ މަތިން އަހަރެން ހަނދާން ނައްތާލައިފިން. ރަނގަޅުވާނީ ނާޒްވެސް ހަނދާން ނައްތާލިއްޔާ. އަދި އެ މާޒީއަށްޓަކައި ތައުބާވިއްޔާ. އަހަރުމެންނަކަށް އަބަދަކުއެއް ނުއުޅެވޭނެ މިހެންނެއް. އަހަރުމެންގެ ނިމުން އަންނާނެ އިރެއް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. އެއްދުވަހުން އަނެއްދުވަހަށް އެ ނިމުމާ ކައިރިވަމުން މި ދަނީ. އެދުވަހަކުން އަހަރުމެން ޖެހޭނެ އަހަރުމެން ކުރި ކަންތަކަށް ޖަވާބުދާރީވާން.” ފާރިސް މަޑުމައިތިރި އަޑަކުން ހަނދުމަކޮށްދިނެވެ. ފާރިސް ދިން ނަޞޭޙަތްކޮޅުން ނޭނގޭ ސަބަބަކާހުރެ  މެހެނާޒްގެ ހިތަށް އަސަރުކޮށްފިއެވެ. ފާރިސް އޭނައަށް ހަނދާން އެ ކޮށްދިނީ އޭނަ ވަރަށް ގިނަ ދުވަސް ވަންދެން އެއީ ނުވާނެ ކަމެއްކަމަށް އަމިއްލަ ނަފްސުގާތު ބުނެފައިވާ ޙަޤީޤަތެވެ. އެ ޙަޤީޤަތާއިމެދު ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔަ ހިނދު މެހެނާޒްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނައަށް އެހެން ވަމުން ދިޔައީތީ އައި ރުޅީގައި މެހެނާޒް ފާރިސްއާއި ދިމާލަށް އެއްޗެހި ގޮވައިގަންނަން އުޅުނެވެ. އެހެނަސް އެ ހިނދު އޭނައަށް ހުރަސް އެޅިގެން ދިޔައީ ފާރިސްގެ ފަހަތުން ކޮންމެވެސް ކުއްޖަކު އައިސް ފާރިސްއަށް ގޮވާލުމުންނެވެ. ކަޅުކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އެ އަންހެން ކުއްޖާ އައުމާއެކު ފާރިސް އޭނައާއި އަތު ގުޅުވައިގެން ހިނގައިގަތް ގޮތުން އެއީ ފާރިސްގެ އަންހެނުންކަން މެހެނާޒަށް އެނގުންވިއެވެ. އެ ހިނދު ފާރިސް އެ ވަނީ އަނބިދަށުވެފައޭ ބުނެ މެހެނާޒްގެ ހިތް ހަޅޭއްލެވީ ކުޑަ ހިނދުކޮޅަކަށް ވެސް މަރުމަތިން ހަނދާން ނައްތާލެވޭތޯއެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފިހާރައިން އެޕާޓްމެންޓަށް ހިނގާފައި ދިޔަ މަގުމަތީގައި ސަހަރާއެއް ފެނިފައި އަދި އެކަން ވީ އިތުރަށް ނާދިރު ކަމަކަށެވެ.

 

އެރޭ ނިދަން އުޅުމުން މެހެނާޒަށް ނިދޭ ގޮތެއް ނުވިއެވެ. މުޅި ހަށިގަނޑުގައި ގަދަ ހުމެއް ހިފައި އޭނަގެ ކަރުގެ ތެރެ ދުޅަވިއެވެ. ނުވިތާކަށް އޭސީއިން ކޮޓަރި ފިނިކުރެވިފައިވީއިރު ވެސް އޭނަގެ ދާހިއްލަމުން ދިޔައެވެ. މި ހުރިހާ ކަމެއްގެ މައްޗަށް ވަރުބަލިވެ ނޭވާލާން އުނދަގޫވާހެން ހީވާން ފެށި ވަގުތު އޭނަ ގަތީ އަމަށަކު ބިރެއްނޫނެވެ. އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ފާރިސްގެ ބަސްތަކެވެ. އޭނަ ޖަވާބުދާރީ ވާންޖެހޭ ދުވަސް ޖެހުނީތާއޭ އޭނަގެ ހިތް ބުނިތަނާހެން މެހެނާޒަށް ކުއްލިއަކަށް ތެދުވެލެވުނެވެ. އަދި ގައިގަ ނެތް ވަރަކާއެކީ އެނދުން ފައިބައި ޑޮކްޓަރަށްދާން ތައްޔާރުވިއެވެ.

 

 

ދަންވަރުގެ ވަގުތުގައި އެކަނިމާއެކަނި މެހެނާޒް ޓެކްސީއެއްގައި ހޮސްޕިޓަލަށް ދިޔައެވެ. އަދި އެތައް މަސައްކަތަކުން ވަގުތުން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސިއެވެ. ޑޮކްޓަރު ބަލާފައި އެންގީ ޓެސްޓްތަކެއް ހެދުމަށެވެ. އެވެސްވެގެން ދިޔައީ މެހެނާޒްގެ ހިތް ނުތަނަވަސްކުރުވި ކަމަކަށެވެ. މިއީ ކުޑަ ކަމަކަށް ވާނަމަ ޓެސްޓްތައް ނަހަދައި ބޭސް ދިނީހޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް މެހެނާޒް އެރެއިން ފެށިގެން ޑޮކްޓަރު އެންގިހާ ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ފެށިއެވެ. 2 ހަފްތާއެއްގެ ތެރޭގައި ހެދުނު ޓެސްޓްތަކުގެ ނަތީޖާ ލިބުނު ހިނދު މެހެނާޒަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީ ހެންނެވެ.

 

“ބްލަޑް ކެންސާރ…..ސެކަންޑް ސްޓޭޖް……” ކުރިމަތީގައި ބޮޑު ގޮނޑިއެއްގައި އިން ޑޮކްޓަރު އެހެން ބުނެފައި ދެން ދެއްކި އެއްވެސް ވާހަކައެއް މެހެނާޒަށް ސާފުވާގޮތެއްނުވިއެވެ. އޭނައަށް ގަނޑުވެފައި އިންގޮތަށް އިނދެވުނީ އަމިއްލަ ކަންފަތަށް އިތުބާރު ކުރަން ވެސް ނުކުޅެދިފައި އިނދެއެވެ. ލޮލުން އެންމެ ކަރުނަ ތިތްކެއް ވެސް ނުއޮހޮރުނެއްކަމަކު އޭނަގެ ހިތް ނޫނޭ ކިޔައި ރޮމުން ދިޔައެވެ. އޭނައަށް ލޭގެ ކެންސަރު ޖެހިފައިވާނީ ކިހިނެއް ހެއްޔެވެ؟ ހޮސްޕިޓަލުން ގެއަށް ދިޔަ މަގުމަތީގައި މިއީ ޑޮކްޓަރަށް ހީވި ހީވުމެއް ކަމުގައި މެހެނާޒް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ. އެހެނަސް އެހެން ހޮސްޕިޓަލެއްގެ އެހެން ޑޮކްޓަރަކަށް ދައްކައި ޓެސްޓްތަކެއް ހެދުމުން އެ ޑޮކްޓަރުވެސް ދިނީ އެއްޖަވާބެކެވެ. އެ ޖަވާބުން މެހެނާޒްގެ ބޯމައްޗަށް ބޮޑު ކަޅުވިލާގަނޑެއް ވެރިވި ފަދައެވެ. އޭނައަށް އެދުވަސްފަހުން ހިނިތުންވާކަށް ނޭނގެއެވެ. އަބަދުވެސް އިނދެވެނީ ގޭގެ ތެރޭގެ ކަނެއްގައި ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނަ މިހާ ދުވަހު އެއަށް ފަސްދީފައި ދުވަމުން ދިޔަ މަރު މިއަދު އޭނައާއި އަރާ ހަމަ ކޮށްފިއެވެ. ބަލި ޤަބޫލު ކުރެވުމުން މެހެނާޒް މަރާއި ކެރިގެން ކުރިމަތިލާން ނިންމިއެވެ. އަދި މަރަށް ފަހު ވާނީ ކިހިނެއްތޯ އަމިއްލަ ނަފްސު ގާތު ވެސް ސުވާލުކޮށް އިންޓަރނެޓް ގެ ޒަރިއްޔާއިން އިތުރަށް ހޯދަން ފެށިއެވެ. މަރަށްފަހު ޤިޔާމަތް ދުވަސް އަންނަކަމަށް ބުނާ ލިޔުންތައް ނުކިޔެ ވެވޭތޯ މެހެނާޒް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި ހަމައެކަނި ސައިންސްވެރިން ލިޔެފައި ހުރި ވާހަކަތައް ކިޔައި ޤިޔާމަތް ދުވަސް ނާންނާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން ނުހަނު ގަދައަށް ބާރު އެޅިއެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފާރިސް ބުނިހެން އޭނަ ކުރިހާ ކަމަކަށް އޭނަ ކޮންމެވެސް އެއްދުވަހަކުން ޖަވާބުދާރީ ވާންޖެހޭނެކަމަށް ތަކުރާރުކޮށް އޭނަގެ ހިތް ބުނަން ފެށިއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން މެހެނާޒް އިސްލާމް ދީނުގައި ޤިޔާމަތް ދުވަހަކީ ކޮބައިކަން ހޯދަން ފެށިއެވެ. އެ ހޯދި ހޯދުމުން މެހެނާޒަށް އެނގުނުކަމަކީ އެ ދުވަހަކުން ސަލާމަތް ވާނީ މި ދުނިޔޭގައި ކުރި ނުބައި ކަންތައްތަކަށްވުރެ ހެޔޮ ކަންތައްތައް ގިނަވީ މީހުންކަމެވެ. ހަމަ އެއާއެކު ވީހާވެސް ގިނަ ހެޔޮ ކަންތައް ކުރުމުގެ ޝުޢޫރެއް މެހެނާޒްގެ ހިތުގައި އުފެދުނެވެ. ޤިޔާމަތް ދުވަސް އަޔަސް އޭނަގެ ޙަޔާތުގައި ބާކީ މިއޮތް މަދު މަސްތަކުގެ ތެރޭގައި މުޅިންހެން ހެޔޮ ޢަމަލުތައް ކުރެވިއްޖެނަމަ އޭނަގެ ނުބައި ޢަމަލުތަކަށް ވުރެ ކުޑަތަންކޮޅެއްވެސް މަތިވެދާނެއޭ ހިތަށްއެރިއެވެ. އެ ޚިޔާލު ހިތަށް ވެރިވީ ހިނދު އޭނަގެ ފާފަތަކަކީ ފޮހެވޭނެ އެއްޗެއްކަން އޭނަ ވަނީ ހަނދާން ނެތިފައެވެ.

 

އެހެންކަމުން އެދުވަސްފަހުން މެހެނާޒް އޭނައަށް ފެންނަމުން ދިޔަހާ ހެޔޮ ޢަމަލެއް ކުރަމުން ދިޔައެވެ. ނަމާދުކުރާއިރު ކިޔާ ޒިކުރުތައް ފަރިތަކޮށް ނަމާދު ކުރާ ދޮޅިއެއް ފެއްސިއެވެ. އަދި ކޮންމެ ނަމާދެއް އޭގެ ވަގުތުގައި އަދާ ކުރަމުން ދިޔައެވެ. އެއިން މެހެނާޒަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެއީ ކީއްވެކަމެއް އޭނައަށް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. ނަމާދުގައި ކިޔޭ އެއްޗެހީގެ މާނަތައް އޭނައަށް އެނގެނީއެއްނޫނެވެ. ވީއިރު އެއީ އޭނަ ކުރާ ހިތްވާ ކަމަކަށްވީ ކިހިނެއްހެއްޔެވެ؟ ޤުރުއާން ވެސް ކޮށި ގޮތަކަށް ކިޔަވަން ފެށިތާ މާ ގިނަ ދުވަހެއްނުވެ އެއީ ވެސް މެހެނާޒް ކުރާ ހިތްވާ ކަމަކަށްވެ ނިމިއްޖެއެވެ. އެހެންކަމުން އޭނަ އެ ދެކަންތައް ވެސް ނުހަނު އަވަސްއަވަހަށް ކުރަން ފެށިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވީހާވެސް ގިނަ ޘަވާބު އޭނައަށް ލިބޭނެކަމުގެ އުއްމީދުގައެވެ.

 

އެއްރެއަކު މެހެނާޒް ޢިޝާ ނަމާދު ކުރުމަށްފަހު ސަލާމް ދިން ތަނާހެން އޭނަގެ އެނދުމަތީގައި އޮތް ފޯނު ރިންގުވިއެވެ. އޭނަ ފޯނު ނަގައި ބަލާލިއިރު އެއީ ޔާސިރެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެ މެހެނާޒް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ނާޒް އަދިވެސް އަނބުރާ ޝޫޓިންގްއަށް އަންނާކަށް ނުވޭތަ؟ އަދިވެސް ރަނގަޅުނުވަނީތަ؟” ޔާސިރު އަހާލި އަޑު އިވުނެވެ. ހަމަ އެއާއެކު މެހެނާޒްގެ ހިތަށް އުނދަގޫވިއެވެ. ޔާސިރު އެ ސުވާލު ކުރަނީ އޭނަ މެދާއި ހިސާބަށް ކުޅެފައި އޮތް ޔާސިރުގެ ފިލްމެއްގެ ވާހަކައެވެ. އެ ފިލްމުގެ ވާހަކަ ލިޔެވޭނީ އޭނަގެ ވާތް ފަރާތުގައިތޯ ނުވަތަ ކަނާތް ފަރާތުގައި ތޯ އަމިއްލަ ނަފްސު ގާތު ސުވާލު ކޮށްލުމުން ޔާސިރަށް ދޭންވީ ޖަވާބު މެހެނާޒަށް ވިސްނުނެވެ.

 

“އަ…..އަހަންނަށް ދެން އެ ފިލްމް ނުކުޅެވޭނެ، ޔާސިރު.” މެހެނާޒް ދެލޯ މަރާލަމުން ޖެހިލުންވުމަކާއެކީ އަންގާލިއެވެ. ހަމަ އެއާއެކު ޔާސިރުގެ އަޑު ހަރުވިއެވެ.

 

“ވަޓް؟! އާރ ޔޫ އައުޓް އޮފް ޔުއާރ މައިންޑް؟ ނާޒްއަކަށް ތިހެންނެއް ނެހެދޭނެ. މިހާރު ވެސް އަހަރެން މިހާ ދަތިކޮށް އުޅެމުން ދަނިކޮށް ނާޒް ތިހެން ހަދައިފިއްޔާ އަހަރެން ބަނގުރޫޓުވެދާނެ. ޕްލީޒް ޑޯންޓް ޑޫ ދިސް!” ޔާސިރު އާދޭސްކުރިއެވެ. އެހެނަސް މެހެނާޒް އެއްވެސް ގޮތަކަށް ފިލްމު އިތުރަށް ކުޅެން ޤަބޫލެއް ނުވިއެވެ. މި ހުރިހާ ދުވަހު ބުރުގާވެސް ނާޅާ ޓީވީއަށް އެރުން ވެސް ވެފަވާނީ ގޯސް ޢަމަލަކަށްކަން އެނގުންވުމުން އޭނަ ހަމަ އެ ހިނދު ބުރުގާވެސް އަޅަން ބޭނުންވިއެވެ. ޔާސިރުގެ ވާހަކަ އަޑު އެހުމެއްނެތި އަމިއްލަ ވިސްނުމެއްގައި ހުރެ މެހެނާޒް މިނެޓްތަކެއްފަހުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ހަމަ އެރޭ ފިހާރައަކަށް ގޮސް ބުރުގާ ގަނެގެން ދިގު ހެދުން ފެއްސިއެވެ.

 

 

ދިގު ހެދުމެއް ފުރަތަމައަށް ލެވުނު ދުވަހު މެހެނާޒަށް މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެ ފުރިހަމައަށް ހިނިތުންވެލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. އެކަމާމެދު އޭނަ ޙައިރާންވެސްވިއެވެ. އޭނައަށް މިވަނީ ކިހިނެއްތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ދުވަހުން ދުވަހަށް ޑޮކްޓަރުން ބުނަމުން ދަނީ އޭނަގެ ޙާލަތް ދަށަށް ދަމުން ދާ ކަމަށެވެ. އޭނައަށް އޭގެ ޢަލާމާތްތައް ވެސް ކުރިމަތިވަމުން ދިޔައެވެ. ފަހަކަށް އައިސް އޭނައަށް ރޭގަނޑުގެ ނިދިވެސް ލިބެނީއެއްނޫނެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ވަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ނިދި ނުލިބުމުން ޤުރުއާން ކިޔެވުމާއި ނަމާދު ކުރުމުގައި ވަގުތު ހޭދަކުރުމުން އެ އުފާވެރިކަން އިތުރުވެގެން ދެއެވެ. ލަންކާގައި އުޅެމުންދާ މަންމަމެން އޭނައަށް ގުޅުމާއެކު އޭނަ ވަރަށް ރަނގަޅު ކަމަށްވެސް ބުނެވެނީ އެ އިޙްޞާޞްތަކެއްގެ ސަބަބުންނެވެ. އޭނަގެ ބަލީގެ ވާހަކަ އޭނަ އެކަކަށްވެސް އަންގާކަށް ބޭނުމެއް ނުވިއެވެ. އެހެން މީހުންގެ ޙަމްދަރުދީ ލިބުމުން އޭނަ ބަލިކަށިވުން ނޫންކަމެއްނުވާނެހެން އޭނައަށް ހީވާތީވެއެވެ. ބޭރުން އޭނަ ފަރުވާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުންޏެއްކަމަކު އޭނަ ނުގޮސް ވެސް ހުރީ އެހެންވެއެވެ. މަންމަމެންގެ އެހީއާ ލައިގެން ނޫނީ އެ ފަރުވާ ނުހޯދޭނެކަން އެނގޭތީވެއެވެ. އެހެންނޫނަސް ފަރުވާ ހޯދިޔަސް އޭނަ ރަނގަޅުވާނެކަމުގެ އުއްމީދު މެހެނާޒް އަމިއްލައަށް ވެސް ކަނޑާލައިފިއެވެ.

 

ބަލި ޙާލަތުގައި އެކަނިމާއެކަނި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެ އަހަރުގެ ރަމަޟާން މަސް ޖެހުނެވެ. ކިތަންމެ ބަލިވިއެއްކަމަކު މެހެނާޒް ރޯދަ ހިފަން ބޭނުންވިއެވެ. މި ހުރިހާ ދުވަހު އޭނަ އެއްވެސް ރޯދައެއް ހިފާފައި ނުވާއިރު އޭނައަށް މި ރޯދަމަސް ދޫކޮށްލެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ މިއީ އޭނަގެ ޙަޔާތުގައި ވެސް އަންނާނެ އެންމެ ފަހު ރަމަޟާންމަސް ނޫންކަމެއް ވެސް އެނގެނީއެއްނޫނެވެ. އެހެންކަމުން ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންތަކާއި އެކީގައި ވެސް މެހެނާޒް ރޯދަ ހިފަން ފެށިއެވެ. ރަމަޟާން މަސް ފެށުނުތާ މާ ގިނަ ދުވަހެއް ނުވެ މި މަހުގައި އަންހެނުން ވެސް ކޮންމެވެސް ނަމާދެއް ކުރުމަށްޓަކައި މިސްކިތަށް ދާ މަންޒަރު އޭނައަށް ފެނިފައިވެއެވެ. އޭނަ ހޯދި ހޯދުމުން އެއީ ތަރާވީޙް ނަމާދުކަން އޭނައަށް އެނގުނެވެ. އެކަން އެނގުނު ދުވަހުގެ ރޭ އޭގެ ޘަވާބުވެސް ހޯދަން އޭނަ ގެއިން ނިކުތެވެ. ބުރުގާއާއެކީ ޖިލްބާބް ލީ ފަހުން އޭނަ ފައިމަގުގައި ތަންތަނަށް ދާން ފެށީ އެރެއެވެ. މަގުމަތިން ގިނަ ބައެއްގެ ނަޒަރު މެހެނާޒަށް އަމާޒުވަމުން ދިޔަ ގޮތުން މެހެނާޒަށް ތިރި ބެލެމުން ދިޔައެވެ. ބައެއް މީހުން އޭނައަށް ބަލަމުން ދިޔަގޮތުން އޭނަގެ ހިތް ނުތަނަވަސްވެސް ވަމުން ދިޔައެވެ. އޭނައާއި އެއްހަމައެއްގައި މިސްކިތަށް ދާން ހިނގަމުން ދިޔަ ދައްތަމެންވެސް އޭނައަށް ބަލަމުން ދިޔަ ގޮތުން އޭނައަށް ކަމެއް ގޯސްކޮށް ކުރެވެނީތޯ ހިތަށް އަރަމުން ދިޔައެވެ. ބައެއް ދައްތަމެން އޭނައަށް ބަލާފައި ސިއްރު ވާހަކަތަކެއް ދައްކަމުން ދިޔަ ގޮތުން އޭނަގެ ހިތް އިތުރަށް ދެރަވިއެވެ. އޭގެ ތެރެއިން ދައްތައަކު ވައި އަޑުން ދެއްކި ވާހަކައެއް މެހެނާޒަށް އިވުނީ އޭނަ މިސްކިތަށް ވަންނަން އުޅުނު ވަގުތެވެ.

 

“ޒިނޭ ކުރާ މީހާ ތައުބާވުމުގެ ޑްރާމާއެއް ކުޅެނީ.” އެ ދައްތަ ބުނި ވާހަކަ ކަންފަތާއި ހަމައަށް ފޯރުމާއެކު މެހެނާޒް ހުއްޓުން އެރިއެވެ. އޭނަގެ ފަހަތުން އައި ދައްތަމެން މިސްކިތަށް ވަތްއިރު ވެސް އޭނައަށް ހުރިގޮތަށް ހުރެވުނެވެ. ހަމަ ކުއްލިއަކަށް އޭނަގެ ހުރިހާ ނުބައި ޢަމަލެއް ލޯ ކުރިމަތިން ސިފަވާން ފެށުމުން މެހެނާޒްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަ މިހުރިހާ ދުވަހު ކުރި ހެޔޮ ޢަމަލުތައް ވެސް އެ ނުބައި ޢަމަލުތަކާއި ބަލާއިރު ހާދަ މަދޭ ހިތަށްއެރިއެވެ. އޭނަގެ ނުބައި ޢަމަލުތަކަށްވުރެ ހެޔޮ ޢަމަލުތައް ދުވަހަކުވެސް ގިނަ ނުވާނެހެން ހީވި ހިނދު މެހެނާޒްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ނާއުއްމީދީ އިޙްޞާޞްތަކެއްގެ ސަބަބުން އޭނަ ދެން ނަމާދުވެސް ކުރަންވީ ކީއްވެތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަ ގަދަކަމުން ގޮސް އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބަޔަށް ދިޔައެވެ. އަދި އޭނައާއިމެދު ގޯސް ވާހަކަތައް ދެއްކި ދައްތަމެންގެ މެދުގައި ހުރެ ސުންނަތް ނަމާދުތައް ކުރަން ފެށިއެވެ. އެ ދައްތަމެންގެ ނަޒަރުތަކެއްގެ ސަބަބުން ﷲ ގެ ޙަޟްރަތުގައި ވެސް އޭނަ އަދިވެސް ވާނީ ވަރަށް ނުބައި މީހަކަށޭ ހިތް ބުނަމުން ދިޔައެވެ. އެކަމަކު އޭނަ ބޭނުންވަނީ ރަނގަޅު މީހަކަށްވާށެވެ. ރަނގަޅު މީހަކަށްވެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް މިހާރު ޔަޤީނެއްނޫނެވެ. މެހެނާޒަށް އެރޭ މުޅި ނަމާދު ތެރޭގައި ރޮވުނެވެ. އޭނައަށް ހިތާހިތުން އެހީއަކަށް އެދެވެމުން ދިޔައެވެ. ރަނގަޅު މީހަކަށްވުމަށް ލިބޭނެ އެހީއަކަށެވެ.

 

ނަމާދު ނިމުމަށްފަހު ހުރިހާ ދައްތަމެން އެކަކު އަނެކަކާ ސަލާމް ކުރިއިރު މެހެނާޒާއި ސަލާމްކުރަން އައީ ވަރަށް މަދު ދައްތައެކެވެ. އެކަމާމެދު ވެސް އިތުރަށް މާޔޫސްވެހުރެ މެހެނާޒް ލަސް ފިޔަވަޅުތަކެއްގައި ގޮސް އަންހެނުންގެ ބައިގެ ކަނެއްގައި ގޮސް އިށީނދެ އޭނަގެ ކަކޫމަތީގައި ބޯއަޅާލިއެވެ. އޭގެ މާ ގިނައިރެއް ނުވެ ކޮންމެވެސް މީހަކު އޭނަގެ ކޮނޑުގައި އަތް އަޅާލި އިޙްޞާޞް އޭނައަށް ކުރެވުނެވެ. އެހެނަސް މެހެނާޒަށް ބަލާ ނުލެވުނީ އޭނަގެ ހިތް ޖަޒުބާތުތަކުން ފުރިބާރުވެފައިވުމުން މީހެއްގެ ކުރިމަތީގައި އޭނައަށް ރޮވިދާނެތީވެއެވެ.

 

“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ.

 

ނުނިމޭ

The post Asr (Part 52) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-52/feed/ 0 841
Asr (Part 51) https://blog.storiesbyjana.com/asr-part-51/?utm_source=rss&utm_medium=rss&utm_campaign=asr-part-51 https://blog.storiesbyjana.com/asr-part-51/#respond Fri, 23 Apr 2021 11:21:06 +0000 https://blog.storiesbyjana.com/asr-part-50-copy/

އައިމަނަށް ފޮތުގެ ތެރެއިން އެ ސިޓީ ފެނިއްޖެނަމަ އޭނަ އެއާއިމެދު ކަމެއްނުކޮށް ނުހުންނާނެކަން ޔަޤީންކުރެވުނީތީވެއެވެ. ޝިޔާ ބަލަބަލާ ހުއްޓާ އައިމަން އެއްފަހަރު އެފޮތަށް އަނެއް ފަހަރު އޭނައަށް ބަލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ގޮސް އެތާ ބޭރުގައި ހުރި ސައިކަލަށް އަރައި ސްޓާޓްކޮށްލިއެވެ.   **   ރެސްޓޯރެންޓްގެ ސައިކަލު އެތަނާ ޙަވާލުކޮށްފައި އައިމަން ފައިމަގުގައި ގެއަށް އައީވެސް ޝިޔާ ދިން ފޮތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ކަޅުކުލައިގެ މޮނީޓަރު ފޮތުގެ […]

The post Asr (Part 51) appeared first on Stories by Jana.

]]>

އައިމަނަށް ފޮތުގެ ތެރެއިން އެ ސިޓީ ފެނިއްޖެނަމަ އޭނަ އެއާއިމެދު ކަމެއްނުކޮށް ނުހުންނާނެކަން ޔަޤީންކުރެވުނީތީވެއެވެ. ޝިޔާ ބަލަބަލާ ހުއްޓާ އައިމަން އެއްފަހަރު އެފޮތަށް އަނެއް ފަހަރު އޭނައަށް ބަލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ގޮސް އެތާ ބޭރުގައި ހުރި ސައިކަލަށް އަރައި ސްޓާޓްކޮށްލިއެވެ.

 

**

 

ރެސްޓޯރެންޓްގެ ސައިކަލު އެތަނާ ޙަވާލުކޮށްފައި އައިމަން ފައިމަގުގައި ގެއަށް އައީވެސް ޝިޔާ ދިން ފޮތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ކަޅުކުލައިގެ މޮނީޓަރު ފޮތުގެ ބޭރުގައި “ޤުރުއާން އެންޑް ޢަރަބިކް” ޓިޕެކްސްއިން ލިޔެވިފައި އޮތް ގޮތުން އައިމަނަށް ދެބުމަ ކައިރިކޮށްގެން ހުރެ ވެސް ހިނިތުންވެލެވުނެވެ. ޓިޕެކްސްއިން ލިޔުމަކީ ޝިޔާ ކިހާ ކުރާ ހިތްވާ ކަމެއްކަން ހަނދާނަށް އައުމުންނެވެ. ޝިޔާ އަދިވެސް ބަދަލުނުވޭތާއޭ ހިތަށްއެރިއެވެ. އެހެނަސް އޭނަ ހާދަ ބަދަލުވެއްޖެއެވެ. ބަދަލުނުވާނަމަ މިފަދަ ފޮތެއް ޝިޔާ އޭނަގެ އަތަށް ނުދިނީހެވެ. ޝިޔާ މީތި އޭނައަށް ދިނީވެސް ފަހެ ކީއްވެ ހެއްޔެވެ؟ ޝިޔާހެން އޭނަވެސް “ދީންވެރި” ކުރުވަން ހެއްޔެވެ؟ އެއީ ވާނެކަމެއްހެން ހިއެއްނުވިއެއްކަމަކު އައިމަން އެ ފޮތަށް ޝައުޤުވެރިވިއެވެ. ކެތްތެރިކަން ކޮޅުންލުމުން އައިމަން ޕޭވްމެންޓް މަތިން ހިނގާފައި ދަމުން ވެސް ފޮތުގެ ބޭރުގަނޑު ހުޅުވާލިއެވެ. ހަމަ އެއާއެކު ފެނިގެން ދިޔައީ ފުރަތަމަ ޞަފްޙާގެ މެދުގައި ޢަރަބި ބަސްކޮޅެއް ލިޔެވިފައިވި ތަނެވެ. އެއީ ޤުރުއާނުގެ ކުރު ސޫރަތެއްކަން އައިމަނަށް އެނގުންވީ އޭތި ކިޔާލުމުންނެވެ. އެއީ އޭނަ ރަމަޟާންމަހު އަވަސްއަވަހަށް ކުރާ ބައެއް ނަމާދުތަކުގައި އެންމެ ގިނައިން ކިޔަވާ ސޫރަތެވެ. ޢަޞްރު ސޫރަތެވެ.

 

އައިމަނަށް އެ ލިޔުންކޮޅާއި ދިމާލަށް ބަލަން ހުރެވުނެވެ. ޝިޔާ މި ސޫރަތް މި ފޮތުގެ ފުރަތަމަ ޞަފްޙާގައި ލިޔެފައި އޮތީ ކީއްވެ ހެއްޔެވެ؟ ޤުރުއާނުގެ ފުރަތަމަ ސޫރަތަކީ އައިމަނަށް ހީވާގޮތުން އަލިފް ލާމް މީމްއޭ ކިޔާ ސޫރަތެކެވެ. ވީއިރު ޝިޔާ އެ ސޫރަތުން ފަށާފައި ނުވަނީ ކީއްވެހެއްޔެވެ؟ މި ސޫރަތް ޝިޔާއަށް މާ ޚާއްޞަވަނީ ހެއްޔެވެ؟ ސިކުނޑި ސުވާލުތަކުން ފުރިގެން ދިޔަ ހިނދު އައިމަންގެ ނިތަށް ރޫގިނަވިއެވެ. ފޮތުގެ އިތުރު ޞަފްޙާއެއް ހުޅުވަން އުޅުނުތަނާހެން ކުރިމަތިން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއްގެ އަޑަށް އައިމަނަށް އިސްއުފުލައި ބަލާލެވުނެވެ. އެވަގުތު އޭނައާއި ދިމާ ކުރިމަތިން އަޒާން ނުހަނު ބާރު ސްޕީޑެއްގައި ގޮސް ސައިކަލު ގޭގެ ގޭޓުން ވައްދާލީއެވެ. އަޒާންގެ މޫނު ފެނުނު ފަޅި ސިކުންތުގައި ވެސް އޭނަގެ މޫޑު ޚަރާބުވެފައިވިކަން އައިމަނަށް އެނގުންވިއެވެ. ހަމަ އެއާއެކު ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ އައިމަން އެ ފޮތް ލައްޕާލަމުން ގޭގެ ފެންޑާ ތެރެއަށް ވަނެވެ.

 

“ޑޫޑް ވަޓްސް ރޯންގް؟” ޖަނބުރޯލު ގަހުގެ ކައިރީގައި އަޒާން ސައިކަލު ޕާކް ކޮށްލި ހިނދު އައިމަން އޭނަ ކައިރިއަށް ދަމުން އަހާލިއެވެ. އެހެނަސް އަޒާނަށް އެ އަޑު ނުއިވުނު ފަދައެވެ. އޭނަ އައިމަނަށް ބަލާލުމެއްވެސް ނެތި އެތެރެއަށް ވަދެގެން ދިޔަ ގޮތުން އައިމަންގެ ހިތުގައި ޖެހުނެވެ. އަޒާނަށް ބޮޑު ކަމެއް ދިމާވެއްޖެކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު އަޒާނަށް އެހީވާން އެދުނު ހިތަކާއެކީ އައިމަނަށް ގޭގެ ތެރެއަށްދާން ހިނގައިގަނެވުނެވެ.

 

އައިމަނަށް ގޮސް ގެއަށް ވަދެވުނު ވަގުތު އަޒާން ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ބާރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. އެ ހިނދު ސިޓިންގް ރޫމުގައި ތިބި ހަފްސާއާއި ރަޝީދާ ވެސް ދިޔައީ ސިހިގެންނެވެ. އައިމަން އެމީހުންނަކަށް ބެލުމެއްނެތި ގޮސް އެ ކޮޓަރީގެ ދޮރާއި ހަމަކޮށް ޓަކިދިނެވެ.

 

“ޒާން ކިހިނެއްތަވީ؟ ދޮރު ހުޅުވާފަ އަހަންނަށް ކިޔާދީބަލަ…..” އައިމަން ޓަކި ދެމުން އަޑު ބާރުކޮށް ވާހަކަ ދެއްކިއެވެ. އެހެނަސް އަޒާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހިމޭންކަން ސިކުންތުކޮޅަކަށް ދެމިގެން ދިޔުމުން އައިމަން ދޮރުގެ ތަޅުގައި ހިފައި އަނބުރާލަން އުޅުނެވެ.

 

“ސީރިއަސްލީ، ވަޓް ހެޕެންޑް؟ ކިޔައިދިނީމައެއްނު ހެލްޕްވެވޭނީވެސް؟ އޮޕެން ދަ ޑޯރ!” ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ އައިމަން ބުނެލިއެވެ. އެ ހިނދު ހަފްސާ ވެސް އަޒާނަށް ކިހިނެއްވީތޯ އައިމަން ކުރެން އަހައިފިއެވެ. އައިމަން ދެކޮނޑު އަރުވާލަމުން ޖަވާބުދިނެވެ. ދެންވެސް ކޮޓަރީގެ އެތެރެއިން އެއްވެސް އަޑެއް ނުއިވުމުން އައިމަން ވާހަކަ ދެއްކިއެވެ.

 

“ޒާން ދޮރު ނުހުޅުވަންޏާ އެނގޭ ދޯ މި ކޮޓަރީގެ ޑުޕްލިކޭޓް ތަޅުދަނޑި އަހަ……..” އައިމަންގެ ވާހަކަ މެދުކެނޑުނީ އަޒާން ހަޅޭއްލަވައިގަތުމުންނެވެ.

 

“ޖަސްޓް ލީވް މީ އެލޯން!!” އަޒާން ދުވަހަކުވެސް އޭނަ އަޑު ހަރު ނުކުރާވަރަށް ހަރުކޮށްފައި އަންގާލި އަންގާލުމުން ސިޓިންގް ރޫމުގައި ތިބި އެންމެންގެ ދެލޯ ބޮޑުވިއެވެ. މިއީ ހަމަ އަޒާން ތޯ އެމީހުންގެ ހިތަށް އެރިއެވެ. އަޒާނަކީ އަމިއްލައަށް ބޭނުންވެގެން ހުންނަ ކަމެއްވެސް އަދަބުވެރިކަމާއެކީ މަޑުމައިތިރި އަޑަކުން ނޫންގޮތަކަށް ބުނެފައިވާ ކުއްޖެއްނޫނެވެ. ނަމަވެސް މިއަދު މިވީ ކިހިނެއްހެއްޔެވެ؟

 

އައިމަނަށް އަޒާންގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލަން ހުރެފައި ފަހަތަށް ޖެހިލެވުނީ އަޒާން ދެން އޭނައަށް ޖަވާބެއް ނުދޭނެކަން ޔަޤީންވުމުންނެވެ. މިއީ އަޒާންގެ ފަރާތުން ފެނުނު އާ ސިފައަކަށް ވިޔަސް އަޒާނަކީ އޭނަގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އޭނައަށް އަޒާން އެނގެއެވެ. ގަދަކަމުން އަޒާންގެ ކޮޓަރީގެ ދޮރު ހުޅުވަން އައިމަން ބޭނުންވިއެވެ. އެހެނަސް އަޒާން މި ހުރިހާ ދުވަހު އޭނަ ރުޅި އިސްކުރުމުން ކެތްކުރި ގޮތަށް އޭނަވެސް އަޒާނަށްޓަކައި ކެތްކުރަން ބޭނުންވިއެވެ. އަދި އަޒާނަށް އެކަނިވެލުމުގެ ފުރުޞަތެއްދޭން ނިންމަމުން އޯކޭއޭ ބުނެ އެތަނުން ދާން ހިނގައިގަތީ ދެންވެސް އަޒާނާއިމެދު ވިސްނަމުންނެވެ. އައިމަން އޭނަގެ ކޮޓަރިއަށް ވަތް ވަގުތު މިޒަމާނުގެ ކުދިންގެ އުޅުން ހުންނަ ގޮތްދޯ އޭ ކިޔައި ހަފްސާ ކުދިކިޔަމުން ދިޔައެވެ.

 

**

 

މަންމަ ބޭރުން އެއްޗެހި ގޮވަމުން ދިޔަ އަޑު އިވިފައި އަޒާންގެ ހިތުގައި ރޯވެފައިވި ރުޅީގެ އަލިފާންގަނޑު ބޮޑުވާ ގޮތްވިއެވެ. އޭނަގެ ހިތުގައި މި އަލިފާންގަނޑު ރޯވެގެން ދިޔައީ އެ ހިތުގައި އުފެދިފައިވި އިޙްޞާޞްތަކެއްގެ ސަބަބުންނެވެ. އެންމެ ލޯބިވާ މީހެއްގެ ކުރިމަތީގައި ތިމާގެ އަގެއްނެތްކަން އެނގުމުން ލިބުނު ގިލަންވެރިކަމެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު ލިބުނު ލޯބި ގެއްލުމުގެ ހިތާމަވެރިކަމެވެ. ޙަޔާތަށް ދެން ދުވަހަކުވެސް އުފާވެރި ދުވަސްތަކެއް ނައިސްދާނެކަމުގެ ބިރުވެރިކަމެވެ. މި ހުރިހާ އިޙްޞާޞްތަކެއްގެ ތެރޭގައި އަމިއްލަ ނަފްސު ގަންބާލަން ބޭނުންވެފައިވަނިކޮށް އައިމަން ވާހަކަ ދެއްކުމުން އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވީއެވެ. އަދި އަމުދުން އައިމަނަކީ އޭނައަށް ގެއްލިފައިވާ ހުރިހާ އެއްޗެއް ލިބިފައިވާ މީހެއްހެން ހީވާތީ ހިތުގައި ޙަސަދަވެރިކަމެއްވެސް އުފެދުނީއެވެ. އޭގެ މައްޗަށް މަންމަ އެއްޗެހި ގޮވާ އަޑު އިވެން ފެށުމުން އަނެއްކާވެސް އަޒާނަށް ހަޅޭއްލަވައިގަނެވެން އުޅުނެވެ. އެކަމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ތަނާހެން އެތާ ކިޔަވާ މޭޒުމަތީގައި ހުޅުވާފައި ހުރި އޭނަގެ ލެޕްޓޮޕްގެ ސްކްރީން އޭނަގެ ލޮލުގައި އެޅިއެވެ. އޭގައި ހުރީ ޤުރުއާނުގެ ޞަފްޙާއެއް ހުޅުވިފައިވި ޕޭޖެކެވެ. ޢަރަބި އަކުރުން ލިޔެވިފައިވި އެ އާޔަތްތަކުގެ މާނަ އެއްވެސް ވަރަކަށް ނޭނގުނެއްކަމަކު އެ ބަސްތައް ފެނިފައި އަޒާނަށް ﷲ މަތިން ހަނދުމަ ކުރެވުނެވެ. ހަމަ އެއާއެކު ދެންމެ އޭނައަށް އެޅެން އުޅުނު ފިޔަވަޅާއިމެދު ލަދުވެތިވިއެވެ. އެއީ ހަމަ ގައިމުވެސް ﷲ ރުހިވޮޑިގެންވާނެފަދަ ފިޔަވަޅެއް ނޫންކަން އެނގުންވުމުންނެވެ. އެ ހިނދު ނޭނގޭ ސަބަބަކާހުރެ އޭނަގެ ދެލޯ ފެންކަޅިވިއެވެ. ދާދި ދެންމެއަކު އޭނައަށް އައިމަނާއި ވާހަކަ ދެކެވުނު ގޮތް ހަނދާންވެފައި އަޒާންގެ ހިތް އިތުރަށް ދަތިވިއެވެ. އެއީ ވެސް ﷲ އަށް އުރެދުމަކަށް ކުރެވުނު ކަމެއްކަން ޔަޤީންވުމުންނެވެ. މީގެ އިތުރުން ވެސް މިރޭ ހުދާއާއި ގާތްވެވުނު ގޮތް ލޮލަށް ސިފަވެގެން ދިޔުމުން އަޒާންގެ ހިތަށްވީ އުނދަގުލާއެކީ އޭނައަށް މަޑުމަޑުން ތިރިވަމުން ގޮސް އެނދުގެ ކައިރީގައި ބިންމަތީގައި އިށީނދެވުނެވެ. އެއަށްފަހު އޭނައަށް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެވުނެވެ. ﷲ އޭނައާއިމެދު ރުހިވޮޑިގެންނުވާނެކަމަށް ހިތް ތަކުރާރުކޮށް ބުނަން ފެށި ހިނދު އޭނައަށް އަމިއްލަ ނަފްސަށް ރުޅިއާދެވުނެވެ. އެއީ ﷲ ރުހިވޮޑިގެންނުވާފަދަ ގޮތަކަށް އޭނައަށް އުޅެވުނުކަމަށްޓަކައިކަމެއް ނޫނީ އެއްވެސް ސަބަބެއްނެތި ﷲ މަތިން ހަނދުމަ ކުރެވޭތީކަމެއް އަޒާނަކަށް ޔަޤީނެއް ނުކުރެވުނެވެ. ނޭނގޭ ސަބަބަކާހުރެ ﷲ ޒިކުރުކުރުމަށް އޭނަގެ ހިތުގައި ނަފްރަތެއް އުފެދުނެވެ. އެކަމުން އޭނައަށް ލިބޭނީ ފަހެ ކޮން ފައިދާއެއް ހެއްޔެވެ؟ މިރޭ އޭނައަށް ދިމާވެފައިވާހާ ހިތާމައެއްގެ މުލަކީ އެއެވެ. ވީއިރު އޭނަ ވީ އެކަމުން ދުރުވާން ނޫންހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން ދުނިޔޭގައިވާހާ ނުބައި ކަމެއް ކުރުމުގެ ޝުޢޫރެއް އޭނަގެ ހިތުގައި އުފެދުނެވެ. އައިމަން މީގެ ދުވަސްކޮޅެއް ކުރިން ކުރިފަދަ ހުރިހާ ފާފައަކަށް އަރައިގަންނަން ހިތުގެ ކަނަކުން އެދިލައިފިއެވެ. އެހެނަސް އޭނަގެ ހިތުގެ ބޮޑުބައިން އެ ހުރިހާ ކަމަކީ ގޯސްކަމެއްކަމަށް ބުނަން ފެށުމުން އެ ހިތުތެރޭގައި ހައިޖާނެއް އުފެދިގެން ދިޔައެވެ. އެ ހައިޖާނުގައި މޮޅުވީ ﷲ އަށް އުރެދެން އެދެމުން ދިޔަ ފަޅިއެވެ. އެހެންކަމުން އޭނަ ވަގުތުން ތެދުވެ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

މިފަހަރު އަޒާން ސައިކަލަށް އަރަން ދިޔައީ އޭނަގެ މަންމަ ނުރުހުންތެރިކަމާއެކީ ދަނީ ކީއްވެތޯ އަހަމުން ދަނިކޮށެވެ. އޭނަ މަންމަގެ އަޑަށް ބީރު ކަންފަތެއް ދެމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް ސައިކަލަށް އެރިއެވެ. އެއަށްފަހު މަންމަ ބަލަން ހުއްޓާ ފަހަތް ބެލުމެއްނެތި ނުހަނު ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާލައިފިއެވެ.

 

ގަދައަށް ހަނގުރާމަކުރަމުން ދިޔަ ދެ ޚިޔާލާއެކީ އަޒާން މިފަހަރުވެސް މިޞްރާބުޖެހީ ހުދާގެ ގެއާއި ދިމާލަށެވެ. އެގޭގެ ދޮރުމައްޗަށް ގޮސް ސައިކަލު މަޑުކުރެވުމާއެކު އަޒާންގެ މެއަށް ފިނިވެގެން ދިޔައީ އޭނަ މި ކުރަން އުޅޭ ކަމެއްގެ ބިރުވެރިކަމުންނެވެ. އެހެނަސް އޭނަ މިރޭ ފަހަތަށް ނުޖެހޭނެއެވެ. އޭނަ ހެވެއް ވެސް ނުވެ ނުބައެއް ވެސް ނުވެ އެއްވެސް ކޮޅަކަށް ނުޖެހި ދެނެއް ނުހުންނާނެއެވެ. އޭނަގެ ޙަޔާތުގެ މި ބާބު ކޮންމެވެސް އެއްކޮޅެއްގައި އޭނަ ޖައްސާނެއެވެ. އެ ޚިޔާލާއެކީ އަޒާން އަވަސްއަވަހަށް ސައިކަލުން ފޭބިއެވެ. އޭނަ ހުދާމެންގެ ދޮރާއި ދިމާލަށް އަޅަން ފެށީ ދިގު ފިޔަވަޅުތަކެއް ކަމަކު އެ ފިޔަވަޅުތަކުގައި ޖެހިލުންވުމަކާއެކީގައެވެ. ކޮންމެއަކަސް އޭނަ ގޮސް އެ ދޮރުގައި ޓަކި ދިނެވެ. އޭގެ މާ ގިނައިރެއްނުވެ ހުދާ ދޮރު ހުޅުވިއެވެ. އަޒާން ފެނުމުން މޫނުމައްޗަށް ވެރިވި ރުޅިވެރިކަމާއެކީ ހުދާ އެއްޗެކޭ ބުނަން އުޅުނު ހިނދު އަޒާން ވާހަކަ ދެއްކިއެވެ.

 

“އައިމް ސޮރީ ހް..ހުދާ……..އަ…..އައި ރިއަލީ އޭމް. ދް….ދެން އަ……ހަރެން އެކަހަލަ ވާހަކަތައް ން…ނުދައްކާނަން. އަހަރެން އަސްލު ކްކް..ކިއުރިއަސްވާތީ އެ….ކަހަލަ ވާހަކަތައް ދެކެވެނީ. ނަތިންގް އެލްސް. އަހަރެން ހުދާ ބޭނުންހާ ގޮތަކަށް ކަންތައް ކުރާނަން…….މިރޭ.” އަޒާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ހުދާއާއި ގާތްވެ އެހެން ބުނެލީ އޭނަގެ ހިތް މޭތެރޭގައި އޮވެ ހަޅޭއްލަވަމުން ދަނިކޮށެވެ. އޭނަ މި ފާޚިޝް ޢަމަލަށް އަރައިގަންނަން މިއުޅެނީ ގަދަކަމުންކަން ޚުދު އޭނައަށް ވެސް އެނގުންވިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހުއްޓުވާކަށް ވެސް ބޭނުމެއްނުވިއެވެ. ހުއްޓުވައިގެން އޭނަ ހައިޖާންގަނޑެއްގެ ތެރޭގައި ހުރުން ނޫންކަމެއް ނުވާނެކަން ޔަޤީންވީތީވެއެވެ.

 

ހުދާ ގޭގައި އެކަނި ހުރި އެ ވަގުތުގެ ބޭނުން އަޒާން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ. ހުދާގެ ކޮނޑުގައި އެޅުނު އޭނަގެ އަތާއެކީ އެދެމީހުން އިތުރަށް ގާތްވެ ކޮޓަރިއާއި ހަމައަށް ދިޔައެވެ. އެ ހުރިހާ ވަގުތުވެސް އަޒާންގެ ހިތުތެރޭގައިވީ ނޭދެވޭ އިޙްޞާޞްތަކެވެ. އެހެނަސް ލައްޒަތުގެ ރަހަ އޭނައަށް ލިބުނު ހިނދު އޭނަ އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. ޝައިޠާނާ އޭނައަށްޓަކައި އެ ވަގުތުކޮޅު ޒީނަތްތެރިކުރުވިއެވެ. އެހެންނޫނަސް ޒުވާން ފިރިހެން ކުއްޖަކަށް ކެތްކުރެވޭނީ މިހާވަރަކަށް ނޫންތޯ އޭނަގެ ހިތް ބުނެލައިފިއެވެ. ހަމަ އެއާއެކު ހުދާ މިއަށްފަހު ވާނީ އޭނަގެ މީހަކަށްކަން އޭނައަށް ޔަޤީންކުރެވުނެވެ. އޭނައަށް ނޭނގުނުކަމަކީ ދުވަހެއްގެ ކޮޅުން ވެސް އޭނަގެ ސިކުނޑީގައި ޒީނަތްތެރިވެފައިވި ހުދާގެ ލޯތްބެއް އޭނައަށް ނުލިބޭނެކަމެވެ. އަދި މިރޭގެ ބޭނުން ވެސް ހުދާ ހިފާނީ އޭނައާއި ދެކޮޅަށް ކަމެވެ.

                                    

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދު ބަންގީގެ އަޑަށް އަޒާނަށް ހޭލެވުނެވެ. ހިނދުކޮޅެއް އޮވެވުނު ތަން ނަގައިގަނެވުމުން އަޒާނަށް ކުއްލިއަކަށް ތެދުވެވުނެވެ. ﷲ ގެ ނަންފުޅު އިވެމުން ދިޔައިރު އޭނަގެ ހިތް ގެނބެން ފެށިތަނާހެން އޭނަ ދެރަވާކަށް ނުޖެހޭކަން އޭނަ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެއަށްފަހު ހުދާއަށް ބަލާލަމުން އޭނައަށް ހުދާގެ ފަރާތުން ލިބުނު އުފަލާމެދު ވިސްނާލިއެވެ. ދުނިޔޭގައި މިހެން އުޅެވޭއިރު ބޭކާރު ގޮތުގައި ވަކި ދީނެއްގެ ވާހަކަ ދައްކަނީ ކީއްކުރަންތޯ އަޒާންގެ ހިތް ބުންޏެވެ. އެ ސުވާލުން ޚުދު އޭނަ ވެސް އަމިއްލަ ނަފްސާއިމެދު ޙައިރާންވިއެވެ. އޭނައަށް މިހާ ކުއްލި ބަދަލެއް އައި ގޮތާއިމެދުގައެވެ. އެހެނަސް އޭނަ ދެން އިތުރަށް އެކަމާމެދު ވިސްނާކަށް ނުއުޅެ އެނދުން ފައިބައިގެން ދިޔައީ ނަމާދުނުކޮށް ގެއަށް ދާށެވެ.

 

ގެއަށް ދިޔުމާއެކު އަޒާނާއި އެތައް ސުވާލުތަކެއް ކުރިމަތިވިއެވެ. އައިމަންގެ ފަރާތުންނާއި މަންމަގެ ފަރާތުން ވެސް މެއެވެ. އެހެނަސް އޭނަ އޭގެއިން އެއްވެސް މީހެއްގެ ސުވާލަކަށް ޖަވާބުދޭކަށް ނުއުޅުނެއެވެ. އޭގެ ބަދަލުގައި އޭނަ ހުދާއާއި ގުޅުން ބަދަހި ކުރަމުން ދިޔައެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އޭނަ ހުންނަނީ ނުހަނު ހެވިފައި ކަމަށްވިޔަސް އޭނަގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭކަން ޚުދު އޭނައަށް ވެސް އެނގުންވެއެވެ. މިގޮތަށް އުޅުމުގައި ގޯހެއްވާކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެއްއަނދިރިގަނޑަކަށްފަހު އަނެއް އަނދިރިގަނޑަށް ގެނބެމުން ދިޔައެއްކަމަކު އޭނައަށް އަދި ވެސް އޭނަގެ އަތުން ކޮށްފައިވާ ޢަމަލުތަކުގެ ޙަޤީޤަތް ފެންނަމުން ދިޔަ ފަދައެވެ.

 

މީގެ ދުވަސްކޮޅެއް ކުރިން އައިމަނަށް އައިފަދަ ބަދަލެއް އަޒާނަށް އައިސްފައިވިތަން ފެނިފައި މުޅި ޢާއިލާއަށް ކަންބޮޑުވުމެއް ވެރިވެފައިވިއެވެ. ހަފްސާ އެމީހުންގެ ޢާއިލާއަށް އެސްފީނާއެއް ޖެހުނިއްޔޭ ހިތައި ފަންޑިތަ ވެސް ހައްދަންވީ ވާހަކަ ދައްކަމުން ދިޔައެވެ. އޭނަ އެ ނިންމުން ނިންމީ މަންމައެއްގެ ދުޢާ އިޖާބަވާނެކަން ހަނދާން ނައްތާލަމުންނެވެ.

 

ޝިޔާ ދިން ފޮތް ބަލާލުމުގެ ފުރުޞަތެއް އައިމަނަށް ލިބުން ނާދިރު ވަމުން ދިޔައީ އޭނަވެސް އަޒާނާއިމެދު ކަންބަޑުވަމުން ދިޔައީތީވެއެވެ. އޭނަ އަޒާނާއި އެކިގޮތްގޮތަށް ވާހަކަ ދައްކަން އުޅުމުން ވެސް އެއްވެސް ކަމެއް ޙައްލުވާގޮތެއް ނުވިއެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން އައިމަނަށް އޭނަގެ ބޭބެއާމެދު ދެރަވުން ނޫންކަމެއް ނުކުރެވެއެވެ. އެ ހިތާމައިގައި އެއްރޭ އައިމަން އަވަހަށް ޑިއުޓީ ނިންމާލާފައި ކޮޓަރިއަށްވަނެވެ. އެއަށްފަހު އެތައް ދުވަހެއް ފަހުން މާ ބޮޑު ވަރުބަލި ކަމެއްނެތި އެނދަށް އަރައި އޮށޯންނަން އުޅުނެވެ. ރަޖާ އެޅި ވަގުތު ހެޑްބޯޑްމަތިން ޝިޔާ ދިން ފޮތް ފެނިފައި އައިމަން ވަގުތު އޭތި ނަގާލިއެވެ. އަދި އެފޮތް ސީދަލަށް ބަހައްޓައިގެން ހުޅުވާލިއެވެ. އެ ހިނދު އޭގެ ތެރެއިން ސިޓީ އުރައެއް ވެއްޓިގެން އައުމުން އައިމަނަށް ޙައިރާންކަމެއް ލިބުނެވެ. އޭނަ އެ ސިޓީ އުރަ ނަގައި ބަލާލިއެވެ. ބޭރުން ފެނުނު ނަމަކުން ލިބުނު ޙައިރާންކަމާއެކީ އައިމަން ކޮޓަރީގެ އަލި ބޮކިތައް ދިއްލާލީ ޔަޤީންކުރުމުގެ ގޮތުންނެވެ. އެއީ ހަމަ އެ ނަންކަން އެނގުމުން އައިމަން ވަގުތުން އެ ސިޓީ އުރަ ކަނޑާލިއެވެ. އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ.

 

ނުނިމޭ

The post Asr (Part 51) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-51/feed/ 0 836
Asr (Part 50) https://blog.storiesbyjana.com/asr-part-50/?utm_source=rss&utm_medium=rss&utm_campaign=asr-part-50 https://blog.storiesbyjana.com/asr-part-50/#respond Fri, 23 Apr 2021 09:18:04 +0000 https://blog.storiesbyjana.com/asr-part-49-copy/

އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ.   އެރޭގެ ވަގުތެއްގައި އަޒާން ފެންވަރައި ތާޒާ ވެލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ގަމީހާއި ޖިންސް ލައި ސެންޓުގެ ވަހުން މުޅި ކޮޓަރި އެއްވަސް ކޮށްލިއެވެ. ހުދާއާއި ރައްޓެހިވާން އެދެން ދިޔަ ރޭ އައިމަން ބުނިހާ ގޮތަކަށް ކަންތައް ކުރިއެއްކަމަކު […]

The post Asr (Part 50) appeared first on Stories by Jana.

]]>

އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ.

 

އެރޭގެ ވަގުތެއްގައި އަޒާން ފެންވަރައި ތާޒާ ވެލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ގަމީހާއި ޖިންސް ލައި ސެންޓުގެ ވަހުން މުޅި ކޮޓަރި އެއްވަސް ކޮށްލިއެވެ. ހުދާއާއި ރައްޓެހިވާން އެދެން ދިޔަ ރޭ އައިމަން ބުނިހާ ގޮތަކަށް ކަންތައް ކުރިއެއްކަމަކު މިރޭ އޭނަ އައިމަންގެ ވާހަކަތައް އަޑުއަހާކަށް ބޭނުމެއްނޫނެވެ. މިރެއަކީ ހުދާ އޭނަ އޭނަގެ ގޮތުގައި ބަލައިގަންނަ ރޭ ކަމަށް ހަދަން އަޒާން ބޭނުންވިއެވެ. އެކަން ވާނެ ކަމުގެ އުއްމީދު ކުޑަވިއެއްކަމަކު ހުދާ މި ހުރިހާ ދުވަހު އޭނައާއި އެކީގައި ހޭދަކުރި ވަގުތުތަކުގެ މަތިން ހަނދާންވެފައި އަޒާނަށް ހިނިތުންވެވެމުން ދިޔައެވެ. މަންމަގެ ހުއްދައާއެކު އަޒާން ސައިކަލަށް އަރައި ދަތުރު ފެށީވެސް ހިނިތުންވުމެއްގައި އިނދެއެވެ.

 

**

 

“އޯ އެމް ޖީ ޝިޔާ ޓުނައިޓް ވިލް ބީ އޯސަމް!” އެހެން ބުނެލީ ފޯނު ކަންފަތުގައި ޖައްސައިގެން ރީތިވާ މޭޒު ކައިރީގައި ހުރި ހުދާއެވެ. އޭނަ ހުރީ ކުރުކޮށް އޮތް ބާރު ޓީޝާޓަކާއި ޖިންސަކާއެކީ ބުރުގާ ނާޅައެވެ. ހުދާއަށް އޭނަގެ މި ވާހަކަތައް ޝިޔާއާއި ޙިއްޞާ ކުރެވެނީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. ޝިޔާއަކީ އޭނައާއި އެއްކުލާހެއްގައި އެކީގައި އުޅޭ ކުއްޖަކަށް ވިޔަސް ލަދުކުޑަ ކޮންމެ ކަމަކަށް ޝިޔާ ދެކޮޅު ހަދާނެކަން ހުދާއަށް އެނގެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޝިޔާގެ ފަރާތުން އިޙްޞާޞް ކުރެވޭ ގާތްކަމެއްގެ ސަބަބުން އޭނައަށް ޝިޔާއާއި ހުރިހާ ވާހަކަ ޙިއްޞާ ކުރެވެނީއެވެ.

 

“ހުދާ……ހުދާއަށް އެބައިނގެއެއްނޫންތަ ތިއީ ގޯހެއްކަން؟ އަޒާނަށް އެނގޭތަ ކީއްކުރަންކަން ހުދާ ތިއުޅެނީ؟” ޝިޔާ އޭނަގެ ކޮޓަރީގެ އެނދުގައި އިނދެ ކަންބޮޑުވުމާއެކީ އަހާލިއެވެ. އޭނަގެ ލޯ ކުރިމަތިން ގޯހެއް ވާތަން ދެކުމަކީ އޭނަގެ ހިތަށް އެންމެ އުނދަގޫ ކުރުވާ އެއްކަންތަކެވެ.

 

“އޭނަ މާ އިނޮސެންޓް އެނގޭވަރަށްވުރެ. ވަރަށް ޝޮކްވާނެ އޭނަ މިރޭ. ގޭގަ ހަމަ އެކަކުވެސް ނެތް. މަންމަ އަސްލުވެސް ހާދަ ކޫލްއޭ. އަހަރެން އެދޭ އިރަށް މަންމަ ޒައިން ގޮވައިގެން ކާފަމެންގެއަށް ގޮއްސި.” ހުދާ ހެވިފައިހުރެ ބުނެލިއެވެ. އެ ވާހަކަ އިވިފައި ޝިޔާ އިތުރަށް ހާސްވެގެން ދިޔަ ހިތަކާއެކީ އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނަގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. އެ ހިނދު ފޯނުގެ އަނެއްކޮޅުން ހުދާ ވެސް އަޒާން އައިއްސިއޭ ބުނެ ފޯނު ކަނޑާލި އަޑު އިވުނެވެ. ޝިޔާ އެއަށް އެއްޗެކޭ ބުނަން އުޅުނެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. ހުދާއަށް އިތުރަށް ނަޞޭޙަތް ނުދެވުނު ކަމުގެ ހިތާމައާއެކު ޝިޔާ އޭނައަށް އިވުނު ޓައްކާއިމެދު ވެސް ޙައިރާންވިއެވެ. އޭނަގެ ކޮޓަރީގެ ދޮރުގައި އާ ގޮތަކަށް ޓަކި ދެވުނު އަޑު އިވިފައި ޝިޔާގެ މެއަށް ގޮތެއްވިއެވެ. ބައްޕަ ގެއިން ބޭރުގައި ވަނިކޮށް މަންމަ އޭނަގެ ކޮޓަރިއާއި ހަމައަށް މީހަކު ވަނަ ދިނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. ކޮންމެއަކަސް ޝިޔާ ދެބުމަ ކައިރިކޮށްގެން ހުރެ އެނދުން ތެދުވެ އެތާ އޮތް ބުރުގާ އެޅިއެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމަ ކުރިއެވެ. އެއަށްފަހު ކުއްލިއަކަށް ދޮރު ހުޅުވާލުމާއެކު ޝިޔާގެ ދެބުމަ ކައިރިވިއެވެ.

 

“ތިއީ ކޮންބޭފުޅެއްތޯ؟” އޭނަގެ ކުރިމަތީގައި ހުދުކުލައިގެ ކުރުތާއަކާއި ފައިކުރި ކުރުކޮށް ހުރި ފަޓުލޫނަކާއެކީ ތުނބުޅި ދިގުކޮށް ހުރި ފިރިހެން މީހާ ފެނިފައި ޝިޔާއަށް އަހާލެވުނެވެ.

 

“ނޭނގުނުކަމާމެދު ޙައިރާންވެއްޖެ………މިއީ މަޝްހޫރު ޢިލްމުވެރިޔާ މަންސޫރު.” އެމީހަކު ހުރިހާ ދަތްތައް ދައްކަމުން ބުނެލި ނަމަކުން ޝިޔާގެ ނިތުން ރޫ ފިލައި ދިޔައެވެ.

 

**

 

އަޒާން ހުދާމެންގެ ގޭގެ ދޮރުމަތީގައި ހުރެ ފުން ނޭވައެއް އެތެރެއަށް ދަމާލިއެވެ. އެއަށްފަހު ހިނިތުންވުމަކާއެކީ ކުރިމަތީގައި ހުރި ދޮރުގައި ޓަކި ދިނެވެ. މާ ގިނައިރެއްނުވެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުން އަޒާން ހުއްޓުން އަރާގޮތްވިއެވެ. ފުރަތަމަ ފަހަރަށް ހުދާ ބުރުގާ ނާޅާ ހުރިތަން ފެނިފައި އަޒާނަށް އޭނަގެ ދެލޯ މަތީގައި އެއްއަތް އަޅާލެވުނެވެ.

 

“އަމް……ހުދޫ ހަނދާން ނެތުނީ ދޯ ބުރުގާ އަޅަން؟” އަޒާނަށް ހެވިފައިހުރެ އަހާލެވުނެވެ.

 

“އައްދޭ ހާދަ ލަދެކޭ. ބުރުގާ ނާޅާ ހުރީ ގޭގަ ހުންނާތީ. ގޭގަ އޭތި އެޅޭތަ މިހާ ހޫނުވާއިރު؟ ދެން ވެސް ތި ލޯ މަތިން އަތް ނަގާލަބަލަ. ތިއީއެއް ނޫނޭ އަންހެން ކުއްޖަކީ.” ހުދާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ގަދަކަމުން އަޒާންގެ އަތް އަޒާންގެ ލޯމަތިން ނަގާލިއެވެ. އަޒާން އިސްއުފުލާލި ހިނދު އެ މޫނުމަތިން ފެނުނީ އޭނަ ހިތްހަމަނުޖެހިގެން އުޅޭ ފަދަ އަސަރެކެވެ. ދެންމެ ހުދާ އެ ދެއްކީ ގޯސް ވާހަކަތަކެއްކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެނަސް ޙަޤީޤަތަކީ އެއީ ދެކޮޅުކަން އަޒާނަށް އެއްބަސްވާން މަޖުބޫރުވީ ހުދާ މި ހަދަނީ އޭނަގެ ވަށައިގެން ފެންނަ ގިނަ އަންހެން ކުދިން ކަންތައް ކުރާ ގޮތްކަން އެނގުންވުމުންނެވެ. އެހެންކަމުން އޭނަ ދެން އިތުރު ވާހަކައެއް ދެއްކުމެއްނެތި ގޭގެ ތެރެއަށްވަނެވެ. އެއަށްފަހު ހުދާ ކީއްކުރަނީތޯ އަހަމުން އޭނައާއި އެކީ ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. އެރޭ ހުދާ އާދަޔާ ޚިލާފަށް އޭނައާއި ގާތްވާން މަސައްކަތް ކުރަމުން ދިޔަކަން އަޒާނަށް އެނގުންވަމުން ދިޔައެވެ. ސޯފާގައި ވެސް ހުދާ އިށީނދެގެން އިނީ އޭނައާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ދޭތެރެ ދޭތެރެއިން ހުދާ އޭނަގެ ކޮނޑުގައި ބޯ އަޅައި އޭނަގެ ގަމީހުގެ ގޮށްތަކާއި ކުޅެމުން ދިޔަ ގޮތުން އަޒާންގެ ނޭވާ ކުރުވާގޮތްވިއެވެ. ތެޅުން އަވަސްވަމުން ދިޔަ އަޒާންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެސް ވަންނަމުން ދިޔައެވެ. ނުފެންނަ ނުރައްކަލަކުން އެ ހިތް އޭނަ ސަލާމަތް ކުރަން އުޅޭ ފަދައަކުންނެވެ. އެންމެ ފަހުން ހުދާ ކުޅެމުން ގޮސް އޭނަގެ ގަމީހުގެ އެއްގޮށް ނެއްޓުނު ވަގުތު އަޒާނަށް ކޮޅަށް ތެދުވެވުނެވެ.

 

“އަސްލު މިއައީ މުހިއްމު ވާހަކައެއް ދައްކަން ވެގެން.” އަޒާން ހުދާއަށް ބަލަން ހުރެ އޭނަގެ ގަމީހުގެ މަތިން ނެއްޓިފައިވާ ހިސާބު އެއްއަތުން ކައިރި ކުރަމުން އަވަސްއަވަހަށް ބުނެލިއެވެ. ދެންމެ ހުދާ ކުރި ކަންތަކާއި ދެކޮޅަށް އޭނައަށް ވާހަކަ ނުދެކެވުނީ ކީއްވެކަމެއް އޭނައަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ގައިމުވެސް އޭނަގެ ހިތް އެއީ ގޯހެއްކަމުގައި ބުންޏެވެ. އެހެނަސް ހުދާ އެކަން ކުރުމުން އެއީ ރީތި ކމަެއްގެ ގޮތުގައި އޭނައަށް ފެންނަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ.

 

“ކޮން ވާހަކައެއް؟” ހުދާ ދެންވެސް ސޯފާއަށް ލެނގިގެން އޮވެ އަހާލިއެވެ. ހުދާ ކުޑަ ހިނދުކޮޅަކަށް މައިތިރި ވެއްޖެކަން އެނގުންވުމުން އަޒާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އެތާ ގޮސް ވަކިން ހުރި ސޯފާއެއްގައި އިށީނެވެ. އޭނަ މިރޭ ދައްކަން އައީ ކޮން ވާހަކައެއްކަން ހަނދާންވެފައި އަޒާން ޖެހިލުންވިއެވެ. ވަކިން ޚާއްޞަކޮށް ދާދި ދެންމެއަކު ހުދާ ކަންތައް ކުރި ގޮތް އޭނަގެ އެ ވާހަކަތައް މިވަގުތުކޮޅު ދުލާއި ހަމައަށް ގެންނަން ގޮންޖެހިއެވެ. އެހެނަސް ހުދާގާތު މި ވާހަކަތައް ޙިއްޞާކޮށްގެން ނޫނީ އޭނައާއި ހުދާގެ ގުޅުން ވެސް ކުރިއަށް ނުދާނެހެން ހީވުމުން އަޒާނަށް ވާހަކަ ދެކެވުނެވެ.

 

“އަހަރެން ވާހަކަ ދައްކަން ބޭނުންވަނީ……..ﷲ އާމެދު.” އަޒާން އިސްޖެހިފައި ދެލޯ މަރައިގެން އިނދެ ބުނެލި ވާހަކައިން ހުދާ ބާރު އަޑަކުން ވަޓްއޭ ކިޔާފައި ސީދާވެލެވުނެވެ.

 

**

 

“މާތް ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށި! އެހާ ދިގު ދަތުރެއްކޮށްފަ ތިއައީ ހަމަ ސިޓީއެއް އޭގެ ވެރިފަރާތަށް ރައްދުކުރަން. މާ ޝާ ﷲ!” މަންސޫރު އޭނަގެ ހިނިތުންވުމުގައި ހުރެ އެހެން ބުނެލީ އޭނަގެ ފުރަގަހުން ކޮޓަރީގެ ދޮރު ލައްޕައި ދޮރު ތަޅުލަމުންނެވެ. އެ މަންޒަރު ފެނިފައި ޝިޔާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެއްކަމަކު އެވަގުތު އޭނަގެ ގާތަށް އައިސްފައިވި ރުޅި އެއަށްވުރެ ގަދައެވެ. އޭނަގެ މޫނު ރަތްވެ އަތް މުއްކެވިފައިވީއިރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ.

 

“ރަނގަޅުވާނީ ތިބޭފުޅާ ތިހާ ރީތި ބަސްތައް ބޭނުން ނުކުރެއްވިއްޔާ! ދީން ދައްކުވައިދެނީ ހަމައެކަނި ބުނެލާ ބަސްތަކުން ނޫނީ ލައިގެން ހުންނަ ހެދުމަކުންނެއްނޫން. ތިމާގެ ޢަމަލުން ވެސް ދީން ފެންނަންޖެހޭ!” ޝިޔާ ސާބިތުކަމާއެކީ އެހެން ބުނެލިއިރު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން މަންސޫރު ދެދަތްޕިލަ ޖައްސައިގެން ހުރެ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ވީ ތަދާއެކީ ޝިޔާގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ.

 

“މާ އަނގަގަދަ ކުރަން އުޅެންޏާ މުޅި ޢުމުރު ދުވަހަށް މި ކޮޓަރީގަ ބަންދުވެފަ ހުންނަން ޖެހިދާނެ ފަދަ ކަމެއްކޮށްފާނަން. ކަލޭގެ ދައްތައަށް ހެދިގޮތަށް!” މަންސޫރު އޭނަގެ މޫނު ޝިޔާގެ މޫނާއި ކައިރިކޮށްގެން ހުރެ ބުނެލި ވާހަކައިން ޝިޔާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހަމަ އެއާއެކު އޭނަގެ ރުޅިވެރިކަން އިތުރު ދަރަޖައަކަށް މަތިވިއެވެ.

 

“ދައްތަގެ ނަން ވެސް ނުކިޔާތި ކަލޭ! ކަލޭ ހީކުރަނީ ކަލެއަށާއި އެ ޔާސިރަށް ދައްތައަށް ގެއްލުމެއް ދެވުނު ކަމަށްތަ؟ ނޫން! ދައްތަ އަބަދުވެސް ވީ ކަލޭމެންނަށްވުރެ މާ މަތީ މަޤާމެއްގަ. މިއަދު ވެސް އިން ޝާ ﷲ ދައްތަ ވާނީ ސުވަރުގޭގަ. ޚުދު އަހަރެންގެ ޙަޔާތް ވެސް ބަދަލުވީ ދައްތަގެ ސަބަބުން. ދައްތަގެ ބަސްތަކުންނާއި އުޅުމުގެ ތައުބާވެގެން ތިބި މީހުން އެބަތިބި. އޭގެ ޘަވާބުވެސް ލިބެމުން ދާނީ ދައްތައަށް!” ޝިޔާ ރޮވިފައިވާ އަޑަކުން އެހެން ބުނެ މަންސޫރުގެ އަތް ފޮޅުވާލިއެވެ.

 

**

 

“އަހަރެން އަސްލު ދީނަށް ޝައުޤުވެރިވީ މީގެ އަހަރުތަކެއްކުރިން މާލެއަށް ގޮއްސަ އުޅެނިކޮށް. އޭރު ގްރޭޑް 5 ގަ އުޅުނުއިރު ޓާރމް ބްރޭކަށް މާލެއަށް ގޮއްސަ އެއްރެއަކު ތަރާވީޙަށް ދިޔުމުން ފެނުނު މަންޒަރަކުން. ނަމާދު ތެރޭގަ ކޮންމެވެސް އަންހެނަކު ރޯ އަޑު އިވުނީ. ޑޭޑްއާއި އަހަރެން ނަމާދުކޮށްގެން ނިކުންނަ ކޮންމެ ފަހަރަކު ފެންނާނެ އެ އަންހެން މީހާ ފޮށާ އަޅައިގެން އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބައިގަ ކަކޫމަތީގައި ބޯއަޅައިގެން އިންނަ މަންޒަރު. އަހަރެން އަހަންވެސް އަހަން ބައްޕަ ކައިރިން ކީއްވެހޭ އެ އަންހެން މީހާ ރޮނީ. ބައްޕަ ބުނާނެ އެއީ ކޮންމެވެސް މީހަކު މަރުވެގެން އުޅޭތީވެއޭ. އެކަމަކު އަހަންނަށް ޤަބޫލެއް ނުކުރެވޭ. ދެން ފަހުން އެނގުނު ކަމަކީ ހަމަ ވަރަށް ގިނަ މީހުން ނަމާދު ކުރާއިރު ރޯކަން. އެއީ ކީއްވެތޯ ހިތަށްއަރަމުން ދަނިކޮށް މަންސޫރުބެ އަހަރުމެންނަށް ނަރަކައިގެ މަތިން ހަނދާންކޮށްދޭން ފެށީ. ދެން ހިތަށްއެރީ މީހުން ނަމާދުގައި ނަރަކައިގެ މަތިން ހަނދާންވާތީވެއޭ ރޮވެނީ. އަހަންނަށް ވެސް އެއްފަހަރު އެހެންވި. އެކަމަކު ނޭނގޭ ކީއްވެކަމެއް. ހަމަ ހިތަށްއަރަމުން ދިޔައީ އެއަށްވުރެ ބޮޑު ސަބަބެއް ވާނެއޭ. ބައެއްމީހުން އަހަންނާއި ޚިލާފަށް ނަމާދު ކުރާ ހިތުން ނަމާދަށް ދަނީ އަހަންނަށް ނޭނގޭ ކަމެއް އެމީހުންނަށް އެނގޭތީވެއޭ. އެހެންވެ ޤުރުއާނާއި ސުންނަތާމެދު ތަފްޞީލުކޮށް ދެނެގަންނަން ބޭނުންވި. އެކަމަކު އެ ދޭތި އުނގެނެން އަހަރެން ޖެހިލުންވީ އެއީ ކިހާ ވަރުގަދަ ދެއެއްޗެއްކަން އެނގުންވާތީ. އޭތި ރަނގަޅަށް އެނގިހުރެ ދެކޮޅުވާން ނިންމައިފިއްޔާ އެއަށް ނަފްރަތު ކުރުމުގެ ގޮތުން ކޮންމެ ކަމެއްވެސް ކުރެވިދާނެ. އަދި އެއެއްޗެހި ދެކެ ލޯބި ވެއްޖެއްޔާ މުޅި ޖާނު ޤުރުބާން ކޮށްގެން ވެސް އެއާއި އެއްގޮތަށް އުޅެން އަހަރެން ބޭނުންވާނެކަން. އަހަރެން ބިރުގަންނަނީ އަހަރެން ދީނާއިމެދު އިތުރަށް އުނގެނިއްޖެއްޔާ އަހަރެން މަންސޫރުބެ ގޮތަށް ވެދާނެތީ. ދީނާއިމެދު އެންމެ ރަނގަޅަށް އެނގެނީ މަންސޫރުބެއަށް. އަހަރެން ބޭނުމެއްނޫން މަންސޫރުބެ ގޮތަށްވާކަށް. އެކަމަކު އަހަރެން ބޭނުން ޤުރުއާނުން ބުނާ އެއްޗެއް އެނގެންވެސް. މިކަމުގަ އަހަރެން ހުދާގެ އެހީ ބޭނުންވަނީ މިހެން ވީމަ. އަހަންނަށް ގޯހެއް ހެދެން އުޅުނަސް ހުދާ އަހަރެން ރަނގަޅު މަގަށް އަޅުވައިދޭން ހުރެދެއްޗޭ.” އަޒާން ސީރިއަސްކަމާއެކީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވާހަކަ ދައްކަން އިނުމަށްފަހު ހުދާއަށް ބަލާލިއެވެ. ހުދާއަށް ދެބުމަ ކައިރިކޮށްގެން އަޒާނަށް ބަލަން އިނދެވުނެވެ.

 

**

 

“އޭނަ ހިތުން އޭނަ އުޅުނީ ރަނގަޅު މަގަށް. އެކަމަކު އެއީ ބޮޑު މުނާފިޤެއް! ބައެއް މީހުން ކުރިމަތީގަ ޞާލިޙު އަޅަކަށްވެފަ އަނެއްބައި މީހުން ކުރިމަތީ ނާޗަރަންގް…..” މަންސޫރުގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ކަލެއަކަށް އެއްވެސް ޙައްޤެއް ނޯންނާނެ ދައްތައާމެދު އެފަދަ ގޮތަކަށް ވާހަކަ ދައްކާކަށް. ކަލޭގެ ތި އިލްޒާމް އެންމެ ރަނގަޅަށް އެޅުވޭނީ ހަމަ ކަލޭގެ ބޮލުގަ. ހީނުކުރާތި މަށަށް ނޭނގޭ ކަމަށް ކަލޭ ދައްތައަށް ކުރި ކަންތައް. ތި އައީ ވެސް އޭގެ ހެކި ނައްތާލަންކަން އަހަންނަށް އެނގޭ. އެކަމަކު ކަލޭ ކާމިޔާބެއް ނުވާނެ!” ޝިޔާގެ ހިތުގައި އޭރުވެސް ބިރުވެރިކަމެއް އޮތެއްކަމަކު އޭނަ ދެންވެސް ވާހަކަ ދެއްކީ ސާބިތު ކަމާއެކީގައެވެ. އޭނަގެ އެންމެ ފަހު ޖުމްލައިން މަންސޫރުގެ މޫނުމަތީގައިވި ނުރުހުންތެރިކަން އިތުރުވިއެވެ.

 

“ކަލޭ މަށަށް އޭތި ނުދީފިއްޔާ މިރެއަކީ ކަލޭ އަބުރުވެރި އަންހެނެއްގެ ގޮތުގައި އުޅޭނެ އެންމެ ފަހު ރޭ.” މަންސޫރު އިންޒާރެއްގެ ގޮތުގައި އިއްވާލި ވާހަކައިން ޝިޔާ ގަނޑުވިއެވެ.

 

**

 

“އަސްލު އަހަންނަށް ހީވޭ އަހަރެންގެ ޙަޔާތުގައިވި ހުރިހާ މައްސަލައެއްގެ ޙައްލަކީ ވެސް މި ދީންހެން. ﷲ އަހަރުމެންނަށް ދަސްކޮށްދެއްވާފައިވަނީ އެންމެ އިންސާފުވެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅެން. އެއީ ޙަޤީޤަތުގަ ﷲ އަށް ޝުކުރުވެރިވާންޖެހޭނެ ކަމެއްނުދޯ؟ އަސްލު މި ދުނިޔެއަށް އައިއްސަ ބޭނުންހާ ގޮތަކަށް އުޅުމަށްވުރެ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތް އެންގެވި ގޮތަށް އުޅުން ދޯ އެންމެ މޮޅުވާނީ؟ އައި ވިލް ބީ އޮނެސްޓް. ޙަޤީޤަތުގަ އަހަންނަށް ކަމަކުނުދޭ ހުދާ ވެސް އުޅޭ ގޮތް. އަހަރުމެން ލަދުކުޑަ ގޮތަކަށް އުޅެން އަހަރުމެން ޤަދަރުވެރި ކުރެއްވި ރަސްކަލާނގެ ރުހިވޮޑިގެންވާނެހެން ހުދާއަށް ހީވް…..” އަޒާންގެ ވާހަކަ މެދުކެނޑުނީ ހުދާ ކުއްލިއަކަށް ކޮޅަށް ތެދުވެ ނުބައި ބަސްތަކެއް ކިޔާލުމުންނެވެ. އަޒާނަށް ސިހިފައި އިސްއުފުލާލަމުން ކޮޅަށް ތެދުވެވުނެވެ. އަދި ޙައިރާންކަމާއެކީ ހުދާއަށް ބަލަން ހުރެވުނެވެ.

 

“އިނަފް އިޒް އިނަފް!! ގޯޑް ސީރިއަސްލީ! ކޮންކަހަލަ މީހާގަނޑެއްތަ މިއީ؟ ނޭނގެ ކިހިނެއްކަމެއް މަ މިހުރިހާ ދުވަހު މީނައާއެކީ ހޭދަކުރީވެސް. މިލްނާ ބުނަނީ ރަނގަޅަށް. ތިއީ އެއްވެސް އަގެއްނެތް ކުނިގަނޑެއް. ކަލެއަށް ނުލިބޭނެ އެއްވެސް މީހަކު. މަ ވެސް ވަކި ލޯބިވެގެންނެއްނޫން ކަލެއާއެކު އުޅުނީ. ޙަމްދަރުދީވެގެން. އެކަމަކު ދެން މިހާރު އެހާ ވަރެއްވެސް ކޮށްދެވޭކަށް ނެތް. ދާން އުޅޭ މިގެއިން! ނިކުމެގެން ދޭ!” ހުދާ ގޭގެ ދޮރަށް ޢިޝާރާތް ކުރަމުން ހަރު އަޑުން އިއްވާލިއެވެ. އެ ހިނދު އަޒާނަށް ޤަބޫލު ކުރަން ވެސް ދަތިވެފައި ހުދާއަށް ބަލަން ހުރެވުނެވެ. މިއީ މި ހުރިހާ ދުވަހު އޭނަ ދެއްކިހާ ވަހަކަތައް ކެތްތެރިކަމާއެކީ އަޑުއަހައިގެން ހުރި ހުދާ ހެއްޔެވެ؟ މި ހުރިހާ ދުވަހު އޭނަދެކެ ބަދަލެއް ނުވާ ލޯތްބެއްވިހެން ހީވި ހުދާ ހެއްޔެވެ؟ އެ ސުވާލުތައް ހިތަށް ވެރިވަމުން ދިޔަ ހިނދު އަޒާންގެ މޭގައި ރިހުމެއް އުފެދުނީ އަނެއްކާވެސް އޭނަގެ ޒަމާންވީ އެކަނިވެރިކަން އޭނައަށް އިޙްޞާޞް ކުރެވެން ފެށުމުންނެވެ. އޭނައަށް މި ދުނިޔޭގައި ލޯތްބެއް ލިބެން ހަމަ ނެތީތޯ ހިތަށްއެރި ވަގުތު ހުދާ އައިސް އޭނަގެ މޭގައި އަތް އަޅައި ކޮއްޕަމުން ދާށޭ ބުނެލައިފިއެވެ. އެއާއެކު ހަމަ ހޭވެރިކަމެއް ލިބުނު ހިނދު އަޒާންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަ އުޅުނީ އޭނަ ހިތުން އޭނައަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ މަގެއް ފަހި ކުރާށެވެ. އެހެނަސް މިވީ ކިހިނެއްހެއްޔެވެ؟ އެކަމަށްޓަކައި އޭނަ އެޅި ފުރަތަމަ ފިޔަވަޅުން ވެސް އޭނައަށް އިޙްޞާޞް މި ކުރެވުނީ ހިތްދަތިކަމެކެވެ. ވިސްނުމެއްގެ ތެރޭގައި ހުއްޓާ ހުދާ އަނެއްކާވެސް ދާށޭ ބުނެލުމުން އަޒާން އިރުކޮޅެއް ވަންދެން ހުރިގޮތަށް ހުރެފައި ގޮސް ގޭގެ ދޮރު ހުޅުވާލަމުން އެގެއިން ނިކުމެގެން ދިޔައެވެ. ފެންޑާ ތެރޭގައި ހުރި ސައިކަލަށް އަރަން އުޅެނިކޮށް އޭނަގެ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގުވިއެވެ. އޭނަ ފޯނު ނަގައި ބަލާލިއިރު ސްކްރީނުން އައިމަންގެ ނަން ފެނިފައި ފޯނު ކަނޑާލަން ހިތަށްއެރިއެވެ. އެހެނަސް އައިމަން ގޮތް ދޫ ނުކުރާނެކަން އެނގި އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ޒާން! އަހަރެން މިދަނީ އަހަރެންގެ އެންމެ ފަހު ޕެކޭޖް ޑެލިވާރ ކޮށްދޭން. މިރޭ ސިކްވީމަ އަހަރެން އަވަހަށް ޑިއުޓީ ނިންމާލަދެނީ. ޒާން ގެއަށް އަނބުރާ އައިސްފިންތަ؟ އޯރ އާ ޔޫ ސްޓިލް އެންޖޯއިން؟” އެންމެ ފަހު ޖުމްލަ އައިމަންގެ ފަރާތުން އަޒާނަށް އިވުނީ ލާނެތް ރާގަކަށެވެ. އެއިން ވެސް އަޒާންގެ ހިތަށް އުނދަގޫވިއެވެ. ޚުދު އޭނަގެ އަމިއްލަ ކޮއްކޮވެސް ލަދުކުޑަ ކަމަކަށް ތާއީދުކޮށް ވާހަކަ ދެއްކި ކަމަށްޓަކައެވެ. އޭނައަށް މިހެން އިޙްޞާޞްވަމުން ދާ ކަމަށްޓަކައި ވެސް އޭނައަށް ދަތިވަމުން ދިޔައެވެ. ހިތުގައި އުފެދިގެން ދިޔަ ހައިޖާނެއްގެ ސަބަބުން އަޒާނަށް ވާހަކަ ނުދެކެވުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އައިމަން ދިގުކޮށް ހެލޯއޭ ކިޔައި ގޮވާލިއެވެ. އަޒާން ފަހުން ގުޅާނެ ކަމަށް ބުނެ ކުރު ޖަވާބެއް ދެމުން އޭނަގެ ސައިކަލަށް އަރައި ސްޓާޓް ކޮށްލީ އޭނަގެ ހިތްދަތި އިޙްޞާޞްތަކެއްގެ ތެރޭގައި ޤައިދުވަމުންނެވެ.

 

 

އަޒާން އޭނަގެ އިޙްޞާޞްތަކުގެ ތެރޭގައި ޤައިދުވީ ހިނދު ޝިޔާ ވީ މަންސޫރުގެ ބެލުމުގެ ދަށުގައި ޤައިދުވެފައެވެ. އޭނަ ދިން ފުރަތަމަ އިންޒާރާއެކީ ވެސް ޝިޔާ ކޮޓަރީގެ ދޮރު ތަޅުލާން އުޅުނެއްކަމަކު މަންސޫރު އެކަން ކާމިޔާބުވިޔަ ނުދިނެވެ. އެންމެ ފަހު ޝިޔާ މަންސޫރު އޭނައާއި ގާތްވަމުން ދިޔަ ވަރަކަށް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރަކަށް ތަތްވިއެވެ. އޭގެ މާ ގިނައިރެއްނުވެ މަންސޫރު އައިސް އޭނަގެ ދެ ފަރާތުގައި ދެއަތް ވިއްދާލުމުން ޝިޔާގެ ހިތް މޭފަޅާލާފައި ނިކުމެގެން ދާނެ ވަރަށް ތެޅެން ފެށިއެވެ. ދެން އެއްވެސް ގޮތެއް ނެތް ހެން ހީވި ހިނދު ޝިޔާއަށް ހިތާހިތުން ހަނދާންކޮށްލެވުނީ ﷲ ގެ މަތިންނެވެ. އޭނަ ސަލާމަތްކޮށްދެއްވަން ދުޢާ ކުރި ތަނާހެން އެ ގޭގެ ބެލްޖަހާލި އަޑު އިވުނެވެ. އެހިނދު ޝިޔާއާއެކީ މަންސޫރުގެ ނަޒަރުވެސް އެދިމާލަށް ދަތުރު ކުރިއެވެ. މާ ގިނައިރެއްނުވެ ޝިޔާގެ މަންމަގެ އަޑުއައެވެ.

 

“ޝިޔާ ދަރިފުޅާ! ދަރިފުޅު އޯޑަރު ކުރި އެތި މިހިރީ އައިއްސަ. ތިކަން ފައިސާ ޙަވާލުކޮށްލަބަލަ. މަންމަގެ އަތް މިހިރީ ހަޑިވެފަ.” ޒުހުރާ އެހެން ކިޔައި ގޮވާލީ ބަދިގެ ތެރޭގައި މަންސޫރަށް ދޭން އެއްޗެއް ތައްޔާރުކުރަން ހުރެއެވެ. ޒުހުރާގެ އަޑު އިވުނީ ކިތަންމެ ދުރުން ކަމަށްވިޔަސް މަންސޫރު ކުއްލިއަކަށް ޝިޔާއާއި ދުރުވެލައިފިއެވެ. އަދި އަވަސްއަވަހަށް ކޮޓަރީގެ ދޮރާއި ހަމަކޮށް ތަޅު ނައްޓާލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޝިޔާއަށް ލިބުނު ބަޔާންކުރަން ދަތި ހިތްހަމަޖެހުމާއެކު އޭނަ ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ މައްޗަށް ބަލާލަމުން ޙަމްދުކުރިއެވެ. އަދި މިވަގުތު ގެއަށް އައީ ކޮންމެ މީހަކަށް ވިޔަސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަމުން އޭނަ ރީތިވާ މޭޒުމަތީގައި ހުރި ފައިސާއާއެކީ ބޭރަށްދިޔައެވެ.

 

ޝިޔާ ބޭރަށް ދިޔައިރު މަންސޫރު މަޑުވެސް ނުކޮށް ގޭގެ ދޮރު ހުޅުވާލާފައި ނިކުމެގެން ދިޔައެވެ. އެކަމާމެދު އިތުރަށް އުފާކުރަމުން ޝިޔާ މާ ބޮޑު ވިސްނުމެއްނެތި ގޮސް އެދޮރު ރަނގަޅަށް ހުޅުވާލިއެވެ. ހަމަ އެއާއެކު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަގެ ކުރިމަތީގައި ފުޑް ޕެކޭޖެއް ހިފައިގެން ހުރީ އައިމަން ނޫން ދެވަނަ މީހެއްނޫނެވެ. އައިމަނަށް ވެސް ހުއްޓުން އަރާފައި ޝިޔާއަށް ބަލަން ހުރެވުނީ ދެންމެ މަންސޫރުބެ މިގެއިން ނިކުމެގެން ދިޔައީ ކީއްވެކަމުގެ ޙައިރާންކަމާއިއެކީގައެވެ. ކޮންމެއަކަސް އޭނަ އޭނަގެ އަތުގައި ހުރި ޕެކޭޖް ޝިޔާއަށް ދިއްކޮށްލިއެވެ. ޝިޔާ އޭތި ހޯދަމުން ފައިސާ ޙަވާލުކުރިއެވެ. އެއަށްފަހު ސިކުންތުކޮޅެއްފަހުން އައިމަން އޭނައަށް ފަސްދިން ވަގުތު ޝިޔާއަށް ކުއްލިއަކަށް ގޮވާލެވުނެވެ.

 

“އައިމަން!” ޝިޔާގެ އަޑަށް އައިމަން ދެބުމަ ކައިރިކޮށްލަމުން ފަސްއެނބުރި ބަލާލިއެވެ.

 

“މަޑުކޮށްލާ އިރުކޮޅަކަށް.” ޝިޔާ ދެންވެސް ސީރިއަސް މޫނަކާއެކީ އެދުނެވެ. އެއަށްފަހު އޭނަ އައިމަނަށް ފަސްދީފައި އަނެއްކާވެސް މިޞްރާބުޖެހީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށް ގޮސް ޕެކޭޖް މޭޒުމަތީގައި ބަހައްޓާފައި ޝިޔާ ސައިޑް ޓޭބަލެއްގެ ވަތްގަނޑެއް ދަމާލަމުން އޭނަގެ ދައްތަގެ ސިޓީ ނެގިއެވެ. އެއަށްފަހު އޭތި އޭނަގެ ކިޔަވާ މޭޒުމަތީގައި އޮތް އޭނަ އަރަބި ކިޔަވާ ފޮތުގެ ތެރެއަށް ލާފައި އެ ފޮތާއެކީ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޝިޔާ އޭނައާއި ދިމާލަށް ފޮތަކާއެކީ އަންނަތަން ފެނިފައި އައިމަން އިތުރަށް ޙައިރާންވިއެވެ.

 

“މް…..މީ އައިމަންއަށް.” ޝިޔާ އެފޮތް ދެއަތުން ދިއްކޮށްލަމުން ބުނެލިއެވެ. އައިމަން އަޖާއިބުވެފައިހުރެ އެފޮތުގައި ހިފައި ބޭރުގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއަށްފަހު އަނެއްކާވެސް ޝިޔާއަށް ބަލާލީ ކަމެއް އެނގެން ބޭނުންވާ ފަދައަކުންނެވެ. ޝިޔާ ހަމައެކަނި ހިނިތުންވާން މަސައްކަތް ކުރީ އޭނައަށް އެވަގުތު އައިމަނަށް ހުރިހާ ވާހަކައެއް ކިޔައެއްނުދެވޭނެކަން ޔަޤީންވީތީވެއެވެ. މަންމަ ކޮންމެ ހިނދަކުވެސް ބަދިގެއިން ނިކުމެދާނެތީވެއެވެ. އޭނަ އައިމަނާއި ވާހަކަ ދައްކަން ހުއްޓާ މަންމައަށް ފެނިއްޖެނަމަ މި ރޭވުން ވެސް ނާކާމިޔާބުވާނެއެވެ. އޭނަ ބޭނުންވަނީ އޭނައަށް ނުވިކަން އައިމަން ލައްވާ ކުރުވާށެވެ. އައިމަނަށް ފޮތުގެ ތެރެއިން އެ ސިޓީ ފެނިއްޖެނަމަ އޭނަ އެއާއިމެދު ކަމެއްނުކޮށް ނުހުންނާނެކަން ޔަޤީންކުރެވުނީތީވެއެވެ.

 

ނުނިމޭ

The post Asr (Part 50) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/asr-part-50/feed/ 0 832