Hadhiya Archives - Stories by Jana Sun, 02 May 2021 15:43:37 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 Hadhiya (Last Part) https://blog.storiesbyjana.com/hadhiya-last-part/?utm_source=rss&utm_medium=rss&utm_campaign=hadhiya-last-part https://blog.storiesbyjana.com/hadhiya-last-part/#respond Sun, 02 May 2021 15:40:20 +0000 https://blog.storiesbyjana.com/hadhiya-part-37-copy/

އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާ ވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ.   އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ. ބަލާބެލުމަށް މަންހާ އެ މެސެޖުކުރީ ބޮޑު ކަމަކުހެން ހީވިއެވެ. އެހެނަސް މަންހާ މާޝާއާއި ބައްދަލު ނުވާތާވެސް ވަނީ އެތައް ދުވަހެއްވެފައެވެ. ވީއިރު މަންހާގެ ފަރާތުން އޭނަ ކަންބޮޑުވެދާނެ ޒާތުގެ ވާހަކައެއް އިވޭނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވި އެ ސުވާލުން އެ ވަގުތުގައި […]

The post Hadhiya (Last Part) appeared first on Stories by Jana.

]]>

އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާ ވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ.

 

އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ. ބަލާބެލުމަށް މަންހާ އެ މެސެޖުކުރީ ބޮޑު ކަމަކުހެން ހީވިއެވެ. އެހެނަސް މަންހާ މާޝާއާއި ބައްދަލު ނުވާތާވެސް ވަނީ އެތައް ދުވަހެއްވެފައެވެ. ވީއިރު މަންހާގެ ފަރާތުން އޭނަ ކަންބޮޑުވެދާނެ ޒާތުގެ ވާހަކައެއް އިވޭނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވި އެ ސުވާލުން އެ ވަގުތުގައި މަންހާއަށް މެސެޖަކުން ވިޔަސް ޖަވާބެއްނުދީ މާޝާއަށް ފަސްކޮށްލެވުނީ އެވަގުތު އޭނަ ވަށައިގެން ވެސް ސީރިއަސް ވާހަކައެއް ދެކެވެމުން ދިޔައީތީވެއެވެ. އެ ވާހަކަ ނިމިގެން ދިޔައީ ވެސް ދޮންބެގެ އަންހެނުން ވީތަނެއް އަންދާޒާ ކުރަން ވެސް އެކަކަށް ވެސް ނޭނގިއެވެ. އެ މީހުން ގެއަށް ދިޔައީ، މާޝާ ފަރުވާކުޑަކޮށްލި އެ މެސެޖަކީ އެމީހުންނަށް އެކަމުގައި އެހީވެދޭނެ ކަމެއްކަން ރޭކާނުލައެވެ. އަދި ނުހަނު އަވަހަށް އެމީހުން ނުފެނިގެން އުޅޭ ފަރާތް އެމީހުންނަށް ފެންނަން އުޅޭކަން ވެސް ނޭނގިއެވެ.

 

 

**

 

 އައްޒާމް ލަންޑަނަށް ދިޔަތާ 3 ވަނަ ދުވަހުގެ ރޭ އޭނަ އިނީ އޭނަގެ ބައްޕައާއެކީ ބައްޕަމެން އުޅޭ ޝާހީ ގޭގެ ކިޔަވާ ކޮޓަރީގައެވެ. މިއީ ލަންޑަނަށް އައިފަހުން އައްޒާމާއި ޒަމީންގެ ކޮންމެ ރެއެއްގެ އާދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަން ފެށިގެން ދިޔައީ އައްޒާމްގެ އެދުމުގެ މަތިންނެވެ. އޭނަ ބޭނުންވީ ބައްޕަމެން ކިޔައި އުޅޭ ދީނާއި ދެކޮޅު ފޮތްތައް ބަލާށެވެ. ކުރީކޮޅު ޒަމީން އުޅުނީ އައްޒާމް އެތަނަށް ނުވެސް ގެންދާށެވެ. އޭނަ ކިޔާ ޒާތުގެ ފޮތްތައް ފެނިފައި އައްޒާމް އޭނައަށް ނަފްރަތުކުރަން ފަށާފާނެހެން ހީވުމުންނެވެ. އެހެންނޫނީ އެ ދެމެދުގައި ޙައްލުނުވާނެ ޒުވާބެއް އުފެދިގެން ހިނގައިދާނެތީވެއެވެ. އެހެނަސް ކަންތައްވެގެން ދިޔައީ ޒަމީން ހީކުރި ގޮތަކަށް ވެސް ނޫނެވެ. އައްޒާމް އޭނަ ތަބާވާ ދީނާއިމެދު ޝައްކު އުފެދޭ ގޮތަށް ދައްކާފައިހުރި ވާހަކަތަކަށް ވެސް ޖަވާބު ދެމުން ދިޔައީ ނުހަނު ހަމަޖެހިގެން އިނދެއެވެ. އެފަދައިިން ދެކެވޭ ވާހަކައަކުން އެ ދީން ފުނޑުފުނޑު ކޮށްނުލެވޭނެކަން އައްޒާމަށް ޔަޤީންވެފައިވި މިންވަރު އެކަމުން ޒަމީނަށް ދޭހަވިއެވެ. އައްޒާމް އެ ފޮތްތަކުން ފެންނަމުން ދިޔަ ކޮންމެ ވާހަކައަކަށް ރައްދުދެމުން ދިޔަ ގޮތުން ޒަމީނަށް ހުރެވުނީ އަޖާއިބުވެ އަންތަރީީސްވެފައެވެ. އައްޒާމްގެ ވާހަކަތަކަށް އިތުރަށް ދެިވހިފުނީ ކޮންމެ ރެއަކުވެސް އައްޒާމް ޤުރުއާނުގެ އާޔަތްތަކެއް ޙިއްސާ ކުރަމުން ދިޔަ ގޮތުންނެވެ. މިހާތަނަށް އައިއިރު ޒަމީނަށް އިވިފައިވީ މަދު އާޔަތްތަކެއް ކަމަށްވިޔަސް އެއީ ކިހާ ބާރުގަދަ ބަސްތަކެއްކަން ޒަމީނަށް މިހާރުއްސުރެ އިޙްސާސް ކުރެވެން ފަށައިފިއެވެ. އޭނަ ހުރީ މެދުކެނޑުމެއްނެތި އައްޒާމް ކައިރިން ޤުރުއާނުގެ ހުރިހާ އާޔަތެއްގެ މާނަ އެނގެން ބޭނުންވެފައެވެ. އެހެނަސް…

 

“ޒާމް…ޑޭޑް މާދަމާ ރޭ ފުރަން އެބަޖެހޭ މެލޭޝިޔާއަށް. ކޮންމެވެސް އޮފީސް މީޓިންގްއަކަށް. ވަރަށް ދެރަ އަސްލު ދާންޖެހުނީމަ. އަނބުރާ އައިމަ ބާކީ ހުރި ސެންޓެންސްތަކުގެ މާނަ ކިޔައިދެއްޗޭ.” ޒަމީން އެރޭވެސް އައްޒާމް އާޔަތެއްގެ މާނަ ކިޔައިދިނުމުން ކިޔަވާ މޭޒު ދޮށުގައި އޭނަ ކައިރީގައި އިން އައްޒާމް ކުރެން އެދުނެވެ.

 

“ހެހެ….ސެންޓެންސް ނޫނޭ ޑޭޑް. އާޔަތްތައް. އިން ޝާ ﷲ ޑޭޑް އައިމަ އަދި ކިޔައިދޭނަން….ޑް…ޑޭޑް އަދިވެސް ތި ދަނީ ދީނާއި ދެކޮޅަށް އެއްވާ މީހުން ކައިރިއަށްތަ؟” އައްޒާމަށް ފަހު ސުވާލު ކޮށްލެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. އޭނަގެ ނަޞޭޙަތްތަކުން ބައްޕައަށް އައިސްފައިވި ބަދަލުތައް ފެނިފައި އޭނަ އުފާވެއެވެ. އެހެނަސް ބައްޕަ އަދިވެސް އޭނަ ނަމާދުކުރަން އެދުމުން ވާހަކަ އޮޅުވާލާ ގޮތުން ބައްޕަގެ ގޮތް އޭނައަށް ވަނީ ސާފުނުވެފައެވެ.

 

“ނޫނޭ…ދެން ދާކަށް ނެތިން އެކަހަލަ ތަނަކަށް. މިދަނީ ހަމަ މި ވޯކްކުރާ ކުންފުނީގެ ކޮންމެވެސް ފަންކްޝަނަކަށް. އެކޮޅުގަވެސް ކުންފުނީގެ ބްރާންޗެއް ހުރީމަ މިފަހަރު އެތާނގަ އެނުއަލް ފަންކްޝަން އޮތީ. ދެން ދާންވީ ޕެކްކުރަން. ވިލް މިސް ޔޫ!” ޒަމީން ގޮނޑިން ތެދުވެ ފަހު ބަސްތައް ބުނެލީ ގޮށްމުއްކަވައި އައްޒާމްގެ ކޮނޑުގައި މަޑުމަޑުން ޖަހައި ކޮއްޕަމުންނެވެ. ޒަމީންގެ އެ ޙަރަކާތައް އައްޒާމް ހީލުމުން ޒަމީން ވެސް އޭނައަށް ފަސްދިނީ ލުއި ގޮތަކަށް ހީލަމުންނެވެ. އެހެނަސް ކޮޓަރިން ނިކުތުމުގެ ކުރިން ޒަމީން ދެވަނަ ފަހަރަށް އައްޒާމަށް ބަލާލިއެވެ.

 

“ޑޭޑް އެކޮޅުގަ ހުއްޓަސް މާލެއަށް ކޮންޓެކްޓްކުރަން އެއްވެސް ދަތިކަމެއް އޮތިއްޔާ އަންގާލައްޗޭ. ގޭގަ ދެން ހުންނަ މީހާ ކޮންމެ އެއްޗެކޭ ކިޔުނަސް ނޫންކަމަށް ހަދައިގެން ހުންނާނީ. އެއީ އަޅާލާ ކަންތަކެއް ނޫން!” ޒަމީން ފަހު ޖުމްލަ ބުނެލީ މޫނަށް ގޮތެއް ހަދާލަމުންނެވެ. އައްޒާމް ‘ކޫލް’ އޭ ބުނެލުމުން ޒަމީން އެއްލޯ މަރާލާފައި އެތަނުން ދިޔައީއެވެ. އެ ހިނދު އައްޒާމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިނދުން ފަށައިގެން ވެސް އޭނައަށް ބައްޕަގެ ހުސްކަން އިޙްސާސްކުރެވެން ފެށިއެވެ. ލަންޑަނަށް އައި ފުރަތަމަ ދުވަހު ވެސް އޭނަގެ ފޯނަށް ވެފައި އޮތްގޮތް ފެނިފައި އެއީ މަންމަގެ ކަމެއްކަން އައްޒާމަށް އެނގުނީ ބައްޕަގެ އެހީގައެވެ. ބައްޕަ މަންމަ ލައްވާ ޙަޤީޤަތް ހާމަކުރުވަން އުޅުނެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. މަންމަ ވާހަކަ އޮޅުވާލީއެވެ. އެކަމާމެދު އައްޒާމަށް ހިތާމަކުރެވުނެވެ. މަންމަ އޭނަގެ ފޯނަށް އެހެން ހެދީ އޭނައާއި ކާފަ ދުރުކޮށް އޭނަ ދީނާއި ދުރުކުރުވަން ހެން އައްޒާމަށް ހީވިއެވެ. އެހެނަސް ބައްޕަގެ ފޯނުން ބައްޕައާ އެކީގައި ކާފައާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުމުން އައްޒާމް ހިތްހަމަޖައްސައިގެން ހުރީ އޭނަ ވަކި ފޯނަކަށް ބޭނުމެއް ނުވާތީވެއެވެ. އޭނަ އެ ސިމުން ކުރިހާވެސް ކަމަކީ އޭނަގެ ނަންބަރު އޭނަގެ ސެންޓަރަށް ފޮނުވާލުމެވެ. އެއިން އޭނަގެ މަސައްކަތް ކުރެވުމުން އައްޒާމަށް އޭނަގެ ކުރީގެ ނަންބަރު ނުލިބުނަސް އައްޒާމަށް ފުދުނެވެ. އޭނަގެ ކުރީގެ ނަންބަރަށް މާޝާ ގުޅާފާނެއޭ ހިތަށް އެރިއެއްކަމަކު އައްޒާމް އެ ޚިޔާލުމަތިން ހަނދާން ނައްތާލެވޭތޯ މަސައްކަތް ކުރިއެވެ. މާޝާއަކީ މިހާރު އޭނަ ހަނދާންކުރަންޖެހޭ ކުއްޖެއްނޫންހެން ހީވާ ކޮންމެ ފަހަރަކު އައްޒާމް އެހެން ކަމަކާމެދު ވިސްނަން އޭނަ ހިތާއި ދެކޮޅަށް ގަދަކަމުން މަސައްކަތް ކުރަން ޖެހެއެވެ. އޭނަގެ ހިތަށް އިތުރަށް ދަތިވެގެން ދިޔައީ ލަންޑަނަށް އައިތާ ދެވަނައަށް ދުވަހު މަންމަ ޓީވީ ބަލަން އިނދެފައި ދެއްކި ވާހަކައިންނެވެ. އެވަގުތު މަންމަ ބަލަން އިނީ ކޮންމެވެސް އިނގިރޭސި ލޯބީގެ ފިލްމެކެވެ.

 

“ބަލާބަލަ ޒާމްވެސް މިގޮތަށް ހެދިނަމަ ކިހާ ރަނގަޅު؟ ކައިވެނި ނުކޮށް ރައްޓެހިވެގެން އުޅެ ބޭނުންކަމެއް ކޮށްލާފަ އެކަމެއް ކުރިޔަސް ރަނގަޅުވާނެއޭ. ކާފަ އެކްސްޓްރީމްވެގެން ގޮސް ދެއްކި ވާހަކައާ އެއްގޮތަށް އުޅެން ހަދައިގެން އައްޒާމަށް ލަނޑު ތި ލިބުނީ. ދެންވެސް ރީތި ކުއްޖަކު ހޯދައިގެން ކައިރީގަ ގެންގުޅެންވީ. އެހެންނޫނީ މުސްކުޅިވެދާނެ ތިހާ ހޭންޑްސަމް ކުއްޖަކު މެރީ ނުކޮށް ހުއްޓާ. ދެޓް ވުޑް ބީ އަ ޝޭމް!” އާޝިޔާ އެތާ ދުރުގައި ޒަމީނާއެކީ މައްސަލަ ޖެހިފައިހުރި ލެޕްޓޮޕެއް ބަލަން އިން އައްޒާމްގާތު އެހެން ބުނެލީ އައްޒާމްގެ ހިތުގައި ދީނަށްޓަކައި ނަފްރަތެއް އުފެއްދުމަށެވެ. އޭނަގެ އެ އެދުން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސްވިއެވެ. އައްޒާމަށް އޭނަގެ މަންމަ ދެއްކި ވާހަކަތަކުން މަންމައަށް ބަލާލެވުނެވެ. މަންމަ އެ ދެއްކީ އޭނައަށް ހިތާމަވެރިކަން ދިމާވިފަހުން ކޮންމެ ދުވަހަކުހެން ޝައިޠާނާ އޭނައަށް ދޭ ވަސްވާސްތަކެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ވަސްވާސްތަކަށް ހެއްލެން އުޅުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަގެ ހިތުގައިވި އީމާންތެރިކަމެއްގެ ސަބަބުން އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“ނޯ މަންމާ…އިޓް ވުޑް ނޮޓް ބީ އަ ޝޭމް. އަހަންނަށްޓަކައި ކައިވެންޏެއް އަހަރެންގެ ތަޤްދީރުގައި ލިޔުއްވާފައިވާނަމަ އެކަން ހުއްޓުވޭނެ އެކަކުވެސް ނުވާނެ. އަދި އަހަރެންގެ ކައިވެންޏެއް ވާން ނެތްނަމަ މަންމަ ތިބުނި ގޮތްތައް ޚިޔާރުކޮށްގެން ވެސް އަހަންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބި ހިނގައިދާނެ. އަދި އެހެންނޫނަސް އެހާ ދުވަސްވަންދެން އަހަރެން ދުނިޔޭގަ ހުންނާނެ ކަމެއްވެސް އެނގެނީއެއްނޫން…އެއްގޮތަކަށް ވެސް ހިތާމައެއްނުކުރަން އަހަރެން ރަނގަޅު ގޮތް ޚިޔާރު ކުރި ކަމަށްޓަކާ. އަހަރެން ހެދީ ﷲ ރުހިވޮޑިގެންވާ ގޮތަށްކަން އަހަރެންގެ ހިތަށް އެނގުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު. އެހެން ނޫނަސް އަހަންނަށް ލަނޑު ލިބުނީ އަހަރެންގެ ފަރުވާ ކުޑަކަމުން. ކާފަ ކުރިން ވެސް ނަޞޭޙަތްދިން ގޮތަށް އަހަރެން މާޝާގެ ބައްޕައާ ވާހަކަ ދައްކާފަ އޮތް ނަމަ މިހެން ނުވީސް. ކޮންމެ ގޮތަކަށް ކަންތައް ވެފައިވިޔަސް އަހަރެން ﷲ ގެ ރޭވުމަށް ފުރިހަމައަށް އިތުބާރު ކުރަން. އަހަންނަށް އެންމެ ރަނގަޅު ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއީ.” އައްޒާމް ވީހާވެސް ތަފްޞީލުކޮށް އޭނަގެ މަންމައަށް ކިޔައިދިނީ ކިތަންމެ ކުޑަ ތަންކޮޅެއްވެސް ދަމައި ނަގައިގެން މަންމަ ޒުވާބުކުރަން ފަށާނެކަން ދަނެގެންނެވެ. އޭނަގެ ޖަވާބަކަށް މަންމައަށް އެއްޗެކޭ ނުބުނެވުނެއްކަމަކު މަންމަ އަނގައަށް ގޮތެއް ހަދައި ކަޅި މައްޗަށް ހިންގާލަމުން ދުރުބަލަން ފެށި ގޮތުން އައްޒާމްގެ ހިތްދެރަވިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ބައެއް ނަޞޭޙަތްތައް އަޑުއަހާފައިވި އޭނަގެ ބައްޕަ ވާހަކަ ދެއްކިއެވެ.

 

“އާޝިޔާއަށް ނުފެނޭތަ ޒާމް މި ބިލީވް ކުރާ ކަންތަކާމެދު ޒާމް ކިހާ ޔަޤީންކަމާއެކީކަން މި ވާހަކަ ދައްކަނީ. އައި އެޑްމަޔާރ ދެޓް! އަމިއްލައަށް ޤަބޫލުކުރާ ކަމަކާމެދު ވާހަކަ ދައްކައި އެއާއި އެއްގޮތަށް ޢަމަލުކުރެވޭނީ ވަރަށް ވަރުގަދަ ޝަޚުޞިއްޔަތުތަކަށް. އައި ރެސްޕެކްޓް ޔޫ ފޯ ވަޓް ޔޫ ޑިޑް ޒާމް!” ޒަމީން އައްޒާމަށް ބަލާލަމުން އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ފަޚުރުވެރިވެފައި ހުރެއެވެ. އައްޒާމް އެ ވާހަކައަށް ހިނިތުންވެލީ ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ވަރުގަދައީ އޭނަގެ ޝަޚުޞިއްޔަތެއްނޫންކަން ބައްޕައަށް އެނގޭނެނަމައޭ އެވަގުތު އައްޒާމްގެ ހިތަށްއެރިއެވެ. ވަރުގަދައީ އޭނަގެ ހިތުގެ އަޑިން ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ ފަހަތުގައިވި ޙަޤީޤަތްތަކެވެ. ބޭރުފުށުން އޭނަގެ ފަރާތުން ފެންނަ ސިފަތަކުގެ އަސްލަކީ އެ ޙަޤީޤަތްތަކެވެ. ބައްޕައަށް އެ ޙަޤީޤަތްތައް ފަހުމްވާނެގޮތް ހައްދަވާދެއްވުމަށް އެދި އެވަގުތު އައްޒާމަށް ދުޢާކުރެވުނެވެ.

 

އައްޒާމްގެ ބައްޕަވަނީ ވޭތުވި 3 ދުވަސް ތެރޭގައި އެ ނޫނަސް އެކި ފަހަރުމަތިން އޭނަގެ މަންމައާއި ދެކޮޅަށް އޭނަ ދިފާޢުކޮށްފައެވެ. ބައްޕަ މެލޭޝިޔާއަށް ފުރައިގެން ދިޔަ ދުވަހު އޭނައަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނީ އެހެންވެއެވެ. އައްޒާމް އެދުވަހު އެއާރޕޯޓުން ގެއަށް އައީ ބައްޕަ އަނބުރާ އަންނަންދެން އޭނަގެ ދުވަސްތައް ވޭތުވާނީ ހިމޭންކަމާއެކީ ކަމަށް ހީކުރަމުންނެވެ. އެހެނަސް ކަންތައް ވާންފެށީ އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ.

 

އޭނަ އެއާރޕޯޓުން ގެއަށް ގޮސް އޭނައަށް ޚާއްޞަކުރެވިފައިވި މަތީގައި ހުރި ކޮޓަރީގައި ހުރެފައި ނިކުތް ވަގުތަކީ ގޭގެ ބެލް އަޅުވާލެވުނު ވަގުތެވެ. އައްޒާމް ސިޑި ބަރީގެ ރެއިލިންގްގައި އަތް އަޅުވާލަމުން ތިރީ ބައިން ފެންނަމުން ދިޔަ ގޭގެ މައިދޮރަށް ބަލާލީ ޙައިރާންވެފައި ހުރެއެވެ. ރޭގަނޑުގެ އެ ވަގުތު އެގެއަށް އަންނާނީ ކާކުކަން ނުވިސްނުމުންނެވެ. އިތުރަށް އަޖާއިބުވެގެން ދިޔައީ މަސައްކަތު މީހަކު އެ ދޮރު ހުޅުވަން ދަނިކޮށް މަންމަ އެމީހާ ހުއްޓުވައި އަމިއްލައަށް އެ ދޮރު ހުޅުވަން ދިޔުމުންނެވެ. މަންމަ ހުރީ ވެސް އެހެން ރޭތަކާއި ޚިލާފަށް މާ ބޮޑަށް ނަލަ ހެދިލައިގެންނެވެ. ދޮރު ހުޅުވާލުމާއެކު ދޮރު މަތިން ފެނިގެން ދިޔައީ މަންމައާއި ދާދި އެއް ޢުމުރެއްގެ ދިވެހި ފިރިހެނެކެވެ. އެ ފިރިހެން މީހާ ފެނުމާއެކު މަންމަ ‘ސޫން’ އޭ ކިޔައި އޭނަ ގައިގައި ބައްދާލި ގޮތުން އައްޒާމްގެ ބުމަގޮށްޖެހި ރެއިލިންގް ގައި ހިފަހައްޓާފައި ހުރި ދެއަތް ބާރުވިއެވެ.

 

“މިސްޑް ޔޫ ސޯ މަޗް ބޭބް….ހައު އާރ ޔޫ؟” އާޝިޔާ އެ ސުވާލު ކޮށްލީ ވެސް މައިސޫންގެ ކޮނޑުގައި އަތް އަޅައިގެން ހުރެއެވެ.

 

“ފިރިސޮރު ނެތީތަ މާ ގާތްވެގެން ތިއުޅެނީ؟” މައިސޫން ގޭގެ ވަށައި ކަހަލަ ގޮތަކަށް ހޯދާލަމުން ސުވާލުކުރިއެވެ. އޭނަގެ އެ ސުވާލުން އައްޒާމްގެ ދެލޯ ހަނިވިއެވެ.

 

“އޭނަ ހުއްޓަސް ނެތަސް މައްސަލައެއް ނުޖެހޭނެ. މަ ކިތައް ދުވަހު ބުނެފިން ސޫން ކައިރި. އަބަދު އަބަދު އެކަކާއެކީ ނުއެއް އުޅެވޭނެއޭ! ބަލާބަލަ ސޫން ވެސް ތިއުޅޭ ގޮތް އެ އަމީރަކާއެކީ. ދެމީހުން ދެމީހުންނަށް އެކްސްޗޭންޖްކޮށްލީމަ މާ ސަޅިވާނެހެން ހީވޭ!” އާޝިޔާ ލާނެތް ހިނިތުންވުމަކާއެކީ އެހެން ބުނެލުމުން މައިސޫން ހީލިއެވެ.

 

“ހެހެހެ…..ދެން ހިނގާދޯ ކުޑަކޮށް ވާހަކަ ދައްކާލަމާ؟ ޝަހާނީވެސް އެބައުޅޭ މިކޮޅުގަ. އެބަކިޔާ ބޮޑު ޚަބަރެއް އެބައޮތޭ…..އައި އަޑު ކަންނޭނގެ.” މައިސޫން ވާހަކަ ދައްކަމުން ގޮސް ހުޅުވިފައިވި ދޮރާއި ދިމާލުން ކާރެއްގެ އަޑު އިވިފައި ބުނެލިއެވެ. އޭގެ މާ ގިނައިރެއްނުވެ އެ ދެމީހުންނަށް ވެސް އެގޭގެ ގޭޓުން ވަތް ޝަހާނީ ފެނުނެވެ.

 

ޝަހާނީ ވަނުމާއެކު އާޝިޔާ އޭނައާއި މައިސޫނާއިއެކީ ގޮސް ސޯފާގައި އިށީން މަންޒަރު ވެސް ބަލަން އައްޒާމް ހުއްޓެވެ. އޭނަ ހުރީ އޭނަގެ މަންމަ އެހެން ފިރިހެނަކާއި ގާތްވަމުން ދިޔަ ގޮތް ފެނި މޭނުބައި ކޮށްފައެވެ. މަންމަ އިށީންނަން ވެސް ޚިޔާރުކުރީ އެ ފިރިހެން މީހާގެ ކައިރީގައި ކަމަށްވުމުން އައްޒާމް އެ މަންޒަރަށް ފަސްދޭންވެސް ބޭނުންވިއެވެ. އެހެނަސް ޝަހާނީ ގެނައި ‘ބޮޑު ޚަބަރު’ އެނގެން ބޭނުންވެފައިވި މިންވަރުން އައްޒާމަށް އެތާ ހުރެވުނެވެ. މަންމަ އެ ޒާތުގެ މީހުންނާއެކީ ކުރަން އުޅޭނީ ސަހަލުކަމެއްނޫންހެން  ހީވުމުންނެވެ. ތިން މީހުން އިށީނދެ ކޮންމެވެސް ދީނީ ފޮތްތަކެއް ލިޔާ އަންހެނަކަށް މަލާމާތް ކޮށްކޮށްފައި އިރުކޮޅެއް ފަހުން ޝަހާނީގެ ފަރާތުން އެ ޚަބަރު އައްޒާމަށް އިވުނެވެ.

 

“އެ އަންހެނާ ލަންޑަނަށް އައިއްޔާ އައީ މިހާރު. އިހަކަށް ދުވަހުވެސް އޭނަ ހުރި މާލޭގަ. މަށަށް ހީވަނީ އޭނަ މިހާރު ރަނގަޅުވެސް ވީހެން. ވަރަށް ފެނޭ އޮފީސް ކައިރިން ވެސް. އަހަރެން ފެނިފަ ބިރުން ކަންނޭނގެ އޭނަ އޭނަ މިރްޒާން ކުރިމައްޗަށް ނުދަނީ. އޭނަ ފުރަތަމަ ފެނުނީއްސުރެ އޭނައަށް ފާރަލެވުނުކަން އެއީ އަހަރެންގެ ނަސީބު. ފަހަކަށް އައިސް އޭނަ މިރްޒާން ދާ ކޮންމެ ތަނެއްގަ ޕާރުސަލެއް ބާއްވަން ފެށި. އޭގެއިން އެއްވެސް ޕާރުސަލެއްގަ އެއްވެސް އެއްޗެއް ނޯވޭ. އަދި އޭގެއިން ކޮންމެ އެއްޗެއްގެ ބޭރުގަ އޮންނަނީ މިޒްއޭ ޖަހާފަ. މިރްޒާންއަށް ފެންނައިރަށް މަށަށް ޔަޤީން އޭނައަށް އެނގޭނެކަން. ދެމީހުން ގެންގުޅޭ ކޯޑެއް ކަންނޭނގެ އައީ. ވާ ފޫއްސެއް ބުނެދޭކަށް ނޭނގޭ!” ޝަހާނީ ރުޅިވެރިކަމާއެކީ ބުނެލިއެވެ. ޝަހާނީ ދެއްކި ވާހަކައިގެ ތެރެއިން ‘މިރްޒާން’ ގެ ނަން އިވުމުން އައްޒާމްގެ ހަނދާނަށް އައީ މީގެ މަސްތަކެއް ކުރިން މަންމައަށް އޮޅުމަކުން އޭނައަށް ގުޅުނު ހަނދާނެވެ. އޭނައަކީ ޝަހާނީ ކަމަށް ހީކޮށް އޭނައަށް ގުޅައި މިރްޒާނާއި އޭނަގެ ދަރިފުޅު ވަކިކުރުމުގެ ވާހަކަ ދެކެވުނު ގޮތެވެ. އޭނައަށް އެދުވަހު ހީވީ ހަމަ ރަނގަޅަށްތޯ ހިތަށް އެރި ވަގުތު އާޝިޔާ ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“ހެހެހެ…..ޗިލް އައުޓް ޝަހޫ…ޝަހޫވެސް މިރްޒާނާއެކީ އެކި ޝޯތައް ހަދަމުން އަމިއްލަ ކޯޑެއް ހަދާލިނަމަ ކިހާ ރަނގަޅުވީސް! މުޅި މި މައްސަލަ އެއްބުރުން ޙައްލުވީސް އެހާރުން.” އާޝިޔާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

 

“އައި ނޯ ރައިޓް! މަ ފޮނުވުނީވެސް ތިކަމަށްޓަކައެއްނު؟ އެކަމަކު އެ މިރްޒާނަށް ޒުވާން ކުދިން ކަމުނުދަނީ ކަންނޭނގެ. އަހަންނަކީ އަހަރެންގެ ބެޗްގެ ކުއީންއަށް ވިޔަސް އޭނައަށް ކަމުދާނީ ހަމަ އޭނަގެ ކުއީންތާ!” ޝަހާނީ ބުނެލިއެވެ. އޭނައަކީ މިރްޒާން ހީކުރި ފަދައިން އޭނައާއެކީ އެއްޔުނިވާރސިޓީއެއްގައި ކިޔެވި ކުއްޖެކެވެ. އެހެނަސް ޝަހާނީ ކިޔަވަމުން ދިޔައީ މިރްޒާނާއި އަމްނާއަށްވުރެ އެއްއަހަރު ދަށްކޮށެވެ. އެހެންކަމުން މިރްޒާންމެނަށް ޝަހާނީ ނޭނގުނެއްކަމަކު ޝަހާނީއަށް މިރްޒާންމެންގެ މަޝްހޫރުކަމުގެ ޚަބަރުތައް ލިބިފައިވެއެވެ. ޝަހާނީއަކީ ސިއްރުން އަބަދުވެސް މިރްޒާނާހެދި މޮޔަވެގެން އުޅުނު ކުއްޖެކެވެ. އޭނަގެ ރީތިކަމުގެ ބޭނުން ހިފައިގެން ސޯޝަލް މީޑިޔާގައި ލަންޑަންގެ ވަކި ހިސާބުގަނޑަކަށް އޭނަ މަޝްހޫރުވެގެން ގޮސްފައިވީ ދުވަސްވަރު އޭނަގެ އަތުގައި ހިފީ އާޝިޔާއެވެ. އާޝިޔާގެ އެދުމަކަށްވީ މިރްޒާން ލައްވާ އަމްނާ މަތިން ހަނދާން ނައްތައި އެހެން ހެދުމުގައި އަމްނާ މުޅިން ބާކީކޮށްލުމެވެ. އެހެނަސް މާލެއަށް ގޮސް މިރްޒާނާއި އެއްފުރާޅެއްގެ ދަށުގައި މަސައްކަތް ކުރުމުން ވެސް އެކަންވީ ނާކާމިޔާބެވެ. ޝަހާނީ ބަލި ޤަބޫލުކުރި ފަހު ވަގުތާއި ޖެހެންދެން ވެސް މިރްޒާން ވަފާތެރި ފިރިއެއްގެ ގޮތުގައި ދެމިހުއްޓެވެ.

 

“ދެން މިހާރު ކޮބައިތަ އެ އަމްނާއަކު؟ އަހަރުމެން މިހެން ތިއްބާ ފެންނާނީ އޭނަގެ އަންހެނުން 15 އަހަރު ފަހުން ފެނުމުގެ އުފަލުގަ އެ މިރްޒާން ލަތީފޭ ކިޔާ މީހާ އެކަމާބެހޭގޮތުން ޝޯއެއް ހަދާލިތަން! ވީ ނީޑް ޓު ޑޫ ސަމްތިންގް!” މައިސޫން ކަންބޮޑުވުން ފާޅުކުރިއެވެ. އޭނަގެ އެ ޖުމްލަތަކަކުން އައްޒާމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ވާހަކަތަކުން އެ ދެކެވެނީ ހަމަ މާޝާގެ ދޮންބެގެ ވާހަކަކަން ޔަޤީން ކުރެވުމުންނެވެ.

 

“ނޯ ވޮރީސް…..މަ މިކޮޅަށް މިއައީ އޭނަ އެކޮޅުން ފުރިކަން ޔަޤީންކޮށްފަ. އޭނަ އައީ ހަމަ ލަންޑަނަށް. ޝީޒް އެލޯން. ޔޫ ކޭން ޑޫ އެނީތިންގް ޓު ހާރ.” ޝަހާނީ ބުނެލިއެވެ. އެ ހިނދު މައިސޫން ސީރިއަސްކަމާއެކީ ބޯޖަހާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އައި ޑޯންޓް ނޯ ވާއި…..މިފަހަރު ހަމަ އެއްފަހަރާ އޭނަގެ ދުވަސް ދުއްވާލަން މަށަށް ފެންނަނީ. އެއްދޮނަކުން ދެބުޅި ޖެހޭނީ އޭރުންނެއްނު؟ އެއްކޮޅުން އޭނަ އެ ކުރިއަރުވާ ދީނެއްގެ ނިމުން. އަނެއްކޮޅުން އޭނަގެ ހިތާމައިގަ އުޅޭ މަޖުނޫނު ފިރިމީހާގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވީ.” މައިސޫން އެ ފަހު ބަސްތައް ބުނެލީ މަލާމާތް ކުރާ ފަދައަކުން ހިތާމަވެރި ރާގެއް އަޅުވަމުންނެވެ. އެ ހިނދު މަތިން އެ މަންޒަރު ބަލަން ހުރި އައްޒާމްގެ ހިތުގައި ކިތަންމެ ސުވާލެއް ވިއެއްކަމަކު މައިސޫންގެ ޝަޚްޞިއްޔަތަށް އައި ރުޅީގައި އޭނަގެ ދަތްކުނޑި ވިކުނެވެ.

 

“އަޅެ ތިހާ ފަސޭހަކޮށްގެނެއް ނުވާނެއެއްނު؟ ހިތުން ނުލާހިކު ޠާހިރު އަންހެނެއް ކަމަށް ހެދިގެން އޭނަ އެ އުޅެނީ. އޭގެ ބޭނުން ހިފަން މައިސޫންގެ އެކުވެރިންކޮޅެއް ފޮނުވާލަން ވާނެއެއްނު؟” އާޝިޔާ ވެސް ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ވާހަކަ ދެއްކީ މައިސޫން ވާހަކަ ދެއްކި ރާގަށެވެ. އެއާއެކު މައިސޫނާއި ޝަހާނީ ހެމުން ހުތުރު ބަސްތައް ބޭނުންކުރަމުން އަމްނާގެ އަބުރަށް ހުތުރުވާނެ ފަދައިން ވާހަކަ ދެއްކިއެވެ. އެމީހުން އެ ދައްކަމުން ދިޔައީ އައްޒާމަށް ނޭނގޭ އަންހެނެއްގެ ވާހަކަ ކަމަށްވިޔަސް ޢިއްފަތްތެރި އަދި ދީންވެރި އަންހެނެއްގެ އަބުރު ކަތިލެވޭހެން ހީވި ވަގުތު އައްޒާމް އައި ރުޅީގައި އަޑު އުފުލުނެވެ.

 

“ހުއްޓާލާ!!!” އައްޒާމްގެ ހަރުއަޑު މުޅި ގޭގައި ގުގުމައިގެން ދިޔަދިޔަހެން ސިޓިންގް ރޫމުގައި ތިބި އެންމެންގެ ނަޒަރު މައްޗަށް އަމާޒުވިއެވެ. އެމީހުން އޭނައަށް ބަލާލުމާއެކު އައްޒާމް ރުޅިން ތުރުތުރު އަޅާ ޙާލު ސިޑިން ފައިބަން ދިޔައެވެ.

 

“ތިހީވަނީ ތި ދެއްކެނީ މާ މޮޅެތި ވާހަކަތަކެއް ކަމަށްތަ؟! ހީވަނީ އެހެން މީހަކަށް ހަލާކަށް އެދިގެން އަމިއްލައަށް ކާމިޔާބީއެއް ލިބިދާނެ ކަމަށްތަ؟! އެނ!” އައްޒާމަށް އައިސްފައިވި ރުޅީގައި ސިޑިން ފޭބުމަށްފަހު ސިޓިންގް ރޫމުގައި ތިބި މީހުންނާއި ކުރިމަތިލެވުނީވެސް އޭނަ ހީކުރި ވަރަށްވުރެ އަވަސްކޮށެވެ. އޭނަ އެ މީހުންނާއި ހަމަވުމާއެކު ތިން މީހުން އެކީގައި ކޮޅަށް ތެދުވެލިއެވެ.

 

“މީ އަދި ކާކުތަ؟” މައިސޫން އެހެން އަހާލީ ނުރުހުންތެރިކަމާއެކީގައެވެ.

 

“މީ މަގޭ ދަރިއޭ ކިޔާ މީހާ….ދާން އުޅޭ މިތަނުން! މާ މޮޅުވާން ނޫޅޭތި މިތާ!” އާޝިޔާ އެހެން ބުނެލީ އިންޒާރެއް ފަދައަކުންނެވެ.

 

“މޮޅުވާކަށް ނުއުޅެން. މި ބުނާހާވެސް އެއްޗަކީ ތި ކުރެވެނީ ވަރަށް ގޯސްކަމެކޭ. ތި ދައްކަނީ އަހަންނަށް އެނގޭ މީހެއްގެ ވާހަކައެއް ވެސް ނޫން. އެކަމަކު އެމީހާގެ ދުވަސް ދުއްވާލަން ތި މަސައްކަތް ކުރަނީ ކީއްވެ؟ ހަމައެކަނި އޭނަ ދީނީ ފޮތްތައް ލިޔާތީ؟ އޭނަ….” އައްޒާމްގެ ވާހަކަ އާޝިޔާ މެދުކަނޑާލިއެވެ.

 

“އެ ފޮތްތައް ހަމައެކަނި އޭނަ ލިޔަނީއެއްނޫން. އެ ފޮތްތަކުން އޭނަ އެ ފަތުރަނީ ބޮޑު ނުރައްކާތެރިކަމެއް! ބޯ ގޯސް ވާހަކަތައް އެއީ!” އާޝިޔާ އަޑުހަރު ކުރީ ހިތުން އައްޒާމް މައިތިރި ކުރެވިދާނެ ކަމަށެވެ. އެހެނަސް އައްޒާމް ފަހަތަކަށް ނުޖެހުނެވެ.

 

“ސީރިއަސްލީ މަންމާ! މިތާނގަ ބޯ ގޯސް ވާހަކަތައް ދައްކަނީ ކާކު؟ އަމިއްލައަށް ދީނަކާމެދު އުނގެނި އެ ދީނުގެ ޙަޤީޤަތް އެނގުމުން އެ ދީނަކަށް ތަބާވި މީހެއްތަ؟ އެހެންނޫނީ އެއްވެސް ދީނަކާމެދު ރަނގަޅަށް ނުއުނގެނި ދުނިޔޭގަ އެއްވެސް މަޤްޞަދެއް ނެތި ވަކި ދީނަކަށް ހުރިހާ ނަފްރަތެއް އަމާޒުކުރާ މީހެއްތަ؟ އެމީހަކު އެ ދައްކަނީ ބޯގޯސް ވާހަކަތަކަށް ވިއްޔާ މަންމަމެން ދުލުން އޭނައަށް ރައްދުދީ. ކީއްވެ އޭނަގެ އަބުރަށާއި އޭނަގެ ޙަޔާތަށް ނުފޫޒު ފޯރުވަން ތިއުޅެނީ؟ އޭނަގެ އެ ބަސްތަކުން އަންނަ އަސަރު ނުހުއްޓުވޭނެހެން މަންމައަށް ހީވަނީތަ…..” އައްޒާމް ޖޯޝުން ފުރެމުން ދިޔަ ހިތަކާއެކީ ދައްކަން ފެށި ވާހަކަ މިފަހަރު ހުއްޓުމަކަށް އައީ އާޝިޔާ އޭނަގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އެރިއެވެ. އައްޒާމަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނު ހިނދު އޭނަގެ ތަދުވި ކޯތާފަތުގައި ވެސް ހިފަހައްޓާލެވުނެވެ. އެ ހިނދު އޭނަގެ ތުންފަތުގެ ކައިރިން މަންމަގެ އަނގޮޓީގެ ބައެއް ޖެހުނުތަނުން ލޭ އަންނަން ފަށާފައިވިކަން އައްޒާމަށް އެނގުންވިއެވެ. އޭނަ ކޯތާފަތުގައި ފިރުމަމުން ތުންފަތުގައި ވެސް އަތްޖައްސަމުން އޭނަގެ ކުރިމަތީގައި ރުޅިވެރި ނަޒަރުތަކާއެކީ ތިބި ތިން މީހުންނަށް ބަލާލިއެވެ.

 

“އާޝިޔާ ނުބުނަމެއްނު އާޝިޔާގެ ދަރިއަކީ ކިހާ އަނގަގަދަ މީހެއްކަމެއްވެސް؟” މައިސޫން ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެ ހިނދު އައްޒާމަށް އެއްފަހަރު އޭނައަށް އަނެއްފަހަރު އޭނަގެ މަންމައަށް ބަލާލެވުނެވެ.

 

“މަ މިއުޅެނީ މީނައަށް ހަދަންވީ ގޮތެއް ނޭނގިގެންނޭ މަ ބުނީމެއްނު؟!” އާޝިޔާ އައްޒާމަށް އައިސްފައިވި ރުޅިގައި ބުނެލިއެވެ.

 

“އަހަރުމެން މީ ހަދަންވީ ގޮތެއް ނޭނގިގެން ތިބޭ ބައެއްނޫން.” މައިސޫން ބުންޏެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެއްއަތުގެ ދެ އިނގިލިން ދެ އަޑު ލައްވާލުމާއެކު ގޭގެ މައިދޮރު ކައިރީގައި ތިބޭ ދެ ބިޔަ ސެކިއުރިޓީ ގާޑުން ގޭގެ ތެރެއަށްވަނެވެ. އިސާހިތަކު މައިސޫން އައްޒާމްގެ ގައިގައި ހިފެހެއްޓުމަށް އެ ދެމީހުން ކައިރި އެންގިއެވެ. އައްޒާމަށް ވިސްނާނެ ފުރުޞަތެއް ވެސް ނުލިބެނީ އެ ބާރުގަދަ ދެ ފިރިހެނުން އައިސް އޭނަގެ ދެ ފަރާތުން ހިފަހައްޓާލިއެވެ. ސަލާމަތްވާން އޭނަ މަސައްކަތް ކުރި ވަގުތު އާޝިޔާ ހާސްވެފައި ވާހަކަ ދެއްކިއެވެ.

 

“ސޫން އޭނައަށް ކަމެއް ނުކުރައްޗޭ. ޒް…ޒަމީން ސަކަރާތްވާނެ ކަމެއްކޮށްފިއްޔާ.” އާޝިޔާ އެހެން ބުނެލީ ހިސާބެއްގެ ބިރުވެރިކަމާއި އެކީގައެވެ. މިހާރު އައްޒާމަށް ކޮށްފައި ހުރިވަރުން ވެސް ޒަމީން ނުރުހުންވާނެ ވަރު އެނގުންވުމުންނެވެ.

 

“އެހެންތަ؟ ސޯ ޔޫ އާރ ލަކީ ޑެޑީސް ބޯއި! އެކަމަކު ކަލެއަކަށް ނުހުރެވޭނެ މިކަހަލަ ގެއެއްގަ އަރާމުކޮށް. ކަލޭ ތި ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުން ނުހުއްޓަނީސް ކަލޭ އުޅޭނީ ވޭންދެނިވި ޢަޒާބެއްގެ ތެރޭގަ.” މައިސޫން އެހެން ބުނެލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭނަގެ އެ ޖުމްލައިން އައްޒާމްގެ ޢަޒުމް ވަރުގަދަވުން ނޫންކަމެއް ނުވިއެވެ.

 

“އާޚިރަތުގެ ޢަޒާބު މާ ބޮޑުވެފައި މާ ވޭންދެނިވި. ކަލޭ މަށަށް ކޮންމެ ކަމެއް ކުރިޔަސް އަހަންނަށް އަޑެއް ލިބިފައިވިހާ ހިނދަކު އަހަރެންގެ ދީނާއި އެއްކޮޅަށް ވާހަކަ ދެއްކުން ހުއްޓައެއްނުލާނަން!” އައްޒާމް ހައްޔަރުވެފައިވާ ޙާލުވެސް އެހެން ބުނެލީ ސާބިތުކަމާ އެކީގައެވެ.

 

“ކަލޭ އެދޭގޮތެއް!” މައިސޫން އެހެން ބުނެ ވަގުތުން އައްޒާމް އޭނަގެ ކާރާއި ހަމައަށް ގެންގޮސްދިނުމަށް ގާޑުން ކައިރި އެންގިއެވެ. އެރޭ އައްޒާމަށް މައިސޫންގެ ކާރުގެ އޭނަގެ ގެއަށް ގެންދެވެންދެން އޭނަވީ އެ ގާޑުންގެ ދެމެދުގައި ޤައިދުވެފައެވެ. އެ ގެއަށް ދެވުމާއެކު އޭނަ ކާރުން ނެރުނީވެސް ގަދަކަމުންނެވެ. އައްޒާމް ގެންދެވުނީ ގެސްޓް ހައުސްއެއް ކަހަލަ ގެއެއްގައި ހުރި ކުޑަ ސްޓޯރ ރޫމެއްގެ ތެރެއަށެވެ. ސްޓޯރ ރޫމުގެ ދޮރު ހުޅުވާލެވުމާއެކު އޭނަ އެތާތެރެއަށް ކޮއްޕާލެވުނެވެ. ބިންމަތީގައި ޖެހުނު ހިނދު ބާރަށް ހިފަހައްޓާލެވިފައިވި އޭނަގެ ދެއަތަށް ވަމުން ދިޔަ ތަދާއެކީ ބުރަކަށްޓަށްވެސް ތަދެއް އެރިއެވެ.

 

“ދެންވެސް އަހަރުމެންނަށް ގޮންޖެހޭތޯ ނުއުޅޭތި! ކަލޭތީ އަދި އެއްވެސް މީހެއްނޫން!!” މައިސޫން އެ ކޮޓަރީގެ ދޮރުމައްޗަށް އަރައި ބުނެލިއެވެ. އެއަށްފަހު ކޮންމެވެސް މީހެއް ކައިރި އޭނަގެ އަތަށް ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށް އެދުނެވެ. އައްޒާމް ބަލަބަލާ ހުއްޓާ ދުރުގައި ހުރި މީހަކު އޭނައަށް އުކާލި ސިރިންޖެއްގައި މައިސޫން ފަރިތަކަމާއެކީ ހިފެހެއްޓިއެވެ. އޭގެ ދެވަނަ ސިކުންތުގައި މައިސޫން ދިގު ދެ ފިޔަވަޅު އަޅާލަމުން އައްޒާމްގެ އަތްމައްޗަށް ބޫޓުން އަރައި އޭނަ ހިފެހެއްޓިއެވެ. އެއަށްފަހު އޭނަ ސިރިންޖާއެކީ ކަކޫ މައްޗަށް ތިރިވުމުން އަތަށް ވީ ތަދާއެކީ އައްޒާމްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ.

 

“ތި ބުނާ ސުވަރުގެއެއް ފެނޭތޯ ބަލާ މި މަސްތުގެ ތެރޭގަ.” މައިސޫން އެހެން ބުނެ އޭނަގެ އަތުގައި އޮތް ސިރިންޖު އައްޒާމްގެ އަތަށް ކޮއްޕާލިއެވެ. އެ މަންޒަރު ފެނި މައިސޫން ދެންމެ ބުނި ބަސްތައް ދޭހަކުރެވުނު އައްޒާމްގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ބޮލަށް އެނބުރުން އަރަން ފެށިހެން އޭނައަށް ހީވިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ފުސްވާން ފެށިއެވެ. އެސްފިޔަ ޖެހިއެއްކަމަކު އެ މަންޒަރުތައް ސާފުވާ ގޮތެއްނުވިއެވެ. ހޭގައި ހުންނަން ވަރަށް މަސައްކަތް ކުރިއެއްކަމަކު އިރުކޮޅެއްގެ ތެރޭގައި އައްޒާމަށް ވީނުވީއެއް ނޭނގުނެވެ.

 

 

**

 

އޭގެ އަނެއްދުވަހުގެ ހެނދުނު މާލެއަށް އިރުއެރީ އެތާނގައި އުޅެފައި ދިޔަ މީހަކަށް ބޮޑުކަމެއް ވެއްޖެކަމުގެ ހިލަމެއް ވެސް ނެތިއެވެ. ހުރިހާ ކަމެއް ހިނގަމުން ދިޔައީ އެހެން ދުވަސްތަކެކޭ އެއްގޮތަށެވެ. މުޙްސިން ސްކޫލަށް ލާފައި އައިސް މިރްޒާން އޮފީހަށްދާން ތައްޔާރުވެ ނިކުންނަން ދިޔައީ 8 ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭނަ މުޙްސިނާއެކީ ސިންގަޕޫރަށް ފުރަން އޮތީ އޭގެ އަނެއްދުވަހު ކަމަށްވުމުން މިއީ މިރްޒާން ޗުއްޓީގެ ކުރިން އޮފީހަށް ދާންޖެހޭ ފަހު ދުވަހެވެ. މިރްޒާން ލިފްޓުން ގްރައުންޑް ފްލޯއަށް ގޮސް ޢިމާރާތުގެ ގޭޓާއި ގާތްވަމުން ދިޔަ ވަގުތަކީ އެ ގަޑީގައި ހުރި ގާޑު ބޭބެ ރޭގަ ހުރި ބޭބެއާއި ބަދަލުވީ ވަގުތެވެ. މިރްޒާން ގޭޓާއި ހަމަވީ ވަގުތު ހުރީ އިއްޔެ ހެނދުނުއްސުރެ ހަވީރު ވަންދެން ހުރި ބޭބެއެވެ.

 

“ސަލާމް ބޭބޭ.” މިރްޒާން ހިނިތުންވުމަކާއެކީ އެހެން ބުނެ ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އެ ބޭބެ އޭނައަށް ގޮވާލުމުން މިރްޒާނަށް ބަލާލެވުނެވެ.

 

“މިރްޒާން ބޭބެ އަތުގަ އެބައޮތޭ މިރްޒާނަށް ދޭން އެއްޗެއް. އިއްޔެ ހަވީރު މިރްޒާން ގެއަށް ވަންފަހުން އައި އަންހެން ކުއްޖަކު ދިން އެއްޗެއް. ފަހުން މިރްޒާން ނުފެނުނީމަ ނުދެވިފަ މި އޮތީ. އެކުއްޖާ ބުނީ ހަމަ މިރްޒާން އަތަށޭ މީތި ދޭންވާނީ. މަޑުކޮށްލައްޗޭ!” އެ ބޭބެ އެހެން ބުނެ ބޭބެ ގެނައި ބޭރު ނުފެންނަ ކޮތަޅެއްގެ ތެރެއިން ނެގީ ކުޑަކުޑަ ޕާރުސަލެކެވެ. އެ ހުދުކުލައިގެ ޕާރުސަލުގައި ރަތްކުލައިގެ ފަށެއްލާފައި ހުރިތަން ފެނި ދެންމެ ބޭބެ ބުނި އެއްޗެއް ހަނދާންވީ ވަގުތު މިރްޒާންގެ ނޭވާ ހުއްޓުމަކަށް އައެވެ. ބޭބެ އޭތި ދިއްކުރި ހިނދު އޭގެ މަތީގައި ކަޅުކުލައިން ‘މިޒް’ އޭ ލިޔެވިފައި އޮތްތަން ފެނިފައި މިރްޒާނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އޭނައަށް ކުއްލި ގޮތަކަށް ވާހަކަ ދެކެވުނެވެ.

 

“ބް…ބޭބެ މިއީ ކާކު ދިން އެއްޗެއް؟ ކިހިނެއް ހުރި އަންހެން ކުއްޖެއް؟ ކޮބާ އެ އަންހެން ކުއްޖާ؟ އޭނަގެ ޙާލު ރަނގަޅުތަ؟” މިރްޒާނަށް އެއީ ކާކުކަން ޔަޤީންކުރަމުން އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.

 

“ހަމަ ނަލަކޮށް ހުރި ރީތި އަންހެން ކުއްޖެއް. ކަޅުކުލައިގެ ދިގު ހެދުމެއް ލައިގެން ބުރުގާ އަޅައިގެން. ވަރަށް ހިތްހެޔޮ ވައްތަރެއް ޖެހީ….އެކުއްޖާ ދިޔައީ ފުރަންހެން ބޭބެއަށް ހީވަނީ. ފޮށިވެސް ހިފައިގެން ހުރީ…އަދި ބުންޏޭ…މިރްޒާން ކައިރި ބުނައްޗޭ ކުރިން ފޮނުވި ހަދިޔާ ވެސް ބަލާލައްޗޭ.” ބޭބެ އެންމެ ފަހަކަށް ބުނެލި ވާހަކައިން އެންމެ ފުރަތަމަ މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ޕާރުސަލުގައި ތުރުތުރު އަޅާފައި ހުރި ލިޔުން ފެނިފައި އޭނަގެ ހަނދާނަށް އައީ އެދުވަހު ޕޯސްޓުން އައި ޕާރުސަލެވެ. އިސާހިތަކު ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ މިރްޒާން އޭނަގެ އެޕާޓްމެންޓަށް ދާން މިޞްރާބު ޖެހިއެވެ. ލިފްޓު މައްޗަށް އަރަމުން ދިޔަ ހިނދު ވެސް އޭނަގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އެޕާޓްމެންޓަށް ވަދެ އެ ޕާރުސަލް ހުރި ކަބަޑާއި ގާތްވީ ވަގުތު މިރްޒާންގެ ޙަރަކާތްތައް ލަސްވިއެވެ. އެ ޕާރުސަލް ނަގައި ސޯފާގައި އިށީންނަމުން އޭނަ އޭތި ކަނޑަން ފެށީ މަޑު ތުރުތުރެއް އެކުލެވިފައިވި އަތަކާއި އެކީގައެވެ. މުށި ގަނޑެއް ލެވިފައިވި އެ ޕާރުސަލްގެ ތެރޭގައި ވެސްވީ ދެންމެ މިރްޒާނަށް ލިބުނު ފަދަ ހަމަ އެކުލައިގެ އޭނަގެ ނަން ލިޔެވިފައިވި ހަދިޔާއެކެވެ. އޭގައި އޭނަގެ ނަން އޮތް އިރު މާ ބޮޑަށް ތުރުތުރު އަޅާފައިވިކަން އޭނައަށް ފާހަގަވިއެވެ. އޭނަ ލަސްލަހުން ރަތްކުލައިގެ ރިބަންކޮޅު ނިއުޅާލަމުން އެ ޕާރުސަލް ހުޅުވާލިއެވެ. އެ ހިނދު އޭގައި އޮތީ ކޮންމެވެސް ރަތްކުލައިގެ ގަނޑުކޮޅަކުން ކޮށި ގޮތަކަށް ކަފާލެވިފައިވި ހިތެއްގެ ބައްޓަމަށް އޮތް ގަނޑުކޮޅެކެވެ. މިރްޒާން ޙައިރާންކަމެއްގެ ތެރޭގައި ހުރެ އޭތި ނެގިއެވެ. އޭގައި ހުރީ ޚުދު އޭނަގެ ޢަރަބި ލިޔުންކަން އެނގުންވުމުން މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އެހެނަސް ހަމަ އެހިނދު އޭނަގެ ސިކުނޑި މާޒީގެ ހަނދާނެއް އާ ކޮށްދިނެވެ. އަމްނާ އޭނައާއި އެކުވެރިވެގެން އުޅުނު ދުވަސްވަރު އަމްނާގެ ހިތް އަތުލުމަށްޓަކައި އޭނަ އެއްދުވަހު ހަމަ އެފަދައިން ހިތެއް ކަފައި ޢަރަބި ފޮތަކުން ލޯބީގެ ޅެމެއް ނަގައި އޭގެ ތެރޭގައި ލިޔުނެވެ. އޭރު އޭނައަށް އެނގެނީ ޢަރަބިން ލޯތްބަށް ކިޔާނަން އެކަންޏެވެ. އެ ޅެމުގައި އެ ބަސް އޮތުމުން އެއީ ލޯބީގެ އުފާވެރި ޅެމެއްކަމަށް މިރްޒާނަށް ހީކުރެވުނެވެ. އެހެނަސް އޭތި އަމްނާއާއި ޙިއްސާ ކުރުމުން އެނގިގެން ދިޔައީ އެއީ ލޯބިވެރިޔާއާއި ވަކިވެގެން އުޅޭ ޝާޢިރަކު ލިޔެފައިވި ޅެމެއްކަމެވެ. އަމްނާ ވަނީ ނުހަނު އަސަރާއެކީ އެދުވަހު އެޅެމުގެ މާނަ އޭނައަށް ކިޔައިދީފައެވެ. އެހެންކަމުން ހަމަ އެހިނދު އެ ބަސްތައް މިރްޒާނަށް ފަހުމްވިއެވެ. އޭގައި ލިޔެވިފައިވީ ލޯބިވާއާއި ވަކިވުމީ ޤަރުނެއްގެ ޙަރީފު މޫސުމާއި އެއްގޮތްކަމެއް ކަމަށެވެ. އުފާވެރިކަމުގެ އަލިކަން ކުރުވެފައި ދިގު ރޭތަކުގެ އަނދިރިކަމާއި ފިނިކަމުން ސާލުލާންޖެހޭ ކަމަށެވެ. އެ ފިނީގެ ވޭނުގައި ހިތް ފިސްފިސްވެ ފަޅިފަޅިވެގެން ދާކަމަށެވެ. އެހެންކަމުން ލޯބިވާ އެނބުރި އައިސް އެ ހިތުގެ ދާނުގައި ބަހާރުގެ މާތައް ފޮޅުވާލަދިނުމަށެވެ. އެންމެ ފުރަތަމަ މި ޅެން އަމްނާއާއި ޙިއްސާކޮށް އަމްނާ އޭނައަށް އޭގެ މާނަ ކިޔައިދިން ދުވަހު މިރްޒާން ލަދުން ހަލާކުވާވަރުވިއެވެ. އޭނައަށް އަމްނާއާއި މި ޙިއްސާ ކުރެވުނީ ކޯޗެއްތޯ ހިތަށްއެރިއެވެ. އެހެނަސް އޭގެ އެތައް އަހަރެއް ފަހުން ހަމަ އެ ޅެން ބައިތު ފެނިގެން ދިޔުމުން މިރްޒާންގެ ހިތަށްކުރީ ތަފާތު އަސަރެކެވެ. އެ ބައިތުގައި ސިފަ އެކުރެވިފައިވަނީ އަމްނާއާއި ވަކިން އޭނަ ހޭދަކުރި މި ދިގު އަހަރެއްގެ ކޮންމެ ދުވަހެއްގެ ތެރެއިން އޭނަ ތަޙައްމަލުކުރި ވޭންތަކެވެ. މީތި އޭނައަށް ފޮނުވީ ހަމަ އަމްނާ ހެއްޔެވެ؟ އޭނަ ފަދައިން އަމްނާ ވެސް އޭނައާއި ދުރުގައި އުޅުނު ދުވަސްތައް ހޭދަކުރީ ފުން ހިތާމައެއްގެ ތެރޭގައި ހެއްޔެވެ؟ އަމްނާ އެފަދަ ހިތާމައެއްގައިވާކަށް މިރްޒާން އެއްގޮތަކަށް ވެސް ނޭދެއެވެ. އަމްނާ ރޯ މަންޒަރު ޚިޔާލަށް ގެންނަން ވެސް މިރްޒާނަށް ދައްޗެވެ. އެވަގުތު ވެސް އެ ޚިޔާލު ސިކުނޑިއަށް ވެރިވެގެން ދިޔުމުން އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އިސާހިތަކު އެ ކަރުނަތައް އޭނަގެ ލޮލުން ފައިބައިގެން ގޮސް އޭނަގެ ކޯތާފަތް ތެމެން ފެށިއެވެ. އޭނަގެ ލޮލަށް އިތުރު ކަރުނަތަކެއް ޖަމާވެ، ރަނގަޅަށް ކަރުނަ އެޅެން އުޅުނު ވަގުތު އަނެއްކާވެސް އޭނަގެ ހިތަށް ސުވާލުތައް ވެރިވާން ފެށިއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް އަމްނާ ފޮނުވި އެއްޗެއް ހެއްޔެވެ؟ އެހެން ނޫންގޮތަކަށްވުން ވަރަށް ދުރެވެ. އިއްޔެގަ އޭނަ ނުދެނެ ހުއްޓާ އޭނަގެ ގެ ކައިރިއަށް އައީ ހަމަ އަމްނާ ހެއްޔެވެ؟ އަމްނާ އޭނައާއި ބައްދަލު ނުކޮށް ދިޔައީ ކީއްވެ ހެއްޔެވެ؟ އޭނައަށް އަނިޔާވެރިވާން އުޅޭ ބައެއްގެ ބިރަށް ހެއްޔެވެ؟ އޭނައަށް ނާންގާ އަމްނާ ފުރައިގެން ވެސް ދިޔައީ ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލާއެކީ މިރްޒާނަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ސިކުނޑިއަށް ވެރިވި ހާސްކަމާއެކީ އެ ސިކުނޑި އޭގެ މުރާދާއި ހަމައަށް ވާޞިލުވާން ވެސް ނުހަނު އަވަހަށް މަގުކޮށައިފިއެވެ. ދެންމެ އޭނަ ކަނޑާލި ޕާރުސަލް އޭނައަށް ލިބުނީ ޕޯސްޓުންކަން އެނގުންވި ތަނާހެން އަމްނާ ހުންނާނެ ތަނެއް ހޯދަން އެޅިދާނެ ފިޔަވަޅެއް މިރްޒާނަށް ޔަޤީންކުރެވުނެވެ.

 

**

 

އެދުވަހުގެ މެންދުރު ވަގުތު މާޝާ އިނީ އޭނަ ބްލޮކް މޯޑަށް ކިޔަވާ މާއްދާއެއްގެ ކުލާހުގައެވެ. ކުލާސް ނިމެމުން ދިޔަ ވަގުތުވެސް މާޝާ އިނީ ވަރުބަލި ކަމެއްނެތި ލެކްޗަރާ ކިޔަވައިދެމުން ދިޔަ އެއްޗެއްގެ މުހިއްމު ނުކުތާތައް ނޯޓުކުރާށެވެ. އެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ކައިރީގައި އޮތް ފޯނު މެސެންޖާއިން ރިންގުވާން ފެށުމުން އޭނައަށް އުދަގޫވާ ގޮތްވިއެވެ. ލެކްޗަރާއާއެކީ އޭނަގެ ވަށައިގެން ތިބި ބީރައްޓެހި މީހުންގެ ނަޒަރުވެސް އޭނައަށް އަމާޒުވެގެން ދިޔުމުން މާޝާ އެ ގުޅި މީހަކަށް އިތުރަށް ނުރުހުންވާ ގޮތްވިއެވެ. މާޝާގެ ފޯނު ރިންގުވާ އަޑަށް އެއީ ބްރޭކް ގަޑި ޖެހުނިއްޔޭ ކިޔައި ސަމާސާއަކުން ލެކްޗަރާ ކުލާސް ނިންމާލުމުން އެންމެންނަށް ވެސް ހެވޭ ގޮތްވިއެވެ. މާޝާއަށް އޭނަގެ ފޯނަށް ސަމާލުކަން ދެވުނީ އެ އެންމެން ކުލާހުން ނިކުންނަމުން ގޮސް މަދުވުމުންނެވެ. ސްކްރީނަށް ބަލާލިއިރު އެ ހުރިހާއިރު ވަންދެން އޭނަގެ ޑޭޓާ ޖެއްސިފައިވިކަން އެނގުންވުމުން މާޝާ އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ގުޅަނީ މަންހާކަން އެނގުންވުމުން މާޝާގެ ދެބުމަ ކައިރިވިއެވެ. އެ ހިނދު މަންހާ އޭނައަށް ކުރީ ރެއަކުވެސް މެސެޖު ކުރިކަން ހަނދާންވުމުން މާޝާއަށް ކޮޅަށް ތެދުވެލެވުނީ މީ ސީރިއަސްކަމެއްކަން ޔަޤީންވުމުންނެވެ. އެހެންކަމުން މާޝާ ފޯނު ހިފައިގެން ކުލާހުން ނިކުމެ އޭނަ ދެން ދާންޖެހޭ ކުލާހާއި ދިމާލަށް މިޞްރާބު ޖެހިއެވެ.

 

“އައްސަލާމްޢަލައިކުމް.” ކެމްޕަހުގެ ކޮރިޑޯއެއްގެ ތެރެއިން ހިނގަމުން މާޝާ ފޯނަށް ޖަވާބުދިނެވެ.

 

“ވަޢަލައިކުމުއްސަލާމް. ކީއްވެތަ މާޝް އަހަންނަށް ނުގުޅީ އެދުވަހު؟ އަހަރެން ފޯނުގަ ލާރިއެއް ނެތިގެން ވައިފައި ވެސް ނުލިބިގެން އަހަންނަށް އެދުވަހު މާޝްއަށް ނުގުޅުނީ. ވަރަށް މުހިއްމު ކަމަކުއޭ މި ގުޅީ.” މަންހާގެ އަޑުގައި ހާސްކަމެއްވިއެވެ.

 

“ކޮން ކަމެއްތަ މަންހާ؟ އެދުވަހު މަންހާގެ މެސެޖު ލިބުނުއިރު އެހެން ތަނެއްގަ ހުރެވުނީ. ފަހުން މެސެޖު ކުރަން ހުއްޓާ ހަނދާންނެތުނީ. ކިހިނެއްވީ؟” މާޝާ ގޮސް އޭނަ ވަންނަން ޖެހޭ ކުލާހަށް ވަންނަމުން ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. އެއީ ބްރޭކް ގަޑި ކަމަށްވުމުން އެ ކުލާހުގައި އެއްވެސް މީހަކު ނެތުމުން މާޝާއަށް ވާހަކަ ދައްކަން ފަސޭހަވިއެވެ. އޭނަ އެހެން ބުނުމާއެކު މަންހާ ފުން ނޭވައެއް ދޫކޮށްލި އަޑަށް އޭނަ އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ.

 

“މާޝާގެ ދޮންބެއާއި އިންނަން ރޭވުނު ކުއްޖަކު މި ވާހަކަ ދެއްކީމަ ނުވެސް ގުޅޭނެ ކަންނޭނގެ. އެކަމަކު މާޝާގެ ދޮންބެ ގެއްލިގެން އުޅޭ އަންހެނުން ވީ ތަނެއް އަހަންނަށް އެނގޭ.” މަންހާގެ އެ ޖުމްލައާއެކީ މާޝާގެ ފިޔަވަޅުތައް މަޑުޖެހި އޭނަ ހުއްޓުމަކަށްއައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ދޮންބެ އަމްނާ ދައްތިއޭ ކިޔާފައި ދެއްކި ހުރިހާ ވާހަކައެއް ހަނދާނަށް އައުމުން މާޝާއަށް ކުއްލިއަކަށް ވާހަކަ ދެކެވުނެވެ.

 

“ކޮބައިތަ އަމްނާ ދައްތި؟ ކޮން ތަނަކުން ފެނުނީ؟” މާޝާއަށް އަހާލެވުނީ އަވަސްއަވަހަށެވެ.

 

“މާޝް ހަމަޖެހިލާ ފުރަތަމަ. އަހަރެން ކިޔައިދޭނަން ހުރިހާ ވާހަކައެއް. މާޝްއަށް ވަގުތެއް އެބައޮތްތަ އަޑުއަހަން؟” މަންހާ އަހާލިއެވެ. އެ ހިނދު މާޝާ ކުލާހުގައި ތިބި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީނދެ ކުލާހުގައި ހުރި ގަޑިއަށް ބަލާލަމުން ހޫންލައްވާލީ ކެތްމަދުވެފައިވާ ޙާލުގައެވެ.

 

“ރަނގަޅަށް އަޑުއަހައްޗޭ މާޝް….މިއީ މާޝްގެ ފަހަރި ދައްތައަށް ދިމާވި ގޮތަކީ.” މަންހާ ކިޔައިދޭން ފެށިއެވެ.

 

****

 

އާދައިގެ މަތިން އަމްނާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ދިޔައީ މިރްޒާން އޮފީހަށް ދިޔުމުގެ ކުރިން ގޭގެ ކޮމްޕިއުޓަރު ދޮށުގައި މަސައްކަތްކުރަން އިންދައެވެ. ނާސްތާއަށްޓަކައި ހުރިހާ އެއްޗެއް ތައްޔާރު ކުރުމަށްފަހު އޭނަ ކާ މޭޒުމައްޗަށް އެއްޗެހި އަރުވަމުން ދިޔަ ވަގުތު ޢަބްދު ﷲ ރޯ އަޑު އިވެން ފެށީ ވެސް ދާދި އެއްގަޑިއެއްގައެވެ. އަމްނާ އަތްމަތި އަވަސްކުރަމުން ދަނިކޮށް މިރްޒާން އަނގަ ވަށްކޮށްފައި ބައްޕަގެ ލޯބިއޭ ކިޔާލި އަޑަށް އެ މަންޒަރު ނުފެނުނަސް އަމްނާއަށް ހިނިތުންވެލެވުނެވެ. އޭގެ މާ ގިނައިރެއްނުވެ ޢަބްދު ﷲ ގެ ރުއިން ހުއްޓުމުން އެދެމީހުންނަށްޓަކައި ވެސް އަމްނާގެ ހިތުގައިވި ލޯބި ފުންވެގެން ދިޔައެވެ. އެފަދަ ކޮންމެ ކަމަކުން މިރްޒާނަކީ ނަމޫނާ ބައްޕައެއްތާއޭ އަމްނާގެ ހިތަށްއަރައެވެ. އަދި ޢަބްދު ﷲ ވެސް ވާނީ ހެޔޮ ބަސްއަހާ ކުއްޖަކަށްކަމަށް އޭނައަށް ޤަބޫލުކުރެވެއެވެ. އަމްނާ ގޮސް ކޮޓަރީގެ ހުޅުވިފައިވާ ދޮރުމައްޗަށް އެރި ހިނދު މިރްޒާން ޢަބްދު ﷲ އަތްމައްޗަށް ނަގައި ލޯބިކުރަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ހިތް ލޯބިން ފުރިގެންއައެވެ. އިރުކޮޅެއް ވަންދެން ދެބަފައިންނަށް ބަލަން ހުރެފައި އޭނަވެސް އެކޮޓަރިއަށް ވަދެގެން ދިޔައެވެ. އަދި ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން ޢަބްދު ﷲ ބޮޑަށް ވައްތަރީ އޭނައާއި ކަމަށް ބުނެލީ މިރްޒާން ރުޅި އަރުވާލުމަށެވެ. އެ ކުޑަ ސަމާސާވެރި ބަހުސަށް ފަހު އަމްނާ މިރްޒާންގެ އަތުން ޢަބްދު ﷲ ނެގީ، މިރްޒާން ނާސްތާކޮށް ނިމެންދެން ޢަބްދު ﷲ ނިދާ ހެދުން ބަދަލުކުރުމަށެވެ. މިރްޒާން ނާސްތާކޮށް ނިމޭހާއިރަށް އާދައިގެ މަތިން އެދުވަހުވެސް އަމްނާ ފަހު ފަހަރަށް މިރްޒާން ދެކިލަން ނިކުތެވެ. މިރްޒާން އޮފީހަށްދާން ނިކުތީ އޭނަގެ ނިތަށް ބޮސްދީފައި ވަރަށް ލޯބިވާކަމަށް ބުނުމަށްފަހުގައެވެ.  މިރްޒާންގެ އެ ޙަރަކާތުން ގަތް ލަދާއެކީ ވެސް އަމްނާ އޭނަވެސް މިރްޒާންދެކެ ވަރަށް ލޯބިވާކަމަށް ބުނެލީ މިއީ އެދެމީހުންނަށް ދެމީހުން މިދުނިޔެއިން ފެންނާނެ ފަހު ދުވަހަށް ވެސް ވެދާނެކަން ހަނދާން ބަހައްޓައިގެންނެވެ. އޭނަ ލޯބިވާ ވާހަކަ ނުބުނެވި އޭނަ މިރްޒާނާއި ވަކިވެއްޖެނަމަ މިރްޒާން ހިތްދަތިވާނެ މިންވަރު ހިތަށްގެނެސްގެނެއެވެ. އެދުވަހު މިރްޒާނަށް އަލްވަދާޢު ކިޔުނު އަމްނާއަށް ނޭނގުނުކަމަކީ މިއީ ޙަޤީޤަތުގައިވެސް ކައިރި މުސްތަޤްބަލެއްގައި އޭނައަށް މިރްޒާން ގާތު އޭނަ ލޯބިވާ ވާހަކަ ބުނެވޭނެ ފަހު ފަހަރުކަމެވެ.

 

އެދުވަހު އިރުއޮއްސެން ގާތްވެފައިވަނިކޮށް އަމްނާވީ މުޙްސިން ނިންދެވުމުގެ މަސައްކަތުގައެވެ. މުޙްސިން ނިންދަވަމުން ދިޔައިރު ވެސް ކުރީ ރޭ މިރްޒާން ދިން ނަޞޭޙަތުގެ މަތިން ހަނދާންކޮށް އޭނަ ޒިކުރު ކިޔަން އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. އެ ޚިޔާލު އޭނަގެ ސިކުނޑީގައި ދައުރުވަނީ ހަވީރުއްސުރެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އެއްގޮތަކަށްވެސް އެކަމަށް ވަގުތު ހުސްކޮށްނުލެވެއެވެ. އެހެންނޫނީ ހަނދާންނެތެނީއެވެ. އެދުވަހުގެ އެވަގުތު ޢަބްދު ﷲ ނިންދެވުމަށްފަހު ޢަބްދު ﷲގެ ކޮޓަރިން ނިކުތް ވަގުތަކީ ކޮންމެވެސް މީހަކު އެޕާޓްމެންޓްގެ ބެލް އަޅުވާލި ވަގުތެވެ. މިރްޒާން ގެއަށް އައިއްޔޭ ހިތައި އަމްނާ ދޮރާއި ދިމާލަށް ދިޔައީ ހިނިތުންވުމަކާއި އެކީގައެވެ. އެހެނަސް ތަޅުގައި ހިފާލި ވަގުތު އެތާ ކައިރިން މަތީގައި ހަރުކޮށްފައި ހުރި ސީސީޓީވީގެ ސްކްރީނުން އެތާ ބޭރުގައި ހުރި މީހަކު ފެނިފައި އެ ހިނިތުންވުން ފިލައިދިޔައެވެ. އެއީ މައިސޫން ނޫން ދެވަނަ މީހެއްނޫނެވެ. މައިސޫން އެންމެ ފުރަތަމަ ފެނުނު ދުވަހުއްސުރެ ވެސް އެއީ އަމްނާ ޤަދަރު ކުރާ ކަހަލަ މީހަކަށް ނުވިއެވެ. ފުރަތަމަ ދުވަހުއްސުރެ މައިސޫން އޭނައަށް ދޭ ނަޒަރުތަކެއްގެ ޒާތުންނެވެ. އޭނަ އެ ވާހަކަ މިރްޒާނާއި ޙިއްސާ ނުކުރީ ދެބެއިންގެ ދެމެދުގައި ހުޅު ރޯ ކުރާ މީހަކަށް އަމިއްލައަށް ނުވުމަށެވެ. އެހެނަސް އޭނަގެ ނަސީބު ރަނގަޅުކަމުން މިރްޒާން ވެސް ވީހާވެސް ވަރަކުން އޭނަ އެކޮޅުގައި އުޅުނު އިރު ވެސް އޭނަ އެކަނި ނުކުރެވޭތޯ މަސައްކަތްކުރިކަން އަމްނާއަށް ފާހަގަވިއެވެ. ކަންތައް މިހެން ހިނގާފައިވަނިކޮށް އޭނަ އެކަނި ހުރި ވަގުތެއްގައި މައިސޫން މި އައީ ކީއްކުރަން ހެއްޔެވެ؟ ވިސްނުމެއްގައި އަމްނާ އެ ސްކްރީނަށް ބަލަން ހުއްޓާ ބޭރުގައި ހުރި މައިސޫން ކެމެރާއަށް ބަލާލުމުން މައިސޫންގެ މޫނު ސީދާ އޭނައަށް އަމާޒުވުމުން އަމްނާގެ މެއަށް ފިނިވިއެވެ. ހިތުތެރޭގައި ބިރުވެރިކަމެއް އުފެދުނީ މައިސޫން އެއްމިޔަކަނުގެ ހިނިތުންވުމެއް ދައްކާލުމުންނެވެ.

 

“ބޭބް ދެން ހުޅުވާލަބަލަ. މިއުޅެނީ ކަރުހިއްކައިގެން. ބޭބްގެ ފިރިސޮރުވެސް އަންނާނެއެއްނު އިރުކޮޅަކުން؟ އޯކޭވާނެ.” މައިސޫން ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ މައިސޫން ވާހަކަ ދެއްކި ގޮތުން އެވަގުތު އަމްނާ ރުޅިއެއްނައެވެ. އެހެނަސް އޭނަ އިންތިހާއަށް ކަންބޮޑުވެ މުޅި މީހާ ދާހިއްލިއެވެ.

 

“ކިހާ ކަޑަވާނެދޯ ފިރިމީހާގެ ބޭބެއަކަށް ފެން ނުދީ ފޮނުވާލިއްޔާ؟ އަވަހަށް ހުޅުވާ!” މައިސޫން އަންގާލިއެވެ. އެ ހިނދު އަމްނާއަށް ހުރެވުނީ އާދައިގެ ބުރުގާއަކާއެކީ އާދައިގެ ހެދުމެއް ލައިގެން ކަން ވެސް ހަނދާން ނައްތާލަމުން އޭނައަށް ދޮރު ހުޅުވާލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ހިނދު މައިސޫންގެ ހިނިތުންވުން ފެނިފައި އޭނައަށް ރުޅި އިސްކުރެވުނީވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެއެވެ.

 

“ފެން ދޭނަން. ދިނީމަ ވީހާވެސް އަވަހަކަށް މިގެއިން ނިކުމެގެންދާނީ!” އަމްނާ އިންޒާރެއް ފަދައަކުން ބުނެލިއެވެ. އެއާއެކު މައިސޫން ހިނިގަނޑެއް ޖަހާލުމުން އަމްނާ އޮޅުން އެރިއެވެ.

 

“ހެހެހެ…..ފިރިމީހާ ހަދާފަ އޮންނަ ޤަވާޢިދެއްދޯ ތިއީ. ދެން އިތުރު ވާހަކަ ނުދައްކާ ފެން ތަށްޓެއް ހިފައިގެން އާދޭ!” މައިސޫން ވެސް ހިސާބެއްގެ ރުޅިވެރިކަމާއެކީ އަންގާލިއެވެ. އަމްނާ ރުޅި މޫނެއް ދައްކާލަމުން އޭނައަށް ފަސްދީފައި ދިގު ފިޔަވަޅުތަކެއްގައި ބަދިގެއަށް ދިޔައީ އޭނައަށް އެއަށް ރައްދުނުދެވުނީ ކީއްވެކަމާމެދު ޙައިރާންވެފައި ހުރެއެވެ. އޭނަ ބަދިގެ ތެރެއިން ތަށްޓެއް ނަގައި ފެން އަޅާލުމަށްފަހު ނިކުންނަން ދިޔައެވެ. އޭނަ ނިކުމެ ބަލާލިއިރު މައިސޫން ސިޓިންގް ރޫމުން ފެންނާކަށް ނެތެވެ. އޭނަ އަނެއްފަރާތަށް ބަލާލިއިރު އޭނައާއި މިރްޒާންގެ ކޮޓަރީގެ ދޮރު ހުޅުވިފައިވި މަންޒަރު އޭނައަށް ފެނުނެވެ. އެއާއެކު މައިސޫން އެކޮޓަރިއަށް ވަނީކަން އެނގުންވުމުން އޭނަގެ ގާތަށް އައީ ގަދަ ރުޅިއެކެވެ. އޭނަ ގޮސް އެ ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު މައިސޫން ހުރީ ގަމީހަކާއި ނުލައި ބެލްކަންޏަށް ނިކުމެފައެވެ. ހީވާގޮތުން އޭނަ ބެލްކަނީގެ ތެރޭގައި ބެހެއްޓިފައިހުރި ޕޮޓްތަކެއްގެ ތެރެއިން ޕޮޓެއްގައި އެއްޗެއް ވަޅުލަނީއެވެ. އޭނަ އެކަމާމެދު ޙައިރާންވިއެއްކަމަކު އޭނަ މައިސޫނަށް ރުޅި އިސްކުރަން ބޭނުންވިއެވެ. އެހެނަސް އެހެން ނެހެދެނީސް އޭނަގެ ބޮލުގައި އުފެދުނީ ގަދަ ރިހުމެކެވެ. އެ ރިހުމުގައި އޭނަ ދުލުން އެއްޗެކޭ ބުނަން ވެސް ނުކުޅެދުނެވެ.

 

“އޮހް! ބޭބް ތި އައީ ދޯ؟ ތޭންކްސް!” މައިސޫން އަމްނާގެ ކައިރިއަށް ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނަގެ އަތުން ފެންތަށި ހޯދައި ފެން ބޯން ފެށިއެވެ.

 

“ހައު ޑޫ ޔޫ ފީލް އައްނު؟” މައިސޫން ކަތި ނަޒަރަކުން އަމްނާއަށް ބަލަން ހުރެ ސުވާލުކުރިއެވެ.

 

“ރް….ރަނގަޅު…..ރަނގަޅެއްނޫން! އަހަންނަށް ތިހެން ނުކިޔާ. އަހަންނަށް ތި ނަމުން ގޮވާނީ އެންމެ މީހަކު!” އަމްނާ އޭނަގެ އަޑު އޭނަގެ ކިބައިން ދަނީހެން ހީވި ވަގުތު އެ އަޑު އިސްކުރިއެވެ. މައިސޫން ލާނެތް ގޮތަކަށް ހީލަމުން ފެންތަށި އެތާ ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓައި އަމްނާއާއި ކައިރިއަށް ޖެހިލިއެވެ. އަމްނާ ދުރަށް ޖެހެން ކިތަންމެ ބޭނުންވިއެއްކަމަކު އެކަމަށް ނުކުޅެދުނީ ބޮލުގައި އުފެދިފައިވި ރިހުމުގެ ސަބަބުންނެވެ. އެހެނަސް މައިސޫން އަތުގެ ނުފުށުން އޭނަގެ މޫނުގައި ބީހުމަށްޓަކައި އަތް އުފުލާލުމުން އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. މައިސޫންގެ އަތް އޭނަގެ މޫނުގައި ޖެހުމާއެކު އަމްނާ އޭނަގެ ފަޅައިގެން ހިނގައިދާނެހެން ހީވި ބޮލާއިއެކީވެސް މައިސޫންގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. އަދި އޭނަގެ ގަޔަށް އަތްނުލުމަށް އަންގައި ސިޓިންގް ރޫމަށް ނިކުތެވެ. މައިސޫން ދެންވެސް އޭނައާއި އެއްހަމަ ކުރަމުން އޭނަގެ ކޮނޑުގައި އަތް އަޅާލި ވަގުތު އަމްނާއަށް ހަޅޭއްލެވުނެވެ.

 

“ދުރުގަ ހުރޭ! އަހަންނަށް ގާތްވާން ހިތަށްވެސް ނާރުވާތި!!” އަމްނާ އަންގާލިއެވެ. ހަމަ އެ ހިނދު މީހަކު ދޮރުގައި ބާރަށް ތަޅަން ފެށި އަޑަށް ނޭނގޭ ސަބަބަކާހުރެ އަމްނާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެއީ މިރްޒާނަށް ވެދާނެއޭ ހިތަށްއެރި ވަގުތު އާދަޔާ ޚިލާފު ގޮތަކަށް އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެކަމާމެދު އޭނަ ޙައިރާންވެފައި ވަނިކޮށް މައިސޫން ގޮސް އެ ދޮރު ހުޅުވާލިއެވެ.

 

“އޫޕްސް….ގޭގެ ވެރިމީހާ އައިއްސި. ޓޫ ބޭޑް ދޯ އައްނު؟ އިތުރަށް މަޖަލެއްވެސް ނުކުރެވޭނެ.” މައިސޫން އެހެން ބުނެ ފުން ނޭވައެއް ދޫކޮށްލި ތަނާހެން އަމްނާ އައި ރުޅީގައި އޭނަގެ ބޮލުގައި އަޅަމުން ދިޔަ ވޭނާއި އެކީ ވެސް ވާހަކަ ދެކެވުނެވެ.

 

“ކަލޭ ކައިރި ބުނެފިން މަށަށް އެހެން ނުކިޔާށޭ! ނިކުމެގެން ދޭ މިގެއިން!! އަހަރެން ހުވަފެނަކުން ވެސް އަހަރެންގެ ފިރިމީހާ ނޫން އެހެން މީހަކާ ގާތްނުވާނަން! އަޑުއިވިއްޖެ؟” އަމްނާ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައިހުރެ ހަރުއަޑުން އެންގިއެވެ. އެ ހިނދު ސިކުނޑީގެ ނާރުތަކަށް ވާންވަމުން ގޮސް ނާރެއް ފިތެން އުޅޭހެން ހީވާ ދަރަޖައަށް އޭނަގެ ބޮލުގެ ރިހުން ގަދަވިއެވެ. ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔަ ހިނދު އޭނަގެ ގައިން ތުރުތުރުވެސް އަޅަން ފެށިއެވެ. މައިސޫނާއި މިރްޒާނާއި ދެމެދު ވާހަކައެއް ދެކެވެމުން ދިޔަ އަޑު އިވުނެއްކަމަކު އޭނައަށް އެ ވާހަކަތައް ސާފެއްނުވިއެވެ. އެނގުނުހާ ވެސް ކަމަކީ މައިސޫން އެވަގުތު އެގޭގައި ހުރުމުން މިރްޒާން ރުޅި އައި ކަމެވެ. މިރްޒާން ރުޅި އައީ އޭނައަށްހެން އޭނައަށް ހީވާން ފެށީ ކުއްލިއަކަށެވެ. އެކަމުގެ ނުތަނަވަސްކަމުން އޭނަގެ ހިތް ފުރިގެން ދިޔައެވެ. އެ ނުތަނަވަސްކަމާމެދު އަމްނާ ޙައިރާންވިއެއްކަމަކު އޭނައަށް އެ އިޙްސާސުގެ މައްޗަށް ބާރެއް ނުހިންގުނެވެ. އިރުކޮޅެއްފަހުން މައިސޫން ދިޔުމާއެކު އޭނައަށް މިރްޒާންގެ ގާތަށް ދެވުނީވެސް ތުރުތުރު އަޅާ ޙާލުގައެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް ހީވަމުން ދިޔައީ މިރްޒާން އޭނައަށް އަނިޔާއެއް ކޮށްފާނެ ހެންނެވެ. އެކަމާމެދު ހިތް ދެރަވާ ގޮތްވެސްވިއެވެ. އޭނަ މިރްޒާންދެކެ އެހާ ލޯބިވާ ހިނދު މިރްޒާން އޭނައަށް އަނިޔާއެއް ކުރަން އުޅޭ ކަމަށްޓަކައެވެ. އެހެން ނެހެދުމަށް މިރްޒާންގާތު އާދޭސް ކުރެވުނީ މިރްޒާނާއި ވަކިވާން އެއްގޮތަކަށް ވެސް ނޭދުމުންނެވެ. އެހެނަސް މިރްޒާން އޭނަގެ ކޮނޑުގައި ހިފަހައްޓާލުމާއެކު އޭނަ ކެއްސަން ފެށުމުން އެ އިޙްސާސްގެ މަތިން އޭނަ ކުއްލިއަކަށް ހަނދާން ނެތުނެވެ. ކެއްސިއިރު އޭނަގެ އަނގައިން ލޭ އައިކަން އެނގުމުން ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކުރިމައްޗަށް ބަލާލުމާއެކު އޭނައަށް ކުރިމަތީގައި ހުރި މީހެއްގެ ސޫރަ ފެނިގެން ދިޔައީ ބިރުވެރި ސިފައެއްގައެވެ. އިސާހިތަކު އޭނައަށް ހަޅޭއްލަވައިގަންނަމުން ދުއްވައިގަނެވުނީ އެހެންވެއެވެ. ދުވެފައި ގޮސް އޭނައަށް ވަދެވުނީ ކޮންތަނަކަށް ކަމެއްވެސް އޭނައަށް ސާފެއްނުވިއެވެ. އޭނަގެ ހިތުގައި އުފެދިފައިވީ އެހާ ވެސް ބޮޑު ބިރުވެރިކަމެކެވެ. ބިންމަތީގައި އިށީނދެގެން އިންއިރު އޭތި އޭނަ ކައިރިއަށް އަންނަ އަޑު އިވިފައި ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އޭނައަށް ކުކުރެން ފެށިއެވެ. މާ ގިނައިރެއްނުވެ އޭތި އެތާތެރެއިން ވެސް ފެނިގެން ދިޔުމުން އޭނަގެ މޭގަނޑު އަތަށްއައެވެ. އޭތި އޭނަގެ ގާތަށް އަންނަން ފެށުމުން އަމްނާއަށް ކަބަޑު ހުޅުވައި ވަޅިއެއް ނަގައި އެ ވަޅިން އޭތި ޒަޚަމްކޮށްލެވުނީ ކިހިނެއްކަމާމެދުވެސް ޔަޤީން ކުރަން އަމްނާއަށް ދަތިވިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ދަރިފުޅު ރޯ އަޑު ފާހަގަވުމުން އޭނަ އެކަމުގެ މަތިން ހަނދާން ނެތުނެވެ. އޭނައަށް ވަގުތުން ޢަބްދު ﷲ ގެ ކައިރިއަށް ދެވުނީ އެ ދަރިފުޅާއި މެދު ކަންބޮޑުވީ ވަރުންނެވެ. ޢަބްދު ﷲ ފެނުމާއެކު އަމްނާ ދެންމެ އޭނައަށް ފެނުނު ބިރުވެރި އެތީގެ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާންނެތޭ ގޮތްވިއެވެ. ޢަބްދު ﷲ މަސަލަސްކޮށްފައި އަމްނާ ސިޓިންގް ރޫމުގައި ހުރި އޭނަގެ އަނގައިން ލޭ ވެއްޓުނުތަން ސާފުކުރީ ބައްޕައަށް ގުޅަން ޚިޔާލުކުރަމުންނެވެ. ބައްޕައަށް އެ މަންޒަރު ފެނިފައި އިތުރު ސުވާލުތަކެއް އޭނައާއި ކުރެވެން އަމްނާ ނޭދުމުންނެވެ. އޭނަ ބައްޕައަށް ގުޅާފައި ކަންވީ ގޮތް ކިޔައިދިނީވެސް އިންތިހާއަށް ބިރުގެންފައި ހުރެއެވެ. އެރޭ ޢަބްދު ﷲ އާއެކީ އެގެއިން ނިކުތް ހިނދު އަމްނާ އެއްގޮތަކަށް ވެސް މިރްޒާންގެ މަތިން ހަނދާނެއްނެތެވެ.

 

ގެއަށް ގޮސްފައި ދެދުވަހެއްހާ ދުވަސް ވޭތުވީ މިގޮތުގައެވެ. އެހެނަސް އެއްރެއަކު އޭނަގެ ބައްޕަ އޭނައަށް ސިޙުރެއް ޖެހުނިއްޔޭ ބުނަން ފެށުމުން އަމްނާ ބައްޕައަށް ވެސް ނުރުހުންވާ ގޮތްވިއެވެ. އެކަން އެއްގޮތަކަށް ވެސް ޤަބޫލުކުރަން ބޭނުމެއްނުވިއެވެ. ބައްޕަ އޭނައަށް ރުޤްޔާކުރަން އުޅުމުން ވެސް އޭނައަށް ކުރެވުނީ އިންކާރެވެ. ކިރިޔާވެސް އާޔަތްތަކެއް އަޑުއަހަން އެއްބަސްވެވުނީ ބައްޕަ ހަރުކަށިކަން އިސްކުރުމުންނެވެ. އެއީ ބައްޕަ އޭނައަށް ރުޅި އައި ފުރަތަމަ ދުވަހަށްވުމުން އޭނައަށް ކޮންމެވެސް ގޯހެއް ހެދިއްޖެކަން އަމްނާއަށް އެނގުންވިއެވެ. އެރޭ ބައްޕަ ކިޔަވަމުން ދިޔަ އާޔަތްތައް އަޑުއަހަން ހިމޭނުން އޭނައަށް އިނދެވުނީ އެހެންވެއެވެ. އާޔަތްތައް އިވެން ފެށި ހިނދު އެތައް ދުވަހެއްފަހުން އޭނަގެ ހިތަށް ދިރުމެއް ލިބެން ފެށިހެން އަމްނާއަށް ހީވިއެވެ. އެ އިޙްސާސާއިމެދު އޭނައަށް ވިސްނެން ފެށިތަނާހެން ކުއްލިއަކަށް އޭނަގެ މޭނުބައިކޮށް އޭނަ ހޮޑުލަވަން ފެށިއެވެ. އެއްފަހަރު ލުމަށްފަހު ހުއްޓުނީއެއްވެސް ނޫނެވެ. އޭނަގެ މޫނަށް އަނދިރިވަންދެން އޭނަވީ އެފަދަ ޙާލެއްގައެވެ.

 

އެރެއަށްފަހު ޤުރުއާނުގެ އާޔަތްތަކާއި އަޅުކަންތަކާއިވެސް ދުރުވުމަށް އަމްނާއަށް އިތުރު އުޒުރެއް ލިބުނެވެ. ނަމާދާއިމެދު ވިސްނުން ވެސް ހުއްޓާލީ އެއިން އޭނަ އިތުރަށް ބަލިވުން ނޫންކަމެއް ނުވާނެކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ. އެކަމާމެދު އޭނައަށް ބައްޕައާއި ވެސް ބަހުސްކުރެވެން ފެށިއެވެ. ބައްޕަ އޭނައަށް ރުޤްޔާކުރަން އެހެން އަންހެނަކު ގެންނަން ފެށީ އޭނަ ބައްޕަގެ ބަސް އަޑު ނާހާނެކަން ޔަޤީންވުމުންނެވެ. މަމްދޫހާ ދައްތަ އެންމެ ފުރަތަމަ ވެސް އަމްނާއަށް އެނގިގެން ދިޔައީ ވަރަށް ހިތްހިޔޮ ދައްތައެއްގެ ގޮތުގައެވެ. ދައްތަ ފުރަތަމަ ދުވަހުވެސް އައިސް އޭނަ ހީކުރި ގޮތާއި ޚިލާފަށް ރުޤްޔާ ކުރާކަށް ނުފަށައެވެ. ބަދަލުގައި އޭނައާއި އެކުވެރިކަމެއް ބަދަހިކުރިއެވެ. ދައްތަ ބައެއް ދުވަސްދުވަހު ދައްތައާއެކީ ދައްތަގެ ދަރިފުޅު މަންހާ ވެސް އެގެއަށް ގެންގޮސް ހަދައެވެ. މަންހާ އަމްނާއަށް ވުރެ ޢުމުރުން ކިތަންމެ ހަގުވިޔަސް އަމްނާގެ ހިތުގައި މަންހާއަށްޓަކައި ލޯތްބެއް އުފެދުނެވެ. މަމްދޫހާ ދައްތަ ކައިރިން ރުޤްޔާކުރަން އަމްނާއަށް އެއްބަސްވެވުނީ މި ސަބަބުތަކާ ހެދިއެވެ. މިފަހަރު ޤަވާޢިދުން ރުޤްޔާ ކުރެވެން ފެށުމުން އެންމެ ފުރަތަމަ ރޭ ބައްޕަ އެ އާޔަތްތައް ކިޔަވަން ފެށި ހިނދު ކުރެވެން ފެށި އިޙްސާސް އަމްނާގެ ހިތުގައި އަށަގަންނަން ފެށިއެވެ. އެ އާޔަތްތަކުގެ ސަބަބުންނާއި މަމްދޫހާ ދައްތަ ދެމުން ދިޔަ އެކި ނަޞޭޙަތްތަކުގެ ސަބަބުން ހިތްތަކަށް ހަމަޖެހުން ލިބެނީ ހަމައެކަނި ﷲ ގެ ހަނދުމައިންކަން އޭނައަށް އެނގުންވެގެން ދިޔައީ އެއީ ކުރިން އޭނައަށް ނޭނގޭ ޙަޤީޤަތެއްހެން ހީވާ ފަދައަކުންނެވެ. ފަހަކަށް އައިސް އަމްނާއަށް ފެންނަމުން ދިޔަ ބިރުވެރި ހުވަފެންތަކާއި އެހެނިހެން ވޭންދެނިވި ކަންތައްތައް މަދުވާން ފެށިއެވެ. އަދި އޭގެއިން ކޮންމެ ކަމެއް ދިމާވާއިރަށް ވެސް ﷲ ގެ ޙަޟްރަތުން އެހީއަށް އެދެން އޭނައަށް ދަސްވިއެވެ. މަމްދޫހާ ދައްތަ އޭނަ ގާތު ވީހާވެސް ގިނައިން ބަޤަރާ ސޫރަތް ކިޔެވުމަށް ބުނުމުން އަމްނާ އެ ނަޞޭޙަތުގައި ވެސް ހިފީ އޭނައަށް ކުރިމަތިވަމުން ދިޔަ މުޞީބާތްތަކަށް ލުޔެއް ލިބޭތޯއެވެ. އެކަން ވެސް އޭނަ އުއްމީދު ކުރި ފަދައިން ވެގެން ދިޔުމުން އަމްނާއަށް ނޭނގި އޭނަގެ ހިތުގައި ދެވަނަ ފަހަރަށް ޤުރުއާނަށްޓަކައި ލޯތްބެއް އުފެދިގެން ދިޔައެވެ.

 

މި ހުރިހާ ކަމެއްވެގެން ދިޔައިރު ވެސް އަމްނާ ދެންވެސް މިރްޒާންގެ މަތިން ހަނދާނެއް ނުކުރެއެވެ. އޭނަގެ ދަރިފުޅުގެ ބައްޕައެއް ހުރެދާނެއެކޭ ވެސް ހިތަކަށް ނާރައެވެ. އެފަދަ ވާހަކައެއް މީހަކު ދެއްކުމުން ވެސް އޭނައަށް އިސްކުރެވެނީ ރުޅިއެވެ. އެއީ ކީއްވެކަމެއް އަމްނާއަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އެހެނަސް ފަހަކަށް އައިސް އޭނަ ހިތުގެ އަޑިން ކޮންމެވެސް މީހެއްގެ މަތިން ހަނދާންވެއެވެ. އެމީހެއްގެ ހުސްކަން އެއީ އޭނައާއި ވަރަށް ގާތް އަދި އޭނަ ދެކެ ވަރަށް ލޯބިވާ މީހެއްކަން އޭނައަށް ޔަޤީންވެއެވެ. ނަމަވެސް އޭނަ އުޅެއުޅެ އެމީހެއްގެ ސޫރަ ސާފުވާ ގޮތެއްނުވެއެވެ. ބައެއްފަހަރު އެމީހެއްގެ މަތިން ހަނދާން ވާވަރުން އަމްނާއަށް ރޮވެން ވެސް ރޮވެއެވެ. އެހެނަސް އޭނަ އޭނަގެ އިޙްސާސްތައް އެހެން މީހަކަށް ކިޔައިދޭން ނުކުޅެދިފައިވެއެވެ.

 

އަމްނާގެ ޙަޔާތުގައި ދުވަސްތައް އޮމާންކޮށް ފާއިތުވަމުން ދަނިކޮށް ކަންތައް އެފުށްމިފުށަށް ޖެހިގެން ދިޔައީ އޭނަގެ ރުޤްޔާ ކުރެވެން ފެށިތާ ހަފްތާތަކެއް ފަހުންނެވެ. އޭނަ ޢަބްދު ﷲ ނިންދަވާފައި ބަދިގޭގައި އުޅެއުޅެފައި ގޮސް އެ ކޮޓަރި ބަލާލިއިރު ފެނުނު މަންޒަރުން އަމްނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން އޭނައަށް ހީވިއެވެ. އޭނަ ބިރުގަންނަވާލި މަޚްލޫޤް ހުރީ އޭނަގެ ދަރިފުޅު އަތަށް ނަގައިގެންނެވެ. އިސާހިތަކު އޭނައަށް ހަޅޭއްލަވައިގަނެވުނެއްކަމަކު ދެން ވީނުވީއެއް އޭނައަށް ސާފުނުވީ ބޮލުގައި އުފެދުނު ރިހުމެއްގެ ސަބަބުންނެވެ. މަންމަ ގޮސް ޢަބްދު ﷲ އަތަށް ނެގި މަންޒަރު ފުސްކޮށް ފެނުނެއްކަމަކު އެއްވެސް މީހަކު ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އޭނައަށް ސާފުވާ ގޮތެއްނުވިއެވެ. މާ ގިނައިރެއްނުވެ އޭނަ އަނެއްކާވެސް އެތައް ދުވަހެއްފަހުން މޭ ނުބައިކޮށް ހޮޑުލެވުނެވެ.

 

އެރޭ އަނެއްކާވެސް އަމްނާގެ ހިތް ބިރުވެރިކަމުން ވަށާލެވިފައިވުމުގެ ސަބަބުން އޭނައަށް ނިދޭ ގޮތެއްނުވިއެވެ. ދެލޯ މަރާލުމާއެކު ސިފަވެގެން ދަނީ އޭނަގެ ދަރިފުޅު އެ ނުރައްކާތެރި މަޚްލޫޤުގެ އަތުތެރޭގައި ވަނިކޮށެވެ. ދަންވަރުގެ ވަގުތެއްގައި ނިދުނު ކުޑަ ހިނދުކޮޅުގައި ފެނުނު ހުވަފެނުން އެ މަޚްލޫޤު ޢަބްދު ﷲ އަށް ހެދިގޮތް ފެނިފައި އަމްނާއަށް ލުއްކެއްޖަހައި ތެދުވެވުނެވެ. އެ ހިނދު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނައަށް ބަލާލެވުނީ އެރޭ އޭނަގެ ކައިރީގައި ނިދިފައި އޮތް ޢަބްދު ﷲ އަށެވެ. އެ ދަރިފުޅަށް ފަހަރެއްގައި ވެސް އެފަދަ ގެއްލުމެއް ލިބެން ނޭދުމުން އަމްނާ ވަގުތުން އެނދުން ތެދުވެ ސިޓީއެއް ލިޔުނެވެ. އެއަށްފަހު އޭނައާއި ޢަބްދު ﷲ ގެ ބައެއް ހެދުންތައް ފޮށްޓަކަށް އަޅައި ގެއިން ނިކުމެގެން ދިޔައީ ކޮންމެ ގޮތެއްވިޔަސް އެ ‘ފުރޭތަ’ ފެންނާނެ ތަނެއްގައި ވެސް ހުންނަން ބޭނުމެއްނުވުމުންނެވެ.

 

އެރޭ ދަންވަރު ބަނދަރު ކައިރިއަށް ގޮސް އޭނަ ބީރައްޓެހި ބަޔަކާއެކީ ދޯންޏަކަށް އެރީ ޖެހިލުންވުމަކާއެކީ ކަމަށްވިޔަސް އޭނަގެ ދަރިފުޅަށްޓަކައި އަމްނާ އެ ފިޔަވަޅު އެޅިއެވެ. އެ ދޯނި ށަވިޔަނި އަތޮޅަށް ދިޔުމަށްޓަކައި ފުރި ވަގުތު ނޭނގޭ ސަބަބަކާހުރެ އަމްނާއަށް މާލޭގެ ބަނދަރާއި ދިމާލަށް ބަލާލެވުނީ ކޮންމެވެސް ގާތް މީހަކާއި ވަކިވަމުން ދާކަމުގެ އިޙްސާސާއި އެކީގައެވެ. އޭނަގެ މަންމައާއި ބައްޕަގެ އިތުރުން އެހެން މީހެއްވެސްމެއެވެ. އެހެނަސް އެއީ ކާކުކަން ދެނެގަންނަން އަމްނާ ނުކުޅެދުނެވެ. ބަދަލުގައި މިއީ ވެސް އެ ސިޙުރުގެ އަސަރެކޭ ހިތާ އަމްނާ ދޯނި ތެރޭގައި ހުރެގެން ވެސް ބަޤަރާ ސޫރަތް ކިޔަވަން ފެށީ މަމްދޫހާ ދައްތަގެ ނަޞޭޙަތުގެ މަތިން ހަނދާން ކުރަމުންނެވެ. ފަހަކަށް އައިސް އޭނައަށް އެ ސޫރަތް ކިޔެވޭލެއް ގިނަވެފައިވުމުން އޭނަ ވަނީ އެ ސޫރަތުގެ ކުރީ ބައި ހިތުދަސްވެފައެވެ. އެހެންކަމުން ދޯނި މަތިން ޢަބްދު ﷲ ހިފަހައްޓައިގެން ހުރެވެސް އޭނަ ހަނދާން ހުރި ހިސާބަށް އޭނަ ކިޔެވިއެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ހިމޭން މާޙައުލުގައި އިނދެ އާޔަތްތައް ކިޔަވަމުން ދިޔައިރު ފުރަތަމަ ފަހަރަށް ރުޤްޔާ ކުރެވެން ފެށި ފަހުން އޭނައަށް އެ އާޔަތްތަކާއިމެދު ވިސްނެން ފެށިއެވެ. އެ ފޮތަކީ އެއާއިމެދު އެއްވެސް ޝައްކެއްނެތް ފޮތެއްކަމަށް އަމިއްލަ ދުލުން ކިޔަވަމުން ދިޔަ އާޔަތުން އިވެމުން ދިޔަ ހިނދު އަމްނާގެ ހިތަށް ތަފާތު އަސަރެއްކުރިއެވެ. އޭނަ އެ ފޮތާއިމެދު ޝައްކުކުރި ދުވަސްކޮޅެއް އޭނަގެ ހަނދާނަށްއައެވެ. އަދި އެ ފޮތާއިމެދު ހުރި ޝައްކުތައް ފިލައިގެން ދިޔަ ގޮތްވެސްމެއެވެ. ޔުނިވާރސިޓީގައި އޭނަ އުޅުނު ދުވަސްތައް ހަނދާނަށް އައުމުން އެއީ އޭނައަށް އާ ހަނދާންތަކެއްހެން އޭނައަށް ހީވިއެވެ. ސޫރަތް ކުރިއަށް ދަމުން ދިޔަ ވަރަކަށް އަމްނާގެ ލޮލުން ކަރުނަ ހިލުނެވެ. މިއީ ތަޤްވެރިވެރިންނަށްޓަކައި ހުރި ހިދާޔަތެއްކަމަށް އިވުމުންނެވެ. ޣައިބަށް އީމާންވެ ނަމާދު ޤާއިމުކޮށް ﷲ ދެއްވި އެއްޗެހިން ހޭދަކުރާ މީހުންނަށްޓަކައި ވެސްމެއެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ބާއްވައިލެއްވުނު ފޮތަށާއި އޭގެ ކުރިން ބާއްވައިލެއްވުނު ފޮތްތަކަށް އީމާންވެ އަދި އާޚިރަތާއިމެދު ޔަޤީންކުރާ މީހުންނަށްޓަކައި ވެސްމެއެވެ. އެމީހުންގެ ވެރިރަސްކަލާނގެ ހިދާޔަތުގެ މަތީގައިވާ މީހުންނަކީ އެއީ ކަމާއި އަދި ކާމިޔާބު ލިބިގެންވި މީހުންނަކީ ވެސް އެއީކަން އިވިގެން ދިޔުމުން އަމްނާއަށް ގިސްލެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެ މީހުންގެ ތެރެއިންވުމަށް އަމްނާގެ ހިތް އެދުނެވެ. އެ ސޫރަތުގައި މުނާފިޤުންގެ ވާހަކަތައް ސިފަކުރެވިފައިވިގޮތުން އަމްނާއަށް ގަދައަށް ރޮވުނެވެ. އޭނައަކީ ހަމަ ޔަޤީނުންވެސް އެމީހުންގެ ތެރެއިން މީހެއްކަން ޤަބޫލުކުރެވުމުންނެވެ. ބޭރުފުށުން އޭނައަކީ ވެސް ﷲ އަށް އީމާންވެ އެކަލާނގެއަށް ތަބާވުމުގައި ދެގޮތްވާ މީހަކަށް ވާތީވެއެވެ. އޭނައަކީ މިހާރު ނަމާދު ޤާއިމުކުރާ މީހަކަށް ނުވާތީވެއެވެ. އަދި ﷲ އަށްޓަކައި ހޭދަކުރުން ފަދަ ރަނގަޅު ކަންތައްކުރުމުން ދުރުވެފައިވާ މީހަކަށްވާތީވެއެވެ. އެފަދަ މީހުންގެ ތެރެއިން މީހަކަށްވުމަށް އަމްނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅުނީ އެ ދަތުރު މަތީގައި ވަނިކޮށެވެ.

 

ނަތީޖާއެއްގެ ގޮތުން ކަނޑުމަގުން ކުރި އެ ދަތުރު ނިމުމަކަށް އައިސް އޭނައަށް ސަލާމަތުގެ އައްސޭރިއަށް ދެވުމާއެކު އަނެއްކާވެސް އަމްނާގެ ޙަޔާތުގައި ފެށިގެން ދިޔައީ އާ ބާބެކެވެ. އެކަނިމާއެކަނި ދަރިފުޅާއެކީ ބީރައްޓެހި ރަށެއްގައި އުޅެން ވެއްޖެކަން އެނގުންވުމުން އޭނަ ޖެހިލުންވިއެއްކަމަކު އޭނަ އެހީއަށް އެދުނީ ﷲ ގެ ޙަޟްރަތުންނެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނަ ދުވަހެއްނުވެ އޭނަ ކުރި މަސައްކަތުން އޭނައަށް ކުއްޔަށް އުޅެވޭނެ ނުހަނު ރަނގަޅަށް ހަދާފައި ހުރި ގެއެއް ލިބުނެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނައަށް ނުހަނު ފަސޭހައިން ރަށު އޮފީހުން ވަޒީފާއެއް ވެސް ލިބުނެވެ. އެ ރަށު މީހުން އަމްނާއަށް ފެނިގެން ދިޔައީ ނުހަނު ހިތްހެޔޮ ބައެއްގެ ގޮތުގައެވެ. އެއީ އޭނަގެ ދަރިފުޅަށް ރަނގަޅު މާޙައުލެއް ކަމަށް އޭނައަށް ނިންމުނީ އެ ރަށުން ފެންނަމުން ދިޔަ ކުދިންގެ ވެސް އަޚްލާޤް ރަނގަޅުވުމުންނެވެ. ހިތުތެރޭގައި އާލާވެގެން ދިޔަ އީމާންތެރިކަމެއްގެ ސަބަބުން އަމްނާ ބޭނުންވީ އޭނަގެ ދަރިފުޅަށް ދުނިޔެ ހޯދައިދިނުމަށްވުރެ ބޮޑަށް އެ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ކުރާށެވެ. އެ ދަރިފުޅަށް ހިދާޔަތް ލިބިއްޖެނަމަ ދަރިފުޅަށް މުސްތަޤްބަލުގައި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ވެސް ޔަޤީންކުރަމުންނެވެ. އަމްނާއަށް އެރަށަށް ދެވުނީ ވެސް އޭނަ ދީނީ މަޢުލޫމާތުތައް ނޯޓުކޮށްފައި ހުރި ބައެއް ފޮތްތަކާއެކީ ކަމަށްވުމުން އަމްނާ އެ ފޮތްތަކާއި ވެސް ނުހަނު ގާތްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނަގެ އީމާންތެރިކަން އިތުރަށް ވަރުގަދަވަމުން ދިޔައެވެ.

 

އެހެންކަމުން އަމްނާއަށްޓަކައި ދުވަސްތައް ފާއިތުވާން ފެށީ އޮމާންކަމާއި އެކީގައެވެ. ބަޤަރާ ސޫރަތް ގިނަގިނައިން ކިޔަވަމުން ދިޔުމުގެ ސަބަބުން އޭނައަށް ކުރިމަތިވަމުން ދިޔަ އެތައް ދަތިތަކެއް ފިލައިގެން ދިޔައެވެ. އޭނަގެ ފިރިއެއްވެސް ހުންނާނެތާއޭ ހިތަށްއަރަން ފެށީ ޢަބްދު ﷲ އަށް 4 އަހަރުވެސް ވީ ފަހުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ފިރިއަކު ހޯދަން އެއްވެސް މަސައްކަތެއް ކުރަން އަމްނާގެ ހިތުގައި އެދުމެއް ނެތެވެ. ޢަބްދު ﷲ އޭނަ ކައިރިން ބައްޕަގެ ވާހަކަ އެހުމުން އޭނައަށް ބީރު ކަންފަތެއް ދެވެނީ ކީއްވެކަމާމެދު ވެސް އަމްނާއަށް ޔަޤީނެއްނޫނެވެ. ބައެއްފަހަރު ޢަބްދު ﷲ ހުއްޓުމެއްނެތި އެ ވާހަކަ ދެއްކުމުން އޭނައަށް އެ މައުސޫމް ދަރިފުޅުގެ މައްޗަށް އަތް އިސްކުރެވިފައިވެސް ވެއެވެ. އެއީ މުޅިން ވެސް އޭނަގެ އިޚްތިޔާރުން ބޭރުގައި ވާ ކަންތަކެވެ. ޢަބްދު ﷲ ރޯ މަންޒަރު ދެކުމަކީ އަމްނާގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ. އޭނަ އަމިއްލަ އަތުން ކުރާ ކަމެއްގެ ސަބަބުން އެ ލޮލުން ކަރުނަ އޮހޮރުމަކީ އަދި އަމުދުން އަމްނާގެ ހިތުގައި ނުފިލާ ރިހުމެއް އުފައްދާ ކަމެކެވެ. ޢަބްދު ﷲ ކައިރި ރޮއިރޮއިފައި މަޢާފަށް އެދި އެ ވާހަކަ ނޭހުމަށް އެދެވެން ފެށީ އެހެންވެއެވެ. އަމްނާގެ ނަސީބު ރަނގަޅު ކަމުން އެ ކުއްޖާ އޭނަގެ މަންމައަށް ހެޔޮ ހިތުން މަޢާފު ކުރެއެވެ. އަދި އޭގެއިން ކޮންމެ ފަހަރަކު މަންމަ ގައިގައި ބައްދާލަނީ ލޯތްބާއި އެކީގައެވެ.

 

ކަންތައް މިހެން ހިނގަމުން ދަނިކޮށް ދެންވެސް އަމްނާގެ ޙަޔާތަށް ލޮޅުމެއް އައީ އެއްދުވަހު އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ކޮންމެވެސް އަންހެނަކު އޭނައަށް ގޮވާލުމުންނެވެ.

 

“އޭ އަމްނާ މަޑުކޮށްބަލަ! މިއޮތީ ކޮންމެވެސް މީހަކު މަގޭ އަތަށް ދިން އެއްޗެއް. ބުނީ ޢަބްދު ﷲ މުޙްސިންއޭ ކިޔާ ކުއްޖަކު މި ރަށުގަ ހުރިއްޔާ އެ ކުއްޖަކަށް މީތި ފޯރުކޮށްދެއްޗޭ. އެއީ ކަލޭގެ ދަރިފުޅެއްނު؟  އެއީ އެ ކުއްޖާގެ ބައްޕަތަ އަނެއްކާ؟ މާލޭ މީހަކު ވައްތަރު ޖެހީ…” އަމްނާ ދެކެ ފަރިތަ އެ އަންހެން މީހާ އޭނައަށް ޕާރުސަލެއް ދިއްކުރަމުން ވާހަކަ ދެއްކިއެވެ. އެމީހާ ކޮށްލި ފަހު ސުވާލާއި އެ ޕާރުސަލުގައި ހުރި ދެކުލަ ފެނިފައި އަމްނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ އަންހެން މީހާ ސިފަކުރި އެ މީހަކު ލޮލަށް ސިފަވާން ފެށި ވަގުތު އަނެއްކާވެސް އެ އަންހެން މީހާ ވާހަކަ ދެއްކިއެވެ.

 

“އަނހަ ބަލާ! އެއޮތް ދަނީ އެމީހާ!” އަންހެން މީހާ އޭނަގެ ފަހަތަށް ޢިޝާރާތްކޮށް އެހެން ބުނެލުމާއެކު އަމްނާއަށް ފަހަތް ބަލާލެވުނީ ކުއްލިއަކަށެވެ. އެއާއެކު ގޯޅިއަކުން އަނބުރަމުން އޭނައަށް ފަސްދިން މީހަކު ފެނިފައި އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އެއްކަލަ ބިރުވެރި މަޚްލޫޤެވެ. އެމީހާގެ ސޫރަ ފެނުނެއްކަމަކު އެއީ ކާކުކަން ދެނެގަންނަން އޭނަ ނުކުޅެދުނެވެ. އަނެއްކޮޅުން އޭނަގެ ހިތް އިންތިހާއަށް ބިރުގަންނަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނައަށް އަނެއްފަރާތަށް އެނބުރި ބާރު ފިޔަވަޅުތަކެއްގައި ދާން ފެށީ އަންހެން މީހާގެ އަތުން ޕާރުސަލް ހޯދުމެއްވެސް ނެތިއެވެ. އަންހެން މީހާ އޭނައަށް ގޮވާލުމުން އަމްނާ ދުވެފައި ގޮސް ގޯޅިއަކުން އަޅާލަމުން ނިވާވެލީ އޭނަ ބިރުގަންނަ އެ މީހަކަށް އޭނަގެ ނަން އިވިފައި ނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ. ކަންވީ ވެސް އެހެންނެވެ. އެ އަންހެން މީހާ އޭނަ ކައިރިއަށް އައިސް ދެންވެސް އެއީ ކާކުތޯ އަހަން ފެށިއެވެ. އެމީހަކު އެފަރާތަށް ވަރަށް ބެލި ވާހަކަ ބުންޏެވެ. އަންހެން މީހާ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އަމްނާއަށް އެމީހާއާއި ދިމާލަށް ވެސް ރުޅި އިސްކުރެވުނެވެ. އެތާނގައި މަޑުކުރުމެއްވެސް ނެތި އޭނަ ދިޔައީ ގެއަށެވެ. އަދި ވަގުތުން ވަގުތުން އެ ރަށުން ވެސް ފުރައިގެން ދިޔުމުގެ ޚިޔާލުގައި ދަތުރަށް ތައްޔާރުވާން ފެށިއެވެ. އެއްކަލަ އަންހެން މީހާ ޕާރުސަލް އޭގެ ވެރިފަރާތާއި ރައްދުކުރަން ގެއަށް އައީ އޭނަ އެ މަސައްކަތުގައި ހުއްޓައެވެ. އެމީހާ އޭތި ލައިދިނީ ޢަބްދު ﷲ ގެ އަތަށެވެ. އޭގައި އޮތީ ޢަބްދު ﷲ ގެ ނަން ވިއްޔާއެވެ. އަމްނާ ހުރީ ކޮޓަރީގެ ބޭރުން އެމީހާގެ އަޑު އިވުމުން ވީ ފޫހީގައި ނުވެސް ނިކުންނާށެވެ. އެހެނަސް ނުހަނު އުފާވެފައި ހުރި ޢަބްދު ﷲ އައިސް އޭނައަށް އެ ޕާރުސަލް ދިއްކުރުމުން އަމްނާ އަތުން ޖަހައި އެ ޕާރުސަލް ވިހުރާލީ ބިރުވެރިކަމާއި ރުޅިވެރިކަން އެއްވެފައިވި ހިތަކާއެކީގައެވެ. އެއަށްފަހު ތުރުތުރު އަޅާ ޙާލު އޭނަ ދަރިފުޅު ރައްކާތެރި ކުރާނެ ކަމަށްބުނެ ޢަބްދު ﷲ އަށް ވަޢުދުވީ ކަރުނުން ފުރެމުން ދިޔަ ދެލޮލާއި އެކީގައެވެ.

 

އަމްނާ އޭނަގެ އެ ވަޢުދު ވީ އެންމެ ފުރިހަމައަށް ފުއްދިއެވެ. އޭގެ 3 ދުވަސްފަހުން އޭނަ މުޅިން އެހެން އަތޮޅަކަށް ފުރައިގެން ދިޔައެވެ. އޭނަގެ ބިރުވެރިކަން އޭނަ ފަހައި އައިސްދާނެއޭ ހިތައި އޭނަ އެއްވެސް ތަނެއްގައި މާ ގިނަ ދުވަހު މަޑުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ކޮންމެވެސް އެހެން ރަށަކަށް ދިޔުމުން ވެސް ހަމަ އެ ބިރުވެރިކަން އިތުރުވެގެން ދިޔުމުން އޭނަ ރާއްޖެއިން ބޭރަށް ދާން ނިންމީ އޭނައަށް މިކަމުން މިންޖުވެވޭނެ ގޮތަކީ އެއީހެން ހީވުމުންނެވެ. އޭނަ ކޮންމެ ރަށަކުން ހޯދަމުން ދިޔަ ވަޒީފާތަކުންނާއި ކުރަމުން ދިޔަ އަތްތެރި މަސައްކަތުން ނުހަނު އަވަހަށް އޭނަ އެފަދަ ހިޖުރައެއް ކުރަން މާލީގޮތުން ފުދުންތެރިވިއެވެ. އިންޑިޔާއަށް ގޮސްވެސް އަމްނާ ވަޒީފާއެއް ހޯދައި ހުއްޓުމެއްނެތި އޭނަގެ އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭނަ އިންޑިޔާގައި ވެސް ގިނަ ދުވަހު ނުހުންނަން ނިންމީ ޢަބްދު ﷲ ގެ މުސްތަޤްބަލާއި މެދު ވެސް ވިސްނާފައެވެ. ޢަބްދު ﷲ އާއެކީ އޭނަ މެލޭޝިޔާއަށް ފުރައިގެން ދިޔައީ އެ ދަރިފުޅުގެ ޢުމުރުން 5 އަހަރުގައެވެ.

 

އަމްނާ އުއްމީދުކުރި ގޮތާއި ޚިލާފަށް މެލޭޝިޔާއަކީ އޭނައާއި ބީރައްޓެހި ތަނަކަށް ނުވިއެވެ. ރާއްޖޭގެ އެހެނިހެން ރަށްތަކާއި އިންޑިޔާއަށް ވުރެ ވެސް އަވަހަށް އޭނަ އެތަނުގެ މާޙައުލަށް ފެތުނެވެ. އޭގެ އެއްސަބަބަކަށްވީ އޭނަ މެލޭޝިޔާގެ ވެރިރަށުގެ މަޝްހޫރު ޕްރައިވޭޓް ކުންފުންޏަކުން ހޯދި ވަޒީފާގެ ތެރެއިން އޭނައަށް ލިބުނު ހިތްހެޔޮ މުސްލިމް އެކުވެރިންގެ ސަބަބުންނެވެ. އޭގެ ތެރެއިން ގިނަ އެކުވެރިންނަކީ ސިންގަޕޫރަށް ނިސްބަތްވާ އެކުވެރިންނަށްވުމުން އެ ޤައުމަށް ވެސް އަމްނާއަށް ގިނަގިނައިން ދަތުރު ކުރެވެން ފެށިއެވެ. ދަތުރުކުރަމުން ދިޔަ ވަރަކަށް އަމްނާގެ ލޯ ހުޅުވެން ފެށިއެވެ. ޒުވާން އެ އެކުވެރިންނާއެކީ އުޅެމުން ދިޔަ ވަރަކަށް އޭނަގެ ކިބައިގައި ހުރި ހުނަރުތައް އާލާކުރުމުގެ ރޫޙެއްވެސް އޭނަގެ ހިތުގައި އުފެދެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އަމްނާ އަނެއްކާވެސް ލިޔުންތެރިކަމުގެ ދާއިރާއަށް ދިޔުމަށް ނިންމިއެވެ. މިގޮތުން ސިޔާސީ ކަންކަމާ ބެހޭގޮތުން އޭނަ ލިޔަން ފަށާފައިވި ފޮތް އޭނަ އެއްކޮށް ނިންމައި ފޮތެއްގެ ސިފައިގައި ޝާޢިއުކުރީ އެކުވެރިން ދިން ހިތްވަރާއެކީގައެވެ. އެ ފޮތް ނެރުނުތާ މާ ގިނަ ދުވަހެއްނުވެ އަމްނާގެ ނަން މެލޭޝިޔާގެ އެ ހިސާބުގަނޑަށް މަޝްހޫރުވެގެން ދިޔައެވެ. އަމްނާގެ ޚިޔާލުތަކަށް ގިނަ މީހުން ތާޢީދުކުރަން ފެށިއެވެ. އަމްނާގެ ފޮތުގެ ސަބަބުން ގިނަ މީހުންގެ ނަޒަރިއްޔާތު ބަދަލުވީ ވާހަކަ އިވެން ފެށިއެވެ. މީގެ ސަބަބުން އަމްނާ އިތުރު ފޮތްތައް ލިޔަން ފެށިއެވެ. އިސްލާމް ދީނާއި ބެހޭގޮތުން އޭނަ ލިޔަން ފެށީ އިސްލާމް ދީނާއިމެދު ގިނަ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ފެނި އޭނަގެ ހިތަށްވާ އުދަގުލެއްގެ ސަބަބުންނެވެ. އޭނަ އެ ދީނުގެ ދިފާޢުގައި ލިޔުނު ފުރަތަމަ ފޮތްވެސްވެގެން ދިޔައީ ކިޔުންތެރިންގެ މެދުގައި އަމްނާގެ ނަން ވިދާލި ފޮތަކަށެވެ.

 

މި ހުރިހާ ކަމަކާމެދު އަމްނާ ޙަމްދުކުރަމުން ދަނިކޮށް އޭނަ މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރިތާ ދެވަނަ އަހަރު ކޮންމެވެސް ދިވެހި ފިރިހެނަކު އޭނައަށް ޒިޔާރަތް ކުރަން ފެށިއެވެ. މައިސޫން ނަމަކަށް ކިޔާ އެ ފިރިހެނަކާއި އަމްނާ ދިމާވީ އޭނަ އުޅޭ ޢިމާރާތާއި ކައިރީގައި އޮންނަ ޕާކަކަށް ޢަބްދު ﷲ ގޮވައިގެން އޭނަ ގޮސް ހުއްޓައެވެ. އެ ފިރިހެން މީހާ އޭނައަށް އެނގޭހެން އަމްނާއަށް ހީވިއެއްކަމަކު އޭނަ އެނގެނީ ކޮންތަނަކުން ކިހިނެއްކަމެއް އަމްނާއަކަށް ސާފެއްނުވިއެވެ. އެ ފުރަތަމަ ދުވަހު އޭނަ ތިމަންނައަކީ ކާކުކަން އެނގޭތޯ އެހުމުން އަމްނާއަށް ޖަވާބެއް ނުދެވުނީ އެހެންވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ މީހާއާއި ވާހަކަ ދައްކަން އަމްނާ ހިތްހަމަޖެހުނެވެ. އެކަމާމެދު އޭނަ ޙައިރާންވެސްވިއެވެ. އޭނައަކީ ރުހިގެން އެއްވެސް ހިލޭ ފިރިހެނަކާއި އެކުވެރިވެގެން ވާހަކަ ދައްކާ މީހެއްނޫނެވެ. އެހެނަސް އެ މީހާއާއި އޭނައާއި ދެމެދު އޮތީ ކޮން ގުޅުމެއްތޯ އަމްނާގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ އެކަނި އުޅެމުންދާ އެޕާޓްމެންޓަށް މައިސޫން ޒިޔާރަތް ކުރަން ފެށުމުން ވެސް އަމްނާއަކަށް އިންކާރެއް ނުކުރެވުނެވެ. މައިސޫން އޭނައާއި ގާތްވާން ނުއުޅުމުން އޭނަ ކޮއްޕައި ފޮނުވާލާކަށް ވެސް ނުވާނެ ނޫންކަމުގެ އުޒުރު އޭނަގެ ހިތް ދެމުން ދިޔަ ގޮތުން އޭނަ އަޖާއިބުވާހާވިއެވެ. މައިސޫން އަންނަން ފެށިތާ މާ ގިނަ ދުވަހެއްނުވެ އޭނަގެ ބަސްމަގު ހުރިގޮތުން އޭނަގެ ބޭނުމަކަށްވެފައިވީ ކޮންކަމެއްކަން އަމްނާއަށް އެނގުންވިއެވެ. ދުރުދުރުން ވާހަކަ ދެއްކި ކަމުގައި ވިޔަސް މައިސޫން ބޭނުންވީ އޭނަ ފޮތް ލިޔުން ހުއްޓުވަންކަން އަމްނާއަށް އެނގުންވީ މައިސޫން އޭނައަށް ޒިޔާރަތް ކުރަން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން އޭނަ ދެއްކި ވާހަކައިންނެވެ.

 

“ދެން އަމްނާ ކީއްކުރަން މިތާ ހުރެގެން ބުރަ މަސައްކަތްކޮށް ތި ފޮތްތައް ލިޔެ އުޅެނީ؟ ތި ފޮތްތަކުގެ ސަބަބުން ރާއްޖޭގެ ބައެއް ސިޔާސީ މީހުންނަށް ސަޕޯޓަރުން ވެސް ގެއްލޭ ވާހަކަ އަޑުއެހިން. ޓްރަސްޓް މީ….އަހަރެން މީ އެކްޓިވިސްޓެއް. އެމީހުން އަމްނާއާއި ދެކޮޅަށް ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅާފާނެ.” އެދުވަހު އެޕާޓްމެންޓްގެ ސޯފާގައި އިނދެ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް އިން އަމްނާ ގާތު މައިސޫން އެހެން ބުނެލީ ހިތުން އަމްނާ ނުތަނަވަސް ކުރުމަށެވެ. އެހެނަސް އަމްނާއަށް ވަގުތުން މައިސޫންގެ ނިޔަތް ނަގައިގަނެވުނެވެ. މައިސޫންގެ އެ ބަސްތަކާއި ދީނާއި ދެކޮޅު މީހުންގެ ބަސްތަކާއި ދެމެދު އެއްވެސް ފަރަގެއް އަމްނާއަށް ފާހަގައެއް ނުކުރެވުނެވެ. ދެލޯ ހަނިކޮށްލަމުން މައިސޫނަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ. އޭނަގެ އެ ނަޒަރުން މައިސޫން ޙައިރާންވީކަމެއް ނޫނީ ނުތަނަވަސްވީކަމެއް އަމްނާއަށް ޔަޤީނެއް ނުކުރެވުނެވެ.

 

“އަމް….އަސްލު އަމްނާއަށް ރަނގަޅަކަށް މި ވާހަކަ މި ދެއްކީ. އަހަރެން މިހާރު އަމްނާއާއިމެދު ދެކެނީ ގާތް އެކުވެރިއެއްގެ ގޮތުގަ. އެހެންވީމަ…..އަމްނާ ލަންޑަން ކަހަލަ ތަނަކަށް ދާންވީއެއްނު؟ އެތަނުން އަމްނާގެ ދަރިފުޅު ރަނގަޅު ސްކޫލަކަށްވެސް ލެވޭނެ.” މައިސޫން އޭނަގެ ވާހަކަ ރާވާލީ އަމްނާ އޭނަގެ ބަސްތަކަށް ނުހެއްލުނުނަމަ އަމްނާ އެހެން މަޅިއެއްގައި ފަސޭހައިން ޖެއްސިދާނެ ފަދައަކުންނެވެ. އެހެނަސް އަމްނާ އެ ވާހަކަ އިވިގެން ދިޔުމާއެކު ކޮޅަށް ތެދުވެލިއެވެ.

 

“އަހަރެންގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް އެނގޭނީ އަހަންނަށް. އެއީ ކޮންމެވެސް ބީރައްޓެއްސަކު އަހަންނަށް ބުނެދޭންޖެހޭ ވާހަކައެއް ނޫން. އަހަންނަށް އެންމެ ރަނގަޅު ގޮތްވެސް އެނގޭނީ އަހަންނަށް. އަހަރެން ކުރަންވީ ކަމަކާއި ނުކުރަންވީ ކަމެއްގެ ޚިޔާރު އަހަންނަށް ލިބިގެންދޭ. މައްސަލައެއްނެތް ކިތަންމެ ގިނަ ދަތިތަކާއި ކުރިމަތި ކުރުވިޔަސް. އަހަރެން ކުރާ ހެޔޮ ކަމެއް އަހަރެން ހުއްޓައެއްނުލާނަން!” އަމްނާ އެހެން ބުނެލީ ސާބިތުކަން އެކުލެވިފައިވި ފަދައަކުންނެވެ. އޭނަގެ ވާހަކަތައް އިވިފައި މައިސޫން ނުރުހުންތެރިކަމާއެކީ އިރުކޮޅެއް ވަންދެން އޭނައަށް ބަލަން އިނެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އެގެއިން ނިކުމެގެން ދިޔައެވެ.

 

އޭގެ އަނެއްދުވަހު މައިސޫން އޭނައަށް ޒިޔާރަތެއް ނުކުރެއެވެ. އޭނަ ދެއްކި ވާހަކަތަކުން ނުރުހުންވީވަރުން މައިސޫން ދެން ނާންނާނެކަން އަމްނާއަށް އެނގުންވިއެވެ. އޭނައަށް ރަނގަޅީ ވެސް އެގޮތެވެ. އޭނަ އެދެނީ އޭނައަށް ދެން މައިސޫންގެ ނަންވެސް ނުއިވުމަށެވެ. އެހެނަސް ތިން ވަނައަށްވީ ދުވަހު އޭނައާއި ބައްދަލުކުރަން އައި ބީރައްޓެއްސަކުވެގެން ދިޔަ މައިސޫންގެ އަންހެނުން ނޫން ދެވަނަ މީހަކަށް ނޫނެވެ. އެ ދުވަހު އެޕާޓްމެންޓްގެ ދޮރުގައި ބާރަށް ޓަކި ދިން އަޑަށް އަމްނާ ޙައިރާންވެފައިހުރެ ދޮރު ހުޅުވާލީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ދިރިއުޅުމުގެ ބޮޑު ޙަޤީޤަތެއް އޭނައަށް ފަހުމްވާނެކަން ނޭނގިއެވެ. އަމްނާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާއެކު އަމްނާ ކުރިމަތިލާންޖެހުނީ އަމީރާގެ ރުޅިވެރި ބަސްތަކާއެވެ.

 

“ކަލޭ ކީކޭ ހިތަށް އަރައިގެންތަ މީހުންގެ ފިރިން ފަހައި ތި ދުވަނީ؟ ކަލެއާހެދި މަގޭ ބޯހަލާކު! އަމިއްލަ ފިރިމީހާއާއެކީ އުޅުނުއިރުވެސް ހަމަ ތިހެން. މިހާރު ފިރިމީހާ ދޫކޮށްލާފަ މާ ބޮޑު މީހަކަށްވީމަ ވެސް ތިހެން. ކަލޭގެ ތިގޮތް ބަދަލުކުރަން ވެއްޖެއެއްނު؟! މިރްޒާންގެ ބޭބެއާއެކީ މި އެޕާޓްމެންޓުގައި ވަގުތު ހޭދަކުރާއިރު މިރްޒާނަކީ ކަލޭގެ ދަރިފުޅުގެ ބައްޕަކަން ވެސް ހަނދާން ނެތުނީތަ؟!” އަމީރާ ދެއްކި ވާހަކައިގައި ކިޔާލި ނަމަކުން އަމްނާގެ ދެލޯ ބޮޑުވެ އޭނަ ހުއްޓުން އަރާގޮތްވިއެވެ. ‘މިރްޒާން’ އޭ ކިޔުމުން ކުއްލިއަކަށް އޭނަގެ ހިތުގައި އުތުރި އަރައިގަތީ އޭނަ މީހެއްގެ މަތިން ހަނދާންވާ އިޙްސާސެވެ. އަހަރުތަކެއް ވޭތުވީއިރު ވެސް އެ އިޙްސާސް އެގޮތުގައިވެއެވެ. ބައެއްފަހަރު އޭނައަށް ގޮތް ނޭނގޭ އެ ހަނދާންތަކުގައި އަމިއްލަ ހިތުގައި ވޭން އަޅާވަރަށް އޭނައަށް ރޮވެއެވެ. އެމީހެއްގެ ކައިރީގައި ހުންނަން އެދެވޭ މިންވަރުންނެވެ. އެ މީހަކީ އެ ‘މިރްޒާން’ ހެއްޔެވެ؟ މިރްޒާންއަކީ އޭނަގެ ފިރިމީހާ ހެއްޔެވެ؟ އެ ހިނދު ‘މިޒް’ މި ނަން ވެސް އޭނަ ހަނދާންވެގެން ދިޔައީ ކުއްލިއަކަށެވެ. ވައި އަޑުން އެ ނަން ކިޔާލެވުނީ އެހެންވެއެވެ. އެހެނަސް ދެންވެސް މިރްޒާންގެ ސޫރަ ހަނދާން ކުރުމުގައި އަމްނާ ނާކާމިޔާބުވިއެވެ. އެކަމަށްޓަކައި ސިކުނޑިއަށް ބާރު އަޅަމުން ދިޔަ ވަގުތު އަމީރާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަޑުއަހާ! ކަލޭ މިރްޒާން ދޫކޮށްލާފަ އައީ ކީއްވެކަމެއް މަށަކަށް ނޭނގޭ. ބޭނުމެއްވެސް ނޫން އެނގޭކަށް. މިރްޒާން އެކަނި ކޮށްފަ އައިސްހުރެ މަގޭ ފިރި ޖަހައިގަންނަން ނޫޅޭތި! ހުނ! ބިރުގަންނަނީދޯ ދެން އެކަހަލަ އިންނާނެ ރީތި މީހަކު ނުލިބިދާނެތީ؟ ހަމަ ރަނގަޅު ޙާލަތެއްގަ ކަލޭ ބެދިފަ ތިހިރީ. އެކަނިމާއެކަނި ދަރިއަކާއެކީ އުޅޭ ބޭނުންކޮށްފަ ހުރި އަންހެނަކާ ކާކު ގުޅެން ބޭނުންވާނީ؟ ރަނގަޅަށްވިއްޔާ މިހާރު މިރްޒާން ވެސް އުޅޭނީ އެހެން މީހަކާ އިނދެގެން. ކަލޭ އޭނައާ ދުރުގަ އުޅޭތާ އެތައް އަހަރެއްވެއްޖެ ވިއްޔާ! ޚަބަރުދާރު މައިސޫނާއި ކައިރިވާން ޚިޔާލުކޮށްލިޔަސް! މިއީ އިންޒާރެއް!!” އަމީރާ ރުޅިވެރިކަމާއެކީ އެހެން ބުނެ އަމްނާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެ ހިނދު އަމްނާއަށް ހުރެވުނީ އޭނައަށް ނޭނގި ފެންކަޅިވެފައެވެ. ލޮލަށް ކަރުނަތައް ޖަމާވިކަން އެނގުނީވެސް ލޮލުން ކަރުނައެއް ފައިބައިގެން އައުމުންނެވެ. އެ ހިނދު އޭނަގެ ހިތުތެރޭގައި އެތައް ސުވާލެއް އެނބުރެމުންދިޔައެވެ. މިރްޒާނަކީ ހަމަ އޭނަގެ ލޯބިވާ ފިރިމީހާ ހެއްޔެވެ؟ އެއީ ހަމަ އޭނަގެ ދަރިފުޅުގެ ބައްޕަ ހެއްޔެވެ؟ އޭނަ އެކަމާމެދު މިހާ ޔަޤީންވަނީ ކީއްވެ ހެއްޔެވެ؟ މިރްޒާން ކޮބައިހެއްޔެވެ؟ މިރްޒާން ހުންނަގޮތް އޭނައަށް ސާފު ނުވަނީ ކީއްވެ ހެއްޔެވެ؟ އޭނައަކަށް ނޭނގެއެވެ. ހިތުގެ އަޑިން އެނގުނުހާ ވެސް ކަމަކީ މިރްޒާނަކީ އޭނަދެކެ އިންތިހާއަށް ލޯބިވީ ފަރާތެއްކަމެވެ. އަދި ބަދަލުގައި އަމްނާވެސް މިރްޒާންދެކެ ލޯބިވީ ކަމެވެ. އެހެނަސް ދެންމެ އެ އަންހެން މީހާ އެ ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނަ މިރްޒާން ދޫކޮށްލީ ހެއްޔެވެ؟ އޭނަ އެހެން ހަދާނީ ކީއްވެ ހެއްޔެވެ؟ އެއްގޮތަކަށް ވެސް ހަނދާނެއް ނުވެއެވެ. ހަނދާން އާ ނުވުމުން ރާއްޖެއަށް އަނބުރާ ދިޔުމުގެ ޚިޔާލެއް ވެސް އަމްނާގެ ހިތުގައި އުފެދުނެވެ. އެހެނަސް އެންމެ ފަހުން އަމީރާ ދެއްކި ވާހަކައިގެ މަތިން ހަނދާން އާވުމުން އަމްނާގެ ހިތުގައި ރިހުމެއް ހިފާލިއެވެ. މިރްޒާން އޭނަ މަތިން ހަނދާން ނައްތައި އެހެން މީހަކާއި އިންނާނެ ވާހަކައެވެ. އެއީ ތެދަކަށްވެދާނެތޯ އަމިއްލަ ހިތާއި ސުވާލުކޮށްލުމުން އެ ހިތް މަޑުމަޑުން އާނއެކޭ ބުނެލީ ނާއުއްމީދުން ފުރިގެން ދިޔުމުންނެވެ. އަމީރާ ބުނިހެން އޭނަ އޭނަގެ ފިރިމީހާއާއި ދުރުގައި އުޅޭތާ ހަމަ ޔަޤީނުންވެސް މިހާރު އަހަރުތަކެއް ވެއްޖެއެވެ. ކިތަންމެ ލޯބިވިޔަސް އަހަރުތަކެއް ވަންދެން މީހަކާ ނުއިނދެ އޭނަގެ އިންތިޒާރުގައި ހުންނާނީ ކާކު ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން އިތުރު ކަރުނަތައް އަމްނާގެ ލޮލުން ފައިބައިގެން ދިޔަދިޔަހެން މުޅި އެމޫނުމައްޗަށް ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ. ހިތުގައި އުފެދިގެން ދިޔަ ރިހުން ތޫނުވެގެން ދިޔުމާއެކު އޭނައަށް ގިސްލެވެން ފެށިއެވެ. އެ ވެގެން ދިޔައީ އަމްނާގެ ޙަޔާތުގައި އައި ހިތާމަވެރި ބާބެއްގެ ފެށުމަށެވެ.

 

އެދުވަސްފަހުން ކޮންމެ ދުވަހަކު އަމްނާ މިރްޒާންގެ މަތިން ހަނދާންވެއެވެ. ކޮންމެ ދުވަހަކު އެ ހަނދާންތައް ނިމިގެންދަނީ ކަރުނަތަކެއްގެ ތެރެއަށެވެ. އޭނަދެކެ އެހާ ލޯބިވީ ފަރާތެއް ދެން ދުވަހަކުވެސް އޭނައަށް އަނބުރާ ނުލިބޭނެކަމުގެ ޚިޔާލުން ހަތަރު އުދަރެސް ފެނުޖެހެމުން ދިޔަ ކަހަލަ އިޙްސާސެއް އަމްނާއަށް ކުރެވެމުން ދިޔައެވެ. މި އިޙްސާސްތަކުން ސަލާމަތްވުމަށްޓަކައި އަމްނާއަށް އަނެއްކާވެސް ވިސްނުނު ޙައްލަކީ މާޙައުލު ބަދަލުކުރުމެވެ. މިގޮތުން އޭނަގެ ފޮތްތައް ވިކި ލިބެމުން ދިޔަ ލާރިން އޭނަ ޢަބްދު ﷲ އާއެކީ އެކި ޤައުމުތަކަށް ދަތުރުކޮށް ހެދިއެވެ. ދަތުރު ކުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަމްނާއަށް އޭނަގެ ހިތާމަވެރި އިޙްސާސްތަކާއި ދުރުވެވޭ ގޮތްވިއެވެ. އެހެނަސް އެ އިޙްސާސްތަކުގައި އޭނަ ޤައިދުވާން ޖެއްސީ ޢަބްދު ﷲ އަށް 10 އަހަރުގައި އޭނަ ލަންޑަނަށް ދިޔަ ދިޔުމެވެ. ލަންޑަނަށް އޭނަ ދިޔައީ ފޭސްބުކްއިން ކުރި މެސެޖަކުން އޭނަގެ ތުއްތަ އޭނައަށް ކުރި އެދުމެއްގެ މަތިންނެވެ. ތުއްތަ ޢާއިލާއާއި ވަކިވި ސަބަބާއި ދީނާއި މެދު ތުއްތަގެ ނަޒަރިއްޔާތު ހުންނަ ގޮތް ހަނދާންވެފައި އަމްނާ އެކޮޅަށް ދާން ޖެހިލުންވެސްވިއެވެ. އެހެނަސް އޭނަ ދާން ނިންމީ ތުއްތައާއިމެދު އުއްމީދު ކަނޑާނުލުމަށެވެ.

 

އޭނަ ލަންޑަނަށް ދިޔަ ދުވަހު ތުއްތަ އެއާރޕޯޓަށް އޭނަ ބަލާ އައުމުން އަމްނާ އުފާވިއެވެ. އަމްނާ ހީކުރީ އާޝިޔާ އޭނަ ގެންދާނީ އާޝިޔާގެ ގެއަށް ކަމަށެވެ. އެހެނަސް ޚިޔާލު ތަފާތު ދެމީހުންނަށް އެއްތަނެއްގައި ނުތިބެވޭނެ ދޯއޭ ކިޔާފައި އާޝިޔާ އޭނަ ފޮނުވީ އެހެން ޢިމާރާތެއްގެ އެޕާޓްމެންޓަކަށެވެ. އަމްނާ އެކަމާމެދު މައްސަލައެއް ނުޖެއްސިއެވެ. އަދި ހަމަޖެހިގެން އެ އެޕާޓްމެންޓުގައި އުޅެމުން އޭނަގެ އާ ފޮތެއް ލިޔަން ޖެހުނެވެ. އާޝިޔާގެ ޙަޤީޤީ ކުލަ އަމްނާއަށް ފެނިގެން ދިޔައީ އެ އާ ފޮތް ނެރުމަށްޓަކައި އެކަން ލަންޑަނުގައި ކުރާނެ ގޮތުގެ ޚިޔާލެއް އާޝިޔާ ކައިރިން އެހުމުން ކޮންމެވެސް ޢިމާރާތެއްގައި ފޮތާއި ބެހޭގޮތުން ކޮންފަރެންސެއް ބާއްވަން އޭނަ ޚިޔާލު ދިން ދުވަހުއެވެ. އާޝިޔާގެ ޚިޔާލާއި އެއްގޮތަށް އޭނަ އެރޭ އެ ޢިމާރާތަށް ޢަބްދު ﷲ ގޮވައިގެން ދިޔައެވެ. އަދި ޢަބްދު ﷲ އެތާހުރި ލައިބްރަރީއަކަށް ވައްދާފައި އޭނަ ކޮންފަރެންސް ހޯލަށް ދިޔައެވެ. އެ ހޯލުގައި ނުހަނު ރީއްޗަށް ގޮނޑިތައް ރޭވި ކޮންފަރެންސަށްޓަކައި ތައްޔާރު ކުރެވިފައިވީއިރު ވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަމްނާ އެތާނގެ ވަށައިގެން ހޯދަމުން ދަނިކޮށް ކުއްލިއަކަށް ބާރުގަދަ ފިރިހެނަކު އޭނަގެ އަނގަމަތީގައި ފޮތިގަނޑަކާއެކީ ބާރަށް އަތްއެޅިއެވެ. އެމީހާގެ އަތްދަށުން ސަލާމަތްވާން އަމްނާ މަސައްކަތް ކުރިއެއްކަމަކު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ދެލޯ މެރިގެން ދިޔުމުން އެކަން ކާމިޔާބުވާގޮތެއްނުވިއެވެ.

 

އަމްނާއަށް ދެން ހޭލެވުނިއިރު އޭނައަށް އޮވެވުނީ ގުދަނެއް ކަހަލަ ތަނެއްގައެވެ. ވަށައިގެން ފޮށިފޮށިތަކާއި އެހެނިހެން އެފަދަ ބާ އެއްޗެހި ފެންނަމުން ދިޔައިރު އޭނައަށް އޮވެވުނީ އަތްކުރު ޓީޝާޓަކާއި ޖިންސެއްގައިކަން އަމްނާއަށް އެނގުނީ ކުއްލިއަކަށެވެ. އެއާއެކު އަމްނާއަށް ފުންމައިގެން ތެދުވެވުނެވެ. އެތާ ބިޔަކޮށް ތިބި ދެ ފިރިހެނުން އޭނައަށް ފާހަގަވީ އެ ހިނދެވެ. ހަމަ އެ ވަގުތު އެއްފަރާތަކުން ދޮރެއް ހުޅުވާލެވުނު އަޑަށް އަމްނާއަށް އެ ދިމާލަށް ބަލާލެވުނެވެ. އެ ހިނދު އެ ދޮރުމަތީގައި ތިބީ އާޝިޔާއާއި މައިސޫން ފިޔަވައި އެހެން ބަހެއް ނޫނެވެ. އަމްނާ ފެނުމާއެކު އާޝިޔާ ހިނިގަނޑެއް ޖަހާލިއެވެ.

 

“އޯ ލުކް! ދަ ފޭމަސް ރައިޓާރ! އެތައް ކަންޓްރީސްތަކަށް ގޮސް އެތައް ތަޖުރިބާއެއް ހޯދައިގެން ލިޔާ ގްރޭޓް އިންޓަނޭޝަނަލް އޯތާރ!!! ކިހިނެއްބާ މި އޯތާރއަށް މިވީ؟” އާޝިޔާ މައިސޫނާއެކީ އެތާ ތެރެއަށް ވަންނަމުން އެ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ. އެއިން އަމްނާގެ ބުމަގޮށްޖެހުނެވެ.

 

“އޭނަގެ ކުރާ ދުޢާގެ ބެޓަރީ ހުސްވީ ކަންނޭނގެ. އެހެންނޫނީ އަހަރުމެން ކަންނޭނގެ ދޯ އެ ބެޓަރީ ނަގާލީ. ލޮލް!” މައިސޫން ވެސް އެ ނުލަފާ ސަމާސާގައި ބައިވެރިވިއެވެ. އެއާއެކު އަމްނާއަށް ވާހަކަ ދެކެވުނެވެ.

 

“އިމްތިޙާންތައް ކުރިމަތިވަނީ ﷲ އަހަރުމެންގެ ދުޢާތައް އަޑު ނުއައްސަވާތީވެއެއްނޫން. އެކަމަކު އަހަރުމެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި. ކަލޭމެން ކޮންމެ ކަމެއް ކުރިޔަސް އަހަރެން އަހަރެންގެ ފިޔަވަޅުމަތީގައި ދެމިހުންނާނަން އިން ޝާ ﷲ! ހަމަ ޔަޤީނުންވެސް އެންމެ ރީތިވެގެންވާ އެނބުރިދިޔުންވަނީ ﷲ ގެ ޙަޟްރަތަށް.” އަމްނާ އެމީހުން ކުރާނެ ކަމެއްގެ އެންމެ ގޯސް ޚިޔާލު ހިތަށް އައުމުން ވެސް އޭތި އުއްމީދަކަށް ބަދަލުކޮށްލިއެވެ. އޭނަގެ ވާހަކައިން މައިސޫނާއި އާޝިޔާ ވެސް އަނގަ ބަންދުވާ ގޮތްވިއެވެ. އަމްނާއަށް އިތުރު ޖަވާބެއް ދިނުމުގެ ބަދަލުގައި އެމީހުން އެތާ ތިބި ދެ ބިޔަ ފިރިހެނުން ގާތު އަމްނާއަށް ދޭންވީ އަނިޔާތަކެއްގެ ޒާތު ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި އަމްނާ ކިތަންމެ ހިތް ބިރުގަތެއްކަމަކު އޭނަ ފަހެއްނުޖެހުނެވެ. އޭނަގެ ދުޢާއަކަށްވެފައިވީ އާޝިޔާމެން ބުންޏަސް އެ އަނިޔާތަކުގެ ތެރެއިން އެމީހުން އޭނަގެ ގަޔަށް އަތް ނުލުމެވެ. އެ ދުޢާ އިޖާބަވީހެން އަމްނާއަށް ހީވީ އޭގެ 3 ދުވަސްވީއިރުވެސް ބިރުދައްކާފައި ޗެންޗޭނުން އޭނަ ތެޅުން ނޫންކަމެއް އެމީހުން ނުކުރާތީވެއެވެ. އަމްނާގެ އުއްމީދަކަށްވެފައިވީ އޭނަ ވަރުބަލިވެ ދެލޯ މެރޭ ހިސާބަށް ދިޔުމުން ވެސް އެމީހުން އޭނައާއި ގާތް ނުވުމެވެ. އެވަގުތުވެސް އެމީހުން ތިބެނީ އޭނައާއި ދުރުގައިކަން އަމްނާއަށް އެނގުންވީ އެއްރެއަކު ގައިގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން އޭނަ ނިދީގެ ތެރެއަށް ވެސް ގެނބޭ ގޮތެއްނުވުމުންނެވެ. އޭނަ ބެލުމަށްޓަކައި ބަހައްޓާފައި ހުރި ފިރިހެން މީހާ ދުރުގައި ނިދިޖެހިފައި އިން މަންޒަރު އަމްނާއަށް ފެނުނީ ދަންވަރުގެ ވަގުތެއްގައެވެ. އެމީހާގެ ކައިރީގައި ބިންމަތީގައި ބޭއްވިފައި އޮތް ތަޅުދަނޑި ފެނިފައި އަމްނާއަށް އެތާނގެ ދޮރާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އިސާހިތަކު އަމްނާ ގައިގައި ނެތް ވަރަކާއެކީ ވެސް ކާމިޔާބުކަމާއެކީ ގޮސް އެ ތަޅުދަނޑި ނެގިއެވެ. އެއަށްފަހު އެތާތެރެއިން ފެނުނު ފޮތިގަނޑެއް ބޮލާއި މޫނާއި އެކީގައި އަޅަމުން އެތަނުގެ ދޮރު ހުޅުވައި ނިކުމެގެން ދިޔައެވެ.

 

****

 

ފޯނުގެ އަނެއްކޮޅުން މަންހާ ކިޔައިދެމުން ދިޔަ ވާހަކަތަކުން މާޝާއަށް އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. އޭނައަށް މި އިވެނީ ޙަޤީޤީ ވާހަކައެއްތޯ ވެސް ހިނދުކޮޅަކަށް ހިތަށްއެރިއެވެ. މަންހާ ވާހަކަ ދައްކަމުން ގޮސް އޭނަގެ ޖަޒުބާތުތައް އެންމެ އުތުރި އަރައިގަތް ހިސާބުން ހުއްޓާލުމުން މާޝާގެ ހިތުގައި ޝަކުވާވެސް އުފެދުނެވެ. އެހެނަސް އޭނައަށް އެއްޗެކޭ ނުބުނެވެނީސް މަންހާ ކުރިއަށް ގެންދިޔައެވެ.

 

“އޭގެ ފަހުން އަމްނާ ބުނީ ތިމަންނަ އަނެއްކާވެސް ދިޔައީ އިންޑިޔާއަށޭ. އެމީހުންނާ ދުރުވާން. އެކަމަކު ތިމަންނަގެ މަސައްކަތް ހުއްޓައެއްނުލަމޭ. އެހެން ނަމެއްގަ އޮންލައިންކޮށް ދީނީ ލިޔުންތައް ލިޔަމުން ގެންދަމޭ. އެކަމަކު ޢަބްދު ﷲ ގެއްލުނީމަ އަމްނާ ހުރީ ވަރަށް ދެރަވެފަ. ލަންޑަނަށް ނުދާން ހުރެފައިވެސް އޭނަ ދޭތެރެދޭތެރެއިން ލަންޑަނަށް ގޮސް ހަދަނީ ޢަބްދު ﷲ ފެނޭތޯ. ދެން މިފަހުން ޢަބްދު ﷲ ވެސް އޭނަގެ މަސައްކަތާ ގުޅިގެން ޕޭޖެއް ހަދައިގެން އުޅޭތީ އެކުވެރިޔަކު އެ ޕޭޖު ޙިއްސާކޮށްފަ ހުއްޓާ ފެނުނިއްޔޯ އަމްނާ ބުނީ. އެ ޕޭޖުން ޢަބްދު ﷲ ގެ ފޮޓޯއެއް ފެނިފަ އަމްނާއަށް އެނގުނީ ޢަބްދު ﷲ ހުރީ މިކޮޅުގަކަން. އެހެންވެ އޭނަ މީގެ 3 ހަފްތާ ކުރިން މާލެއަށް އައީ. އަހަރެންގެ މަންމައަށް އަމްނާ ފެނުނީ ފިހާރައެއްގެ ތެރެއިން. މަންމަ އަމްނާ ފެނުމާއެކު ވާހަކަ ދެއްކި. މަންމަ މިހާރު ރަނގަޅުތޯ އަހައި ފިރިމީހާއާ ބެހޭގޮތުން ސުވާލުކުރުމުން އަމްނާއަށް ބުނެދޭކަށް ނޭނގުނު. އެހާ ހިސާބުން އެނގުނީ އަމްނާ އަދިވެސް މުޅިން ރަނގަޅުނުވާކަން. ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން އެހާ ގިނަ އަހަރު ވީއިރުވެސް އަމްނާއަށް ހެޔޮ ވިސްނުމެއް ލިބިފަ ހުރީ. ﷲ ގެ އިރާދަފުޅުން އަމްނާއަށް އެވަގުތު ސުވާލުކުރެވުނު ތިމަންނައަށް ޖެހިފަ ހުރި ސިޙުރެއްގެ ސަބަބުންހޭ ތިމަންނަގެ ފިރިމީހާ ހަނދާންނުވަނީ. މަންމަ ބުނި އާނއެކޭ. އެއަށްފަހު އަމްނާގެ އެދުމުގެ މަތިން މަންމަ އަމްނާއަށް ރުޤްޔާ ކުރަން ފެށި. ﷲ ގެ އިރާދަފުޅުން މާ ގިނަ ދުވަހެއްނުވެ އަމްނާ ހުރިހާ ކަމެއް ހަނދާންވެ ހުރިހާކަމެއް އޭނައަށް ސާފުވެގެން ދިޔަ. އަމްނާ ދެއްކި ވާހަކަތަކުން އޭނަގެ ފިރިމީހާއަކީ މާޝާގެ ދޮންބެކަން އަހަންނަށް އެނގުނު. އަހަރެން ބުނަން ވެސް ބުނިން މިރްޒާން ހުރީ އަމްނާގެ އިންތިޒާރުގައޭ. އެކަމަކު އަމްނާ ޤަބޫލުކުރަން ބޭނުމެއްނުވި. އަމްނާ ބުނީ ނުއިނަސް މިރްޒާންގެ ޙަޔާތަށް މީހަކު އައިސްދާނެނޫންހޭ. ތިމަންނަ ވަރަށް ޖެހިލުންވެއޭ މިރްޒާންގެ ކުރިމައްޗަށް ދާން. އަނެއްކާވެސް ބިރުގެންފާނެތީ. އަދި އޭނަގެ ސަބަބުން ލިބުނު ހިތާމަތަކަށްޓަކައި މިރްޒާން އޭނައަށް މަޢާފު ނުކޮށްފާނެތީ. ވަރަށް ވިސްނައިދޭން އުޅުނިން. އެކަމަކު އަމްނާ އަޑެއްނޭހި. ބަދަލުގަ އެކި ގޮތްގޮތުން މިރްޒާންއަށް ހަދިޔާ ފޮނުވަން ފެށި. ބުނި ތިމަންނަ ތަންކޮޅެއް ކުރިން ވެސް ހަދިޔާއެއް ފޮނުވީމޭ. އެކަމަކު މިރްޒާންގެ ޚަބަރެއް ނުވިއޭ. އޭގެ މާނައަކީ މިރްޒާން އޭނަ މަތިން ހަނދާން ނައްތާލީ ނޫންތޯއޭ ބުނަން ފެށީ…..އަހަރެން އެދުވަހު މާޝާއަށް ގުޅީ އަމްނާ ފުރަން އުޅުނު ދުވަހު. އެންމެ ފަސޭހައިން މި ޚަބަރު މިރްޒާނާއި ހަމައަށް ފޯރުކޮށްދެވޭނީ މާޝާގެ ފަރާތުންހެން ހީވީމަ. އެކަމަކު މާޝާއާއި ގުޅުނުއިރު މިއޮތީ މާ ލަސްވެފަ. އެދުވަހު އަހަންނަށް ފަހުން މެސެޖު ނުކުރެވުނީވެސް އަމްނާ ހުއްޓުވަން މަސައްކަތް ކުރަމުން ދިޔައީތީ އަމްނާ އަނެއްކާވެސް އެނބުރި ދިޔައީ ލަންޑަނަށް. ބުނީ މިރްޒާން ގާތު ބުނެދެއްޗޭ ޢަބްދު ﷲ ރަނގަޅަށް ބަލައްޗޭ. ޢަބްދު ﷲ ހުރީ އޭނަ ކައިރީގަހެން ތިމަންނައަށް ހީވޭ. އޭނަ ލަންޑަނަށް ދިޔައީ މިރްޒާންގެ ހަނދާންތަކުން ދުރުވެ އޭނަގެ މަސައްކަތަށް ސަމާލުކަން ދޭން. އޭނަގެ ތުއްތައަށް ރަނގަޅުގޮތް ފެނޭތޯ މަސައްކަތްކުރަން. އެކަމަކު އޭނަ އެ ދިޔައީ އަމިއްލަ ނަފްސުގެ ބަރުބާދުގެ ތެރެއަށް. އޭނަ އެހާ ބޮޑަށް ނާއުއްމީދުން ފުރިގެން ދިޔައިމަ އެޅުނު ފިޔަވަޅެކޭ އެއީ އަހަރެން ބުނާނީ…..މި ހުރިހާ ވާހަކައެއް މާޝާގެ ދޮންބެއަށް ކިޔައިދީ މާޝް. ކިޔައިދީފަ މާޝާގެ ދޮންބެއާއި އަމްނާ ދައްތި އަލުން ގުޅުވައިދީ. އެދެމީހުން އެކަކު އަނެކެއްދެކެ ވަރަށް ލޯބިވޭ މާ ޝާ ﷲ!” މަންހާ ވާހަކަ ދެއްކިއެވެ. މާޝާއަށް އެ ވާހަކަ އަޑުއިވިފައި ބޯޖަހާލަމުން އާނއެކޭ ބުނެލެވުނެވެ.

 

**

 

އެދުވަހު މާޝާ ކުލާސް ނިންމާފައި ބޮޑުބޭބެ ކައިރީގައި އެދިގެން ދިޔައީ ދޮންބެގެ އެޕާޓްމެންޓަށެވެ. މާޝާ އެދުނު ފަދައިން ބޮޑުބޭބެ އޭނަ އެގެއަށް ބާލާފައި ދިޔައީއެވެ. މާޝާ އެ އެޕާޓްމެންޓަށް ވަންއިރު ދޮންބެއާއި މުޙްސިން ވެސް އަވަދިނެތި ދަތުރު ހަދަމުން ދިޔައެވެ.

 

“ކޮން ކަމެއްތަ ދޮންބޭ؟” އެޕާޓްމެންޓްގެ ދޮރު ހުޅުވުމަށްފަހު އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ކޮޓަރިއާއި ދިމާލަށް މިޞްރާބު ޖެހި ދޮންބެ ކައިރިން މާޝާއަށް އަހާލެވުނެވެ.

 

“ލަންޑަނަށް މި ދަނީ. މުޙްސިންއާއެކީ. އަމްނާ ދައްތި ހުރީ ލަންޑަންގަކަން މިހާރު ޔަޤީންވެއްޖެ.” އޭގެ އިރުކޮޅެއްކުރިން ޕޯސްޓް އޮފީހުން އެ މަޢުލޫމާތު ހޯދި މިރްޒާން ބުނެލިއެވެ.

 

“ކް…ކިހިނެއް ދޮންބެއަށް އެނގުނީ؟ އަހަރެން ވެސް މިއައީ ތި ޚަބަރު ހިފައިގެން!” މާޝާއަށް ބުނެލެވުނެވެ. އެއާއެކު މިރްޒާނަށް އޭނަގެ ކޮއްކޮއާއި ދިމާލަށް ބަލާލެވުނެވެ. އެ ޚަބަރު ދިނީ ކާކުތޯ ސުވާލުކޮށްލެވުނީ މާޝާއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެމުންނެވެ. އެއާއެކު މާޝާ ދެންމެ އޭނައަށް އިވުނު ހުރިހާ ވާހަކައެއް ފަށައިގެން ގޮސް ނިމެންދެން ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ މިރްޒާންގެ ހިތުތެރޭގައި އެތައް ޖަޒުބާތެއް އަރާ ފައިބަމުން ދިޔައެވެ. އޭނަ ހީކޮށްގެން ހުރީ ސިޙުރުގެ ސަބަބުން އަމްނާ އޭނަ މަތިން އެއްގޮތަކަށް ވެސް ހަނދާން ނުހުންނާނެ ކަމަށެވެ. އެހެނަސް އޭނަ ފަދައިން އަމްނާވެސްވީ އެމީހުން ވީ ލޯބީގެ ހަނދާނުގައިކަން އެނގުންވުމުން މިރްޒާންގެ ލޮލުން ކަރުނަ ހިލުނެވެ. އޭގެ މާ ގިނައިރެއް ނުވެ ހިތް ނަފްރަތުން ފުރިގެން ދިޔައީ އަމްނާއަށް ފަހުން ވެސް އަނިޔާކުރި މީހުންގެ ތެރޭގައި މައިސޫންގެ ނަން ވެސް އިވިގެން ދިޔުމުންނެވެ. މާޝާގެ ވާހަކަ އަޑުއަހަން އިށީނދެ އިނދެފައި މިރްޒާނަށް ތެދުވެލެވުނީ ވެސް އެ ނަފްރަތާއި އެކީގައެވެ. އަދި ދެން އޭނަ ދިރިހުއްޓާ އެއްވެސް މީހަކަށް އަމްނާއަށް ގެއްލުމެއް ނުދެވޭނެކަމުގެ އުއްމީދާއި އެކީގައި ވެސްމެއެވެ. މިރްޒާން ހަމަ އެދުވަހު ހަވީރު އޮތް ފްލައިޓުން މުޙްސިންއާއެކީ ލަންޑަނަށް ފުރައިގެން ދިޔައެވެ.

 

**

 

އެރޭ ލަންޑަނަށް ގަޑިން 9:30 ވާން ގާތްވެފައި ވަނިކޮށް އަނދިރި ކޮޓަރިއެއްގެ ތަޅުންމަތީގައި އޮށޯވިފައި އޮތް އައްޒާމްގެ ދެލޯ ހަނިގޮތަކަށް ހުޅުވިގެން ދިޔައެވެ. އެ ހިނދު ސީދާ އޭނަގެ ލޯމަތިން ފެންނަމުން ދިޔަ އަލިން ވީ އުނދަގުލާއެކީ އޭނައަށް ލޯ ތަގުޅި ކޮށްލެވުނެވެ. އެހެނަސް އޭނަ ގަދަކަމުން ދެލޯ ހުޅުވައި ކުއްލިއަކަށް ތެދުވެލީ ރޭގަނޑުވެއްޖެކަން އެނގުންވުމުންނެވެ. އެންމެ ފުރަތަމަ ވެސް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނީ އޭނައަށް މަޣްރިބް ނަމާދު ކުރެވުނުތޯއެވެ. އޭނައަށް ހުއްޓުމެއްނެތި ގަދަކަމުން އޭނައަށް ދެވެމުން ދިޔަ މަސްތަވާތަކެތީގެ ސަބަބުން އެއްޗެއް ހަނދާނަށް ގެންނަން ވެސް ފަހަކަށް އައިސް އޭނައަށް ވަނީ އުދަގޫވެފައެވެ. މަސްތުގައި އޭނައަށް ކުރެވޭ ކަމެއް ނުކުރެވޭކަމެއް އެއްގޮތަކަށް ވެސް ހަނދާނެއް ނުހުރެއެވެ. އޭނައަށް ނޭނގި އޭނައަށް ކުރެވޭ ކަންތަކާމެދު އޭނަ ބިރުވެސް ގަނެވެ. ހޭއަރާއިރު ގިނަ ފަހަރު ހުންނަނީ އެ ކޮޓަރީގައި ރޭވިފައި ހުރި އެކިއެކި އެއްޗެހި އެކި ތަންތަނަށް އުކިފައެވެ. ހޭއެރުމަށްފަހު ވެސް ބައެއްފަހަރު އޭނައަށް ރުޅިވެރިކަމާއެކީ ކޮޓަރީގެ ތެރެއިން ފެންނަމުންދާ އެކި އެއްޗެއްސަށް ގެއްލުންވެއެވެ. އޭނަގެ ހަށިގަނޑުން އަބަދުވެސް އަރައަރާ ހުންނަ ހޫނެއްގެ ސަބަބުން އެ ރުޅިވެރިކަން އިތުރުވެގެންދެއެވެ. އަދި އަނެއްބައި ފަހަރު އޭނަ ހަމަހޭގައި ހުންނަތާ ގަޑިއިރުތަކެއް ފަހުން އޭނަގެ ގައިގައި ރިއްސާ އަތް ތުރުތުރު އަޅައެވެ. އެވަގުތުތަކުގައި އަމިއްލަ ނަފްސަށް ޙަމްދަރުދީވެވޭ ވަގުތު އޭނަގެ ޙަޔާތުގައި ހިނގިހާ ހިތާމަވެރި ކަންތައް އޭނަގެ ހަނދާނަށް އާދެއެވެ. އެ ވޭނާއި އެކަނިވެރިކަމުގައި އޭނަ އެންމެ ބޮޑަށް ހަނދާންވަމުން ދިޔައީ މާޝާ މަތިންނެވެ. މާޝާ މިހާރުވާނީ އެހެން މީހަކާއެކީ އުފަލުގައިދޯއޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ މާޝާދެކެ ކިހާ ލޯބިވާކަން މާޝާއަށް އެނގޭނެތޯއޭ ބުނެ ހިތް ސުވާލުކުރަމުން ދިޔައެވެ. އޭނަ މާޝާއަށް މިހާ ބޭނުންވި ދުވަހު މާޝާ އޭނަމަތިން ހަނދާންވާނެތޯ ހިތަށްއަރާ ކޮންމެ ފަހަރަކު އައްޒާމްގެ ގިސްލުމުގެ އަޑު އެ ކޮޓަރީގައި ހަރުލައެވެ. އެހެނަސް އޭނަ އެ ޙާލުގައިވެސް އެހީ ހޯދަން ނިންމީ ނަމާދުންނެވެ. ބަންގި ގޮވާ އަޑު ނީވުނެއްކަމަކު އައްޒާމް އެ ކޮޓަރީގައި ހުރި ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނަމާދުކުރަމުން ދިޔައީ ނަމާދު ވަގުތުތައް އަންދާޒާކޮށްފައެވެ. އަބަދުވެސް އަނދިރިކޮށް ހުންނަ އެކޮޓަރީގައި އަންދާޒާކުރަން ދަތިވިޔަސްމެއެވެ.

 

އެވަގުތުވެސް އައްޒާމް ތެދުވަން އުޅުނީ ޢިޝާ ނަމާދުކުރަން ކަމަށެވެ. އެހެނަސް ތެދުވުނު ތަނާހެން ބާރު އަޑަކާއެކީ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުން އައްޒާމަށް ބަލާލެވުނެވެ. އެ ދޮރުމަތީގައި ހުރީ އޭނައަށް މި ޙާލު ޖެއްސި މައިސޫން ނޫން ދެވަނަ މީހެއްނޫނެވެ. މައިސޫން އާދައިގެ މަތިން މަލާމާތުގެ ހިނިތުންވުމެއް ދައްކާލިއެވެ.

 

“ކިހިނެއްތަ ސުވަރުގޭގެ ދާންތަކުގައި އަރާމުކޮށް އުޅޭ ކުއްޖާ؟ އަޅެ މިއީތަ ހަމަ ތި މީހުން އުޅެން ބޭނުންވާ ޒާތުގެ ދިރިއުޅުމަކީ؟ ޕިސް ޕިސް ޕިސް……އައްޒާމް ބޭނުންނަމަ އަހަރެން އައްޒާމަށް ކޮށްނުދޭނެ ކަމެއް ނޯންނާނެ. އެކަމަކު އެތައް ފަހަރެއްގެ މަތިން ބުނީމަ ވެސް އަޑެއް ނޭހީމެއްނު؟ ދެން އޮންނަން ޖެހޭނީ މިގޮޅީގެ ތެރޭގަ. ތިކަހަލަ މީހަކު އަހަރެންގެ އަތުގަ ޖެހުނިއްޔާ އަހަރުމެން ހަދާގޮތްމީ!” މައިސޫން އައްޒާމަށް ލޯ އަޅަމުން ބުނެލިއެވެ. މައިސޫންގެ އެ ވާހަކައިން ވެސް އައްޒާމަށް ފާހަގަވެގެން ދިޔައީ އޭނަގެ ބަލިކަށިކަމެވެ. ދެމީހުންގެ ދެމެދުގައި ޢަދާވާތްތެރިކަމެއް މިއޮތީ ޚިޔާލު ތަފާތުވުމެއްގެ ސަބަބުންނެވެ. މައިސޫނަށާއި އޭނަގެ މަންމައަށް ވެވޭނެނަމަ އެމީހުންގެ ވިސްނުން ކިހާ ފުރިހަމަ ކަން އައްޒާމަށް ސާބިތުކޮށްދެވުނީހެވެ. އެހެނަސް ބަދަލުގައި އެމީހުން އޭނައަށް އަނިޔާކުރަމުން ދާ ދިޔުމާއި، ތަންކޮޅެއް ކުރިން އަމްނާ ނަމަކަށް ކިޔާ އަންހެނަކަށް މި މީހުން ހެދިގޮތުގެ ވާހަކަ އިވުމުން އައްޒާމްގެ އީމާންތެރިކަން ވަރުގަދަވުން ނޫންކަމެއްނުވެއެވެ. އެފަދަ ރައްދެއް ދޭން އައްޒާމް ބޭނުންވިއެއްކަމަކު ހޫނުވަމުން ދިޔުމުގެ ސަބަބުންނާއި ސިކުނޑިއަށް ހާސްކަމެއް ވެރިވެފައިވުމުގެ ސަބަބުން އައްޒާމަށް ވާހަކައެއް ނުދެކެވުނެވެ. އެ ހިނދު އޭނައަށް ބޭރުން އޭނަގެ މަންމަގެ އަޑު އިވުނެވެ.

 

“ކޮބާ ކިހިނެއްތަ މިގޭގަ އުޅޭ ޢިއްޒަތްތެރި މެހުމާނު؟” އާޝިޔާ އެ ސުވާލު ނިންމި ހިނދު ހުރީ މައިސޫންގެ ކައިރީގައި ހުއްޓިލައިގެންނެވެ.

 

“މަނިކުފާނަށް ވީހާވެސް މޮޅެތި ޚިދުމަތްތަކެއް ދެވޭތޯ މި މަސައްކަތް ކުރަނީ. އެކަމަކު މަނިކުފާނަށް ފަހަކަށް އައިސް ވާހަކައެއްވެސް ނުދެއްކޭ. ހީވަނީ މަނިކުފާނަށް މިހާރު ދޫ ހިއްލަން ވެސް އުދަގުލީހެން. ހިއެއްނުވޭ އަހަރުތަކެއް ވިޔަސް މީނައަށް ކުރިމަތިވާ ދަތިތަކަށް ނިމުމެއް އަންނާނެހެން. ކިހާ ދެރަ! ދެން އޭނަގެ ލޯބިވާ އަނބުރާ އަޔަސް ކިހިނެއް އޭނައާ އިންނާނީ. މަސްތުގަ ނޭނގިވެސް އޭނައަށް މީހަކު މަރާވެސް ލެވިދާނެވިއްޔާ!” މައިސޫން އެ ވާހަކަ ބުނެލީ ނަފްސާނީ ގޮތުން ވެސް އައްޒާމް ބަލިކަށި ކުރުވުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. މައިސޫންގެ ބަސްތައް ދުނި ތީރުތަކެއް ފަދައިން ގޮސް އައްޒާމްގެ ހިތަށް ހެރުނެވެ. ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ މައިސޫން އެ ބުނިހެން މާޝާ އަނެއްކާ އަނބުރާ އޭނަގެ ޙަޔާތަށް އަޔަސް އޭނަ މާޝާއާއި އިންނަން ޤާބިލެއް ނޫންކަމާމެދު ޔަޤީންކުރެވުމުންނެވެ. އައްޒާމްގެ ލޮލުން ކަރުނަތައް ފައިބަން ފެށި ވަގުތު އާޝިޔާ އެމީހުންގެ ވާހަކައިގެ މިޞްރާބު ބަދަލުކުރިއެވެ.

 

“މީނަ ބަހައްޓާ! މީނަ މިރޭ ބަލާނީ އަހަރެން. ސޫން ދޭ ދެން ހުރި އަންހެން މީހާގެ ދުވަސް ދުއްވާލަން. ހިތުން އޭނަ އަދި އަހަރުމެންނަށް ނަޞޭޙަތްދީފަ ސިޓީ އެބަ ފޮނުވާ. އޭނައާއި އަހަރެންގެ އެއްވެސް ގުޅުމެއް އޮންނަކަމެއް އަހަރެން މިކޮޅުގެ އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫން. މަރާލާ އޭނަ! މިރޭ ވާންޖެހޭނީ އޭނަގެ ޙަޔާތުގެ ފަހު ރެއަށް!!” އާޝިޔާ ލޮލުން އަލިފާންކަނި ބުރާ ޙާލު ބުނެލިއެވެ. އޭނަ ޙަޤީޤަތުގައި ބިރުގެންފައިވީ އަމްނާ ފޮނުވި ސިޓީތަކުން އަމްނާ އޭނައާއި ބައްދަލުކުރަން ވެސް ފަށާފާނެކަމަށެވެ. އެހެންވެއްޖެނަމަ އޭނައަށް ލަންޑަނުން ލިބިފައިވި ބޮޑު މުސާރައިގެ ވަޒީފާވެސް ގެއްލުން އެކަށީގެންވެއެވެ. އެ ވަޒީފާ އޭނައަށް ދީފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކުރާ ބޮޑު މީހެއް ވިއްޔާއެވެ. އާޝިޔާ އޭނަގެ އާޚިރަތް ވިއްކާލަން ޖެހިލުމެއްނުވީ ދުނިޔޭގެ ލައްޒަތަށް ހުރި ލޯތްބެއްގެ ސަބަބުންނެވެ.

 

“ނޯ ވޮރީސް. ތިކަމަށްޓަކައި ހުރިހާ ކަމެއް ރޭވިފަ ހުރީ. ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އޭނަގެ ނިމުން ގޮސް އޭނައާއި ބައްދަލުކުރާނެ.” މައިސޫން ވެސް އާޝިޔާއާއި އެއްޒާތެއްގެ އެދުންތަކާއެކީ ބުނެލިއެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި ވެސް ނުލަފާ ހިނިތުންވުންތަކެއް ބަދަލުވިތަން ފެނުނު އައްޒާމްގެ ހިތުގައި ބިރުވެރިކަމެއް އުފެދިގެންދިޔައެވެ. އޭނައަށް ވަގުތުން އެމީހަކު މިމީހުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރެވުނީ އޭނަ ބޭނުންވިޔަސް އޭނައަށް ކުރެވޭނެ ކަމެއް ނެތްކަން ޔަޤީންވުމުންނެވެ.

 

**

 

9:45 ވީ ވަގުތު ލަންޑަންގެ މަގެއްގެ އެފަރާތުން އަންހެނަކު ހިނގާފައި ދިޔައީ ލަސް ފިޔަވަޅުތަކެއްގައެވެ. ނިމެމުން ދިޔަ ފިނި މޫސުމުގެ ފިނިކަން އެ ރޭގަނޑުގައި ހިފާފައި ވީތީ މަގުމަތިން ހިނގާފައި ދިޔަ އެހެން މީހުން ފަދައިން އެ އަންހެން މީހާވެސް ހުރީ ކަކުލަށްވުރެ ތިރިއަށް އޮތް ކޯޓެއް ލައިގެންނެވެ. އެހެނަސް ހަމައެކަނި ތަފާތަކަށްވީ އޭނަ އަޅައިގެން ހުރި ބުރުގާއާއި ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމެވެ. އާނއެކެވެ. އެއީ އަމްނާ ނޫން ދެވަނަ މީހެއްނޫނެވެ.

 

އަމްނާ ދެކެ ފަރިތަވެފައިވާ އެ ޞަރަޙައްދުން ހިނގާފައި ދިޔައިރު އޭނަގެ މިޞްރާބު ހުރީ ކޮންމެވެސް ފިހާރައަކާއި ދިމާލަށެވެ. އޭނަ އެ ފިހާރަ ކައިރިއަށް ދަނީ އޭނަގެ އެކުވެރިޔަކާއި ބައްދަލު ކުރުމަށެވެ. އެއީ މެލޭޝިޔާގައި އޭނަ އުޅުނު ވަޒީފާގައި އޭނައާއި މާ ގާތްކޮށް އުޅުނު މުވައްޒަފެއްވެސް ނޫނެވެ. އެހެނަސް އެ އަންހެން ކުއްޖާ މިރޭ ކުއްލިއަކަށް އޭނައަށް ގުޅާފައި ކޮންމެވެސް ފިހާރައެއްގެ ކައިރިއަށް އައުމަށް އެދުނީ އެހީއަކަށް އެދެމުންނެވެ. އަމްނާއަށް އެ އެދުމަށް އިންކާރެއް ނުކުރެވުނެވެ. މީހަކު އެހީއަކަށް އެދުމުން އިންކާރުކުރުމަކީ އޭނަގެ ގޮތަށް ނުވާތީވެއެވެ. އޭނައަށް މި އާދަ ދަސްވެފައިވަނީ ކާކުގެ ފަރާތުންކަން އޭރުވެސް އޭނަގެ ހަނދާނަށް އަންނަމުން ދިޔަދިޔަހެން މޮޅިވެރިކަމެއް އޭނަގެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ. އެ ޚިޔާލުތަކުގެ ތެރެއިން އަމްނާއަށް ނިކުމެވުނީ ކުއްލިއަކަށް އަންހެން ކުއްޖަކު އޭނަގެ ނަމުން ގޮވާލި އަޑަށެވެ. އެ ހިނދު މަގުގެ އަނެއްފަރާތުގައި ހުރި އެއްކަލަ ފިހާރައިގެ ކުރިމަތިން އޭނަގެ އެކުވެރިޔާ އަމްނާއަށް ފެނުނެވެ. އަމްނާ މަގު ހުރަސްކުރަން ފެށީ މަގުގެ ދެކޮޅު ބަލާފައެވެ. އެ ހިނދު އެތާ ތަންކޮޅެއް ދުރު ހިސާބެއްގައި ސްޓާޓުގައި އޮތް ޓްރަކަކީ ބަޔަކު މީހުން ރާވައިގެން ބާއްވާފައި އޮތް އެއްޗެއްކަން ނޭނގި އަމްނާ މަގު މައްޗަށް ނިކުތެވެ. އެއާއެކު ޓްރަކެއްގެ އަޑު ގާތްވާން ފެށުމުން އަމްނާ އެފަރާތަށް ބަލައި އޭނަގެ ފިޔަވަޅުތަކަށް ބާރުލިއެވެ. އެހެނަސް މަގުގެ މެދާއި ހިސާބަށް ދިޔަ ވަގުތަކީ ބާރު ސްޕީޑެއްގައި އައި އެ ޓްރަކުގައި އަމްނާ ޖެހި މާ ދުރަށް ވިއްސިގެން ދިޔަ ވަގުތެވެ. ބިންމަތީގައި އަނގަމަތިން އޭނަ ގޮސް ޖެހުނު ހިނދު އޭނަގެ ޙަރަކާތްތަކަށް ހުއްޓުމެއް އައިސް އޭނަގެ ދެލޯ މެރިފައިވިއެވެ. މާ ގިނައިރެއްނުވެ އޭނަގެ ބޮލުގެ ދަށުން ފައިބަން ފެށި ލޭ މަގުގެ ތާރުގަނޑު މައްޗަށް ފެތުރެން ފެށިއެވެ.

 

**

 

މިރްޒާނާއި މުޙްސިން ދަތުރުކުރަމުން ދިޔަ ފްލައިޓް ލަންޑަންގެ އެއާރޕޯޓެއްގައި ޖެއްސީ 12 ޖަހަން ގާތްވެފައި ވަނިކޮށެވެ. ފްލައިޓުން ފޭބުމާއެކު މިރްޒާން މުޙްސިނާއެކީ މިޞްރާބުޖެހީ އަމްނާގެ ބޮޑުބޭބެ ހުންނަ ގެއެއް ހަނދާންކޮށް އެގޭގެ އެޑްރެހަށެވެ. އަމްނާ ހުންނާނީ އެގޭގައޭ ހިތާއެވެ. އެހެނަސް އަރާމުކުރުމެއްނެތި ކުރި އެ 3 ގަޑިއިރުގެ ދަތުރަށްފަހު އެގެއަށް ދިޔުމުން ލިބުނު ޖަވާބުން މިރްޒާން ކަންބޮޑުވިއެވެ.

 

“އަމްނާ ނާދޭ މިގެއަށް. އަހަރުމެން އަމްނާ ނުދެކޭތާވެސް މިހާރު އަހަރުތަކެއްވެއްޖެ.” އެ ބޮޑުބޭބެ މިރްޒާން ސުވާލުކުރުމުން ޖަވާބުދިނެވެ. އެއަށްފަހު ވެސް މިރްޒާން އުއްމީދު ކަނޑާލުމެއްނެތި އެ ހިސާބުގަނޑުގައި ތިބި އެކި މީހުންނަށް އަމްނާގެ ފޮޓޯ ދައްކައި އޭނަގެ ހޯދުންތައް ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތުގައި އުޅެމުން މިރްޒާން މުޙްސިން ބެހެއްޓުމަށްޓަކައި އެޕާޓްމެންޓެއް ހިފިއެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން މުޙްސިނަށް ކޮޓަރިއަކަށް ވަދެވުމާއެކު ނިދުނެވެ. އެހެނަސް މިރްޒާން ނިދަން އުޅުމުން ވެސް އޭނަގެ ލޮލަކަށް ނިންޖެއްނައެވެ. އޭނަ ހުރީ އަމްނާއާއި ނުހަނު ގާތުގައިހެން ހީވަމުން ދިޔަ ވަރުން އޭނަ ހުއްޓުމެއްނެތި އެމީހުންގެ ކުރީގެ އެކުވެރިންނަށް ގުޅައި އަމްނާ ދުށިންތޯ ސުވާލުކުރަމުން ދިޔައެވެ. މިރްޒާން އޭގެ އަނެއްދުވަހުގެ ރޭ ޖެހެން ވެސް ހޭދަކުރީ މި ފަދައަކުންނެވެ. ކުރި އެތައް ދަތުރަކަށްފަހު ވެސް އަމްނާ ފެންނަ ގޮތެއް ނުވުމުން މިރްޒާން އެންމެ ފަހުން ގުޅާލީ ހާޝިމަށެވެ. އޭނަ ހާޝިމަށް ގުޅާލީ ވަކި ޙައްލެއް ހޯދާކަށް ނޫނެވެ. އޭނަގެ ހިތްވަރު ދޫނުކުރަން ހިތްވަރެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ގުޅާލި ގުޅާލުމުން މިރްޒާނަށް ވަގުތުން ޙައްލެއް ލިބުނެވެ.

 

“ޒަމީނަށް ގުޅާބަލަ މިރްޒާން. ޒަމީން ބައްޕައަށް ނުގުޅާތާ ދުވަސްކޮޅެއްވެއްޖެ. އައްޒާމްގެ ޚަބަރެއްވެސް ނުވޭ. ބައްޕައަށް ވަރަށް ހީވޭ ޒަމީން ދަރިފުޅަށް އެހީވެދޭނެހެން. މަޑުކޮށްލައްޗޭ. މީހެއް ކައިރި ބުނެގެން ދަރިފުޅަށް އެ ނަންބަރު އެބަ ފޮނުވަން.” ހާޝިމް އެހެން ބުނެ ފޯނު ބޭއްވިއެވެ. މިރްޒާން އޭނަގެ ފޯނު ކަންފަތުން ވަކި ކުރިތާ މާ ގިނައިރެއްނުވެ އޭނަގެ ފޯނަށް މެސެޖެއްއައެވެ. މިރްޒާން ވަގުތުން އެ މެސެޖުގައިވި ނަންބަރަށް ވައިބާރއިން ގުޅަން ފެށީ ހިސާބެއްގެ ނުތަނަވަސްކަމާއި އެކީގައެވެ. އޭނަ މި ގުޅަނީ އާޝިޔާގެ ފިރިހެނުން ކައިރިން އަމްނާގެ ޚަބަރެއް ހޯދަންކަން އެނގުންވުމުންނެވެ. އެހެނަސް ފޯނު އެކޮޅުން ނެގުމާއެކު އޭނައަށް ވާހަކަ ދެކެވުނީ ދެންމެ ބައްޕަ ދެއްކި ވާހަކައަށް އިތުބާރުކުރަމުންނެވެ.

 

“ސަލާމް…..ޒަމީން ދެއްތޯ؟” މިރްޒާން އެ ސުވާލުކޮށްލީ މަގުމަތީގައި ހުރެއެވެ.

 

“އާދެ!” ޒަމީން ބީރައްޓެހި ގޮތަކަށް ބުނެލިއެވެ.

 

“އަމް….ޒަމީނަށް އަމްނާ ވީތަނެއް އެނގިލައްވާތޯ؟” މިރްޒާން ޖެހިލުންވުމަކާއެކީ ސުވާލުކުރިއެވެ.

 

“އަމްނާއޭ؟ އޮހް! ތިއީ އެއްކަލަ މިރްޒާންއޭ ދޯ؟ މައިސޫންގެ ކޮއްކޮ؟” ޒަމީން ކުއްލިއަކަށް އެނގުނު ގޮތަކަށް ސުވާލުކުރުމުން މިރްޒާނަށް ހޫންލައްވާލެވުނީ ބުމަގޮށްޖަހާލަމުންނެވެ.

 

“އަމްނާ ވީ ލަންޑަންގަ. ލަންޑަންގަ އޭނަ ޔުނިވާރސިޓީގަ އުޅުނުއިރު ބޮޑުބޭބެގެ ގޭގަ އުޅެމުން ވެސް ވަކި ހިސާބަކުން އުޅެން ފެށީ އެހެން ޢިމާރާތެއްގަ ކަންނޭނގެ އޭނަ މިހާރުވެސް އުޅެނީ. އެހެން އަހަރެން އަޑުއެހީ.” ޒަމީން ބުންޏެވެ.

 

“ބަލައިފީމޭ އެ ޢިމާރާތްވެސް. އަދި މުޅި އެ ހިސާބުގަނޑުވެސް. އަމްނާގެ ބޮޑުބޭބެ ކައިރިން ވެސް އެހިން އެކަމަކު އެ ބޭބެއަކަށް ވެސް ނޭނގޭ. ދެން އަމްނާ ހުރެދާނެ ތަނެއް އެނގޭތަ؟” މިރްޒާން އޭނަގެ ޖިލުންވުމުގެ މަތިން ހަނދާން ނައްތާލަމުން އެހިއެވެ.

 

“ނެތޭ؟! އަނެއްކާ އާޝިޔާ ކަމެއް ކުރީބާ! މަޑުކުރޭ މިރްޒާން. އަހަރެން މާދަމާ ހެނދުނު އެބަ އަންނަން ތިކޮޅަށް. އޭނަގެ ކަންތައް މިހާރު ހިސާބަށްވުރެ މައްޗަށް ގޮއްސި! ނޭނގެ ޒާމްއަށް ވެސް ކިހިނެއްކަމެއް ހަދައިގެން އުޅެނީ. ޒާމްއަށް ވެސް ނުގުޅޭތީ އަހަރެން މިކޮޅުގެ ކަންތައް ނުނިމެނީސްވެސް މި އަންނަނީ. ކަންބޮޑުނުވޭ މިރްޒާން. އަހަރެން ޔަޤީންކުރާނަން މިރްޒާނަށް އަމްނާ ހޯދައިދެވޭތޯ.” ޒަމީން މިރްޒާނަށް ޔަޤީންކޮށްދިނެވެ. އެ ހިނދު މިރްޒާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ފޯނު ކަނޑާލީ ޒަމީނަށް ޝުކުރު އަދާކޮށް އޭނައަށްޓަކައި ހެޔޮ ދުޢާކުރަމުންނެވެ.

 

ޒަމީން ވަޢުދުވީ ފަދައިން އޭނަ އޭގެ އަނެއްދުވަހު ހެނދުނު ހުރީ ލަންޑަންގެ އެއާރޕޯޓުގައެވެ. ލަންޑަނަށް އައިސް މިރްޒާނަށް ގުޅާލަން ހިތަށްއެރިއެއްކަމަކު އޭނަ ނުގުޅީ އައިސްފައިވި ރުޅިއެއްގެ ބޮޑުކަމުންނެވެ. އެ ރުޅި އަމާޒުވެފައިވީ އާޝިޔާ ނޫން ދެވަނަ މީހަކަށް ނޫނެވެ. ޒަމީން އައްޒާމަށް ނުގުޅިގެން އާޝިޔާއަށް ގުޅާ ކޮންމެ ފަހަރަކު އޭނަ ޒަމީނަށް ގުޅަން ބޭނުމެއްނުވަނީއޭ ބުނެއެވެ. އެހެނަސް އެއީ ޙަޤީޤަތެއް ނޫންކަން ޒަމީނަށް ޔަޤީނެވެ. ފޯނުން ވާހަކަ ދެއްކުމުން އޭނަގެ ރުޅިވެރިކަމުގެ ހޫނުކަން އާޝިޔާއަށް އިޙްސާސް ނުކުރެވުނީއެވެ. އޭނަ ހުރީ އެ ދާގޮތަށް ގޮސް އާޝިޔާއާއި ކުރިމަތިލާށެވެ.

 

**

 

ހެނދުނުގެ އެ ވަގުތުގައި އާޝިޔާ އިނީ ކުރާނެ ކަމެއްނެތުމުން ފޫހިވުމުން އޭނަގެ އަތުގެ ނިޔަފަތީގައި ކުލަ ޖައްސާށެވެ. އެއްއަތުގެ ނިޔަފަތީގައި ކުލަ ޖައްސާ ނިމުމުން އޭނަ އެ ނިޔަފަތަށް ފުމެލި ވަގުތަކީ މީހަކު ނުހަނު ގަދައަށް ބެލް އަޅުވާލި ވަގުތެވެ. އެ ހިނދު އާޝިޔާ ސިއްސައިގެން ދިޔުމުން އޭނައަށް ޗޮއްކަނޑާލެވުނެވެ.

 

“ދެން އެއްފަހަރު ތިއަށް ފިތާލިޔަސް އިވޭނެއޭ! އަންސިވިލައިޒްޑް ޕީޕަލް!” އާޝިޔާ ދޮރަށް ބަލަންހުރެ ކުދި ކިޔާލި ވަގުތު ގޭގެ ނޯކަރަކު ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައިން އާޝިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެތާހުރީ ރުޅިން ރަތްވެ ރޫރޫއަޅައަޅާހުރި ޒަމީން ނޫން ދެވަނަ މީހެއްނޫނެވެ. ޒަމީން ރުޅިއަންނަންވީ ކީއްވެކަން ހަނދާންވި ވަގުތު އާޝިޔާއަށް ހިންދިރުވާލެވުނީ ވެސް އުނދަގުލާއި އެކީގައެވެ. ހަމަ އެހިނދު ޒަމީން އޭނައާއި ދިމާލަށް އަންނަން ފެށުމުން އާޝިޔާގެ މޭގަނޑު އަތަށް އަންނަހާވަރުވިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ޒަމީން އޮޅުވާ ނުލެވުނުކަން އެނގުންވުމުންނެވެ. ދިގު ފިޔަވަޅުތަކެއްގެ އައިސް ޒަމީން އާޝިޔާއާއި އެއްފިޔަވަޅެއްހާ ދުރުގައި މަޑުކޮށްލިއެވެ.

 

“އައްޒާމް ކޮބާ؟” ޒަމީން ކުރު ސުވާލެއް ކޮށްލީ ދެލޯ ކުޑަކޮށްލަމުންނެވެ. އެ ހިނދު އާޝިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ހަމަޖެހެން މަސައްކަތްކުރިއެވެ.

 

“ހް…ހެހެހެ…ޒާމް ހުރީ ކޮންމެވެސް އެމިއުޒްމެންޓް ޕާކަކަށް ގޮއްސައޭ ލޯބި. ތަންކޮޅެއް ދުރުގަ ހުރި ތަނަކަށް ވީމަ ބުނި މިއަދު ހަވީރޭ އާދެވޭނީ.” އާޝިޔާ އޭނަގެ ހިނިތުންވުން ދެމެހެއްޓޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ހިނދު ޒަމީން ވެސް އާޝިޔާ ބިރުގަންނަ ފަދަ ހިނިތުންވުމެއް ދައްކާލިއެވެ.

 

“ރައިޓް! މިހުރިހާ ދުވަހު ޒާމް ހުރީ އެމިއުޒްމެންޓް ޕާކެއްގަ. އެހެންވެ އޭނައަށް އަހަންނަށް ނުގުޅުނީ…” ޒަމީން ބޯޖަހަމުން އެހެން ބުނުމަށްފަހު އާޝިޔާއަށް ވެސް ހެވުނުތަނާހެން ކުއްލިއަކަށް އާޝިޔާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. އެ ހިނދު ހިތަށާއި ސިކުނޑިއަށް ވެސް ސިހުމެއް ލިބިގެން ދިޔަ އާޝިޔާއަށް އިރުކޮޅެއް ވަންދެން އޭނަގެ ކޯތާފަތުގައި ހިފަހައްޓައިގެން ހުރެވުނެވެ.

 

“ބުނާށޭ އައްޒާމް ކޮބައިހޭ؟!!! ހީނުކުރާތި މަށަށް ނޭނގޭނެ ކަމަށް ކަލޭ އައްޒާމަށް ކޮށްފާނެ ކަމެއް. މިތަނުން ދިޔައިރު ހީކުރިން ކަލެއަކީ އައްޒާމްގެ މަންމައަށްވީމަ ކުޑަމިނުން އައްޒާމަށް ގެއްލުމެއް ނުދޭނެކަމަށް. އެކަމަކު ނޫން….ޒާމް ބުނަނީ ހަމަ ތެދެއް. ބައެއް މީހުންނަކީ އެމީހުންގެ ލޮލުން ދުނިޔޭގެ ޙަޤީޤަތްތައް ނުފެންނަހާ ވަރަށްވެސް އަނދިރިވެފައިވާ މީހުން. ކޮންމެ މީހަކަށް ވެސް އަނިޔާއެއް ދެވިދާނެ ވަރަށް ހިތްހަރު ވެފައިވާ މީހުން. ﷲ ގެ ހަނދުމައިން ޤަޞްދުގަ ދުރުވާ މީހުންނަށް ލިބޭ ޖަޒާއަކީ އެއީ.” ޒަމީން ރުޅިވެރިކަމާއެކީވެސް ދައްކަން ފެށި ވާހަކައިގެ ޒާތުން އާޝިޔާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ ޒަމީނަށް މި ވަނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.

 

“ޙައިރާންނުވާތި…..ޒާމް އަހަންނަށް ވިސްނައިދިނުމުން އަހަންނަށް ޙަޤީޤަތް ފެނިއްޖެ. އަހަރެންގެ ފާފަތައް މާތް ﷲ ފުއްސަވާނެކަމުގެ އުއްމީދުގަ އަހަރެން ތައުބާވެއްޖައިން. އާޝިޔާއަށް ވެސް ވިސްނުނުނަމަ އާޝިޔާއަށް ވެސް ރަނގަޅުވީސް. އެކަމަކު ނުވިސްނި ހުރެ އަހަރެންގެ ދަރިފުޅަށް ކޮންމެ ފަދަ އަނިޔާއެއް ދީފައިވިޔަސް އޭގެ އަދަބު ކަލެއަށް ލިބޭނެ. ކަލެއާއި މައިސޫން ވެގެން އަމްނާއާއި ދެކޮޅަށް މީގެ އަހަރުތަކެއްކުރިން ހިންގި ޖަރީމާ އަހަރެން ރިޕޯޓްކޮށްފިން. ފުލުހުން އެބަތިބި މިގޭގެ ވަށައިގެން ކަލޭގެ އިންތިޒާރުގަ. ބޭނުން ދޮރަކުން ހަމަ ނިކުމެލަންވީ! ނުނިކުތިއްޔާ ގަދަކަމުން ވެސް ގެންދާނެ!” ޒަމީން ބުނެލި ވާހަކައިން އާޝިޔާގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނައަށް ހިރިލާކަށް ވެސް ނުކެރުނެވެ. އިރުކޮޅެއް ވަންދެން ޒަމީނަށް ބަލަން ހުރެފައި އާޝިޔާ ޒަމީންގެ ދެ އަތުގައި ހިފާލިއެވެ.

 

“ލޯބި ޕްލީޒް ތިހެން ނަހަދާ. އަހަރުމެން އެކަކު އަނެކެއްދެކެވީ ލޯތްބަށްޓަކާ. ޒާމްއަށްޓަކާ. ޒާމްވެސް ބޭނުންވާނެއެއްނު މަންމައަކު؟ ޕްލީޒް ލޯބި އަޑުއަހް…” އާޝިޔާގެ އާދޭސް މެދުކެނޑުނީ ޒަމީން އަޑުގެ ކޮޅަށް ދާށޭ ބުނެލުމުންނެވެ. އެ ހިނދު ޒަމީންގެ ލޮލުން އޭނައަށްޓަކައި ކުޑަވެސް ރަޙުމެއް އާޝިޔާއަށް ނުފެނުމުން އޭނަ ބަލިވީ ކަމުގެ އިޙްސާސް އާޝިޔާއަށް ކުރެވުނެވެ. އޭގެ މާގިނައިރެއްނުވެ ފުލުހުން އެގެއަށް ވަދެގެން އައިސް އާޝިޔާ ގޮވައިގެން ދިޔުމުން އޭނައަށް އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމެއް ނުކުރެވުނީ އެހެންވެއެވެ.

 

ފުލުހުންގެ ތަޙުޤީޤަށްޓަކައި އާޝިޔާ ހާޒިރު ކުރެވުނީ މައިސޫނާއި އެކީގައެވެ. މައިސޫން އަމިއްލަ ނަފްސު ދިފާޢުކުރަން އުޅުނެއްކަމަކު އާޝިޔާ ގެންފައިވި ބިރެއްގެ ސަބަބުން ހުރިހާ ވާހަކައެއް ކިޔައިދީ އިޢުތިރާފުވިއެވެ. ނަތީޖާއެއްގެ ގޮތުން މައިސޫނަށް ވެސް ސަލާމަތެއް ލިބޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އޭނަވެސް އެންމެ ފަހަކަށް އަމްނާއަށް ހެދިގޮތުގެ ވާހަކައާއި ހަމައަށް ކިޔައިދިނެވެ. ތަޙުޤީޤުގެ ތެރެއިން އަމްނާ ވީ ކޮންމެވެސް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިފައިކަން އެނގުމާއެކު ޒަމީން އެ ހޮސްޕިޓަލުގެ ނަން މިރްޒާނަށް ފޮނުވިއެވެ. އަދި ހަމަ އެއާއެކު އައްޒާމަށް ހެދިގޮތް އިވިފައި އޭނަ ވެސް ވީ ތަނެއް އެނގުމުން ޒަމީން އެ ގެސްޓް ހައުސްއަށް ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. ޒަމީން އެގެއަށް ގޮސް އެއްކަލަ ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތުވެސް އައްޒާމްގެ ހަޅޭކެއްގެ އަޑުއިވެއެވެ. ޒަމީން ގޮސް ބަލާލިއިރު އައްޒާމް ހުރީ ބާރަށް އޭނަގެ ބަނޑުގައި ހިފަހައްޓައިގެން ހަޅޭއްލަވާށެވެ. އައްޒާމަށް އެ ވަމުން ދިޔައީ ކިހިނެއްކަން އެނގުނު ހިނދު ޒަމީން ދުވެފައި ގޮސް އައްޒާމްގެ ގައިގައި ބައްދާލީ ރޮވިފައި ހުރެއެވެ. އެއަށްފަހު ލޯތްބާއެކީ އައްޒާމްގެ ބޮލުގައި ފިރުމައި ބައްޕަ މިއައީއޭ ބުނެލިއެވެ. ދެން ހުރިހާކަމެއް ރަނގަޅުވާނެ ކަމަށްބުނެ އައްޒާމް ހިތްހަމަޖެއްސޭތޯ ބަލަން ފެށިއެވެ.

 

ޒަމީން އޭނަގެ ދަރިފުޅާއި ގުޅިގެން ދިޔަހެން ހަމަ އެދުވަހު މިރްޒާނާއި މުޙްސިން ވެސް ޒަމީން ބުނި ހޮސްޕިޓަލަށް ދިޔައީ އެމީހުންގެ ޢާއިލާ ފުރިހަމަ ކުރުމުގެ ފޮނި އުއްމީދުގައެވެ. ހޮސްޕިޓަލަށް ގޮސް އަމްނާ އޮތީ އެވަގުތު ނިދިފައިކަމަށް އެމީހުން ގާތު ބުނެވުނެވެ. އެހެނަސް މިހާރު މާ ގިނައިރެއްނުވެ ހޭލާނެ ވާހަކަ އަމްނާ ބަލަމުން ދިޔަ ނަރުހަކު ބުންޏެވެ. އަމްނާ ބެލުމަށްޓަކައި މުޙްސިނާއި މިރްޒާން އެ ޕްރައިވޭޓް ރޫމުގެ ކައިރިއަށް ދިޔައީ އެކުއެކީގައެވެ. މިރްޒާނަށް އެ ދޮރު ހުޅުވާލެވުނީ ތުރުތުރެއް އެކުލެވިފައިވި އަތަކާއި އެކީގައެވެ. އެނދުމަތީގައި ދެލޯ މެރިފައި އޮތް އަމްނާ ދުރުން ފެނިފައިވެސް އޭނަގެ ހިތަށް އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވިއެވެ. އަމްނާއާއި ކައިރިވަމުން ދިޔަދިޔަހެން އަމްނާއާއެކީ ހޭދަކުރި ހުރިހާ ވަގުތުތަކެއް އޭނަގެ ހަނދާނަށް އަންނަމުން ދިޔައެވެ. އަމްނާގެ ކައިރިއަށް ގޮސް މިރްޒާނަށް އަމްނާގެ އަތްމަތީގައި އަތް އަޅާލެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. އެންމެ ފަހަކަށް އޭނަ އަމްނާ ގައިގައި ހިފަހައްޓާލި ވަގުތު ވީ ގޮތް ހަނދާނަށް އައުމުންނެވެ. އެހެނަސް އެވަގުތު އެފަދަ އެއްވެސް ބިރުވެރިކަމެއް ނުހިނގައެވެ. އަމްނާ އޭނަގެ އަތުގެ އިޙްސާސް ކުރެވުމުން ވެސް ފުން ނިންޖެއްގައި އޮތީއެވެ. އެ ހިނދު މިރްޒާނަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އޭނަ އަނެއްކާވެސް ޖެހިލުންވާ ގޮތްވީ އަމްނާގެ މެރިފައިވި ލޮލުގެ ތެރެއިން ކަޅި ހިންގަން ފެށި މަންޒަރު ފެނުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަމްނާގެ ދެލޯ ތަގުޅިވެ އެ ދެލޯ ހުޅުވިގެން ދިޔައެވެ. އެހިނދު ވަގުތުން އެތަނުން ދާން މިރްޒާންގެ ހިތަށްއެރީ އެންމެ ފަހުން އަމްނާއަށް އޭނަ ފެނިފައި ވާ ގޮތް ހަނދާންވުމުންނެވެ. އެހެނަސް މިރްޒާން އިންގޮތަށް އިންދާ އަމްނާ އޭނައަށް ބަލަން އޮވެފައި ހިނިތުންވެލީތަން ފެނިފައި މިރްޒާނަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ.

 

“މިޒް…” އަމްނާއަށް އެހެން ބުނެލެވުނީ ވައި އަޑުންނެވެ. އެތައް އަހަރެއްފަހުން އަމްނާ އޭނައަށް ލޯބިން ގޮވާލި އަޑު އިވިފައި އޭނަގެ ލޮލަށް މިފަހަރު ޖަމާވެގެން ދިޔައީ އެތައް ހާސް އުފާވެރިކަމުގެ ކަރުނަތަކެވެ.

 

“އައްނު!” މިރްޒާން ކަރުނަތަކުގެ ތެރެއިން އެހެން ބުނެލީ ހިނދު އޭނަގެ އެންމެ ޒުވާން ދުވަސްވަރަށް އަނބުރާ ދެވުނު ކަހަލަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އެހެނަސް އެވަގުތު އޭނައަށް ރޮވެން ފެށުމުން އަމްނާ ހެއްވާލުމަށްޓަކައި ވެސް އެފަދަ ވާހަކައެއް އޭނައަށް ނުދެކެވުނެވެ. އޭނަ އަމްނާގެ އަތް ހިއްލައި އެ އަތަށް ބޮސްދިނީ އޭނަ ދުލުން ބަޔާންކުރަން ނުކުޅެދުނު އެތައް ވާހަކައެއް އެ ޢަމަލުން ދެއްކުމަށެވެ. އެ ހިނދު މުޙްސިން ވެސް އެމީހުންގެ ކައިރިއަށް އައިސް މަންމައޭ ކިޔައި ވާހަކަ ދައްކަން ފެށުމުން މުޅި އެ މާޙައުލުގައި ގުގުމަން ފެށީ އުފާވެރި ވާހަކަތަކެވެ. އެ ރޫމުގެ ކުޑަދޮރުން ފެންނަމުން ދިޔަ މާޙައުލުން ވެސް ޙަރީފު މޫސުމުގެ އަސަރުތައް ފިލައި ބަހާރު މޫސުމުގެ މާތައް ހިނިތުންވާން ފަށާފައިވި ފަދައިން މިރްޒާންގެ ޙަޔާތުންވެސް ހިތާމަވެރިކަމުގެ ހުރިހާ އަސަރެއް ފިލައި އުފާވެރިކަމުގެ ހިނިތުންވުންތައް ފާޅުވާން ފެށިއެވެ.

 

**1 އަހަރު ފަސް**

 

ހުކުރު ދުވަހެއްގެ ހުކުރަށްފަހު ހާޝިމްގެ ގޭގައި އެތައް ބަޔަކު ހޭލަމޭލައަށް އުޅެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ދުވަހަކީ އައްޒާމާއި މާޝާގެ ކައިވެނި އޮތް ދުވަހަށްވުމުން ތައްޔާރީތަކެއް ވެވެމުން ދިޔައީ އެކަމަށެވެ. ކައިވެނި ކުރެވެން އޮތީ އެދުވަހު ހަވީރު 4 ޖަހާއިރު މިސްކިތެއްގައި ކަމަށްވިޔަސް ކެއުން ދޭން ނިންމާފައި އޮތީ ބީޗް ހޮޓަލެއްގައެވެ. އެއީ އަމްނާއާއި މުޙްސިންވެގެން ނިންމި ނިންމުމެކެވެ. މިރްޒާންގެ ބަހުރުވައިންނަމަ އަމްނާއާއި މުޙްސިންވެގެން ހެދި ހާއްޔެކެވެ. މިރްޒާން އެ ވާހަކަ އިވިފައި ލާރި ތިއްބަސް ކަންތައް ބޮޑުނުކުރަން އެންގިއެވެ.

 

“ބައްޕާ ހޭޒް ނޯ ޓޭސްޓް. ދޯ މަންމާ؟” މުޙްސިން އޭގެ ކުރީ ރޭވެސް ކޮންމެވެސް ފިލަގަނޑެއް ތައްޔާރުކުރަން ގޭގެ ކަނެއްގައި ހުރެފައި ބުންޏެވެ. އެ ވާހަކަ ބުނެފައި މުޙްސިން މިރްޒާނަށް ބަލާލުމުން މިރްޒާން މޫނަށް ގޮތެއް ހަދާލިއެވެ.

 

“އާނދޯ؟ ވީ އާރ ސްޓަކް ވިތް ހިމް. ކަންތައް ބޮޑުކުރާކަށް ނޫން މިއުޅެނީ. ކުރާ ކަމެއް ވީހާވެސް ރީއްޗަށް ކުރަން. އެހެން ނޫނަސް ޚަރަދު ބޮޑުކޮށެއްނޫން މި ހަދަނީކީ. އަހަރުމެން އަތުގަ އޯލްރެޑީ ތިބި އެއްޗެހިން ގިނައިން މި ހަދަނީ. ކީކޭ މުޙްސިން؟” އަމްނާވެސް އެމީހުންގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

 

“އާނ އާނ….ދެން އަހަރުމެން ކަހަލަ އަތުން ފައިން ކަމެއް ކުރަން ނޭނގޭ މީހުންނަށް ތިކަން ކުރަން ނޭނގުނީމަ ދެއްކޭނީ މިކަހަލަ ވާހަކަތާ! ދެން ނިންމާލީ!” މިރްޒާން އެހެން ބުނެ އަނގަ ލައްޕާލި ގޮތުން އަމްނާއާއި މުޙްސިނަށް ވެސް ހެވުނެވެ.

 

ހަވީރު 4 ޖަހަން ގާތްވެފައިވަނިކޮށް ޒަމީން އައްޒާމް ގޮވައިގެން ދިޔަ ކާރު ގޮސް މަޑުކޮށްލީ އަމްނާއާއި މިރްޒާންވެސް ކައިވެނިކުރި މިސްކިތުގެ ކުރިމައްޗަށެވެ. އައްޒާމާއި މާޝާ މިގޮތަށް ނިންމީވެސް އެ ދެމީހުން ދިން އެ ޚިޔާލު ކަމުދިޔަވަރުންނެވެ. ޒަމީން ކާރު މަޑުކޮށްލުމުން ވެސް ކާރުގެ ކުރީ ސީޓުގައި ގަދަ މުށިކުލައެއްގެ ކޯޓު ފަޓުލޫނުގައި އިން އައްޒާމަށް ކާރުން ނުފައިބައި އިނދެވުނެވެ. ޒަމީން އެ މަންޒަރު ފެނިފައި އައްޒާމަށް ގޮވާލަމުން އޭނަގެ ކޮނޑުގައި އެއްއަތް އަޅާލިއެވެ. އެއާއެކު އައްޒާމް ޒަމީނަށް ބަލާލުމުން ޒަމީން ހިނިތުންވުމަކާއެކީ ބޯޖަހާލީ ފައިބާށޭ ބުނާ ފަދައަކުންނެވެ. އެއާއެކު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ ކާރުގެ ދޮރު ހުޅުވައި ކާރުން ފޭބިއެވެ. އައްޒާމް ދޮރު ލައްޕާލި ވަގުތަކީ ހަމަ އެ ދިމާލަށް މިރްޒާންގެ ކާރު އަންނަމުން ދިޔަ މަންޒަރު ފެނުނު ވަގުތެވެ. އެ ކާރުން އެންމެ ފުރަތަމަ ފޭބިތަން ފެނުނީ މިރްޒާނާއި ލަތީފްގެ ހާފިޒާއެވެ. އެއަށްފަހު ދެން ފައިބާނެ މީހުން ދެކުމަށްޓަކައި އައްޒާމް ކެތްމަދުވެފައި ވަނިކޮށް ހާފިޒާގެ އެހީއާއެކީ އެ ކާރުން ފޭބި އަންހެން ކުއްޖާ އޭނައަށް ފެނުނެވެ. ފަސްބައި ވަކިން ބޮޑުކޮށް އޮތް ކަޅުކުލައިގެ އަތްދިގު ހެދުމަކާއި ތަފާތު ގޮތަކަށް ދިގުކޮށް އެޅިފައިވި ޝޯލްއެއް އަޅައިގެން ހުރީ އޭނަގެ ހިތުގެ ވެރިޔާއެވެ. ހެދުމުގެ ފަސްބައި ރީތި ކުރުމަށްފަހު މާޝާ އިސްއުފުލާލުމާއެކު އައްޒާމް ފެނިގެން ދިޔުމުން އޭނަ ދައްކާލީ އުޖާލާވި ހިނިތުންވުމެކެވެ. އޭގެ ބަދަލުގައި އައްޒާމްވެސް ލުއި ހިނިތުންވުމެއް ދައްކާލި ވަގުތު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނިރާލިއެވެ. މި ދުވަސް އޭނައަށް ދުވަހަކުވެސް ނުފެންނާނެހެން ވޭތުވެ ދިޔަ ކައިރި މާޒީއެއްގައި އޭނައަށް ހީކުރެވިފައި އޮތުމުންނެވެ.

 

ބައްޕައަށް އެދުވަހު އޭނަ އޮތް ޙާލު ފެނިފައި އޭނަ ވަގުތުން ގެންދިޔައީ ހޮސްޕިޓަލަކަށެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ބޭސްދިނުމުން އައްޒާމްގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވަމުން ދިޔައެވެ. އެހެނަސް ބޭސްނުކައި ކުޑައިރުކޮޅެއް ހިނގައިދާއިރު ވެސް އޭނަގެ އަތް ތުރުތުރު އަޅައި އެހެންނޫނީ ބޮލުގައި ރިއްސަން ފަށައެވެ. ހާޝިމަށް މި ޚަބަރު ލިބުމުން އޭނަ ވަގުތުން އައްޒާމް ދެކެން ބޭނުންވިއެވެ. އެހެންކަމުން އައްޒާމް މާލެއަށް ގެންދަން ޒަމީން ބޭނުންވިއެވެ. ޒަމީނަށް ނޭނގުނު ސަބަބަކާހުރެ އައްޒާމް އެކަމަށް އިންކާރު ކުރިއެވެ. އެހެނަސް ޒަމީން އައްޒާމް ގެންދިޔައީ ކާފަ ދެކެން ބޭނުމެއްނޫންތޯ ސުވާލުކުރަމުންނެވެ. އައްޒާމް މާލެއަށް ގޮސްފައިވެސް ގެއިން ނިކުންނަން އިންކާރު ކުރިއެވެ. އެކަމާމެދު ހާޝިމާއި ޒަމީން ވެސް އިތުރު ސުވާލެއް ނުކުރީ އެއީ އައްޒާމް ބަލިވެ އުޅޭތީ އޭނަ ނިންމި ނިންމުމެއްކަމަށް ހީކުރެވުމުންނެވެ. އައްޒާމްގެ ބަލީގެ ސަބަބުން ހާޝިމްވެސް މާޝާ ދެއްކި ވާހަކައިގެ މަތިން ހަނދާން ނެތިފައިވިއެވެ. އެ ހަނދާން އާވެގެން ދިޔައީ އެއްދުވަހު ޒަމީން ގަދަކަމުން އައްޒާމް ގޮވައިގެން ބޭރަށް ދިޔުމުންނެވެ. އެ ދަތުރު މަތީގައި އެތައް ދުވަހެއްފަހުން އައްޒާމަށް މާޝާ ފެނިގެން ދިޔައެވެ. އެ ސޫރަ ފެނިފައި އޭނައަށް އުފަލެއް ލިބުނީ ހިނދުކޮޅަކަށެވެ. ހިނދުކޮޅެއްގެ ތެރޭގައި މާޝާއަކީ އެހެން މީހެއްގެ ޙައްޤެއްކަމަށް އޭނަގެ ސިކުނޑި ބުނަން ފެށުމާއެކު މި ހުރިހާ ދުވަހުވެސް އޭނަގެ ހިތުގައި ނުފިލާ ހުރި ރިހުން އެތައް ގުނައެއް ތޫނުވެގެން ދިޔައެވެ. މާޝާ ފެނުނު ފަހުން އައްޒާމް މުޅި އެ ދަތުރު މަތީގައިވެސް ހިމޭންވިއެވެ. ގެއަށް ގޮސްފައިވެސް މާޝާގެ ޚިޔާލުތަކުގައ ޣަރަޤުވެ އޭނައަށް ރޮވެން ފެށި ގޮތަށް އޭނައަށް ހުއްޓަން ވެސް ދަތިވިއެވެ. އެ ހިތާމައިގައި އޭނަ ބޭސްކާން ވެސް ހަނދާން ނެތުމުން އަނެއްކާވެސް އޭނަގެ ޙާލަތު ގޯސްވާން ފެށިއެވެ. ޒަމީނާއި ހާޝިމަށް އެކުއެކީގައި އެ ކޮޓަރިއަށް ދެވުނީ އައްޒާމް ހޮޑުލަވާ އަޑަށެވެ. ހޮޑުލުމަށްފަހު ވެސް އޭނަ ހޫނުވެގެން އުޅެން ފެށުމުން ޒަމީން ބޭސްނުކަނީތޯ ސުވާލުކުރީ އެނދުގައި އިށީންނަން އައްޒާމަށް އެހީވަމުންނެވެ. އައްޒާމް އެ ވާހަކައަށް ބޯޖަހާލި ވަގުތު ވެސް އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޒަމީން އެއީ ކީއްވެތޯ އަހައި ޒާމް ރަނގަޅުވާން ބޭނުންވެއެއްނޫންހޭ ބުނުމުން އައްޒާމް ޖަވާބުދިނެވެ.

 

“ރަނގަޅުވާކަށް ބޭނުމެއްނޫން…” ހިތަށްވެރިވެފައި ހިތާމައާއެކީ ރޮވިފައިވާ އަޑަކުން އައްޒާމަށް އެހެން ބުނެލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނަ އެހެން ބުނުމުން ހާޝިމާއި ޒަމީނަށް ވެސް ލިބުނީ ޝޮކެކެވެ. އެހެނަސް އައްޒާމް އެވަގުތު ރޯން ފެށި ގޮތުން ހާޝިމް އެހެން ދުވަހެއްގެ މަތިން ހަނދާންވުމުން އޭނަ ވަގުތުން ޒަމީންގާތު ހަދަންވީ ގޮތް އެންގިއެވެ. ޒަމީން ހަމަ އެދުވަހު ހަވީރު މާޝާ އެގެއަށް އަންނާނެ ގޮތަށް ހަމަޖެއްސިއެވެ.

 

އެމީހުން ދުށް އެތައް ހުވަފެނެއް ވިއްސިވިހާލި ވުމަށްފަހު އެތައް ދުވަހެއްފަހުން މާޝާއާއި އައްޒާމް ބައްދަލުވެގެން ދިޔައީ އެދުވަހުއެވެ. މާޝާ ފެނުނު ވަގުތު އޭނަ އަދި މީހަކާއި ނުއިންނަ ވާހަކަ އިވުމުން އައްޒާމަށް އޭނަގެ ކަރުނަތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އައްޒާމްގެ ހިތާމަވެރި މޫނު ފެނިފައި އޭނަ ތަޙައްމަލުކޮށްފައިވި ވޭންތައް ހިތަށް ގެނެވުނު މާޝާއަށް ވެސްވީ އެކަހަލަ ގޮތެކެވެ. އައްޒާމާއި އޭނަގެ ކައިވެނީގެ ވާހަކަ އެހެން މީހުން ދައްކަން ފެށުމުން އައްޒާމް އިންކާރު ކުރިކުރުމުން މާޝާ އިތުރަށް ދެރަވިއެވެ. އައްޒާމް އޭގެ އުޒުރަކަށް ދެއްކި ސަބަބުތައް އޭނަ ސިފަކުރުމުންނެވެ. އޭނަ ބުނި ގޮތުގައި މާޝާއަށް ޙައްޤުވަނީ އޭނައަށް ވުރެ ފުރިހަމަ ކުއްޖެކެވެ. އޭނައަކީ މިހާރު މީހަކާއެކީ ދިރިއުޅުމެއް ފަށަން ޤާބިލު މީހެއް ނޫނެވެ. އޭނައަށް މިކުރިމަތިވާ ޢަލާމާތްތަކަށް ނިމުމެއް އަންނާނެހެން އޭނައަށް ހީނުވާ ވާހަކަ ވެސްމެއެވެ. އެ ވާހަކަތައް އަޑުއަހަން އިނދެފައި މާޝާ ވާހަކަ ދެއްކީ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހުއެވެ. އޭނަ ކިޔާލީ އޭނައާއި އައްޒާމާއި ދެމެދު ޙިއްސާކުރެވިފައިވި އާޔަތެކެވެ. ގެއްލެނިވެގެންވާ މީހުން މެނުވީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާނެކަމަށް ދޭހަވާ އާޔަތެވެ. މާޝާ އެ އާޔަތް ކިޔުމާއެކު އޭގެ މާނަ އައްޒާމަށް އެނގުންވުމުން އަނެއްކާވެސް އުއްމީދުގައި ހިފަހައްޓަން އައްޒާމަށް ހިތްވަރެއް ލިބުނެވެ. އެހެނަސް އޭނަ ދެންވެސް މާޝާ އޭނަގެ ޙަޔާތަށް ގެންނަން ބޭނުންވީ އޭނަގެ ބަލި މުޅިން ފަސޭހަވުމުންނެވެ. ކުޑަމިނުން އޭނައަށް ނޭނގި މާޝާއަށް އަނިޔާއެއް ނުކުރެވޭނެކަން ޔަޤީން ކުރުމަށްފަހުގައެވެ.

 

މިއަދު އައްޒާމާއި މާޝާ ގުޅެން އެ އުޅެނީ އައްޒާމަށް ލިބުނު އެ އުއްމީދާއި ޔަޤީންކަމާއި އެކީގައެވެ. އައްޒާމަށް މިހާރު ކުރިން އޭނައަށް ކުރިމަތިވި އެއްވެސް ޢަލާމާތެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޝާ އޭނައާއި ކައިރިވަމުން ދިޔަދިޔަހެން އައްޒާމް އޭނަގެ ހިނިތުންވުން ފުންކޮށްލީ އެ ހިތި ހަނދާންތަކުގެ މަތިން ހަނދާން ނައްތައި އޭނަގެ އުފާވެރި މުސްތަޤްބަލުގެ އުއްމީދުތަކުން ހިތް ފުރުވަމުންނެވެ.

 

އައްޒާމް މާޝާ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރުމަށްފަހު ދެމީހުންގެ ޕާޓީ އޮތްތަނަށް ދިޔުމަށްޓަކައި ހަމައެކަނި އެދެމީހުންނަށްޓަކައި ޒަމީން އޭނަގެ ކާރު ދޫކޮށްލިއެވެ. އައްޒާމާއިއެކީ އެކަނި ދަތުރެއްކުރަން ޖެހުމުން މާޝާއަށް ހުރެވުނީ ލަދުގެންފައެވެ. އައްޒާމް އޭނައަށްޓަކައި ކާރުގެ ދޮރު ހުޅުވައި ލައްޕާލަވެސް ދިން ގޮތުން މާޝާގެ މޫނު ރަތްވިއެވެ. އެހެނަސް ކާރުގެ ކުރިމަތިން އައްޒާމް ހިނގާފައި ދިޔައިރު ވެސް އޭނަގެ މޫނުމަތިން ފެނުނު ސީރިއަސްކަމުން މާޝާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. އައްޒާމް ކަނޑައްތު ކޮށްފައިވި ދުވަސްތަކުގެ އަސަރުތައް އަދިވެސް ނުފިލަނީކަން މާޝާއަށް އެނގުންވިއެވެ. އޭނަ ހުރީ އައްޒާމްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭން އޭނައަށް ކުރެވޭނެ ކޮންމެ ކަމެއް ކުރަން އަމިއްލަ ނަފްސާއި ވަޢުދުވެގެންނެވެ. އެވަގުތުވެސް އައްޒާމް ހެއްވާލުމުގެ ރޫޙެއް އޭނަގެ ހިތުގައި އުފެދުނެވެ. އައްޒާމް ކާރަށް އަރައި ދޮރު ލައްޕާލުމުން އޭނަ ކޮންމެވެސް ދުވަހެއްގެ މަތިން ހަނދާންކޮށް އޭނަ އެ ފުރުޞަތުގެ ބޭނުން ހިފިއެވެ.

 

“ކީއްވެ ދޮރު ލައްޕާލީ؟” މާޝާ އެހެން އަހާލީ ދެއަތް މެއާއި ދިމާލުން ހުރަސްކޮށް ސީރިއަސްކަމާއި އެކީގައެވެ. އައްޒާމް އެންމެ ފުރަތަމަ އޭނައަށް ބަލާލީ ވާނުވާއެއް ނޭނގިފައި ޙައިރާންވެ ހުރެއެވެ. އެހެނަސް މާޝާގެ ކޮންޓްރޯލްކުރަމުން ދިޔަ ހިނިތުންވުމެއްގެ ސަބަބުން އޭނަވެސް އެދުވަސް މަތިން ހަނދާންވިއެވެ.

 

“ހާދަ ނުބައިކޮންނޭ ތި ވިސްނަނީ.” އައްޒާމަށް އެހެން ބުނެލެވުނީ ހިނިތުންވުމަކާއި އެކީގައެވެ.

 

“މިތާނގަ ހެޔޮކޮށް ވިސްނަންވީ ޖާގައެއްނެތް…” މާޝާ ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދެމީހުންނަށް އެކުއެކީގައި ހެވިގެން ދިޔައެވެ. އެވެގެން ދިޔައީ ދެމީހުން އެކީގައި އެގޮތަށް ސަމާސާކޮށް ހެވޭނެ ދުވަސްތަކުގެ ފެށުމަށެވެ.

 

އަންހެނުންނާއި ފިރިހެނުން ވަކިން ބޭއްވިގެން ދިޔަ އައްޒާމާއި މާޝާގެ ކައިވެނި ޕާޓީއަށް ވަރަށް ގިނަ މީހުން އައެވެ. ލަތީފާއި ހާފިޒާގެ މީހުންގެ އިތުރުން މިރްޒާންމެން އޮފީހުގައި އުޅޭ މީހުންނާއި ހާޝިމްގެ ތިމާގެ މީހުންވެސްމެއެވެ. ލަތީފާއި ހާފިޒާގެ ހިތުގައި ވެސް މިހާރު އައްޒާމަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. ޙަޤީޤަތް އެނގިގެން ދިޔުމުންނެވެ. އަދި އައްޒާމްގެ ބައްޕަ ޒަމީން ތައުބާވެފައިވާތީވެއާއި އެ ބައްޕަ އޭނަގެ ނުލަފާ މަންމަ ވަރިކޮށްފައިވާތީވެއެވެ. އާޝިޔާއާއި މައިސޫންގެ ޙަޤީޤަތް ލަތީފްމެންނަށް އެނގުމުން އެމީހުން މައިސޫންދެކެ ވެސް މުޅިން ފޫހިވިއެވެ. އެހެނަސް ޖަލުގައި ދުވަސްތައް ހޭދަކުރުމަށްފަހު މައިސޫން އަމީރާއާއި އޭނަގެ ދެ ދަރިންނާއެކީ ގެއަށް އައުމުން ލަތީފް އެގެއަށް ވެއްދީ ހަމައެކަނި އެ ދަރިންނަށްޓަކައެވެ. އަދި ފަހަކަށް ކުރިއާއި ޚިލާފަށް ބުރުގާ އަޅައިގެން ހުރި އަމީރާ ފެނުމުން ވެސްމެއެވެ. މައިސޫން އޭނައަށް ޖެއްސި ޙާލުން ކުރިމަތިވި މުޞީބާތުން އަމީރާއަށް ހެޔޮ ވިސްނުން ލިބިފައިވި ފަދައެވެ. މައިސޫނަށް ކުރީ އޭނައަށް ކުރިމަތިވި ޙާލަތުގެ އަސަރު ކަމެއް ނޫނީ އަމީރާގެ އަސަރުކަމެއް އެކަކަށްވެސް ޔަޤީނެއް ނުކުރެވުނެވެ. އެހެނަސް ރަށަށް ބަދަލުވި ފަހުން ފެންނަން ފެށީ މުޅިން ތަފާތު މައިސޫނެކެވެ. އެކަކާވެސް ވާހަކަ ނުދެއްކިއެއްކަމަކު އޭނަގެ ކިބައިގައި ހިތްހެޔޮ ގޮތެއްވިއެވެ. އޭނަ ނަމާދުކުރަމުން ދިޔައީ އަމީރާ އޭނައާއެކީ ހުންނާނީ ނަމާދުކުރާނަމަ ކަމަށް އަމީރާ ބުނެފައިވާތީވެއެވެ. އަމީރާގެ ބަސް އޭނަ އެހީ އަމީރާ ނޫންމީހެއް އޭނަގެ ޙަޔާތުގައި ނެތްހެން ހީވުމުން ކަންނޭނގެއެވެ. އަމީރާގެ އުއްމީދަކަށްވެފައިވީ ހަމައެކަނި އެ ނަމާދުތަކުގެ ސަބަބުން ވިޔަސް މައިސޫނަށް ބަދަލެއް އައުމެވެ.

 

ޒަމީންގެ ހިތުގައި ވެސް އާޝިޔާއާމެދު އެފަދަ އުއްމީދެއް އޮތެއްކަމަކު އެ އުއްމީދު ފުރިހަމަ ވާނެކަމުގެ ޔަޤީންކަމެއް އޭނަގެ ހިތުގައި ނެތެވެ. އާޝިޔާއާއި އޭނައާއި ދެމެދު ހިނގި ފަހު ޒުވާބަށްފަހު އޭނަ ވަނީ އާޝިޔާ ވަރިކޮށްފައެވެ. ޖަލުން މިނިވަންވުމަށްފަހު ވެސް އާޝިޔާ އުޅެމުން ދިޔައީ ލަންޑަންގައެވެ. އެހެނަސް އޭނަ ދޭތެރެދޭތެރެއިން އައްޒާމަށް ގުޅައި ހަދައެވެ. އައްޒާމްގެ ހިތްހެޔޮކަމުން އޭނަ ވަނީ އޭނަގެ މަންމައަށް މަޢާފު ކޮށްފައެވެ. ޒަމީން ވެސް އެކަން ކުރަން މަސައްކަތް ކުރަމުން ދިޔައެއްކަމަކު އެކަން ވަނީ ކާމިޔާބުވާ ގޮތެއްނުވެފައެވެ. އާޝިޔާ އައްޒާމާއި މެދު ކަންތައް ކުރިގޮތުގެ އިތުރުން އޭނައާއި މައިސޫނާއި ދެމެދުވެސް އޮންނަން ނުޖެހޭ ފަދަ ގުޅުމެއް އޮތްކަން ޒަމީނަށް ޔަޤީންވާތީވެއެވެ. އޭގެ ސަބަބުން މިއަދާއި ޖެހެންދެން ވެސް އާޝިޔާއާއި ޒަމީނާއި ދެމެދު ވަނީ ނުތެޅޭނެ ފާރެއް ލެވިފައެވެ. ކައިވެނި ޕާޓީގެ ތެރެއިން ދެމީހުންނަށް ދެމީހުން ފެނިފައިވެސް ދުރުވެގެން ދިޔައީ ވާހަކަ ދެއްކުމެއް ނެތިއެވެ. އެއީ މައްސަލައެއްކަމަށް ޒަމީން ނުބެލިއެވެ. އާޝިޔާގެ ފަރާތުން އައްޒާމަށް މަންމައެއްގެ ލޯބި ލިބުމުން އޭނައަށް ފުދެއެވެ. އާޝިޔާއާއި އިތުރު ގުޅުމެއް ބާއްވާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އެކަން އެނގުންވުމުން ކަންނޭނގެއެވެ. އާޝިޔާ އައްޒާމާއި ވާހަކަ ދެއްކުމަށްފަހު ހާޝިމް ނަޞޭޙަތްތެރިވުމުން ވެސް އެހެން މީހަކާއި ވާހަކަ ދެއްކުމެއްނެތި ފުރައިގެން ދިޔައީއެވެ.

 

ހަވީރު 5:30 ވާން ގާތްވެފައިވަނިކޮށް ހޮޓެލަށް ޖަމާވެފައިތިބި މެހުމާނުން މަދުވަމުން ދިޔަދިޔަހެން ޢާއިލީ މެންބަރުން އެކީގައި ސައިބޯން އެއްވިއެވެ. މިރްޒާން އެވަގުތުކޮޅުގެ ބޭނުން ހިފީ އަމްނާއާއެކީ ވަކިން ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިގޮތުން އަތިރި މަތީގައި ބެހެއްޓިފައި ހުރި ބެންޗެއްގައި ދެމީހުން އިށީނީ ސައި ތަށިތައް ހިފައިގެން ގޮހެވެ.

 

“އަހަރުމެންގެ ކަންނުބައި އަލަތު ކައިވެނި ކުރި ދެމީހުންނަށްވުރެ ވެސް.” އަމްނާ ބުނެލިއެވެ.

 

“އާނދޯ؟ ދެމީހުންގެ ވަރު ބަލާބަލަ. މަށަށް ފެންނަނީ އަދި އަލުން އަހަރުމެންވެސް ޖައްސަން.” މިރްޒާން ބުނެލި ވާހަކައަށް އަމްނާއަށް ހީލެވުނެވެ.

 

“ހޭނެކަމެއްނެތޭ އައިމް ސީރިއަސް. އަދި އަހަރެން ބޭނުން އަންހެން ކުއްޖެއްވެސް. އަދި ކަމަކު ނުދެއޭ!” މިރްޒާން ބުންޏެވެ.

 

“ލޮލް! މިހާރު އަހަރުމެން ކުއްޖަކު ހޯދިއްޔާ އެކުއްޖާ ބޮޑުވާއިރު އަހަރުމެން ތިބޭނީ އަސާޖަހައިގެނެއްނު؟ ވަރަށް މައްސަލަ ޖެހޭނެ އޭރުން!” އަމްނާ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އޭރުން އެކުއްޖާ ބޮޑުވާނީ މާޝާ ގޮތަށް….މާޝާއާއި ބައްޕަމެންނާމެދު ވެސް މައްސަލަ ޖެހުނު. އެކަމަކު ބަލާބަލަ މިހާރު އެކުއްޖާއަށް…..ހިއެއްނުކުރަން މާޝާ ދުވަހަކުވެސް އެކަހަލަ ރަނގަޅު ކުއްޖަކަށް ވެދާނެ ކަމަށް. އެކަމަކު ހިދާޔަތް ދައްކަވަނީ ހަމައެކަނި ﷲ.” މިރްޒާން ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ބުނެލިއެވެ. އަމްނާވެސް އެކަމާމެދު ވިސްނަމުން އަސްލުވެސްއޭ ބުނެލިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ދެންވެސް ވާހަކަ ދެއްކީ މިރްޒާނެވެ.

 

“އައްނުއަށް އެނގޭތަ؟ އަހަރެން މުޙްސިން ހޯދަންވެގެން އެކިއެކި ހަދިޔާތައް ފޮނުވަމުން ގޮސް އެންމެ ފަހުން ފޮނުވި ހަދިޔާގަ އޮތީ ކޯޗެއްކަން؟” މިރްޒާން އޭނައަށް ދެންމެ ބުނެވުނު ޖުމްލައިން ހަނދާންވި ކަމަކުން އަހާލެވުނެވެ.

 

“ޤުރުއާނުގެ މުޞްޙަފެއް؟” އަމްނާ އަހާލިއެވެ.

 

“ލައްބަ! ކިހިނެއް އައްނުއަށް ނޭނގިދާނީވެސް ދޯ؟ އެނގޭތަ މިހާރު އޭތިން މުޙްސިން މުޅިންވެސް ޤުރުއާން ކިޔަވަނީ. އަހަންނަކަށްނު ދޯ ހުރިހާ ސަވާބެއް ލިބޭނީ؟ ހަމަ ފޮނި ކަނޑާލާހިތުން މިހެން މި ބުނެލީ.” މިރްޒާން ބުންޏެވެ.

 

“އެހެން؟ ކާކު ދިން އައިޑިއާއެއްތަ ތީ؟” އަމްނާ އެހެން ބުނެލުމާއެކު މިރްޒާންގެ ހިނިތުންވުން ފިލައިދިޔައެވެ. އެއީ އަމްނާ ދިން ޚިޔާލަކަށް އޭނަ ކުރި ކަމަކަށް ވުމުން އަމްނާއަށް ވެސް އޭގެ ސަވާބު ލިބޭނެކަން އެނގުންވުމުންނެވެ. އެއާއެކު މިރްޒާން ރުޅި މޫނެއް ދައްކާލިއެވެ.

 

“އަދި ބަލާތި އަހަރެން އައްނުއަށްވުރެ ގިނަ ސަވާބު ހޯދޭނެފަދަ ކަމެއްކުރާނަން އިން ޝާ ﷲ!” މިރްޒާން ބުނެލިއެވެ.

 

“ހެހެ….އިން ޝާ ﷲ! އަހަންނަށް ޔަޤީން ކުރާނެކަންވެސް. އެނގޭތަ؟ އަހަރެން މާޝާއަށް ވެސް ދީފިން އެކަހަލަ ހަދިޔާއެއް އައްޒާމަށް ދިނުމުގެ އައިޑިއާ. މާޝާ ހަމަ އަހަރެން ހެދި އެތީގެ ރިޕީޓެއް ޖައްސާނެ މިއަދު. ވަރަށް އުފާވޭ އެކަހަލަ ކުއްޖަކު އައްޒާމަށް ލިބުނީމަ. މާތް ﷲ އެދެމީހުންގެ ގުޅުމުގަ ބަރަކާތް ލައްވާށި. އާމީން!” އަމްނާ ބުނެލިއެވެ. މިރްޒާންވެސް އެ ދުޢާއަށް އާމީންއޭ ކިޔާލިއެވެ.

 

ހަމަ އެވަގުތު އެ އަތިރި މަތީގެ ތަންކޮޅެއް ދުރު ހިސާބެއްގައި ވަކަރުން ހެދި ހިޔާ ކުރެވިފައިހުރި ތަނެއްގެ މެދުގައި ބެހެއްޓިފައިހުރި ހުދުކުލައިގެ އުނދޯއްޔެއްގައި މާޝާއާއި އައްޒާމް ތިއްބެވެ. އެއީ ހަމަ އެމީހުންނަށް ޚާއްޞަކޮށް ހެދިފައިވި ތަނަކަށްވުމުން އެތަނަށް އެހެން އެއްވެސް މީހަކު ނާދެއެވެ. އެހެނަސް އައްޒާމްމެން އެކިއެކި ވާހަކައިގައި މައިސޫންގެ ދޮށީ ދަރިފުޅު ކަމަށްވާ 7 އަހަރުގެ މިކްޔާލް ކޮންމެވެސް ކޮތަޅަކާއި ޕާރުސަލެއް ހިފައިގެން އެތަނަށް އައެވެ. މިކްޔާލް ހެވިފައިހުރެ ގޮސް އެ ޕާރުސަލް ދިއްކޮށްލީ އައްޒާމަށެވެ. އައްޒާމް މީ ކާކު ދިން އެއްޗެއްތޯ އެހުމުން މިކްޔާލް ހީހީފައި މާޝާއަށް ބަލާފައި އޭނަ ގެނައި ކޮތަޅާއެކީ ދުއްވައިގަތުމުން އައްޒާމަށް ވަގުތުން އޭނަގެ ޖަވާބު ލިބުނެވެ.

 

“މިކްއަށް އެހެން ހުރިހާ ކަމެއް ކުރެވުނަސް ސިއްރެއް ނުބޭއްވޭނެ. އެ ހިނިގަނޑަކާހެދި.” މާޝާ އެހެން ބުނެލި ގޮތުން އައްޒާމަށް ހީލެވުނެވެ.

 

“މީ ކޯޗެއްތަ އަނެއްކާ؟” އައްޒާމް އެހެން އަހާލަމުން އާދައިގެ ގޮތަކަށް ހަދާފައިވި އެ ޕާރުސަލުގައި ހުރި ރިބަން ފަށް ނަގާލިއެވެ. އައްޒާމް އޭތި ހުޅުވައި ބަލާލިއިރު އޭގައި އޮތީ އަމްނާ ބުނި ފަދައިން ޤުރުއާނުގެ މުޞްޙަފެކެވެ. އައްޒާމް އެއަށް ބަލާފައި ހިނިތުންވުމަކާއެކީ މާޝާއަށް ބަލާލީ އޭގެ ފަހަތުގައިވި ފުން މާނަ އެނގުމެއްނެތިއެވެ.

 

“އައްޒާމަށް އެނގޭތަ އެންމެ ބޮޑު ހަދިޔާއަކީ ކޮބައިކަން؟” މާޝާ ސުވާލުކުރިއެވެ. އެ ހިނދު އެ ވަގުތު މާޝާ އެސުވާލު ކުރަންވީ ކީއްވެކަން ނޭނގުމުން  އައްޒާމަށް ނޭނގެއޭ ބުނެލެވުނެވެ.

 

“އެންމެ ބޮޑު އަދި އެންމެ އަގުހުރި ހަދިޔާއަކީ ހިދާޔަތް. މަގު އޮޅި ގެއްލިފައި ވަނިކޮށް ދާންވީ ދިމާލެއް އެނގުން. މި ދުނިޔޭގެ އަނދިރި ދިރިއުޅުމުގައި ރަނގަޅު މިޞްރާބަކަށް ދާނެ މަގު ފެނިގެން ދިޔުން. އެ މަގު ފެނި އެ ހިދާޔަތް ލިބިގެން ދާނީ ﷲ ގެ އާޔަތްތަކުން. އެއީ އެ އާޔަތްތަކަކީ ވެސް ކަމަކަށް ޢިޝާރާތްކުރާ ކަންތައް. އެ ޢިޝާރާތްތަކާއި އެއްގޮތަށް އަހަރުމެން އުޅުން ބައްޓަން ކޮށްފިނަމަ ކިތަންމެ ގިނަ ދަތިތަކާއި ކުރިމަތިވިޔަސް މި މަގުން އެއްކިބާވާކަށް އަހަރުމެންގެ ހިތް ނޭދޭނެ. އެއީ އަހަރުމެން ދާން އުޅޭ ރަނގަޅު މަންޒިލަށް ދެވެން އޮތީ މި މަގުން ކަން އެއްކަލަ އާޔަތްތަކުން އަހަރުމެންނަށް ޔަޤީންވާތީ. އެހެންވީމަ އަހަރެން އައްޒާމަށް މި ހަދިޔާ ދިނީ. އަހަންނަށާއި އައްޒާމަށް ވެސް ހިދާޔަތް އިތުރުވެ އާޚިރަތުގައި ރަނގަޅު މަންޒިލަކަށް ދެވޭނެ ފަދަ މަގެއްގައި ތިބެ މި އަގުހުރި ހަދިޔާގައި ހިފެހެއްޓުމުގެ ސާބިތުކަން އަހަރުމެން ދެމީހުންނަށް ވެސް ލިބޭނެކަމުގެ އުއްމީދުގަ އިން ޝާ ﷲ.” މާޝާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި އައްޒާމަށް ވެސް ހިނިތުންވުމަކާއެކީ އިން ޝާ ﷲ އޭ ކިޔާލެވުނެވެ.

 

**ނިމުނީ**

The post Hadhiya (Last Part) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-last-part/feed/ 0 1378
Hadhiya (Part 37) https://blog.storiesbyjana.com/hadhiya-part-37/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-37 https://blog.storiesbyjana.com/hadhiya-part-37/#respond Sun, 02 May 2021 15:37:52 +0000 https://blog.storiesbyjana.com/hadhiya-part-36-copy/

“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އައްޒާމް […]

The post Hadhiya (Part 37) appeared first on Stories by Jana.

]]>

“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އައްޒާމް އެ ވާހަކަތައް އެ ދެއްކީ ހާދަ ޔަޤީންކަމާއި އެކީގައޭ އޭނަގެ ހިތަށްއެރިއެވެ. ޒަމީން ދުވަހަކުވެސް އެއްވެސް ‘އާދައިގެ’ މީހަކު އެފަދަ ވާހަކަތައް އެހާ ޔަޤީންކަމާއެކީ ދައްކާ އަޑު އަހާފައެއްނޫނެވެ. އައްޒާމް ފަދަ ވިސްނުން ތޫނު ޒުވާން ކުއްޖެއްގެ ފަރާތުން އަމުދުންނެއްނޫނެވެ. ވީއިރު އައްޒާމްގެ ފަރާތުން މިފެންނަނީ ކޮންފަދަ ސިފައެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނަގެ ދަރިފުޅަކީ ބޮޑެތި ހިތާމަތަކުން ވެސް އަރަގަނެވޭފަދަ ކުއްޖެއްކަން އެނގުންވުމުން ޒަމީން އެވަގުތު ފަޚުރުވެރިވިއެވެ. އެކަމަށްޓަކައި އައްޒާމަށް ހިތްވަރުދީ އުފާ ފާޅުކުރަން ބޭނުންވިއެއްކަމަކު ޒަމީނަށް އައްޒާމްގެ ގާތަށް ދާކަށް އެއްގޮތަކަށް ވެސް ނުކެރުނެވެ. އަނެއްކާވެސް މާޒީގައި ވެދިޔަ ކަންތަކަށްޓަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރަމުން ޒަމީން އައްޒާމަށް ފަސްދީފައި ދިޔައީއެވެ.

 

އައްޒާމް ހުރީ ކާފައާއި އޭނައަށް ދިމާވި ކަންތަކުގެ ވާހަކަތައް ކިޔައިދިނުމަށްފަހު އެހެން އެއްވެސް މީހަކަށް ކިޔައިނުދޭށެވެ. އިތުރަށް އެ ވާހަކަ ދައްކައިގެން އޭނައަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭކަން ދަނެގެންނެވެ. އެހެނަސް އަނެއްކާވެސް އެ ވާހަކަ ފެންމަތިން ވާންޖެހުނީ އެރޭ އެންމެ އެކީގައި ކެއުމަށް އިންސާފުކުރުމަށް ކާމޭޒުދޮށުގައި އިށީން ވަގުތު މުޅި އެދުވަހު ގެއިން ބޭރުގައި އުޅުނު އޭނަގެ މަންމަ ގެއަށް ވަދެގެން އައުމުންނެވެ. އާޝިޔާ އުޖާލާވި ހިނިތުންވުމަކާއެކީ ‘ހެލޯ އެވްރީވަން’ އޭ ކިޔައި ގެއަށް ވަދެގެން އައީ އެކި ފިހާރަތަކުން ލިބުނު ކޮތަޅުތަކާއި އެކީގައެވެ. އެހުރިހާ ކޮތަޅުތައް ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ބައިތިއްބަމުން އޭނަވެސް ކާމޭޒު ދޮށަށް ދިޔައީ ތިމަންނަވެސް މިއުޅެނީ ވަރަށް ބަނޑުހައިވެގެން ކަމަށް ބުނަމުންނެވެ. އެންމެންގެ މޫނުމަތީގައިވި ސީރިއަސްކަން އޭނައަށް ސާފުކޮށް ދޭހަކުރެވުނެއްކަމަކު އޭނަ ޒަމީންގެ ކައިރީގައި ހުރި ގޮނޑީގައި ގޮސް އިށީނީ ފުރަތަމަ ނޭނގޭ ކަމަށް ހަދަމުންނެވެ. އެހެނަސް ގޮނޑީގައި އިށީނުމާއެކު ކުރިމަތީގައި ހުރި އައްޒާމަށް ބަލާލަމުން އާޝިޔާ ވާހަކަ ދެއްކިއެވެ.

 

“އަނހަ އައްޒާމް! އަނބުރާ އައީތަ؟ ހާދަ އަވަހަކަށް؟” އާޝިޔާ އެހެން ބުނެލީ އޭނަގެ މޫނުމައްޗަށް ޙައިރާންކަން ވެރިކުރުވަމުންނެވެ. އެއާއެކު ގަދަކަމުން ވިޔަސް ކާން މަސައްކަތް ކުރަމުން ދިޔަ އައްޒާމްގެ އަރުތެރެ ބެދެން ފެށިއެވެ. އޭނަ އިސްއުފުލައި ބަލާލި ހިނދު ޒަމީނާއި ހާޝިމްވެސް އެއްފަހަރު އައްޒާމަށް އަނެއްފަހަރު އާޝިޔާއަށް ބަލާލިއެވެ.

 

“ކިހިނެއްވީ އެންމެން ތި ބަލަނީ؟ ކަމެއް ގޯސްކޮށް ހިނގީތަ އަނެއްކާ؟” އާޝިޔާ އެހެން އަހާލި ހިނދު އޭނައަށްވުރެ ބޮޑަށް އައްޒާމާއިމެދު ކަންބޮޑުވާ މީހަކު ނެތްހެން ހީވެދާނެއެވެ. އާޝިޔާގެ އެ ސުވާލުތަކުން އަނެއްކާވެސް ލޮލުން ދިލަނަގަން ފެށި އައްޒާމަށް އިސްޖަހާލެވުނެވެ. އެ މަންޒަރު ފެނުނު ހާޝިމާއި ޒަމީންގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޒަމީނެވެ.

 

“އެކުއްޖާ އައްޒާމަށް ދެވުމުން ކުރިން އެހެން ކުއްޖަކާ އިންނަން އެއްބަސްވެފަވަނީ.” ޒަމީން އެހެން ބުނެލީ ބުނަން ބޭނުންނުވެފައި ހުރެއެވެ. ބޭރުފުށުން ކޮންމެ ގޮތެއް ދެއްކިޔަސް އާޝިޔާ އައްޒާމްގެ އެ ކައިވެންޏަށް ކިހާ ނުރުހުންވާކަން އޭނައަށް އެނގޭތީވެއެވެ. މި ޙާލަތުގައި އައްޒާމް އިތުރަށް ދެރަކުރަން އޭނަ ބޭނުންވާނެ މިންވަރުވެސް އެނގޭނެތީވެއެވެ. ޒަމީން ހީކުރި ފަދައިން އޭނައަށް އެ ބަސްތައް ބުނެލެވުމާއެކުހެން އާޝިޔާ އެ މަސައްކަތް ފެށިއެވެ.

 

“އަޅޭ! ޕިސް ޕިސް ޕިސް….މަންމަ ކުރިންވެސް ބުނީމެއްނު އެ ރަށްފުށުގެ ކުދިންގެ ގޮތޭ އެއީ. އައްޒާމަށްވުރެ ގިނައިން ފައިސާހުރި މީހަކު ފެނުނީމަ އޭނަ އެމީހަކާއެކީ އެ ދިޔައީ. މަންމައަށް އެނގުނޭ ތިކަހަލަ ކަމެއް އޭނަގެ އެފްބީ އައިޑީ ބަލާލީމަވެސް. ކުރިންވެސް އެކިވަރުވަރުގެ މީހުންނާ ރައްޓެހިވެގެން އުޅުނު އަންހެނެއްނު އެއީ؟ ހުވާ ވަރަށް ފޫހިވޭ އޭނަ ޒާމްއަށް ތިހެން ހެދީމަ.” އާޝިޔާގެ އެ ބަސްތަކުން އޭނަ އައްޒާމްގެ ޒަޚަމްތަކުގައި ލޮނުމިރުސް ލާން އުޅުނު ފަދައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އިސްޖެހިފައި ހުރި އައްޒާމްގެ މޭގައި އުފެދުނު ރިހުމަށް ކެތްނުކުރެވުމުން އޭނަގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. މާޝާގެ ދިފާޢުގައި މިފަހަރުވެސް އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. އެއްޗެކޭ ބުނެވޭވަރަށްވުރެ އޭނަގެ ޙާލަތު ގޯސްވުމުންނެވެ. އައްޒާމަށް ޙަމްދަރުދީ ވަމުން ދިޔަ ޒަމީނާއި ހާޝިމަށް ވެސް ވަކި ވާހަކައެއް ނުދެއްކެނީސް އާޝިޔާ އޭނަގެ ރޭވުން ކުރިއަށް ގެންދިޔައެވެ.

 

“މަންމަ އަޑުއެހީމޭ ކޮންމެވެސް މާޝާ ޢަބްދުއްލަތީފްއޭ ކިޔާ ކުއްޖަކާ މިގެ ކައިރީގަ އުޅޭ ހަމަ އެރަށު ކުއްޖަކާ އިންނަން އުޅޭ ވާހަކަ. އެކަމަކު އެއީ އެހެން މާޝާއެއްކަމަށް ނިންމައިގެން މި އުޅުނީ މިހުރިހާ ދުވަހު. އެކަމަކު މިހާރުތާ މިއެނގުނީ! އެގޭގަ އުޅޭ އަންހެން މީހާ ބުނި އަޑުއިވުނު މާލޭގައޭ އެމީހުން އުޅޭނީ ވެސް އިނދެގެން. ޒާމްއަށް ކެތްވާނެތަ އެ މަންޒަރު ދެކެން؟ އެމީހުން އަތު ގުޅާލައިގެން އެކި ތަންތަނަށް ދާ މަންޒަރާއި ހީ ސަމާސާކުރާ މަންޒަރާއި….އަދި އެމީހުން އައްޒާމް ފެނިފަ އިތުރަށް ދައްކަން ވެސް އުޅޭނެތާ!” އާޝިޔާ ރުޅިވެރިކަމާއެކީ އެ ވާހަކަތައް ދެއްކުމުން ޒަމީން އާޝިޔާއަށް ވައި އަޑުން ގޮވާލީ ނުރުހުންތެރިކަމާއި އެކީގައެވެ. އާޝިޔާގެ އެ ބަސްތަކުން އިތުރަށް ކަރުނަތައް ލޮލުން ފައިބަން ފެށި އައްޒާމް އެއްއަތުން އެ ކަރުނަތައް ފޮހެން ފެށީ ހަލާކުވެފައިވި ހިތަކާއި އެކީގައެވެ. މަންމަ ދެންމެ ބުނި މަންޒަރުތައް ލޮލަށް ސިފަކުރެވުމުން ވެސް އޭނަގެ ހިތަށް ލިބިގެން ދިޔައީ އެހާވެސް ބޮޑެތި އަނިޔާތަކެވެ. މަންމަ ބުނިހެން މާޝާ އޭނަ ނޫން މީހެއްގެ ކައިރީގައި ހުންނަތަން ދެކެން އޭނައަށް ކެތްވާނީ ކިހިނެއްތޯ އައްޒާމަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

 

“އަހަންނަށް ނުގޮވާ ޒަމީން. އަހަރެން މި ބުނަނީ ހަމަ ރަނގަޅަށް! ޒާމް….މަންމައަށް ނުފެނޭ ދެން ޒާމް މިކޮޅުގަ ހުންނާކަށް. މާދަމާ ހެނދުނު މަންމަމެން ފުރާއިރު ޒާމްވެސް މަންމަމެންނާއެކީ ހިނގާ ލަންޑަނަށް.” އާޝިޔާ ބުނެލި ވާހަކައިން ޒަމީނަށާއި ހާޝިމަށް އޭނައަށް ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އައްޒާމަށް ދިމާވި ކަމަކީ އާޝިޔާގެ ރޭވުމެއްހެން ޒަމީނަށް ހީވި ވަގުތު ހާޝިމްގެ އަޑުހަރުވިއެވެ.

 

“ކީކޭ ކިޔަންތަ ތިއުޅެނީ؟ އައްޒާމް ނުދާނެ އެއްވެސް ތަނަކަށް! އައްޒާމް ހުންނާނީ މިތާ! ކަލޭމެން ކަހަލަ މީހުންނާއެކީ އުޅޭކަށް އައްޒާމް ނުއުޅޭ.” ހާޝިމް އަންގާލިއެވެ.

 

“ބައްޕަ މަޑުކޮށްބަލަ އައްޒާމަށް ޖަވާބެއް ދެވެންދެން. ޒާމްއަކީ ވެސް މިހާރު ކުޑަކުއްޖެއްނޫން. ޒާމްއަށް އެނގޭނެ އޭނައަށް އެންމެ ރަނގަޅުވާނެ ގޮތެއް ޚިޔާރުކުރަން. ބައްޕަ އެއްޗެކޭ ނުބުނެ ޒާމްއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ދިނިއްޔާ ރަނގަޅުވާނީ.” އާޝިޔާ ބުންޏެވެ.

 

“ހީވަނީތަ ދޮގުތަކެއް ހަދައިގެން އައްޒާމް އޮޅުވާލެވިދާނެކަމަށް؟ އަހަރުމެން އެންމެންނަށް ވެސް އެބައިނގޭ ދެންމެ ތި އިވުނު ޒާތުގެ ވާހަކައެއް އާޝިޔާއަށް އިވިފަ ނުވާކަން. ދެން ކީއްކުރަން އައްޒާމް މާލެއިން….” ހާޝިމަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އައްޒާމް ‘ކާފާ’ އޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއެކު އެންމެންގެ ނަޒަރު އަނެއްކާވެސް އައްޒާމަށް އަމާޒުވެގެން ދިޔައެވެ.

 

“މާޝާ މިހާރުވެސް އުޅެމުން ދަނީ މާލޭގަ. އޭނަގެ މަންމަވެސް ބުނީ އެހެން. ކުރީގަ މާޝާ އަހަރެން ގާތު ދައްކާފަ ހުރި ވާހަކަތަކުން ހީވަނީ މާޝާ އިތުރަށް ކިޔަވަން އައީ މާލެއަށްހެން. މާޝާގެ މަންމަ ބުނަންވެސް ބުނި އަހަރެން ކައިރި މާޝާގެ ފަހަތުން ނުދާށޭ މާލެއިން ފެނުނަސް….މަންމަ އެ ބުނަނީ ރަނގަޅަށް. ދެން އެންމެ ރަނގަޅުވާނީ އަހަރެން ވީހާވެސް އަވަހަކަށް މާޝާ ނުފެންނާނެ ހިސާބަކަށް ދިޔުން.” އައްޒާމް ބުނެލި ވާހަކައިން ހާޝިމްގެ ދެލޯ ބޮޑުވެގެން ދިޔައީ މުޅި މޫނުމައްޗަށް ބިރުވެރިކަން ވެރިކުރުވަމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް ގޮނޑިން ތެދުވެ އެތަނުން ދާން ހިނގައިގަތުމުން ހޭވެރިކަމެއް ލިބުނު ހާޝިމް ތެދުވެ ދަރިފުޅާއޭ ކިޔައި ގޮވާލިއެވެ. އެއާއެކު އައްޒާމް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.

 

“ތިހެން ނަހަދާ ދަރިފުޅު! ނުފެނޭތަ މިމީހުން ހަދަން އުޅޭ ގޮތެއް؟ މި މީހުން އުޅެނީ ދަރިފުޅު ހިދާޔަތުގެ މަގުން ދުރުކޮށް މަގު ފުރައްދަން. ދަރިފުޅަށް ރަނގަޅީތަ އެގޮތް؟” ހާޝިމަށް އެހެން އަހާލެވުނީ ރޮވިފައިވާ އަޑަކުންނެވެ.

 

“ނޫން ކާފާ….ރަނގަޅެއްނޫން. އެކަމަކު އަހަރެން ދާން މި ނިންމަނީ މިކޮޅުގަ ދެން އަހަރެން ހުރުމަށްވުރެ ނުހުރުން ބުއްދިވެރިވާނެހެން ހީވާތީ. ކާފަ ކަންބޮޑުނުވުން އެދެން. މިމީހުން އަހަރެން ލައްވާ ގޯސްކަމެއް ކުރުވަން އުޅެންޏާ އަހަރެން މި މީހުން ވެސް ނުފެންނަ ހިސާބަކަށް ދާނަން އިން ޝާ ﷲ! އެކަމަކު އުއްމީދަކީ އަހަރެން ދޭ ނަޞޭޙަތަކުން އެންމެ މީހަކަށް ވިޔަސް ހިދާޔަތް ލިބިގެން ދިޔުން.” އައްޒާމް އެހެން ބުނެ ކާފައަށް ބަލަން ހުރެފައި އޭނަގެ މަންމައާއި ބައްޕައަށް ވަކިވަކިން ނަޒަރު ހިންގާލިއެވެ. ކާފަގެ މޫނުމަތިން ދެންވެސް ހިތާމަވެރިކަން ފެންނަމުން ދިޔައިރު މަންމަ އޭނަ ދެއްކި ވާހަކައަށް ކަޅި މައްޗަށް ހިންގާލަނީއެވެ. އައްޒާމްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލީ އޭނަ ދެއްކި ވާހަކައާމެދު ވިސްނަމުންދާ ފަދަ ގޮތެއް އޭނަގެ ބައްޕަގެ މޫނުމަތިން ފެނުމުންނެވެ. އައްޒާމަށް ހީކުރެވިފައި އޮތީ އޭނަގެ މަންމައާއި ބައްޕަގެ ތެރެއިން ހިދާޔަތް ލިބުން އެންމެ ގާތީ އޭނަގެ މަންމައަށް ކަމަށެވެ. މިހާތަނަށް އައިއިރު އޭނައާއި ވާހަކަ ދައްކައި އޭނައާއި ގުޅުން ބަދަހި ކުރަން މަސައްކަތް ކުރިތަން އޭނައަށް ފެނިފައިވީ އެ މަންމަގެ ފަރާތުން ވިއްޔާއެވެ. މިކޮޅަށް އައިފަހުން ބައްޕަ އަދި އެއްފަހަރުވެސް އޭނައާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ބައްޕަގެ ހިމޭންކަމުގެ ފަހަތުގައި އޭނައަށް ދޭހަނުކުރެވޭ ސިއްރެއްވާހެން އެވަގުތު އައްޒާމަށް ހީވިއެވެ. އިރުކޮޅެއް ވަންދެން ބައްޕައަށް ބަލަން ހުރެފައި އައްޒާމް އަނެއްކާވެސް އެ އެންމެނަށް ފަސްދިނެވެ. އަދި އޭނަގެ ކޮޓަރިއަށް ގޮސް ކާރުގެ ތަޅުދަނޑި ނެގީ އޭގެ އަނެއްދުވަހު ފުރުމަށްޓަކައި ބައެއް ހެދުންތަކާއި އެހެނިހެން އެއްޗެހި ގަތުމަށެވެ.

 

**

 

އެރޭގެ ކެއުމަށް އިންސާފު ކުރުމަށްފަހު ޒަމީން ކޮޓަރިއަށް ވަދެގެން ދިޔައީ އާޝިޔާގެ ފަސްފަހަތުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޒަމީން އޭރުވެސް ކުރިއަށް ދަމުން ދިޔަ އާޝިޔާއަށް ގޮވާލީ ސީރިއަސްކަން އެކުލެވިފައިވި އަޑަކުންނެވެ.

 

“ކީކޭ؟” އާޝިޔާ އެހެން ބުނެލީ މާ ބޮޑު ފަރުވާލެއްނެތި ރީތިވާ މޭޒު ކުރިމަތީގައި ހުއްޓިލަމުން އޭނަގެ ކަންފަތުގައި ލާފައި ހުރި އެތި ނައްޓަމުންނެވެ.

 

“އައްޒާމް ކީއްވެ އޭނަ އިންނަން އުޅޭ ކުއްޖާއާއި ދުރުވީ؟” ޒަމީން އެހެން އަހާލީ ދެލޯ ހަނިކޮށް ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރެއެވެ.

 

“ތިވާހަކަ ދެންމެ އިވުނެއްނު ބޭރުން؟ އެ ކުއްޖާ އެހެން މީހަކާ އިންނަން އެއްބަސްވީއެއްނު؟” އާޝިޔާ ޒަމީނަށް ބަލާލަމުން ޙައިރާންކަން އެކުލެވިފައިވި ގޮތަކަށް އެހެން ބުނެލީ ކުޑަވެސް ނުތަނަވަސްކަމެއް ނެތިއެވެ.

 

“އިވުނު….އެކަމަކު އެއީ ރޭވިގެން ކުރެވުނު ކަމެއްހެން ވަރަށް އެބަ ހީވޭ.” ޒަމީން އަންގާލިއެވެ. މަކަރު ހަދަން އާދަވެފައި ހުރި އާޝިޔާ އެވަގުތު ނުތަނަވަސްވިއެއްކަމަކު އޭނަ އެކަން މޫނުމަތިން ފާޅުވިޔަ ނުދިނެވެ. ބަދަލުގައި އޭނަ އަސަރުން ފުރިގެންވި ގޮތަކަށް ވާހަކަ ދެއްކިއެވެ.

 

“ޒަމީން…..ސީރިއަސްލީ! ތިއީތަ ޒަމީން އަދިވެސް ހީކުރާ ގޮތް؟ ޒަމީންއަށް ފާހަގަނުވޭ ދޯ އަހަންނަށް ޒާމް ފެންނަން ފެށި ފަހުން އައި ބަދަލުތައް. ދަރިފުޅުދެކެ ލޯބިވަނީ ހަމައެކަނި ޒަމީންކަމަށްތަ ޒަމީން ހީކުރަނީ؟ ތިހެން ހީވަންޏާ ތިއީ ކުށްހީއެއް. އަހަރެން ވެސް ޒާމްދެކެ ވާ ލޯބި މި އިޙްސާސްކުރެވުނީ އޭނަ ބޮޑުވެފަ ހުރި ހަރުދަނާ ޒުވާނެއްގެ ގޮތުގަ ފެނިގެން ދިޔައީމަ. އެއީ އަހަރުމެންގެ ލޯބީގެ ނިޝާން. އަހަރެންގެ ފުރަތަމަ ދަރިފުޅު. ކިހިނެއް އަހަރެން ޒާމްއަށް ދެރަގޮތެއް އެދޭނީ؟” އާޝިޔާ ދެރަގޮތަކަށް ވާހަކަ ދައްކަމުން ގޮސް ޒަމީންގެ ކުރިމަތީގައި ހުއްޓިލިއެވެ. ޒަމީން ދެންވެސް އާޝިޔާއަށް ބަލަހައްޓައިގެން ހުރީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ. ބަލަބަލާހުރެފައި އޭނަ ވާހަކަ ދެއްކިއެވެ.

 

“ތިވާހަކަތައް އަހަންނަށް ޤަބޫލުކުރެވޭނެނަމައޭ ހިތަށް އެބައަރާ. އެކަމަކު ޒާމްއާމެދު އާޝިޔާ އެންމެ ފަހަކާ ޖެހެންދެން ވެސް ވާހަކަ ދައްކާފަ ހުރިގޮތުން އެކަން ކުރަން އަހަންނަށް ދަތި. އެނީވޭސް…..އުއްމީދަކީ ޒާމްއަށް އާޝިޔާގެ ފަރާތުން މިއިން ކައިރި ދުވަހެއްގައި ނުބައެއް ލިބިފައި ނެތުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުލިބުން. ޒާމްއާމެދު ކުރިން ކަންތައް ކުރެވުނު ގޮތަށްޓަކައި އަހަރެން ޙަޤީޤަތުގަ ވެސް ހިތާމަކުރަން. އުއްމީދަކީ އާޝިޔާގެ ހިތުގައި ވެސް ޒާމްއަށްޓަކައި އެފަދަ ލޯތްބެއްވުން. ނުވާނަމަ މި ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި. ޒާމްއަށް އާޝިޔާގެ ފަރާތުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ލިބިފައިވާކަން އެނގިއްޖެނަމަ އަހަންނަށްވުރެ ނުބައި މީހެއް ނުހުންނާނެ!” ޒަމީން އެ ފަހު ބަސްތައް ރުޅިވެރިކަމާއެކީ ބުނެލީ އިންޒާރެއްގެ ގޮތުގައެވެ. އެ އިންޒާރުން ވެސް އާޝިޔާގެ ހިތަށް ވެރިވި ބިރުވެރިކަން އޭނަ ފޮރުވަން އުޅުނެއްކަމަކު އެކަން ކާމިޔާބުވީ ވަކި ވަރަކަށެވެ. އާޝިޔާއަށް ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ޒަމީނަށް ބަލަހައްޓައިގެން ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އޭނަ އެހާ ބޮޑަށް ބިރުގަތީ ޒަމީން އޭނަގެ އެއްވެސް ރޭވުމެއްގައި މިހާތަނަށް އޭނައާއި ދެކޮޅުވެރިވެފައި ނުވާތީވެއެވެ. އަދި ޒަމީން ދުވަހަކުވެސް އޭނައަށް އެފަދަ އިންޒާރެއް ދީފައި ނުވާތީވެސްމެއެވެ. އެ އިންޒާރަށްފަހު ޒަމީން އޭނައަށް ފަސްދީފައި ހިނގައިގަތުމުން އާޝިޔާ އިތުރަށް ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ. ޙާލަތް މި އެނބުރެން ފަށަނީ ރަނގަޅަކަށް ނޫންހެން ހީވުމުންނެވެ.

 

**

 

އެރޭ އައްޒާމް ފިހާރައަށް ގޮސް ގެއަށް އައީ 9:30 ވާން ގާތްވެފައި ވަނިކޮށެވެ. ފިހާރަތަކަށް ދިޔައިރުވެސް އޭނަ ޚިޔާރުކުރީ އޭނަގެ ގެއާއި ވީހާވެސް ދުރު ފިހާރަތަކެވެ. މަންމަ ދެއްކި ވާހަކަތަކުން މާޝާ އުޅެނީ އޭނަގެ ގެއާއި ނުހަނު ގާތް ޢިމާރާތެއްގައިކަން އިވުމުން އޮޅުމަކުން ވެސް މާޝާގެ ކުރިމައްޗަށް ނުދިޔުމަށެވެ. އެހެނަސް އޭނަގެ ލޯ އެކި ދިމަދިމާލަށް ދަތުރު ކުރަމުން ދިޔައީވެސް މާޝާ ދެކެން އޭނަގެ ހިތް އެދެމުން ދިޔަވަރުންނެވެ. ގެއަށް އައިއިރު އޭނަގެ ހިތުގައި ހައިޖާނެއް އުފެދިފައިވީ އެހެންވެއެވެ. ނަމަވެސް އޭނަ އިތުރަށް އެކަންތަކާއި މެދު ވިސްނުމުގެ ބަދަލުގައި ދަތުރު ހަދަން ފެށިއެވެ. އޭނަގެ ކޮޓަރީގައި ހުރި އެހެން ހުސް ހެދުން ފޮށްޓެއް އެނދުމަތީގައި ބާއްވާފައި ހުޅުވާލަމުން އޭނަ ޕެކްކުރަން ފެށިއެވެ. ޒަމީން ގޮސް އައްޒާމްގެ ކޮޓަރީގެ ހުޅުވިފައި ހުރި ދޮރުމައްޗަށް އެރީ އެވަގުތެވެ. އެ ފަރާތަށް ފަސްދީގެން ހުރި އައްޒާމަށް އެކަން ނޭނގުމުން އޭނަގެ މަސައްކަތާއިގެން އޭނަ ކުރިއަށް ދިޔައެވެ.

 

“ހުސް ދަތުރު ހަދަން ޖެހޭ ދުވަސްކޮޅެއްދޯ؟” ޒަމީން ކޮޓަރީގެ ތެރެއަށް ވަންނަމުން ހިނިތުންވުމަކާއެކީ އެހެން ބުނެލީ ހިތްވަރު ކުރަމުންނެވެ. އައްޒާމަށް ހިތާމައެއް ލިބިފައިވި މި ވަގުތުގައި އޭނަގެ ހިތްހަމަޖައްސައިދޭން އެދެވުނު ވަރުންނެވެ. އޭނަ ދޯދިނުމާއެކު އައްޒާމް ފަސްއެނބުރި އޭނައަށް ބަލާލިއެވެ. އެ ހިނދު އައްޒާމް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ބައްޕަ އެންމެ ފަހަކަށް އޭނައާއި ހިނިތުންވި ދުވަހެއްގެ މަތިން ހަނދާންވުމުންނެވެ. ފިހާރައަކަށް ގޮސް ހަރެއްގެ މަތީގައި ހުރި ކުޅޭ ކާރެއް ނުނެގިގެން އޭނަ އަތްދިއްކުރަމުން ދަނިކޮށް ފުރަގަހުން އޭނަ އުރާލަމުން މައްޗަށް ނެގީ ބައްޕައެވެ. އައްޒާމް އުފަލާއެކީ އެ ކާރު ނެގުމުން އޭނަ ބިންމައްޗަށް ތިރިކޮށްލެވުމާއެކު ފަހަތަށް ބަލާލިއިރު ހުރީ އެ ހިނިތުންވުމުގައި ހުރި ބައްޕައެވެ. އޭނަ ބައްޕަދެކެ ލޯބިވީ ސަބަބަކާނުލައެއް ނޫންކަން އެވަގުތު އައްޒާމަށް އެނގުންވީ އެފަދަ އެހެން ވަގުތުކޮޅުތަކެއް ވެސް ހަނދާނަށް އައުމުންނެވެ. އެހެނަސް ހަމަ އެ ބައްޕަ އޭނައަށް ދިން އަނިޔާތައް ވެސް ހާދަ ގިނައެވެ. އޭނަ ބޮޑަށް ހަނދާންހުރީ އެ އަނިޔާތަކުގެ މަތިންނެވެ. އޭނަ އެފަދަ މީހަކާއި އަލުން ގުޅުން ބަދަހިކުރާނެ ގޮތެއް އައްޒާމަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެހެންކަމުން އޭނަ އިސްޖަހާލަމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރި އޭނަގެ ގަމީސްތައް ފަށްޖަހަން ފެށިއެވެ. އެ ހިނދު ޒަމީންގެ ހިނިތުންވުން ފަނޑުވިއެވެ.

 

“ވާހަކައެއް ނުދައްކާނަންތަ ޑޭޑްއާ؟” ޒަމީންގެ އެ ސުވާލު އައްޒާމާއި އެކީ އެ ހިނދު އެ ދޮރުމައްޗަށް އެރި ހާޝިމަށް ވެސް އިވުނެވެ. ހާޝިމް އޭރުވެސް އައްޒާމްގެ ކައިރިއަށް އެ އައީ އެ ދަތުރުގައި ޒަމީންމެންނާއެކީ ނުދިޔުމަށް ނަޞޭޙަތްތެރި ވާށެވެ. އެހެނަސް ފެންނަން ފެށި މަންޒަރަކުން ހާޝިމްގެ ޚިޔާލު ބަދަލުވާން ފެށިއެވެ. އޭނައަށް އައްޒާމް ދޭނެ ޖަވާބެއްގެ އިންތިޒާރު ކުރެވުނީ ޝައުޤުވެރިވެފައި ހުރެއެވެ.

 

“ދައްކާނެ ވާހަކައެއް ނޭނގޭ.” ޙަރަކާތްތައް ލަސްވެފައި ހުރެ ބައްޕައަށް ބަލާލުމެއްނެތި އައްޒާމް ތެދުތެދަށް ޖަވާބުދިނެވެ. އައްޒާމްގެ އެ ޖަވާބުން ޒަމީން އިތުރަށް މާޔޫސްވިއެވެ. އެހެނަސް އޭނަ އެތަނުން ދާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ބަދަލުގައި އޭނަ ލަސް ފިޔަވަޅުތަކެއްގައި ގޮސް އައްޒާމްގެ މޫނު ފެންނާނެހެން މަޑުކޮށްލިއެވެ.

 

“އެނގޭ މިއީ ނުކުރެވޭނެ ކަމެއްކަން އެކަމަކު…..ޑޭޑްއަށް މަޢާފުކޮށްލަދީފާނަންތަ؟” ޒަމީން އަހާލި ވާހަކައިން މިފަހަރު އައްޒާމަށް އޭނައާއި ދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. ދުރުގައި ހުރި ހާޝިމަށް ވެސް މަންޒަރު ބަލަން ހުރެވުނީ އަންތަރީސްވެފައެވެ. އައްޒާމް ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒަމީން އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“ކިހިނެއްދޯ މިކަހަލަ މީހަކަށް މަޢާފު ދެވޭނީ؟ އަސްލު މައްސަލައެއްނެތް އައްޒާމް ފޮގިވް ނުކުރިޔަސް. މިއަދު ޑޭޑް ޒާމްގެ މަޤާމުގަ ހުރިނަމަވެސް މަޢާފެއް ނުކުރާނަން. އަދި އެ އަނިޔާކުރި މީހަކަށް ޙައްޤު އަދަބު ލިބޭތޯ ޔަޤީންވެސް ކުރާނަން. އެކަމަކު މިއަދު މިހެން މި ބުނެލީ ޑޭޑްއަކީ ޒާމްއަށް ނަފްރަތުކުރާ މީހެއްނޫންކަން އަންގަން. ޒާމްއަށް އިތުރު އަނިޔާތައް ކުރަން ބޭނުންވާ މީހެއް ނޫންކަން އަންގަން. ޒާމްއަށް އެއްވެސް މީހަކު ގެއްލުމެއް ދޭން އުޅޭ ނަމަ ޒާމްއަށް ޑޭޑްގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަން އަންގަން.” ޒަމީން އެ ވާހަކަތައް ބުނެލީ ޖަޒުބާތުން ފުރެމުން ދިޔަ ހިތަކާއެކީގައެވެ. އެ ހިނދުވެސް އައްޒާމަށް އޭނަގެ ބައްޕައަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ބައްޕަގެ އެ ވާހަކަތަކަށް އިތުބާރު ކުރެވިދާނެހޭ ހިތަށްއެރި ވަގުތު ބައްޕަ އެ ސުވާލަށް ޖަވާބު ދިނެވެ.

 

“ޒާމްއަށް އަދިވެސް ހީވެދާނެ ޑޭޑް މި ވާހަކަތައް ދައްކަނީ ވަކި ބޭނުމަކުހެން. އެކަމަކު ތެދުތެދަށް މި ބުނަނީ ޒާމް. ޑޭޑް އެއްގޮތަކަށް ވެސް ޒާމްއާ ދެކޮޅުވެރިއެއް ނުވާނަން. ޒާމް ތި ތަބާވާ ދީނާއި މެދު ޚިޔާލު ތަފާތު ވިޔަސް ޑޭޑް ޒާމް ލައްވާ ގަދަކަމުން އެއްވެސް ގޯސްކަމެއް ކުރުވަން މަސައްކަތެއް ނުކުރާނަން. ޒާމްގެ ތި ދީނާއި އެއްގޮތަށް އުޅެން ހުރަހެއް އަޅާކަށް ވެސް ނެތިން. ޒާމް ލަންޑަނަށް އަންނާތީ ޑޭޑް އުފާވާ ހަމައެކަނި ސަބަބަކީ އަނެއްކާވެސް ޒާމްއާއެކީ ދުވަސްތައް ހޭދަކުރުމުގެ ފުރުޞަތެއް ލިބުން.” ޒަމީން އޭނަގެ އިޙްސާސްތައް އައްޒާމްގެ ކުރިމަތީގައި ބަންޑުންކުރިއެވެ. އެއަށްފަހު އައްޒާމްގެ ފަރާތުން ކުޑަވެސް ޢިޝާރާތަކަށް ޒަމީނަށް އުއްމީދު ކުރެވުނެވެ. އެހެނަސް އައްޒާމް ހުރިގޮތަށް އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ޒަމީން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އައްޒާމަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޒަމީނަށް ހާޝިމް ނުފެނުނީ އޭނަ އިސްވެސް އުފުލާ ނުލުމުންނެވެ. އެހެނަސް މާ ގިނަ ފިޔަވަޅުތަކެއް ނޭޅެނީސް ފަހަތުން އައްޒާމް ‘ޑޭޑް’ އޭ ކިޔާލި އަޑަށް ޒަމީންގެ ޙަރަކާތްތައް ހުއްޓުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެފަރާތަށް ބަލާލިއެވެ. އެ ހިނދު އައްޒާމް ހިނިތުންވެލީތަން ފެނިފައި ޒަމީންގެ އަނގައިން ނިކުތް އާހުގެ އަޑާއެކީ އޭނައަށް ވެސް ހިނިތުންވެލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ އައްޒާމް އޭނަގެ ގާތަށް އަންނަން ފެށުމުން ޒަމީނަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އައްޒާމް އައިސް އޭނަގެ ގައިގައި ބައްދާލުމުން ޒަމީނަށް ހުރެވުނީ އަޖާއިބުވެފައެވެ. އައްޒާމަކީ ކޮންކަހަލަ ކުއްޖެއްތޯ ހިތަށްއެރިއެވެ. އޭނައަކީ އައްޒާމް އެތައް ގޮތަކުން އިހާނެތިކޮށް ހިތައި އައްޒާމްގެ ކުޑައިރުގެ ދުވަސްވަރު ބަރުބާދު ކޮށްލި އިންސާނާއެވެ. އައްޒާމް އެފަދަ މީހަކާއިމެދު ވެސް ކަންތައް ކުރަނީ މިހެންތޯ ހިތަށްއެރި ވަގުތު އައްޒާމް އޭނައާއި ދުރުވެލިއެވެ. އެ ހިނދުވެސް އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.

 

“ވަރަށް އުފާވެއްޖެ ޑޭޑް. ޑޭޑްއަށް ކުށެއްގެ އިޙްސާސެއް ކުރެވުނީމަ. އެއީ ވަކި އަހަންނަށް ބަދަލު ހިފުނުހެން ހީވާތީވެއެއްނޫން. އެކަމަކު އަމިއްލައަށް ކުރެވުނު ކުށަކަށް ހިތުގެ އަޑިން އިޢުތިރާފުވުމަކީ ހިދާޔަތާއި ދިމާލަށް އެޅޭ ފިޔަވަޅަކަށްވާތީ. ޑޭޑްއަށް ކިތަންމެ ގިނަ ކުށްތައް ކުރެވިފައިވިޔަސް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލައްޗޭ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ. އަހަންނަށް ޔަޤީން ޑޭޑް. ޑޭޑްއަށް ﷲ ގެ ދީން ފަހުމްވީ ދުވަހަކު ޑޭޑް އެއަށް ފަސްނުދޭނެ އިން ޝާ ﷲ. މިއަދު އަހަންނާ ޑޭޑްގެ ޚިޔާލު ތަފާތުވުމެއް އޮތީ ޑޭޑްއަށް ނޭނގޭ ބައެއް ކަންތައް އަހަންނަށް އެނގޭތީ. އަހަރެން ކިޔައިދޭނަން ޑޭޑް. ކިޔައިދޭނަން ކީއްވެކަން އަހަރެން މި ދީނަށް ތަބާވަނީ. އެންޑް އައި ޕްރޯމިސް ޔޫ. ޑޭޑްއަށް ﷲ ގެ އިރާދަފުޅުން ހިދާޔަތް ލިބުނު ދުވަހަކުން ޑޭޑް ވެސް އަހަރެން ފަދައިން މި ދީނާއި ދެކޮޅުވުމުގެ ބަދަލުގަ މި ދީން ދިފާޢުކުރާނެ އިން ޝާ ﷲ.” އައްޒާމް އޭނަގެ ހިތަށް ވެރިވެފައި ހިތިކަމުގެ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަމުން، އުފާވެރިކަމާއެކީ ވާހަކަ ދެއްކީ އެހެން މީހަކަށް ނުވިސްނުނަސް އޭނަގެ ބައްޕައަށް ވިސްނިދާނެހެން ހީވި ވަރުންނެވެ. އޭނަ ދެއްކި ވާހަކަތަކަށް ޒަމީން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހަމަ ޙަޤީޤަތުގައި ވެސް އެ ދީނެއް އެނގުމުން އޭނައަށް އެހާ ބޮޑު ބަދަލެއް އައިސްދާނެކަމާމެދު ޒަމީނަށް ޝައްކުކުރެވުނެވެ. އެހެނަސް އެ ސުވާލު ދުލާއި ހަމައަށް ނުގެނެސް އޭނަ ހިނިތުންވެލީ އެ ވަގުތުކޮޅުގައި އައްޒާމްގެ ހިނިތުންވުން ދެމިހުންނަން އެދެވުނު ވަރުންނެވެ. އައްޒާމް އޭނައަށް ބަލަން ހުރެފައި ދެވަނަ ފަހަރަށް ވެސް އޭނަގެ ގައިގައި ބައްދާލުމުން އޭނަގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނެވެ. އެ މަންޒަރު ބަލަން ހުރި ހާޝިމަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

 

އޭގެ އަނެއްދުވަހު އައްޒާމް ޒަމީންމެންނާއެކީ ފުރަން ދިޔައިރު ވެސް ހާޝިމަށް ހުރެވުނީ އެ ހިނިތުންވުމުގައެވެ. އައްޒާމާއި ޒަމީނާއި ދެމެދު އޮތް ގާތްކަން އެނގުންވުމުން އޭނަ ހިތްހަމަޖެހިފައިވުމުންނެވެ. އާޝިޔާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޒަމީންގެ ބުނިހެން އޭނަގެ ފަރާތުން އައްޒާމަށް ރައްކާތެރިކަން ލިބޭނެކަން ޔަޤީން ކުރެވުމުންނެވެ. އައްޒާމް ފުރައިގެން ދިޔައީ ކާފަގެ ފޯނަށް ވައިބާރ އަޅައިދީފައި އެއްފަހަރު އޭނަގެ ވައިބާރ ނަންބަރުން ކާފައަށް ގުޅާފައެވެ. އެއަށްފަހު ފޯނުން ވައިފައި ޖައްސައި ވައިބާރއިން އޭނަގެ ނަންބަރަށް ގުޅަން ދަސްވެސް ކޮށްދީފައެވެ. އައްޒާމް ފުރަން ދިޔައީ ކާފައަށް ގުޅާނެކަމަށް ބުނަމުންނެވެ. އަދި އެއްމަސް ފަހުން އަނބުރާ އަންނާނެ ވާހަކަ ވެސް ބުނަމުންނެވެ. އެހެނަސް ކާފައާއި ގުޅުން ބޭއްވުމުގެ އެ ހުރިހާ ރޭވުމެއް ފޭލްކުރަން އޭނަގެ މަންމަ ރާވައިގެން ހުރިކަން އައްޒާމް ނުދެނެ ހުއްޓެވެ. އައްޒާމް އެ ހުރިހާ ކަމެއް ކޮށްނިމުނުތާ މާ ގިނައިރެއްނުވެ އާޝިޔާ އައްޒާމްގެ ފޯނުގެ ސިމް ބަދަލުކުރިއެވެ. އެއަށްފަހު އެ ފޯނުގެ ވައިބާރއަށް އެ ނަންބަރު ރަޖިސްޓާރ ކުރީ އައްޒާމާއި އޭނަގެ ކާފަ ދުރުކުރުމުގެ އިތުރުން މާޝާއަށް ވެސް ހުރިހާ ކަމެއް ފަޅާއަރާ ދުވަހަކުން އޭނައަށް އައްޒާމަށް ނުގުޅޭނެ ފަދައަކުންނެވެ. އައްޒާމަށް އޭނަގެ ފޯނަށް ބަދަލެއް ގެނެވިފައިވިކަން ނޭނގުނީ ފްލައިޓަށް އެރެންދެން ވެސް އޭނަ ފޯނަށް ނަޒަރުވެސް ހިންގާނުލުމުންނެވެ. ފޯނު ބެލުމުން މާޝާގެ ހަނދާންތައް އާވާނެކަން ދަނެގެން އެކަމުން ދުރުވުމަށެވެ. މާޝާގެ ނަން ހިތަށް ވެރިވާ ކޮންމެ ފަހަރަކު އައްޒާމްގެ ހިތުގައި ރިހުމެއް އުފެދެއެވެ. މާޝާ މިހާރު ހުންނާނީ ކާކާއެކީތޯ ހިތަށްއަރާ ކޮންމެ ފަހަރަކު އިތުރަށް ދެރަވެއެވެ. އެހެނަސް ހިނދުހިނދުކޮޅާ ބައްޕައާއި ވާހަކަ ދައްކަމުން އޭނަ ހިތްހަމަޖެއްސޭތޯ ބަލަމުން ދިޔައެވެ. އެހެން ހެދި ނަމަވެސް ހިތުގެ ކަނެއްގައި އަބަދުވެސް މާޝާގެ ނަންވިއެވެ.

 

މާޝާގެ ޙާލަކީ ވެސް އެއީއެވެ. އައްޒާމާއި އޭނަގެ ކައިވެނި ހަމަޖެހުނުކަމުގެ ދަޅަ އޭނައަށް ދައްކާލެވުނު ދުވަހުއްސުރެ އޭނައަށް ހުރެވެނީ އަބަދުމެ ހިނިތުންވުމެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވާން ފެށީ އޭނަގެ ބޮޑުބޭބެއަށާއި ބޮޑުބޭބެގެ ޢާއިލާ މީހުންނަށެވެ. އެމީހުންގެ ފަރާތުން ނުހަނު އަވަހަށް މިރްޒާނާއި ހަމައަށް ވެސް އެ ވާހަކަ ފޯރިއެވެ. މިގޮތުން މާޝާ އެފަދައިން ހިނިތުންވާންފެށިތާ ތިންވަނައަށްވީ ދުވަހު މާޝާ މިރްޒާންގެ ގެއަށް ޒިޔާރަތް ކުރުމުން މިރްޒާން ދިމާކުރިއެވެ. އެއީ ކޮން ކުއްޖެއްތޯ އަހަމުންނެވެ. މާޝާ އޭނަގެ ކައިވެނި ހަމަޖެހުނު ވާހަކަ ދޮންބެއަށް އެންގީ އެދުވަހުއެވެ. އޭނަ ހުރީ އެދުވަހު ބައްޕަމެން އޭނައާއި ގުޅައިގެން ވެސް ބައްޕަމެންގެ ހާޒިރީގައި  އޭނަ ލައްވާ އައްޒާމާއި ވާހަކަ ދައްކުވާނެކަމަށް އުއްމީދުކޮށްގެނެވެ. 3 ދުވަސްފަހުން އައްޒާމް އަނެއްކާވެސް ބައްޕަމެންނާއި ބައްދަލުކުރާނެ ވާހަކަ ބައްޕަ ބުނިވިއްޔާއެވެ. އެހެނަސް އޭނަ ދޮންބެ ގާތު ބައްޕަމެންނާއި ވީޑިޔޯ ކޯލްއެއް ޖެއްސުމަށް އެންގީ އެ ވާހަކަ ކިޔައިދިނުމެއް ނެތިއެވެ. މިރްޒާން ސިޓިންގް ރޫމަށް އޭނަގެ ލެޕްޓޮޕް ގެންދަމުން އެކަން ކުރީ ވެސް މާޝާއާއި ދިމާކުރަމުންނެވެ. އެވަގުތު މުޙްސިން ހުރީ ސްކޫލަށް ގޮސްފައި ކަމަށްވުމުން އެ ދިމާކުރުންތަކަށް ހުއްޓުމެއްވެސްނައެވެ. ނަތީޖާއެއްގެ ގޮތުން ލަތީފްމެންނަށް މާޝާއާއި މިރްޒާން ފެނުނު ވަގުތުވެސް އެދެމީހުންނަށް ތިބެވުނީ ހެވިފައެވެ.

 

“ހާދަ ހެވިފަ ތިތިބީ؟ މާޝާ ކީއްވެތަ ދަރިފުޅުގެ މޫނު އެހާ ރަތީ؟” ލަތީފް އެހެން އަހާލީ ސީރިއަސްކަމާއި އެކީގައެވެ.

 

“މޫނު ރަތްވާނެއެއްނު ދޮންބެއަށް ފޮރުވައިގެން ކަމެއްކުރަން އުޅެންޏާ. މާޝާއަށް ކަމުދާ ކުއްޖަކު ފެނިގެންނޯ އުޅެނީ.” މިރްޒާން އޭނައަށް އެނގޭ ވަރަކުން ކިޔައިދިނެވެ. މިރްޒާން ފެށުނީއްސުރެ ދިމާކުރަމުން ދިޔައީ އެ ޒާތަށް ދުރުދުރުން ކަމަށްވިޔަސް މާޝާ އެވަގުތު ވެސް ލަދުގަތެވެ.

 

“ހެހެ….ލިއާމް ވާހަކަދޯ؟ ލިއާމް މިއަދު އައޭ މިގެއަށް މާޝާއާ ބައްދަލުކުރަން. އޭރުވެސް މިގޮތަށް ގުޅާލެވުނުނަމަދޯ؟” ބައްޕަ ކިޔުނު ނަމެއް އިވިފައި މާޝާގެ ހުއްޓުން އެރި ވަގުތު އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި މާޝާއަށް ވާހަކަ ދެކެވުނެވެ.

 

“ކާކު ވާހަކަތަ ބައްޕާ؟” މާޝާއަށް އެހެން އަހާލެވުނީ ސީރިއަސްކަމާއި އެކީގައެވެ. އެ ހިނދު މިރްޒާނަށް ވެސް ދެބުމަ ކައިރިކޮށްލަމުން މާޝާއަށް ބަލާލެވުނެވެ.

 

“ލިއާމް….ލިއާމްއާ ނޫންތަ މާޝާ އިންނަން އެއްބަސްވީ؟” ލަތީފް ޙައިރާންވެފައި އިނދެ އަހާލިއެވެ. އެ ހިނދު ނޭނގޭ ބިރުވެރިކަމެއް މާޝާގެ ހިތް ވަށާލިއެވެ.

 

“ލް….ލިއާމްއެއް ނޫން ބައްޕާ. އައްޒާމްއާ އިންނަން އަހަރެން އެއްބަސްވީ.” މާޝާ ސާފުކޮށް އެ ނަން ކިޔަމުން ބުނެލިއެވެ.

 

“ކީކޭ؟ އައްޒާމޭ؟! އައްޒާމް އެދުވަހު ދަރިފުޅާ އިންނަން މިގެއަށް އައީ ލިއާމްއަށްވުރެ ފަހުން. ލިއާމް މިގޭގަ ހުއްޓާ ދަރިފުޅު އޭނައާމެދު ދެކޭ ގޮތް އެހީމަ ދަރިފުޅު އޭނަގެ ނަންވެސް ނާހާ އޭނައަށް އާނބަސްދިނީ. މިހިރީ އޭނަގެ މަންމައޭ ކިޔާފަ. ދެން ފަހުން އައްޒާމްވެސް އައީ ދަރިފުޅާއި އިންނަން އެދެން. އެކަމަކު އޭރު ދަރިފުޅުގެ ޚިޔާލެއް ހޯދަން ބައްޕަ ގުޅީމަ ދަރިފުޅު ފޯނެއް ނުނަގާ. އައްޒާމް ވެސް އެތައް ފަހަރަކު ގުޅީމަ ދަރިފުޅު ފޯނު ބިޒީކުރީ. ދެން އެހެންވެ ބައްޕަމެން އައްޒާމަށް އިންކާރުކޮށް އައްޒާމް ފޮނުވާލީ.” ބައްޕަ ކިޔައިދިން ވާހަކަތަކުން މާޝާއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ކުރުވެގެން ދިޔަ ނޭވައާއެކީ ހުޅުވިގެން ދިޔަ އަނގަމަތީގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ބައްޕަގެ ފަހު ޖުމްލައިން ބުނި ބަސްތަކުން އައްޒާމަށް އެ ޙާލަތުގައި ވާނެ ގޮތް ޚިޔާލަށް ގެނެވުމުން ހިތަށް ތަދުވާން އުޅުނު ވަގުތު މާޝާއަށް ރުޅިވެރިކަން އިސްކުރެވުނެވެ.

 

“އަހަރެން ނޫނެކޭ ނުބުނަން އައްޒާމަށް ބައްޕާ. އަހަރެން އާނއެކޭ ބުނީ އައްޒާމަށް. އެދުވަހު އައްޒާމްގެ މަންމަ ކައިރި ހުރެ އެ ވާހަކަ ބުނީވެސް. އަހަރެން އައްޒާމް ގުޅީމަ ފޯނު ބިޒީއެއް ނުކުރަން އެއްވެސް ދުވަހަކު. އެދުވަހު އަހަރެންގެ ފޯނު ގެއްލުނީމަ ކަންދިމާވި ގޮތް ތީ. ބައްޕަ……ބައްޕަ ކީއްވެ އައްޒާމް ފޮނުވާލީ؟” މާޝާގެ ހިތަށް ކޮށްފައިވި އަސަރެއްގެ ސަބަބުން އޭނައަށް ކުރީކޮޅު ވާހަކަ ދެކެވުނީ ހިސާބެއްގެ ހަރުއަޑުން ކަމަށްވިޔަސް އޭނަ ފަހު ސުވާލުކޮށްލީ މަޑުމައިތިރި އަޑަކުންނެވެ. މާޝާއަށް އަންނަމުން ދިޔަ ބަދަލުތައް ގާތުން ފެންނަމުން ދިޔަ މިރްޒާން ވަކި އެއްޗެކޭ ނުބުނެ މަންޒަރު ބަލަން ހުއްޓެވެ.

 

“އައްޒާމަކީ އެހެން ނޫނަސް އެހާ ރަނގަޅު ކުއްޖެއް ނޫންކަމަށް ބައްޕަމެންނަށް އިވިފަ އޮތީ ދަރިފުޅު. ލިއާމް ބުނީ އޭނަ ޞާލިޙުވެގެން އުޅެނީ އޭނަގެ ކާފަގެ މުދާގަނޑު ހޯދަންވެގެންނޭ. އަދި އޭނަގެ މަންމައާއި ބައްޕައަކީ ދީނަށް ހަޖޫޖަހާ ދެމީހުންކަމަށް އައްޒާމްވެސް އެއްބަސްވި. އެކަހަލަ މީހަކާއެކީ މާޝާ ކިހިނެއް ޒަވާޖީ ޙަޔާތެއް ފަށާނީ؟” ލަތީފް ސުވާލުކުރުމާއެކު މާޝާ ޖަވާބުދިނެވެ.

 

“ބައްޕަ އައްޒާމް ދޮގުވެރިއެއްގެ ގޮތުގަ ނިންމާފަ ލިއާމަށްތަ ތި އިތުބާރު ކުރަނީ؟ ބައްޕައަށް އެބަ އިނގޭތަ ތި ލިއާމަކީ ކާކުކަން ވެސް؟ އެއީ އަހަރެން ކުރީގަ ރައްޓެހިވެގެން އުޅުނު ހީލަތްތެރި މުށްބާރު ކުރާ މީހެއް. އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއް. ހެޔޮވެސް ނުވާނެ އޭނައަށް އިތުބާރުކޮށްގެން އެހެން މީހަކަށް ގޮތެއް ނިންމަން. އަދި އައްޒާމަށް އަމުދުންނެއްނޫން. އައްޒާމް ބުނިއްޔާ ވެދާނެ އޭނަގެ މަންމައާއި ބައްޕައަކީ ދީނާއި ދުރު ބަޔަކަށް. އެކަމަކު އަހަންނަށް ޔަޤީން އައްޒާމް އަހަންނާ އިނިއްޔާ އައްޒާމް އަހަންނަށް އެމީހުންގެ އުދަގޫ ފޯރުވިޔަ ނުދޭނެކަން. އެހާވެސް ހަރުދަނާ މީހެއް އެއީ. އައްޒާމް އަހަންނާ ރައްޓެހިނުވެ މާލެއަށް ދިޔައީ ވެސް އަހަންނާއި އިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކެއްވާން ބައްޕާ. ޚުދު އަހަރެން ވެސް ހުރިހާ އިމްތިޙާންތައް އަވަހަށް ނިންމައި މިކޮޅަށް އައިއްސަ މިހިރީ އެ ކައިވެނީގެ އުއްމީދުގަ. އައްޒާމް ވަރަށް ދެރަވާނެ ކަންތައް މިވީ ގޮތުން. ޕްލީޒް ބައްޕާ. އައްޒާމަށް ގުޅާފަ ބުނޭ އަހަރެން އައްޒާމާއި އިންނަން ބޭނުމޭ.” މާޝާ ވާހަކަ ދެއްކީ ކަންބޮޑުވުމަކާއި އާދޭހެއް އެކުލެވިފައިވާ ފަދައަކުންނެވެ. މާޝާގެ އެ އެދުމަށް ލަތީފް އެއްޗެކޭ ބުނަން އުޅުނު ވަގުތު މިރްޒާން ވާހަކަ ދެއްކިއެވެ.

 

“މާޝާ އެ ބުނީ ރަނގަޅަށް ބައްޕާ. އައްޒާމަކީ އަހަރެންވެސް ވަރަށް ގާތްކޮށް ދަންނަ ކުއްޖެއް. ހިއެއްނުވޭ އައްޒާމް ތި ސިފަކުރާހާ ގޯސްވެދާނެހެން. އައްޒާމްގެ މަންމައާއި ބައްޕަ ކޮންމެ ގޮތަކަށް އުޅުނަސް އައްޒާމަކީ ރަނގަޅު ކުއްޖެއްނޫންތަ ބައްޕާ؟ އެހާވަރުން ނުފުދޭތަ؟” މިރްޒާން ސުވާލުކުރުމުން މާޝާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އައްޒާމްގެ ހިތަށް ވެސް އެ ސުވާލުއަރާނެއޭ ހިތް ބުނުމުންނެވެ.

 

“އާނދޯ އަސްލު؟ އެކަމަކު އެދުވަހު މާޝާ ލިއާމް ހުއްޓާ އެއްބަސްވީމަ ވީގޮތް މީ. މިހެންވީމަ ކުއްޖަކާ ބައްދަލުކޮށްފަ ނޫނީ އިންނަން އެއްބަސްނުވާންވީ. ބައްޕަގެ މައްސަލައެއްނެތް މާޝާއާއި ދޮންބެވެގެން އައްޒާމަށް ގުޅައިގެން މިކަން ހަމަޖެއްސިޔަސް. ބައްޕަ ލިއާމަށް އަންގާލާނަން މިކޮޅުން.” ލަތީފް ބުނެލިއެވެ. މާޝާ އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެ ލެޕްޓޮޕުން އެ ފޯނު ކަނޑާލެވުނީ ބޭއިޚްތިޔާރުގައެވެ. އަދި ދޮންބެ ގާތު އައްޒާމަށް ގުޅާލުމަށް އެދެވުނެވެ. އައްޒާމްގެ ނަންބަރަށް ކުރިން ވެސް މިރްޒާން ގުޅާފައިވުމުން ވަރަށް އަވަހަށް އޭނައަށް ވައިބާރއިން އެ ނަންބަރު ހޯދާލެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ނަންބަރު ހުރީ ގުޅޭ ގޮތަކަށް ނޫނެވެ. އެހެންކަމުން މިރްޒާން އޭނަގެ ފޯނުން ވެސް އެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ގުޅޭ ގޮތެއްނުވިއެވެ. މުޙްސިން ސްކޫލުން ގެއަށް އައީ މިރްޒާން އެ މަސައްކަތުގައި ވަނިކޮށެވެ. މުޙްސިން ކިހިނެއްވީތޯ ސުވާލުކުރުމުން މިރްޒާން ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

 

“ސުބްޙާނަ ﷲ! ތިއީ އެއްކަލަ މަޝްހޫރު އައްޒާމްތަ؟ އެހެންވެއްޖެއްޔާ އައްޒާމް ވަރަށް ވަރަށް ދެރަވާނެ ތިހެންވީމަ. ކުރީ ދުވަހު ފިހާރައެއްގެ ތެރެއިން ދިމާވީމަ ވެސް ވަރަށް އުފަލުން ބުނީ ތިމަންނަ މިއުޅެނީ މީހަކާއި އިންނަންވެގެންނޭ. އަވަހަށް އޭނައަށް ކޮންމެވެސް ގޮތަކަށް އަންގާލަބަލަ!” މުޙްސިން އެދުނެވެ. މުޙްސިނަށް އައްޒާމް އެނގެނީ ކިހިނެއްތޯ މިރްޒާނާއި މާޝާގެ ހިތް ވެސް ސުވާލުކުރިއެއްކަމަކު އެދެމީހުން ވެސް އެވަގުތު އެހެން ނޭހިއެވެ. ބަދަލުގައި އައްޒާމްގެ ފޭސްބުކް ޕްރޮފައިލްއަށް ވެސް މެސެޖެއް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެމީހުން ބަލާލިއިރު އެ ޕްރޮފައިލް ވެސް ވަނީ ހެކް ކުރެވިފައެވެ. ޕްރޮފައިލް ފޮޓޯގައި ވެސް ނުބައި ޒާތުގެ ފޮޓޯއެއް ޖަހާފައި ހުރިއިރު އެ ޕްރޮފައިލްގައި ފަހަކަށް ލިޔެވިފައިވި ޕޯސްޓްތައް ވެސް އެފަދައެވެ. ޕްރޮފައިލް ހެކްކުރެވިފައިކަން ޔަޤީންވުމުން މުޙްސިން އެހެން ޚިޔާލެއް ދިނެވެ. އައްޒާމްގެ ގެއަށް ދިޔުމުގެ ޚިޔާލެވެ. މިރްޒާން އައްޒާމްގެ ގެ އެނގޭތޯ ސުވާލުކުރުމުން މުޙްސިން ތެދުތެދަށް ޖަވާބުދިނެވެ. އެއާއެކު މުޙްސިން ވެސް އެމީހުންނާއެކީ އެގެއަށް ދިޔުމަށްޓަކައި ތައްޔާރުވީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. އައްޒާމްގެ މަންމަވެސް މިކޮޅުގަ ހުރި ވާހަކަ މާޝާ ދައްތަގެ ފަރާތުން ދެންމެ އިވުމުންނެވެ. އެހެނަސް ކޮންމެވެސް ގޮތަކަށް އޭނަގެ ބޮޑުދައިތައަށް ފިލަން ނިންމަމުން ވެސް މުޙްސިން އެ ދަތުރުގައި ދިޔައީ، އޭނަގެ ބޭބެ އައްޒާމަށް އުފާވެރިކަމެއް ހޯދައިދޭން އޭނައަށް ވެވެން އޮތްހާ ކަމެއް ކުރުމަށެވެ.

 

މިރްޒާން އޭނަގެ ކާރުގައި މުޙްސިނާއި މާޝާ ގޮވައިގެން މާލެ ދިޔައީ ބާރު ސްޕީޑެއްގައެވެ. މުޙްސިން ކިޔައިދިން ގޮތަށް މަގުތައް ކަނޑައްތު ކުރަމުން ދިޔަ ހިނދު މުޙްސިން ވާހަކަ ދެއްކިއެވެ.

 

“މީގެ މަސްތަކެއް ކުރިން އަހަރެން އުޅުނީ އެގޭގަ. ވަރަށް ރަނގަޅު ބޭބެއަކާއި އައްޒާމާއެކީ އެގޭގަ އުޅުނީ…..މާ ފަހުން އެނގުނީ އެ ބޭބެއަކީ އަހަރެންގެ ކާފަކަން.” މުޙްސިން ބުނެލި ވާހަކައިން މިރްޒާނަށް އޭނައަށް ނަޒަރެއް ދެވުނީ ކުއްލިއަކަށެވެ.

 

“ކާފައަށް އެނގޭތަ ތިކަން؟” މިރްޒާން އެއްފަހަރު މުޙްސިނަށް އަނެއްފަހަރު ކުރިއަށް ބަލަމުން ސުވާލުކުރިއެވެ.

 

“ނޭނގޭނެ. ބައްޕަ ގޮއްސަ އަންގަދެއްޗޭ ކާފައަށް. އަހަރެން ނުފައިބާނަން. އައްޒާމްގެ މަންމަމެން ތިއްބާ އަހަރެން ފޭބުން ރަނގަޅެއްނޫން.” މުޙްސިން ބުނެލިއެވެ. އެ ވާހަކަ އަޑުއަހަން ކާރުގެ ފަހަތު ސީޓުގައި އިން މާޝާގެ ނިތަށް ރޫގިނަވިއެވެ.

 

“ކިހިނެއްވީ؟ އެމީހުންތަ މަންމައަށް އަނިޔާ ކުރީ؟ އާޝިޔާމެން؟” މިރްޒާން ހިސާބެއްގެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. މުޙްސިނަށް އިތުރަށް ފޮރުވުމެއްނެތި އާނއެކޭ ބުނެލެވުނީ ބައްޕަ ދަނީ އެމީހުންނާއި ކުރިމަތިލާންހެން ހީވުމުންނެވެ. އޭނަ އާނއެކޭ ބުނެލި ވަގުތު ވެސް ބައްޕަގެ ދަތްކުނޑި ވިކުނެވެ. މިއީ މިރްޒާންގެ ޙަޔާތުގައި ވެސް އޭނަ ދުވަހަކު ނުދެކޭ ބަޔަކަށް ރުޅިއައި ފުރަތަމަ ފަހަރެވެ. މާޝާގެ ހިތަށް އެއްފަހަރާ އެތައް ސުވާލެއް ވެރިވިއެއްކަމަކު އޭނައަށް ސުވާލެއް ނުކުރެވުނީ ވެސް ދޮންބެގެ އެ ރުޅީގެ ސަބަބުންނެވެ.

 

އެހެނަސް ހާޝިމްގެ ގެއަށް ގޮސް ކަންތައްވެގެން ދިޔައީ 3 މީހުންކުރެ އެއްވެސް މީހަކު އުއްމީދު ކުރި ގޮތަކަށް ނޫނެވެ. މުޙްސިންގެ އެދުމުގެ މަތިން މިރްޒާން އެގެއަށް ވަންނަން ދިޔައީ މުޙްސިން ކާރުގައި ބައިންދާފައެވެ. މިރްޒާނާއި މާޝާ ގޮސް އެ އެޕާޓްމެންޓްގެ ބެލް އަޅުވާލުމުން ހާޝިމް ދޮރު ހުޅުވިއެވެ.

 

“ކޮބައިތަ އެމީހުން؟! ކޮންތާކު ފިލައިގެން އެމީހުން އުޅެނީ؟” ހާޝިމަށް އެއްޗެކޭ ނުބުނެވެނީސް މިރްޒާން އެގޭގެތެރެއަށް ވަންނަމުން އެ ސުވާލުތައް ކޮށްލީ ރުޅިވެރިކަމާއެކީގައެވެ. އެ ހިނދު މާޝާއަށް އެއްޗެކޭ ބުނަން ބޭނުންވެފައި ހުރެވެސް ނުބުނެ ހުރެވުނީ ދޮންބެ އައީ އޭނަގެ ސަބަބަށްވުރެ މާ ބޮޑު ސަބަބަކަށްޓަކައިހެން ހީވުމުންނެވެ.

 

“ކޮން ބައެއްތަ މިރްޒާން؟ ކޮންތާކު ފިލައިގެން އުޅެނީ؟” ހާޝިމް ވެސް މިރްޒާން ދިޔަ ދިމާލަށް ދަމުން ޙައިރާންކަމާއެކީ ސުވާލުކުރިއެވެ.

 

“އަމްނާގެ އެ ބުނާ ތުއްތައަކާ ތުއްތަބެއެއް! އެމީހުންނޭ އަމްނާ ގެއްލުވާލީ!!!” މިރްޒާންގެ ރުޅި ގަދަވެގެން ދިޔަދިޔަހެން އޭނަގެ އަޑުވެސް ހަރުވިއެވެ. އޭނަ އިއްވާލި ވާހަކައިން ހާޝިމްގެ ދެލޯ ބޮޑުވިއެވެ.

 

“ކް…ކީކޭތަ މިރްޒާން ތި ކިޔަނީ. އަމްނާއަށް އެ ސިޙުރެއް ހެދީ މިރްޒާންގެ ބޭބެއެއް ނޫންތަ؟!” ހާޝިމް އެހެން އަހާލީ ވެސް ނުރުހުންވެފައި ހުރެއެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނަގެ ހިތުގައި ވެސް އާޝިޔާއަށްޓަކައި ލޯތްބެއްވެއެވެ. އެހެނަސް…

 

“އެންމެ ފުރަތަމަ ސިޙުރު ހެދީ އޭނަ. އެކަމަކު މިހާރު އަމްނާ އަހަރުމެންނާ ދުރުގަ އުޅޭ ސަބަބަކީ އެ އާޝިޔާމެން. ކޮބައިތަ އެމީހުން؟!!” މިރްޒާން ދެންވެސް އެސުވާލު ކޮށްލީ ހަރުއަޑުންނެވެ. އެ ހިނދު އެ ބަސްތައް އިވުނު މާޝާގެ ހިތްވެސް ރޫރޫއަޅައިގެން ދިޔައެވެ.

 

“ހަމަޖެހިބަލަ މިރްޒާން. އެމީހުން ނެތޭ މިކޮޅުގައެއް!” ހާޝިމް އަންގާލި ވާހަކަ މިރްޒާންގެ ނޭވާ ހުއްޓުމަކަށް އައެވެ. އިރުކޮޅެއް ވަންދެން އޭނައަށް ހާޝިމަށް ހިމޭންކަމާއެކީ ބަލަން ހުރެވުނެވެ.

 

“އެމީހުން ގޮއްސި އަނބުރާ ލަންޑަނަށް. އިހަކަށް ދުވަހު. އައްޒާމްވެސް ގޮވައިގެން އެމީހުން ދިޔައީ. މާޝާ ދަރިފުޅު…..ކިހިނެއް ދަރިފުޅު ހެދީ އައްޒާމަށް؟ އައްޒާމް ހާދަ ރުއޭ ދަރިފުޅު އޭނައަށް ނޫނެކޭ ބުނީމަ. އެކަމާހެދި ބޮޑަށް އައްޒާމް އެމީހުންނާއެކީ ދިޔައީވެސް. މި މާޙައުލާ ދުރަށްދާން އޭނަ ބޭނުންވީ. އެހެންނޫންނަމަ އޭނަ އެ ޒާތުގެ ދެމީހުންނާއެކީ އުޅެން އެއްގޮތަކަށް ވެސް ނުދާނެ!” ހާޝިމް މާޝާއަށް ބަލަން ހުރެ ދެއްކި ވާހަކައިން މާޝާ ފެންކަޅިވާ ގޮތްވިއެވެ. އޭނަ އެއްޗެކޭ ބުނަން ބޭނުންވިއެވެ. އޭނަ އައްޒާމަށް ނޫނެކޭ ނުބުނާ ވާހަކައެވެ. ދުވަހަކުވެސް އޭނަ އައްޒާމަށް އިންކާރު ނުކުރާނެ ވާހަކައެވެ. އެހެނަސް އޭގެ ކުރިން އަނެއްކާވެސް މިރްޒާން ވާހަކަ ދެއްކިއެވެ.

 

“ބައްޕަ ކީއްވެތަ އެމީހުން މިކޮޅުގަ ތިބިއިރު އަހަރެން ކައިރި ނުބުނީ؟ މުޙްސިން ވެސް ހުންނަނީ އެމީހުންނާހެދި ސިހި ބިރުގެންފަ!” މިރްޒާން މިފަހަރު ބުނެލި ނަމަކުން ހާޝިމް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެކެވުނެވެ.

 

“މުޙްސިން….މުޙްސިން މިކޮޅުގަ ހުރީތަ؟” ހާޝިމަށް އެހެން އަހާލެވުނީ ތުރުތުރުއަޅާ އަޑަކުންނެވެ. އެ ހިނދު އޭނައަށް ޙަޤީޤަތެއް ހާމަކުރެވިއްޖެކަން އެނގުންވި މިރްޒާން ހިމޭންވާ ގޮތްވިއެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލިއެވެ. އެއާއެކު ހާޝިމް ރޮވިފައިވާ އަޑަކުން މުޙްސިން އޭނަ ކައިރިއަށް ގެނެސްދިނުމަށް އެދެން ފެށިއެވެ. މިރްޒާން ވަކި އިންކާރު ކުރުމެއްނެތި އަމިއްލައަށް ގޮސް މުޙްސިން ގޮވައިގެން އެ އެޕާޓްމެންޓަށް ދިޔައެވެ. މުޙްސިން ފެނުމާއެކު ހާޝިމް ޙައިރާންކަމާއެކީ އޭނައަށް ގޮވާލީ ހަސަންގެ ނަމުންނެވެ. އެހެނަސް މުޙްސިން ބޯހޫރުވާލަމުން މުޙްސިންއޭ ބުނެލުމުން ހާޝިމް އުފަލާއެކީ ގޮސް މުޙްސިންގެ ގައިގައި ބައްދާލިއެވެ. އިސާހިތަކު އެ މާޙައުލަށް އުފާވެރިކަން ވެރިވެގެން ދިޔައީ ހާޝިމަށް އުފާވެރިކަމުގެ ކަރުނަތަކާއެކީ ގިސްލެވެން ފެށުމުންނެވެ. މިރްޒާނާއި މާޝާގެ ހިތަށް އެވަގުތު ވެރިވެފައިވި ހަލަބޮލިކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އެވަގުތުކޮޅުން ލިއްބައިދިނެވެ. އިރުކޮޅެއް ވަންދެން ގިސްލުމަށްފަހު ހާޝިމް މުޙްސިނާއި ދުރުވެލަމުން އެތައް ޝަކުވާއެއް ކުރިއެވެ. ކާފައަށް ދޮގުހެދީ ކީއްވެތޯ އަހަމުންނެވެ. ކާފައާއި ދުރަށް ދިޔައީ ކީއްވެތޯ އަހަމުންނެވެ. މުޙްސިން އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. އެންމެން އެކީގައި ސިޓިންގް ރޫމުގެ ސޯފާގައި އިށީނުމުން މުޙްސިން ތަފްޞީލުކޮށް އާޝިޔާމެން އޭނަގެ މަންމައަށް ހެދިގޮތް އޭނައަށް އެނގޭ ވަރަކުން ކިޔައިދިނެވެ.

 

“އެ ކޮންފަރެންސްގެ ތެރެއިން އެމީހުން މަންމަ ރަހީނުކުރީ. އަހަންނަށް މިކަން އެނގުނީ އޭގެ ދުވަސްކޮޅެއް ފަހުން އޭގެއިން މީހަކު އަމްނާއޭ ކިޔައި ވާހަކަ ދައްކާ އަޑުއިވިފަ. މަންމަ އެމީހުން ބަހައްޓާފަ ހުރީ ކޮންމެވެސް ޢިމާރާތެއްގެ ތިރީ ބައިގަ. އޭގެއިން މީހަކު ދެއްކި އަޑުއިވުނު ގޮތުގަ މަންމައަށް އެމީހުން ކާންވެސް ނުދޭ. އެކަމަކު ﷲ ގެ އިރާދަފުޅުން މަންމަ ސަލާމަތްވިކަން އަހަންނަށް އެނގުނީވެސް އެމީހާ ފަހަތުން ދާން އަހަރެން ކުރި މަސައްކަތުގެ ތެރޭގަ. އައްޒާމްގެ މަންމައާއި ބައްޕަގެ އިތުރުން ވެސް އެމީހުންނާއެކީ މަސައްކަތް ކުރާ ފިރިހެނެއް އެބައުޅޭ. ނޭނގެ އޭނައަށް ކިޔާ ނަމެއް. އެނގޭހާ ވެސް ކަމަކީ މި އެންމެންގެ ބޭނުމަކީ އެކައްޗެއްކަން. މަންމަ ދީނާއި އެއްކޮޅަށް ވާހަކަ ދައްކާތީ މަންމަ ނެތިކޮށްލުން….އަހަންނަށް ބިރުހީވޭ އެމީހުން އައްޒާމްވެސް ގެންދިޔައީ އެފަދަ ކަމަކުހެން. ކާފަ އައްޒާމަށް ގުޅަން މަސައްކަތް ކުރިންތަ؟” މުޙްސިން ސުވާލުކުރިއެވެ.

 

“އަދި މަސައްކަތެއް ނުކުރަން. މިހާ ހިސާބަށް އައިއިރު މުޅިންވެސް އެކޮޅުން ޒަމީން މެދުވެރިވެގެން އައްޒާމާއި ވާހަކަ ދައްކަމުން މިދަނީ. އާޝިޔާ ކޮންމެ ގޮތަކަށްވިޔަސް ޒަމީން ފުދޭވަރަކަށް ރަނގަޅު. އައްޒާމް ޒަމީންއާއެކީ ދިޔައީވެސް އޭނައަށް ހެޔޮވިސްނުން ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމުގެ އުއްމީދުގަ. ކާފަގެ އުއްމީދަކީވެސް އެއީ. އައްޒާމް ބުނި ތިމަންނަ އެއްމަސް ފަހުން މިކޮޅަށް އަންނާނަމޭ. އެހެންވީމަ މާޝާ ދަރިފުޅު ދެރަނުވައްޗޭ.” ވާހަކަ ދައްކަމުން ގޮސް ދެރަވެފައި ހުރި މާޝާއަށް ބަލާލަމުން ހާޝިމް ޚަބަރެއް ދިނީ މާޝާގެ ހިތްހަމަޖައްސާލުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ވާހަކަ އިވިފައި މާޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ވާހަކަވެސް ދެކެވުނެވެ.

 

“އެކަމަކު ބޭބެ ދެން އައްޒާމް ގުޅި ފަހަރަކު އަންގަދެއްޗޭ އަހަރެން އޭނައަށް ނޫނެކޭ ނުބުނާ ވާހަކަ. އައްޒާމް ވަރަށް ދެރަވާނެ އެހެންނޫނީ.” މާޝާ އެދުނެވެ. ހާޝިމް އެ ވާހަކައަށް ބޯޖަހާލިއެވެ. ހަމަ އެހިނދު މާޝާއަށް މެސެންޖާއިން މެސެޖެއް އައި އަޑު އިވުނެވެ. މާޝާ ފޯނަށް ބަލާލި ހިނދު ހާޝިމްމެން އަމްނާގެ ވާހަކަ ދައްކަން ފެށީއެވެ. އަމްނާ ހުންނާނީ ކޮންތާކު ކަމާމެދު ވާހަކަ ދެކެވެން ފެށިއެވެ. މާޝާއަށް އެ ވާހަކަތަކަށް ވަކި ވަރަކަށް ސަމާލުކަން ދެވުނީ އޭނައަށް އައި މެސެޖު ފެނިފައެވެ. އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާ ވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ.

 

ނުނިމޭ

The post Hadhiya (Part 37) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-37/feed/ 0 1372
Hadhiya (Part 36) https://blog.storiesbyjana.com/hadhiya-part-36/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-36 https://blog.storiesbyjana.com/hadhiya-part-36/#respond Sun, 02 May 2021 15:35:40 +0000 https://blog.storiesbyjana.com/hadhiya-part-35-copy/

“މާޝާ ވަނީ އެހެން ކުއްޖަކާ ގުޅެން އެއްބަސްވެފަ.” ލަތީފް އިއްވާލި ވާހަކައިން އައްޒާމްގެ ހިތް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. ނޭވާ މެދުކެނޑިގެން ދިޔަ ހިނދު މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އަރުތެރެ ބެދެން ފެށި ވަގުތު އޭނައަށް ދެން އިތުރު ވާހަކައެއް ނުދެއްކޭނެހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ކެނޑެމުން ދިޔަ އުއްމީދުގެ ރޯދިތަކުގެ ތެރެއިން ރޯއްޖެއްގައި ހިފަހައްޓަމުން އައްޒާމަށް ގަދަކަމުން ކަހަލަ ގޮތަކަށް ހީލެވުނެވެ.   “ހް….ހެހެ…ސަމާސާއެއްދޯ ބޭބޭ؟ އެހެންނޫނީ މާޝާ ބުނެފަ […]

The post Hadhiya (Part 36) appeared first on Stories by Jana.

]]>

“މާޝާ ވަނީ އެހެން ކުއްޖަކާ ގުޅެން އެއްބަސްވެފަ.” ލަތީފް އިއްވާލި ވާހަކައިން އައްޒާމްގެ ހިތް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. ނޭވާ މެދުކެނޑިގެން ދިޔަ ހިނދު މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އަރުތެރެ ބެދެން ފެށި ވަގުތު އޭނައަށް ދެން އިތުރު ވާހަކައެއް ނުދެއްކޭނެހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ކެނޑެމުން ދިޔަ އުއްމީދުގެ ރޯދިތަކުގެ ތެރެއިން ރޯއްޖެއްގައި ހިފަހައްޓަމުން އައްޒާމަށް ގަދަކަމުން ކަހަލަ ގޮތަކަށް ހީލެވުނެވެ.

 

“ހް….ހެހެ…ސަމާސާއެއްދޯ ބޭބޭ؟ އެހެންނޫނީ މާޝާ ބުނެފަ އޮތީތަ އޭނަ ކުއްޖަކާ އިންނަން ބޭނުންވާ ވާހަކަ؟ މާޝާ ހުރީ އަހަންނާ އިންނަން ބޭނުންވެގެންނޭ. މާޝާ އެ ދެއްކީ އަހަރެންގެ ވާހަކަ.” އައްޒާމް އޭނަގެ ހިނިތުންވުމާއެކީ އޭނަގެ އުއްމީދުވެސް ދެމެހެއްޓޭތޯ މަސައްކަތް ކުރަމުން ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. ނަމަވެސް ލަތީފްމެންގެ ސީރިއަސް ނަޒަރުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

 

“ނޭނގެ ތީގެ ތެދެއް ދޮގެއް އައްޒާމް. އެކަމަކު މާޝާގާތު އެކުއްޖާގެ ވާހަކަ ބުނީމަ ވަރަށް އުފަލުން އެއްބަސްވީ. މާޝާއާ އެކުއްޖާގެ މަންމައާ ދެމެދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް. ވަރަށް ހިތްހަމަޖެހިފަ މާޝާ ހުރީ އެކުއްޖާއާމެދު.” ލަތީފް ދެއްކި ކޮންމެ ވާހަކައެއް ދުނި ތީރުތަކެއް ފަދައިން ގޮސް އައްޒާމްގެ ހިތަށް ހެރުނެވެ. މޭތެރޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔަ ވަގުތު އޭނަގެ ލޮލުން ދިލަ ނަގަން ފެށިއެވެ. މާޝާ އޭނަ ނޫން މީހަކާއެކީ އުޅެން ރުހުމާއެކީ އެއްބަސްވެދާނެކަމަށް ޤަބޫލުކުރަން އޭނަގެ ހިތް އިންކާރު ކުރިއެވެ. އެހެން ބުނެ އެ ހިތް ހަޅޭއްލެވުމުން އައްޒާމަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.

 

“މާޝާ އެކުއްޖާއާއި ބައްދަލުކުރިތަ؟” އައްޒާމަށް އެހެން އަހާލެވުނީ ކުރަކިވެފައިވި އަޑަކުންނެވެ. އެ ވާހަކައަށް ދެންވެސް ލަތީފްގެ ނަޒަރު އެއްގޮތަކަށް ހުރިއިރު ހާފިޒާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ފެށިއެވެ.

 

“ބައްދަލެއްނުކުރޭ. މާޝާ މިވަގުތު ނުވެސް ނެތް މިކޮޅުގަ. މާލޭގަ ހުރީ. އެކަމަކު އެކުއްޖާ މިގެއަށް އައިސްހުރިއިރު ފޯނުން ވާހަކަ ދެއްކި މާޝާ ވެސް ބުނީ ދެކުދިންނަށް ދެކުދިން ވަރަށް ރަނގަޅަށް އެނގޭކަމަށް. ދެކުދިން އެކަކު އަނެކަކަށް ތަޢާރަފުވީ އެ ކުއްޖާގެ މަންމަގެ ފަރާތުންނޯ. މާޝާ ދިޔަ ދަރުހަށް އެ މަންމަވެސް ދިޔައީމަޔޯ ގުޅުން ބަދަހިވެގެން ދިޔަ…” ލަތީފްގެ ވާހަކަ ނުނިމެނީސް އައްޒާމް ވާހަކަ ދެއްކިއެވެ.

 

“އެހެންވީމަ ތިއީ އަދި ޔަޤީންނުވާ ކަމެއްނޫންތަ ބޭބޭ؟ ކައިވެނީގެ ވާހަކައެއް ދައްކާއިރު ބައްދަލުނުކޮށް ނިންމުމެއް ނިންމުމަކީ ރަނގަޅުކަމެއްނޫން.” އައްޒާމް ބުނެލިއެވެ. އޭނައަށް ފަހު ބަސް ބުނެލެވުނުތަނާހެން އެ ހުރިހާއިރު ހިމޭނުން ހުރި ހާފިޒާގެ އަޑު ހަރުވިއެވެ.

 

“ކަލޭ ކީކޭތަ ކިޔަން ތިއުޅެނީ؟! އެނ؟ ބަލަ އަހަރުމެންގެ މާޝާއާއި އިންނަން އެ އެދިފަ ދިޔައީ ނުލާހިކު ޞާލިޙު ރަނގަޅު ކުއްޖެއް. ރަނގަޅު ކުއްޖަކަށްވީތީ އޭނަ މާޝާގެ ޙަޔާތަށް އައީވެސް. ކުރީގަ ކޮންމެ ގޮތަކަށް އުޅުނަސް މާޝާ ތައުބާވިފަހުން އުޅުނީ މުޅިން ވެސް ރަނގަޅު މާޙައުލުތަކުގަ. ދެން ކިހިނެއް އޭނަ ކަލޭ ކަހަލަ ދީނުން ބޭރުވެފަހުރި މީހަކާ އިންނާނީ؟” ހާފިޒާއަށް ފަހު ސުވާލު ކޮށްލެވުމާއެކު ލަތީފް ހަރުއަޑުން ހާފިޒާއަށް ގޮވާލި ވަގުތު އޭނަގެ ކަންފަތުގައި ހޮނު ގުގުރީގެ އަޑު ގުގުމާލި ކަހަލަ އިޙްސާސެއް އައްޒާމަށް ކުރެވުނެވެ. އޭނަ ހާފިޒާއަށް ބަލާލީ ބިރުވެރިކަމާއި ޤަބޫލުކުރަން ވެސް ބޭނުންނުވެފައިވި އަސަރުތައް އެކުލެވިފައިވި މޫނަކާއި އެކީގައެވެ.

 

“ހާފިޒާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟!” ލަތީފް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަހާލިއެވެ.

 

“މަ މިއުޅެނީ ނޭނގިގެންތަ؟ ލަތީފް ވެސް އަޑުއެހީމެއްނު މީނައާ ބެހޭގޮތުން އިވުނު ވާހަކަތައް؟ މަށަށް ޔަޤީނާއި ގާތް އެއީ ދޮގެއްނޫންކަން. އަހާބަލަ އޭނަ ކައިރިން އޭނަގެ މަންމައާއި ބައްޕައަކީ ކޮންކަހަލަ ބައެއްތޯ!” ހާފިޒާ ވާހަކަ ދެއްކީ އޭނަގެ ލޮލުގައި އަޅުވާލެވުނު އަނދުނެއްގެ ސަބަބުން ޙަޤީޤަތް ދެކެން ބޭނުންނުވެފައި ހުރެއެވެ. ހާފިޒާ އެހެން ބުނުމުން ލަތީފްވެސް އައްޒާމަށް ބަލާލިއެވެ.

 

“ތެދެއްތަ ދަރިފުޅު؟ ދަރިފުޅުގެ ޢާއިލާއާ ބެހޭގޮތުން ވަރަށް އެހެން ކަހަލަ ވާހަކައެއް އިވިގެން މިއުޅެނީ. އެ ވާހަކަ ނިކަން ސާފުކޮށްލަދީބަލަ ދަރިފުޅު.” ލަތީފް ވާހަކަ ދެއްކީ ލޯތްބާއި އެކީގައެވެ. އައްޒާމް ދިފާޢުކުރަން އުޅޭ ފަދައަކުންނެވެ. އެކަން އިޙްސާސް ކުރެވުނު އައްޒާމް، މި ޙާލަތުގައި އޭނައަށް އޭނަގެ އަމިއްލަ ނަފްސު ދިފާޢުކުރެވޭނެނަމައޭ ހިތަށްއެރިއެވެ. އެހެނަސް ޙަޤީޤަތަކީ ހިތި ޙަޤީޤަތެކެވެ. އެ ހިތިކަމުން ރެކެން ހިނދުކޮޅަކަށް ނަމަވެސް ދޮގު ހަދަން އައްޒާމްގެ ހިތަށްއެރިއެވެ. ނަމަވެސް ހިތުގައި އަޅަމުން ދިޔަ ވޭންތަކާއި އެކީވެސް އޭނަ ތެދުބުނަން ނިންމިއެވެ.

 

“ތި އިވުނީ ރަނގަޅަށް ބޭބޭ. އަހަރެންގެ މަންމައާއި ބައްޕައަކީ ދީނާއި ދުރު ދެމީހުން. އެކަމަކު އަހަރެން އެމީހުންގެ ޚިޔާލުތަކަށާއި ޢަމަލުތަކަށް ތަޢުރީފެއް އަދި ތާޢީދެއްވެސް ނުކުރަން. އަހަރެންގެ ވެސް އުއްމީދަކީ އަހަރެންގެ މަންމައާއި ބައްޕައަށް ހިދާޔަތް ލިބިގެން ދިޔުން. އެމީހުންގެ ގޮތްތައް ބަދަލުނުވަނީސް އެމީހުންނާއެކީ މާޝާ ނުވެސް ގެންގުޅެން އަހަރެން ރާވައިގެން ހުރީ ބޭބޭ. އެމީހުންގެ ފަރާތުން އެއްވެސް ގެއްލުމެއް މާޝާއަށް ލިބިދިޔަ ނުދޭނަން. މާޝާ ރައްކާތެރިކޮށްދޭނަން.” އައްޒާމް ފެންކަޅިވަމުން ދިޔަ ދެލޮލާއެކީ ކުރެހިފައިވި އަޑަކުން އޭނަގެ ހިތުގެ ފުންމިނުން ކިޔައިދިނެވެ. އެއާއެކު ހާފިޒާ ދެންވެސް ހަޅޭއްލެވިއެވެ.

 

“ބަލަ އަހަރުމެންނަށް ދަޅަ ދައްކާނެކަމެއްނެތޭ. މާލޭ މީހުން ވާނީ ހަމަ މާލޭ މީހުންނަށް. ސަހަލު މީހެއް ނުހުންނާނެ އެކަކު ވެސް! ހަމައެކަނި މާޝާގެ ސޫރައާއި ރޫފަ ރީތިވެގެން އޭނައާއި އިންނަން ތިއުޅެނީ. ރީތިކަމުގެ ބޭނުން ހިފި ނިމުނީމަ އެ ވަރިވީ. ކަލޭ ދެންމެ ތިބުނި ޙަޤީޤަތަށްފަހު މާޝާ ދުވަހަކުވެސް ކަލެއާ އިންނަން އެއްބަސް ނުވާނެ. މިހާރު ރަނގަޅަށް ވިއްޔާ އަހަރުމެންނަށް މި ޚަބަރު ދިން ކުއްޖާގެ ފަރާތުން މާޝާއަށް ވެސް އޮންނާނީ އެނގިފަ. ދެންވެސް ދާންއުޅޭ!” ހާފިޒާ ދޮރާއި ދިމާލަށް އިނގިލި ދިއްކުރަމުން އައްޒާމާއި ކުރިމަތިލަމުން ހަރުކަށިކޮށް އެންގިއެވެ. އެ ހަރުކަށިކަންވެގެން ދިޔައީ އައްޒާމްގެ ބަލިވެފައިވި ހިތަށް ލިބުނު އިތުރު އަނިޔާއަކަށެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޮލަށް ކަރުނަތައް ގިނަވެގަތް ހިނދު ދެންވެސް ހިތްވަރު ކުރަމުން އައްޒާމް ވާހަކަ ދެއްކިއެވެ.

 

“ބޭބޭ…..މާޝާއާއި ގުޅެން މިހާ ކައިރިއަށް އައިސް މާޝާގެ ބަހެއް ނުލިބި ދުރަށްދާން އަހަންނަށް ދަތި. ބޭބެ އަހަރެން ހުއްޓާ މާޝާއަށް ގުޅާލިއްޔާ އަހަންނަށް ވަރަށް ރަނގަޅު.” އައްޒާމް އާދޭހުގެ ރާގަކަށް ލަތީފް ކުރެން އެދުނެވެ. ޙަޤީޤަތާއިމެދު ޝައްކު އުފެދިފައިވާ ޙާލު އައްޒާމަށް ޙަމްދަރުދީވެސް ވެވުނު ލަތީފް އައްޒާމްގެ އެ ވާހަކައަށް ބޯޖަހާލިއެވެ. ހާފިޒާ އެއަށްވެސް އެއްޗެކޭ ބުނަން އުޅުމުން ލަތީފް އެއްއަތް ދައްކަމުން އޭނަ ހުއްޓުވިއެވެ. އެއަށްފަހު އޭނަގެ ފޯނު ހިއްލައި މާޝާގެ ނަންބަރަށް ގުޅާލިއެވެ.

 

**

 

އާޝިޔާގެ އަތްދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އޭނަ މާޝާ އަނބުރާ މާޝާގެ ބޮޑުދައިތަގެ ގެއަށްލާފައި މަގުން ހިނގާފައި ދިޔަ ވަގުތެވެ. ވައިބްރޭޓް ވާ އަޑަށް އާޝިޔާ އޭނަގެ އަތްދަބަސް ތެރެ ހާވަމުން އެ ފޯނު ނެގިއެވެ. ފިހާރަތެރެއިން އޭނަ މާޝާއަށް އޮޅުވައިގެން ނެގި މާޝާގެ އެ ފޯނުގެ ސްކްރީނަށް އަރާފަ އޮތީ ‘ބައްޕަ’ އެވެ. ފުރަތަމަ ސިކުންތުގައި އާޝިޔާ އެ ފޯނު ކަނޑާލަން އުޅުނެއްކަމަކު އޭނަ މަޑުކޮށްލީ ނުލަފާ ހިނިތުންވުމަކާއެކީގައެވެ. ފޯނު ރިންގުވަމުން ގޮސް ކެނޑެންދެން އޭނަ ސްކްރީނަށް ބަލަހައްޓައިގެން ހުރީއެވެ.

 

**

 

ފުރަތަމަ ފަހަރު ގުޅުމުން މާޝާ ފޯނު ނުނެގުމުން ލަތީފް ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. ދެވަނަ ފަހަރުވެސް އަދި ތިންވަނަ ފަހަރުވެސް ފޯނު ކެނޑިގެން ދިޔުމުން ލަތީފް ވާހަކަ ދެއްކިއެވެ.

 

“ފޯނާއި ދުރުގަ ހުރި ގަޑިއެއް ކަންނޭނގެ މިއީ. އިންޓަވިއު…..އިންޓަވިއުވެސް ކެންސަލްވީ ވާހަކަ މިރްޒާން ބުނި. މާޝާ އާއްމުގޮތެއްގަ ފޯނު ނުނަގާ ނުދާނެ. ކިހިނެއްބާވީ؟” ލަތީފް ނުތަނަވަސްކަން އެކުލެވިފައިވި ގޮތަކަށް ބުނެލެވުނެވެ. އެ ނުތަނަވަސްކަން އެއަށްވުރެ ބޮޑަށް އިޙްސާސް ކުރެވުނު އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“އަ…އަހަރެން ގުޅާލަންތަ ބޭބޭ؟ އަހަރެން ގުޅީމަ މާޝާއަށް އެނގޭނެ ކީއްވެކަން މިގުޅަނީ. މިތާނގަ ހުރެ ސްޕީކަރަށް ލައިގެން ގުޅާނީ. އެންމެ ރަނގަޅެއްނު؟” އައްޒާމް ދެންވެސް ރަނގަޅަށް ކަންތައްވާނެކަމުގެ އުއްމީދުގައި ބުނެލިއެވެ. ލަތީފް ދެބުމަ ކައިރިކޮށްގެން އިނދެ ބޯޖަހާލިއެވެ. އެއާއެކު އައްޒާމް އަވަސްއަވަހަށް އޭނަގެ ޖީބުން ފޯނު ނަގައި އެތައް ދުވަހެއް ފަހުން މާޝާއަށް ގުޅަން ފެށިއެވެ. ނަންބަރު ޖަހާފައި ގުޅާލަން އުޅުނު ވަގުތު އައްޒާމް ޖެހިލުންވެސްވިއެވެ. މި ހުރިހާ ދުވަހު އޭނަ ހުރީ ބޭނުންވެގެން ވެސް އެކަމުން މަޙްރޫމްވެގެންނެވެ. ނުހަނު އަވަހަށް އޭނައަށް އޭނަގެ ހިތުގެ ވެރިޔާގެ އަޑު އިވޭނެކަމަށް ހިތް ބުނި ހިނދު ކެތްމަދުވެގެން ދިޔަ ހިތަކާއެކީ އެ ނަންބަރަށް ގުޅާލެވުނެވެ.

 

**

 

މާޝާގެ ބައްޕަ ގުޅުން ހުއްޓުމުން އާޝިޔާ އަނެއްކާވެސް މާޝާގެ ފޯނު ދަބަހަށް އަޅާލަން އުޅުނު ވަގުތު 4 ވަނަ ފަހަރަށް އެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ޗޮއްކަނޑާލަމުން އާޝިޔާ މިފަހަރު ސްކްރީނަށް ބަލާލީ ފޯނު ނިވާލުމުގެ މަޤްޞަދުގައެވެ. އެހެނަސް ސްކްރީނުން ‘އައްޒާމް’ ގެ ނަން ފެނިފައި އާޝިޔާގެ މޫނުމައްޗަށް މިފަހަރު ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނަ ސްކްރީނަށް ބަލަހައްޓައިގެން ހުރެފައި ފޯނު ބިޒީކޮށްލިއެވެ.

 

**

 

އައްޒާމްގެ އަތުގައި އޮތް ފޯނު ރިންގުވަމުން ދިޔަ އަޑު އެންމެންނަށް އިވެމުން ދިޔަ ހިނދު އެ އެންމެންވެސް ކެތްމަދުވެފައިވިއެވެ. އެހެނަސް ފޯނު ކުއްލިއަކަށް ބިޒީވެގެން ދިޔަ އަޑު އިވެން ފެށުމުން އައްޒާމްގެ ހިތަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އޭނަ ލަތީފްމެންނަށް ބަލާލި ވަގުތު ލަތީފާއި ހާފިޒާ އެކަކު އަނެކަކަށް ބަލާލީއެވެ.

 

“ކޮބާ ފެނޭތަ މާޝާ ލޯބިވަނީ ކާކުދެކެކަން؟” ހާފިޒާގެ ނަފްރަތުން ފުރިފައިވި ހިތް އޭނަގެ ކޮޅު މޮޅު ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.

 

“މް…މަޑުކުރޭ ދައްތާ! މާޝާއަށް އޮޅިގެން ކެނޑުނީ ކަންނޭނގެ…އަދި ގުޅާލާނަން.” އައްޒާމް އަވަސްވެފައިވި ހިތަކާއެކީ އެ ފޯނު ކަނޑާލަމުން އަނެއްކާވެސް މާޝާގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ދެ ރިންގަކަށްފަހު ދެންވެސް އިވެން ފެށީ އެކޮޅުން ބިޒީވީ އަޑެވެ. އައްޒާމް ދެންވެސް ތަކުރާރުކޮށް އެ ނަންބަރަށް ގުޅަން ފެށީ ލޮލުން ފައިބަން ފެށި ކަރުނަތަކާއި އެކީގައެވެ. 5 ފަހަރަށް ވެސް އެއްއަޑުތަކެއް އިވިގެން ދިޔުމުން އައްޒާމްގެ ގައިން ހުރިހާ ވަރެއް ދޫވިހެން އޭނައަށް ހީވިއެވެ. އެ ހިނދު ހާފިޒާގެ އަޑުއިވުނެވެ.

 

“ބަލަ މާޝާ ނުއުޅެއޭ ކަލޭގެ ފޯނަށް ޖަވާބުދޭކަށް. ދެން ނުބުނާތި އޭނައަށް ނުކެރިގެންނޭ. ދެންމެ ބައްޕަ ގުޅާފަ މިހާރު ކަލޭ އެތައް ފަހަރަކު ގުޅީމަ އެނގޭނެ މުހިއްމު ކަމަކުކަން މި ގުޅަނީ. އޭނަ ކަލޭގެ ފޯނު ނުނަގަނީ ކަލެއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނުވާތީ!” ހާފިޒާ އަންގާލިއެވެ. އެ ވާހަކަތައް އިވިފައި ވޭނެއް އެކުލެވިފައިވި ގޮތަކަށް ދެލޯ މަރާލުމަށްފަހު އައްޒާމަށް ފަހު ފަހަރަށް ލަތީފަށް ބަލާލެވުނީ ފެންކަޅިވެފައިވި ދެލޮލާއެކީ އޭރުވެސް ޤަބޫލުކުރަން ބޭނުމެއްނުވެފައިވި ހިތަކާއި އެކީގައެވެ. ލަތީފް އައްޒާމަށް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލީ މާޔޫސީ ގޮތަކަށެވެ. އައްޒާމާއި ބެހޭގޮތުން ޤަބޫލުނުކުރަން އުޅުނު ކަންތައް ޤަބޫލުކުރަން އޭނައަށް މަޖުބޫރުވުމުން ހިތާމަކުރާ ފަދައަކުންނެވެ.

 

“އައްޒާމް ދެން ދިޔުން ދޯ އެންމެ ރަނގަޅުވާނީ؟” ލަތީފް ހިތްހަމަނުޖެހިފައި އިނދެވެސް އަދަބުވެރިކަމާއެކީ ބުނެލިއެވެ. އެ ހިނދު އައްޒާމްގެ މޭގައި އުފެދުނު ރިހުމެއްގެ ތޫނުކަމުން މުޅި ހަށިގަނޑުން ވާގި ދޫވާން އުޅުނުހެން އައްޒާމަށް ހީވިއެވެ. ހިރިލަން ވެސް ނޭނގިފައި އޭނައަށް އިނދެވުނީ އެހެންވެއެވެ. އޭނަ އެހެން އިންދާ ހާފިޒާ ކުއްލިއަކަށް ދާންއުޅޭށޭ ބުނުމުން އައްޒާމަށް ސިހުމެއް ލިބިގެން ދިޔައެވެ. އެ ސިހުމާއެކީ އެއްފަހަރު ހާފިޒާއަށް އަނެއްފަހަރު އޭނަގެ އަތުގައި އޮތް މާ ބޮނޑިއަށް ބަލާލި ހިނދު އައްޒާމްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނަ އެ މާ ބޮނޑި ގަތީ ކިހާ އުފާވެރި އިޙްސާސްތަކާއެކީ ކަން ހަނދާންވުމުންނެވެ. މިއަދު އޭނަވަނީ އެ އިޙްސާސްތަކަށް މުޅިން އަލްވަދާޢު ކިޔަންވެފަކަން އެނގުންވުމުންނެވެ. އިތުރު ކަރުނަތައް އޭނަގެ ލޮލުން ފައިބަން ފެށުމާއެކު އޭނައަށް ރޮވެން އުޅުނުހެން ހީވުމުން އައްޒާމް އެ މާބޮނޑިއާއެކީ ކޮޅަށް ތެދުވެލިއެވެ. އަދި އެ މާ ބޮނޑިއާއެކީ އެގެއިން ނިކުންނަން ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އެ ހިނދު އިތުރަށް މާޝާގެ ފަހަތުން ނައުމަށް ހާފިޒާ އަމުރުކުރިއެވެ. މާޝާއާއި މާލެއިން ދިމާވި ނަމަވެސްއެވެ. އެ ބަސްތައް އިވުނު ހިނދު ފެންޑާގެ ތެރެއަށް ނިކުމެވުނު އައްޒާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ގެ ވެސް ހުރީ މާލޭގައިކަން އެނގުންވުމުންނެވެ. މާލެއަށް ގޮސްވެސް އޭނަ މާޝާއާއި އެހާ ކައިރިވެފައި މާޝާއާއި ބައްދަލުނުކުރުމުގެ ޚިޔާލުވެގެން ދިޔައީ ވޭންދެނިވި ޚިޔާލަކަށެވެ. ހިނދުކޮޅަކަށް ވިޔަސް އޭނަ މާލެއަށް އެނބުރި ނުދާން ހިތަށްއެރިއެވެ. މުލަކުގައި މަޑުކުރަން ހިތާހިތުން ނިންމުނެވެ. އެހެނަސް މިރަށުގައި ހުރުމުން ވެސް އޭނަ ހިތުތެރޭގައި އަށަގެންފައިވި މާޝާގެ ލޯބީގެ ހަނދާންތައް އާވުން ނޫންކަމެއް ވާކަށްނެތެވެ. ގޮތް ހުސްވެފައި އިރުކޮޅެއް ވަންދެން ހުރެފައި ހަމަ އެވަގުތުން ވަގުތަށް އެއާރޕޯޓަށްދާން އައްޒާމް ނިންމިއެވެ. އެހެންކަމުން އޭނަ އެގެއިން ނިކުތް ގޮތަށް ޓެކްސީއެއްގެ ނަންބަރެއް ހަނދާނަށް ގެންނަމުން ޓެކްސީއަކަށް ގުޅާލިއެވެ. މާ ގިނައިރެއްނުވެ އޭނަ މަގުން ހިނގާފައި ދަނިކޮށް އެގެއާއި ހިސާބުން ޓެކްސީއާއި ދިމާވުމުން އޭނަ ޓެކްސީއަށް އެރިއެވެ. އެއަށްފަހު ޑްރައިވަރު ކައިރި އޭނަ އެއާރޕޯޓަށް ގެންގޮސްދިނުމަށް އެދުނީ ގެސްޓް ހައުސްއަށް އޭނަ ފޮނުވާލި ލަގެޖްގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. ދަތުރު ފެށިފަހުން އޭނަ އޭގެ މަތިން ހަނދާންވިއެއްކަމަކު އެ ވާހަކަ ބުނާނެހާ ހިތްވަރެއް ވެސް އޭނަގެ ގަޔަކު ނެތެވެ. އޭނަ ބޭނުންވި އޭނަ ވަށައިގެންވި މާޙައުލާއި ދުރުވާށެވެ. ހަތަރު ފަރާތުން ބާރުވަމުން ދިޔަ އިޙްސާސެއް ކުރެވުނު ވަގުތު އޭނަގެ މެއަށްވަމުން ދިޔަ ތަދު ނޫން އެހެން ކަމަކާމެދު ވިސްނަން އޭނަ ނުކުޅެދިފައިވިއެވެ. އޭރުވެސް އޭނަގެ އަތްމަތީގައި އޮތް މާ ބޮނޑި އޭނައަށް ފެންނަމުން ދިޔައީ ލޮލަށް ޖަމާވެފައިވި ކަރުނަތަކެއްގެ ސަބަބުން ފުސްކޮށެވެ. ކާރުތެރޭގައި ހުއްޓުން އަރާފައި އޭނައަށް އިނދެވުނުއިރު އެތައް ހާސް ސުވާލެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވަމުން ދިޔައެވެ. މާޝާ ހަމަ އޭނަ ދޫކޮށްލީ ހެއްޔެވެ؟ ދެން އޭނައަށް ދުވަހަކުވެސް މާޝާ ނުފެންނާނީ ހެއްޔެވެ؟ އޭނަގެ މަންމައާއި ބައްޕަގެ ސަބަބުން މާޝާ ވެސް އޭނައަށް ނަފްރަތުކުރަނީ ހެއްޔެވެ؟ މާޝާ އޭނަގެ ފޯނު ނުނެގީ އޭނަދެކެ ލޯބިނުވާތީ ހެއްޔެވެ؟ އޭނަ މަތިން ހަނދާން ނައްތާލަން އޭނަ ނުފެނި ހަމަ އެހާވެސް ގިނަ ދުވަސްވޭތުވީ ހެއްޔެވެ؟ އޭނަގެ ނަން ހިތުން ފޮހެލަން މާޝާއަށް އެހާވެސް ފަސޭހަވީ ހެއްޔެވެ؟ އެހެނަސް އެ ހަނދާންތައް ފޮހެލަން އޭނައަށް ފަސޭހައެއް ނޫނެވެ. އޭނަގެ ހިތުން ފުރަތަމަ ފަހަރަށް ޖާގައެއް ދެވުނު ކުއްޖަކީ ހަމައެކަނި މާޝާއެވެ. އަދި އެއީވެސް އެހާ މާތް ސަބަބެއްގެ މައްޗަށް ބުރަވެއެވެ. މާޝާއަށް އޭނަ ކުރި ޤަދަރުގެ މަތިން އޭނަ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ މާޝާއަށް އޭނަގެ ލޯބި އިޙްސާސްކޮށްނުދީ އެ ލޯބި އަމިއްލަ ހިތުތެރޭގައި ގަންބައިގެން އޭނަ އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ސުވާލުތައް އައްޒާމްގެ ހިތަށްވެރިވާން ފެށުމުން އިތުރަށް ތޫނުވެގެން ދިޔަ ހިތުގެ ރިހުމާއެކީ އައްޒާމްގެ ދެލޯ ތަގުޅިވެ އޭނައަށް ގިސްލެވެން ފެށިއެވެ. ޓެކްސީގައި އެއާރޕޯޓަށް ދިޔަ މަގުމަތީގައި ހުއްޓުމެއްނެތި އައްޒާމަށް ރޮވުނެވެ. އެންމެ ބޮޑަށް ހިތްދަތިވަމުން ދިޔައީ އޭނައަށް ދެން ދުވަހަކުވެސް މާޝާ ނުފެންނާނެ ކަމުގެ ޚިޔާލުންނެވެ. އަދި މާޝާ އޭނަ ނޫން މީހެއްގެ ޙައްޤަކަށްވާނެ ކަމުގެ ޚިޔާލުންވެސްމެއެވެ.

 

އައްޒާމް އެއާރޕޯޓަށް ދިޔައީ މާލެއަށް އަނބުރާދާން ޓިކެޓް ނަގައިގެންނެވެ. އޭނަގެ ފްލައިޓް އޮތީ 2 ގަޑިއިރެއްހާއިރު ފަހުން ކަމުގައި ވިޔަސް އައްޒާމް ދިޔައީ އެއާރޕޯޓަށެވެ. އެއާރޕޯޓަށް ގޮސް ބޭރުގައި ހުރި ގޮނޑިތަކެއްގެ ތެރެއިން ގޮނޑިއެއްގައި އޭނަ އެކަނިމާއެކަނި އިށީނީ ވެސް އެއްކަލަ މާ ބޮނޑިއާއެކީގައެވެ. އެތާ އިށީންތާ މާ ގިނައިރެއްނުވެ އޭނަގެ ސިކުނޑި އޭނަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭނެ ފަދައަކުން ޚިޔާލުތައް އަނބުރަން މަސައްކަތް ކުރިއެވެ. މާޝާއާއި މެދު ހިތާހިތުން ޝަކުވާކުރުވަމުންނެވެ.  މާޝާ އޭނައާއިމެދު މިގޮތަށް ހަދާނެނަމަ އޭނައަށްޓަކައި އިންތިޒާރު ކުރާނެ ކަމަށް ބުނީ ކީއްވެތޯ ސުވާލުކުރަމުންނެވެ. އިންތިޒާރު ކުރާނެ ވާހަކަ ނުބުނިނަމަ އޭނަ މާޝާއާއެކީ ދިރިއުޅުމެއް ފެށުމުގެ ހުވަފެންތައް ނުދެކުނީހެވެ. އެ ހުވަފެންތައް ސިކުނޑީގައި ޒީނަތްތެރިކޮށް އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތްކޮށް އެ އިޙްސާސްތައް ވަރުގަދަވިޔަ ނުދިނީހެވެ. މާޝާއާއި ބައްދަލުވުމުގެ ކުރިން އޭނަ އުޅުނީ ކިހާ އުފަލުން ހެއްޔެވެ؟ މިހެން މިވީ އޭނަގެ އުފާވެރިކަމުގެ މައްޗަށް އެހެން މީހަކަށް ބާރުފޯރުވިދާނެކަމަށް ހީކުރެވުމުން ކަމަށްބުނެ އައްޒާމްގެ ހިތް ހަޅޭއްލެވިއެވެ. އެ ހިނދު އައްޒާމަށް އޭނަގެ އަތުގައި އޮތް މާ ބޮނޑި ބިންމައްޗަށް ޖަހާލެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ގިސްލެވެން ފެށީ އޭނަ އަމިއްލަ އިޙްސާސްތަކެއްގެ މައްޗަށް ބާރުފޯރުވަން ނުކުޅެދިފައިވާ ޙާލުގައެވެ.

 

އައްޒާމް މާލެއަށް ދިޔަ މުޅި ދަތުރު ހޭދަވެގެން ދިޔައީ އެގޮތުގައެވެ. ފްލައިޓްގައި އެކަނި ހުންނަންވުމުން މާޝާގެ މަތިން އިތުރަށް ހަނދާންވުން ނޫންކަމެއް ނުވިއެވެ. އެއް ހިނދުކޮޅުގައި އޭނަ ސާބިތު ހިތަކާއެކީ ހުންނަން ޢަޒުމް ކަނޑައަޅާއިރު މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައެވެ. އެހެނަސް އެދުވަހުގެ މެންދުރު ވަގުތު އޭނަ އިން ފްލައިޓް އަނެއްކާވެސް މާލޭގެ އެއާރޕޯޓުގައި ޖެއްސުމުން އައްޒާމް އޭނަގެ ކަރުނަތައް ފޮހެލީ އޭނަގެ އިޙްސާސްތައް އެންމެންނަށް ފޮރުވަން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. އޭނަގެ ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނައެއްކަމަކު އޭނަގެ މޫނު އޭނަ ފޮރުވަން އުޅޭ ހިތާމަވެރި ވާހަކަ ތަފްޞީލުކޮށް ކިޔައިދޭކަން އައްޒާމަށް ރޭކާނުލިއެވެ. އޭނަގެ ދުޅަވެފައިވި ދެލޮލާއި ތެމިފައިވި އެސްފިޔަތައް އެންމެ ފުރަތަމަ ފެނުނު މީހަކަށްވީ ޒަމީނެވެ. އައްޒާމް ކާފަގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް ގޮސް ބެލް އަޅުވާލުމުން ދޮރު ހުޅުވާލީ ޒަމީން ކަމަށްވާތީވެއެވެ. އައްޒާމް ފެނުމާއެކު އޭނަ ހުރި ގޮތުން ޒަމީނަށް ‘ޒާމް’ އޭ ކިޔައި ގޮވާލެވުނީ ކަންބޮޑުވުމެއް އެކުލެވިފައިވި ފަދައަކުންނެވެ. އައްޒާމަށް އެއަށް ފަރުވާލެއްނެތި އެތެރެއަށް ވަދެގެން ދެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނަ މާޝާއާއި ނުގުޅުނު އެއްސަބަބަކީ އެ ބައްޕަކަމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔުމާއެކު އެވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކާ ހިތެއްވެސް އައްޒާމްގެ ނެތުމުންނެވެ. އައްޒާމް އެ ދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ޒަމީނަށް ބަލަހައްޓައިގެން ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. އައްޒާމް އެދުވަހު ފުރައިގެން ދިޔައީ ކީއްވެގެންކަން އޭނައަށް ވަނީ އެނގިފައެވެ. އެހެނަސް އާޝިޔާގެ އެއްވެސް ރޭވުމެއްގެ ވާހަކަ ޒަމީނާއި ހަމައަށް ފޯރާފައެއް ނުވެއެވެ. އެހެންކަމުން އެކުއްޖާ އައްޒާމާއި އިންނަން އިންކާރު ކުރީތޯ ޒަމީންގެ ހިތަށްއެރިއެވެ. އެހެންވެފައިވާނަމަ އައްޒާމަށް ލިބިފައިވާނީ ހާދަ ބޮޑު ހިތާމައެކޭ ޒަމީންގެ ހިތަށް އެރި ވަގުތު ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތްވެސް ދެރަވިއެވެ. އެތައް އަހަރެއް ވަންދެން އޭނަގެ ހިތުތެރޭގައި ވަޅުލެވިފައިވި ބަފައިވަންތަކަމުގެ ލޯބި އަނެއްކާވެސް ހޭލަން ފެށިހެން އޭނައަށް ހީވިއެވެ. ޒުވާންއިރު އޭނަ އައްޒާމް ދުރުކޮށްލީ އޭރު އޭނައަށް އެންމެ މުހިއްމުވީ އޭނަގެ މަސައްކަތް ކަމަށްވުމުންނެވެ. އެހެނަސް މަސައްކަތާއި ފައިސާއަށްވުރެ މުހިއްމީ މާނަ ހުރި ގުޅުންތަކާއި ލޯބިކަން ޒަމީނަށް އިޙްސާސްކުރެވެނީ މިހާރެވެ. އާޝިޔާ ކުރިންވެސް އައްޒާމްގެ ވާހަކަތައް ދައްކަން ފެށުމުން އައްޒާމާއި އަނެއްކާ ގުޅުން ބަދަހި ކުރުމުގެ ރޫޙު ޒަމީންގެ ހިތުގައި އުފެދުނީ އެހެންވެއެވެ. އައްޒާމާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށީވެސް އެހެންވެއެވެ. އޭނަދެކެ ޙަޤީޤީ ލޯތްބެއްވި ހަމައެކަނި މީހަކީ އެ ކުޑަކުޑަ އައްޒާމްކަން އެނގުންވުމުންނެވެ. އެވަގުތު ވެސް ޒަމީނަށް އައްޒާމްގެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އެޅެން ފެށީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތު ޒަމީން ޖެހިލުންވިއެވެ. ދޮރު ކުޑަކޮށް ހުޅުވިފައިވީއިރު އެ ހަނި ދާއިރާއިން އައްޒާމް ކޮޓަރީގެ ފާރު ކައިރިން ބިންމަތީގައި އިށީނދެ ދެއަތުން މޫނު ފޮރުވައިގެން އިން މަންޒަރު ޒަމީނަށް ފެނުނެވެ. ކިތަންމެ ދާން ބޭނުންވިއެއްކަމަކު ޒަމީނަށް ނުދެވުނީ އޭނަ ކުރިން އައްޒާމާއި މެދު ކަންތައް ކުރިގޮތް ހަނދާންވެފައެވެ. ޚުދު އޭނަ ކުރި ކަމެއްގެ ސަބަބުން އައްޒާމް ހަމަ އެފަދައިން އޭނަގެ ކޮޓަރީގައި އިން ހަނދާނެއް އާވުމުންނެވެ. އައްޒާމަށް މިހާ ބޮޑު ހިތާމައެއް ލިބިފައި ވަނިކޮށް އޭނައަށް އެ ޒާތުގެ ހިތާމައެއް ދިން މީހަކަށް އޭނަ ހިތްހަމަޖައްސައިދެވޭނެތޯ ހިތަށް އެރި ވަގުތު ޒަމީން މާޔޫސްވިއެވެ. ހިތުގައި އުފެދިފައިވި އުއްމީދުގެ ހުޅުކޮޅު ނިވެން އުޅުނެއްކަމަކު ޒަމީން ދެންވެސް އައްޒާމަށް ކޮންމެވެސް އެހީއެއް ފޯރުކޮށްދޭން ބޭނުންވިއެވެ. އެކަމަށްޓަކައި ޚިޔާލެއް ލިބުމުން ޒަމީން ވަގުތުން މިޞްރާބުޖެހީ ހާޝިމްގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރީގެ ދޮރާއި ހަމަވަމުން ދިޔަދިޔަހެން ޒަމީން އެތައް ޒަމާނެއް ފަހުން ހާޝިމަށް ‘ބައްޕާ’ އޭ ކިޔައި ގޮވާލިއެވެ. އޭނަ ހުޅުވާލެވިފައިވި އެ ދޮރުމައްޗަށް އެރި ވަގުތު އެނދުމަތީގައި ފޮތެއް ކިޔަން އިން ހާޝިމް އޭނައަށް ބަލަހައްޓައިގެން އިނީ އެކަމާމެދު ޙައިރާންވެފައި އިނދެއެވެ. އެކަމަށް ފަރުވާލެއްނެތި ޒަމީން ވާހަކަ ދެއްކިއެވެ.

 

“ބައްޕާ ނިކަން ގޮސްދީބަލަ އައްޒާމް ކައިރިއަށް. ދެންމެ އޭނަ ގެއަށް އައިއްސި. ވަރަށް ދެރަވެފަ ހުރީ. ހީވަނީ އެކޮޅުގަ ކަންތައް ދިޔައީ މާ ރަނގަޅަކަށް ނޫންހެން.” ޒަމީން އޭނަ ހުރިތާހުރެ ބުނެލިއެވެ. އެއާއެކު ހާޝިމްވެސް ކީކޭހޭ ކިޔައި އެނދުން ތެދުވެލީ ކަންބޮޑުވުމާއި އެކީގައެވެ. ހާޝިމް އޭނަގެ އަތުގައި އޮތް ފޮތް ކިޔަވާ މޭޒުމަތީގައި ބާއްވަމުން ކޮޓަރިން ނިކުމެގެން ޒަމީނާއި އެކީ އައްޒާމްގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވިފައިވުމުން ހާޝިމް އެ ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނީއެވެ. އެހެނަސް ޒަމީން ކޮޓަރިއަށް ވަނުމެއްނެތި ދޮރުކަނީގައި ހިފަހައްޓަމުން ފާރާއި ނިވާވެލީ މަންޒަރު ބެލުމަށެވެ.

 

“އައްޒާމް! ދަރިފުޅު ކިހިނެއް ތިހިރީ؟ ކިހިނެއްވީ މާ އަވަހަށް އަނބުރާ ތިއައީ؟ ބުނީމެއްނު އެއްހަފްތާ ފަހުންނޭ އަންނާނީ؟” ހާޝިމަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން އޭނައަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ. އައްޒާމް މޫނުން ދެއަތް ނުނަގަން އިނދެފައިވެސް ކާފަ ދެރަނުކުރުމަށްޓަކައި އޭނަގެ ހިތާމަތައް ޙިއްސާކުރަން ނިންމަމުން އެއަތް ނަގައި އޭނަގެ ހިތާމަވެރި މޫނު ކަޝްފުކުރުވިއެވެ.

 

“މާޝާ އެހެން ކުއްޖަކާ އިންނަން އެއްބަސްވެއްޖެ ކާފާ.” އައްޒާމް އެހެން ބުނެލީ ރޮވިފައިވާ އަޑަކުންނެވެ. އެ ވާހަކަ އިވިފައި ޒަމީންގެ ހިތްވެސް ދެރަވާ ގޮތްވިއެވެ.

 

“ކީކޭ؟! ކިހިނެއްތަވީ؟ ނިކަން އާދެބަލަ ކާފައަށް ކިޔައިދޭން މިތަނަށް.” ހާޝިމަށް އައްޒާމް ކައިރި އިށީންނަން ދަތިވުމުން އޭނަ އެދުނެވެ. އެކަން އެނގުންވުމުން އައްޒާމް ދެކޮޅު ހެދުމެއްނެތި ނެތް ހިތްވަރަކާއެކީ ވެސް ތެދުވެގެން ގޮސް ކާފައާއެކީ އެނދުމަތީގައި އިށީނެވެ. އެއަށްފަހު އޭނަ މުލަކަށް ދިޔައީއްސުރެ އިވުނުހާ ވާހަކަތަކާއި ކަންތައް ވީގޮތް ކާފައަށް ކިޔައިދިނެވެ. ޒަމީންވެސް އައްޒާމްގެ އެ ވާހަކަތައް އަޑުއަހަން ހުރީ ހިތަށް އަރާ ފައިބަމުން ދިޔަ އެތައް ޖަޒުބާތުތަކާއި އެކީގައެވެ. އައްޒާމް ވާހަކަ ކިޔައިދީ ނިމުމުން ހިމޭންކަމެއް ވެރިވިއެވެ. ހާޝިމްވެސް އިނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ. އެހެނަސް އެންމެ ފަހުން އެ ހިމޭންކަން ފޫދުއްވާލީވެސް ހާޝިމެވެ.

 

“ކާކުބާ އައްޒާމްގެ ޢާއިލާއާ ބެހޭގޮތުން ތި ވާހަކަ ފަތުރާނީ؟ އެއީ މާ ގިނަ މީހުންނަށް އެނގޭ ކަމެއް ވެސް ނޫން. ވަރަށް ދެރަ ހަމަ އަސްލުވެސް ތިވީ ގޮތް. އައްޒާމް ފަހުން މަސައްކަތް ކުރިންތަ މާޝާއަށް ގުޅަން؟ ޔަޤީންތަ މާޝާ ބިޒީކުރީކަން؟” ހާޝިމް ސުވާލުކުރިއެވެ.

 

“އާނ ކާފާ. އަހަރެން އެހެން ގޮތަކަށް ޤަބޫލުކުރަން ބޭނުންވިޔަސް ޙަޤީޤަތަކީ އެއީ. އަހަރެން ފަހުން ގުޅަން މަސައްކަތް ނުކުރީ ހިތަށް އިތުރު ސަޒާއެއްނުދޭން. ބޭނުމެއްނޫން ދެން މާޝާގެ މަތިން ހަނދާންކުރާކަށް ކާފާ. އޭނަ އުޅެނީ އެހެން މީހެއްގެ ޙައްޤަކަށްވާން. އަހަރެން ދެން އޭނަ މަތިން ހަނދާންކޮށްގެންނުވާނެ.” އައްޒާމް އަމިއްލަ ހިތާއި ދެކޮޅަށް ބުނެލި ވާހަކަތަކުން އޭނަގެ ހިތް އިތުރަށް ބަލިވުން ނޫންކަމެއް ނުވިއެވެ. އެކަން އެނގުންވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

 

“ތިބުނީ ރަނގަޅަށް ދަރިފުޅު. މިއީ ހަމަ ޔަޤީނުންވެސް ދަރިފުޅަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެއް. އެކަމަކު ހަނދާންކުރައްޗޭ ދަރިފުޅު. مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّـهِ ….وَمَن يُؤْمِن بِاللَّـهِ يَهْدِ قَلْبَهُ. ﷲ ގެ އިޒުނަފުޅާއެކީގަ މެނުވީ އަހަރުމެންނަށް އެއްވެސް މުޞީބާތެއް ކުރިމަތިނުވޭ. އަދި އެމުޞީބާތުގެ ތެރެއިން ވެސް އީމާންތެރިކަން ދަމަހައްޓައިފިނަމަ ހިތަށް ހިދާޔަތް ދައްކަވާނީ ހަމަ ﷲ. އެހެންވީމަ މިފަދަ ކަމެއް ދިމާވިޔަސް އީމާންކަމަތީ ސާބިތުވެހުރޭ ދަރިފުޅު. ހިތްތަކަށް ހަމަޖެހުން ގެނެސްދެއްވަނީ ހަމައެކަނި ﷲ. ދަރިފުޅުގެ ހިތުގައި މިވަގުތުވި ހިތާމަތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ވެސް އެއީ. އެހެންކަމުން އެކަލާނގެ ތައުބާވާންވީ ދަރިފުޅު. އޭރުން އެކަލާނގެ ދަރިފުޅަށް ސާބިތުކަން ދެއްވާނެ ދަރިފުޅު.” ހާޝިމްގެ ވާހަކަތަކުން އައްޒާމްގެ ހިތަށް ކުރިން ނުލިބޭ ފަދަ ސާބިތުކަމެއް ލިބުނެވެ. އެ ހިތްވަރާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ.

 

ނުނިމޭ

The post Hadhiya (Part 36) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-36/feed/ 0 1366
Hadhiya (Part 35) https://blog.storiesbyjana.com/hadhiya-part-35/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-35 https://blog.storiesbyjana.com/hadhiya-part-35/#respond Sun, 02 May 2021 15:32:23 +0000 https://blog.storiesbyjana.com/hadhiya-part-34-copy/

“އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ.   **   ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށް އައްޒާމް ދަތުރުކުރަމުން ދިޔަ ފްލައިޓް މުލަކާއި ގާތްވަމުން ދިޔައެވެ. ކުޑަދޮރުގެ ބޭރުން އެކި ރަށްތައް ލަސްލަހުން ފަސްވަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވެސް ވިއެވެ. އައްޒާމް ދަތުރު ފެށީ އަވަހަށް ކަމަށްވިޔަސް އެ ދަތުރު ދިގުލައިގެން ދިޔަ އޭނަ ދަތުރުކުރަމުން ދިޔަ ފްލައިޓް […]

The post Hadhiya (Part 35) appeared first on Stories by Jana.

]]>

“އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ.

 

**

 

ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށް އައްޒާމް ދަތުރުކުރަމުން ދިޔަ ފްލައިޓް މުލަކާއި ގާތްވަމުން ދިޔައެވެ. ކުޑަދޮރުގެ ބޭރުން އެކި ރަށްތައް ލަސްލަހުން ފަސްވަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވެސް ވިއެވެ. އައްޒާމް ދަތުރު ފެށީ އަވަހަށް ކަމަށްވިޔަސް އެ ދަތުރު ދިގުލައިގެން ދިޔަ އޭނަ ދަތުރުކުރަމުން ދިޔަ ފްލައިޓް އޭނަގެ މަންޒިލާއި ހަމައަށް ދިޔުމުގެ ކުރިން އެހެން ރަށެއްގައި ޖައްސަން ޖެހުމުންނެވެ. އެފަދަ ވަގުތުކޮޅެއް އައުމުން ވެސް އައްޒާމްގެ ހަނދާނަށް އައީ މާޝާއެވެ. މާޝާއާއި އޭނަ އެންމެ ފުރަތަމަ ބައްދަލުވީ ގޮތެވެ. އެދުވަހު އޭނަ މާޝާއާއިމެދު ދެކުނީ ހާދަ ގޯސްކޮށެވެ. އޭރު އޭނަ ވެސްވީ ހާދަ ބޮޑު އަނދިރިގަނޑެއްގެ ތެރޭގައެވެ. އެހެނަސް މިއަދު އެދެމީހުންވެސް ވަނީ ހާދަ ބަދަލުވެފައެވެ. އެންމެ މޮޅު ރޭވުންތެރިއަކީ ހަމައެކަނި ﷲ ކަން އެ ހިނދު އައްޒާމަށް އެނގުންވިއެވެ. އެވަގުތު ފްލައިޓްގައި އިނދެ މާޝާއަށް ގުޅަން ހިތް އެދުނީ މާޝާ މަތިން ހަނދާންވުމާއެކު ހިތަށް ވެރިވީ އެ ޚިޔާލުވެސް ޙިއްސާކުރަން ހިތް އެދުނު ވަރުންނެވެ. އެހެނަސް އޭނަ ދެން މާޝާއާއި ވާހަކަ ދައްކާނަމަ ދައްކާނީ ﷲ ގެ ލޯބިފުޅު ލިބޭނެ ފަދައަކުން ކަމަށް ނިންމަމުން އައްޒާމް އެ ޚިޔާލު ބަދަލުކުރިއެވެ. އައްޒާމަށް ރޭކާނުލިކަމަކީ އޭނަގެ އެ ހެޔޮ ނިޔަތަށް މަލާމާތް ކުރުމުގެ ގޮތުން ރޭވި ރޭވުމުގެ އެންމެ ބޮޑު ފިޔަވަޅު އެވަގުތު އެޅެމުން ދިޔަ ކަމެވެ.

 

**

 

ހެނދުނުގެ އެވަގުތުގައި ލަތީފްމެންގެ ގެ ހުރި މަގުމައްޗަށް ވެރިވެފައި އޮތީ ހިމޭންކަމެކެވެ. ޢާއްމުކޮށް ދުއްވާ އެއްޗެހި ވެސް ނުދުއްވާ މަގަކަށްވުމުން އަވިނުދޭ އެ ވަގުތުގައި އެ މާޙައުލުގައި ހިތްގައިމު ގޮތެއް ހުއްޓެވެ. އެ ހިތްގައިމުކަން ފަޅި ސިކުންތެއްގެ ތެރޭގައި ނެތިދިޔައީ މާ ދުރުން އިވެން ފެށި ސައިކަލެއްގެ އަޑުންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ސައިކަލުގެ ޒޫމްގެ އަޑު ކައިރިވަމުން ގޮސް އެ އުސް ސައިކަލު ލަތީފްގެ ގޭގެ ފާރާއި ކައިރިވިއެވެ. އޭތި ގޮސް އެގޭގެ ދޮރުމައްޗަށް ހުއްޓާލީ ކުއްލި ގޮތަކަށެވެ. ސައިކަލު ހުއްޓުމާއެކު އޭގެ މަތީގައި ހުރި ޒުވާނާ އެއިން ފޭބިއެވެ. އޭނަގެ ރާޅު އިސްތަށިގަނޑު ރީއްޗަށް ފުނާ އަޅާފައި ހުރިއިރު އޭނަ ލައިގެން ހުރި ހުދުކުލައިގެ ކުރުތާއާއި އަޅި ކުލައިގެ ފަޓުލޫނުގެ އިތުރުން ހިސާބަކަށް ދިގު ކުރެވިފައިވި ތުނބުޅިން އޭނައަކީ ޞާލިޙު މީހެއްހެން ބޭރުފުށުން ހީވެއެވެ. ޒުވާނާ ސައިކަލުން ފޭބުމަށްފަހު އެގެއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އޭނަގެ ފޯނު ހިއްލައި މެސެޖެއް ލިޔަން ފެށީ ‘އާޝިޔާ’ ނަމަކަށް ކިޔާ މީހަކަށް ފޮނުވުމަށެވެ. އޭނަ ލިޔެލީ ‘ނައު’ އޭ ލިޔެ ސުވާލު މާކެކެވެ. އޭނަ އެ މެސެޖު ފޮނުވިތާ މާ ގިނައިރެއްނުވެ އެކޮޅުން ބޮޑެތި އަކުރުތަކުން އެ ބަސް ލިޔެ ޙައިރާން މާކެއް ޖެހިފައިވި މެސެޖެއްއައެވެ. އެއާއެކު އެ ޒުވާނާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކުރިން އޮޅުން އަރާފައި ހުރި މީހެއް ހުއްޓަސް އެ ހިނިތުންވުން ފެނިފައި އެއީ ލިއާމް ނޫން ދެވަނަ މީހަކަށް ނުވާނެކަން ކޮންމެ މީހަކަށް ވެސް ޔަޤީންވާނެއެވެ. ލިއާމް އެ ހިނިތުންވުމުގައި ހުރެ އޭނަގެ ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން ލަތީފްގެ ގެއަށް ވަންނަން ދިޔައެވެ.

 

**

 

“ހާދަ ބިރުގެންފައޭ ތިހިރީ؟ ސޮރީ މާ ބޮޑަށް ނާރވަސް ކުރެވުނިއްޔާ.” އޭނަގެ ކުރިމަތީގައި ނުތަނަވަސްވެފައިހުރި މާޝާއަށް ބަލަން ހުރެފައި ހެވިފައިހުރެ އާޝިޔާ ބުނެލިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ މުޅި މާޝާގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެތައް ސަބަބަކާހުރެއެވެ. އެއްސަބަބަކަށްވީ އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ އައްޒާމްގެ މަންމަކަން ޤަބޫލުކުރަން ވެސް ދަތިވުމެވެ. އަނެއް ސަބަބަކަށްވީ އެކަން ހަޖަމްކުރަން ދަތިވެފައިވަނިކޮށް އައްޒާމްގެ މަންމައާއި ވާހަކަ ދައްކަން ޖެހުމެވެ. އޭނައަކީ ޢާއްމުކޮށް މީހުންނާއި ވާހަކަ ދައްކަން ޖެހިލުންވާ މީހަކަށް ނުވިޔަސް މި ޙާލަތުގައި ގޯސް އެއްޗެކޭ ބުނެވިދާނެތީ އިންތިހާއަށް ބިރުގަތެވެ. އެއްޗެކޭ ބުނުމުގެ ކުރިން އޭނަ އެ މަންމައާއި ސަލާމްކުރަންވީ ކަންވެސް މާޝާއަށް އެނގުންވީ މަންމަގެ އަތް ދިއްކޮށްލެވިފައިވި މަންޒަރު ފެނުމުންނެވެ. މާޝާ ފިނިވެފައިވި އަތަކާއެކީ އެ އަތުގައި ހިފާލިއެވެ.

 

“އޯ މައި ގޯޑް! ވަރަށް ފިނިވެފަ ދޯ ތިހިރީ؟ ހެހެ….ފުރަތަމަ ފަހަރަށް މަދާރ-އިން-ލޯ އާ ބައްދަލުކުރާތީ ވާގޮތްދޯ؟ ޓޫ ކިއުޓް! އެކަމަކު މަންމައަކީ ތި ހީކުރާ ކަހަލަ ނުބައި މަންމައެއް ނޫނޭ އިނގޭ. މި އައްޒާމް އުޅުނީ މާޝާގެ ވާހަކަ މަންމަ ގާތު ނުދައްކަން. މަންމައޭ ގަދަކަމުން މާޝާގެ އެފްބީ އައިޑީ ހޯދައިގެން މާޝާއާ ބެހޭ މަޢުލޫމާތު އެއްކޮށްގެން މި ދިމާކުރީ. ހަމަ ބައްދަލުކުރާ ހިތުން ކެތް ނުވެގެން.” އާޝިޔާ އެ ވާހަކަ ދެއްކީ އަނދައަނދާހުރި ހިތަކާއެކީ ކަމަށްވިޔަސް ބޭރުފުށުން އޭނަގެ މޫނުމަތި ފެންނަމުން ދިޔައީ ނުހަނު އުޖާލާކޮށެވެ. އާޝިޔާ ވާހަކަ ދެއްކި ގޮތުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނު މާޝާއަށް ހިނިތުންވެލެވުނެވެ. އެހެނަސް ދެންވެސް އޭނަ އެއްޗެކޭ ބުނަން ނޭނގިފައި ހުއްޓާ އާޝިޔާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެނގޭތަ މާޝް؟ ޒާމް ހީކުރީ މާޝް ހުންނާނީ މުލަކުގަ ކަމަށް. ހީކޮށްގެން އޭނަ ހަމަ މިއަދު މުލަކަށް ފުރައިގެން ދިޔައީ. މާޝްއަށް ސަޕްރައިޒެއް ގޮތަށް ޕްރޮޕޯޒްކުރަންވެގެން. މިހާރު އޭނަގެ ފްލައިޓް ޖައްސަފާނެ އެކޮޅުގަ. ޕްރޮބެބްލީ މިހާރު ހުންނާނީ މާޝްގެ ބައްޕައާ ވާހަކަ ދައްކަން ގޮއްސަ.” އާޝިޔާ ހިނިތުންވުމަކާއެކީ މިފަހަރު ދެއްކި ވާހަކައިން މާޝާއަށް ލިބުނު އުފަލެއްގައި އޭނަ ހުއްޓުންއަރާ ގޮތްވިއެވެ. އެ ހުއްޓުން އެރި ވަގުތު އޭނައަށް ނޭނގި އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ބޭއިޚްތިޔާރުގައި ހީލެވުނީ އަމިއްލަ ކަންފަތަށް އިތުބާރުކުރަން ވެސް ދަތިވެފައި ހުރެއެވެ.

 

“ހެޕީ ނިއުސް ދޯ؟ ހެހެ….އަދި އެނގޭތަ؟ ޒާމް ބުނީ ތިމަންނައަށް ޔަޤީނޯ ފިރިހެނަކު އަންނައިރަށް މާޝާ ވަންނާނީ ކޮޓަރިއަކަށްކަން. ތިމަންނަ އެގެއަށް ވަންނައިރު މާޝާ ފެންނަން ނެތިއްޔާ ޕްރޮޕޯޒް ކުރާނީ ވެސް ނަން ހާމަ ނުކޮށޯ. އޭރުން ފަހުން މާޝްއަށް ތިމަންނަ ފެނުނީމަ އިތުރަށް ސަޕްރައިޒްވާނެޔޯ.” އާޝިޔާ ރޭވުންތެރިކަމާއެކީ ދޮގު ހެދިއެވެ. މާޝާ އެ ވާހަކައާމެދު ވެސް ވިސްނާފައި ހީލުން ނޫންކަމެއް ނުކުރީ އޭނަގެ ކުރިމަތީގައި ހުރި މަކަރުވެރިޔާގެ އަސްލު ސޫރަ ދެކެން އެ އުފާވެރި ވަގުތުކޮޅުގައި ނުކުޅެދިފައިވުމުންނެވެ.

 

**

 

ލަތީފް ސިޓިންގް ރޫމުގެ ސޯފާގައި ޓީވީއިން ދިވެހި ޗެނަލަކުން ހެނދުނުގެ ޕްރޮގްރާމެއް ބަލަން އިންދާ ގޭގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އޭނައަށް ފަހަތް ބަލާލެވުނެވެ. ލަތީފްގެ ނިތަށް ރޫގިނަވެގެން ދިޔައީ އެހާ ހެނދުނުގެ ވަގުތެއްގައި އެގެއަށް އައިސްދާނެ މީހަކު ނުވިސްނުމުންނެވެ. ޙައިރާންކަމެއްގެ ތެރޭގައި ހުރެ އޭނަ ސޯފާއިން ތެދުވުނު ވަގުތު ދެވަނަ ޓަކިއެއް ޖަހާލި އަޑަށް ހާފިޒާ ވެސް ކޮޓަރިން ނިކުމެގެން އަންނަމުން ކާކުތޯ އެހީއެވެ. ލަތީފް ކޮނޑު އަރުވާލަމުން ގޮސް ދޮރު ކައިރިއަށް ހުއްޓި ދޮރު ހުޅުވާލިއެވެ. އެއާއެކު ލަތީފަށާއި ހާފިޒާއަށް ފެނިގެން ދިޔައީ އެމީހުން ދުވަހަކުވެސް ނުދެކޭ ޒުވާނެކެވެ. ޒުވާނާ ކުރުތާއަކާއި ފަޓުލޫނަކާއެކީ ތުނބުޅި ދިގު ކޮށްފައި ހުރުމުން ދެމީހުންނަށް ވެސް ވަގުތުން އެ ޒުވާނާއާއި މެދު ހެޔޮކޮށް ވިސްނެން ފެށިއެވެ. އޭނަ ދައްކާލި ހިތްހެޔޮ ހިނިތުންވުން އެ ޚިޔާލަށް އިތުރަށް ބާރު އެޅިއެވެ.

 

“އައްސަލާމްޢަލައިކުމް ބޭބެއާއި ދައްތައަށް…އަޅުގަނޑު އެތެރެއަށް ވަނަސް އެންމެ ރަނގަޅުތަ؟” ޒުވާނާ އެހެން އަހާލީވެސް އެ ހިނިތުންވުމުގައި ހުރެއެވެ. ލަތީފާއި ހާފިޒާ އެކަކު އަނެކަކަށް ބަލާފައި އެކުއެކީގައި ކަހަލަ ގޮތަކަށް އެ ޒުވާނާއަށް ބަލާލަމުން ބޯޖަހާލީ ދެންވެސް ޙައިރާންކަމެއްގެ ތެރޭގައި ތިބެއެވެ. އެ ހިނދު ޒުވާނާގެ މޫނުމައްޗަށް ވެރިވި ކާމިޔާބުގެ ހިނިތުންވުމާއެކީ އޭނަ އެގޭގެ ތެރެއަށްވަނެވެ.

 

**

 

“އަނެއްހެން މާޝްގެ ބައްޕަ ނޫނެކޭ ނުބުނާނެ ދޯ ޞާލިޙު ކުއްޖެއްވިއްޔާ؟ ޒާމް އެކަމާމެދު ވެސް ކުޑަކޮށް ކަންބޮޑުވެފަ ހުރީ.” އާޝިޔާ ޙަޤީޤަތުގައި އެ ސުވާލު ކޮށްލީ އަމިއްލަ ހިތުގައި އޮތް ކަންބޮޑުވުމެއް ފިލުވާލުމަށެވެ.

 

“އާނ ބައްޕަ އޯކޭވާނެ. އެހެންނޫނަސް އައްޒާމްއަކީ ބައްޕަ ކުރިން ވެސް ލައިކްވާ ކުއްޖެއް. އެހެންވީމަ އައްޒާމް ބިރުގަންނަންވީ ސަބަބެއްނެތް. ހެހެ…..” މާޝާ އިހުނަށްވުރެ ބޮޑަށް ހަމަޖެހިފައިހުރެ ވާހަކަ ދެއްކިއެވެ.

 

“އެހެންވިއްޔާ ބަރާބަރެއްނު؟ ހެހެ….ހިނގާދޯ މިއަދުން ފެށިގެން މަންމައާއެކީ ވެޑިންގްއަށް ޝޮޕިންގްކުރަން؟ ޒާމް ބުނި ޕްރޮޕޯޒްކޮށްފަ މާ ގިނަ ދުވަހެއްނުވެ މެރީކުރަން ބޭނުމޭ….މިތާނގަވެސް ތިބޭނެ ސަޅި ފޮއްޗާއި އެއްޗެހި. ހިނގާބަ މަންމައާއެކީ ކުޑަކޮށް ބަލާލަންދޯ؟” އާޝިޔާ ފިހާރައިގެ ވަށައިގެން ނަޒަރެއް ދެމުން މާޝާއަށް ދޯދިނެވެ. ހިނދުކޮޅަކަށް މާޝާ އޭނަގެ ދައްތައާއި މެދު ހަނދާންވިޔަސް އޭނަ އޭނަގެ ވާންއުޅޭ ‘މަންމަ’ ދޫކޮށްލާފައި ދާކަށް ބޭނުމެއްނުވިއެވެ. އެހެން ހަދާކަށް ނުވެސް ކެރުނީއެވެ. އެހެންކަމުން އޭނަ އާޝިޔާއާއި އެކީ ފިހާރަ ތެރެއިން ހިނގަން ފެށީ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.

 

**

 

“ތިއީ ކޮންކުއްޖެއް؟ ދުރު ރަށަކުން އައިއްސަހުރި ކުއްޖެއްތަ؟” ލަތީފް އެ ސުވާލުކޮށްލީ އޭނަގެ ކުރިމަތީގައި ހުރި ސޯފާގައި އިން ޒުވާނާއާއެވެ. އެ ހިނދު ހާފިޒާވެސް ވަކިން ހުރި ސޯފާއެއްގައި އިނދެ އެ ސުވާލުގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން އެތާ އިނީ، އެ މެހުމާނަށްޓަކައި އޭނަ ސައި ހަދައިދޭން އުޅުމުން އޭނަ އިންކާރުކޮށްފައިވުމުންނެވެ.

 

“ހެހެ….ދުރު ރަށެއްނޫން ބޭބޭ. ތަންކޮޅެއް ދުރު އަވަށެއްގެ ކުއްޖެއްމީ. އެހެންވެ ކަންނޭނގެ ނޭނގުނީ. އަޅުގަނޑު މިގެއަށް މިއައީ ވަރަށް ބޮޑު ކަމަކު އެދެންވެގެން.” ޒުވާނާ އެހެން ބުނެލީ އިސްޖަހަމުން ނުޖަހަމުން ކަހަލަ ގޮތަކަށެވެ.

 

“ކޮން ކަމަކަށް؟” ނުހަނު އެނގެން ބޭނުންވެފައި ލަތީފް ސުވާލުކުރިއެވެ.

 

“އަޅުގަނޑު ބޭނުން މާޝާއާއި އިންނަން.” ޒުވާނާ އިއްވާލި ވާހަކައިން ހާފިޒާއާއި ލަތީފް ހިސާބަކަށް ހުއްޓުން އަރާ ގޮތްވިއެވެ.

 

**

 

“މް….މަންމާ ޔަޤީންތަ މިހާރު އައްޒާމް އަހަރުމެންގެ ގެއަށް ފޯރާފާނެކަން؟” އެކި ފޮތި ފޭލިތަކަށް ބަލަމުން ވެސް މާޝާއަށް އެ ސުވާލުކޮށްލެވުނީ ކެތްމަދުވެފައިވި ހިތެއްގެ ސަބަބުންނެވެ.

 

“އާނއެކޭ….ދެންމެ މަންމައަށް މެސެޖެއްވެސް ކުރި އެގެއަށް މި ވަންނަނީއޭ ކިޔާފަ. ބަލާތި މާ ގިނައިރެއްނުވެ މާޝާގެ ބައްޕަ ގުޅަންވެސް ގުޅާނެ އެގެއަށް އައި ކުއްޖާއާ އިނުން އެންމެ ރަނގަޅުތޯ އަހާފަ.  ޒާމް ޕްރޮޕޯޒްކުރަން ދިޔައީ މާޝާ ނެތިއްޔާ ނަންނުބުނެ ވިއްޔާ. ރަނގަޅަށްވިއްޔާ މާޝާގެ ބައްޕައާ ވެސް ބައިވެގެން މާޝާއަށް ނަން ނާންގަން މަސައްކަތް ކުރާނީ. މަންމަ ޒާމްގެ ޕްލޭން ފޭލް ކޮށްލާނަމޭ ބުނީމަ ބުނީ އެހެންނޭ ހަދާނީ.” އާޝިޔާ ހެވިފައިހުރެ ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން ދިޔައިރު އޭނަގެ މޫނުމަތިން ނުފެނުނެއްކަމަކު މާޝާއަށް ޝައްކުވެދާނެތީ އޭނަ އިންތިހާއަށް ބިރުވެސް ގަންނަމުން ދިޔައެވެ. އެހެނަސް އައްޒާމްގެ ވާހަކައެއް ދެކެވޭ ކޮންމެ ފަހަރަކު ހުވަފެނީ ޢާލަމަކަށް ދާ މާޝާއަށް އެއިން އެއްވެސް އޮޅުވާލުމެއްގެ ޙަޤީޤަތް އެނގޭ ގޮތެއްނުވިއެވެ.

 

**

 

“ވަރަށް….ވަރަށް ބޮޑު އެދުމެއް ތި އެދުނީ. އެކަމަކު ތިއަށް ޖަވާބު ދިނުމުގެ ކުރިން ތިއީ ކޮންކުއްޖެއްކަން ދެނެގަންނަން ބޭނުން. އަދި މާޝާ ވެސް މިހާރު ހުރީ ރަށުގައެއްނޫން. މާޝާއަށް ވެސް ތި ކުއްޖާ ފެނިފަ އެއްޗެކޭ ބުނީމަ ނޫނީ ތި އެދުމަށް ޖަވާބެއް…..” ލަތީފް ދައްކަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް ޒުވާނާ ވާހަކަ ދެއްކިއެވެ.

 

“މާޝާއަށް ވަރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑަކީ ކާކުކަން. މާޝާއަށް އެނގޭނެ އަޅުގަނޑު މި ދުވަހު މާޝާގެ ބައްޕަ ކައިރިން މިފަދަ އެދުމެއް އެދޭނެކަން ވެސް. އެކަމަކު މި ވަގުތަށް އަޅުގަނޑު އަޅުގަނޑުގެ ނަން ހާމަ ކުރާކަށް ނެތިން. މާޝްއަށް ސަޕްރައިޒްކުރަން ބޭނުމީ ފެންނަ ދުވަހަކު.” ޒުވާނާ ޙަޤީޤަތުގައި ވެސް އެ ވާހަކަ ދެއްކީ މާޝާއާއި ގާތްގުޅުމެއް ބާއްވާފައި އޮތް މީހަކު ފަދައިންނެވެ. ލަތީފަށާއި ހާފިޒާއަށް އެކަން ފާހަގަވިއެވެ.

 

“މާޝާ ރައްޓެހިވީތަ ތި ކުއްޖާއާ؟” ލަތީފް އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. މާޝާ ފިރިހެން ކުއްޖަކާއެކީ ސައިކަލުން ދިޔަ ވާހަކަ އޭނައަށް އިވުނު ފަހުން އެ ޒާތުގެ އެހެން ވާހަކައެއް އޭނައަށް އިވިފައެއްނުވެއެވެ. މާޝާ ކޮންމެވެސް ފިރިހެން ކުއްޖަކާއެކީ ތުނޑީގައި ހުރި ވާހަކަ އެއްދުވަހު އިވުނެއްކަމަކު ލަތީފް އެ ވާހަކަ ޤަބޫލު ނުކުރީ ދަރުސްތަކަށް ދާން ފެށި ފަހުން މާޝާގެ އުޅުމަށް އައިސްފައިވި ބަދަލުތަކުގެ ސަބަބުންނެވެ. އެހެނަސް މިއިވޭ ވާހަކައިން އޭނަ މާޝާއާއިމެދު ހެޔޮކޮށް ވިސްނައިގެން ހެދުނީ ގޯހެއްހެން ހިނދުކޮޅަކަށް ނަމަވެސް ހީވާން ފެށިއެވެ.

 

“ނޫނޭ ބޭބޭ. އަހަރުމެން ރައްޓެހިނުވަން. މާ ގިނައިން ދިމާކޮށެއްވެސް ނަހަދަން. ވަރަށް އެހެން ކަހަލަ ލޯތްބެއް އަހަރުމެންގެ ދެމެދުގަ އޮތީ. އަހަރުމެން އެކަކު އަނެކެއްދެކެ ލޯބިވީ ﷲ އަށްޓަކައި. ވަރަށް ގިނައިން އެކަކު އަނެކަކާ އާޔަތްތައް ޙިއްސާކޮށް ހެދިން. މާޝާ އެހެރަ ކަންތަކަށް އަހަންނަށްވުރެ މާ މޮޅު މާ ޝާ ﷲ! ބޭނުންވަނީ އެކަހަލަ ޞާލިޙު ކުއްޖަކާ އިންނަން…..ބޭބެ ބޭނުމިއްޔާ މިހާރުވެސް މާޝާއަށް ގުޅާފަ ސުވާލުކުރޭ. އާޔަތްތައް ޙިއްސާކޮށް އުޅުނު ފިރިހެން ކުއްޖެއް އޭނައާއެކީގަ ނޫޅޭތޯ…އޭނަ ﷲ އަށްޓަކައި ލޯބިވާ ފިރިހެން ކުއްޖެއް ނުހުރޭތޯ…އޭނަ ހިތާހިތުން އިންނަން ރާވައިގެން ހުރި އޭނައަށް ކަމުދާ ކުއްޖަކު ނުހުރޭތޯ….އެއީ އަހަރެން، ބޭބޭ. މިއަދު މިގެއިން އަޅުގަނޑު ދާން ބޭނުންވަނީ ޖަވާބެއް ހޯދައިގެން. އެއީ އަޅުގަނޑު މިއަދު ވެސް މާލެއަށް ފުރައިގެން ދާން އެބަޖެހޭ. އަޅުގަނޑުގެ ސެންޓާރގެ ބައެއް ކަންތައް ހަމައަކަށް އަޅުވަން. 3 ދުވަސްފަހުން އަނބުރާ އައިސް އަޅުގަނޑު އަންނާނީ އަޅުގަނޑުގެ ޢާއިލާއާވެސް އެކީ….އިން ޝާ ﷲ!” ޒުވާނާ ބުނެލި ވާހަކައިން އަވަހަށް ފިޔަވަޅެއް އަޅަން ޖެހުނު ލަތީފާއި ހާފިޒާ ހިސާބަކަށް ފިކުރު ބޮޑުވިއެވެ. ލަތީފް ދެންވެސް އެކަން ފަސްކުރަން އުޅުނު ވަގުތު އަބަދުވެސް ކަންކަމުގައި އަވަސްއަރުވާ ހާފިޒާ ވާހަކަ ދެއްކިއެވެ.

 

“އެހެންވީމަ ލަތީފް މާޝާއަށް ގުޅާލަބަލަ މިހާރު. ގުޅާފަ އަހާލަބަލަ. މި ކުއްޖާވެސް އެހާ ދުރުން އައިމަ ޖަވާބެއްނުދީ ފޮނުވާލާކަށް ނުވާނެދޯ؟ އެހެންނޫނަސް މާޝާ ވެސް ދެރަވާނެ އޭނަ ބޭނުންވެގެން ހުރި ކުއްޖަކަށް އަހަރުމެން އެއްޗެކޭ ނުބުނެ ފޮނުވާލިއްޔާ. ނިކަން ގުޅާލަބަލަ!” ހާފިޒާ އެ ވާހަކައަށް ބާރު އެޅިއެވެ. އެ ވާހަކަތައް އަޑުއަހާފައި ލަތީފް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

**

 

މަހުމަލް ފޮތިތައް އެޅުވިފައި ހުރި އެއްޗެއްގެ ކައިރީގައި މާޝާއާއި އާޝިޔާ ހުއްޓިގެން ތިއްބާ މާޝާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ދެމީހުންގެ ނަޒަރުވެސް ފޯނަށް އަމާޒުވެގެން ދިޔަ ވަގުތު މާޝާގެ ދެލޯ ބޮޑުވިއެވެ.

 

“ބައްޕަ!” ފޯނުގެ ސްކްރީން އާޝިޔާއަށް ދައްކާލަމުން މާޝާ އެހެން ބުނެލީ މިއިން ކައިރި ދުވަހެއްގައި ވެސް އޭނަ އުފާނުވާވަރަށް އުފާވެފައި ހުރެއެވެ. އައްޒާމް އޭނައާއި ނުހަނު ގާތުގައިވީހެން ހީވި ވަގުތު އޭނައަށް ހިނދުކޮޅަކަށް ހިރިލަން ވެސް ނޭނގިފައި ހުރެވުނެވެ.

 

“ނަގާބަލަ އަވަހަށް މާޝް! ޔަޤީން ޒާމް ގޮސްގެންކަން ތިއުޅެނީ. ބައްޕަ ނޭނގޭ ކަމަށް ހެދިއްޔާ މާޝްވެސް ނޭނގޭ ކަމަށް ހެދެއްޗޭ. ޒާމް ނޭނގޭ ކަމަށް ހަދާފަ ކުއްޖަކު އެގެއަށް ގޮއްސަ ހުރިކަން އެނގޭ ވާހަކަ އަންގާ! ކުޅި ދައްކާލަންވާނެ އޭނައަށް ވެސް!” އާޝިޔާ ނުހަނު ޖޯޝާއެކީ އެހެން ބުނެލުމުން މަސްތެއްގެ ތެރޭގައިވި މާޝާއަށް އަވަސްއަވަހަށް ބޯޖަހާލެވުނެވެ. އެއަށްފަހު އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބައްޕާ!” މާޝާއަށް އެހެން ބުނެލެވުނީވެސް ހެވިފައިހުރެއެވެ. އެކަން ފޯނުގެ އަނެއްކޮޅުގައި ހުރި ލަތީފަށް ފާހަގަވިއެވެ.

 

“ވަޢަލައިކުމުއްސަލާމް…..ހާދަ އުފާވެފަ ހުރިހެން ހީވެއޭ. ކިހިނެއްވީ؟” ލަތީފް ޙައިރާންކަމާއެކީ އެހެން އަހާލި ވަގުތު އޭނަ ކުރިމަތީގައި އިން ޒުވާނާ ވެސް ހީލިއެވެ.

 

“ބައްޕަ ތި ދޭން އުޅެނީ ކޮން ޚަބަރެއްކަން އެނގޭތީ މި އުފާވަނީ.” މާޝާ އާޝިޔާއަށް ބަލަމުން ނުބަލަމުން ވާހަކަ ދެއްކިއެވެ.

 

“އެހެންތަ؟ ކޮން ޚަބަރެއް އެއީ؟” ލަތީފް މާޝާއަށް އެނގޭތޯ ސުވާލުކުރިއެވެ.

 

“އަހަންނާ އިންނަން ކޮންމެވެސް ކުއްޖަކު އައިސްގެންދޯ އުޅެނީ؟” މާޝާ އަހާލިއެވެ. އެއާއެކު ފޯނުގެ އަނެއްކޮޅުގައި ހުރި ލަތީފް އަންތަރީސްވިއެވެ.

 

“ކިހިނެއް ދަރިފުޅަށް އެނގެނީ؟” ލަތީފް އެކޮޅުން އެ ސުވާލުކުރުމުން މާޝާ ބުމަ އަރުވަމުން އާޝިޔާއަށް ބެލިއެވެ. ފޯނުން ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް އެނގުނު އާޝިޔާ އަމިއްލަ ނަފްސަށް ޢިޝާރާތްކޮށް ‘މަންމަ ބުނީ’ އޭ ބުނެލިއެވެ.

 

“އެކުއްޖާގެ މަންމަ އެބަހުރި އަހަރެން ކައިރީގަ. ހުރިހާ ވާހަކައެއް ކިޔައިދީފި އެ މަންމަ.” މާޝާ ބުނެލިއެވެ.

 

“އެހެންތަ؟ މިއީ މާޝާ ދަންނަ ކުއްޖަކީތަ؟ ނަން ނުބުނަން މީނަ އުޅެނީ. ބުނީ ތިމަންނަ ވަކި މާޝާއާއި ރައްޓެހި ނުވަމޯ. އެކިއެކި އާޔަތްތައް ޙިއްސާކުރިއްޔޯ އެކަކު އަނެކަކާ. އެކަކު އަނެކެއްދެކެ ލޯބިވީ ހަމައެކަނި ﷲ އަށްޓަކަޔޯ. ބުނީ މިއަދު ހަމަޖެހިގެން ތިމަންނައަށް ވާހަކަ ދެއްކެން ނެތޭ ވަރަށް އަވަހަށް ފުރަން އުޅޭތީ. މާލޭގައި ހުންނަ އޭނަގެ ކޮންމެވެސް ސެންޓަރެއް ހަމައަކަށް އަޅުވަން ޖެހޭތީވެއޯ. ކީކޭ ބުނަންވީ މި ކުއްޖާ ކައިރް…..” ލަތީފް ތަފްޞީލުކޮށް ދެއްކަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް މާޝާ ވާހަކަ ދެއްކިއެވެ.

 

“އާނއެކޭ ބުނޭ ބައްޕާ. ތި ކުއްޖާގެ ނަން އެނގުންވެސް އަހަންނަށް މުހިއްމެއްނޫން. ﷲ ގެ ލޯބިފުޅު ހޯދަން މަސައްކަތް ކުރާ ކުއްޖަކަށް އަހަރެން އިންކާރެއްނުކުރާނަން. ވަރަށް އުފާވާނެ ތި ކުއްޖާއާއެކީ މުޅި ޙަޔާތް ވޭތުކުރުމުގެ ފުރުޞަތު ލިބުނިއްޔާ އިން ޝާ ﷲ!” މާޝާ ފުރަތަމަ ފަހަރަށް އޭނަގެ ބައްޕައަށް އޭނަގެ އިޙްސާސްތައް ކިޔައިދިނެވެ.

 

“އެހެންތަ؟ ހަމަ ޔަޤީންތަ މާޝް؟ އާނއެކޭ ބުނެލަންވީ؟ މާޝާއާއި މިކުއްޖާ ބައްދަލުކުރެވެންދެން މަޑު….” މިފަހަރުވެސް މާޝާ ބައްޕަގެ ވާހަކަ މެދުކަނޑާލީ އަވަސްވެފައި ހިތުގެ ތެޅުމުގެ ސަބަބުންނެވެ.

 

“ނޫން ނޫން ބައްޕާ. މަޑުކުރާކަށް ބޭނުމެއްނޫން. ވީހާވެސް އަވަހަކަށް ތިކުއްޖަކާ ގުޅެން ބޭނުންވަނީ.” މާޝާ ރަތްވެގެން ދިޔަ މޫނަކާއެކީ ބުނެލިއެވެ. އެކޮޅުން އޭނަގެ ބައްޕަ އެއްޗެކޭ ނުބުނެ ހުރެފައި އެންމެ ރަނގަޅޭ ބުނެލި އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ބައްޕަ ފޯނު ކަނޑާލުމުން މާޝާ ކަންފަތުން ފޯނު ދުރުކުރުމަށްފަހު ޖޯޝާއެކީ ‘ޔެސް’ އޭ ކިޔައި އަލްޙަމްދުލި ﷲ އޭ ކިޔާލަމުން އާޝިޔާއަށް ބަލާލިއެވެ. އާޝިޔާ ހިތްހެޔޮ ހިނިތުންވުމެއް ދައްކަމުން މާޝާގެ ބޮލުގައި ފިރުމާލީ ލޯބިން ފަދައަކުންނެވެ. އެ އަސްލެއްނެތް ލޯބި އިޙްސާސް ކުރެވުނު މާޝާއަށް ނޭނގުނު ކަމަކީ އޭނައަށް ދެންމެ އެ ކުރެވުނީ އަމިއްލަ އަތުން އަމިއްލަ ހިތް ކުދިކުދި ކުރުވާފަދަ ކަމެއްކަމެވެ.

 

**

 

“ކީކޭ މާޝާ ބުނީ؟” ލަތީފް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ހާފިޒާ ސުވާލުކުރިއެވެ. އޭގެ މާ ގިނައިރެއްނުވެ އެމީހުން ކައިރި ހުރި ޒުވާނާ ވެސް ތެދެއްހޭ އަހާލީ ވަކި ނުތަނަވަސްކަމެއްނެތިއެވެ.

 

“މާޝާ ބުނީ އާނއެކޭ ބުނާށޭ. ބައްދަލުކުރެވެންދެން ޖަވާބު ފަސްކުރަން ވެސް ބޭނުމެއްނޫނޭ. ބުނީ ތިކުއްޖާގެ މަންމަ ކައިރީގައޭ މިހިރީ. އެހެންވެގެންނޭ އެނގެނީ މި ބައްދަލުވުން މިތާ ހިނގާކަން.” ލަތީފް ކިޔައިދިނެވެ.

 

“ހެހެ….މަންމަދޯ؟ އަހަންނާ މާޝާގެ ގުޅުމަށްވުރެ މާޝާއާ މަންމައާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވާނެ. މާޝާ މަންމައާ ދިމާވީ އެއްކަލަ ދަރުސްތަކުގެ ތެރެއިން……މާޝާ މާލެއަށް ދާ ވާހަކަވެސް އަސްލު މަންމަ ކައިރި ބުނެފަ އޮތީ. މަންމަ ވެސް ޑޮކްޓަރަށް ދައްކަން މާލެއަށް ގޮއްސަ ހުންނާތީވެއާއެކީ މާލޭގަ އަހަރުމެން މިއުޅެނީ މިދުވަސްކޮޅު. މަންމަ ބުންޏޭ މާޝާ މާލެއަށް އަންނަ ޚަބަރުވީމަ މާލެއިން ތިމަންނަ މާޝާއާ ބައްދަލުކުރާނަމޭ. ހިއެއްނުކުރަން މިހާ އަވަހަށް ކުރާނެކަމަށް. ހެހެ….” ޒުވާނާ ހެވިފައިހުރެ ކިޔައިދިނެވެ. ލަތީފް ދެންވެސް ހިސާބަކަށް އަޖާއިބުވެފައިހުރެ ފުން ނޭވައެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

 

“ދެން ކީކޭ އަހަރުމެން ބުނާނީ؟ މާޝާއަށް ތިކުއްޖާ ކަމުދަންޏާ އަހަރުމެންވެސް ބުނާނެ އިތުރު ވާހަކައެއްނެތް. ތި ދެކުދިން ގުޅެން އަހަރުމެންގެ އެއްވެސް އިއުތިރާޒެއް ނެތް، ދޯ ހާފިޒާ؟” ލަތީފް ހާފިޒާއަށް ބަލާލިއެވެ.

 

“އާނދޯ ލަތީފް؟ ވަރަށް އުފާވެއްޖެ ކޮންމެ ގޮތެއްވިޔަސް މާޝާ ތިކަހަލަ ރަނގަޅު ކުއްޖަކު ޚިޔާރު ކުރީމަ. ދެކުދިން އެކީގަ މައްސަލަތައް ޙައްލުކޮށްގެން ވަރަށް ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރައްޗޭ. އެއީ މަންމައާއި ބައްޕަގެ އުއްމީދަކީ.” ހާފިޒާ ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. ޒުވާނާ އެ ވާހަކައަށް ބޯޖަހާލިއެވެ.

 

“އެކަމަކު އަދި އެއްދުވަހު ޢާއިލާއާއެކީ މާޝާއާ ބައްދަލުކުރަން އަންނައްޗޭ.” ލަތީފް އެހެން ބުނެލީ އޭރުވެސް ނޭނގޭ ނުތަނަވަސްކަމެއް އޭނަގެ ހިތަށް ވެރިވެފައިވުމުންނެވެ. އެހެނަސް އެ ޒުވާނާ ހިނިތުންވުމަކާއެކީ އެއަށްވެސް ބޯޖަހާލުމުން އޭނަގެ ހިތް ހިސާބަކަށް ހަމަޖެހޭ ގޮތްވިއެވެ. ޒުވާނާ ދެން ދަނީއޭ ކިޔާފައި ކޮޅަށް ތެދުވެލުމަށްފަހު ދާން އުޅުނެވެ. އޭނަ ލަތީފްމެންނަށް ފަސްދިންތާ މާ ގިނައިރެއްނުވެ އޭނަ އަނެއްކާވެސް ފަސްއެނބުރި ބަލާލިއެވެ.

 

“އަދި އެއްވާހަކަ ބުނަންވެފަ އެބައޮތް. މާޝާގެ ރީތިކަމާހެދި މޮޔަވެގެން އުޅޭ މާލޭ ފިރިހެން ކުއްޖެއް އުޅޭ. އެއީ އެއްކަލަ ޝެއިޚްގެ ކާފަ ދަރި، އައްޒާމް. އެނގޭ ބޭބެމެންނަށް މިހާ ދުވަހު އައްޒާމް ފެނިފަ ހުރީ ވަރަށް ޞާލިޙު ކުއްޖެއް ގޮތަށްކަން. އެކަމަކު އެއީ ބޮޑު މަކަރެއް. އޭނައަކީ ދީނުން ބޭރުވެ ދީނަށް ހަޖޫޖަހާ ދެމީހުންގެ ދަރިއެއް. ޞާލިޙު ވެގެން އުޅުނީ ހަމައެކަނި އޭނަގެ ކާފަ މޮޔަ ހައްދައިގެން ކާފަގެ މުދާގަނޑު ހޯދަން. ވަރަށް ދެރަވި މާޝާވެސް އޭނައަށް ހެއްލިގެން އުޅުނު މަންޒަރު ފެނިފަ. އަހަރެން ނަޞޭޙަތްތެރިވިން އޭނައާއި ކައިރިނުވާން މާޝާ ގާތު. އެ ފަހުން މާޝާ އޭނައާ ދުރުވީވެސް…” ޒުވާނާ ހިތާމަވެރި ގޮތަކަށް ކިޔައިދިނެވެ.

 

“އެކަމަކު……ހާދަ ހިއެއްނުވޭ އައްޒާމަކީ ގޯސްކުއްޖެއްހެން. ވަރަށް ހިތްހެޔޮ ވަރަށް އެހީތެރިވާ ޒާތުގެ ކުއްޖެއް އެއީ.” އައްޒާމް މަތިން ހަނދާންކޮށްލަމުން ލަތީފް ބުނެލިއެވެ.

 

“އެއީ މާޝާ ހޯދަން ބޭބެމެންގެ ހިތް އަތުލަންވެގެންނޭ އެހެންހެދީ. އޭނަގެ އެކުވެރިންނާ ވާހަކަ ދެއްކި އަޑު އަހަރެން ކަންފަތުން އެހިން. މާލޭގަ އޭނަގެ ގެ ހުންނަނީ އަހަރުމެން އުޅޭ ގެއާ ކައިރީގަވީމަ އިވުނީ އޭނަ ވަރަށް އަވަހަށް މާޝާއަށް ކައިވެންޏަށް ވެސް އެދެން އަންނަ ވާހަކަ. ނޭނގެ އަންނާނެ ދުވަހެއް. އައިމަ އޭނައަށް ދޭނެ ޖަވާބެއް ބޭބެއަށް އެނގޭނީ. އަޅުގަނޑަށް ލިބިފަ ހުރި މަޢުލޫމާތެއް އަޅުގަނޑު މި ޙިއްސާކޮށްލީ….” ޒުވާނާ އެހެން ބުނެލާފައި ލަތީފަށް ފަސްދީފައި ދާން ހިނގައިގަތެވެ. އަދި މިފަހަރު މަޑުކުރުމެއްނެތި ގެއިން ވެސް ނިކުމެގެން ދިޔައެވެ. ގޭގެ ގޭޓުން ނިކުމެ މަޑުނުވެ އެ ޒުވާނާ އޭނަގެ ފޯނު ނަގައި ހިއްލާލިއެވެ. އެއަށްފަހު ‘މިޝަން އެކޮމްޕްލިޝްޑް’ އޭ އާޝިޔާއަށް މެސެޖެއް ފޮނުވާލީ އޭނަގެ އެއްމިޔަކަނުގެ ހިނިތުންވުމުގައި ހުރެއެވެ. މާ ގިނައިރެއްނުވެ އެކޮޅުން ‘ލަވް ޔޫ ލިއާމް’ އޭ ލިޔެފައި އޮތް މެސެޖެއް އައުމުން ލިއާމް ހިނިތުންވެލީ އޭނަގެ މޫނުގައި ތަތްކޮށްފައި ހުރި އަސްލެއްނެތް ތުނބުޅި ނައްޓަމުންނެވެ.

 

**

 

ހެނދުނު 9 ޖަހަން ގާތްވެފައިވަނިކޮށް އޭނަ މުޅި އެ ހެނދުނު ހޭދަކުރާނީ އާޝިޔާއާއި އެކީ އެކި ފިހާރަތަކަށް ދިޔުމުގައިކަން މާޝާއަށް ޔަޤީންވެފައިވިއެވެ. ޔުނިވާރސިޓީއިން އެދުވަހު ގުޅާފައި ބުނި އިންޓަވިއުއަކީ އޮޅުމެއްކަން ކުރިންވެސް ދޮންބެގެ ފަރާތުން އެނގިފައިވުމުން މާޝާ އުޅުނީ ފޮތި ފިހާރައިން ނިމިގެން ގެއަށް ގޮސް އަރާމުކުރާށެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އާޝިޔާ އޭނަ ދޫކުރާކަށް ނޫޅުނެވެ. އޭނައަކީ މާޝާގެ ގާތް މީހެއްކަމަށް ބުނެ ބޮޑުދައިތައާއި ވެސް ވާހަކަ ދައްކާފައި މާޝާއާއިއެކީ އެކި ފިހާރަތަކަށް ދާން އަތުކުރި އޮޅާލިއެވެ. މިގޮތުން އާޝިޔާ ދެން މާޝާ ގެންދިޔައީ ބޫޓު ފިހާރައަކަށެވެ. އެ ފިހާރައަށް ގޮސް މާޝާ އެކި ބޫޓުތައް ލަމުން ދިޔައީ ވަރުބަލިވެފައި ހުރެއެވެ. އެހެނަސް އޭނައަށް އެ ވާހަކަ ބުނާކަށް ނުކެރުނެވެ. މާ ގިނަ ވާހަކައެއް ވެސް ނުދައްކާ މާޝާ ފަހުންފަހުން އައިސް އާޝިޔާ ދައްކަމުން ދިޔަ އެއްޗެހި ބަލަމުން ދިޔައީ އޭނަ ބުނާހާ ގޮތަކަށް ހަދަމުންނެވެ. މިގޮތުން ކޮންމެވެސް ބޫޓެއްލުމަށްޓަކައި މާޝާގެ ފޯނު ހަރެއްގެ މަތީގައި ބާއްވަންވީ ނޫންތޯ ބުނުމުން މާޝާ އެހެން ހެދިއެވެ. އަދި މާޝާއަށް އެންގުމެއްނެތި އެ ފޯނު ނަގައި ސައިލެންޓަށް ލުމަށްފަހު އާޝިޔާ އޭތި އޭނަގެ އަތްދަބަހަށް އެޅިއެވެ. މާ ފަހުން އެހެން ފިހާރައަކަށް ގޮސް މާޝާ ފޯނު ނެތް ވާހަކަ ބުނުމުން އާޝިޔާއަށް އޭތި ވީ ތަނެއް އެނގުނުކަމަކަށްނުވިއެވެ. އެމީހުން ކުރިން ދިޔަ ފިހާރަތައް ވެސް ހޯދާހޯދާ ނުފެނުމުން އާޝިޔާ އާ ފޯނެއް ގަންނަ ވާހަކަ ފެށީއެވެ. އެހެންކަމުން މާޝާވެސް އިތުރަކަށް އެކަމާ ނޫޅުނީ ކަމަކާމެދު ވިސްނާވަރަށްވުރެ ވަރުބަލިވެފައި ހުރުމުންނެވެ.

 

**

 

އައްޒާމް އިން ފްލައިޓް ފުވައްމުލަކުގައި ޖެއްސީ 9:11 ވީ ވަގުތެވެ. އައްޒާމް ފްލައިޓުން ފައިބައިގެން އޭނަގެ ދަބަހާއެކީ އެއާރޕޯޓުން ނިކުމެގެން އައީ ވެސް ހިނިތުންވުމެއްގައި ހުރެއެވެ. ޓެކްސީއެއްގައި ‘ހިޔާ’ ނަމަކަށް ކިޔާ ގެއަށް އޭނަ ގެންގޮސްދިނުމަށް ޓެކްސީ ޑްރައިވަރު ގާތުވެސް ބުނެލެވުނީ ހެވިފައި ހުރެއެވެ. އެތައް ދުވަހެއްފަހުން މާޝާގެ ސޫރަ ހަމަލޮލަށް ފެންނަން އުޅޭ ކަމުގެ ޚިޔާލުން އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކެތްމަދުވެފައިވި ހިތެއްގެ ސަބަބުން އޭނައަށް ސީޓުގައި މަޑުން އިންނަން ވެސް ދަތިވެފައިވިއެވެ. ކާރުގެ ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ހުރިހާ މަންޒަރަކުން އޭނައަށް އެވަގުތު ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކޮންމެ ރީތި މަންޒަރެއް ފެނުމުން ވެސް އެތަނެއްގައި އޭނައާއި މާޝާ ތިބޭ މަންޒަރު ޚިޔާލަށް ގެންނަމުން ދިޔަދިޔަހެން އޭނަ އިނީ ކާރެއްގައިކަން ވެސް އޭނަ ހަނދާންނެތޭ ހިސާބަށް ދިޔައެވެ. ކިރިޔާވެސް އޭނަ ހަމަހޭވެރިކަމެއް ވާގޮތްވީ ކާރު ދުއްވާފައި ދަނިކޮށް ބޭރުން ފެނުނު ފިހާރައެއްގެ ތެރެއިން ޤުދުރަތީ މާތަކެއް ފެނިގެން ދިޔުމުންނެވެ. އެ މަންޒަރު ފެނިފައި އޭނަ ކުއްލިއަކަށް ޑްރައިވަރު ގާތު މަޑުކުރަން އެދިފައި ކާރުން ފައިބައިގެން ގޮސް ރަތްކުލައިގެ މާ ބޮނޑިއެއް ގަތެވެ. މާ ބޮނޑި ގަތީ ހަމައެކަނި މާޝާގެ މަތިން ހަނދާންކޮށްގެން ކަމަށްވިޔަސް މާޝާގެ ބައްޕަ މަތިން ވެސް ހަނދާންވުމުން އައްޒާމް ޖެހިލުންވާގޮތްވިއެވެ. ކުއްލިއަކަށް އެ މާ ބޮނޑި ބާއްވާފައިދާން ހިތަށްއެރިއެވެ. އެހެނަސް މާޝާއަށް އޭތި ރައްދުވާން ހިތް އެދުނު ވަރުން އެއީ އެގޭގައި ރީއްޗަކަށް ބަހައްޓަން ދިން އެއްޗެއްކަމަށް ބުނެ އޭތި ދޭން އައްޒާމް ހިތާހިތުން ނިންމިއެވެ. އެއަށްފަހު އޭނަ މާޝާގެ އޭނަ އޭނަގެ މަންޒިލާއި ދިމާލަށް ދާން ފެށީ އޭނަ އައި ކާރު އޭނަ ހުންނަން އުޅޭ ގެސްޓް ހައުސްއަށް ފޮނުވާލާފައި ފައިމަގުގައެވެ. އެ ގެ ހުރީ ފިހާރަ ހުންނަ ހިސާބާއި ނުހަނު ކައިރީގައި ކަމަށްވެފައި އެ މަގުތަކަކީ ފޮނި ހަނދާންތައް އާ ކޮށްދޭ މަގުތަކަކަށްވުމުންނެވެ. ހިނގަމުން ދިޔައިރު ވެސް މާޝާގެ ބައްޕަ ކައިރިއަށް ގޮސް ދައްކާނެ ވާހަކަތައް އައްޒާމް ޚިޔާލަށް ގެންނަމުން ދިޔައީ ލަދުވެތިކަމާއި ނުތަނަވަސްކަން އިތުރުވަމުން ދިޔަ ހިތަކާއި އެކީގައެވެ. ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައިވި އިޙްސާސްތަކާއި ކުރުވެފައިވި ނޭވާތަކާއެކީ ވެސް އައްޒާމަށް ހިނިތުންވެވެމުން ދިޔައީ ލިބެން އުޅޭ އުފަލެއްގެ ބޮޑުކަމުންނެވެ. އޭނަ މާޝާމެންގެ ގެ ހުންނަ ގޯޅިއާއި ގާތްވަމުން ދިޔަދިޔަހެން އޭނަގެ ފުރަގަހުން ދެ ފިރިހެން ކުދިން ވާހަކަ ދައްކާ އަޑު އިވުނެވެ.

 

“އޭ އެނގޭތަ އެއްކަލަ އަހަރުމެންނާއެކީ ކިޔެވި މާޝާ އުޅެނީ މެރީ ކުރަންށޯ!” އެއްފިރިހެން ކުއްޖަކު އެހެން ބުނެލި އަޑަށް އައްޒާމްގެ ހިނިތުންވުން ފުންވުން ނޫންކަމެއް ނުވިއެވެ. މާޝާ އޭނަގެ ބައްޕަމެން ކައިރި އޭނަގެ ވާހަކަ ބުނީތާއޭ ހިތަށްއެރި ވަގުތު ދެން ހުރި ކުއްޖާ ވާހަކަ ދެއްކިއެވެ.

 

“އާނ އަޑުއެހިން. މިއަދު ދޯ އެ ފިރިހެން ކުއްޖާ އެގެއަށް ގޮއްސަ ޕްރޮޕޯޒްކުރީ؟ މިތާ ކައިރި އަވަށެއްގެ ކުއްޖެކޯ އެއީ. މާޝާވެސް ވަރަށް ލޯބިވެޔޯ އެކުއްޖާދެކެ.” އެ ފިރިހެން ކުއްޖާ ދެއްކި ވާހަކައިން އައްޒާމްގެ ފިޔަވަޅުތައް މަޑުޖެހި އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ. އައްޒާމް ފަސްއެނބުރި ބަލާލި ވަގުތު އެތާތިބީ އޭނަ ދަންނަ ފިރިހެން ކުދިންނެއްނޫނެވެ. އެމީހުން އޭނައަށް ބެލުމެއްވެސް ނެތި ވާހަކައިގައި ތިބެ ކުރިއަށް ދިޔައީއެވެ. ބިރުވެރިކަމެއް އައްޒާމްގެ ހިތަށް ވެރިވިއެއްކަމަކު އޭނަ ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. އެމީހުން އެ ދައްކަނީ އެހެން މާޝާއެއްގެ ވާހަކަ ކަމަށްވެސް ވެދާނެކަމަށް ހިތާހިތުން ކިޔަމުން އައްޒާމް ކުރިއަށް ދިޔައެވެ. އޭނައަށް މާޝާގެ ގެ ހުންނަ ގޯޅިއަށް އަޅާލެވުނު ތަނާހެން އެހެން ދެ އަންހެން ކުދިންގެ އަޑު އިވުނެވެ.

 

“އޭ ސަފާ….ޔޫގެ ބެސްޓް ފްރެންޑް އުޅެނީ މެރީކުރަންދޯ؟” އެހެން ބުނެލި އަޑަށް އައްޒާމަށް ވާތް ފަރާތަށް ކުއްލިއަކަށް ބަލާލެވުނީ އެއީ އޭނައަށް އިވިފައިވި ނަމަކަށްވުމުންނެވެ. ނަން އިވިފައިވަނީ ވެސް މާޝާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށްވުމުން އައްޒާމަށް ކަންފަތް ހުޅުވާލެވުނެވެ.

 

“އާނ….އޭނަ އުޅެނީ މެރީ ކުރަން. ވަރަށް ޞާލިޙު ކުއްޖަކާ. އަޑުއެހިން މާޝްގެ ބައްޕައާ ވެސް ވާހަކަ ދެއްކީމަ ބައްޕަވެސް އެގްރީވީ ވާހަކަ.” މާޝާއާއި ދުރުވެފައިވި އެކުވެރިއެއްކަމަށްވާ ސަފާ ވަކި މީހަކު ބުނީތީ ދޮގު ހެދިއެވެ. އެކަން ނޭނގުނު އައްޒާމަށް އިވުނީ ހަމައެކަނި އޭނަގެ ބަސްތަކުންނެވެ. އެ ބަސްތައް އިވިފައި އައްޒާމްގެ ހިތްވަރު އެލެން އުޅުނެވެ. އެހެނަސް ދެންވެސް ހެޔޮކޮށް ވިސްނަން މަސައްކަތް ކުރަމުން އޭނަ ފިޔަވަޅުތަކަށް ބާރުލާފައި ކުރިއަށް ދިޔައެވެ. ސަފާގެ ފަރާތުން ކުރިންވެސް އިވިފައިވި ވާހަކަތަކުން އޭނަގެ ހިތުގައި މާޝާއަށްޓަކައި ޒާތީ ޙަސަދައެއްވާކަން އެނގުންވެފައިވުމުން އެ ބަސްތަކަށް އިތުބާރު ނުކުރަން ވެސް އައްޒާމަށް ހިތްވަރެއް ލިބުނެވެ. އެހެންކަމުން މާޝާމެންގޭގެ ގޭޓުން ވަދެގެން ގޮސް އޭނަ މައިދޮރުގައި ޓަކި ޖަހާލީ ފުން ނޭވައެއް ދޫކޮށްލަމުންނެވެ. ދޮރު ހުޅުވުމުގެ ކުރިން އޭނަ ގަދަކަމުން ވެސް ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވިއެވެ. އޭނައަށް ހިނިތުންވެލެވުނުތަނާހެން ދޮރު ހުޅުވާލެވުނެވެ. އެ ދޮރު މަތީގައި ހުރީ ލަތީފް ނޫން ދެވަނަ މީހެއްނޫނެވެ.

 

“އައްޒާމް؟” ލަތީފް ސުވާލުގެ ރާގަކަށް އެހެން އަހާލި ދެބުމަ ކައިރިކޮށްގެން ހުރެ އެއްފަހަރު އައްޒާމްގެ އަތުގައި އޮތް މާ ބޮޑިއަށް އަނެއްފަހަރު އޭނަގެ މޫނަށް ބަލަމުންނެވެ.

 

“އައް….ސަލާމްޢަލައިކް..ކުމް ބޭބޭ.” އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން އައްޒާމަށް އެހެން ބުނެލެވުނީ ތުރުތުރުއަޅާ އަޑަކުންނެވެ. އޭނަގެ ނުތަނަވަސްކަން ދެގުނަވެފައިވީ ދެންމެ އިވުނު ބަސްތަކުން ހިތަށް ވެރިވެފައިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ.

 

“ވަޢަލައިކުމުއްސަލާމް. ހީކަރުވައިގެންތަ ތިއުޅެނީ؟ ކޮން މާ ބޮނޑިއެއްތަ ތިއީ؟ އެތެރެއަށް ވަދެބަލަ…” ލަތީފް ސުވާލުތަކެއް ކުރަމުން ވެސް އައްޒާމަށް ވަންނަން ތަން ދެއްކިއެވެ. ކުރިން ލިއާމް ދައްކާފައިވި ވާހަކަތައް ލަތީފް ހަނދާން ނެތިފައިވި ފަދައެވެ. އޭނަ ކޮންމެ މެހުމާނަކަށް ވެސް ހަދާ ފަދައިން އައްޒާމާއި އެކީ ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. މިފަހަރުވެސް ކޮޓަރިން ނިކުމެގެން އައި ހާފިޒާގެ މޫނު އައްޒާމް ފެނިފައި ބަނަވެގެން ދިޔައެވެ. ވަކިން ޚާއްސަކޮށް އައްޒާމްގެ އަތުގައި އޮތް މާ ބޮނޑި ފެނުމުންނެވެ. ހާފިޒާ ގޮސް އެތާ ހުއްޓިލީ ވަގުތު ލަތީފް ވާހަކަ ދެއްކިއެވެ.

 

“އަނެއްކާ މިރަށަށް ބަދަލުވީތަ؟” ލަތީފް ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އެއާއެކު ހާފިޒާ ދެއަތް މެއާއި ދިމާލުން ހުރަސްކުރަމުން އައްޒާމަށް ބަލާލިއެވެ.

 

“ން…ނޫން ބޭބޭ. ކް…ކަމަކު އެދެން މިއައީ.” އައްޒާމް ބުނެލިއެވެ.

 

“ކޮން ކަމެއް؟” ލަތީފް އަހާލިއެވެ. އެއާއެކު އައްޒާމަށް ލުއި ހީލުމަކާއެކީ އިސްޖަހާލެވުނީ ޖެހިލުންވީ ވަރުންނެވެ. އެހެނަސް އޭނަ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.

 

“މް…މާޝާއާ އިންނަންވެގެން.” އައްޒާމަށް އެހެން ބުނެލެވުނީ އޭނަ ދުވަހަކުވެސް ހިތްވަރު ނުކުރާ ވަރަށް ހިތްވަރުކޮށްގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނަ އުއްމީދު ކުރީ އޭނަ އެހެން ބުނުމާއެކު މާޝާގެ މަންމައާއި ބައްޕަ ހީލަމުން އޭނައަށް ބަލާށެވެ. އެހެނަސް އެ ދެމީހުންގެ ވެސް ސީރިއަސް ނަޒަރު އޭނައަށް އަމާޒުވެފައިވުމުން އައްޒާމްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަގެ ބިރު ޙަޤީޤަތަކަށް ވަނީތޯ ހިތަށްއެރި ވަގުތު ލަތީފް ވާހަކަ ދެއްކިއެވެ.

 

“މާޝާ ވަނީ އެހެން ކުއްޖަކާ ގުޅެން އެއްބަސްވެފަ.” ލަތީފް އިއްވާލި ވާހަކައިން އައްޒާމްގެ ހިތް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ.

 

ނުނިމޭ

The post Hadhiya (Part 35) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-35/feed/ 0 1360
Hadhiya (Part 34) https://blog.storiesbyjana.com/hadhiya-part-34/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-34 https://blog.storiesbyjana.com/hadhiya-part-34/#respond Sun, 02 May 2021 15:30:28 +0000 https://blog.storiesbyjana.com/hadhiya-part-33-copy/

ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޕާރުސަލުގައި ހުރީ އޭނައަށް އާއްމު ގޮތެއްގައި މިފަދައިން ލިބޭ ޕެކޭޖްތަކުގައި ހުންނަ ޒާތުގެ ސްޓިކާރއަކަށް ނުވާތީވެއެވެ. ޕޯސްޓުން އައި މީހާ ފެނުމާއެކު މިއީ އޭނަ އޮންލައިންކޮށް އޯޑަރު ކުރި އެއްޗެއްކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް އެ […]

The post Hadhiya (Part 34) appeared first on Stories by Jana.

]]>

ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޕާރުސަލުގައި ހުރީ އޭނައަށް އާއްމު ގޮތެއްގައި މިފަދައިން ލިބޭ ޕެކޭޖްތަކުގައި ހުންނަ ޒާތުގެ ސްޓިކާރއަކަށް ނުވާތީވެއެވެ. ޕޯސްޓުން އައި މީހާ ފެނުމާއެކު މިއީ އޭނަ އޮންލައިންކޮށް އޯޑަރު ކުރި އެއްޗެއްކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް އެ ސްޓިކާރއަށް ބަލާފައި މިއީ އެފަދައިން އައި އެއްޗެއްހެން ހިއެއްނުވެއެވެ. ސްޓިކާރގައި އޭތި ލިބެންވީ ފަރާތާއި އެޑްރެސް ގަލަމަކުން ލިޔެވިފައިވީއިރު އޭގައި އިތުރު ތަފްޞީލެއް ނެތެވެ. އެ ލިޔުމުގައި ރީތި ގޮތެއް ހުއްޓެއްކަމަކު އެ ލިޔުނު މީހަކު ކުޑަކޮށް ރޫރޫއަޅާފައި ހުރިހެން ހީވެއެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި އެއަށް ބަލައިގެން ހުއްޓާ ފަހަތުން މުޙްސިންގެ އަޑު އިވުނެވެ.

 

“ހިނގާ ބައްޕާ….ކޯޗެއްތަ ތިއީ؟” މުޙްސިން އޭނަގެ ފޯނު ހިފައިގެން އައިސް މިރްޒާނާއި އެއްހަމަކުރަމުން ސުވާލުކުރިއެވެ.

 

“މިއީ ދެންމެއަކު ޕޯސްޓުން އައި އެއްޗެއް. މާ އެހެން ކަހަލަ ސްޓިކާރއެއް މީގަ މިހިރީ……ބަލާބަލަ.” މިރްޒާން އެހެން ބުނެ މުޙްސިނަށް ވެސް ދައްކާލިއެވެ. މުޙްސިންވެސް އެއަށް ބަލާލީ ހިސާބެއްގެ ޙައިރާންކަމަކާއި އެކީގައެވެ.

 

“ތި ވާނީ އެއްކަލަ ބައްޕަ އޯޑަރު ކުރި ގަމީސްތަކަށް ކަމަށް. އެހެން ސައިޓަކުން އޯޑާރ ކުރާތީ ކަންނޭނގެ ތަފާތު ސްޓިކާރއެއް ހުރީ. އެއީ ފުދޭވަރަކަށް އާ ސައިޓެއްވީމަ ކަމަށްވެސް ވެދާނެ.” މުޙްސިން ބުންޏެވެ.

 

“އާނދޯ؟ ދެން މީތި ފަހުން ބަލަން ބާއްވަމާ! އަވަހަށް ނުނިކުނަންޏާ ދާން ބޭނުންވާ ފިހާރަތަކަށް ނުދެވެނީސް އެ ތަންތަން ބަންދުކޮށްލާނެ. ހިނގާ އަވަހަށް.” މިރްޒާން ވާހަކަ ދައްކަމުން އެ ޕާރުސަލް ހިފައިގެން ގޮސް ޓީވީ ބަހައްޓާފައި ހުރި ރެކްގެ ކަބަޑެއް ހުޅުވައި އެ ކަބަޑުގެ ތެރޭގައި ޕާރުސަލް ބެހެއްޓިއެވެ. އެއަށްފަހު ދެންވެސް މުޙްސިން ގާތު އައުމަށް އެންގީ، އެ ޕާރުސަލަކީ އެ ދެމީހުން ހޯދަން އުޅޭ ހޯދުމަށް ކިހާ މުހިއްމުވާނެ އެއްޗެއްކަން ނޭނގިއެވެ.

 

މިރްޒާން އެދުވަހު ގެއިން ނިކުތީ ގެއަށް އައިސް އޭތި ކަނޑަން ނިންމައިގެން ކަމަށްވިޔަސް ގެއަށް އައި މަގުމަތީގައި އޭނަ އެކަން ހަނދާން ނެތޭ ގޮތްވިއެވެ. އޭގެ އެއްސަބަބަކަށްވީ އެ ދަތުރު މަތީގައި ބައްޕަ އޭނައަށް ގުޅާފައި އޭގެ އަނެއްދުވަހު މާޝާ އަންނާނެ ވާހަކަ ބުނުމެވެ. މާޝާ އަންނަ ވާހަކަ އިވުމުން ފުރަތަމަ ސިކުންތުގައި އުފާވި ވަގުތު މާ ގިނައިރެއްނުވެ އެ އުފާވެރިކަން ނުތަނަވަސްކަމަށް ބަދަލުވިއެވެ. ނޭނގޭ ސަބަބަކާހުރެ މިރްޒާން ބޭނުމެއް ނުވިޔަސް މުޙްސިން އޭނަ ކައިރި އެދިފައިވި ވަރުން އޭނަ ވެސް މާ ގިނަ މީހުން ކައިރި މުޙްސިންގެ ވާހަކަ ދައްކަން ޖެހިލުންވެއެވެ. މިހާތަނަށް އައިއިރު އޭނަގެ ބައްޕައާއި މަންމައާއި މާޝާއަށް ވެސް އެ ވާހަކަ ނޭންގި އޮތީ އެހެންވެއެވެ. މާޝާ މާލެއަށް އައުމުން އޭނަ އިތުރަށް އެކަން ސިއްރުކުރާނީ ކިހިނެއްތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ. އެކަމާމެދު ކަންބޮޑުވެފައިވި މިންވަރުން މަޣްރިބާއި ގާތްވަމުން ދިޔަ ވަގުތު މިސްކިތަކާއި ދިމާލަށް ކާރުން މިޞްރާބު ޖަހާލި ވަގުތު މިރްޒާންގެ ބަސްމަދުވެފައިވިއެވެ. އެކަމާމެދު މުޙްސިން ސުވާލުކުރުމުން މިރްޒާން އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. ބައްޕަ ދެއްކި ވާހަކަތަކަށްފަހު މުޙްސިން ވެސް ހިނދުކޮޅަކަށް ހިމޭންވިއެވެ. އެއަށްފަހު އެ ހިމޭންކަން ނިމުމެއްގެނައީ ޚުދު މުޙްސިނެވެ.

 

“އިޓްސް އޯކޭ ބައްޕާ. މިއީ ވެދާނެ ދެން މިކަންތައް އިތުރަށް ފޮރުވަން ނުޖެހޭ ކަމުގެ ޢިޝާރާތެއްކަމަށްވެސް. ބައްޕަ އިތުރަށް މިކަން ސިއްރުކުރަން ދޮގު ނެހެދުން ރަނގަޅީ….އެހެންނޫނަސް އަހަރެންވެސް ބޭނުން އަހަރެންގެ ހުރިހާ ޢާއިލީ މެންބަރުން ދެކެން. ކާފައާ، މާމައާ، ތިބުނާ އާންޓަކާ. ކުރީގަ އަހަރެން ހީކުރީ އަހަރެން އެ މީހުންނާއި ދިމާވާނީ ހަމައެކަނި ސުވަރުގެއިން ކަމަށް. އެކަމަކު މި ދުނިޔެއިން ވެސް އެމީހުން ފެނިގެން ދިޔުން ވާނީ ވަރަށް ބޮޑު އުފަލަކަށް އިން ޝާ ﷲ!” މުޙްސިން ފަހު ބަސްތައް ބުނެލީ ހިނިތުންވުމަކާއެކީ މިރްޒާނަށް ބަލާލަމުންނެވެ. މިރްޒާން ވެސް ލުއި ގޮތަކަށް މުޙްސިނަށް ބަލާލަމުން ހީލީ، މުޙްސިން ބުނެލި ބަސްތަކުން ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.

 

މުޅި އެރޭ ވޭތުވެގެން ދިޔައީ މިރްޒާނާއި މުޙްސިނާއި ދެމެދު މާޝާއާއި ބެހޭގޮތުން ދެކެވުނު ވާހަކައިގައި ކަމަށްވުމުން އެދުވަހު ހަވީރު ލިބުނު ޕާރުސަލުގެ މަތިން ދެމީހުންވެސް ހަނދާން ނެތިފައިވިއެވެ. އޭތި ބެހެއްޓިފައިވެސް ހުރީ ބޭރު ފެންނަ ހަނި ކަބަޑެއްގެ ތެރޭގައި ކަމަށްވުމުން އޭތި ހުރީ ސިޓިންގް ރޫމުގެ ސޯފާގައި ތިބޭއިރު ލޮލުގައި އަޅައިގަންނަ ގޮތަކަށް ނޫނެވެ. އެހެންކަމުން އޭގެ އަނެއްދުވަސް ޖެހުނުއިރު ވެސް އޭތި ހުރި ތަނުގައި ހުރި ގޮތަށް ހުއްޓެވެ.

 

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު މާޝާ އެއާރޕޯޓަށް ދިޔުމަށްޓަކައި ހޭލަމޭލައަށް ތައްޔާރުވަމުން ދިޔައެވެ. އެންމެ ފަހުގެ ސާމާންތައް ދަބަހަށް އަޅައި ބަންދުކުރުމަށްފަހު މާޝާ ތާޒާވެލަން ދިޔައިރު ވެސް ހާފިޒާއާއި ލަތީފް މިރްޒާނަށާއި ލަތީފްގެ ބޭބެއަށް ފޮނުވާ ބައެއް އެއްޗެހި ފޮށިފޮށްޓައް އަޅައި ބަންދުކުރުމުގައި އުޅެއެވެ. މަދު މިނެޓްތަކެއްގެ ތެރޭގައި ތައްޔާރުވެގެން މާޝާ އެދުވަހު ފުރަތަމަ ފަހަރަށްލީ އެދުވަހަށްޓަކައި މަންމަ ފަހައި ދީފައި އޮތް މުޅިން ވެސް ކަޅު އަދި ދިގު ހެދުމެކެވެ. ހެދުން ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު މާޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ފަރާތް ފަރާތަށް އެނބުރި ބަލާލިއިރު ހެދުން ކިހާ ދޫކަން އެނގުންވުމުން މާޝާއަށް ހީލެވުނީ އެ ހެދުން ހާދަ ރީއްޗޭ ހިތަށްއެރުމުންނެވެ. އަދި އެ ހެދުމާމެދު އޭނަ ހިތްހަމަޖެހުނު ވަރުންވެސްމެއެވެ. ހަމަ އެއާއެކު އޭނަ ޙައިރާންވެސްވިއެވެ. ދާދި އިހަކަށް ދުވަހު އޭނަވީ މި ޒާތުގެ ހެދުންތައް ލާ މީހުންނަށް މަލާމާތްކުރާ މީހުންގެ ތެރެއިންނެވެ. އޭނަ ހުވަފެނަކުން ވެސް މިކަހަލަ ހެދުމަކަށް ތަޢުރީފުކޮށްފާނެކަމާމެދު އޭރު މާޝާއަށް ޝައްކުކުރެވުނެވެ. އެހެނަސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވުމުން މާޝާގެ ލޮލަށް ކަރުނަތައް ޖަމާވީ ޝުކުރުވެރިކަމުން ހިތް ފުރިގެން ދިޔުމުންނެވެ. އަމިއްލަ ނަފްސަށް ގެއްލުންދެނިވި އެ އަނދިރިގަނޑުގެ ތެރޭގައި އޭނަ ވަނިކޮށް އޭނައަށް ހިދާޔަތް ދެއްކެވީ ހަމައެކަނި ﷲ ކަން އެނގުންވުމުންނެވެ. އަދި ﷲ ހިދާޔަތް ނުދެއްކެވި ނަމަ އޭނައަށް ހިދާޔަތް ނުލިބުނީސްކަން އެނގުންވުމުންނެވެ. އެ ބަސްތައް އޭނަގެ ހިތް ބުނެލި ހިނދު އެ ހިތަށް ވެރިވެގެން ދިޔައީ އެ ބަސްތައް ދޭހަވާ އާޔަތެކެވެ. އަޢްރާފް ސޫރަތުގެ އެ އާޔަތް ދުލުން ކިޔާލެވުނީ އެ އާޔަތް ކިޔަން ހިތް އެދުނު ވަރުންނެވެ.

 

**

 

ހަމަ އެދުވަހުގެ ފަތިހު އައްޒާމް މުލަކަށް ފުރުމަށްޓަކައި ތައްޔާރުވާން ފެށީ ވަކި އެހެން މީހަކަށް އެންގުމެއްނެތިއެވެ. އޭނަ ފުރަން އުޅޭ ގަޑި އެންމެންނަށް އެނގުނެއްކަމަކު އައްޒާމް ހުރިހާ ތައްޔާރީތަކެއްކުރީ އަމިއްލައަށެވެ. ފުރުމަށްޓަކައި ފެންވަރަން އޭނަ ދިޔައީ އަމިއްލައަށް ހުރިހާ އެއްޗެއް ދަބަހަށް އަޅާފައެވެ. އޭނަގެ ގަމީސްތަކުގެ ތެރެއިން އެންމެ ރީތި ގަމީސް އެދުވަހު ލުމަށްޓަކައި ހަރުގައި އަޅުވާލީ އޭނަ މުލަކުގައި ޖައްސާއިރަށް މަޑުނުކޮށް މާޝާގެ ގެއަށްދާން ނިންމައިގެން ހުރުމުންނެވެ. ގަމީސް ލައިގެން ރީތި ގޮތަކަށް ބޮލުގައި ފުނާ އެޅުމަށްފަހު ސެންޓު ބުރުއްސާލަމުން އައްޒާމް ލޯގަނޑަށް ބަލާލީ ހިނިތުންވުމަކާއި އެކީގައެވެ. ކުރިއާއި ޚިލާފަށް އޭނަގެ ތުނބުޅި އިހުނަށްވުރެ ދިގުކޮށް ފެންނަމުން ދިޔަ ގޮތުން އޭނަގެ މޫނުމައްޗަށް އިތުރު ފިރިހެންވަންތަކަމެއް ގެނުވާފައިވިއެވެ. މިއީ މީގެ މަސްތަކެއް ކުރިން ހިނގި ވަގުތުކޮޅެއްނަމަ އޭނަގެ ރީތިކަން ފެނި އަންހެން ކުދިން އުފާވާނެއޭ ބުނެ ސިކުނޑީގެ ކަނަކުން ނަމަވެސް ގޮވީހެވެ. އެހެނަސް މިއަދު އޭނަ ނިކުންނަން ޤަޞްދުކުރީ އެފަދަ ކިބުރުވެރިކަމަކާއި އެކީގައެއްނޫނެވެ. އޭނަ މިއަދު މި ނިކުންނަނީ އޭނަގެ އެ ނިޔަތްތައް ސާފުކުރުވާނެފަދަ ފިޔަވަޅެއް އެޅުމަށެވެ. އޭނަގެ އެ ރީތިކަމުގެ އުފާ ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އޭނަ ލޯބިވާ ކުއްޖަކާއި ޙިއްސާ ކުރުމަށެވެ. އެ ޚިޔާލުން ލިބުނު ހިތްހަމަޖެހުމުން އައްޒާމަށް ﷲ ގެ ސީދާވެގެންވާ މަގުން ހިނގުމަށް ލިބުނު ހިދާޔަތަށްޓަކައި ޙަމްދުކުރެވުނެވެ.

 

އުއްމީދާއި ޖޯޝުން ފުރިފައިވި ހިތްތަކާއި އެކީ އައްޒާމާއި މާޝާ އެމީހުންގެ ދަތުރުތައް ފެށީ ދާދި އެކުއެކީގައެވެ. އެ ދުވަސްވެގެންދާނީ އެމީހުންގެ ޙަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަހަށްހެން އެ ދެމީހުންނަށް ވެސް ހީވަމުން ދިޔައެވެ. މާލެއަށް ގޮސް މާ ގިނަ ދުވަހެއްނުވެ އައްޒާމް އޭނައާއި ގުޅިދާނެހެން މާޝާއަށް ހީވަމުން ދިޔައިރު އައްޒާމް އުފާކުރަމުން ދިޔައީ އެ ވާނީ ޙަޤީޤަތަކަށްކަން ޔަޤީންކުރަމުންނެވެ. ދެމީހުންނަށް ވެސް ނޭނގުނުކަމަކީ އެ ދުވަހަކީ ދެމީހުންގެ ޙަޔާތްވެސް އެ ފުށްމިފުށަށް ޖެހޭނެ ދުވަސްކަމެވެ. އޭގެ ފުރަތަމަ ޢިޝާރާތަކީ ހަމަ އެދުވަހު އައްޒާމް ފުރަން ދިޔަ ވަގުތު އޭނަގެ މަންމަ އޭނައަށް އަލްވަދާޢު ކިޔައި ބަލަހައްޓައިގެން ހުރެފައި މީހަކަށް ގުޅާލަމުން އޭނަ ދިޔަ ޚަބަރު ދިނުންކަމެވެ.

 

**

 

މާޝާއާއި އޭނަގެ ދުވަސްވީ ބޮޑުބޭބެ ދަތުރުކުރަމުން ދިޔަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ ހެނދުނު 7:32 ވީ ވަގުތެވެ. އެހެނިހެން ފަސިންޖަރުންނާއެކީ މާޝާވެސް އޭނަގެ ބޮޑުބޭބެއާއެކީ ފްލައިޓުން ފޭބިއެވެ. މާޝާ އެއާރޕޯޓް ތެރެއަށް ވަދެގެން ދިޔައީ ބޮޑުބޭބެއާއި އެކިއެކި ވާހަކަ ދައްކަމުންނެވެ. ދޮންބެ ވެސް އޭނަ ބަލާ އަންނާނެ ވާހަކަ ބޮޑުބޭބެ ބުނީ ހުރިހާ ލަގެޖްތައް ދެ ޓްރޯލީއަކަށްލުމަށްފަހު ދެމީހުން އެކީގައި ކޮއްޕަމުން ހިނގަން ފެށިފަހުންނެވެ. އޭގެ މާ ގިނައިރެއްނުވެ ޓާރމިނަލްގައި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން އޭނަގެ ދޮންބެ މާޝާއަށް ފެނުނެވެ. މާޝާއަށް ފެނުނުތާ މާ ގިނައިރެއްނުވެ މިރްޒާނަށް ވެސް މާޝާ ފާހަގަވުމުން އޭނަ ހިނިތުންވެލީ އުޖާލާވި ގޮތަކަށެވެ. އަދި ‘މާޝް’ އޭ ކިޔައި ގޮވާލީ ހިސާބެއްގެ ޙައިރާންކަމާއި އެކީގައެވެ. ދޮންބެ ޙައިރާންވާންވީ ކީއްވެތޯ ހިތަށްއެރިތާ މާ ގިނައިރެއްނުވެ އޭނަ ލައިގެން ހުރި ހެދުމުގެ މަތިން ހަނދާންވުމުން މާޝާއަށް ވެސް ހިނިތުންވެލެވުނެވެ.

 

“މާ ޝާ ﷲ މިއީ ކޮންކުއްޖެއްތަ ބޭބޭ؟ އަހަންނަކަށް ނުވެސް އެނގުނު!” މާޝާއާއި ބޮޑުބޭބެ އައިސް އޭނައާއި ހަމަކުރުމުން މިރްޒާން ބުނެލިއެވެ.

 

“ލައިގެން ހުރި ހެދުމަކުންދޯ؟ ނުލާހިކު ރަނގަޅެއްނު މިހާރު؟” ބޮޑުބޭބެ ބުންޏެވެ. އެއާއެކު މިރްޒާން އާނދޯއޭ ބުނެލިއެވެ. ހަމަ އެ ހިނދު ބޮޑުބޭބެގެ އަންހެނުންގެ ޢާއިލާ މީހަކު ދުރުން ފެނިފައި ބޮޑުބޭބެ ދަނީކަމަށް ބުނެލިއެވެ. އަދި މިރްޒާންމެންނާއި ވަކިވީ މާޝާ މިރްޒާނާއެކީ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ބޮޑުބޭބެގެ ގެއަށް ލައިދިނުމަށް އެދިފައެވެ. މިރްޒާން އެކަމާއި އެއްބަސްވުމުން ބޮޑުބޭބެ އެތަނަށް އައި ފިރިހެނަކާއި ވާހަކަ ދައްކަމުން ދިޔައީއެވެ. ބޮޑުބޭބެ ލޯމައްޗަށް ގެއްލުމުން މިރްޒާން އަނެއްކާވެސް މާޝާއަށް ބަލާލިއެވެ. އަދި ހިނިތުންވުމަކާއެކީ ދެލޯ ހަނިކޮށްލިއެވެ.

 

“އަދިވެސް މިހިރީ އޮޅިފަ. މިއީ ހަމަ ދޮންބެގެ ކޮއްކޮތަ؟” މިރްޒާން ނޭނގޭކަމަށް ހަދަމުން ދިމާކޮށްލިއެވެ. އެއާއެކު މާޝާއަށް ހީލެވުނެވެ.

 

“ދެން ދޮންބޭ!!! ތިހާވަރު ނުވިޔަސް ހެޔޮ. ހިނގާބަ ދެން!” މަޝާ އޭނަގެ ޓްރޯލީ މިރްޒާނާއި ޙަވާލުކޮށް ހިނގައިގަންނަމުން ބުނެލިއެވެ.

 

“ހެހެ….އަސްލު ބުނެބަލަ ދޮންބެ ކައިރި. ކީއްވެ ތިކަހަލަ ހެދުމެއް ލައިގެން ހުރީ؟ ބައްޕަ ބުނީތަ؟” މިރްޒާން ޓްރޯލީ ކޮއްޕައި މާޝާއާއި އެއްވަރު ކުރަމުން ސުވާލުކުރީ އޭނަގެ ކޮއްކޮއަށް އައިސްފައިވި ބަދަލު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ.

 

“ނޫން ދޮންބޭ. ބައްޕައެއް ނުބުނޭ. ހަމަ ބޭނުންވީ ރަނގަޅުގޮތް ޚިޔާރު ކުރަން. ދޮންބެ ކުރީގަ ބުނި ގޮތަށް. ޔޫ ވާރ ރައިޓް! އެއްވެސް ކަމަކީ ރަނގަޅު ކަމެއްކަމާމެދު އިޚްލާޞްތެރި ހިތަކާއެކީ ވިސްނައިފިނަމަ އޭގެ ޖަވާބު ކޮންމެ ފަހަރެއްގެ މަތިން ލިބޭނެ. އަދި އެ ރަނގަޅު ފިޔަވަޅުތައް އަޅަން ވީ އެންމެ ފުރިހަމައަށް މަސައްކަތް ކޮށްފިނަމަ ﷲ އެހީވެދެއްވާ. އަދި ހިދާޔަތް އިތުރުކޮށްދެއްވާ. އަލްޙަމްދުލި ﷲ!” މާޝާ އެ ފަހު ބަސްތައް ބުނެލީ ހިނިތުންވުމަކާއެކީ މިރްޒާނަށް ބަލާލަމުންނެވެ. ބަދަލުވީ ހަމައެކަނި މާޝާގެ ހެދުމެއް ނޫންކަން އެނގުންވި މިރްޒާންގެ މޫނުމައްޗަށް ވެސް ވެރިވީ ފުން ހިނިތުންވުމެކެވެ. އެ ހިނދު އޭނައަށް ވެސް ހިތާހިތުން ޙަމްދުކުރެވުނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު މިރްޒާނަށް މާޝާއާއެކީ އެއާރޕޯޓުން ނިކުމެވުނެވެ. އެ ވަގުތު ޕާކިންގް އޭރިއާގައި އޮތް އޭނަގެ ކާރު ފެނިފައި މިރްޒާންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އޭނަ މާޝާ ބަލާ އައީ ކާރުގައި މުޙްސިން ގޮވައިގެންނެވެ. އޭނަ އެއާރޕޯޓަށް ވަންނަން ވެސް އުޅުނީ މުޙްސިން ގޮވައިގެންނެވެ. އެހެނަސް މުޙްސިން އެކަމަށް އިންކާރު ކުރީ، އެހާ ދުވަސްފަހުން ބައްޕަ ކޮއްކޮއާއި ދިމާވުމުން އުފަލާއެކީ ވާހަކަ ދައްކަން ބޭނުންވާނެ ނޫންތޯ ބުނަމުންނެވެ. މާޝާ އޭނަ ފެނިފައިވެސް ނުރުހުންވާނެހެން މުޙްސިނަށް ހީވަމުން ދިޔަފަދައެވެ. ކުރިން އޭނައަށް އޭނަގެ އަމިއްލަ ބައްޕައާއިމެދު ނުތަނަވަސްވީ ސަބަބަށްޓަކައެވެ. މިއަދު މާޝާއަށް މުޙްސިން ފެނިފައި މާޝާއަށް މާޒީގެ ހުރިހާ ޙަޤީޤަތެއް ކިޔައިދޭން ޖެހިދާނެހެން ހީވުމުން ޚުދު މިރްޒާންގެ މެއަށް ވެސް ފިނިވަމުން ދިޔައެވެ. މި ހުރިހާ ދުވަސް ވަންދެން މާޝާއަށް އެ ވާހަކަ ކިޔައިނުދެވި އޮތީ އޭނަގެ ދެ ބޭބެއިންނަކީ ދުޝްމިނުންކަން މާޝާއަށް އެނގިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އޭނައަށް ކޮށްފާނެ ކަމަށްޓަކައެވެ.

 

ކޮންމެއަކަސް މިރްޒާން އޭނަގެ ކާރާއި ދިމާލަށް ހިނގަމުން ދިޔައީވެސް މާޝާއާއި އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ކާރާއި ގާތްވަމުން ދިޔަދިޔަހެން ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލެވުނު އަޑު ދެމީހުންނަށް ވެސް އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ސީޓުގައި އިން މުޙްސިން ކާރުން ފައިބައި ދޮރު ލައްޕާލިއެވެ. ފުރަތަމަ ފަހަރަށް މާޝާގެ ކުރިމައްޗަށް މުޙްސިން އެރުމުން މިރްޒާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނައަށް އެއްފަހަރު މުޙްސިނަށް އަނެއްފަހަރު މާޝާއަށް ބަލާލެވުނެވެ. އެ ހިނދު މާޝާ ވެސް ހުރީ އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ޙައިރާންކަމާއެކީ އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ކުއްޖާއަށް ބަލާށެވެ. މިއީ ދޮންބެ މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅޭ ކުއްޖެއްތޯ މާޝާގެ ހިތަށްއެރިއެވެ. އެހެނަސް މި ހުރިހާ ދުވަހު ދޮންބެ ދުވަހަކުވެސް މަސައްކަތު މީހަކު ނުގެންގުޅެއެވެ. އެހެންނޫނަސް އެ ކުއްޖާ އެ ޒާތުގެ މީހަކާއި ވައްތަރެއްނޫނެވެ. ހުދުކުލައިގެ މޮޅު ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް މަޑު މުށިކުލައެއްގެ ސޯޓުގައި ހުރި ގޮތުން އެކަން ޤަބޫލުކުރަން ދަތިވިއެވެ. ސުވާލުތައް ހިތުތެރޭގައި ފުނިޖެހެމުން ދިޔައެއްކަމަކު މާޝާއަށް އޭގެއިން އެއްވެސް ވާހަކައެއް ދުލާއި ހަމައަކަށް ނުގެނެވުނެވެ. ދޮންބެ ވެސް އެކުއްޖާ ވަކި ތަޢާރަފު ކުރުމެއްނެތި ދަބަސްތައް ޑިކީއަށް ލެވޭތޯ ބަލަމާ ހިނގާށޭ ބުނެލަމުން ކާރާއި ކައިރިއަށް ޖެހިލިއެވެ. ދޮންބެ ކާރުގެ ޑިކީ ހުޅުވަން ދިޔަ ވަގުތު އެކުއްޖާ ޖެހިލުންކަން އެކުލެވިފައިވި ގޮތަކަށް އޭނައާއި ހިނިތުންވާން އުޅުނުކަން މާޝާއަށް ފާހަގަވިއެވެ. ބަދަލުގައި މާޝާއަށް އިތުރު ޙަރަކާތެއް ނުކުރެވެނީސް ކާރުގެ ޑިކީ ހުޅުވާލި ދޮންބެ ‘މުޙްސިން’ އަންނާށޭ ބުނެލިއެވެ. އެ ހިނދު މާޝާގެ ނިތަށް ރޫގިނަވިއެވެ. ‘މުޙްސިން’ ގެ ނަން އިވުނީ ކޮންތަނަކުންތޯ ހިތަށްއެރިއެވެ. އޭގެ މާ ގިނައިރެއްނުވެ ހަނދާނަށް އައީ ދޮންބެގެ މާޒީގެ އުފާވެރި ދުވަސްތައް އޭނައަށް ކިޔައިދިން ހަނދާނެވެ. ދޮންބެގެ ދަރިފުޅަށް ކިޔަނީ ‘މުޙްސިން’ އެވެ. ދޮންބެއަށް ދޮންބެގެ ޢާއިލާ ފެނުނީތޯ ހިތަށްއެރި ވަގުތު މާޝާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. އެހެނަސް އެ އުފާ ފާޅު ނުކުރެވުނީ އެއީ ޙަޤީޤަތަކަށް ވާނަމަ ދޮންބެ އެ ވާހަކަ އެމީހުންނަށް ނޭންގީ ކީއްވެތޯ ހިތަށްއެރުމުންނެވެ. ކާރުގެ ފަހަތު ސީޓަށް އަރައި ދޮންބެގެ އެޕާޓްމެންޓް ހުންނަ ޢިމާރާތާއި ހަމައަށް ދެވެންދެން ވެސް މާޝާގެ ހިތުގައިވީ އެ ސުވާލެވެ. އަދި އަމުދުން ކާރު ތެރެއިން ވެސް ދޮންބެ އެއީ ކޮން ކުއްޖެއްކަން އޭނައަށް ބުނެދޭން ނުއުޅުމުން މާޝާ އިތުރަށް އޮޅުން އަރާ ގޮތްވިއެވެ. ދަތުރު މަތީގައާއި ލިފްޓުގައި އެޕާޓްމެންޓް ހުރި ފަންގިފިލާއަށް ދެވެންދެން ވެސް ދޮންބެއާއި އެކުއްޖާއާއިމެދު ވާހަކަތަކެއް ދެކެވުނެވެ. އެ ވާހަކަތަކުގައި އެކުއްޖާވެސް ވަރަށް ބަސްމަދުކަން މާޝާއަށް ފާހަގަވިއެވެ. އެންމެ ފަހުން މާޝާއަށް ހުރިހާ ކަމެއް ސާފުވެގެން ދިޔައީ ތިން މީހުންނަށް ގޮސް އެޕާޓްމެންޓަށް ވަދެވުމުންނެވެ. އެޕާޓްމެންޓަށް ވަދެ މާޝާގާތު އިށީންނަން އެދެމުން މިރްޒާން ވެސް މުޙްސިނާއެކީ ވަކިވަކި ދެ ސޯފާގައި އިށީނެވެ. މުޙްސިން އޭނަގެ ކުރިމައްޗަށް ވާގޮތަށް އިށީނުމުން ދެމީހުންނަށް ވެސް އުދަގޫވެގެން ދިޔައެވެ. އެ ދެމީހުންނަށް ވަކިވަކިން ބަލާފައި މިރްޒާން ލުއިގޮތަކަށް ހީލިއެވެ.

 

“ހެހެ….މެރީކުރަން އުޅޭ ދެމީހުންހެން ޖެހިލުންނުވެބަލަ. ތިއީ މެރީކުރެވޭނެ ދެމީހުންނެއްނޫން އެހެންނޫނަސް. މާޝް، އެނގޭތަ މިއީ ކާކުކަން؟” މިރްޒާން ފުރަތަމަ ވާހަކަ ބުނެލީ ސަމާސާވެރި ރާގަކަށް ކަމަށްވިޔަސް ފަހު ސުވާލުކޮށްލީ ހިސާބެއްގެ ސީރިއަސްކަމާއި އެކީގައެވެ. ދޮންބެ ބުނި އެއްޗަކާއިމެދު އިތުރަށް އަޖާއިބުވެފައި ދޮންބެގެ ދުލުން ސާފުކުރަން ބޭނުންވެފައިވި މިންވަރުން މާޝާއަށް ބޯހޫރުވާލެވުނީ ނޭނގެއޭ ބުނާ ފަދައަކުންނެވެ.

 

“މިއީ ދޮންބެގެ ގެއްލުނު ދަރިފުޅު، މުޙްސިން.” މިރްޒާން އެ ވާހަކަ ބުނުމާއެކުހެން މާޝާއަށް މުޙްސިނާއި ދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. އެ ހިނދު މާޝާގެ ހިތަށް އެތައް ސުވާލެއް އެއްފަހަރާ ވެރިވިއެވެ. މިފަހަރު އެ ސުވާލުތައް ނުކޮށް ހުންނަން މާޝާއަށް ދަތިވިއެވެ.

 

“ކޮންތަނަކުންތަ ފެނުނީ ދޮންބޭ؟” ހިތަށް ވެރިވެފައިވި އެތައް ސުވާލެއްގެ ތެރެއިން މާޝާއަށް ކޮށްލެވުނީ އެންމެ ސުވާލެކެވެ. ލިބިފައިވި ޝޮކެއްގެ ބޮޑުކަމުންނެވެ. މާޝާގެ ސުވާލުން މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލަމުން މުޙްސިނަށް ބަލާލެވުނެވެ. މުޙްސިން އޭނަގެ ބައްޕައަށް ބޯޖަހާލީ ޙަޤީޤަތް ފާޅުކޮށްދޭށޭ ބުނާ ފަދައަކުންނެވެ. އެ ހިނދު އެކަމާމެދު މިރްޒާންގެ ވެސް ހިތްހަމަޖެހުނެވެ. މާޝާ އިތުރަށް އަނދިރީގައި ބެހެއްޓުމުގެ ބޭނުމެއްނެތެވެ. މާޝާ މިއަދު އެހެރީ ހަރުދަނާ ޒުވާން އަންހެން ކުއްޖަކަށްވެފައެވެ. ހެޔޮ ވިސްނުން ލިބިފައިވި ކުއްޖަކަށްވެފައެވެ. ވީއިރު ޢާއިލީ އެއްވެސް ޙަޤީޤަތެއް މާޝާއަށް ފޮރުވަންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން މިރްޒާނަށް މާޝާއާއި ދިމާލަށް ބަލާލެވުނެވެ.

 

“މާޝާ ބޭނުންތަ ދޮންބެއަށް ދޮންބެގެ ޢާއިލާ ގެއްލުނީ ކިހިނެއްކަން އެނގެން؟” މިރްޒާން ސުވާލުކުރިއެވެ.  މާޝާ އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީ އަވަސްއަވަހަށް ބޯޖަހާލިއެވެ. އެއާއެކު މިރްޒާން މަޑުކުރުމެއްނެތި މާޝާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނައާއި އަމްނާ ދިމާވެ އަމްނާއާއި އިންނަން ޖެހުނު ހިސާބަށެވެ. މަންމައާއި ބައްޕަ އެ ކައިވެންޏާއި ދެކޮޅު ހެދި ވާހަކައާއި އެކައިވެންޏާއި ދެކޮޅު ހެދީ ކީއްވެކަމެވެ. އެކަން ޙައްލު ކުރުމަށްޓަކައި އަމްނާ ކުރި މަސައްކަތުން އެ މައްސަލަ ޙައްލުވެ ބައްޕައާއި މަންމަގެ ހިތް އަމްނާއަށް ލެނބުނު ގޮތެވެ. އެހެނަސް ހުރިހާ އެންމެންގެ ތެރެއިން ވެސް ވިސްނުން ބަދަލުނުވީ މައިސޫންގެ ކަމެވެ. މައިސޫން އޭނައަށް އިތުރަށް ރުޅިވާން ޖެހުނު ސަބަބެވެ. ޖަލުގެ ތޭރިތަކުގެ ތެރެއަށް މައިސޫން ފޮނުވާލުމުގެ ބަދަލުގައި މައިސޫން އޭނައާއި ދެކޮޅަށް ރޭވި ރޭވުމެވެ. އަދި އެ ރޭވުން ކާމިޔާބުވުމުން އޭނައަށް ލިބުނު ހިތްދަތިކަމާއި ހިތާމައެވެ. އެ ހިތާމަތަކުގެ ތެރެއިން އޭނައަށް އޭނަގެ އެންމެ ލޯބިވާ ދެމީހުން ގެއްލުނު ގޮތް ކިޔައިދިން ހިނދު މިރްޒާންގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. ވާހަކަތައް އަޑުއަހަން ތިބި މުޙްސިނާއި މާޝާގެ އެސްފިޔަތައް ވެސް ތެމިފައިވިއެވެ. ބައްޕަ ދެންމެ ދެއްކި ވާހަކަތަކަކީ މީގެ ކުރިން ދުވަހެއްގައި އޭނައަށް ކިޔައިދީފައިވި ވާހަކަތަކަށް ކަމަށްވިޔަސް އެއިން އޭނަގެ ހިތަށްކުރާ އަސަރަކަށް ބަދަލެއް ނާދެއެވެ. އެ ވާހަކަތައް އަލަށް އިވުނު މާޝާގެ ހިތަށް އެތައް ޖަޒުބާތުތަކެއް އެއްފަހަރާ އަރާ ފައިބަމުން ދިޔައެވެ. އޭނަގެ ބޭބެއާއި ދޮންބެގެ ދެމެދުގައި އެފަދަ ކަންތައްތަކެއް ހިނގާފައިވާނެ ކަމަށް އޭނަ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އެހެނަސް ބޭބެ ހާދަ ގޯހެވެ. ބޭބެ ދޮންބެއަށް އެފަދަ ދެރައެއް ދިނުމުގެ ކުރިން ވިސްނާވެސް ނުލީތޯ ހިތަށްއެރިއެވެ. ބޭބެއާއިމެދު މުޅިން ނުބައިކޮށް ވިސްނެން ފެށި ވަގުތު ދޮންބެ ވާހަކަ ދެއްކިއެވެ.

 

“މި ވާހަކަތައް މި ކިޔައިދިނީ އެއްގޮތަކަށް ވެސް މާޝްގެ ކުރިމަތީގައި ބޭބެ ގޯސްކުރާކަށް ނޫން. އެކަމަކު ޢާއިލީ ޙަޤީޤަތެއް އެނގުމަކީ މާޝާގެ ވެސް ޙައްޤެއްކަމަށް ޤަބޫލުކުރެވޭތީ. ބޭބެއާއި ދެކޮޅަށް ދުޢާނުކޮށް ބޭބެއަށް ހިދާޔަތް ދައްކަވާތޯ ބޭބެއަށްޓަކައި ދުޢާކުރަންވީ…..އަލްޙަމްދުލި ﷲ އެ ރޭވުމަށްފަހު ވެސް ދޮންބެއަށް އަނެއްކާ މުޙްސިން އަނބުރާ ލިބިއްޖެ. އަދި އިން ޝާ ﷲ އަދި ދޮންބެގެ ވައިފް ވެސް ދޮންބެއަށް ފެންނާނެ. މުޙްސިން ދޮންބެއަށް ފެނުނު ވާހަކަ އަދި މާޝް އެއްވެސް މީހަކަށް ނާންގަން ދޮންބެ އެދެނީ. އެއީ މިހާރު ވެސް ވަރަށް ނުލަފާ ބައެއްގެ އަމާޒުފަތްގަނޑެއް މުޙްސިނަކީ. މާޝާ ދެން ގިނަ ދުވަސްވަންދެން މިކޮޅުގަ އުޅޭނެތީ މި ވާހަކަ މާޝާގާތު މި ބުނެލީ….” މިރްޒާން ކިޔައިދިނެވެ. އޭނަގެ ފަހު ވާހަކަތަކުން އަނެއްކާވެސް މާޝާގެ ނިތަށް ރޫގިނަވިއެވެ.

 

“ކޮން ބައެއްތަ މުޙްސިނަށް ގެއްލުމެއްދޭން އުޅެނީ؟ އެމީހުންގެ ވާހަކަ ފުލުހުންނަށް ހުށަހަޅަން ނުވޭތަ؟” މާޝާ ނުހަނު ޖޯޝާއެކީ މުޙްސިނާއިމެދު ކަންބޮޑުވާ ފަދައަކުން ބުނެލިއެވެ. އެ ބަސްތައް އިވުނު މުޙްސިނަށް ހިނިތުންވެލެވުނީ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަތަކާއި އެކީގައެވެ. އޭނަދެކެ ލޯބިވަނީ ހަމައެކަނި އޭނަގެ މަންމައާއި ބައްޕައެއް ނޫންކަން އެނގުންވުމުންނެވެ.

 

“އެއީ މިކޮޅުގަ އުޅޭ ބައެއްނޫނޭ މާޝް. ހިތުން ވަރަށް ބާރުގަދަ ބަޔަކަށް އެހީވެދޭ ބައެއް އެއީ. ދޮންބެ އަދި އެ ވާހަކަ ފަހުން ކިޔައިދޭނަން…..ދެން އެ ވާހަކަ ބާއްވާފަ ކުޑަކޮށް މުޙްސިންއާ ވެސް ވާހަކަ ދައްކަބަލަ! މިއީ ކިހާ ގަދަ ގޮލައެއްކަން މާޝާއަށް އެނގޭތަ؟ އެންމެ 15 އަހަރުގައި ވެސް ލާރި ހޯދާ މީހެއް. ޖަލްސާތަކަށް ހޯލު ތައްޔާރު ކޮށްދީގެންނާ ވެޑިންގްތަކަށް ޑެކަރޭޝަން ހަދައިދީގެންނާ ރިސޯޓުތަކަށް ފޮނުވަން އާޓްވޯކް ހަދައިގެންނާ…..އެއްކަލަ އިންޓަވިއުތަކުގެ އެޕިސޯޑަކަށް މުޙްސިން ވެސް އެރިއޭ.” މިރްޒާން މޫޑު ބަދަލުކޮށްލީ މުޙްސިނާއި މާޝާއާއި ދެމެދު ގުޅު ބަދަހިކުރުވުމުގެ ނިޔަތުގައެވެ.

 

“އެހެންތަ؟” މާޝާއަށް އެހެން އަހާލެވުނީ ހިސާބެއްގެ ޙައިރާންކަމާއި އެކީގައެވެ. ދޮންބެ ދެންމެ މުޙްސިން ސިފަކޮށްދިން ގޮތުން އޭނަގެ ހަނދާނަށް އައީ އައްޒާމް އޭނަގެ އެކުވެރިޔަކު ސިފަކޮށްދިން ގޮތެވެ. އެކަމާމެދު ވިސްނެން ފެށި ވަގުތު މުޙްސިންގެ އަޑުއިވުނެވެ.

 

“ދެން ބައްޕާ!!!” މުޙްސިން އެހެން ބުނެލީ އެހާވަރަށް ތަޢުރީފުނުކުރާށޭ ބުނާ ފަދައަކުންނެވެ. މުޙްސިންގެ އެ ސަމާސާވެރި ޙަރަކާތުން މާޝާއަށް ވެސް ހިނިތުންވެލެވުނެވެ.

 

“ގޮވާނެކަމެއްނެތޭ! ތަޢުރީފެއް ޙައްޤުވިއްޔާ ތަޢުރީފުކުރަންވާނެ މީހުންނަށް ވެސް!” މިރްޒާން ބުނެލިއެވެ. އެ ހިނދު މާޝާވެސް އެ ސަމާސާގައި ބައިވެރިވާން ބޭނުންވިއެވެ.

 

“ދޮގެއްވެސް ނޫން. ދެން މިވީ ގޮތުން މުޙްސިން ވާނެ މާޝާ ދައްތަގެ ކޯސް ފީވެސް ދައްކަން. ބޮޑުދައިތައަކަށްވީމަ އެހާވަރު ކޮށްދެވެންވާނެދޯ؟” މާޝާވެސް އެހެން ބުނެލީ ރާގަކަށެވެ. އެއާއެކު މާޝާއަށް ބަލާލި މުޙްސިނަށް ވެސް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެ މަންޒަރު ފެނިފައި ހިތަށް އުފާވެރިކަމެއް ލިބުނު މިރްޒާން އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެހެންޏާ ނޫން! އަދި މާޝް މެރީކުރަންވީމަ ވެޑިންގްއަށް ވެސް ބޭރުން މީހަކު ގެންނާކަށް ނުޖެހޭނެ. މުޙްސިން ވާނީ މާޝްގެ ޕާރސަނަލް ވެޑިންގް ޑެކާރއަށް.” މިރްޒާން އެހެން ބުނެލުމުން މުޙްސިނާއެކީ މާޝާއަށް ހީލެވުނު ވަގުތު އޭނަގެ މޫނު ރަތްވިއެވެ. އެކަން މިރްޒާނަށް ފާހަގަވިއެވެ.

 

“ކިހިނެއްވީ މާ ލަދުރަކި ގޮތަކަށް ތި ހެނީ؟ ދޮންބެއަށް ނާންގާ އެކަންވެސް ނިންމާލީތަ؟” މިރްޒާން މާޝާގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި އަހާލިއެވެ.

 

“ހެހެހެ…..ނޫނޭ ދޮންބޭ. ދޮންބެއަށް ނާންގާ އެކަން ނުކުރާނަން….” މާޝާ އެހެން ބުނެ އޭނައަށް ކަމުދާ ކުއްޖަކު ހުރި ވާހަކަ ވެސް ދައްކަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ. އާދައިގެ މަތިން މުޙްސިން ގޮސް ކޮޓަރިއަށް ވަނުމުން މިރްޒާން ގޮސް ދޮރުހުޅުވާލިއެވެ.  ދޮރު ހުޅުވައި ބަލާލިއިރު އެއީ ބޮޑުބޭބެގެ އަންހެނުންނެވެ. އެއީ ދެބައި ޢުމުރަށް ގޮސްފައިހުރި ދިގު ހެދުންލާ އަންހެނަކަށް ވިޔަސް ފިހާރަތަކަށްދާން ވަރަށް ފޯރި ހުންނަ އަންހެނެކެވެ. އޭރުވެސް އެ ދައްތަ މާޝާ ގެއަށް އައުމުގެ ކުރިން ވެސް މާޝާ ބަލާ އެއައީ، މާލޭގެ ބޮޑު ފޮތި ފިހާރައެއްގައި ބޮޑު ސޭލްއެއް އޮތް ވާހަކަ ކޮންމެވެސް އަންހެނަކު ބުނި އަޑު އިވިގެންނެވެ. އެ ވާހަކަ އެ ވާހަކަ އިވުނީ ހުޅުމާލެއެއްގެ ފިހާރައަކަށް ދާން މާލެއިން ދަތުރު ފެށި ވަގުތު ކަމަށް އެ ދައްތަ ބުންޏެވެ.

 

“އެހެންވެ ހުޅުމާލެއަށް އައިސް ޝޮޕިނަށް ގޮއްސަ މިއައީ މާޝާ ގޮވައިގެން މާލޭގެ އެ ފިހާރައަށްދާން. ސޭލް އޮތް ވާހަކަ ބުނީ ބޮލުގަ ކުލަޖައްސައިގެން ވަރަށް ޓޮޕުގަ އުޅޭ ފެޝަން އަންހެނެއް. ހިއެއްނުވޭ މިއީ އޮޅުމަކަށްވާނެހެން. ޢާއްމުކޮށް އެ ޒާތުގެ އަންހެނުންނަށް އެނގޭނެ.” އެ ދައްތަ ވިސްނުމެއްގެ ތެރޭގައި ހުރެ ބުނެލިއެވެ. އޭނަގެ އެ ދައްތަ ޚިޔާލު ބަދަލުނުކުރާނެކަން ދަނެގެން ދެން މިވީ ދާކަށް ނޫންހޭ މާޝާ ބުނެލިއެވެ. އެއާއެކު އެ ދައްތަ ހިނިތުންވެލަމުން އަވަހަށް އަންނާށޭ ބުނެލިއެވެ. ދޮންބެއަށް އަލްވަދާޢު ކިޔާފައި ފިހާރައަށް ދިޔުމަށްޓަކައި މާޝާ ގޮސް އެ ދައްތައާއެކީ ޓެކްސީއަށް އަރައިގެން ފިހާރައަށް ދިޔުމަށްޓަކައި މިޞްރާބު ޖެހީ އޭނައަށް މި ވަދެވެނީ ބޮޑު އޮޅުންގަނޑެއްގެ ތެރެއަށްކަން ނޭނގިއެވެ.

 

މިނެޓްތަކެއްގެ ދަތުރަކަށްފަހު މާޝާއާއި އޭނަގެ ބޮޑުދައްތަ މާލޭގެ އެ ފޮތި ފިހާރައާއި ހަމަވިއެވެ. ދައްތަ އިވިފައިވި ގޮތަށް ފިހާރައިގެ ބޭރުގައި ހަރުކުރެވިފައި ޑިސްޕްލޭތަކުން ސޭލް އެޅުވިފައިވިކަން އެނގެއެވެ. އެހެނަސް ޑިސްކައުންޓް ދޭން ނިންމާފައި ހުރީ ދައްތައަށް އިވުނު ވަރަށްވުރެ ދަށްކޮށެވެ. އެކަމާމެދު ޝަކުވާކުރަމުން ވެސް ދައްތަ ފިހާރަށް ވަންނަން ނިންމިއެވެ. ފިހާރައަށް ވަނުމަށްފަހު މާޝާ މުޅިންހެން އުޅުނީ ދައްތައާއި އެކީގައެވެ. އެހެނަސް ކަޅު ފޮތިތައް ހުރި ދިމާލަށް ގޮސް އެކި ޒާތުގެ ފޮތި ބަލަން މާޝާ މަޑުކޮށްލި ވަގުތު މާޝާއަށާއި އެ ދައްތައަށް ވެސް ނޭނގި އެކި ފޮތިތައް ބަލަމުން އޭނައާއި ދައްތަ ދުރުވިއެވެ. މާޝާ އެކަނިވިތާ މާ ގިނައިރެއްނުވެ ފިހާރައިގެ ޓައިލްސް މަތިން ފައިވާނެއްގެ ކަށީގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު އޭނައާއި ގާތްވަމުން ދިޔައެއްކަމަކު މާޝާ އެ ދިމާލަށް ބަލަން ޚިޔާލު ނުކުރީ އެއީ ވެސް ފޮތިތައް ބަލަމުން ދާނެ މީހެއްކަމަށް ހީކުރެވުމުންނެވެ. އެހެނަސް…..

 

“މާޝާ!” ދާދި ގާތުން އޭނައަށް ގޮވާލީ އަންހެނެކެވެ. މާޝާ އިސްއުފުލާލަމުން ވާތްފަރާތަށް ބަލާލި ހިނދު އެމީހަކު ހުރީ އޭނައާއި ހިނިތުންވެގެންނެވެ. އަންހެން މީހާ ހުރިގޮތުން މާޝާ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ. ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައި އޮތް އިސްތަށިގަނޑުގައި ކުލަ ޖެއްސިފައިވީއިރު ލައިގެން ހުރީ އަތްކުރު ބާރު ޓޮޕަކާއި ފަޔަށް ހިފިފައި އޮތް ޖިންސެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި މާޝާ ބަލަހައްޓައިގެން ހުންނަން ފެށުމުން އެ މީހާ ސަލާމަށް އަތްދިއްކޮށްލިއެވެ.

 

“އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ.

 

ނުނިމޭ

The post Hadhiya (Part 34) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-34/feed/ 0 1354
Hadhiya (Part 33) https://blog.storiesbyjana.com/hadhiya-part-33/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-33 https://blog.storiesbyjana.com/hadhiya-part-33/#respond Sun, 02 May 2021 15:28:43 +0000 https://blog.storiesbyjana.com/hadhiya-part-32-copy/

“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ […]

The post Hadhiya (Part 33) appeared first on Stories by Jana.

]]>

“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ ދުވަސްކޮޅަކުން އެކަލާނގެ ރުހިވޮޑިގެންވާފަދަ ކުއްޖަކާއެކީ އެންމެ ފުރިހަމަ ގޮތުގަ ދިރިއުޅުމެއްވެސް ފަށަން މިއުޅެނީ.” އައްޒާމް އެ ހުރިހާ ވާހަކަތައް ދެއްކީ ހިތުގެ އަޑިން އެ ހުރިހާ ކަމަކަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އައްޒާމް ބުނެލި ފަހު ވާހަކައާއެކީ އާޝިޔާ ދެލޯ ހަނިކޮށްލިއެވެ.

 

“ކާކާ އިންނަން ތިއުޅެނީ؟” އާޝިޔާ އެހެން އަހާލީ ނުރުހުންތެރިކަމާއި އެކީގައެވެ. އައްޒާމަށް އެ އައިސްފައިވި ބަދަލެއް އައީ އަންހެން ކުއްޖެއްގެ ސަބަބުންހެން އޭނައަށް ހީވި ފަދައެވެ.

 

“އެއީ މަންމަ ރުހޭނެ ކަހަލަ ކުއްޖެއްހެނެއް ހިއެއްނުވޭ. އެކަމަކު ވެސް އަހަރެން އިންނާނީ އެކުއްޖާއާ. މަންމަ ނުރުހުންވިޔަސް ސަބަބަކާނުލާ ﷲ ގެ ދީންދެކެ ލޯބިވާ ޞާލިޙު ކުއްޖަކާ އިނުމަށް ރޭވުމަށްފަހު ޚިޔާލު ބަދަލުކުރުމަކީ ރަނގަޅުކަމެއްނޫން.” އައްޒާމް އެހެން ބުނެލީ ދެރަވެފައިވި ހިތަކާއި އެކީގައެވެ. މި ހުރިހާ ދުވަހު މަންމައާއި ބައްޕަ އޭނައާއިމެދު ކަންތައް ކޮށްފައިވި ގޮތުން އެމީހުންނަށްޓަކައި އައްޒާމްގެ ހިތުގައި ނަފްރަތެއް ވިޔަސް އެމީހުން އެތައް ދުވަހެއް ފަހުން ފެނުމުން އެމީހުންގެ ކިބައިން ލޯބީގެ ކުޑަ ޢިޝާރާތަކަށް ނަމަވެސް އުއްމީދު ކުރެވުނެވެ. އެހެނަސް މަންމަގެ ބަސްމަގު ހުރި ގޮތުން މަންމަ އައީ ކާފަ ބުނިހެން ވަކި އޭނަ ދެކެ ލޯބިވެގެން ނޫންކަން އެނގުންވުމުން ހިތަށް ތަދުވިއެވެ. އޭނަ ނުހަނު ހިތްއެދިގެން ޙަޔާތަށް ގެންނަން އުޅޭ ކުއްޖާއަށް ވެސް އޭނަގެ މަންމަގެ ރުހުން ނުލިބޭނެކަން އެނގުންވުމުން ވެސްމެއެވެ. އެއަށްވުރެ ބޮޑަށް ދެރަވީ އޭނަގެ މަންމަ ބިރެއްނެތި ދިގުދެމިގެންދާ ޢަޒާބަކާއި ދިމާލަށް ހިނގަމުންދާ މަންޒަރު ފެނުމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން މަންމައަށް ނަޞޭޙަތެއް ދޭނިއްޔޭ ހިތައި އަނގަ ހުޅުވާލި ވަގުތު މަންމަ ވާހަކަ ދެއްކިއެވެ.

 

“ކޮން ރަށެއްގެ ކުއްޖެއް؟” އާޝިޔާގެ ސަމާލުކަން ދެންވެސް ހުއްޓިފައިވީ އައްޒާމްގެ ކައިވެންޏަށެވެ. އައްޒާމް އޭނަ ދޭން އުޅުނު ނަޞޭޙަތް ދިރުވާލަމުން ޖަވާބުދިނެވެ.

 

“މުލަކު ކުއްޖެއް.” އައްޒާމް ބުނެލިއެވެ. އެއާއެކު އާޝިޔާ މޫނު ކުނިކޮށްލިއެވެ.

 

“އައްޗި!!! ގޮނޑަކުން ކުއްޖެއް ނަގައިގެންތަ އައްޒާމް އިންނަން ތިއުޅެނީ؟! މާލެއިން ވި ނަމަވެސް ތަންކޮޅެއް ރީތިވީސް. މުލަކު ކުއްޖެކޯ! ޒަމީން އަޑު އެބައަހަންތަ މިދެކެވޭ ވާހަކަ؟!” އާޝިޔާ އައްޒާމް އެ އިންނަން އުޅޭ ކުއްޖަކު ދަށްކުރަމުން ވާހަކަ ދެއްކިއެވެ. ޒަމީން ވެސް އެވާހަކަ އިވިފައި ސޯފާއިން ތެދުވެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އައްޒާމަށާއި ހާޝިމަށް ވެސް އެއްޗެކޭ ނުބުނެވެނީސް ޒަމީން ވާހަކަ ދެއްކިއެވެ.

 

“އެއީ ތެދެއްތަ ޒާމް؟ ޑޭޑްމެން ދުވަހަކުވެސް އުއްމީދެއް ނުކުރަން އައްޒާމް ރަށްފުށުގެ ކުއްޖަކާ އިންނާކަށް. ކޮންމެ ކުއްޖަކު ވެސް އިންނަންވާނީ އެކުއްޖެއްގެ ފެންވަރުގެ ކުއްޖަކާ ދޯ ޒާމް؟” ޒަމީން ވެސް އައްޒާމާއި ކުރިމަތިލަމުން ކަންބޮޑުވުން ފާޅުކުރިއެވެ. އައްޒާމް އޭނަގެ މަންމައާއި ބައްޕައަށް ވަކިވަކިން ބަލާފައި އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“އަހަރެން ހީކުރީ ލަންޑަން ކަހަލަ ތަރައްޤީވެފަ އޮތް ޤައުމެއްގަ އުޅެފަ އައިމަ ޑޭޑްމެންގެ ވިސްނުން ތިއަށްވުރެ ތަހުޒީބުވާނެ ކަމަށް. މީހެއްގެ އަގަކީ އެމީހަކު އުފަންވާ ތަނަކަށް ބިނާވާ އެއްޗެއްތަ ޑޭޑް؟ އެހެންނޫނީ އެއީ އެމީހެއްގެ އަތުގަ ހުރި ލާރިއަކާއި މުދަލަށް ބިނާވާ އެއްޗެއްތަ؟ ލާރިއާއި މުދާ ހުރެފަ ދިގު ޢިމާރާތްތަކެއް ހުރި ތަނެއްގަ އުޅުނީމަ އެމީހަކީ މާތް މީހަކަށްވަނީތަ ޑޭޑް؟ އެހެންނެއްނޫން އަހަންނަށް ދަސްވެފަ ހުރީ. އަހަރެން ދަންނަ ގޮތުގަ މީހެއްގެ މާތްކަމަކީ ހަމައެކަނި ﷲ އަށް ތަޤްވާވެރިވާ މިންވަރަށް ބިނާވާ އެއްޗެއް. އެގޮތުން ބަލާއިރު އަހަރެންގެ ނަޒަރުން މާޝާއަކީ އަހަންނަށްވުރެ މާ ޤަދަރުވެރި ކުއްޖެއް.” އައްޒާމް ޖޯޝުން ފުރިގެންވި ހިތަކާއެކީ އެ ވާހަކަ ދައްކާފައި މާޝާ ދިފާޢުކުރިއެވެ. އެއާއެކު އަނެއްކާވެސް އޭނަގެ މޫނުމަތިން އަޖާއިބުގެ އަސަރު ފެނިގެން ދިޔަ ވަގުތު މަންމަ ހުރީ ބުމަގޮށްޖެހިފައެވެ. މާ ގިނައިރެއްނުވެ މަންމަ ވާހަކަ ދެއްކިއެވެ.

 

“އެނގިދާނެ ތިބުނާ ތަޤްވާވެރިކަމުން ނިކުންނަ ނަތީޖާ! ރަނގަޅަށް ވިއްޔާ އޭނަ މިހާރު ވެސް އުޅޭނީ އެހެން ފިރިހެނަކާ އެކީ އަތު ގުޅާލައިގެން. އަހަރުމެންނަށް ނޭނގެނީއެއްނޫނޭ ތި ރަށްފުށުގެ މީހުން. ލާރި ފެންނަ އިރަށް ނުކުރާ ކަމެއް ނުހުންނާނެ. އެއީ އެހެން ފިރިހެނަކާއެކީ އެއްކޮޓަރިއެއްގަ ބަންދު….” އާޝިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އައްޒާމަށް ހަރުއަޑުން މަންމާއޭ ކިޔައި ގޮވާލެވުނެވެ. ސިހުންވެގެން ދިޔަ އާޝިޔާ ދެދަތްޕިލަ ޖައްސަމުން އައްޒާމަށް ނަޒަރު ހުއްޓާލިއެވެ. އެހިނދު އައްޒާމް ހުރީ ރުޅިން ރަތްވެފައިވި ދެލޮލާއެކީ މާ ނޭވާ ލެވިފައެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް އޭނަގެ މަންމައަށް ފަސްދީފައި ދާން ހިނގައިގަތީ އިތުރަށް ހުރެފިނަމަ އެ ނުރައްކާތެރި ރުޅީގައި އޭނައަށް އެއްޗެކޭ ނުބުނެވި ނުހުންނާނެކަން ދަނެގެންނެވެ. ބުނެވިއްޖެނަމަ އެއިން އޭނައަށް އިތުރު ގެއްލުމެއްނޫނީ ނުލިބޭނެކަން ޔަޤީންވުމުންނެވެ. އައްޒާމް އޭނަގެ ކޮޓަރިއަށް ދިޔަ މަގުމަތީގައި ހާޝިމާއި ހަމަވި ވަގުތު ހާޝިމް އޭނަގެ ނަމުން ގޮވާލިއެވެ. އެހެނަސް އައްޒާމް ހާޝިމަށް ވެސް ބެލުމެއްނެތި ދިޔައީއެވެ. އައްޒާމް ލޯމައްޗަށް ގެއްލުމުން ހާޝިމަށް އާޝިޔާއާއި ޒަމީނާއި ދިމާލަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް އޭނަވެސް އިތުރު އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި އައްޒާމް ދިޔަ ދިމާލަށް ދިޔައެވެ. ހާޝިމް ވެސް ދިޔުމުން އާޝިޔާއާއި ޒަމީންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒަމީން ދެބުމަ ކައިރިކޮށްގެން ކަންބޮޑުވެފައިވި ޒާތަކަށް ހުރިއިރު އާޝިޔާ އައި ރުޅީގައި ދަތްކުނޑި ވިކަމުން އެއްފައި ބިންމަތީގައި ޖަހާލިއެވެ.

 

އެރެއަށްފަހު އާޝިޔާއާއި ޒަމީން އެތައް އަހަރެއް ފަހުން އުޅެން ފެށީ ހާޝިމްގެ ގޭގައި ކަމަށްވިޔަސް އެދެމަފިރިންނާއި ގޭގަ އުޅޭ ދެމީހުންނާއި ގުޅުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދެމެދުގައި ލެވިފައިވަނީ ނުފެންނަ ބޯ ފާރެކެވެ. އެއްވެސް މީހަކު އެކަކު އަނެކަކާއި އަނގައިން ނުބުނި ތާނގައި ޤަޞްދުން ބޭރުގައި ނޫނީ ބަލާވެސް ނުލައެވެ. އެހެނަސް މިގޮތަށް ކަންތައް އޮންނަން އާޝިޔާގެ ހިތްހަމަ ނުޖެހުނެވެ. އޭނަ މިކޮޅަށް އައީ އައްޒާމަށް ނުރުހުންވެގެން އުޅޭކަށް ނޫނެވެ. އައްޒާމް އޭނައާއެކީ ގެންގޮސް އޭނައަށް ނަޞްރުދޭ މީހަކަށް ހަދާށެވެ. ކަންމިހެން އޮތްއިރު އައްޒާމާއި ދުރުވެގެން ދުވަސްތައް ގުނޭކަށް ނެތެވެ. އާޝިޔާ މިކަމާމެދު ޒަމީންގެ ޚިޔާލެއް ހޯދަން އުޅުމުން އޭނަ ރުޅިއައުން ނޫންކަމެއް ނުވިއެވެ. ޒަމީން ހައްތަހާވެސް އައްޒާމްގެ ކޮޅު ދިފާޢުކުރަން އުޅޭ ވަރުންނެވެ.

 

“އާޝިޔާ ދެން އައްޒާމަށް އިތުރަށް ދަތިކުރަން ނަހަދަބަލަ! އޭނަ އެއުޅެނީ މިކޮޅުގަ ދިރިއުޅުމެއް ފަށަން. އަޑުއެހިން މި ހަފްތާ ތެރޭގައޭ ފުރަނީ ވެސް. އެކުއްޖާއާއި އޭނައަށް އިނދެވެންދެން މަޑުކޮށްބަލަ. އޭރުން އެދެމީހުން ވެސް ގޮވައިގެން އަހަރުމެންނަށް ދެވިދާނެއެއްނު؟” އެއްރެއަކު އާޝިޔާ އެ ވާހަކަ ޙިއްސާ ކުރުމުން ޒަމީން އޭނަގެ ޚިޔާލު ފާޅުކުރިއެވެ. އެހެނަސް އާޝިޔާއަށް އެ ވާހަކަތަކަށް ޗޮއްކަނޑާލެވުނެވެ. އޭނައަށް ނޭނގުނަސް އޭނަގެ ހިތުގައި އެ ދީންވެރި އަންހެން ކުއްޖަކަށްޓަކައި ބިރުވެރިކަމެއް އޮތެވެ. އެ އަންހެން ކުއްޖާގެ ސަބަބުން އޭނަގެ ސިކުނޑި ދޮވެވިދާނެހެން އޭނައަށް ހީވެފައިވެއެވެ. އެހެންޏާ ޒަމީން އެ ދިނީ އެމީހުން މިކޮޅަށް އައި ނިޔަތަށް ނުހަނު ބާރުދޭނެ ޚިޔާލެކެވެ. އޭރުން އައްޒާމާއި އޭނަގެ އަންހެނުންގެ ވެސް ވިސްނުން ބަދަލުކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބޭނެއެވެ. އެހެނަސް އޭގެ އިދިކޮޅަށް ކަންތައް ވެދާނެކަމުގެ ބިރު އާޝިޔާގެ ހިތުގެ އަޑީގައި ހިފާފައިވިއެވެ. އެ ނުތަނަވަސްކަމަށް އޭނައަށް ކެތްނުކުރެވޭވަރު ވުމުން އާޝިޔާ އެންމެ ފަހުން އޭނަ މާލެ އައިތާ 3 ވަނައަށްވީ ދުވަހު އޭނަގެ އެންމެ ގާތް ރަޙްމަތްތެރި ނަޞްރުވެރިޔާއަށް ގުޅަން ޚިޔާލުކުރިއެވެ. އާޝިޔާ އެއްދުވަހުގެ މެންދުރު ވަގުތު އޭނަގެ ކޮޓަރީގެ އެނދުމަތީގައި އިނދެ އޭނަގެ ކޮންޓެކްޓް ލިސްޓަށް ގޮސް ‘އެސް’ އަކުރަކުން ފެށޭ ނަންތަކަށް ދިޔައެވެ. ސްކްރޯލް ކުރަމުން ގޮސް ‘ސޫން’ ގެ ނަމުން ސޭވްކުރެވިފައި އޮތް ނަންބަރު ފެނުމާއެކު އާޝިޔާއަށް މަޑުކޮށްލެވުނެވެ. އެ ނަން ފެނުމުން ވެސް އާޝިޔާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އެ ނަންބަރަށް ގުޅާލުމާއެކު ސްކްރީނަށް އެ ނަން ބޮޑުކޮށް އަރައިގެން ދިޔުމުން ވެސް އާޝިޔާ އެ ނަމުން ނަޒަރު ވަތްކެއް ނުކުރެއެވެ. އެ ނަމުގެ ފަހަތުގައި ހިތެއް ޖަހާފައިވި ގޮތުން އެއީ އޭނަގެ ލޯބިވެރިޔާހެން ބަލާ މީހަކަށް ހީވެދާނެއެވެ.

 

**

 

މެލޭޝިޔާއަށް ހަވީރުގެ ވަގުތެއްގައި އެ ޤައުމުގެ ވެރި ރަށުގެ މަގެއްގައި ހުރި ޓިކެޓް ވިއްކާ ތަނަކުން ނިކުތީ އިސްކޮޅުން ދިގު ފިރިހެނެކެވެ. ފިރިހެން މީހާގެ ކަޅު ފަން އިސްތަށިގަނޑުގައި އެހާ މަތިނޫން ގޮތަކަށް އެއްފަރާތަކަށް ސްޕައިކެއް ޖެއްސިފައިވީއިރު އޭނަ ހުރީ ގަދަ ނޫކުލައެއްގެ ކޯޓު ފަޓުލޫނުގައެވެ. ލެޕްޓޮޕް ދަބަހެއް އެއްއަތުން ހިފައިގެން ދިޔަ ގޮތުންނާއި އޭނަގެ ޓައީއަށް ދުލެއް ދެވިފައިވި ގޮތުން އޭނަ ހުރީ އޮފީސް ނިންމާފައި ގެއަށްދާ މަގުމަތީގައިކަން އެނގެއެވެ.

 

ޓިކެޓް ވިއްކާ ތަނުން ނިކުތް ވަގުތު އޭނަގެ ނަޒަރު ހުއްޓިފައިވީ އޭނަ ދެންމެ ގަތް ޓިކެޓާއި ދިމާލަށެވެ. މެލޭޝިއަން އެއާރލައިންސްގެ ޓިކެޓެއްގެ ޕޮކެޓް ތެރެއިން އޭނަ ޓިކެޓް ނަގައި ނިއުޅާލިއެވެ. އެއާއެކު އޭގައި ނަން އޮތްތަނުން ފެނިގެން ދިޔައީ ‘މައިސޫން ލަތީފް’ އެވެ. ދާންއޮތް މަންޒިލެއްގެ ގޮތުގައި ލިޔެވިފައިވީ ‘ލަންޑަން’އެވެ.

 

މައިސޫން އެ ޓިކެޓާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ އޭނަގެ ކޯޓުގެ އެތެރޭގައި ޖީބުން އޭނަގެ ފޯނު ރިންގުވާ އަޑު އިވުނެވެ. އެއާއެކު މައިސޫން އޭނަގެ ޓިކެޓް އޮތްގޮތަށް ލަންބާލަމުން ޕޮކެޓްގެ ތެރެއަށް އަޅައި ކޯޓުގެ ތެރެއިން އޭނަގެ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ‘އަމީރާ’ އެވެ. އެ ނަން ފެނުމާއެކު މައިސޫން ފޫހިކަމާއި ނުރުހުންތެރިކަމާއެކީ ކަޅި މައްޗަށް ހިންގާލިއެވެ. އެ ގުޅަނީ އޭނަގެ އަންހެނުންހެން ބަލާ އެއްވެސް މީހަކަށް ހިއެއްނުވާނެއެވެ. މައިސޫން އެ ފޯނަށް ޖަވާބު ދީފައި ކަންފަތުގައި ޖައްސާލިއިރު ވެސް އެމޫނުމަތިން ހިތްހަމަނުޖެހޭ އަސަރުތައް ފާޅުވަމުން ދިޔައެވެ.

 

“ކީކޭ؟!” މައިސޫން އެންމެ ފުރަތަމަ ވެސް އަހާލީ އެހެންނެވެ.

 

“ސޫން ނިކަން އަވަހަށް ގެއަށް އައިސްދީބަލަ. ލޫލޫ ހުންއައިސްގެން ހޮޑުލަވައިގެން މިއުޅެނީ. އަވަހަށް އާދެބަލަ ލޫލޫ ޑޮކްޓަރަށް ގެންދް….” އަމީރާގެ ވާހަކަ އެކޮޅުން ފުރިހަމަ ނުވަނީސް މައިސޫން ވާހަކަ ދެއްކިއެވެ.

 

“މަ ކުރިންވެސް ބުނީމެއްނު މަށަށް އަވަހަށް ގެއަށް ނުދެވޭނެއޭ؟ މަ ދާން އެބަޖެހޭ އޮފީސް މީހުންނާއެކީ އޮތް ޑިނާރއަކަށް. އަމީރާއަށް އަމިއްލައަށް ވެސް ތި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިދާނެ ޓެކްސީއެއްގަ. ދެން ކީއްކުރަން އަހަރެން ބިޒީކޮށް އުޅޭއިރު އަހަންނަށް ގުޅާކަށްވީ؟!” މައިސޫން އެހެން އަހާލީ ރުޅިވެރިކަމާއި އެކީގައެވެ. އަމީރާ އެ ދައްކަނީ އޭނަގެ ދަރިއެއްގެ ވާހަކަހެން ވެސް ހީނުވާ ފަދައަކުންނެވެ.

 

“ތިހެން ނުބުނޭ ސޫން…..އޭރުން މިކް ވެސް ހުންނާނީ ގޭގަ އެކަންޏެއްނު؟ އަދި އެނގެއެއްނު ލޫލޫ ސޫން މަތިން ކިހާ ހަނދާންވާކަން؟ ވަކިން ޚާއްސަކޮށް ބަލިވެ އުޅޭއިރު….” އަމީރާގެ ވާހަކަ މައިސޫނަށް ސާފުވީ އެހާ ހިސާބަށެވެ. އޭގެ ކުރިއަށް ވެސް އަމީރާ ވާހަކަ ދެއްކިއެއްކަމަކު އޭނަގެ ފޯނަށް އެވަގުތު އަންނަން ފެށި އެހެން ކޯލެއްގެ ސަބަބުން ދޭތެރެއިން އަޑެއް ކިޔަން ފެށިއެވެ. މައިސޫން އޭނަގެ ކަންފަތުން ފޯނު ނަގާލަމުން ސްކްރީނަށް ބަލާލިއެވެ. އެ ހިނދު އެއަށް އަރާފަ އޮތް ނަމަކީ ‘އާޝް’ އެވެ. އެ ނަން ފެނުމާއެކު މައިސޫންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ކޯލް ނަގައި އަމީރާގެ ކޯލް ހޯލްޑް ކުރާނީތޯ ނޫނީ ކަނޑާލާނީތޯ ފޯނަށް އަރާފައި އޮތްތަން ފެނިފައި މައިސޫން އަމީރާގެ ފޯނު ކަނޑާލީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ‘އާޝް’ ގެ ފޯނަށް ޖަވާބުދާރީވެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހާއި ލަވް….ވަޓްސް އަޕް؟” މައިސޫން މަގުގެ އެއްފަރާތުން ހިނގަމުން އެ ސުވާލުކޮށްލީ ހިނިތުންވުމަކާއި އެކީގައެވެ.

 

“ހާއި…..ކޮންތާކު ތިހިރީ އަމިއްލައަށް؟” އެކޮޅުން ވާހަކަ ދެއްކީ އާޝިޔާ ނޫން ދެވަނަ މީހެއްނޫނެވެ.

 

“މަގުމަތީގަ. އޮފީހުން ގެއަށް މިދަނީ. އާޝް ކީއްކުރަނީ؟” މައިސޫން ވާހަކަ ދެއްކީ އޭނަ ހުރީ ދާދި ދެންމެއަކު ގަދަ ރުޅިއެއްގައިކަން ވެސް ހަނދާން ނައްތާލަމުންނެވެ.

 

“ވަކި ކަމެއް ނުކުރަން. މާލެއަށް އައިސްގެން މިއުޅެނީ. މިތާނގަ އުޅޭ މަގޭ ދަރި ގޮވައިގެން އަހަރުމެންގެ ޓީމަށް ލެވޭތޯ ބަލަން. އެކަމަކު އައިއިރު އަހަރެންގެ ބައްޕައޭ ކިޔާ މުސްކުޅިގަނޑު ހުރީ އޭނައަށް ހަދަންވީ އެއްޗެއް ހަދާފަ. މަ ހަމަ އަޖާއިބުވެ އަންތަރީސްވެއްޖެ! އަހަރެން އައްޒާމަށް އޮފާރ ނުކުރާ ކަމެއްނެތް. ފައިސާއާ މުދަލާ ރީތި އަންހެން ކުދިންނާ. އެކަމަކު އެހުރިހާ ކަމަކަށްވުރެ އައްޒާމަށް މުހިއްމުވީ އެ ދީނެއް. މަގޭ ހިތަށް އެބައަރާ ކޮން ސިހުރެއްހޭ އެ ހާޝިމޭ ކިޔާ ޝެއިޚް ހަދައިގެން އުޅެނީ!” އާޝިޔާ އެންމެ ފަހު ޖުމްލަ ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ.

 

“ހެހެހެ…..ތިއީ ހަމަ ހުސް އެކްޓޭ އާޝިޔާ. ރަނގަޅަށް ވިއްޔާ އެ ޝެއިޚް އޮންނާނީ ބުނެފަ ތިކުއްޖާ ކައިރި އެހެން ހަދާށޭ އެކަހަލަ އެއްޗެއް ބުނީމަ. ދެން އެކުއްޖާވެސް އެހެން ހަދާނީތާ ބިރުގަންނަވާފަ ހުރިއްޔާ. އަދި ތި ކުއްޖާގެ ކޭސް ރަނގަޅަށް އެނގުނީމަ އަހަރުމެން ދެމީހުންނަށް ވެގެން ތިކުއްޖާ ހައްލާލެވޭނެ ރޭވުމެއް ރޭވިދާނެ. ޗިލް އައުޓް! އެހެންނޫނަސް ސިހުރު ހައްދަން އަހަރުމެންނަށްވުރެ މޮޅެއް ނުވާނެދޯ އެއްވެސް ބައެއް؟” މައިސޫން އެ ފަހު ސުވާލު ކޮށްލީ އުޖާލާވި ހިނިތުންވުމަކާއެކީ ރާގަކަށެވެ. އެއާއެކު އާޝިޔާ އެކޮޅުން ހީލި އަޑު އިވުނެވެ.

 

“ޓްރޫ ދެޓް! އައިމް ގްލޭޑް މިސްޓޭކަކުން ވިޔަސް އެ ނިއު ޔިއާރސް ޕާޓީ ތެރެއިން ސޫންއާ ބައްދަލުވި ކަމަށްޓަކައި. އެ އަމްނާއޭ ކިޔާ މީހަކާހެދި ބޯ ގޮވާފަ ހުއްޓާ ސޫންއާ ދިމާވީ. ސޫން އޭނައަށް ހެދިގޮތް އިވިފަ ކިރިޔާވެސް ހިތަށް ހަމަޖެހުމެއް ލިބުނީ. ދެންވީ އޭނައަށް ދެފައި މައްޗަށް ނުތެދުވެވޭ ކަހަލަ މަޅިއެއް ހަދަން!” އާޝިޔާ ނުލަފާ ގޮތަކަށް ބުނެލިއެވެ.

 

“ތިއީ އަދި މާ ކުޑަ މަޅިއެއްގެ ވާހަކައެއްނު؟ ތިންކް ބިގް! ތިއަށްވުރެ ބޮޑުވަރު ކުރާނަން އަހަރުމެން އޭނައަށް. އޭނައަށް ވެސް އަދި އޭނަގެ ފިރިމީހާއަށް ވެސް!” މައިސޫން އޭނަގެ ފަހު ޖުމްލަ ދަތްކުނޑި ވިކަމުން ބުނެލި ވަގުތު ދެވަނަ ފަހަރަށް އޭނަގެ އަތުގައި އޮތް ޓިކެޓަށް ބަލާލިއެވެ.

 

އެދުވަހު ރޭވި ނުބައި ރޭވުންތަކެއްގެ ތެރެއިން ފަހުން ވެސް އައްޒާމްގެ ވާހަކަ އާޝިޔާއާއި މައިސޫނާއި މެދު ދެކެވުނެވެ. އެރޭގެ ވަގުތެއްގައި އާޝިޔާ އައްޒާމާއި ބެހޭގޮތުން އޭނައަށް އެނގޭ ހުރިހާ ވާހަކައެއް ކިޔައިދިނުމުން މައިސޫން ވި ވަޢުދުގެ މަތިން އޭނަ ޚިޔާލެއް ދިނެވެ. އެ ޚިޔާލު ކަމުދިޔަވަރުން އާޝިޔާގެ މުޅި މޫނުމަތި އުޖާލާވެގެން ދިޔައެވެ. މައިސޫންގެ ވިސްނުންތޫނު ކަމަށްޓަކައި އޭނައަށް ތަޢުރީފު ކުރިއެވެ. އެއަށްފަހު ކެތްމަދުވެފައިވި ހިތަކާއެކީ އޭނައަށް އެ ރޭވުމުގެ ފިޔަވަޅުތައް އަޅަން ފެށޭނެ ވަގުތެއްގެ އިންތިޒާރުގައި ސިކުންތުތައް ގުނަން ފެށިއެވެ.

 

އެ ނުލަފާ ރޭވުމުގެ ފުރަތަމަ ފިޔަވަޅު އާޝިޔާ އެޅީ އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އެދުވަހު އައްޒާމް އިނީ ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ ލެޕްޓޮޕް އެތާ ހުރި މޭޒުމަތީގައި ބަހައްޓައިގެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. މަސައްކަތުގެ ތެރެއިން ވެސް ދޭތެރެދޭތެރެއިން މާޝާގެ މަތިން ހަނދާންވަމުން ދިޔަގޮތުން އައްޒާމަށް ހިނިތުންވެވެމުން ދިޔައެވެ. މީހަކު އައިސް އެތާ ވަކިން ހުރި ސޯފާގައި އިށީންކަން އައްޒާމަށް އެނގުންވީ އެފަދައިން ހިނިތުންވެވުނު ވަގުތެއްގައެވެ. އޭނައަށް އެ ސޯފާގައި އިން މީހަކަށް ބަލާލެވުނީ ވެސް އެ އުފާވެރި މޫނާއިއެކީގައެވެ. އެހެނަސް އެތާނގައި އޭނައަށް ހިނިތުންވުމެއް ދައްކައިގެން އިން މީހަކު ފެނިފައި އައްޒާމްގެ ހިނިތުންވުން ފަނޑުވިއެވެ.

 

“ކޮން ކަމަކާ މާ ބޮޑަށް ތި ހެވެނީ؟” އާޝިޔާ އެނގިހުރެ ވެސް ސުވާލުކޮށްލީ އައްޒާމް އޭނައާއި ގާތްކޮށްލަން އުޅޭ ގޮތުންނެވެ. އައްޒާމް އެއަށް ޖަވާބެއްނުދީ މޫނު އަނބުރާލަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ކުރިމަތީގައި އިނީ އޭނަގެ މަންމަކަމަށްވެފައި އޭނައަކީ އެފަދަ ކިބުރުވެރިކަމެއް އެއްވެސް މީހަކަށް ދައްކާ ޒާތުގެ މީހަކަށް ނުވުމުން އައްޒާމް ޖަވާބު ދިނެވެ.

 

“އުފާވެރި ކަމެއްގެ މަތިން ހަނދާންވީމަ.” އައްޒާމް ތެދުތެދަށް ބުނެފައި އަނެއްކާވެސް ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ.

 

“އެކުއްޖާގެ މަތިން ހަނދާންވެފަދޯ؟” އާޝިޔާ ދޯ ދިނީ ހެވިފައި އިނދެއެވެ. އައްޒާމް ދެންވެސް އޭނަގެ މަންމައަށް ބަލާލަމުން ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލީ ޙައިރާންވެފައި އިނދެއެވެ. މަންމަ ‘އެކުއްޖާ’އާއި ބެހޭގޮތުން އެހާ ހެވިފައި އިނދެ ވާހަކަ ދެއްކުމުންނެވެ. އިތުރު އެއްޗެކޭ ބުނަން ނޭނގިފައިވަނިކޮށް މަންމަ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަސްލު…ވަރަށް ބޮޑަށް ސޮރީ އިނގޭ ޒާމް މަންމައަށް އެދުވަހު ވާހަކަ ދެކެވުނު ގޮތަށްޓަކާ. މުލަކު ކުއްޖެކޭ ބުނީމަ ލިބުނު ޝޮކެއްގަ ހަމަ އެހެން ވާހަކަ ދެކެވުނީ. ނައު އައި ފީލް ބޭޑް. އަސްލު ޒާމް ލޯބިވާ ކުއްޖަކާ އިނުން ޒާމްއަށް ވެސް ޙައްޤު. އެހެންވީމަ މަންމަ ނިންމައިފިން ޒާމްގެ ކައިވެންޏަށް ހަމަ ފުލް ސަޕޯޓް ދޭން!” އާޝިޔާ ސީރިއަސް ރާގެއްގައި ވާހަކަ ދައްކަމުން ގޮސް ފަހު ޖުމްލަ ބުނެލީ އަނެއްކާވެސް އުޖާލާވެގެން ދިޔަ މޫނަކާއި އެކީގައެވެ. މަންމަގެ އެ ބަސްތައް އިވިފައި އައްޒާމްގެ ހިތަށްވެރިވި ޙައިރާންކަމުގެ ތެރެއިން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްވެސް ލިބުނެވެ. ކުޑަމިނުން އޭނަގެ ކައިވެންޏާއި މެދު މަންމަގެ ވިސްނުން ބަދަލުކޮށްދެއްވުމަށް އެދި އޭނަ ދުޢާކުރާތާ ދުވަސްތަކެއްވެއްޖެއެވެ. މިއީ އެ ދުޢާތައް އިޖާބަވިކަމުގެ ނިޝާނެއްހެން ހީވި ވަގުތު އައްޒާމަށް މަންމައަށް ބަލަހައްޓައިގެން އިނދެވުނީ އަޖާއިބުވެފައެވެ.

 

“ދަރިފުޅު މަންމައަށް އެކުއްޖާގެ ފޮޓޯއެއް ވިޔަސް ދައްކާލަބަލަ. މް….މާޝާ ދޯ ކިޔަނީ؟ މަންމަ އެ ކުއްޖާއާއި ވާހަކަ ދައްކަން ބޭނުން.” އާޝިޔާ ކެތްތެރިކަން ކުޑަވެގެން އުޅޭ ފަދައަކުން ބުނެލިއެވެ. އެއާއެކު ވީ އުފަލާއެކީ އައްޒާމަށް ހީލެވުނެވެ. އިސާހިތަކު މާޝާވެސް މިކަމާމެދު އުފާވާނެ މިންވަރު އިޙްސާސް ކުރެވުމުން އައްޒާމް މަންމަގެ އެދުން ފުއްދަން ނިންމިއެވެ.

 

“ފޮޓޯއެއް ނުދެއްކިދާނެ. ވަރަށް ތަންތަނަށް ފޮޓޯލާ ކުއްޖެއްނޫން އެއީ. އަހަރެން ވައިބާރ ކޮށްލާނަން އެކުއްޖާގެ ނަންބަރާއި އެފްބީ އައިޑީ މަންމައަށް. އޯކޭތަ؟” އައްޒާމް އަހާލިއެވެ.

 

“މާ ބޮޑަށްވެސް އޯކޭއެއްނު؟ ފޮނުވާ އަވަހަށް!” އާޝިޔާ ފޯރިއާއެކީ ބުނެލިއެވެ. އެއާއެކު އައްޒާމް އަނެއްކާވެސް ހީލަމުން ލެޕްޓޮޕުން އޭނަ ބުނި ކަންތައް ކުރަން ފެށިއެވެ. މި ގޮތުން ޑެސްކްޓޮޕް ވައިބާރ މެދުވެރިކޮށް މާޝާގެ ފޭސްބުކް އައިޑީއާއި ނަންބަރު ފޮނުވާލިއެވެ. ހަމަ އޭރު އެތާނގައި ވައިބާރ ބަލަން އިން އާޝިޔާއަށް އެ މެސެޖުތައް ލިބުނު އަޑު އައްޒާމަށް އިވުނެވެ. އޭނަގެ މަންމަ ތޭންކްސްއޭ ކިޔާފައި އެތަނުން ދިޔަ ވަގުތު އައްޒާމަށް ބޯޖަހާލެވުނީ، އޭނައަށް ދެންމެ އެ އެޅުނީ ކިހާ ކަތި ފިޔަވަޅެއްކަން ނޭނގިއެވެ.

 

އާޝިޔާ ވަގުތުން އޭނަގެ ފޯނާއެކީ ވަނީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އާޝިޔާ މާޝާގެ ނަންބަރަށް ބަލާލުމެއް ވެސް ނެތި މާޝާގެ ފޭސްބުކް ޕްރޮފައިލަށް ދެވޭ ލިންކަށް ފިތާލިއެވެ. އޭނަގެ ބޭނުމަކަށް ވެފައިވީ އެ ޕްރޮފައިލް މެދުވެރިވެގެން ވެސް އޭނައަށް މާޝާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދައި އޭނަ މާލޭގައި ހުއްޓަސް އެކޮޅުން އޭނަގެ ރޭވުމަށް އެހީތެރިވެދޭނެ މީހަކާއި ދިމާކުރުމެވެ. މާޝާގެ ޓައިމްލައިނަށް ވަނުމާއެކު ފެންނަން ފެށި ދީނީ ޕޯސްޓްތަކުގެ ސަބަބުން އާޝިޔާ ސްކްރޯލްކުރަން ފެށީ ރުޅިވެރިކަމާއި އެކީގައެވެ. އެ ޕޯސްޓްތަކަށް ނިމުމެއް ނާންނާނެހެން ހީވި ވަގުތު ކުއްލިއަކަށް އޭނައަށް ލޯބީގެ އިމޯޓިކޯންތައް މާ ގިނައިން ފެންނަން ފެށުމުން އޭނަގެ ޙަރަކާތްތައް ލަސްވިއެވެ. ރަނގަޅަށް ބަލާލިއިރު ‘ލިއައްޓޭ ލިއާމް’ ގެ ނަމުން އޮތް ފިރިހެން ކުއްޖަކު މާޝާ ޓެގްކޮށްފައިހުރި ލޯބީގެ ސްޓޭޓަސްތައް އޭނައަށް ސާފުވާން ފެށިއެވެ. އެ ސްޓޭޓަސްތައް ކިޔެން ފެށި ހިނދު އާޝިޔާގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ލިއާމްގެ ޕްރޮފައިލަށް ގޮސް އޭނައާއި ވާހަކަ ދެއްކޭނެ ޗެޓް ލޮގެއް ހުޅުވާލިއެވެ. އެއަށްފަހު ‘ޔޫ ދެއާރ’ އޭ ލިޔެ ސުވާލެއް ކުރިއެވެ. މާ ގިނައިރެއްނުވެ ލިއާމް ‘ޔެސް’ އޭ ބުނެ ޖަވާބެއް ފޮނުވުމާއެކުހެން އާޝިޔާ މެސެންޖާއިން ލިއާމަށް ގުޅަން ފެށިއެވެ. ދެ ތިން ރިންގަކަށްފަހު ލިއާމްގެ އަޑުއިވުނެވެ.

 

“ހެލޯ ހޫ އިޒް ދިސް؟” ލިއާމް އަހާލި އަޑު އިވުނެވެ. އެއާއެކު އާޝިޔާ ވާހަކަ ދެއްކިއެވެ.

 

“މީ އައިޓީ އައްޒާމްގެ މަންމަ. އިތުރު ސުވާލުތަކެއްނުކޮށް މި ސުވާލުތަކަށް ޖަވާބު ދިނުން އެދެން. ތިއީ މާޝާގެ ބޯއިފްރެންޑްތަ؟” އާޝިޔާ ސުވާލުކުރިއެވެ. އެ ސުވާލަށްފަހު އިރުކޮޅެއް ވަންދެން ލިއާމްގެ އަޑު ނުއިވި ދިޔައެވެ. އޭނަ ރުޅި އައީކަން އާޝިޔާއަށް އެނގުންވީ އޭނަ ވާހަކަ ދެއްކުމުންނެވެ.

 

“މަށަކީ އޭނަގެ ބޯއިފްރެންޑެއް އެހެން ފްރެންޑެއްނޫން!!! އެ އައްޒާމަކާ ޖެހިގެން އޭނަ މަ ދޫކޮށްލާފަ ދިޔައީ.” ލިއާމް ރުޅިވެރިކަމާއެކީ ބުންޏެވެ. އެއިން އާޝިޔާއަށް ލިބުނު ޙައިރާންކަމާއެކީ އޭނައަށް ހިނިތުންވެސް ވެލެވުނެވެ.

 

“އެހެންތަ؟ ދެޓްސް ވެރީ ސޭޑް….ލިއާމް ބޭނުންވޭތަ މާޝާ އަނބުރާ ލިއާމްގެ ކައިރިއަށް އަންނަން؟” އާޝިޔާ ސުވާލުކުރިއެވެ.

 

“މަށަށް ވަރިހަމަ އޭނަ ދުވަހަކު މަގޭ ކައިރިއަށް ނަޔަސް! މަ ބޭނުމީ އޭނަ އެކުރަން އުޅޭ ކައިވެންޏެއް ހުއްޓުވަން!” ލިއާމް އެ ވާހަކަ ބުނެލީ އޭނަ އެ ވާހަކަ ދައްކަނީ އައްޒާމްގެ މަންމައާއިހެން ވެސް ހީނުވާ ފަދައަކުންނެވެ. އެ ވާހަކަ އިވުނީ އެހެން ފިރިހެން ކުއްޖެއްގެ މަންމައަކަށްނަމަ ދަރިފުޅުގެ ކައިވެންޏާއިމެދު އެފަދަ ގޮތަކަށް ވާހަކަ ދެކެވުމުން އެ މަންމަ ރުޅި އައީހެވެ. އެހެނަސް ލިއާމް އެހެން ބުނުމާއެކުހެން އާޝިޔާއަށް ލުއި ގޮތަކަށް ހީލެވުނީ ބޮޑު ކާމިޔާބީއެއް ލިބިގެން އުޅޭ ފަދައަކުންނެވެ.

 

“ތިހެންވެއްޖެއްޔާ ލިއާމްގެ ތި އެދުން ފުރިހަމަވެއްޖެކަމަށް ބަލާ. ލިއާމް ކޮށްދޭންވީ ހަމަ ކުޑަކުޑަ ކަމެއް. އެހެން ހުރިހާ ކަމެއް ހަމަޖައްސާނީ މިކޮޅުން، އައްޒާމްގެ މަންމަ.” އާޝިޔާ ސާބިތު ކަމާއެކީ ބުނެލީ ނުލަފާ ވިދުވަރެއް ފެނިގެން ދިޔަ ދެލޮލާއި އެކީގައެވެ.

 

އޭގެ އަނެއްދުވަހުގެ ހެނދުނު މާޝާ ރީތިވާ މޭޒު ކުރިމަތީގައި އޭނަގެ ބޮލުގައި ފުނާ އަޅަން ހުއްޓާ އެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު ސްކްރީނަށް އަރާފައި އޮތީ މާލޭގެ ނަންބަރެކެވެ. ފޯނު ނަގައި މީ ކޮން ނަންބަރެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލި ތަނާހެން އެއީ އޭނަ އެޕްލައި ކުރި ޔުނިވާރސިޓީގެ ނަންބަރުކަން އޭނައަށް އެނގުންވިއެވެ. އޭނައަށް ކޯސް ލިބުނުކަން އޭނައަށް ކުރިންވަނީ އެންގިފައެވެ. ވީއިރު އެމީހުން އޭނައަށް އަނެއްކާ ގުޅަނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. ދެބުމަ ކައިރިކޮށްގެން ހުރެ މާޝާ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.

 

“ވަޢަލައިކުމުއްސަލާމް…..މާޝާ ޢަބްދުއްލަތީފް ދެއްތޮ؟” އެކޮޅުން އަންހެން ކުއްޖަކު ސުވާލުކުރި އަޑު އިވުނެވެ. މާޝާ އާދެއޭ ބުނެލުމުން އެކޮޅުން ވާހަކަ ދެއްކިއެވެ.

 

“ކޯސް ފެށުމުގެ ކުރިން ކޯހުގައި ބައިވެރިވި ކުދިންނާ ކުޑަ އިންޓަވިއުއެއް ކުރަންޖެހޭތީ އަންނަ ހުކުރު ދުވަހު ހެނދުނު 9:00 ޖަހާއިރު މާޝާ މާލޭގެ ކެމްޕަހަށް އައިސްދިނުން އެދެން.” އެކޮޅުން އިވުނު ވާހަކައިން މާޝާގެ ނިތަށް ރޫގިނަވިއެވެ. ކޯހަކަށްޓަކައި އިންޓަވިއު ކުރާ ވާހަކައަކީ އޭނައަށް އާ ވާހަކައެކެވެ. އަދި އަމުދުން އެއީ ކޯހަށް ހޮވުމަށް ފަހުގައެވެ. އަދި އެއީވެސް ހުކުރު ދުވަހެއްގައެވެ. މާޝާއަށް އޯކޭއޭ ބުނެލެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައިހުރެއެވެ. އެކޮޅުން ފޯނު ކަނޑާލުމުން މާޝާ އޭނަގެ ކަންފަތުން ފޯނު ވަކިކޮށްލިއިރުވެސް އޭނަގެ ޙައިރާންކަމަށް ބަދަލެއްނާދެއެވެ. އޭގެ ސިކުންތުކޮޅެއްފަހުން މާޝާ މަންމައަށް ގޮވަމުން ކާގެއަށް ދިޔައެވެ. އެ ހިނދު ލަތީފާއި ހާފިޒާ ވެސް ތިބީ ހެނދުނުގެ ސައިބޯށެވެ. މާޝާގެ އަޑަށް ލަތީފް ބަލާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. މާޝާ ވަގުތުން ދެންމެ އައި ފޯނު ކޯލުގެ ވާހަކަ ކިޔައިދިނެވެ.

 

“ހާދަ އެހެން ކަހަލަ ކަމެކޭތީ. އިންޓަވިއުއެއް އޮތިއްޔާ އެމީހުން ކުރިން ބުނަންވާނެއެއްނު؟ ވަރަށް ހީވޭ ތިއީ ނޯންނާނެ އެއްޗެއްހެން. އެކުއްޖާ އޮޅުނީ ކަންނޭނގެ. ހުކުރު ދުވަހަކު ނޯންނާނެ އެއްވެސް ކަމެއް.” ހާފިޒާ ހިސާބެއްގެ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

 

“އާނއެކޭ މަންމާ. ވަރަށް ހިއެއްނުވޭ. ދޮންބެއަށް ގުޅާފަ ބުނަންވީދޯ އެތަނަށް ގޮސް ޔަޤީންކޮށްދޭށޭ؟” މާޝާ ސުވާލުކުރިއެވެ. އެއާއެކު ހާފިޒާ އާނއެކޭ ބުނެލި ތަނާހެން ލަތީފް ވާހަކަ ދެއްކިއެވެ.

 

“ބައްޕައަށް ހީވަނީ ތި އިންޓަވިއު ނެތަސް ދެން މާޝާ މާލެއަށް ފުރަންވީހެން. ދެން މާޝާގެ ކިޔެވުން ފެށެން އޮތީ އެންމެ ދެ ހަފްތާ. ބޮޑުބޭބެވެސް މިހާރު މިކޮޅުގަ އެބަހުއްޓެއްނު؟ ބޮޑުބޭބެވެސް ފުރާ ކަންނޭނގެ ހުކުރު ދުވަހު. ބޮޑުބޭބެއާއެކީ މާޝާއަށް ފުރައިގެން ދެވިދާނެއެއްނު އެދުވަހަކު؟ ކީކޭ މާޝާ ބުނަނީ؟” ލަތީފް އަހާލިއެވެ. އެއާއެކު މާޝާއަށް ވެސް އެ ސުވާލުތަކާމެދު ވިސްނެން ފެށިއެވެ. އެ ހިނދު އޭނަގެ މަންމަ ވާހަކަ ދެއްކިއެވެ.

 

“އާނދޯ؟ ރަނގަޅަށް ލަތީފް ތިބުނީ. ކިޔެވުން ފެށުމުގެ ކުރިން އާ މާޙައުލަށް ފަރިތަވެސް ވާންވާނެ. މަންމައަށް ވެސް ފެންނަނީ މާޝާ ދާން.” ހާފިޒާ ޚިޔާލު ފާޅުކުރިއެވެ. މާޝާ އެދެމީހުންނަށް ވަކިވަކިން ބަލާފައި އެންމެފަހުން ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެހެނަސް އޭނަގެ ހިތްހަމަނުޖެހިފައިވީ އޭނަ އުއްމީދުކުރި ގޮތަށް ކަންތައް ނުވުމުންނެވެ. އޭނަ ހީކުރީ އޭނަގެ އިމްތިޙާންތައް ނިމޭތާ މާ ގިނަ ދުވަހެއްނުވެ އައްޒާމް އޭނަ ކައިރިއަށް އަންނާނެ ކަމަށެވެ. އެހެނަސް އިމްތިޙާންތައް ނިމި އޭނަ ކޯސް ފަށަން އުޅޭއިރު ވެސް އައްޒާމްގެ ޚަބަރެއް ނުވުމުން މާޝާގެ ހިތްދެރަވިއެވެ. އެ ވަގުތު ހިނދުކޮޅަކަށް ނަމަވެސް މަންމަމެން ކައިރި އައްޒާމްގެ ވާހަކަ ދައްކާނީއޭ ހިތަށްއެރިއެވެ. ނަމަވެސް ގަތް ލަދެއްގެ ސަބަބުން އެހެން ހަދަން ނުކެރުނެވެ. އޭނަ މާލެއަށް ގޮސް ދޮންބެއާއި ދިމާވުމުން ދޮންބެއާއި އެ ވާހަކަ ޙިއްސާ ކުރާނީކަމަށް ހިތާހިތުން ކިޔަމުން މާޝާ މަންމަމެންނަށް ފަސްދިނެވެ. އަދި ހިތްހަމަޖައްސާލީ އޭނަ ދޮންބެގާތު އެ ވާހަކަ ދެއްކުމުން ނުހަނު އަވަހަށް އޭނައާއި އައްޒާމް ގުޅިދާނެކަމަށް ހީކުރަމުންނެވެ.

 

މާޝާއާއި އައްޒާމް ދެ މަންޒިލަކަށް ފުރުމަށްޓަކައި ދަތުރު ހެދުމުގެ މަސައްކަތް ފެށިއިރު މިރްޒާނާއި މުޙްސިން ވެސް ދަތުރު ހަދަމުން ދިޔައެވެ. މިރްޒާންގެ މުސާރައާއި މުޙްސިންގެ ބުރަ މަސައްކަތުން އެއްކުރި ފައިސާއިން އެހާތަނަށް އައިއިރު ސިންގަޕޫރަށް ދެމީހުންނަށް ދެވޭވަރަށް ވުރެ ވެސް ގިނައިން ލާރި ރައްކާ ކުރެވުނެވެ. އެއީ ފައިސާ ރައްކާކުރި އިރު ވެސް އެމީހުން އެހީއަކަށް ބޭނުންވާ މީހަކު ފެނިއްޖެނަމަ ނުދީ ދޫކޮށްލާފައި ނުވާތީ އެ މުދަލުގައި ލެއްވި ބަރަކާތެއް ކަންނޭނގެއެވެ. އެކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވުމުން ބައްޕައާއި ދަރިފުޅު ޞަދަޤާތް ކުރުމުގައި އެކަކު އަނެކަކާއި ކުރިއަރައި ދާން މަސައްކަތް ކުރަމުން ދިޔައީ ނުހަނު ޖޯޝާއި އެކީގައެވެ. އެ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ދެމީހުންގެ ދަތުރަށްޓަކައި ބޭނުންވާނެ އެއްޗެހި ގަންނަން ތައްޔާރުވެގެން ނިކުންނަން ދިޔަ ވަގުތު ވެސް ދެކެވެމުން ދިޔައީ އެ ވާހަކައެވެ. މުޙްސިން މިރްޒާނާއެކީ ނިކުންނަން އުޅެފައިވެސް ކޮޓަރީގައި އޭނަގެ ފޯނު ބާއްވާފައި އާދެވުމުން ކޮޓަރިއަށް އަނބުރާ ދިޔައެވެ. މުޙްސިން އެތެރެއަށް ދިޔުމުން މިރްޒާން ދެންވެސް ބޭރަށްދާން މިޞްރާބު ޖެހީ ޕާކިން އޭރިއާގައި އޮތް ކާރު ނެރޭށެވެ. އޭނަ އެޕާޓްމެންޓްގެ މައިދޮރާއި ހަމަވީ ވަގުތު ބެލް އަޅުވާލެވުނު އަޑު އިވުނެވެ. މިރްޒާން ހިސާބެއްގެ ޙައިރާންކަމާއެކީ ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ ޕޯސްޓުން އައިސްފައިހުރި މީހެކެވެ. އެމީހާގެ އަތުގައި މުށިކުލައިގެ ގަނޑުން ގަނޑު ލެވިފައިވި ޕާރުސަލެއްވީއިރު އޭގެ މަތީގައި ސްޓިކާރއެއް ތަތްކުރެވިފައިވިއެވެ. ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ.

 

ނުނިމޭ

The post Hadhiya (Part 33) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-33/feed/ 0 1348
Hadhiya (Part 32) https://blog.storiesbyjana.com/hadhiya-part-32/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-32 https://blog.storiesbyjana.com/hadhiya-part-32/#respond Sun, 02 May 2021 15:25:44 +0000 https://blog.storiesbyjana.com/hadhiya-part-31-copy/

އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ.   **   އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އައްޒާމް ލޯ ހުޅުވާލުމާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމާދަށް ދިޔުމަށްޓަކައި ތާޒާވެ ވުޟޫކުރަމުން ދިޔަ ވަގުތުގައާއި ނަމާދަށް ދިޔަ މަގުމަތީގައި ވެސް އެ މޫނުމަތިން އެ ހިނިތުންވުން ފިލާގޮތެއްނުވެއެވެ. އޭގެ ފަހަތުގައިވި ސަބަބަކަށް ވެފައިވީ އޭނަ މާޝާގެ ކައިރިއަށް އަނބުރާ […]

The post Hadhiya (Part 32) appeared first on Stories by Jana.

]]>

އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އައްޒާމް ލޯ ހުޅުވާލުމާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމާދަށް ދިޔުމަށްޓަކައި ތާޒާވެ ވުޟޫކުރަމުން ދިޔަ ވަގުތުގައާއި ނަމާދަށް ދިޔަ މަގުމަތީގައި ވެސް އެ މޫނުމަތިން އެ ހިނިތުންވުން ފިލާގޮތެއްނުވެއެވެ. އޭގެ ފަހަތުގައިވި ސަބަބަކަށް ވެފައިވީ އޭނަ މާޝާގެ ކައިރިއަށް އަނބުރާ ދިޔުމަށްޓަކައި ޓިކެޓް ނަގަން ނިންމީ އޭގެ ކުރީ ރޭ ނިދަން އޮށޯވެ ކަމަށްވުމުންނެވެ. އޭނަ އިތުރަށް މާޝާއާއި ދުރުގައި ނުހުންނާނެ ކަމުގެ ޚިޔާލުން ވެސް އޭނައަށް އުފާވެރިކަމެއް ލިބިފައިވި ފަދައެވެ. ބަލިއިރުވެސް މިސްކިތަށް ދާން ގަދަ ހެދި ކާފައާއެކީ ނަމާދުން ނިމިގެން މިސްކިތުން ފޭބި ވަގުތު ކާފައަށް ވެސް އެކަން ފާހަގަވިއެވެ. އެހެނަސް ކާފަ އެ ސުވާލުކޮށްލީ ގެއަށް ގޮސް ވަދެވުމުންނެވެ.

 

“ހާދަ ހެވިފައޭ ތި ހުންނަނީ……މިއަދު މާ ޚާއްޞަކަމެއްވާން އޮތީތަ؟” ހާޝިމް އެމީހުން އުޅޭ ޢިމާރާތުގެ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓުން ނިކުންނަމުން އައްޒާމް ކުރެން ސުވާލުކުރިއެވެ. އެއާއެކު އައްޒާމަށް ހީލެވުނެވެ.

 

“ހެހެ….ރަނގަޅަށް ތި ހީވީ ކާފާ. ވަރަށް ޚާއްޞަކަމެއް ވާންއުޅެނީ އިން ޝާ ﷲ!” އައްޒާމް ހިސާބަކަށް ރަތްވެގެން ދިޔަ މޫނަކާއެކީ ހެވިފައިހުރެ އެހެން ބުނަމުން ގޮސް އެމީހުންގެ އެޕާޓްމެންޓަށް ވަދެވޭ ދޮރު ހުޅުވާލިއެވެ.

 

“އެހެންތަ؟ އަނެއްކާ ކޮންކަމެއްބާ؟” ހާޝިމް އައްޒާމާއެކީ އެޕާޓްމެންޓަށް ވަދެގެން ދަމުން ސުވާލުކުރިއެވެ. އައްޒާމް ދެންވެސް ލަދުން ކަހަލަ ގޮތަކަށް ހީލިއެވެ.

 

“މިއުޅެނީ….މުލަކަށް ދާންވެގެންކަމަށް.” އައްޒާމް ހެނދުނުގެ ސަޔަށްޓަކައި ކާގެއަށް ވަންނަމުން ކާފައަށް ބަލާލަމުން ބުނެލިއެވެ. އައްޒާމް ބުނެލި ވާހަކައިން ދެބުމަ ކައިރިވެގެން ދިޔަ ހާޝިމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް އެ ބުނި ވާހަކައިގެ މާނަ ނަގައިގަނެވުމުން އޭނަގެ ނިތުން ރޫތަށް ފިލައިދިޔައެވެ.

 

“މާ ޝާ ﷲ! ހާދަ އުފާވެރި ޚަބަރެކޭ….ހެހެ….ތި ވާހަކަ އައްޒާމް ކައިރި ދައްކަންވެގެން އުޅެނިކޮށް ތިހެން ތި ބުނީވެސް. ވަރަށް އުފާވެއްޖެ އަސްލުވެސް!” ހާޝިމް އޭނަގެ ލަސް ހިނގުމުގައި ވާހަކަ ދައްކަމުން އައްޒާމްގެ ފަހަތުން ކާގެއަށް ވަނެވެ. އެއަށްފަހު ވެސް އައްޒާމަށް ދެމީހުންނަށްޓަކައި ސައި ތައްޔާރު ކުރެވެން ދެންވެސް ދެމީހުންގެ ދެމެދުގައި އެ ވާހަކަ ދެކެވުނެވެ. ހާޝިމް ފުރަނީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން އައްޒާމް ދެން އަންނަ ހުކުރު ދުވަހަކު ކަމަށް ބުންޏެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސްފަހެވެ. ހަފްތާއެއްފަހުން ދާން ނިންމީ އޮފީސް ކުޑަކޮށް ހަމައަކަށް އަޅުވާފައިދާން ބޭނުންވުމުންކަމަށް އައްޒާމް ބުންޏެވެ. އެއަށްފަހު ދެކެވިގެން ދިޔައީ ހާޝިމަށް އެ ދަތުރުގައި ނުދެވޭނެ ވާހަކައެވެ. ހާޝިމް ބަލިވެ އުޅޭތީ އެދުވަސްކޮޅު ދަތުރު ނުކުރަން ޑޮކްޓަރުން ނަޞޭޙަތްތެރިވެފައިވުމުންނެވެ. އެކަމާމެދު އައްޒާމް ދެރަވިއެއްކަމަކު ހާޝިމް ހިތާމަ ނުކުރުމަށް އެދުނެވެ. އަދި އުފާވެރިކަމާއެކީ އެނބުރި އައުމަށް އެދުނީ އޭނަ އުޅޭނީ އެ ޢިމާރާތުގައި ކުއްޔަށް އުޅޭ އިސްމާޢީލްމެންނާއި އެކީކަމަށް ބުނަމުންނެވެ. ތަޤްދީރުގައި ލިޔެވިފައިވި ނުހަނު ކައިރީގައި އޮތް މުސްތަޤްބަލުގައި ކުރިމަތިވާން އޮތް ހިތްދަތިކަމުގެ ހިލަމެއްނުވެ އައްޒާމް ކާފައާއެކީ ސައިބޯން ފެށީ އުއްމީދުން ފުރިފައިވި ހިތަކާއި އެކީގައެވެ. ސައިބޯން ފެށިތާ މާ ގިނައިރެއްނުވެ އެދުވަހު ފުރަތަމަ ފަހަރަށް ކާފައާއި އޭނައާއި ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ސީރިޔަސް މިޞްރާބެއް އެޅުނީ، ކާފަ ވިސްނުމެއްގައި އިނދެ އޭނައަށް ގޮވާލުމުންނެވެ. އައްޒާމް މާ ބޮޑު އެއްޗެކޭ ހިތަށް ނާރުވައި ލައްބައޭ ކިޔައި އިސްއުފުލާލިއެވެ.

 

“އައްޒާމަށް ޔަޤީންތަ މާޝާ އަދިވެސް ހުންނާނީ ހުސްހަށިބަޔަށްހެން؟” ހާޝިމް ކޮށްލި ސުވާލުން ސައިތަށިން ކޯވަރެއް ދަމާލި އައްޒާމް ކޮށި އަރާ ގޮތްވިއެވެ. ނުބައި ކެއްސުމަކުން އޭނަ ކެއްސަން ފެށި ވަގުތު އޭނަގެ ނޭވާ ކުރުވެ މެއަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ކަންބޮޑުވެގެން ދިޔަ ކާފަ އޭނަގެ ބުރިކަށީގައި މަޑުމަޑުން ފިރުމާލުމުން ކެއްސުން ހުއްޓުނެއްކަމަކު އެ ނުތަނަވަސްކަން އޭނަގެ ހިތުން ފިލައެއް ނުދެއެވެ. ކާފަ ދެންމެ އެ ކޮށްލީ އޭނަ ދުވަހަކުވެސް ހިތަށް ނާރުވާ ޒާތުގެ ސުވާލެކެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވެސް ނުވީ ކީއްވެކަން އެނގުންވުމުން އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“އާނ ކާފާ. ވަރަށް ހިއެއްނުވޭ މާޝާ އެހެން މީހަކާ އިންނާނެ ހެންނެއް. އަހަރެން ކިޔައިދިނީމެއްނު އެންމެ ފަހުން މާޝާއާއި ބައްދަލުވި ދުވަހު މާޝާ ދެއްކި ވާހަކަތައް؟ އޭނަ ބުނީ ތިމަންނަ އިންތިޒާރު ކުރާނަމޭ. މާޝްއަކީ ދޮގު ހަދާ ކުއްޖެއްނޫން.” އައްޒާމް ރަނގަޅަށް ވިސްނޭތޯ މަސައްކަތް ކުރަމުން ކާފަގެ ސުވާލާއިމެދު ހިސާބަކަށް ނުރުހުންވެފައިހުރެ ޖަވާބުދިނެވެ.

 

“ކާފަ ނުބުނަން އިނގޭ އެއީ ދޮގު ހަދާނެ ކުއްޖެކޭ. އެކަމަކު ހަމަ ހިތަށްއެރި ވާހަކައެއްވީމަ ބުނެލީ. ކުރިންވެސް ކާފަ ބުނިގޮތަށް އައްޒާމް މާޝާގެ ބައްޕައާ އެ ވާހަކަ ދައްކާފަ އޮތްނަމަ މި ބިރު މިއަދު ނެތީސް. އެކަމަކު އިން ޝާ ﷲ ބަލަމާ ދޯ އައްޒާމް ތި ބުނިހެން ހުރިހާ ކަމެއް ދާނީ އެންމެ ރަނގަޅަށްކަމަށް؟” ހާޝިމް ހިނިތުންވުމެއް ދައްކާލަމުން ބުނެލިއެވެ. އެ ސުވާލަށް އައްޒާމް ބޯޖަހާލަން ޖެހުނީ ގަދަކަމުން ވެރިކުރުވި ހިނިތުންވުމަކާއެކީގައެވެ. ހިނދުކޮޅަކަށް ނަމަވެސް އެހާރުން އެހާރަށް މާޝާގެ ބައްޕައަށް ގުޅައި އޭނަ އަންނަން އުޅޭ ވާހަކަ އަންގަން ބޭނުންވިއެވެ. އެހެނަސް މާޝާގެ ބައްޕައާއި އެ ޒާތުގެ ވާހަކައެއް ދައްކަން ކުރީއްސުރެވެސް ހިތުގައި އޮތް ޖެހިލުންވުމާއެކު އޭނަ މާޝާއަށް ‘ސަޕްރައިޒް’ ދޭނީއޭ ހިތައި މާޝާގެ ބައްޕައާއި ދައްކަންޖެހޭ ވާހަކަ ވެސް އޭނަ މުލަކަށް ދާ ދުވަހަކަށް ފަސްކޮށްލިއެވެ. އައްޒާމަށް ނޭނގުނު ކަމަކީ އޭނައަށް އެ ނިންމުނު ނިންމުމުގެ ސަބަބުން އޭނަގެ ރޭވުންތަކާއި އެއްގޮތަށް ކަންތައް ނުދާނެކަމެވެ. އެހެނަސް ކަންތައް އޭނަގެ ރޭވުމާއި އިދިކޮޅަށް ދިޔުމުގެ ފަހަތުގައިވެސް އޭނައަށްޓަކައި ފޮރުވިފައިވި ރަޙްމަތެއްވާނެކަމެވެ.

 

އައްޒާމް އޭނަގެ މުސްތަޤްބަލަށްޓަކައި ރޭވުންތައް ރާވަމުން ދިޔައިރު މާޝާވެސް އެފަދަ ހުވަފެންތައް ދެކެމުން އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނައަށް ކަމުދާ ދާއިރާއިން ކިޔެވުމަށް އޭނަ މާލޭގެ ކޮލެޖަކަށް އެޕްލައި ކުރިއެވެ. ކޯހުން ފުރުޞަތު ލިބުމާއެކު މާލޭގައި އުޅޭ އޭނަގެ ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ޢާއިލާ އުޅޭ ގެއަށް އުޅުން ބަދަލުކުރުމަށް މާޝާ ދިޔައީ ތައްޔާރީތަކެއްވަމުންނެވެ. އެ ތައްޔާރީތަކުގެ ތެރޭގައި މަޝްޣޫލުވެގެން ދިޔަ ހިނދު ސިކުނޑީގެ ކަނެއްގައި އައްޒާމްގެ ނަންވެސްވިއެވެ. މަންމަމެން އޭނަ ބޮޑުބޭބެގެ ގެއަށް ފޮނުވާ ވާހަކަ އިވޭ ކޮންމެ ފަހަރަކު އޭނަ އުޅޭނީ އައްޒާމާއި އެކީގައި ނޫންތޯ ހިތަށްއަރައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައްޒާމް ހަމަ ދެންމެ ދެންމެ އޭނަ ބަލާ އައިސްދާނެކަމަށް މާޝާގެ ހިތް ބުނަމުން ދިޔަ ޢަދަދު އިތުރުވަމުން ދިޔައެވެ.

 

އެހެނަސް ކަންތައްވެގެން ދިޔައީ އެ ދެހިތަށްވެސް ސިހުން ގެނުވާ ފަދައަކުންނެވެ. އެ ސިހުމުގެ އަސަރު އެންމެ ފުރަތަމަ ކުރީ އެ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އާދައިގެ މަތިން ކާފަ ކައިރިން ކޮންމެވެސް ސޫރަތެއްގެ ތަފްސީރު އަޑުއަހަން އިން އައްޒާމަށެވެ. ވަކި ހިސާބަކުން ކައިވެންޏާއި ބެހޭ އާޔަތެއް ކާފަ ތަފްޞީލާއިއެކީ ކިޔައިދޭން ފެށުމުން އައްޒާމް އިނީ އެ ވާހަކަތަކަށް ގެއްލިފައެވެ. އެ ވަޢުޟުގެ ތެރެއަށް ގެއްލިފައިވުމުގެ ސަބަބުން ކުއްލިއަކަށް އެޕާޓްމެންޓުގެ ބެލް އަޅުވާލެވުނު އަޑަށް އައްޒާމް ދިޔައީ ސިއްސައިގެންނެވެ. އެއާއެކު އޭނައަށާއި ކާފައަށް އެކުއެކީގައި ހެވުނެވެ.

 

“އެ ވާނީ އިސްމާޢީލުގެ ގޭގަ އުޅޭ ސޮރަށް. މިސްކިތުން ދިމާވީމަ ބުނިން އަންނައްޗޭ އައްޒާމްއާއެކީ ގޭގަ އޮންނަ ދަރުސް އަޑުއަހަން. ބުނީމަ ބުނީ ތިމަންނައަށް ބޭބެ ގެންގުޅޭ ތަފްސީރު ފޮތެއް ދެވިދާނެ ހެއްޔޭ. ކާފަ ބުނިން އާނއެކޭ. އައްޒާމް ނިކަން ކާފަގެ ކޮޓަރިއަށް ގޮސް އެ ފެހިކުލައިގެ ފޮތް ހިފައިގެން ގޮސް އޭނަ އަތަށް ދީބަލަ.” ހާޝިމް ބުނެލިއެވެ. އައްޒާމް އަދަބުވެރިކަމާއެކީ ބޯޖަހާލަމުން ތެދުވެލީ ހިނިތުންވުމަކާއި އެކީގައެވެ. އިސްމާޢީލްބެގެ ދަރިފުޅަކީ ކާފަ މިސްކިތުގައި ބޭއްވި ދަރުސްތަކުގެ ތެރެއިން އޭނަގެ ގާތް އެކުވެރިއަކަށްވެފައިވި ކުއްޖަކަށްވީތީވެއެވެ. އެކުއްޖާގެ ހިތުގައި ﷲ އާއި އެކަލާނގެ ދީނަށްޓަކައިވާ ލޯބި އެނގުންވާތީ އެކުއްޖާގެ ނަން ގަނެވުމުން ވެސް އައްޒާމަށް އުފާވެރިކަމެއް ލިބެއެވެ. އައްޒާމް ހިސާބެއްގެ އަވަސް ފިޔަވަޅުތަކެއްގައި ފޮތް ނަގަން ދިޔައީ ނުހަނު އަވަހަށް އެ އެކުވެރިޔާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް…..

 

**

 

ހާޝިމަށް ޚާއްޞަކުރެވިފައިވާ އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރުމަތީގައި ހުއްޓިގެން ތިބީ އަންހެނަކާއި ފިރިހެނެކެވެ. ފިރިހެންމީހާ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު، ކުރު ޓޮޕަކާއި ބާރު ޖިންސެއްގައި ހުރި އަންހެން މީހާގެ އެ އިސްތަށިގަނޑުގެ އެކި ތަންތާނގައި ގަދަ ދަނބު ކުލައެއް ޖެއްސިފައިވިއެވެ. ދެމީހުންގެ ވެސް އެއްކައިރީގައި ބޮޑެތި ސޫޓްކޭސްވީއިރު ދެމީހުން އައީ ދިގު ދަތުރެއް ކޮށްފައިކަން އެނގެއެވެ. އެމީހުން ބެލް އަޅުވާލިތާ އިރުކޮޅެއްވުމުން ފިރިހެން މީހާ ވާހަކަ ދެއްކިއެވެ.

 

“ރަނގަޅަށްތަ މިކަންތައް ކުރެވެނީ؟” ބެލްގެ ކައިރީގައި ހުރި ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“މީގަ އޮތީ ކޮން ނުބައެއް؟ އަހަރުމެންގެ ދަރި ގޯސް މަގަކުން ދަންޏާ އޭނަ ބުއްދި ޤަބޫލުކުރާ މަގަށް އެޅުވުމަކީ އަހަރުމެންގެ ޒިންމާއެއް! ނުދެކެންތަ އޭނަގެ ޕްރޮފައިލްތަކުގަ ޝެއާރކޮށްފަ ހުރި ޕޯސްޓްތައް؟ ބޯހަލާކު!” އަންހެން މީހާ ރުޅިވެރިކަމާއެކީ ބުނެލިއެވެ.

 

“އަހަރެން މި ދައްކަނީ އަހަރުމެން އޭނައާ ދޭތެރޭ ކުރި ކަންތަކަށްފަހު….” ފިރިހެން މީހާ ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“ފޯ ދަ ލާސްޓް ޓައިމް! ވެދިޔަ ކަމެއް ވެ ނިމިއްޖެ. ކާކު އެހާ ދުރު މާޒީއެއްގެ މަތިން ހަނދާން ހުންނާނީ؟ އޭނައަށް ވެސް މިއަދު އެ ވަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފަ. އިތުރަށް އެދުވަސްތަކުގެ މަތިން ހަނދާންކުރުމުގެ ބޭނުމެއް އޭނައަށް ވެސް އަދި އަހަރުމެންނަކަށް ވެސް ނެތް. އެހެންނޫނަސް އަހަރުމެންގެ އަތުގަ ހުރި ފައިސާއާ ބާރު ފެނިފަ ކާކު ނުހެއްލޭނީ؟” އަންހެން މީހާ އެހާވަރަށް ވިސްނައިދީފައި ފަހު ސުވާލު ކުރުމުން ވެސް ފިރިހެން މީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނުމުން އަންހެން މީހާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ހަމަ ގައިމުވެސް އެ އަންހެނާއަށް މީހުންގެ ވިސްނުން ބަދަލުކުރެވެންޏާ އަހަރުމެންނަށް ވެސް އެކަން ކުރެވޭނެ. އަދި އެކަން ކުރަމު! ދެން ކާމިޔާބު ލިބެން އޮތީ ހަމަ އަހަރުމެންނަށް. އޭނައަށް ދެން މާ ގިނަދުވަހު އެ މުސްލިމާއެކޭ ކިޔައިގެން ނުއުޅެވޭނެ. ސޫންއަށް އެނގިއްޖެ އޭނަ ހުރިތަނެއް. ސޫންއަށް އޭނަ ހިފަހައްޓާލެވޭއިރަށް އަހަރެން ބޭނުން އައްޒާމްވެސް މުށުތެރެއަށް ލާން. އޭގެ ފަހުން ސޫންއަށް ދެރަ ދިން އެ މިރްޒާންއަށް ހަދާނެ ގޮތަކާމެދު ވިސްނާނީ. މި ކަންތައް ނުކޮށް މަށަށް ހަމަ ނޭވައެއް ނުލެވޭނެ!” އަންހެން މީހާ ރުޅިވެރި ރާގަކަށް އެހެން ބުނެލި އަޑަށް ފިރިހެން މީހާ އޭނައަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިނދު އަންހެން މީހާ އަނެއްކާވެސް ބެލް އަޅުވާލަން އެދުމުން ފިރިހެން މީހާ ވަކި ދެކޮޅު ހެދުމެއްނެތި އެގޮތަށް ހެދިއެވެ.

 

**

 

ދެވަނަ ފަހަރަށް ބެލްގެ އަޑު އިވިގެން ދިޔުމުން ހާޝިމަށް ދޮރާއި ދިމާލަށް ބަލާލަމުން އައްޒާމަށް ގޮވާލެވުނެވެ. އައްޒާމް ލައްބައޭ ކިޔައި މި އަންނަނީއޭ ބުނިތާ މާގިނައިރެއްނުވެ އޭނަ ސިޓިންގް ރޫމުން ފެނިގެން ދިޔައެވެ. އެކުވެރިޔާ ދެކިލާހިތުން އައްޒާމް އެޕާޓްމެންޓްގެ މައިދޮރާއި ދިމާލަށް ދިޔައީ ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ގޮސް ދޮރު ހުޅުވާލީ ވެސް އެ ހިނިތުންވުމުގައި ހުރެއެވެ. އެހެނަސް ދޮރު މަތީގައި ތިބި ބަޔަކު ފެނިގެން ދިޔުމުން އިސާހިތަކު އެ ހިނިތުންވުން ފިލައި ދެލޯ ބޮޑުވިއެވެ. އަތުން ވާގި ދޫވާން އުޅުނުހެން ހީވި ހީވުމުގައި އެއްއަތުން ހިފައިގެން އައި ފޮތުން ދޫނުވީ ވެސް ކިރިޔާއެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ކުރިމަތިން ފެންނަމުން ދިޔަ މީހުންނަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އައްޒާމަށް ނުކުރެވުނެވެ.

 

“ކޮން ބައެއްތަ ދަރިފުޅު؟” މައިދޮރު މަތީގައި ތިބި މީހުން ނުފެނުނު ހާޝިމަށް އަހާލެވުނެވެ. އައްޒާމް އޭނަގެ ސުވާލަށް ޖަވާބު ނުދިން ތާނގައި އޭނައަށް ބަލާވެސް ނުލުމުން ހާޝިމް ކަންބޮޑުވިއެވެ. އޭނަ ވަގުތުން ކޮޅަށް ތެދުވެލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އައްޒާމްގެ ފުރަގަހުގައި ހުއްޓިލިއެވެ. އެއާއެކު އޭނަގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ.

 

“އާޝިޔާ!” ހާޝިމަށް ލިބުނު ޙައިރާންކަމާއި އެއްވި ޖަޒުބާތުތަކެއްގެ ތެރޭގައި ކިޔާލެވުނެވެ. އެއާއެކު އޭނަގެ ކުރިމަތީގައި ހުރި އާޝިޔާގެ މޫނުމައްޗަށް އެއްމިޔަކަނުގެ ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޒަމީން އައްޒާމަށް ބަލާލަމުން ހިނިތުންވެލީ ގޮތުން އޭނަ އައީ އެއްވެސް ނުބައި ކަމަކުހެން ހިއެއްނުވެއެވެ.

 

“ސަޕްރައިޒް، ބައްޕާ! އުފާނުވޭތަ އަހަރެން އަނބުރާ އައިމަ؟” އާޝިޔާ ވަކި އިޒުނައެއްވެސް ނެތި އޭނަގެ ދަބަހާއެކީ އެތެރެއަށް ވަންނަމުން އެހިއެވެ. އައްޒާމާއި ހާޝިމް ބުނާނެ ވަކި އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ތިބީ ލިބިފައިވި ޝޮކެއްގެ ބޮޑުކަމުންނެވެ. އާޝިޔާ ޒަމީން ކައިރީގައި ވެސް އެތެރެއަށް ވަންނަން އެންގުމުން ހަމަ ހޭވެރިކަމެއް ލިބުނު ޒަމީން އެއްފަހަރު އާޝިޔާއަށް އަނެއްފަހަރު އައްޒާމަށް ބަލާލިއެވެ. އެއަށްފަހު އޭނައަށް ދެންވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނިތުންވުން ފެނުނު އައްޒާމަށް އޭގެ މާނަ ނަގަންވީ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެއީ އޭނައަށް އެތައް އަނިޔާތަކެއް ކުރި ބައްޕައެވެ. އެތައް ދުވަހެއްގެ މަތިން ސަބަބަކާނުލާ އޭނަ ރޮއްވައި އޭނަ ފަޟީޙަތްކުރި ބައްޕައެވެ. ބައްޕަގެ އެ ސޫރަ ފެނުމުން ވެސް އައްޒާމްގެ ހަނދާނަށް އަންނަމުން ދިޔައީ އެ ރުޅިވެރި މޫނެވެ. އެ ގަތް ވޭންތަކެވެ. އެ ނުތަނަވަސް އިޙްސާސްތަކެވެ. އައިސްފައިވި ރުޅިއާއި އެކީގައި ވެސް އެއްޗެކޭ ނުބުނެވުނު ހިނދު މޫނަށް ވެސް ބަދަލެއް ގެންނަން އައްޒާމް ނުކުޅެދުނީ އެ އިޙްސާސްތަކުގެ ސަބަބުންނެވެ. އޭނަގެ މަންމައާއި ބައްޕަ ގޮސް އެޕާޓްމެންޓުގެ ސޯފާގައި އަރާމުކޮށް ޖައްސާލިއެވެ. އެ ހިނދު ހާޝިމް އުދަގޫ ފިޔަވަޅުތަކެއްގައި ސޯފާތަކުގެ ކައިރިއަށް ދިޔައީ އޭނަގެ ދޮށީ ދަރިފުޅާއި ވާހަކަ ދައްކަން ބޭނުންވެފައިވި މިންވަރުންނެވެ. އެ ދަރިފުޅަށް ހިދާޔަތް ދައްކަވައި އެ ދަރިފުޅު އަނބުރާ އޭނަ ގާތަށް ފޮނުއްވުމަށް އެދި ދުޢާ ކުރެވުނު ޢަދަދެއް ވެސް ހާޝިމަކަށް ނޭނގެއެވެ. މިވަގުތު އާޝިޔާ ބޭރުފުށުން ކޮންމެ ގޮތަކަށް ފެންނަމުން ދިޔަޔަސް އޭނަގެ ވިސްނުން ބަދަލުވެފައި ވެދާނެކަމަށް ބުނެ ހާޝިމްގެ ސިކުނޑި ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. ފުރަތަމަ ސިކުންތުގައި އާޝިޔާއާއި ދިމާލަށް އެއްޗެހި ގޮވައިގަންނަން އުޅެފައިވެސް އެހެން ނެހެދުނީ އެހެންވެއެވެ. އެހެނަސް ހާޝިމް ގޮސް އާޝިޔާ ފެންނަ ހިސާބަށް ދިޔަތަނާހެން އާޝިޔާ ދެއްކި ވާހަކައިން ހާޝިމްގެ ހިތް ކުދިކުދިވިއެވެ.

 

“އޭ މުސްކުޅި ބޭބޭ އަހަރުމެންނަށް ދޭން ފެން ތަށްޓެއް ގެނެސްދީބަލަ!” އާޝިޔާ އެހެން ބުނެލީ ސޯފާއަށް ލެނގިގެން އިނދެ އެތާ ހުރި މޭޒުމައްޗަށް ދެފައި އަރުވަމުން ހާޝިމަށް ބަލާލުމެއްވެސް ނެތިއެވެ. އެ ބަސްތައް އިވިފައި ދުރުގައި ހުރި އައްޒާމްގެ ގޮށްމުއްކެވުނެވެ. ކާފަގެ ދެރަވެގެން ދިޔަ މޫނު ފެނިފައި އޭނަގެ ހިތުގައި މަންމައާއި ބައްޕައަށްޓަކައި އޮތް ނަފްރަތު ހޭލިއެވެ. އެއާއެކު އައްޒާމް ދިގު ފިޔަވަޅުތަކެއްގައި އެދެމީހުންގެ މޫނު ފެންނާނެ ހިސާބަށް ގޮސް މަޑުކޮށްލިއެވެ. ހަޅޭއްލަވައިގަނެވެން އުޅުނެއްކަމަކު އާޔަތެއްގެ މަތިން ހަނދާންވެފައި އައްޒާމް ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.

 

“އެއީ މިގޭގެ މަސައްކަތު މީހެއްނޫން. އެއީ މިގޭގެ ވެރިމީހާ. ތި ބޭފުޅުން ބޭނުމިއްޔާ ބަދިގެއިން ފެންފުޅިއެއް ނެގުން އެދެން.” އައްޒާމް ވެސް އޭނަގެ ވާހަކައިން އެ މަންމައާއި ބައްޕަ ދުރުކޮށްލީ ގޮތުން މަންމަގެ މޫނުމައްޗަށް ވެރިވީ ނުރުހުންތެރިކަން ވިޔަސް ބައްޕައަށްވީ ކާފައަށް ދެންމެ ވީ ކަހަލަ ގޮތެކެވެ. އެކަމާމެދު ވިސްނެން ފެށި އައްޒާމަށް ކަމެއް ފާހަގަވީ އެވަގުތެވެ. އޭނަގެ މަންމަ ފައި އަރުވައިގެން އިން މޭޒުމަތީގައި ޚަތިމެއްވިއެވެ. އެ މަންޒަރު ފެނިފައި އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“ތި މޭޒުމަތިން ފައިތިރި ކޮށްލުން އެދެން. ޚަތިމެއް އެބައޮތް އެތާ.” އައްޒާމް އެކަމާމެދު އައި ރުޅީގައި އެހެން ބުނެވުނީ ހިސާބެއްގެ ރުޅިވެރިކަމާއި އެކީގައެވެ. އާޝިޔާ އެ ވާހަކަ އިވިފައި އެ ޚަތިމަށް ބަލާލިއެވެ.

 

“ނުބޭލިއްޔާ ކީއްކުރާނީ؟” އާޝިޔާ ކިބުރުވެރިކަމާއެކީ ސުވާލުކުރިއެވެ. އެ ހިނދު އައްޒާމާއި ހާޝިމްގެ މޫނުމަތިން ވެސް ފާޅުވީ ބިރުވެރިކަމާއި ރުޅިވެރިކަން އެކުލެވިގެންވި އަސަރެކެވެ. ދެމީހުންނަށް އެކީގައި ވާހަކަ ދެކެވެން އުޅުނެއްކަމަކު އެންމެ ފުރަތަމަ އެއްޗެކޭ ބުނެވުނީ އައްޒާމަށެވެ.

 

“ﷲ އަށް ބިރުވެތިނުވަނީތަ؟” އައްޒާމަށް ޙައިރާންކަމާއެކީ އެހެން އަހާލެވުނީ އޭނަގެ މަންމައާއި ބައްޕައަކީ ދީނާއި ކިހާ ދުރު ބައެއްކަން އޭނައަށް އެނގިފައިނުވުމުންނެވެ. މަންމަ އޭނަ ކުރި ސުވާލަށް ހޭންފެށުމުން އިތުރަށް ޙައިރާންވީ އެހެންވެއެވެ. އޭނަ ބަލަބަލާހުއްޓާ މަންމަ ސޯފާއިން ތެދުވެ އޭނަ ކައިރިއަށް އަންނަން ފެށިއެވެ.

 

“މި މުސްކުޅި މީހާ ޒާމްވެސް ރަނގަޅަށް ވާ ވައްދައިފިދޯ؟ އެހެންވެގެންނޭ ޒާމްގެ މަންމަ ކުރީގަ ވެސް ޒާމްއަށް ގުޅާފަ ބުނަމުން ދިޔައީ މަންމަމެން ކައިރިއަށް އަންނާށޭ. ޒާމްއަށް ހެޔޮއެދޭ ޒާމްދެކެ ޙަޤީޤަތުގަ ލޯބިވާ ބަޔަކީ މިއީ. އަދިވެސް ލަހެއްނުވޭ. ޒާމް ބޭނުމިއްޔާ މިހަފްތާ ތެރޭގަވެސް ވެސް މަންމަމެންނާއެކީ ޒާމް ގެންގޮސްފާނަ…” އާޝިޔާ ނުހަނު އަސަރާއެކީ ވާހަކަ ދައްކަމުން ގޮސް އައްޒާމްގެ ކޮނޑުގައި ހިފަހައްޓާލި ވަގުތު ރުޅިން ރަތްވި ހާޝިމް އަޑު އުފުލިއެވެ.

 

“ޚަބަރުދާރު ކަލޭމެން އައްޒާމް އެއްވެސް ތަނަކަށް ގެންދިޔައިއްޔާ! ލަދެއް ނުގަނޭތަ ތިހެން ތިބެގެން އައިސް ވާހަކަ ދައްކާއިރު؟! އެކުއްޖާ ކަލޭމެންނަށް އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފަ މިއަދު ވަކި އޭނަ ކައިރިއަށް ތިއައީ ލޯބިވެގެންނެއްނޫން. ކަލޭމެން ތިއައީ ކަލޭމެންގެ އަމިއްލަ އެދުމެއް ފުއްދަން. އެކަމަކު ﷲ ގެ އިރާދަފުޅުން އައްޒާމް ކަލޭމެންގެ އެދުމަކަށް އިޖާބައެއް ނުދޭނެ. ﷲ ގެ ރަޙްމަތުން އައްޒާމަކީ ކަލޭމެން ކަހަލަ ނުވިސްނޭ މީހަކަށް ނުވި!” ހާޝިމް މިއިން ކައިރި ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ވެސް އާޝިޔާއަށް މާ ބޮޑު ކަމަކަށް ވީހެނެއް ހިއެއްނުވެއެވެ.

 

“ތެދެއްތަ ޒާމް؟ ކޮންކަހަލަ ވާހަކައެއްދޯ އޭނަ އެދައްކަނީ؟ ނުފެންނަ ކަންތަކުގެ ވާހަކަ ދައްކާ މީހެއް. ދުވަސްކޮޅަކުން ސިކުނޑި ގޯސްވެދާނެ އޭނައާއެކީ އުޅެންޏާ. ޙަރާމޭ ކިޔާފަ އޭނަ ޒާމް މަޙްރޫމްކުރަނީ ކިތައް ކަމަކުން ކަމެއްވެސް މަންމައަކަށް ނޭނގޭ. ޔޫ ޑިޒާވް ބެޓާރ! ތިކަހަލަ ސްމާޓް އަދި ހޭންޑްސަމް ކުއްޖަކަށް މި ދުނިޔެމަތިން ނުލިބޭނެ ކަމެއްނެތް. ފައިސާ ބޭނުމިއްޔާ އެކޮޅަށް ގޮސް ހުސްނުވާވަރަށް ފައިސާ ލިބޭނެ ގޮތް މަންމަމެން ހަމަޖައްސަ ދޭނަން. އެ ފައިސާއިން ޒާމް ބޭނުން ވައްތަރެއްގެ ކާރެއް ގަނެގެން ބޭނުން ޒާތުގެ ތަންތަނަށް ގޮސް ބޭނުން ކަހަލަ ބުއިންތަކެއް ބޮވޭނެ. އެއްވެސް މީހަކު ޒާމް ނުހުއްޓުވާނެ. އަދި އެތާ ތިބޭނެ މިތާ ތިބޭ އަންހެން ކުދިންނަށްވުރެ މާ ރީތިވެފަ ހޮޓް ކުދިން. އެތަނަށް ގޮސް އޭގެއިން އައްޒާމް އެދޭ ކުއްޖަކާ އިނަސް ހެޔޮ. އަދި އިންނަން ބޭނުމެއްނޫނިއްޔާ އައްޒާމާއެކީ ރޭތައް ހޭދަކުރަން ބޭނުންވާ ކުދިން ގެއަށް ގެނަޔަސް މަންމަމެން މައްސަލައެއް ނުޖައްސާނަން. ހިނގާ އަވަހަށް މަންމަމެންނާ އެކީ!” އާޝިޔާ ޒުވާން ފިރިހެން ކުއްޖެއްގެ ހުރިހާ އެދުމެއް އެކުލެވޭ ފަދައަކުން އޭނަގެ ވާހަކަ އަތުރާލީ އައްޒާމް ބަލިކަށި ކުރުވުމުގެ ނިޔަތުގައެވެ. އެކަން އެނގުންވި ހާޝިމަށް އައްޒާމަށް ބަލާލެވުނީ ހިސާބަކަށް ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ޒަމީން ވެސް ސޯފާގައި އައްޒާމަށް ބަލަހައްޓައިގެން އިނީ އައްޒާމް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދައަކުންނެވެ. އައްޒާމް އެ ވާހަކަތައް އަޑުއަހަން އޭނަގެ މަންމައަށް ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައިވި ދެލޮލާއި އެކީގައެވެ. އޭނަގެ އިޙްސާސްތައް ދޭހަކުރަން އެއްވެސް މީހަކަށް ނުކުޅެދިފައިވަނިކޮށް އޭނަ ވާހަކަ ދެއްކިއެވެ.

 

“ތި ނިމުނީތަ…..މަންމާ؟” އައްޒާމް އިވޭ ނުއިވޭ އަޑަކުން ސުވާލުކުރިއެވެ. އެއާއެކު އޮޅުންއެރި އާޝިޔާގެ ނިތަށް ރޫގިނަވިއެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު އައްޒާމް ޖަވާބު ދޭން ފެށިއެވެ.

 

“މަންމަ ތި ނަންގަތީ މަންމަ މި ފަނާކުރަނިވި ދުނިޔެއިން އަހަންނަށް ހޯދައިދޭނެ ނިޢުމަތްތަކެއް ކަމަށްވަންޏާ އެއަށްވުރެ ފުރިހަމައަށް ﷲ އާޚިރަތުގައި އަހަންނަށް ތި ނިޢުމަތްތައް ދެއްވާނެ. އެއީ އަހަރެން އެކަލާނގެ ރުހިވޮޑިގެންވާފަދަ ގޮތަކަށް އުޅެފިނަމަ. އަހަރެން އެކަލާނގެ ވަޢުދުފުޅުތަކާމެދު އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އަދި ޙަޤީޤަތް އެނގުމަށްފަހު ދުވަހަކުވެސް އެ ޙަޤީޤަތަށް ލޯ މަރާލާ މީހުންގެ ތެރެއިން ވާކަށް ވެސް ބޭނުމެއްނޫން. އަހަންނަށް ހުރިހާ ކަމަކަށްވުރެ ވެސް މުހިއްމީ ﷲ ގެ ރުހިވޮޑިގަތުން. އެ ރުހިވޮޑިގަތުމަށް ފަސްދީފައި ތީގެއިން އެއްވެސް ކަމެއްގެ ފަހަތުން ގޮސްފިނަމަ އަހަންނަށްވުރެ ބޮޑު ބަދުނަސީބުވެރިއެއް ނުހުންނާނެ….” އައްޒާމް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އޭނަ ޝުޢޫރުތައް ފާޅުކުރުމުން އާޝިޔާގެ ދެލޯ ބޮޑުވެ އޭނަގެ އަނގަ ސަކަރާތްވީ އިރު ދުރުގައި ހުރި ހާޝިމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ. ޒަމީންވެސް އިނީ އައްޒާމް ބުނި އެއްޗަކާމެދު ފަޚުރުވެރިވާ ފަދައަކުންނެވެ. އާޝިޔާ އިތުރު އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ ދުވަސްކޮޅަކުން އެކަލާނގެ ރުހިވޮޑިގެންވާފަދަ ކުއްޖަކާއެކީ އެންމެ ފުރިހަމަ ގޮތުގަ ދިރިއުޅުމެއްވެސް ފަށަން މިއުޅެނީ.” އައްޒާމް އެ ހުރިހާ ވާހަކަތައް ދެއްކީ ހިތުގެ އަޑިން އެ ހުރިހާ ކަމަކަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އައްޒާމް ބުނެލި ފަހު ވާހަކައާއެކީ އާޝިޔާ ދެލޯ ހަނިކޮށްލިއެވެ.

 

ނުނިމޭ

The post Hadhiya (Part 32) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-32/feed/ 0 1342
Hadhiya (Part 31) https://blog.storiesbyjana.com/hadhiya-part-31/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-31 https://blog.storiesbyjana.com/hadhiya-part-31/#respond Sun, 02 May 2021 15:22:52 +0000 https://blog.storiesbyjana.com/hadhiya-part-30-copy/

“ހުރިހާ އައިޓީ މީހުންގެ ތެރެއިން ވެސް އައްޒާމް މި ޚިޔާރުކުރީ އައްޒާމް މި ކަންތަކަށް ކިހާ ޤާބިލުކަން އެނގޭތީ…..އަދި އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދެވޭނެ މީހަކީ ވެސް އައްޒާމްކަން އެނގޭތީ.” އެ އަންހެން މީހާ ދެއްކި ވާހަކައިގެ ޒާތުން އައްޒާމްގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ހެކަރުންގެ ކިބައިން ސައިޓް ސަލާމަތް ކޮށްދެވުނަސް އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ އޮޅުމެއްގެ ތެރޭގައިވި އަންހެނެކޭ ހިތައި އައްޒާމަށް ވާހަކަ ދެކެވުނެވެ.   “އަމް…އަޅުގަނޑަކަށް […]

The post Hadhiya (Part 31) appeared first on Stories by Jana.

]]>

“ހުރިހާ އައިޓީ މީހުންގެ ތެރެއިން ވެސް އައްޒާމް މި ޚިޔާރުކުރީ އައްޒާމް މި ކަންތަކަށް ކިހާ ޤާބިލުކަން އެނގޭތީ…..އަދި އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދެވޭނެ މީހަކީ ވެސް އައްޒާމްކަން އެނގޭތީ.” އެ އަންހެން މީހާ ދެއްކި ވާހަކައިގެ ޒާތުން އައްޒާމްގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ހެކަރުންގެ ކިބައިން ސައިޓް ސަލާމަތް ކޮށްދެވުނަސް އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ އޮޅުމެއްގެ ތެރޭގައިވި އަންހެނެކޭ ހިތައި އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“އަމް…އަޅުގަނޑަކަށް އެ ހެކަރުންނަކާއި ވާހަކައެއް ނުދެއްކޭނެ. އެކަމަކު އިން ޝާ ﷲ ސައިޓް ރަނގަޅު ކޮށްދޭން ކުރެވެން އޮތްހާ ކަމެއް ކުރާނަން. ސައިޓްގެ ލިންކާއި ސައިޓް އެކްސެސްކުރަން ބޭނުންވާނެ މަޢުލޫމާތު ވައިބާރއިން މި ނަންބަރަށް ފޮނުވާލަދިނުން އެދެން.” އައްޒާމް އަދަބުވެރިކަމާއެކީ ބުނެލިއެވެ.

 

“އާދެ ފޮނުވާނަން. އެކަމަކު ބުނެލަން ބޭނުންވަނީ ވަރަށް އަވަހަށް މިކަމުގެ ފަހަތުގަ ތިބި މީހުން އައްޒާމްގެ ކައިރިއަށް ދާނެއޭ. ދިޔައިމަ އައްޒާމްވާނެ ސާބިތު ހިތަކާއެކީ ޙައްޤު ބަސް ބުނަން. މިއީ އައްޒާމްގެ ބޮޑު ދައްތައަކު ދިން ނަޞޭޙަތެއްގެ ގޮތުގަ ބަލައިގަތުން އެދެން.” އެކޮޅުން ދެއްކި ވާހަކައިން އައްޒާމް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު އެއްޗެކޭ ބުނަން އުޅުނު ތަނާހެން މަޢުލޫމާތު އެބަ ފޮނުވަމޭ ބުނެ އެ އަންހެން މީހާ ފޯނު ކަނޑާލިއެވެ. އެއާއެކު ކުޑަ ސިހުމެއް ލިބުނު އައްޒާމް އޭނަގެ ފޯނު ކަންފަތުން ދުރުކޮށްލަމުން ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެހިނދު ޑޭޓާ އޮންކޮށްލެވިފައިވުމުން އޭނައަށް އައި ވައިބާރ މެސެޖާއިއެކީ ފޯނު ވައިބްރޭޓްވިއެވެ. އެ ވާނީ އެ އަންހެން މީހާގެ މެސެޖަކަށްކަން ޔަޤީން ކުރަމުން އައްޒާމް ވައިބާރ ހުޅުވާލިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އޭނައަށް މެސެޖުތަކެއް އައިސްފައިވީ ހަމަ އެ ދިގު ނަންބަރުންނެވެ. ނަމަކަށް ޖަހާލެވިފައިވީ ކުޑަ ހުދުކުލައިގެ ދޫންޏެއްގެ ފޮޓޯއެކެވެ. ސައިޓްގެ ނަމާއި ސައިޓްގެ އެޑްމިންއަށް ލޮގް އިން ކުރެވޭ ޔޫޒާރ ނޭމްގައާއި ޕާސްވޯޑްގައިވެސް ޖެހިފައިވީ ‘މުސްލިމާ’ އޭ ލިޔެވިފައިވި ގޮތުން އެ އަންހެން މީހާ އޭނަގެ ޝަޚްޞިއްޔަތު ފޮރުވަން މަސައްކަތް ކޮށްފައިވި މިންވަރު އައްޒާމަށް ފާހަގަވިއެވެ. އަންހެން މީހާގެ ވައިބާރ ފޮޓޯއަކަށް ލެވިފައިވި ފޮޓޯ އޭނައަށް ފާހަގަވީ އެހިނދެވެ. އެއީ 4 އަހަރަށްދާނެ ފިރިހެން ކުއްޖެއްގެ ފޮޓޯއެކެވެ. އޭނައަށް އެ ފޮޓޯއަށް ފިތާލެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑުކޮށް ފެނިގެން ދިޔަ ފޮޓޯގައި ޕާކެއްގެ ތެރޭގައި ހިނިތުންވެ ހުރި ފިރިހެން ކުއްޖާ ފެނިފައި އެކުއްޖާ އޭނަ ދަންނަ މީހަކާއި ވައްތަރު ކަމަށް އައްޒާމްގެ ސިކުނޑި ބުންޏެވެ. އެހެނަސް އެއީ ކާކުކަން ހަނދާންކުރަން އުޅެއުޅެ އޭނައަށް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނަ ވިސްނުމެއްގެ ތެރޭގައި ހުރެ އިސްއުފުލާލި ވަގުތު އޭނަގެ ކުރިމަތީގައި ހުރި ހަރުގަނޑު ތެރެއިން އެއްޗެއް ބަލަން ހުރި މީހަކު ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އޭނަގެ ކުރިމަތިން ފެނުނީ އޭނަގެ ގާތް އެކުވެރިޔާ ހަސަން ނޫން ދެވަނަ މީހެއްނޫނެވެ. އެއާއެކު ކުއްލިއަކަށް ވީ އުފަލާއެކީ ހަސަންގެ ގާތަށް ދާން އުޅުނު ވަގުތު އޭނައަށް ނަގައިވުމުން އޭނައަށް ވިސްނެން ފެށިއެވެ.. އޭނައަށް ދެންމެ ފޮޓޯއިން ފެނުނު ކުއްޖާ ފެނިފައި ހަނދާންވީ ހަސަން ނޫން މީހަކު ނޫންކަން އެނގުނު ވަގުތު އައްޒާމަށް އެއްފަހަރު އެ ފޮޓޯއަށް އަނެއްފަހަރު ހަސަނަށް ބެލެމުން ދިޔައެވެ. އެކުއްޖާގެ އަލިމޫނާއި ކަޅު ފަން އިސްތަށިގަނޑާއި ހަސަންގެ ހުރި އެ ސިފަތަކާއި ވަތްކެއްވެސް ނުވެއެވެ. ހަމަ އެއާއެކު އައްޒާމަށް ވިސްނެން ފެށިއެވެ. އެ އަންހެން މީހާއަކީ ހަސަންގެ މަންމައަށް ވެދާނެތޯއޭ އައްޒާމްގެ ހިތް ސުވާލު ކުރިތަނާހެން އޭނައަށް ކެތްމަދުވެގެން ދިޔަ ހިތަކާއެކީ ‘ހަސަން’ އޭ ކިޔައި ގޮވާލަމުން އޭނަގެ ގާތަށް ދެވެން ފެށިއެވެ.

 

**

 

އައްޒާމްގެ އަޑަށް ހަރުގަނޑު ކައިރީގައި ހުއްޓިހުރި މުޙްސިނަށް އެ ދިމާލަށް ބަލާލެވުނެވެ. އޭނައާއި ދިމާލަށް އަންނަމުން ދިޔަ އައްޒާމް ފެނިފައި އެއްވެގެން ދިޔަ ޖަޒުބާތުތައް އޭނަގެ ހިތަށްވެރިވިއެވެ. އައްޒާމަކީ އޭނައާއި ދެބެއިންގެ ދެދަރި ކުއްޖެއްކަން ނޭނގިވެސް އޭނަގެ ގާތް އެކުވެރިޔަކަށް ވެފައިވި ފަރާތެކެވެ. މުޙްސިނަށް އެ ޙަޤީޤަތް އެނގުނީ އެދެމެދުގައި އެކުވެރިކަން ވަރުގަދަ ވެފައިވަނިކޮށެވެ. އައްޒާމްގެ ކާފަގެ ކޮޓަރިން އޭނައަށް ފެނުނު ފޮޓޯއަކުންނެވެ. އެ ފޮޓޯގައިވަނީ އޭނަގެ މަންމައާއި އައްޒާމްގެ މަންމަގެ ފޮޓޯއެކެވެ. އެ މަންޒަރު ފެނުނު ހިނދުވެސް މުޙްސިންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ފޮޓޯގައި މަންމަގެ ކައިރީގައި ހުއްޓިހުރީ މަންމައަށް ކިތައް އަނިޔާއެއްކުރި މީހެއްކަން އެނގުންވުމުންނެވެ. ހަމަ އެ ހިނދު އައްޒާމަކީ އެ އަންހެން މީހާގެ ދަރިފުޅުކަން އެނގުނު ހިނދު އުފާވީ ވަގުތު ދެރަވެސްވިއެވެ. އުފާވީ އޭނައާއި އައްޒާމްގެ ދެމެދުގައި އެހާ ގާތްގުޅުމެއް އޮންނަކަން އެނގުމުންނެވެ. ދެރަވީ އައްޒާމް އެފަދަ އަނިޔާވެރި މީހެއްގެ ދަރިއަކަށްވުމުންނެވެ. މުޙްސިން އައްޒާމާއި ހާޝިމް ދޫކޮށްފައި ދިޔައީ އޭނަ އައްޒާމާއި އެކީގައި އުޅޭކަމުގެ ހިލަމެއްވެސް އެމީހުންނަށް ވެއްޖެނަމަ އެމީހުން އެކަމުގެ ފައިދާ ނަގާނެކަން އެނގޭތީވެއެވެ. މި ވާހަކަ އައްޒާމާއި ޙިއްސާކުރުމުން އައްޒާމް އޭނައަށް އިތުބާރު ކުރާނެކަން ޔަޤީނެއް ނުވީތީ އައްޒާމާއި ވަކިވާން މަޖުބޫރުވީއެވެ. އައްޒާމްވެސް އޭނަގެ މަންމަދެކެ ނުހަނު ލޯބިވާނެކަމަށް ހީކުރެވިފައި އޮތުމުންނެވެ.

 

ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ޚިޔާލެއް މުޙްސިންގެ ސިކުނޑިއަށް ވެރިވެ ހުއްޓުމަކަށް އައި ވަގުތު އައްޒާމް އައިސް އުޖާލާވި ހިނިތުންވުމަކާއެކީ އޭނަގެ ގައިގައި ބައްދާލަން އަތް ހިއްލާލިއެވެ. އެ ހިނދު މުޙްސިން ވެސް އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފަތުރާލަމުން އޭނަގެ ބޮޑު ‘ބޭބެ’ ގެ ގައިގައި ބައްދާލިއެވެ. އެ ހިނދު މުޙްސިނަށް ލޯތްބާއި ރައްކާތެރިކަން އިޙްސާސް ކުރެވުނެވެ. ކޮންމެ ޙާލެއްގައި ވެސް އައްޒާމް އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެހެނަސް އައްޒާމް އޭނައާއި ދުރުވެލީ ވަގުތުވެސް ހިތުގެ ކަނެއްގައި ނުތަނަވަސްކަމެއްވިއެވެ.

 

“ސޯ ހެޕީ ޓު ސީ ޔޫ ބްރޯ! ކޮންތާކު އުޅެފަތަ ތިއައީ؟ ހާދަ މިސްއެއްވިއޭ!” އައްޒާމް ހަމަ އެ ހިނިތުންވުމުގައި ހުރެ ވާހަކަ ދެއްކިއެވެ.

 

“ހެހެ….މާ ދުރަކަށް ނުދަން. އައްޑޫއަށް ދިޔައީ….ހައު އާރ ޔޫ؟” މުޙްސިން އެހިއެވެ. އެ ހިނދު ލިބިފައިވި އުފާވެރިކަމެއްގެ ސަބަބުން އައްޒާމް އޭނައަށް ދެންމެ ފެނުނު ފޮޓޯގެ މަތިން ހަނދާން ނެތިފައިވިއެވެ.

 

“އަލްޙަމްދުލި ﷲ! އަމިއްލައަށް ކިހިނެއްތަ؟ ކާކާ އެކީ މިހާރު ތިއުޅެނީ؟” އައްޒާމް ސުވާލުކުރިއެވެ.

 

“ހަމަ ރަނގަޅު އަލްޙަމްދުލި ﷲ! މިހާރު މިއުޅެނީ….ބައްޕައާއެކީ.” މުޙްސިން އިތުރަށް ދޮގު ހަދަން ބޭނުމެއް ނުވެފައިހުރެ ބުނެލިއެވެ.

 

“ރިއަލީ؟ ދެޓްސް ގްރޭޓް މާ ޝާ ﷲ!” އައްޒާމް އެހެން ބުނެލީ ޙަޤީޤަތުގައި ވެސް އޭނަގެ އެކުވެރިޔާއަށްޓަކައި އުފާވެފައިހުރިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އޭނަގެ އެކުވެރިޔާގެ ޢާއިލާއެއް އެބައޮތްކަން އެނގުންވުމުން އައްޒާމަށް ހިތާހިތުން ޙަމްދުކުރެވުނެވެ. ހަމަ އެއާއެކު ދެންމެ އޭނައަށް ފެނުނީ ހަސަންގެ ފޮޓޯއެއް ނޫންކަން އޭނައަށް ނޭނގި އޭނަގެ ސިކުނޑި ޔަޤީންކުރިއެވެ. މިއުޅެނީ ބައްޕައާއެކީގައޭ ބުނުމުން އައްޒާމަށް ނިންމުނީ ހަސަންގެ މަންމަ ނިޔާވެފައިވީ ކަމަށެވެ. ވިސްނުމެއްގެ ތެރޭގައި އައްޒާމް ވަނިކޮށް އޭނައަށް އައި ބަދަލެއް ފާހަގަކުރެވުނު މުޙްސިނަށް ވާހަކަ ދެކެވުނެވެ.

 

“ޒާމް ވެސް މިހާރު ހާދަ މާ ޝާ ﷲ އިން ޝާ ﷲ ވެގެންނޭ ތިއުޅެނީދޯ؟ ކޮން ބޭހެއް ކައިގެންތަ ތިއުޅެނީ އަނެއްކާ؟” މުޙްސިން އެ ސުވާލުތައް ކޮށްލީ އެއްދުވަހު އައްޒާމްވެސް އޭނައާއި އެ ޒާތުގެ ސުވާލެއްކޮށްލި ރާގަކަށެވެ. އެއާއެކު އައްޒާމަށް ހީލެވުނެވެ.

 

“ހެހެ….ދެން ބަދަލުވެސް އަންނާނެތާ ދޯ ﷲ ގެ އިރާދަފުޅުން؟ އަބަދު އެއްގޮތަކަށް ކަންތައް ނޯންނާނެ….މިއުޅެނީ ސެންޓަރު ވެސް ބޮޑުކޮށްގެން. ވަރަށް އަވަހަށް މެރީވެސް ކުރަން މިއުޅެނީ.” އައްޒާމަށް ފަހު ޖުމްލަ އިތުރުކޮށްލެވުނީ އޭނަ އެ ވާހަކަ ޙިއްސާކުރަން ބޭނުންވެފައިވި މިންވަރުންނެވެ.

 

“އައްދޭ!!! އަދި ނުވެސް ބުނެއެއްނު ތި ހުންނަނީ މަގޭ ކައިރި؟! ސައި ނުދޭތި މަށަށް ނާންގާ! ދުނިޔޭގެ ދެކޮޅު ދައްކާލާނަން!” މުޙްސިން ސަމާސާވެރި ރާގަކަށް އެހެން ބުނެލީ އޭނަގެ ހުރިހާ ނުތަނަވަސްކަމެއްގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އޭނަ ބުނެލި ވާހަކައިން އައްޒާމަށް ހެވެން ފެށުމުން އޭނައަށް ވެސް ހެވުނެވެ. އެމީހުންނަށް އިތުރު ވާހަކައެއް ނުދެއްކެނީސް އައްޒާމަށް ފޯނެއް އަންނަން ފެށިއެވެ.

 

“އޫޕްސް….ކާފަ. ލަސްވެގެން އެ ގުޅަނީ. ދަނީ އިނގޭ މިތަނުން މީތި ހިފައިގެން. ކާފައަށް ކެވޭތޯ ބަލަން. ކުޑަކޮށް ބަލިވެ އުޅެނީ….ޚަބަރެއް ވެލައްޗޭ! އަހަރެން އަތުގަ އޮންނާނީ ހަމަ އޭރުގެ ވެސް ނަންބަރު.” އައްޒާމް ވާހަކަ ދައްކަމުން އެތާހުރި ހަރުން ކަދުރު ޕެކެޓެއް ނަގައިގެން ހިނިތުންވެލިއެވެ. މުޙްސިން ވެސް ހިނިތުންވުމަކާއެކީ ބޯޖަހާލުމުން އައްޒާމް އަވަސް ފިޔަވަޅުތަކެއްގައި އޭނައަށް ފަސްދީފައި ދިޔައެވެ. އައްޒާމް މުޙްސިންގެ ލޯމައްޗަށް ގެއްލުނުތަނާހެން އޭނަގެ ފަހަތުން އައި އޭނަގެ ބައްޕަގެ އަޑު އިވުނެވެ.

 

“ކާކާ މާ ގިނަ ވާހަކައެއް ތިދެއްކީ ދެންމެ؟” ގަތް އެއްޗެހި އަޅާފައި ހުރި ޓްރޯލީ ކޮއްޕަމުން އެތަނަށް އައި މިރްޒާން އެހިއެވެ.

 

“އެއީ….ކުރީގަ އެކުގަ އުޅުނު ފްރެންޑެއް. އަ….ހިނގާދޯ މިތަނުން މީތި ނަގަން؟” މުޙްސިން އައްޒާމްގެ ނަން ބުނަން އުޅެފައިވެސް ހަރުގައި ހުރި ޗީޒް ދަޅެއް ނަގަމުން ވާހަކަ އޮޅުވާލިއެވެ. އައްޒާމްގެ ވާހަކަ ދައްކައިފިނަމަ އޭނައަށް ހުއްޓުމެއްނެތި އައްޒާމްގެ މަންމައާއި ބައްޕަގެ ވާހަކަ ދެއްކޭނެކަން ވެސް އެނގުންވުމުންނެވެ. އެދެމީހުން އޭނަގެ މަންމައަށް ޖެއްސި ޙާލުގެ ސަބަބުން އެމީހުންގެ ނަންގަންނަން ވެސް މުޙްސިނަށްވަނީ ދަތިކަމަކަށެވެ. އެވަގުތު ވެސް އެ ވާހަކަ ދައްކަން ނުކުޅެދުނީ އެހެންވެއެވެ.

 

**

 

އެދުވަހު ގެއަށް ގޮސް އައްޒާމް އެންމެ ފުރަތަމަ ކަމަކަށް އޭނަގެ ކާފަގެ ޙާލު ބެލީއެވެ. ގެއަށް ދިޔައީއްސުރެ ރޭގަނޑު ވަންދެން ވެސް އޭނަ އުޅުނީ ކާފައާއި އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހުމާއި އަރިދަފުސް ރޯގާއާއެކީ ހާޝިމް ދޭތެރެދޭތެރެއިން ގަދައަށް ކެއްސަމުން ވެސް ދިޔައެވެ. އެހެނަސް އައްޒާމްގެ ހިތްވަރުން ހާޝިމަށް ރަނގަޅަށް ކާންދީފައި ބޭސް ދިނުމުން މަޣްރިބާއި ގާތްވަމުން ދިޔަ ވަގުތު ހާޝިމްގެ ހުން ފިނިވެފައިވިއެވެ. ކާފަ ކުޑަކޮށް އަރާމުކުރަން އޮށޯތުމުން އައްޒާމް ވަގުތުން ދިޔައީ މިއަދު އޭނައަށް ގުޅި އަންހެން މީހާގެ ސައިޓްގެ ޙާލަތު ބަލާލުމަށެވެ. ލެޕްޓޮޕުން އެ ސައިޓަށްވަދެ އޭނަ ބަލާލިއިރު ހަމަ ޙަޤީޤަތުގައި ވެސް އެ ސައިޓްގައި ލިޔެވިފައިވީ ދީނަށް ނަފްރަތު ކުރާ މީހުންގެ ލިޔުންތަކެވެ. އެ ލިޔުންތައް ފެނުނު ފުރަތަމަ ސިކުންތުގައި އައްޒާމްގެ ބުމަގޮށްޖެހުނެއްކަމަކު މާ ގިނައިރެއްނުވެ އޭނައަށް ހެވުނީ އެ ވާހަކަތަކަށް މަލާމާތްކުރާ ފަދައަކުންނެވެ. އެމީހުން އެ ވާހަކަތައް ދައްކަނީ ވަރަށް ސާބިތު ފައިތިލައެއްގެ މަތީގައި ތިބެގެންހެން އެމީހުންނަށް ހީވާނެދޯ އޭ ހިތަށްއެރުމުންނެވެ. އެ ވާހަކަތައް ދައްކައިގެން އެމީހުންނަށް އެ ހަޖޫޖެހެނީ ޚުދު އަމިއްލަ ނަފްސުތަކަށް ކަމެއްވެސް ނޭނގެއެވެ. މާމަތީގައިވި އަލިގަދަ އިރަކާއި ދިމާލަށް ކުޅުޖަހަން މަސައްކަތް ކުރުމުން އެ ކުޅު ޖެހި މީހެއްގެ މޫނަށް އޭތި އަނބުރާ އަންނަ ބީދައިން، ﷲ ގެ ދީނަށާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް މަލާމާތްކުރުމުން އެ މަލާމާތްތައް އެމީހުންނަށް އަނބުރާ ރައްދުވެއެވެ. އެހެނީ އެމީހުން އެ ވާހަކަތައް ދައްކަނީ ވަކި ވިސްނުމުގެ ބޭނުން އެހާ ރަނގަޅަށް ބޭނުން ކުރުމެއްނެތި ހަމައެކަނި އަމިއްލަ އެދުމެއްގެ ބޭނުމުގައި ކަމަށްވުމުންނެވެ. ދީނާއިމެދު ވިސްނަން ވެސް ބޭނުމެއްނުވަނީ އަމިއްލަ ހަވާ ނަފްސުތަކުގެ އަޅުންނަށްވުމަށެވެ. އެ އަޅުވެތިކަމުން މިނިވަންވެ ހަމައެކަނި ﷲ އަށް އަޅުވެތިވުމުން ނޫނީ ޙަޤީޤީ މިނިވަންކަން އިޙްސާސެއް ނުކުރެވޭނެކަން ނޭނގިއެވެ. މި ފަދަ ޚިޔާލުތަކެއްގައި ހުރެ އައްޒާމް އެ ސައިޓް ރަނގަޅުކުރުމުގެ މަސައްކަތް ފެށިއެވެ. އޭނަ އެ މަސައްކަތް ފެށިތާ މާ ގިނައިރެއްނުވެ މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށިއިރަށް އޭނަ ކާފައާއެކީ ގޭގައި ނަމާދުކުރަން އަވަސްވިއެވެ. އޭނަ މަސައްކަތެއް ކުރަން ހުރީ ﷲ ގެ ދީނަށްޓަކައި ކަމަށްވިޔަސް އައްޒާމް އޭނަގެ ނަމާދާއި ޒިކުރުތައް އަވަސް އަރުވައެއް ނުލިއެވެ. އޭގެ ބަދަލުގައި އޭނަގެ އެ މަސައްކަތުގެ ވާހަކަވެސް ﷲ ގެ ޙަޟްރަތުގައި ދަންނަވައި އޭނައަށް ކާމިޔާބީ ދެއްވުމަށްއެދި އިޚްލާޞްތެރި ހިތަކާއެކީ ދުޢާކުރިއެވެ. ކޮންމެ ކަމެއްގައި ވެސް އޭނައަށް ކާމިޔާބު ލިބުންވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން ޔަޤީންވާތީވެއެވެ. މަޣްރިބް ނަމާދަށްފަހު އަނެއްކާވެސް މަސައްކަތުގައި އުޅެފައި އައްޒާމް ޢިޝާ ނަމާދުވެސް ވަގުތުން އަދާކުރިއެވެ. އެއަށްފަހު ވެސް އޭނައަށް މަސައްކަތް ނިންމާލެވުނީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ. މަސައްކަތް ކާމިޔާބު ކުރެވުމުން ލިބުނު ހިތްހަމަޖެހުމާއެކީ އައްޒާމަށް ހިނިތުންވުމަކާއެކީ ޙަމްދުކުރެވުނެވެ. އަދި ސައިޓްގެ ލިންކް އެއްކަލަ އަންހެން މީހާއަށް ފޮނުވާލީ އުފާވެރިކަން ވެރިވެފައިވި ހިތަކާއެކީގައެވެ. އޭގެ މާ ގިނައިރެއްނުވެ އެ އަންހެން މީހާ ‘ޖަޒާކަ ﷲ ޚައިރަން’ އޭ ބުނެ މެސެޖެއް ކުރިއެވެ. އެއަށްފަހު އައްޒާމަށްޓަކައި ދުޢާއެއްކޮށްފައިވެސް މެސެޖެއް ފޮނުވާފައިވިއެވެ. އައްޒާމް ފޮނުވި ‘އާމީން’ އާއެކީ އެ ވާހަކަ ނިމުމަކަށް އައެވެ.

 

**

 

އެރޭގެ އެ ވަގުތު މިރްޒާނާއި މުޙްސިން ތިބީ ޓީވީ ބަލާށެވެ. ދެމީހުން ނުހަނު ޝައުޤުވެރިކަމާއެކީ ބަލަން ތިބީ ބޮޑު މަހާއި ބެހޭގޮތުން ފޮނުވަމުން ދިޔަ ޑޮކިއުމެންޓްރީއެކެވެ. ޑޮކިއުމެންޓްރީގެ މެދުތެރެއިން އިޝްތިހާރު އައުމުން ދެމީހުންނަށް ވެސް ހަމަހޭވެރިކަމެއް ލިބުނެވެ.

 

“އަމޭޒިންގް ދޯ ބައްޕާ؟ ސުބްޙާނަ ﷲ! ވޭލް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށްއަރާ ޔޫނުސް ޢަލައިހިއްސަލާމް ވީ އޭގެ އެއްޗެއްގެ ބަނޑު ތެރޭގައޭ.” މުޙްސިން ބުނެލިއެވެ.

 

“ހެހެ….މަންމަ ކިޔައިދިން ވާހަކަތައް ދޯ ތީ؟” މިރްޒާން އާދައިގެ މަތިން އަމްނާގެ ވާހަކައެއް އަހާލީ ޝައުޤުވެރިކަމާއި އެކީގައެވެ.

 

“އާނ….މަންމަ ވަރަށް ކިޔައިދޭނެ. އަދި އާޔަތްތައް ވެސް ކިޔައިދޭނެ. ހިތަށްއަރަނީ އަސްލު އެ ނަޞޭޙަތްތަކުގެ ސަބަބުންނޭ އެކަނި މިހާ ހިސާބަށް އައިއިރު ވެސް ރަނގަޅަށް މި އުޅެވުނީ…” މުޙްސިން ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ބުނެލިއެވެ. މިރްޒާން އެ ވާހަކައަށް ބޯޖަހާލިއެވެ.

 

“ރަނގަޅަށް ތި ބުނީ. ކިތަންމެ ކުޑަ ނަޞޭޙަތަކުން ވެސް ﷲ ގެ އިރާދަފުޅުން މީހަކަށް ހިދާޔަތް ލިބިގެންދޭ.” މިރްޒާން އެހެން ބުނަމުން ޗެނަލް ބަދަލުކުރަން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ މަސައްކަތް ކުރާ ޗެނަލާއި ދިމާވިއެވެ. ޗެނަލުން ފޮނުވާފައިހުރީ މީގެ ދެރެއެއްހާ ކުރިން މާލޭގެ މަގެއްގައި ހިނގި މުޒާހަރާއެއްގެ މަންޒަރުތަކެވެ. އެއީ ސަރުކާރު ހިންގާ ޕާޓީއިން އެމީހުންނަށްވުރެ ބޮޑަށް ތާޢީދު ލިބިފައިވި ޕާޓީއާއި ދެކޮޅަށް ބާއްވާ މުޒާހަރާއެކެވެ. ސަރުކާރު ހިންގާ ޕާޓީގެ ދައުރަށް ދުވަސްވެފައިވުމާއެކު އެ ޕާޓީގައި ހުރި ނޭދެވޭ ކަންތައް ގިނަ ރައްޔިތުންނަށް އާއްމުވެ އެމީހުންނާއި ދެކޮޅުވަމުން ދާތީވެއެވެ. ޓީވީއިން ފެންނަމުން ދިޔަ މަންޒަރުތަކުން މަގުމަތީގައިވި އެތައް ބަޔަކަށާއި ޚަބަރު ގެނެސްދޭން ހުރި ޕްރެޒެންޓަރަށް ވެސް ޙަމަލާތައް އަމާޒުވެ ޒަޚަމްވި މަންޒަރު ފެނުނެވެ.

 

“އޯ ނޯ! ފަޔާ…” ފަޔާޒްގެ މޫނަށް މީހަކު ވިއްލާލި އެތިފަހަރަކާއެކީ އޭނަ ވެއްޓުނު މަންޒަރު ފެނިފައި މިރްޒާނަށް ކިޔާލެވުނެވެ. އޭނައަށް ކުރިން ވެސް މި ވާހަކަ އިވިފައިވިއެއްކަމަކު މަންޒަރު މިފެނުނީ އަދި ކިރިޔާއެވެ.

 

“އެއީ ބައްޕަ ދަންނަ މީހަކީތަ؟ މިއީ ބައްޕަމެންގެ ޗެނަލްދޯ؟” މުޙްސިން އެހިއެވެ. މިރްޒާން ދެންވެސް ޓީވީއަށް ބަލަން އިނދެ ތުންފިއްތާލަމުން ބޯޖަހާލިއެވެ.

 

“ބައްޕަ ނުދަންތަ މިކަހަލަ ތަންތަނަށް؟” މުޙްސިން ސުވާލުކުރިއެވެ. އެއާއެކު މިރްޒާނަށް މުޙްސިނާއި ދިމާލަށް ބަލާލަމުން އެ ސުވާލާއިމެދު ވިސްނެން ފެށިއެވެ. އޭނަ އެ ޒާތުގެ ކަންތަކުން ދުރުވީ ކޮން ސަބަބަކާހެދިކަން އެވަގުތު މިރްޒާންގެ ހަނދާނަށްއައެވެ. އަމްނާ އޭނައާއި ވަކިވުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ އޭނަ ނޫސްވެރިޔަކަށްވުމުން ކަން އޭނައަށް އިޙްސާސް ކުރެވުނީއެވެ. އޭނަ ތެދު ޚަބަރު ފަތުރަން މަސައްކަތް ނުކުރިނަމަ މައިސޫން ރުޅި ނައީހެވެ. މައިސޫން ރުޅި ނައި ނަމަ އޭނަގެ ޢާއިލާ އެފަދަ ބޮޑު އަނިޔާއެއްގެ އަމާޒުފަތްގަނޑަކަށް ނުވީހެވެ. ނޫސްވެރިކަމާއި އޭނަ ދުރުވެލީ އެހެންވެއެވެ. އެހެންނޫނަސް އޭނަ އެފަދަ ވަޒީފާއެއްގައި އުޅެފައި އޭނަ އަނބުރާ ގެއަށް އަންނާނީ ކާކު ކައިރިއަށްތޯ މިރްޒާންގެ ހިތަށް އޭރު އެރިއެވެ. އޭނައަށް ކޮންމެ ދުވަހަކު ކުރިއަށް ދާން ހިތްވަރު ދެމުން ދިޔައީ އަމްނާގެ ސާބިތުކަން އެކުލެވިފައިވި ބަސްތަކެވެ. މިއަދު އޭނަ އެ ނިޢުމަތުން މަޙްރޫމްވެފައިވުމުން ދެން އެ ދާއިރާއިން ކުރިއަށް ނުދެވޭނެހެން ހީވި ވަގުތު މިރްޒާނަށް ވާހަކަ ދެކެވުނެވެ.

 

“ނުދަން.” މިރްޒާން ޖަވާބުގައި ބުނެލީ ހަމައެކަނި އެހާވަރަށެވެ. އޭނަ ހިތްދަތިކުރުވާ އަމްނާގެ ހަނދާންތައް އާ ނުކުރުމަށް ގަދައަޅަމުންނެވެ.

 

“އެއީ ކީއްވެ ބައްޕާ؟ އަސްލު ވަރަށް މުހިއްމު ކަމެއްނޫންތަ މި ސިޔާސީ މީހުން ދައްކާ ދޮގުތަކާއި އިދިކޮޅަށް ވާހަކަ ދެއްކުމީ؟ މަންމަ ލިޔުނު ފޮތެއްގަ ވެސް އެ ވާހަކަ ލިޔުނު.” މުޙްސިން ބުންޏެވެ. އެއާއެކު މިރްޒާން ލުއި ގޮތަކަށް ހީލިއެވެ.

 

“ރަނގަޅަށް މަންމަ އެ ބުނީ. އެކަމަކު އެއީ ވަރަށް ދަތި މަސައްކަތެއް. މިހާރުވެސް ބަލާބަ އެ ނޫސްވެރިޔާއަށްވީ ގޮތް.” މިރްޒާން ޓީވީއަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ.

 

“ދަތި ކަމަކަށް ވިޔަސް ﷲ އަށްޓަކައި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމްކުރަން މަސައްކަތް ކޮށްފިނަމަ އެކަމަށް ނަޞްރު ދެއްވާނީ ހަމައެކަނި ﷲ! إِن تَنْصُرُ اللّهَ يَنْصُرْكُم وَيُثَبِّتْ أَقْدَامَكُمْ….” މުޙްސިން ވާހަކަ ދައްކަމުން ގޮސް އޭނަގެ އާދައެއްގެ މަތިން އާޔަތެއް ކިޔާލިއެވެ. ކޮންމެ ފަހަރެކޭވެސް އެއްފަދައިން މުޙްސިންގެ ދުލުން އާޔަތެއް އިވުމުން މިރްޒާނަށް ހިނިތުންވެލެވުނެވެ. އެހެނަސް އެހެން ފަހަރުތަކާއި ޚިލާފަށް އެ ހިނިތުންވުމުގައި ޙައިރާންކަމެއް އެކުލެވިގެން ދިޔައީ މުޙްސިން ދެންމެ ކިޔާލީ ޚުދު އަމްނާ ވެސް އޭނައަށް އެ ނަޞޭޙަތް ދީފައި ކިޔުނު މުޙައްމަދު ސޫރަތުގެ އާޔަތްކަން އެނގުންވުމުންނެވެ. އެ ހިނދު ލޯބިން ފުރިގެން ދިޔަ ހިތަކާއެކީ މިރްޒާނަށް އަނެއްކާވެސް ބޯޖަހާލަމުން އިން ޝާ ﷲ އޭ ކިޔާލެވުނެވެ.

 

އޭގެ އިރުކޮޅެއް ވަންދެން އެ ދެމީހުން ސޯފާގައި ތިބެފައި ތެދުވެލީ ނިދާލަންވީ ކަމަށް ބުނަމުންނެވެ. އެހެނަސް އެވަގުތު ދެމީހުން ވެސްވީ ނިދޭނެފަދަ ޙާލެއްގައެއް ނޫނެވެ. ދެންމެ ދެކެވިގެން ދިޔަ ވާހަކައިން އަމްނާގެ ޚިޔާލުތަކުން މިރްޒާންގެ ސިކުނޑި ފުރިގެން ދިޔައިރު މުޙްސިންވެސް އޭނަގެ މަންމަ މަތިން ހަނދާންވާންފެށީ މާ ބޮޑަށެވެ. މުޙްސިން ކޮޓަރިއަށް ގޮސް ވަގުތުން ނެގީ އޭނަގެ އަތުގައި ހުރި މަންމަގެ ފޮތްތަކުގެ ކޮޕީތަކުގެ ތެރެއިން ކޮޕީއެކެވެ. އެއީ ޒުވާން މުސްލިމް ކުދިންނަށް ޚާއްޞަކޮށްގެން އޭނަގެ މަންމަ ލިޔެފައިވި ފޮތެވެ. އާދައިގެ މަތިން މުޙްސިން ކިޔަވާ މޭޒުދޮށުގައި އިނދެ އެ ފޮތް ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ ލޯ ކަރުނުން ފުސްވެ އޭގެއިން ކަރުނަތަކެއް އައިސް އެ ފޮތުގެ ޞަފްޙާއެއްގައި ޖެހުނެވެ. ހަމަ އެހިނދު އޭނައަށް ހިތާހިތުން އޭނައާއި އޭނަގެ މަންމަ ގުޅުވައިދިނުމަށް އެދި ދުޢާ ކުރެވުނެވެ.

 

އެއްދުވަސްވަރެއްގައި އޭނައާއި އަމްނާ ޙިއްސާކުރި ކޮޓަރީގެ އެނދުގައި އިށީނދެ އިން މިރްޒާންގެ ޙާލަކީ ވެސް އެއީއެވެ. ކޮންމެ ރެއެކޭ ވެސް އެއްފަދައިން އޭނައަށް އެރޭވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ ހިތަކާއެކީ އަމްނާގެ ނަން ގޫގުލްއިން ސާރޗްކުރެވެމުން ދިޔައެވެ. ނަން ސާރޗްކުރާއިރަށް އަމްނާ ލިޔެފައި ހުރި ފޮތްތަކުގެ ނަންތައް ފެނެއެވެ. އެހެނަސް އޭގެއިން އެއްވެސް ލިންކަކުން އަމްނާގެ ފޮޓޯއެއް ފެންނަ ގޮތެއްނުވެއެވެ. މުޙްސިން ބުނި ގޮތުގައި މަންމަ ބޭނުންވި ގޮތަކީ އެއީއެވެ. އޭގެ ސަބަބުން ވެސް މިރްޒާންގެ ހިތުގައި އަމްނާއަށްޓަކައި އިތުރު ލޯތްބެއް އުފެދުނެވެ. އޭނައަށް އެވަގުތު މުހިއްމުވީ ވެސް ފޮޓޯއެއް ނޫނެވެ. އެއަށްވުރެ ބޮޑަށް މުހިއްމުވީ އަމްނާ ހުންނާނެ ތަނެއްގެ މަޢުލޫމާތެވެ. އަމްނާއަކީ ލިޔުންތެރިއެއްކަން އެނގި މުޙްސިންގެ ޙަޤީޤަތް ވެސް އެނގުނު ފަހުން މިރްޒާނާއި މުޙްސިން ވެގެން އަމްނާގެ ފޮތްތައް ޝާއިޢުކުރި ތަންތަނަށް ގުޅާފައިވެސް އަމްނާގެ މަޢުލޫމާތު ލިބޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އަމްނާ އެންމެ ފަހުން ވެސް ފޮތެއް ނެރެފައިވަނީ މީގެ 5 އަހަރު ކުރިން ކަމަށްވުމުން އެމީހުންނަށް އެއްގޮތަކަށް ވެސް އަމްނާ ވީތަނެއް އެނގޭ ގޮތެއްނުވިއެވެ. މީސްމީޑިޔާގެ އެކިއެކި ތަންތަނުން ވެސް އަމްނާގެ ނަން ހޯދާ ގޮޅީގައި ޖަހައިގެން އެ ނަމާއި ގުޅޭ ޕްރޮފައިލެއް ފެނޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އެހެނަސް ކޮންމެ ރެއަކު އެ މަސައްކަތް ހުއްޓާލަންޖެހެނީ ވަރުބަލިވެގެންދާ ހިތަކާއި އެކީގައެވެ. އެރޭވެސް މިރްޒާނަށް އެންމެ ފަހުން އޭނަގެ ފޯނު ލޮކްކޮށްލެވުނީ ބޮލުގައި އުފެދުނު ރިހުމާއެކީ މޭމައްޗަށް ވެސް ތަދުވާން އުޅުނުހެން ހީވުމުންނެވެ. އެ ތަދާއިމެދު މިހާރު އޭނަ ވާ ނުތަނަވަސްކަމެއްގެ ސަބަބުން މިރްޒާން ފުން ނޭވައެއް އެތެރެއަށް ލައި ބޭރުކުރަމުން ރަނގަޅު ޚިޔާލުތައް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބެއްނުވިއެވެ. އަމްނާއާއެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތައް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔަދިޔަހެން އޭނަގެ ލޮލަށް ވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. އެ ދުވަސްތައް އަނބުރާ އަންނާނެނަމައޭ ހިތް ބުނަން ފެށިއެވެ. ހަމަ އެ ހިނދު އޭނަ އަމްނާ މަތިން މިހާ ހަނދާންވާއިރު އަމްނާ އޭނަ މަތިން ހަނދާންވާނެތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ.

 

**

 

އެރޭގެ އެ ހިނދު ލަންޑަނަށް ދަންވަރު 3:30 ވާން ގާތްވެފައި ވަނިކޮށް އާދައިގެ ކޮޓަރިއެއްގެ އެނދުމަތީގައި ހިމަތޮޅި ހަށިގަނޑެއްގެ ވެރި އަންހެނަކު އިށީނދެގެން އިނެވެ. ގަޔަށް ދޫކޮށްއޮތް އަތްދިގު ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އަންހެން މީހާ އިންއިރު އެއީ ޒުވާން ފުރައިގެ ކުއްޖެއްހެން ހީވެއެވެ. އެހެނަސް ދޫކޮށް އައްސާލެވިފައިވި ކޮނޑަށްވުރެ ތަންކޮޅެއް ތިރިއަށް އޮތް އިސްތަށިގަނޑުގެ ދޭތެރެއިން ފަޅާފައިވި މަދު ނުރަތަކުން އޭނަވަނީ ދުވަސްވެފައިކަން އެނގެއެވެ.

 

އަންހެން މީހާގެ ނަޒަރު ހުއްޓިފައިވީ އޭނަގެ އަތުގައި އޮތް ފޯނަށެވެ. ފޯނުން ހުޅުވާލެވިފައިވީ 10 އަހަރަށްދާ ފިރިހެން ކުއްޖެއްގެ ފޮޓޯއެކެވެ. ރަނގަޅަށް އެ ފޮޓޯއަށް ބަލައިފިނަމަ ހިނިތުންވުމެއްގައި އެ ފޮޓޯގައި ހުރީ މުޙްސިންކަން މުޙްސިން ފެނިފައި ހުރި މީހަކަށް ޔަޤީންވާނެއެވެ. މުޙްސިންގެ ފޮޓޯއަށް އެ އަންހެން މީހާގެ ނަޒަރު ހުއްޓުނުތާ މާ ގިނައިރެއްނުވެ ކަރުނަތަކެއް އައިސް އެ ފޯނުގެ ސްކްރީނުގައި ޖެހުނެވެ. އޭގެ އިރުކޮޅެއް ނުވެ އަންހެން މީހާ ކަރުނަތައް އޭނަގެ ކޯތާފަތުންނާއި ފޯނުން ވެސް ފޮހެލަމުން ފޭސްބުކަށް ވަދެލިއެވެ. ފޭސްބުކްގައި ‘މުސްލިމާ’ ގެ ނަމުން ހުޅުވާލެވިފައިވި ޕްރޮފައިލް ޕޭޖް ފެނުނެއްކަމަކު އޭނަ އިތުރު ތަނަކަށް ނުފިތައި ހޯދާ ގޮޅިއަށް ފިތާލިއެވެ. އެއަށްފަހު ތުރުތުރު އަޅަމުން ދިޔަ އަތަކުން ‘އެމް’ އަކުރު އަޅާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ‘އައި’ އަޅާލިއެވެ. މިފަދައިން ގޮސް ބައި މިނެޓެއްގެ ތެރޭގައި ލިޔެ ނިމުނީ މިރްޒާންގެ ނަމެވެ. މިރްޒާންގެ ފުރިހަމަ ނަން އެރުމާއެކު އަންހެން މީހާ އެ ނަމަށް ފިތާލިއެވެ. މިރްޒާންގެ ޕްރޮފައިލް ހުޅުވި އެންމެ ފުރަތަމަ ބަގީޗާއެއްގެ މަންޒަރެއްވި ކަވާރ ފޮޓޯ ފެނި ލޯޑް ނުވުމުގެ ސަބަބުން ޕްރޮފައިލް ޕިކްޗާރއަށްވީ ހުދުކުލަ އަރާފައެވެ. ސިކުންތުކޮޅެއްފަހުން މިރްޒާން ހިނިތުންވުމެއްގައި ހުރި ފޮޓޯއެއް އެތަނުން ފެނިގެން ދިޔަތަނާހެން އަންހެން މީހާ ހާސްވެގެން ދިޔަ ނޭވާއަކާއެކީ ފޯން ލޮކްކޮށްލަމުން ބިރުން ކަހަލަ ގޮތަކަށް އޭތި ދުރަށް އެއްލާލިއެވެ. ސިންގަލް ބެޑްގެ މެދާއި ހިސާބުގައި ފޯނު ޖެހުނު ވަގުތު އަންހެން މީހާއަށް ގިސްލެވެން އުޅުނުހެން ވެސް ހީވިއެވެ. އެހެނަސް އޭނަ ދެވަނަ ފަހަރަށް ވެސް ލޯމަތިން އެއްއަތް ހިންގާލަމުން ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު އެ ކޮޓަރީގައި ހުރި ކުޑަ ކިޔަވާ މޭޒުގެ ކައިރިއަށް ދިޔައެވެ. އެ މޭޒުގެ މެދަށްވާ ގޮތަށް ބެހެއްޓިފައިވީ ޕާރުސަލެކެވެ. އެ ޕާރުސަލުގައިވީ މިރްޒާނާއި އަމްނާގެ ދެމެދުގައި ބަދަލުވެ ދިޔަ ހަދިޔާތަކުގައި އާއްމުގޮތެއްގައި ހުންނަ ދެކުލައެވެ. އަންހެން މީހާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކައިރީގައި ބޭއްވިފައި އޮތް ތުނި ތުނޑެއް ހުރި މާކަރެއް ނެގިއެވެ. އަދި މާކަރުގެ މަތި ނަގާލަމުން ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކީގައި އޭގެ ކަނެއްގައި އަކުރެއް އަޅަން ފެށީއެވެ. އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ.

 

ނުނިމޭ

The post Hadhiya (Part 31) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-31/feed/ 0 1337
Hadhiya (Part 30) https://blog.storiesbyjana.com/hadhiya-part-30/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-30 https://blog.storiesbyjana.com/hadhiya-part-30/#respond Sat, 01 May 2021 12:59:00 +0000 https://blog.storiesbyjana.com/hadhiya-part-29-copy/

The post Hadhiya (Part 30) appeared first on Stories by Jana.

]]>

“ހީވަނީ މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް އުޅޭނެ.” މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު ވިސްނެން ފެށިއެވެ. މުޙްސިނާއިއެކީ އެ މަންޒިލަށް ދާން މިރްޒާނަށް ވަގުތުން ނިންމުނެވެ. އެހެނަސް އޭނައަށްވަނީ އެ އަހަރުގެ އަހަރީ ޗުއްޓީ މުޅިން ނެގިފައެވެ. ހިނގަމުން ދިޔަ މަހަކީ އޮކްޓޯބަރު މަސްކަމަށް ވުމުން ދެން އޭނައަށް ޗުއްޓީ ނެގެން އޮތީ ވެސް މަސްތަކެއް ފަހުން ކަން އެނގުންވުމުން މިރްޒާން މާޔޫސްވިއެވެ. އަދި މުޙްސިންއާއެކީ އެހާ ދުރަށް ދަތުރުކުރަން އޭނަ އިތުރަށް ލާރިވެސް އެއްކުރަން ޖެހޭނެކަން އެނގުންވުމުން އިތުރަށް ދެރަވިއެވެ. އޭނަ އެ ވާހަކަތައް މުޙްސިނާއި ޙިއްސާކުރިއެވެ.

 

“އިޓްސް އޯކޭ ބައްޕާ. އައިމް ޝުއާރ މަންމަ ހުންނާނީ ސަލާމަތުން. މަންމަގެ ފޮތްތައް ވިކި މަންމައަށް ލާރިވެސް ލިބޭނެވިއްޔާ. އަދި ކުރިންވެސް ބުނިހެން ބޭރުގަ އުޅޭނެ މަންމަގެ ވަރަށް ރަނގަޅު އެކުވެރިން ވެސް. ބައްޕައަށް ޗުއްޓީ ލިބޭއިރަށް އަހަރުމެން ދެމީހުންނަށް އިތުރަށް ސޭވްވެސް ކުރެވިދާނެއެއްނު ދަތުރުކުރަން؟ އިން ޝާ ﷲ އަހަރުމެން ކުރާ ފުރަތަމަ ދަތުރުން ވެސް އަހަރުމެންނަށް މަންމަ ފެނިގެންދާނެ.” މުޙްސިން އުއްމީދީ ގޮތަކަށް ބުނެލިއެވެ. މުޙްސިންގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު މިރްޒާނަށް އޭނަގެ ދަރިފުޅަށް ބަލާލަމުން ހިނިތުންވުމަކާއެކީ ބޯޖަހާލެވުނެވެ. އެއަށްފަހު މުޙްސިން އޭނަގެ ކައިރިއަށް ގެނެސް ބައްދާލިއެވެ. އޭގެ އިރުކޮޅެއްފަހުން ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެން ފެށީ ފައިސާ ރައްކާކުރާނެ ގޮތުގެ ރޭވުމަކާއި މެދުގައެވެ.

 

މިގޮތުން މުޙްސިން އޭނަ ލާރި ހޯދުމަށްޓަކައި ކުރާ މަސައްކަތް އަނެއްކާވެސް ފެށުމުގެ ހުއްދަ މިރްޒާން އަނެއްކާވެސް ދިނެވެ. މުޙްސިން އޭނައާއެކީ އުޅެން ފެށިފަހުން މިރްޒާން ވަނީ އޭނަ ލައްވައި އެ މަސައްކަތްތައް ހުއްޓުވައި މުޙްސިން ސްކޫލަކަށް ވެސް ލާފައެވެ. ސްކޫލަށްވެސް މުޙްސިން ވަންނަން ބޭނުންވީ ‘ހަސަން’ ގެ ނަމުގައެވެ. އަދިވެސް އޭނަގެ ހިތުގައި އޭނަގެ މަންމަގެ ދުޝްމިނުންނަށްޓަކައި އޮތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. ސްކޫލަށް ވައްދާ ފޯމުގައި މިރްޒާން މުޙްސިންގެ ނަން ލިޔެ މުޙްސިންގެ އައިޑީ ކާޑު ވެސް އޭނަގެ އަސްލު ނަމުގައި އާ ކުރަން ނިންމުމުން އޭނަ އެހެން ނެހެދުމަށް ވަރަށް އާދޭސްކުރިއެވެ. އެހެނަސް….

 

“ދަރިފުޅު….ދަރިފުޅު ދެން އިތުރަށް ކަންބޮޑުވަނީ ކޮންކަމަކާ؟ ދަރިފުޅު ތިހިރީ ބައްޕަގެ ކައިރި. އެމީހުން ދަރިފުޅުގެ ގައިގަ އިނގިލި ކުރިވެސް ޖެއްސިޔަ ނުދޭނަން ބައްޕަ! ބައްޕަ ބޭނުންވަނީ ވެސް އެމީހުންނަށް ދަރިފުޅު އެނގި ބައްޕަގެ ކުރިމައްޗަށް އެމީހުން އަންނަން. ދަރިފުޅު ބިރުގަތަސް ބައްޕަ ބިރެއްނުގަނޭ. އެހެން ނޫނަސް އެންމެ މޮޅު ރައްކާތެރިއަކީ ﷲ އެއްނޫންތަ ދަރިފުޅު؟ އަހަރުމެންނަށް އަމިއްލަ ނަފްސުތައް ދިފާޢުކުރެވޭނެ ގޮތް އޮތްއިރު ކީއްކުރަން އިތުރު ދޮގުތަކެއް ހަދަންވީ؟” އެދުވަހު ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި އެ ފޯމުތައް ފުރަން އިނދެ އޭނަގެ ކައިރީގައި ހުއްޓިހުރި މުޙްސިނާއި މިރްޒާން ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އަޑުއަހާފައި މުޙްސިން އިސްޖަހާފައި ބޯޖަހާލިއެއްކަމަކު ދެންވެސް އޭނަގެ ހިތުތެރޭގައި ނުތަނަވަސްކަމެއްވިއެވެ. މަންމައަށް އެމީހުން ހެދިގޮތް އޭނައަށް ހަމަލޮލުން ފެނިފައިވާތީވެއެވެ. އޭނަ ހުރީ ބައްޕައާއެކީގައި ކަން އެނގިއްޖެނަމަ އޭނަ މަންމަ ހުރެދާނެ ތަނެއް ބައްޕައަށް ކިޔައިދޭނެކަން އެމީހުންނަށް ޔަޤީންވާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބައްޕަ މަސައްކަތް ކޮށްފިނަމަ ބައްޕައާއި މަންމަ އެއްތަންވުމުން އެމީހުންނަށް މަންމަ އިތުރަށް ބަލިކަށި ނުކުރެވޭނެކަން ވެސްމެއެވެ. އޭނަގެ ޝަޚްޞިއްޔަތު ފޮރުވަން މުޙްސިން އެހާ ބޮޑަށް ބޭނުންވީ އެހެންވެއެވެ. އެހެނަސް ބައްޕަ ދެންމެ ދެއްކި ވާހަކަތަކުން ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއްވެސް ލިބުނެވެ. އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ހަނދުމަކޮށްދެވުމުންނެވެ. އަދި ސަބަބެއްނެތި ދޮގުވެސް ހަދައިގެން ނުވާނެކަން އެނގުންވުމުންނެވެ.

 

ސްކޫލްގެ މާޙައުލުގައި މުޙްސިން، މުޙްސިންގެ ގޮތުގައި ދެކެފަރިތަވެގެން ދިޔައެއްކަމަކު މިރްޒާން ދެންވެސް އޭނަގެ އޮފީސް މާޙައުލުގައި އެފަދަ ވާހަކައެއް ނުދައްކަން ނިންމީ މުޙްސިންގެ އިޙްސާސްތަކަށް ވެސް އިޙްތިރާމް ކުރުމަށެވެ. ބޮޑު ސަބަބަކާއި ލައިގެން ނޫނީ އޭނަގެ ނަން ފޮރުވަން މުޙްސިން ނުއުޅޭނެކަން މިރްޒާނަށް ޔަޤީންވާތީވެއެވެ. އެހެންކަމުން މިރްޒާންގެ އެންމެ ގާތް އެކުވެރިޔާ އާތިފަށް ވެސް މުޙްސިންގެ ޙަޤީޤަތް ނޭނގެއެވެ. މިރްޒާނަށް ނޭނގުނުކަމަކީ އޭނައަށް ޙަޤީޤަތް ފޮރުވެން އުޅުނީ ވެސް ފޮރުވަންޖެހޭ މާޙައުލުންކަމެވެ. އެހެނަސް ޙަޤީޤަތް އެނގޭ ބަޔަކު އޮފީހާއި ނުހަނު ގާތް ޞަރަޙައްދެއްގައި ހުރި ސްކޫލްގެ މާޙައުލުގައި އުޅޭތީ، އެކަން އެނގެން ނުޖެހޭ މީހެއްގެ ކަންފަތާއި ހަމައަށް އެ ވާހަކަ ފޯރުން މާ ލަހެއްނުވިކަމެވެ. އެހެނަސް މިފަހަރު އެމީހުންނަށް ކުރިމަތިވެފައިވި ޙާލަތުގެ ނާޒުކުކަމުން އެމީހުން ފިޔަވަޅުތައް އަޅަން ނިންމީ މިރްޒާނަށް ހިލަމެއްވެސް ނުވާނެ ފަދައަކުން ލަސްލަހުން ފަރުވާތެރިކަމާ އެކީގައިކަމެވެ. އެހެންކަމުން މިރްޒާނާއި މުޙްސިން ދުވަސްތައް ގުނަން ފެށީ ކުރިމަތިވެދާނެ ޙާލަތެއްގެ ބިރުވެރިކަމާއި ނުލައެވެ. ނުހަނު ގާތް މުއްދަތެއްގައި އެމީހުންގެ ޢާއިލާ ފުރިހަމަވާނެ ކަމުގައި އުއްމީދުގައި ދެމީހުން ދުވަސްތައް ހޭދަކުރަމުން ދިޔައީ ހިނިތުންވުންތަކާއި އެކީގައެވެ.

 

މުޙްސިނާއި މިރްޒާން އުއްމީދީ މުސްތަޤްބަލެއްގެ ހުވަފެންތައް ދެކެން ފެށިއިރު އައްޒާމް ވެސް އޭނަގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ފަށައިގެން އުޅެއެވެ. މާލެއަށް އާދެވުނު ފުރަތަމަ ރެއިން ފެށިގެން ވެސް އޭނަ އޭނަގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާއިމެދު ހޯދައި ބަލައި އެކި މީހުން ކައިރިން ސުވާލުކުރަން ފެށިއެވެ. ހަމަ އެ ހަފްތާ ތެރޭގައި މަސްމަހުން ލާރި ދައްކާ ގޮތަށް އޭނަގެ ސާރވިސް ސެންޓާރ އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ފެށޭނެ ގޮތަށް ކޮންޓްރެކްޓް އުޞޫލުން ހަމަޖެއްސިއެވެ. ޢިމާރާތުގެ މަސައްކަތް ކުރަމުން ދިޔައެއްކަމަކު އައްޒާމް އޭނަގެ ޚިދުމަތްތައް މެދުކަނޑައެއްނުލައެވެ. ބަދަލުގައި އޭނަ ކުއްޔަށް ހިފި ކުޑަ ތަނެއްގައި އޭނަގެ ޚިދުމަތްތައް އޭނައަށްވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އޭނަގެ އެސިސްޓުންނާއި އެކީގައި އަމިއްލައަށް ވެސް އިތުރު ގަޑިއިރުތައް ހޭދަކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އައްޒާމް ކުރިން ނޭނގޭ އެތައް ބަޔަކަށް އައްޒާމް އެނގެން ފެށިއެވެ. އަދި ތަންކޮޅެއް ކުރިން އޭނަ މިރްޒާނަށް ދިން އިންޓަވިއު ޓީވީއިން ދައްކާލެވުމުން އޭނަގެ ޚިދުމަތްތަކުގެ ވާހަކަ ކުރިން މަޝްހޫރުނުވާ ވަރަށް މަޝްހޫރުވެގެން ދިޔައެވެ. އައިޓީ އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ މީގެ ކުރިން އޭނަގެ ނަން ހަނދާންވާނީ ހަމައެކަނި އޭނަ އުޅޭ އަވަށުގައި އުޅޭ މީހުންނެވެ. އެހެނަސް ފަހަކަށް އައިސް މުޅި މާލެއިން ވެސް އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ އެންމެ ފުރަތަމަ ގަނެވެނީ އައްޒާމްގެ ނަމެވެ. އެކަމަށްޓަކައި އައްޒާމް ޙަމްދުކުރަނީ ﷲ އަށެވެ. އޭނައަށް އެހާ ހިސާބަށް ދިޔުމަށް ހިދާޔަތް ދައްކަވައި ސާބިތުކަން ދެއްވީ ހަމައެކަނި ﷲ ކަން އެނގުންވާތީވެއެވެ.

 

އައްޒާމަށް ކާމިޔާބީތައް ލިބެމުން ދިޔަ ފަދައިން މާޝާއަށް ވެސް އޭނަ ރަނގަޅު ނިޔަތެއްގައި ކުރަން ފެށި ބުރަ މަސައްކަތުގެ ފޮނި މީރުކަން އިޙްސާސްކުރެވެން ފެށިއެވެ. މާޝާ އައްޒާމަށް ވަޢުދުވީ ފަދައިން އޭނަ ބައެއް އިމްތިޙާންތައް އެހެން ދަރިވަރުންނަށްވުރެ އަވަސް މުއްދަތެއްގައި ނިންމަން ތައްޔާރުވަމުން ދިޔައެވެ. މާޝާއަކީ މޮޅު ކުއްޖަކަށްވުމުން ސްކޫލުން ވެސް އެގޮތަށް ކަންތައް ކުރުމުގެ އިޒުނަ ދިނެވެ. ހާފިޒާއާއި ލަތީފް އެކަމާމެދު މާޝާއާއި ވަކި ސުވާލެއް ނުކުރީ، މާޝާ އަވަހަށް އިމްތިޙާންތައް ނިންމުމުގެ ފަހަތުގައިވީ ހަމައެކަނި އޭނަ އަވަހަށް ސްކޫލް ނިންމަން ބޭނުންވެފައިވުމުންހެން ހީވެފައި އޮތުމުންނެވެ. މާޝާއަކީ ކުރީއްސުރެ ވެސް އެ ޒާތުގެ ވާހަކަތައް ދައްކާ ކުއްޖަކަށްވާތީވެއެވެ. މަންމައާއި ބައްޕަގެ އެ ހީތައް ފިލުވައިދިނުމަށް މާޝާ ވަކި ނުއުޅުނީ އޭނަގެ ޙަޤީޤީ ނިޔަތުގެ ވާހަކަ ދުލާއި ހަމައަށް ގެންނަން ވެސް ނުކެރުމުންނެވެ. އަދި މަންމަމެން ކައިރި ބުނެފިނަމަ އެވާހަކަ އޭނަގެ އެކުވެރިންގެ ކަންފަތަށް ފޯރުމުން އޭނައަށް ހަމަޖެހިގެން އުޅެން އެމީހުން ނުދޭނެކަން އެނގުންވާތީވެސްމެއެވެ. އެހެންކަމުން ރީތިވެގެންވާ ކެތްތެރިވުމަކުން މާޝާ އޭނަ ހުވަފެންތަކުން ދެކެމުން އަންނަ ދުވަސްތަކަށްޓަކައި އިންތިޒާރު ކުރަމުން ދިޔައީ، އެ ދުވަސްތައް އަންނާނެ ކަމާމެދު ޝައްކެއްވެސް ނެތިއެވެ. ﷲ އޭނަގެ ދުޢާތައް އިޖާބަކުރައްވާނެ ކަމާމެދު އޭނަގެ ހިތުގައި އޮތް ޔަޤީންކަން އެހާވެސް ބޮޑުވުމުންނެވެ.

 

ދުވަސްތައް ހަފްތާތަކަށް ހަފްތާތަކަށް މަސްތައް ބަދަލުވަމުން ގޮސް ޖެހިގެން އައި އަހަރު ފެށިގެން ދިޔައިރު މާޝާއާއި އައްޒާމްގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވިއެވެ. އައްޒާމްގެ ސާރވިސް ސެންޓަރު ބޮޑު ކުރެވިފައިވީއިރު އޭނަގެ 20 ވަރަކަށް މުވައްޒަފުން އެ ސެންޓަރުގައި މަސައްކަތް ކުރަމުންދެއެވެ. އެ ސެންޓަރަށް ގެނެވޭ އާލާތްތައް ރަނގަޅު ކުރުމުގެ އިތުރުން ފަހަކަށް އައިސް އެ ސެންޓަރުގެ ހޮޓްލައިން މެދުވެރިވެގެން މާލެ ނޫން ޞަރަޙައްދުތަކުގައި އުޅޭ މީހުންގެ އާލާތްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް އެމީހުންނަށް ކިޔައިދިނުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެވެއެވެ. މީގެ އިތުރުން އެ ސެންޓަރަށް ޚާއްޞަ އެޕެއް މެދުވެރިވެގެން ޑިޖިޓަލް އާލާތްތަކަށް ދިމާވާ އާއްމު މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާއި ވެބްސައިޓެއް އެންމެ ރަނގަޅަށް ހަދައި ގެންގުޅެވޭނެ އުކުޅުތައް ކިޔައިދެވެއެވެ. އަދި އެކަންތައްތަކާމެދު އެއްވެސް ޝައްކުވާ ކަމެއް އޮތްނަމަ އެ އެޕް މެދުވެރިވެގެން އެ ބޭނުންކުރާ މީހުންނަށް ޖަވާބު ލިބޭގޮތަށް ހުރެއެވެ. އައްޒާމްގެ ކަމަކީ އެ ހުރިހާ މަސައްކަތްތައް މަތިމަތިން ބެލުމުގެ އިތުރުން އޭނަގެ ހިތްވަރުން ތަމްރީނުކޮށްފައިވާ ޒުވާން މުވައްޒަފުންނަށް ޙައްލު ނުކުރެވޭ މައްސަލަތައް ޙައްލުކޮށްދިނުމެވެ. މިގޮތުން ސެންޓަރަށް އަންނަ ބައެއް ކޯލުތައް ވަކި ވަގުތުތަކެއްގައި އޭނައަށް ފޮނުވާލެވޭ ގޮތަށް ހަދާފައިވެއެވެ. މިހާ ތަނަށް އައިއިރު ގިނަ މީހުން އޭނަ ނުހަނު މަތީ މީހެއްގެ ގޮތުގައި ދެކުނެއްކަމަކު އައްޒާމް އޭރުވެސް އޭނަ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި ވާހަކަ ދައްކަނީ އޭނަ އެ މަސައްކަތް ފަށައިގަތް ދުވަސްވަރުވެސް ދެއްކިހާ މަޑުމައިތިރި ކޮށެވެ. ތިމާގެ އަމިއްލަ ނަފްސާއިމެދު މާ މަތީކޮށް ދެކި ފަޚުރުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވާކަން ހަނދާން ހުންނާތީވެއެވެ. އެ ވާހަކަ އޮންނަ އާޔަތް ވެސް އޭނައަށް ނުހަނު ޖޯޝާއެކީ ކިޔައިދިނީ މާޝާކަން ހަނދާންވާ ކޮންމެ ފަހަރަކު އައްޒާމަށް ހިނިތުންވެލެވެއެވެ. ފަހަކަށް އައިސް އެ ހިނިތުންވުންތައް އޭނަގެ މޫނުމަތިން ފެންނަމުން ދަނީ މާ ގިނައިންނެވެ. އޭނައަށް އައިސްފައިވާ ކުރިއެރުންތައް ފެނި އޭނަ ދެން މާޝާއާއި ގުޅެން މާ ދިގު އިންތިޒާރެއްކުރަން ނުޖެހޭނެ ކަމަށް ހިތް ބުނަމުން ދިޔަވަރުންނެވެ.

 

ޖެނުއަރީގައި ނެގެމުން ދިޔަ އޭނަގެ ފަހު އިމްތިޙާންތައް އޮމާންކަމާއެކީ ނިންމަމުން ދިޔަ މާޝާގެ ހިތް ވެސް އުފަލުން ނަށަމުން ދިޔައީ އެ ސަބަބާހެދިއެވެ. އިމްތިޙާންތައް ނިމުމުގެ ކުރިން ވެސް އޭނަ ކުރިއަށް ދާން ބޭނުންވާ ދާއިރާ އޭނައަށް ކަނޑައެޅުނެވެ. ކައުންސެލިންގް ގެ ދާއިރާއިން އޭނަ ކުރިއަށް ދާން ބޭނުންވީ ސްކޫލް ދައުރުގައި އޭނައަށް ކުރެވުނު ތަޖުރިބާތަކެއްގެ ސަބަބުންނެވެ. އޭނަ ތައުބާވިފަހުން ގިނަ ކުދިން އެކި ކަންކަމުގައި އޭނަ ދެކޭ ގޮތް ހޯދައި އޭނަގެ ނަޞޭޙަތްތައް ހޯދަން އަންނަމުން ދިޔަކަން އޭނައަށް ފާހަގަވިއެވެ. އަދި އޭނަ ކަމަކާމެދު ވިސްނައިދޭން އޭނައަށް ވެވުނުހާ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެކަން ﷲ ގެ އިރާދަފުޅުން ކުރެވޭކަން ވެސް އެނގުންވުމުންނެވެ. މާޝާ އޭރުއްސުރެ މާލޭގައި ހުންނަ ޤައުމީ ޔުނިވާރސިޓީއިން އެ ދާއިރާއާއި ގުޅޭ ކޯހެއް އޮތްތޯ ބަލައި ހޯދީ، ދާދި ކައިރި މުސްތަޤްބަލެއްގައި އޭނަ އައްޒާމާއެކީ މާލޭގައި އުޅޭ މަންޒަރު ސިކުނޑީގައި ކުރަހަމުންނެވެ. އޭނަ އެ ހުވަފެންތައް ދެކެމުން ދިޔައީ އަންނަން އުޅޭ ޠޫފާނެއްގެ ހިލަމެއްވެސް ނުވެއެވެ.

 

މާޝާއާއި އައްޒާމްގެ ޙަޔާތްތަކަށް ކަޅު ވިލާގަނޑެއް ވެރިވީ މާޝާ އޭނަގެ ފަހު އިމްތިޙާން ހެދި ދުވަހުއެވެ. ހެނދުނުގެ ވަގުތު އިމްތިޙާން ނިންމާފައި މާޝާ ސްކޫލްގެ ގޭޓުން ނިކުތީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. ދުވަސްވަރަކީ އަދި ސްކޫލްގެ ކިޔެވުން ނުފެށޭ ދުވަސްވަރަށްވުމުން އެ ޞަރަޙައްދަށް ވެރިވެފައިވީ ހިމޭންކަމެކެވެ. އެކި ޚަބަރުތަކުން ފެންނަމުން ދިޔަ އައްޒާމްގެ ކާމިޔާބީގެ ވާހަކަތައް ހަނދާން ކުރަމުން ޚިޔާލުތަކަށް ގެއްލިފައިވަނިކޮށް މާޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބާރު ސްޕީޑެއްގައި އައި ސައިކަލެއް އައިސް އޭނައާއި ނުހަނު ކައިރިން ގޮސް އޭނަ ވަށާލާފައި އޭނަގެ ކުރިމައްޗަށް މަޑު ކޮށްލުމުންނެވެ. ސިހުމުގެ ސަބަބުން ފިޔަވަޅުތައް މަޑުޖައްސައި ދެލޯ މަރައި ތަގުޅި ކޮށްލި މާޝާއަށް ލޯ ހުޅުވާލެވުނީ ލަސްލަހުންނެވެ. އެ ހިނދު ސައިކަލު މަތީގައި ހުރި މީހަކު ފެނިފައި މާޝާ ވަގުތުން ރުޅިން ރަތްވިއެވެ.

 

“ލިއާމް!” މާޝާއަށް އެ ނަން ކިޔާލެވުނީ ވެސް ދަތްކުނޑި ވިކަމުންނެވެ. އެ ހިނދު ލިއާމް އޭނަގެ މޫނުމައްޗަށް ވެރިކުރުވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ. މާޝާއަށް އޭނަގެ މާޒީގައި އެ ހިނިތުންވުން ރީތިވީ ފަދައިން ގިނަ އަންހެން ކުދިންނަށް މިއަދުވެސް އެ ހިނިތުންވުން ރީތިވެދާނެއެވެ. ކަރަންޓު ޖައްސާފައިވި ފަދައަކުން މައްޗަށް އަރުވާފައިވި އިސްތަށިގަނޑާއި އޭނަގެ ކަރުގައި އެޅުވެފައި އޮތް ޗޭނު އެކުދިންނަށް ރީތިވެދާނެއެވެ. އެހެނަސް މިއަދު މާޝާގެ ހިތުގައި ލިއާމަށްޓަކައިވީ ސާފު ނަފްރަތެވެ. ލިއާމާއި އޭނައާއި ދެމެދު ހިނގި ކަންތަކަށްފަހު ލިއާމް ވަނީ ސްކޫލުން ވަކިވެގެން ގޮސްފައެވެ. އޭގެ ފަހުން ލިއާމާއި ބެހޭ އެތައް ނޭދެވޭ ވާހަކައެއް ރަށުތެރޭގައި ފެތުރިގެން ދިޔައެވެ. އޭނަ ޕާޓޭއިންނާއި އެކީ އުޅޭ ވާހަކައާއި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރެވުނު ވާހަކައާއި އަދިވެސް އެ ޒާތުގެ އެތައް ވާހަކައެކެވެ. އެ ވާހަކަތައް އިވިފައި ލިއާމާއި ވަކިވެވުނު ކަމަށްޓަކައި މާޝާއަށް ހިތާހިތުން ޙަމްދުކުރެވެއެވެ. އެހެނަސް ދޭތެރެދޭތެރެއިން އޭނައަށް ލިއާމްގެ އުދަގޫތަކާއި ކުރިމަތިވެއެވެ. އައްޒާމް ދިޔަފަހުން އެ އުދަގޫތައް ވަނީ އިތުރުވެފައެވެ. އޭނަ މާޝާއާއި ދިމާކުރާ ކޮންމެ ފަހަރަކު ދައްކާނީ އައްޒާމާއި މާޝާގެ ގުޅުމުގެ ވާހަކައެވެ. މިހާތަނަށް އައިއިރު އޭނަ ދެއްކި ވާހަކަތަކުން މާޝާއާއި އައްޒާމް އިންނަން ރޭވިކަން ވެސް އޭނައަށް އެނގޭކަން މާޝާއަށް އެނގުންވެފައިވެއެވެ. ލިއާމް އޭނައަށް އެހާވެސް ބޮޑަށް ފާރަލަނީތޯ މާޝާގެ ހިތް ސުވާލުކުރެއެވެ. އެއީ ކީއްވެކަމާމެދު ޙައިރާންވިއެއްކަމަކު އޭގެ ފަހަތުގައިވި ސަބަބު ލިއާމްގެ ވާހަކަތަކުން މާޝާއަށް ދޭހަކުރެވެއެވެ. ލިއާމް އޭނަ ކަހަލަ އަންހެން ކުއްޖެއްގެ އަތްދަށުން ‘ބަލިވީ’ ކަމުގެ ރުޅި އަދިވެސް އެ ހިތުގައި އަށަގެންފައިވަނީއެވެ. އެ ރުޅި ބޭލުމަށްޓަކައި އޭނަ މާޝާއަށް މަލާމާތްކޮށް މާޝާއަށް އުފާވެރި ޙަޔާތެއް ނުލިބޭނެކަމުގެ އިންޒާރު ދެނީއެވެ. އެ މަލާމާތްތަކުން ހިނދުކޮޅަކަށް ވެސް މާޝާ ރުޅިއަރުވާލެވުމުން އެ މޫނުމަތިން އުފާވެރިކަން ފިލައިދިޔުމުން އެއީ އޭނައަށް ލިބޭ ކާމިޔާބީއެއްހެން ލިޔާމަށް ހީވަނީއެވެ.

 

“ލޯބިވެރިޔާ އަންނާނެ ދުވަހަކަށް އިންތިޒާރުކޮށް ދުވަސްތައް ގުނަނީދޯ؟ މާ އަވަހަކަށް އިމްތިޙާންތައް ނިންމީ ކީއްކުރަންބާ؟ މާޝް ބޭބީއަށް ހީވަނީ މެރީކޮށްގެން ކުރާ ކަންތައްތަކަކީ މާ……އުދަގޫ ކަންތައްތަކެއްހެންތަ؟” ލިއާމް މަލާމާތުގެ ހިނިތުންވުމަކާއެކީ ލަދުކުޑަ ރާގަކަށް ދެއްކި ވާހަކައިން ރުޅި ނާންނަން ހުރި މާޝާގެ ގާތަށް ރުޅިއައެވެ. ސައިކަލުމަތީގައި ލިއާމް އޭނައާއި ނުހަނު ގާތްކޮށް ހުއްޓިގެން އިންއިރު އޭނަގެ އަނގައިން އަރަމުން ދިޔަ ސިނގިރޭޓި ވަހުން މާޝާއަށް އެތާ ހުރެވުނީއެއްވެސް ނޫނެވެ. އޭނަ ވަގުތުން ބާރު ފިޔަވަޅުތަކެއްގައި އެ ސައިކަލު ފަހަނަޅައި ދާން އުޅުނު ވަގުތު ލިއާމް ރުޅިވެރިކަމާއެކީ މާޝާގެ އަތުގެ ކުޑަ ހުޅާއި ދިމާލުން ހިފަހައްޓާލިއެވެ. ވީ ތަދާއެކީ މާޝާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ލިއާމަށް ފަސްއެނބުރި ބަލާލީ ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅި އައިސްފައި ހުރެއެވެ.

 

“ދޫކުރޭ!” ހަރުއަޑުން މާޝާ އެހެން ބުނެ އޭނަގެ ގައިގަ ހުރި ބާރު މިނަކާއެކީ ކުއްލި ގޮތަކަށް އަތް ދަމައިގަންނަން އުޅުނެވެ. އެ ހިނދު ލިއާމްގެ އަތުން އެ އަތް ދޫނުވެ ދިޔައީ ހަމަ ކިރިޔާއެވެ. މާޝާގެ އެ ޙަރަކާތުން އިތުރަށް ނުރުހުންވި ލިއާމް އިހުނަށްވުރެ ބާރަށް އެއަތުގައި ހިފަހައްޓާލިއެވެ.

 

“ހީނުކުރާތި ކަލޭ މަށާއި ދޭތެރޭ ހެދިގޮތް މަ ހަނދާން ނައްތާލީ ކަމަށް! ކޮންމެ ގޮތެއް ހަދާފަ ވެސް އެކަމުގެ ހިތި ރަހަ ކަލޭގެ ކަރުބުޑުގަ ލައްވާނަން! މަށާއި ކަލޭ ނުއިންނަންޏާ ކަލެއަކަށް ނީނދެވޭނެ އޭނައަކާ. ހަނދާންކުރާތި!” ލިއާމް ދަތްކުނޑި ވިކަމުން އެ އެނގުން އަންގައި މާޝާގެ އަތް ހޫރާލަމުން ދޫކޮށްލިއެވެ. އަތަށްވީ ތަދާއެކީ މާޝާއަށް އެ އަތް ހިއްލައި އަނެއްއަތުން ފިރުމާލެވުނެވެ. އެ ހިނދު ލިއާމް އަނެއްކާވެސް ޒޫމް ލައްވާފައި އޭނަގެ ސައިކަލު އަނބުރާލަމުން ބާރަކަށް ދުއްވާލިއެވެ. ލިއާމް ދިޔަ މަންޒަރު ބަލަން ހުރި މާޝާއަށް އޭނަ ދެއްކި ވާހަކަތަކާއިމެދު ވިސްނުނެވެ. އެހެނަސް ކޮންމެ ފަހަރެކޭ އެއްފަދައިން އެ އިންޒާރުތަކުގެ މަތިން ހަނދާން ނައްތާލީ ލިއާމަކީ ގިނަފަހަރު އޭނަގެ ބަހާއި ޢަމަލު އެއްގޮތްވާ މީހެއްނޫންކަން އިޙްސާސް ކުރެވިފައިވާތީވެއެވެ. އެ އިންޒާރުވެސް އޭނަ ދޭތާ ކިހާ ދުވަހެއް ހެއްޔެވެ؟ އެހެނަސް އޭގެ އެއްވެސް އަސަރެއް އަދި މާޝާއަށް ފެނިފައެއްނުވެއެވެ. ލިއާމްގެ ބަސްތައް ޙަޤީޤަތަކަށްވާނީ މިފަހަރު ކަން މާޝާއަށް ރޭކާނުލިއެވެ. ލިއާމްގެ ‘ވަޢުދު’ ފުއްދުމަށްޓަކައި އޭނައާއި އެއްޒާތެއްގެ އެދުމެއް އޮތް އެހެން މީހެއްގެ އެހީތެރިކަން އޭނައަށް ލިބެން އުޅޭތީވެކަން ވެސްމެއެވެ.

 

އެދުވަހު ހަވީރުގެ ވަގުތެއްގައި އައްޒާމް އޭނައަށް ޚާއްޞަ ކުރެވިފައިވި ކެބިންއިން ނިކުމެ ސެންޓަރުން ނިކުތް ވަގުތަކީ ކާފަ އޭނައަށް ގުޅި ވަގުތެވެ. އެ ދުވަސްކޮޅު މާލޭގައި އުޅެމުން ދިޔަ ކާފަ އޭނަގާތު އެދުނީ ވަކި ވައްތަރެއްގެ ކަދުރު ގެނެސްދިނުމަށެވެ. ކާފަ އުޅެނީ މިދިޔަ ހަފްތާގައި ކޮންމެވެސް ރަށަކަށް ގޮސް އެނބުރި އައިފަހުން ބަލިވެއެވެ. ބަލިވުމުގެ ސަބަބުން އާދައިގެ މަތިން ކާފަގެ ކެއުން މަދުވެފައިވީތީ ކާފަ އެދުނު އެއްޗެއް ހޯދައިދިނުމަށް އައްޒާމް އަވަސްވިއެވެ. މިގޮތުން ކާފަ އެ ބުނި ވައްތަރެއްގެ ކަދުރު ތިބޭނެހެން ހީވި ބޮޑު ފިހާރައަކަށް ގޮސްވަނެވެ. އޭނަ ފިހާރައަށް ވަން ވަގުތަކީ އޭނަގެ ފޯނަށް ސެންޓަރުން ކޯލެއް އަންނަން ފެށި ވަގުތެވެ. ބޮޑު މައްސަލައެއް ދިމާވެގެން ނޫނީ އޭނަ ގެއަށްދާ ވަގުތު އެތަނުން އޭނައަށް ނުގުޅާނެކަން ޔަޤީންވާތީ އައްޒާމް ފޯނު ނެގިއެވެ.

 

“ހެލޯ ޒާމް….ކޮންމެވެސް ދީނީ ސައިޓެއް ހަދައިގެން އުޅޭ އަންހެނެއް އޭނަގެ ސައިޓް ހެކްކޮށްގެން ވަރަށް ގިނައިން އެބަ ގުޅާ. ބުނަނީ އެ ސައިޓް ހެކްކުރި ބަޔަކު މިހާރު އެ ސައިޓުގައި ޝާއިއުކުރަނީ ދީނާއި ދެކޮޅު ލިޔުންތަކޭ. އަހަރުމެން ވަރަށް ޓްރައި ކޮށްފިން ރަނގަޅުކުރެވޭތޯ. އެކަމަކު ހަމަ ރިޕީޓެޑްލީ އެ ހުރިހާ ކަމެއް އަންޑޫވަނީ މިދިޔަ 3 ދުވަހުވެސް. ވަރަށް ކަންބޮޑުވެގެން އެ މީހާ އުޅެނީ. ކޯލް ފޮނުވާލަންތަ ޒާމްއަށް؟” އެކޮޅުން އައްޒާމްގެ މުވައްޒަފަކު ވާހަކަ ދެއްކިއެވެ. އޭނަ އާއްމުގޮތެއްގައި ތަނަކަށް ގޮސްފައި ހުންނައިރު ކޯލްއެއް ލިބުނަސް އޭތި ފަސްކޮށްލައެވެ. އެހެނަސް ދީނީ ސައިޓަކާއި ދެކޮޅަށް އެފަދަ ޙަމަލާއެއް ލިބުނު ވާހަކަ އިވި އެކަމުގައި އޭނަގެ އެހީއަކަށް އެދުމުން އައްޒާމަށް ވަގުތުން އާނއެކޭ ބުނެލެވުނެވެ. ފޯނުން ވާހަކަ ދައްކަމުން ފިހާރައިގެ ތެރެއަށް ވަން އައްޒާމްގެ ފަހަތުން އެ ފިހާރައަށް އެހެން ބަޔަކުވެސްވަނެވެ.

 

**

 

މިރްޒާނާއި މުޙްސިން އެދުވަހު ހަވީރު މާލޭގެ ބޮޑެތި ފިހާރަތަކަށް ގޮސް ހޯދަމުން ދިޔައީ ދެމީހުންނަށް އޮންލައިންކޮށް ފެނުނު ރެސިޕީއެއް ހެދުމަށްޓަކައި ބޭނުންވާނެ ތަކެތި ފެނޭތޯއެވެ. ދެމީހުން އެކީގައި މިޒާތުގެ ކަންތައް ކުރުމަކީ އާދައިގެ ކަމަކަށްވަނީ ވެފައެވެ. މުޙްސިން ސަމާސާއަކަށްޓަކައި އެފަދަ އެދުމެއް އެދުނަސް މިރްޒާން އެ އެދުމާއިގެން ކުރިއަށްދަނީ އޭނަ މުޙްސިނާއި ދުރުގައި އުޅެންޖެހުނު ހުރިހާ ދުވަސްތަކުގެ ބަދަލު ހޯދުމަށެވެ. އޭނައަށް ނުފެނި ގޮސްފައިވަނީ މުޙްސިންގެ ޙަޔާތުގައި ދިޔަ ކިތައް ލޯބި ދުވަސްތަކެއްތޯ އޭނަގެ ހިތް ސުވާލުކުރާ ހިނދު މިރްޒާންގެ މޭގައި ރިއްސާލައެވެ. އެހެނަސް އޭނަ ހިނިތުންވެލަނީ މުސްތަޤްބަލުގައި އޭނައަށް މުޙްސިން އަބަދުވެސް ފެންނާނެ ކަމުގެ އުފާވެރިކަމުންނެވެ.

 

ފިހާރައަށް ވަންތާ މާގިނައިރެއްނުވެ މިރްޒާން ކިރާ ބާވަތުގެ އެއްޗެހި ހޯދަން މިޞްރާބުޖެހިއިރު މުޙްސިން ބާކީހުރި އެއްޗެހި ފިހާރައިގެ ބޮޑެތި ހަރުތަކުން ހޯދަންފެށިއެވެ. މިގޮތުން އޭނައަށް ފުރަތަމަ ވެސް ހުއްޓި ހުރެވުނީ ކަދުރު ޕެކެޓުވެސް ބަހައްޓާފައި ހަރުގަނޑުގެ ކުރިމައްޗަށްވާ ގޮތަކަށެވެ.

 

**

 

ސެންޓަރުން އައި ކޯލު ނިންމުމަށްފަހު އައްޒާމް ފިހާރަތެރެއިން ހިނގަމުން ގޮސް އޭނަގެ ކަންފަތުން ފޯނު ވަކިކުރިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނައަށް ފޯނެއް އަންނަން ފެށިއެވެ. މިފަހަރު އޭނަގެ ސްކްރީނަށް އެރީ ދިގު ނަންބަރެކެވެ. ސައިޓްގައި މައްސަލައެއް ޖެހިގެން އުޅެނީ ބޭރު މީހެކޭ ހިތައި އައްޒާމް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“އައްސަލާމްޢަލައިކުމް…އައްޒާމް ދެއްތޯ؟” އެކޮޅުން އިވުނު އަންހެން މީހާގެ އަޑުއިވިފައި އައްޒާމްގެ ފިޔަވަޅުތައް ލަސްވިއެވެ. އެ އަޑު އޭނައަށް އިވުނީ ކޮންތަނަކުންތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ މަންމަމަތިން ވެސް ހަނދާންވީ ކީއްވެކަމެއް ނޭނގެއެވެ.

 

“ވަޢަލައިކުމުއްސަލާމް.” އައްޒާމަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.

 

“އަޅުގަނޑަށް ދިމާވެގެން އުޅޭ މައްސަލަ އައްޒާމަށް އެނގިލައްވާ ދެއްތޯ؟” އެކޮޅުން އަދަބުވެރިކަމާއެކީ ސުވާލުކުރި އަޑު އިވުނެވެ.

 

“އާދެ…” އައްޒާމް ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ވަރުން އިތުރަކަށް ވާހަކައެއް ނުދެއްކެއެވެ.

 

“ހުރިހާ އައިޓީ މީހުންގެ ތެރެއިން ވެސް އައްޒާމް މި ޚިޔާރުކުރީ އައްޒާމް މި ކަންތަކަށް ކިހާ ޤާބިލުކަން އެނގޭތީ…..އަދި އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދެވޭނެ މީހަކީ ވެސް އައްޒާމްކަން އެނގޭތީ.” އެ އަންހެން މީހާ ދެއްކި ވާހަކައިގެ ޒާތުން އައްޒާމްގެ ނިތަށް ރޫގިނަވިއެވެ.

 

ނުނިމޭ

The post Hadhiya (Part 30) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-30/feed/ 0 1331
Hadhiya (Part 29) https://blog.storiesbyjana.com/hadhiya-part-29/?utm_source=rss&utm_medium=rss&utm_campaign=hadhiya-part-29 https://blog.storiesbyjana.com/hadhiya-part-29/#respond Sat, 01 May 2021 12:54:33 +0000 https://blog.storiesbyjana.com/hadhiya-part-28-copy/

އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ.   ދީނީ ޢިލްމު ލިބެމުން ދިޔައެއްކަމަކު މާޝާއާއި އައްޒާމްގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް އެގޮތުގައިވިއެވެ. މަގުމަތިން ދެމީހުންނަށް އެކަކު އަނެކަކު ފެނިއްޖެނަމަ ދެމީހުންނަށް ވެސް ހިނިތުންވެލެވެއެވެ. އެހެނަސް ކުރިން ހަދާހެން ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރުނީ ދެމީހުންނަށް ވެސް ދޭހަ ނުކުރެވުނު ސަބަބަކާހެދިއެވެ. އެދެމެދުގައި ވާހަކަ ނުދެކެވުނެއްކަމަކު ދެމީހުންގެ ދެމެދުގައި ހިނގަމުން ދިޔަ […]

The post Hadhiya (Part 29) appeared first on Stories by Jana.

]]>

އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ.

 

ދީނީ ޢިލްމު ލިބެމުން ދިޔައެއްކަމަކު މާޝާއާއި އައްޒާމްގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް އެގޮތުގައިވިއެވެ. މަގުމަތިން ދެމީހުންނަށް އެކަކު އަނެކަކު ފެނިއްޖެނަމަ ދެމީހުންނަށް ވެސް ހިނިތުންވެލެވެއެވެ. އެހެނަސް ކުރިން ހަދާހެން ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރުނީ ދެމީހުންނަށް ވެސް ދޭހަ ނުކުރެވުނު ސަބަބަކާހެދިއެވެ. އެދެމެދުގައި ވާހަކަ ނުދެކެވުނެއްކަމަކު ދެމީހުންގެ ދެމެދުގައި ހިނގަމުން ދިޔަ ކަންތައްތަކުން އެ ދެހިތުގެ އެދުމަކަށްވެފައިވީ ކޮންކަމެއްކަން ދެމީހުންނަށް ވެސް އެނގިފައިވިއެވެ. މާޝާ އެއްދުވަހެއްގެ ހަވީރު ވަގުތު ދަރުސް ނިންމާފައި މިސްކިތުން ނިކުންނަން އުޅުނު ވަގުތަކީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެދުވަހު މަންހާ ބަލިވެ އުޅުނީތީ ހިނދުކޮޅެއްގެ ތެރޭގައި މިސްކިތުގެ ސިޑި ކައިރީގައި މަޑުކޮށްގެން ހުރި މާޝާ އެކަނިވިއެވެ. އޭނަ ފަދައިން ކުޑައާއި ނުލާ އައި ބައެއް އަންހެން ކުދިން ވާރެއާއި ތެމިގެން ދިޔައެއްކަމަކު މާޝާއަށް އެހެން ހަދާކަށް އެއްގޮތަކަށް ވެސް ނުކެރުނެވެ. ވާރެއާއި ތެމިގެން ދިޔަ ބައެއް އަންހެން ކުދިންގެ ހެދުންތައް އެކުދިންގެ ގަޔަށް ތަތްލެވިފައިވި ގޮތުންނެވެ. އެހެންހުރެ މަގުމަތީގައި ހިނގަން އޭނައަށް ލާހިކެއްނޫންކަމަށް އޭނަގެ ހިތް ބުނި ހިނދު ޚުދު މާޝާ ވެސް ޙައިރާންވިއެވެ. އޭނަ މިގޮތަށް ވިސްނަން ފެށީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ. އޭނަގެ ކުރިމައްޗަށްވާ ގޮތަށްހުރި އަންހެނުން ވަންނަ މައިދޮރު މައްޗަށް ނޫކުލައިގެ ކާރެއް މަޑުކޮށްލީ އެވަގުތެވެ. އެއީ ކާކުގެ ކާރެއްކަން މާޝާއަށް އެނގުންވި ވަގުތަކީ އެ ކާރުގެ ޑްރައިވާރސް ސީޓުން އައްޒާމް ފޭބި ވަގުތެވެ. އައްޒާމް ކާރުގެ ވަށަލައިގެން އައިސް ވާރޭގެ ތެރެއިން ކުޑަކޮށް ދުވެފައި މިސްކިތް ތެރެއަށް ވަން މަންޒަރު ފެނި މާޝާގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ފިނިވިއެވެ. ސިޑިއާއި ކައިރިވަމުން ދިޔަ އައްޒާމް އިސްއުފުލާލި ވަގުތު އޭނަ ހުއްޓުން އެރި ގޮތުން އޭނައަށް ވެސްވީ އެފަދަ ގޮތެއްކަން މާޝާއަށް އެނގުންވިއެވެ. އެހެނަސް އައްޒާމް ވަކި އެއްޗެކޭ ނުބުނެ އޭނަ ފަހަނަޅައި މިސްކިތަށް ވަދެގެން ދިޔައީއެވެ. އައްޒާމް އޭނަގެ ގާތުން ދިޔަ ވަގުތު އޭނަގެ ހުދުކުލައިގެ ކުރުތާ ކިހާ ކުރުކަމާއި އޭނަ ލައިގެން ހުރި ޖިންސްގެ ބާރުކަން މާޝާއަށް އިޙްސާސްކުރެވުނީ މާ ބޮޑަށެވެ. އޭނައަށް މިވަނީ ކީއްތޯ ބުނެ ހިތް ސުވާލުކުރި ވަގުތު އޭނަގެ ފުރަގަހުން މިސްކިތުން ނިކުމެގެން އައި އޭނަގެ އާ އެކުވެރިޔަކު ވާހަކަ ދެއްކި އަޑުއިވުނެވެ.

 

“އޭ މާޝް ހިނގާދޯ އަހަންނާއެކީ ވާރޭގަ ތެމިގެންދާން؟” މާޝާއާއި އެއްޒާތެއްގެ ހެދުމެއް ލައިގެން ހުރި އެ އެކުވެރިޔާ ބުނެލިއެވެ. އެއާއެކު މާޝާއަށް އެ އެކުވެރިޔާއަށް ބަލާލެވުނެވެ.

 

“އުނހު…މާ ތުނި އެއްޗެއް ލައިގެން މިހިރީ…” މާޝާއަށް އިތުރަށް ބުނާކަށް ވެސް ނުކެރުނު ގޮތުން ޚުދު  އޭނަ އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ. އޭނައަށް ނޭނގުނުކަމަކީ އޭނަ އެހެން ބުނި އަޑު އޭނަގެ އެކުވެރިޔާގެ އިތުރުން ހާޝިމްގެ ފޮތް އަޅާފައި ހުންނަ ފޮތި ކޮތަޅު ހިފައިގެން ނިކުތް އައްޒާމަށް ވެސް އިވުނުކަމެވެ. އެވާހަކަ އިވިފައި އައްޒާމަށް ހުރި ފިޔަވަޅު މަތީގައި މަންޒަރު ބަލަން ހުރެވުނެވެ.

 

“އިޓްސް އޯކޭއޭ މާޝް. އަހަރެން ވެސް މިއުޅެނީ ދާކަށެއްނު؟ އާދޭ ދެން!” އެކުވެރިޔާ ދެންވެސް ބުނެލިއެވެ. އެހެނަސް މާޝާ ދެންވެސް އިންކާރު ކުރިތަން އައްޒާމަށް ފެނުނެވެ. މާޝާގެ އެކުވެރިޔާ އެންމެ ފަހުން ބަލި ޤަބޫލުކޮށް އެތަނުން ދާންފެށުމުން އައްޒާމް ވެސް މާޝާއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް މިސްކިތުން ނިކުންނަން ދިޔައެވެ. މާޝާއާއި އެއްހަމަވެ އޭނައާއި އެއްފިޔަވަޅު ކުރިއަށް ދެވުނު ވަގުތު އައްޒާމަށް ފަސްއެނބުރި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އައްޒާމާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު މާޝާ ނުތަނަވަސްވެގެން ދިޔައެވެ. އޭނަ ދެންމެ އޭނަގެ ހެދުން ސިފަކުރި ގޮތް އައްޒާމަށް އިވިފައިވާނެތޯ ކުއްލިއަކަށް ހިތަށްއަރަން ފެށިއެވެ. އެއާއެކު ދުވަހަކުވެސް ލަދުނުގަންނަ ވަރަށް ލަދުގަތެވެ. ރަތްވެގެން ދިޔަ ކޯތާފަތާއެކީ އިސްޖަހާލެވުނު މާޝާ ފެނިފައި އައްޒާމަށް ވެސް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލެވުނެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ކާރާއި ދިމާލަށް ދާން ހިނގައިގަތީ ކަމެއް ޚިޔާލުކުރަމުންނެވެ. އައްޒާމް އޭނަ ދޫކޮށްފައި ދިޔައީހެން ހީވި ވަގުތު މާޝާއަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އައްޒާމް ވާރޭތެރެއިން ގޮސް އޭނަގެ އަތުގައި އޮތް ކޮތަޅު ކާރު ތެރެއަށް ލާފައި ދޮރު ލެއްޕި މަންޒަރު ފެނުނެވެ. އެއަށްފަހު އައްޒާމް ގޮސް ކާރުގެ ޑިކީ ހުޅުވާފައި ނެގީ ކުޑައެކެވެ. ޙައިރާންވެފައި އައްޒާމްގެ ޙަރަކާތްތަކަށް މާޝާ ބަލަން ހުއްޓާ އައްޒާމް ކުޑައާއެކީ އަވަސް ހިނގުމެއްގައި މިސްކިތަށް ވަދެގެން އައެވެ. ސިޑިއާއި ގާތްވެގެން ދިޔަހެން އައްޒާމް ފިޔަވަޅުތައް ލަސްކޮށްލަމުން މާޝާއަށް ބަލާފައި ސިޑިން މައްޗަށް އަރައިގެން ގޮސް އެ ކުޑަ މާޝާގެ ކަނާތް ފަރާތަށްވާ ގޮތަށް ހުރި ފާރަށް ލައްކޮށްލިއެވެ. އެ ހިނދު އަނެއްކާވެސް ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ މާނަ ހުރި ފަދައަކުންނެވެ. އެހެން ބަޔަކަށް ނޭނގޭނެ ފަދައަކުން އެތައް ވާހަކައެއް ދެމީހުންގެ ދެމެދުގައި ދެކެވިގެން ދިޔައެވެ. މާޝާއަށް އެ ކުޑަ އެހީ ވެވުނެއްކަމަކު އައްޒާމް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނައަށް ވެވޭނެނަމަ އޭނަ މާޝާ ކާރުގައި ގެއަށް ގެންދިޔައީހެވެ. އެހެނަސް އޭރު ކާފަވެސް ވީ މިސްކިތުގެ ކައިރީގައި ހުރި ގެއަކަށް ޒިޔާރަތަކަށް ގޮހެވެ. ނޭނގޭ ސަބަބަކާހުރެ މާޝާއާއެކީ އެކަނި ދަތުރުކުރަން އޭނައަށް އެވަގުތު ނުކެރުނެވެ. އަދި އަމުދުން އެފަދަ އެދުމެއް މާޝާގެ ކައިރިން އެދެން ވެސް އޭނަގެ ދޫ ނުކުޅެދުނެވެ. ކޮންމެއަކަސް އިރުކޮޅެއްފަހުން މާޝާގެ ލުއި ހިނިތުންވުމެއް ފެނިފައި އައްޒާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ބަދަލުގައި އާދައިގެ މަތިން އޭނައަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ގަދަކަމުން މާޝާގެ މޫނުން ނަޒަރު ވަކިކޮށް އެތަނުން ދިޔައެވެ.

 

މާޝާ އެދުވަހު އެ ކުޑަ ދަރައިގެން ގެއަށް ދިޔައީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. ގެއަށް ދިޔުމުން މަންމަމެން އެކަމާމެދު ސުވާލުކުރުމުން ޖަވާބު ދޭކަށްވެސް ނުކެރުނެވެ. އޭނަ ގެނައީ ކާކުގެ ކުޑައެއްތޯ އެހުމުން ވެސް ޝެއިޚްއާއެކީ އަންނަ ކުއްޖެކޭ ބުނެވުނީ އައްޒާމްގެ ނަން ކިޔަން ޖެހިލުންވުމުންނެވެ. މުޅި ދުވަސް އޭނައަށް ހޭދަކުރެވެން އުޅުނީ އައްޒާމްގެ ހަނދާންތަކުގައެވެ. އެހެނަސް އައްޒާމް އޭނަގެ ގާތުން ދިޔައިރު ކުރެވުނު އިޙްސާސްތައް ހަނދާންވެފައި އޭނައަށް އޭނަގެ މަންމަގާތު އެދުމެއް އެދެވުނެވެ.

 

“މަންމާ ހިނގާބަދޯ މި އަންނަ ހުކުރު ދުވަހު ފޮތިގަންނަން؟ ތަންކޮޅެއް ދޫކޮށް ބޮޑުކޮށް ފަހާނީ މިފަހަރު.” މާޝާ އެރޭ ހާފިޒާ އޭނަގެ ފަހާ ކޮޓަރީގައި އިންދާ ގޮސް ބުނެލިއެވެ.

 

“އައްދެ! ތިއީ އަނެއްކާ އެ ޝެއިޚް ބުނެގެންތަ؟ ހާދަ ރަނގަޅޭ!” ހާފިޒާ މޭޒުމަތީގައި ފޮތިގަނޑެއް ބާއްވައިގެން ހެދުމެއް ކަނޑަމުން އެހެން ބުނެލީ ހިނިތުންވުމަކާއެކީގައެވެ. މަންމަ ބުނެލި ވާހަކައިން މާޝާގެ ނިތަށް ރޫގިނަވީ މަންމައަށް ހީވީ ރަނގަޅަށް ނޫންކަން އެނގުންވުމުންނެވެ.

 

“ނޫން މަންމާ….ޝެއިޚް ނުއެއްބުނޭ.” މާޝާ ތެދުތެދަށް ބުނެލީ އަންތަރީސްވެފައި ހުރެއެވެ. އޭނައަށް މި ބަދަލުތަކެއް މި އަންނަނީ ވަކި ސީދާ ގެންނަންވީ ބަދަލުތަކެއްގެ ނަޞޭޙަތް ލިބިގެންވެސް ނޫންކަން އޭނައަށް އެނގުންވިއެވެ. މިއީ އެއްދުވަހު ޝެއިޚް ބުނިހެން ޤުރުއާނުން މީހުންގެ ޙަޔާތްތައް ބަދަލުވެގެން ދާ ގޮތުގެ މިސާލެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔުމުން މާޝާގެ އީމާންތެރިކަން އިތުރަށް ވަރުގަދަވުން ނޫންކަމެއްނުވިއެވެ.

 

ސީދާ ނަޞޭޙަތް ނުލިބި ރަނގަޅު ފިޔަވަޅުތައް އެޅެމުން ދިޔައީ ހަމައެކަނި މާޝާއަކަށް ނޫނެވެ. އައްޒާމަށް ވެސް ފަހަކަށް އައިސް އޭނަގެ ބެލުންތައް ތިރި ކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޢާއްމު ގޮތެއްގައި އޭނައަކީ ޓީވީ ބަލައި އުޅޭ މީހަކަށް ނުވިޔަސް އޭނަ ދޭތެރެދޭތެރެއިން ފެންނަ އެއްޗެއް ބަލަމުން ދިޔައެވެ. އޭގެ ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޝޯތަކެއްވެސް ހިމެނެއެވެ. ކިތަންމެ ނޫންކަމަށް ހެދިއެއްކަމަކު އޭނައަށް އެ ޝޯތައް ބެލެމުން ދިޔައީ ވަކި މަންޒަރުތަކަށްޓަކައި ކަން އައްޒާމަށް އެނގުންވާންފެށީ ދަރުސްތަކަށް ދާންފެށިތާ ދެވަނަ މައްސަރުގައެވެ. އެއާއެކު އޭނަގެ ހިތުގައި އެ ޝޯތަކަށްޓަކައި ވެސް ނަފްރަތެއް އުފެދުނެވެ. އެ މަންޒަރުތަކަށްވުރެ އޭނަގެ އީމާންތެރިކަން އޭނައަށް ލޮބުވެތިވުމުންނެވެ. އެއަށްފަހު މީސް މީޑިޔާގެ އެކި ތަންތަނުން ސްކްރޯލް ކުރަމުން ދާއިރު ވެސް ފެންނަމުން ދިޔަ އެ ޒާތުގެ މަންޒަރުތައް ގެނެސްދޭ ޕޭޖުތަކާއި ޕްރޮފައިލްތައް އަންލައިކްކޮށް އަންފޮލޯ ކުރެވެމުން ކުރެވެމުން ދިޔައެވެ. މީގެއިން ކޮންމެ ކަމެއް ކުރުމުން ވެސް އައްޒާމަށް އިތުރު ހިތްހަމަޖެހުމެއް ލިބުން ނޫންކަމެއް ނުވެއެވެ.

 

އައްޒާމާއި މާޝާގެ ޙަޔާތް ބަދަލުވި ފަހުން އެމީހުންނަށް ދަތިވާނެ ފަދަ ނިންމުމަކާއި އެމީހުން ކުރިމަތިލާންޖެހުނީ ހާޝިމްގެ ދަރުސްތައް ނިމެން އެންމެ 4 ހަފްތާއަށް ވެފައި ވަނިކޮށެވެ. ތައުބާވުމުގެ ތެރެއިން ދެމީހުން ވެސް އެކަކު އަނެކަކާއި ދުރުވެފައި ވަނިކޮށް ކައިރިވާން ޖެއްސީ ލަތީފް އޭނަގެ ވަޑާމުގެ މަސައްކަތްތައް ބެލެހެއްޓުމަށް ހަރުދަނާ ގޮތެއް ބޭނުންވާ ވާހަކަ އައްޒާމަށް އެއްދުވަހު މިސްކިތުން ފައިބައިގެން އައި ވަގުތު އިވުނު ވާހަކައެވެ. ލަތީފް އޭނައާއި އެއް ޢުމުރުގެ މީހަކާއި ވާހަކަ ދައްކަމުން ގޮސް ބުނިގޮތުގައި މިއަދު އޭނަ މުސްކުޅިވެފައިވުމުން މީހުން އޭނައަށް ލަނޑުދެނީ މާ ގިނައިންނެވެ. މަސައްކަތް ކުރުވާފައި ލާރި ނުދޭ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. އެ ވާހަކަ އިވިފައި އައްޒާމް ކުރިއަށް ޖެހިލަމުން އޭނައަށް އެކަން ޙައްލު ކުރެވިދާނެކަމަށް ބުނެލީ އެހީއެއްވާން ބޭނުންވެފައިވި މިންވަރުންނެވެ. ވަކި ލަތީފަކީ މާޝާގެ ބައްޕައަށް ވީތީވެއެއްވެސް ނޫނެވެ. ލަތީފް އެހީއަކަށް އެދިއެދި ހުރި މިންވަރުން އައްޒާމްގެ ޚިޔާލު ހޯދިއެވެ. އެހެންކަމުން ވަޑާން ގޭގެ ކައިރީގައި ކުޑަ އޮފީހެއް ހަދައި އެ އޮފީހުގައި ހުންނަ ކޮމްޕިއުޓަރުގައި ލިބޭ ހުރިހާ އޯޑަރުތައް ލިޔެވިގެންދާނެ ފަދަ ގޮތެއް ހަމަޖެއްސުމަށް އައްޒާމް އެދުނެވެ. ލަތީފަށް އެ ޚިޔާލު ކަމުދިޔަ ވަރުން އޭނަ ވަގުތުން އައްޒާމަށް މަރުޙަބާ ކިޔުނެވެ.

 

ވަޑާންގޭގެ ކައިރީގައި ކުޑަ އޮފީހެއް އެޅި، އެތާނގައި ހުންނާނެ ކުއްޖަކު ހަމަޖެހެންދެން ލަތީފް އެތަނުގައި ބަހައްޓަންވީ ކޮމްޕިއުޓަރު ބެހެއްޓީ ގޭގައެވެ. އެހެންކަމުން އެ ކޮމްޕިއުޓަރުގައި ވަޑާންގެއަށް ބޭނުންވާނެ ފަދަ ސޮފްޓްވެއާރއެއް އަޅައި ހުރިހާކަމެއް ހަމަޖެއްސުމަށްޓަކައި އައްޒާމް ކޮންމެ ރެއަކުހެން އެގެއަށްދާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އޭނައަށް ކޮންމެ ރެއަކު މާޝާ ވެސް ފެންނަން ފެށިއެވެ. ކޮމްޕިއުޓަރު ބަހައްޓާފައި ހުންނަނީ ސިޓީންގް ރޫމުގައި ކަމަށްވިޔަސް ގިނަ ފަހަރު ހާފިޒާއާއި ލަތީފް އައްޒާމް މަސައްކަތް ކުރާ ގަޑީގައި އެތާނގައި ނުތިބެއެވެ. އެ މަސައްކަތާއި ބެހޭގޮތުން އެމީހުންނަށް މާ ބޮޑަށް ނޭނގުމާއެކު އެމީހުން ވެސް ކުރަންވީ މަސައްކަތްތަކެއް ހުރުމުންނެވެ. މާޝާގެ ވެސް ކިޔެވުމުގެ މަސައްކަތްތައް ހުއްޓެއްކަމަކު އައްޒާމް އަންނަންފެށިތާ މަދު ރޭތަކެއް ފަހުން އޭނައަށް ސިޓިންގް ރޫމަށް ނިކުމެވެން ފެށީ އަމިއްލަ ނަފްސަށް ކޮންމެވެސް އެއް ބަހަނާއެއް ދައްކާފައެވެ. ކުރީ ކޮޅު އޭނަ އެހެން ހެދުމުގެ އެއްވެސް ހެޔޮ ނިޔަތެއް ނެތްކަން އެނގި އޭނަ ހުރީ ކޮޓަރިން ބޭރަށް ނުނިކުންނަން ފައިވިއްދައިގެންނެވެ. އެހެނަސް އޭގެ ބަދަލުގައި އެހެނިހެން ނިޔަތްތައް ޝައިޠާނާ އޭނަގެ ހިތުގައި ޒީނަތްތެރި ކުރިއެވެ. ފެން ބޯންވެސް ބޭރަށް ދެވިދާނެ ނޫންހޭ ބުނަމުންނެވެ. މަންމަ ކައިރި ވާހަކައެއް ބުނަންވެފަ އެބައޮތްކަން ހަނދާންކޮށްދެމުންނެވެ. ކުޑަކޮށް ފެނުނަސް އެއީ މައްސަލައެއް ނޫންކަމަށް ބުނަމުންނެވެ. އައްޒާމް އެކަން ކުރުމުގައި އޭނަގެ އެހީއެއްވެސް ބޭނުންވެދާނެކަމަށް ވަސްވާސް ދެމުންނެވެ. އެ ވަސްވާސްތަކެއްގެ ސަބަބުން އެންމެ ފަހުން މާޝާއަށް ސިޓިންގް ރޫމަށް ގޮސް އައްޒާމް މަސައްކަތުގައި އިންދާ ‘ހާއި’އޭ ބުނެލެވުނެވެ. އޭނަގެ އަޑު އިވުމާއެކު އައްޒާމް ފަސްއެނބުރި ބަލާލުމުން މާޝާއަށް ލަދުވެތިކަމެއް އިޙްސާސް ކުރެވުނީ އޭނަގެ ނިޔަތްތަކުގެ ލަދުކުޑަކަން އެނގުންވީ މިންވަރުންނެވެ. އެހެނަސް އައްޒާމްވެސް ‘ހާއި’އޭ ބުނެ އޭނައާއި ހިނިތުންވެލުމުން އޭނަ މާ ބޮޑަށް ވިސްނަނީ ކަމަށް އަނެއްކާވެސް ޝައިޠާނާ ބުނެލި ގޮތުން އެއީ ޚުދު އޭނަގެ ޚިޔާލެއްހެން މާޝާއަށް ހީވިއެވެ. އެއާއެކު މާޝާ ކުރިއަށް ހިނގާފައި ގޮސް އައްޒާމްގެ ވާތްފަރާތަށް ވާ ގޮތަށް ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑުމަތީގައި އިށީނެވެ.

 

“އަދިވެސް ނުނިމެނީތަ؟” އެއްފަހަރު ކޮމްޕިއުޓަރު ސްކްރީނަށް އަނެއްފަހަރު އައްޒާމަށް ނަޒަރެއް ދެމުން މާޝާ އެހިއެވެ.

 

“އާނ….މީތި ތަންކޮޅެއް ސްލޯކަމުން މިއުޅެނީ. ތަންކޮޅެއް ކުރީގެ ވާރޝަންއަކަށްވީމަ ކަންނޭނގެ. ކިހާއިރެއް މިރޭވެސް މިތަންކޮޅު ލޯޑް ނުވެގެން އުޅޭތާ! އަރްރްރްރްގް!” އައްޒާމް ކަރުބުޑުން އަޑެއްލެއްވިއެވެ. އެތައް ދުވަހެއްފަހުން މާޝާ އޭނައާއި ވާހަކަ ދެއްކުމުން އޭނަގެ ރޫޙަށް ޖޯޝެއް އައިސްފައިވިއެވެ. ކުރިއާއި ޚިލާފަށް މާޝާ ކަކުލުން ތިރިއަށް އޮތް ގަޔަށް ދޫ ދެމޭފޮތީގެ ހަރުވާޅު ހެދުމެއް ލައިގެން ހުރި ގޮތުން މާޝާއަށްޓަކައި އިތުރު ލޯތްބަކާއި ޤަދަރެއް އައްޒާމްގެ ހިތުގައި އުފެދުނެވެ.

 

“ހެހެ…..ބަޓް ޑޯންޓް ގިވް އަޕް އިނގޭ؟ އޭރުން ތިނަމާއި ވެސް ނުއެއްގުޅޭނެ. ތިއީ ޢަޒުމް ވަރުގަދަ ޢައްޒާމްއެއްނު؟” މާޝާ ހިނިތުންވުމަކާއެކީ މަޚްރަޖުން ބުނެލިއެވެ. އެއާއެކު އޭނައަށް ބަލާލި އައްޒާމްގެ މޫނުމައްޗަށް ވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.

 

“ޞަރްފް ދޯ؟ އެ ފެމިލީތައް ނުބަލާ ދަސްވެއްޖެތަ މާޝް؟ އަހަރެން ދަހެއްނުވޭ….ތަންކޮޅެއް ބިޒީވެސްވީމަ. ކާފަ އެތައް ވަރަކަށް އެބަބުނޭ އަހަރެން ކައިރި.” އައްޒާމް އަނެއްކާވެސް ކޮމްޕިއުޓަރަށް ބަލައި ކްލިކްތަކެއް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“ކީއްކުރާނީ؟ އަސްލު ކާފަގެ ކާފަ ދަރިއަށް ވާންޖެހެނީ ވެސް އަހަރެން ވިއްޔާ. ޕުއާރ ކާފާ!” އާދައިގެ މަތިން އޭނަ އައްޒާމާއި ގާތްވާން ބޭނުންވާފަދަ ވާހަކަތައް ބޭއިޚްތިޔާރުގައި ސަމާސާތަކުގެ ތެރެއިން މާޝާއަށް ދެކެވެން ފެށިއެވެ. މާޝާގެ އެ ވާހަކައަށް އައްޒާމަށް ހެވުނެވެ. އެ ވެގެން ދިޔައީ އާ ފެށުމަކަށެވެ. ކޮންމެ ރެއަކުހެން މާޝާއާއި އައްޒާމް ގޭގެތެރެއިން އެގޮތަށް ދިމާކުރެއެވެ. ކޮންމެ ރެއަކުވެސް ދެމީހުންގެ ދެމެދުގައި ދެކެވިގެން ދަނީ ކޮންމެވެސް ޢަރަބި ފިލާވަޅެއްގެ ވާހަކައެވެ. އެހެންނޫނީ އާޔަތްތަކެއްގެ ވާހަކައެވެ. އެ ބައްދަލުވުންތަކުގައި ގޯހެއް ވެދާނެކަމަށް ދެމީހުންނަށް ވެސް ޤަބޫލުކުރަން ދަތިވީ އެހެންވެއެވެ. މާޝާ އޭނައަށް ކިޔައިދޭ އާޔަތްތަކުގެ ސަބަބުން އައްޒާމްގެ އީމާންތެރިކަން ވަރުގަދަވަމުން ދިޔަފަދަ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. އެހެނަސް ކުރިއާއި ޚިލާފަށް އެ އީމާންތެރިކަމާއެކީ އެ ދެމީހުންގެ ހިތަށް ވެސް ދަސްވި ލަދުވެތިކަން ނެތެމުން ދިޔަ ފަދަ އިޙްސާސެއްވެސް ދެމީހުންނަށް ކުރެވުނެވެ. ކުރިން އެކަކު އަނެކެއްގެ ކައިރީގައި ވެސް ތިބެން ދެމީހުން ޖެހިލުންވީއިރު ފަހުން އެއީވެސް މާ ބޮޑު ކަމަކަށް ނުވެއެވެ. މަގުމަތިން ވެސް ދެމީހުން ދިމާވުމުން އަނެއްކާވެސް ވާހަކަތަކެއް ދެކެވެން ފެށިއެވެ. ކޮމްޕިއުޓަރަށް ސޮފްޓްވެއާރ އަޅައި ނިމުމުން ވެސް އައްޒާމާއި މާޝާ އެކިއެކި ބަހަނާގައި އެކި ތަންތަނުން ދިމާކުރަން ފެށީ ދެމީހުން އެކަކު އަނެކަކާ އެކީ ވަގުތު ހޭދަކުރަން އެދެވުނު މިންވަރު ވަރުގަދަވީ ވަރުންނެވެ. މީގެ ސަބަބުން ދިމާވެދާނެ ކަމަކާމެދު ވެސް ނުވިސްނުނީ އެމީހުން ބައްދަލުކުރަނީ ‘ރަނގަޅު’ ނިޔަތްތަކަށްޓަކައި ކަމަށް ޝައިޠާނާ ދެމީހުންނަށް ވެސް ވިސްނައިދިނުމުގައި ކާމިޔާބު ހޯދުމުންނެވެ. އެހެންކަމުން ބައެއް ޕާކުތަކުގެ ތެރެއިންނާއި، ފަޅު ގެތަކެއްގެ ފާރު މަތިންނާއި ތުނޑިމަތިން އެ ދެ ޒުވާނުން އެކީގައި ތިބޭ މަންޒަރު ފެންނަން ފެށިއެވެ. އެއާއެކު ރަށުތެރޭގައި ވެސް އެ ވާހަކަތައް މަޑުމަޑުން ފެތުރެން ފެށިއެވެ.

 

ހާޝިމްގެ ކަންފަތާއި ހަމައަށް އެ ވާހަކަ ފޯރީވެސް ބަޔަކު މީހުން ރަށުތެރެއިން އެ ވާހަކަތައް ދައްކާ އަޑަށެވެ. އައްޒާމް ލަތީފްގެ ގެއަށް ދާންފެށިފަހުން މާ ގިނައިން މާޝާގެ ވާހަކަ ދައްކާކަން އޭނައަށް ކުރިން ވެސް ފާހަގަވެފައިވިއެވެ. އެހެނަސް އޭނައަށް ހީކުރެވިފައިވީ އައްޒާމް މާޝާއާއި ވާހަކަ ދައްކާނީ އޭނަގެ ބައްޕަގެ ހާޒިރީގައި ކަމަށެވެ. އައްޒާމް އެގެއަށް ދިޔައީ ވެސް އެ ބައްޕަގެ އެދުމެއްގެ މަތިން ވިއްޔާއެވެ. އެހެނަސް ކަންތައް މިހާ ހިސާބަށް އަންނާނީ އެ ނޫންގޮތަކަށް އެދެމީހުން ބައްދަލުވެފައިވުމުންކަން ހާޝިމަށް އެނގުންވިއެވެ. ހާޝިމް އޭނައަށް އެ ވާހަކަ އިވުނު ދުވަހު އައްޒާމާއި އެ ސުވާލުކުރުމުން އޭނަ ތެދުތެދަށް ޖަވާބު ދިނެވެ.

 

“ލައްބަ ކާފާ މާޝާއާއި ބައްދަލުކޮށްލާފަ މިއައީ. މާ ޝާ ﷲ އެކުއްޖާ އަހަރެން ހީކުރި ވަރަށްވުރެ ވެސް ޢަރަބިއާއި ޤުރުއާނަށް މޮޅު. ކާފައަށް އެނގޭތަ؟ މާޝާ ދަސްކޮށްދިނީމަ މިހާރު އަހަންނަށް ޢަރަބީގެ ވަރަށް ގިނަ އެއްޗެހި ވެސް އެނގޭ. އަދި އޭނަ ލެކްޗާރތައް ބަލާފަ ދަސްކުރާ ވަރަށް ސަޅި އާޔަތްތަކާއި ޙަދީޘްތައް ވެސް ޙިއްސާކުރޭ. ކޮންމެ ދުވަހަކު ކާފައަށް މިވާހަކަތައް ކިޔައިދޭންވެގެންނޭ މިހުންނަނީ އެކަމަކު ފުރުޞަތެއް ނުލިބެނީ ހަމަ.” އައްޒާމް ޖަވާބު ދިނީ އުޖާލާވި ހިނިތުންވުމަކާއެކީގައެވެ. އެއީ އޭނަގެ ކާފަ ނުރުހުންވެދާނެކަމެއްހެން ވެސް އެ ވަގުތު ހީނުވުމުންނެވެ. މި ޙާލަތުގައި އައްޒާމްގެ މައުސޫމްކަން އިޙްސާސްވުމުން ހާޝިމްގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނައަށް ތަންކޮޅެއް ކުރިން ބުނެދޭންވީ ވާހަކަތައް ބުނެނުދެވި ހުރުމުން އައްޒާމް ކުރިއަށް އޮތް ތަނުގައި އޭނަ ހިތްދަތިވާނެ ފިޔަވަޅެއް އަޅަންޖެހޭނެކަން އެނގުންވުމުންނެވެ. އެހެނަސް އައްޒާމްގެ ޙާލަތް ރަނގަޅު ގޮތަށް އަނބުރާލުމަށް އޭނައަށް ސާބިތުކަމެއް ދެއްވުމަށް އެދި ދުޢާކުރަމުން ހާޝިމް އޭނަގެ ދަރުސްތަކުގެ މިޞްރާބު ބަދަލުކުރަން ނިންމިއެވެ. އެހެންކަމުން އޭގެ އަނެއްދުވަހުގެ ދަރުސް އޭނަ ފެށީ މުއުމިނުންގެ ސިފަތައް ސިފަކުރެވިފައިވި އާޔަތްތައް ބުނެދެމުންނެވެ. އެ ސިފަތަކުގެ ތެރެއިން ފުރިހަމަ އީމާންތެރިކަމުގެ ވެރިންނަކީ ފާޙިޝް ޢަމަލުތަކުން ދުރުވާ ބައެއްކަމުގެ މާނަ ދޭހަވާ އާޔަތް ތަފްޞީލުކޮށް ކިޔައިދިނުމުގައި ހާޝިމް ގިނަ ވަގުތު ހޭދަކުރިއެވެ. އަދި އިސްލާމް ދީނުގައި ހިލޭ އަންހެނުންނާއި ފިރިހެނުންނާއި ދެމެދުގައި އޮންނަންޖެހޭ ދުރުމިނާއި އެމީހުން މުޢާމަލާތް ކުރަން ޖެހޭ ޙާލަތްތަކާއި ގޮތްތަކާއި މުޢާމަލާތް ކުރަން ނުޖެހޭ ގޮތްތައް މިސާލުތަކާއެކީ ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއިވެމުން ދިޔަ މާޝާއާއި އައްޒާމްގެ މޫނުތަކަށް ވެރިވަމުން ދިޔަ ކުލަވަރުތައް ފެނިފައި ހާޝިމް އެމީހުންނަށް ރަނގަޅު ފިޔަވަޅު އެޅުމަށް ހިތްވަރު ލިބޭނެ ފަދަ އާޔަތްތައް ވެސް އެކި ދުވަސްމަތިން ޙިއްސާކުރިއެވެ.

 

“أَلَا يَعْلَمُ مَنْ خَلَقَ؟….އެކަލާނގެ ހެއްދެވި އެއްޗެއް އެކަލާނގެއަށް ދެނެވޮޑިގެން ނުވާނީހޭ ﷲ ވަޙީކުރައްވަނީ…ދުނިޔޭގެ މިސާލުން ވިސްނާލީމަ ވެސް އަހަރުމެންނަށް އެނގޭނެ މިއީ ކިހާ ބޮޑު ޙަޤީޤަތެއްކަން. މި ގެންގުޅޭ ފޯނެއް ނޫނީ އެހެން މެޝިނަކަށް ބަލާލިޔަސް އޭތި ގެންގުޅެންވީ އެންމެ ރަނގަޅު ގޮތް އެނގޭނީ އޭތި ހެދި މީހަކަށް. އެ މީހަކު ދީފައިވާ އިރުޝާދާއި އިދިކޮޅަށް ކަންތައް ކޮށްފިނަމަ އެ އާލާތް ހަލާކުވެގެން ދިޔުން ވަރަށް ގާތް. ހަމަ އެފަދައިން…..އެއަށްވުރެ ވެސް ފުރިހަމައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީ ގޮތް ބަޔާންކޮށްދެއްވި. އެ އަމުރުފުޅުތަކާއި ދެކޮޅަށް އިންސާނާ އުޅެން ފަށައިފިނަމަ އިންސާނާ ދެދުނިޔެއިން ވެސް ބަރުބާދުވުން ނޫންކަމެއް ނުވާނެ. ﷲ ކަމަކަށް އަމުރުކުރައްވާފައިވާނަމަ އެއީ ހަމަ އަހަރުމެންނަށް އެންމެ ރަނގަޅަކަށް. އަހަރުމެންނަށް ކުޅަދާނަވެގެންވީ ކަމަކަށްނޫނީ އެކަލާނގެ އަހަރުމެންނަށް އަމުރު ނުކުރައްވާނެ.” ހާޝިމް ނަޞޭޙަތްތެރިވިއެވެ. މާޝާއާއި އައްޒާމްގެ ހިތަށް ވެސް އެންމެ ބޮޑު އަސަރެއް ފޯރުކުރުވީ ހާޝިމްގެ އެ ނަޞޭޙަތުންނެވެ. ދެމީހުންނަށް ވެސް އެދުވަހު ގެއާއި ދިމާލަށް މިޞްރާބުޖެހުނީ ވިސްނުމެއްގެ ތެރޭގައި ތިބެއެވެ. ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް މާޝާ އެހެން މީހަކާއި ޙިއްސާކުރަން ކިތަންމެ ބޭނުންވިއެއްކަމަކު އޭނައަށް އެ ފުރުޞަތެއް ނުލިބުނެވެ. މަންހާ ވެސްވަނީ އޭނަގެ އެހެން ދައްތައަކު ވިހައިގެން މީގެ 2 ހަފްތާއެއްހާ ކުރިން މާލެއަށް ގޮސްފައި ކަމަށްވުމުންނެވެ. އެހެންކަމުން މާޝާ އެ އިވުނު ނަޞޭޙަތްތަކާއި އެކީގައި ވެސް އަމިއްލަ ނިންމުންތައް ނިންމިއެވެ. ހިތް ކިތަންމެ ވަރަކަށް ބުންޏެއްކަމަކު އޭނަ ޤަބޫލުކުރަން ބޭނުންވީ އޭނައާއި އައްޒާމްގެ ގުޅުމުގައި އެއްވެސް މައްސަލައެއް ނުވާ ކަމަށެވެ. މައްސަލައެއްވާ ކަމަށް ހިތް ބުނާ ކޮންމެ ފަހަރަކު އޭނަ އަމިއްލަ ނަފްސަށް ވެސް ރުޅި އާދެއެވެ. އެހެންކަމުން މާޝާ އޭނަގެ ހަވާ ނަފްސުގެ އެދުންތަކާއި އެއްގޮތަށް ގަދަކަމުން ވިޔަސް ވިސްނަމުން ދިޔައީ، ލަދުވެތިކަމާއި އިދިކޮޅަށް އޭނަ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ދަށްވެފައިވި އީމާންތެރިކަމުގެ ސަބަބުންނެވެ.

 

އެހެނަސް އައްޒާމާއި ކުރިމަތިވީ އެއާއި މުޅިން ތަފާތު ޙާލަތެކެވެ. އެރޭ ގެއަށް ގޮސް އޭނައަށް ވަގުތުން އޭނަގެ ޚިޔާލުތައް ޙިއްސާކުރާނެ ފުރުޞަތެއް ލިބުނެވެ. އޭނަ ޙަޤީޤަތުގައި އިނީ އެއްވެސް އެއްޗެކޭ ނުކިޔާށެވެ. ގެއަށް ދިޔަ ގޮތަށް އޭނަ ސިޓިންގް ރޫމުގެ ސޯފާގައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނީއެވެ. ކާފަ އައިސް އޭނަގެ ކައިރީގައި ވަކިން ހުރި ސޯފާގައި އިށީނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާފަ އިށީންކަން އެނގުނެއްކަމަކު އައްޒާމް އެ ފަރާތަށް ބަލައެއް ނުލިއެވެ. އެގޮތުގައި ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

 

“ކޮން ކަމަކާ ތި ވިސްނަނީ؟” ޖަވާބު އެނގިހުރެ ވެސް ހާޝިމް އަހާލިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އައްޒާމް ކުޑަ ސިހުމަކާއެކީ އޭނައަށް ބަލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އިސްޖަހާލީ މާޔޫސީ ގޮތަކަށެވެ.

 

“އަހަންނަށް މި ކުރެވެނީ ރަނގަޅުކަމެއްތަ ކާފާ؟” އައްޒާމް އެހެން ބުނެލިއިރު ހިތުގައި އުފެދުނު ރިހުމާއެކު ދިލަނަގަން ފެށި ދެލޮލާއެކީގައެވެ. މާޝާއާއި ކުރު މުއްދަތަކަށް ވިޔަސް ވަކިވުމުގެ ޚިޔާލުވެސް ވެގެންދިޔައީ އޭނައަށް ދަތި ޚިޔާލަކަށެވެ.

 

“ކޮން ކަމެއް؟” އަނެއްކާވެސް އެނގިހުރެ ހާޝިމް ސުވާލުކުރީ އައްޒާމްގެ އިޙްސާސްތައް އޭނަގެ ލައްވާ ބޭރު ކުރުވުމަށެވެ. އޭނަގެ އެ ސުވާލު އިވިފައި އުދަގުލެއްވެގެން އުޅޭ ފަދައަކުން އައްޒާމް ޖަވާބުދިނެވެ.

 

“މް…މާޝް..ޝާ އާ…” އައްޒާމްގެ އަޑު ތުރުތުރު އަޅައިގެން ދިޔަ ގޮތުން އޭނައަށް ޖުމްލަ ފުރިހަމައެއް ވެސް ނުކުރެވުނެވެ. ހިތަށް އިހުނަށްވުރެ ވެސް ބޮޑަށް ތަދުވީ މާޝާއާއި އެކީގައި އޭނައަށް ކުރެވުނީ ﷲ ރުހިވޮޑިގެންނުވާނެ ފަދަ ކަމެއްކަން އެނގުންވުމުންނެވެ.

 

“ދަރިފުޅަށް ހީވަނީ ކިހިނެއް؟” ހާޝިމް ދެންވެސް ލޯތްބާއެކީ ސުވާލުކުރިއެވެ. އެ ސުވާލު އިވިފައި އައްޒާމް އޭނަގެ ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލީ އޭނައަށް ރޮވެން ކައިރިވުމުންނެވެ. އެންމެ ބޮޑަށް ދެރަވީ އޭނަގެ އަމިއްލަ އެދުމެއްގެ ބޭނުމުގައި މާޝާ ވެސް ފާފައެއްގެ ތެރޭގައި ގެންގުޅެވުނު ކަމުގެ އިޙްސާސް ކުރެވުމުންނެވެ. އަދި ކުރިއަށް އޮތްތާނގައި އޭނައާއި މާޝާ ވަކިވާންޖެހޭ ކަމުގެ ވޭން އެ އިޙްސާސާއެކީ އެއްވުމުން އައްޒާމްގެ މަރާލެވުނު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަ ހިލުނެވެ. އައްޒާމަށް ވަމުން ދިޔަގޮތް ފެނިފައި ދެރަވެގެން ދިޔަ ހާޝިމަށް ވާހަކަ ދެކެވުނެވެ.

 

“ދަރިފުޅު ބޭނުންވަނީ މާޝާއާއި އިންނަންތަ؟” ހާޝިމް ދެންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު އައްޒާމް އިސްއުފުލާލިއެވެ.

 

“ތިއީ އެހާ ފަސޭހަކަމެއް ނޫނެއްނު ކާފާ؟ މާޝާ އަދިވެސް އެ ދަނީ ކިޔަވަމުން. އަހަރެން ވެސް އަދި ކައިވެންޏަކަށް ތައްޔާރެއްނޫން. އޭގެ ކުރިން އަހަރެން ބޭނުން އަހަރެންގެ މަސައްކަތް ވެސް އިތުރަށް ފުޅާކުރަން. އޭގެ ކުރިން ދެން ދެމީހުން ބައްދަލުކޮށް ވާހަކަ ދެއްކިޔަސް މައްސަލައެއް ނޫނެއްނު ކާފާ؟ އަންހެނުންނާ ފިރިހެނުންނާ އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭނެއޭ ކާފަވެސް ނުބުނަމެއްނު؟!” އައްޒާމް އެ ފަހު ސުވާލުތައް ކޮށްލީ ހިސާބަކަށް އިސްވެގެން ދިޔަ ރުޅިއާއި އެކީގައެވެ. އެ ވާހަކަތައް އަޑުއަހާފައި ހާޝިމް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ނުބުނަން. އެކަމަކު އައްޒާމް މާޝާއާއި ބައްދަލުކުރާ ނިޔަތް އެންމެ ރަނގަޅަށް އެނގޭނީ އައްޒާމަށް. އަދި ﷲ އެއަށްވުރެ ވެސް މޮޅަށް ދެނެވޮޑިގެންވޭ….އައްޒާމް ބޭނުންވަނީ ކޮން ގޮތެއް؟ ދެކުދިން އެކީގަ ޤަދަރުވެރި ދިރިއުޅުމެއް ފަށަންތަ؟ އެހެންނޫނީ ރަށުތެރޭގަ ތި ދެކުދިންނާ ބެހޭގޮތުން ވެސް ނޭދެވޭ ވާހަކަތައް ފެތުރެންތަ؟ ކާފަ ވަރަށް ދެރަވޭ އެ ވާހަކަތައް އިވިފަ. އައްޒާމްއާ އެކީ ދަރުހަށްދާ ބައެއްކުދިން ބުނާ އަޑު އިވޭ އައްޒާމަކީ ތައުބާވުމުގެ ކުރިން އަންހެން ކުދިންނާ ދުރުން އުޅުނު ކުއްޖެކޭ. އެކަމަކު މިހާރު އޭނަގެ ލޯބިވެރިއެއް ހުރެއޭ. މިއީ މާ ރީތި ވާހަކައެއްތަ އައްޒާމް؟ އައްޒާމަށް ތައުބާވެފައި ދީނީ ޢިލްމު ލިބިފައިހުރި ކުއްޖެއްގެ ގޮތުގަ ތި ދެއްކެނީ ރަނގަޅު މިސާލެއްތަ؟ ބުނެބަލަ!” ހާޝިމް ވެސް ހިސާބަކަށް ނުރުހުންވެފައި އަޑަށް ހިސާބަކަށް ބާރުލާފައި ވާހަކަ ދެއްކިއެއްކަމަކު އޭނަ އަޑު އިސް ނުކުރެއެވެ. ހާޝިމް އެ ވާހަކަ ދެއްކި ގޮތުން ވެސް އައްޒާމަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނައަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނިފައި އަނެއްކާވެސް އިސްޖަހާލެވުނެވެ.

 

“މިއީ ވިސްނަންޖެހޭ ކަންތައް އައްޒާމް…އެކަމަކު ތި ބުނިހެން އައްޒާމް މިވަގުތު ކައިވެންޏަކަށް ތައްޔާރެއް ނޫނިއްޔާ މާޔޫސްވުމުގެ ބަދަލުގަ އެކަމަށްޓަކައި މަސައްކަތް ކުރޭ! އައްޒާމްގެ ތި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވަރަށް ފުޅާކުރޭ. ކައިވެންޏެއްގެ ގުޅުމެއް ދަމަހައްޓަން ބޭނުންވާނެ ފަދަ ޝަޚްޞިއްޔަތެއްގެ ވެރިއަކަށްވޭ. ކައިވެންޏަކީ ހަމައެކަނި ކަމުދާ ކުއްޖަކާއެކީ މުޅި ދިރިއުޅުން ހޭދަކުރަން ކުރާ ކަމެއް ނޫން. އެއީ ޢާއިލާއެއް ފެށުމަށްޓަކައި ކުރާ ކަމެއް. އެ ޢާއިލާގެ ފުރިހަމަ ޒިންމާ ނެގުމަށްޓަކައި ކުރާ ކަމެއް. މި ކަންތައްތަކަށްޓަކައި ވިސްނުމުން ވެސް ތައްޔާރުވެގެން ނޫނީ ކާމިޔާބު ކައިވެންޏެއްގެ ބިންގަލެއް ނޭޅޭނެ.” ހާޝިމް ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އައްޒާމްގެ ހިތުގައިވި އުދާސްކަން ޢަޒުމަކަށް ބަދަލުވާން ފެށިއެވެ. ކާފަ ދެންމެ ސިފަކުރިފަދަ މީހަކަށްވުމުގެ ޢަޒުމެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ހާޝިމް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އައްޒާމް މާޝާއާއި އިންނަން ބޭނުމިއްޔާ ކާފަ އެކަމާ އެއްބަސް. އެ މަންޖެއަކީ ގޯސް ކުއްޖެއްނޫން. ވަރަށް ރަނގަޅު ކުއްޖެއް. ދަރުސްތަކަށް އެންމެ ޖޯޝާއެކީ އަންނަ ކުދިންގެ ތެރެއިން އެއްކުއްޖަކު އެއީ. އެކަމަކު މި ވަގުތު އައްޒާމް މާޝާއާއި އިންނަން ޚިޔާލު ނުކުރާނަމަ މާޝާއާއި ދުރުވާންވީ. ރަނގަޅު ނޫން ގޮތެއްގައި ތިފަދަ ގުޅުމެއް ކުރިއަށް ގެންގޮސްގެން ދެކުދިންނަށް ވެސް ގެއްލުންވުން ނޫންކަމެއް ނުވާނެ….އެހެންނޫނީ އައްޒާމް ބޭނުމިއްޔާ މިހާރު ވެސް ކާފަ މާޝާގެ ބައްޕައާއި ތި ވާހަކަ ދައްކަފާނަން. އޭރުން ތި ދެކުދިން ވެސް ކައިވެންޏަކަށް ތައްޔާރުވީ ދުވަ…” ހާޝިމްގެ ވާހަކަ މެދުކެނޑުނީ އައްޒާމް އިސްއުފުލައި ވާހަކަ ދެއްކުމުންނެވެ.

 

“ނޫން ކާފާ. އަދި މާޝާ ކައިވެންޏަކަށް ތައްޔާރުވާނެހެން އަހަންނަށް ހިއެއްނުވޭ. މި ޙާލަތުގަ އަހަރެން ބޭނުމެއްނޫން މާޝާ ކައިރި އެފަދަ އެދުމެއް އެދޭކަށް. މާޝާގެ ކިޔެވުން ނިމޭއިރަށް އަހަރެން އަހަރުމެންގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރާނީ. އެ މަސައްކަތް ކޮށް ނިމުނީމަ އަހަރެން މާޝާ ކައިރިއަށް އަނބުރާ އައިސް ކައިވެންޏަށް އެދޭނީ.” އައްޒާމް އޭނަގެ ސިކުނޑީގައި އެ ހިނދުން އެ ހިނދަށް ރޭވި ރޭވުން ކާފައަށް ކިޔައިދީފައި ކާފައަށް ބަލާލިއެވެ. ހާޝިމް އައްޒާމަށް ބަލަން ހުރެފައި ބޯޖަހާލަމުން ދަރިފުޅު އެދޭ ގޮތެކޭ ބުނެލިއެވެ. އެއާއެކު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން ސޯފާއިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ދިޔައީ އޭނަގެ ޖަޒުބާތުތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އޭނަ ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމުން އޭނަ މާ ފުރިހަމަ ގޮތެއްގައި މާޝާއާއި ގުޅިގެންދާނެ ކަމުގެ ޚިޔާލުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު މާޝާއާއި ވަކިވާ މަންޒަރު ހިތަށް ގެންނަންވެސް އޭނައަށް ދަތިވިއެވެ. އިތުރަށް ދެރަވެގެން ދިޔައީ އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކުހެން އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ.

 

“ހައި….ލެޓްސް މީޓް ދޯ މާދަމާ؟ ހޭވް ސަމްތިންގް އޯސަމް ޓު ޝެއާރ.” މާޝާގެ އެ މެސެޖުގައި ލިޔެވިފައި އޮތީ އެހެންނެވެ. މާޝާ އޭނައަށް މި މެސެޖު ކުރާނީ އޭނައާއި ބައްދަލުކުރަން ބޭނުންވުން ނޫން އެހެންކަމެއްގައި ނޫންކަން އައްޒާމަށް އެވަގުތު އެނގުންވީ މާ ބޮޑަށެވެ. ކުރިން ވެސް އެކަން އެނގުނެއްކަމަކު އައްޒާމް ހިނިތުންވުމަކަށްފަހު އެފަދަ މެސެޖުތަކަށް ޖަވާބު ދެނީއެވެ. އެހެނަސް އޭނަ މިރޭވެސް މި މެސެޖަށް ޖަވާބު ދީފިނަމަ ދެމީހުންގެ ގުޅުން އެގޮތުގައި ކުރިއަށް ދާނެކަން އޭނައަށް އެނގުންވިއެވެ. އެއާއެކު އޭނަ ބޭނުންވާ ގޮތް މާޝާއަށް އެންގުމަށްޓަކައި މެސެޖެއް ކުރަން އައްޒާމްގެ އިނގިލިތައް ޙަރަކާތްކުރިއެވެ. އެހެނަސް އެ ވާހަކަތައް ދެއްކުމުން މާޝާ ދެކޭނެ ގޮތް އެއްގޮތަކަށް ވެސް ނުވިސްނުމުން ލިޔެވުނު އަކުރުތައް ވެސް އައްޒާމަށް ފޮހެލެވުނެވެ. އެންމެ 17 އަހަރުގައި ކައިވެންޏެއްގެ ވާހަކަ ދެއްކުމުން އެ ޢުމުރުގެ ކުއްޖަކު ދެކޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މާޝާ އެ ވާހަކަތަކަށް ހަޖޫޖަހައި ވާހަކަ ދައްކާ މަންޒަރު ލޮލަށް ސިފަވުމުން އައްޒާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަގެ ނަޒަރިއްޔާތަށް ދެންމެ މިއައި ބަދަލުގެ ސަބަބުން އޭނައާއި މާޝާ މުޅިން ވަކިވުން ވެސް ގާތްހެން ހީވި ވަގުތު އައްޒާމްގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހައި ފޯނު ލޮކްކޮށްލަމުން ތިރިކޮށްލީ އެ ނާޒުކު ވަގުތުގައި ބަލިކަށި ނުވުމަށެވެ. އޭނަ ބަލިކަށި ވެއްޖެނަމަ މާޝާ އޭނައާއި ގުޅެން އޮތް ފުރުޞަތުވެސް ހަނިވެދާނެކަން ދަނެގެން އައްޒާމް މުސްތަޤްބަލަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމިއެވެ.

 

މިގޮތުން ހަމަ އެރޭ އައްޒާމް އޭގެ ހަފްތާއެއްހާ ދުވަސްފަހުން މާލެއަށް ދާން ނިންމީ ވީހާވެސް އަވަހަކަށް މާޝާއާއެކީ އޭނައަށް ބަދަހި ކުރެވުނު ގޯސް ގުޅުމުގެ މަތިން ހަނދާން ނައްތާލަން ނިންމަމުންނެވެ. އައްޒާމް ފުރަން ނިންމީ ހާޝިމަށްވުރެ ވެސް ކުރިންކަން ހާޝިމަށް އެނގުނު ދުވަހު އައްޒާމް ރަނގަޅު ފިޔަވަޅުތައް އަޅަން ފައިވިއްދާލިކަން ހާޝިމަށް އެނގުނެވެ. އެއާއެކު އައްޒާމަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ހާޝިމަށް ދުޢާ ކުރެވެމުން ދިޔައެވެ. ހާޝިމްގެ އެ ދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. ފަހަކަށް އައިސް މާޝާގެ މެސެޖެއް ލިބުމުން އެއާއިމެދު މާ ބޮޑަށް ވިސްނައި ވަގުތު ބޭކާރު ނުކުރަން ވެސް އައްޒާމަށް ހިތްވަރެއް ލިބުނެވެ. ތައުބާވިފަހުން ފުރަތަމަ ފަހަރަށް ﷲ މަތިން ރަނގަޅަށް ހަނދުމަކޮށް ޚުޝޫޢަތްތެރިކަމާއެކީ ނަމާދު ކުރެވެން ފެށިއެވެ. މަގުމަތިން މާޝާ އޭނަ ފެނިފައި ގޮވާލުމުން ވެސް އެއީ ނުވާކަމަކަށް ހަދަން އައްޒާމަށް އިހުނަށްވުރެ ފަސޭހަވެފައިވިއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަގެ ހިތަށް ވޭނެއް ލިބުނެއްކަމަކު އޭނަ އެ ވޭން ފިލުވާލަނީ އޭނައާއި މާޝާ ރަނގަޅު ގޮތެއްގައި ގުޅުވައިދިނުމަށް ހިތާހިތުން ކުރެވޭ ދުޢާއަކުންނެވެ.

 

އައްޒާމަށް އައި ބަދަލު ދޭހަކުރަން މާޝާއަށް ދަތިވެފައިވިއެވެ. އޭނަގެ މެސެޖަކަށް ރިޕްލައި ނުކޮށް އޭނަ ގޮވުމުން އޭނައަށް ބަލާވެސް ނުލަމުން ދިޔަ ގޮތުން މާޝާއަށް ވިސްނެމުން ދިޔައެވެ. އައްޒާމް އޭނަގެ ކާފަގެ ދަރުސްތަކުން އިވުނު ވާހަކަތަކާއި އެއްގޮތަށް އުޅުމަށްޓަކައި އޭނައާއި ދުރުވަނީތޯ މާޝާގެ ހިތަށްއެރިއެވެ. އެހެނަސް އައްޒާމްގެ ކާފަ ދަރުސްތަކުން ދެއްކީ އޭނައާއި އައްޒާމްގެ ދެމެދުގައި އޮންނަ ފަދަ ގުޅުމެއްގެ ވާހަކަ ނޫންކަމަށް އެހާތަނަށް އައިއިރު މާޝާއަށް އަމިއްލަ ނަފްސަށް ވިސްނައިދެވިފައިވިއެވެ. އޭނައާއި އައްޒާމް ބައްދަލުކުރަނީ ކިހާ ރަނގަޅު ކަމަކަށްޓަކައިތޯ އޭނަގެ ހިތް ބުނެފައިވި މިންވަރުންނެވެ. އައްޒާމްގެ ހިތުގައި އޮތް އެއްޗެއް މާޝާއަށް އެނގޭ ގޮތްވީ، އައްޒާމް ފުރަން އޮތް ރޭ އޭނަ ދަރުހުން ނިމިގެން މިސްކިތުން ނިކުމެގެން ދިޔަ ވަގުތު އައްޒާމް އޭނަގެ އެކުވެރިޔަކަށް އެވާހަކަ ކިޔައިދިން އަޑަށެވެ. އެ ވާހަކަ އިވިފައި މާޝާ ހުއްޓުންއަރާ ގޮތްވިއެވެ. އައްޒާމް އުޅެނީ އޭނައަށް ނުވެސް އަންގައި އޭނައާއި އެހާ ދުރަށް ދާންތޯ ހިތް ސުވާލު ކުރި ވަގުތު އެ ހިތަށް ތަދުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އައްޒާމާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު އައްޒާމް އޭނައާއި ދުރުވި ސަބަބު ކޮންމެވެސް ވަރަކަށް އެނގުމުން ސަބަބަކާނުލާ އައްޒާމްގެ ކައިރިއަށްދާން މާޝާއަކަށް ނުކެރުނެވެ. އެހެނަސް ހަމަ އިސާހިތަކު ކުރީ ދުވަހު އައްޒާމް އޭނައަށް ދިން ކުޑައިގެ މަތިން ހަނދާންވުމުން މާޝާ އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ދިޔައެވެ. ހާޝިމް ކޮންމެ ރެއެކޭ ވެސް އެއްފަދައިން އެރޭ ވެސް ބައެއް މީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ބައި ގަޑިއިރެއްހާއިރު ވަންދެން މިސްކިތުގައި މަޑުކުރީތީ މާޝާ ކުޑައާއެކީ އަނބުރާ އައިއިރު ވެސް އައްޒާމް ދުއްވާ ކާރު މިސްކިތުގެ ކުރިމައްޗަށް ވާގޮތަށް ހުރި ފަޅުގޭގެ ފާރު ކައިރީގައި ޕާކްކުރެވިފައިވިތަން މާޝާއަށް ފެނުނެވެ. އެ މަގު އަލިވެފައިވީ މިސްކިތުގައި ދިއްލާލެވިފައިވި ބޮކިތަކުން އެކަނި ކަމަށްވުމުން އެ ފަޅުގެއާއި ދިމާލުން މަގު ފެންނަމުން ދިޔައީ އަނދިރި ކޮށެވެ. ކާރު ފެނިފައި ފިޔަވަޅުތައް ލަސްކޮށްލި މާޝާއަށް މާގިނައިރެއް ނުވެ އެ އަނދިރި ފަރާތުގައި ހުރި އެގޭގެ އުސް ފާރަށް ލެނގި ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އައްޒާމް އޭނައަށް ފެނުނެވެ. ލަސްލަހުން އޭނަ ކުރިއަށް ގޮސް ކާރުގެ ޑިކީވީ ފަރާތުގައި މަޑުކޮށްލިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކެރިފައިވަނިކޮށް އައްޒާމް އިސްއުފުލާލި މަންޒަރު އޭނައަށް ފެނުނެވެ. އެއާއެކު ދެމީހުންވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހެނަސް މާޝާ މާގިނައިރެއްނުކޮށް ވާހަކަ ދެއްކީ އޭނަ އައްޒާމާއި އެކީ ހޭދަކުރަން މާ ގިނަ ވަގުތެއް ނެތްހެން ހީވުމުންނެވެ.

 

“ކް…ކުޑަ.” ޖެހިލުންވުމަކާއެކީ މާޝާއަށް ބުނެލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު އޭނަ ކުޑަ ހިއްލާލަމުން އައްޒާމަށް ދައްކާލީ އެވަގުތު އަރުތެރެ ބެދެން ފެށުމުގެ ސަބަބުން އިތުރު ވާހަކައެއް ނުދެއްކޭނެހެން ހީވުމުންނެވެ. އައްޒާމް އޭނައާއި ވަކިވާ ކަމުގެ ޝަކުވާ އިންތިހާއަށް ހިތުތެރޭގައި އުފެދުނު މާޝާއަށް ނޭނގުނު ކަމަކީ އައްޒާމަށް ވެސް އެ ވަގުތުކޮޅުވެގެން ދިޔައީ ފަސޭހަ ވަގުތުކޮޅަކަށް ނޫންކަމެވެ. އެތައް ދުވަހެއް ފަހުން އަނެއްކާވެސް މާޝާ އެހާ ގާތުން ފެނި އެ އަޑު އިވިގެން ދިޔުމުން އޭނަ އޭނަގެ ހުރިހާ ރޭވުމެއް އިސާހިތަކު ބަދަލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ ގޮސް ލުއި ތުރުތުރެއް އެކުލެވިފައިވި އަތަކާއެކީ މާޝާގެ އަތުން ކުޑަ ހޯދައި ޑިކީ ހުޅުވާލި ވަގުތު އޭގައި ހުރި އޭނަގެ ސޫޓް ކޭސް މާޝާއަށް ވެސް ފެނުނެވެ. އައްޒާމަށް އޭތި ފެނިފައި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު މާޝާވެސް އޭނައަށް ބަލާލުމުން އައްޒާމް އެއީ މާ ބޮޑުކަމެއް ނޫންކަމަށް ހަދަން މަސައްކަތް ކުރަމުން ކުޑަ ބާއްވާފައި ޑިކީ ލައްޕާލިއެވެ. އެ ހިނދު މާޝާ ވާހަކަ ދެއްކިއެވެ.

 

“ފުރަނީތަ؟” މާޝާ އަހާލީ ހަމައެކަނި އެހާވަރަށެވެ. އެހެނަސް އެ މޫނުމަތިން އައްޒާމަށް ފެނިގެން ދިޔަ އުދާސްކަމުން އޭނަގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް އަސަރުކުރިއެވެ. ދެންވެސް އޭނަގެ ޖަޒުބާތުތަކަށް ބާރުފޯރުވަން މަސައްކަތް ކުރަމުން އައްޒާމް ފުން ނޭވައެއް އެތެރެއަށް ލައި ބޯޖަހާލިއެވެ.

 

“ކީއްވެ އަހަރެން ކައިރި ނުބުނީ؟” މާޝާއަށް އެހެން އަހާލެވުނީ ކަރުނުން ފުރިގެން ދިޔަ ދެލޮލާއި އެކީގައެވެ.

 

“މާޝާ ކައިރި މިވާހަކަ ބުނުން މުހިއްމު ކަމުގައި ނުދެކެން.” އައްޒާމް ކިތަންމެ ބޭނުމެއްނުވިއެއްކަމަކު އޭނަ ހިތާއި ދެކޮޅަށް ބުނެލި އެ ބަސްތައް ބުނެލެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އޭނަ އަންހެން ކުއްޖަކާހެދި މިހާ ބަލިކަށިވީ ކޮން ދުވަހަކުތޯ އެވަގުތު އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ހިނދު ވެސް މާޝާގެ ލޯ ކަރުނުން ވިދަމުން ދިޔަ މަންޒަރު ފެނިފައި މާޝާ އޭނަގެ އަތުތެރެއަށް ގެނެސް ބޮނޑިކޮށްލަން އޭނަގެ ހިތް އެތައް ހާސްފަހަރަކު އެދުނެވެ. މާޝާ އޭނައަށް ބަލަހައްޓައިގެން ހުރެފައި އަސްލުވެސްހޭ ބުނެލި ވަގުތު ހިތަށް ކެތް ނުކުރެވުމުން ލޮލަށް ގިނަވެގަތް ހޫނު ކަރުނަތަކަކާއެކީ އައްޒާމަށް އިސްޖަހާލެވުނެވެ. މާޝާ އެކޮށްލި ސުވާލުގެ ޖަވާބަކަށް ނޫނެކޭ ބުނެ އޭނަގެ ތެޅިފޮޅެމުން ދިޔަ ހިތް ހަޅޭއްލެވިއެވެ. އޭނައަށް އެހެން ހުރިހާ އެންމެންނަށްވުރެ ވެސް މުހިއްމީ މާޝާ ކަމަށްބުނެ މާޝާ އުފާކޮށްދޭން އޭނަ ބޭނުންވާ މިންވަރު ކިޔައިދޭން އޭނަގެ ހިތް އެދުނު މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ފުރަތަމަ ފަހަރަށް އައްޒާމް އެހާވަރަށް ދެރަވެފައިވި މަންޒަރު ފެނުނު މާޝާގެ ލޮލުން ވެސް އެ ހިނދު ކަރުނަތައް ފައިބައިގެންއައެވެ. އައްޒާމް ކާފަގެ ނަޞޭޙަތްތަކުގައި ހިފުމަށްޓަކައި ހިތާއި ދެކޮޅަށް ވެސް ފިޔަވަޅެއް އަޅަނީކަން އެނގުންވި ވަގުތު މާޝާއަށް ވާހަކަ ދެކެވުނެވެ.

 

“އިޓް ޑަޒްންޓް ހޭވް ޓު ބީ ދިސް ވޭ އައްޒާމް! އައްޒާމްގެ ކާފަ ދަރުސްތަކުގައި އެ ދެއްކީ ވަރަށް ގޯސްކޮށް އުޅޭ ކުދިންގެ ވާހަކަ. އަހަރުމެން އެކުދިން ކުރާ ކަހަލަ ކަންތައް ނުކުރަމެއްނު؟ އަހަރުމެން އުޅެނީ ކިހާ ރަނގަޅަށް؟” މާޝާ އެހެން ބުނެލީ އައްޒާމް ހިތްހަމަޖައްސައިދިނުމުގެ ނިޔަތުގައެވެ. އެހެނަސް އައްޒާމް އިސްއުފުލާލަމުން އޭގެ ރައްދުދިނެވެ.

 

“ނޫން މާޝް. މިއީ ރަނގަޅުކަމެއް ނޫން މިކުރެވެނީ. އަހަރުމެން މިހެން ތިބޭތަން ފެނިފައިވެސް ދުރުން ފެންނަ ބަޔަކަށް އަހަރުމެންނެކޭ އެ ޒާތުގެ ކުދިންނެކޭ ވަކި ތަފާތެއް ނުފެންނާނެ. އެއްގޮތަކަށްވެސް ބޭނުމެއްނުވޭ އަހަންނާހެދި މާޝާގެ ނަން ހަޑިވެގެން ދާކަށް. އަހަރެންގެ ސަބަބުން މާޝާއަށް ކުރެވޭ ފާފަތައް އިތުރުވެ އީމާންތެރިކަން ދަށްވާކަށްވެސް ނޭދެން. އަދި އެހެން ނޫނަސް މާޝާއަކީ މާޝާގެ ވަށައިގެންވި ހުރިހާ ކުދިން މިސާލެއްގެ ގޮތުގަ ނަގާ ކުއްޖެއް. މިހެންވީއިރު މާޝާގެ ސްޓޭންޑާޑްސްއަކީ އާދައިގެ ސްޓޭންޑާޑްސްއަކަށް ނުވާނެ ދޯ؟ لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ….أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ…” އައްޒާމް އެންމެ ފަހަކަށް މާޝާއަށް ކިޔައިދިނީ މާޝާ ވަރަށް ތަފްޞީލުކޮށް އޭނައަށް ކިޔައިދިން ޙަޝްރު ސޫރަތުގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނާއި އަލިފާނުގެ އަހުލުވެރިން އެއްގޮތް ނުވާނެކަމަށް ވަޙީކުރެވިފައިވި އާޔަތެވެ. އެ ދެބައިމީހުންނަކީ އާޚިރަތުގައި ވެސް އެއްގޮތްވާނެ ބަޔަކަށް ނުވާނެ ފަދައިން އެއީ ދުނިޔޭގެ އުޅުމުގައި ވެސް މުޅިން ތަފާތު ދެ އުޅުމެއް އުޅޭ ދެބައެކެވެ. ސުވަރުގެއަށްޓަކައި މީހަކު ވެދާ ޤުރުބާނީއެއް އެ ނިޢުމަތަށްޓަކައި މަސައްކަތް ނުކުރާ މީހަކަށް ދޭހަ ނުކުރެވިދާނެއެވެ. އައްޒާމް ބޭނުންވީ މާޝާ އޭގެ ތެރެއިން ރަނގަޅު މީހުންގެ ތެރެއިން ވުމަށްކަން މާޝާއަށް އެނގުންވިއެވެ. އެއާއެކު އޭނަގެ ހިތުގައި އައްޒާމަށްޓަކައިވި ލޯބި ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަވެގެން ދިޔައެވެ. އެވަގުތު ޙިއްސާ ކުރެވިގެން ދިޔަ އެ އެއް އާޔަތުން ރަނގަޅު ފިޔަވަޅުތައް އަޅަން މާޝާއަށް ހިތްވަރެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނީ އައްޒާމް ދެން ދެއްކި ވާހަކަތަކަކުންނެވެ.

 

“އެހެން މީހުން ބޭނުންވެދާނެ ދުނިޔެއަށް ދެއްކުމަށްޓަކައި ވަރަށް މަޝްހޫރު އަދި ރީތި ބައިވެރިއަކާއެކީ ބޮޑު ޕާޓީއެއް ބާއްވައިގެން އެމީހުން ބޭރުފުށުން ކިހާ ރީތިކަން ދެއްކުމަށްޓަކައި ޒަވާޖީ ޙަޔާތެއް ފަށަން. އެކަމަކު އަހަރެން ބޭނުންވަނީ އަހަރުމެންގެ ގުޅުމަކީ އެހެން މީހަކު ކޮންމެ ގޮތަކަށް ދެކުނަސް ﷲ ރުހިވޮޑިގެންވާފަދަ ގުޅުމަކަށްވާން. އަދި އެހެން މީހަކު ބަލާލިޔަސް އެ ގުޅުމުން އެމީހަކަށް ޢިބްރަތެއް ލިބޭފަދަ ގުޅުމަކަށްވާން. މާޝާ ބުނަނީ ކީކޭ؟” އައްޒާމް ސުވާލުކުރިއެވެ. މާޝާ އައްޒާމަށް ބަލަން ހުރެފައި އޭނަގެ ކަރުނަތަކުގެ ތެރެއިން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެ ތަން ފެނި އިސްޖަހާލުމަށްފަހު އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަހަރެން އަދި އަންނާނަން މާޝް. މާޝް ދޫކޮށްލާކަށް ނޫން މިދަނީ. މާޝް މިވަގުތު ކައިވެންޏަކަށް ބޭނުންނުވާނެކަން އެނގި އަދި އަހަރެން ވެސް އެފަދަ ޒިންމާއެއް ނެގުމަށްޓަކައި އިތުރަށް މަސައްކަތް ކުރަން މިދަނީ.” އައްޒާމަށް އެ ވާހަކަތައް ކިޔައިދެވުނީ އޭނަ ހީކުރިވަރަށް ވުރެ ވެސް ފަސޭހައިންނެވެ. އެ ވާހަކަތައް އެންމެ ފަހުން ކިޔައިދެވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާޝާ ދެން ދެއްކި ވާހަކައިން ވެސްމެއެވެ.

 

“އަހަރެން ވެސް އިންތިޒާރު ކުރާނަން އައްޒާމް….އަމިއްލައަށް އެކްސްޓްރާ ނަގައިގެން ވެސް ތަންކޮޅެއް ކުރިން އެގްޒާމްތައް ވެސް ނިންމާނަން. އައްޒާމް ނޫން މީހަކާއެކީ އަހަރެންގެ މުސްތަޤްބަލް ސިފަކުރަން އަހަންނަށް ފަސޭހައެއްނޫން.” މާޝާ ދެއްކި ވާހަކައިން އައްޒާމްގެ މޫނުމައްޗަށް ވެސް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ހަމަ އެއާއެކު މާޝާއާމެދު އެހާ ގޯސްކޮށް ހީކުރެވުނު ކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މާޝާ ކައިވެނީގެ ވާހަކައަށް މަލާމާތްކުރާނެ ހެން ހީވުމަކީ ޙަޤީޤަތާއި ކިހާ ދުރު ހީއެއްކަން އެނގުންވުމުން އައްޒާމްގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު މިސްކިތުގެ މައިދޮރުން ނިކުތް ހާޝިމް އައްޒާމަށް ގޮވާލި އަޑަށް ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ދެމީހުން އެކަކު އަނެކަކަށް ބަލާލީ ފަހުގެ އަލްވަދާޢުއެއްގެ ގޮތުގައެވެ. އައްޒާމަށް ފަސްދީފައި ހިނގައިގަތް މާޝާއަށް ނޭނގުނު ކަމަކީ އެމީހުން ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް އެއްވެސްކަމެއް ނުދާނެ ކަމެވެ. އަނިޔާވެރިންގެ ނުލަފާ ރޭވުންތަކެއްގެ ސަބަބުން އޭނައަށް އައްޒާމް ފެންނަން އޮތީ ވެސް އެމީހުން ޚިޔާލުކުރި ވަރަށްވުރެ ދުރު މުސްތަޤްބަލަކުންކަމެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މިރްޒާންގެ ޞިއްޙަތު ރަނގަޅުވަމުން ދިޔައެވެ. މުޙްސިންގެ ސަބަބުން އޭނަ ރަނގަޅުވަމުން ދިޔައީ ވެސް ޑޮކްޓަރުން ލަފާ ކުރި ވަރަށްވުރެ ބާރު މިނެއްގައެވެ. ވާނީވެސް އެހެންތާއެވެ. މުޙްސިން އޭނަގެ ޙަޔާތަށް އެނބުރި އައިފަހުން މިރްޒާންގެ ހިނިތުންވުން ނުފިލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް މިރްޒާން މުޅިން ރަނގަޅުވިތާ މާ ގިނަދުވަހެއްނުވެ އޭނައާއި މުޙްސިންގެ ދެމެދުގައި ދެކެވެން ފެށި އަމްނާގެ ވާހަކަތަކުން އަނެއްކާވެސް ދެމީހުންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވާން ފެށިއެވެ. އަމްނާ ހޯދުމަށްޓަކައި ދާންވީ ދިމާލެއްގެ ޚިޔާލު މުޙްސިންގެ ކައިރިން ހޯދުމުން މުޙްސިން ޖަވާބު ދިނެވެ.

 

“ހީވަނީ މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް އުޅޭނެ.” މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު ވިސްނެން ފެށިއެވެ.

 

ނުނިމޭ

The post Hadhiya (Part 29) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hadhiya-part-29/feed/ 0 1326